ވިޔާމަށް އޭނަގެ ފިޔަވަޅުތަކުގެ މައްޗަށް ވެސް ބާރު ނުހިންގެވުމުގެ ސަބަބުން އޭނަ ބަންޑުން ގޮސް ޢިމާރާތުން ވެއްޓެން އުޅުނެވެ. އެހެނަސް ވެއްޓެން ދިޔައިރު މީހަކު އޭނަގެ އެއްއަތުގައި ހިފަހައްޓާލުމުން އޭނަ މުޅިން ނުވެއްޓި އެ އަތާއި އެލުވުނެވެ. ދިމާވާން އުޅުނު ވޭންތަކެއްގެ ސަބަބުން ވިޔާމް ދެލޯ މަރައި ތަގުޅިކޮށްގެން ހުރެފައި ދެލޯ ހުޅުވާލިއެވެ. އެ ހިނދު އޭނަގެ ތިރިން ފައުންޑޭޝަންގައި ހަރުކުރެވިފައިވި ދަގަނޑުތައް ފެނިފައި އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނަ މައްޗަށް ބަލާލީ އޭނައަށް ހުރެވުނީ މީހެއްގެ އަތުގައި ހިފައިގެންކަން އެނގުންވުމުންނެވެ. އެ އަތް ފެނުނުތާ މާ ގިނައިރެއްނުވެ އަތުގެ ވެރިޔާ ފެނުމުން ވިޔާމްގެ ދެލޯ ބޮޑުވިއެވެ. އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރީ ޝަރަފް ނޫން ދެވަނަ މީހެއް ނޫނެވެ. ޝަރަފް ދެން ހަދާނެ ގޮތަކާއިމެދު ވިސްނާލުމުން ވިޔާމްގެ ހިތް ބިރުގަންނަ ގޮތްވިއެވެ. އޭނަގެ ހަނދާނަށް އަންނަން ފެށީ އޭނަ މިހާތަނަށް އައިއިރު ޝަރަފަށް އަނިޔާދޭން ކޮށްފައިވާހާ ކަންތައްތަކެވެ. ފުރާވަރުގައި އޭނައަށް މަލާމާތްކޮށް އޭނައަށް އެތައް އަނިޔާއެއް ދިން މަންޒަރު ވިޔާމްގެ ލޯ ކުރިމަތިން ސިފަވާން ފެށިއެވެ. އޭގެ އަހަރުތަކެއްފަހުން ޝަރަފް ޒަވާޖީ ޙަޔާތެއް ފެށުމުން އެ ޙަޔާތް ވެސް ބަރުބާދުކުރަން އޭނަ ކުރި މަސައްކަތެވެ. އަދި އެއަށްފަހު ވެސް އޭނަ ޝަރަފަށް އަނިޔާތަކެއް ދޭން ރޭވި ރޭވުންތަކެވެ. ސިކުނޑިއަށް ވެރިވެގެން ދިޔަ އެ ހުރިހާ ޚިޔާލެއްގެ ސަބަބުން އެ ވަގުތުކޮޅުވެގެން ދާނީ އޭނަގެ ޙަޔާތުގެ އެންމެ ފަހު ވަގުތުކޮޅަށްހެން ވިޔާމަށް ހީވިއެވެ. އޭނަ ދިން ހުރިހާ އަނިޔާއެއްގެ ބަދަލު އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުޞަތު ޝަރަފަށް އެވަނީ ލިބިފައެވެ. އޭނަ އެ ފުރުޞަތުގެ ބޭނުން އޭނަ ނުހިފާނީ ފަހެ ކޮން ގޮތަކުން ހެއްޔެވެ؟
އުއްމީދުގެ ހުޅުކޮޅު ނިވެމުން ދިޔަ ވިޔާމްގެ ހިތަށް ސިހުމެއް ލިބުނީ ކުއްލިއަކަށް އޭނަގެ އަތަށް މީހަކު ދަމާލިހެން ހީވުމުންނެވެ. ވިޔާމް މައްޗަށް ބަލާލިއިރު ޝަރަފް އޭނަގެ އަތުގައި ހުރި ބާރަކާއެކީ ވިޔާމް މައްޗަށް ގެންނަން މަސައްކަތް ކުރަނީއެވެ.
“ވިޔާމް މިތާނގަ އަތް އަޅުވާފަ ތިރީގަ އެހެރަ ތާނގަ ފައި އަޅާ!” ޝަރަފް އޭނަގެ ދެއަތުން ވިޔާމް ވަކި ހިސާބަކަށް ހިއްލާލަމުން ހަދަންވީ ގޮތް ވިޔާމަށް ކިޔައިދިނެވެ. އޭނަ ހުރި ޙާލަތަށްވުރެ ވެސް ބޮޑަށް ޝަރަފް ކަންތައް ކުރަމުން ދިޔަ ގޮތާއިމެދު ރޫރު އަޅަމުން ދިޔަ ހިތަކާއެކީ ވިޔާމް ތަޅުންގަނޑު މަތީގައި އަތް އަޅުވައި ތިރީގައި ކަނޑާފައި ހުރި ކުޑަދޮރެއްގެ މަތީގައި ފައި އެޅިއެވެ. އެއަށްފަހު ވެސް ޝަރަފް ވިޔާމްގެ އަތުގައި ހިފައި އޭނަ މުޅިން މައްޗަށް އެރުވުމަށް އޭނައަށް އެހީތެރިވެދިނެވެ.
“އޯކޭތަ؟” ދެމީހުންނަށް އެކީގައި ސީދާވެލެވުނު ވަގުތު ޝަރަފް އަހާލިއެވެ. އެ ހިނދު މާ ނޭވާ ލެވިފައިހުރި ވިޔާމަށް ބުނަންވީ އެއްޗެއް ނޭނގިފައި ހުރެވުނެވެ. އޭނަ ޝަރަފްގެ ރަނގަޅުކަން ދެން ދޮގު ކުރާނީ ކިހިނެއްތޯ އޭނަގެ ހިތަށްއެރިއެވެ. އޭނަ ކުރި ހެޔޮކަން ބަލަން އެތާނގައި އެއްވެސް މީހަކު ނެތެވެ. އެހެނަސް އޭނަ އެ ވަނީ ޢުމުރު ދުވަހަށް އޭނަގެ ދުޝްމިނަކަށްވެފައިވި މީހެއްގެ ޙަޔާތް ސަލާމަތްކޮށްފައެވެ. ކީއްވެ ހެއްޔެވެ؟ ވިޔާމްގެ ސިކުނޑިއަށް ވެރިވި އެ ސުވާލު ދުލުން ބޭރުވިއެވެ.
“ކީއްވެ؟” ވިޔާމަށް އެހެން އަހާލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވިޔާމް އެ ސުވާލުކުރުމުން ޝަރަފް ހިނިތުންވެލީތަން ފެނިފައި އޭނަ އިތުރަށް އަޖާއިބުވުން ނޫންކަމެއް ނުވިއެވެ. އޭނަ ޖަވާބެއްގެ އިންތިޒާރުގައި ހުއްޓާ ޝަރަފް ކިޔާލީ އާޔަތެއްގެ ބައެކެވެ. ވިޔާމް ވާނުވާއެއް ނޭނގިފައި ބަލަހައްޓައިގެން ހުންނަން ފެށުމުން ޝަރަފް އޭގެ މާނަ ކިޔައިދިނެވެ.
” މުޙްސިނުންދެކެ ﷲ ލޯބިވެވޮޑިގެންވޭ.” ޝަރަފް ބުނެދިނެވެ. ޝަރަފް އެ ދެއްކި ވާހަކައިން ވިޔާމްގެ މޭނުބައި ކުރާ ގޮތްވިއެވެ. ޝަރަފް އޭނަ ސަލާމަތް ކުރުމުގެ ފަހަތުގައިވެސް ވީ އޭނަ މި ހުރިހާ ދުވަހު ފަސްދެމުން ދިޔަ ދީންކަން އެނގުންވުމުންނެވެ. އޭނަ ވަގުތުން ޝަރަފާއި ދުރަށް ހިނގައިގަތީ އެ އިޙްޞާޞުން ސަލާމަތްވުމަށެވެ. އެހެނަސް އޭނައަށް މާ ދުރަށް ނުދެވެނީސް ޝަރަފް ދެންވެސް ވާހަކަ ދެއްކިއެވެ.
“ކިތަންމެ ދުރަށް ދާން މަސައްކަތް ކުރިޔަސް ޙައްޤު ވިޔާމަށް ފަހުމްވާން ﷲ އިރާދަކުރައްވައިފިނަމަ އެއިން ނުރެކެވޭނެ ވިޔާމް. އެނގޭ ވަރަށް ބޮޑަށް ޖެހިލުންވާނެކަން މިހާތަނަށް ވަކި ގޮތަކަށް ބައްޓަން ކޮށްފައިވި ދިރިއުޅުން ބަދަލުކުރަން. އެކަމަކު ވިޔާމަށް އެނގޭތަ؟ ހިތަށް ފުރިހަމަ ހަމަޖެހުމެއް ލިބެން އޮތީ އެ ބަދަލު ގެނެސްގެން. އެއީ އަމިއްލަ ނަފްސާއި ދެކޮޅަށް ހަނގުރާމަ ކޮށްގެން ވިޔަސް. ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި އެންމެ ފިޔަވަޅެއް އެޅިޔަސް އެކަލާނގެ ދެން ހުރި ހުރިހާ ފިޔަވަޅުތައް އަޅަން ފަސޭހަ ކޮށްދެއްވާ. ވިޔާމް މިހާރު ތިހިރަ ފަދަ ޙާލަތެއްގައި އެއްދުވަސްވަރަކު ވީ މީހެއްގެ ޙައިސިއްޔަތުން އަހަރެން މި ވާހަކަ މި ބުނެލީ.” ވިޔާމްގެ ހިތަށް ފުން އަސަރެއް ކޮށްފިކަން ޔަޤީންވުމުން ޝަރަފް އެ ފުރުޞަތުގެ ބޭނުން ހިފޭތޯ ބެލިއެވެ. އޭނަގެ އެ ބަސްތައް އަޑުއަހާފައި ވިޔާމް ވަގުތުން އެތަނުން ދާން ހިނގައިގަތުމުން ޝަރަފް ހިސާބަކަށް މާޔޫސްވާ ގޮތްވިއެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އެވަގުތުން ފެށިގެން ވިޔާމްގެ ހިތުގެ ހަމަޖެހުން ގެއްލުނުކަމެވެ.
