Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…35

މުތާ/ ސ.ހިތަދޫ
June 12, 2014
7 Mins Read
12 Comments

އިރުކޮޅެއް ވަންދެން ފޯނުގެ ސްކްރީނަށް ބަލަން އިނދެފައި އީނާ އަވަސް ނޭވާތަކެއް ލިޔެވެ. އަލްޔަސް ގާތު ފުރަން އުޅޭ ވާހަކަ އޭނަ ބުނީ މެސެޖަކުންނެވެ. މިވަގުތު އެއްވެސް މީހަކާއި ވާހަކަ ދައްކަން ބޭނުންނުވާތީ އަލްޔަސްގެ ފޯނުކޯލަކަށް ވެސް އޭނަ ޖަވާބެއް ނުދިނެވެ.

އީނާ ހުރީ ޝޮކެއްގައެވެ. ލިބުނު ޝޮކް ފިލައިގެން ދާން އެތައް އިރެއް ނެގިއެވެ. ރާނިޔާ އުފުލާނެ ހިތާމަތަކާ މެދު ވިސްނާލިޔަސް ހިތަށް ތަދުވެއެވެ. ހަމައެއާއެކު ދޮންބެގެ ހިތަށް ކުރާނެ އަސަރުތައް ވެސް އޭނައަށް އިހުސާސް ކުރެވޭހާ ވެއެވެ. ފަސްމަސް ދުވަސް ވަންދެން ދަރިފުޅާއެކު ހޭދަކުރެވުނު ވަގުތުތައް މުޅި އުމުރަށް ރާނިޔާގެ އުފާވެރިކަން ނަގާލާނެއެވެ. ރޭގަނޑުގެ ނިދިން މަހުރޫމްކޮށްލާނެއެވެ. އުއްމީދުގެ ފަހުގެ ރޮދިފަށް ވެސް ކަނޑައިގެން ދިޔައީއެވެ. އެންމެ ބޮޑަށް އީނާ ދެރަވީ ރާނިޔާ އެކު ހުންނަން އަލްޔަސް ބޭނުންވާނެކަން އިނގޭއިރު އެނަސީބު އަލްޔަސްއަށް ނުލިބޭނެކަން ހަނދާން ވުމުންނެވެ. އީނާގެ މޭގަނޑުގައި ރިއްސާލިއެވެ. ދެޢާއިލާގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ވީހާވެސް އަވަހަކަށް ހައްލުކުރަން ވީއެވެ. މީހުންގެ ނަފްރަތާއި ބަދުދުޢާތަށް އަލްޔަސްއަށް އަމާޒުވާން އޭނަގެ ހިތެއް ނޭދެއެވެ.

”ކޮން އިރަކުތަ ފުރުން އޮތީ….” ތިރީސް މިނެޓް ފަހުން އަލްޔަސްގެ މެސެޖެއް އައެވެ.

”މިރޭ، އަށެއް ޖަހާއިރު ޗެކިން، ފުރުން އޮތީ ނުވަގަޑި ތިރީހުގަ… އެރައުންޑް ޓުވެލްވްގަ މާލެއަށް ދެވޭނެ….” ނަޒްޔަކްއަށް ގުޅާ މަޢުލޫމާތު ސާފުކޮށްލަމުން އީނާ ރައްދު ދިނެވެ.

އީނާ ފުންނޭވާއަކާއެކު ސޯފާއިން ތެދުވެލަމުން ކޯތާފަތުން ފިރުކެމުން އައި ކަރުނަތައް ފޮހެލިއެވެ. އޭނަ މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ. ހެދުންތައް ޕެކްކުރާށެވެ.

”އެކޮޅަށް ދެން ބަދަލުވަނީތަ؟…” އީނާގެ ފަހަތުން ހިނގައިގަންނަމުން ޒަނާ އަހާލިއެވެ. ”ހޫމްމްމް…” އީނާ ދިނީ ކުރު ޖަވާބެކެވެ.

ޒަނާ އިތުރު ސުވާލެއް ނުކޮށް ހެދުންތައް ޕެކްކުރުމުގައި އީނާއަށް އެހީވެދިނެވެ. ގާތް ގަނޑަކަށް ސާޅީސް މިނެޓް ތެރޭގައި ބޭނުންވާ ހުރިހާ ސާމާނެއް ޕެކްކޮށް ނިމުނެވެ. އެއާއެކު އީނާގެ ސިކުނޑިއަށް ކުޑަ ލުޔެއް ލިބުނެވެ. އޭނަ އެނދުގައި ޖައްސާލަމުން އަތް ދަބަސް ނަގާ ފުރަން ބޭނުންވާ އެއްޗެހިތައް ހަމަޔަށް ހުރިތޯ ބަލާލިއެވެ. އެއަށްފަހު ގަޑި ބަލާލަމުން އީނާ ނިތުގައި ހުރި ދާތިކިތައް އަތުގެ ނުފުށުން ފޮހެލިއެވެ.

