އެވްލީން… 11
އެވްލީން ކުޑަ އިރުކޮޅެއް ވަންދެން ވިސްނަން ހުރުމަށްފަހު ހިނގައިގަތީ ބެލްކަންޏާ ދިމާއަށެވެ. ބޯ ފަރުދާތައް ކަހާލުމަށްފަހު އެވްލީން ބެލްކަންޏަށް ނިކުތެވެ. އެވަގުތު ގެސްޓް ރޫމާއި ދިމާއަށް ފޯނުން ވާހަކަ ދައްކަމުން ހިނގާފައި ދިޔަ ޒަވީން ފެނުމާއެކު އެވްލީންއަށް ހީވީ އޭނަގެ ހިތުގެ ތެޅުން މަޑު ޖެހިލިހެންނެވެ. ހިތަށް ވެރިވެގެން ދިޔަ ޖަޒްބާތުތަކުން އެވްލީންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ޒަވީން ފޯނުން ވާހަކަ ދައްކަމުން އެދަނީ ކާކާބާވައެވެ ؟ ޒަވީން ކުއްޖަކާއި ރައްޓެހިވެގެން އުޅެނީ ބާވައެވެ ؟ އަޖައިބެކެވެ. ޒަވީން މީހަކާއި ފޯނުން ވާހަކަ ދެއްކުމުން އޭނަގެ ހިތަށް ދަތުވާންވީ ކީއްވެ ހެއްޔެވެ ؟ ޒަވީން އޭނަ ނޫން އަންހެން ކުއްޖަކާއި ވާހަކަދައްކަން އެހިތް ނުރުހެނީ ކީއްވެ ހެއްޔެވެ ؟…
ޒަވީން ގެސްޓް ރޫމަށް ވަނުމާއެކު އެވްލީންގެ ގިސްލުމުގެ އަޑުން ފަޒާގެ ހިމޭންކަން މުގުރާލިއެވެ. އެވްލީން ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ދިޔައީ ގިނަވަމުންނެވެ. އެދޮން ކޯތާފަތުގައި މޫތިތަކެއް ފަދައިން ކަރުނަތިކިތައް ވިދަމުން ދިޔައިރު ކޮންމެ ކުރެހުންތެރިއަކުވެސް އެހިތްތައް ކަތިލާނެ ފަދަ މަންޒަރު ކުރަހަން ބޭނުންވާނެއެވެ. އެވްލީންގެ ހިތުގައި ތޫނު ރިހުމެއް އުފެދިފައި ވާއިރު އޭނައަށް ނޭވާލާން އުނދަގޫ ވާހެންވެސް އިހްސާސް ވަމުންދިޔައެވެ.
” ލީން މިތާ ކީއްތިކުރަނީ ؟ މަންމަ ލީން ނުފެނިގެން ހޯދާތާ ކޮންއިރެއް … ” އެވްލީން ސިއްސައިގެން ދިޔައީ ޖުނެއިނާގެ އަޑަށެވެ. އެވްލީން އަވަސް އަވަހަށް ކަރުނަތައް ފޮހެލުމަށްފަހު ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަމުން ޖުނެއިނާއާއި ދިމާއަށް ބަލައިލިއެވެ. ” ކީއްކުރަން މަންމަ އަހަރެން ހޯދަނީ ؟ ” އެވްލީން އަހާލިއެވެ. ” ދަރިފުޅަށް އެއްޗެއް ދައްކާލަން ކަމަށް… ” ޖުނެއިނާ އޭނަގެ އަތުގައި އޮތް ފޮޓޯ އަލްބަމް ދައްކާލިއެވެ.
ޖުނެއިނާ އެވްލީން ގޮވައިގެންގޮސް ސޯފާގައި އިށީނެވެ. އޭރު ޖުނެއިނާގެ ތުންފަތުގައި ކުޅެލަމުންދިޔައީ ވިހަ ހިނިތުންވުމެކެވެ.
” ތީ ކޮން ފޮޓޯ އަލްބަމެއްތަ ؟ ” އެވްލީން އެހިއެވެ. ” ދަރިފުޅު ހަނދާނެއްނުވޭތަ… މީދަރިފުޅުގެ ކުޑައިރުގެ ފޮޓޯ އަލްބަމެއްނު ؟ ” ޖުނެއިނާ ފޮޓޯ އަލްބަމް ހުޅުވާލިއެވެ. އެވްލީން ދެލޯބޮޑު ކޮށްލުމަށްފަހު ފޮޓޯތަކަށް ބަލަމުން ދިޔައެވެ. އޭގައި އެވަނީ އޭނަ ނުވެސް ދަންނަ ބައެއްގެ ފޮޓޯތަކެކެވެ.
” ދަރިފުޅާ ހަނދާނެއް ނުވޭތަ ؟ ” ޖުނެއިނާ އަޑަށް މާޔުސްކަން ވެރިކުރުވަމުން އަހާލިއެވެ. އެވްލީންއަށް ޖުނެއިނާގެ ސުވާލަށް ޖަވާބެއް ނުދެވުނެވެ. އޭނަ ޖުނެއިނާ ދައްކަމުން ދިޔަ ފޮޓޯތައް ބަލަމުން ދިޔައިރު އޭނަގެ ބޮލުގައި ތޫނު ރިހުމެއް އުފެދިފައިވެއެވެ. ބައެއްފަހަރު ބޯފަޅާއިގެން ހިނގައިދާނެހެން ވެސް ހީވެއެވެ. ނޭވާ ކުރުވެ ނޭވާލާން އުނދަގޫ ވަމުންދިޔައެވެ.
އެވްލީންއަށް އަންނަމުންދިޔަ ބަދަލުތައް ފެނުމުން ޖުނެއިނާގެ މޫނަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ޒަވީން އެހާބޮޑަށް މަނާ ކުރުމުންވެސް އޭނަ އެވްލީންއަށް ކުރީގެ ކަންތައްތައް ހަނދާން ކޮށްދޭން އެއުޅެނީ ބަދަލުހިފުމުގެ ގޮތުންނެވެ. ހުރިހާ އެކުވެރިން ކުރިމަތިން އޭނަ ފުލުސް ޖީޕަށް އެރުވި ދުވަހު އޭނަ ހާދަ ލަދެއްގަތެވެ. މިއަދު ވީކަމެއް ފަދައިން އޭނަގެ ލޯކުރިމަތިން އެމަންޒަރުތައް ސިފަވެއެވެ. އަދިވެސް އެއިން އެކުވެރިޔަކާ ބައްދަލުކުރަން ޖުނެއިނާއަކަށް ނުކެރެއެވެ. ” ދަރިފުޅު ހަނދާނެއް ނުވޭތަ ދަރިފުޅު ކިޔަވަން ބޭރަށް… ” ޖުނެއިނާ… ” މިފްޒާލްގެ އަޑަށް ޖުނެއިނާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އަލްބަމް ފޮރުވަމުން މިފްޒާލްއާއި ދިމާއަށް ޖުނެއިނާ ބަލައިލިއެވެ. އޭރު މިފްޒާލް ރުޅިވެރި ނަޒަރަކުން އޭނައާއި ދިމާއަށް ބަލަހައްޓައިގެން ހުރުމުން އެހިތް ރޫރޫ އަޅައިގެން ދިޔައެވެ.
