…..ނިހާ ކޮންމެތާކު ވީނަމަވެސް ނިހާ ހޯދައިގެން ގެނެސް އޭނާގެ މަންމަގެ ހިތުގައި އަޅަމުން ދިޔަ ވޭން ކުޑަކޮށްދިނުމެވެ. އަދި އެއަށްފަހު ރިހާ އެ ގެއާއި އޭނާގެ ޢާއިލާ ދޫކޮށް އަބަދުގެ އަބަދަށް ދިއުމެވެ. އެހެންކަމުން  އަޒުމަކާއި އާ ހިތްވަރަކާއެކު ދެލޯ ފުހެލަމުން ރިހާ ތެދުވިއެވެ.

              ތާޒާ ވެލައިން ނުކުމެ އެންދުގެ އެއްކަނުގައި އިށީނދެލައިން ރިހާ ކޮޓަރީގެ އެކި ތަންތަނަށް ފަރުވާތެރިކަމާއިއެކު ނަޒަރު ހިންގައި ބަލާލާ ގޮތުން ހީވަނީ އެކޮޓަރީގެ ކޮންމެ ތަނެއް، ކޮންމެ ކަނެއް ސިކުނޑީގައި ތަސްވީރުތަކެއްފަދައިން ރައްކާކުރަނީހެންނެވެ. އެގޮތުގައި އިރުކޮޅަކު އިނުމަށްފަހު ރިހާ ގޮސް ހުއްޓުނީ ރިހާގެ ކްލޮޒެޓް ކުރިމަތީގައެވެ. ދަމާލެވޭ ގޮތަށް ހުރި ކްލޮޒެޓްގެ ދޮރުފަތުގައި ވަނީ މޫނުބަލާ ލޯގަނޑުގަ ޖަހާވައްތަރު ބިއްލޫރި ޖަހާފައި ކަމަށްވުމުން ރިހާގެ ސޫރަ އެއިން ހުރީ ރީއްޗަށް ފެންނާށެވެ. ނަމަވެސް އެ ދޮރުފަތް އެއްފަރާތަށް ކަހާލި ގޮތުން ރިހާ ހީވަނީ އަމިއްލަ ސޫރަދެކެވެސް ފޫހިވެފައި ހުރިހެންނެވެ. ކްލޮޒެޓް ތެރެއިން ރިހާގެ ފޮށި ނެރެ ކައިރީގައި ހުޅުވާފައި ބަހައްޓަމުން ފަހަރަކު އެއްޗެއް އެއްވެސް ތަރުތީބެއް ނެތި ފޮށި ތެރެއަށް އަޅަންފެށިއެވެ. މިގޭގައި ރިހާ އެއީ ކާކު ހެއްޔެވެ؟ އެއްވެސް މީހަކަށް ރިހާ އެގޭގަ ހުރުން ނޫނީ ނެތުން އެއީ މުހިއްމުކަމަކަށް ނުވާއިރު އަބަދު ހިތްދަތިވެފައި ހުންނަން ރިހާ އެގޭގައި އެންމެ މިނެޓެއްވެސް މަޑުކުރަންވީ ކީއްކުރަން ހެއްޔެވެ؟ އެހެންކަމުން ރިހާ އެ އުޅެނީ ވަގުތުން ގެއިން ނުކުމެގެން ދިއުމަށެވެ.