އެ ދިޔަ ގޮތަށް ވިޔާމް ދިޔައީ އޭނަ އުޅެމުން ދިޔަ ގެސްޓް ހައުސްއަށެވެ. ގޭގެ ތެރެއަށް ވަދެގެން ދިޔައިރު އެކި މީހުން އޭނައާއި ވާހަކަ ދައްކަން އުޅުނެއްކަމަކު އޭނަ އެންމެ ބަހެއްވެސް ބުނުމެއްނެތި ގޮސް އޭނަގެ ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. ކޮޓަރިއަށް ވަދެގެން ގޮސް އޭނަ އެނދުގައި އިށީންނަން އުޅުނެއްކަމަކު އޭނައަށް އިށީނދެވުނީ ބިންމަތީގައެވެ. އެއަށްފަހު އެސްފިޔަ ޖަހާލުމެއްވެސް ނެތި އޭނައަށް އިންގޮތަށް އިނދެވުނެވެ. އެ ހިނދު ދާދި ދެންމެއަކު އޭނަ މަރުން ސަލާމަތްވި ގޮތް އޭނަގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައެވެ. އޭނަ ސަލާމަތްވީ ދީންވެރި، އަޚްލާޤް ރަނގަޅު މީހެއްގެ އަތުންކަން އޭނަގެ ހިތް ތަކުރާރުކޮށް ހަނދާން ކޮށްދިނެވެ. ހަމަ އެއާއެކީ އޭނަގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން އަފާފް އޭނަ ގާތު ބުނި ބަސްތަކެވެ. އެންމެ އެއްގޮތެއް ނުވާނެކަމަށް ބުނި ވާހަކައެވެ. އެ ވާހަކައަށްފަހު އަނެއްކާވެސް ޝަރަފްގެ ބަސްތައް އޭނަގެ ސިކުނޑީގައި ގުގުމަން ފެށުމުން އޭނަގެ ބޮލުގައި ރިއްސަން ފެށިއެވެ. އެ ބަސްތައް އޭނަ ހަނދާން ނައްތާލަން އުޅުމުން ވެސް އެކަން ނުކުރެވުމުންނެވެ. އެންމެ ފަހުން ވިޔާމް ބަލި ޤަބޫލު ކުރަމުން އޭނަގެ މޫނުމަތީގައި އަތް އަޅާލިއެވެ. އަދި އޭނައަށް މިއަދު އެ ފެނިގެން ދިޔަ ރީތި އުޅުމާއި އެއްގޮތަށް އޭނަގެ އުޅުން ބަދަލުކުރާނަމަ އޭނަ ކުރަން ޖެހޭ ކަންތައްތަކާއިމެދު ވިސްނާލިއެވެ. އެންމެ ފުރަތަމަ ވެސް އޭނަ އޭނަގެ ބުއިންތަކާއި ދުރުވާންޖެހޭ ކަން އޭނައަށް އެނގުންވިއެވެ. އަދި އަފާފް ބުނާހެން ބޮޑުބޭބެމެން އެ ހޯދާ ޙަލާލް ނޫން ރިޒުޤުން އޭނަ ދުރުވާންޖެހޭނެއެވެ. އެ ‘ރިޒުޤުން’ ދުރުވެގެން އޭނަ އުޅެން ޖެހޭނީ ހާދަ ދަތި ދިރިއުޅުމެކެވެ. އޭނަގެ ބައްޕައާއި ދެކޮޅުވުމަކީ ވެސް ފަސޭހަކަމަކަށް ނުވާނެއެވެ. ހައްތަހާވެސް އޭނަ ތައުބާވެއްޖެނަމަ އޭނަ ވާންޖެހޭނެ ޤުރުބާނީތަކާމެދު ޝައިޠާނާ އޭނައަށް ހަނދާން ކޮށްދެމުން ދިޔަދިޔަހެން އަނެއްކާވެސް އެ ދީނަށްޓަކައި އޭނަގެ ހިތުގައި ނަފްރަތެއް އުފެދެން ފެށިއެވެ. މިއީ އުޅެވޭވަރަށްވުރެ ވެސް ދަތި ދީނެއްތާއޭ އޭނަގެ ހިތަށްއެރިއެވެ. އެހެނަސް ޝަރަފް ވެސް އެ ދީނާއި އެހާ ދުރުގައި އުޅެއުޅެފައި އެ ބަދަލުވީ ގޮތް ތަޞައްވުރު ކުރެވުމުން މި ދީނުގައި ކޮންމެވެސް ޚާޞިއްޔަތުކަމެއް ވާނެތާއޭ އޭނަގެ ހިތް ބުންޏެވެ. އެއާއެކު ވިޔާމަށް ވަގުތުން ކޮޅަށް ތެދުވެ އެ ކޮޓަރީގައި ހުރި ކިޔަވާ މޭޒުދޮށަށް ދެވުނެވެ. މޭޒުދޮށުގައި ހުރި ލެޕްޓޮޕް ހުޅުވާލަމުން އޭނަ ވަގުތުން އިސްލާމް ދީނާއި ބެހޭގޮތުން ހޯދަން ފެށިއެވެ. ގޫގުލް ސާޗެއް ޖެހުމާއެކުހެން އޭނައަށް ފެންނަން ފެށީ ބޭރު މީހުން އެދީނާއި ދެކޮޅަށް ލިޔެފައި ހުންނަ ވާހަކަތަކެވެ. އެއީ އޭނައަށް އެއްގޮތަކަށް ވެސް އާ ވާހަކަތަކެއް ނޫނެވެ. އޭނަ ދީނާއި ދުރުވުމަށް ޖެއްސި އެއްސަބަބަކީ ވެސް އެ ޚަބަރުތަކުން އޭނަގެ ސިކުނޑި ދޮވެވިފައިވުމެވެ. ދުވަހަކުވެސް އޭނަ ޤުރުއާނާއި ސުންނަތަށް އަމިއްލައަށް ބަލާފައެއްނުވެއެވެ. ޤުރުއާނަކީ ﷲ ގެ ބަސްފުޅުކަން އެނގުނެއްކަމަކު އެއީ އެއްވެސް އެހެން ފަރާތެއްގެ ބަހަކަށް ނުވާނީ ކީއްވެގެންކަން ހޯދަން އޭނަ އަމިއްލައަށް މަސައްކަތް ކޮށްފައެއްނުވެއެވެ. އެހެން އޭނަގެ ހިތް ބުނުމުން އޭނަ ޤުރުއާނާއި ބެހޭގޮތުން ސާޗްކުރަން ފެށިއެވެ. ސާޗްކުރަމުން ދަނިކޮށް މިއަދު ޝަރަފްގެ ދުލުން އިވުނު ބަހެއް އޭނައަށް ލިންކެއްގެ ދަށުން ފެނުނެވެ. ‘މުޙްސިނުން’ނަކީ ކޮން ބައެއްކަން އޭނައަކަށް ނޭނގެއެވެ. އެހެންކަމުން އޭނަ އެ ލިންކަށް ކްލިކް ކޮށްލަމުން އިތުރަށް ހޯދަން ފެށިއެވެ. ހޯދި ހޯދުމުން އެނގުނު ގޮތުގައި އެމީހުންނަކީ އަބަދުވެސް ﷲ އެމީހުން ބައްލަވާވޮޑިގެންވާކަން ހަނދާން ބަހައްޓާ މީހުންނެވެ. އަދި އޭގެ ސަބަބުން އެމީހުންނަކީ ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރާ މީހުންނެވެ. އެ ސިފަތަކާއިމެދު ކިޔާލުމާއެކުހެން އޭނަގެ ހަނދާނަށް އައީ ޝަރަފެވެ. މިއަދު ޝަރަފް ކަންތައް ކުރި ގޮތުން ވެސް އެނގެނީ އޭނައަކީ މުޙްސިނެއްކަން ކަން ވިޔާމަށް އެނގުންވިއެވެ. ހަމަ އެއާއެކު ﷲ ލޯބިވެވޮޑިގެންވަނީ މުޙްސިނުންދެކެ ކަން ހަނދާންވުމުން ނޭނގޭ ސަބަބަކާހުރެ އޭނަ މާޔޫސްވާ ގޮތްވިއެވެ. އޭނަ ކަހަލަ މީހަކު އެފަދަ މީހަކަށް ވުމަކީ ނާދިރު ކަމެކޭ ހިތް ބުނުމުންނެވެ. އެފަދަ މީހުންނަށް ވެވޭނީ ދުވަހަކުވެސް ފާފައެއް ނުކޮށް، ތުނބުޅި ދިގުކޮށްގެން ވަކި ވައްތަރެއްގެ ހެދުމެއް ލައިގެން އަބަދު ޒިކުރު ކުރަން ތިބޭ މީހުން ނޫންހެއްޔެވެ؟ އެފަދަ މީހަކަށް އޭނައަށް ވެވިދާނެކަމަށް ވިޔާމަށް ޤަބޫލެއް ނުކުރެވުނެވެ. އޭނަ ކަހަލަ އެހާ ގިނަ ފާފަތައް ކޮށްފައި ހުރި މީހަކަށް މުޙްސިނަކަށް ވެވޭނީ ފަހެ ކިހިނެއްހެއްޔެވެ؟ ނާއުއްމީދީ ޚިޔާލުތަކާއެކީ އޭނަ އޭނަގެ ހޯދުންތައް ހުއްޓާލަން އުޅުނު ވަގުތު ޤުރުއާނުގައި މުޙްސިނުންނަކީ ކޮބައިތޯ ޖަހާފައި އޮތް ވީޑިޔޯއެއް އޭނައަށް ފެނުނެވެ. އެ ލިންކަށް އޭނައަށް ކްލިކް ކޮށްލެވުނީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވީޑިޔޯ ފެށުމާއެކު ފުރަތަމަ ފަހަރަށް އޭނައަށް ލެކްޗަރެއް ޝައުޤުވެރިކަމާއެކީ ބެލެން ފެށިއެވެ. ސީދާ ޤުރުއާނުގެ އާޔަތްތަކުން ދެކެވެމުން ދިޔަ ވާހަކަތައް އިވެމުން ދިޔަދިޔަހެން އޭނަ އަޖާއިބުވާ ގޮތްވިއެވެ. އޭނަ ހީކޮށްފައި އޮތް ގޮތުގައި ޤުރުއާނުގައި ގިނަވާނީ އާޚިރަތް ދުވަހާއި ނަރަކައިގެ ވާހަކައެވެ. ސުވަރުގެއަށާއި ފާފަފޮހެވިގެން ދިޔުމަށް އަވަސްވެގަތުމަށް އަމުރުކުރުކޮށް ހިތްވަރު ދީފައިވާނެ ފޮތެއް ކަމަށް އޭނަ ހިއެއްނުކުރެއެވެ. އާލު ޢިމްރާން ސޫރަތުގެ އެ އާޔަތްތަކުގެ ތެރެއިން މުޙްސިނުންގެ ސިފަތައް ސިފަކުރެވެމުން ދިޔަދިޔަހެން އޭނަގެ ހިތް ގެނބެމުން ދިޔައެވެ. ކުރީކޮޅު ސިފަވެގެން ދިޔައީ އޭނައަށް ކުރަން ނުހަނު އުނދަގޫ ކަންތައްތަކަށްވުމުންނެވެ. އޭނަ އެ ވީޑިޔޯވެސް ކްލޯޒްކޮށްލަން އުޅުނު ވަގުތު އެ އާޔަތްތަކުގައިވާ މުޙްސިނުންގެ އެންމެ ފަހު ސިފަ ބުނެދެވެން ފެށިއެވެ. އަދި އެމީހުންނަކީ ނުބައި ކަމެއް ކުރެވުމާއެކުހެން ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދޭ މީހުންކަމަށް ބުނެވިގެން ދިޔަ ހިނދު ވިޔާމް ހުއްޓުން އަރާ ގޮތްވިއެވެ. ހަމަ ޙަޤީޤަތުގައިވެސް ހޭ އޭނަގެ ހިތަށް އެރިއެވެ. އޭނަ ހީކޮށްފައި އޮތީ ‘ރަނގަޅު’ މީހުންނަށް ވެވޭނީ އޮޅިގެން ވެސް ދުވަހަކުވެސް އެއްވެސް ނުބައިކަމެއް ނުކުރާ މީހުންނެވެ. އޭނައަށް ކުރީގައި ފެނިފައިވި ‘ދީންވެރި’ މީހުންގެ ކިބައިން އޭނައަށް ނުސީދާ ގޮތެއްގައި ވިޔަސް ލިބިފައިވި ފިލާވަޅަކީ އެއީއެވެ. ކުޑައިރު އޭނައަށް ފާފައެއް ކުރެވުމުން އޭނަ ނަމާދުން ދުރުވީ ވެސް އޭނަ ކަހަލަ މީހަކު ނަމާދު ކުރަނީ ކީއްކުރަންތޯ ބުނެ އެމީހުން ކުރި ސުވާލުތަކުންނެވެ. އެހެނަސް މި ދީން ހާދަ ފުރިހަމައެވެ. އެއްވެސް ބަޔަކީ އަނެއްބައެއްގެ މައްޗަށް މާ ޤަދަރުވެރިވެގެންވާ ބަޔަކު ކަމުގައި ނުވެއެވެ. އެހެނީ އެންމެންނަކީ ވެސް ފާފަ ކުރެވޭނެ މީހުންނެވެ. ވިޔާމް އަމިއްލަ ޚިޔާލުތަކުގައި ހުއްޓާ އެ ލެކްޗަރުން އާޔަތުގެ ދެން އޮތް ބައި އިވުމުން އެ ހިތަށް ލޮޅުމެއް އައެވެ. ފާފަ ފުއްސަވާނީ ﷲ ނޫން ދެން ކޮންފަރާތެއްތޯ ސުވާލުކުރެވުނު ހިނދު އޭނަގެ ލޮލުން ދިލަ ނެގުމުން އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. ފާފައެއް ކުރެވުމުން އެކަލާނގެ ހަނދުމައިން ކިތަންމެ ދުރުވާން މަސައްކަތް ކުރިޔަސް އެކަލާނގެއާއި ދެކޮޅަށް އަހަރުމެންނަށް އެހީވެދޭނީ ކޮން ފަރާތެއްތޯ އެ ނަޞޭޙަތް ދިން މީހާ ސުވާލު ކުރި ހިނދު ވިޔާމަށް ނޭނގި އޭނަގެ ލޮލުން ކަރުނަ ހިލުނެވެ.
އެދުވަސްފަހުން ވިޔާމަށް ނޭނގުމެއްގެ ތެރެއިން އޭނަގެ ޙަޔާތް ބަދަލުވާން ފެށިއެވެ. އޭނައަށް ގިނަގިނައިން އޮންލައިން ކޮށާއި އެކި އެކި ތަންތަނަށް ގޮސްވެސް ދަރުސްތައް އަޑުއެހެން ފެށިއެވެ. ނޭނގޭ ސަބަބަކާހުރެ އެ ދަރުސްތައް އަޑުއަހަން ފެށުމުން އޭނަ އޭނަގެ ބުއިންތަކާއި ވެސް ދުރުވިއެވެ. އާ ‘ދެވިހިފުމެއް’ އޭނަގެ ކަށީގައި ހިފަން ފެށި ފަދައެވެ. ދެރަވެ ހާސްވާ ކޮންމެ ފަހަރަކުހެން އޭނައަށް ލަވައެއްގެ ބަދަލުގައި ޤުރުއާން ޚިޔާރުކުރެވެން ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނައަށް ދުވަހަކުވެސް ނުލިބޭފަދަ ހިތްހަމަޖެހުމެއް ލިބެއެވެ. އެ ހިތްހަމަޖެހުން ލިބެން ފެށިތާ މާ ގިނަދުވަހެއްނުވެ އޭނަ ނަމާދުވެސް ކުރަން ބޭނުންވިއެވެ. އެކަމަށް އެންމެ ޝަޢުޤުވެރިވީ ޓީވީގެ ކޮންމެވެސް ޗެނަލަކުން ނަމާދު ކުރާ ގޮތް ނަމާދުގައި ކިޔާ އެއްޗެހީގެ މާނައާއެކީ ފެނުމުންނެވެ. ނަމާދުގައި ކިޔޭ ޒިކުރުތައް ދަސްވި ވަރަކުން ދަސްކުރަމުން ގޮސް ވިޔާމް އެންމެ ފުރަތަމަ ނަމާދުކުރަން ފެށީ ސިއްރުސިއްރުން ގޭގައެވެ. އެހެނަސް އޭނަ އެކަން ފޮރުވަންވީ ރަނގަޅު ސަބަބެއް ނުފެނުމުން އޭނަ މިސްކިތަށް ވެސް ދާންފެށިއެވެ. ފުރަތަމަ ފަހަރަށް ފަތިސް ނަމާދު ވަގުތަށް މިސްކިތަށް ދެވުނު ދުވަހަކީ ވިޔާމްގެ ޙަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަހަށްވިއެވެ. އޭރު އޭނަ ހިތާމަކުރަންވީ އެތައް ސަބަބެއްވީ ނަމަވެސްއެވެ. ތައުބާވި ފަހުން އޭނަ އެކަން ނޭންގިއެއްކަމަކު ބައްޕައާއި އޭނަގެ ޚިޔާލު ތަފާތުކަމުން އޭނައާއި ބައްޕަގެ ގުޅުންވަނީ ހީނަރުވެފައެވެ. ކުރީގައި އޭނަ ގެންގުޅުނު އެކުވެރިން ޙިއްޞާ ކުރާ ނުބައި އެއްޗެހީގެ ސަބަބުން އޭނަ ލަސްލަހުން އެ ހުރިހާ އެކުވެރިން ވެސް ދޫކޮށްލިއެވެ. އޭނަގެ އަތުގައި ހުރި ބޮޑުބޭބެގެ ލާރި ޞަދަޤާތަށް ދީފައި ފުރަތަމަ ފަހަރަށް އާދައިގެ ވަޒީފާއެއް އޭނަވަނީ އަދާކުރަން ފަށާފައެވެ. މި ހުރިހާ ކަމަކުން އޭނަގެ ހިތަށް ބުރަކަމެއް ލިބުނެއްކަމަކު އެ ފަތިސް ނަމާދުން އެ ހުރިހާ ބުރަކަމެއް ފިލައި އޭނަގެ ހިތަށް ލުއެއްލިބުނެވެ. ނަމާދު ކުރި ހިނދު އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ދުވަހަކުވެސް ނުފެންނަ ފަދަ ހިނިތުންވުމެކެވެ. ސަލާން ދިން ވަގުތު އޭނަގެ ހިތް ދެރަވާ ގޮތްވެސްވިއެވެ. ﷲ ގެ ބަސްފުޅު އަޑުއަހަމުން ދިޔަ އެ ރީތި ވަގުތުކޮޅު ނިމުމަކަށް އައުމުންނެވެ. ސަލާމް ދިނުމަށްފަހު އޭނަ ދަސްކޮށްފައިވާ މަދު ޒިކުރުތައް ކިޔާލާފައި އޭނަ ދާން އުޅުނު ވަގުތު ފަހަތުން މީހަކު އޭނަގެ ނަމުން ގޮވާލި އަޑު އިވުނެވެ. އޭނަ ފަސްއެނބުރި ބަލާލި ވަގުތު އެތާ ހުރީ ފުރިހަމަ ހިނިތުންވުމެއްގައި ހުރި ޝަރަފެވެ.
