އޯގާވީ ހިތަކުން…28
މެންދުރުވާން ކައިރިވެފައި ވަނިކޮށް އީނާއާއި ޒަނާ ތައްޔާރުވެލައިގެން ބޮޑުކޮޓަރިއަށް ވަންއިރު ޒަވާން ދެކުދިންގެ އިންތިޒާރުގައި އިނެވެ. ޓީވީން ދައްކަމުން ދިޔަ ފުޓްބޯޅަ މެޗެއް ބަލަމުން ދިޔައިރު އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް އޭނަ ބަލައިލައެވެ.
”ކޮބާ ނަޒްޔަކް؟…” ޒަނާ މުޅިތަނަށް އަވަސް ނަޒަރެއް ދެމުން ބުނެލިއެވެ. ”ދެންމެ ގުޅީމަ ބުނި މިއަންނަނީއޭ…” ޒަވާން ސޯފާގެ ލެނގޭބަޔަށް ލެނގިލަމުން އީނާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އޭރު އީނާ ހުރީ ކުޑަދޮރުން ބޭރު ބަލަހައްޓައިގެންނެވެ. އެއްލިކަޅިއަކުން ޒަވާން އޭނައާ ދިމާއަށް ބަލަހައްޓައިގެން އިންތަން ފެނުމުން އީނާ ފަޅިސިކުންތުކޮޅެއްގެ ތެރޭގައި އެހެންދިމާއަކަށް ނަޒަރު އަނބުރާލިއެވެ. އޭނައަށް ޒަވާންއާއި ހަތަރުކަޅި ހަމަކުރަންވެސް ވަނީ އުނދަގޫ ކަމަކަށެވެ. މިހާރަކަށް އައިސް ޒަވާން ފެންނަ ހިސާބަކަށްވެސް އަންނަން އޭނަ ލަދުގަނައެވެ.
”ދެން ވަރަށް ފޫހިވޭ، ބުނާ ގަޑިއަކަށް ދުވަހަކު ނާންނާނެ، ކުރީފަހަރު ފިލްމެއް ބަލަން ދާން އުޅެނިކޮށް އެޕްލޭން ފްލޮޕްވީވެސް ނަޒްޔަކްއަކާ ހެދި…” ޒަނާ ހިތްހަމަ ނުޖެހިފައިވާ ރާގަކަށް ބުންޏެވެ. ޒަނާވެސް ނަޒްޔަކްދެކެ ފޫހިވާކަން އެނގުމުން އީނާގެ ތުންފަތަށް މައުނަވީ ހިނިތުންވުމެއް ފާޅުވިއެވެ.
”ވޯއު! ޒީމެން ތައްޔާރުވާން ދިޔަތާ އެއްގަޑިއިރު ވީ، އަދި ކިރިޔާ ފުށްކޮޅު ޖަހާލައިގެން ބޭރަށް ނިކުމެވޭވަރު ތިވީ….” އެކުވެރިޔާގެ ދިފާއުގައި ޒަވާން ބުނެލިއެވެ. ”ނޭގޭ ތިކަމެއް، ތިހެންވިއްޔާ ނަޒްޔަކްއެއީ އަންހެންކުއްޖެއްތަ؟ ގައިމު މިހާރު އާދެވާވަރު ވާނެ ނޫންތަ އީނޫ؟ މަށަށް ހީވަނީ ނަޒްޔަކްވީ ބިއުޓީ ސެލޫންއެއްގަހެން….” ޒަނާ ބުނިއެއްޗަކުން ނުހޭން ހުއްޓާވެސް އީނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭނަ ތުންފަތުގައި ދަތްއަޅާލަމުން ހުނުން ކޮންޓްރޯލްކޮށްފިއެވެ.
”އީނޫ އާދެބަލަ އަހަންނާއެކު….” ޒަވާން ސޯފާއިން ތެދުވެލަމުން އައިސް ހިފީ އީނާގެ އަތުގައެވެ. ސިހިފައި އީނާއަށް ދުރަށް ޖެހިލެވުނެވެ. އަލްޔަސް ނޫން ދެވަނަ މީހަކު އޭނަގެ ހަށިގަނޑުގައި ބީހުމުގެ ފުރުސަތެއް ދޭން އޭނަ ބޭނުމެއް ނޫނެވެ. އަދިވެސް އޭނަގެ ހިތަކީ އަލްޔަސްގެ މިލްކެކެވެ. އެތައް ވޭނެއް ލިބުނުއިރުވެސް އެހިތް ބަދަލުވެފައި ނުވުން އެއީ އޭނަ އަލްޔަސްދެކެވާ ހަޤީޤީ ލޯބި ރަމްޒުކޮށްދޭ ކަމެކެވެ. ޒަވާންގެ ފަހަތުން އީނާ ހިނގައިގަތް އިރު އޭނަ ހުރީ ފުދޭވަރަކަށް ހާސްވެ ކަންބޮޑުވާގޮތްވެފަ އެވެ. ދެއަތް ޖޯޑުކޮށްލަމުން އަވަސް ނޭވާތަކެއް ލަމުން ދިޔައީވެސް އެހެންވުމުންނެވެ.
