ފުން އިހުސާސެކޭ 21
ޖެހިގެން އައި ދުވަހު ޢަލީއާއި މަލީހާ ފުރައިގެން ރަށަށް ދިޔައެވެ. އަނާނީމެން އެތައް ގޮތަކުން ވިސްނައިދޭން އުޅުމުން ވެސް، މަލީހާ މާލޭގައި އިތުރަށް މަޑު ކުރާކަށް އެއްބަހެއް ނުވިއެވެ. ވީ ގޮތް އޮޅުން ފިލުވަން ޑޮކްޓަރަށް ދައްކަން ބުނުމުން ވެސް ދެކޮޅުހެދީއެވެ. ހަޤީޤަތުގައި މަލީހާ ހުރީ މާ ބޮޑަށް ވެސް ހިތް ހަލާކު ވެފައެވެ. އިތުރަށް ޑޮކްޓަރަށް ދައްކައިގެން ތަޤުދީރު ބަދަލެއް ނުވާނެ ކަމަށް މަލީހާ ބުންޏެވެ. އަނެއްކޮޅުން، މަލީހާއަށް މަޖުބޫރު ކުރާކަށް ޢަލީ ބޭނުމެއް ނުވިއެވެ. އަނބިމީހާ އެދުން ގޮތަށް ކަންތައް ކުރީ އެހެންވެގެންނެވެ.
ޢަލީމެން ފުރުމުން އަނެއްކާވެސް ގެއަށް ފަޅުކަން ވެރިވެގެން ދިޔައެވެ. ލޫކަސް ވެސް އަނާނީއާ މާބޮޑަށް އަނގައިން ނުބުނާތީ، އަނާނީ އުޅެނީ ދުރުންނެވެ. ނަމަވެސް ގަޑިން ގަޑިއަށް ކާން ހަދައި، މިކަހަލަ ހުރިހާ ކަމެއް ބަރާބަރަށް ކުރަމުން ދިޔައެވެ. ލޫކަސް ވެސް ބަރާބަރަށް އަނާނީ ކޮލެޖަށް ގެންގޮސް ގެނެސްދީ ހަދައިދެއެވެ. ނަމަވެސް އެދެމެދުގައި އިތުރު އެއްވެސް ގުޅުމެއް ނެތެވެ. ހީވަނީ އެއް ގެއެއްގައި އުޅޭ ދެ ބީރައްޓެހިން ހެނެވެ. މުހިންމު ކަމެއް ވެގެން ނޫނީ އަނގައިން ބުނެލުމެއް ނޯވެއެވެ.
ލޫކަސް ސާރާގެ ފޯން ކޯލު ތަކާ މެސެޖުތަކަށް އަޅައިނުލައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާއަށް އެގޮތަށް ކަންތައް ކުރެވެނީ ކީއްވެ ކަމެއް ޚުދު ލޫކަސް އަކަށް ވެސް ނޭނގެއެވެ. ސާރާގެ އުޅުން ފެނިފައި ފޫހި ވަނީއެވެ. އަބަދުވެސް އުޅޭނީ ކޮންމެވެސް މީހަކާ ޖައްސާލައިގެނެވެ. ކުރިން މިކަންތައްތައް ލޫކަސްއަށް މަޖާ ވިޔަސް، މިހާރު ވަނީ ފޫއްސެވެ. ކުރިން ހިތުގެ މަލިކާ ކަމަށް ހަދައިގެން އުޅުނަސް، މިހާރު އެ ހިތުގައި ސާރާއަށް މާ ބޮޑު އިހުސާސެއް ނެތެވެ.
