ސިޓީ
ލޯބިވާއެވެ!
ކަލާ އަހަންނަށް ތިދިނީ ކޮން ކުށެއްގެ ސަޒާ ހެއްޔެވެ؟ އަހަރެންގެ ލޯބީގައި ކޮޅުފައިންޖެހީ ހެއްޔެވެ؟ އެކަމަކު ކީއްވެކަން ބުނެދީބަލާށެވެ! އަހަރެންގެ ގައިގާ އުނިވީ ކޮން ސިފައެއް ހެއްޔެވެ؟ އަހަރެން ފޯރާ އާއިލާއަކަށް ނިސްބަތް ނުވީތީ ހެއްޔެވެ؟ ނޫންނަމަ އަހަރެންގެ ސިފަ ހުތުރީ ހެއްޔެވެ؟ އަހަރެންގެ އުޅުން ކަމުނުދަނީ ހެއްޔެވެ؟ ނުނީ އަހަންނަށް ގޯސްކޮށް އެޅުނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ ނިކަން ބުނެދީ ބަލާށެވެ!
ނޫނެކެވެ! ތިއީ ބޭވަފާތެރިއެއް ނޫނެވެ! ބޭވަފާތެރިއެއްގެ ލަޤަބް ލިބޭނީ ވަފާތެރިވީ މީހަކަށެވެ. ނުވަތަ އެފަދަ ވަޢުދެއް ވެފަ ވާނަމައެވެ. ކަލާ ވަޢުދެއް ނުވެއެވެ. އެކު އުޅޭނެކަމަށް ހުވަފެންތަކެއްވެސް ނުދައްކައެވެ. ތިޔަ ދެލޮލުން ފެނުނީ ލޯބިކަމަށް ނިންމީ އަހަރެންގެ މި މޮޔަ ހިތެވެ. ކަލާގެ ފަހަތުން މުގޯލިއަޅަމުން ދުވެވުނީ މިނިކަމެތިއިންސާނާއަށެވެ. ލިބެންނެތް ލޯތްބަކަށް އިންތިޒާރު ކުރެވުނީ އަހަރެންގެ މޮޔަކަމުންނެވެ.
ލޯބިވާއެވެ! ކަލާ ހަނދާން ނެތުން އެކަށީގެންވެއެވެ. ނަމަވެސް އަހަރެން ކަލާއާއިއެކު ހޭދަވީ ކޮންމެ ފަޅި ސިކުންތެއްވެސް މިހިތުގެ އެންމެ ފުނުގައި ވަނީ ރައްކާކުރެވިފައެވެ. ތިޔަ ނަން ވަނީ ނުފޮހެވޭފަދަ ދެއްޔަކުން މިހިތުގައި އެންމެ އަޑީގައި ލިޔެވިފައެވެ.
ކަލާ އެންމެ ފުރަތަމަ ފެނުން ދުވަސް އަދިވެސް ދެންމެ ވީ ކަމެއްހެން ހަނދާން ހުރެއެވެ. އެއީ ބޮޑު ޗުއްޓީ ނިމި އާ އަހަރުގެ ކިޔެވުން ފެށުނު ދުވަހެވެ. އެއީ ކަލާ އެ ސްކޫލަށް ޙާޒިރުވި ފުރަތަމަ ދުވަސްނޫންހެއްޔެވެ؟ ދާންވީ ކްލާސްރޫމް ނޭނގިގެން އަހަރެމެން ތިބި ކްލާސްރޫމް ދޮރުމަތިން ދެފަހަރަކު ދިޔައިރުވެސް އަހަރެންގެ ލޮލުގައި ކަލާ އަޅައިގަތެވެ. ނަމަވެސް އަހަރެންގެ މަޑުމައިތިރި މިޒާޖުގެ ސަބަބުން އިސްވެ ވެގެންއުޅޭގޮތް އޮޅުންފިލުވަން ނުކެރުނީއެވެ. އެއީ ކަލާ އަހަންނާއ ވާހަކަދެއްކި ފުރަތަމަ ދުވަހެވެ. ‘ނައިން އޭ’ ކްލާސް ކޮބާތޯ ސުވާލުކުރުމުން ތިޔަ ފިރިހެންވަންތަ އަޑުގެ ޖާދޫގައި ފުރަތަމަ ދުވަހުވެސް ޖެހުނީއެވެ. ނަމަވެސް އަމިއްލަ ނަފްސަށްވެސް އެކަން ނޭނގޭހާ ސިއްރުންނެވެ.