މެންދުރުގެ ހޫނުގަދަ ވަގުތައް ވިޔަސް ބަގީޗާ އޮތީ ހިޔާވެފައެވެ. ބިޔަކޮށް ހެދިފައި ހުރި އަނބު ގަސްތަކާއި ޖަސްބު ގަސްތަކުގެ ގޮފިތައް ގުޅި އުޑުމަތީގައި ފަތްތަކުގެ ދޫލައެއް ފަތުރާލާފައި ވާއިރު އެފަތްތަކުގެ ތެރޭން އިރުގެ ދޯދިތައް ފޭދިގެން އައިސް ކޮކާއަވި ދީފައި އޮތެވެ. ރަބީޢުމޫސުމުގެ ފެށުމަށްވުމުން ގަސްތައް ދަނީ މާމެލާމެލިން ބަރާވަމުންނެވެ. ކަށިތަކުގެ ތެރެއަށް ފިނިކަން ސަވާރުވާފަދަ ރޯޅިތައް ހަށިގަނޑުގައި ބޮސްދެއެވެ.
އީނާއާއި ކުރިމައްޗަށް ވާގޮތަށް ހުއްޓިލަމުން ފުރަތަމަވެސް ޒަވާން އެމޫނަށް ފުން ނަޒަރެއް ދިނެވެ. އީނާ ހުރީ ދުރުން ފެންނަ މާގަސްތަކަށް ބަލާށެވެ. ރާއްޖެއިން ނުފެންނަ ޒާތުގެ ކޮކާތަކާއި ދޮންދޫނިތައް މާތަކުގެ ވަށާ ފޫހިކަމެއް ނެތި ފިޔަޖަހާލާއިރު ރޯޅިތަކާއެކު ގަސްތަކަށް ލޮޅުން އަރައިގެން ދިއުމުން އެސޮރުމެން އުދުހިގަންނައިރު ހާދަ ފުރިހަމައެވެ.
”އަދިވެސް އެކަމާމެދުތަ ތިވިސްނަނީ؟ އެކްސިޑެންޓްސް ޑޫ ހެޕެން، ނަޒްޔަކް އެހުންނަނީ މާފަށް އެދެން ނުކެރިފަ. ބުނި އީނޫ ރުޅިއައިސް މޫނު ބަނަކޮށްލީމަ ހީވަނީ މަދާރ ގޯތަލް ހެންނޭ، ނުކެރޭނެޔޭ މާފަށް އެދޭކަށްވެސް، ކުރީރޭ ތިމަންނައާ ދިމާއަށް ކަޅިއަޅާލީމަވެސް ޕެނިކް ކެޓޭކެއް ޖެހިއްޖެޔޯ…” ޒަވާން ލުއި ހުނުމަކާއެކު ވާހަކަ ދެއްކިއެވެ. އީނާ ހުރީ ހިމޭނުންނެވެ.
”އަދި އެއްވާހަކަ… އީނޫގެ އައިޑިޔާރ ވޯރކްކޮށްފި، ތޭންކްސް ފޯރ ދެޓް…” ޒަވާން އިތުރުކޮށްލިއެވެ.
”ސްޓިލް މޭޑް އެޓް ނަޒްޔަކް؟….” އީނާގެ ހިމޭންކަމުން ޒަވާންއަށް އުނދަގޫވުމުން އޭނަ އަހާލިއެވެ. އޭނަ ދައްކާ ވާހަކަތަކަށް އީނާ ސަމާލުކަމެއްދޭހެނެއް ހިޔެއްނުވެއެވެ. ނަޒްޔަކްގެ ވާހަކަ ދެއްކުމުން ކަމަށްވެސް ވެދާނެއެވެ.
”އުހޫނ…” އީނާ ގަދަކަމުން އެތުންފަތްމައްޗަށް ހިނިތުންވުމެއް ގެނައެވެ. އެތެރޭގައިވި ރުޅިވެރިކަން އޭނަ ބޭރުފުށުން ހާމަވިޔަކަ ނުދިނެވެ. އޭނަ ހުރީ ޒަވާން ދެއްކި ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ. ހަޤީޤަތުގައިވެސް ނަޒްޔަކް އެކުރި ކުށަށް މާފަށް އެދެން ބޭނުންވާނަމަ ޒަވާން މެދުވެރިއަކަށް ނުހެދީހެވެ. އޭނަގެ ކުރިމައްޗަށް އައިސް މާފަށް އެދުމުގެ ހިތްވަރު ލިބުނީހެވެ. ފަހަރެއްގައި ނަޒްޔަކް މިނަށްވުރެ ލަދުރަކީކަމަށްވެސް ވެދާނެއެވެ. އެވަގުތު އީނާގެ ހިތަށްވެރިވެގަތް އެއްޗަކުން އޭނަ ތުންފަތް ހަފާލިއެވެ. ނަޒްޔަކްއާމެދު އެހާ ގޯސްކޮށް ހީކުރެވުމުން އޭނަ ފަހުން ދެރަވެސް ވިއެވެ.