” އަހަރެން ބޭނުން ޖުނެއިނާއާއި ވާހަކައެއް ދައްކާލަން… ” މިފްޒާލް ރުޅިއައިސްފައި ހުރިކަމުގައި ވީނަމަވެސް ވާހަކަދެއްކީ މަޑުމައިތިރި ގޮތަކަށެވެ. ޖުނެއިނާގެ މޫނުގައި ދާތިކިތައް ވިދާ ބަބުޅައިގަތީ މިފްޒާލް މަނާ ކުރުމުންވެސް އޭނަ އެވްލީންގެ ކޮޓަރިއަށް އައިސްފައި ހުއްޓާ މިފްޒާލްއަށް ފެނުމުންނެވެ. ޖުނެއިނާ ސޯފާއިން ތެދުވަން އުޅުނު ވަގުތު އޭނަ އެހާވަރުން ފޮރުވަން އުޅުނު ފޮޓޯ އަލްބަމް ބިންމައްޗަށް ވެއްޓުނެވެ. ޖުނެއިނާ ހިންދިރުވާލަމުން މިފްޒާލްއާއި ދިމާއަށް ބަލައިލިވަގުތު މިފްޒާލް ދެބުމަ ގޮށްޖަހާލައިގެން އޭނައާއި ދިމާއަށް ބަލަހައްޓައިގެން ހުރުމުން ޖުނެއިނާއަށް ބިރުންގޮސް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. މިފްޒާލް އެވްލީންގެ ކޮޓަރިން ނިކުމެގެންދިޔައެވެ.
” މަންމާ.. ބައްޕަ ހާދަ ރުޅިއައިސްފަ އެދިޔައީ… ” ސިކުނޑީގައި އުފެދިފައިވާ ތޫފާނަށް ލުއެއް ލިބުމުން އެވްލީން ބުނެލިއެވެ. ” ލީންއަށްވެސް އެނގެއެއްނު ބައްޕަގެ މިޒާޖު… ” ޖުނެއިނާ ފޮޓޯ އަލްބަމް ނަގަމުން ހިނގައިގަތީ ކޮޓަރިން ބޭރަށް ނުކުތުމަށެވެ.
* * *
” އަހަރެން ބުނީމެއްނު ކަލޭ ކައިރީގަ އެވްލީންގެ ކޮޓަރިއަށް ނުދާށޭ ! ” ޖުނެއިނާ ކޮޓަރިއަށް ވަންތަން ފެނުމާއެކު އެނދުގައި އިށީންދެގެން އިން މިފްޒާލް ހަޅޭއްލަވައިގަތެވެ. ” މިފްޒާލް… އަހަރެން ލީންގެ ކޮޓަރިއަށް ދިޔައީ ލީން މިކޮޓަރިން އަލްބަމެއް ނަގައިގެން އޭނަގެ ކޮޓަރިއަށް ދިޔަތަން ފެނުނީމަ… ” ޖުނެއިނާ ބޭނުންވީ ދޮގެއް ހަދައިގެންވެސް މިފްޒާލްގެ ރުޅިގަނޑު ފިނިކުރާށެވެ. އެހެން ނޫންނަމަ މިފްޒާލް އޭނަ ” ވުޑްލޭންޑް ” އިން ނެރެލާކަށްވެސް ފަހެއް ނުޖެހޭނެއެވެ. ” ކޮންއިރަކު ތިހިތުގައި އެވްލީން އަށްޓަކައި ހަމްދަރުދީއާއި ލޯބި އުފެދުނީ ؟ ” މިފްޒާލް އެނދުން ތެދުވެލަމުން އަޑަށް ބާރުލާފައި އަހާލިއެވެ. ” މިފްޒާލް… އަހަރެން މިހާރު ލަދު އެބަގަނޭ އަހަރެން ކޮށްފައިވާ ކަންތަކާއިމެދު… ” ޖުނެއިނާ ރޮވިފައި ހުރި އަޑަކުން ބުނެލިއެވެ.
” މިފްޒާލް އާދޭސްކޮށްފަ މިބުނަނީ އަހަރެންނަށް…. ” ” އަހަރެން ބޭނުމެއްނޫން ދޮގުވެރިއަކުގެ ބަސްތައް ގަބޫލުކުރާކަށް…. މީ އެންމެ ފަހުގެ އިންޒާރު… އެވްލީންއަށް އެއްވެސް ކަމެއްވެއްޖެނަމަ ކަލޭ އަނބުރާ ޖަލަށް ފޮނުވާލާނަން… ” މިފްޒާލް ޖުނެއިނާގެ ޖުމްލަ މެދުކަނޑާލިއެވެ. ޖުނެއިނާ އެވަރަށް އެކްޓް ޖެއްސުމުންވެސް މިފްޒާލްއަށް އެއްވެސް އަސަރެއް ނުކުރިއެވެ. ޖުނެއިނާ ރޮއިރޮއިފައި އޭނައަށް މާފް ކޮށްދިނުމަށް އެދުމުންވެސް މިފްޒާލް ޖުނެއިނާގެ އާދޭސްތަކަށް ދިނީ ބީރު ކަންފަތަކެވެ. ” އަދި އެއްވާހަކަ އެވްލީންއާއި ވީހާވެސް ދުރުން އުޅެން މަސައްކަތް ކުރާތި ! ” މިފްޒާލް ކޮޓަރިން ނިކުމެގެން ދަމުން ބުނެލިއެވެ.
” އެވްލީން !… އެވްލީން. !.. ކަލޭގެ ސަބަބުން މިހުރިހާކަމެއް މިވީ… ” ޖުނެއިނާ އޭނަގެ އަތުގައި އޮތް ފޮޓޯ އަލްބަމް ހޫރާލިއެވެ. ” އަހަރެންގެ ހިތަށް ދުވަހަކުވެސް ފިނިކަމެއް ނުލިބޭނެ ކަލޭގެ ކިބައިން ބަދަލު ނުހިފެނީސް… ” ޖުނެއިނާ އެނދުގައި އިށީންނަމުން ސައިޑް ޓޭބަލް މަތީގައި ހުރި ވާސްގައި އަތުން ޖަހާ ބުރުއްސާލިއެވެ. ވާސް ބިމުގައި ޖެހުމާއެކު ތަޅައިގެން ދިޔައަޑުން ކޮޓަރީގެ ހިމޭންކަން ނަގާލިއެވެ.
” އައި ވޯންޓް ލީވް ޔޫ އެވްލީން ! ” ޖުނެއިނާ އެނދުގައި ހުރިބާލީސްތައް ނަގާ ހޫރާލިއެވެ.
* * *
އިރު އޮއްސުމާއެކު ދުނިޔެ މައްޗަށް ފެތުރެންފެށި އަދިރިކަން ފޫދުއްވާލާފައިވަނީ އުޑުގައި ފިޔަޖަހަމުންދިޔަ ތަރިތަކުންނެވެ. ތަރިތައް އުޑުގައި ވިދާބަބުޅަމުން ދިޔައިރު ހީވަނީ ކަޅުސައިލެއްގެ މައްޗަށް ކުދި ޖަވާހިރުތަކެއް އުކާލާފައި ވާހެންނެވެ. ޖެހެމުންދިޔަ ވައިރޯޅި ތަކާއެކު ގަސްތައް ހެލިލާއިރު މުރަނަ އަޑަކުން ފަޒާގެ ހިމޭންކަން ތޮރުފާލައެވެ. ” ވުޑްލޭންޑް ” ބަގީޗާގައި ދިއްލާފައިވާ އޮރެންޖް ކުލައިގެ ލައިޓް ތަކުން ބަގީޗާ ފެންނަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. މާމެލާ މެލީގެ މީރުވަސް ޖެހެމުންދާ ވައިރޯޅިތަކާއެކު ފަޒާގެ ތެރެއަށް ފެތުރިގެން ދާއިރު ހިތްތަށް ބަންޑުން ކޮށްލާހާވެއެވެ.
