ހޯދޭތޯ މަންޒިލެއް… 3

- by - 36- October 12, 2018

މައުސޫމާއަށް އިރުޝާދުތަކެއް ދިނުމަށް ފަހު ނަރުސްކުއްޖާ ނިކުންނަން ދިޔައީ ކުޑަ އިރުކޮޅެއް ފަހުން ޑޮކްޓަރު އަންނާނެ ވާހަކަ ބުނެލުމަށް ފަހުގައެވެ. ނަރުސްކުއްޖާއާއި ހިނިތުންވުމެއް ބަދަލުކޮށްލުމަށްފަހު މައުސޫމާ ބޯޖަހާލި އެވެ.

އިންތިޒާރުގެ ވަގުތުތައް ގުނަމުން ދިޔަ ޒިވާން އޭނަގެ މަންމައަށް ގޮވާލި އެވެ. އެއާއެކު މައުސޫމާ އަވަސްވެގަތީ ޒިވާން ކަމަކަށް ބޭނުންވީއޭ ހިތާ އެކަމެއް ފުރިހަމަކޮށްދިނުމަށެވެ. އޭނަ ގޮސް ޒިވާން އޮތް އެނދު ކައިރިއަށް ހުއްޓިލުމާއެކު ޒިވާން އެދުނީ އެހީތެރިޔާގެ ގޮނޑީގައި އިށީނުމަށެވެ.

ޒިވާންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލި މައުސޫމާގެ ހިތަށް ނުތަނަވަސްކަން ވެރިވެގެން ދިޔައީ އެމޫނުން އޭނައަށް ފެނުނު ސީރިޔަސްކަމުންނެވެ. ޒިވާން ދައްކަން އެއުޅޭ ވާހަކައަކީ ކޮބައިކަން ވެސް އޭނައަށް ނަގައިގަނެވުނެވެ. އޭރު އޭނަ ހިތާ ސުވާލުކޮށްލެވުނީ ޒިވާންގެ ސުވާލުތަކަށް އޭނަ ޖަވާބު ދޭނެ ގޮތަކާ މެދުގައެވެ. ތެދު ހާމަކުރަންވީ ހެއްޔެވެ؟ ނޫނީ ދޮގުތަކުން ޒިވާންގެ ހިތުގެ ނުތަނަވަސްކަމަށް ނިމުން ގެނެސްދޭންވީ ހެއްޔެވެ؟

”މަންމާ…”

ފިނިވެފައިވި އަތްތިލަ ޖޯޑުކޮށްލައިގެން އިން މައުސޫމާއަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ ޒިވާންގެ އަޑަށެވެ. ޒިވާންއާ ހަތަރުކަޅި ހަމަކުރަން ނުކުޅެދިފައިވާ ހާލު މައުސޫމާ ހޫމްމްމް ލައްވާލިއެވެ.

”އަހަރެން މިކުރާ ސުވާލުތަކަށް މަންމަ ތެދުތެދަށް ޖަވާބު ދޭނަންތަ؟…” މަންމަގެ ކޮންމެ ހަރަކާތަކުން ބުނެދެމުން ދިޔަ ވާހަކަތަކަށް ފަރުވާތެރިކަން ދެމުން ދިޔަ ޒިވާން އެހިއެވެ. އޭރު އޭނަގެ ހިތަށް ތަދުގެ އިހުސާސްކުރެވެމުން ދިޔަ އެވެ. އޭނަގެ ސުވާލުތަކުގެ ޖަވާބު ލިބޭނެ ގޮތް އޭނައަށް ދުރާލާ އަންދާޒާކޮށްލެވުނީ އެވެ.

”އަނެއްކާ ކޮންކަހަލަ ސުވާލެއްތަ؟…” މާހައުލުގައި އޮތް ނުތަނަވަސްކަން ކަނޑުވާލަން މައުސޫމާ ގަދަކަމުން ހިނިތުންވެލަން އުޅުނެވެ. ނަމަވެސް އޭނައާއި ޒިވާންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު މައުސޫމާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. މައިލަނގޮޑިއަށް އެނގުން ވެގެން އައީ އެލޮލުން އޭނައަށް ފެނުނު އުދާސްތަކާއި ވޭނުގެ ސަބަބުންނެވެ. އިސާހިތަކުގެ އޭނަގެ ދެލޮލުގެ ތެރެއަށް ކަރުނަ ޖަމާވާން ފެށިއެވެ. ލޯބިވާ ދަރިފުޅު ބަލި އެނދުގައި އެތައް ވޭނެއް ތަހައްމަލުކުރުމުން، މަރާއި ހަނގުރާމަކޮށް ނިމިގެން ދާތަން ދެކެން ބޭނުންވާނީ ކޮން މައެއް ހެއްޔެވެ؟ ކޮންމެ ދުވަހެއްގެ އިރުއަރައި އޮއްސިގެން އެދަނީ އެދަރިފުޅަށް އެލިބޭ ވޭނަށް ލުޔެއް ހޯދައިދިނުމުގައި އޭނަ ނުކުޅެދިފައިވާކަން އިހުސާސްކޮށްދިނުމަށްފަހުގަ އެވެ. ހަމައެއާއެކު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރިމަތިލާން ޖެހޭނެ ހިތި ހަޤީޤަތް އޭނަގެ ލޯހުޅުވަން މަޖުބޫރު ކުރަވަމުންނެނެވެ.

