އާރާ ފަސްއެނބުރިލާ އެ މީހަކާ ދިމާލަށް ބަލާލިއެވެ. ހަށިގަނޑު އެއްކޮށްހެން ފިނިވެގެން ދިޔައީ އެއަކީ ކުރިންދުވަހު ގޭގެ ދޮރުކައިރިން އޭނާގެ ގައިގައި ޖެހުނު ޒުވާނާކަން ޔަގީން ވުމުންނެވެ.

“މިއީ ތިކުއްޖާގެ އެއްޗެއްތަ…؟” އަތުގައި އޮތް ފަށް ދިއްކޮށްލަމުން ޝާއިމް އަހާލިއެވެ. އާރާ ލޯ ހަނިކޮށްލަމުން ޝާއިމްއަށް ބަލާލިގޮތުން ޝާއިމްގެ ހިތަށް ބުނެދޭން ނޭނގޭފަދަ އިހުސާސެއް ވެރިވެގެން ދިޔައެވެ. އާރާގެ މޫނަށް ބަލަހައްޓައިގެން ޝާއިމްއަށް ހުރެވުނީ ކުރަން އައި ކަންތައް ހަނދާން ނެތިފައިވާ މީހެއް ފަދައިންނެވެ. މަޑު މުށިކުލައިގެ އިސްތަށިގަނޑު އިނީ ބޯ މެދަށް ގެނެސް ހުޅިއެއްޖަހާފައެވެ. އަޅައިގެން ހުރި ކަޅުކުލައިގެ ލޯ ވަށް އައިނު އާރާގެ ދޮން މޫނާއި ނުހަނު ގުޅެއެވެ. ކޮށްފައި ހުރި ލުއި މޭކަޕުން އާރާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ދުނިޔެ މަތިން ހަނދާން ނެތިފައި ހުރި ޝާއިމްއަށް ހަމަ ބިމަށް އާދެވުނީ އާރާ އެ ފަށުގައި ހިފުމުންނެވެ.

” ތޭންކްސް…. ބަޓް މި ފަށް ކިހިނެތް ތި ފަރާތާ ހަމައަށް ދިޔައީ..؟… ” ވަރަށް އުފާވެފައި ހުރެ އާރާ ސުވާލުކޮށްލިއެވެ. އެ ފަށް ޝާއިމްއާއި ހިސާބަށް އައި ގޮތް އޭނާ އާރާއަށް ކިޔައިދިނެވެ. އަދި އެ ތަނަށް އައީ އެ ފަށް ހަވާލުކުރަން ކަމުގައިވެސް ޝާއިމް ބުންޏެވެ. އަދި އެ ފަށް އޭގެ ވެރިފަރާތާއި ހަވާލުކުރެވުނީތީ އުފާވާ ކަމަށްވެސް ބުންޏެވެ.

” ވެލް އަހަންނަށް ކިޔަނީ ޝާއިމް…” ޝާއިމް އޭނާގެ ނަން ބުނެލުމަށްފަހު ސަލާމް ކޮށްލުމަށް އަތް ދިއްކޮށްލިއެވެ. އާރާއަށްވެސް ޝާއިމްގެ ރީތި ސޫރައަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. ރީތި ވަރަކަށް ހުރި ޝާއިމްގެ އިސްތަށިގަނޑު ޢާރާއަށް ވަރަށް ކަމުދިޔައެވެ. ކަޅުކަންގަދަ ބުމައާއި ތުނިކޮށް ކޮށާފައި ހުރި ތުނބުޅިން ޝާއިމްގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.

