ސިއްރުު 14
އެގޮތުގައި ހިނގަމުން ގޮސް އަހަރެންގެ ގެއާރި އަރާ ހަމަވުމުން ގެއަށް ވަނީމެވެ. ތަޅުވަޅަށް ތަޅުދަނޑި ކޮށްޕާލުމަށްފަހު އެ ގޮތަކަށް އަނބުރާލުމާއިއެކު ދޮރު ހުޅުވިގެން ދިޔައެވެ. އަހަރެން އަވަހަން އެތެރެއަށް ވަދެ ތަޅުދަނޑި ނެގުމަށްފަހު ދޮރު ލައްޕާ އެތެރެއިން ތަޅު ލީމެވެ. ދެން އެނބުރިލީ ތަނާ ސިހިގެން ދިޔައީ ކުރިމަތިން ފެންނަންހުރި ބައްޕަގެ ނުރުހުން ވެފައިވާ މޫނު ފެނުމުންނެވެ. ހިތުގެ ހިނގުން އަވަސް ވާން ފެށީ އެޔެއް މިޔެއް ބަލައިފައެއް ނޫނެވެ. ހިތް ހީވަނީ ދެންމެ ދެންމެ މޭގަނޑު ފަޅާލައިފައި ބޭރަށް ނިކުމެދާނެހެންނެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އެހެން ކަމުން ބޭރުފުށުން ހަމަޖެހޭކަން ދައްކާލަމުން ގަދަކަމުން ބައްޕައަށް ހިނިތުން ވުމެއް ހަދިޔާ ކޮށްލީމެވެ. ބަދަލުގައި އަހަރެންގެ ކޯތާފަތަށް އެރީ އެ ބައްޕަގެ ބާރުގަދަ އަތުގެ ހޫނު ހަމަލާއެކެވެ.
ބަހެއް ނުބުނެ ކޮންމެ ފަހަރަކު ޢަމަލުން އަހަންނަށް ބައްޕަގެ އަދަބުތައް މި ލިބެނީ ކީއްވެ ހެއްޔެވެ؟ ކޮންމެ ކަމެއް ވާއިރަށް ބައްޕަގެ ހޫނު ޙަމަލާއެއް އަހަރެންގެ ގަޔަށް މި އަރަނީ ކީއްވެ ހެއްޔެވެ؟ މިއަދު ގެއަށް މި އާދެވުނީ އެކަކުގެ ފަރާތުން ކޮލަށް އަނިޔާ ވެގެންނެވެ. އައި ތަނުން އަނެއްކާ ކޮލަށް މި އެރީ ބައްޕަގެ ޙަމަލާއެކެވެ. ތުންފަތް ވެސް އެ ދިޔައީ ފަޅައިގެންނެވެ. އަހަރެން ޝަކުވާގެ ނަޒަރަކުން ބައްޕަ އާއި ދިމާލަށް ބަލައިލީމެވެ.
“ކިހިނެއް ވެގެންތަ ތިއުޅެނީ؟ ކީކޭ ހިތާތަ ތިމާގެ މަންމައަށް މިދުވަސްކޮޅު އަމިއްލައަށް ކާއެއްޗެހި ހަދައިދީގެން މާ ލޯބިވާ މީހަކަށް ހެދިގެން ތި އުޅެނީ؟ ނުވާވަރުގެ ކަންތައް ނުކޮށް ހުރެބަލަ… އެންމެ ފަހަރަކުވެސް އެއީ ތިމާގެ މައިމީހާ ކަމުގައި ނުވިސްނަންތަ ބޭނުންހާ އެއްޗެއް ކާން ތި ދެނީ؟” ބައްޕަގެ ކޮންމެ ލަފްޒެއް އަހަރެންގެ ހިތް ބަލިކަށި ކުރުވަމުން ދިޔައެވެ. ބައްޕަ އެ ކިޔަނީ ކީކޭ ކަމެއް ހަމަ އެއްގޮތަކަށްވެސް އަހަންނަކަށް ނޭނގެއެވެ. ބައްޕަގެ މިހާރު އެހުންނަ ރުޅިގަނޑަކުން ބައްޕަދެކެ ގަންނަނީވެސް އަމަށަކު ބިރެއް ނޫނެވެ. ކުއްލިޔަކަށް އެހާ ބޮޑު ބަދަލެއް އަންނާންވީ ސަބަބެއް ހަމަ އެއްގޮތަކަށްވެސް އަހަރެންގެ ސިކުނޑިއަކަށް ނުވިސްނުނެވެ.
