ލުޤުމާނުލް ޙަކީމު
لقمان عليه السّلام
لقمان عليه السّلام އަކީ ހެޔޮލަފާ ޞާލިޙު ބޭކަލެކެވެ. ވިސްނުންތެރި، ޙިކުމަތްތެރި ޙަކީމެކެވެ. މާތް اللّـه سبحانه وتعالى އެކަލޭގެފާނަށް ޙިކުމަތް ދެއްވި ވާހަކަ ކީރިތި ޤުރްއާނުގައިވެ އެވެ. އެ ކަލޭގެފާނުގެ ބަސްފުޅުތަކަކީ އަހަރެމެންނަށް ފައިދާ ހުރި ބަސްފުޅުތަކެކެވެ. علاّمة إبن كثير رحمه اللّـه ވިދާޅުވެފައިވެއެވެ. لقمان عليه السّلام ގެ ފުރިހަމަ ނަންފުޅަކީ لقمان بن عنقاء بن سدونއެވެ. ބައެއް ޢިލްމުވެރިން އެކަލޭގެފާނުގެ ނަންފުޅަކީ لقمان بن ثاران ކަމަށްވެސް ވިދާޅުވެފައިވެއެވެ. عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވެއެވެ. لقمان عليه السّلام އަކީ، ޙަބަޝީއަޅެކެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅަކީ ވަޑާކުރެއްވުމެވެ.
جابر بن عبداللّـه رضى اللّـه عنــه ގެ އަރިހުން ރިވާވެގެންވެއެވެ. لقمان عليه السّلام އަކީ، އިސްކޮޅުފުޅުން ކުރު، ނޭފަތްޕުޅު އުސް، ތުންފަތްޕުޅު ބޯ ނޫބީ ބޭކަލެކެވެ. سَعِيدِ بْنِ الْمُسَيَّب، އެކަލޭގެފާނުގެ އަޅު ކުއްޖަކަށް ވިދާޅުވެފައިވެއެވެ.”ތިބާގެ ގައިގެ ކުލަ ކަޅުވުމުން، ތިބާއަކީ ނިކަމެތި މީހަކުކަމުގައި ނުހިތާށެވެ. އެހެނީ މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު ކަމުގައިވި ތިން ބޭކަލަކުވެއެވެ. އެ ތިންބޭކަލުންނަކީވެސް ގައިގެހަމުގެ ކުލަ ކަޅު ތިން ބޭކަލުންނެވެ. އެބޭކަލުންނަކީ ބިލާލުގެފާނާއި، ޢުމަރުގެފާނުގެ އަޅު މަހްޖަޢު އާއި ލުޤްމާނުގެފާނެވެ. ލުޤްމާނުގެފާނަކީ ހަބުޝްކަރައިގެ ބޭކަލެކެވެ”.
++++++++++++++++
لقمان عليه السّلام ޞާލިޙު އަޅެއް
مجاهد رحمه اللّـه ވިދާޅުވެފައިވެއެވެ. لقمان عليه السّلام އަކީ ނަބީބޭކަލެއް ނޫނެވެ. އެކަލޭގެފާނަކީ ޞާލިހު އަޅެކެވެ. علاّمة إبن كثير رحمه اللّـه ވިދާޅުވެފައިވާ ގޮތުގައި މިއީ ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތެވެ.
غريب ހަދީޘެއްގައިވެއެވެ. قتادة ވިދާޅުވެފައިވެއެވެ. لقمان عليه السّلام އަށް ނަބީކަމާއި ޙިކުމަތާއި މިދެކަމުން ކުރެ، ކޮންމެވެސް އެއްކަމެއް އިޚްތިޔާރު ކުރެއްވުމަށް އެންގެވިއެވެ. ދެން އެކަލޭގެފާނު، އިހްތިޔާރު ކުރެއްވީ، ޙިކުމަތްތެރިކަމެވެ. މިއީ ޟަޢީފް ރިވާޔަތެކެވެ.