              އާ ދުވަހެކެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް ނަސީމާގެ ހަރަކާތްތައް ބަދިގެ ތެރޭގައި އަވަސް ވެފައި ނާސްތާއަށް ތައްޔާރު ކުރެވެމުން ދިޔަ ވައްތަރުތައްވެސް ގިނައެވެ. ހުރިހާ އެއްޗެއްވެސް ތައްޔާރުކުރެވިގެން ދިޔައީ ނަސީމާގެ ބެލުމުގެ ދަށުންނެވެ. މޭޒުމައްޗަށް އެއްޗެހި އަރުވާ ނިމުނު އިރު އެންމެންކަހަލަ ގޮތަކަށް ތިބީ ސައި މޭޒު ދޮށުގައެވެ. އެ ބޮޑު މޭޒުގެ އެއްކޮޅުގައި ނަސީރު އިށީނދެގެން އިން އިރު ނަސީރުގެ އެއްފަރާތުގައި ނަސީމާ އިނީ ނިހާ ކައިރީގަ ބައިންދައިގެން ނިހާއަށް ސައިދިނުމަށެވެ. މާޔާވެސް ފުރަތަމަ މޭޒު ދޮށަށް އައިސް ކުޑަކޮށް ހުއްޓުން އެރީ އެއީ ރިހާ ކަމަށް ހީކޮށެވެ. ނަމަވެސް ފަހުން ހަނދާންވީ އެއީ ނިހާ ކަމުގައެވެ. ރޭގަ ނިހާ ގޮވައިން އައި އިރު މަޔާ އެތަނުގަ ނެތެވެ. ފައިން ކަނޑައިން ދިޔަ ތަން ފަހައިގެން އައިސް މާޔާ ނިދާފަ އޮއްވަ ރިހާމެން އައުމުންނެވެ. ނަމަވެސް މާހީ ވަނީ ހުރިހާ އެއްޗެއް އަކުރުން އަކުރަށް މާޔާއަށް ހަމަ ރޭގަ ކިޔައިދީފައެވެ. ފުރަތަމަ މާޔާވެސް ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. މާޔާއަށް ހިނގަން އުނދަގު ވާނެތީ އެކޮޓަރިއަށް ސައިފޮނުވަން އުޅުމުންވެސް މާހީ ބޭނުންވީ އެންމެންނާއި އެކު ސައިބުއިމަށް ކަމަށް ވުމުން ކޮރު ޖަހަމުންވެސް މާހީ އައީއެވެ. މާޔާ އައުމުން މާޔާ އެއީ ކޮއްކޮ އެއް ކަމުގައި ނިހާ ގާތު ނަސީމާ ބުނެލިއެވެ. ނިހާ މާޔާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލުމުން މާޔާވެސް ނިހާއަށް ހިނިތުންވެލަމުން ސައި ބުއިމަށް އިށީނެވެ.