އެވްލީން ޖަންބު ގަސްތައް ކައިރީގައި ހުރި ހިޔާކޮށްފައިވާ އުނދޯޔެއްގައި އިށީންދެލައިގެން އިން އިރު އޭނަ މަޑުމަޑުން އުނދޯލި ހެއްލަމުންދިޔައެވެ. ފަހަތަށް ދޫކޮށްލާފައިވާ އެވްލީންގެ ފަން އިސްތަށިގަނޑު ވަޔާއެކު ނަށަމުން ދިޔައިރު އެދޮން މޫނަށް އޮރެންޖް ކުލައިގެ އަލި އެޅިފައިވުމާއެކު ފެންނަނީ ވަރަށްވެސް ރީތި ގޮތަކަށެވެ. އެވްލީން ލައިގެންހުރީ އަތްދިގު ރީނދޫ ކުލައިގެ ޓޮޕާއި ކަޅުކުލައިގެ ތިރިއެކެވެ. ، ތިރީގެ ބޮޑުބައެއް ބިންމައްޗަށް ފެތުރިފައި ވާއިރު ހީވަނީ ކަޅުކުލައިގެ ދޫލައެއް ފަތުރާލާފަައިވާ ހެންނެވެ.
މިއަދު ޖުނެއިނާ ދެއްކި ފޮޓޯތަކެއްގެ ސަބަބުން އެވްލީން ހުރީ މޫޑު ސަކަރާތް ވެފައެވެ. އެފޮޓޯ ތަކާމެދު ނުވިސްނަން ހުރިކަމުގައި ވީނަމަވެސް ވިސްނެނީއެވެ. އެއީ އޭނަގެ ކުޑައިރުގެ ފޮޓޯތަކެއް ނަަމަ އޭނައަށް އެފޮޓޯތައް ކުރިން ނުފެނެންވީ ކީއްވެހެއްޔެވެ ؟
* * *
އިޝާ ނަމާދު ކޮށްލައިގެން އައިސް ” ވުޑްލޭންޑް ” އަށް ވަން ޒަވީންގެ ފިޔަވަޅުތައް މަޑުޖެހިލީ އެވްލީން ފެނުމާއެކުއެވެ. ބަގީޗާއަށް ފެތުރިފައިވާ އޮރެންޖް ކުލައިގެ އަލީގެ ސަަބަބުން އެވްލީން ފެންނަލެއް ހާދަރީއްޗެވެ. ކުޑައިރުކޮޅެއް ވަންދެން ޒަވީން އެވްލީންއާއި ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ހިނގައިގަތީ އެވްލީންއާއި ދިމާއަށެވެ.
” މިގަޑީގަ އެވްލީން މިތާ ކީއްކުރަނީ… ” ޒަވީންގެ ފިރިހެންވަންތަ އަޑު ކަންފަތުގައި ގުގުމާލުމާއެކު އެވްލީންގެ ސިކުނޑި ހާސް ކުރަމުންދިޔަ ކަންތައް މަތިންވެސް އޭނަ ހަނދާން ނެތުނެވެ. އެވްލީން ޒަވީންއާއި ދިމާއަށް ބަލައިލިއިރު ޒަވީން ހުރީ ޖަންބުގަހަށް ލެނގިލައިގެންނެވެ. ޒަވީންގެ ކޮންމެ ހަރަކާތެއްގައިވެސް ހިތްދަމައިގަންނަ ސިފަތައްހުރެއެވެ. ” ފިނި… ފިނި ކޮށްލަން ކަމަށް.. ” އެވްލީން ހިތްވަރު ކޮށްލުމަށްފަހު ވާހަކަ ދައްކަން ފެއްޓިއެވެ. އޭރު އެހިތުގެ ތެޅުންވަނީ އިންތިހާއަށް އަވަސް ވެފައެވެ. ޒަވީންގެ އަޅި ކުލައިގެ ލޮލުގައި އެވަނީ ކޮންފަދަ ޖާދޫއެއް ހެއްޔެވެ ؟
” އެހާ ފިނި ވައިރޯޅިއެއްވެސް ނުޖެހެއެއްނު… ” ޒަވީންގެ ނަޒަރު އަމާޒު ވެފައިވަނީ ސީދާ އެވްލީންގެ މޫނަށެވެ. އެކަން ފާހަނގަ ވުމާއެކު އެވްލީން ރަކިވާގޮތްވިއެވެ. ޒަވީން އެހާ ވަރަށް ބަލަންޏާ އޭނަ ލަދުންގޮސް ވިރިދާނެއެވެ.
ކުއްލިޔަކަށް މިއަދު ޒަވީން ފޯނުން ވާހަކަ ދައްކަމުންގޮސް ގެސްޓް ރޫމަށްވަން މަންޒަރު ހަނދާން ވުމާއެކު އެވްލީންގެ މޫނު ބަނަވެގެން ދިޔައެވެ. އެވްލީން އަވަސް އަވަހަށް އެތަނުންދާން އުޅުމާއެކު ޒަވީން އެވްލީންގެ އަތުގައި ހިފާ ހުއްޓުވިއެވެ. ޒަވީންގެ ފިރިހެންވަންތަ އަތް އެވްލީންގެ ހަށިގަނޑުގައި ބީހުމާއެކު އެހަށިގަނޑު ފިނިވެގެން ދިޔައެވެ. އެވަގުތު އެވްލީންގެ ހިތުގައި އޮތް ޝަކުވާތައް އެހިތުން ފޮހެވިގެން ދިޔައެވެ. ހަށިގަނޑުގެ އެންމެ ހިމަ ނާރުތަކާ ހަމައަށް ދުވެލީ ފޮނި ރާޅުބާނީ ތަކެކެވެ. އެވްލީން ޒަވީންއާއި ދިމާއަށް ބަލާލިއެވެ.
” ހާދަ އަވަހަކަށް ދާން ތިއުޅެނީ… އަދި ކުޑައިރުކޮޅެއް ވަންދެން މަޑުކޮށްލަން ވީއެއްނު… ” ޒަވީން އެވްލީންގެ އަތުން ދޫކޮށްލަމުން ހިނިތުންވެލިއެވެ. ކޮންފަދަ ރީތި ހިނިތުންވުމެއް ހެއްޔެވެ ؟ އެހިނިތުންވުމުން ކޮންމެ ހިތަކަށްވެސް ފިނިކަން ލިއްބައިދޭނެކަން ޔަޤީނެވެ. އެވްލީން ކަޅިޖަހާނުލައި ޒަވީންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ކުއްލިޔަކަށް ބުޅާ ކޯޅިގަތްއަޑަށް އެވްލީން ދިޔައީ ސިއްސައިގެންނެވެ. އެވްލީންއަށް ބޭއިހްތިޔާރުގައި ޒަވީންގެ ގައިގައި ބައްދާލެވުނެވެ. އޭރު ފަޒާގެ ތެރެއަށް އެވްލީންގެ ބާރު ހަޅޭކުގެ އަޑު ފެތުރިގެން ދިޔައެވެ. އެހާ ކައިރިން އަޑުއައުމުން އެވްލީންއަށް ހީވީ ފުރާނަ ހަށިގަނޑާ ވަކިވީހެންނެވެ. އެވްލީން ދެލޯ މަރާ ތަގުޅި ކޮށްލައިގެން ހުރިއިރު އެހަށިގަނޑު ރޫރޫ އަޅަމުން ދިޔައެވެ. ޒަވީން އެވްލީން އިތުރަށް މެޔާލާ ބޮޑިކޮށްލިއެވެ. އޭރު ދެހިތުގެ ތެޅުންވެސް ވަނީ އަވަސްވެފައެވެ.