ލޫކަސް އެހެން އުޅެން ފެށުމުން ސާރާ އަކަށް ނުހުރެވުނެވެ. ހަޤީޤަތް އޮޅުން ފިލުވަން ބޭނުންވިއެވެ. ލޫކަސްއަށް އޭނާއަށް އެހެން ހެދިގެން ނުވާނެއެވެ. އަނާނީ ވަރިކޮށްފައި އޭނާގެ ގާތަށް އަންނަން މާ ލަސް ވެސް ވެއްޖެއެވެ. އެއްދުވަހަކު ކަމާއި ކަން ފަށާފައި ލޫކަސްގެ ގެއަށް ދިޔައީ އެހެންވެގެންނެވެ. ކަން ދިމާ ކުރި ގޮތުން މިއަދު ވެސް އާދެވުނީ އަނާނީގެ ކުރިމައްޗަށެވެ. ލޫކަސްއެއް ގެއަކު ނޫޅެއެވެ.
އަނާނީގެ ސިފައަށް އައިސްފައި ހުރި ބަދަލު ފެނިފައި ސާރާއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ކުރިން އެއޮއް ހިކި ހިކި ކޮށް ހުރި ކުއްޖާ މިހާރު ކުޑަކޮށް ފަލަހެން ހީވެއެވެ. އަދި ބަނޑާއި ދިމާލުން މާ ފަލަކަމަށް ދައްކައެވެ. ނަމަވެސް އެހެންވެގެނެއް ނުވާނެއެއް ނޫންހެއްޔެވެ. ސާރާގެ ރޭވުން ކާމިޔާބު ނުވަނީ ހެއްޔެވެ. ފުރަތަމަ ފަހަރަށް ސާރާއަށް އެކަމާ މެދު ވިސްނައިލެވުނެވެ.
“ކޮބާތަ ލޫކް؟” ސާރާ ބޭނުންވީ ވީހާވެސް އަވަހަށް ލޫކަސްއާ ބައްދަލު ކޮށް ސުވާލު ކުރާށެވެ.
“މިހާރު އަންނަން އުޅޭނެ.” އަނާނީގެ މޫނުމަތީގައި ވަނީ ވަރުބަލި ކަމެވެ. “އިށީނދޭ.” ސާރާ ކައިރީ އިށީންނަން ބުނެފައި އޭނާ ވަނީ ކޮޓަރިއަށެވެ. ކޮލެޖަށް ދިޔުމުގެ ކުރިން ނިދައިލަން އަނާނީ ބޭނުމެވެ. މިހާރު ކުޑަކޮށް ހިނގައިލިޔަސް ހުންނަނީ ވަރުބަލި ވެފައެވެ. އަނާނީއަށް ލަފާ ކުރެވޭ ގޮތުގައި ބަނޑަށް މިހާރު ފަސް މަސް ވެދާނެއެވެ. މިހާރު ކުޑަކުޑަ ކޮށް ބަނޑުން ވެސް އިނގުން ވެއެވެ. ނަމަވެސް މާ ބޮޑަށް ފާހަގަ ނުވަނީ އަނާނީ މިހާރަކަށް އައިސް ދޫ ކޮށް ހެދުން ލާތީއެވެ. އަނެއްކޮޅުން އަނާނީގެ ހަށިގަނޑު އުފެދިފައި ހުންނަ ގޮތުން ކިތައްމެ ވަރަކަށް ކެޔަސް ފަލައެއް ނުވެއެވެ. ކުޑަކޮށް ވެސް ފަލަވާން މި ފެށީ ބަނޑުބޮޑުވި ފަހުންނެވެ.
އަނާނީ ގޮސް ކޮޓަރިއަށް ވަނުމުން ސާރާއަށް އިނދެވުނީ ލޯ އަޅައިގެންނެވެ. އިރުކޮޅަކުން ތެދުވެ އޭސީއާއި ޓީވީ އޮން ކޮށްލިއެވެ. އެއާއެކު ސޯފާއަށް ދެފައި އަރުވައިގެން އިށީން ގޮތުން ހީވަނީ އަމިއްލަ ގޭ ހެންނެވެ. ލޫކަސްއަށް އާދެވުނީ އެ ދަނޑިވަޅުގައެވެ. ލޫކަސް ދޮރު ހުޅުވައިލުމުން ވެސް ސާރާ އިނީ ހަމަޖެހިލައިގެން އެ އިން ގޮތަށެވެ.