“ކި.. ކިހިނެއް ވީތޯ ބައްޕާ…” އަހަރެން ތުރުތުރުއަޅާ އަޑަކުން މަޑުމަޑުން ބައްޕަ ގާތު ސުވާލު ކުރީމެވެ. ނަމަވެސް ބައްޕަގެ ހަޅޭކާއިއެކު އަހަރެން އިތުރަށް ސިއްސައިގެން ދިޔައެވެ. “ކިހިނެއް ވީހޭ؟ ތިމާއަށް ކުރެވޭ ކަންތައް ވެސް ހަނދާން ނެތިގެން އުޅޭ ކަމަށް ހެދޭނެ ކަމެއް ނެތް… ކުރަން ނޭނގޭ ކަންތަކާ މީގެ ފަހުން ދުރުގަ ހުންނާނީ… ކަލޭގެ ސަބަބުން ކަލޭގެ މަންމަ މިއަދު އެއޮތި އިތުރަށް ޙާލު ދެރަވެފަ… ކަލޭ ކާންދޭންވެގެން ހަދައިދިން ސޭޏްޑްވިޗެއްގެ ސަބަބުން… މަވެސް އެ ރަހަބަލައިލި ތަނުން ކިރިޔާ އަނބުރައި ނުގަތީ.. އޭރުވެސް ކަލޭގެ މަންމައަށް ކާން ނުދޭންވީ އެއްޗެހީގެ ލިސްޓުގަ ޖަހައިފަ އިން މިރުސް… އެކަމު އެ ސޭންޑްވިޗަށް އަޅައިފަ ހުންނާނެ ކަންނޭނގެ ފަސް ހަ މިރުސް… އެހާ ކުޅި… މީގެ ފަހުން ކަލޭގެ މަންމަ އާއި ދުރުގަ ހުރޭ..” ކުރިން ބައްޕަ ކޮންމެފަދަ އެއްޗެކޭ ކީ އިރުވެސް ނުވާރަށް މިއަދު އަހަރެން ދެރަ ވެއްޖެއެވެ. ހައިރާން ވެއްޖެއެވެ. އަހަންނާއި ދިމާލަށް ‘ކަލޭ’ އޭ ކިޔާފަ ބައްޕަ މުޚާތަބު ކުރި މިއީ އަދި ފުރަތަމަ ފަހަރަށް ވިޔަސް އަހަރެންގެ ހިތުގައި ނުފިލާނޭވަރުގެ ކޫރެއް އެޅިއްޖެއެވެ. އެތަނުން ދުވަހަކުވެސް ލޭ ހިކޭނޭ ކަމެއް ވެސް ނޭނގެއެވެ.
ދެން އަހަރެންގެ މަންމައަށް ސޭންޑްވިޗް ހެދި އިރު އޭތި ހަމަ އެހާ ކުޅީ ހެއްޔެވެ؟ އަހަރެންގެ ފަރުވާ ކުޑަ ކަމެވެ. ނިދި ތާއްޔާ ޖެހި ޖެހި ހުރި އިރުވެސް އަހަރެން އެކަން ކުރަން ވެއްޖެ ވިއްޔާއެވެ. ބައްޕަ އަހަންނާއި ދިމާލަށް އިނގިލި ދިއް ކޮށްކޮށްފައި އެއްޗެހި ކިޔާފައި ދިޔަ އިރުވެސް އަހަންނަށް ހުރެވުނީ ހުރިތާނގައި ގަނޑުވެފައެވެ. އަހަންނަށް ބުނެވޭނި ވަކި ކީއްހެއްޔެވެ؟ އަހަރެންގެ މަންމަ ގާތަށް ދާން އޮތް ފުރުސަތު ވެސް މި ގެއްލުނީ އެވެ. އެ މަންމައާއި ނުލައި މި ދުނިޔެ މަތީ އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟
އެ މަންމަ މިއަދު އެ ބަލިވީ އަހަރެންގެ ސަބަބުންކަން އިނގުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ ދުވަހަކުވެސް މީހަކު ކުށްވެރި ނުކުރެވޭ ވަރަށެވެ. އަދިވެސް އެއްފަހަރު ބައްޕަ ދިޔަ ދިމަލަށް ބަލަން ހުރެވުނެވެ. އެއީ ހަމަ އަހަންނާއި އެއްކޮށް ކުޑައިރު ހީ ސަމާސާ ކުރި ބައްޕަ ހެއްޔެވެ؟ ކޮންމެ ދުވަހަކުހެން ސްކޫލުން އަހަރެން ބަލައި ގޮސް އަދި ގެނެސް ހަދާ ބައްޕަ ހެއްޔެވެ؟ އަހަރެން ރޯން ފެށީމާ ދުވެފަ އައިސް އަހަރެން ހެއްވަން އުޅުނު ބައްޕަ ހެއްޔެވެ؟ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ހީވަނީ ލޮލުން ކަރުނަވެސް ހިކުނު ހެންނެވެ.