ޖުނެއިނާ ބަގިޗާއަށް ނިކުތް އިރު ފެނުނު މަންޒަރަކުން ހުއްޓުން އެރިއެވެ. އެވްލީން ޒަވީންގެ ގައިގައި ބައްދާލައިގެން ހުރިއިރު ހީވަނީ ދެލޯބިވެރިން ހެންނެވެ. ޖުނެއިނާ ޒަވީންއާއި އެވްލީންއާއި ދިމާށް ބަލަހައްޓައިގެން ހުރީ ރުޅިވެރި ނަޒަރަކުންނެވެ. ޖުނެއިނާ ހީކުރެވުނީ މުޅިން ނުބައިކޮށެވެ. އޭނައަށް ހީވީ ޒަވީންއާއި އެވްލީން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށެވެ.
ޖުނެއިނާ އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން ހުރުމަށްފަހު ހިނގައިގަތީ ޒަވީންއާއި އެވްލީންގެ އެއުފާވެރި ވަގުތުކޮޅު ހަރާބުކޮށްލުމަށެވެ. އޭރުން އޭނަގެ ހިތަށް މާބޮޑަށް ފިނިކަން ލިބޭނެއެވެ. ” ލީން… ” ޖުނެއިނާގެ އަޑަށް އެވްލީންއާއި ޒަވީންއަށް މަޖްބޫރުވީ އެކަކު އަނެކަކާއި ދުރަށް ޖެހިލާށެވެ. ” މަންމާ.. ” އެވްލީންގެ މޫނުގައި ދާތިކިތައް މޫތިތަކެއް ފަދައިން ވިދަންފެށިއެވެ. ޒަވީން ޖުނެއިނާގެ މޫނަށް ބަލައިލީ ފޫހިގޮތަކަށެވެ. ” ދަރިފުޅު މިތާ ކީއްތިކުރަނީ ؟ ހިނގާ އެތެރެއަށް މިހާރު ޑިނާރ ޓައިމްވެސް ޖެހެނީ… ” ޖުނެއިނާ ބޭނުންވީ އެވްލީން ގޮވައިގެން އެތެރެއަށް ދާށެވެ. އޭނައަށް މިހާރު ބަދަލު ހިފުމުގެ މާރަނގަޅު ގޮތެއް ވިސްނިއްޖެއެވެ.
* * *
ރޭގަނޑުގެ ކެއުމަށް ހުރިހާ އެންމެން އިންސާފު ކުރަމުން ދިޔައިރު ކާކޮޓަރިއަށްވަނީ ހަމަހިމޭންކަން ފެތުރިފައެވެ. ” އަހަރެން މިއުޅެނީ އާދީއްތަ ދުވަހު ފުރަން… ” ޖޫސްތަށިން ޖޫސް ބޮމުންދިޔަ އެވްލީން ކޮށިއެރީ ޒަވީންގެ ޖުމްލައިންނެވެ. ” ދަރިފުޅާ ކިހިނެއްތަވީ ؟ ” ޖުނެއިނާ ގޮނޑިން ތެދުވެގެންގޮސް އެވްލީންގެ ބުރަކަށީގައި ފިރުމާލިއެވެ. ” އައިމް ފައިން…. ” އެވްލީން ފެންފޮދަކުން ކަރުތެރެ ތެއްމާލިއެވެ. ޒަވީން ފުރަން އުޅޭކަން އެނގުމުން އެހިތް ވަރަށް ބޮޑަށް ޒަހަމްވިއެވެ. ހީވީ އެއްފަރާ ދެތިން ދުނި ތީރުތަކެއް ހިތަށް ހަރާލިހެންނެވެ.
ޖުނެއިނާ އަށްވެސް ކުޑަވަރެއްގެ ޝޮކެއް ލިބުނެވެ. ޒަވީންގެ ކިބައިން ބަދަލު ނުހިފެނީސް ޒަވީންއަށް ފުރައިގެން ދިއުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނަ ޒަވީން ހުއްޓުވާނެއެވެ. އެހެންނޫންނަމަ އޭނަގެ ހިތަކަށް ދުވަހަކުވެސް ފިނިކަމެއް ނުލިބޭނެއެވެ.
” ހާދަ އަވަހަކަށް ފުރަން ތިއުޅެނީ ؟ ” ޖުނެއިނާ އެވްލީންގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ. ޒަވީން ޖުނެއިނާގެ ސުވާލަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. ” އަދި ކުޑަ ދުވަސް ކޮޅަކަށް މަޑުކޮށްލަން ވީއެއްނު… ” މިފްޒާލް ބުނެލިއެވެ. ” އަހަރެންވެސް ބޭނުން މަޑުކުރަން އެކަމަކު އާއިލާ މީހުންނާ ދުރުގައި އުޅެން ބޭނުން ނުވާތީ… ” ޒަވީން ބުނެލިއެވެ. ” އައިމް ފުލް… ” އިސްޖަހާލައިގެން އިން އެވްލީންގެ ލޮލުން ކަރުނަ ފައިބައި ގަތުމާއެކު އެވްލީން ގޮނޑިން ތެދުވެލުމަށްފަހު ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ” އެވްލީން… ” އެވްލީން ދިއުމާއެކު ޖުނެއިނާ އެވްލީންއަށް ގޮވާލިއެވެ.
* * *
އެވްލީން ސިޑިން އަރައިގެންގޮސް އެވްލީންގެ ކޮޓަރިއަށް ވަންނަންދެން ޒަވީންއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެވްލީން ކޮޓަރިއަށް ވަންނަމުން ދޮރުވެސް ރަނގަޅަށް ނުލައްޕާ ދުވެފައިފައިގޮސް އެނދަށް ވެއްޓިގަތެވެ. ކުއިލްޓުގައި މޫނު ފޮރުވާލަމުން އެވްލީންއަށް ބާރަކަށް ރޮއިގަނެވުނެވެ. ޒަވީން ފުރަން އުޅޭ ޚަބަރު ލިބުމުން އެހިތުގައި ބަޔާން ކުރަން ދަތި ތޫނު ރިހުމެއްވަނީ އުފެދިފައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހުސްވިޔަސް އެހިތާމައާއި ވޭނަށް ލުޔެއް ލިބޭނެ ހެނެއް ހިޔެއްނުވެއެވެ. އަނެއްކާ ޒަވީން ފުރަން އެއުޅޭނީ ޒަވީން ފޯނުން ވާހަކަ ދެއްކި ކުއްޖާއާއި ކައިވެނިކުރަން ބާވައެވެ ؟ ސިކުނޑިއަށް ވެރިވަމުންދިޔަ ހިޔާލުތަކުން އެވްލީންގެ ގިސްލުމުގެ އަޑުން ކޮޓަރީގައި ރަސްކަން ކުރަމުންދިޔަ ހިމޭންކަން މުގުރާލައިފިއެވެ. ޒަވީންއަށް އެހިތުގައި އަޅަމުންދާ ވޭން އިހްސާސް ކުރެވޭނެ ނަމައެވެ. ޒަވީން ނުގޮސް މަޑުކޮށްފިނަމަ ކިހާ ރަނގަޅު ހެއްޔެވެ ؟ އެވްލީން ކިތަންމެ ވަރަކަށް ޒަވީން ހުއްޓުވަން ބޭނުންވި ނަމަވެސް އެކަމަށް ހިތްވަރެއް ނުލިބުނެވެ. އޭނައަށް ރުއިން ފިޔަވާ އެހެން އެއްވެސް ކަމެއް ނުކުރެވުނެވެ. އެވްލީންގެ ހިތް ތަކުރާރުކޮށް ބުނަމުންދިޔައީ އޭނައަށް ޒަވީން ދެކެ ލޯބިވެވިފައި ވާކަމަށެވެ. ނަމަވެސް އެހިތުގައި އުފެދިފައިވާ ވަރުގަދަ ތޫފާނުގެ ސަބަބުން އެކަން އޮބިގެން ދިޔައީއެވެ. އެވްލީން ކުއިލްޓް މޫނުގައި ޖައްސާ ބާރުކޮށްލީ ގިސްލުމުގެ އަޑު ހިންދާލުމުގެ ބޭނުމުގައެވެ. އޭރު ކުއިލްޓްގެ ބޮޑުބައެއް ވަނީ ކަރުނައިގެ ސަބަބުން ތެމި ފޯވެފައެވެ.
