ފުން އިހުސާސެކޭ 20

- by - 4- November 25, 2019

އަނާނީ ގެއަށް ދިޔަ ގޮތަށް ތާޒާ ވެލައިގެން މަޣްރިބު ނަމާދު ކުރަން ފެށިއެވެ. ނަމާދު ކުރަންވީމައި އަނާނީ ދަނީ އޭނާގެ އަމިއްލަ ކޮޓަރިއަށެވެ. ނަމާދަށްފަހު އާދައިގެ މަތިން ދުޢާއަށް އިނެވެ. މިފަހަރު ދުޢާގައި އޭނާއަށް ކެތްތެރިކަން ދެއްވުމަށް އެދުނެވެ. އަދި ޔާނިއުއާމެދު އުފެދިފައިވާ ބާރުގަދަ އިހުސާސް ނައްތައިލުމަށް އޭނާއަށް ވާގިވެރިކަން ދެއްވުމަށް މާތްﷲގެ ކިބައިން ދެންނެވިއެވެ.

އިރުކޮޅަކު ޤުރުއާން ކިޔަވާލަން އިނދެފައި އަނާނީ ނުކުތް އިރު މަލީހާ ވަރަށް މީރު ކާއެއްޗެއް ތައްޔާރު ކޮށްގެން އުޅޭކަން އެނގުނީ ދުވަން ފެށި މީރު ވަހަކުންނެވެ. އެވަހުން އަނާނީގެ ބަނޑުފުރިގެން ދިޔަކަހަލައެވެ. އަވަސްއަވަހަށް ކާގެއާ ދިމާއަށް ދިޔައިރު މަލީހާ ޢަލީއަށް ކާން ތައްޔާރު ކުރަނީއެވެ. އަދި އަނާނީ ފެނުމުން ބުނެލިއެވެ. “އަނހަ މިއޮއް އައީނު ނާނި! އަވަހަށް ކާން އިށީނދޭ! މިއަދު އާ ރެސިޕީއެއް ތައްޔާރު ކޮށްފަ މިހުރީ. ނާނި ނައިސްގެން މި ތިބެނީ. ކޮބާ ލޫކް؟”

“ލޫކަސް އެބައިން ކޮޓަރީގަ ލެޕާ ކުޅެން..” އަނާނީ މިހެން ބުނެލިތަނާ ލޫކަސް އެތަނަށް އަރައި ހަމަކުރަނީއެވެ. “މިހުރީނު!”

މަލީހާ އާދައިގެ މަތިން ލޫކަސްއަށް ކާން އިށީނުމަށް ގޮވައިލިއެވެ. ނަމަވެސް އެހެންޏާ އެންމެންނާއެކު ކެއުމުގައި ބައިވެރިވާ ލޫކަސް މިއަދު މަޑުކުރެވެން ނެތް ކަމަށް ބުނެ ދިޔައީ ބޭރަށެވެ. މަލީހާ ކުޑަކޮށް ދެރަވިތަން ފެނިފައި އަނާނީ އޭނާ ހިތްހަމަ ޖައްސައިލަދޭން ބުނީ ، ލޫކަސް އޮފީސް ކަމެއްގައި ދާން ޖެހުނީ ކަމަށެވެ. ނަމަވެސް އަސްލު ލޫކަސް އެ ދިޔަ ތަނެއް އަނާނީ އަކަށް ނޭނގެއެވެ. އަދި ހޯދާކަށް ޝައުގުވެރިކަމެއް ވެސް އަމުދުން ނެތެވެ.

ލޫކަސްގެ އިންތިޒާރުގައި ސާރާ އިނީ މާގިރި ހޮޓެލްގެ އެންމެ މަތީގައެވެ. އެތަނަށް އޭނާ އަންނަ ހިތްވާ އެއް ކަމަކީ މީހުން މަދު ކަމުންނެވެ. އަނެއްކޮޅުން މާލޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއްތަނެވެ. ސްޓޮރޯބެރީ ފްލޭވާޑް ލެމަނޭޑް އެއްގެ އެތިފޮދެއް ބޯލާފައި ގަޑިއަށް ބަލާލައެވެ. ލޫކަސް ބުނި ގަޑިއަށްވުރެ ލަސްވުމުންނެވެ.

އިރުކޮޅަކުން ލޫކަސް އެތަނަށް އައި ތަން ފެނިފައި ސާރާ ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ. “ޔޫ އާ ލޭޓް.” ސާރާ ފޫހިވެފައި އިން ކަން މޫނުމަތިން ދައްކައިލިއެވެ. އޭރު ލޫކަސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އަދި ވެއިޓަރަށް ގޮވާލާފައި ކޮފީއެއް ގެނައުމަށް ބުންޏެވެ.

“ފިލްމެއް ބަލަން އޮވެވުނީ. ވަޓްސް އަޕް ބޭބީ؟ ހައު ހެވް ޔޫ ބީން؟” ލޫކަސް ސާރާގެ އިސްތަށިކޮޅު ކަންފަތް ފުރަގަހަށް ލައިދެމުން އާދައިގެ ގޮތަކަށް ވާހަކަ ދައްކަން ފެށިއެވެ.

ސާރާ ވަގުތުން ލޫކަސްގެ އަތް ފޮޅައިލިއެވެ. “ޕްލީޒް. އެ މުޑުދާރު އަންހެން ކުއްޖާގެ ގައިގަ އަތްލަ އަތްލާފަ މަގޭ ގައިގަ އަތް ލާނެ ކަމެއް ނެތް.” އަނާނީދެކެ ނަފްރަތު ކުރާވަރު ހާމަ ކުރާކަށް ސާރާ ފަހެއް ނުޖެހުނެވެ.