”އެއޮތް އައީ…” ޕޯޓިކޯއަށް ކާރެއް މަޑުކޮށްލި އަޑަށް ޒަވާން ބުނެލިއެވެ. އޭނަ ދިގު ފިޔަވަޅުތަކެއް އަޅަމުން ކާރާއި ދިމާއަށް ހިނގައިގަންނަމުން ޒަނާއަށް ގޮވާލައިފިއެވެ. އީނާ ފޫހިވެފައި ހުރެވެސް ފަހަތުން އައެވެ. އޭނަ ހީކުރީ އެމީހުން ދަނީ ޒަވާންގެ ކާރުގައި ކަމަށެވެ. ނަމަވެސް ކަންތައްވިމީ މުޅިން އެހެން ގޮތަކަށެވެ. އީނާއާއި ޒަނާ ފަހަތު ސީޓްތަކަށް އަރާ ހަމެޖެހިލުމުން ޒަވާން ދާންވީތަނެއް އަހާލިއެވެ.
”ދޮންބެ ކާރު ކޮބާތަ؟…” ޒަނާ އަހާލައިފިއެވެ. ”ގަރާޖުގަވީ،… ސޯ އީނޫ ބުނެބަލަ ދާން ބޭނުންވާ ތަނެއް، މިތާ ކައިރީ ވަރަށް ރީތި ޓައުންސްތައް ހުންނާނެ، އޭރުން ފްލާވާރ ފާމްސްތައްވެސް ފެންނާނެ، އާންމުގޮތެއްގައި އަންހެން ކުދިން ބޭނުންވާނީ އެކަހަލަ ތަންތަނަށްގޮސް ފެންޓަސީ ދުނިޔެއެއްގަ އުޅެލަން…” ޒަވާން ބުނެލިއެވެ.
”ހާދަ ވަރަކަށް މައުލޫމާތު ތިއިނގެނީ، މަށަށް އެބަހީވޭ ކަންތައްގަނޑެއް ސިއްރުކުރާހެން އަޅެ ނޫންތަ؟…” ޒަނާ ޝައްކުގެ ނަޒަރަކުން ބަލައިލުމުން ޒަވާން ދެނެހުރިކަމަކަށްވެސް ހަދާނުލިއެވެ. އަނގަގަދަކަމުން އޭނަ ސިއްރުކުރަން އުޅުނު ކަންތައް ބޭޒާރުވުމުން ޒަވާންއަށް މަޑުން ”ޝިޓް”އޭ ބުނެލެވުނެވެ.
”ހޫމްމްމް، ދެން ބުނެބަލަ، އެއީ ކާކު؟…” ޒަނާ ދިމާކުރާ ރާގަކަށް ބުނެލިއެވެ. ”ޔޫ ވިލް ނޯ، ދެން ކެތްތެރިވެބަލަ…” ޒަވާން ބުންޏެވެ. އެންމެންގެ މަޝްވަރާގެ މަތިން މިސްރާބު ޖެހީ ސިޓީއާ ތަންކޮޅެއް ދުރުގައި އޮތްނަ ޓައުންއަކަށް ދިއުމަށެވެ. ހަލަބޮލި މަގުތަކުން ކާރު ދުއްވަމުން ދިޔައިރު ފެންނަމުންދާ ކޮންމެ ތަނަކަށް އީނާ ބަލަހައްޓައިގެން އިންނަނީ ޝައުގުވެރިކަމާއެކުގައެވެ. މެލޭޝިޔާއަށް އާދެވުނުފަހުން ކޮއްޓަކުން އޭނަ ސަލާމަތްވެއްޖެހެން ހީވާ ފަހަރުވެސް އާދެއެވެ. މާލޭގައި އުޅުނުއިރު ގެއާއި ޖެހިގެން ހުންނަ ފިހާރަޔަކަށްވެސް ދިއުން ވަނީ ބޮޑު ވޭނަކަށެވެ. ”ނައިޓިންގޭލް” ގޭގެ ބަގީޗާ ތެރޭގައި އަރާމުކަމާއެކު ވާހަކަ ކިޔަން އޮވެވިދާނެއެވެ. ވަށައިގެންވާހާ ޤުދުރަތުގެ ލާމަސީލު ނަމޫނާތަކުން ހިތަށް ފިނިކަން ގެނެސްދޭނެކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ.
