
އޯގާވީ ހިތަކުން…34
”ހާދަ ވަރަކަށް ތި ބަލަނީ؟…” ނަޒްޔަކް ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ. އޭރުވެސް އީނާ ހުރީ ދެލޯބޮޑުކޮށްލައިގެން ނަޒްޔަކްއަށް ބަލާށެވެ. އީނާގެ ނިތަށް ރޫތަކެއް ޖަމާވެފައި ވާއިރު ރުޅިއައިސްފައިވާކަން އެމޫނަށް ބަލައިލުމުން އެނގޭހާ ވެއެވެ. ނަޒްޔަކްގެ ޖުމްލައާއެކު އީނާ ދެލޯ ހަނިކޮށްލިއެވެ.
”ޔޫ ޗެކްޑް މައި ފޯން؟…” ހިތްހަމަ ނުޖެހިފައިވާ ރާގަކަށް އީނާ ސުވާލުކުރިއެވެ. އީނާގެ އަޑުގައި ރުޅިވެރިކަން އެކުލެވިގެން ވިއެވެ.
”ނޯ، ދެން އަންހެން ކުއްޖެއްގެ ފޯނު ބަލައިގެން އެކަނިތަ ކުއްޖަކާ ރަށްޓެހިވެގެން އުޅޭކަން އެނގެނީ؟…. އެހެންނޫނަސް އަހަރެން މީ މީހުންގެ ސިއްރުތައް ހޯދަން ޝައުޤުވެރިވާ މީހެއް ނޫން، އީނާ މިދުވަސްކޮޅު އުޅޭ ގޮތުން ކޮންމެ މީހަކަށްވެސް އިނގޭނެ ކަމެއް ސިއްރުކުރަން އުޅޭކަން، އަހަރެން މިވީ ދެދުވަހު ނޯޓިސް ކުރެވުނު ކަންތަކުން ގެސްކޮށްލީ…. ދެޓް ލުކް އޮން ޔޯރ ފޭސް….” ނަޒްޔަކް ޖަވާބު ދެމުން އަނެއްކާވެސް ހިނިތުންވެލިއެވެ.
އީނާ ހުރީ ފާޑަކަށެވެ. ތުން ފިއްތާލައި ގެންނެވެ. ނަޒްޔަކްގެ ވާހަކަތަކަށް އިތުބާރު ނުކުރެވުނީ ކަން ނޭގެއެވެ. އަންހެން ކުއްޖެއްގެ ފޯނު އަތަށް އަރާއިރަށް އޭގައިވާހާ އެއްޗެއް ފާސްކޮށްލަން މިފިރިހެން ވެރިން ނިކަން ޝައުޤުވެރި ވާނެއެވެ. ދެން އޭނަ ނަޒްޔަކްއަށް އިތުބާރުކުރާނީ ކިހިނެއް ހެއްޔެވެ؟
”އައި މީން އިޓް އިނގޭ، އަހަރެން ހިތަށް އަރާ ތިހާ ރުޅި ގަދަ، ޑަކް ފޭސް ހަދާ ކުއްޖަކާއެކު އުޅެވޭނީ ހާދަ ކެތްތެރިކަން ގަދަ ކުއްޖަކަށޭ، ވެލް ކޮންމެ ގޮތެއް ވިޔަސް ދެޓް ގައި އިޒް ލަކީ….” ނަޒްޔަކް އީނާއަށް ބަލަން ހުރެފައި ޔަޤީންކަން ދޭފަދަ ގޮތަކަށް ބުންޏެވެ. ނަޒްޔަކްގެ ވާހަކަތަކަށް އީނާއަށް އިތުބާރުކުރެވުނެވެ. މީހަކު ދޮގު ހަދާނަމަ ފެންނަފަދަ އެއްވެސް ނިޝާނެއް ނަޒްޔަކްގެ މޫނު އެހާވަރަށް ”ސްކޭން” ކުރީމަވެސް ނުފެނުނެވެ. އެމޫނުމަތިން ފެންނަނީ ސާތިބުކަމެވެ.
އީނާއަށް އެއްޗެއް ނުބުނެވެނީސް ހޮޓެލުން ނިކުމެގެން އައި އެކުވެރިޔަކާއެކު ނަޒްޔަކް ހިނގައިގެންފިއެވެ. އީނާ ހުރި ފިޔަވަޅުމަތީ ހުރެފައި ޓެކްސީއެއް ހުއްޓުވާލައިގެން އެއަށް އަރައިފިއެވެ. ދާންވީ މަންޒިލް ބުނެލުމާއެކު ޑްރައިވަރު ޓެކްސީ ދުއްވާލިއެވެ. ފަސްވަމުން ދިޔަ އިމާރާތްތަކާއި ފިހާރަތަށް އީނާ ބަލަން އިނެވެ. ރަމަޟާން މަސް ކައިރިވަމުން އަންނާތީ މަގުތައް އާދަޔާ ހިލާފަށް މީހުންތަކުން ފުރި ބާރުވެފައި އޮތްއިރު ދުއްވާތަކެތީގެ އަޑު ކެނޑިގެން ނުދެއެވެ. ތުނިކޮށް ވާރޭ ވެހެމުންދިޔައިރު ކުލަކުލައިގެ ބިކޮތަކުން ވާރޭގެ ތިކިތައް ޖަރީކޮށްލާފައި އޮތެވެ.