“ހާދަ ރުޅި އެކޭ ދޯ ތި އަންނަނީ.” ލޫކަސްއަށް މަޖާވިއެވެ.

“ނޮޓް ފަނީ. ދެން ބުނެބަލަ. ކީއްވެތަ އޭނައާ އިނީ؟ ކޮން ކަހަލަ މަޖުބޫރަކުން؟” ސާރާ ވީހާވެސް އަވަހަށް އެ ވާހަކަ ފަށައިގަތެވެ.

“ބުނެފާނަން ކީއްވެ ކަން. އެކަމަކު ސާރާ ޖެހޭނެ އޭގެ ކުރިން ހުވާ ކުރަން މި ވާހަކަ އިތުރު އެއްވެސް މީހެއް ގާތު ނުބުނާނަން ކަމަށް. ވަރަށް ބޮޑު ކަމަކަށް ވީމަ މިހެން މިބުނީ.” ލޫކަސް ބުންޏެވެ.

ސާރާ ވަގުތުން ހުވާ ކުރިއެވެ. އެއާއެކު ލޫކަސް ހުރިހާ އެއްޗެއް ފެށިގެން ނިމެންދެން ކިޔައިދޭން ފެށިއެވެ. އަނާނީއަށް އެހީވާނޭ އިތުރު މީހެއް ނެތުމުން، އިންސާނިއްޔަތަށްޓަކައި އޭނާއަށް އެހީވާން ނިންމީ ކަމުގައި ލޫކަސް ބުނުމުން ސާރާ އިނީ ޤަބޫލު ނުކުރާށެވެ. އަދި އަނާނީގެ ބަނޑުގައި ވާ ދަރި އަކީ ލޫކަސްގެ ދަރިއަކަށްވެސް ވުން އެކަށީގެންވެޔޭ ބުނުމުން ލޫކަސް ނުރުހުނެވެ.

“ނުވާނެ! ބުނެފާނަން ވާހަކައެއް. އިނުމުގެ ކުރިން ވެސް، ފަހުން އެ އަންހެން ކުއްޖާ ގައިގަ އަތެއް ނުލަން. ސާރާ ޤަބޫލު ކުރިޔަސް ނުކުރިޔަސް މިއީ ހަޤީޤަތް.” ލޫކަސް ހިތްހަމަނުޖެހިފައި އިނދެގެން ބުންޏެވެ.

“އޯކޭ ތި ވާހަކަ ޤަބޫލު ކޮށްފާނަން ލޫކް ތިހާ ޔަގީންކަމާއެކު ބުނަންޏާ. އެކަމަކު އަނާނީ ޕްރެގްއޭ ތިބުނި ވާހަކަ ތިއީ ހަމަ ތެދެއްތަ؟ އެހެންވެއްޖިއްޔާ ލޫކް ނޫން މީހެއް ނެތީތަ ހަމަ އޭނައަށް އެހީވާން؟ ކޮބާ އެ ދަރިފުޅުގެ ބައްޕަ؟” ސާރާ ސުވާލު ކުރަން ފެށިއެވެ.

“އޭނަގެ ހަބަރެއް ނުވެގެންތާ މިކަން ކުރަން މި ޖެހުނީ!” އެތައް ފަހަރަކު އެކައްޗެއް ތަކުރާރު ކުރަން ޖެހުމުން ލޫކަސް ރުޅި އަންނަ ގޮތްވިއެވެ. މިކަން ފާހަގަވެފައި، ލޫކަސް އެ ހަދަނީ ތެދެއް ކަމަށް ސާރާއަށް ޤަބޫލުކުރެވުނެވެ. އަދި އެއާއެކު ފުން ނޭވާއެއް ލެވުނީ ލޫކަސްގެ ހިތް އަދިވެސް އޮތީ ސާރާގެ އަތުގައި ކަން ވިސްނުމުންނެވެ. އެހެންކަމުން އޭނާއަށް މާ ބޮޑު ހާސްކަމެއް ނެތެވެ. ދެން ކޮށްލަން ޖެހޭނީ ކުޑަކުޑަ ކަމެކެވެ. އެކަން ވެސް ވަގުތުން ސިކުނޑީގައި ރާވައިލިއެވެ.

އޭގެ ހަފްތާއެއް ފަހެވެ. އަނާނީ އެސައިންމެންޓެއް ހަދަން ވެގެން ލެޕްޓޮޕް ހިފައިގެން ނުކުތީ ބޭރަށެވެ. މާ ގިނަ ވަގުތު ކޮޓަރީގައި ހޭދަ ކުރަންޏާ ސިކުނޑި ހާސްވާކަމަށް ރޭ ކީ އާޓިކަލެއްގައި އޮއްވާ ފެނުނެވެ. އެހެންކަމުން ސިޓިންގ ރޫމަށް ނުކުތީ ބޯ ހަމަޖައްސާލާށެވެ. އެވަގުތަކީ މަލީހާއާއި އަލީ ބޭރުގައި އުޅޭ ވަގުތެވެ. ހީވަނީ މަލީހާ ޑޮކްޓަރަށް ދައްކަން ގޮސްހެނެވެ. މަލީހާ ދަމުން އަނާނީ ކައިރީގައި، މިއަދު ފަހަރެއްގައި ވަރަށް އުފާވެރި ހަބަރެއް ގެންނާނަން ކަމުގައި ބުނެފައިވެއެވެ. އަނާނީ ހުރީ އެކަމުގެ ވެސް އިންތިޒާރުގައެވެ. އޭރު ލޫކަސް އަދި އޮފީހަކުން ނާދެއެވެ. ގޭގައި އުޅެނީ އަނާނީ އެކަންޏެވެ.

