ސޫރަ
އެއީ ވަރަށް އުޑުމަތި ސާފު ރީތި ރެއެކެވެ. އަހަންނަކީ އޮފީހުގައި އާދައިގެ މަޤާމަކަށް އަލަށް ވަތް މުވައްޒަފެއްކަމުން، އޮފީސް ތަޅުމުގެ ޒިންމާ އޮންނަނީ އަހަރެންގެ ބޮލަށް ޖަހާފައެވެ. ކޮންމެ ރެއަކު 11 ޖަހާއިރަށް އޮފީސް ތަޅުލަން ޖެހޭނެކަމަށް އަންގާފައި އޮވެއެވެ. އަހަންނަށް މިކަން ވެފައި އޮތީ ބޮޑު ކަމަކަށެވެ. ތަޅުލާން ޖެހެނީ ހަމައެކަނި މައިދޮރެވެ. ދެން ޖެހެނީ ހުރިހާ އޭސީތަކާއި ބޮކިތައް ނިއްވާށެވެ. ފާހަނާތަކުގެ ކުޑަދޮރުތައް ލައްޕާށެވެ.
“އަޅެ ދެން ދޮންތާ.. ތިތާ ބޮޑު މީހާ ގާތުގައި ބުނެބަލަ އަހަންނަށްވެސް ވަޒީފާއެއް ދޭން.. ” ސޯފާ މަތީގައި އޮވެގެން ޓީވީ ބަލަމުން އަހަރެން ދިޔައީ އަހަރެންގެ ދޮންތަ ގާތުގައި އާދޭސްކުރަމުންނެވެ. ދޮންތަ އޮފީހުގައި ކުރަން ޖެހެނީ ހަމައެކަނި އޮފީސް މަސައްކަތަށް ވާތީއެވެ. ކަޑައެޅިފައިވާ ގަޑި ހަމަވުމުން އިތުރަށް ނިކުންނަން ޖެހޭނެ ޑިއުޓީއެއް އެއްޗެއް ނު އޮންނާތީއެވެ. އޮފީސް ތަޅުލާން ވަކި މުވައްޒަފަކު ހަމަޖައްސާފައި ހުރީމައެވެ. ހައްތަހާވެސް އަހަރެން ބޭނުންވާ ކަހަލަ ސިފަތައް ހުރި، ވަޒީފާ އަދާކުރާހިތްވާ ކަހަލަ މާހައުލަކަށްވުމުންނެވެ. “އެއޮއް އެގާރަ ގަޑި ބައިވީ.. މިރޭ އެހެން މީހަކަށް އޮފީސް ތަޅުލާން ޖެހުނީތަ؟” އަހަރެން ކުރި ސުވާލަށް ޖަވާބު ނުދީ ދޮންތަވެސް އަހަންނަށް ސުވާލެއް ކޮށްލިއެވެ.
އަހަންނަށް ގަޑި ބަލާލަން ހަނދާންވީ ދެނެވެ. ކަމަކު ދާކަށްނެތެވެ. ދޮންތަ ބުނީ ތެދަށެވެ. ގަޑީން އެގާރަގަޑި ބައިވެ ބޮޑުވީއެވެ. މާދަން މައްސަލަ ޖެހޭނެކަން ޔަގީންވެ ހުރެ އަހަންނަށް އެންމެ އަވަހަށް އަތުގައި ޖެހުނު ބުރުގާއެއް ބޮލަށް މަހާލީމެވެ. “ދޮންތާ… ދީބަލަ 50 އެއް.. ކާރެއްގައި ކަންނޭނގެ ދާން ޖެހޭނީ.. މިރޭވެސް ޖިނާހު ނުނެގި ފޯނެއް.. އެކަމަކު ބުނާނެ ގުޅާށޭ..” މީހާ ރުޅި އައިސްވެ ރަތްވެފައިވާ ހާލުގައި އަހަރެން އަޑުގެ ނެތް ތަނަށް ދޮންތަ ގާތުގައި ބުނީމެވެ. ނަމަވެސް އަހަރެންގެ ނަސީބު އަހަންނަށް ދޯކާއެއް ދިނީއެވެ. މަހުގެ ފަހު ކޮޅުގައި ކަމުން ދޮންތަ އަތުގައިވެސް ލާރި ނެތީއެވެ. އަހަރެން އިތުރު ވަގުތު ބޭކާރު ނުކޮށް ލިފްޓަށް އަރަން ދުއްވައިގަތީމެވެ. ލިފްޓުވެސް އިނީ ބަންދުކޮށްފައެވެ. މެއިންޓެއިނެންސް މަސައްކަތެއް ކުރާތީއެވެ.