އެދުވަހަށްފަހު ކަލާގެ ސޫރަ ދުށުމަށް އަބަދުމެ ހިތް އެދެމުންދިޔައީ ކީއްވެކަމެއް އޭރު ނޭނގުނަސް ފަހުން ފަހުމްވިއެވެ. އާއިލީ ހަމަނުޖެހުމެއްގެ ތެރޭ އުޅެންޖެހުމުން ހިތަށް ލިބެމުންދިޔަ ވޭންތަކަކަށްފަހު ނޭނގޭ ހިތްހަމަޖެހުމެއް ލިބެނީ ތިޔަ ހިތްގައިމު ސޫރަ ފެނިލުމުންނެވެ. ނުވަތަ ތިޔަ ޖާދުވީ އަޑު ކަންފަތުގައި ޖެހުމުންނެވެ. މަންމައާއި ބައްޕަގެ ނިމުމެއްނެތް ކޯޅުންގަނޑުން ސިކުނޑިއަށް ކުރަމުންދިޔަ ބާރު ކެނޑެމުންދިޔައީ ތިޔަ ހަނދާންތައް ސިކުނޑި ހިޞާރުކުރުމުންނެވެ.
ތިޔަ ރީތި ސޫރަ ދެކެލުމަށް ތިގޭދޮށުން ދުވާލަކު އެޅެނީ ކިތަށް ބުރުކަމެއްވެސް ނޭނގެއެވެ. މަގުމަތިން ފެނިލާތޯ ދޮރުއަށިން ބޭރަށް ބޯދިއްކޮށްލެވެނީ ކިތަށް ފަހަރުކަން ގުނާ އަދަދުކުރެވުނުނަމަ ޤަބޫލުކުރަން ދަތިވާނެކަން ގައިމެވެ. ކަލާ ލައިގެން ހުންނަ ހެދުމާއި އެއްކުލައިން ހެދުން އަޅައިގެން ހަވީރު ހިނގާލަންދާ ދުވަސްތައް ހަނދާންވުމުން ކުރެވުނީ މިފަދަ މޮޔަ ކިތަށް ކަންތައްބާއޭ ހިތަށްއަރައެވެ. އެދުވަސްތަކުގައި ކަލާ ހިތަށް އަރާނީ ކީކޭބާއޭ މިހާރު ހިތަށްއަރާފަހަރު މަދެއްނޫނެވެ. އަހަންނަށް ނޭނގުނަސް ކަލާގެ އެކުވެރިން އެކަމަށް މަލާލާތްކޮށް ޖޯކު ނުޖަހާނެ ކަމެއްވެސް ނޭނގެއެވެ. ހައްތާވެސް ބަދަލުނުކުރެވޭނެ މާޒީގެ ޞަފްޙާތަކެވެ.
ޖެހިގެން އައި އަހަރު ޕްރިފެކްޓް ބޯޑަށް އަލަށް ހޮވުނު ދަރިވަރުންގެ ތެރޭ ކަލާގެ ނަމާއިއެކު އަހަރެންގެ ނަންވެސް ހިމެނުމުން ދުވަހަކު ނުވާވަރަށް އުފާވިއެވެ. ކަލާގެ ފަސްފަހަތުން ހިނގާނެ ގިނަ ފުރުޞަތުތައް މަގުފަހިވާނެތީއެވެ. ވީވެސް އެހެންނެވެ. ޑިއުޓީ ތަކުގައި އެއްކޮށް މަސައްކަތް ކުރަން މަދުން ނަމަވެސް ލިބެއެވެ. އަދި ކަލާ ކިޔަވާ ކްލާސްރޫމްގައި މުދައްރިސް ދުރުވަންދެން ޑިއުޓީގައި ހުންނަންޖެހޭ ފަހަރުވެސް އާދެއެވެ. އެއިން ކޮންމެ ވަޤުތަކުވެސް އަހަރެންގެ ހިތް އުފަލުން ފޮޅެއެވެ. ހިތްހަމަޖެހޭވަރަށް ތިޔަ މޫނަށް ބަލާނެ ފުރުޞަތު ހަނި ނަމަވެސް ވާހަކަދައްކާ ހީ ސަމާސަކޮށްލަން ލިބޭ ފުރުޞަތުގެ ބޭނުން ކަލާ ހިފާތީއެވެ. ކަލާގެ މަޑުމައިތިރި އެހެނަސް މަޖާ މިޒާޖަކީ އަހަންނަށް އެންމެ ކަމުދާ އެއް ސިފައެވެ. އެހެނަސް އަހަރެންގެ ކިބައިގާ ކަލާއަށް ކަމުދާ އެއްވެސް ސިފައެއް ނެތީ ކަމަށް ވެދާނެއެވެ. އެހެންނޫނުނަމަ…
ހިތް އެދެމުން ދިޔައީ ހުރިހާ ވަޤުތަކުވެސް ކަލާގެ ގާތުގައި ވުމަށެވެ. އެކުގައި ހޭދަކުރަން ލިބޭ ވަޤުތު އިތުރުވޭތޯ ދުޢާކުރެވެނީ ކީއްވެކަން އެނގުންއިރު ތިޔަ އިޝްޤުގައި މި ނިކަމެތި އަޅާ ޖެހި ނިމިއްޖެއެވެ. ނުހަނު ފޮނި ހުވަފެންތަކަކާއި އެކުގައެވެ. ނަމަވެސް އެއީ ކުލަނުވާނެ ހުވަފެންތަކެއްކަން މިއަދު ވިސްނިއްޖެއެވެ.