އަނާނީ އިނީ ސޯފާގައި ދެފައި ވަށްކޮށްލައިގެނެވެ. ސަމާލުކަން އެއްކޮށް ދެވިފައި ހުރީ ހަދަމުންދާ އެސައިންމެޓަށެވެ. ނަމަވެސް އެހެން އިންދައި ބަނޑުހައިކަން އިހުސާސް ވެގެން ތެދުވެ ގޮސް ބަދިގެ ފަރާތަށް ވަނެވެ. މަލީހާ މެންދުރަށް ކައްކާފައި ހުރި ކުޅިމަހުން އެތިކޮޅެއް ތަށްޓަކަށް އަޅައިގެން، ދެ ރޮށި ލައިގެން އައިސް އަލުން ސޯފާގައި އިށީނެވެ. ލެޕްޓޮޕް ސޯފާގެ އެއްފަޅީގައި ބައިންދައިގެން އިނދެ ވަރަށް ހާލުން ކަމުން، އެއާ އެއްވަރަށް އެސައިންމެންޓު ހަދަމުން ދިޔައެވެ.

ކުއްލިއަކަށް ބެލް ޖެހި އަޑު އިވިގެން އަނާނީއަށް ދޮރާ ދިމާއަށް ބަލައިލެވުނެވެ. “މިގަޑީ ކާކު…” އަނާނީ އިނީ ތެދުވަން ބޭނުން ނުވެފައެވެ. ނަމަވެސް ދެވަނަ ފަހަރަށް ވެސް ބެލް ޖެހުމުން ތެދުވަން މަޖުބޫރުވިއެވެ.

ދޮރުގައި އިންނަ ބޭރު ފެންނަ ލޯވަޅުން ބަލައިލި އިރު ފެނުނީ ސާރާއެވެ. އަނާނީއަށް ފަހަތަށް ޖެހިލެވުނެވެ. އަދި ހިތަށް އެރިއެވެ. ސާރާ މިހާރު މިގެއަށް އަންނަންވީ ކޮން ބޭނުމަކު ހެއްޔެވެ. ލޫކަސް ހޯދަން ހެއްޔެވެ. އަނާނީއާ އިނުމަށްފަހު ވެސް ލޫކަސްއާ ސާރާގެ ގުޅުން ކުރިއަށް ދަނީތާއެވެ. ޔަޤީނެވެ. ސާރާ އެ އައީ އަނާނީއަށް ކޮންމެވެސް އިންޒާރެއް ދޭށެވެ. އެއީ ކޮންމެ އިންޒާރަކަށް ވިޔަސް، އެއަށް ދޭނެ ރައްދު އަނާނީއަށް ވަރަށް ސާފެވެ. އޭނާ ލޫކަސް ދެކެ ލޯތްބެއް ނުވެއެވެ. އަދި ސާރާއާ ލޫކަސްއާ ދެމެދު ކޮންމެ ގުޅުމެއް އޮތަސް އޭނާގެ ފަރުވާލެއް ނެތެވެ. އެއީ އޭނާއާ ބެހޭ ކަމެއް ނޫނެވެ.

ތިންވަނަ ފަހަރަށް ބެލް ޖެހުމުން އަނާނީ އަވަސް އަވަހަށް ދޮރު ހުޅުވައިލިއެވެ. ސާރާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެ، ހިނިތުންވެލިތަން ފެނުނެވެ.

“ލޫކް އެއް ނެތް.” އަނާނީ ވެސް ވާހަކަ ދެއްކީ ހިނިތުންވެ ހުރެއެވެ. ސާރާއަށް ބޭއިޚްތިޔާރުގައި ބުމަ އަރުވައިލެވުނެވެ.އަނާނީ ލޫކަސްއަށް “ލޫކް”އޭ ކިޔާފައި މުޚާތަބު ކުރާ އަޑެއް މީގެ ކުރިން ސާރާއަށް އިވިފައެއް ނުވެއެވެ. އެކަމާ ހިތްހަމަނުޖެހެވުނެވެ. ނަމަވެސް އަވަސް އަވަހަށް އަނެއްކާވެސް އެއްކަލަ ހިނިތުންވުން މޫނުމައްޗަށް ގެނައެވެ.

“އަހަރެން މިއައީ ލޫކް ހޯދާކަށް ނޫން. ލޫކްގެ ލޯބި ވައިފްއާ މީޓް ކޮށްލަން.” ސާރާ އަނާނީގެ މޫނަށް ބަލާލާފައި ސޯފާތަކާ ދިމާއަށް ހިނގައިގަތެވެ. ހައިރާންވެފައި ހުރެ ފަހަތުން އަނާނީވެސް ހިނގައިގަތެވެ. ސާރާގެ މަގްސަދާމެދު އޮޅުންއަރާފައި ހުރެއެވެ.

“ކޯއްޗެއް މިއަދު ކެއްކީ؟” ކޮފީ ޓޭބަލް މަތީގައި އަނާނީ ބަހައްޓާފައި ހުރި ކުޅިމަސް ތަށްޓަށް ބަލާލާފައި ސާރާ އެއްސެވެ.

“ތިއީ މިއަދު ކެއްކި އެއްޗަކީ.” އަނާނީ ލެޕްޓޮޕް ނަގައި އުނގުމަތީ ބޭންދިއެވެ.