މައުސޫމާއަށް އިސްޖަހާލެވުނެވެ. ލޯބިވާ ދަރިފުޅާއި އިތުރަށް ކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތެވެ. އޭނަގެ ނިކަމެތިކަމާއި ބަލިކަށިކަން އެފަދަ ކޮންމެ ވަގުތެއްގައި އިހުސާސްވެގެން ދެއެވެ. މިދުނިޔޭގެ ހުރިހާ ހިތާމައަކުން ދެލޮލުގެ ނޫރު ފަދައިން ބަލާބޮޑުކުރި ދަރިފުޅު ހިމާޔަތްކުރަން އޭނަ ނުހަނު ބޭނުމެވެ. އެދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލުވުމަށް ވެސް އެދެވެއެވެ. އެހެނަސް މިއަދު އޭނައަށް މަޖުބޫރުވެފައި އެވަނީ ދުނިޔޭގެ ހިތި ހަޤީޤަތާ ކުރިމަތިލާށެވެ. ލިބިފައިވި މުއްސަނދިކަމުން ވެސް މިއަދު އޭނަގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމުގައި އެވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ޒިވާން ރަގަޅުވާން ކުރެވުނުހާ މަސައްކަތެއް އޭނަ ކުރިއެވެ. އެހެނަސް އިލާހީ ޤާނޫނު އޭނައަށް ބަދަލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެވަގުތު އޭނައަށް ވިސްނާލެވުނީ އޭނަ ފަދައިން ކެންސަރުގެ ވޭން ތަހައްމަލުކުރާ ކިތައް މައިންނެއް މިދުނިޔޭގައި އުޅޭނެ ކަމެވެ. އޭނަގެ ދުޢާއަކީ މިދަފަ ހިތްދަތި ދުވަހެއް އެއްވެސް މަޔަކަށް ނުދެއްކެވުމެވެ. އެވޭން ތަހައްމަލުކުރާ ދުވަހެއް ވެސް ނުދެއްކެވުމެވެ.

”މަންމާ…” ރޮމުން ދިޔަ އޭނަގެ މަންމަ ފެނި ޒިވާންގެ ހިތަށް ނުހަނު އަސަރުކުރިއެވެ. އޭނަގެ ލޯބިވާ ޢާއިލާ ދޫކޮށްދާން ޒިވާން ތައްޔާރެއް ނޫނެވެ.

މައުސޫމާ އަވަސްއަވަހަށް އޭނަގެ ކަރުނަތަށް ފޮހެލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލީ ހިތުގެ އުދާސްތައް ވެސް އެއާއެކު ބޭރުކޮށްލުމަށެވެ. އޭނަ ބަލިކަށިވެ ރޮންޏާ ޒިވާންގެ ހިތަށް އަސަރުކުރާނެވަރު އޭނައަށް އަންދާޒާކޮށްލެވުނެވެ. އޭނަ މިހުރިހާ ދުވަހު ޒިވާންގެ ކުރިމަތީގައި އުދާސްތަކާއި ކަރުނަތައް ވަންހަނާ ކުރިއެވެ. އެހެނަސް މިއަދު އެދެލޮލުން އޭނައަށް ފެނުނު މާޔޫސްކަމާއި، ހިތާމައާއި، އުދާސްތަކުގެ ޖަޒުބާތުތަކުން އޭނަގެ މައިލަނގޮޑިއަށް އިތުރަށް ކެތްނުކުރެވުނީ އެވެ. އޭނަ ހިތާމަތައް ވަންހަނާ ކުރަން އުޅުނުކަމުގައި ވިޔަސް ހިތަށްކުރި ފުން އަސަރުތަކާއެކު އޭނަގެ ހިތްވަރު އެލިގެންދިޔައީ އެވެ. އެދަރިފުޅާއި ވަކިވާން އޭނަގެ ހިތް ދެކޮޅުހަދާތީ އެވެ.

”އަހަރެންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ލިބިއްޖެ، ކަންތައް އިތުރަށް ގޯސްވެފައި ނުވާނަމަ މަންމަ އަހަރެންގެ ކުރިމަތީގައި ނުރޯނެ…” ޒިވާންގެ އަޑުގައި ކުރަކިކަން އެކުލެވިފައި ވި އެވެ. ރޭގައި މާއީގެ ފަރާތުން އޭނައަށް ފެނުނު އުދާސްތަކުން ވެސް އޭނައަށް އެކަން އޮތީ ރޭކާލާފައެވެ. ނަމަވެސް ހަޤީޤަތް އެނގުމުން އިތުރަށް ހިތަށް އަސަރުކުރުވިއެވެ. އޭނަގެ އަތުގައި އިތުރު ވަގުތެއް ނެތެވެ. ދެން އެންމެ ރަގަޅުވާނީ ލިބިފައި އޮތް ކުޑަ ވަގުތު ލޯބިވާ ފަރާތްތަކާއެކު ހޭދަކޮށްލުމެވެ. މިދުނިޔެއަށް ފަހުނޭވާލުމުގެ ކުރިން އޭނަގެ ވަކިވެ ދިޔުމަށްފަހު ދުނިޔެއާއި ކުރިމަތިލުމުގައި ހިތްވަރުލައިދިނުމެވެ. އެއީ އިންސާފުވެރި ގޮތެއް ނޫންކަން ވެސް ޒިވާންއަށް އެނގެއެވެ. އޭނަ ނެތިދިއުމުގެ ބުރައާއި ހިތާމަތައް ވެސް ބަރުދާސްތުކުރާނީ އެމީހުންކަމުގައި ވާތީ އެވެ. ބުނެލާ ބަހަކުން އެހިތާމަތަކަށް ލުޔެއް ވެސް ނުލިބޭނެ އެވެ. ނަމަވެސް އެނޫން އިތުރު ގޮތެއް ނެތެވެ.

”ކިހާ… ދުވަހެއްތަ؟…”

އަރުބެދިގެން ދިއުމާއެކު ޒިވާންއަށް އޭނަގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. އެހެނަސް މައުސޫމާއަށް ރަގަޅަށް ދޭހަވިއެވެ. އޭނައަށް ގިސްލެވުނީ ވެސް އެހެން ވެއެވެ. ހަމަ އެހިނދު އޭނައަށް ތުންފަތްމަތީގައި އަތްއަޅާލެވުނެވެ. ދެން މުޅި ކޮޓަރިއަށް ވެރިވެގެންއައީ ހިމޭންކަމުގެ ސުކޫތެކެވެ.

”މަންމަ އަހަރެން ވަރަށް މުހިންމުކަމެއް ކުރަން ބޭނުން…”

ހަމަހިމޭންކަން ވެރިވެފައި އޮތް ކޮޓަރިތެރެއަށް ޒިވާންގެ އަޑު ފެތުރުނެވެ. އެއާއެކު ހައިރާންކަން ލިބިފައިވި މައުސޫމާގެ ނަޒަރު ޒިވާންއަށް ހުއްޓުނެވެ.

”ކޮންކަމެއްތަ؟…” ޒިވާން އަތުގައި ހިފާލަމުން މައުސޫމާ ސުވާލުކުރި އެވެ.

*****

ލަންޑަންގެ ކާރުބާރު ބޮޑު މަގުތަކުން ކާރު ދުއްވަމުން ދިޔަ ހިނދު މާއީގެ ނަޒަރު ހުއްޓާލެވިފައިވަނީ ފަސްވަމުން ދިޔަ އުސް އިމާރާތްތަކަށެވެ. ހަރީފު މޫސުމަށްވުމުން މަގުތަކުގައި ހުރި ގަސްތަކުން އެކަމުގެ އަސަރު ފާޅުވަމުން ދިޔަ އެވެ. ދޮންވެ ފައިބާފައި ހުރި ފަތްތަކުން މަމުގެ ދެފަރާތް އޮތީ ބަރާވެފައެވެ. ހިނގާބިނގާވެ އުޅޭ މީހުން ވެސް ތިބީ ފިނި މޫސުމަށް ތައްޔާރު ކުރެވިފައިވާ ހެދުން ތަކުގައެވެ.