ލޯބިވާއެވެ! ކަލާ އެދުނު ކޮންމެ ކަމެއް ވީ އެންމެ އަވަހަކަށް ކޮށް ނިންމާލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެއީ ކިތަންމެ ކުޑަ ކަމަކަށް ވިޔަސް ނުވަތަ ބޮޑު އެދުމެއްވިޔަސް އަހަންނަށް ކޮށްދެވޭވަރުގެ ކޮންމެ ކަމެއް ކޮށްދެމެވެ. ކަލާއަށްވެސް އެކަން އެނގޭނެ ކަންނޭނގެއެވެ. ހަމަ ގައިމުވެސް ކަލާއާއިއެކު އުޅުނު މިތުރުން އެކަން ދެނެތިއްބެވެ. އެވެރިން ބުނެގެން ފަސޭހައިން އެއްބަސް ނުވާ ކަންކަމަށް ކަލާ ފޮނުވަނީ އެހެންވެއެވެ. އެމީހުންނަށްވެސް އެނގެއެވެ. ކަލާ ބުނެފިނަމަ ނޫނެކޭ ބުނަން އަހަރެން އުޒުރުވެރިވާނެއެވެ. ކޮންމެ ކަމެއްވެސް ކޮށްދެނީ ކޮށްދޭހިތުންނެވެ. ބަދަލުގައި އެއްވެސް ކަމެއް ބޭނުންވެގެނެއް ނޫނޭ ބުނަން ކެރިދާނެއެވެ. ނަމަވެސް ތިޔަ ލޯބި ލިބޭނެކަމަށް އަބަދުވެސް އުންމީދުކުރީމެވެ.
އެންމެ އުނދާގޫވީ ކަލާގެ އެދުމަކަށް އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ޤަބޫލް ހޯދުމެވެ. އޭނާއާއި ވާހަކަދައްކައިގެން އެންމެ ފަހުން އެކަންވެސް ކާމިޔާބު ކޮށްދިނީމެވެ. އެތަށް ދުވަހެއްގެ މަސައްކަތުން އެތަށް އާދޭހެއް ކޮށްގެންނެވެ. އެންމެފަހުން އެގުޅުމަށް ނޫނެކޭ ބުނެފިނަމަ އަހަންނާއި އެއްވެސް ގުޅުމެއް ނޯންނާނެކަމަށް އިންޒާރު ދީގެންނެވެ. ކުރަން އެންމެ އެދެވޭކަމެއް ނޫނެވެ. އެކަމަކުވެސް ކަލާގެ އުފަލަށްޓަކައެވެ.
އަހަރެންގެ އެދުމުގެ މަތިން އަހަރެންގެ އެންމެ ހެޔޮއެދޭ އެކުވެރިޔާ ކަލާގެ އެންމެ ގާތް މިތުރުގެ ލޯބީގެ ދަޢުވަތު ޤަބޫލްކުރުމުން އެންމެ އުފާވި އެކަކީ އަހަންނެވެ. އުފާ ނުވާންވީ ކީއްވެހެއްޔެވެ؟ އަހަރެން ދެކުނު ގޮތުގައި އެފަދަ ރަނގަޅު ކުއްޖަކު މަދުވާނެއެވެ. އެކުވެރިޔާ އުފަލުގައި ގެންގުޅޭނެ ޚުލްޤުހެޔޮ ޞާލިޙު ބައިވެރިއެކެވެ. އަނެއްކޮޅުން ކަލާއަށް ލިބޭ ކޮންމެ އުފަލަކީ އަހަންނަށްވެސް ލިބޭ އުފަލެކެވެ. އެ ގުޅުން ވެގެންދާނީ އަހަރެމެންގެ ގުޅުމަށް މަގުފަހިކޮށްދޭ ފާލަމެއްކަމަށް އުންމީދުކުރެވުނެވެ. ނަމަވެސް އެއީ ކުއްހީއެކެވެ.
