
ކައިއާ….01
ލާންޗް މާލޭގެ ފަޅުން ވަނުމާއެކު، ބަނދަރުމައްޗަށް މަޑުކޮށްލާފައިއޮތް ލެކްސަސް ކާރުކައިރީ ހުރި ޝަހުދު ޔާނިސްގެ ލޮލުގައި އަޅައިގަތެވެ. ލާންޗް މަޑުކޮށްލުމާއެކު ޔާނިސް ފައިބަން އަވަސްވެގަތެވެ. ޝަހުދު ދިއްކޮށްލި އަތުގައި ހިފައި ތޮށިގަނޑު މައްޗަށް ފުންމައިގެންއެރިއެވެ.
“ދަތުރު ކިހެނެއްތޯ” ޝަހުދު ޔާނިސްގެ ގައިގާ ބައްދާލަމުން އަހާލިއެވެ.
“ރަނގަޅު، ކީއްވެތޯ މަންމަ ނުދުރުވީ؟” ޔާނިސް އުއްމީދުކުރީ މަންމަ ނަދީމާ އޭނާ ބަލައި އަންނާނެ ކަމަށެވެ. ޔާނިސްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ކާރުގެ ޝަހުދު ކާރުގެ ދޮރު ހުޅުވާލަދިނެވެ.
“މަންމައަށް އަބަދުވެސް މަސައްކަތަށްވުރެ އިސްކަމެއް ނޯންނާނެ” އެޝަކުވާތައްވަނީ ޔާނިސްގެ ހިތުގައެވެ.
ފަޅުވެރި ކުއްޖާ ތޮށިގަނޑުމަތީ ބެހެއްޓި ފޮށި ޑިކީއަށްލުމަށްފަހު ޑްރައިވަރޝީޓްގައި އިށީދެ ޝަހުދު ކާރު ދުއްވާލައިފިއެވެ. ކާރޫބާރޫ ބޮޑު މަގުތަކުގައި ހެނދުނު ވަގުތު ބާރަށް ދުއްވާލުންވެސް ވަނީ ދަތިކަމަކަށެވެ. އޮފީހަށްދާ މީހުންތަކުންނާއި ސްކޫލްތަކަށްދާ ކުދިންތަކުން މަގުތައްވަނީ ތޮއްޖެހިފައެވެ.
“ގެއަށްތޯ ނޫނީ އޮފީހަށްތޯ ދުރުވާނީ؟” ޓްރެފިކްލައިޓަށް ކާރުމަޑުކޮށްލަމުން ޝަހުދު އަހާލިއެވެ.
“ގެއަށް ދިއުން ކަންނޭގެ ރަނގަޅުވާނީ” ޔާނިސްގެ ޖަވާބު ކުރެވެ.
ޝަހުދަކީ މެދުރާއްޖެތެރޭ ރަށަކަށް އުފަން ދެބައި އުމުރުގެ ފިރިހެނެކެވެ. ޔާނިސްގެ އުމުރުން ހަތަރުއަހަރުގައި ޔާނިސްގެ ކަންތައްތައް ބެލުމަށް ގެއަށް ގެނެވުނު ވަފާތެރި ނޯކަރެކެވެ. ޔާނިސްއަށް ނުލިބުނު ބައްޕައެއްގެ ލޯބިވެސް ފޫބައްދައިދިނީ ޝަހުދުއެވެ.
ބަދަލުވެފައިވާ މާލޭގެ މަގުތަކަށް ބަލަން ޔާނިސްއިނީ ހިމޭންކަމާއި އެކުގައިއެވެ. އުމުރުން ދިހަ އަހަރުގައި ރާއްޖެއިން ބޭރަށް ދިޔަގޮތަށް، މާލެއަކީ ޔާނިސް އަންނަންބޭނުންވާ ތަނެއްނޫނެވެ. ސޯޅައަހަރު ޔާނިސް އާއިލާއާއި ދުރުގައި ހޭދަކުރުމަށްފަހު މާލެއައުމަށް މަޖުބޫރު ކުރުވީ ޔާނިސްގެ މަންމަ ނަދީމާއެވެ. ކުޑައިރުގެ ހަނދާންތަކުގެ ތެރެއަށް ވިސްނުން ދޫކޮށްލައިގެން އިން ޔާނިސް ސިހުނީ ކާރުމަޑުކޮށްލުމުންނެވެ. އެމީހުންގެ މަންޒިލަށް އާދެވުނީއެވެ. ޔާނިސް ކާރުން ފޭބުމާއެކު ގޯތިތެރެއަށް ހުޅުވޭގޮތަށް ފަރުމާކޮށްފައިވާ ހުދުކުލައިގެ ގޭޓް ދޮރުފާރަވެރިޔާ ހުޅުވާލަދިނެވެ. އޭރު ޝަހުދުވެސް ޔާނިސްގެ ފަހަތުން ފޮށިހިފައިގެން އާދެއެވެ.