*****

”ބްލޭޒް” ގޭގެ ފުޅާ ގޭޓުން ކާރު ވަނުމާއެކު ފެނިގެން ދިޔައީ ޒަމާނީ އަދި މުއްސަނދިކަމުގެ ކުލަތަކެވެ. ދެބުރިއަށް ނަގާފައިވާ ގެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ފުރިހަމަ އަދި އެހާމެ ރީތި ބަގީޗާގެ ސަބަބުންނެވެ. ދޫލައެއްހެން ފެތުރިފައި އޮތް ވިނަގަނޑާއި، ތަފާތު މާމެލާމެލީގެ އިތުރުން އޮރެންޖް، ޗެރީ އަދި އޯރކް ގަސްތަކުން ބަގީޗާއަށް ދިރުން ގެނެސްދީފައި އޮތެވެ. ހަމައެއާއެކު ގޭގެ ޕޯޓިކޯ ކުރިމަތީގައި ހުރި ބިޔަ ފެންއަރުވާ ވަޑާމާއި އޭގެ ތެރޭގައި ރަނިކަން ކުރަމުން ދިޔަ ދަނބާއި، ފިޔާތޮށިކުލައިގެ ނީލޯފަރުމާތަކުން ގޭގެ ހައިބަތު އިތުރުކޮށްދެއެވެ. ހަރީފުގެ ކުލަތަކުން ބަގީޗާގައި ތަފާތު ކުލަތައް ފެތުރިފައި އޮތް އިރު ނިކަން ހިތްގައިމެވެ. ދުނިޔެމަތީގެ ސުވަރުގެއެއް ފަދަ އެވެ. ފިނިފިނި ރޯޅިތަކާއެކު ގުލްޝަނުގެ ވަސް ފަޒާގެ ތެރެއަށް އިރުއިރުކޮޅާ ފެތުރިގެން ދެއެވެ.

ގެއަށް އާދެވުމާއެކު މާއީ އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ. މާއީ ގޮސް ސިޑިން އަރަން ދިމާކޮށްލި ތަނާ ހުއްޓެވުނީ އޭނައަށް މީހަކު ގޮވާލުމުންނެވެ. ފަސްއެނބުރި ބަލާލުމާއެކު އޯގާތެރި ހިނިތުންވުމަކާއެކު އޭނައާއި ބައްދަލުކުރީ ގޭގައި ގެންގުޅޭ ކުއްޖެއްކަމުގައި ވާ ސޯފީ އެވެ.

މައުސޫމާގެ އިރުޝާދުގެ މަތީން ސޯފީ ހުރީ މާއީއަށް ހެނދުނުގެ ނާޝްތާ ތައްޔާރުކޮށްގެންނެވެ. ހެނދުނުގެ ނާޝްތާ ނުކުރަނީސް މާއީ ކޮޓަރިއަށް ނުފޮނުވުމަށް ވެސް ސޯފީއަށް މައުސޫމާ އޮތީ އަންގާފައެވެ.

ބަނޑުހައިވެފައި ހުރި ވަރު ވެސް މާއީއަށް ރޭކާލީ ކާކޮޓަރިއަށް ވަނުމާއެކު ނޭފަތުގައި ޖެހުނު ވަހުގެ ސަބަބުންނެވެ. އެއާއެކު އޭނަ އަވަސްވެގަތީ ހައިކަން ފިލުވާލުމަށެވެ. މާއީ ނިމެންދެން ސޯފީ ކަައިރީގައި ހުއްޓެވެ. އަދި މެންދުރު ތައްޔާރުކުރަންވީ ކާއެއްޗިއްސާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.

*****

ފެންވަރާލައިގެން އައިސް މާއީ އެނދުގައި އޮށޯވެލުމާއެކު ކޮޓަރީގެ ހުސްކަމުން މާއީއަށް ގޯނާ ކުރަން ފެށިއެވެ. އިސާހިތަކު އޭނަގެ ލޮލުގެ ހިމަކޮޅުންލާފައި ކަރުނަ ފައިބައިގެން ދިޔަ އެވެ. ސިކުނޑީގެ ތެރޭގައި ދައުރުވަމުން އައި ޚިޔާލުތަކާއެކު ހިތަށް އިތުރު ތަކުލީފުތަކެއް މެނުވީ ނުލިބުނެވެ. ދެން ކަންތައް ވެދާނެ ގޮތަކާ މެދު މާއީގެ ހިތް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ލޯމަރާލަން ވެސް އޭނަ ބިރުގަންނަނީ އެހެންވެ އެވެ. ވެދާނެ ގޮތެއް ހިތަށް ގެންނަން ދަތިވާތީ އެވެ.

ސިކުނޑީގެ ނާރުތަކަށް ވާންކުރުވަމުން އައި ޚިޔާލުތަކާ ދުރުވެ މާއީއަށް ނިދުނު އިރެއް ވެސް ނޭނގެއެވެ. އޭނައަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. އެއާއެކު ނިދިފިލައިދާން އިރުކޮޅެއް ވެސް ނުނެގިއެވެ. އޭނަ އަވަސްއަވަހަށް ލޯހުޅުވާލަމުން ފޯނުގެ ސްކްރީނަށް ބަލާލިއިރު ގުޅަނީ މަންމަ އެވެ. އެއާއެކު ނުތަނަވަސްކަން އެމޫނުމައްޗަށް ވެރިވެއްޖެ އެވެ. ހިތުގެ ތެޅުން ވެސް ވަނީ އިންތިހާއަށް އަވަސްވެފިވި އެވެ.