އެވްލީންއަށް އައި ބަދަލުތަށް ކިތަންމެ ރަނގަޅަށްވެސް ޒަވީންއަށް ފާހަނގަކުރެވުނެވެ. އޭނަ ފުރަން އުޅޭކަން އެނގުމުން އެލޮލަށް ޖަމާވިކަރުނަ ތިކިތަކުން ޒަވީންގެ ހިތަށް ތަދުކޮށްލައިފިއެވެ. އެވްލީން ރޯތަން ދުށުމަކީ އޭނައަށް ކެތްކުރެވޭނެކަމެއް ނޫނެވެ. އޭނަ ކިތަންމެ މަޑުކުރަން ބޭނުންވި ކަމުގައި ވީނަމަވެސް މަޑު ކުރެވޭކަށްނެތެވެ. މަންމަގެ އެދުމާ ދެކޮޅު ހަދާނެ ހިތްވަރެއް ޒަވީންއަކަށް ނުލިބުނެވެ. ޒަވީން އޮރެންޖް ޖޫސް ތަށްޓެއް ބޮއި ނިންމާލުމަށްފަހު ހިނގައިގަތީ ގެސްޓް ރޫމާއި ދިމާއަށެވެ.
މިފްޒާލް ޖުނެއިނާގެ މޫނަށް ނުރުހުމުގެ ނަޒަރަކުން ބަލައިލުމަށްފަހު ކާކޮޓަރިން ނިކުންނަށް ހިނގައިގަތެވެ. ޖުނެއިނާގެ ހަޤީޤަތް އެނގުނު ފަހުން މިފްޒާލް ޖުނެއިނާ ހުންނަ ތަނަކަށްވެސް އަންނާކަށް ބޭނުމެއްނޫނެވެ. އެވްލީންއަށް ޖުނެއިނާގެ ހަޤީޤަތް އެނގޭނެނަމަ އޭނަ ޖުނެއިނާއަށް ހައްޤުވެގެންވާ އަދަބު ދިނުމުގެ ގޮތުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ތާއަބަދު ޖުނެއިނާ ބަންދުކުރީހެވެ. ނަމަވެސް ނަސީބު މިފަރަހު ހިފާލާފައިވަނީ ޖުނެއިނާގެ އަތުގައެވެ. ދަރިފުޅު ބީވެގެންދާން ބޭނުން ނުވާތީ އޭނަ އެވްލީންއަށް ޖުނެއިނާގެ ހަޤީޤަތް ކިޔައިދޭކަށް ބޭނުމެއް ނޫނެވެ.
” ވަޓް އަ ގްރޭޓް ނައިޓް… ” ޖުނެއިނާ ވިހަ ހިނިތުންވުމަކާއެކު މޭވާ ޓުކުރިން އާފަލެއް ނެގިއެވެ. ޖުނެއިނާ ޒަވީން ހުއްޓުވަން ޕްލޭނެއް ރާވަމުން ދިޔައިރު ، އެވްލީންގެ ހިތުގައި އަޅާނެ ވޭން ހަނދާނަށް އައުމާއެކު ޖުނެއިނާގެ ހުނުމުގެ އަޑު ކާކޮޓަރީގެ ތެރެއަށް ފެތުރިގެން ދިޔައެވެ.
” ޕުއާރ އެވްލީން… ” ޖުނެއިނާ ހިނިގަނޑު އޮއްބައިލަމުން ބުނެލިއެވެ.
އެވްލީން ރޮމުން ރޮމުންގޮސް ނިދުނީ ދަންވަރު 2 ޖަހަން ކައިރިވެފައި ވަނިކޮށެވެ. އޭރު އެރީތި މުށިކުލައިގެ ދެލޯވަނީ ގިނައިރު ރުއިމުގެ ސަބަބުން ރަތްވެ ދުޅަވެފައެވެ. އެދޮލަށް ބަލައިލައިފިނަމަ ކޮންމެ ހިތެއްގައިވެސް ހަމްދްރުދީ އުފެދޭނެކަން ގައިމެވެ.
* * *
އައު ދުވަހަކަށް ފެނުން ތޮޅެލި އިރުގެ ރަންދޯދިތައް ދުނިޔެމައްޗަށް ފެތުރިގެން ދިޔައެވެ. އެކިއެކި ބައްޓަންތަކުގެ މަޑު އޮރެންޖް ކުލައިގެ ކޮޅިތަކުން އުޑުމަތި ބަރާ ވެފައިވާއިރު ވަޔާއި އެކު މަޑުމަޑުން ގަސްތަށް ނަށަމުން ދިޔައެވެ. ބިޔަ ރާޅުތައް ފަރުމައްޗަށް ބިންދާލަ އަޑު ފަޒާގައި ލުއި މިއުޒިކެއް ހެންވަނީ ގުގުމާލާފައެވެ. ފަތިހަށް ފޮޅިފައިވާ މާތަކުގައި ޝަބްނަމް ތިކިތައް ވިދަމުންދިޔައިރު ފެންނަނީ ވަރަށްވެސް ހުވެފަނީ ގޮތަކަށެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަރާމު ތަންމަތި ދޫކޮށްލުމަށްފަހު އަވަސްވެގަތީ އައުދުވަހަށް މަރުހަބާ ކިޔުމަށެވެ.
ޒަވީން ގެސްޓް ރޫމުން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ވަގުތުތައް ގުނަމުންދިޔަ ޖުނެއިނާގެ އިންތިޒާރަށް ނިމުމެއް އައީ މެންދުރު ނަމާދަށް ޒަވީން މިސްކިތަށް ދިއުމުންނެވެ. އަވަސް އަވަހަށް ގެސްޓް ރޫމުގެ ޑަބަލް ތަޅުދަނޑިން ދޮރު ހުޅުވާލުމަށްފަހު ޖުނެއިނާ ވަގެއްހެން އެތެރެއަށް ދެމިގަތެވެ. އޭރު ކޮޓަރީގައި ހަރުލާފައިވާ މީރު ލުއި ސެންޓްވަހުން ޖުނެއިނާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ޖުނެއިނާ އެއްވެސް ވަގުތެއް ބޭކާރުނުކޮށް ހޯދަން ފެށީ ޒަވީންގެ ޕާސްޕޯޓެވެ. ޒަވީން ހުއްޓުވަން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީއެވެ.