ދެތުންފަތްވެސް ތުރުތުރުލާން ފަށައިފިއެވެ. މަޑުމަޑުން ހުރި ތަނަށް ތިރި ވެވުނެވެ. އިސް ޖަހާލެވުނީ އަހަރެންގެ ކުށަށް މިވަރުގެ ބޮޑު ސަޒާއެއް ލިބޭނެ ކަމަށް އުންމީދު ނުކޮށް ހުއްޓާ އެކަން ވަމުން ދާތީއެވެ. ސިޓިން ރޫމުގެ ކުޑަދޮރުތައް ހުޅުވާފައި ހުރުމުން އެތަނުން ގޭތެރެއަށް ވަންނަ ފިނި ވައިރޯޅިތައް އައިސް އަހަރެންގެ ނިތް މައްޗަށް ވެއްޓިފައިވާ އިސްތަށިތަކަށް ގޯނާ ކުރަމުން ދިޔައެވެ. ދެލޯ ފުސްވަމުން ދިޔައީ އިރުކޮޅެއް ފަހުންނެވެ. އަހަރެންގެ ސިކުނޑިތެރޭގައި އެތައް ހާސް ކަމެއް އެއް ފަހަރާ އެނބުރެން ފެށުމުން ދެއަތް މުށްކަވާ ލެވުނެވެ. އެއަށްފަހު އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓާލެވުނީ ކެތްކުރަން ދަތިވުމުންނެވެ. މޫޑު ޚަރާބުވެގެން ގެއަށް އައި ތަނުން އަހަންނަށް މި ގެ މަރުޙަބާ މިކީ ކޮން ގޮތަކަށް ހެއްޔެވެ؟
އެގޮތަށް ކުޑަކަކޫ ޖަހައިގެން އެތާ އިންދާ ފަހަތުން މީހަކު އައިސް ކޮނޑުގައި އަތްލީ ކަމުގެ އިޙުސާސް ކުރެވުނެވެ. “މަންމާ..” އަހަރެން އަވަސް އަވަހަށް މަންމަ އަށް ގޮވާލަމުން އެނބުރިލީމެވެ. ނަމަވެސް ހުރީ މަންމައެއް ނޫނެވެ. ކުޑާ؟ ކުޑާ މިތަނަށް އައީ ކިހިނެއް ހެއްޔެވެ؟ ދޮރެއް ހުޅުވާލި އަޑެއް ވެސް ނީވެއެވެ. ދެން ކިހިނެއް ހެއްޔެވެ؟ “އަޔާން.. ދަރިފުޅާ ކިހިނެއް ވެފަ ތި އިނީ؟ ހާދަ މާޔޫސް ވެފަ.. ދެލޯ ވެސް ތިހުރީ ރޮއެ ރޮއެ މީހަކު ހަލާކުވާން ކައިރި ވީމަ ހުންނަ ގޮތަށް.. އެހާ ރަތް.. ކިހިނެއްތަ ވީ އަޔާން؟” ކުޑާ ވަރަށް އޯގާތެރި ކަމާއިއެކު އަހަރެން ގާތުން ވީ ގޮތެއް އެހިއެވެ. މިވަގުތު އަހަންނަށް އެންމެ ބޭނުންވީ އޯގާތެރިކަން މި ލިބުނީ ލޯބިވާ ބޮޑުދައިތަގެ ފަރާތުންނެވެ. އަހަންނަށް އަޅާލާ މީހަކު ހުރި ކަމުގެ އިޙުސާސް ކުރެވުމުން އިތުރަށް ރޯލަން ބޭނުންވިއެވެ. ކުޑާގެ އެދުމަކާއިއެކު އަހަރެން ގޮސް ސޯފާގައި ކުޑާގެ ގާތުގައި އިށީނީމެވެ.
” ބުނެބަލަ އަޔާން.. ދަރިފުޅު ކިހިނެއްތަ ވީ؟ ބުނީމަ ދޯ ކުޑާ އަށްވެސް އިނގޭނީ… މަންމަ ނޫނަސް މިއީ ވެސް ހަމަ އަޔާންގެ މަންމަ އެކޭ… ކުޑާގެ ދަރިއަކަށް ހުރި ހަމައެކަނި ކުއްޖަކީ ތިއީ.. ދެން ބުނެބަލަ.. އަޔާން ރޯތަން ފެނުނީމަ ކުޑާގެ ހިތަށް ވަކި ކެތް ވާނެތަ؟” ކުޑާ އަހަރެން ގާތުން ވީގޮތް ހޯދަން ބޭނުންވެފަ ހުރީ ވަރަށްވެސް ބޮޑަށެވެ. ކުޑާއަށް އަދި އަދަށް ދާންދެންވެސް ކުއްޖަކު ނުލިބި ހުރުމުގެ ސަބަބުން އަހަރެންދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް އަހަރެން ކުޑާ އަށް ވީ ގޮތް ކިޔައިދޭން ނިންމީމެވެ. “ކު… ކުޑާ ޔާން ދެކެ ރުޅި ނާންނައްޗޭ… ޔާން ގަ.. ގަސްދުގައެއް ނޫނޭ އެކަން ކުރި.. ޔާން މަންމަ ދެކެ ލޯބިވާތީ މަންމަ މި ދުވަސްކޮޅު ބަލި ވީމަ ޔާން މަންމައަށް ކާ އެއްޗެހި ހަދައިދެނީ… މިއަދުވެސް ސްކޫލަށް ދިޔުމުގެ ކުރިން މަންމައަށް ޔާން ސޭންޑްވިޗް ތައްޔާރު ކޮށްދިނިން… ޔާން އޭރު ހުރީ ވަރަށް ބޮޑަށް ނިދިވެސް އައިސްފަ… ނިދި ތާއްޔާ ޖެހި ޖެހި ހުރީ.. ދެން ޔާން އަށް އޮޅިގެން އެއަށް މާ ގިނައިން މިރުސް އެޅުނީ… މަންމައަށް އޭތި ކެވުނު ތަނާ ސަކަރާތް ވީ… ހަމަ އަސްލުވެސް ޔާން އަކަށް ނޭނގޭ އެކަމެއް… ޔާން ގަސްދުގައެއް ނު…”