އަހަރެން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހިތާހިތުން ގޭގެ ވެރިފަރާތަށް ކުދި ކިޔަން ފެށީމެވެ. 12 ވަނަ ފުލޯއިން ތިރިއަށް ފައިބާއިރު މީހާ ދާހިއްލާނެ ވަރު އަންދާޒާ ކުރެވޭތީއެވެ. އަދި ތިރިއަށް ފޭބި ނަމަވެސް އޮފީސް ހުރި ހިސާބު ދުރުވީމައެވެ. ދޮންތައާއި ދެމީހުންނަށް އަގު ހެޔޮކޮށް ދިރިއުޅެން ލިބުނީ ހެންވޭރު އަވަށުގައި އިން ގެއަކުންނެވެ. އޮފީސް އިންނަނީ މާފަންނު އަވަށުގެ ކޮޅުގައެވެ. މީ ހައްތަހާވެސް އަހަރެންގެ ނަސީބުގެ ދެރަކަމެވެ. ޖިނާހުއަށްވެސް ފޯނު ނަގަން ނޭނގުނީ މިރޭގައެވެ.
ޖިނާޙަކީ އަހަރެން ރައްޓަހިވެގެން އުޅޭ ކުއްޖާއެވެ. އޭނާ އަކީ ސިފައިންގެ އޮފީހުގެ އިސް މަޤާމެއް އަދާ ކުރާ މީހެކެވެ. އެހެންކަމުން ކޮންމެ ވަގުތުގައިވެސް އޮފީހަށް ނިކުންނަން ޖެހިދާނެއެވެ. އާންމު ގޮތެއްގައި އަހަރެން ދުވާލު ގަޑީގައި ހިނގާފައި އުޅުނު ނަމަވެސް ރޭގަނޑުގައި އެކަނި ނުގޮސް ޖިނާހުއަށް ގުޅުމަށް އޭނާ އަބަދުވެސް ބުނެއެވެ. ނަމަވެސް ބައެއް ފަހަރުގައި އޭނާ އޮފީހުގެ މަސައްކަތް ބުރަވާ ދުވަސް ދުވަހު އަހަރެން ކާރުގައި ދަމެވެ. މިކަމާ ހެދި ދޮންތަ ވަރަށް ގިނައިން ލައިސަންސް ނަގަން ބުނެއެވެ. އަބަދުވެސް އަހަރެންގެ ޖަވާބަކަށް ވަނީ ދޮންތަ ނަގާ ދުވަހަކުން އަހަރެންވެސް ނަގާނެކަމަށެވެ. އެހެން އަހަރެން ބުނަނީ ދޮންތަ އަނގަ ބަންދުކޮށްލުމަށެވެ. އެއީ އަހަންނަށް ދޮންތަ ދުވަހަކުވެސް ސައިކަލު ނުދުއްވާނެކަމުގެ ޔަގީންކަން އޮތީމައެވެ. ދޮންތަ ވަރަށް ކުޑައިރުގައި ބައްޕަ އާއިއެކު ފިނިބުރެއް އަޅާލަން ދިޔަ ދުވަހެއްގައި ބައްޕަ ސައިކަލު އެކްސިޑެންޓްވީއެވެ. އެ އެކްސިޑެންޓްގައި ބައްޕައަށް ބޮޑެތި ޒަޚަމްތައްވެ، ދުވަހަކުވެސް ނުހިނގޭނެކަމަށް ޑޮކްޓަރު އެންގިއެވެ. އެކަމާއި ގުޅިގެން މަންމައާއި ބައްޕަ ރާއްޖެތެރޭގައި ދިރިއުޅޭ މަންމަ ފަރާތުގެ ޢާއިލާ މީހެއްގެ ގާތަށް ބަދަލުވީއެވެ. މިހާރު އޭގެ ފަހުން 15 އަހަރުވީއެވެ. އަދި އަދަށް ދާންދެން ދޮންތަ ސައިކަލެއްގެ މައްޗަކަށް ނާރައެވެ. ކޮންމެވެސް ބަހަނާއެއް ދައްކާނެއެވެ. ރައްޓަހިވެގެންވެސް އުޅެނީ ކާރު ދުއްވާ މީހަކާއެވެ. ދޮންތަ ހިތުން މިހުރިހާ ކަމެއް އަހަންނަށް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް އަހަރެންނަށް ހުރިހާ ކަމެއް ފާހަގަވެއެވެ.