ތާރީޚުގެ ޞަފްޙާތަކުގައި لقمان عليه السّلام
ކީރިތި ޤުރުޢާނުގައި މާތް اللّـه سبحانه وتعالى ވަނީ ވަރަށް ގިނަ ނަބީބޭކަލުންނާއި ޞާލިޙުންގެ ވާހަކަ ބަޔާން ކުރައްވާފައެވެ. އެބޭކައުކަނބަލުންގެ ޙަޔާތްޕުޅުން ޢިބްރަތް ޙާޞިލު ކުރުމަށްޓަކައެވެ. އަރަހުށި މާތް اللّـه سبحانه وتعالى، لقمان عليه السّلام ގެ ވާހަކަ ކީރިތި ޤުރުޢާނުގައި ބަޔާން ކުރައްވާފައިވަނީ މިދެންނެވި ސަބަބަށްޓަކައެވެ. ކީރިތި ޤުރުޢާނުގައި އެކަލޭގެފާނުގެ ނަންފުޅަށް ނިސްބަތްކުރެވޭ ސޫރަތެއް ބާވައިލައްވާފައިވަމުންވެސް لقمان عليه السّلام ގެ މާތްކަން ދޭހަވެއެވެ. އެ ސޫރަތުގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
وَلَقَدْ آتَيْنَا لُقْمَانَ الْحِكْمَةَ أَنِ اشْكُرْ لِلَّـهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ اللَّـهَ غَنِيٌّ حَمِيدٌ ﴿١٢﴾
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ لقمان ގެފާނަށް حكمة ދެއްވީމެވެ. އަދި اللَّه އަށް شكر ކުރުމަށް އެންގެވީމެވެ. އަދި شكر ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ شكر ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس އަށްޓަކައެވެ. އަދި كافر ވިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.
لقمان عليه السّلام ގެ ޙިކުމަތްތެރިކަމުގެ ޙާދިސާތަށް ވަރަށް ގިނަ ތާރީޚުގެ ފޮތްތަކުގައި ލިޔެވިގެންވެއެވެ. علاّمة إبن كثير رحمه اللّـه، خالد الربعي ވިދާޅުވެފައިވާކަމަށް ލިޔުއްވާފައިވެއެވެ. لقمان عليه السّلام އަކީ ޙަބުޝްކަރައިގައި ވަޑާންކުރައްވައި އުޅުއްވި ބޭކަލެކެވެ. އެއްދުވަހަކު އެކަލޭގެފާނުގެ ސާހިބުމީހާ އެކަލޭގެފާނަށް ދެންނެވިއެވެ. ބަކަރިއެއް ކަތިލައިގެން އޭގެ އެންމެ ރަނގަޅު ދެ މަސްކޮޅު ތިމަންގެ އަރިހަށް ގެނެސްދޭށެވެ. ދެން، لقمان عليه السّلام ބަކަރިއެއް ކަތިލައްވައިގެން، އޭގެ ހިތާއި ދުލާ ދޭތި ހިތްޕަވައިގެން ސާހިބު މީހާގެ އަރިހަށް ވަޑައިގަތެވެ.
ދުވަސްކޮޅަކަށްފަހު، އަނެއްކާވެސް ސާހިބުމީހާ لقمان عليه السّلام ގެ އަރިހުގައި ވިދާޅުވިއެވެ. މިއަދު ބަކަރިއެއް ކަތިލުއްވާ އޭގެ އެންމެ ނުބައި ދެމަސްކޮޅު ތިމަންގެ އަރިހަށް ގެނެސްދޭށެވެ. މިފަހަރުވެސް އެކަލޭގެފާނު ބަކަރިއެއް ކަތިލުއްވާ ގެންދެވީ އެ ބަކަރީގެ ހިތާއި ދުލެވެ. އެހިނދު ސާހިބުމީހާ ހައިރާންވެ، ބުންޏެވެ. މިއީ ކިހިނެއްވި ކަމެއްހެއްޔެވެ؟ އެހެނީ ކުރިން ބަކަރީގެ އެންމެ ރަނގަޅު ދެ މަސްކޮޅު ގެނެސްދެއްވާށޭ ދެންނެވީމައި ގެންނެސްދެއްވީ އޭގެ ހިތާއި ދުލެވެ. މިފަހަރު އޭގެ އެންމެ ނުބައި ދެމަސްކޮޅު ގެނެސްދެއްވާށޭ ދެންނެވުމުންވެސް ތިޔަ ގެންނެވީ އޭގެ ހިތާއި ދުލެވެ. މިކަމުގައިވާ ސިއްރަކީ ކޮބައިހެއްޔެވެ؟ لقمان عليه السّلام ވިދާޅުވިއެވެ. އޭގެ ސިއްރަކީ މިދެމަސްކޮޅު ރަނގަޅުވެއްޖެނަމަ ހަށިގަނޑުގައި މިއަށްވުރެ، ރަނގަޅު އެއްވެސް ގުނަވަނެއް ނުވުމެވެ. މިދެމަސްކޮޅު ނުބައިވެއްޖެނަމަ، މިއަށްވުރެ ނުބައި އެއްވެސް ގުނަވަނެއް ހަށިގަނޑުގެ ތެރޭގައި ނުވުމެވެ.