”ނައިޓިންގޭލް” އަށް ދެވުނީ ފުދޭވަރަކަށް ދިގު ދަތުރެއް ކުރި ފަހުންނެވެ. ފައިސާ ދައްކާލަމުން އީނާ ކާރުން ފޭބިއިރު އަނެއްކާވެސް ވިއްސާރައިގެ ހަމަލާތައް އަމާޒުވާން ފަށައިފިއެވެ. މިރޭ ދެން މޫސުން ރަގަޅުވާނެހެން ހިޔެއް ނުވެއެވެ. ފަނޑު އަލިކަމެއް ރަސްކަން ކުރަމުން ދިޔަ ބޮޑުކޮޓަރި ހުރަސްކޮށްލަމުން ގޮސް އީނާ ސިޑީގެ ހަރުފަތަށް ގިރާކުރަނިކޮށް ފޯނު ރިންގްވާން ފެށުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން އީނާ ފުން ނޭވާއެއް ލިޔެވެ. ވެރިވެފައިވާ ހިމޭންކަމުގެ ތެރޭން އީނާގެ ހިތުގެ ތެޅުން މަޑުމަޑުން ގުގުމާލަމުން ދިޔައެވެ.
”އީނޫ ކޮންތާކު ތިހުރީ؟…” ޒަނާ ސުވާލުކޮށްލިއެވެ.
”ގޭގަ، ކުޑަކޮށް ބޮލުގަ ރިއްސާތީ މިއައީ….” އީނާ ދޮގެއް ހަދާލަމުން ކުރިއަށް ހިނގައިގަތެވެ.
”އެކަކު ކައިރީގަވެސް ނުބުނެ ތިއައީ. ކިހިނެއް ގެއަށް ދިޔައީ؟…” ޒަނާގެ އަޑުގައިވި ހާސްކަން ކެނޑިގެން ދިޔަކަން އީނާއަށް ފާހަގަ ކުރެވުނެވެ. ޝިޔާރާ ދެކެ އައި ރުޅީގައި އެކަކު ކައިރިންވެސް ހުއްދަ ހޯދުމެއް ނެތި އާދެވުމުން އީނާ ދެރަވިއެވެ. އެންމެން ކަންބޮޑުވާނެވަރު އަންދާޒާކޮށްލެވުނީ ދެނެވެ. ހާއްސަކޮށް މުނީރާ ދައްތައެވެ.
”ސޮރީ، އަވަސް އަރުވާލައިގެން އައީމަ ހަނދާން ނެތުނީ، ޓެކްސީއެއްގަ އައީ، އައިމް ފައިން…” އީނާ ކޮޓަރިއަށް ވަންނަމުން ބުންޏެވެ.
ބެލްކަނީގެ ބިއްލޫރިދޮރުފަތް ކަހާލަމުން ކޮޓަރިއަށް ވަދެގެން އައި ހިތްގައިމު ރޯޅިތަކުން އީނާގެ ސިކުނޑީގެ ހައިޖާނަށް ލުޔެއް ގެނެސްދިނެވެ. ޝިޔާރާ ދެކެ އައިސްފައި ހުރި ރުޅީގައި ހިތަށް އެރި އެއްޗެހިތަކުން އޭނަ ފަހުން ދެރަވިއެވެ. މީހަކު ދެކެ ކިތަންމެ ވަރަކަށް ރުޅިއަޔަސް ގޯސްކަމެއް އެމީހަކަށް މެދުވެރިވެދާނެހެން ދުޢާކޮށްގެން ނުވާނެއެވެ. ފަހަރެއްފައި ޝިޔާރާކަށް އެފަދަ ކަމެއް ދިމާވެއްޖެނަމަ އެންމެ ބޮޑު ހިތާމައެއްވެސް ލިބޭނީ އޭނައަށެވެ. އީނާ ނިންމީ އެ ބޭކާރު ވާހަކަތަކާ މެދު ނުވިސްނުމަށެވެ. އަންނަން އުޅޭ އުފާވެރި ދުވަސްތައް މަތިން ވިންނާލުމުން އީނާގެ މޫނު އުޖާލާ ވިއެވެ. އަލްޔަސް އަންނާނެ ދުވަހަކަށް ކެތްކުރެވެނީކީވެސް ނޫނެވެ.