“އާރާ…” މޫނުމައްޗައް އަރައި ފައިބަމުން ދިޔަ ކުލަވަރު ފޮރުވަަމުން އާރާވެސް އޭނާގެ ނަން ބުނެލައި ސަލާމްކޮށްލިއެވެ. “އުންމީދުކުރަން އެހެން ފަހަރަކުންވެސް ބައްދަލްވާނެ ކަމަށް..” މިހެން ބުނެލައި ޝާއިމް އޭނާގެ ސައިކަލަށް އަރައި ސްޓާޓް ކޮށްލިއެވެެ. އާރާވެސް މާގިނައިރު އެތަނުގައި މަޑުކުރަން ނުހަދައި ގެއަށް ވަނެވެ. ކޮޓަރިއަށްވަދެ މޭޒުމަތީގައި ދަބަސް ބައިންދައިފައި ގޮސް އެނދުމަތީގައި އިށީނެވެ. އަދި ވަރަށް ފުން ނަޒަރަކުން އަތުގައި އޮތް ފަށަށް ބަލާލިއެވެ. އެހެންނޫނީ ނުކުރެވޭފަދަ އެތައް އިހުސާސެއް މިއަދު އާރާއަށް ކުރެވެން ފަށައިފިއެވެ. މިއީ ކީއްވެ ވާގޮތެއް ބާއޭ އާރާގެ ހިތަށް އެރިއެވެ. ކޮންމެއަކަސް އޭނާގެ ހަޔާތުގެ މުހިންމު މީހަކާާއި ދިމާވެއްޖެކަމުގެ ފެހި ސިގްނަލް އޭނާގެ ހަވަނަ ހިއްސު ދެމުން ދިޔައެވެ.

……………………………………….

ގެއަށް ވަަދެގެން އައި ޝާއިމްގެ މޫނަށް ވެރިވެފައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައީ އެކަނިމާއެކަނި ސޯފާގައި އިން ޒާއިފް ފެނިފައެވެ. މިވަގުތު ވިޝާލްވެސް ވާނީ ކޮލެޖަށް ގޮސްފައިކަން އިނގޭތީ ޝާއިމް ގޮސް ޒާއިފްގާތުގައި އިށީނެވެ. ފުން ހިޔާލުތަކަކަށް ގެއްލިފައި އިން ޒާއިފްއަށް ހޭވެރިކަންވީ ޝާއިމް އޭނާއާއި ވާހަކަ ދައްކަން ފެށުމުންނެވެ.

” ތި ގޮތަށް ނުކައި ނުބޮއެ އިނަސް ޒާއިފްއަކަށް އެއްވެސް ފައިދާއެއް ނުކުރާނެ…… ތި ގޮތަށް އަބަދު ކަންކަމާ ފިކުރު ކޮށްގެން ހަމަ ޒާއިފްގެ ބޯ ހާސްވާނީ…. މިހާރު ކޮލެޖަށް ނުދާތާވެސް 3 ދުވަސްވަނީ….. ތި ގޮތަށް އުޅެގެން ހަމަ ޒާއިފްގެ ފިއުޗާ ހަލާކުވާނީ….. ކަންކަމުގައި ބިޒީވެގެން އުޅުނީމަ އެކަމުގެ މަތިން ހަނދާން ނެތިދާނެ…..” ޝާއިމްގެ ވާހަކައިން ލިބިގަންނަންވީ ހިތްވަރުކަމެއް ޒާއިފްއަކަށް ނުވިސްނުނެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮރުވުމަށް ޒާއިފްކުރަމުންދާ މަސައްކަތް ޝާއިމްއަށް ކިތަންމެހާވެސް ރީއްޗަށް ފެންނަމުން ދިޔައެވެ. ބުނަން އުޅުން ވާހަކަ ޝާއިމް ހުއްޓާލީ ޒާއިފްގެ ފޯނު ރިންގް ވާން ފެށުމުންނެވެ. ފޯނަށް ޖަވާބުދެމުން ޒާއިފް ސޯފާއިން ތެދުވެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

ދުވަސްތައް މާޒީވަމުން ދެއެވެ. ޒާއިފްގެ އުޅުމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެންމެ ފަހުން ޒާއިފްގެ މައިންބަފައިންނަށްވެސް މި ކަންތައްގަނޑު އިނގިއްޖެއެވެ. ހުރި ހަަމައެކަނި ދަރިފުޅު އެހެން އުޅޭތަން ބަލާކަށް ނަސީމާއާއި ފަރީދުއަކަށް ކެތެއް ނުވިއެވެ. އެހެންކަމުން ޒާއިފް ރާއްޖެއިން ބޭރަށް ކިޔަަވަން ފޮނުވުމަށް އެދެމީހުން ނިންމިއެވެ. ޝާއިމްމެންނާއި ދުރަށް ދާން ޖެހޭތީ ޒާއިފް ދެރަވިނަމަވެސް އެއަކީ އޭނާއަށްވެސް އެންމެ ރަނގަޅު ގޮތް ކަމުގައި ޒާއިފްވެސް ގަބޫލުކުރިއެވެ. ޖެހިގެންއައި ހަފްތާގައި ޒާއިފް ލަންކާއަށް ފުރީ އޭނާގެ ހިތުގައިވި ޒިވާއަށްޓަކައިވީ ލޯބި އޭނާގެ އުފަން ފަސްގަނޑުގައި ކަފުންކޮށް ވަޅުލާފައެވެ.