ދޮންތައާ ޚިލާފަށް އަހަންނަށް ދޮންތައަށް ދިމާވިފަދަ އެއްވެސް ހާދިސާއެއް ދިމައެއް ނުވެއެވެ. އެކަމަކު އަހަރެން ސައިކަލު ދުއްވަން ގަންނަ ބިރެއްގެ ސަބަބުން އަހަންނަށް އެކަން ކުރާކަށް ނުކެރެއެވެ. އެހެންކަމުން އަހަރެން އެއްވެސް އިރެއްގައި ސައިކަލު ދުއްވާކަށް މަސައްކަތެއްވެސް ނުކުރަމެވެ.
ގޭގެ އެންމެ ތިރީ ގްރައުންޑް ފުލޯއަށް ފޭބި އިރު އަހަރެން ހުރީ ނޭވާ ކުރުވެފައެވެ. ވަރުބަލިވުމުންނެވެ. މަގުމައްޗަށް ބަލާލިއިރު ކަމަކު ދާކަށްނެތެވެ. އެ މަގުގެ ނިމޭކޮޅުގައި ހުރި ގެއެއް ހަދާތީ އަވަހަށް ދެވެން އޮތް މަގުވެސް އޮތީ ބަންދުކޮށްފައެވެ. ޖެހުނީ މަޖީދީމަގަށް ނިކުންނާށެވެ. އެހެންކަމުން މަޖީދީ މަގަށް ނުކުމެ ގައިގައި ހުރި ބާރެއް ދެފަޔަށްލާ ހިނގުނު އެންމެ ބާރު މިނުގައި މާފަންނު އަވަށާއި ވީ ކޮޅަށް ހިނގައިގަތީމެވެ.
ގާތްގަޑަކަށް 15 ވަރަކަށް މިނިޓް ތެރޭގައި އޮފީހާ ހަމައަށް ދެވުނެވެ. އަވަހަށް ސައިން އިން ކޮށްލާފައި ޖީބަށް އަތްލީ ފޯނު އަތުގައި ޖެހޭތޯއެވެ. ކޮންމެ ރެއަކުގައި އަހަރެން އޮފީސް ތަޅުލަނީ ރުޤްޔާ ޖަހައިގެންކަމަށްވާތީއެވެ. އަނދިރި ތަންތަން ދެކެ މީހާ ބިރުގަންނާތީއެވެ. އަހަންނަކީ ޖިންނި ޝައިޠާނުން އުޅޭކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރާ މީހަކަށް ވާތީއެވެ. ނަމަވެސް އެކަމެއްވެސް ވާކަށް ނެތެވެ. ޖީބުގައި ފޯނެއް ނެތެވެ. ގަޑި ޖެހިގެން އޮފީހަށް އަންނަން، އަވަސް އަރުވާލާފައި ރީތިވީއިރު، އޭގެ މަތީން ހަނދާން ނެތުނީއެވެ. ފޯނު އެނދުމަތީގައި ބާއްވާފައި އާދެވުނީއެވެ. އެހެންކަމުން ތެޅި ތެޅި އޮތް ހިތަކާއިއެކު މައްޗަށް އަރައިގެން ދިޔައީމެވެ. ދެ ފުލޯއަށް ހުންނަ އެ އިމާރާތް ތަޅުލުމަށް އަހަންނަށް ޖެހޭ ކޮންމެ ފަހަރަކުވެސް އަހަރެން މަތީބައި ފުރަތަމަ ތަޅުލާތީ އެގޮތަށް އެކަން ކުރަން އޮންނަނީ އާދަވެފައެވެ.