“ވެލްކަމް ބެކް” ގެއަށް ވަދެގެންއައި ޔާނިސް ފެނުމާއެކު ޔާނާ ދުވެފައި އެދިމާއަށް އަންނަމުންބުނެލިއެވެ. ޔާނާއަކީ ނަދީމާ ކުޑައިރުއްސުރެ ފެށިގެންބަލައި ބޮޑުކުރި ކުއްޖެކެވެ.
“އައި މިސްޑް ޔޫ ސޯ މަޗް” ޔާނިސްގެ ގައިގާ ބައްދާލިއެވެ.
“ކޮބާ މަންމަ؟” ގޭތެރެއަށް ނަޒަރުހިންގާލަމުން ޔާނިސް އަހާލިއެވެ.
“ޕްލީޒް ޑޯންޓް އާސްކް، ތިހެން އަހާއިރުވެސް އެނގެއެއްނު އޮފީހުގަކަން ވާނީ” ޔާނާ ފޫހިކަމާއެކު ބުނެލިއެވެ.
“ފްރެޝްވެލައިގެން އައިސްދޯ ސައިބޯނީ… އަވަހަށް އަންނައްޗޭ، ޔާވެސް އަދި ސައިނުބޮން” އޭރު ޝަހުދު ޔާނިސްގެ ފޮށި ކޮޓަރިއަށް ލުމަށްފަހު އާދެއެވެ.
“ކުރީގަވެސް އަޅުގަނޑު އުޅުނު ކޮޓަރިތޯ؟” ސިޑިއާއި ދިމާއަށްދަމުން ޔާނިސް ޝަހުދު ކުރެންއެހިއެވެ.
“ރަނގަޅު، އެކޮޓަރި، އެހެން ކަމެއް މިގަޑީގަ ބޭނުންވާނެތޯ؟” ޝަހުދު ނިކުންނަން ދަމުން އެނބުރި ޔާނިސް އަށް ބުނެލިއެވެ. ޖަވާބުގައި ޔާނިސް ބޯހޫރާލިއެވެ.
ޔާނިސް ގޭގެތެރެއަށް ނަޒަރުހިންގާލިއެވެ. ސޯޅައަހަރު ދުވަހުގެ ތެރޭގައި އެއްވެސް ބަދަލެއް އައިސްފަކާނެތެއެވެ. ބޮޑުގެއެކެވެ. އިމާރާތުގެ ޑިޒައިނަށް ބަދަލެއް ނައިކަމުގައިވިޔަސް ޒަމާނީ ކުލަވަރު ފަރުނީޗަރުތަކުން ފެންނަމުންދިއައެވެ. މައްޗަށް އެރޭގޮތަށް އެއްފަރާތުގައިވާ ވަށްސިޑި ފެނުމުން ޔާނިސްގެ މޫނުމަށްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެއީ އޭނާ ކުޑައިރުގައިދުވެދުވެފައި އަރައިފޭބި ސިޑިއެވެ. މަންމަ ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް ދުވަމުން ފުންމަމުން ސިޑިން ފޭބުން އެއީ އޭރު އުފަލެއްކަމުގައި ދެކުނު ކަންކަމެވެ.
ޔާނިސް ކުޑައިރުވެސް ދުވަމުން ސިޑިން އަރާފަދައިން ދުވަމުން ސިޑިން އަރައިގެންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ކޮޓަރީގެ ދޮރުހުޅުވާލުމާއެކު އެއަރފްރެޝްނާގެ މަޑުމަޑު މީރުވަހުން ޔާނިސްގެ ސިކުނޑިއަށް ތާޒާކަންގެނުވިއެވެ. ނޭވާ އެތެރެހަށްޓަށް ދަމާލީ ލިބުނު ހިތްހަމަޖެހުމުންނެވެ. އެނދުގެ ކައިރީގައި ބަހައްޓާފައި ހުރި ކުޑަ ކަބަޑުކައިރީގައި ފޮށިބަހައްޓާފައި ހުއްޓެވެ. ފޮށި ހުޅުވާލުމަށްފަހު ފެންވެރުމަށް ބޭނުންވާ ސާމާނުތައް ނެގިއެވެ. އަދި ބައެއް އަންނައުނުތައް ނަގައި އެނދުމަތީގައި ބަހައްޓަމުން ލާނެ އެއްޗަކާއި ދޭތެރޭ ވިސްނަންފެށިއެވެ.