”ދިއުމުގެ ކުރިން ކައިގެނެއްނު ދާންވާނީ…” ޒަނާ ބުންޏެވެ. އީނާ މާބޮޑަށް ބަސްމަދުވެފައި އިނުމުން ޒަނާއަށް ކަމަކު ނުދިޔައެވެ.

”އީނޫ، ދިރިއުޅުމުގައި އަޕް އެންޑް ޑައުންސްތައް އަންނާނެ، އެކަމަކު ކޮންމެ ފަހަރަކު އެހިތާމަތަކާ މެދު މާބޮޑަށް ވިސްނާ ފިކުރުކުރާނަމަ ނަފްސާނީ ގޮތުން މައްސަލަތަކެއް ކުރިމަތި ވެދާނެ، މާބޮޑަށް ކަމަކާ މެދު ވިސްނުން އެއީ ރަގަޅުކަމެއް ނޫން…. އެޓް ލީސްޓް މިހާ ގިނަ ދުވަސްފަހުން ސޭމްއާ ބައްދަލު ވުމުގެ ފުރުސަތު ލިބޭތީ އެކަމާމެދު ވިސްނާލަބަ، އީނޫގެ ހިތަށް ފިނިކަމެއް ލިބިދާނެ، އެތައް ދުވަސްތަކަށް ފަހުން ތި ދެމީހުން ބައްދަލު ތިވަނީ….” ޒަނާ އީނާގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އޭނަ ބޭނުންވީ އީނާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ގެނެސްދޭށެވެ.

އީނާ ޒަނާއަށް ބަލައިލަމުން ފުން ނޭވާއެއް ލިޔެވެ. ހީވަނީ ނޭވާލާން އުނދަގޫވެގެން އުޅޭހެންނެވެ. ދޮން މޫނު މިލައިގެން ގޮސްފައިވުމުން ބަލިކަމަށް ދައްކައެވެ.

”ލެޓްސް ގޯ، ކޯޗެއް ތަ ކާން ހުރީ، ދައްތަމެން ނާދޭ ދޯ؟ މާލެ ދިޔައީމަ ޒީމެން މަތިން ވަރަށް ބޮޑަށް މިސްވާނެ….” ހަމަޖެހިލަން މަސައްކަތް ކުރަމުން އީނާ ގަދަކަމުން ހިނިތުންވެލިއެވެ. ބުރުގާ ރަގަޅުކޮށްލަމުން އޭނަ އެނދުން ތެދުވެލިއެވެ.

ދެ އެކުވެރިން ވާހަކަ ދައްކަމުން ގޮސް ކާކޮޓަރިއަށް ވަނެވެ. އޭރު އެތެރެއަށް ވަދެގެން އައި ރަޖްވާންގެ ދެމަފިރިންނާއި ވިލްދާންގެ ދެމަފިރިން ފެނި ޒަނާ އީނާގެ އަތުގައި ހިފާލިއެވެ. އީނާ ގޭގެ މައިދޮރާއި ދިމާއަށް ބަލާލި ވަގުތު ދެލޯ ހިމަކޮށްލައިގެން ހުރި ޝިޔާރާ ފެނި ވީފޫއްސެއްގެ ބޮޑުކަމުން އޭނަގެ މޫޑު އިތުރަށް ޚަރާބުވިއެވެ. ކާހިތްވެސް ކެނޑުނެވެ.

”ޒީ، ދެން ޓައިމެއްވެސް ނެތެއްނު، އަހަރެން މިދަނީ ތައްޔާރު ވާން، ހިޔެއް ނުވޭ ޒަވާންއަށް އެއާރޕޯރޓަށް ދެވޭނެ ހެނެއް ވެސް، އައިލް ކޯލް ނަޒްޔަކް….” އީނާ އޭނަގެ މިސްރާބު ބަދަލުކޮށްލި ތަނާ މުނީރާ ގޮވާލުމުން ފިޔަވަޅުތައް ގަނޑު ވިއެވެ. ތުންފަތް މަތީގައި ހިނިތުންވުމެއް ކުރަހާލަމުން އީނާ ފަސްއެނބުރި ބަލާލިއެވެ. އޭރު މުނީރާ އައިސް އޭނައާއި އަރާހަމަވަނީއެވެ.

”ކުއްލިޔަކަށް ފުރަން ތިއުޅެނީ ބޮޑު ކަމެއް ދިމާވީތަ؟…” އީނާ ގުޅާފައި ފުރަން އުޅޭ ވާހަކަ ބުނީއްސުރެ ބިރުވެރިކަމެއްގެ ތެރޭގައި ހުރި މުނީރާ ސުވާލުކޮށްލިއެވެ. އެ އަޑުގައި ހާސްކަން އެކުލެވިގެން ވިއެވެ.

”ސިސްގެ ބޭބީ މިސްކެރިއޭޖްވެގެން……” އީނާ ބުންޏެވެ.