“ހާދަ ދުވަހެއްވެއްޖެއޭ ނުފެންނަތާ. ކިހިނެއްތަ؟” ވިޔާމަށް ބޮޑު ބަދަލެއް އައިސްފިކަން ދަނެގެން ޝަރަފް އަޅާލާ ފަދައަކުން ސުވާލުކުރިއެވެ. ޝަރަފް ފެނިފައި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު މިންވަރުން ވިޔާމަށް އިސްޖަހާލެވުނެވެ. އަމިއްލަ ވިސްނުމެއްގެ ތެރޭގައި އިރުކޮޅެއް ވަންދެން ހުރުމަށްފަހު ވިޔާމް އިސްއުފުލާލިއެވެ.
“އައިމް ސޮރީ ޝަރަފް.” ފުން މާނައެއް އެކުލެވޭ ފަދައަކުން ވިޔާމް ބުނެލިއެވެ. އެ ބަސްތައް އިވިފައި ޝަރަފްގެ ހިނިތުންވުން އުޖާލާވުން ނޫންކަމެއް ނުވިއެވެ. އޭނަ ވިޔާމްގެ ކޮނޑުގައި ޖަހާލަމުން ވިޔާމްގެ ގައިގައި ބާރަށް ބައްދާލިއެވެ. ޝަރަފްގެ ހިތްހެޔޮކަން އިޙްޞާޞްކުރެވުމުން ވިޔާމަށް ހިނިތުންވުލެވެވުނެވެ. އޭނަގެ ހުރިހާ އެކުވެރިން ގެއްލިފައިވިޔަސް މި އެއްއެކުވެރިޔާ އޭނައަށް ފުދޭނެހެން އޭނައަށް އެވަގުތު ހީވިއެވެ.
ޝަރަފް އެވަގުތުން ވަގުތަށް ވެސް ވިޔާމް އޭނައާއެކީ އޭނަ ކުއްޔަށް ހިފައިގެން އުޅޭ ގެއަށް ގެންދިޔައެވެ. އަދި ވިޔާމަކީ ނަބީހާއި ޝިނާޒަށް ވެސް ނޭނގޭ މީހަކު ފަދައިން އެމީހުންނަށް ވިޔާމް ތަޢާރަފު ކޮށްދިނެވެ. ޝިނާޒް ޝައްކެއްގެ މަތީގައި ހުރެ މީނައަށް އިތުބާރު ކުރެވޭނެތޯ ސިއްރުސިއްރުން ޝަރަފް ކައިރިން އެހިއެވެ. އޭގެ ޖަވާބުގައި މުނާފިޤުންނަކީ ފަތިސް ނަމާދަށް އަރާ ބައެއްނޫންކަމަށް ޝަރަފް ސަމާސާ ރާގަކަށް އެންމެންނަށް އިވޭވަރަށް އަންގާލީ އޭނައަށް ވިޔާމަށް އިތުބާރު ކުރެވުނު މިންވަރުންނެވެ. ވިޔާމް ދެން ގޯސް މަގަކުން ނުދާނެހެން އޭނައަށް ޔަޤީންވެފައިވި ފަދައެވެ.
ވިޔާމް ޙަޤީޤަތުގައި ވެސް ތައުބާވެއްޖެކަން ޝިނާޒާއި ނަބީހަށް ވެސް ޔަޤީންވުމުން އެމީހުން ވިޔާމް ވެސް އެ ރިސޯޓުގެ މަސައްކަތުގައި ބައިވެރި ކުރަން ބޭނުންވިއެވެ. އެހެނަސް ވިޔާމް އެގޮތަށް ޤަބޫލުނުވިއެވެ.
“އަދިވެސް ބޮޑުބޭބެއަށާއި ބައްޕައަށް މިކަން ފޮރުވައިގެން މިއުޅެނީ. ބޮޑުބޭބެމެން ހީކުރަނީ އަހަރެން މި ރަށުގަ މިހިރީ ޝަރަފްމެންނަށް ގެއްލުމެއް ދޭންހެން. އެހެންވެ އެމީހުންގެ ފަރާތުން ޝަރަފަށް މިހާރު އުނދަގުލެއް ނުފޯރަނީ. އަހަރެން ބޭނުންވި ޝަރަފަށް ޖާސޫސްކުރަން ފޮނުވާފައި ތިބި މީހުން އަނބުރާ ފޮނުވާލަން ވެސް. އެކަމަކު އެމީހުން ފޮނުވާލީމަ ވެސް ބައްޕަމެންނަށް އެނގޭނެ. އަހަރެން ޝަރަފްމެންނާ ދުރުދުރުން އުޅެން ވެސް މި މަސައްކަތް ކުރަނީ އެމީހުންގެ ތެރެއިން މީހަކަށް އެނގި އެމީހުން މިވާހަކަ ބައްޕައަށް އަންގަފާނެތީ. އެމީހުން އާއްމުގޮތެއްގަ އަހަރެން މެދުވެރިވެގެން ނޫނީ ބައްޕަމެންނާ ވާހަކަ ނުދައްކާނެ. އެކަމަކު މާ ބޮޑު ކަމެއް ނުވީމަ ބައްޕަ ދޭތެރެއަކުން އެމީހުންނަށް ގުޅާ. އަހަރެން މި ނިންމީ ޝަރަފް ރިސޯޓު އަޅައި ނިމެންދެން މިކޮޅުގަ ހުންނަން. އިން ޝާ ﷲ!” ވިޔާމް ބުނެލިއެވެ. އެ ވާހަކަ އަޑުއަހަން ތިބި 3 މީހުންނަށް ވެސް އެ ވާހަކައަށް ބޯޖަހާލެވުނެވެ.
ކަންވެގެން ދިޔައީ ވިޔާމް އެ ސިފަކުރި ފަދައިންނެވެ. ރަމީޒާއި އަހުމަދު އަރާމުގައި ތިބީ ވިޔާމް އެމީހުންގެ މަސައްކަތް ކުރާނެކަމަށް ވަކީލުކޮށްގެންނެވެ. ފުރަތަމަ 2 މަހެއްހާ ތެރޭގައި ވިޔާމަށް ގުޅާފައި ވެސް އަހުމަދު އެކަމާބެހޭ އެއްވެސް ސުވާލެއް ނުކުރީ އޭނައަށް ވިޔާމަށް އިތުބާރު ކުރެވުނު މިންވަރުންނެވެ. ރިސޯޓުގެ ބޮޑެތި ބައިތައް ނިންމަމުން ޝަރަފް ފޮޓޯ ލަމުން ދާ ވާހަކަ ރަމީޒް ބުނުމުން ވެސް އަޙްމަދު އެއީ އެއްވެސް ކަމެއް ނޫންކަމަށް ބުނެބުނެ ހުރީ އެހެންވެއެވެ. ރަމީޒް ޖާސޫސް ކުރާ މީހުންނަށް ގުޅަން އުޅުނެއްކަމަކު އޭނައަށް އޭގެއިން އެއްވެސް މީހެއް ނަންބަރެއް ނޭނގުނެވެ. ނަންބަރެއް ހޯދަނ ވިޔާމަށް ގުޅައިފިނަމަ ވިޔާމް އޭނައަށް ކުރޭ އިތުބާރު ހީނަރު ވެދާނެކަން ދަނެގެން ރަމީޒް ހިމޭނުން އިނެވެ.
ރަމީޒަށް ރިސޯޓުގެ ފޮޓޯތަކުން މާ ބޮޑު އަސަރެއް ނުކުރިއެއްކަމަކު އެއިން ކޮންމެ ފޮޓޯއަކީ އަފާފްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިން ފޮޓޯއަކަށްވިއެވެ. ރިސޯޓުގެ މަސައްކަތް ނިމެމުންދާހާ އަވަހަކަށް އޭނަ ޝަރަފާއި ބައްދަލުވާނެކަން އެނގުންވާތީވެއެވެ. މީގެ މަސްތަކެއް ކުރިން ޝަރަފް އުޅެމުންދަނީ ރިސޯޓުގެ މަސައްކަތުގައި ކަން ޒޯގެ ފަރާތުން އޭނައަށްވަނީ އެނގިފައެވެ. އެދުވަސްފަހުން އަފާފް ދޭތެރެދޭތެރެއިން ޝަރަފަށް މެސެޖުތައް ފޮނުވަމުން ދިޔައެވެ. ޝަރަފް ޖަވާބު ނުދިން ކަމުގައި ވިޔަސް އެކިއެކި އާޔަތްތައް ޙިއްޞާކޮށް އޭނައަށް ހިތްވަރުދީ ދަރިފުޅުގެ ވާހަކަތައް ވެސް ކިޔައިދެމުން ދިޔައެވެ. ޝަރަފް ޖަވާބެއް ނުދޭ ކޮންމެ ފަހަރަކު އަފާފްގެ ހިތްދަތިވިއެއްކަމަކު ޖަވާބެއް ނުދޭނީ އެންމެ ރަނގަޅަކަށްކަން އަފާފަށް ވިސްނުނެވެ. އެ ހިތްދަތިކަން ޝަރަފާއި މުޅިން ގުޅުން ކަނޑާލަން އަފާފަށް އެންގިއެއްކަމަކު އޭނަ ދެގޮތެއްނުވާ ގޮތެއްގައި ޝަރަފަށް ހިތްވަރު ލައިދެމުން ދިޔައީ ޝަރަފަށް ކުރާ އިތުބާރެއްގެ ސަބަބުންނެވެ. އަދި ޝަރަފްދެކެ ވާ ލޯތްބެއްގެ ސަބަބުން ވެސްމެއެވެ.
ކިތަންމެ ދުރުގައި ހުއްޓެއްކަމަކު ޝަރަފަށް އަފާފްގެ އެ ލޯބި އިޙްޞާޞް ކުރެވުނެވެ. ފަހަކަށް އައިސް ހުރިހާ ވަގުތަކުހެން އޭނަ ހިނިތުންވުމެއްގައި ހުންނަ މަންޒަރު ފެންނަމުން ދިޔައީ ވެސް އެހެންވެއެވެ. ދަރިފުޅަކީ އަންހެން ކުއްޖެއްކަން އެނގުނު ދުވަހުއްސުރެ އެދެމީހުންގެ ދެމެދުގައި ކުރެވުނު ސަމާސާތަކުގެ މަތިން އަފާފް ހަނދާން ކޮށްދިނުމުން ޝަރަފަށް ދޭތެރެ ދޭތެރެއިން ހެވެން ވެސް ފެށިއެވެ. އޭނައަށް އަފާފަށް ޖަވާބެއް ނުދެވި ހުރެވެނީ ކިރިޔާއެވެ. އަފާފްގެ މެސެޖެއް ފެނިފައި ޖަވާބު ނުދޭންވުމުން އޭނަގެ ހިތަށް އިންތިހާއަށް ދަތިވިއެއްކަމަކު އޭނަ އެގޮތް ދެމެހެއްޓީ ދެންވެސް ފަރުވާތެރި ވުމަށެވެ. ނުރައްކަލުގެ އެއްވެސް އިންޒާރެއް މިހާރު ނުލިބުނެއްކަމަކު އޭނަ އަފާފާއި ވާހަކަ ދައްކަން ފަށައިފިނަމަ ނޭނގި ނަމަވެސް ވިޔާމްގެ ވާހަކަ އޭނައަށް ބުނެވިދާނެހެން ޝަރަފަށް ހީވަމުން ދިޔައެވެ. ވިޔާމްގެ ވާހަކަ ފެތުރިއްޖެނަމަ އޭނަ މިހާ ހިސާބަށް ކޮށްފައިވި މަސައްކަތް ބިމާ ހަމަވެދާނެކަމުގެ ބިރު އޭނައަށް ހީވެފައިވިއެވެ. އަދި އަމުދުން އެއާއި ވިދިގެން އަފާފަށް މިއަދު ލިބިފައިވި ނިކަމެތިކަމަށްވުރެ ވެސް ބޮޑު ނިކަމެތިކަމެއް އަފާފަށާއި އެމީހުންގެ ދަރިފުޅަށްވެސް ލިބިދާނެހެން ހީވިއެވެ. އަފާފްގެ ބަނޑަށް 8 މަސް ފުރުނު ދުވަހު އޭނަ ފޮނުވި އަލްޓްރާ ސްކޭންގެ ފޮޓޯތައް ފެނިފައި ޝަރަފަށް ހިނިތުންވެލެވުނު ވަގުތު އޭނަގެ އެސްފިޔަތައް ތެމުނެވެ. އެ ފޮޓޯތަކުގެ ޖަވާބުގައި އޭނައަށް ކެތްނުކުރެވިގެން ލޯބިން ފުރިގެންވި މެސެޖެއް ލިޔެވެން އުޅުނެވެ. އެހެނަސް އޭގެ ނަތީޖާ ނެރެފާނެ ގޮތަކާމެދު ވިސްނުމުން ޝަރަފް ހަމައެކަނި ފޮނުވާލީ ހިތެކެވެ. އޭގެ ޖަވާބުގައި އަފާފްވެސް ގިނައިރު ވަންދެން ޓައިޕް ކޮށްފައިވެސް ހަމައެކަނި އިމޯޓިކޯންއެއް ފޮނުވާލި ގޮތުން އަފާފަށްޓަކައި އިތުރު ލޯތްބެއް ޝަރަފްގެ ހިތުގައި އުފެދުނެވެ. އަފާފް ވެސް ވާހަކަ ދައްކަން ބޭނުންވެ ހުރެ ކޮންމެވެސް ސަބަބެއްވާކަން އެނގި އޭނައަށް ފަސޭހަ ކޮށްދިނީކަން އެނގުންވުމުންނެވެ.