މައްޗަށް އަރައި އޭސީ ރިމޯޓްތައް އަތަށް ލައިގެން ފަހަރަކު އޭސީއެއް އޮފްކުރަމުން ގެންދިޔައީމެވެ. ދެން އެއަށްފަހު ލައިޓްތައް އޮފްކޮށް އަވަހަށް ތިރިއަށް ފޭބީމެވެ. ތިރީގައި ހުންނަނީ ވެރިންތަކުގެ ރޫމްތަކެވެ. ދެން މަސައްކަތު މީހުންނަށް ޚާއްސަ ކޮޓަރިއެކެވެ. މި ހުރިހާ ރޫމްތައް ހަދާފައި ހުންނަނީ ބިއްލޫރީންނެވެ. އެތެރެ ނުފެންނަ ބޯ ބިއްލޫރިއެވެ. އަހަރެން ފަހަރަކު ރޫމްއެއްގެ އޭސީއާއި ލައިޓް އޮފް ކުރަމުން އެންމެ ފަހު ކޮޓަރިއަށް ޖެހުނެވެ. އޭރުގައި ނުނިވާ ހުރީ ހަމައެކަނި އެރޫމްއާއި ސައިން އިން ވާން އިންނަ ތަނުގެ ލައިޓް އެކަންޏެވެ. އެހެންކަމުން ފުދޭވަރެއްގެ އަލިކަމެއް އެތަނުގައި ހުއްޓެވެ.
ގަޑިން އޭރުގައި 12 ޖެހީއެވެ. އަހަންނަށް އެކަން އެނގުނީ ތިރީގައި އިން ގަޑީން ކީ އަޑުންނެވެ. ކުއްލިއަކަށް ވާރޭ އޮއްސާލި އަޑު އިވުނެވެ. އެހާ މަދު ވަގުތު ކޮޅެއްގައި އުޑުމަތި ބަނަވީބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ހަމަ ޔަގީނުންވެސް އަހަރެން އައި އިރުގައި އުޑުމަތީގައި ތަރިތައް ފިޔަޖަހާ މަންޒަރު ރީއްޗަށް ފާޅުވާން ހުއްޓެވެ. އުޑުމަތި ބަނަކޮށް އޮތްނަމަ އެހެން ނުވީސްއެވެ. ޔަޤީން ކުރުމަށްޓަކައި ބޭރު ކުޑަދޮރުން ބޭރު ބަލާލީމެވެ. ވާރޭ ތިކިތައް ވެހޭ މަންޒަރު ފެނުނެވެ. އެހެން ކަމުން އަވަހަށް ތަޅުލާން އެ ރޫމްގެ ދޮރާ ދިމާލަށް ދާން ހިނގައިގަތީމެވެ. “ރާނީ…” ދޮރު ހުޅުވާލަން އަމާޒު ކޮށްލިތަނާ އަހަންނަށް މީހަކު ގޮވާލިހެން ހީވެގެން ފަހަތަށް އެބުރުނީމެވެ. ވަށައިގެން ބަލާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން އަހަރެން އަލުން ދޮރުހުޅުވާލަން މިޞްރާބު ބަދަލު ކޮށްލީމެވެ. ދެންވެސް ކަންތައްވީ އެހެންނެވެ.