“ދިސް އިސް އިޓް؟ އަނާނީ!” ސާރާ ދެފަރާތަކަށް ބޯހޫރުވައިލިއެވެ. “އިނގޭތަ އަނާނީ މިހާރު ރަނގަޅަށް ކާން ޖެހޭނެ ކަން؟” ސާރާ ބުނެލި އެއްޗަކުން އަނާނީ ސިހުނެވެ. އެހެން އެބުނީ ކީއްވެ ހެއްޔެވެ. ސާރާއަށް ހުރިހާ ކަމެއް އެނގެނީ ހެއްޔެވެ. ޔަޤީނެވެ. ލޫކަސް ނުބުނެ ނުހުންނާނެއެވެ.

އަނާނީ ހާސްވެފައި ހިންދިރުވައިލި ތަން ސާރާ އިނީ ވައްކަޅިން ބަލާށެވެ. ސާރާއަށް އެތެރެ އެތެރެއިން ހެވުނެވެ. އަނާނީ ބިރުގަތް ވަރު ފެނުމުން މަޖާވިއެވެ. “މިބުނީ، މީހަކާ އިނީމަ ޖެހޭނޭ ރަނގަޅަށް ސިއްހަތަށް ބަލަން. އޭރުން ތި އަނަރޫފަކަން ފިލައި ގޮސް ހަޒްބަންޑް ވެސް ހެޕީ ވާނީ!” ސާރާ ހޭންފެށުމުން އަނާނީގެ މޫނަށް ރަތް ކުލަ ވެރިވިއެވެ. ނަމަވެސް ވަރަށް ނު ގޮތަކަށް އެ ހުނުމުގައި ބައިވެރިވެލިއެވެ.

“ހިނގާ ޕިއްޒާ އޯޑަރ ކުރަން؟” އިރުކޮޅަކު ފޯނާ ކުޅެން އިނދެފައި ސާރާ ޚިޔާލެއް ދިނެވެ. އަނާނީ ހުރީ އަދިވެސް ހައިރާންވެފައެވެ. ސާރާ މިހާ ގާތްކޮށް އަނާނީއާ މި ވާހަކަ ދައްކަނީ ކީއްވެ ހެއްޔެވެ. ކުރިން ނަމަ އޭނާ ފެނުނަސް ހުންނާނީ މޫނު ހަދައިގެންނެވެ. “ދޯ؟” އަނާނީ ޖަވާބެއް ނުދީ އިނުމުން ސާރާ ބުނެލިއެވެ.

“އޯކޭ..” އަނާނީ ޝައްކެއް މަތީގައި އިނދެގެން އެއްބަސްވިއެވެ. ސާރާ ވަގުތުން ފޯނު ނަގައި ޕިއްޒާއަށް އޯޑަރު ދިނެވެ. އަނާނީ އިނީ ލެޕްޓޮޕުން ނަޒަރު ވަކިކޮށް ނުލައެވެ.

“ލޫކް ރަނގަޅުތަ އަނާނީއަށް؟” ސާރާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. އަނާނީ ރައްދުގައި ހަމައެކަނި ބޯ ޖަހައިލީއެވެ. ސާރާ އިނީ ފޫހިވެގެން ހަލާކު ވެފައެވެ. އަނާނީއާ ދައްކަންވީ ވާހަކައެއް އޭނާއަކަށް ނޭނގެއެވެ. އަދި އަނެއްކޮޅުން އަނާނީ ވެސް މި އިންނަނީ އަނގަ ބަންދު ކޮށްގެން މަންމަނަކަށް ވެގެންނެވެ. ސާރާއަށް އިންތިޒާރު ކުރެވެނީ ޕިއްޒާ އަންނާނެ އިރަކަށެވެ.

މާ ގިނަ އިރުތަކެއް ނުވެ ޕިއްޒާ އައިއްސިއެވެ. އަނާނީ ތެދުވުމުގެ ކުރިން ސާރާ ފުންމައިގެން ތެދުވެ ގޮސް ޕިއްޒާ ހިފައިގެން އައެވެ. އަނާނީ ހިތަށް އެރިއެވެ. ޕިއްޒާ އެހާ އަވަހަށް އަންނަންވީ ކީއްވެ ހެއްޔެވެ. ގައިމު އެތަނުން އަނާނީ އެހެންޏާ އޯޑަރު ކޮށްގެން، މަދު ވެގެން 45 މިނިޓު ހުންނަން ޖެހެއެވެ.

ސާރާގެ އެއް އަތުގައި އިނީ ޗޮކްލެޓު ޖޫގޯ އެކެވެ. އޭތި އަނާނީއަށް ދިއްކޮށްލަމުން ބުނެލިއެވެ. “ޔޫ ޑްރިންކް ދިސް. އައި ޑޯންޓް ލައިކް ދެއާ ޖޫގޯ އެކަމަކު މީތި ވޭސްޓު ކުރާކަށް ނުވާނެ ދޯ. އަނާނީ ބޯލާ. އަނާނީއަށް މީރުވެސް ވެދާނެ.” އެއާއެކު ސާރާ ޕިއްޒާ ފޮށި ހުޅުވައިފައި ކާން ފެށިއެވެ.