              ރިހާއަކީ އާންމުކޮށް އެއްވެސް އިރަކު އެންމެންނާއި އެކީ ކެއުމުގަ ބައިވެރިވާ ކުއްޖަކަށް ނުވިއަސް ނަސީރު ބަލަމުން ދިޔައީ ރިހާ ފެނޭތޯއެވެ. އެގޮތަށް އިންތިޒާރުގަ އިންދަ ރިހާ ސިޑިން ފައިބައިގެން އަންނަތަން ނަސީރަށް ފެނުމުން ނަސީރު ރިހާއަށް ގޮވާ ގެނައެވެ. ކިހިނެތޯވީ ސުވާލުކޮށްލުމުން މޭޒުގެ އަނެއްކޮޅުގައި ހުރި ހުސް ގޮނޑި ދައްކާލަމުން ރިހާ ގާތު އެތާ އިށީނުމަށް ނަސީރު ބުންޏެވެ. “ޑޭޑް، މިހާރު ވަރަށް ލަސްވެއްޖެ. ރިހާ….” އެތަނުގަ އިށީންނަން ބޭނުން ނުވާތީ ކޮންމެވެސް އުޒުރެއް ދައްކަން ރިހާ ބުނަމުން ދިޔަ ޖުމްލަ މެދުކަނޑާލީ ނަސީރެވެ. “މައްސަލައެއް ނެތޭ ބައްޕައަށް. މިތާ އިށީންދެބަލަ!” އަނެއްކާވެސް ނަސީރު ރިހާ ގާތު އިށީނުމަށް ބުނުމުން ގޮތް ހުސްވެފައިވާ މީހެއް ފަދައިން ރިހާ އިށީނެވެ. އަދި ނަސީރު ވާހަކައެއް ދައްކަން އުޅޭހެން ހީވުމުން އެކަމަށް ސަމާލުވެލިއެވެ. ރިހާ އިށީނުމުން ސައިމޭޒު ކައިރީގައި އަތްގާތް ކޮށްލަދޭން ހުރި ހައްވާދީ އައިސް ރިހާއަށް ތައްޓެއް ގާތްކޮށްލަދެމުން ކާ އެއްޗެހި އަޅަން ތައްޔާރު ވެލުމުން ރިހާ އަތުން އެކަން މަނާކުރިއެވެ. އަދި ނަސީރާއި ދިމާލަށް ބަލާލިގޮތުން ނަސީރަށް އެނގުނީ ރިހާ އެއިނީ ހަމައެކަނި ނަސީރު ބުނަން އުޅޭ އެއްޗެއް އެހުމަށްކަމެވެ. އެހެންކަމުން އެންމެނަށް ނިސްބަތްކޮށް ނަސީރު ބުންޏެވެ. “މަންމަ އާއި ބައްޕަ މި ވިސްނަނީ މިގޭގަ ކުޑަ ހަފްލާއެއް ބާއްވަން. ނިހާއަކީވެސް މި ގޭ ކުއްޖެއްކަން އެންމެނަށް އަންގަން ބައްޕަމެން ބޭނުންވަނީ. އަދި ހުރިހާ ކުދިންވެސް، ރިހާ، ދަރިފުޅުވެސް މި ހަފްލާގަ ބައިވެރިވާން ބައްޕަ ބޭނުން.” ނަސީރު ރިހާގެ ނަން ވަކިން ފާހަގަކޮށްލީ ރިހާއަކީ އެއްވެސް އިރެއްގައި ޕާޓީ ތަކާއި ހަފްލާތަކުގައި ބައިވެރިނުވެ، އެކަންކަމާއި ވީހާވެސް ދުރުން އުޅެވޭތޯ ބަލާ ކުއްޖަކަށްވުމުންނެވެ. “ޑޭޑް، އައި ކާންޓް… ރިހާ ބައިވެރިނުވިއަސް ވާނުން.” ރިހާ އެ ހަފްލާގައި ބައިވެރި ނުވެވޭނެ ކަމުގައި ބުނެ އަވަހަށް ތެދުވެ ދާން ހިނގައިގަތެވެ. ނަމަވެސް ދެފިޔަވަޅެއް ކުރިއަށް އަޅާލުމާއިއެކުހެން ރިހާއަށް ހުއްޓެން މަޖުބޫރުވީ ނަސީރުގެ އަޑަށެވެ. އެނބުރި ނަސީރާ ދިމާލަށް ބަލާލިއިރު ނަސީރު ބުނަމުން ދިޔައެވެ. “ރިހާ، ބައްޕަ މިބުނީނުން ރިހާ ޖެހޭނެއޭ މި ހަފްލާގަ ބައިވެރިވާން. އެއްވެސް ބަހަނާއެއް ދައްކާނެ ކަމެއްނެތް. އެހެންނޫނަސް ދަރިފުޅުމެންގެ މާމަ އާއި ކާފަވެސް ބައިވެރިވާނެ. މާމަމެން ބޭނުންވޭ ހުރިހާކުދިންނާއި ބައްދަލުކުރަން.”