ابن جرير رحمه اللّـه، عمر بن قيس ވިދާޅުވެފައިވާކަމަށް ނަޤުލުކުރައްވާފައިވެއެވެ. އެއްފަހަރަކު لقمان عليه السّلام, މަޖްލީސެއްގައި ވައުޒު ވިދާޅުވާން ހުންނަވަނިކޮށް ބަކަރި ހުއިހައްޕާ މީހަކަށް އެތަންފެނުނެވެ. ދެން އޭނާ لقمان عليه السّلام އިންނެވި މަޖިލިސް ކައިރިއަށް ގޮސް ދެންނެވިއެވެ. ކަލޭގެފާނު، ތިމަންނައާއިއެކު އެވެނި މިވެނި ތަނުގައި ބަކަރި ހުއިހައްޕާ އުޅުއްވި ނޫންހެއްޔެވެ؟ لقمان عليه السّلام ވިދާޅުވިއެވެ. އާއެކެވެ. ތިމަންކަލޭގެފާނަކީ، ތިޔަ ބުނި މީހާއެވެ. ބަކަރި ހުއިހައްޕާ މީހާ ބުންޏެވެ. އެހެންވީ އިރު ކަލޭގެފާނަށް ތިޔަ ދަރަޖަ ލިބިވަޑައިގަތީ ކިހިނެއްހެއްޔެވެ؟ لقمان عليه السّلام ވިދާޅުވިއެވެ. އެއީ ތިމަންކަލޭގެފާނު ތެދުބުނުންމަތީ ދެމިހުރުމާއި، ވިޔާނުދާ ބޭކާރުބަސްތަށް ބުނެ ނޫޅޭކަމުގެ ސަބަބުންނެވެ.{ رواه ابن جرير}
މިދަންނަވާލެވުނީ لقمان عليه السّلام ގެ ޙިކުމަތްތެރިކަމުގެ ތެރެއިން ހިމެނޭ ޙާދިސާއަކާއި އެކަލޭގެފާނަށް އެފަދަ މަޤާމަކަށް ވަޑައިގެންނެވުނު ސަބަބެވެ. މިއީ ތާރީޚުގައި ވަރަށް މަޝްޙޫރު ދެ ވާހަކައެވެ. އަދި މި ނޫންވެސް އެތަށް ވާހަކަތަކެއް لقمان عليه السّلام އާއި ބޭހޭގޮތުން ރިވާވެގެންވެއެވެ.
لقمان عليه السّلام އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އެކަލޭގެފާނުގެ، އެކަލޭގެފާނުގެ ލޯފުޅުގެ ނޫރުފުޅުކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަލުންނަށް ދެއްވި އަގުހުރި ނަޞޭހަތްޕުޅުގެ ސަބަބުންނެވެ. އެ ނަޞޭހަތްޕުޅުގެ މުހިއްމުކަމުގެ ސަބަބުން މާތް اللّـه سبحانه وتعالى ވަނީ އެ ވާހަކަތަށް ކީރިތި ޤުރުޢާނުގައި ބަޔާން ކުރައްވާފައެވެ. އިސްލާމްދީނުގެ ނޫރު ފާޅުވުމުގެ ކުރިންވެސް لقمان عليه السّلام ގެ ޙިކުމަތްތެރިކަމަކީ ޢަރަބިންގެ ތެރޭގައިވެސް މަޝްހޫރު ވާހަކައެކެވެ.
ابو الأعلى المودودي ލިޔުއްވާފައިވެއެވެ. لقمان عليه السّلام އަކީ ޙިކުމަތްތެރި ޢިލްމުވެރި ބޭކަލެއްކަން މުޅި ޢަރަބިކަރައިގައިވެސް ވަނީ މަޝްހޫރުވެފައެވެ. އިސްލާމްދީން އައުމުގެ ކުރިން ޢަރަބިންގެ ވަރަށް ގިނަ ޅެންތަކެއްގައި އެކަލޭގެފާނުގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. امْرُؤُ الْقَيْسِ ابْنُ حُجْرٍ الْكِنْدِيِّ އާއި لَبيد بن ربيعة بن مالك أبو عقيل العامِري އާއި اَلأَعْشَى އާއި طرفة بن العبد ފަދަ މޮޅެތި ޅެންވެރިން لقمان عليه السّلام އާ ބެހޭގޮތުން ޅެން ހައްދަވައިފައިވެއެވެ.