ޒެލީން މިއަދު އޮފީހަށް އައީއްސުރެ އިންނަނީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. ކުރަން ހުރި މަސައްކަތްތައް ބޮއްސުންލާ ހިސާބަށް ގޮސްފައިވާއިރުވެސް އޭނަ އެއިން ފައިލެއްގައިވެސް އަތްލާހިތެއް ނުވެއެވެ. ފައިލްތައް ހުޅުވާލައިގެން ހުއްޓެއް ކަމަކު އޭނަގެ ސަމާލުކަން ދެވިފައިވަނީ އެންމެ މީހަކަށެވެ. ރޭ އޭނައާ ބައްދަލުވި ޒުވާނާއެވެ. ސައިގަޑީގައި އަލްޔަސްގެ ވާހަކަ އެކުވެރިންނާ ދެއްކުނު އަދަދެއް ނޭގެއެވެ. އެންމެފަހުން އެކުވެރިންވެސް ތިބީ ޒެލީންގެ ސަބަބުން ބޮލަށް އުނދަގޫވެފައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އޮފީހަށް އައީއްސުރެ އިވެނީ އެއްބަނދިވަރެކެވެ. މީހެއްގެ ސިކުނޑީގެ ނާރުތަކަށް ވާންނުވާނެ ގޮތެއް ނެތެވެ.
”ތި އަލްޔަސްއެއްގެ އަވާގައި ޒީނޫ ތިހުރީ ރަގަޅަށް ޖެހިފަ، އަނެއްކާ ޖިންނިއެއް ނޫންބާ؟….” އެކުވެރި ފިޒާޔާ ބުނެލިއެވެ. ”ޒޫމެންނަށް ފެނިއްޖެއްޔާ ފެއިންޓް ވެދާނެ، އަދި އެހާ ވިއްސާރަ ތުފާނީ ރެއެއްގަ ބައްދަލުވީވެސް، އަނދިރީގެ ތެރޭންވެސް ހީވީ އަހަރެންގެ ހިތަށް ސިހުރު ޖައްސާލިހެން….” ޒެލީން އިނީ ރަގަޅަށްވެސް މޮޔަވެފައެވެ.
”ސޯ ޑްރެމެޓިކް، ތީ ހަޤީޤަތެއްތަ؟….” ތާރާ ޝައްކެއްގެ މަތީގައި ހުރެ އަހާލިއެވެ. ޒެލީން އިނގިރޭސި ފިލްމުތަކާއި ސީރީޒްތައް ބަލަމުން ގޮސް އެހުންނަނީ އެއަށް ދެވިހިފާފައެވެ. ފަހަރެއްގައި ފެނުނު ހުވަފެނަކަށް ދޮގުތައް އިތުރުކޮށްފައި ދައްކަނީކަމަށްވެސް ވެދާނެއެވެ. އެވާހަކަތައް ބޮޑަށް ސިފަކުރެވެނީވެސް އެފަދަ ގޮތަކަށެވެ.
ޒެލީން ބުމަ ކައިރިކޮށްލަމުން ތާރާއާ ދިމާއަށް ކަޅިއަޅާލިއެވެ. އޭނަގެ އެކުވެރިންތައްވެސް އެންމެ ފަހުން އޭނަދެކެ ހަސަދަވެރިވީއެވެ. ތާރާއާއި ފިޒާޔާއަށް ދައްކަންވެސް އޭނަ އަލްޔަސް ގެންނާނެއެވެ. ނަމަވެސް މިބޮޑު މާލޭން އޭނަ އަލްޔަސް ހޯދާނީ ފަހެ ކޮންތަނަކުން ހެއްޔެވެ؟
”ފިޒޫމެންނަށް އަލްޔަސް ދައްކާލާނަން…” ޒެލީން ބުންޏެވެ. އަދި މަޑުކުރުމެއްނެތި ގޮސް އޭނަގެ ކެބިންއަށް ވަދެއްޖެއެވެ. ވީފޫއްސެއްގެ ބޮޑުކަމުން މަސައްކަތްކުރާހިތްވެސް ކެނޑިއްޖެއެވެ.
އޮފީސްގަޑި ނިމެންވާއިރަށް ޒެލީންއަށް ކުރެވުނު ވަރަކުން މަސައްކަތް ނިންމާލެވޭތޯ އުޅުނެވެ. އޭނަ ވަޒީފާއިން ފަޔާރކޮށްލާނެ ކަމުގެ ބިރުހީވާވަރުން މަޖުބޫރުވެފައިވަނީ މަސައްކަތްތައް ވަގުތަށް ނިންމާށެވެ. ހަވީރު ހަތަރެއް ޖަހަން ކައިރިވެފައި ވަނިކޮށް އެކުވެރިންތަކާއެކު ޒެލީން އޮފީހުން ނިކުތެވެ. އެންމެންވެސް މިސްރާބު ޖެހީ ސުނާމީ ބިނާއަށް ދިއުމަށެވެ. އޮފީސް ހުންނަނީ އެތަނާއި ކާރި ހިސާބެއްގައި ކަމަށް ވުމުން ދިހަ ވަރަކަށް މިނެޓް ތެރޭގައި ހިނގާފައި ދެވިދާނެއެވެ.