އަނާނީ އެ ޖޫގޯގައި ހިފިއެވެ. ނަމަވެސް ހަޤީޤަތުގައި އޭނާއަކަށް ވެސް އެތަނުގެ ޖޫގޯ މީރެއް ނޫނެވެ. އެހެނަސް ސާރާ އެހެން ދިއްކޮށްލުމުން ނުބޯނަމޭ ބުނަން ނުކެރުނީއެވެ. އަނާނީ އޭތި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ޕިއްޒާ ފޮއްޗެއް ނެގިއެވެ. ޕިއްޒާގައި އެއްވެސް ހޫނުކަމެއް ނެތްކަން އޭނާއަށް ފާހަގަވިއެވެ. ހީވަނީ ގިނަ އިރު ވެފައި ހުރި ޕިއްޒާއެއް ހެނެވެ. ނަމަވެސް ސާރާ ހަމަޖެހިލައިގެން ކާން އިންތަން ފެނުމުން އަނާނީވެސް ކާން ފެށިއެވެ.

“ޖޫގޯ ނުބޮންތަ؟” ސާރާ ދެރަވެފައި ހެން އަހައިލިއެވެ. މިފަހަރު އަނާނީއަށް ޖެހުނީ ޖޫގޯ ނަގާށެވެ. އަދި ބޯން ވެގެން ހޮޅި އަނގައަށް ލީ ތަނާ ތަޅުދަނޑިން މީހަކު ދޮރު ހުޅުވައިލި އަޑު އިވިފައި ދެމީހުންނަށް އެއްފަހަރާ ދޮރާ ދިމާއަށް ބަލައިލެވުނެވެ. އަނާނީ ޖޫގޯ ދުރުކޮށްލިއެވެ. ސާރާ ތެދުވެފައި ގޮސް ދޮރުން ވަދެގެން އައި ލޫކަސްގެ ގައިގައި އޮޅުލައިގަތެވެ. “އައި މިސްޑް ޔޫ ބޭބީ!” ސާރާގެ މަގްސަދަކީ އަނާނީ ހަސަދަވެރި ކުރުވަން ކަން ލޫކަސްއަށް އެނގުނެވެ. އަދި އަވަސް އަވަހަށް ސާރާ ދުރުކޮށްލީ ލަދުވެތިކަން މޫނަށް ވެރިވެގެން ހުރެއެވެ. އަނާނީގެ ފިރިމީހާއަށް ވެ ހުރެ، އެ ދެމެދުގައި ގުޅުމެއް ނެތްކަމުގައި ވިޔަސް، އަނާނީގެ ކުރިމަތީގައި ހިލޭ އަންހެނަކާ ގައިގޯޅިވާން ލޫކަސް އަށް ނުކެރުނީ ކީއްވެ ކަމެއް ނޭނގެއެވެ.

“އަނާނީގެ ދޮންބެމެންނަށް ފެނިދާނެ” ލޫކަސް ހަނދާންވެފައި ބުނެލިއެވެ. ސާރާ ރަކިވި ވަރުން ބުމައަށް ގޮތެއް ހަދާލާފައި ލޫކަސްއާ ވީހާވެސް ދުރަށް ޖެހުނެވެ.

“އައި ބްރޯޓް ޕިއްޒާ. ކައްޗޭ.” ސާރާ އޭނާގެ ދަބަސް ހިފައިގެން ދޮރުން ނުކުންނަން ދިޔައީ އެއްވެސް މީހަކަށް ބަލައި ވެސް ނުލައެވެ. ލޫކަސްއަށް މި ކުރެވުނީ ކޮން ކަހަލަ ކަމެއް ކަން އޭނާއަށް ނަގައިގަނެވުނެވެ. ފަހުން ސާރާ މިކަމާ ޒުވާބު ކޮށް ބޮޑު ކަމަކަށް ހަދައިލާނެއެވެ.

“ސާރާ ކީއްވެ މިގެއަށް އައިސްގެން؟ ކޮބާ ދޮންބެމެން؟” ލޫކަސް އަނާނީ ކައިރީ އަހައިލިއެވެ.

“އައި ހޭވް ނޯ އައިޑިއާ.” އަނާނީ ދެކޮނޑު އަރުވައިލިއެވެ. އޭނާ ކާން އިން ޕިއްޒާ ފޮތިން އެތިކޮޅެއް ކައިލި ތަނާ އޯކަށް ދެމި ހޮޑުލަވާ ގޮތް ވީ އެވަގުތެވެ. އަނާނީ ދުއްވައިގަތީ ފާހާނާއާ ދިމާއަށެވެ. ލޫކަސް ވެސް ހާސްވެގެން ފަހަތުން ދިޔައެވެ.

އަނާނީ ހޮޑުލިއެވެ. މަންޒަރު ބަލަން ލޫކަސް ހުރީ އަނާނީއަށް އެހީވާން ދާން ނުކެރިފައެވެ. އަނާނީ ފާހާނައިން ނުކުމެގެން އައުމުން ފެންފޮދެއް ގެނެސްދެންތޯ ލޫކަސް އަހައިލިއެވެ. އަނާނީ އެއަށް ބޯ ޖަހައިލިއެވެ. އަދި ހަށިގަނޑުން ހަކަތަ ހުސްވެފައި ހުރި ކަމުގެ އިހުސާސް ކުރެވެން ފެށުމުން އެނދުމަތީގައި އޮށޯތެވެ. އެހިނދު އަނާނީއަށް ރޮވެން ފެށުނީ ކީއްވެ ކަމެއް ނޭނގެއެވެ.