މުނީރާ އީނާގެ ގައިގައި ބައްދާލިއިރު އެމޫނުމަތިން ހިތާމައިގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިވެސް އީނާ ވަނީ އޭނަގެ ހިތުން ޖާގައެއް ހޯދާފައެވެ. އީނާ ދިއުމުން އެފަޅުކަން ފިލައިގެން ނުދާނެއެވެ. މުނީރާ ހީކުރީ ފުރަތަމަކޮޅު އީނާ ދަނީ ހަފްތާއެއް ވަރަކަށް ދުވަހަށް ކަމަށެވެ. ނަމަވެސް މުޅިން އެކޮޅަށް ބަދަލުވާ ވާހަކަ ބުނުމުން އޭނަ ވަކިން ބޮޑަށް ދެރަވިއެވެ.

ޝިޔާރާގެ މޫނު އަލިވެފައިވަނީ ސާދަ ވިލޭރޭގެ ހަދުފަދައިންނެވެ. ތުންފަތް މަތިން ފާޅުވަމުން ދިޔައީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނަގެ އިންޒާރުތަކަށް ބިރުން ދޮގުތައް ހަދާލާފައި އީނާ ފިލަނީ ކަމަށް ވެސް ވެދާނެއެވެ. އޭނަ ހީކުރި ގޮތާ ހިލާފަށް އީނާ މަގުން އެއްފަރާތްކޮށްލަން މާ ބޮޑަށް ވެސް ފަސޭހައެވެ. މަތި އޮމާންކޮށްލަން ދެތިން ބަހެއް ބުނެލީ ވެސް އަޑަށް ހިތާމަވެރިކަން ގެންނަމުންނެވެ.

”ހިތްވަރުކުރައްޗޭ….” ޝިޔާރާގެ އަޑުގައިވި ޖެއްސުމުގެ ރާގު ފަހަގަ ކުރެވުނީ ހަމައެކަނި އީނާ އަށެވެ. ޝިޔާރާ ބުންނަން އުޅުނު އެއްޗެއް އޭނައަށް ނަގައިގަނެވުނެވެ. އީނާ ހުރީ ކެތްތެރިވެލައިގެންނެވެ. މިފަދަ ދަނޑިވަޅެއްގައިވެސް ޝިޔާރާ އެއުޅެނީ އޭނަ ރުޅިއަރުވާލާށެވެ. ނޫނެކެވެ. މަލާމާތްކޮށް ލިބިފައިވާ ހިތާމަ އިތުރަށް ފުންކުރުވާށެވެ.

”މާލެއަށް ޝިފްޓް ވަނީތަ؟…” ޝިޔާރާ ސުވާލުކޮށްލުމުން އީނާ އެސުވާލަށް ޖަވާބު ދިނީ މުނީރާ ހުރީމައެވެ.

”ދައްތަމެން ދާނަން އީނޫ ފުރުވަން…” އީނާގެ އަތުގައި ހިފާލަމުން ކާކޮޓަރިއަށް ދާން ހިނގައިގަންނަމުން މުނީރާ ބުންޏެވެ.

ކުޑަކޮށް ކައިގެން އީނާ ދިޔައީ ކޮޓަރިއަށެވެ. ރޭގަނޑުގެ އަދިރިކަމުގެ ތެރެއަށް ގެނބިފައިވާ ފަޒާގެ ތެރޭން ރީތި މިޔުޒިކެއް ކުޅެލަމުން ދަނީ ބެލްކަނިއާއި ކައިރީގައި ހުރި ގަސްތަކެއްގައި ވަރުބަލިކަން ފިލުވާލަން ތިރިކޮށްފައި ތިބި ނައިޓިންގޭލް ދޫނި ތަކުގެ އަޑުތަކުންނެވެ. ހިތްގައިމުކަމެއް އެކުލެވިގެންވާ ރޯޅިތަކުން އެ ލަވަތަކަށް އާރޯކަން ގެނުވަމުން ދިޔައެވެ. ދޫނިތަކުގެ އަޑު ދޭތެރެއަކުން ކެނޑިގެން ދާއިރަށް ފުރުސަތަކަށް ބަލަބަލާ ތިބި ފަނިފަކުސަތައް ޗުކުޗުކު ލައްވަން ފަށައެވެ.

ރީތިވާ މޭޒު ކުރިމަތީގައި ތައްޔާރުވާން ހުރިއިރު ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ބަލަން އީނާއަށް ހުރެވުނީ ކިތައް އިރު ވަންދެންކަމެއް ނޭގެއެވެ. ލޯގަނޑަށް އޭނަގެ ދެލޯ ހުއްޓާލެވިފައި ވީކަމުގައި ވިޔަސް ސިކުޑީގައިވަނީ ތަފާތު ޚިޔާލު ތަކެކެވެ. އެންމެ ފަހުން ޒަނާ ބުނި ޖުމްލަތަކާމެދު އޭނައަށް ރަގަޅަށް ވިސްނާލެވުނީއެވެ.