ޖުނެއިނާ ދިހަ މިނެޓް ވަންދެން ކޮޓަރީގެ ހުރިހާ ތަނެއް ހޯދިއިރުވެސް ޕާސްޕޯޓް ފެންނަގޮތެއް ނުވުމުން ޖުނެއިނާ ރުޅިއަންނަ ގޮތްވިއެވެ. ވަގުތުވެސް ކުޑަތަން ވެފައި ވުމާއެކު އޭނަގެ ރުޅިގަނޑި ފަޅައިގެން ދާވަރުވިއެވެ. އެންމެ ފަހުން ޖުނެއިނާ އަލަމާރީގެ އެންމެ ތިރީބައިގައި ހުރި ވަތްގަނޑު ހުޅުވާލުމާއެކު ޖުނެއިނާގެ މޫނު އަލިވެގެން ދިޔައެވެ. ” އެޓް ލާސްޓް ” އަވަސް އަވަހަށް ޕާސްޕޯޓް ނަގައި ޖުނެއިނާ އޭނަގެ ހެދުމުގެ ފަސްބައިގެ ތެރެއަށްލިއެވެ.
ކުއްލިޔަކަށް ގެސްޓް ރޫމުގެ ދޮރު ހުޅުވުނު އަޑަށް ޖުނެއިނާގެ މޭގަނޑު އަނގަޔަށް ނައީކިރިޔާއެވެ. އަވަސް އަވަހަށް ޑްރެސިންގް ޓޭބަލާއި އަލިމާރީގެ ދެމެދަށް ޖުނެއިނާ ވަނެވެ. އޭރު ޖުނެއިނާގެ ހިތުގެ ތެޅުން ވަނީ އަވަސް ވެފައެވެ. ބައެއްފަހަރު މޭގަނޑު ފަޅާލާފައިވެސް ހިތް ނިކުމެދާނެހެން ޖުނެއިނާއަށް ހީވަމުން ދިޔައެވެ. މިއިން ދުވަހަކުވެސް އޭނަ މިހާ ބިރުގަތް ހަނދާނެތް ނުވެއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޖުނެއިނާ ދާހިތްލާ ފޯވިއެވެ. ޒަވީން އެނދުމަތީގައި އޭނަގެ ފޯނު ބޭއްވުމަށްފަހު ހިނގައިގަތީ ފާޚަނާއާއި ދިމާއަށެވެ. ދަނޑިވަޅު ބަލާފައި ޖުނެއިނާ ބާރު ފިޔަވަޅު ތަކެއްގައިގޮސް ގެސްޓް ރޫމުން ނިކުތެވެ. ” އަހަރެން ބަލާނަން ދެން ޒަވީންއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭތޯ… ” ޖުނެއިނާ އޭނަގެ އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުންގޮސް އޭނަގެ ކޮޓަރިއަށްވަނެވެ.
* * *
އެވްލީން ވަދާއުގެ ސަލާމް ކުރުމުގެ ގޮތުން ޒަވީން އާއި ބައްދަލު ކުރަން ގެސްޓް ރޫމަށް ދިޔައިރު ޒަވީން އިނީ ސޯފާގައި އިށީންދެލައިގެން ލެޕްޓޮޕާއި ކުޅޭށެވެ. ޒަވީން ހަމައެކަނި ސޯޓެއްލައިގެން ހުރުމުގެ ސަބަބުން އެކަސްރަތީ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ހާމައަށެވެ. އެވްލީންގެ ހިތުގެ ތެޅުން ކުއްލިޔަކަށް އަވަސް ވެގެން ދިޔައެވެ. ޒަވީން އެއްލި ކަޅިއަކުން ކޮޓަރިއަށް ވަން އެވްލީން ފެނުމާއެކު ލެޕްޓޮޕް ސޯފާ ކުރިމަތީގައި ހުރި ކުޑަ ބިއްލޫރި މޭޒުމަތީގައި ބެހެއްޓިއެވެ.
” އެވްލީން… ” ހައިރާންކަމާއެކު ޒަވީން ސޯފާއިން ތެދުވެލިއެވެ. ޒަވީން ސޯފާއިން ތެދުވުމާއެކު އެވްލީންއަށް ކަޅިވެސް ޖަލާނުލައި ޒަވީންއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ޒަވީންގެ ދިގު އިސްކޮޅާއި އެރީތި ކަސްރަތީ ހަށިގަނޑުގެ ސަބަބުން ޒަވީން ހީވަނީ މޮޑެލެއް ހެންނެވެ. އެރީތި އަޅި ލޮލުގައިވަނީ ކޮންފަދަ ތޫނު ތިދުވަރެއް ހެއްޔެވެ ؟ އެރީތި ދެލޯ ފެންނަ ކޮންމެ ފަހަރަކު އެވްލީންގެ ހިތް ފޫއަޅުވާލައެވެ.
ޒަވީން ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އެވްލީންގެ ހިތުގެ ތެޅުން ކުރިއަށްވުރެ އަވަސް ވެގެންދިޔައެވެ. ޒަވީން ފިރިހެންވަންތަ ހިނގުމެއްގައި އައިސް އެވްލީންގެ ކުރިމައްޗަށް ހުއްޓިލިއެވެ. އޭރު އެވްލީންގެ ހިތުގެ ތެޅުން ޒަވީންއަށް އިހްސާސްވާނެހާ ބާރަށް އެވްލީންގެ ހިތްތެޅެމުން ދިޔައެވެ. އެވްލީން ފެހިކުލައިގެ ޓޮޕަކާއި އައިސްބްލޫ ކުލައިގެ ޖިންސެއްގައި ހުރިއިރު އެވްލީންގެ އިސްތަށި ގަނޑުވަނީ ގަތާފައެވެ. ” އަހަރެން…މި..މިއައީ ޒަވީން ފުރާތީ ޒަވީންއަށް ދޭން އެއްޗެއް ހިފައިގެން… ” އެވްލީންގެ އަޑުގައި ތުރުތުރުލުމެއް އެކުލެވިގެންވިއެވެ. އެވްލީން އޭނަގެ އަތުގައި އޮތް ކުޑަ ޕާރުސަލެއް ޒަވީންގެ އަތަށް ދިއްކޮށްލުމާއެކު ޒަވީން މައުނަވީ ހިނިތުންވުމަކާއެކު އެޕާރުސަލް އަތުލިއެވެ. އޭރު އެވްލީންގެ އަތްވަނީ ފިނިވެފައެވެ.
ޒަވީން ޕާރުސަލް ހުޅުވާލިއެވެ. އޭގެ ތެރޭގައި އޮތީ ” ޒޭވް ” ލިޔެފައިވާ ރިހި ފަށެކެވެ. ” އައި ވިލް މިސް ޔޫ… ” އެވްލީން ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަމުން ބުނެލިއެވެ. އޭނަގެ ހިތުގެ އަޑުތައް ޒަވީންއަށް އިވޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ ؟ އޭނަގެ ހިތުގެ ކޮންމެ ވިންދެއްގައިވަނީ ޒަވީންކަން ޒަވީންއަށް އިހްސާސް ކުރެވޭނެނަމައެވެ.
” އަހަރެން ދުވަހަކުވެސް އެވްލީން މަތިން ހަނދަން ނުނެތޭނެ…. ” ޒަވީން ބުނެލީ ފުންމާނައެއް އެކުލެވޭ ޖުމްލައެކެވެ. ނަމަވެސް އެވްލީންއަށް އެޖުމްލަ ނައިގަންނާކަށް އެހާ ފަސޭހައެއް ނުވިއެވެ.
