އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަ ﷲ ޢަންހާ
أمّ المؤمنين عائشة رضى اللّـه عنــها އަކީ މުސްލުމުންގެ ފުރަތަމަ ޚަލީފާ أبوبكر الصّدّيق رضى اللّـه عنــه ގެ ދަރިކަނބަލުންނެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ލޮބުވެތި އަނބިކަބަލުންނެވެ. ޞަޙާބީން ބޭކަނބަލުންގެ ތެރެއިން އެންމެ ޢިލްމުވެރިކަމަށް އަރާހުންނެވި ކަމަނާއެވެ. މިއުއްމަތަށް މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ތަޢުލީމާއި އިރުޝާދުތަށް ފޯރުކޮށްދެއްވުމަށް މަސައްކަތްޕުޅުކޮށްދެއްވި ބޭކަނބަލެކެވެ.
ނަންފުޅާއި ނަސަބުފުޅު އަދި ޚާންދާނު
أمّ المؤمنين عائشة رضى اللّـه عنــها އަކީ ޞަޙާބީ ބޭކައުކަނބަލުންގެ ތެރެއިން ވަރަށް މަތިވެރި ޚާއްޞަ މަޤާމެއް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އެކަމަނާގެ ބައްޕާޅު ފަރާތުގެ ކާފާފުޅު أبو قحافة عثمان بن عامر އަކީ ޞަޙާބީ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ މައްކާ ފަތަޙަ ކުރެއްވި ދުވަހުއެވެ. أمّ المؤمنين عائشة رضى اللّـه عنــها ގެ ބައްޕާފުޅު ފަރާތުގެ މާމާފުޅު أم الخير سلمى بنت صخر رضى اللّـه عنــها އަކީވެސް ޞަޙާބީންގެ މަތިވެރި ދަރަޖަ ލިބިވަޑައިގެންފައިވާ ބޭކަނބަކެވެ.
أم الخير سلمى بنت صخر رضى اللّـه عنــها އިސްލާމްވެވަޑައިގެންނެވީ ބިޢުޘަތުގެ ހަތަރެއް ނުވަތަ ފަސްވަނަ އަހަރުގެ ތެރޭގައެވެ. ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ގެ ދުޢާފުޅުގެ ބަރަކާތުންނެވެ. އެހެންކަމުން ޢިލްމުވެރިން އެކަމަނާ ހިމަނުއްވާފައިވަނީ އިސްލާމްވެވަޑައިގެންނެވުމުގައި އިސްނެންގެވި ބޭކައުކަނބަލުންގެ ތެރޭގައެވެ. ތާރީޚުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި أم الخير سلمى بنت صخر رضى اللّـه عنــها އާއި أبو قحافة عثمان بن عامر رضى اللّـه عنــه ގެ ދެމަފިރިކަނބަލުން އަވަހާރަވީ ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ.
ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން أمّ المؤمنين عائشة رضى اللّـه عنــها ގެ ލޮބުވެތި ބަފައިކަލުންނަކީ أبوبكر الصّدّيق رضى اللّـه عنــه އެވެ. އެކަލޭގެފާނަކީ ކައުއިތުރު ނަބިއްޔާގެ ރިސާލަތަށް ބޮޑެތި ފިރިހެނުންކުރެ، އެންމެ ފުރަތަމަ އިޖާބަދެއްވި ބޭކަލެކެވެ. އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަމުގެ މައުޟޫގައި ބަޔާންވެގެންވާ ޙަދީޘްތަކާއި އާޔަތްތަކަކީ ތާރީޚު ދިރާސާ ކުރާފަރާތަކަށް ވަންހަނާ ވެގެންވާނެކަމެއް ނޫނެވެ.
أمّ المؤمنين عائشة رضى اللّـه عنــها ގެ މައިކަނބަލުންނަކީ أم رُومان އެވެ. އެކަމަނާގެ އަސްލު ނަންފުޅާއި މެދުގައި ތާރީޚުގެ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އެކަމަނާގެ ނަންފުޅަކީ زينب އެވެ. އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން އެކަމަނާގެ ނަންފުޅަކީ دَعْد بنتُ عامر އެވެ. أم رُومان رضى اللّـه عنــها އަކީ ކިނާނަތު ވަންހައިގެ ބޭކަނބަލެކެވެ. عبد الله بن الحارث އޭކިޔުނު އަޒްދުވަންހައިގެ ބޭކަލަކު އެކަމަނާއާއި ކާވެނިބައްލަވައިގެން މައްކާގައި ވަންޒަންވެރިވެވަޑައިގެންނެވީއެވެ. އެއީ އިސްލާމްދީން އައުމުގެ ކުރީންނެވެ.
عبد الله بن الحارث މައްކާގައި ވަޒަންވެރިވީ، أبوبكر الصّدّيق رضى اللّـه عنــه ގެ ޚަލީފެއްގެ ގޮތުގައެވެ. عبد الله بن الحارث އާއި أم رُومان رضى اللّـه عنــها އަށް އެކާވެނިފުޅުން ބޭފުޅަކު ލިބިވަޑައިގެންނެވިކަމުގައި މުއައްރިޚުން ލިޔުއްވާފައިވެއެވެ. އެދަރިކަލުންގެ ނަންފުޅަކީ، الطّفيل އެވެ. ދުވަސްކޮޅެއްފަހުން، عبد الله بن الحارث މައްކާގައި މަރުވެއްޖެއެވެ.