އަހަރެން ގަތީ އަމަށަކުން ބިރެއް ނޫނެވެ. މީހާ ތުރުތުރު އަޅާ ހާލު ހުރެ އަނިއްކާވެސް ފަހަތަށް އެބުރި ވަށައިގެން ބެލީމެވެ. ދެން މީހަކު ނުފެނުމުން ދޮރު ހުޅުވާލަން އަމާޒުކުރުމަށް އަލުން ދޮރާ ދިމާލަށް އަހަރެން ހުއްޓުނީމެވެ. ފެނުނު މަންޒަރުން އަހަރެން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އޭސީގެ ފިނިކަމުން ދޮރުގައި ފުސްކަމެއް ހެދިފައި ހުއްޓެވެ. ނަމެވެސް އެ ބިއްލޫރި ދޮރުން ވަރަށް ސާފުކޮށް މީހެއްގެ ރިފްލެކްޝަން ފެންނަން ހުއްޓެވެ. އެމީހާ ހުރީ ބޯހާވައިލައިގެން ހުދު ހެދުމެއް ލައިގެންނެވެ. އެމީހާގެ ހަންގަނޑުވެސް ހުރީ ހުދުކޮށެވެ. ދެލޯ ކައިރި ވަޅު ހެދިފައެވެ. ނަމަވެސް އެމީހާ ހުރީ އަހަންނަށް ބަލާކަށެއް ނޫނެވެ.
އަހަރެން ހުރީ ބިރުން ރޫރު އަޅައެވެ. ކިތަންމެ ވަރަކަށްވެސް ހެޔޮ އެއްޗެއް ކިޔަން އެގަޑީގައި ހިތަށް އެރިއެވެ. ނަމަވެސް ދުލާ ހިސާބަށް އެއްވެސް އެއްޗެއް ނާދެއެވެ. ހަނދާންވެސް ނުވަނީއެވެ. އެހެން ހުއްޓައި ނޯއް ދަމަން ނުކެރޭ ވަރަށް މީހުން ކަފުން ކުރާ ތަންތަނުގައި ދުވާ ވަސްތައް އަރައިގަތެވެ. އަހަންނަށް ގުޑިލާންވެސް ނުކެރުނެވެ. އެއްވެސް އަރިއަކަށް ބަލާނުލާ އެ ހުރި ގޮތަށް އަހަރެން ހުރީމެވެ. ކުއްލިއަކަށް ލޯގަނޑުން ފެނުނު މީހާގެ ލޯ ސީދާ އަހަންނަށް އަމާޒުވިއެވެ. އަދި އެމީހާގެ އަނގަ ތަންމިނަށް ހުޅުވާލިއެވެ. “ރާނީ…” މި ފަހަރު އަޑު އައީ އޭނާގެ އަނގައިންނެވެ. ކުރިން އަޑު އިވުން ގޮތާއި ތަފާތުކޮށެވެ. ބަރު ކުރަކިވެފައިވާ އަޑަކުންނެވެ. އަހަރެން ގަތް ބިރުން ގަޔަށް ކުޑަކަމުވެސް ދެވުނެވެ. ނަމަވެސް އެކަމަށް ފަރުވާލެއްނެތި ބާރަށް ދުއްވައިގަތީ މައިދޮރާށްޓާއި ދިމާލަށެވެ. އަހަރެން މަސައްކަތް ކޮށް ކޮށްވެސް އަހަރެންގެ ފިންގަރ އެއް ރީޑް އެއް ނުކުރިއެވެ.
“ރާނީ… އާދޭ… ” މިފަހަރު އަޑު އައީ ތަންކޮޅެއް ބާރަށެވެ. އޭރުގައި އެ ހުރީ މައި ދޮރަށް ވީ މަގުގައި ހުއްޓިލައިގެންނެވެ. އަހަރެން ސިޑިއަށް މިސްރާބު ޖެހީމެވެ. އަދި އަރައިގެން ހުރި ވެޖުން ހުރި ބާރެއް ލާފައި ކުޑަދޮރުގައި ޖަހައި އެތާގައި އިން ކުޑަދޮރެއް ތަޅައިލީމެވެ. އަދި ބޭރަށް ފުންމައިލީމެވެ. އަދި މީހާގެ ހުރިހާ ވަރެއް ފަޔަށް ލައިގެން ދުވަން ފެށީ ގެއާ ދިމާއަށެވެ. ގަތްފައި ހުރި ބިރުގެ ސަބަބުން އިތުރަށް ފަހަތެއް ނުބަލަމެވެ. “މަންޖޭ.. މީ ދެން އެކްސާސައިޒް ކުރަން ގަޑިއެއްތަ؟” ގެއަށް ދިޔަ މަގުމަތީގައި ބަޔަކު ބުނި އަޑު އަހަންނަށް އިވުނެވެ. ނަމަވެސް އަހަރެން ފަސް އެނބުރި ނުބަލަމެވެ.