              ނަސީރު ކުޑަވަގުތު ކޮޅަކަށް ވާހަކަ މަޑު ޖައްސާލިއެވެ. ނަސީރަށް އެވަގުތުވެސް ރިހާ ފޮރުވަން މަސައްކަތް ކުރަމުން ދިޔަ އެ މޫނުމަތީގައިވި ލާނެތް ހިނިތުންވުން ފާހަގަވިއެވެ. އޭގެ ސަބަބު ނަސީރަށް އެނގެއެވެ. ނަސީރުގެ ބޭބެ، ރަމީޒާއި އެކު ދިރިއުޅެމުން އައި ނަސީރުގެ މައިންބަފައިން، ހަލީމް އާއި ނަރީމާ، ރިހާ އާއި މެދު ދެކެމުން އައީ ސުންޕާކުއްޖެއްގެ ގޮތުގައެވެ. އެއީ ނިހާ ގެއްލުނީ ރިހާގެ ސުންޕާކަމުން ކަމުގަ ބުނެއެވެ. އެހެންކަމުން މަންމައެއްގެ ލޯބިން މަހްރޫމްވީ ގޮތަށް މާމަ އާއި ކާފަގެ ލޯބިންވެސް ރިހާ މަހްރޫމްވީއެވެ. އެހުރިހާ ކަމަކަށް ހޭނިފަ ހުރި ރިހާ ގާތަށް ހިނިއައީ މިއަދުވަކި ބައްދަލުކުރަން ބޭނުންވަނީ ކީއްކުރަންހޭ ހިތަށް އަރާފައެވެ. “އަދި އެއްވާހަކަ. ރިހާ، މި ހަފްލާގެ ހުރިހާ ތައްޔާރީތަކަކާއި އިންތިޒާމުތަކެއް ކުރުން ދަރިފުޅު ކުރިއަށް ގެންދޭ.” ރިހާ ހުރީ އެއްގޮތަކަށްވެސް އެކަންތައް ކުރާހިތަކުންނެވެ. ހަޤީޤަތަށް ބުނާކަމުގަ ވަންޏާ މިއަދު އެވަގުތު ރިހާ އެތަނުގަ އެހުރީވެސް ރޭގަ އެންމެ ފަހުވަގުތު ރިހާގެ ޙިޔާލު ބަދަލުވުމުންނެވެ. ރިހާއަށް ވިސްނުނުގޮތުގައި އެގޮތަށް ހުރިހާކަމެއް ދޫކޮށްލާފައި ދިއުމުގެ ކުރިން ރިހާ ކުރަންޖެހޭ ކަންކަން އެބަހުއްޓެވެ. އެގޮތުން ރިހާނެތް ދުވަހެއްގައި ނަސީރުގެ ވިޔަފާރިއާއި ހަވާލުވާނެ މީހަކު ހުންނަން އެބަޖެހެއެވެ. އެހެންކަމުން ރިހާ ނިންމީ މާހީ އެކަމަށް ފުރިހަމައަށް ތައްޔާރުކުރުމަށެވެ. އަނެއްކޮޅުން ނިހާއަކީ މުޖުތަމަޢު ބަލައިގަންނާނެ ފަދަ މިހަކަށް ހަދަންވެސް ނިހާ ބޭނުންވެއެވެ. ނިހާއަކީވެސް އެންމެ ކުޑަމިނުން ލިޔަން ކިޔަން ދަންނަ މީހަކަށް ހަދަން ރިހާ ނިންމިއެވެ. އަދި ވީ އެންމެ އަވަހަށް އެކަންތައް ފަށަން ރިހާ ގަސްދުކުރެއެވެ. އަނެއްކަ މިޖެހުނީ އަނެއްކަންތަކެވެ. ނިހާގެ ހަފްލާގެ ކަންކަމެވެ. ހަދާނެގޮތެއް ވިސްނަން ހުރި ރިހާގެ މޫނުމަތި އުޖާލާވެގެން ދިޔަގޮތުން ކޮންމެވެސް ރޭވުމެއް އެ ސިކުނޑީގައިވާހެން ހީވެއެވެ.