”ހެލޯ…” އަވަސްވެފައިވި ހިތަކާއެކު މާއީއަށް ބުނެލެވުނެވެ. ފޯނުގެ އަނެއްކޮޅުން އިވިދާނެ ޚަބަރާ މެދު ފިކުރުބޮޑުވެފައި ހުރިވަރުން އޭނަގެ މެޔަށް ވެސް ދިޔައީ ބާރުވަމުންނެވެ.

”ކައިފިންތަ؟…” އެކޮޅުން އިވުނު ޒިވާންގެ އަޑާއެކު މާއީގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ފުންނޭވާއެއް ވެސް ދޫކޮށްލެވުނެވެ. ދެން މާއީގެ ނަޒަރު ސީދާ ވެގެން ދިޔައީ ކޮޓަރީގެ ފާރުގައި ހުރި ގަޑިއަށެވެ. އޭރު ހަވީރު ހަތަރެއް ޖަހަން ކައިރިވަނީއެވެ.

”ނިދިފަ އޮތްވާ ދެންމެ މިހޭލެވުނީ، ނަމާދުކޮށްލައިގެން ދާނަން ކާން، އެއަށްފަހު ހޮސްޕިޓަލަށް ދާނަން…” މާއީ ބުނެލިއެވެ.

*****

މާއީއަށް ހޮސްޕިޓަލަށް އާދެވުނު އިރު ޒިވާން އޭނަގެ ބައްޕަ އާމިރުގެ އެހީގައި ފުރޮޅުލީ ގޮނޑީގައި އިށީންނަނީ އެވެ. އޭރު ނަރުސްކުއްޖާއާއި ވާހަކަދައްކަން ހުރި މައުސޫމާ ހުރީ ޒިވާން ބޭރަށް ނިކުމެލަން ބޭނުންވާތީ އެކަމާ ފިކުރުބޮޑުވެފައި ހުރި ހެންނެވެ. ނަމަވެސް ޒިވާން އެކަމަށް ނުހަނު ބޭނުންވާތީ އެންމެފަހުން މައުސޫމާ އެކަމަށް އެއްބަސްވީ ނަރުސްކުއްޖާގެ އިރުޝާދުތައް އަޑުއެހުމަށްފަހުގަ އެވެ.

ފުރޮޅުލީ ގޮނޑީގައި އިން ޒިވާންއަށް މާއީ ބަލާލީ ހައިރާންކަމާއެކުގައެވެ. އެވަގުތު ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް ދޮރާދިމާއަށް ބަލާލި ޒިވާންއަށް މާއީ ފެންނައިރަށް ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

”މާއީ…” ޒިވާން ގޮވާލިއެވެ. އެއާއެކު އާމިރާއި މައުސޫމާ ވެސް މާއީއަށް ބަލާލިއެވެ.

”ޒިވާން ބޭރަށް ނިކުމެލަން ކިޔާވަރުން އެންމެފަހުން އެކަމަށް ހުއްދަ ހޯދީ…” މާއީގެ ހައިރާންކަން ފެނި މައުސޫމާ އޮޅުންފިލުވާލަ ދިނެވެ.

”ދަރިފުޅު ގޮސްލަންވީނު ޒިވާން ގޮވައިގެން ހޮސްޕިޓަލުގެ ޕާކު ތެރެއަށް ނިކުމެލަން… ކަމެއް ދިމާވެއްޖެއްޔާ އެހީވާން ކޭޓް ވެސް ހުންނާނެ…” ނަރުސްކުއްޖާއަށް އިޝާރާތްކޮށްލަމުން މައުސޫމާ ބުނެލިއެވެ. ކޭޓް މާއީއަށް ބަލާލަމުން ބޯޖަހާލިއެވެ. ޒިވާންއަށް ފަރުވާދޭން ފެށީއްސުރެން ފެށިގެން މިއަދާ ޖެހެންދެން ވެސް އަބަދުމެ މާއީއަށް ފެންނަ އެއް މޫނަކީ ކޭޓް އެވެ. ކޭޓްގެ ހިތްވަރުގެ ބަސްތައް އޭނައަށް ލިބުނު އަދަދެއް ވެސް ނޭގެއެވެ. އޭގެ ސަބަބުން އެދެމެދުގައި އެކުވެރިކަން ވެސް އޮތީ އުފެދިފައެވެ. އެމީހުންނާއެކު ކޭޓް ދާނެކަން އެނގުމުން މާއީއަށް ހަމަޖެހުމުގެ އިހުސާސްކުރެވުނީ ކަމެއް ގޯސްނުވާނެކަމުގެ އިތުބާރު އޭނަގެ ހިތުގައި އޮތީތީ އެވެ.