“ޔޫ ކޭމް.” ލޫކަސްގެ މޫނަށް ވީ ގޮތް ފެނިފައި ސާރާ ބުނެލީ ޖެއްސުމަށެވެ. “ވަރަށް ދުވަސް ވެއްޖެއެއްނު މަށަށް ފިލައިގެން އުޅޭތާ. މި އައީ ވީ ގޮތެއް ބަލާލަން.”
ލޫކަސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައި ބަލަހައްޓައިގެނެވެ. އޭނާ ސާރާ ދެކެ ފޫހި ވާން ފެށީ މިކަހަލަ އެތައް ސަބަބުތަކަކާއި ހެދިއެވެ. ސާރާގެ ކިބައިގައި ލަދު އޭ ކިޔާ ސިފައެއް ނުހުރެއެވެ. ހުރިހާ ކަމެއް ވެސް ވާން ޖެހޭނީ އޭނާ ބޭނުންވާ ގޮތަށެވެ. އެހެން މީހުން ދެކޭނެ ގޮތަކާއި މެދު އެއްވެސް ވަރަކަށް ވިސްނައިނުލާނެއެވެ.
“ވަޓް އާ ޔޫ ޑުއިންގް؟” ލޫކަސް ހުރީ ހިތްހަމަނުޖެހިފައެވެ.
“ކިހިނެއް ވީ؟ ލޫކް އަހަރެން ދެކެ މިހާރު ފޫހި ވީތަ؟ ވައި އާ ޔޫ އެވޮއިޑިންގް މީ؟ ބުނެބަލަ ތި ވެގެން އުޅޭ ގޮތެއް އަސްލު.” ސާރާ ތެދުވެފައި ގޮސް ލޫކަސްގެ އަތުގައި ހިފައިގެން ގެނެސް ގަދަކަމުން ސޯފާގައި ބޭންދިއެވެ. “ޕްލީޒް ޓެލް މީ!”
“މިއީ ރަނގަޅު ވަގުތެއް ނޫން ތި ވާހަކަ ދައްކަން.” ސާރާއާ ހަތަރު ކަޅި ހަމަ ކުރާކަށް ލޫކަސް ބޭނުމެއް ނުވިއެވެ.
“މިއަށްވުރެ ރަނގަޅު މުނާސަބު ވަގުތެއް އަހަންނަކަށް ނުފެނޭ. ދެން ބުނެބަލަ. ވަޓް ޑިޑް އައި ޑޫ ރޯންގް؟ ލޫކް ހަމަ ކުއްލިއަކަށް ހުރެފަ އަހަންނާ ދުރު ތިވީ. ޔޫ ކާންޓް ޑޫ ދެޓް އިނގޭ.” ސާރާގެ އަޑުގައި ވަނީ މާޔޫސް ކަމެވެ.
“ސާރާ. އައި އޭމް މެރީޑް ނައު.” ބުނަން ބޭނުން ނުވެފައި ހުރެ ވެސް ލޫކަސް ބުނެލިއެވެ.
“ވަޓް؟” ސާރާއަށް ހީވީ މޫނުމަތީގައި އެތިފަހަރެއް ޖެހި ހެންނެވެ. “އައި ނޯ ޔޫ އާ މެރީޑް. އެކަމަކު ލޫކް ބުނީމެއްނު އަހަރެން ދެކެއޭ ލޯބި ވަނީ. އަނާނީ ވަރި ކޮށްފަ އަހަންނާ އިންނާނަމޭ. ހަނދާނެއް ނެތްތަ އަހަރެމެންގެ ފިއުޗާ ޕްލޭންސް؟ އަނެއްކާ.. ލޫކް.. އަނާނީ ދެކެ.. ލޯބި ވާން ފެށީތަ..” ސާރާ ފެންކަޅިވިއެވެ.