އޭގެ ދެ ހަފްތާއެއްހާ ދުވަސްފަހުން ރިސޯޓުގެ ހުރިހާ މަސައްކަތެއްނިމި ހުޅުވުމުގެ ރަސްމިއްޔާތަށްޓަކައި ތައްޔާރީތަކެއްވެވެން ފެށުމުން ޝަރަފަށް ހީވީ ހުރިހާ އުފަލެއް އެއްފަހަރާ އޭނަގެ ފަސްބަޔަށް އެޅުނީ ހެންނެވެ. އޭނަގެ ޙަޔާތުގައި ދެން ކަންތައް ހިނގާނެ ގޮތް ވަރަށް ސީދާ ސާދާކޮށް އޭނައަށް ޚިޔާލު ކުރެވެމުން ދިޔައެވެ. އޭނަ އަބަދުވެސް ހުވަފެނުން ދެކެމުން އައި އެ ރިސޯޓު ޝާހީ ގޮތަކަށް ހުޅުވި އެތަނުގެ ސަބަބުން ގިނަ ބަޔަކަށް ހިދާޔަތް ލިބިގެންދާ ގޮތެވެ. އަދި އެ ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލާފައި އޭނަ ހަމަ އެރޭ އަފާފާއި ބައްދަލުކުރަން މާލެއަށް ފުރައިގެންދާނެ ގޮތެވެ. އެއަށްފަހު ދުވަސްކޮޅެއް ފަހުން އެމީހުންނަށް ލޯބިލޯބި އަންހެން ކުއްޖަކު ލިބި އެމީހުންގެ ޙަޔާތަށް އުފާވެރި ނިމުމެއް އަންނަ ގޮތެވެ. މިހުރިހާ ކަމެއްގެ ތެރެއިން ޝަރަފް ހަނދާން ނެތިފައިވީ އޭނަގެ އެ ކާމިޔާބީތަކާމެދު ދަތްވިކިވިކި ތިބި ދެމީހަކު އަދިވެސް ތިބިކަމެވެ. ރަމީޒްމެންނަށް ހުރިހާ ކަމެއް ފަޅާއެރީ ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތު އޮތް ދުވަހުގެ މެންދުރު ވަގުތެވެ. ވިޔާމް އެ ވަގުތުގައި އެ ހުރިހާ ޖާސޫސުން އެމީހުންގެ ރަށްތަކަށް ފޮނުވާލީ ދެން އިތުރުކަމެއް ބޮޑުބޭބެއަށާއި ބައްޕައަށް ނުކުރެވޭނެއޭ ހިތާއެވެ.
“އެހެރީ ކަލޭގެ ދަރި ކުރާ ކަންތައް!” ރަމީޒް އޭގެ ތެރެއިން މާލެއަށް އައި މީހަކު ބޭރުތެރެއިން ފެނިފައި ގެއަށް ގެނެސް ވާހަކަ ދެއްކުމާއެކުހެން ތަށިތައް ތަޅައިގެން ދިޔަ އަޑު އިވިގެން ދިޔައެވެ.
“ތިއީ ޤަބޫލު ނުކުރެވޭ ވާހަކައެއްނޫން. ވިޔާމް އަހަންނަކަށް އޮޅުވައެއްނުލާނެ.” އަހުމަދު ކުރިއަށް ޖެހިލަމުން ޔަޤީންކަމާއެކީ ބުނެލިއެވެ.
“ނޫން. އޭނަ މިހާރުވަނީ އިޞްލާޙުވެފަ. އޭނަ ނަމާދުވެސް ކުރޭ. ނަމާދަށް ދަނީވެސް ޝަރަފްމެންނާއެކީގަ. އަޑުއެހީ އެއްދުވަހު އޭނަ ތަނަކުން ވެއްޓެން އުޅެނިކޮށް ޝަރަފް އޭނަ ސަލާމަތް ކުރިފަހުންނޭ އޭނަ ރަނގަޅުވީ.” އެ މީހާ ކިޔައިދިނެވެ.
“ތިއޮތީ ވެގޮހެއްނު؟ އަވަހަށް އަތްތިލަ ބަޑި ޖަހާ! މަށަކަށް ނޭނގޭ އަހުމަދު ވެސް ވިސްނާ ގޮތެއް މިހާރު. މަށަށް އެނގޭ ކަމަކީ އެ ރިސޯޓު މަޝްހޫރު ވެއްޖެއްޔާ މަ ބަނގުރޫޓު ނުވިޔަސް އަހުމަދު ބަނގުރޫޓުވާނެކަން. އެކަމަކު އަހުމަދު މަސައްކަތެއް ނުކުރިޔަސް މަ ނުހުންނާނަން ކަމެއް ނުކޮށް. އަދިވެސް ލަހެއް ނުވޭ އެ ޝަރަފް ޢައްބާސް ހަލާކުގެ ތެރެއަށް ވައްޓާލަން. އޭނަ އެ އުޅެނީ އޭނައަކީ ކާކުކަން ހަނދާން ނެތިގެން!” ރަމީޒް ބުމަގޮށްޖެހިފައިހުރެ ސާބިތުކަމާއެކީ ބުނެލިއެވެ. އޭގެ ގަޑިއިރުތަކެއްގެ ތެރޭގައި ރަމީޒް ހުރީ ޝަރަފްގެ ރިސޯޓު ހެދުނު ރަށަށް ދެވޭ ފްލައިޓް މަތީގައެވެ. ރަމީޒްގެ ބަހަށް ހެއްލިގެން އަހުމަދުވެސް އޭނަގެ ފަހަތުން ދިޔައީ ވިޔާމަށް ނުރުހުންވެފައި ހުރެއެވެ. ފްލައިޓަށް އަރައި ރަމީޒް ފްލައިޓް މައްޗަށް ނާރަނީސް މި ކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނަ ރާވާނެ ރޭވުން ނިންމާލިއެވެ. އަދި އޭނަގެ ފޯނުން ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ…..މިއީ ރަމީޒް.” ރަމީޒް ބުނެލިއެވެ.
**
އެދުވަހުގެ ހަވީރުވާން ގާތްވެފައި ވަނިކޮށް އަފާފް އޭނަގެ ދެވަނަ ވަޒީފާގެ މަސައްކަތެއްގައި ނުހަނު ބުރަކޮށް ހުއްޓާ ކެބިންގެ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އެ މޭޒާއި ދުރުގައި ހުރެ ފައިލް ކުރަމުން ދިޔަ ގަނޑުތަކާއެކީ ފޯނުގެ ކައިރިއަށް ގޮސް ގުޅަނީ ކާކުތޯ އަފާފް ބެލިއެވެ. އެހެނަސް އެއީ ނޭނގޭ ނަންބަރަކަށް ވުމުން އަފާފް އަޅާލުމެއްނެތި އޭނަގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ދެންވެސް ހުއްޓުމެއްނެތި ހަމަ އެ ނަންބަރުން ތަކުރާރުކޮށް އޭނަގެ ފޯނަށް ގުޅިއެއްކަމަކު އަފާފް އެއީ ނުވާކަމަކަށް ހަދާލީ އެވަގުތު ކުރަމުން ދިޔަ މަސައްކަތް ބުރަވެފައި ފަހުން އެ ނަންބަރަށް ގުޅަން ނިންމަމުންނެވެ. ވަކި ހިސާބަކުން މަސައްކަތުގެ ތެރެއަށް ގެއްލުނުވަރުން ފޯނު ވައިބްރޭޓްވާކަން ވެސް އޭނަ ހަނދާންނެތޭ ގޮތްވިއެވެ. އެ ހުރިހާއިރު ފޯނު ދިޔައީ ވައިބްރޭޓްވަމުންކަން އޭނައަށް އެނގުންވީ ވެސް އެ ފޯނު މޭޒުމަތިން ވެއްޓި، ތަޅައިގެން ދިޔުމުންނެވެ. އަފާފަށް ވަގުތުން ގޮސް އޭނަގެ ފޯނު އޮތް ޙާލަތު ބަލާލެވުނެވެ. އެ ފޯނުގެ ސްކްރީން ތަޅައިގެން ގޮސް ބިއްލޫރި ކޮޅުތައް މުޅި އެ ތަންކޮޅަށް ފެތުރިފައިވިއެވެ. މިހާ އަތްމަތި ދުވަސްވަރެއްގައި އޭނަގެ ފޯނު ހަލާކުވެގެން ދިޔުމުން އަފާފްގެ ހިތް ދެރަވާ ގޮތްވިއެވެ. އެހެނަސް އެކަމާމެދު މާ ބޮޑަށް އަޅާލުމެއްނެތި އޭނަ އެދުވަހުގެ މަސައްކަތް ނިންމާލާފައި އޭނަ ޕާޓް ޓައިމަށް މިހާރު އަދާކުރާ އެ ވަޒީފާއިން ގެއަށް ދިޔައެވެ.
ގެއަށް ގޮސް އޭނަގެ ފޯނު ހަލާކުވީ ވާހަކަ އެހެން މީހަކު ގާތު ނުވެސް ބުނެވެނީސް ގޭގެ ބެލް ވަރަށް އަވަހަށް ޖެހެން ފެށި އަޑު އަފާފަށާއި ހުސެއިނަށާއި ޝާދިޔާއަށް ވެސް އިވުނެވެ. އަފާފް ދިގު ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލިއިރު ދޮރު މަތީގައި ހުރީ ބުރުގާ އަޅައިގެން ދިގު ހެދުމެއްގައި ހުރި ފައިހާއެވެ. އެކަމާމެދު އުފާ ފާޅުކުރަން އުޅުނެއްކަމަކު ފައިހާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމުން އަފާފަށް އެއްޗެކޭ ނުބުނެ ހުރެވުނެވެ.
“އަފާފް! އެމީހުން އުޅެނީ މިރޭ ޝަރަފްގެ ރިސޯޓަށް އަންނަ އެންމެންނަށް ރާ ދޭން. އަދި ޝަރަފަށް ރާ ދީފަ ޒަހަރުވެސްދޭން!!” ފައިހާ ރޮވެން ކައިރިވެފައިހުރެ ކިޔައިދިން ވާހަކައިން އަފާފްގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. އެހެނަސް ފައިހާގެ ވާހަކަތައް އަޑުއަހަން އޭނައަށް ހުރިގޮތަށް ހުރެވުނެވެ.
“މި…މިއަދު އަހަރެންގެ ކުރީގެ ލޯބިވެރިޔާ އަހަންނަށް ގުޅީ. އަހަރެން ބޭނުމޭ ކިޔާފަ. އޭނަ ދެއްކި ވާހަކަތަކުގެ ތެރެއިން ބުނީ ތިމަންނައަކީ މިހާރު ނަލަ ފުށި ރިސޯޓުގެ ޝެފްއެކޭ. ރަމީޒްއޭ ތިމަންނަގެ ވަޒީފާ އޮޅުންގަނޑެއްގެ ތެރެއިން ހަމަޖެއްސީ. ތިމަންނަ ގޮއްސަ ކުރަންވީ ކަންތައް އޭނަވަނީ ކިޔައިދީފައޭ. އެއީއޭ އޭނަގެ މޮޅުކަމަކީ. ކިޔައިދީފަ ދެންމެ ބުނި ވާހަކަތައް ކިޔައިދިނީ. އަފާފް ޕްލީޒް ޝަރަފަށް ގުޅާފަ އަންގަބަލަ.” ފައިހާ އެދުނެވެ. އެއާއެކު އަފާފަށް އޭނަގެ ފޯނު ނެގެން އުޅުނެވެ. އެހެނަސް މިއަދު އޭނަގެ ފޯނު ހަލާކުވެއްޖެކަން އެނގި އޭނަ ވަގުތުން މަންމަގެ ފޯނު ހޯދިއެވެ. އަދި އެއަށްފަހު ޝަރަފްގެ ފޯނަށް ގުޅައި ކަންފަތުގައި ޖެއްސިއެވެ. މާ ގިނައިރެއްނުވެ ފޯނު އެންގޭޖްވެފައިވި އަޑު އިވިފައި އަފާފްގެ ނިތުން ދާތިކިތައް ހިއްލިއެވެ.
**
އެދުވަހުގެ އެ ވަގުތު ޝަރަފް އުޅެމުން ދިޔައީ އެތައް މަސައްކަތެއްގެ ތެރޭގައެވެ. ރިސޯޓަށް އަންނަން އުޅޭ ޚާއްސަ މެހުމާނުންނަށް ދަޢުވަތު އެރުވިފައިވިޔަސް އިތުރު ކުންފުނިތަކަށް ގުޅައި އެ ކުންފުނިތަކުގެ ބައެއް މުވައްޒަފުންނަށް ވެސް އޭނަ އަމިއްލައަށް ގުޅައި ދަޢުވަތު އެރުވިއެވެ. އޭނައަށް އެންމެ ފަހުން ގުޅުނު ކުންފުންޏާއި ވާހަކަ ދައްކަން ހުއްޓާ ޝިނާޒް ކޮންމެވެސް ކަމަކު އޭނައަށް ގޮވުމުން ޝަރަފް މޭޒުމަތީގައި ފޯނު ބާއްވާފައި އޭނަ ގާތަށް ދިޔައެވެ. އެ ހިނދު އެ ފޯނަށް 3 މިސްކޯލު އައިސްފައިވިކަން ނޭނގުނީ އޭނައަށް އެ ފޯނަށް ނުވެސް ބެލުނީތީވެއެވެ. ފޯނު ދެންވެސް ރިންގުވާން ފެށިކަން އޭނައަށް ނޭނގުނީ އޭނަ މާ ދުރަށް ގޮސްފައިވުމުންނެވެ.