”ލެޓްސް ގޯ، ފައިނަލީ އައެމް އައުޓް އޮފް ދިސް ޕްރިޒަން ސެލް…” ޒިވާން ސަމާސާ ރާގަކަށް ބުނެލިއެވެ. އެއާއެކު ކޭޓް ޒިވާން އިން ފުރޮޅުލީ ގޮނޑި ކުރިއަށް ދުއްވަމުން ހިނގައިގަތެވެ. މާއީއާއި އަރާ ހަމަވުމާއެކު ޒިވާން އޭނަގެ އަތްތިލަ މާއީއަށް ދިއްކޮއްލީ އޯގާތެރި ހިނިތުންވުމަކާއެކުގައެވެ. ޒިވާންގެ ރީތި ހިނިތުންވުން އެތައް ދުވަހަކަށް ފަހު ފެނުމުން ދުނިޔޭގެ ހުރިހާ ހިތާމަތަކެއް މަތިން ވެސް މާއީ ހަނދާން ނެތޭހާ ވިއެވެ. އޭނަ ޒިވާންގެ އަތުގައި ހިފާލި އިރު ހިތްހަމަޖެހުމުގެ އަސަރުން އެމޫނަށް އުޖާލާކަން ގެނެސްދީފައި ވިއެވެ.

ޒިވާންއާއި މާއީ ނިކުމެގެން ދިޔަ މަންޒަރު ބަލަން ތިބި އާމިރާއި މައުސޫމާގެ ހިނިތުންވުން މާޔޫސްކަމަށް ބަދަލުވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ.

*****

ބޭރަށް ނުކުތުމާއެކު މޫނުގައި ބީހިލި ތާޒާ ފިނި ވައިރޯޅިއާއެކު ޒިވާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ތިން މަސްދުވަހަށް ފަހު ބޭރުތެރެއަށް ނިކުމެލުމުގެ ނަސީބު ލިބުމުން އެމޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔަ އެވެ. ހަރީފު މޫސުމުގެ ކުލަތަކުން ޖަރީވެފައިވި ގަސްތަކަށް ޒިވާން ނަޒަރު ހިންގާލިއެވެ. ހަމައެއާއެކު ދޫނިސޫފާސޫފީގެ އަޑުން އިތުރު ދިރުމެއް ގެނެސްދީފައި އޮތް މާހައުލުގެ ތެރެއަށް ނަފުސު ދޫކޮށްލަން ޒިވާން ބޭނުން ވިއެވެ. އެތައް ދުވަހަކަށް ފަހު މިނިވަންކަން އޭނައަށް އިހުސާސްކުރެވޭ ކަހަލަ އެވެ.

ހިލައިގެ ގޮނޑިބަރިއެއް ކައިރިއަށް ފޮރުޅުލީ ގޮނޑި ގެންދިއުމަށްފަހު ކޭޓް ދުރަށް ޖެހިލީ މާއީއާއި ޒިވާންއަށް ވަގުތު ދިނުމަށެވެ. އޭނަ ގޮސް ތަންކޮޅެއް ދުރުގައިވި ގަހެއްގެ ހިޔަލުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އަދި ކެންސަރުގެ ހަޤީޤަތާއި ކުރިމަތިލާން މަޖުބޫރުވެފައިވާ މާއީއާއި ޒިވާންއަށް އޭނަގެ ނަޒަރު ހުއްޓާލިއެވެ. އެއީ އޭނައަށް ތާއަަބަދުމެ ފެންނަ ހަޤީޤަތެކެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު އޭނަގެ ހިތަށް އެހާމެ އަސަރެއް ކުރުވައެވެ. ގިނަފަހަރަށް އުފަލާއެކު ހޮސްޕިޓަލުން ނިކުމެގެން ދިއުމުގެ ނަސީބު މީހުންނަށް ނުލިބޭތީ އެވެ.

*****

”ޔޫ ލުކް ޕްރިޓީ…” ޒިވާން އޭނަގެ ނަޒަރު މާއީއާއި ވަކިކުރާ ޚިޔާލެއް ނުކުރިއެވެ. އެސޫރަ ދުނިއުމުރަށް އެހިތުގައި އޭނަ ރައްކާކުރަން ބޭނުންވާތީއެވެ. އެހިނދު އުސް އިމާރާތްތާ ނިވާވަމުން އައި އިރާއި ވަކިވެގެން އައި މާއީގެ ނަޒަރު ޒިވާންއާއި ބައްދަލުވިއެވެ. މިއަދު އެހެނިހެން ދުވަސްތަކާއި ޚިލާފު ވިދުމެއް އޭނައަށް ޒިވާންގެ ދެލޮލުން ފެނުނެވެ. އޭގެ މާނަ ނަގަންވީ ކިހިނެއް ކަމެއް މާއީއަކަށް ނޭގުނެވެ. ނަމަވެސް ޒިވާންގެ ތުންފަތުގައިވި ހިނިތުންވުމުން މާއީގެ ހިތަށް ފިނިކަން ގެނެސްދެމުން ދިޔަ އެވެ.