“ނޫން! އެކަމަކު މީހަކާ އިނދެގެން ހުރެ މިހެން ގުޅުމެއް ބާއްވަން އަހަރެންގެ ހިތް އެއްބަހެއް ނުވޭ. ސާރާ ކައިރީ ބުނިން ދެ އަތްނބަން އިންނަން. އެކަމަކު ސާރާ އެއްބަސް ނުވީ އެއްނު.” ލޫކަސް ކިޔައިދިނެވެ.
“ލޫކް ހަމަ މިހާރު އަނާނީ ވަރި ކުރޭ!” ސާރާގެ ގާތަށް ރުޅި އައެވެ. “މި ބުނީނު ވަރި ކުރާށޭ! ތީ މަގޭ މީހެއް. ވީ ވިލް ބީ ޓުގެދާ ނޯ މެޓާ ވަޓް!”
“ސާރާ! ހަމަޖެހިބަލަ! ތިހެން އުޅޭތީއޭ އަހަރެން ފޫހި ވަނީ!” އެންމެފަހުން ނުބުނަން ހުރި އެތި ވެސް ލޫކަސްއަށް ބުނެވުނީ ސާރާ އުޅެން ފެށި ގޮތަކުންނެވެ. ލޫކަސްގެ ގަމީހުގެ ގިރުވާނުގައި ހިފެހެއްޓުމުން ދުރުކުރަން ޖެހުނީ ގަދަކަމުންނެވެ. “އަހަންނަކަށް ނެތޭ އަނާނީ ވަރި ކުރެވޭކަށް އަދި. ނުލާހިކު ރީއްޗަށް ކިޔައިދިނިން ދޯ ވީ ގޮތް ވެސް. ދެން ކޮން ފާޑަކަށް ތިއުޅެނީ؟”
“އަނާނީ އަދިވެސް ޕްރެގް ތަ؟” ނުބައި ކާ އެއްޗެއް އަނގައަށް ލެވުމުން ވާ ކަހަލަ ގޮތެއް ސާރާގެ މޫނަށް ވިއެވެ.
“ތިބުނީ؟” ލޫކަސްއަށް ސާރާގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު ސާރާއަށް އެހުނީ ކޮން ކަހަލަ ސުވާލެއް ކަން ރޭކާލުމުން ވަގުތުން މޫނުގެ ކުލަވަރު ބަދަލު ކޮށްލިއެވެ.
“މިބުނީ.. އަނާނީ ނުވިހާހޭ އަދިވެސް.” ސާރާ އަވަހަށް އޮޅުވައިލިއެވެ.
“އާން. އަދި ވިހާ ހާ ދުވަހެއް ނުވެއެއްނު. އާ ޔޫ ޑަމްބ؟” ލޫކަސް ދެފަރާތަކަށް ބޯ ހޫރުވައިލިއެވެ.
“މަށަށް ކިހިނެއް އެނގޭނީ އޭނަ ވިހާ ޑޭޓެއް.” ސާރާ ރުޅި އަންނަ ގޮތް ދައްކައިލިއެވެ. ނަމަވެސް ސިކުނޑީގައި ވަނީ ނުތަނަވަސްކަމެވެ. އޭނާގެ ރޭވުން ފެނަށް ދިޔަ ގޮތަކާއި މެދު ވިސްނެން ފެށުނެވެ. ސިކުނޑީގައި އެތައް ސުވާލުތަކެއް ފުނި ޖެހިފައި ހުއްޓަސް، ޖަވާބު ހޯދޭނެ ގޮތެއް ނެތެވެ. އަނާނީ އެ ޖޫގޯ އެދުވަހު ނުބޮއެ އެއްލައިލީ ކަމަށް ސާރާއަށް ޤަބޫލުކުރެވުނެވެ. އަދި އަނާނީދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. ދެން އެންމެ ފަސޭހައިން އަނާނީގެ ކިބައިން ލޫކަސް ސަލާމަތް ކުރާނެ ގޮތަކާއި މެދު ސާރާއަށް ވިސްނަން މަޖުބޫރު ވެއްޖެއެވެ. އެހެން ނޫނީ ސާރާއަށް ލޫކަސް އަބަދުގެ އަބަދަށް ގެއްލިދާނެއެވެ. މިހާރުވެސް އެކަމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ސިހުރަކީ ސާރާ ޤަބޫލު ކުރާ އެއްޗެއް ނޫނަކަސް، އެވަގުތު ސިކުނޑި ސުމަކަށް ގޮސްފައި ހުރުމުން، އަނާނީއަށް ސިހުރު ހަދަން ވެސް ވިސްނުނެވެ. ދެމަފިރިން ވަރި ކުރުވުމަށް އިސްތިރި ވަރިތޮޅި ފަދަ އެއްޗެހި ހަދާ ކަމަށް ސާރާ ވެސް މުސްކުޅިން ކިޔާތީ އަހައިފައި ވެއެވެ.