**
“އޭނަ ފޯނެއްނުނަގާ. މަންމަގެ ފޯނުގަ އޮންނާނެތަ ޒޯގެ ނަންބަރު؟ އަހަރެން ހަނދާނެއްނެތް.” އަފާފް އެހިއެވެ. އެހެނަސް އެއީ ޝާދިޔާ ދަންނަ ނަންބަރަކަށް ނުވިއެވެ. ކަންބޮޑުވުން އިތުރުވެގެން ދިޔުމުން އަފާފް ޝަބާއަށް ގުޅައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި ޝަބާއަށް ޝިނާޒްގެ ނަންބަރު އެނގޭތޯ ވެސް ބަލައި ހޯދިއެވެ. އެހެނަސް ޝިނާޒް އައި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޝަބާއަށް އެ ނަންބަރު ލިބިފައިވާ ކަމަކަށް ނުވެއެވެ. ޝަބާ ވެސް ހާސްވި ވަރުން އޭނަ ހަމަ އެވަގުތު އެގެއަށް ދިޔައެވެ. އަދި ސޯފާގައި އިނދެ ތަކުރާރުކޮށް ޝަރަފަށް ގުޅަމުން ދިޔަ އަފާފް ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ.
“އޭނަ ވަރަށް ބިޒީވާނެއެއްނު މިއަދު؟ އެހެންވެ ނުނެގެނީ.” ޝަބާ އަފާފްގެ ކޮނޑުމަތީގައި އެއްއަތް އަޅާލަމުން ބުނެލިއެވެ. އޭރުއްސުރެ އެއްފަހަރުވެސް ޝަރަފް ފޯނު ނުނެގުމުން އަފާފް މާޔޫސްވާ ގޮތްވިއެވެ. އޭނަ މި ގުޅަނީ ބޮޑު ކަމަކުކަމަށްބުނެ އޭނަގެ ހިތް ރޮމުން ދިޔައެވެ. އެހެނަސް 10 ވަނަ ފަހަރަށް ވެސް ފޯނު ކެނޑިގެން ދިޔުމުން އަފާފް އެކަން ހުއްޓާލިއެވެ. އެއަށްފަހު ކުއްލިއަކަށް ހުސެއިނަށް ބަލާލިއެވެ.
“އަހަރެން ބޭނުން އެތަނަށް ފުރައިގެން ދާން. މިހާރު!” އަފާފް ސާބިތު މޫނަކާއެކީ ބުނެލި ވާހަކައިން އެންމެންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. އަފާފް އެ ޙާލަތުގައި ދަތުރު ކުރާނީ ކިހިނެއްތޯ ބުނެ އެންމެން ވާހަކަ ދައްކަން ފެށިއެވެ. އެހެނަސް އަފާފް ހުރީ ގޮތް ދޫކުރާ ގޮތެއްގައެއް ނޫނެވެ. އޭނަ މެސެޖެއް ފޮނުވިޔަސް ޝަރަފަށް ނުފެނި ހުރިހާ ކަމެއް ގޯހުން ގޯހަށް ހިނގައިދާނެތީވެއެވެ. އޭނަ ބޭނުންވީ އޭނައަށް އެ ގޯސްވުން ހުއްޓޭނެކަން ޔަޤީންކުރާށެވެ. އަފާފްގެ އެ ވަރުގަދަ ޢަޒުމުގެ ސަބަބުން އެކަކަށްވެސް އޭނަގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އެންމެ ފަހުން ހުސެއިން ޖެހުނީ އެންމެ ރަނގަޅޭ ބުނެ އަފާފާއެކީ ފުރަން ދަތުރު ހަދާށެވެ.
**
އަފާފަށް ހީވެފައި އޮތީ ރަނގަޅަށެވެ. ޝަރަފް މުޅި އެދުވަސް ހޭދަކުރީ އޭނަގެ ފޯނާއި ދުރުގައެވެ. ޝަރަފަށް އޭނަގެ ފޯނަށް ކޯލްތައް އައިސްފައިވިކަން އޭނައަށް ފާހަގަވެސް ވީ ހުޅުވުމުގެ ރަސްމިއްޔާތަށް ދިޔުމަށްޓަކައި ޝަރަފް އާ ކޯޓު ފަޓުލޫނު ލައިގެން ރީތިވާ މޭޒު ކައިރީގައި ހުއްޓި ހުރި ވަގުތެވެ. އެތައް ދުވަހެއް ފަހުން އެގޮތަށް ރީތިވެލެވެމުން ވެސް އޭނަގެ ހަނދާނަށް އައީ އަފާފެވެ. އަފާފަށް މިރޭ އޭނަ ފެންނާނެނަމައޭ ހިތަށްއެރިއެވެ. ޝަރަފް އަމިއްލަ ޚިޔާލުތަކަށް ގެއްލެން އުޅުނު ވަގުތު ޝިނާޒް ލަސްވެގެން ބޭރުން އޭނައަށް ގޮވާލިއެވެ. އެއާއެކު ޝަރަފް އެ މޭޒުމަތީގައި އޮތް ފޯނު ނަގައި ހުޅުވާލީ ގަޑި ބަލާލުމަށެވެ. އެހިނދު 13 މިސް ކޯލު ފެނިފައި ޝަރަފަށް ވަގުތުން އެއީ ކާކުތޯ ބަލާލެވުނެވެ. މައިދައިތަގެ ނަން ފެނިފައި ޝަރަފްގެ މެއަށް ނުބައި ގޮތެއްވިއެވެ. މިއީ އަނެއްކާވެސް މަންމަ ކޮންމެވެސް އެހެން އެއްޗަކާ ކުޅެން ކުރި މަސައްކަތުގައި އޭނައަށް ގުޅުނީކަމަށް ޝަރަފަށް ނިންމުނެވެ. އެހެންޏާ އެ މަންމަ އޭނައަށް ގުޅަންވީ ސަބަބެއްނެތެވެ. އަދި އެހާ ގިނައިންނެވެ. ޝަރަފް އޭނަގެ ހީކުރުން ހީކުރަމުން ދާން ހިނގައިގަތީ ޝިނާޒް ކޮޓަރިއަށް ބޯދިއްކޮށް އެބަ އަންނަންތޯ ސުވާލުކުރުމުންނެވެ.
ހުޅުވުމުގެ ރަސްމިއްޔާތު ފެށިގެން ދިޔަ ވަގުތަކީ ރިސޯޓުގެ ކައްކާ ބައެއްގައި ތިބި މީހުންގެ މަސައްކަތް ވަރަށް ބުރަވި ވަގުތަކަށެވެ. ފައިހާގެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ ފަސީހް އެއެންމެންގެ ބޮޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައެވެ. ފަސީހް ނިމެމުން ދިޔަ ކާއެއްޗެހީ ރަހަ ބަލަމުން އޭނަ އަޅަން ބުނި އެއްޗެއްގެ އަސަރު އެހާ ގަދަ ނޫންތޯ ބަލައި ޔަޤީންކުރިއެވެ. ކާއެއްޗެހި ތައްޔާރު ކުރުމުގައި އަވަދިނެތި ތިއްބާ ބޭރުން މީހަކު އެތަނަށް ވަދެގެން އައެވެ. އެމީހަކު ފެނިފައި ފަސީހްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“ކިހިނެއް ހުރިހާ ކަމެއް؟” ފަސީހްއާ ދިމާކޮށްލަމުން އެހެން އަހާލީ ރަމީޒް ނޫން ދެވަނަ މީހެއްނޫނެވެ.
“ބަރާބަރު!” ފަސީހް ބުނެލިއެވެ.
“އަހަންނަށާއި އަހުމަދަށް ޑްރިންކްތަކެއް އަޅާފަ ދީބަލަ. އަދި މިހާރު އެ ޝަރަފް އުޅެނީ ޕޯޑިއަމަށް އަރަން. އެ މަނިކުފާނުގެ ވާހަކަކޮޅު ނިމޭއިރަށް އޭނަ ބޯއެތިވެސް ހުންނަންވާނީ ތައްޔާރަށް. ނަގާބަލަ!” ރަމީޒް ބުނެލިއެވެ . އެއާއެކު ފަސީހް އޭނަ ގޮވައިގެން އެތާ ވަކިން ހުރި ކެބިނެޓެއްގެ ކައިރިއަށް ދިޔައެވެ. އަދި އޭނަ ފޮރުވައިގެން ގެންގުޅުނު ފުޅިއަކުން ރަމީޒަށާއި އަހުމަދަށްވީ ތަށްޓަށް އެޅިއެވެ. އަދި ޝަރަފްމެންނަށް ވީ ހަމަ އެކުލައިގެ އެހެން ބުއިމެއް ހަމަ އެއްވައްތަރެއްގެ އެހެން ތަށިތަކަށް އެޅިއެވެ.
“މީތި އަޅަންވީ ތި ތަށްޓަށް!” ރަމީޒް ދުރުބަލަމުން އޭނަގެ ކޯޓުގެ ތެރެއިން ކޮންމެވެސް ކުނޑިއެއް ހުރި ޕެކެޓެއް ނަގައި ފަސީހަށް ދިއްކޮށްލިއެވެ. އެއަށްފަހު ފަސީހަށް ކޮންތަށްޓެއްކަން ސާފުކޮށްނުދީ ރަމީޒް ދިޔައެވެ. ރަމީޒް އޭނައަށް ދިނީ ރަމީޒްގެ ތަށްޓަށް އަޅަން އިތުރު މަސްތުވާ އެއްޗެއްތޯ ނޫނީ ޝަރަފަށް ދޭން ޒަހަރެއްތޯ އޭނަގެ ކޮށި ވިސްނުމަކަށް ސާފެއްނުވިއެވެ. ފަސީހް އިތުރަށް ސާފުކުރުމަށްޓަކައި ރަމީޒް ފެނޭތޯވެސް ބެލިއެވެ. އެހެނަސް އޭނަ ނުފެނުމުން ފަސީހަށް ގޮތެއް ނިންމަން މަޖުބޫރުވިއެވެ. އެހެނަސް އޭނަ އަނބުރާ އައިއިރު ބަދިގޭގެ އެހެން މުވައްޒަފަކު އެ ތަށިތައް ރޭވިފައި ހުރި ތަބަށް ނެގުމަށްޓަކައި ތަށިތައް ނަގާފައި ބެހެއްޓި ގޮތުން ފަސީހް އިތުރަށް އޮޅުން އަރާ ގޮތްވިއެވެ. ހުރިހާ ތަށްޓެއްގައިވި ހުރިހާ ބުއިމެއް އޭނައަށް ފެންނަމުން ދިޔައީ އެއްގޮތަކަށެވެ. އެ ތަށިތައް ވައްޓާލާފައި އަލުން ތަށިތަކަށް ބުއިންތައް އަޅަން ހިތަށްއެރިއެއްކަމަކު އޭނައަށް އެނގެއޭ ފަސީހްގެ ހިތަށްއެރިއެވެ. އަދި އޭނަ ވަހަށް ބަރޯސާވެ ރަމީޒާއި އަހުމަދުގެ ތަށި ފިޔަވައި އެހެން ހުރިހާ ތަށިތަކަށް އެކި ވަރަށް އެ ކުނޑި އަޅައި ގިރާލިއެވެ.
**
އަފާފަށް ‘ނަލަ ފުށި’ ރިސޯޓު ހުންނަ ރަށަށް ދެވުނީ އެރޭ 8:45 ވާން ގާތްވެފައި ވަނިކޮށެވެ. ބައްޕައާއެކީ އަފާފް އެމީހުން ގެނައި އެންމެ ދަބަހަކާއެކީ ޓެކްސީއެއް ހިފައި ވަގުތުން އެމީހުން އެ ރިސޯޓު ހުންނަ ހިސާބަށް ގެންދިޔުމަށް އެދުނެވެ. އެމީހުން އެ އެދުނު ވަގުތަކީ ޓެކްސީއިން ޖައްސާލެވިފައިވި ރޭޑިޔޯއިން އެ ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފް ވާހަކަ ދައްކަން ފެށި ވަގުތެވެ. ނުހަނު ގާތުން ޝަރަފްގެ އަޑު އިވިފައި ފްލައިޓްގެ ތެރެއިން އަފާފަށް އިޙްޞާޞް ކުރެވުނު ވަރުބަލިކަމާއި ބަނޑަށް އެރި ތަދުގެ މަތިން ވެސް ހަނދާން ނެތުނެވެ. އޭނަ މިވަނީ ޝަރަފާއި އެއްބިމެއްގައިވެފައި އޭނަ މިދަނީ ޝަރަފްގެ ގާތަށް ދާންކަން އެނގުންވީ ވަގުތު އޭނަގެ ހިތް އުފަލުން ނަށައިގަތެވެ. އެ އުފާވެރިކަމުގެ ތެރޭގައި އަފާފް ޝަރަފްގެ ވާހަކައަށް ހުރިހާ ސަމާލުކަމެއް ދިނެވެ.