ލޫކަސް ބޭރަށް ނުކުތް އިރު ކޮފީ ޓޭބަލް މަތީގައި ހުރި ޕިއްޒާ ފޮށްޓާއި ޖޫގޯ ތަށި ފެނުނެވެ. ކައިރިއަށް ގޮސް ބަލައިލި އިރު އެ ޕިއްޒާގައި މީހަކު ކާ ހިތްވާ ވައްތަރެއް ނުޖަހައެވެ. ނަމަވެސް ބާކީ އަދިވެސް 6 ފޮތި އޮތެވެ. އެ ހުރި ގޮތް ފެނިފައި، އިތުރު މީހަކު އެ ނުކާނެކަން އެނގި ހުރެ، ޑަސްބިނަށް ލާން ގެންދިޔައެވެ. ނަމަވެސް ކައިރީގައި ހުރި ޖޫގޯ ތަށި އަނާނީ ފަހުން ބޮއެފާނެ ހެން ހީވުމުން އޭތި ލީ އައިސް އަލަމާރި އަށެވެ.

ލޫކަސް ފެން ތަށްޓެއް ހިފައިގެން އައި އިރު އަނާނީ އޮތީ އެނދުމަތީގައި އޮށޯވެލައިގެންނެވެ. ދެލޯ މަރައިގެން އޮތް އިރު، ނިތްކުރިމަތީގައި ދެ އަތް ބާއްވާލާފައި ވިއެވެ. ލޫކަސް ކައިރިއަށް ޖެހިލާފައި ހުން އެބަހުރި ހޭ އަހައިލިއެވެ. އަނާނީ ސިހުނީ ލޫކަސް އެގޮތަށް ކުއްލިއަކަށް އައިސް ކަންފަތް ކައިރީ އެހެން ބުނުމުންނެވެ. އަދި ވަގުތުން ނޫނެކޭ ބުނެލާފައި ފެންތަށީގައި ހިފިއެވެ. އެއަށްފަހު ޝުކުރު އަދާ ކޮށްލިއެވެ. ލޫކަސް އިތުރު އެއްޗެކޭ ނުބުނެ ފާހާނާއަށް ވަނީ ފެންވަރާށެވެ.

މަލީހާއާއި ޢަލީއަށް ގެއަށް އާދެވުނު އިރު އިރު އޮއްސިއްޖެއެވެ. ދެމަފިރިންގެ މޫނުމަތީގައި ވަނީ އާދަޔާ ޚިލާފު އުފާވެރި ކަމެކެވެ. މަލީހާ ފުަރަތަމަ ވެސް ހޯދީ އަނާނީއެވެ. ނަމަވެސް ލޫކަސްގެ ކޮޓަރީގައި ޓަކި ޖެހުމުން ދޮރެއް ނުހުޅުވިއެވެ. އެ ކޮޓަރީގައި އަލިކަމެއް ނެތް ކަން އެނގުމުން، ނިދާފައި ކަމަށް ނިންމާފައި މަލީހާ ބަދިގެއަށް ވަނީ ކަރު ހިއްކާފައި ހުރިލެއް ބޮޑު ކަމުންނެވެ. އައިސް އަލަމާރި ހުޅުވައިލި އިރު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ޗޮކްލެޓު ޖޫގޯ އެވެ.

އަނާނީއަށް ހޭލެވުނު އިރު ބޮލަށް ހުރީ ބަރުވެފައެވެ. ކޮޓަރިތެރެ އަނދިރި ކަމުން، ކައިރީގައި ހުރި ނައިޓް ސްޓޭންޑް މަތީގައި ހުރި ލޭމްޕް ދިއްލައިލަން އުޅުނު ވަގުތު، ކައިރީގައި މީހަކު އޮތް ހެން ހީވެގެން އަތް ހިންގައިލިތަނާ އަނާނީއަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ލޫކަސްއަށް ވެސް ސިއްސައިގެން ގޮސް ހޭލެވުނެވެ. އޭނާ ވަގުތުން ލޭމްޕް ދިއްލައިލީ ވެގެން އުޅޭ ގޮތެއް ބެލުމަށެވެ. އަނާނީ ފުންމައިގެން އެނދުން ތެދުވީ ބިރެއް ފެނުނު ހެންނެވެ.

“ކިހިނެއް ވީ؟” ލޫކަސްގެ އަޑުގައި ވަނީ ނިދިމޯޅި ކަމެވެ.

“ޔޫ ވާރ ސްލީޕިންގް… ބިސައިޑް މީ..” އަނާނީ ދުރުގައި ހުރެފައި ވާހަކަ ދެއްކިއެވެ.

“އޯހް! އައި އޭމް ސޮރީ! ފެންވަރައިގެން އައިސް އެނދުމަތީގަ ޖައްސާލިތަނާ ހަމަ ނިދުނީ!” ވީ ގޮތް އޮޅުން ފިލުމުން ލޫކަސް މާފަށް އެދުނެވެ.

“ކީއްވެ އަހަރެން ނިދިފަ އޮއްވާ ނުގޮވީ؟ އަހަރެން އަނެއް ކޮޓަރިއަށް ދިޔައިމުހޭ.” އަނާނީ އަދިވެސް ހުރީ ހިތްހަމަނުޖެހިފައެވެ. ލޫކަސް އަކީ މޫސުން ބަދަލުވާހެން މިޒާޖު ބަދަލުވާ މީހެކެވެ. އޭނާގެ ނިޔަތެއް ރަނގަޅަށް އެނގޭ ވަރެއް ނުވެއެވެ. އެހެންކަމުން އަބަދުވެސް ހުންނަން ޖެހެނީ ޝައްކެއްގެ މަތީގައެވެ.