ގާޑިޔާއެއްގެ ކައިރިއަށް ހުއްޓޭއިރަށް ސައިކަލު މަތީގައި އިން އަލްޔަސް ޒެލީންގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން އޭނަ ތާރާއާއި ފިޒާޔާއަށް އަލްޔަސް ދައްކާލިއެވެ. ޒެލީން ބުނީ ތެދެއްކަން ޤަބޫލުކުރަން އެމީހުންނަށް މަޖުބޫރުވީ ދެނެވެ. ތެދެކެވެ. ޒެލީން ސިފަކޮށްދިންހާ އެޒުވާނާ ރީއްޗެވެ. ފިޒާޔާއާއި ތާރާ އެކަކު އަނެކަކަށް ބަލާލަމުން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. ”އަންނާނަން އިނގޭ، އަހަރެން ބަހައްޓާފަ ގެއަށް ނުދައްޗޭ….” ޒެލީން އޭނަގެ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. އަލްޔަސް ކައިރިއަށްދާން އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އޭނަގެ ހިތުގެ ތެޅުން އަވަސްވެ ތުންފަތްމަތީގައިވި ހިނިތުންވުން ފުންވަމުން ދިޔައެވެ. ފިނިކަން އެކުލެވިގެންވާ ރޯޅިތައް ޒެލީންގެ އިސްތަށިގަނޑާ ސަމާސާކުރަމުން ދިޔައިރު މޫނުމައްޗަށް ބައެއް އިސްތަށިކޮޅުތައް ފައިބާފައި ހުއްޓެވެ. އަލްޔަސްގެ ފުރަގަހުން ހުއްޓިލަމުން ޒެލީން ފުންނޭވާއެއް ލިއެވެ.
”އަލްޔަސް…” ޒެލީން ކުރިއަށް ޖެހިލިއެވެ. ޒެލީންގެ އަޑަށް އަލްޔަސްއަށް ސިހިފައި ބަލާލެވުނެވެ. އޭރު ޒެލީން ހުރީ އަނގައިގަވާހާ ދަތްތަކެއް ދައްކާލައިގެންނެވެ. ”ނޭގުނު ދޯ؟…” އަލްޔަސް ބަލަހައްޓައިގެން އިން ގޮތުން ޒެލީން ދެރަވިއެވެ. ހީވީ ބީރައްޓެއްސަކު ފެނުނުހެންނެވެ. ޒެލީންގެ މޭގައި ރިއްސާލިއެވެ. ރޭގެ އެއުފާވެރި ބައްދަލުވުން އެހާ އަވަހަށް އަލްޔަސް ހަނދާން ނައްތާލީ ހެއްޔެވެ؟
”ޒެލީން؟….” ވިސްނާލަމުން އަލްޔަސް ބުނެލިއެވެ. ޒެލީން ބޯޖަހާލިއެވެ. ދެން އެދެމެދަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ.
”އަހަރެން ބުނީމެއްނު ޓްރީޓެއް ދޭނަމޭ، ވެލް އިޓްސް ޓައިމް….” ޒެލީން އަތުގެ އިނގިލިތަކާ ކުޅެލިއެވެ.
”މިހާރު މިއުޅެނީ ތަނަކަށް ދާން ލަސްވެގެން، ނެކްސްޓް ޓައިމް…” އަލްޔަސް ސައިކަލް ސްޓާޓްކޮށްލަމުން ބުންޏެވެ. ޒެލީންއަށް ހީވީ އޭނަގެ ހިތުގައި މީހަކު ބާރަކަށް ޖެހިހެންނެވެ. ކުއްލިޔަކަށް އަލްޔަސްގެ މޫނުމަތިން ފެނިގެންދިޔަ ކުލަވަރުތަކުން އޭނަ ބިރުގަތެވެ. އަލްޔަސްގެ ލޯބިވެރިޔަކު ހުރީ ބާވައެވެ!
ޒެލީންގެ ލޮލުގައިވި ޝުއޫރުތަކުން އަލްޔަސްއަށް ތަފާތުކަމެއް ފާހަގަކުރެވުނެވެ. އޭނަ ދެނެހުރިކަމަށް ހަދާނުލައި ސައިކަލު ދުއްވާލިއެވެ. އަލްޔަސް ކަންބޮޑުވިއެވެ.
”ނަންބަރު…” ޒެލީން ބުނި ޖުމްލަ ސާފުކޮށް އަޑުއިވުނުކަމުގައި ވިޔަސް އަލްޔަސް ދިޔައީއެވެ. އޭރު އޭނަ ޒެލީންދެކެ ފޫހިވާ ހިސާބަށް ދިޔައެވެ. އޭނަގެ ހިތުން ދެވަނަ ކުއްޖަކަށް ޖާގައެއް ނެތެވެ. ޒެލީންގެ ލޮލުގައިވި އާދަޔާ ހިލާފު ވިދުމާއި އެތުންފަތްމަތީގައިވި ފުން ހިނިތުންވުމުގެ އިތުރުން ވާހަކަ ދެއްކުމުގެ ރާގުން އޭނައަށް އިންޒާރުތަކެއް ދީފިއެވެ. ޒެލީންއާއި ވީހާވެސް ދުރުން އުޅުމަށެވެ.