**
ފުރަތަމަ ފަހަރަށް ޕޯޑިއަމެއްގެ ކައިރީގައި ހުރެ ޝަރަފް ވާހަކަ ފެށީ ބިސްމި ކިޔައި ޞަލަވާތް ކިޔަވާފައެވެ. އޭނަގެ ވާހަކަ އަޑުއަހަން ތިބި ގިނަ މެހުމާނުންނަކީ އެފަދަ ބަސްތައް އެހާ ގިނައިން އިވޭ ބަޔަކަށް ނުވުމުން އެމީހުންގެ މޫނުމަތިން ޙައިރާންކަން ފާޅުވިއެވެ. ޝަރަފް ހިނިތުންވެލަމުން ޙައިރާންވޭތޯ ސުވާލުކުރިއެވެ. މި ރިސޯޓުގެ ޚާޞިއްޔަތުކަމަކީ އެއީ ކަމަށް އޭނަ ބުންޏެވެ. ރިސޯޓަށް ފިޔަވަޅު އެޅީއްސުރެ ވެސް ތަޖުރިބާ ކުރެވޭނީ އަޖާއިބުކުރުވަނިވި ފުރިހަމަ ޚިދުމަތްތަކެއްކަން އޭނަ ޔަޤީންކޮށްދިނީ އިން ޝާ ﷲ އިތުރު ކުރަމުންނެވެ. އެތާނގައި ފްރެޑްއާއި އޭނަވެސް ގެނެސްފައިތިބި މުސްލިމް ނޫން މަހުޖަނުން ތިއްބެއްކަމަކު އޭނަ ޖެހިލުމެއްނެތި މި ރިސޯޓު އަޅަން އޭނައަށް ހިތްވަރު ލިބުނީ ކިހިނެއްކަން ކިޔައިދިނެވެ. އެ ރިސޯޓު މޮޅުވާނީ ކީއްވެގެންކަން ކިޔައިދިނުމަށްފަހު އޭނައަށް މިހާ ހިސާބަށް އާދެވުނީ ވަރަށް ﷲ ގެ ޙަޟްރަތުން އޭނައަށް ވަރަށް ގިނަ ބައެއްގެ އެހީ ލިބިގެންކަމަށް އޭނަ ބުންޏެވެ. އޭގެތެރެއިން އޭނަ އެންމެ ފުރަތަމަ އޭނަ ޝުކުރު އަދާކުރީ ފްރެޑްއަށެވެ. އެއަށްފަހު ޝިނާޒަށާއި ނަބީހަށެވެ. އެ ނަންތައް ކިޔާފައި އިތުރަށް ވާހަކަ ދެކެވުމުގެ ކުރިން އޭނަ ކުޑަކޮށް މަޑުކޮށްލަން ޖެހުނީ ހިތަށް އުނދަގޫވީ މިންވަރުންނެވެ.
“އަދި…..އަހަރެންގެ އަންހެނުން.” ޝަރަފް އެހެން ބުނެލީ އެ ބަސްތައް އަފާފް އަޑުއަހައިގެން ހުންނާނެކަމުގެ އުއްމީދުގައެވެ.
**
ކާރުތެރޭގައި އިން އަފާފަށް ޝަރަފްގެ އެ ބަސްތައް އިވިފައި އޭނަގެ ދެލޯ ކަރުނަތަކެއްގެ ސަބަބުން ވިދާލިއެވެ. ޝަރަފް އިތުރަށް ވާހަކަ ދައްކަން ފެށުމުން އޭނަ ނުރޯން އިތުރު މަސައްކަތެއް ކުރަން ޖެހުނެވެ.
“ރިސޯޓު އެޅިހާ ދުވަސްތަކުގައި އޭނަ އަހަންނާއި ދުރުގައި ހުއްޓަސް، ހުރިހާ ވަގުތެއްގައި އަހަންނަށް ހިތްވަރު ދެމުން ދިޔަ މީހަކީ އެއީ. އެތައް ދުވަހެއް ވަންދެން އެކަނި އުޅެންވުމުން ވެސް ޝަކުވާއެއް ނުކޮށް އޭނަ ކެތްކުރި. އަދި ވަރަށް އަވަހަށް އަންނަން އުޅޭ އަހަރުމެންގެ ދަރިފުޅުވެސް އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށްވެގެން ދިޔަ. އަހަންނަށް މިހާ އަވަހަށް މަސައްކަތްތައް ނިންމަން ހިތްވަރެއް ލިބުނީ އެދެމީހުންދެކެ ވާ ލޯތްބެއްގެ ސަބަބުން. އެދެމީހުން މިތާނގައި ނެތަސް، ބުނެލަން ބޭނުންވަނީ ވަރަށް ލޯބިވެއޭ ތި ދެމީހުން ދެކެވެސް.” ޝަރަފް ފަށުވި އިނގިރޭސި ޢިބާރާތްތަކުން ދެއްކި ވާހަކަތަކުން އަފާފަށް ރަނގަޅަށް ރޮވެން ފެށިއެވެ. އެއަށްފަހު ދެން ޝަރަފް ދެއްކި ވާހަކަތަކަށް އޭނައަށް ސަމާލުކަމެއް ވެސް ނުދެވުނެވެ. އަފާފް ދެން ހަމަހޭވެރިކަމެއްވީ ޝަރަފްގެ ވާހަކަ ނިމުމުން އެތާތިބި މީހުން އަތްތިލަ ބަޑި ޖަހަން ފެށި އަޑަށެވެ. އެއާއެކު އަފާފް އަވަސްއަވަހަށް ކަރުނަތައް ފޮހެލަމުން އަވަހަށް ހިނގާށޭ ޑްރިވަރު ގާތު ބުނެލިއެވެ.
**
ހުރިހާ މެހުމާނުންނަށް ވެސް ރިސޯޓުތެރެ ބަލާލުމަށް ދަޢުވަތު އެރުވުމަށްފަހު ޝަރަފް ޕޯޑިއަމުން ފައިބައިގެން ދިޔައެވެ. އޭނަ ފޭބުމާއެކުހެން އޭނައާއި ދިމާކޮށްލި ކޮންމެވެސް ކުންފުންޏެއްގެ ވެރިއަކު އޭނައާއި ސަލާންކޮށް ވާހަކަ ދައްކަން ފެށިއެވެ. އެމީހާގެ ވާހަކަ ދިގުވުމުން ޝަރަފް އެމީހާގާތު ތިމަންނައާއެކީ ލައުންޖަށް ދާންވީ ނޫންތޯ ބުނެ އެދިމާލަށް ހިނގައިގަތެވެ.
**
ތައްޔާރު ކުރެވުނު ބުއިންތައް ފަސީހް އެހެން މީހަކާ ޙަވާލުކޮށްލީ ނުހަނު ޔަޤީންކަމާއި އެކީގައެވެ. އެ ތަބަކުގައި ތަށިތައް ބެހެއްޓީ ޚުދު އޭނައެވެ. އެހެނަސް އޭރު އޭނަ އަނެއްކާވެސް ކުނޑި ނޭޅޭ ތަށްޓާއި އެޅުނު ތަށި އޮޅޭ ގޮތްވިއެވެ. ފަހު ފަހަރަށް ވެސް ހުރިހާ އެއްޗެއް ބަދަލުކުރަންވީއޭ ހިތަށްއެރި ވަގުތު ރަމީޒް އައިސް ނުހަނު ރުޅިވެރި ރާގަކަށް އޭނަ ލޯންޖުގައި އެބަހުއްޓޭ ބުނެލިއެވެ. އެއާއެކު ފަސީހް، ރަމީޒް އިތުރަށް ރުޅި ނޭރުވުމަށްޓަކައި އެ ތަބަކާއި އެކީ ވެއިޓަރު ފޮނުވާލީ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށްކަމަށް އުއްމީދު ކުރަމުންނެވެ.
**
އަފާފާއި ހުސެއިނަށް ރިސޯޓާއި ހަމައަށް ދެވުނީ 9 ޖަހަން ގާތްވެފައިވަނިކޮށެވެ. ދެމީހުންނަކަށް ރިސޯޓަށް ވަންނަން ފަސޭހައެއްނުވިއެވެ. އެތާނގައި ސެކިއުރިޓީ ވަރަށް ވެސް ހަރުކަށިއެވެ. އަފާފް އޭނައަކީ ޝަރަފްގެ އަންހެނުން ކަމަށް ބުނެ އަޑުއެހުމަށް އެތައް ވަރަކަށް އާދޭސްކުރިއެވެ. އޭނަ ތިން ވަނަ ފަހަރަށް އެފަދަ ވާހަކައެއް ދެއްކި އަޑު އެތާ ކައިރިން ހިނގާފައި ދިޔަ ޝިނާޒަށް އިވުނެވެ. ޝިނާޒް އެ ދިމާލަށް ބަލާލުމާއެކުހެން އޭނަ ސިހުންވާ ގޮތްވިއެވެ. ބޮޑު ބަނޑަކާއެކީ އެހެރީ އަފާފް ނޫން ދެވަނަ މީހަކަށް ނުވާނެކަން އޭނައަށް ޔަޤީންވިއެވެ. އޭނަ ވަގުތުން ގޮސް ސެކިއުރިޓީއާއި ވާހަކަ ދައްކައިގެން ހުސެއިނާއި އަފާފް ވެއްދިއެވެ.
“ޝަރަފް އެއްވެސް އެއްޗެއް ބޮއިފިތަ؟” އަފާފަށް އަވަސްއަވަހަށް އަހާލެވުނެވެ.
“ން….ނޭނގޭ. ކިހިނެއްވީ؟” ޝިނާޒަށް އަހާލެވުނެވެ.
“އެމީހުން އުޅެނީ ކާއެއްޗެއްސަށާއި ބުއިންތަކާއި ރަލާއި ޒަހަރުވެސް އަޅައިގެން!” އަފާފް ރޮވެން ކައިރިވެފައި ހުރެ ބުންޏެވެ. ލިބުނު ޝޮކްގައި ޝިނާޒަށް ވަޓްއޭ ނުހަނު ހަރު އަޑުން ކިޔާލެވުނެވެ. އަފާފް އިތުރު ވާހަކައެއް ދެއްކުމެއްނެތި ކުރިއަށް ހިނގައިގަންނަމުން ތިމަންނައަށް ޝަރަފް ހުރިތަނެއް ދައްކާށޭ ބުނެލިއެވެ. ޝިނާޒް އޭނަގެ ފަހަތުން ހިނގަމުން ތީ ޙަޤީޤަތެއްތޯ ސުވާލުކުރުމުން އަފާފް ތަފްޞީލުކޮށް ކިޔައިދިނެވެ.
**
ލޯންޖުގައި ޝަރަފް އެ ވެރިމީހާއާއި ވާހަކަ ދައްކަން އިންދާ ވޭޓަރަކު އައިސް އެ ދެމީހުންނަށް ދެ ތަށި ދިނެވެ. ޝަރަފަށް ދިނީ އެމީހާއާއި ތަފާތު ކުލައެއްގެ ބުއިމެކެވެ. އެވަގުތު އެއްޗެއް ބޯ ހިތެއްނުވުމުން ޝަރަފް އޭނަގެ ތަށި އެތާހުރި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި މިނެޓްތަކެއް ވަންދެން ދެންވެސް އެމީހާއާއި ވާހަކަ ދައްކަން އިނދެފައި އެމީހާ ދާން ހިނގައިގަތުމުން އެ ތަށި ނެގިއެވެ. އެ ތަށިން ކޯވަރެއް ދަމާލުމުން އޭގައި ދިނީ އާފަލު ޖޫސް ރަހައެވެ. އެ ރަހަ މާ ބޮޑަށް ގަދަވެފައިވިހެން އޭނައަށް ހީވީ ކީއްވެކަމެއް ޝަރަފަކަށް ނޭނގުނެވެ. މިއީ ހަމަ މި ރިސޯޓުގައި ހެދޭ ޖޫހުގައި ލާ ރަހަތޯ އޭނަގެ ހިތަށްއެރިއެވެ. އެ ބައި ކޮންމެހެން ވެސް ބަދަލުކުރަން ޖެހެއޭ ހިތައި ޝަރަފް ކޮޅަށް ތެދުވެލިއެވެ. އެއަށްފަހު ދެންވެސް އެ ތަށިން ބުއީ އެ ޖޫސް ވަކި ހިސާބަކުން ވެސް މީރުވޭތޯ ބެލުމަށެވެ. އެހެނަސް އޭނަގެ އެ ޙަރަކާތަށް ހުއްޓުމެއް ގެނައީ މުޅި ތަނަށް އިވޭވަރަށް މީހަކު އޭނައަށް ގޮވާލި އަޑަށެވެ.
“ޝަރަފް!!!” ޝަރަފަށް ވަގުތުން އެ އަޑު އައި ދިމާލަށް ބަލާލެވުނީ އެއީ ކާކުކަން އޭނައަށް ޔަޤީން ކުރެވުނީތީވެއެވެ. ހަމަ އެއާއެކު އޭނައާއި 10 ފިޔަވަޅުހާ ދުރުން އޭނަ މިހުރިހާ ދުވަސްވަންދެން ދެކެން ބޭނުންވެފައިވި އަންހެން ކުއްޖާ ހުރިތަން ފެނިފައި ޝަރަފްގެ ނޭވާ ހުއްޓުމަކަށްއައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. އޭނަ ފުރިހަމައަށް ހިނިތުންވެލަން އުޅުނެއްކަމަކު އެ ހިނދު އޭނަގެ ބޮލަށް އެނބުރުން އަރައި އޭނަގެ މޭވެސް ނުބައިކުރަން ފެށިއެވެ. އޭނަގެ ދެލޯ ފުސްވެ އޭނަގެ ކަކުލު ހުޅުން ވާގި ނެތިދިޔަހެން ހީވުމުން ޝަރަފަށް އޭނަގެ ކަކޫމައްޗަށް ތިރިވެވުނެވެ. ޝަރަފް ފެނުނު ފުރަތަމަ ފަޅި ސިކުންތުގައި އަފާފްގެ ހިތުތެރޭގައި އުފާވެރިކަމުގެ ވިންދުތައް ޖަހަން ފެށިއެއްކަމަކު ޝަރަފަށް ވަމުން ދިޔަ ގޮތް ފެނިފައި އެ ވިންދުތައް ހުއްޓި އެ ހިތުގެ ތެރޭގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ނެގިއެވެ. ޝަރަފް ގޮސް ބިންމަތީގައި ޖެހި އޭނަގެ އަތުގައި ހުރި ތަށި ވެއްޓި ތަޅައިގެން ދިޔަ ވަގުތު އަނެއްކާވެސް އަފާފަށް ޝަރަފްގެ ނަމުން ގޮވާލަމުން އޭނައާއި ދިމާލަށް ދެވުނެވެ. ތަޅައިގެން ގޮސްފައިވި ބިއްލޫރި ކޮޅުތަކެއްގެ މައްޗަށް އަރައި އަފާފްގެ ފައި ކެނޑުނެއްކަމަކު އޭނައަށް އެކަން އިޙްޞާޞެއް ނުވި ފަދައެވެ. އޭނައަށް އެވަގުތު އެހެން އެއްވެސް ކަމަކާމެދު ވިސްނުމެއްނެތި ބިންމައްޗަށް ތިރިވެ ޝަރަފްގެ ގައިގައި ހިފަހައްޓާލެވުނެވެ.