އަހަރެން ދިޔައީ ދުވަމުން ކަމުން މާ ލަސްތަކެއް ނުވެ ގެއަށް ވަދެވުނެވެ. “ކޮއްކޯ އެކަމަކު ހާދަ ވަރެއް ކޮށްލާފައޭ.. މާ ގިނަތަނެއް ތަޅުލަން ޖެހުނު ރެއެއްތަ؟” އަހަރެން ހުރި ހާލު ފެނުމުން ދޮންތަ އަހަރެން ގާތުގައި އަހާލިއެވެ. އަހަރެން ދިނީ ވަރަށް ކުރު ޖަވާބެކެވެ. ނޫނެކެވެ. އެހެން ބުނެފައި އަހަރެން ކޮޓަރިއަށް ވަދެ ފުރަތަމަވެސް ފޯން ނެގީމެވެ. ޖިނާހު 25 ފަހަރަށް ގުޅާފައި އިނެވެ. 12 މެސެޖްވެސް ކޮށްފައި އިނެވެ. ނަމަވެސް އެއިން އެއްޗަކަށް ބެލޭވަރަށްވުރެ އަހަރެން ހުރީ ބިރުވެރިކަމުގެ ތެރޭގައެވެ. އެހެންކަމަށްވުމާއެކު ފޯން ނަގައި ރުޤްޔާ ޖެހީމެވެ. އަދި ފާހަނާއަށް ވަދެ ފެންވަރައި ވުޟޫކުރީމެވެ. ނަމާދެއް ކޮށްލުމުގެ މަޤްޞަދުގައެވެ. ގަތްފައި ހުރި ބިރުން ސަލާމަތްވުމަށެވެ. ފާހަނާގައި ހުރި އިރުވެސް އަހަންނަށް އިރުކޮޅަކާ ފާހަނާގައި ހުންނަ ލޯގަނޑަށް ބެލެއެވެ. ބަލާލެވޭ ކޮންމެ ފަހަރަކުވެސް އެމަންޒަރު ސިފަވާ ކަހަލައެވެ. އަހަންނަށް ކިރިޔާވެސް ހިތްހަމަ ޖެހުމެއް ލިބުނީ ނަމާދުކޮށްލެވުނީމައެވެ.
” ހިނގާފައި ދިޔައީ.. ފޯން ހަނދާން ނެތިގެން ގޭގައި ބޭއްވިފައި އޮތީ.. އައިސް ނަމާދު ކޮށްލައިގެން ނިދަން މި އޮށޯތީ އިނގޭ.. ވަރަށް ނިދި އެބަ އާދޭ .. ގުޑްނައިޓް .. މާދަން ގުޅާނަން އިނގޭ…” ނަމާދުކޮށް ނިމި އެނދުގައި އޮށޯވެގެން އޮވެ އަހަރެން ވާހަކަ ދައްކަމުން ދިޔައީ ޖިނާހުއާއެވެ. ޖިނާހު އަހަރެންގެ ވާހަކައަށް އެއްބަސްވިއެވެ. އެހެންވެ އަހަރެން ފޯން ބާއްވާފައި ނިދަން އޮށޯތީމެވެ. އިތުރަށް އޮފީހުގައި ދިމާވި ކަމަށް ނުވިސްނުމަށްޓަކައި ޤުރުއާނާއި އެކު އޭގެ ތަރުޖަމާ މީހަކު ކިޔާފައި އިން އޯޑިއޯއެއް އެޅުވީމެވެ. އަދި ނިދާ ބޭހެއް ކެއުމާއެކު އިސާހިތަކު ނިދިއްޖެއެވެ.