މާޔޫސްކަމާއެކު އެކުވެރިންގާތަށްދާން ބަލާލިއިރު އެކަކުވެސް ފެންނާކަށްނެތެވެ. ތުންއަނބުރާލަމުން އެކަނިމާއެކަނި ގެއަށްދާން ޒެލީން ހިނގައިގަތެވެ.
***
ސިޓީގެ ހަލަބޮލި ދިރިއުޅުމާ ދުރަށް އާދެވުމުން ހިތަށް ލިބިގެން ދިޔައީ ބޮޑު އުފަލެކެވެ. ބިޔަކޮށް ހެދިފައިވާ ދިގު ގަސްތައް މަގުގެ ދެފަރާތުގައި ހެދިފައި ވާއިރު ބަލިކަށިވެ ނިކަމެތިވެފައި ހުރި ފަތްތައް މަގުތަކަށް ފައިބަމުން ދިޔައެވެ. ދޫނިސޫފާސޫފީގެ އިތުރުން ބައެއް ދިރޭއެއްޗެހީގެ އަޑުތައް އިވިގެންދާއިރު ވައިރޯޅިތައް ކަންފަތް ދޮށުގައި ސިއްރެއް ބުނެލަން ބޭނުންވާހެން ހީވެއެވެ. ވާދީތަކާ އިންވެގެން ހުރި އުސްފަރުބަދަތައް ދުރުން ފެނިލާއިރު ބިރުވެރިކަން ހިތުގެ ތެރޭގައި ވަކިހިއްޕާލައެވެ. ކޮޅިގަނޑުތަކުން ފަރުބަދަތަކުގެ ކޮޅު ނިވާވެފައިވެއެވެ. އުސް ވޯޓާރފޯލްތަކުން ފެންތައް ހަލުވިކަމާއެކު ފައިބައިގެން ދާއިރު ދެކޮޅަށް ބުރުއްސާއިގެންދާ ފެންތިކިތައް އިރުގެ ދަޅަތަކުން ޖަރީވެ ވިއްސާރަދުނީގެ ދޫލަތައް ފަތުރާލާފައި އޮތެވެ.
އީނާއަށް އެންމެ ބޮޑަށް ކަމުދިޔައީ ރޭލު ދަގަނޑުތަކުގެ އަނެއްފަރާތުގައި އޮތް ސަންފްލާވާރ އަދި އޮރެންޖް-ޕޮޕީސް މާދަނޑުތަކެވެ. ފޫޓެއްހާ ދުރުމިނުގައި ގަސްތައް އިންދާފައި ހުރި ތަރުތީބު ފެނި އެދިމާއަށް ލޯތައް ދަމައިގަންނާނެއެވެ. ގަސްތަކުގައި މާތައް ފޮޅި ވަނީ ބަރާވެފައެވެ. ތާޒާކަން އެކުލެވިގެންވާ ފަޒާގެ ތެރެއިން ނޭފަތުގައި ޖެހެނީ އޭގެ ލުއި މީރު ވެހެވެ.
އީނާ ހުރީ މާދަނޑުތަކުގެ ތެރޭގައި ހިނގާލަންދާ ހިތުން ކެތްނުލަވާފައެވެ. ވޯޓާރފޯލް ބަލަން ހުރިއިރުވެސް އޭނައަށް ބަލާލެވެނީ ގަދަ އޮރެންޖްކުލައިން ފޯކޮށްލާފައި އޮތް މާދަނޑުތަކެވެ.
އީނާ ފޯނުން ފޮޓޯތަކެއް ނަގަމުން މާދަނޑުތަކާދިމާއަށް ދާން މިސްރާބު ޖެހިއެވެ. ރޭލުދަގަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހިލަކޮޅުތަކުގެ މަތިން ފައި އަރިއަޅާލުމުން އީނާގެ ފޯނު ވެއްޓިއްޖެއެވެ. ފޯނު ނަގަން ގުދުވާއިރަށް ކަންފަތްބައްވަގެން ދިޔަ ބާރު އަޑުފަށްގަނޑާއެކު އީނާއަށް ހީވީ އޭނަގެ ފުރާނަ ހަށިގަނޑާ ވަކިވެގެން ދިޔަހެންނެވެ. މުޅިމީހާ ގަނޑުވެގެން ދިޔަ ހިނދު އީނާއަށް މަޑުމަޑުން އަލްޔަސްގެ ނަން ކިޔާލެވުނެވެ. ހަށިގަނޑުގެ ހުރިހާ ނާރުތަކެއް ގުޑުވާލައިގެން ދިޔައީ ބިރުވެރިކަމުގެ ޝޮކުތަކުންނެވެ. ފަރުވާކުޑަކަމުން އަމިއްލަ ފުރާނަ ނުރައްކަލަކަށް ހުށައެޅިއްޖެއެވެ. ސަލާމަތްވާނެ އެއްވެސް ގޮތެއް ސިކުނޑިއަކަށް ނައެވެ. ހުރިހާކަމެއްވެސްވީ އެހާ ހަލުވިކޮށެވެ. ހަޅޭއްލަވަންވެސް ނޭގުނެވެ.