ފާހާނާއިން ނިކުތް ޔާނިސް ރީތިވާންފެށިއެވެ. ކަޅުކުލައިގެ ކަކޫ ނިވާވާވަރުގެ ސޯޓަކާއި ހުދުކުލައިގެ ޓީޝާޓެއް ލައިގެން އިސްތަށިގަނޑު ރީތިގޮތަކަށް ހަދާލުމަށް ޔާނިޝްގެ އިސްކޮޅާއި އެއްވަރު ލޯގަނޑުގެ ކުރިމަށްޗަށް ހުއްޓުނެވެ. ޔާނިޝްއަށް ލިބިފައިވަނީ އޭނާގެ ބައްޕަ ކަރީމްގެ ސިފަތަކެވެ. ފުޅާ ބައިމައްޗާއި ދިގު އިސްކޮޅެކެވެ. ވަރުގަދަ ހަށިގަނޑާއި ބޯފަން އިސްތަށިގަނޑެވެ. ކަޅުކުލައިގެ ފުންދެލޮލާއި ކުލައަލި ހަށިގަނޑެވެ. ހީލުމުން ކޮލަށް އެޅިގެންދާ އަޑިކޮޅަކީ މަންމަގެފަރާތުން ލިބިފައިވާ ސިފައެކެވެ.
“ޔާނީ…..” ޔާނާގެ އަޑުޔާނިޝްއަށް އިވުނެވެ. އިސްތަށިގަނޑު އަތުން ރީތިކޮށްލުމަށްފަހު ޔާނިސް ތިރިއަށް ދިއުމަށް އަވަސްވެގަތެވެ.
“ޔާ ކޮންކަމެއް މިއަދު އޮތީ” ޕާން ޕޮތީގައި ބަޓަރު ހާކަމުން ޔާނިސް ވާހަކަ ދެއްކިއެވެ.
“އޮފީހަށް ދާންޖެހޭނެ ޓެންއަށް، މިއަދު އެބައޮތް ހާއްސަ ޕްރޮޖެކްޓެއްގެ ޕޮޓޯ ޝޫޓް” ޔާނާ އަކީ ކުޑައިރުއްސުރެވެސް މޮޑެލްކުރުމަށް ލޯބިކުރެއެވެ. މިއަދު ޔާނާގެ ހުވަފެންތައް ހަގީގަތަކަށް ވަނީވެފައެވެ. ރާއްޖޭގައި އެންމެ މަޝްހޫރު މޮޑެލްސްތަކުގެ ތެރޭގައި ޔާނާވެސް ހިމެނެއެވެ.
“ޔާނީވެސް ދާންވީނު ޔާ އާ އެކީގަ، ގޭގަ ހުރީމަ ބޯރިންގ ވުން ނޫން ކަމެއްނުވާނެ” ޔާނާ ޓިޝޫއިން އަނގަމަތި ފުހެލިއެވެ. އަދި ބޮޑުކޮޓަރީގެ ތެރެއަށް ނިކުންނަމުން ހަނާން އަށް ކާރުތައްޔާރުވެއްޖެތޯ އަހާލިއެވެ.
“ޓޫ މިނިޓްސް، މިއަންނަނީ” ޔާނިސް ސިޑިއާއި ދިމާއަށް ދަމުން ބުނެލިއެވެ. އަދި ހިނދުކޮޅެއްގެ ތެރޭގައި އެނބުރި އަތުވެއްޖެއެވެ. އޭރު ލޮލުގައި ރޭބަން އަވިއައިނެއް އަޅާލާފައިއޮތެވެ.
“ޔާނީ … ޔޫ އާރ ހޭންޑްސަމް، ޔަގީން ޔާގެ ފްރެންޑްން މޮޔަވާނެ” ޔާނިސްގެ ރީތިކަމަށް ޔާނާ ތައުރީފް ކުރިއެވެ. އިތުރު އެއްޗެއް ނުބުނެ ޔާނިސް ހިނިތުންވުމަކުން ފުއްދާލިއެވެ.
ހަނާން ކާރުދުއްވާލުމާއެކު ޔާނިސްގެ ހުރިހާ ސަމާލުކަމެއް ކުރިމަތީއޮތް މަގަށް ހުއްޓުނެވެ. ހެނދުނު އައިގަޑިއަށްވުރެ މަގުމަތި އަމާންވެފައިވެއެވެ. ޓްރެފިކް ލައިޓަށް ކާރު މަޑުކޮށްލުމާއެކު ފަހަތުން އައި ޓެކްސީވެސް ޔާނިސްމެންގެ ކާރާއި އެއްހިސާބެއްގައި މަޑުކޮށްލައިފިއެވެ. ޔާނިސްއަށް އެކާރާއި ދިމާއަށް ބަލާލެވުނު ވަގުތަކީ ކާރުގައި ޒުވާން އަންހެންކުއްޖާވެސް ޔާނިސްގެކާރާއި ދިމާއަށް ބަލާލިވެގުތެވެ. ނަމަވެސް ކަޅުބިއްލޫރީގެ ތެރެއިން އެއަންހެން ކުއްޖާއަށް ޔާނިސް ނުފެނުނު ކަމުގައިވިޔަސް ޔާނިސްއަށް އެއަންހެން ކުއްޖާގެ މޫނުން ދަންނަވައްތަރުޖެހިއެވެ. ދެވަނަ ފަހަރަށް އަންހެންކުއްޖާގެ މޫނުފެނޭތޯ ބަލަބަލައި އިންދާ ކާރު ދުއްވާލައިފިއެވެ.