އަނެއް ދުވަހު އޮފީހަށް ދިއުމުން އޮފީސް ތަޅުނުލާ ހުރި މައްސަލައާއި ކުޑަދޮރު ތަޅާލާފައި ހުރި މައްސަލަ ޖެހުނެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަހަރެން ރޭގަނޑު ގެއަށް ދާންވެގެން އެތެރޭގައި ހުރެ ފިންގަރޕްރިންޓް ރީޑަރ އަށް ފިންގަރ ޖައްސައިގެން މައިދޮރު ހުޅުވަން އުޅި އުޅިވެސް ނުހުޅުވުނީމައެވެ. ހަޤީޤަތަށް ކަންތައްވީގޮތް ކިޔާދޭން ހިތަށް އަރާފައިވެސް މީހުން ޖޯކު ޖަހާނެކަމަށް ވިސްނާފައި އެވާހަކައެއް ނުކިޔާދެމެވެ. އެދުވަހު އޮފީހުން އަހަންނަށް ފުރަތަމަ ފަހަރަށް ނޯޓިސް ދިނެވެ. ފަރުވާ ކުޑަކަމަށެވެ. އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އަދި އޮފީހުން ވަކިކޮށްދިނުމަށް އެދުނީމެވެ. މަސައްކަތް ކުރުމަށް އިތުރަށް ޝައުގުވެރިކަން ނެތުމަށް ބަޔާން ކުރަމުންނެވެ. ނަމަވެސް އަސްލުގައި އެއީ އަހަރެން އޮފީސް ތަޅުލަން އައިސް އެ ބިރުވެރިކަމުގެ ތެރޭގައި އިތުރަށް އުޅެން ބޭނުން ނުވާތީއެވެ. ޕްރޮބޭޝަންގެ މުއްދަތު ކަމުން ފަސޭހަކަމާއެކު އޮފީހުން އަހަރެން ވަކިކޮށްދިނެވެ.
ގެއަށް އައިގޮތަށް އަހަރެން ދޮންތަ ގާތުގައި ބުނީ އޮފީހުގައި އިތުރަށް އުޅެން ބޭނުން ނުވާތީ އަހަރެން އޮފީހުން ވަކިވީކަމަށެވެ. ޖިނާހު ގާތުގައިވެސް ބުނީ އެހެންނެވެ. ސަބަބަކަށް ބުނީ އޮފީހުގެ އިތުރަށް އެ ޖައްސާ މަސައްކަތްތަކުގެ ބުރަކަމުގެ ވާހަކައެވެ. އެމީހުން އެކަން ޤަބޫލުކުރިއެވެ. އަހަރެން އުޅޭ ގޮތް އެމީހުންނަށްވެސް ފެންނާނެއެވެ. އަހަރެން ވަޒީފާ ދޫކުރިތާ ގިނަ ދުވަހެއް ނުވެ ދޮންތަ އުޅުނު އޮފީހުން މަޤާމަކަށް ޢިއުލާނު ކުރިއެވެ. އަހަރެން ވަގުތުން އެޕްލައި ކުރީމެވެ. ﷲގެ އިރާދަފުޅާއެކު އަހަންނަށް އެ މަޤާމް ލިބުނެވެ. އޭގެ ފަހުން އަހަރެން އުޅުނީ ވަރަށް ފަސޭހައިގައެވެ. މަސައްކަތް ކުރަން ޖެހެނީ އޮފީހުގައި މަސައްކަތް ކުރަން ހަމަޖެހިފައި ހުންނަ 6 ގަޑީއިރުގައި އެކަނި ކަމަށްވާތީއެވެ. އޮފީސް ތަޅުލާން ނުޖެހޭތީއެވެ. ގެއާ ކައިރީގައި އޮފީސް ހުންނާތީއެވެ. ނަމަވެސް އަދިވެސް ރޭގަނޑު ވަގުތެއްގައި މާފަންނުގައި އަހަރެން ކުރީގެ އޮފީސް ހުރި ދިމާލަށް ދިއުމަށް ފަސްޖެހެއެވެ. އެ ސޫރަ ފެނިދާނެތީއެވެ.
ނިމުނީ….
8 Comments
Comments are closed.
its scaaarryyyy????????????
Thaaaanksss XD
Masha Allah varah reethi mi vaahaka and varah biruveri. I like this story very much.???
Thankyou. It means alot hehe
Haadha kureyyy
Yess. ehaa haadhisaa dhigu nukuran vegen.
Varah salhi….
Hama fabulous Vrh salhi egaay aslahvx