ދެން، أبوبكر الصّدّيق رضى اللّـه عنــه ޢަރަބީންގެ އާދަކާދަ ނިޔާކުރާގޮތުގެ މަތީން أم رُومان رضى اللّـه عنــها އަށް އެހީތެރިވެވަދައިގެންނެވުމުގެ މަޤްޞަދުގައި އެކަމަނާ އާއި ކާވެނި ބައްލަވައިގެންނެވިއެވެ. އެދެބޭކަނބަލުންގެ އެ ކާވެނިފުޅަށް ދެބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ عبد الرّحمن رضى اللّـه عنــه އާއީ أمّ المؤمنين عائشة رضى اللّـه عنــها އެވެ. ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އިސްލާމީ ރިސާލަތާއިގެ ވަޑައިގެންނެވުމުން އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވީ أبوبكر الصّدّيق رضى اللّـه عنــه އެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުން، أم رُومان رضى اللّـه عنــها ވެސް އެކަލޭގެފާނާއެކު އިސްލާމްވެވަޑައިގެންނެވިއެވެ.
އެހެންކަމުން أم رُومان رضى اللّـه عنــها ހިމެނިވަޑައިގަންނަވަނީ އިސްލާމްވެވަޑައިގެންނެވުމުގައި ކުރިއަރައިވަޑައިގެންނެވި ބޭކައުކަނބަލުންގެ ތެރެގައެވެ. ކީރިތި ޤުރުޢާނުގައި އެބޭކަނބަލުންނަށް ދެއްވާފައިވާ ލަޤަބުފުޅަކީ السّابقون الأوّلون ގެ މަތިވެރި ލަޤަބުފުޅެވެ. أمّ المؤمنين عائشة رضى اللّـه عنــها ގެ ބަފައިކަލުން أبوبكر الصّدّيق رضى اللّـه عنــه ފަދައިން އެކަމަނާގެ މަންމާފުޅަކީވެސް ނުހަނު ތަޤްވާވެރި ޞާލިޙު ބޭކަނބަލެކެވެ. އެކަމަނާ އަވަހާރަވީ ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައެވެ. އެކަމަނާ އަވަހާރަވީ ދުވަހު ނަބިއްޔާ ޙަދީޘް ކުރެއްވިކަމަށް ބުޚާރީގެ ތާރީޚުގައި ލިޔުއްވާފައިވެއެވެ.
“مَنْ سرَّهُ أَنْ يَنْظُرَ إِلَى امْرَأَةٍ مِنَ الْحُوْرِ الْعيْنِ، فَلْيَنْظُرْ إِلَى هَذِهِ”
މާނައީ: “ސުވަރުގޭގެ ހޫރުލްޢީނަކު ދެކޭން ބޭނުންވާ މީހަކު އެކަމަނާ (އެބަހީ أم رُومان) ދެކޭހުށިކަމަމެވެ.”
أمّ المؤمنين عائشة رضى اللّـه عنــها ގެ މަންމާފުޅު أم رُومان رضى اللّـه عنــها އަވަހާރަވީ ތަރީޚަކާމެދު ޢިލްމުވެރިންގެ މެދުގައި ވަރަށް ގިނަ ޚިލާފުތަށް އުފެދިފައިވެއެވެ. އެނގެނީ އެކަމަނާ އަވަހާރަވީ ކައުއިތުރު ރަސޫލާގެ ޙަޔާތްޕުޅުގައިކަމެވެ.
ޚާދާނުގެ ގޮތުން ނުވަތަ ވަންހައިގެ ގޮތުން ބަލާއިރު أمّ المؤمنين السّيّدة عائشة رضى اللّـه عنــها އަކީ ޤުރައިޝުންގެ ތެރެއިން ތައިމުވަންހަޔަށް ނިސްބަތްވާ ބޭކަނބަލެކެވެ. ތައިމުވަންހައަކީ، ޤުރައިޝުންގެ ތެރެއިން މަރުގެ ދިޔައިގެގޮތުން އެއްކުރެވޭ މުދަލާއި، ފައިސާ ބެލެހެއްޓުމުގެ މަސްޢޫލިއްޔަތާއި ޙަވާލުވެފައިވާ ވަންހައެވެ. ހަމައެހެންމެ، ތައިމުވަންހައިގެ ބޮޑުންނަކީ ނަސަބުގެ ޢިލްމަށް އެންމެ އަރައިތިއްބަވާ ބޭކަލުންނެވެ.