އަހަންނަށް އެހާ ހިސާބަށް ބުނެވުނު ތަނާ ދެން ހުއްޓާލާށޭ ބުނާ ފަދައަކަުން ކުޑާ އަހަރެންގެ ލޮލުން ކަރުނަ ފުހެދިނެވެ. އަދި “ޝްޝްޝް” ލައްވާލަމުން ދެން ހުއްޓާލުމަށް ބުންޏެވެ. އަހަންނަށް އެހީތެރިކަން އެންމެ ބޭނުންވީ ވަގުތު ކުޑާގެ ފަރާތުން އެ އެހީތެރިކަން ލިބުމުން އިތުރަށް ރޮއެލަން ބޭނުންވިއެވެ. ނަމަވެސް ހިތްވަރު ކޮށްލައިފައި ކެތް ކޮށްލީއެވެ. ކުޑާގެ އެތަށް ނަސޭޙަތަކަށްފަހު އަހަރެންގެ ހިތަށް ކުޑަވެސް ތަސައްލީއެއް ލިބުނެވެ. ނަމަވެސް ހަމަ އެހިނދުކޮޅުގައި ބައްޕަގެ ހަނދާން އާވުމުން މި ހިތް އިތުރަސް ނުތަނަވަސްވިއެވެ. އަހަންނާއިމެދު ތަޤުދީރު މިފަދަ ކުޅިގަނޑެއް މި ކުޅެނީ އަހަރެންގެ ވަކި ކޮން ކުށެއް އޮވެގެން ބާވައެވެ؟ އަހަރެންގެ ހިތުގައި ވީ ޝަކުވާތައް އެއްފަރާތް ކޮށްލަމުން އިން ތަނުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނީމެވެ. އެއަށްފަހު ތާޒާވެލައިގެން ނަމާދުކޮށްގެން އައިސް އެނދުގައި ޖައްސާލީ އެއްގޮތަކަށްވެސް ނިދާކަށެއް ނޫނެވެ. ނަމަވެސް ވާން އޮތް ކަމެއް އަހަރެންގެ މި ދެ އަތަކުންވެސް ނުހިފެހެއްޓޭނެ ނޫންހެއްޔެވެ؟
***
“ދޮންބޭ… ދޮ.. ދޮންބޭ.. ޔާން.. އަ… ދޮންބޭ.. ޔާން..” އަހަންނަށް ދެލޯ ކުޑަކޮށް ހުޅުވާލެވުނީ އަންހެން ކުއްޖަކު ސިއްރު ސިއްރުން އަހަންނަށް ގޮވާހެން ހީވެގެންނެވެ. މިފަހަރުވެސް އެ ކަންތައް ވަނީ ހަމަ ކުރީފަހަރު ވީ ގޮތަށެވެ. ކުރިމަތީ އެހުރީ އާޔާއެވެ. ހަމަ އެގޮތަށެވެ. ދެން އާޔާވެސް އަހަންނަށް މި ވާގޮތެއް ކިޔައިދޭން ވެއްޖެ ނުން ހެއްޔެވެ؟ ބޮލުގައި ޖަހާލީ އަހަރެންގެ ވެސް މޮޔަކަމުންނެވެ. އޭނާ އެ މަސައްކަތް ކުރަނީ އަހަންނަށް އެއްޗެއް ވިސްނައިދެވެތޯއެވެ. ނަމަވެސް އަހަރެންމެ މި މޮޔަ ސިކުނޑިއަށް އެކަމެއް ނޭނގުނު ތާއެވެ؟ އެޔޮށް އަވަހަށް އިސް ޖަހާލައިފައި އިސް އުފުލާލިއިރު އާޔާގެ ހިލަމެއް ނުވެއެވެ. އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. މިފަހަރު ލިބުނު ކުޑަ ކުޑަ ފުރުސަތުވެސް އަތުން ބީވެގެން އދިޔައީ ހަމަ އަހަންނާއި ހެދިއެވެ.
އެއިރު ދިޔައީ ބަންގި ގޮވަމުންނެވެ. އަސްތާ! އަހަންނަށް އަދި މި އޮވެވެނީ އަސުރު ނަމާދުވެސް ނުކޮށެވެ. ފުންމައިގެން ތެދުވެ ފާޚާނާއަސް ދިމާލަށް ދުއްވައިގަންނަން އުޅުނީމެވެ. އެވަގުތު އަނެއްފަހަރު އެނދުގައި އޮތް ބޮޑު ބެޑުޝީޓުގައި ފައި އެޅިފައި އެނދު މައްޗަށް އަނެއްކާ ވެއްޓުނެވެ. ބޮޑު ކަމެކެވެ. ވަރުގަދަ ބެޑުޝީޓެކެވެ. ރުޅިވެސް ގަދަވެއްޖެއެވެ. އަތުކޮޅަށް ގައި ހުރި ބާރެއް ލައިފައި އެޔޮށް ބަރު ބެޑުޝީޓުވެސް ހޫރާލެވުނެވެ. ހައިރާންވީވެސް އަހަރެންގެ ހަށިގަނޑަށް އެ ބާރު ވެރިވި ގޮތެއް ނޭނގުމުންނެވެ. އެޔާއި ދޭތެރޭ ވިސްނާނެ ވަގުތެއް ނެތެވެ. ދެންވެސް ބަލަންވީ އަވަަހަށް ނާމަދާށް ދެވޭތޯއެވެ. ތެޅެމުން ފޮޅެމުން ފާޚާނާއިން ނިކުމެ ދުވެފައި ގޮސް ގެއިން ނިކުތިމެވެ. އަހަރެން ދިޔަލެއް ބާރުކަމުން ބައެއް މީހުންވެސް ބެލިއެވެ. އަހަންނަށް ކޮންކަމެއް ހެއްޔެވެ؟ އަހަރެން މިދަނީ ޖަމާޢަތަށް މިސްކިތަށް ދެވޭތޯ ވިއްޔާއެވެ. އެމީހުންނާއި ދިމާލަށް އެއްޗެކޭ ބުނާނެ ވަގުތެއް އަހަރެންގެ ޝެޑިއުލް އަކު ނެތެވެ.