***
އަލްޔަސް އާއި ރާނިޔާ ހުޅުމާލެއަށް ދިޔައީ އަލަށް ހުޅުވި ބޭބީ ސާމާނުތައް ވިއްކާ ފިހާރަޔެއް ބަލާލުމަށެވެ. ދުވަސްތަކަކަށްފަހު އަލްޔަސްގެ ކުރީގެ އުފާވެރިކަން ފެނި ރާނިޔާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެ ބަދަލުތަކާ ބެހޭގޮތުން ސުވާލުނުކޮށް ރާނިޔާއަކަށް މަޑަކުން ނުހުރެވުނެވެ.ކޮއްކޮގެ އުފާވެރިކަމާ ގުޅިފައިވާ ސަބަބު އޮޅުން ފިލުވާލަން އޭނަ ބޭނުންވިއެވެ. އީނާއާއި ދެމީހުން ވަކިވިފަހުން އަލްޔަސްގެ ފަރާތުން ފެނުނު ހިތާމައިގެ ހުރިހާ އަސަރެއް ފޮހެވިފައިވާ ކަހަލައެވެ. އެތުންފަތުން ފާޅުވަމުންދަނީ ރީތި ހިނިތުންވުމެކެވެ. ހުޅުމާލެއަށް ދެވެންދެން ވެސް އަލްޔަސް އިނީ މެސެޖު ކުރުމުގައެވެ.
”ތިހާ ގިނައިން މެސެޖުކޮށް އުޅެނީ އަންހެންކުދިން….” ރާނިޔާ ދިމާކޮށްލިއެވެ. އޭނަ ފޯނުގެ ސްކްރީނަށް ބަލާލުމާއެކު މެޔަށް ފިނިފެންއެއްޗެއް އޮއްސާލެވުނުހެން ހީވިއެވެ. ޤަބޫލުނުކުރެވިގެން އޭނަ ދެވަނަ ފަހަރަށްވެސް ބަލާލިއެވެ. އޭރު ރާނިޔާގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ.
”އަލްޔަސް…” ފިނިވެފައިވާ އަތަކުން އަލްޔަސްގެ އަތުގައި ރާނިޔާ ހިފާލިއެވެ.
”ވެން ޑިޑް ދެޓް ހެޕެންޑް….” ރާނިޔާގެ އަޑުގައިވަނީ ހާސްކަމެވެ. އޭނަ އިނީ ބިރުގެންފައެވެ. އީނާ އާއި އަލްޔަސްގެ ގުޅުން ޢާއިލާއަށް ހާމަވާ ދުވަހަކުން ބާރުގަދަ ޒަލްޒަލާއެއް އަންނާނެކަން ގައިމެވެ. އަވްޝަން އަތުން ފައިން ގޯސްވެސް ހަދާފާނެއެވެ. އެކަކުވެސް އެގުޅުމާ ރުހޭނެ ކަމާމެދު ޝައްކެވެ.
އަލްޔަސް އިތުރަށް ފޮރުވަން ނޫޅެ ތެދު ހާމަކުރިއެވެ.
”ސޭމް…. އަހަރެން މިބުނާ އެއްޗަކާމެދު ފުންކޮށް ވިސްނާލައްޗޭ، އީނޫ ސޭމްއަށް މާފް ކުރިޔަސް މަންމަމެން ދުވަހަކު ސޭމްއަށް މާފްނުކުރާނެ، ދެއި ވިލް ނެވާރ ލެޓް ޔޫ ޓޫ ބީ ޓުގެދާރ…. އެންމެންވެސް ރުޅިއަންނަނީ ސޭމްދެކެ، އަހަންނަށް އިނގޭ ސޭމް އެފަދަ ކަމެއް ނުކުރާނެކަން އެކަމަކު ކާކު އެއީ ތެދުކަން ޤަބޫލުކުރާނީ؟ އަޅެ ބުނެބަލަ، ސޭމް ކުށެއްނެތްކަން އީނޫ ޤަބޫލުކުރިޔަސް މަންމަމެން ދުވަހަކު ޤަބޫލެއް ނުކުރާނެ، ސޭމްގެ ކުށެއް ނެތްކަން ސާބިތުކޮށްދެން ހެއްކެއް ވެސް ނެތް…. އަހަރެން ބިރުގަނޭ ސޭމްއަށް ކަމެއް ވެދާނެތީ، އިނގޭ ސޭމް އީނޫ ދެކެ ވަރަށް ބޮޑަށް ލޯބިވާކަން، އެކަމަކު…. އެކަމަކު….. ޢާއިލާއާ ދެކޮޅަށް ތިގުޅުން ކުރިއަށް ގެންދާކަން ދައްތަ ބޭނުމެއް ނޫން، ތީގެ ނާތީޖާ ނުބައި ގޮތަކަށް ނިކުމެދާނެ….. ވިސްނާލަބަ…..މިހާރުވެސް ދެޢާއިލާގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ހައްލު ނުކުރެވޭ….” ރާނިޔާގެ އަޑު ކުރެހުނެވެ. އެލެލޮލުގައި ވަނީ ކަރުނައިގެ އަސަރެވެ. އީނާއާއި އަލްޔަސް އެކުގައި އުޅޭތަން ދެކެން އޭނަވެސް ބޭނުމެވެ. ނަމަވެސް އެއީ ވުން އެކަށީގެންވާނެ ކަމެއް ނޫނެވެ.