              “ދޮންބޭ! މިއަދު އޮފް ދުވަހެއްނު… ސޯ ވައި ޑޯންޓް ޔޫ ގެޓް ބިޒީ؟! މިއަދު ރިހާ އަންނަންވާއިރަށް ޕާޓީ ޕްލޭން އެއް ހަދާލަދެއްޗޭ، ޕްލީޒް. އެންޑް ތުއްތުބެވެސް ހެލްޕްވާން ހުންނާނުންދޯ…” ރިހާ ހިނިތުންވެލަމުން އަޔާންއަށް ބުނެލިއެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައިވީ ކޯޗެއްކަމެއް އެކަކަށްވެސް ނޭނގެއެވެ. “އެންޑް މާޔާ ޑާލިން، ނިހާއަށް ބޭނުންވާނެ އެއްޗެހީގެ ޝޮޕިންގ ލިސްޓެއް ހަދާލަދޭނަންދޯ… ހެދުމާއި ކޮޓަރިއަށް ބޭނުންވާ ފަރނީޗާ އާއި ކޮސްމެޓިކްސް އެންޑް އެވްރީތިންގ. އޯކޭ؟!” އެއްވެސް މީހަކަށް ދެބަސްވުމަށް ފުރުޞަތެއްނުދީ ފަހަރަކު މީހަކާއި ކަމެއް ހަވާލުކުރަމުން ރިހާ ދިޔައީ ކިތަންމެ ހިނިތުންވެ ހުރެނަމަވެސް އެއީ އެމީހުނަށް ރިހާކުރާ އަމުރެއްކަން އެއެންމެނަށްވެސް އެނގެއެވެ. ދިއުމުގެ ކުރިން ރިހާ ނަސީރު ގާތު އަދި އެންމެންގާތުވެސް ބުނީ ނިހާއާއި ބެހޭ އެއްވެސް ވާހަކައެއް އަދި އިތުރު އެއްވެސް މީހަކަށް ނޭނގުމަށެވެ. އަދި ޕާޓީ އޮންނަ ރޭ އެންމެނަށް ނިހާ ތަޢާރަފުކޮށްދޭން ބޭނުންވާތީ މިދުވަސްކޮޅު އިހަށް ބޭރަށްވެސް ނުދިއުމަށް ނިހާގާތު ރިހާ ބުންޏެވެ.

              “އެހެންވީމަ، ޕާޓީ މާދަން ރޭ ދޯ ޑޭޑް؟” ކުއްލިއަކަށް މާހީ އިނދެފަ ނަސީރު ގާތު އަހާލިއެވެ. އެ ސުވާލުން އެންމެންގެ ނަޒަރު ނަސީރަށް ހުއްޓުނީ ނަސީރު ބުނާއެއްޗެއް ބެލުމަށެވެ. ނަމަވެސް ނަސީރަށް ވުރެ ކުރިން ވާހަކަދެއްކީ ނަސީމާއެވެ. “މާދަން ރޭ… އާން! މި ޕާޓީއަށް ހަމަ އެންމެ ރަގަޅުވާނީ މާދަން ރޭ. ދެކަންތައް އެކީ ނިމޭނެ. ދޯ ނަސީރު؟” އުފާވެރިކަމާއެކު ވާހަކަދައްކަމުން ނަސީރަށް ދޯއެއް އެއްލިއެވެ. އެހެންމީހުނަށް ނަސީމާކީ އެއްޗެއް ދޭހަނުވިއަސް ނަސީރަށް އެނގުނެވެ. މާހީއަށް ވެސް ޔަޤީނާ ގާތަށް ހީވިއެވެ. ނަސީމާގެ ބަހާއި އެއްބަސް ވަމުން ނަސީރު އާނ އެކޭ ބުނެ ބޯޖަހާލިއެވެ. “މާދަން ރޭ ކޮން ދެކަމެއް ނިމޭ ވާހަކަތަ މަންމާ؟” މާޔާ ސުވާލުކޮށްލީ ނަސީމާ އާއެވެ. “މާދަމާ އަކީ ނިހާގެ އުފަންދުވަސް.” ނިހާގެ ބޮލުގައި ފިރުމާލަމުން ހެވިފަ އިނދެ ނަސީމާ ބުނެލިއެވެ. ނަސީމާގެ އެ ޖުމްލައާއިއެކު ނަސީރަށް ބަލާލެވުނީ ރިހާއަށެވެ. ކުރިން އެމޫނުމަތިން ފެންނަން ހުރި ދެއްކުންތެރި ހިނިތުންވުން ފިލާގޮސް މޫނުމަތި މިލާދިޔަތަން ނަސީރަށް ރީތިކޮށްފެނުނެވެ. ރިހާ ފުންނޭވައެއް ބޭރަށް ދޫކޮށްލަމުން އެންމެނަށް ފަސްދީ އެތަނުން ދިއުމަށް ހިނގައިގަތެވެ. ވާނީވެސް އެހެންތާއެވެ. ރިހާ އާއި ނިހާއަކީ އެއްމާބަނޑު ދެބެން ނަމަވެސް ނަސީމާއަށް ދަރިއަކަށް ވަނީ ހަމައެކަނި ނިހާއެވެ. މިއިން ދުވަހަކު ނަސީމާއަށް ރިހާގެ އުފަންދުވަސް ނޭނގުނުއިރު ނިހާ އައުމާއިއެކު ހުރިހާ ކަމެއް ބަދަލުވާންފެށީއެވެ. ރިހާ އެއީ އުޅޭމީހެއްކަންވެސް ނޭނގޭކަހަލައެވެ. ރިހާގެ ހިތުގެ އުދާސްތައް ނަސީރަށްވެސް އެނގުނީ ކަހަލައެވެ. ނަސީރުވެސް މިފަހަރު ރިހާ ހުއްޓުވާކަށް ނޫޅެއެވެ.