ލަންކާގައި އުޅޭތާ 2 އަހަރުވެގެން ދިޔައިރު ޒާއިފް އުޅުން މަޑުމަޑުން ރަނގަޅުވަމުން ދިޔައެވެ. އެހެންލިބޭ މަދު ޗުއްޓީތަކުގައި ވިޝާލްއާއި ޝާއިމް ޒާއިފްކައިރިއަށް ލަންކާއަށް ގޮސް ހަދައެވެ. އެކުވެރިޔާ ކުރީގެ ދިރިއުޅުމަށް ރުޖޫއަވެފައި ވާތަން ފެނުމުން އެ ދެމީހުން ތިބެނީ ނުލާހިކު އުފާވެފައެވެ. ޒާއިފްގެ އެ އުފާވެރިކަން އަނބުރާ ނުގެންދިއުމަށް ޝާއިމް އަބަދުމެ ހުންނަނީ ދުޢާ ކޮށްލަކޮށްލާއެވެ.

3 އަހަރު ފަސް………

5 އަހަރަށްފަހު އަމިއްލަ ފަސްގަނޑުގައި ފައި ޖައްސާލެވުމުން ޒާއިފްއަށް ކުރެވުނީ ވަރަށް ތަފާތު އިހުސާސެކެވެ. ފޮށި ދަމަމުން ނުކުތް ޒާއިފްއަށް މާދުރުންވެސް ހެވި ދިލިފައި ހުރި ޝާއިމްއާއި ވިޝާލްފެނުނެވެ. ދުވެފައިކަހަލަ ގޮތަކަށް އައިސް އެ ދެމީހުންގެ ގައިގައި ޒާއިފް ބައްދާލީ އެފަދަ ދެ އެކުވެރިން އޭނާއަށް ދެއްވީތީ މާތް ﷲ އަށް ޝުކުރުކުރާ ހާލުގައެވެ.

” މިހިރަ ރީތި ސޮރެއް ދޯ…. މަވެސް ހިތްކިޔައިފި މިހާރު….. ” ޒާއިފްއަށް އައިސްފައިވާ ބަދަލު ފެނި ޝާއިމް ބުނެލިއެވެ. ތިން އެކުވެރިން ހެމުން ހެމުން އެއާޕޯޓުން ނުކުންނަން ހިނގައިގަތެވެ. ފެރީގެ އިންތިޒާރުގައި ހުރި ޝާއިމްގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ ތަންކޮޅެއް ދުރުގައި ފޮއްޓެއް ހިފައިގެން ހުރި އާރާއެވެ. ޒާއިފްމެން ކައިރި އެބަ އަންނަން ކަމަށް ބުނެ ޝާއިމް އެ ދިމާލަށް ހިނގައިގަތެވެ.

” ހެއި އާރާ…… ” އާރާގެ ކައިރީގައި ހުއްޓިލަމުން ޝާއިމް ބުނެލިއެވެ.

” ޝާއިމް!!! …. ހާއި…… ކިހިނެތްތަ؟… ހާދަ ދުވަހަކަށް ފަހުއޭ ދޯ މި ދިމާވީ….” ހިނިތުންވެލަމުން އާރާވެސް ބުނެލިއެވެ. ލައިގެން ހުރި ކެބިން ކްރޫ ޔުނީފޯމުގައި އާރާ ފެންނަލެއް ކިތަންމެހާވެސް ހިތްގައިމެވެ. ޝާއިމް އެވަރަށް ބަލަން ފެށުމުން އާރާ ހިސާބަކަށް ލަދުގަންނަ ގޮތް ވިއެވެ. ޝާއިމްއަށް އެ ތަނުން ދިއުމަށް މަޖުބޫރުވީ ޒާއިފްއޭނާއަށް ގޮވަންފެށުމުންނެވެ.