”އެއްވެސް މީހަކު ޤަބޫލުނުވިޔަސް ހެޔޮ، އީނޫ އަހަންނަށް މާފްކޮށްފި، އެކަކު ނުރުހުނަސް ވަރިހަމަ….. އަހަރެން އީނޫއާ ކައިވެނި ކުރާނަން….” އަލްޔަސް ރާނިޔާގެ އަތަށް ފިތާލަމުން ގޮތްދޫނުކުރާ ރާގަކަށް ބުންޏެވެ. ރާނިޔާ އިނީ ހުއްޓުން އަރާފައެވެ. އަލަޔަސްގެ އުފާތަކަށް ހުރަސް އަޅަން އޭނަ ބޭނުމެއް ނޫނެވެ. ނަމަވެސް ބޯމަތިވަމުން އަންނަ ވަރުގަދަ ތޫފާނުން އަލްޔަސް ސަލާމަތްކުރަން އޭނަ ބޭނުމެވެ. އެތޫފާނުގެ ބިޔަ ރާޅުތަކުގެ ތެރޭގައި އަލްޔަސްގެ އުފާތައް ވިއްސިވިހާލިވެގެން ދާތަން ބަލަން އޭނައަކަށް ކެތް ނުކުރެވޭނެއެވެ. ޢާއިލާއާ ދެކޮޅަށް އީނާ ފިޔަވަޅެއް އަޅާފާނެހެން އޭނައަށް ހިޔެއް ނުވެއެވެ.
”ސޭމް، ލިސިން ޓު މީ…..” ރާނިޔާ ވިސްނައިދޭން އުޅުނެވެ. އަވްޝަންގެ ސިނގުރުޅިގަނޑު އޭނައަށް ވަނީ ފެނިފައެވެ. އަލްޔަސްއާއި އަވްޝަންއާ ދެމެދު ތަޅާފޮޅުންގަޑެއް ހިނގުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ.
”އަހަރެންގެ އުފާތައް ވަނީ އީނާއާއެކު،އައިލް ޑޫ އެނީތިންގ ފޯރ ހާރ، އަހަރެން އެރޭވުމުގެ ފަހަތުގައި ތިބި މީހުންތައް ހޯދާނަން، އެޓް އެނީ ކޮސްޓް!…..” އަލްޔަސް އޭނަގެ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. ރާނިޔާ އިނީ ހާސްވެފައެވެ. އަލަޔަސް އޭނަގެ ވާހަކަތައް އަޑުއަހާނެހެނެއް ހިޔެއް ނުވެއެވެ.
”ސޭމް….” ރާނިޔާއަށް ވާހަކަ ކުރިއަށް ގެންދާކަށް ނޭގުނެވެ. ދެން އެދެމެދަށް ވެރިވެގެން ދިޔައީ މަރު ފަދަ ހިމޭންކަމެވެ. އަލްޔަސްއަށް ބަލާލަމުން ރާނިޔާ ވިސްނުމަކަށް ގެއްލުނެވެ.
ފެރީޓާރމިނަލް އިން ނިކުންނަން ދިޔައިރުވެސް އެދެމެދެގައިވަނީ ހިމޭންކަމެވެ. ދައްކަން ކިތަންމެ ގިނަ ވާހަކަތަކެއް ހުރި ކަމުގައި ވިޔަސް އަލްޔަސް ރުޅި އަރުވާލަން ބޭނުން ނުވާތީ ރާނިޔާ ހުރީ ހިމޭނުންނެވެ. އަލްޔަސްގެ އުފާތައް ވަނީ އީނާއާއެކުކަން އޭނައަށް އިނގެއެވެ. ނަމަވެސް ޢާއިލާގެ ރުހުން ލިބިގެން ނޫނީ އެގުޅުން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. މިހާރުވެސް ދެޢާއިލާގެ ދެމެދުގައި ލާފައިވާ ރެނދުތައް ދަނީ ފޭވަމުންނެވެ. ރާނިޔާގެ ސިކުނޑީގައި އުފެދުނު ތޫފާނާއެކު ބޮލުގެ ނާރުތަކަށް ފިތި މޫނުމައްޗަށް އަނދިރިވާ ގޮތްވިއެވެ. ލަސް ފިޔަވަޅުތަކެއްގައި އޭނަ ހިނގަމުން ދިޔައިރު ވަށައިގެން އިވެމުން ދިޔަ އަޑުތަކުގެ ސަބަބުން އޭނަގެ ނޭވާ ހާސްވިއެވެ.