ދުވަމުން ގޮސް މިސްކިތަށް އެރުނީ ކިރިޔާއެވެ. އަހަންނަށް ހަމަޖެހިލެވުނު ތަނާ ނަމާދު ކުރަން ފެށިއްޖެއެވެ. މިނެޓެއްވެސް ލަސްކޮށްލި ނަމަ އަހަންނަކަށް ޖަމާޢަތަކަސް ނޭރުނީހެވެ. ނަމާދުތައް ކުރުމަށްފަހު އަހަރެން މިސްކިތުން ފައިބައިގެން އައީ ހަމަޖެހިލައިގެން ހުރެއެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނުތަނާ އަހަރެންގެ އަތަށް ކޮންމެވެސް މީހަކު ދަމާލައިފިއެވެ. އެއީ އަހަރެންގެ ކަނާތް ފަރާތުގައި އޮތް އަނދިރި ގަނޑަށެވެ. ދެން އަހަރެންގެ އަތަށް ދަމާ ފޮރުވަން މިއީ ކޮން ގަޑިއެއް ހެއްޔެވެ؟ އަހަރެންގެ ވެސް ރުޅި ގަދަވިއެވެ. “ކާކު؟” ރުންކުރުވެފައި އަހަންނަށް އަހާލެވުނެވެ. “ހަހަހަ.. ދެން ކާކު ދޯ އަޔާން އަށް މިހެން އުނދަގޫ ކުރާނީ..” ހެޔޮ ނުވާނެއެވެ. އަހަންނަށް މީނާ ޖެއްސުން ކުރަން ވަކި ވަގުތެއް ވަކި ތަނެއް ވެސް ނޯވޭ ދޯއެވެ. މޫނުމަތީގައި ޖަހައިފާނަމޭ ހިތަށް އެރީވެސް ކިތަށް ފަހަރުކަމެއް ނޭނގެއެވެ. ނަމަވެސް ﷲ މަތިން ހަނދުމަވާ ކޮންމެ ފަހަރަކު އެ ރުޅިގަނޑު މައިތިރިވެއެވެ.
“ޒަޔާން.. މީ ދެން ކޮން ގަޑިއެއް ތިހެން މަ ހިފަހައްޓައިގެން ހުރެ ވާހަކަ ދައްކަން؟ މާދަންވެސް ދެން ތި ކުރާ ޖެއްސުމެއް ކުރެވިދާނެއެއްނު.. މިރޭ ދެން ދޫކޮށްލާ.. އަހަރެންގެ ފިލާވަޅުތައްވެސް ހުންނާނީ އަދި ނުހަދާ..” އަހަރެން މިހެން އޭނާ އާއި ވާހަކަ ދެއްކީމަ އަހަރެންގެ މޮޔަކަން ހިތަށް އަރައިފި ދޯއެވެ؟ އޭނާ އަހަރެން ކިތަންމެ ވަރަށް އާދޭސް ކުރިޔަސް ދޫކޮށްލާނެހެއްޔެވެ؟ އަހަރެން އޭނާއާއި އެގޮތަށް ވާހަކަ ދެއްކުމުގެ ބޭނުމަކީ އޭނާ ރުޅި އަރުވާލަުމެވެ. އޭނާގެ އެ ވަރުގަދަ ރުޅިގަނޑު މަށަށްވުރެ ރަނގަޅަށް އިނގޭނެ އެހެން މީހަކު ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ. އަހަރެން އޭތި މީތި ކިޔަން ފެށީމަ އަހަރެންގެ އަނގަ ބޮޑު ކަމާއިހުރެ ދޫށްލަފާނެ ނޫންހެއްޔެވެ؟ އަހަންނަށް ރަނގަޅީވެސް އެގޮތެވެ.
“ހަހަހަހަ.. ކަލޭ ހީކުރީ ކަލޭ ހަމަ ބުނެލާއިރަށް މަ ކަލޭ ދޫކޮށްލަ ފާނެހެންތަ؟ ތިހެން ހީވަންޏާ އެއީ ވަރަށް ބޮޑު ކުއް ހީއެއް… މަ ކަލޭ ދޫކޮށްނުލާނަން މިރޭ ފަތިސް ވުމުގެ ކުރިން..” ދެން މަވީ މީނާގެ ކުޅި ބަލަން ތިއްތި ދެއްކެން މިތާ ހުންނަން ހެއްޔެވެ؟ ޔަގީނެވެ. މިހާރުވެސް މިރޭ މެޗެއް އޮންނާނެ ވާހަކަ ބުނެލާއިރަށް އޭނާގެ ދެފައި މިތާ ހަރުނުލާނެއެވެ. އަދި އަހަރެން މިތަނުން ނުފޮނުވާނަމޭ އެބަ ބުނެޔެއް ނޫންހެއްޔެވެ؟ ބަލަން ހުންނާށެވެ. މަށަށް ވުރެ ކުރިން މިރޭވެސް އޭނާ މިތަނުން ދުވެ ފިލާނެއެވެ. “އެހެން ދޯ.. ހީވެއްޖެޔޭ ތިހެން.. އެހެންވެ ޔަގީން ކޮށްލަންވެގެން މި ބުނީ އަދި ދޫކޮށްލާށޭ.. އަސްލު ބުނަންތަ؟ މަވެސް އަސްލު ނެތް އިނގޭ މިރޭ ގެޔަށް ދާހިތެއް.. އެކަމަކު ކީއް ކުރާނީ؟ މިރޭ އޮންނަ ވަރުގަދަ މެޗާ ހެދިއޭ މާ ވަރަކަށް ގެއަށް ދާހިތުން މިއުޅެނީ.. އެކަމަކު ޒަޔާން މަ ދޫނުކޮށްނުލައިފިއްޔާ ހުންނާނަން މިތާ.. ބަސް އަހައިގެން..” އަހަރެން ހަށަން ބަނދެލަމުން ބުނީމެވެ.