ސާރާ އަވަހަށް ފޮނުވައިލަން ވެގެން އޭނާގެ ހިތް ރުއްސަން ލޫކަސް ބުނީ އަނާނީ ވިހަން ދެން އޮތީ ދެތިން މަސް ކަމަށާއި، އަނާނީ ވިހެއުމާ އެކީ ސާރާއާ ބައްދަލު ކުރާނެ ކަމަށެވެ. އެއަށްފަހު ދެން ކަންތައް ކުރާނެ ގޮތެއް ދެމީހުން މަޝްވަރާ ކޮށްގެން ނިންމާނީ ކަމަށް ބުނެފައި ބުނީ ތިން މަސް ވަންދެން އޭނާއާ ދުރުގައި އުޅުމަށެވެ. ލޫކަސް އެހާ ޔަޤީން ކަން ދިނުމުން ސާރާ އެކަމަށް ރުހުނެވެ. އެގެއިން ނުކުމެގެން ދިޔައީ ހިނިތުންވެ ހުރެއެވެ. ނަމަވެސް އަދިވެސް އަނާނީއަށް އޮތް ހަސަދަ ފިލުވައިލަން ހިތުގައި އޮތް އަޒުމަށް ބަދަލެއް ނާދެއެވެ. ތިން މަސް ވަންދެން ސާރާ އެންމެ ލޯބިވާ މީހާއާ ދުރުގައި އުޅުމަށް މަޖުބޫރު މިވީ ހަމަ އަނާނީގެ ސަބަބުން ނޫން ހެއްޔެވެ.
ލޫކަސް އާއި އެކީ އަނާނީ ޑޮކްޓަރަށް ދައްކަން ދިޔައީ އެރެއެވެ. ގައިނަކޮލޮޖިސްޓަކަށް ދެއްކުމުން އެނގުނީ ބަނޑަށް ހަތަރު މަހާއި ބައި ވެފައި ވާ ކަމެވެ. ގައިނީގެ ނަޒަރުގައި ލޫކަސްއާއި އަނާނީ ތިބީ އެ ލިބުނު ޚަބަރުން ވަރަށް އުފާވެއެވެ. އެއީ އެމީހުން ދައްކަން ބޭނުންވި ގޮތް ވެސް މެއެވެ. އަލްޓްރާސައުންޑް ސްކޭން ހެދުމުން ކުޑަ ދަރިފުޅު ބަނޑުގައި އޮތްތަން ފުރަތަމަ ފަހަރަށް ފެނި އަނާނީއަށް ކުރެވުނީ ވަރަށް އެހެން ކަހަލަ އިހުސާސެކެވެ. އޭގެން ދަރިފުޅުގެ ޖިންސު އެނގިގެން ދިޔުމުން އަނާނީއަށް ލޫކަސްގެ އަތުގައި ހިފަހައްޓައިލެވުނީ ބޭއިޚްތިޔާރުގައެވެ. ހަޤީޤަތުގައި އެތާ ލޫކަސްގެ ބަދަލުގައި ފިރިއެއްގެ މަގާމުގައި ޔާނިއު އިން ނަމަ އަނާނީ މާ އުފާވެ ހިތްހަމަޖެހުނީހެވެ. ނަމަވެސް އެއީ ވާނެ ކަމެއް ނޫންކަން ވެސް އެނގެއެވެ. ލޫކަސްގެ މޫނުމަތިން މާ ބޮޑު ޝުޢޫރެއް ނުފެނުއް ކަމަކު އޭނާ އިނީ ހިނިތުންވެލައިގެންނެވެ. ޑޮކްޓަރުގެ ކުރިމަތީގައި އެގޮތް ދައްކަން ބޭނުންވަނީ ކަމުގައި ވެސް ވެދާނެއެވެ.