އާއެކެވެ! އަހަރެންގެ ޙަޔާތަށް ބަހާރު މޫސުން ގެނެސްދިނުމަށްފަހު ކަލާ އެނބުރި ދިޔައީ ޙަރީފު މޫސުމަށް ތަންދެމުންނެވެ.
ދިރިއުޅުމުގައި ކުރިމަތިލާންޖެހުނު އަޑިގަނޑުތަކަށްފަހު އަހަރެންގެ ކިޔެވުން ނާޒުކު ފައްތަރެއްގައި ވަނިކޮށް އަހަންނަށް ކިޔެވުމައިގެން ކުރިއަށް ދިއުމަށް ލިބުނު ހިތްވަރަކީ ތިއީއެވެ. އަހަރެން ރަނގަޅު ނަތީޖާއެއް ހޯދުމަށް އަތުކުރި އޮޅާލީ ތިޔަ ލޯބީގެ ޙައްޤުގައެވެ. އެހެނަސް…
ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެއެވެ! ކަލާ އަހަރެންގެ ފަސްގަނޑުގައި އަހަންނާއިއެކު ހޭދަކުރަމުންއައި ދުވަސްތަކަށް ނިމުމެއް އަންނަކަމަށް ހީވާ ކޮންމެ ފަހަރަކު އެތަށް ހާސް ހަންޖަރަކުން މިހިތް ޒަޚަމްކޮށްލާފަދަ ވޭނެއް އިޙްސާސް ކުރެވެއެވެ. އެހެނަސް ކަލާ މިރަށަށް އައީ ތަޢުލީމް ޙާޞިލްކުރާށެވެ. ޤްރޭޑް ދިހައެއް ނިމުމުން ދެން އިތުރަށް ކިޔެވުމުގެ ފުރުޞަތު މިރަށަކުން ލިބިފައެއްނެތެވެ. ކަލާފަދަ ކިޔެވުމަށް ޝައުޤުވެރިވާ ރަނގަޅު ނަތީޖާއެއް ޙާޞިލްކުރެވިދާނެ ދަރިވަރެއްގެ ޢަޒުމަކަށްވާނީ އިތުރަށް ކުރިއަށްދިއުމެވެ. އަހަންނަށް އެކަން ޤަބޫލްކުރެވެއެވެ. ނަމަވެސް އަހަންނަށް ނުވިސްނުނީ އެދުވަހަކުން އަހަރެން ދުނިޔެއާއި ކުރިމަތިލާނީ ކިހިނެތްކަމެވެ.
ކަލާ ގެއްލިދާނެކަމުގެ ބިރު ހީވުމުން އަހަރެންގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. ފުރުމުގެ ކުރިން އެންމެ ފަހަރަކުވެސް ލޯބިވާ ވާހަކަ ބުނާނެކަމަށް އިންތިޒާރު ކުރުމަށް އެދޭނެކަމަށް އުންމީދުކުރީމެވެ. ހައްތަހާވެސް ކުށްހީއެވެ. އެހެނަސް އަހަރެން ހިތްވަރު އެލުވައެއްނުލަމެވެ. ލަދަކާހެދި ތަދެއްނުފިލާނެއޭ ބުނާ ފަދައިން އަންހެން ކުއްޖަކަށްވެހުރެ ލޯބި ހުށައެޅީމެވެ. ކުރިމައްޗަށް އަރަން ޖެހިލުންވުމުން ކަލާގެ އެންމެ ގާތް އެކުވެރިޔާގެ ހަވާލުގައެވެ. ކަލާ ފުރަން އޮތް ދުވަހުގެ ކުރީ ރޭގައެވެ. އެރޭ އަހަރެންގެ ލޮލުން އޮހޮރި ކަރުނަ އަހަރެންގެ ހިތުގައިމިވާ ތެދުވެރި ލޯބީގެ ހެއްކަކަށް ފުދޭނެކަން ގައިމެވެ. ކަލާ އަހަންނަށް ޖަވާބެއްވެސް ދިނުމެއްނެތި ފުރައިގެން ދިޔައީ މިހިތް އިތުރަށް ރޮއްވާލާފަ ނޫންހެއްޔެވެ؟
ލޯބިވާއެވެ! އެރެއަށްފަހުވެސް ހާދަ އިންތިޒާރެއް ކުރީމެވެ! ހާދަ ހުވަފެންތަކެއް ދުށީމެވެ! ހިތް ބުންޏެވެ. އަދި އަންނާނެއެވެ! ލޯބިވާކަމަށް ދަޢުވާވެސް ކުރާނެއެވެ! ނޫނެކެވެ! ލޯބި ވީނަމަނޫން ހެއްޔެވެ؟ ކަލާ ދުވަހަކުވެސް އަހަރެންދެކެ ލޯތްބެއް ނުވަމުއެވެ! އެއީ އަހަންނަށް ހީވި ހީވުމެކެވެ.