ބޭރަށް ނިކުންނައިރަށް މީހުންގެ ތެރެއިން ފެނުނު މޫނަކާއެކު އަލްޔަސްއަށް އެދިމާއަށް ހިނގައިގަނެވުނީ ބާރަކަށެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އަލްޔަސް ފެންނައިރަށް އެމީހާއަށް ހީވީ ބިރެއް ފެނުނީ ހެންނެވެ. މީހުންގެ ތެރޭން ރެކިގަންނަމުން އޭނަ ދުއްވައިގަންނަން އުޅުނެވެ. އެއީ އެރޭ ޕާޓީ ތެރޭން އޭނައަށް ޖޫސް ގެނެސްދިން ވެއިޓަރު މީހާއެވެ. އަލްޔަސް ފެނުމުން އޭނަގެ މޫނު ހުދުވެ ދެލޯބޮޑުވެގެން ދިޔައިރު ހީވީ ޖިންނިއެއް ފެނުނީހެންނެވެ. އަލްޔަސްއަށް ނުބައި ޝައްކެއް ވިއެވެ. އެވެއިޓަރު މީހާ މައިމޫނާއާ ވާހަކަ ދައްކަން ހުއްޓާ އޭނައަށް ވަނީ ފެނިފައެވެ. ހިތުގައި ފުނިޖެހިގެން ދިޔަ ސުވާލުތަކާއެކު އަލްޔަސްގެ ނިތަށް ރޫތަކެއް ޖަމާވިއެވެ.
އަލްޔަސް އެމީހާގެ ފަހަތުން ދާން އުޅެނިކޮށް ކުރެހިފައިވާ އަޑަކުން ރާނިޔާ ގޮވާލުމުން އަލްޔަސްއަށް މަޖުބޫރުވީ ރާނިޔާ ގާތަށް ދާށެވެ. ގޮނޑިބަރިއެއްގައި އިށީންދެލައިގެން އިން ރާނިޔާ ވަނީ ދަލުން ފެންވެރިފައެވެ.
”ނޭވާ ނުލެވޭ….”
ހުދުވަމުން ދިޔަ ރާނިޔާގެ މޫނު ފެނި އަލްޔަސްގެ މެޔަށް ފިނިވިއެވެ. އެވަގުތު އޭނަގެ ސިކުނޑީގައި އުފެދިގެން ދިޔަ ހައިޖާނުގަނޑު ކުރިއަށްވުރެ ބޮޑުވިއެވެ. ހުރިހާ ކަމެއްމަތިން ހަނދާން ނެތުނު ކަހަލައެވެ. ރާނިޔާއަށް އަތްޖައްސާލެވުނީ އޭނަގެ ބަނޑުގައެވެ. ނޭވާލާން އުނދަގޫވި ހިނދު ދަރިފުޅަށް ގެއްލުމެއް ވެދާނެކަމުގެ ބިރާއެކު ރާނިޔާގެ ހާސްކަން އިތުރުކުރުވިއެވެ. އެންމެ މިނެޓެއްވެސް ނަގާނުލައި އަލްޔަސް އެމްބިޔުލާންސަށް ގުޅިއެވެ. މީހުންތައް އެދިމާއަށް އެއްވެ ފާޑުފާޑުގެ ވާހަކަތައްވެސް ދައްކަން ފަށައިފިއެވެ. ފުސްވަމުން ދިޔަ މަންޒަރު ތަކާއެކު ރާނިޔާއަށް ބުނެލެވުނީ އަވްޝަންއަށް ގުޅުމަށެވެ. އޭރުވެސް އޭނަ ހުއްޓާލުމެއްނެތި ބަނޑުގައި ފިރުމާލަމުން ގެންދިޔައެވެ. ދެލޯ މެރިގެން ދިޔަ ވަގުތު ރާނިޔާގެ ކޯތާފަތް ތެތްމާލީ ހޫނު ކަރުނަ ތިކިތަކުންނެވެ.