ޑޮކްޓަރު ހައިރާންވެފައި އަހައިލީ ބަނޑުބޮޑު ކަން ކުރިން އަނާނީއަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެނީތޯ އެވެ. އަނާނީ ދޮގު ހަދަން ބޭނުން ނުވިޔަސް ޖެހުނީ ބޯ ޖަހާށެވެ. ޑޮކްޓަރަށް ޤަބޫލު ނުކުރެވިފައި އިނަސް، ވަރަށް މަދުން ނަމަވެސް އެހެން ވާ ކަމުގައި ބުނެލިއެވެ. ނަމަވެސް އޭނާގެ ޕޭޝަންޓަކަށް އެހެން މިވީ އަދި އަލަށް ކަމަށް ވެސް ބުންޏެވެ. އެހެން ބައެއް މީހުންނަށް 6 މަސް ވާ އިރު ވެސް ބަނޑުބޮޑުކަން ނޭނގި ދާ ކަމުގައި ބުނެލީ އަނާނީ ހިތްހަމަނުޖެހުނު ހެން ހީވެގެންނެވެ.
ގެއަށް ދެވުނު އިރު އަނާނީ ހުރީ ވަރުބަލި ވެގެން ނިދައިލަން ބޭނުންވެފައެވެ. ނަމަވެސް ލޫކަސްއަށް ރޭގަނޑުގެ ކެއުން ތައްޔާރު ކުރަން ޖެހޭނެތީ ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްލައިގެން ނުކުތީ އަވަހަށް އެކަން ކޮށް ނިންމާލައިގެން ނިދަން ދިޔުމަށެވެ. ނަމަވެސް އަނާނީ މާ ބުރަހެލި ގޮތަކަށް ބަދިގެ ތެރެއަށް ވަން މަންޒަރު ފެނިފައި ލޫކަސް ގޮސް ހުއްޓުވާފައި ބުނީ އޭނާ އަމިއްލައަށް ނޫޑުލިސް ކައްކައިގެން ކާނެ ކަމުގައެވެ. އަނާނީއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެނބުރި ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު ލޫކަސް އިތުރު ކޮށްލިއެވެ. “މާދަން ލިއުދައްތަ މެންނަށް ގުޅާފަ ޕްރެގް ވާހަކަ ބުނަންވީނު؟ ބަނޑަށް ވީ ކިތައް މަސް ކަން ބުނާނެ ކަމެއް ނެތް. ހަމައެކަނި ޕްރެގް ކަން ބުނެލާނީ. އަވަހަށް ބުނުން ސަޅި ވާނީ. އެންޑް ކޯލް ޔޯ ދޮންބެ ޓޫ.”
“ހްމްމް. ހޭލައިގެން ތިކަމާ އުޅޭނީ މާދަން.” އަނާނީ ބުންޏެވެ.