އަހަރެން ދިޔައީ އޭނާ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރު ބަލަމުންނެވެ. މިތަން ފެނުނު އެހެން މީހަކު ނަމަ ބަޑި ފަޅައިގެން ދާނެވެ. މަށަށް ވާ އެބަ ކެތް ކުރެވެއެވެ. ނަމަވެސް ވަރަށް ޙާލުންނެވެ. މަށަށް މޮޔައޭ ކިޔަން މިއީ ވަކި ކާކުހެއްޔެވެ؟ އަހަރެން ދޮގެއް ހެދިޔަސް މީނާ އެޔަށް ހެއްލޭނެވެ. ބަލަން ހުންނައްޗެވެ. ދެންވެސް ލަހެއް ނުވެ ދެންމެ އަހަރެން ހެދި ދޮގު އޭނާ ޤަބޫލު ކުރާނެއެވެ. “ކީކޭ؟ މެޗޭ؟ ކޮން މެޗެއް؟” އޭނާ އަހަރެންގެ ގަމީހުން އަތް ދޫކޮށްލުމަށްފަހު އަހަންނާއި ދުރުވެލިއެވެ. އޭނާ ދިޔައީ އެ މޫނުމައްޗަށް އަރަމުން ދިޔަ ހައިރާން ކަމުގެ ކުލަވަރު ސިއްރު ކުރެވޭތޯއެވެ. ނަމަވެސް އަހަންނަށް އެކަން އޭނާ ސިއްރު ކުރާނީ ކިހިނެއް ހެޔެވެ؟
“އަނެއް.. މިރޭ އެކެއް ޖަހާއިރު އެބޮތް ޒަޔާންގެ ލޯބިވާ ޓީމްގެ މެޗެއް.. މަށަށް ވަރިހަމަ ޒަޔާން މަގޭ މިތާ ހިފަހައްޓައިގެން ހުއްޓަސް.. މެޗު ނިމެންދެންވެސް… މަގޭ ހަމަ އެއްވެސް މައްސަލައެއް ނެތް.. އެކަމަކު އަހަރެން ކަންބޮޑު ވަނީ ޒަޔާން އަށް އެ މެޗު މިސް ވެދާނެތީ.. އެކަމް ވެސް އޯކޭ ދެން..” ހިނިގަނޑު އެތެރެއަށް ހިންދަލަމުން އަހަރެންވެސް މޫނުގެ ކުލަވަރު ފޮރުވާލީ ވަރަށް ހާލުންނެވެ. އަހަންނާއިއެކު އާހިލް ނެތް ކަން ހަމަ ނަސީބެކެވެ. ނޫންނަމަ މި ޕްލޭން މިހޭ އަމާންކޮށް ކާމިޔާބު ނުވީހެވެ. އޭނާގެ ހިނިގަނޑާއި ހެދިއެވެ. އިސާހިތަކު ނިކަން ރުންކުރުވާ ފާޑަކަށް އޭނާ އަހަންނާއި ވާހަކަ ދައްކަން ފެށިއެވެ. އެއީ އަހަރެންގެ ލޮލުގައި އަނދުނެއް އަޅުވަން ހެއްޔެވެ؟ އެކްޓެއް ޖައްސަން ވެސް އިނގޭ ސޮރެއް ނޫނެވެ. އޭނާ ބުނީ ހަމަ ރަނގަޅަށެވެ. އަހަންނަށް ފިލްމެއް ކުލެން ލިބިއްޖެ ނަމަ އޭނާއަށްވުރެ ހަމަ ގައިމުވެސް ކުރި ހޯދާނަމެވެ. އޭނާ އަހަރެން ދޫކޮށްލުމުން ހެމުން ހެމުން ގެއަށް މިސްރާބު ޖެހީ ދެޖީބަށް އަތް ޖަހާލައިގެން ހުރެއެވެ.
އާ ދުވަހަކަށް އިރުއަރައިގެން އައީ މިހާރަކަށް އައިސް އަބަދުވެސް އަހަންނަށް އާޔަ ފެންނަ ފަދއިން އޭނާ ފެނިލުމަށްފަހުއެވެ. ސްކޫލަށް ބާރުބާރަށް މިސްރާބު ޖެހީ ރޭގައި ވީ މަޖާ ކަންތައް އާހިލް އާއި ހިއްސާ ކޮށްލާ ހިތްވެފައި ވިލެއް ބޮޑުކަމުންނެވެ. ބައެއް ތަންތަނުން ދުވަމުން ހިނގަމުން ކަހަލަ ގޮތަކަށްވެސް ދިޔައީ ކެތް މަދުވެފަ ހުރިވަރުންނެވެ. ބާރުބާރަށް ސިޑިންވެސް އެރީ ހަރުފަތަކަށްފަހު ހަރުފަތެއްގެ ބަދަކުގައި ދެހަރުފަތުން ދެހަރުފަތުންނެވެ. “އާލް..” ކްލާހަށް ވަތް ގޮތަށް އަހަންނަށް ގޮވާލެވުނީ އާހިލް އަށެވެ. އޭނާ އެކަނި ހުރުމުން އަހަންނަށް ހީވީ އަދި ޢީދެއް އައި ހެންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މިވީގޮތުން އަހަރެން ބޭނުން ހުރިހާ ވާހަކައެއް ފަސޭހަ ކަމާއިއެކު އޭނާއާއި ޙިއްސާ ކުރެވުމުގެ ފުރުސަތު ލިބުނީއެވެ.
“އާލް އަށް އިނގޭތަ ރޭގަ ވީ މަޖާ ކަމެއް؟” އަހަންނަށް މަޖާވެފަ ހުރިވަރުން އެވަރަށް ހެވެއެވެ. އޭނާއަށްވެސް އަހަރެން އަހަރެން ހޭވަރުން ހެވުނެވެ. އަދި ކިހިނެއް ވީހޭ އަހާލީ ހެމުންނެވެ. “ރޭގަ އެއްކަލަ ޒަޔާން މަ ހިފެހެއްޓީނު.. އެތާހުރި އަނދިރިގަނޑަކަށް ދަމާލީ.. މޮޔަ ސޮރެއް އެއީ..” އަހަންނަށް އަދިވެސް ހެވެނީއެވެ. ނަމަވެސް އާހިލްގެ ހުނުން މަޑުވިއެވެ. ކީއްވެކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން މިއޮތީ ގުދަށެވެ. އެހެން ވީމަ އޭނާއަށް ވަނީ ކީއްކަމެއް އަހަންނަކަށް ނޭނގޭނެ އެއް ނޫންހެއްޔެވެ؟ “ޔާން..” އޭނާ އަހަންނަށް ނިކަން މަޑުމަޑުން ގޮވާލިއެވެ. އަހަރެން އެޔަކަށް އަޅައެއް ނުލަމެވެ. އަހަރެން ބެލީ ރޭގައި ކަންތައް ވީ ގޮތް އޭނާއަށް ކިޔައިދެވޭތޯއެވެ. “ޔާން..” އާހިލް އަނެއްކާވެސް އަހަންނަށް ގޮވާލިއެވެ. މިފަހަރު އަހަރެން އޭނާއަށް ބަލައިލީމެވެ. އެވަގުތު އޭނާ ލޮލުން އަހަންނަށް ކޮންމެވެސް ތަނެއް ދައްކަން އިޝާރާތް ކުރިއެވެ.