“ޝަރަފް ޕްލީޒް ލޯ މުޅިން ނުމަރާތި! އަހަންނަށް ބަލާލަބަލަ ޝަރަފް! ޕްލީޒް!” އަފާފް ޝަރަފްގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހަދަންވީ ވަކި ގޮތެއް ނޭނގިފައި ބުނެލެވުނެވެ. އެހެނަސް ދެންވެގެން ދިޔައީ އޭނަ ހީވެސް ނުކުރާ ފަދައަކުންނެވެ. އޭނަ ބަލަބަލާ ހުއްޓާ ޝަރަފްގެ އަނގައިންނާއި ނޭފަތުން ހުދުކުލައިގެ ފޮނު ނިކުންނަން ފެށިއެވެ. އެ މަންޒަރު ފެނިފައި އަފާފް ގަބުވެފައި އިންދާ ޝިނާޒް ހާސްވެހުރެ ދެވަނަ ފަހަރަށް އެމްބިއުލާންސަށް ގުޅާލިއެވެ. އޭގެ ކުރިން އޭނަ ވަނީ ފުލުހުންނަށް ވެސް ގުޅާފައެވެ. ރަމީޒްގެ ކަންތައްތަކުގެ ވާހަކަ އަފާފްގެ ފަރާތުން އެނގުމުން އައި ރުޅީގައެވެ. އެހެނަސް ރަމީޒަށް އެރޭ ބޭނުންވީ ފުލުހުންނެއް ނޫންކަން ޝިނާޒަކަށް ނޭނގެއެވެ. ޝިނާޒާއި އަފާފާއި ދެންވެސް ތިބި އެންމެން އެކީގައި ޝަރަފް ހޮސްޕިޓަލަށް ގެންދިޔަ ވަގުތަކީ ރަމީޒްގެ ވެސް ނޭވާ ހާސްވާން ފެށި ވަގުތެވެ. ފުލުހުން އޭނަ ހައްޔަރު ކުރުމަށްޓަކައި ރިސޯޓަށް އައި ވަގުތަކީ އޭނަ މޭމަތީގައި އެއްއަތް އަޅައިގެން ހުއްޓާ ހޭނެތިގެން ބިންމައްޗަށް ވެއްޓުނު ވަގުތެވެ.
އެރޭ ރަމީޒާއި ޝަރަފަށް އައި.ސީ.ޔޫ ގައި ފަރުވާ ދެވެން ފެށީ އެއްވަގުތެއްގައެވެ. އެހެނަސް ސަލާމަތް ކުރެވުނީ އޭގެ ތެރެއިން 24 އަހަރުގެ ޒުވާނާކަމަށް އޭގެ އަނެއްދުވަހުގެ ޚަބަރުތަކުން ފެންނަން ފެށިއެވެ. ކުރެވުނު ތަޙްޤީޤުތަކުން އެނގޭ ގޮތުގައި 68 އަހަރުގެ ފިރިހެން މީހާ ސަލާމަތް ނުކުރެވުނީ އޭނަގެ ހަށިގަނޑުގައި މާ ގިނައިން ވިހަ ހުރިކަމަށް ލަފާ ކުރެވޭތީވެ ކަމަށް ވެސް ބުނެވުނެވެ. އޭގެ 3 ދުވަސްފަހުން އެ ވިހަ އެޅުމުގައި މަސައްކަތް ކުރީ ވެސް އެ ފިރިހެން މީހާކަން ސާބިތު ކުރެވިގެން ދިޔައެވެ. އެ މައްސަލަ ނިމި، ޙައްލުވެގެން ދިޔަ ޚަބަރު ކިޔަމުން ދިޔަ ގިނަ ބަޔަކަށް ނޭނގުނު ކަމަކީ، އެއީ އަނދިރީގެ ތެރޭގައި އުޅުނު މީހަކު ޚުދު އަނދިރީގެ ތެރެއަށް ގެއްލުނު ގޮތުގެ ވާހަކަކަމެވެ. އަދި އެއިން ކޮންމެ ވާހަކައެއްގައި ވެސް ވިސްނައިފިނަމަ އެމީހުންނަށްޓަކައި ޢިބްރަތެއްވާކަމެވެ.
**10 އަހަރު ފަސް**
ދުވަސްވަރަކީ އަހަރީ ޗުއްޓީގެ ބަންދު ދުވަސްވަރު ކަމަށްވުމުން އަފާފާއި ޝަރަފް އެމީހުންގެ 10 އަހަރުގެ ދަރިފުޅު ކަމަށްވާ އައިލިން ގޮވައިގެން ގޮސްފައި ތިބީ ރާއްޖެ ތެރޭގެ ރަށަކަށެވެ. މިއީ އަބަދުވެސް އެމީހުންގެ އާދައެވެ. ޗުއްޓީއެއް ލިބުނިއްޔާ އެމީހުން ގޮސް ހަދާނީ ބޭރު ޤައުމެއް އެހެންނޫނީ އެމީހުންގެ އަމިއްލަ ރިސޯޓުގެ ވެސް ބަދަލުގައި ކޮންމެވެސް އެއް ކުޑަ ރަށަކަށެވެ. އެއީ އައިލިންއަށް މާ ކަމުދާ ގޮތަކަށް ވާތީވެއެވެ. އައިލިން ބޮޑުވެގެން އައީ މުއްސަނދި މާޙައުލެއްގައިވިޔަސް އޭނަގެ ކިބައިގައި އާދަޔާ ޚިލާފު ހިތްތިރިކަމެއް ވެއެވެ. މިއީ އަފާފާއި ޝަރަފް 10 އަހަރު ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާގައި ﷲ ބަރަކާތް ލެއްވި ގޮތްކަން އެދެމީހުންނަށް ވިސްނެއެވެ. ކޮންމެ ނިޢުމަތެއް ލިބުނަސް ﷲ އަށް ޝުކުރު ކުރަން ޖެހޭ ކަމާއި އެ ލިބޭ ނިޢުމަތްތަކާމެދު ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެކަމަށް އެމީހުން އައިލިންއަށް ހަނދާންކޮށްދެމުން ދިޔައީ އެކުއްޖާއަށް ވާހަކަ ދެކެވެން ފެށީއްސުރެއެވެ. ނަތީޖާއެއްގެ ގޮތުން އައިލިންވެގެން ދިޔައީ އޭނައަށް ލިބޭ ކޮންމެ ނިޢުމަތެއްގެ ބޭނުންވެސް އެންމެ ހެޔޮ ގޮތުގައި ހިފާ ކުއްޖަކަށެވެ. އަދި އެ ނިޢުމަތްތައް ލިބިފައިނެތް އެހެން މީހުންނަށް ރަޙުމްކުރާ ކުއްޖަކަށެވެ. މީގެ އިތުރުން ޤުރުއާނުގެ އާޔަތްތަކާމެދު ވާހަކަ ދެއްކުމަކީ އޭނަގެ މަންމައާއި ބައްޕަ ގިނަގިނައިން ކުރާ ކަމަކަށްވާތީ އެ ޢުމުރުގައިވެސް އައިލިންގެ ހިތުގައި ޤުރުއާނަށްޓަކައި ލޯތްބެއް އުފެދިފައިވެއެވެ. އަދި އޭނަގެ މަންމަ ފަދައިން އޭނަވެސް ޤުރުއާން އުނގެނި ޤުރުއާން ދަސްކޮށްދޭ މީހަކަށްވާން ބޭނުންވާ ކަމަށް އައިލިން ބުނެލީ މި އަހަރުގެ މެދުތެރޭގައެވެ. އައިލިން އަމިއްލައަށް އިސްނަގައިގެން އޭނަގެ އެކުވެރިން ގެއަށް ގެނެސް ޤުރުއާނުގެ ވާހަކަތައް ކިޔައިދޭ މަންޒަރު ފެނިފައި އަފާފާއި ޝަރަފްގެ ލޮލުން ވެސް އުފާވެރިކަމުގެ ކަރުނަތައް ހިލިގެން ދެއެވެ. ދެން އިތުރުކަމެއް އެމީހުންގެ ދިރިއުޅުމުން ބޭނުންނުވާކަމަށް ދެމީހުންނަށް ވެސް އެއްބަސްވެވެއެވެ. އެމީހުން ދެބަސްވަނީ އެންމެ ކަމަކާއި މެދުގައެވެ. އައިލިން އެ އުޅެނީ ކާކު ގޮތަށް ކަމާއި މެދުގައެވެ.
“އަފޫއަށް ކިތަންމެ ޤަބޫލުނުކުރެވުނަސް އައިލީ އެއީ ހަމަ އަހަރެން! ހަމަ އެއްވެސް ތަފާތެއް ނުހުރޭ އަހަންނާ އައިލިން ސްޕީޗްދޭ ގޮތާއި ދެމެދު.” ޝަރަފް އެ ޗުއްޓީ ތެރޭގައި އެމީހުން ކުއްޔަށް ހިފި ގޭގެ ސިޓިންގް ރޫމުގައި ހުރި ސޯފާގައި އެއްރެއަކު އިނދެ ބުންޏެވެ.
“އައްޗި! ކޮންތާކު؟ ތި މީހާއަށް އެހާ ރީއްޗަށް އެއްޗެހި ބުނެދޭކަށް ނޭނގޭނެ!” އަފާފް ފޮތެއް ކިޔަން އިނދެ ބުންޏެވެ. ޝަރަފް އޭގެ ޖަވާބެއްގެ ގޮތުން މޫނަށް ވައްތަރެއް ޖައްސާލިއެވެ. ބަދަލުގައި އަފާފް އޭނައާއި ދިމާލަށް ދޫނެރެލިއެވެ. އެ ހިނދު ޝަރަފަށް ހީލެވުނެވެ.
“ހެހެ….މަށަކަށް ނޭނގޭ އަހަރުމެން މުސްކުޅިވަނީކަމެއް ނޫނީ ޅަ ވަނީ ކަމެއް.” ޝަރަފް ބުނެލިއެވެ. އެވާހަކައަށް ނުހޭން އުޅުނު އަފާފަށްވެސް ހީލެވުނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބާ އަފާފްގެ ފޯނު ރިންގުވާން ފެށިއެވެ. ސޯފާމަތީގައި އޮތް ފޯނުގެ ސްކްރީނަށް ބަލާލިތަނާހެން ޝަރަފް ކާކުތޯ އެހިއެވެ.
“ދޮންތަ! މިހާރު ނެގީމަ ވަރަކަށް އެއްޗެހި ގޮވާނެ. ދެދުވަސް ވެއްޖެ ނުގުޅޭތާ.” އަފާފް ހެވިފައިހުރެ ބުންޏެވެ. ޝަރަފް ވެސް ހީލަމުން ނަގާފަ ސްޕީކަރަށް ލާށޭ ބުނެލިއެވެ. އަފާފަށް އެ ފޯނަށް ޖަވާބު ދެމުން ސްޕީކަރަށްލީ ތަނާހެން ޝަބާގެ އަޑުއިވުނެވެ.
“ސަލާމް! ގުޅާލާކަށް ވެސް ނުކެރެއެއްނު ދެމީހުންނަކަށް!” ޝަބާ ވާހަކަ ދެއްކީ ޝަރަފާއި އަފާފް އުއްމީދު ކުރި ގޮތަށެވެ. ދެމީހުންނަށް އެކަކު އަނެކަކަށް ބަލާފައި އަޑު ނީވޭނެ ގޮތަށް ހެވުނެވެ.
“ބަލަ ހަނީމޫނަށް އައިއްސަ އުޅޭއިރު އެހާވަރަކަށް ނުވެސް ގުޅޭނެއެއްނު؟” ޝަރަފް ބުނެލި ވާހަކައިން އަފާފަށް ލަދުން އެތާ ކައިރީގައި އޮތް ކުޑަ ބާލީހެއްނަގައި މޫނުމަތީގައި އަޅާލެވުނެވެ.
“ހޫނ…….އަދި 90 އަހަރުވީމަ ހަނީމޫނަށް ދާންހުރޭ! ތި ހަނީމޫން ނިންމާފަ ރަށަށް އަންނަންވާނެ ޑިސެމްބަރުގެ ފަހު ހަފްތާތެރޭގަ.” ޝަބާ ބުންޏެވެ. އެއާއެކު އަފާފާއި ޝަރަފަށް އެކުއެކީގައި އެއީ ކީއްވެތޯ އަހާލެވުނެވެ.
“އާހިލްގެ ކައިވެނި ހަމަޖެހިއްޖެ.” ޝަބާ ބުނެލިއެވެ. އެއާއެކު އަފާފާއި ޝަރަފްގެ މޫނުމައްޗަށް ވެސް ހިނިތުންވުންތައް ވެރިވިއެވެ. ދެމީހުންގެ ޚިޔާލަށް ވެސް ވެރިވެގެން ދިޔައީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އާހިލް ކުޑަކުޑަ ފުރާވަރުގެ ކުއްޖެއްގެ ގޮތުގައި ހުރެފައި 23 އަހަރުގެ ޒުވާނަކަށް ވީ ގޮތެވެ. މީގެ އަހަރުތަކެއް ކުރިން އަފާފް އައިލިން ވިހައިގެން ހުރިހާ ކަމެއް ހަމަޖެހުމުން އޭނަ އަނެއްކާވެސް އާހިލްގެ ޤުރުއާން މުދައްރިސަކަށްވިއެވެ. އޭގެ ސަބަބުން އަނެއްކާވެސް އާހިލްއަށް ހެޔޮ ކަންތައް ކުރުމަށް ހިތްވަރު ލިބެން ފެށިއެވެ. އޭނައަށް މަލާމާތް ކުރާ ކުދިންގެ ކުރިމަތީގައި ވެސް އޭނަގެ ފައިތިލަ ސާބިތުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާހިލް ގްރޭޑް 12 ނިންމާލީ ނުހަނު ރަނގަޅު ނަތީޖާއަކާއެކީގައެވެ. އެއަށްފަހު އޭނަ ބޭނުންވީ ޕައިލެޓްކަން ކިޔަވާށެވެ. އާހިލްގެ އެ ހުވަފެން ފުރިހަމަ ކުރުމަށްޓަކައި އޭނައަށް އެހީތެރިކަން ފޯރުކޮށްދިނީ ޝަރަފެވެ. 3 އަހަރާއި ބައި ދުވަސް ވަންދެން އައްޑޫގައި ޕައިލެޓްކަން ކިޔެވުމަށްފަހު އޭނަ ފްލައިޓްތަކުގެ ކެޕްޓަނެއްގެ ގޮތުގައި އުދުހެން ފެށިއެވެ. އޭގެ މަދު މަސްތަކެއް ފަހުން އޭނަ ޝަރަފަށް އަދާކުރަން ހުރި ހުރިހާ ލާރިއެއްވެސް އަދާކުރިއެވެ.