ޖެހިގެން އައި ދުވަހު އަނާނީ ހުރީ ލިއުޝާމެންނާއި، ދޮންބެމެންނަށް ގުޅަން ޖެހޭކަން ހަނދާން ނެތިފައެވެ. ނަމަވެސް ލޫކަސް އޮފީހަށް ދިޔަ އިރު އެކަންތައް ބޮލުގައި އޮތެވެ. އެހެންކަމުން، ވަގުތުން ފައިސަލް ދޮންބެއަށް ގުޅައިގެން އެ ހަބަރު ދިނެވެ. ރާގުން ވަރަށް އުފާވެފައި ހުރިކަން ދައްކަން ލޫކަސް މަސައްކަތް ކުރިއެވެ. އަދި އެ މަސައްކަތް ކާމިޔާބުވި ކަން އެނގިގެން ދިޔައީ އެކޮޅުން މަރުޙަބާ ކިޔައި ހެދުމުންނެވެ. ލިއުދައްތަ މިހާރުންސުރެ ވެސް ކުޑަދަރިފުޅަށް ބޭނުންވާ އެއްޗެހި ލަންކާއިން ފޮނުވާނެ ކަމުގައި ބުންޏެވެ. އެ ދެމަފިރިން ތިބީ ލޫކަސްގެ އުފަލުގައި ބައިވެރިވެގެންނެވެ. ނަމަވެސް އެމީހުން ފޯނު ބޭއްވުމުން، އަނާނީގެ ދޮންބެމެންނަށް ގުޅާކަށް ލޫކަސްއަކަށް ނުކެރުނެވެ. އެކަންތައް ދޫކޮށްލާނީ އަނާނީއަށެވެ. ހަމަ އެދުވަހު އެދުވަހު އަނާނީ ކްލާސް ނިމިގެން ނުކުންނަނިކޮށް އެރުނީ ޒުހާގެ ކުރިމައްޗަށެވެ. އޭރު ރީޝާ ވެސް ޒުހާއާ އަރައި ހަމަ ކުރަނީއެވެ.
“އޭ މިގޮލާ ހާދަ ފަލަ ވެއްޖޭ މިހާރު. ރީޝް އަކަށް ފާހަގައެއް ނުވޭތަ؟ ޔަގީން ނަހަލާލަށް ބަނޑުބޮޑު ވީ ކަން.” ޒުހާ ސިއްރުން ކަަމަށް ހަދާފައި ވެސް ބުނީ އަނާނީއަށް އަޑު އިވޭނެ ވަރަށެވެ.
“އައި އޭމް މެރިޑް ނައު. ހެޕީ؟ މަށެއް ދެން ނުދުވާނެ އެންނު ތިމީހުންގެ ބިޓުން ފަހަތުން.” އަނާނީ ގާތަށް އައި ރުޅިގަނޑު މައިތިރި ކޮށްލީ ސަމާސާއަކުންނެވެ. މީހުންގެ ޒާތީ ކަންކަމާ ބެހެން ޒުހާ މިއީ ދެން ކާކު ހެއްޔެވެ.
“ވަޓް ދަ… ހޫ އިޒް ދަ އަންލަކީ ގައި؟” ޒުހާއަށާއި ރީޝާއަށް ސިހުން ލިބުނީ އެއްފަހަރާއެވެ. އިތުރު މަޢުލޫމާތު ހޯދަން ދެމީހުންނަށް ވެސް ތެޅިގަނެވުނެވެ. މާ މަޑުން ހުރެފައި އެންމެ ފަހުން އަނާނީ މީހަކާ އިންކަން ވެސް މީހަކަށް އަންގައި ނުލައެވެ. ހާދަ ވަގު ކޮށް އުޅޭ އަންހެން ކުއްޖެކެވެ. އެ ކައިވެނީގެ ފަހަތުގައި ކަންތައް ގަނޑެއް ނުވެއެއް ނުދާނެއެވެ. އެހާ ޅަ އިރު ކުއްލިގޮތަކަށް މީހަކާ އިންނާނީ ކޮންމެވެސް ކަމެއް ފޮރުވަން ކަން ޔަގީނެވެ. އެހެނަސް އަނާނީ ޖަވާބެއް ނުދީ ފަސްދީފައި ދިޔުމުން ޒުހާއަށާއި ރީޝާއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. ސިއްރުން ފުރިގެންވާ މި އަނާނީގެ ހަޤީޤަތް އޮޅުންފިލުވަން ވެއްޖެއޭ ބުނާ ފަދަ ގޮތަކަށެވެ.
(ނުނިމޭ)
One Comment
Comments are closed.
Varah reethi ?