އީނާގެ ރީތި ހަށިގަނޑަށް ދޫކޮށް އޮތް ކަޅާއި ހުދުކުލައިގެ އަތް ދިގު މިޑީއާއި ހުދުކުލައިގެ ސްކްނީ ޖިންސްގައި އީނާ ފެންނަމުން ދިޔަ ގޮތް ވަކިން ރީއްޗެވެ. ހެދުމާއި ގުޅުވާލައިގެން ބުރުގާއަޅާފައި ވާއިރު ލޯބި މޫނު ފެނިލަނީ ހުވަފެނީ ގޮތަކަށެވެ. އަލްޔަސްއާ ވަކިވިފަހުން ލިބުނު ހިތާމަތަކުގެ ސަބަބުން ލޯކައިރި ކުޑަކޮށް ކަޅުވެފައި ވިޔަސް އެރީތިކަމަށް އަދިވެސް ފަނޑުކަމެއް ނާދެއެވެ. ޒުވާންކަމުގެ ފުރިހަމަކަމުން ފަރިވެފައިވާ ފިނިފެންމަލެކެވެ. އެމަލުގެ ވަސް ވެސް ބަލައިލުމުގެ ނަސީބު އެދޭނެ ކިތަންމެ މާބުރުތަކެއް ވާނެއެވެ.

ލަގެޖްތައް ކާރަށް އެރުވުމާއެކު އީނާ ކާރަށް އަރައި ހަމަޖެހިލިއެވެ. އީނާގެ އިތުރުން ދެން އެ ކާރަށް އެރީ ޒަނާ އާއި މުނިރާގެ އިތުރުން ރަޖްވާން އެވެ. ޒަވާން އާއި ނީރާ ދިޔައީ ސައިކަލުގައެވެ.

އެއާރޕޯޓާ ހަމައަށް ދެވެންދެން އީނާގެ ހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. އަލްޔަސްގެ ހަނދާންތައް ސިކުނޑީގައި ވަރުގަދަ ތޫފަންގަނޑެއް އުފައްދާލާފައި ވުމުން ހިތަށް ބުނަން ނޭގޭ ފަދަ ގޮތްތަކެއް ވަމުން އެބަދެއެވެ. އަލްޔަސް ފެނި އޭނަ ދެފައި ރަބަރުގަނޑެއްހެން އޮޅިގެން ނުވެއްޓުނިއްޔާވެސް ރަގަޅެވެ. އޭނަ ބަލާ އަލްޔަސް އަންނާނެ ކަން ޔަޤީނެވެ. ފިލްމީ މަންޒަރަކަށް ވާނެ ހެއްޔެވެ؟ ޢާއިލާ މީހުންނަށް މާލެ އަންނަކަން ނޭންގީވެސް އަލްޔަސް އާއި ބައްދަލުކޮށްލަން ބޭނުންވެފައި ހުރި ވަރުންނެވެ. އަލްޔަސްގެ ހަނދާންތަކާއެކު އެހެން އެއްވެސް ކަމެއް މަތިން އީނާ ހަނދާން ނެތިފައި ވާ ކަހަލައެވެ. ގިނަ ދުވަސްތަކަށް ފަހު ލޯބިވެރިޔާއާއި ބައްދަލު ވުމުގެ ނަސީބު ލިބުމުން އެއީ ވާނެ ގޮތެވެ. ގިނަ ފަހަރު އެހެން ކަމަކަށް ވަގުތެއް ވެސް ނުދެވޭނެއެވެ.

އީނާގެ އިންތިޒާރުގައި ނަޒްޔަކް ހުއްޓެވެ. އެންމެންނާއި ވަދާއުގެ ސަލާމްކޮށްލަމުން އީނާ ނަޒްޔަކްއާއެކު އެތެރެއަށް ވަންނަން ހިނގައިގަތެވެ. ނަޒްޔަކް ހުރުމުން އީނާއަށް ރައްކާތެރިކަން އިހުސާސް ކުރެވުނެވެ. އެއާރޕޯޓް ތެރޭގައި ވެސް މީހުން މިހާރަކަށް އައިސް ހަމަނުޖެހުން ހިންގައެވެ. ޗެކިން ކައުންޓާރ ކައިރިއަށް އީނާ ހުއްޓިލީ ނަޒްޔަކްގެ ފަހަތުންނެވެ. ދިގު ކިއު އެއް ނެތްކަން އެއީ ދެމީހުންގެ ނަސީބެކެވެ.

އީނާގެ ހިތް ބާރުބާރަށް ތެޅިގަތީ ނަޒްޔަކް ވޮލެޓް ހުޅުވާލަމާއެކު ފެނުނު ފޮޓޯ ގަނޑެއްގެ ސަބަބުންނެވެ. އޭނައަށް ލިބުނު ހައިރާންކަމާއެކު ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއީ ނަޒްޔަކްގެ ޢާއިލާ މީހުން ހެއްޔެވެ؟ އެވަގުތު މެޔަށް ނޭގޭ ފިނިކަމެއް ސަވާރުވެގަތެވެ. އޭނަ ދެން ބަލާލީ ނަޒްޔަކްގެ މޫނަށެވެ. އެއާއެކު އޭނަގެ ހާސްކަން އިތުރުވިއެވެ.