ޢަރަބިންގެ ތެރެއިން ރޯފިލާފައިތިބޭ ބައެއް މީހުން لقمان عليه السّلام ގެ ބައެއް ޙިކުމަތްތެރި ބުނުންތަށް ލިޔެފައިވާ ޞަޙީފާތަށް ގެންގުޅުނެވެ. ކައުސާހިބާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމުގެ ތިން އަހަރެއްހާ ދުވަސް ކުރިން ހިނގި ޙާދިސާއެކެވެ. މަދީނާގެ އަޙުލުވެރިންގެ ތެރެއިން ސުވައިދު ބުން ޞާމިތު ނަމަކަށް ކިޔުނު ބޭކަލަކު ޙައްޖަށްވަޑައިގެންނެވިއެވެ. އެދުވަސްވަރަކީ ކައުސާހިބާ صلّى اللّـه عليه وسلّم ޙައްޖު މޫސުމުގައި ޙައްޖަށް އަންނަ ޤަބީލާތަކާ ބައްދަލުކުރައްވައި އެބައިމީހުންނަށް އިސްލާމްދީން ހުށައަޅުއްވަމުން ގެންދެވި ދުވަސްވަރެވެ. ސުވައިދު ބުން ޞާމިތު އަށް ކައުސާހިބާ صلّى اللّـه عليه وسلّم ގެ ދަޢުވަތުގެ އަޑުއިވިވަޑައިގެންނެވުމުން ވިދާޅުވިއެވެ.” އަޅުގަނޑުގެ އަތުގައި ކަލޭގެފާނު ތިޔަ ވިދާޅުވާ ބަސްފުޅުތަކާ އެއްފަދަ ބަސްފުޅުތަކެއް އެބަހުއްޓެވެ.” ކައުސާހިބާ صلّى اللّـه عليه وسلّم އެއީ ކޮން އެއްޗެއްތޯ އޭ ޙަދީޘްކުރެއްވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. لقمان عليه السّلام ގެ ޞަޙީފާއެވެ. އެކަލޭގެފާނު ކައުސާހިބާ صلّى اللّـه عليه وسلّم ގެ އެދިލެއްވުމުގެ މަތިން އެއިން ބައެއް ވިދާޅުވެދެއްވިއެވެ. އެތަކެތި އަޑުއައްސަވާފައި ކައުސާހިބާ ޙަދީޘްކުރެއްވިއެވެ.” ތިޔައީ ވަރަށް ރަނގަޅު ވާހަކަތެކެވެ. ނަމަވެސް لقمان عليه السّلام ގެ ޞަޙީފާތަކަށްވުރެ ރަނގަޅު އެއްޗެއް ތިމަންކަލޭގެފާނުގެ އަތްޕުޅުގައިވެއެވެ. މިހެން ޙަދީޘް ކުރެއްވުމަށްފަހު ސުވައިދު ބުން ޞާމިތު އަށް ކީރިތި ޤުރުޢާން ކިޔަވައި ވިދާޅުވެ ދެއްވިއެވެ. ކީރިތި ޤުރުޢާން އަޑުއެއްސެވުމަށްފަހު އެކަލޭގެފާނުގެވެސް ކީރިތި ޤުރުޢާނަކީ لقمان عليه السّلام ގެ ޞަޙީފާތަކަށްވުރެ ރަނގަޅު އެއްޗެއް ކަމަށް އިއުތިރާފުވެވަޑައިގެންނެވިއެވެ. (تفهيم القرآن)
ޙަވާލާ
1. ތަފްސީރު އިބްނު ކަޘީރު
2. ތަފްހީމުލް ޤުރުޢާން
5 Comments!
Comments are closed.
Alhamdhlillah v reethi adhi adu naha vahakaeh mee…. Dhn ayyoob ge faanuge vahaka genes dheefanantha..?
❤❤❤❤???
???????
Masha allah v reethi vahaka eh adhi aduahaafa nuvaa vahaka eh me ……ishaan dhn ayyoob gefaanuge vahaka genesdheefaananthar….?
Nice
v nice thanks