“ކިހިނެއް..” އަހަންނަށް ބުނެވުނީ އެހާ ހިސާބަށެވެ. ކޮންމެވެސް މީހަކު އައިސް އަހަރެންގެ ކޮނޑުގައި ހިފައި ފަހަތަށް އަނބުރާލައިފިއެވެ. ސުބުހާނައްﷲ! މިހުރީ ޒަޔާން އެވެ. ހީވަނީ ރުޅހިއައިސްގެން ގޮސް ފަޅަފަޅައިގެން ގޮސްދާނެހެންނެވެ. ޔަގީނެވެ. ރޭގަ އަހަރެން ހެދި ދޮގު އޭނާއަށް އިނގުނީއެވެ. “ކަލޭ ވަރަށް ބޮޑު ގޯހެއް އިނގޭ ރޭގަ ހެދީ.. ކަލެއަށް އަދި މަ މީ ކާކުކަން ނޭނގިގެން ތިއުޅެނީ..” ހުއް! މަށަށް އެއީ ކާކުކަން ކިތަންމެހާވެސް ރަނގަޅަކަށް އިނގެއެވެ. “ކަލޭ ކުރި ކުށުގެ ސަޒާ އަދި ލިބޭނެ.. ކަލެއަށް ކެރިއްޖެދޯ މަގޭ ކުރިމަތީ ދޮގު ހަދަން؟” މަށަށް އޭނާ ކައިރިން ސަލާމަތް ވުމަށް ދޮގު ހަދަން ނުކެރެންވީ ކީއްވެހެއްޔެވެ؟
“ބަލަން ހުންނާތި.. މިއަދު ކަލެއަށް ތިހެން ހެވިލައިފަ ހުރެވިދާނެ.. އެކަމަކު ފަަހުންނެއް ނޫން..” އޭނާ އަހަންނާއި ދިމާލަށް ޝަހާދަތް އިނގިި ދިއްކޮށްލުމަށްފަހު އިންޒާރެއް ދިނެވެ. ދެން އަހަރެން ވީ އޭނާގެ ދެފައިބުޑަށް ވެއްޓި އެހެން ނަހަދާށޭ ކިޔާ އާދޭސް ކުރަން ހެއްޔެވެ؟ ނުވާނެއެވެ. އޭނާ ކުރާނެ ކަމެއް ކުރަން ވީއެވެ. އަހަންނެއްވެސް ވަކި އޭނާއަކަށް ދުލެއް ނުދޭނަމެވެ. އަހަރެންގެ ގަމީހުން އަތް ނައްޓާލުމަށްފަހު އޭނާ ބާރަކަށް އޭނާގެ ދެ އެކުވެރިން ގޮވައިގެން ކްލާހުން ނިކުމެގެން ދިޔައެވެ. ފޯރިހުންނާނީ އަދި މިއަދު ކިޔެވުން ފެށުނީމައެވެ. އަހަންނަށް ނޭވާއެއް ލާން ފުރުސަތެއް ދީފިއްޔާ ވަރިހަމައެވެ. އެހެން ވިޔަސް އަހަންނެއް އޭނާ ދެކެ ބިރަކުން ނޫޅެމެވެ. ނުވެސް އުޅޭނަމެވެ. އިން ޝާ ﷲ!
ކްލާސް ފެށިގެން ދިޔައީ ވެސް ޒަޔާންގެ ޖެއްސުމަކުން މަރުހަބާ ކިޔުމަށް ފަހުއެވެ. ކޮންމެ ގޮތެއް ވިޔަސް މަށަށް ކޮން ކަމެއް ހެއްޔެވެ؟ އަހަރެން ކެތް ކުރާނަމެވެ. އޭނާއަށް ހީވަނީ އަހަރެން އޭނާގެ ގަޔަށް ބޮލަށް އަރަން ގޮސްފާނެކަމަށް ހެއްޔެވެ؟ ނޫނެކެވެ. އާހިލް އިނީ އަހަރެންގެ ބަހަށް ކެތް ކޮށްގެންނެވެ. އޭނާގެ އަތުން އަހަރެން ދޫކޮށްލައިފި ނަމަ މިހާރު އޭނާ ގޮސް ހުންނާނީ ޒަޔާން އާއި ތަޅާފޮޅާށެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އޭނާއަށްވެސް އެކި ގޮތްގޮތުން އެބަ ޖެއްސުން ކުރޭވިއްޔާއެވެ.