”ޖިންނިއެއް ފެނުނީތަ؟…” ނަޒްޔަކް ފަސްއެނބުރި ބަލާލަމުން ސުވާލުކުރުމާއެކު އީނާ ދިޔައީ ސިއްސައިގެންނެވެ. ދެންވެސް އޭނަ ހުރީ ދެލޯ ބޮޑުކޮށްގެން ނަޒްޔަކްއަށް ބަލާށެވެ. ހިތުގައި އުތުރިއަރަމުން ދިޔަ ސުވާލުތަކުގެ ޖަވާބު ހޯދަން އޭނަ ބޭނުން ވިއެވެ. އެހެނަސް ދޫހަރަކާތެއް ނުކުރިއެވެ.

”ސްތެޗޫއަކަށް ވީތަ؟…” އީނާގެ ލޯކުރިމަތިން ވާއަތް ހުރަސްކޮށްލަމުން ނަޒްޔަކް ސުވާލު ކުރިއެވެ.

”ކީކޭ؟…” ސިހިފައި އީނާއަށް އަހާލެވުނެވެ.

”ހުވަފެނީ ދުނިޔެއެއްގަތަ އުޅެނީ….” ނަޒްޔަކް ދެފަރާތަށް ބޯހޫރާލަމުން ބުންޏެވެ.

ޗެކިންގެ ކަންތައް ނިމި އީނާގެ ހިތުގައި ވިކަމުން ދިޔަ ސުވާލުތައް ކޮށްލާނެ ފުރުސަތެއް ލިބުނީ ބޯރޑިންގްއަށް ވަނުމުންނެވެ.

”ނަޒްޔަކް މާލެ ދަނީ ކީއްކުރަން؟…” އީނާ ފެށީ ދުރުދުރުންނެވެ.

”ވަޓް؟….” ލިބުނު ހައިރާންކަމާއެކީ ނަޒްޔައަށް ވެސް ކޮށްލެވުނީ ސުވާލެކެވެ. ”އީނާ އަހަރެންގެ ޒާތީ ކަންތަކަށް ކުއްލިޔަޔަކަށް މާ ބޮޑަށް އިންޓްރެސްޓް ތިވީ ކީއްވެ؟…”

”ޖަވާބު؟…” އީނާ ސީރިޔަސް ވިއެވެ. އޭނަ އިނީ ނަޒްޔަކްގެ މޫނަށް ބަލާށެވެ. ހީވަނީ އެމޫނުން ކަމެއް ދެނެގަންނަން އުޅޭ ހެންނެވެ.

”ސޭޑް ނިއުސްއެއް ލިބުނީމަ….” ނަޒްޔަކް އިތުރު ތަފްސީލަކަށް ނުގޮސް ނިންމާލިއެވެ. ”ކިހާވަރެއްގެ؟….” އީނާގެ ހިތް އަވަސް ވެލިއެވެ. އޭނަގެ ޝައްކުގެ އޮޑި މަންޒިލާ ހަމައަށް ދަތުރުކުރަން ފެށީއެވެ.

ނަޒްޔަކް ހައިރާންކަމުން ފުރިގެންވާ ފަދަ ނަޒަރަކުން އީނާއަށް ބަލާލިއެވެ.

”ތީ ސްޓްރޭންޖާރއެއް…” ނަޒްޔަކް ބުންޏެވެ.

”ޕާސްޕޯޓް ދީބަލަ….. ޕްލީޒް….” އީނާ އެދުނެވެ.

ނަޒްޔަކްގެ ޕާސްޕޯޓް އަތަށް އެރުމާއެކު އީނާ އެ ބަލާލީ ޝައުޤުވެރި ކަމާއެކުގައެވެ.

”ނަޒްޔަކް ތާއިފް…” އީނާއަށް ނަޒްޔަކްގެ ފުރިހަމަ ނަން ކިޔާލިއެވެ.

ނަޒްޔަކްގެ ނިތަށް ރޫތަކެއް ޖަމާވިއެވެ. އީނާއަށް އަންނަމުންދާ ބަދަލުތައް އޭނައަށް ފާހަގަ ކުރެވުނެވެ.

”ނަޒްޔަކް ދަންނަ ކުއްޖެއްތަ މިއީ؟….” އީނާ އަވަސް އަވަހަށް އޭނަގެ ފޯނު ނަގަމުން ފޮޓޯއެއް ދައްކާލިއެވެ.

”ހޫމްމްމް… އަހަރެންގެ ކޮއްކޮ…. އެކަމަކު ކިހިނެއް ތި ފޮޓޯ އީނާގެ އަތަށް އައީ؟….” ކުޑަކޮށް ދިގުވެފައިވާ ތުނބުޅީގައި ނަޒްޔަކް އަތް ހިންގާލަމުން ބުންޏެވެ.

”އޯހ ނޯ….” އީނާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. އިސްއުފުލާ ނަޒްޔަކްއަށް ބަލާކަށް ވެސް ދެން ނުކެރުނެވެ. އެކްސިޑެންޓަކުން ވިޔަސް ހިނގާފައިވާ ކަންތައް ގަނޑާއެކު އޭނަ ހިސާބަކަށް ބިރުގަތެވެ.

”ކިހިނެއްވީ؟… އީނާ އަތަށް ކިހިނެއް ތި ފޮޓޯ އައީ؟…” ނަޒްޔަކް ސުވާލު ކުރިއެވެ. އީނާ ޖަވާބެއް ނުދިނެވެ.