”ސިސް…..” އަލްޔަސްއަށް ބުނެވުނެވެ. އަލްޔަސް ތަކުރާރުކޮށް ގޮވާލުމުންވެސް ރާނިޔާގެ ޚަބަރެއް ނުވިއެވެ. އަލްޔަސް ހިތްވަރުކޮށްލަމުން އަވްޝަންއަށް ގުޅީ ރާނިޔާގެ ފޯނުންނެވެ. ދެތިން ފަހަރު ރިންގްވީތަނާ އަވްޝަން ފޯނު ނަގައިފިއެވެ. އަލްޔަސްގެ އަޑު ކަންފަތުގައި ޖެހުމުން އަވްޝަންއަށް ހީވި ކަންފަތުގައި ހޮނު ގުގުރިއެއް ގުގުމާލިހެންނެވެ. އައި ރުޅީގައި އޭނަ ފޯނު ކަނޑާލަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އަލްޔަސް ، ރާނިޔާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ވާހަކަ ކިޔައިދިނެވެ. އެޚަބަރު ލިބުމުން އަވްޝަންގެ ރުޅިގަނޑު ފިނިވެ އާދަޔާ ޚިލާފަށް ހިތުގެ ތެޅުން އަވަސް ވިއެވެ. ފެރީޓާރމިނަލްއަށް ދިއުމުގެ ކުރިން އޭނަ ގޭ މީހުންނަށް ގުޅާފައި އެޚަބަރު ދިނެވެ.
އަވްޝަންއަށް ހޮސްޕިޓަލަށް އާދެވުނީ ވިއްސަކަށް މިނެޓް ފަހުންނެވެ. އަވްޝަންއާއެކު ޝީޔާޢުއާއި ފަޒްލާވެސް އައެވެ. އަދިވެސް މައިމޫނާ ހޮސްޕިޓަލުން ދޫކޮށްނުލާތީ ރޫޔާއަށް އާދެވޭ ގޮތެއް ނުވިއެވެ.
އަވަސް ފަރުވާދޭ ކޮޓަރީގެ ބޭރުގައި ހުއްޓިލައިގެން ހުރި އަލްޔަސް ފެންނައިރަށް ފަޒްލާގެ މޫނު ބަނަވަގެން ދިޔައެވެ. ރުޅިއައިސް މުޅި މީހާ އެތެރެއިން އަނދައިގަތެވެ. އީނާގެ ލޮލުން ފޭބި ވޭނި ކަރުނަތައް ސިފަވެ އޭނަގެ ހިތުގައި އަނދަން ފެށި ނަފްރަތުގެ ހުޅުގަނޑު އިތުރަށް ބޮޑުކޮށްލައިފިއެވެ. މީ އިންސާނެއްގެ ސިފައިގައި ހުރި ބޮޑު ޝައިތާނެކެވެ. ފަޒްލާ ހިތާހިތުން ވަރަކަށް އެއްޗެހި ކިޔާލިއެވެ. އޭނަގެ ހިތް ދެން ދުވަހަކު އަލްޔަސްއަށް ސާފްވާނެކަމެއް ނޭގެއެވެ. ފަޒްލާ އަލްޔަސްއާ ދިމާއަށް ލޯއަޅާލަމުން ހަމަޖެހިލަން ފުންނޭވާއެއް ލިއެވެ. އަލްޔަސް ފެނި ޝިޔާޢުއަށް ވެސް ވީ އެފަދަ ގޮތެކެވެ.
ޑޮކްޓަރުގެ ޖަވާބަކަށް އެންމެން އިންތިޒާރުކުރަމުން ދިޔައެވެ. އިރުކޮޅެއް ފަހުން ޑޮކްޓަރު ނިކުމެފައި ދިން ޚަބަރަކުން ހިތާމަތަކަށް އިތުރު ބޮޅެއް އިތުރުކުރުވިއެވެ. ދަރިފުޅު ހެދިބޮޑުވުމުގައި މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި ވީހާވެސް އަވަހަށް ބޭރަށް ދިއުމަށް ޑޮކްޓަރު ލަފާ ދިނެވެ. ރާނިޔާ ކަންތަކާމެދު މާބޮޑަށް ފިކުރުކުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރުވެސް ދަރިފުޅަށް ކުރަމުންދާ ކަމަށް ޑޮކްޓަރު ބުންޏެވެ.
އަވްޝަން ހާސްވެފައި ހުރެ މޫނުގައި ފިރުމާލި ހިނދު ދެލޯ ވަނީ ފެންކަޅިވެފަ އެވެ. އޭނަ ތިރީތުންފަތުގައި ދަތް އަޅާލަމުން އަވަސް ނޭވާތަކެއް ލިޔެވެ. ރާނިޔާއާއި އޭނަ ދެކެމުން އައި ހުވަފެންތައް ވިއްސިވިހާލިވެގެން ހިނގައިދާނެކަމުގެ ބިރާއެކު މޭގަނޑަށް ތޫނު ތަދެއްވެސް އަރައިފިއެވެ.
”ރަގަޅުވާނެތަ؟….” އަވްޝަން ސުވާލުކުރިއިރު އަޑުގައި ރިހުމެއް ވިއެވެ. ދަރިފުޅު ސަލާމަތްކުރަން ކުރެވުނުހާ މަސައްކަތެއް އޭނަ ކުރާނެއެވެ.