އަހަރެން ކަލާގެ ޖަވާބެއް އެދިގެން ހާދަ މަސައްކަތެއް ކުރީމެވެ. ކަލާގެ އެންމެ ގާތް އެކުވެރިޔާއާއި އަހަރެންގެ އެންމެ އެކުވެރި ރަޙްމަތްތެރިޔާއާއި އޮތް ލޯބީގެ ގުޅުން ކެނޑިފައިވުމުން ކަލާއަށް ގުޅޭނެ ނަންބަރެއް ހޯދުންވީ ދަތިކަމަކަށެވެ. އެހެނަސް އަހަރެން ހިތްވަރު އެލުވައެއްނުލީމެވެ. އެތަށް މަސައްކަތަކުން ރަށުގެ ބޫތަށް ގުޅައިގެން ކަލާ ހުރިތާކުން ގެނެސްގެން ޖަވާބަކަށް އެދި އާދޭސްކުރިކަން ހަނދާން އެބަހުރިދޯއެވެ؟ އެދުވަހު ކަލާ ދިން ޖަވާބުވެސް ހަނދާން ހުންނާނެކަމަށް ހީކުރަމެވެ. އެއީ އެންމެ ބޭނުންވި ޖަވާބު ނޫން ނަމަވެސް އަހަރެންގެ ޝަކުވާއެއްނެތެވެ. އެއީ އުންމީދީ ޖަވާބެކެވެ. ކަލާ ބުނީމުނޫންހެއްޔެވެ؟ އިހަށް ރަނގަޅަށް ކިޔަވާ މޮޅު ކުއްޖަކަށް ވާށެވެ! އެފަދަ ގުޅުމަކާއިމެދު ވިސްނާނީ އެއަށްފަހުގައެވެ.
ކީއްވެހެއްޔެވެ؟ އެދުވަހު ޙަޤީޤަތް ހާމަނުކުރީ ކީއްވެ ހެއްޔެވެ؟ އެހެން ނޫންނަމަ ނުވާނެ ކަމަކަށް އުންމީދު ކޮށްގެން ހިތަށް ތަސައްލީއެއް އެދުވަހު ނުދިނީމުހެވެ. އެހެންނޫންނަމަ މިއަދު މިއަޅާ ވޭން މިހިތުގައި ނޭޅީސްކަންނޭނގެއެވެ.
އާއެކެވެ! ތިޔަ ލޯބީގެ ޙައްޤުގައި ރަނގަޅަށް ކިޔެވުމަށް އަތުކުރި އޮޅާލީމެވެ. މޮޅު ކުއްޖަކަށް ވެގެން ތިޔަ ލޯބި ކާމިޔާބު ކުރުމުގެ އުންމީދުގައެވެ. ނަމަވެސް ކަލާގެ ހިތި ޙަޤީޤަތް އެނގުމުން އެހުރިހާ ހިތްވަރެއް ދިޔައީ ކޮންތާކަށްކަމެއް ނޭނގެއެވެ. އެހެނަސް އަހަރެން ކަލާގެ ނަޞޭޙަތުގައި ހިފޭތޯ މަސައްކަތް އެބަކުރަމުއެވެ. ކަށިން ނެތް ހިތްވަރު ނެރެގެންނެވެ.