”ހެލޯ…. ހީވަނީ ޖިންނިއެއް ފެނުނީހެން، އަހަރެންގެ ސުވާލަށް ޖަވާބު ދީބަލަ….” ނަޒްޔަކް ބުނެލިއެވެ. އީނާ އިނީ ފޯނުގެ ސްކްރީނަށް ބަލާށެވެ. އެއީ އޭނައަށް ކުލްޘޫމްގެ ކޮޓަރިން ފެނުނު ފޮޓޯއެކެވެ. އެދުވަހު އެފޮޓޯއިން އަލްޔަސް މާ ވަރަކަށް ރީތި ވުމުން ފޯނުގައި ރައްކާކުރީއެވެ. އޭގައި ވަނީ އަލްޔަސް އާއި އޭނަގެ ދޮންބެ ކުޑައިރު އެވެ.

”ދަންނަ ކުއްޖެއް…” ނަޒްޔަކްގެ ސުވާލުތަކަށް ޖަވާބު ނުދޭން ހުރެފައި ވެސް އީނާ ބުންޏެވެ. ”އެހެންތަ؟… ވަރަށް ގޮތް ދޫނުކުރާ ކުއްޖެއް އެއީ…” ނަޒްޔަކް ލުއި ހުނުމަކާއެކު ބުނެދިނެވެ.

”ވެއިޓް އަ މިނެޓް… ހަމައެކަނި ދަންނަ ކުއްޖަކީތަ؟….” ނަޒްޔަކްއަށް ޝައްކެއް ވުމުން އަހާލެވުނެވެ. އީނާ އޭނައާއި ހަތަރުކަޅި ހަމަނުކުރަން އުޅޭކަން ވެސް ފާހަގަ ކުރެވުނީ ދެނެވެ.

”އަލްޔަސްގެ ޖީއެފްގެ ޑިސްކްރިޕްޝަންސްތައް އީނާއާ ހާދަ ވަރަކަށޭ ދިމާ މިވަނީ… ދުވަހަކު ފޮޓޯއެއް ނުފޮނުވާ ބަޓް ސިފަކޮށްލާ އިރު ހީވޭ ޅެންވެރިއެއްހެން….” ނަޒްޔަކް ސަމާސާ ރާގަކަށް ބުންޏެވެ.

އީނާ އަތުގެ އިނގިލިތަކާ ކުޅެލަމުން ދިޔައެވެ.

”ހޭއި، އަހަންނަށް އިނގެޔޭ އީނާ ތި ވިސްނަނީ ކޮންކަމާ މެދުކަން، ޓްރަސްޓް މީ، އެކަން މަތިން ހަނދާން ނައްތާލާ، އެއީ ކުޑަ އެކްސިޑެންޓެއް، ނަތިންގް ހެޕެންޑް…” ޔަޒްޔަކް ގޮނޑިން ތެދުވެލަމުން ބުންޏެވެ. އީނާ ނަޒްޔަކްއަށް ބަލާލީ ދެނެވެ. އަލްޔަސްއާއި ނަޒްޔަކްގެ އެއްގޮތް ސިފަތައް ފާހަގަވާން ފެށީވެސް ދެނެވެ. ހަމަ އެދިގު އިސްކޮޅާއި، ބައިމަތި ފުޅާ ހަށިގަނޑުގެ، އިތުރުން ޑަޔަމަންޑް ޝޭޕްޑް މޫނެވެ. ހަމައެކަނި ތަފާތަކީ ބޮލުގެ އިސްތަށިގަނޑާއި ލޮލުގެ ކުލައެވެ. ފަހަރެއްގައި ނަޒްޔަކް ލޮލަށް ލެންސެއް ލައްވައިގެން އުޅެނީ ކަމަށް ވެސް ވެދާނެއެވެ.

”އެއްވަރެއްގެ ދެމީހުން ޖެހުމުން ދެން ބެލެންސް ވާނެތާ…” ނަޒްޔަލް ހިނިތުންވެލަމުން ބުނެލިއެވެ. ”އަސްލުވެސް، އީނާ ކަހަލަ ރުޅިގަދަ ކުއްޖަކު ކޮންޓްރޯލް ކުރެވޭނެ އަލްޔަސް އަށް….”

”ނަޒްޔަކް ހަދާ ކޯސް ނިމުނީތަ؟….” އީނާ ދައްކާނެ ވާހަކައެއް ނޭގުމުން ބުންޏެވެ. ”ހޫމްމްމް….” ނަޒްޔަކް ބުނެލިއެވެ. ”ދެ ޢާއިލާ ވަރަށް ކްލޯޒް ދޯ؟…” ނަޒްޔަކް ބުންޏެވެ. އެވަގުތު ނަޒްޔަކްއަށް އެއްވެސް ކަމެއް ނޭގެނީ ބާއޭ އީނާގެ ހިތަށް އެރިއެވެ.

ރާނިޔާގެ ވާހަކަ ދައްކަމުން ގޮސް ނަޒްޔަކް ހުއްޓާލުމުން އީނާވެސް ދެން ޚިޔާރު ކުރީ ހިމޭންކަމެވެ.