މޫނުމައްޗަށް ހުދާއި ކަޅުގެ މަންޒަރުތަކެއް ވެރިވެގެން ދިޔަ ވަގުތުކޮޅަކަށްފަހު އީނާގެ އަތުގައި މީހަކު ހިފާލިހެންހީވިއެވެ. ރޭލުގެ ބާރު އަޑުފަށްގަނޑާއެކު ކަންފަތް ބައްވެގެން ދިޔަ ހިނދު އީނާގޮސް ޖެހުނީ ޒަވާންގެ މޭގައެވެ. އީނާއަށް ބާރަކަށް ޒަވާންގެ ގައިގައި ބައްދާލެވުނު ހިނދު ބާރަކަށް ރޮއިގަނެވުނެވެ. މޭގަނޑު ނެގިފައި ޖެހެމުން ދިޔައިރު ހިތްހުއްޓިދާނެހެން ވެސް ހީވެއެވެ. ޒަވާންގެ ޓީޝާޓް އަތަށް ބޮނޑިކޮށްލަމުން އީނާއަށް ފުންނޭވާތަކެއް ދޫކޮށްލެވުނެވެ.
ޒަނާ އާއި ނަޒްޔަކް އައިސް ޒަވާންއާއި އަރާހަމަކޮށްލިއެވެ. މަޑު ގިސްލުމަކާއެކު އީނާ ދެލޯމަރާ ތަގުޅިކޮށްލިއެވެ. ލޯހުޅުވާލާކަށް އޭނަ ބޭނުމެއް ނުވެއެވެ. މީހުވަފެނަކަށް ވެޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އީނާއަށް ވީގޮތެއް ބަޔާންކޮށެއް ނުދެވޭނެއެވެ.
”އީނޫ” ޒަނާ އީނާގެ އަތުގައި ހިފާލި އެވެ.
”ލޯ ހުޅުވާލަބަ، އެވްރީތިންގް އިޒް ފައިން، ބަލާބަ، އީނޫއަށް އެއްވެސް ކަމެއް ނުވެޔޭ….”
ޒަނާ ކަންބޮޑުވެފައިވާ އަޑަކުން ބުނެލިއެވެ. އީނާ ފުންނޭވާތަކަކާއެކު ޒަވާންއާ ދުރަށް ޖެހިލިއެވެ. އޭރު ޒަވާން ލައިގެން ހުރި ޓީޝާޓްގެ ބޮޑުބަޔެއްވަނީ ތެމިފައެވެ. ނަޒްޔަކްގެ މޫނުމަތިންވެސް ކަންބޮޑުވުން ފެނެއެވެ. އަވަސް އަވަހަށް ބެކްޕެކް ހުޅުވާލަމުން ނެގި ފެންފުޅި އޭނަ އީނާ އަތަށް ދިއްކޮށްލިއެވެ. އީނާގެ މޫނުމަތީގައިވި ބިރުވެރިކަން ފެނި ނަޒްޔަކްގެ ހިތަށް ނުބައި ގޮތެއް ވިއެވެ. ޔަޤީނުންވެސް އޭނަގެ ހިތުގައި ރިއްސާލައިފިއެވެ.
އީނާ ފެންފުޅި އަތުލަމުން މުޅިން ހުސްކޮށްލިއެވެ. އޭނަ ކަރުނަ ފޮހެލަމުން ނަޒްޔަކްއަށް ބަލާލިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ފަޅިސިކުންތުކޮޅަކަށް ނަމަވެސް ގުޅިލާމެހިގެން ދިޔައެވެ. އީނާ އިސްދަށަށަށް ޖަހައިލަމުން ކޯތާފަތް ތެމިގެން ދިޔަ ކަރުނަތައް ފޮހެލިއެވެ.
”ތޭންކްސް…” އީނާއަށް ވާހަކަދެއްކުނީ އުނދަގުލުންނެވެ. ލިބުނު ވަރުގަދަ ޝޮކުން ބޭރުވާން އަދި ވަގުތުކޮޅެއް ނަގާނެއެވެ. ނަޒްޔަކް ހިނިތުންވެލި ވަގުތު އީނާއަށް ސިފަވެގެން ދިޔައީ އަލްޔަސްއެވެ. އީނާއަށް ހޯދާލެވުނީ އޭނަގެ ފޯނު ފެނޭތޯއެވެ. ފޯނު އޮތީ ތަޅައިގެން ގޮސްފައެވެ. އޭގައިވާހާ ފޮޓޯއެއްވެސް ގެއްލިގެން ދިޔައީއެވެ. އަލްޔަސްކޮށްފައިވާ އެސްއެމްއެސްތައްވެސް ގެއްލުނީއެވެ.