އެފްޑީއައި ފޮޓޯ ސްޓޫޑިއޯގެ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލުމާއެކު އެއިން ފޭބި އަންހެންކުއްޖާހެދުން ދުވަމުން ސިޑިން މައްޗަށް އަރަފިއެވެ. ލިފްޓް ހަލާކުވެފައި ހުރުމުގެ ސަބަބުން ހަތަރުވަނަ ބުރިއަށް އެރުނު އިރު އެއަންހެންކުއްޖާގެ މޫނުގައި ބަބުޅަމުންދިޔައީ ދާތިކިތަކެވެ. މާނޭވާ ލެވެމުންދިޔައިރު އެއަންހެންކުއްޖާ ވަރުބަލިވެފައިވާވަރު އެނގިގެންދެއެވެ.
ސްޓޫޑިއޯގެދޮރުން އެތެރެއަށް ވަދެވުމާއެކު ހާސްވެގެން ދެކޮޅަށް ހިނގަހިނގާހުރި ނަވާލްފެނުމުން ކުރިއަށް ނަގަނަގާ ހުރިފިޔަވަޅަށްވެސް ހުއްޓުމެއްއަތުވެއްޖެއެވެ.
“މިއަދުގެ ފޮޓޯ ޝޫޓްގެ މުހިއްމުވަރު ނުބުނެވޭތަ ކައިއާ ކައިރީ؟ ގަޑި ޖެހިގެން ފަނަރަ މިނިޓް ހިނގީ… ދެންވެސް އަދިވެސް ހުރީތަ؟” ނަވާލްގެ އަޑުގައިވީ ހިތްހަމަނުޖެހުމާއި ރުޅިވެރިކަމެވެ.
އަތްދަބަސް ކަބަޑުގެ ތެރޭގައި ބަހައްޓަމުން ފޮޓޯ ނަގާ ރޫމަށް އެމީހުން ފޮނުވުމަށް ކައިއާ ބުނެލިއެވެ. އަދި މޫނުގައިވި ދާތިތައް ޓިޝޫއިން ފުހެމަށްފަހު ހަމަޖެހިލުމަށް މަސައްކަތްކުރަމުން ފޮޓޯ ނަގާ ރޫމްގެ ތެރެއަށް ވަދެއްޖެއެވެ.
ޔާނިޝްއަށް ރޫމަށް ވަދެގެން އައި ކައިއާ ފެނުމާއެކު ކޮޅަށް ތެދުވެވުނެވެ. ކައިއާ ނަގަމުންއައި ފިޔަވަޅުތަކަށް ހުއްޓުމެއްއަތުވެއްޖެއެވެ.
“ދެއަރ ޝީ އިޒް… އަހަރެންގެ ފްޓޯގްރަފާ” އެނބުރި އެތަނުން ދިއުމަށް ހިނގައިގަތް ކައިއާއަށް އެތަނުގައި މަޑުކުރަން މަޖުބޫރުވީ ޔާނާގެ އަޑުންނެވެ. ޔާނިސްގެ އަތުގައި ހިފައިގެންހުރި ޔާނާ ފެނުމާއެކު ކައިއާކުރިއަށް ލަމުން އައި ނޭވާތައްވެސް ހީވީ ތާށިވީހެންނެވެ. މޭގައި ދެފަހަރު އަތުން ފިރުމާލަމުން ޔާނާއާއި ދިމާއަށް އެނބުރިލިއެވެ.
ނުނިމޭ
7 Comments!
Comments are closed.
starting k… hope this story wuld b amazing… all the best.. n next time thankolheh dhigukoh n v avahah upkohdhehchey nge 🙂
maai bahun inna vaahaka thah ehaa kiyaa hitheh nuvey..
eheheh. . Nooney. . Mi vaahaka adhi hama supper. . maai bahun hureema Shahsiyyath eba dhakkuvaa.. its awesome. . bt hama thankolheh kuree. . anw looking forward to the next part. . <3
hope this will be another nice story gud lcuk
Thanxs everyone for the lovely comments
vvv salhi me vaahaka heevani v reethi vaanehen
Reethi then