****

ހަތަރު ގަޑިއިރުގެ ދަތުރަކަށް ފަހު ހުޅުލެއަށް އާދެވުނުއިރު މެންދަން ވެއްޖެއެވެ. ހަމަހިމޭންކަން ރަސްކަން ކުރަމުން ދިޔަ ފަޒާގެ ތެރޭން ބާނިތަކަކާއެކު އައިސް ތޮށިގަނޑަށް ހަމަލާދެމުން ދިޔަ ރާޅުތަކުގެ އަޑު ގުގުމާލަނީ ބިރުވެރި ޒާތަކަށެވެ. ދަންވަރުގެ ވަގުތަށް ވުމުން މީހުންތައް ވެސް ފެންނަނީ މަދުންނެވެ. ބޮކިތަކުގެ ފަނޑު އަލިވަރު ފެތުރިފައި އޮތަސް ދިރޭ އެއްޗެއްގެ ހިލަން ނުވާތީ މާހައުލު ސިފަކުރެވެމުން ދިޔައީ ބިރުވެރި ފިލްމަކަށް ޝޫޓް ކުރާހެންނެވެ.

ލަގެޖްތައް ޓްރޯލީއަކަށް ލައިގެން ބޭރަށް ނިކުތް އީނާއަށް އަލްޔަސް ފެނީ ވީ ގޮތެއް ނޭގުނެވެ. ދެފައި ބިމުގައި ތަތްލިހިނދު މަޑުތުރުތުރުލުމެއް ހަށިގަނޑުގައި އުފެދިއްޖެއެވެ. އަތްފައި ފިނިވެ ވަށައިގެން ވާހާ މަންޒަރުތަކެއް ލަސްވެއްޖެ ކަހަލައެވެ. ހަމައެކަނި ފެންނަނީ އަލްޔަސްއެވެ. އޭނައަށް ކުޅި ދިރުވާލަންވެސް ދަތިވިއެވެ. ކުރިއަށް ފިޔަވަޅެއް ވެސް އަޅަން ނުކެރުނެވެ. ދުރުން ފެނިލި އިރުވެސް އޭނަގެ ހިތް އެއްފުށުން އަނެއް ފުށަށް ޖަހާލިއެވެ. ބަލަހައްޓައިގެން ހުރި ތޫނު ނަޒަރުން މުޅި ހިތް ޒަހަމް ވެއްޖެއެވެ. ލޯބި ހިތުގައި އުތުރި އަރައިގަތް ވަގުތު ކޮޅެކެވެ. ފަނޑު އަލިވަރުގެ ތެރޭން އަލްޔަސް ފެނިލިއިރު ވަކިން ހިތްގައިމެވެ.

އީނާ ގަދަކަމުން ދެފައި ހަރަކާތްކުރަމުން ކުރިއަށް ހިނގައިގަތެވެ. ދެފައި އޮޅިގެން މޫނު ވަތަށް ވެއްޓިދާނެހެން ހީވިފަހަރު ވެސް މަދެއް ނޫނެވެ. މުޅި މީހާ ދާހިތްލާ ފޯވެއްޖެއެވެ. ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ނުދިޔައެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިތާމަތަކާ ދުރަށް ދާން އީނާ އާއި އަލްޔަސްއަށް ފުރުސަތެއް ލިބުނެވެ.

އަލްޔަސް ހުރީ ގަދަ އަޅި ކުލައިގެ ޓީޝާޓަކާއި އައިސް ބްލޫކުލައިގެ ޖިންސެއްގައެވެ. ޖިންސްގެ ޖީބަށް ވާއަތް ޖަހައިލަމުން އަލްޔަސް ހިނިތުންވެލީ މޫނުމަތީގައިވި ކުލަވަރުތަށް ނެތިކޮށްލަމުންނެވެ. އީނާ އައިސް ކައިރިއަށް ހުއްޓިލަމުން އަލްޔަސްގެ ގައިގައި ބައްދާލީ ބާރަކަށެވެ. އޭނައަށް އިތުރަށް ކެތްނުކުރެވުނީއެވެ. އީނާގެ ތުނި ހަށިގަނޑު ދެއަތުން ވަށާލަމުން އަލްޔަސް ފުން ނޭވާއެއް ލިޔެވެ. ހީވީ އެތެރެހަށީގެ އުދާސްތައް ބޭރުކޮށްލި ހެންނެވެ. އެމޫނުމަތިން ފާޅުވެގެން ދިޔައީ ނިމުމެއް ނުވާ އުފާވެރި ކަމެވެ.

”މިސްޑް ޔޫ…” އަލްޔަސްގެ މޭގައި މޫނު ފޮރުވާލަމުން އީނާ ބުންޏެވެ. ބޭރަށް ނިކުންނަމުން ދިޔަ މީހުންގެ ލޯތައް އަމާޒުވަމުން ދިޔަ ކަމުގައި ވިޔަސް އޭނަގެ ފަރުވާލެއް ނެތެވެ. އަލްޔަސްގެ ހަށިގަނޑުގެ ހޫނުން އީނާއަށް ލިބުނީ ބުނަން ނޭގޭ ފަދަ އުފަލެކެވެ.