”ކޮމްޕްލިކޭޝަންސްތައް އެބަހުރި، ބޭބީގެ ހާރޓް ބީޓްވެސް ދަށް…. ޓެސްޓްތަކެއް ހަދާލީމަ ޖަވާބެއް ދެވޭނީ، ވީހާވެސް އަވަހަކަށް ބޭރަށް ފުރަންވީ…” ޑޮކްޓަރު ބުންޏެވެ. އަވްޝަން ބޯޖަހާލިއެވެ. ޓެސްޓްތައް ހަދަން މާލެ ދާން ޖެހޭ ވާހަކަ ބުނެލަމުން ޑޮކްޓަރު އެތެރެއަށް ވަނެވެ. އަވްޝަން ގޮނޑިބަރީން ގޮނޑިއެއްގައި އިށީންއިރު މޫނުވަނީ މިލައިގެން ގޮސްފައެވެ. ދުރުގައި ހުއްޓިލައިގެން ހުރި އަލްޔަސްގެ ދެލޮލުންވެސް ކަރުނަތިކިތައް ވިދައެވެ.
ފަޒްލާ އަވްޝަންގެ ބުރަކަށީގައި ފިރުމާލަމުން ހިތްވަރު ދިނެވެ. ޝިޔާޢު ވެސް މެއެވެ.
އަލްޔަސް މަޑުކުރުމެއްނެތި އެތަނުން ދާން ހިނގައިގަތީ މަޞްލަޙަތަށް ބަލާފައެވެ. އެފަދަ ނާޒުކު ވަގުތެއްގައި ދާން ހިތްނޭދުނަސް މަޖުބޫރުވުމުން އިތުރު ގޮތެއްވެސް ނެތީއެވެ. އެހިތާމަވެރި ހާދިސާއާއި އޭނައާއި ގުޅިފައިވާކަން އެނގި އަލްޔަސް ކުރިއަށްވުރެ ބޮޑަށް ދެރަވިއެވެ.
***
ރާނިޔާގެ ދަރިފުޅު ބައިގެން ދިޔަ ޚަބަރު އީނާއަށް ލިބުމުން އޭނަ ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ދެލޯ ފުރިބާރުވެގެން ދިޔަ ކަރުނަތަކާއެކު މަންޒަރުތައް ފުސްވެގެން ދިޔައެވެ. ކިތަންމެ އިރެއް ވަންދެން އީނާއަށް ހުއްޓުން އަރާފައި ހުރެވުނެވެ. ކަންފަތުގައި ގުގުމާލަމުން ދިޔައީ ރޫޔާ ބުނި ޖުމްލަތަކެކެވެ. ބަޑިފަޅައިގެން ދިޔަ ހިނދު އީނާއަށް އަނގަމަތީ އަތްއަޅާ ބާރުކޮށްލެވުނެވެ. ރާނިޔާ މަތިން ހަނދާންވެ އީނާއަށް އިތުރަށް ރޮވުނެވެ. ޔަޤީނުންވެސް ދަރިފުޅު ބައިގެން ދިއުމުގެ ވޭން ބަރުދާސްތުކުރަން ރާނިޔާއަށް އުނދަގޫވާނެއެވެ. އެދަރިފުޅަށްޓަކައި ދެކުނު ހުރިހާ ހުވަފެންތަކެއް ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެގެން ދިޔައީއެވެ. އެލޮބުވެތި ހުނުން ދުށުމުގެ ނަސީބެއްވެސް ނުލިބުނެވެ. އެތުއްތު ދަރިފުޅު އަތުތެރޭގައި ބޮނޑިކޮށްލަމުން ލޯބިކޮށްލާނެ ފުރުސަތެއްވެސް ނުލިބުނެވެ. އެދުލުން މަންމާއޭ ކިޔައި ގޮވާލުމުގެ ނަސީބެއްވެސް ރާނިޔާއަށް ނުލިބުނެވެ. ހާދަ ދެރައެވެ. އުއްމީދުގެ ހުޅުކޮޅު ވެސް ނިވުނީއެވެ. އަހަރުތަކެއް ވަންދެން ކުރި އިންތިޒާރުގައި ނިމުމުގެ ސިއްކަ ޖެހުނީއެވެ.