” ރޭ ޑިނާރ ޓައިމްގަ އެވްލީންއަށް ކިހިނެއްތަވީ ؟ ” ޒަވީން ފަށް އަޅާފައިވާ ފޮށި ލައްޕާލަމުން އަހާލިއެވެ. ޒަވީންގެ ސުވާލުން އެވްލީން ސިހުނެވެ. ” ރޭ..ރޭ ނޭނގޭ ވީގޮތެއް… ކުއްލިޔަކަށް ކަމެއް މަތިން ހަނދާންވީ… މަންމަ ދެއްކި ފޮޓޯތަކެއްގެ ސަބަބުން މޫޑު ސަކަރާތްވީ… ” އެވްލީން އަސްލު ސަބަބު ޒަވީންއަށް އޮޅުވާލިއެވެ. އެވްލީންގެ ޖުމްލައިން ޒަވީންއަށް ކުޑަވަރެއްގެ ޝޮކެއް ލިބުނެވެ. ” ކޮން ފޮޓޯތަކެއް ؟ ” ޒަވީން އަހާލިއެވެ. ” އަހަރެންގެ ކޮޑައިރުގެ ފޮޓޯތަކޭ ކިޔާފަ ދެއްކީ އަހަރެން ނުވެސް ދަންނަ ކުއްޖެއްގެ ފޮޓޯތަކެއް…. ” އެވްލީން ދެއަތް ޖޯޑު ކޮށްލައިފިއެވެ. ” އެވްލީން އެކަމަމާމެދު ނުވިސްނާތި… އެންޑް ވަން މޯރ ތިންގް މަންމަ އެކަހަލަ ފޮޓޯދައްކާފަ ބުނާ އެއްވެސް ބަހެއް އަޑު ނާހާތި…. ” ޒަވީން ބުނެލިއެވެ.
* * *
ޖެހިގެންއައި ދުވަހެވެ. މިފްޒާލް ކުއްލި ގޮތަކަށް ބިޒްނެސް ދަތުރެއްގައި ފްރާންސަށް ފުރައިގެން ދިއުމުން ޖުނެއިނާއަށް ބޮޑު މިނިވަންކަމެއް ލިބުނެވެ. އޭނައަށް ޢީދެއް އައިސްގެން އުޅޭ ކަހަލައެވެ. އޭނަ ބޭނުން ކަމެއް ކުރުމުގެ ހުރިހާ ދޮރެއް ހުޅުވިގެންދިޔައެވެ. ޒަވީންގެ ޕާސްޕޯޓު ގެއްލުމުގެ ސަބަބުން އެކަން ފުލުހަށް އަންގާ މައްސަލައަށް ހައްލެއްލިބެން ދެން ޒަވީންއަށް ޖެހުނީ މަޑުކުރާށެވެ. ޒަވީން ޒަރާއަށް ގުޅާފައި ޕާސްޕޯޓް ގެއްލިގެން ނުފުރުނު ވާހަކަ ބުނުމުން ޒަރާ އިންތިހާއަށް ރުޅިގަދަވިއެވެ. ޒަވީން އަންނަން ބޭނުން ނުވަނީ ކަމަށް ބުނެ ރޮއިވެސް ހެދިއެވެ.
ޒަވީން މަޑުކުރާ ޚަބަރު އެވްލީންއަށް ލިބުމުން އެވްލީން ވަރަށް އުފާވިިއެވެ. ޒަވީންއާއި އެކު އިތުރަށް ވަގުތު ހޭދަ ކޮށްލުމުގެ ފުރުސަތެއް އެވްލީންއަށް ލިބުމުންނެވެ. ނަމަވެސް އެވްލީންއަށް އޭނައާއި ޒަވީންގެ ދިރިއުޅުމަށް އަންނަންއޮތް ތޫފާނުގެ ހިލަމެއްވެސް ނުވިއެވެ، ޖުނެއިނާ ބޮޑު ޕްލޭނެއް ރާވަމުން ދިޔައިރު ޖުނެއިނާ ހުރީ އެޕްލޭން ކާމިޔާބުކުރަން ކޮންމެ ކަމެއްވެސް ކުރަން އަތުކުރި އޮޅާލައިގެންނެވެ. ނަމަވެސް ޖުނެއިނާއަށް ނޭނގޭ ހަޤީޤަތެއް އެބައޮތެވެ. އޭނައަށް ތަޤްދީރާއި ނުކުޅޭވޭނެކަމެވެ.
* * *
ޓީވީން ދައްކަމުން ދިޔަ އިނގިރޭސި ލޯބީގެ ސީރީސްއެއް ބަލަމުންދިޔަ ޖުނެއިނާއަށް ކާކޮޓަރިން ނިކުމެގެންއައި އެވްލީން ފެނުމާއެކު ޓީވީގެ އަޑުމަޑު ކޮށްލުމަށްފަހު އެވްލީންއަށް ގޮވާލިއެވެ. ” ލީން މަންމަ މި ވިސްނަނީ ވެކޭޝަނަކަށް ދާންކަމަށް… ލީންވެސް ފޫހިވާނެއެއްނު އަބަދު ގޭގައި އުޅެން… މި ވެކޭޝަންގައި ޒަވީންވެސް ބައިވެރިކުރަން މަންމަ ނިންމައިގެން މިހުރީ…. ދަރިފުޅު ބުނަނީ ކީކޭތަ ؟ ” އެވްލީން ސޯފާގައި އިށީނުމާއެކު ޖުނެއިނާ ބުނެލިއެވެ. ” ތީ ވަރަށް ރަނގަޅު އައިޑިއާރ އެއް… ކޮންތަނަކަށްތަ ވެކޭޝަނަށް ދަނީ ؟ ” ޖުނެއިނާ ވެކޭޝަންގައި ޒަވީން ބައިވެރި ކުރަންއުޅޭ ވާހަކަ ބުނުމުން އެވްލީންއަށް ބަޔާން ނުކުރެވޭ ފަދަ އުފަލެއް ލިބުނެވެ. ” ޓްރޮޕިކަލް އައިލޭންޑް ރިޒޯޓަށް… ” ޖުނެއިނާ ބުނެލިއެވެ. އޭރު އޭނަގެ ތުންފަތުގައި ކުޅެލަމުން ދިޔައީ ވިހަ ހިނިތުންވުމެކެވެ. ” އަދި އެއްވާހަކަ ބުނަން ހަނދާން ނެތިފަ މިހުރީ…. މި ވެކޭޝަންގައި މަންމަގެ ފްރެންޑަކާއި އޭނަގެ ދަރިފުޅުވެސް ބައިވެރިވާނެ… ” ޖުނެއިނާ ޓީވީއަށް ނަޒަރު ހުއްޓާލިއެވެ.
ޒަވީން ކައިރީގައި ޖުނެއިނާ ވެކޭޝަންގެ ވާހަކަ ބުނުމުން ޒަވީން އެކަމާއި އެއްބަސްވީ އެވްލީން ދާކަން އެނގުމުންނެވެ. ޖުނެއިނާއަށް އިތުބާރު ކުރާކަށްވެސް ނުވާނެއެވެ. އޭނަ އެވްލީންއަށް ކޮންމެ ފަދަގޮތެއްވެސް ހަދާފާނެއެވެ. އަނެއްކޮޅުން އޭނަ އެވްލީންއާއެކު ވަގުތުކޮޅެއް ހޭދަކުރަން ވެސް ބޭނުމެވެ.