“އަނާނީ ނިދާފަ އޮތީމަ އުނދަގޫ ކުރަން ބޭނުން ނުވީ.” ލޫކަސް ޖަވާބު ދިނެވެ.

“ވަޓް ޑޫ ޔޫ މީން އުނދަގޫ ކުރަން ބޭނުން ނުވީއޭ؟ އަހަންނަށް މާ އުނދަގޫ ވޭ އެބަ މިހާރު. މި ހުރިހާ އިރު ލޫކަސް ކައިރީ ނިދަން އޮވެވުން ކަން އެނގުނީމަ.” އަނާނީ އަންގައިދޭން ބޭނުންވީ އެކަހަލަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރަމަށެވެ.

“ވަޓް އިޒް ދަ ބިގް ޑީލް؟؟ އަނާނީއަށް ހީވަނީތަ އަނާނީ ނިދާފަ އޮއްވާ އަހަރެން ކަމެއް ކުރީ ކަމަށް؟؟” ލޫކަސް އަކަށް ނުހުރެވުނެވެ. އެނދުން ތެދުވެފައި އަނާނީގެ ކުރިމަތީގައި ހުއްޓުނެވެ. “ބުނަން ވާހަކައެއް؟ މަ މިއީ އެހާ ގޮތްކުޑަ މީހެއް ނޫން! ބައެއްފަހަރު ހިތަށް އަރާ އަނާނީއާ އިނދެވުނީ ކޯއްޗެއް ހިތަށް އަރައިގެން ބާއޭ! މަށަށް ފައިދާއެއް ނުވާ ތާނގަ ލިބެނީ ވެސް ހަޑި ނަން! ތިއީ މީހަކު ކޮށްދޭ ރަނގަޅު ކަމެއް ބަލައިގަންނަން އެނގޭ މީހެއް ނޫން!” ލޫކަސް ފާހަނާއަށް ވަދެފައި ބާރަށް ދޮރު ޖެހިއެވެ. އަނާނީއަށް ލޫކަސް އެ ބުނި އެއްޗަކާ މެދު ވިސްނައިލެވުނެވެ. އަދި އޭނާއަށް ކަންތައް ކުރެވުނީ މާ ރަނގަޅަށް ނޫންކަން ވިސްނި، އިސްޖަހައިލެވުނެވެ. އަނާނީ ހިތަށް ވިސްނައިދިނީ، އެއަށް ވުރެ ރަނގަޅަށް ލޫކަސްއާ ދޭތެރޭ ކަންތައް ކުރުމަށެވެ. ނަމެއްގައި ކަމުގައި ވިޔަސް، ފިރިމީހާއަށް ވީތީ ޤަދަރު ކުރަން ދަސްކުރުމަށެވެ.

އެރޭ އަނާނީ ކޮޓަރިން ނުކުތް އިރު މަލީހާ ބުނެފައި އޮތް ފަދައިން ވަރަށް ވެސް އުފާވެރި ޚަބަރެއް ދިނެވެ. އެއީ މިއަދު ޑޮކްޓަރަށް ގޮސް ހެދި ޓެސްޓު ތަކުން މަލީހާ ބަނޑުބޮޑު ކަން ދެއްކުމެވެ. އެންމެ ފަހު ފަހަރު ޑޮކްޓަރަށް ދެއްކުމުން ދިން ބޭހެއް ކެއުމުގެ ނަތީޖާ ކަމަށް ބުންޏެވެ. އަދި މާތްﷲގެ ކުޅަދުންވަތަކަމަށް އެތައް ފަހަރަކު މަލީހާ ޝުކުރު ކުރިއެވެ. އެ ވާހަކަ ކިޔައިދިން އިރު މަލީހާ ދެލޮލުގައި ވިދުވަރެއް ވީ ހެން ވެސް އަނާނީއަށް ހީވިއެވެ. އޭނާ ހުރީ އެހާވެސް އުފާ ވެފައެވެ. އަނާނީއަށް ވެސް ބުނެދޭން ނޭނގޭ ކަހަލަ އުފާވެރި ކަމެއް އިހުސާސްކުރެވުނެވެ. އަދި ދޮންބެގެ ދެމަފިރިންނަށް މަރުހަބާ ކިޔެވެ. އަނާނީ ނުކެރިފައި ހުރެގެން ގޮސް ލޫކަސްއަށް އެ ހަބަރު ދިނުމުން އޭނާވެސް މަރުހަބާ ކިޔެވެ. އޭރު ލޫކަސްގެ މޫނުމަތީގައި ރުޅިވެރި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ލޫކަސް އާއި ޢަލީ ގޮސް ސީކްރެޓް ރެސިޕީ އިން ކޭކެއް ގެނައީ އެންމެން ވެގެން އެދުވަސް ފާހަގަ ކުރާށެވެ. އެ ގޭގައި ވަނީ ވަރަށް އުފާވެރި މާޙައުލެއް އުފެދިފައެވެ.

ކޮންމެ އުފަލަކާއެކު ހިތާމައެއް އަންނަ ކަމަށް މީހުން ބުނަނީ ހަމަ ހެޔޮކޮށެވެ. ނަމަވެސް މިފަހަރު އެ ހިތާމަ އައީ މާ އަވަހަށެވެ. މަލީހާ އެރޭ ނިދަން އުޅެނިކޮށް މާ ގަދަޔަށް ބަނޑުގައި ރިއްސައިގަތެވެ. ނަމަވެސް ޢަލީ ކައިރީގައި ބުނަން ނުކެރިފައި ހުރެ، ފާހަނާއަށް ވަން އިރު ދިމާވި ކަމަކުން މަލީހާއަށް ހަޅޭއްލަވައިގަނެވުނެވެ. އެހާ ބައިވަރު ލޭ ފައިބައި ވީ ތަން ފެނުމުން، އެއީ ގޯހެއް ކަން ނަގައި ގަނެވުނެވެ. މަލީހާގެ އަޑަށް ޢަލީ ފާހަނާ ދޮރު ހުޅުވައިލި އިރު މަލީހާ އިނީ ރޯށެވެ.