އަހަރެމެން ގެޔަށް ދިޔަ އިރު ވަރުބަލިވެގެން ގޮސް ބިންމަތީގައި އޮށޯވެފާނަމޭ ވެސް ހިތަށް އެރީ ކިތަށް ފަހަރުކަމެއްވެސް ނޭނގެއެވެ. މިއޮށް ފަދަ މެންދުރު ގަޑީގައި ދިލަ ހޫނުގައި ހިނގާފައި ދާއިރު އަޅެ ހޫނުވާނެއެއް ނޫންހެއްޔެވެ؟ މަޖީދީމަގުން ލައިފައި ހިނގަމުން ދަނިކޮށް އާހިލް އަހަރެންގެ އަތުގައި ކުޑަކޮށް ކޮށްޓާލިއެވެ. “ހޫމް.. ކިހިނެއް ވީ؟” އަހަރެންވެސް އޭނާ ގާތު އަހާލީމެވެ. އެވަގުތު އޭނާ އަތުން އިޝާރާތް ކޮށްލީ ހަނި ގޯޅިއެއް ތެރޭގައި ފުރަގަސް ދީގެން ހުރި ފިރިހެން ކުއްޖާއަށެވެ. އިސްކޮޅުން ދިގެވެ. ބައިމަތި ފުޅައެވެ. ފަހަތުން ފެނުނަސް އޭނާގެ ހައިބަތު ނުހަނު ރީއްޗަށް ފެނެއެވެ. “ޒަޔާން.. އެކަމަު މިތާ؟ ކިއްކުރަން؟” އާހިލް އަހަންނާއި ސުވާލު ފައްޗެއް ކުރިއެވެ.
އަހަރެންގެ ހިތުގައިވެސް ވީ އެ ސުވާލުތަކެވެ. އޭނާ އެ ކުރާކަމެއް ބެލުމުގެ ޝައުޤުވެރިކަން އަހަރެންގެ ހިތުގަައި އުފެދުނެވެ. އެކަމަކު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ “އާލް.. ހިނގާބަލަ އެތަނަށް.. އޭރަށް އޭނާ ދައްކާ ވާހަކައެއް އަޑު އިވިދާނެއްނު؟” ޒަޔާން އެއިރު ހުރީ ފޯނެއްގައި ކަމުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީކަން އަހަރެމެންނަށް އެނގުނެވެ. އެތަނުން ވަދެވެން ހުރި ގެއެއްގެ ދޮރާއްޓެއް ކައިރީ އަހަރެމެން މަޑުކޮށްލުމަށްފަހު ކަންފަތް ހުޅުވާލީމެވެ. “ނޫން… އޭނާ ނޫޅޭ މަށާއި ޖެއްސުމެއް ކުރާކަށް.. ނުވިތާކަށް އެވަރު ކުރާއިރުވެސް ތަޅައިގަންނަށްވެސް ނޫޅޭ.. ހިއެއް ނުވޭ އެހާ އަވަހަށް އެކަންތައް ވެދާނެ ހެންނެއް…” އޭނާ އެހެން ބުނުމުން އަހަންނާއި އާހިލް އަށް ދެމީހުން ދެމީހުންނަށް ބަލައިލެވުނެވެ. އޭނަ؟ އަނެއްކާ އޭނަ އެކިޔާ ‘އޭނަ’ އަކީ އަހަންނެއް ނޫން ބާވައެވެ؟ އަނެއްކާވެސް ޒަޔާން ދައްކަމުން ދިޔަ ވާހަކަ އަށް ސަމާލުކަން ދެވޭތޯ ބެލީމެވެ.
“ބަލާނަން އަދިވެސް.. މިއަދު ކްލާހުގަވެސް ވަރަށް ވަރަށް ޖެއްސުން ކުރިން.. އެކަމަކުވެސް އަނގަވެސް ހުޅުވާނުލި.. މަ ހިތަށް އަރާ ކިހިނެއް ބާވައޭ އޭނާ އެ ކެތް ކުރަނީ… އެކަަމަކު އޭނާ ކައިރީގަ އިންނަ ކުއްޖާ އިންނަނީ ހަމަ ކިރިޔާ ވަރެއްގަ.. އޭނާގެ ރުޅި ނިކަން ފަސޭހައިން ފަޅައިގެން ގޮސްދާނެ.. އެހެން ވެއްޖެނަމަ ކާމިޔާބު ކުރަން ވަރަށް ފަސޭހަ ވާނެ..” އަހަ! އަހަންނަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އޭނާ އެ ކީ ‘އޭނަ’ އަކީ ހަމަ އަހަންނެވެ. ދެން އެ ދެއްކީ އާހިލްގެ ވާހަކައެވެ. އަހަރެން ޒަޔާން އާއި ދިމާލަށް ބަލާމުން އެއްމިޔަކަނުން ހިނިތުން ވެލިމެވެ. ޕްލޭން މި ފަޅާއެރީއެވެ. އެކަމަކު އޭނާ އަހަރެންގެ ފަރާތުން ބޭނުންވެގެން އެއުޅެނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ އެ ވާހަަ ދެއްކީ ކާކާ ބާވައެވެ؟
(ނުނިމޭ)
10 Comments
Comments are closed.
Story varah reethi. Next part avahah up kohdhehche
thank you Shai.. in sha allah.. 🙂
Yayyy… inan is back..?????… wowww.. ??????????.. this prt is amazin….????????????? curiously waitin 4 the nxt prt.. ⚘⚘⚘⚘⚘⚘
Ly..❤❤❤❤❤❤????
hehe.. 🙂 jazakillah khairan mishy.. 🙂
Woww.. vr rythi… Keep it up. Curiously waiting for the next part♥️♥️
Thnkx 4 continue .,. Adi nukian
marhabaa.. 🙂
Masha allah varah reethi?
jazakillah khairan whoriyer.. 🙂
Masha allah. V.reethi mibai ves. Haadhalahey upvaalei. Plx nxt part v.avahah up kodhdhechchey. Waiting for nxt prt. Insha allah nxt prt ves miha reethi vaane kamah unmeedhu kuran..