”ބޭބީގެ ސްކޭން ދިޔައީ ކިހިނެއްތަ؟…” ޒިވާން އެހިއެވެ. ފާއިތުވި ދެދުވަސް ތެރޭގައި އޭނަގެ ހާލަތު އަޑިއަޅާލުމާ ގުޅިގެން އެސުވާލުކުރަން އޭނަ ހަނދާންވީ ވެސް ދެންމެ އެވެ.

”އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަގަޅު…” މާއީ ސްކޭނުގެ ކުރު ހުލާސާއެއް ދިނެވެ. އެތައް ދުވަހަކަށްފަހު ޒިވާންއާއި ހަމަޖެހިލައިގެން ވާހަކަދެކެވޭ ފަދަ އިހުސާސެއް މާއީއަށް ކުރެވުނެވެ.

”މާއީ ހަނދާން އެބަހުރިތަ އަހަންނާއި މާއީ ފުރަތަމަ ބައްދަލުވި ދުވަސް؟…”

މާޒީގެ ދުވަސްތައް ހަނދާންކޮށްލަމުން ޒިވާން ވާހަކަދެއްކިއެވެ. ދެން ވަގުތު ފާއިތުވެގެން ދިޔައީ މާޒީގެ ހެއްވާމަޖާ ދުވަސްތައް ހަނދުމަކުރަމުންނެވެ. އެގޮތުގެ މަތީން ގޮސް އިރުއޮއްސުނު އިރު ވެސް ޒިވާންއާއި މާއީއަކަށް ރޭކާ ނުލިއެވެ. ދެމަފިރިންނަށް ވެސް ވަގުތުގެ ހިލަން ވީ ކޭޓް ގޮވާލުމުންނެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން އާމިރާއި މައުސޫމާ ދިއުމާއެކު ޒިވާންއާއި މާއީ ކޮޓަރީގައި އެކަނި ވިއެވެ.

”ގޮނޑީގައި ނީދެ މިތާ އަހަރެން ކައިރީ އޮށޯވެލަންވީނު…” މާއީ އޮށޯންނަން އެނދުން ޖާގަ ހުސްކޮށްލަމުން ޒިވާން ވާހަކަދެއްކިއެވެ. މާއީ ދެކޮޅު ހެދުމެއް ނެތި ޒިވާން ގާތު އޮށޯވެލިއެވެ. ދެމަފިރިންގެ ދެމެދަށް ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ. މާއީގެ މޫނަށް ބަލަން އޮވެފައި ޒިވާން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ރޭގައި އޭނަ މެދުކަނޑާލި ވާހަކަ ކުރިއަށް ގެންދަން ގަސްދުކޮށްލިއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އޭނަ އެވާހަކަ މާއީ ގާތު ހިއްސާކުރަން ބޭނުމެވެ.

”އަހަރެން މިދައްކާ ވާހަކައިން މާއީ ދެރަނުވައްޗޭ…” ޒިވާން ފުރަތަމަ ވެސް ބުނެލިއެވެ. އެއާއެކު މާއީގެ ނަޒަރު ޒިވާންގެ ތޫނު ދެލޮލަށް ހުއްޓިގެން ދިޔަ އެވެ. ޒިވާން ބުނަން އެއުޅޭ ވާހަކައިގެ މިސްރާބު އޭނައަށް ހޯދައިގަންނަން އުނދަގުލެއް ނުވިއެވެ. ޒިވާން މިއަދު ހަވީރު އޭނައާއި ސަމާސާކޮށް އުފާވެރި ވަގުތުތައް ހިއްސާކުރި ސަބަބު ވެސް ހޯދަން މާއީއަށް އުނދަގުލެއް ނުވިއެވެ. އެއާއެކު އޭނަގެ ލޮލަށް ކަރުނަ ޖަމާވާން ފެށި އެވެ.