”އީނޫގެ ފަރުވާކުޑަކަމުން ނަސީބެއްނު ދެރަކަމެއް ނުވިކަން….” ޒަވާންގެ އަޑުގައި ރުޅިވެރިކަން ވިއެވެ. އީނާއަށް ކަމެއްވިނަމަ އަމިއްލަ ނަފުސަށް ދުވަހަކު މާފުކުރެވޭނެހެނެއް ހިޔެއްނުވެއެވެ. މާތްﷲގެ އިރާދަފުޅާއެކު ފަހު ވަގުތު އީނާގެ އަތުގައި ހިފުނުކަން ނަސީބެކެވެ. އެހެންނޫނަމަ ވާނެ ގޮތަކާމެދު ވިސްނާލުންވެސް ދައްޗެވެ.
”ފޯނު ނަގަން އުޅެނިކޮށް……… އައިމް ސޮރީ….” އީނާ އެތެރެއަށް ނޭފަތް ދަމާލިއެވެ. ނޭފަތް ރަތްވެ ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ. ނަޒްޔަކް އީނާގެ ފޯނު ނަގަމުން ބުނީ ފޯނު ހެދޭނެ ކަމަށެވެ. އެޖުމްލައިން އީނާގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބުނެވެ. އެފޯނުގައިވާހާ އެއްޗެއް އޭނަ ބޭނުމެވެ.
‘ލެޓްސް މޫވް….” ޒަނާ ގަޑިބަލައިލަމުން ބުންޏެވެ. ޒަނާ ދިއްކޮށްލި ޓިޝޫއިން މޫނުމަތި ރީތިކޮށްލަމުން އީނާ ކުރިއަށް ހިނގައިގަތެވެ. ރުޅި ފިނިކުރަން މަސައްކަތްކުރަމުން ޒަވާން އީނާއާ ވާހަކަ ދެއްކިއެވެ. މަޤްސަދަކަށްވީ އީނާގެ ވިސްނުން އެހެންދިމާއަކަށް އަނބުރާލުމެވެ.
”ގެއަށް ދިޔުމުގެ ކުރިން އީނޫ ޑޮކަށް ދައްކަން ފެންނަނީ….” ޒަވާން ބުންޏެވެ.
”ނޫން. ނޫން. މިހާރު ރަގަޅު ވެއްޖެޔޭ، އެހެންނޫނަސް ގޭގަ ސައިކޭޓްރިސްޓަކު ހުއްޓާ ބޭރުބަޔެއްގެ އެހީހޯދަނީ ކީއްކުރަން؟….” އީނާ ދެކޮޅު ހެދިއެވެ. އޭނަ ބޭނުންވަނީ ވީހާވެސް އަވަހަށް ގެއަށް ގޮސް ނިދާލާށެވެ. ނަޒްޔަކް ކާރިން ފޯނު ހެދޭނެ ދުވަހެއް އޮޅުން ފިލުވާކަށް އޭނައަކަށް ނުކެރުނެވެ. ލިބުނު ޝޮކާއެކު އީނާ ހުރީ ހިތުބިރުގެންފައެވެ. އެ ”ނާމާން” ހާސިދާ ހިތަކުން ފިލައިގެން ނުދާނެއެވެ.
(ނުނިމޭ)
13 Comments!
Comments are closed.
Haadha kurey mutha..xavaan vx enoo aa hedhi ulheni dw…dn kaakah baa enoo libeynee. ..alyas aa zelyn nugulhu vachey. ..v salhi mi bai vx..waiting for the next part ♡♥♡
dhen nazyak foanu hadhaigen foto balaa iru alyas ge foto fennaanee dhw
….v rythi mi partves…waiting for da nxt part…
alhe haadha complicated ey……this is same as mine….loabiva myhun ginavefa…..
Gas imdhaafa ‘thibeynee’eh noon..hunnaanee.. 🙂
މިތާ ކައިރީ ވަރަށް ރީތި ޓައުންސްތައް ތިބޭނެ.
thibeynee eh noonennu. Towns thah hunaanee
” އެ ”ނާމާން” ހާސިދާ “
v salhi
salhi
hithakn hama nufilaaney
ފަތްތަކުގެ ތެރޭން އިރުގެ ދޯދިތައް ފޭދިގެން އައިސް ކޮކާއަލިވަރެއް ދީފައި irun dheyny avi, handhun handhuvaru, 4 ur kind info, kon alivaruthakehtha hun
dhen alyasge kusheh neikan angabala enoo ah…. ehen nooni magey heart fada fadaige higaadhaane… plxxx bust kohllabala mithaa ulhey safarukahdhage plan… hospitalga oi kijjaa hey aruvaakahves nuveytha…
minahthure eh noon, minah vure, n farubadhaya gasgaha thibeynykY nOOn hunnaany
alhe alyas aa eena gulhuvachey. ehennoony there is no reethi haadhisaa eh