أمّ المؤمنين عائشة رضى اللّـه عنــها ގެ އެއްކިހުނުފަން ހުންނެވީ އެންމެ ބޭކަލެކެވެ. އެއީ عبد الرّحمن بن أبوبكر رضى اللّـه عنــه އެވެ. أمّ المؤمنين السّيّدة عائشة رضى اللّـه عنــها ގެ އެއްބައްޕާފުޅު ބޭފުޅުންނަކީ، عبد الله بن أبي بكر رضى اللّـه عنــه އާއި، محمد بن أبي بكر رضى اللّـه عنــه އާއި، أسماء بنت أبي بكر رضى اللّـه عنــها އާއި، أم كلثوم بنت أبي بكر އެވެ.
މިދެންނެވުނު ބޭފުޅުންގެތެރެއިން، عبد الله بن أبي بكر رضى اللّـه عنــه އާއި، أسماء بنت أبي بكر رضى اللّـه عنــها އަކީ އިސްލާމްވެވަޑައިގެންނެވުމުގައި އަވަސްވެވަޑައިގެންނެވި السّابقون الأوّلون ގެ މުޤައްދަޞް ޖަމާޢަތުގައި ހިމެނިވަޑައިގަންނަވާ ދެބޭކަނބަލުންނެވެ. محمد بن أبي بكر رضى اللّـه عنــه އުފަންވެވަޑައިގެންފައިވަނީ ކައުއިތުރު ރަސޫލާގެ حَجَّةِ الْوَدَاعِ ގެ ދަތުރުފުޅުގެ ތެރޭގައެވެ. أم كلثوم بنت أبي بكر އުފަންވެވަޑައިގެންނެވީ أبوبكر الصّدّيق رضى اللّـه عنــه އަވަހާރަވުމަށްފަހުގައެވެ.
أمّ المؤمنين عائشة رضى اللّـه عنــها ގެ އެއްބަނޑު އެއްބައްޕާފުޅު ބޭބޭފުޅު عبد الرّحمن بن أبوبكر رضى اللّـه عنــه އިސްލާމްވެވަޑައިގެންނެވީ ޙުދައިބިއްޔާގެ ދުވަސްވަރުގައެވެ. އިސްލާމްވެވަޑައިގެންނެވުމުގެ ކުރީން އެކަލޭގެފާނު މުސްލިމުންނާދެކޮޅަށް ބައެއް ހަނގުރާމަތަކުގައި ބައިވެރިވެފައިވެއެވެ.
އުފަންވެވަޑައިގެންނެވުން
ابن حجر العسقلاني، أمّ المؤمنين عائشة رضى اللّـه عنــها ގެ އަރިހުން ރިވާވެފައިވާ ރިވާޔަތްތައް އަޅާކިޔުއްވުމަށްފަހުގައި ވިދާޅުވެފައިވަނީ އެކަމަނާ ދުނިޔޭގެއަލިކަން ދެކެވަޑައިގެންނެވީ ރަސޫލާ صلّى اللّـه عليه وسلّم ، ރަސޫލުކަމާއިގެން ފޮނުއްވުނުތާ ހަތަރެއް ނުވަތަ ފަސް އަހަރު ފަހުންނެވެ. މިނޫންވެސް އިތުރު ރިވާޔަތްތައް މި މައުޟޫގައި ރިވާވެގެން އައިސްފައިވެއެވެ.
ابن حجر العسقلاني، ގެ މިދެންނެވި ރިވާޔަތައް ބަލާއިރު، أمّ المؤمنين السّيّدة عائشة رضى اللّـه عنــها އުފަންވެވަޑައިގެންފައިވަނީ ނުހަނު ޠާހިރުވެއްޓެއްގައެވެ. މުސްލިމު ޢާއިލާއެއްގެ ތެރޭގައެވެ. އޭރު އިސްލާމީ ދަޢުލަތު އޮތީ އެންމެ ޅަފަތުގައެވެ. އިސްލާމްދީނުގެ ތަރަޙައިގެ ތެރެއަށް ވަންނަމުން ގެންދިޔައީ ނުހަނު މަދު މީސްކޮޅެކެވެ.
އިތުބާރު ހުރި ރިވާޔަތްތަކުން ދޭހަވާގޮތުގައި أمّ المؤمنين السّيّدة عائشة رضى اللّـه عنــها އުފަންވެވަޑައިގެންނެވި އިރު އެކަމަނާގެ ބައްޕާފުޅު أبوبكر الصّدّيق رضى اللّـه عنــه އާއީ މަންމާފުޅު أم رُومان رضى اللّـه عنــها އިސްލާމްވެވަޑައިގެންނެވިތާ ވަނީ ފަސްވަރަކަށް އަހަރުވެފައެވެ. އޭރު އެކަމަނާގެ މާމާފުޅާއި އުޚްތު أسماء بنت أبي بكر رضى اللّـه عنــها އާއި އަޚް عبد الله بن أبي بكر رضى اللّـه عنــه އަށްވެސް ވަނީ ހިދާޔަތު ލިބިވަޑައިގެންފައެވެ.
(ނުނިމޭ)
5 Comments
Comments are closed.
Jazzak’Allah khairan..☺?
Maasha allah v v v rythi mi stry…..luv this part…????
Thank you for this informative writing. Jazak Allah khaira ?????
Keep writing. Jazaakallah khair
Thanks a lot for this important piece of writing.. looking forward to the next part. Pls upload soon.. May the Almighty Allah bless you