              ހަރުކޮށް ހިނގާފައި އޮފީސް ތެރެއަށް ވަދެގެން ދިޔަ ރިހާގެ މަންޒިލަކަށްވީ ރިހާގެ ކެބިންއެވެ. ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލުތަކުން ދުރުވުމަށް ރިހާއަށް ވިސްނުނީ އެންމެ ހައްލެކެވެ. ކުރަން ހުރި މަސައްކަތްތަކާއިގެން މަސްޢޫލުވުމެވެ. މުޅި ދުވަސް ރިހާ ހޭދަކުރީ އެގޮތުގައެވެ. އެއްކަމަކަށްފަހު އަނެއްކަމެއް ކުރަމުންދިޔައިރު ވަރުބަލިކަމާއި ބަނޑުހައި ހޫނުކަމުގެ އިޙްސާސް ވެސް ނުވާކަހަލައެވެ. ދޭތެރެއަކުން ޒީޝާން ދެތިންފަހަރު ގުޅާލުމުންވެސް ރިހާ ފޯނުގެ ސްކްރީން ބަލާލާފައި ޒީޝާންކަން އެނގުމުން ކުރިންވެސް އޮތްގޮތަށް ފޯނު ބާއްވާފައި މަސައްކަތަށް އެނބުރިދެއެވެ. އަދިވެސް ރިހާ ހުރީ ޒީޝާނާއި ވާހަކަދައްކަން ބޭނުން ނުވެފައެވެ. ތެދަށް ބުނާނަމަ ރިހާއާއި މެދު ޒީޝާން ދެކޭގޮތް އެނގުމުން ޒީޝާނާއި ވާހަކަ ދައްކަންވީ ކިހިނެއްކަން ރިހާއަށް ނޭނގުނީއެވެ.