އީނާ ސޯފާއަށް ތިރިވިއިރު ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ހަމަ މިވަގުތު ފުރަން އޭނަ ބޭނުންވިއެވެ. ޓިކެޓްތައް ހަމަޖައްސަން ޒަވާންއާއި ވާހަކަ ދައްކާނީއެވެ. އީނާ ކަރުނަތައް ފޮހެލަމުން އެތެރެއަށް ނޭފަތް ދަމާލިއެވެ. އޭނަ ޒަވާންއަށް ގުޅާލުމުން ޖަވާބެއް ނުލިބުނެވެ. އީނާ ނުރޯން ކިތަންމެހާވެސް މަސައްކަތެއް ކުރިއެވެ. ނަމަވެސް ބޭބެއާއި ދައްތަ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ހިތުގެ ޒަހަމްތަކުގައި ލޮނުމިރުސް ލެވިގެންދާހެން ހީވެއެވެ. މަޑުތުރުތުރުލުމެއް އެހަށިގަނޑުގައި އުފެދިފައި ވެއެވެ.
”ޒަވާން ފޯނު ނަގާބަލަ….” އީނާގެ އަޑުގައި ރުޅިވެރިކަން ވިއެވެ.
ޒަނާ އައިސް ސުވާލުކުރަން ފެށުމުންވެސް އީނާއަށް ޖަވާބު ދެވުނީ ރުންކުރުވެފައި ހުރެއެވެ. ޒަނާ ހުރީ ހިމޭނުންނެވެ. އެހިތާމައިގައި އޭނަވެސް ބައިވެރި ވިއެވެ.
”އީނޫ، ނަޒްޔަކްއަށް ގުޅާބަލަ، ނަޒްޔަކް ވެސް މިއަދު މާލެ ދާ ވާހަކަ ބުނި، ހީ ވޯޒް އިން އެ ހަރީ….” ކުއްލިޔަކަށް ކަމެއްމަތިން ހަނދާން ވާ ފަދަ ގޮތަކަށް ޒަނާ ބުންޏެވެ. ”ނަންބަރު…” އީނާ ވިސްނާލަމުން ބުންޏެވެ. އޭނަ ބެނުންވަނީ ވީހާވެސް އަވަހަކަށް މާލެ ދާށެވެ.
ޒަނާ، ނަޒްޔަކްގެ ފޯނަށް ގުޅާލަމުން އީނާ އަތަށް ފޯނު ދިނެވެ. އީނާއަށް ވާހަކަ ދެއްކުނީ ދޭތެރެއިން މެދުކަނޑާލަމުންނެވެ. ނަޒްޔަކް ބުނީ އޭނަގެ އެކުވެރިޔަކާ ވާހަކަ ދައްކާލުމުން ޓިކެޓް ހަމަޖެހޭނެ ކަމަށެވެ. އެއީ އީނާގެ ހިތަށް ފިނިކަމެއް ގެނެސްދިން ވަގުތުކޮޅެކެވެ.
އީނާ ސޯފާގައި އިށީންނަމުން ދެއަތުން މޫނު ފޮރުވާލިއެވެ. އަލްޔަސް ގުޅަން ފެށުމުން އީނާއަށް އެފޯނަށް ޖަވާބު ދޭނެ ހިތްވަރެއް ނުލިބުނެވެ. ފޯނު ކެނޑެންދެން ސްކްރީނަށް ބަލަން އިނދެފައި އީނާ ދެލޯ މަރާލިއެވެ. ދެފަހަރު ރިންގްވެފައި ދެން އައީ އަލްޔަސްގެ މެސެޖެކެވެ. އީނާ މެސެޖު ކިޔާލުމުން ތުންފަތުގައި ދަތް އަޅާލިއެވެ.
(ނުނިމޭ)
14 Comments!
Comments are closed.
I am sorry for the delay, New schedule date (Monday , Wednesday and Friday) mi thin duvahu vaahaka upkohdeynan,Inshaallah 🙂 and ramadhan ga faharenga date thakan badaleh aisdhaane but i’ll let you know, and thanks a lot for the support 🙂 I’ll try to replay to the feedback’s 🙂
salhi
dhn alhe inaa ah alyas dhuru nukurahchey v salhi avahah up kohdhehchey
keeve tha abadhu alyas ah dhera goiy vany
އަޅެ ހާދަ ކަޑަ ގޮތެކޭ ދޯއެވީ ؟ އެކަމް މިބައި ގެނެސް ދީފަ އިން ގޮތް ވަރަށް ނަލަ ..؟ އަވަހައް އަޕްކޮއްލަ ދެއްޗޭ އިނގޭ… 🙂
pis pis raniya mennah e noon gotheh vun iradhai ga nethy dw!!!! so sad……
Salhi salhi ey dhw
Gud wrk dhn emotions nd sifakurun ginakohlanvi, mihen bunima hithaamaige bai gina nukuraathi, alyas nd eenu ge rom bai kiyan beynuvi nd kydhin kolhuge sifakurun ithurukuranikoh okaty vaane, i can say u r improving
Mee wednesday. KObaa vaahaka? :/
waiting
waiting
I am also waiting .?
kobr? anekka vx schedule change v? pls upload it fast
plx avahah upload khdheeba