”މާއީ… އަހަންނަށް އިނގޭ މިވާހަކަތަކުން މާއީގެ ހިތަށް އަސަރުކުރާނެކަން އެކަމަކު ވެސް މިވާހަކަ ނުދައްކާ ހުރެވޭކަށް ނެތް، އަހަރެން ބިރުގަނޭ މިވާހަކަތައް ހިއްސާނުކުރެވެނީސް މާއީއާ ވަކިވާން ޖެހިދާނެތީ!… މާއީ… އަހަރެން ބޭނުމެއް ނޫން އަހަރެން މަރުވުމަށްފަހު މާއީ މުޅި އުމުރު ދުވަސް ހިތާމަކުރާކަށް!… މިވާހަކަ ބުނާއިރު ވެސް މިއީ އިންސާފުވެރި ގޮތެއް ނޫންކަން އިނގޭ، އެކަމަކަމު ވެސް އަހަރެން ބޭނުމެއް ނޫން މާއީ އަބަދު ކަރުނަ އޮއްސާކަށް، އަހަރެން ބޭނުމީ އެހެނިހެން މީހުން ފަދައިން މާއީ ވެސް އުފާވެރިކަމާއެކު ދިރިއުޅެން… ދުނިޔޭގައި ބައެއްފަހަރު ދިމާވާނީ އެކިކަހަލަ އިމްތިހާނުތަކާ، މިއީ ވެސް ހަމަ އެފަދަ އިމްތިހާނެއް… އަޑިގަނޑަކަށް ފަހު އުސްގަނޑެއް އާދެޔޭ މީހުން ބުނެއުޅެއްނު… އަހަރެން ބޭނުމީ މާއީ ވެސް އަންނަން އޮތް އަޑިގަނޑުން ހިތްވަރާއެކު އަރައިގަންނަން!… މީހުން ބުނާ އެއްޗަކަށް ވިސްނުމެއް ނެތި އަމިއްލަ އުފަލަށް އިސްކަން ދިނުމަށް… އަހަރެން ނެތް ދުނިޔެއެއްގައި ވެސް މާއީ އުފަލުގައި ހުންނަން އަހަރެން ބޭނުމީ…… މާއީ… ހިތާމަ ކުރުމާއިގެން އަމިއްލަ ނަފުސު ހަލާކުނުކުރާނަން ކަމަށް އަހަންނަށް ވަޢުދުވޭ!، އަހަރުމެންގެ ދަރިފުޅަށްޓަކައި މާއީ އުއްމީދު ކަނޑާނުލާނަންކަމަށް ވަޢުދުވޭ!… އުފާވެރިކަން ހޯދަން މަސައްކަތްކުރާނަންކަމަށް ވަޢުދުވޭ!… އެކަނިވެރިކަން ހިޔާރު ނުކުރާނަންކަމަށް ވަޢުދުވޭ!… ހިތުތެރޭ އުދާސްތައް ވަންހަނާ ނުކޮށް މީހުންނާ ހިއްސާކުރާނަންކަމަށް ވަޢުދުވޭ!… މީހުން ބުނާ ވިހަ ބަސްތަކުން އެއުފާވެރިކަން ހާސިލުކުރުން ހުއްޓާނުލާނަންކަމަށް ވަޢުދުވޭ!… މާއީ… އަހަރެން މިބުނާ ކަންތަކަށް ވަޢުދުވޭ!… އަހަންނަށް ދެން ލިބެން އޮތް ހަމަ އެކަނި އުފަލަކީ މާއީ މިކަންތަކަށް ވަޢުދުމުން ލިބޭނެ އުފާ… މީ އަހަރެންގެ ވަސިއްޔަތަކީ ވެސް!…”

ޒިވާން އަސަރާއެކު ބުނެލި އެވެ.

”މިއަދު އަހަރުމެންގެ އަތުގައި ނެތް އެއްޗަކީ ހަމައެކަނި ވަގުތު، އަހަރުމެންގެ ލޯތްބަށް އެޅުނު އެންމެ ބޮޑު ހުރަހަކީ ވެސް ވަގުތު…… އެކަމަކު މިހާރު އަހަރެންގެ ދުޢާއަކީ އެވަގުތު މާއީއަށް އެހީތެރިވެދިނުން… ހުރިހާ ހިތާމައެއް ފަސޭހަކޮށްދިނުމުގައި، ހިނިތުންވާން ދަސްކޮށްދިނުމުގައި… އަހަރެންގެ ދުޢާއަކީ މާއީއާއެކު ކުރިއަށް އޮތް ތަނުގައި ވަގުތުވުން…”

(ނުނިމޭ)

36

You may also like...

7 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. hope this time story ekkoh kiyaalan libene kamah. last time ves two parts up vefa site update nuve. please mutha update the whole story i love it

    ⚠Report!
  2. 3 episodes in to the story and it’s already one of the best current story on this site alingside wirh DUAA, love the way all the emotion are presented and scenery description is phenomenal. Keep up the good work. 🤗😘

    ⚠Report!

Leave a Reply

Your email address will not be published.