              “މެޕްލް އެންޑް ޕެރަޑައިސް”ގައި ހުރި ޒީޝާން އަދި ރިހާގެ ކެބިން ތެރޭ ފޯނު އަތަށް ލައިގެން އޭގަ ރައްކާކޮށްފަ އިން ރިހާގެ ތަސްވީރަށް ޒީޝާން ބަލަހައްޓައިގެން އިންއިރު ވިސްނަމުން ދިޔައީ ރިހާ އާއި މެދުއެވެ. ތަންކޮޅެއް ކުރީ ދުވަހެއްގައި އެ ކެބިންގައިވާ ރިހާގެ މޭޒުދޮށުގައި އިންދަ ރިހާއަށް ސިއްރުން ޒީޝާން އެފޮޓޯ ނެގީ އެވަގުތު ރިހާފެންނުނުލެއް ނާޒުކުކަމާއި މަޢުސޫމް ކަމުންނެވެ. ދުނިޔެއަށް ފެންނަ ރިހާ އެއީ ކިތަންމެ ނުފޫޒުގަދަކޮށް އަދި ބޮޑާކޮށް ފެންނަ މީހެއްނަމަވެސް މިވީ ކުޑަދުވަސް ކޮޅު ތެރޭގައި ލޯ ތަކަށް ރިހާ އެއީ ކާކުކަން އޮޅުވާލާފައިވާލެއް ކިތަންމެ ރަގަޅަށްވެސް ޒީޝާނަށް އެނގިގެން ހިނގައްޖެއެވެ. ވެދާނެއެވެ. މިހާރު ރިހާއަށް ވެސް ޚުދް ރިހާއެއީ ކާކުކަން ނޭނގިދާނެއެވެ. އެހެނީ ރިހާގެ މަޢުސޫމްކަމާއި ނާޒުކުކަން ޒީޝާނަށް ވަނީ ވަރަށް ގާތުން ފެނިފައެވެ. ޒީޝާން ބޭނުންވަނީ އެ ރިހާ ދުނިޔެއަށް ދައްކާށެވެ. ނަމަވެސް “ޕެރެޑައިސް”ގައި ރިހާ އާއި މެދު ކަންކަން ވަމުންދާ ގޮތް ބަދަލުނުވަނީސް އެކަން ވާނެކަމަކަށް ޒީޝާން ޤަބޫލެއް ނުކުރެއެވެ. މިއަދު ހެނދުނުވެސް ރިހާގެ މޫނުމަތި މިލާ މޯޅިވެގެން ދިޔަ މަންޒަރު ޒީޝާންއަށް ވަނީ ފެނިފައެވެ. އެވަގުތު ހިތުގައި ޖެހުނީ ހަމައެކަނި ރިހާއެއް ނޫނެވެ. ރިހާގެ ހިތްދަތިކަން ފެނި ޒީޝާންގެ ހިތުގައި ވެސް ރިއްސާލިއެވެ. އޭނާ އެހާ ލޯބިވާ އަންހެންކުއްޖާ އުޅެމުންދާ ހިތްދަތިކަން ފެނި އެނޫން ދުވަހެއް ރިހާއަށް ފެނުން ނެތީތޯ އަމިއްލަ ނަފްސާއި ޒީޝާން ސުވާލުކުރެއެވެ. ރިހާ އުފަލުގަ އުޅޭތަން ދެކެން އޭނާ ބޭނުންވަނީ އިންތިހާއަށެވެ. ޒީޝާންގެ ލޮތްބަށް ރިހާ އާބަސް ބުނާނެ ނަމައެވެ. އޭރަށް ދުނިޔޭގައި ވީހާ އުފަލެއް ރިހާއަށް ޓަކައި ޒީޝާން ހޯދަދޭނެއެވެ.

===(ނުނިމޭ)===

15

6 Comments

 1. Raina

  May 20, 2014 at 9:30 pm

  Thank You all the Readers! 🙂
  I know you all wait eagerly for the story to be uploaded, but somehow i am unable to make it soon and endup dissapointing you guys. But trsut me I try my best, however its not that easy as the whole day i am at work and night is the time i get to do stuff, even writing, while having to go through migranes occasionaly.
  I’ll try to update soon 😀

 2. shiru

  May 20, 2014 at 10:44 pm

  Varah reethi mi part ves ekam thankolheh kury dhen genesdhey part dhigukoh lahchey

 3. Aju

  May 21, 2014 at 12:27 am

  Miha avaha kiyalan libuneethee v happy. Mudhukedunas huttanulaa kurigendhaathee v ragalhu. Raina ge work appreciate kuran. Mivaruge reethi vaahaka v madhuvaane.

 4. shai

  May 21, 2014 at 10:34 am

  v salhi waiting for the nxt aprt

 5. yan

  May 22, 2014 at 12:12 am

  Wow…its amazing…waiting for next part.. Plz upload it soon

 6. yan

  May 22, 2014 at 12:12 am

  Wow…its amazing…waiting for next part.. Plz upload it soon

Comments are closed.