ދެރަނުވާށެވެ! ތިއީ ކުށްވެރިއެކޭ ނުބުނާނަމެވެ! ކަލާ ޙަޤީޤަތް ސިއްރުކުރީ އަހަރެންގެ މުސްތަޤުބަލަށް ވިސްނާފައެވެ! އަހަންނަށް އެނގެއެވެ! ކަލާ އަހަރެންގެ ހިތުގައި ޖައްސަން ބޭނުން ނުވީދޯއެވެ! އެކަމަކު ބުނަންހެއްޔެވެ؟ މިއަދު މާބޮޑަށް ދެރަވެއްޖެއެވެ. އެދުވަހު ޙަޤީޤަތް ބުނެދިންނަމަ އަހަރެންގެ ހިތުގައި އޮތް ލޯބި ފަސްލާ ފޮރުވަން މަސައްކަތް ކުރެވުނީހެވެ. ނަމަވެސް މިހާރު އެހާ ހިތްވަރެއްނެތެވެ. މިހިތްވަނީ ކަލާއަށް ހިބައިން ދެވިފައެވެ. ދެން ތިޔަ ނަން މިހިތުން ނެރެ އެއްލާލާނީ ކިހިނެތްކަމެއްވެސް ނޭނގެއެވެ.
ލޯބިވާ މާފުކުރާށެވެ! ލޯބި ވެވުނީއެވެ! އަމިއްލަ އިޚްތިޔާރުގައި މިހިތްވާނަމައެވެ!
ލޯބިވާއެވެ! މަރުޚަބާއެވެ. ކަލާގެ ބައިވެރިޔާއަކީ ކަލާދެކެ އިންތިހާއަށް ލޯބިވާ އަންހެންކުއްޖެއް ކަމުގައިވާނެކަމަށް އުންމީދުކުރަމެވެ. ކަލާއަށް އަބަދުވެސް ބާއްޖަވެރި ދިރިއުޅުމަކަށް އެދެމެވެ.
ވަކިވުމުގެ ކުރިން އެއް ވާހަކަ ބުނެލަން ބޭނުމެވެ. ކަލާގެ ފޯނު ނަންބަރު ހޯދައިގެން މިއަދު އެހާވަރުން ގުޅީ ސަބަބެއް އޮވެގެންނެވެ. ކަލާގެ އެކުވެރިންގެ ފުށުން އެނގުނަސް ކަލާގެ ދިރިއުޅުމުގައި އިތުރު ބައިވެރިއަކު ވޭތޯ ޔަޤީންކުރީ އެސަބަބާހެދިއެވެ. ކަލާގެ ހިތުން އަހަންނަށްޓަކައި ކުޑަ ނަމަވެސް ޖާގައެއް ދެވެން އޮތްތޯ ސުވާލުކުރީވެސް އެހެންވެއެވެ. އަހަރެންގެ ލޯތްބަށް އެދި ހުށައެޅުމެއް ލިބިއްޖެއެވެ. އަހަރެން އޭނައަށް އާއެކޭ ބުނެފީމެވެ. އެ އިންސާނާއަށްޓަކައި ހިތުގައި އެއްވެސް ޚާއްޞަ މަޤާމެއް އަދި ދެވިފައެއް ނެތެވެ. އެހެނަސް މަސައްކަތް ކުރާނަމެވެ. ކަލާގެ ދިރިއުޅުމަށް އަހަރެންގެ ހިޔަނިވެސް އެޅުނަ ނުދީ ވޭތޯ ބަލާނަމެވެ.
އާދޭސް ކުރީމޭ މިތާ، އާދޭސް ކުރީ ރޮއިހަދާ، ޒައްރެއްގެވަރު ނަމަވެސް ހިތުން ލޯބިން ނިކަން ދެއްވަވާ… މިއީ ކަލާގެ ހަނދާނުގައި އަހަރެންގެ ހުސްވަޤުތުތައް އެލަވައެއް އަޑުއެހުމަށް ހުސްކުރި ލަވައެވެ. ނަމަވެސް މިއަދަށްފަހު އަހަންނަކީ ކަލާއަށްޓަކާ ނެތް މީހެކެވެ.
އަބަދުވެސް އުފަލުގައި ލެއްވުމަށް އެދި ދުޢާ ކުރާނަމެވެ.
އިންތިހާޔަށް ލޯބިވާ
ނިމްރިތް
3 Comments!
Comments are closed.




After a break, I thought of writing something different. Do u like this readers? Hope so. Thankx for reading my stories
?
?