” ދެން އާރާއަށް ގުޅޭނެ ނަންބަރެއް ދޭންވީނުން…؟… މިހެން ދެން ކޮންމެ ފަހަރަކު ދިމައެއް ނުވާނެދޯ….. އިފް ޔޫ ޑޯންޓް މައިންޑް އިނގޭ….. ” ހޭންފެށުމަށްފަހު އާރާ ، އޭނާގެ ނަންބަރު ޝާއިމްއަށް ދިނެވެ. ވަރަށް އުފަލުން ހުރެ ޝާއިމް ހިނގައިގަތީ އޭނާގެ އެކުވެރިންގެެ ގާތަށެވެ.

” އަހަރެމެންނަށް ސައި ލިބެން އުޅޭކަމުގެ ކޮޅުމަތި ފެންނަން ފަށައިފި…. ” ޒާއިފްއާއި ދިމާއަށް އެއްލޯ މަރާލަމުން ވިޝާލް ޝާއިމްއާއި ދިމާ ކޮށްލިއެވެ.

” ދެރަ ކަމެއްނު…. ފްރެންޑެކޭ އެ….. ތިހެން ބުނާ މީހަ ކަންނޭނގެ އެންމެ ކުރިން ސައި ދޭން ޖެހޭނީ…” އަނގައިން ދެރަ ނުވާންވެގެން ޝާއިމް ވިޝާލްއަށް ރައްދު ދިނެވެ.

މާލެ ދެވުމުން ޒިވާގެ ހަނދާން އާވި ނަމަވެސް އެއިން މާބޮޑު އަސަރެއް ޒާއިފްއަކަށް ނުކުރެއެވެ. ކުރަންވީ އެއްވެސް ސަބަބެއްވެސް ނެތެވެ. އެއްވެސް ބޭނުމެއް ނެތް ކަމެއް ކުރާކަށް މިހާރަކު ޒާއިފް ބޭނުމެއް ނުވެއެވެ. މާލެ އައިސް ޒާއިފް އޭނަގެ ބައްޕަގެ ވިޔަފާރިއާއި ހަވާލުވިއެވެ. އެހެން ކަމުން އިތުރު ކަމަކާ ވިސްނާނެ ވަގުތެއް ޒާއިފްއަކަށް ނުވެއެވެ. ދަރިފުޅު ކިޔަވައިގެން ހަރުދަނާ މީހަކަށްވާ ދުވަސްބަލަން ކެތްމަދުވެފައި ހުރި ފަރީދު މިއަދު ހުރީ ވަރަށް އުފާވެފައެވެ. އެއީ ކޮންމެ މަންމައަކާއި ބައްޕައަކު ދެކެން ބޭނުންވާނެ ދުވަހެއްކަން ޔަގީނެވެ.

ފޯނާއި ކުޅެމުން މަގު ހުރަސް ކުރަން އުޅުނު އާލާއަށް ހަޅޭލަވައިގަނެވުނީ އޭނާ ކުރިމަތިން ދުއްވާފައި އައި ބޮޑު ލޮރީ ފެނިފައެވެ. ނަމަވެސް އެ ލޮރީ އޭނާއާއި އަރާ ހަމަ ނުވަނީސް ބާރުގަދަ އަތަކުން އާލާގެ އަތުގެ މުލައްދަނޑީގައި ހިފައި ޕޭންމަންޓާއި ދިމާލަށް ދަމައިގަތެވެ. އާލާ އިސްއުފުލާލައި އޭނާގެ ފުރާނަ ސަލާމަތް ކޮށްދިން މީހާއާއި ދިމާލަށް ބަލާލިއެވެ.

” ޕިސް ޕިސް….. ފޯނާ ކުޅެން ހުރެފިއްޔާ ނޭނގެ ދޯ ދުނިޔެ ގިޔާމަތްވިޔަސް…. ނަސީބެއްނު ކަމެއް ނުވިކަން….. ” އަޑަށް ބާރުލައިފައި ވާހަކަ ދައްކަމުން ދިޔަ ވިޝާލްއަށް ހުއްޓުން އެރީ އެ އަންހެންކުއްޖާ އޭނާއާއި ދިމާލަށް ކަޅިވެސް ޖަހައިނުލައި ބަލަން ހުރުމުންނެވެ.