އީނާގެ ލޮލުން ކަރުނަ ފޭދުނީ ކީއްވެގެން ކަމެއް ނޭގެއެވެ. އަލްޔަސްގެ ޓީޝާޓް އަތަށް ބޮނޑިކޮށްލި ވަގުތު އީނާގެ ލޮލުން ކަރުނަ ތިކިތައް ފޭދިގަތީ ހަލުވިކޮށެވެ. އަލްޔަސް އަވަސް އަވަހަށް އީނާގެ ލޮލުން ފޭދުނު ކަރުނަތައް ފޮހެލަމުން އީނާގެ ނިތްކުރީގައި އޭނަގެ ނިތްކުރި ޖައްސާލަމުން އެތޫނު ދެލޯ އަމާޒުކޮށްލީ އީނާގެ ދެލޮލަށެވެ. އަލްޔަސްގެ ނޭވާތައް އީނާގެ މޫނުގައި ބޮސްދިނެވެ.

”ސޭމް ހިކިއްޖެހެން ހީވަނީ….” އީނާ ބުނެލުމާއެކު އަލްޔަސް ހީގަތެވެ. ”އަސްލުކޮށް ވެސް… ނުކަން ދޯ؟… ޑައިޓު ކުރަނީތަ؟ …” އީނާ ދެރަވިއެވެ. ކުރީގެ އަލްޔަސް އާއި މިހާރު ފެންނަމުން މިދާ އަލްޔަސް ވަރަށް ބޮޑުތަން ތަފާތެވެ. އެކަމުގެ ޒިންމާވެސް ނަގަން ޖެހޭނީ ހުދު އޭނައެވެ.

”އީނާ އައީމަ ދެން ރަގަޅުވާނެ، ތި ދެއަތުން ކާން ދެނިކޮށް ސޭމް ފަލަވެދާނެ….”

އިވުނު އަޑާއެކު އަލްޔަސް އަށް ޚައިރާންކަން ލިބުނެވެ. ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށް އޭނަ އަޑުއައި ދިމާއަށް ބަލާލިއެވެ. ގެނައި ލަގެޖްތައް ގިނަކަމާއެކު ބަރުކަމުން ނަޒްޔަކް ހުރީ މައިނޭވާލެވޭވަރު ވެފައެވެ. އޭނަ އަލްޔަސްއަށް އަތުގެ އިޝާރާތުން ހާއި ޖަހާލަމުން ހިނިތުންވެލިއެވެ.

”ސަޕްރައިޒްޑް….” އަލްޔަސް ގޮސް ޔަޒްޔަކް ގައިގައި ބައްދާލިއެވެ. ”ރިނީ ކިހިނެއްތަ؟…” ނަޒްޔަކް އަހާލިއެވެ.

(ނުނިމޭ)

 

 

45
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Other Articles

Previous

ހިތް ނުރޮއްވާ… (27)

Next

ބަރުބާދު (ތޭރަވަނަބައި)

Next
June 14, 2014

ބަރުބާދު (ތޭރަވަނަބައި)

Previews
June 11, 2014

ހިތް ނުރޮއްވާ… (27)

12 Comments

  1. aish says:
    June 12, 2014 at 11:51 am

    haadha bodu twist ekey dho.. hehe varah reethi inge story… dhn oh bai thaankolheh avahah up kohlahchey inge…cant wait 🙂

  2. sha says:
    June 12, 2014 at 11:53 am

    v v v v v salhi mi part… aww e dhemyhun gulhunii dhw.. dhn vaki nukurahcheyy.. nd family myhun ves ok vaane dhw varah avahah… all the best.. cant wait to read next part …. avahah upload kohdhehcheyy..plxx….:)

  3. shahoo says:
    June 12, 2014 at 1:53 pm

    v v salhii

  4. maayaa says:
    June 13, 2014 at 1:11 pm

    love this story …very nice

  5. sem says:
    June 13, 2014 at 7:02 pm

    v salhi..mi part vs

  6. sem says:
    June 13, 2014 at 7:02 pm

    v salhi..mi part vs

  7. ush says:
    June 14, 2014 at 11:09 am

    friday aku update eh nukurey …… waiting for the next part

  8. shai says:
    June 14, 2014 at 9:53 pm

    waiting for the nxt part

  9. Reen says:
    June 15, 2014 at 3:59 pm

    Wow mam. Good job mam. Thi gothugaa kuriyah dhey muthaaaaa. Hama saabahey Buneveyny 🙂

  10. liyu says:
    June 15, 2014 at 7:37 pm

    vvv nice mi prt 🙂 🙂

  11. fan says:
    June 15, 2014 at 8:19 pm

    Mutha ah kihinehvi tha anekka,, balivitha? Story up nuvaathi mi ahaali….. story vvv salhi

  12. shahoo says:
    June 16, 2014 at 1:10 pm

    avahah up kohdheeba

Comments are closed.

All Right Reserved!