* * *
ހެނދުނުގެ ވަގުތެވެ. އެންމެ ވިލާކޮޅެއްވެސް ނެތި އުޑުމަތި ފެންނަމުން ދިޔައީ ސާފު ބިއްލޫރި ކޮޅެއް ހެންނެވެ. ފިނިފިނި ވައިރޯޅި ތަކާއެކު ގަސްތައް ހެލިލާއިރު ފަޒާގެ ތެރެއަށް ބޫންއަޑެއް ފެތުރިގެން ދެއެވެ. އެވްލީން ޖުނެއިނާއާއެކު ބޭރަށް ނިކުތްއިރު ޒަވީން ހުރީ ބޭރުގައި މަޑު ކޮށްލައިގެންނެވެ. ޒަވީން މިއަދު ލައިގެން ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫކުލައިގެ ޖިންސެކެވެ. ޒަވީންގެ ބައިމަތި ފުޅާހަށިގަނޑަށް ޓީޝާޓް ހިފާފައިވާއިރު ބެކްޕެކް އަޅުވާލައިގެން ހުރުމުން ޒަވީންގެ ރީތިކަމަށް އެވްލީންއަށް ހިތާހިތުން ތައުރީފު ކުރެވުނެވެ.
ޒަވީން ކާރުގެ ކުރީ ސީޓަށް އެރުމާއެކު އެވްލީންއާއި ޖުނެއިނާ އެރީ ފަހަތު ސީޓަށެވެ. ކާރު ފެރީ ޓާރމިނަލްއާ ހަމައަށް ދެވެންދެން އެވްލީން ކަޅިޖަހާނުލައި ޒަވީންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އެމޫނަށް އެތައް ލައްކަ ފަހަރު ބެލިކަމުގައި ވީނަމަވެސް އެވްލީން ފޫއްސެއް ނުވެއެވެ. އެއަޅިކުލައިގެ ދެލޮލުގައިވަނީ އާޝޯހު ކުރުވާނެފަދަ އަސަރުތަކެކެވެ.
ފެރީ ޓަރމިނަލްއަށް ދެވުމާއެކު ޖުނެއިނާ ކާރުން ފައިބަމުން މުޅިތަނަށް ނަޒަރު ހިންގާލިއެވެ. އޭރު ތަންކޮޅެއް ދުރުގައި ހުރި ބެންޗެއްގައި އިށީންދެލައިގެން އިން އަންހެން ކުއްޖާ ފެނުމާއެކު ޖުނެއިނާ ހިނގައިގަތީ އެކުއްޖާއާއި ދިމާއަށެވެ.
” ނީލާ… ” ޖުނެއިނާ އެކުއްޖާ ކުރިމައްޗަށް ހުއްޓިލިއެވެ.
” އެހުރީ ޒަވީން… ” ދުރުގައި ހުއްޓިލައިގެން ހުރި ޒަވީންއަށް ޖުނެއިނާ އިށާރާތް ކޮށްލިއެވެ. ނީލާ ޒަވީންއަށް ބަލާލުމާއެކު ޒަވީންގެ ރީތި ކަމާއި ފިރިހެން ވަންތަކަމުގެ ސަބަބުން ނީލާގެ ހިތުން ޒަވީންއަށް ޖާގައެއް ދެވުނެވެ . ” އަހަރެން ފައިސާދޭނީ ހުރިހާކަމެއް ނިމުނީމަ… ” ޖުނެއިނާ ކަންތައް ކުރަންވީގޮތް ނީލާއަށް ކިޔައި ދިނުމަށްފަހު ނީލާއާއެކު ހިނގައިގަތީ އެވްލީންމެން ކައިރިއަށް ދިއުމަށެވެ.
” ލީން މީޓް ނީލާ… ނީލާގެ މަންމަ ބަލިވީމަ ނީލާގެ މަންމައަކަށް ނާދެވުނު ސޯ ނީލާ އެކަނިދަނީ… ” ޖުނެއިނާ އެވްލީންއަށް ނީލާ ތައާރަފް ކޮށްދިނެވެ. ” ނައިސް ޓު މީޓް ޔޫ… ” އެވްލީން ހިނިތުންވެލިއެވެ. ޒަވީން ނީލާއަށް ބަލައިލީ ފޫހިގޮތަކަށެވެ. ނީލާ ހުރީ ކަރު ބޮޑު ޓީޝާޓަކާއި ސޯޓްކޮޅެއް ލައިގެންނެވެ. މޭކަޕްކޮށްފައި ހުރިވަރުން މީހާގެ ސިފަ އޮޅޭވަރުވެއެވެ. ކަނދުރާއާ ހަމައަށް އިސްތަށި ގަނޑު ކޮށާލާފައި ވާއިރު އިސްތަށި ގަނޑުގައިވަނީ ކޮޕާރ ކުލަ ޖައްސާފައެވެ.
މޫދުގެ ލޮނުގަނޑު ކަފަމުން ލޯންޗް އޭގެ އެންމެ ހަލުވި ސްޕީޑްގައި ދުއްވަމުން ދިޔައެވެ. ޓްރޮޕިކަލް އައިލޭންޑް ރިޒޯޓަށް ދެވެންދެން ނީލާ އުޅުނީ ޒަވީންއާއި ވަރަށް ކައިރިންނެވެ. ނީލާ ޒަވީންއާއި ކައިރިން އުޅުމުން އެވްލީން ހުރީ ރުޅިއަންނަ ގޮތްވެފައެވެ. ބައެއްފަހަރު ނީލާއާއި ދިމާއަށް ހަޅޭއް ލަވައިގަންނަންވެސް އެވްލީން ބޭނުންވިއެވެ. ނަމަވެސް ޒަވީންއާއި ނީލާ އާދެމެދު ގުޅުމެއް ނުވާނަމަ ޒަވީން ނީލާއަށް އޭނައާއި އެހާކައިރިން އުޅުމުގެ ފުރުސަތެއް ނުދޭނެ އެވެ. ހަޤީޤަތުގައި ޒަވީން ނީލާ ލޯންޗްގައި ތިބި ހުރިހާ އެންމެންގެ ކުރިމަތީގައި ލަދުގަންނަވާލަން ބޭނުންނުވާތީ ކެތްކޮށްގެން ހުރީ އެވެ. ނަމަވެސް އެވްލީންއަށް ހީކުރެވުނީ މުޅިން ނުބައިކޮށެވެ.
(ނުނިމޭ)
11 Comments
Comments are closed.
Mifaharu 1 first dhw ekam adhi nukiyan kiyaafa comment kuraanan
me 1st. v salhi
Plx adi one part genasdibala
Puleeexu maadhan hendhunu upkohdhybalaaa nooony mirey adhi eh part up kohdhybalaaaa puleezu.. a readers humble request ??????
Alhe adhi mirey 1 part genesdhyba plx pllxx ??
Haadha salhi a mi story ?
Ey thedheh adhi mirey eh part plxxxxxxxxx???
Morning ge episode ge comment egga mutha bunymennu 50 episode ey innaany. Ekam dhigukoh genesdheythy eyahvure avahah nimeyne ey. Aslu igeyth varah varah happy vi e comment fenunyma. Readers aa dheytherey muthage hiy dho aslu eygen e eguny. Kihaa loabin readers beynun vaa gothah hadhan try eba kurey. Really love you
Story hama varah rythi vefa varah furihama. Varah kiyaa hithun kiyaa vaahaka eh meee. ILY
Varah reethi
Ekanthah vess falhaa aruvaala bala Anekaa golhi yah laabala firimeehaa annan Vaa irah. Vvvv reethi egy inthizaar mi kuraney next part ah
Kobaaaaaaaathaaaaaa miadhuge partu
Alhey…vrh salhi story eh???…adhi miadhu hurihaa part eh mi kee…plx aneh part avas kh dhyba… can’t wait..n heekuran mi vrhaka ekkh nimmrdheyne kamah…