އެ ޒުވާނާއަށް ޝުކުރު އަދާ ކޮށްލާކަށްވެސް އާލާ ހަނދާނެއް ނުވިއެވެ. އޭނާއަށް ހަމަ އެ ޒުވާނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ދާހިއްލުމުގެ ސަބަބުން ވިޝާލް ލައިގެން ހުރި ގަމީސް އޮތީ ގައިގައި ތަތްލަވާފައެވެ. އެހެންކަމުން އޭނާގެ ކަސްރަތީ ރީތި ހަށިގަނޑު ކިތަންމެހާވެސް ރީއްޗަށް އިނގެން ހުއްޓެވެ. އާލާ އަށް ހިޔާލީ ދުނިޔެއިން ނިކުމެވުނީ ވިޝާލް އޭނާގެ މޫނުކައިރީގައި ހަނާ އަޅާލުމުންނެވެ.

” ތޭންކްސް….” އެހެންބުނެފައި އާލާ ހިނގައިގަތެވެ. އަދި ވަރަށް ބާރަށް ގޮސް ޖެހިގެން އިން ގޯޅިއަށް ވަނެވެ. ދެ ކޮނޑު އަރުވާލަމުން ވިޝާލް އޭނާގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.

” ގާއިޒް…… އައި ގޮޓް ދި ޖޮބް….” ގެއަށް ވަތް ގޮތަށް ހަޅޭލަވައިގަންނަމުން ވިޝާލްގޮސް ޒާއިފްއާއި ޝާއިމްގެ ގައިގައި ބައްދާލިއެވެ.

” އަސްލުތަ…؟ ކޮންގްރެޓްސް މޭން….. ” ވިޝާލްގެ އަތުގައި ހުރި ގަނޑުތައް ބަލަމުން ޝާއިމް ބުނެލިއެވެ.

” ތޭންކްސް ތޭންކްސް…. ދެން ހިނގާބަލަ މާދަން ޖޮބްއަށް ދާއިރު މަ ލާނެ އެއްޗެއް ޗޫޒް ކޮށްދޭން….. ” އެހެންކިޔައި ވިޝާލް އޭނާގެ ހުރިހައި އަންނައުނެއް އެނދު މައްޗަށް އަޅާލިއެވެ. މި މަންޒަރު ބަލަން ހުރި ޒާއިފްއަށް ސިފަ ވީ ޒިވާއަށް ލޯބި ހުޅަހެޅި ރޭ އޭނަ އުޅުންގޮތެވެ. އެ އިހުސާސްތައް އޮއްބާލަމުން ޒާއިފްވެސް އެ މީހުންނާ ބައިވެރިވިއެވެ.

ފުރަތަމަ ވަޒީފާއަށް ނިކުތް ދުވަސްކަމުން ވިޝާލް ހުރީ ފާޑަކަށް ހިތް ނުތަނަވަސް ވެފައެވެ. އޭނާގެ ދާން ޖެހޭ ފަންގިފިލާއަށް ދިއުމަށްޓަކައި ސިޑިން އަރަމުން ދިޔަ ވިޝާލް ސިއްސައިގެން ދިޔައީ ދުވެފައި ސިޑިން އައި ކުއްޖެއް އޭނާގެ ގައިގަ ޖެހިގަތުމުންނެވެ. ކޮންޓްރޯލްއިން ނައްޓައިގެންގޮސް ދެމީހުން އެއްކޮށް ވެއްޓުނެވެ. ލޯ ހުޅުވައިލި ވިޝާލްއަށް ދެލޯ ބޮޑު ކޮށްލެވުނީ އޭޭނާގެ މޫނާއި ޖެހޭ ނުޖެހޭ ވަރުގައި އޭނާގެ ގައިމަތީގައި އޮތް އަންހެން ކުއްޖާ ފެނިފައެވެ.

****ނުނިމޭ****

45

5 Comments

 1. Bax bunyy

  August 18, 2018 at 4:51 pm

  Maasha allah
  Koba knirakun tha next part up kurani

 2. almaa2004

  August 18, 2018 at 4:57 pm

  Thanks
  Insha allah tmrw or day after tmrw

 3. Huvey

  August 18, 2018 at 5:05 pm

  Masha allah. Vrh reethi??

 4. Ige Ehnnu ?

  August 18, 2018 at 9:30 pm

  Saabahey dhari aa❤?

 5. almaa2004

  August 18, 2018 at 9:31 pm

  Thanks

Comments are closed.