އަނާނީ މެންނާ ހަމައަށް އެ ޚަބަރު އައުމުން، އަނާނީގެ ހިތް ހީވީ ގެނބުނު ހެންނެވެ. މަލީހާ ރޯތީ ހިތްވަރު ދޭން ދިޔައިރު އޭނާއަށް ވެސް ނުރޮއެ ނުހުރެވުނެވެ. ރުއިން ހުއްޓާ ނުލައި ހުރެ، މަލީހާ ހޮސްޕިޓަލަށް ދާން ވެސް ދެކޮޅު ހެދިއެވެ. އެރޭ ވެގެން ދިޔައީ އެ ކުޑަ ކުޑަ އާއިލާއަށް ކަޅު ޞަފްހާ އަކަށެވެ.

މަލީހާ ކުށްވެރި ކުރީ އަމިއްލަ ނަފްސެވެ. އޭނާގެ ނަސީބުގައި ދަރިއަކު ލިބުން ނެތީ އޭނާގެ ބަދުނަސީބު ކަމުން ކަމުގައި ބުންޏެވެ. ޢަލީ ހުރީ ފެންކަޅިވެފައެވެ. ނަމަވެސް އަނބިމީހާއަށް އެވަގުތު ބޭނުންވާނެ ހިތްވަރާއި، އަޅައިލުން ދިނުމުގައި ސާބިތުވެ ހުއްޓެވެ.

ދަންވަރު ނަމަވެސް ސާރާގެ ލޮލަކަށް ނިންޖެއް ނައެވެ. ފޯނަށް ބަލަހައްޓައިގެން އޮތީ ލޫކަސްގެ ކޯލެއްގެ އިންތިޒާރުގައެވެ. އޭނާ ބޭނުންވާ ކަހަލަ ޚަބަރެއް ވަރަށް އަވަހަށް ލިބޭނެ ކަމުގެ ފޮނި އުއްމީދުގައި އެހެން އޮވެ އޮވެ، ލޫކަސް މެސެޖެއް ވަރު ވެސް ކޮށް ނުލުމުން ކެތްތެރިކަން ކޮޅުންލިއެވެ. ނޯވެވިގެން އަމިއްލައަށް ލޫކަސްއަށް ގުޅިއެވެ.

“ކީއްވެގެންތަ މަށަށް ހަބަރެއް ވެސް ނުވެ ތި އުޅެނީ؟” ސާރާ އާދައިގެ މަތިން ކޮށްލީ ޝަކުވާ އެކެވެ.

“ސާރާ.. ދިސް އިސް ނޮޓް ދަ ރައިޓް ޓައިމް.. ވަރަށް ބޮޑު ކަމެއް ވެގެން މި އުޅެނީ.. ފަހުން ގުޅާނަން.” ލޫކަސްގެ އަޑުގައި ހާސްކަން ވިއެވެ. ސާރާގެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. އިތުރު އެއްޗެކޭ ވެސް ނުބުނެ ފޯނު ކަނޑައިލީ، އޭނާ އަޑު އަހަން އެދި އެދި އޮތް ވާހަކަ އަޑު އިވުމުންނެވެ. ސާރާގެ ރޭވުން ކާމިޔާބުވީ ކަމުގައި އޭނާ ދެކުނެވެ. އަމިއްލަ ނަފްސާމެދު ފަހުރުވެރި ވެލިއެވެ. “ގުޑް ޖޮބް ސާރާ!”

ރައްޓެއްސެއް މެދުވެރިކޮށް، ޖޫގޯއަށް އަޅާފައި އަނާނީއަށް ދިނީ ދަރި ވަށްޓާ ބޭހެވެ. ހަޤީޤަތުގައި އެ ޕިއްޒާ އަށް އޯޑަރު ކުރީ މާ ކުރިންނެވެ. ސާރާގެ އިޝާރާތަށް އޭތި އަނާނީއާ ހަމައަށް ގެނެސްދިނީ އެ އެކުވެރިޔާއެވެ. ހުރިހާ ކަމެއް ވެސް ހިނގީ ސާރާގެ ރޭވުމާ އެއްގޮތަށެވެ. މިރޭ ސާރާއަށް ވަރަށް އަރާމުގައި ނިދޭނެއެވެ. ނަމަވެސް ސާރާ އެގެއިން ދިޔުމަށްފަހު، އޭނާގެ ރޭވުން ފަހުން ނާކާމިޔާބުވެ، ހުރިހާ ދެރައެއް ލިބުނީ އެހެން މީހަކަށް ކަމެއް އޭނާ ނުދެނަހުއްޓެވެ. އޭނާގެ ސަބަބުން، ދެމަފިރިއެއް އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެން ފުނޑު ފުނޑުވި ކަމެއް ރޭކާ ނުލިއެވެ. އެ ދެމަފިރިންގެ ހުވަފެނީ ގަނޑުވަރު ބިމާ ހަމަވީ ކުޑަ  ހިނދުކޮޅެއްގެ ތެރޭގައެވެ.

(ނުނިމޭ)

 

 

4

You may also like...

2 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.