“އެގޮލާ ހާދަ ގަދަކޮށްލައިފިޔޭ ދޯ؟ ކޮންތާކުން ހޯދި ކުއްޖެއްތަ؟ އަނެއްކާ އެންމެ ފަހުން ތައިލޭންޑަށް ކުރި ދަތުރުގަ ހޯދި ކުއްޖެއްތަ؟” ޝަރަފް އެހެން އަހާލުމުން އަފާފާއި ޝަބާއަށް ވެސް ހެވުނެވެ.
“ނޫނޭ! އެނގެއެއްނު އޭނަ އަފޫ ދައްތިގެ ނަޞޭޙަތާއި ދެކޮޅު ނުވާނެކަން. ކުރީ ދުވަހު ވަރަށް ލަދުން ހުރެ އައިއްސަ އަހަރެން ކައިރީގަ ބުނީ އެއްކަލަ މިތާ ކައިރީގަ ހުންނަ ފިނިފެންމާގެ ހުންނަ ކުއްޖަކު ވަރަށް ރަނގަޅުވާނެއޭ. ދެން އަހަންނާ އެކީގަ ވެސް ގޮއްސަ އެކުއްޖާގެ ބައްޕަ ކައިރިން އެދުނީ. ނަސީބަކުން އެކުއްޖާއަށް ވެސް އާހިލް ކަމުދޭ. ހެހެ…..ހުސެއިންބެމެން މި ވާހަކަ އިވުނީއްސުރެ ކައިވެނި ޕާޓީ ބާއްވާނެ ހޮޓެލްތަކާ ބެހޭގޮތުން ވާހަކަ އެބަދައްކާ.” ޝަބާ ބުންޏެވެ. މިއަދު ހުސެއިނާއި ޝާދިޔާވެސް ވަނީ އެ ޢާއިލާއާއި ގާތް ބަޔަކަށްވެފައެވެ. ޝަރަފްގެ ރިސޯޓު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރުވެ، ފްރެޑްގެ ކުންފުނީގެ ގޮތްޕެއް ކަމަށްވާ ހާރޑްވެއާރ ސާމާން ވިއްކާ ފިހާރަ ވެސް މަޤްބޫލުވެގެން ދިޔުމުން ޝަރަފް ހުސެއިންގެ ކުންފުނި އަލުން އެތަން ހުރި ފެންވަރަށް ގެންދަން އެހީތެރިވިއެވެ. އެއީ ދަތިކަމަކަށްވި ނަމަވެސް މަސްތަކެއްގެ ތެރޭގައި އަނެއްކާވެސް ހުސެއިން ހުރީ އޭނަ ކުރިން ހުރި މަޤާމުގައެވެ. އެމީހުން ޝަރަފާއި ދޭތެރޭ ހެދިގޮތް ހަނދާން ނައްތާލަމުން ޝަރަފް އެމީހުންނަށްޓަކައި ކޮށްދިން އެކަންތައްތަކުގެ ސަބަބުން ހުސެއިނާއި ޝާދިޔާގެ ހިތްވެސް މަޑުވިއެވެ. ޝަރަފްގެ އެ އިޙްސާންތެރިކަމުގެ ސަބަބުން ހުސެއިނާއި ޝާދިޔާ އޭނަގެ ޢާއިލާއާއި ވެސް ގާތްވެގެން ދިޔައެވެ. ހުސެއިންވެސް ގިނަގިނައިން ޢައްބާސްމެންގެ ގެއަށް ގޮސް ބައްދަލުކުރަން ފެށިއެވެ. ޝަރަފް މާލޭގައި ނުހުންނަ ދުވަހެއްގައި ޢައްބާސް ބަލިވުމުން ވެސް އޭނަ އެކި ތަންތަނަށް ގޮސްދިނުމަށް އެހީތެރިވަނީ ހުސެއިނެވެ. ޢައްބާސް އެކި ޑޮކްޓަރުންނަށް ދައްކައިގެން އޭނަ ހިނގޭތޯ ބަލަން ވެސް ހުސެއިން އުޅުނެވެ. އެހެނަސް އެހާ މުސްކުޅި ޢުމުރަށް ގޮސްފައިވުމުން އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ޑޮކްޓަރުން ބުންޏެވެ. ކޮންމެއަކަސް ޢައްބާސް އުފާވިއެވެ. އޭނަގެ ދަނބިދަރީގެ ޢާއިލާ މީހުން ވެސް އޭނައަށް އަޅާލާކަން އެނގުމުންނެވެ.
“ބައްޕަ ކައިރީގަ ބުނޭ އާހިލްގެ ބޮލަށް އަރައިގެން އޭނަ އަހަރެންގެ ރިސޯޓަށް ގެންނާށޭ.” ޝަރަފް އެހެން ބުނެ އަފާފަށް ބަލައި އެއްލޯ މަރާލިއެވެ.
“ސާބަސް! ލިބޭ އެތި މަދުވެގެންތަ އަދިވެސް ތިއުޅެނީ؟ އަހަންނަކަށް ހިއެއްނުވޭ އާހިލް އަތުގަ ވެސް ހުއްޓަސް އޭނަ އެހާ ޚަރަދު ކުރާނެހެންނެއް. އަހަރެންވެސް ދޭނެ ނަޞޭޙަތަކީ އެއީ. އަހަރެންވެސް އެންމެ ކުރިން ކައިވެނި ކުރިއިރު އެއީ މަންމަ ވަރަށް ދިން ނަޞޭޙަތެއް……ހިތަށްއަރާ މަންމައަށް ވެސް މި ދުވަސް ފެންނާނެނަމައޭ.” ޝަބާ އެންމެ ފަހު ޖުމްލަ ބުނެލީ މާޔޫސީ ގޮތަކަށެވެ. ވަރުދާވަނީ މީގެ ތިން އަހަރު ކުރިން އޭނަގެ ފުއްޕާމޭގައި ޖެހި ޓިއުމަރެއްގެ ސަބަބުން ހަމަ އެ އަހަރުތެރޭގައި ނިޔާވެގެން ގޮސްފައެވެ. ވަރުދާ މަރު ބަލީގައި އޮތްއިރު ޝަރަފާއި، ޝިނާޒާއި، ޝަބާގެ އިތުރުން ރަމީޒްގެ ހުރިހާ ކުދިން ވެސް ވަރުދާ ބަލަން ތިއްބެވެ. ޢައްބާސްވެސް ވަރުދާ އައި.ސީ.ޔޫގައި އޮތް އެންމެ ފަހު ދުވަހު ހޮސްޕިޓަލަށް ދިޔައެވެ. ވަރުދާ ދުނިޔެ ދޫކޮށްދިޔުމުން އޭނަގެ ހިތް ވަރުދާއަށްޓަކައި ސާފުކުރީ ވަރުދާއަށް ހެޔޮ އެދޭ ޙާލުގައެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ވާހަކަ ދެއްކީ ޝަބާއެވެ.
“އޭ ދާންވެއްޖެ އިނގޭ؟ މިރޭވެސް އެ އަންހެން ކުއްޖާ އެބައާދޭ އެކުއްޖާގެ ބައްޕައާއެކީ އާހިލްއާ ބައްދަލުކުރަން. ވަރަށް ތައްޔާރީތަ ވާން އެބަޖެހޭ. އެންޖޯއި ޔުއާރ ހަނީމޫން!” ޝަބާ ބުނެލިއެވެ.
“އާނ…..އާހިލް ކައިރީގަ ބުނާތި ދެން ދޮންބެއޭ އާހިލްއަށް ޓިއުޝަން ދޭނީ ތިހިރަ ކަންތައްތަކާ ބެހޭގޮތުން.” ޝަރަފް ބުނެލި ވާހަކައިން އަނެއްކާވެސް ޝަބާއާއި އަފާފަށް ހެވުނެވެ. ޝަބާ ދެން ބޭއްވީއޭ ބުނެ ފޯނު ކަނޑާލުމުން އަފާފް އޭނަގެ އަތުގައި އޮތް ކުޑަ ބާލީސް ޝަރަފާއި ދިމާލަށް އެއްލާލަމުން މިއީ ހާދަވަރަކަށް އެނގޭ މީހެކޭ ބުނެލިއެވެ. ބަދަލުގައި ޝަރަފް ވެސް ކުދިކިޔަމުން އެ ބާލީސް އަފާފާއި ދިމާލަށް އެއްލާލިއެވެ. އިރުކޮޅެއްގެ ތެރޭގައި ދެމީހުންނަށް ވެސް ތިބެވުނީ ހެމުން އެކަކު އަނެކަކާ ދިމާލަށް އެއްޗެހި އުކާށެވެ. އެމީހުން އެ އުފާވެރި ވަގުތުކޮޅުގައި ތިއްބާ ކުއްލިއަކަށް ކަރަންޓު ދިޔުމުން މުޅި އެ ގޭގެތެރެ އަނދިރިވެގެން ދިޔައެވެ.
“އޮއްއޯ! އައިލީ ކޮބައިބާ؟ އައިލީ!” ޝަރަފާއި އަފާފް އެކުއެކީގައިހެން އެމީހުންގެ ފޯނުގެ ފްލޭޝްލައިޓް ދިއްލާލިއެވެ. ޝަރަފް ތެދުވެގެން ގޮސް އައިލިންގެ ކޮޓަރިއާއި ހަމައަށް ދިޔައެވެ.
“އައިލީ ކޮބައިތަ ފާޚާނާގަތަ؟” ޝަރަފް އެފަދަ ސުވާލެއްކޮށްލީ އައިލިން ރުޅި އަރުވާލުމުގެ ނިޔަތުގައެވެ. އައިލިން ވަގުތުން ތޫލި އަޑަކުން ނޯއޭ ކިޔާލަމުން ކޮޓަރިން ނިކުތެވެ. އެ ހިނދު ފެނިގެން ދިޔައީ އަފާފް ކުޑައިރުގެ ތަޞްވީރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އައިލިންގެ ވެސް އޮންނަނީ އަފާފް ފަދައިން ކޮނޑާއި ހަމައަށް އޮތް ފަށުވި އިސްތަށިގަނޑެކެވެ. މީގެ އިތުރުން އޭނަގެ މޫނުގެ ބައްޓަމާއި ގަދަ ބުމަޔާއި ދިގު އެސްފިޔަތައް އޭނަ އަފާފާއި ވައްތަރު ކުރުވިއެވެ. އައިލިން ފެންނަ ކޮންމެ ފަހަރަކުހެން ޝަރަފަށް އެގޮތަށް އަޅާ ކިޔެއެވެ. އެ ޚިޔާލުތަކުގައި އޭނަ ހުއްޓާ އަފާފް ވާހަކަ ދެއްކިއެވެ.
“ޑެޑީ ވެސް އަބަދު އަބަދު ހުންނާނީ އައިލީ ރުޅި އަރުވާލަ އަރުވާލާ ދޯ؟” އަފާފް ދޯދިނެވެ.
“ޔާ…..ބަޓް އައި ލަވް ހިމް މޯ!” އައިލިން އެހެން ބުނެ ލޯތްބާއެކީ ޝަރަފްގެ ގައިގައި ބައްދާލިއެވެ.
“ޑެޑީ 1 މޮމީ 0! ޔެސް! ހިނގާބަލަ ދޯ ބޭރަށްދާން ބީޗަށް؟ ވަރަށް ސަޅިވާނެ މިރޭ. މޮމީ ބަހައްޓާފަ ދާނީ!” ޝަރަފް ދެންވެސް ސަމާސާ މޫޑެއްގައި ހުރެ އައިލިންގާތު ބުނެ އެއްލޯ މަރާލިއެވެ. އައިލިން ވެސް ޔެސްއޭ ކިޔާފައި ބުރުގާ އަޅައިގެން އެބައަންނަމޭ ބުނެލިއެވެ. މިއީ އައިލިން ބުރުގާ އެޅި ފުރަތަމަ އަހަރަށް ވިޔަސް އައިލިން ބޭރަށް ދާންވެއްޖެނަމަ ދުވަހަކުވެސް ބުރުގާ އަޅަން އޭނަ ހަނދާން ނެތިފައެއްނުވެއެވެ. އެކަމާމެދު ވެސް އަފާފާއި ޝަރަފްގެ ހިތް ލޯބިން ފުރިގެންދެއެވެ.
އެރެއަކީ އުޑުމަތި ބަނަ، ވިއްސާރަ ރެއެއްކަން ޝަރަފަށް އެނގުނީ އައިލިންއަށްވުރެ ކުރިން ގޭގެ ދޮރުމައްޗަށް އެރުމުންނެވެ. ހަނދާއި ތަރިތަކުގެ އެއްވެސް އަލިކަމެއް ފެންނަން ނެތުމުން ކުރިމަތިން ފެންނަމުން ދިޔައީ އޭގެ ތެރެއިން އެއްވެސް އެއްޗެއް ސާފުނުވާފަދަ އަނދިރިކަމެކެވެ. އެ އަނދިރީގެ ތެރެއިން ރާޅުތައް ޖަހާ އަޑުއިވުމުން ޝަރަފްގެ ހަނދާންތައް މީގެ 11 އަހަރު ކުރިއަށްދިޔައެވެ. އޭނަ ހަމަ މިފަދަ ރެއެއްގައި އަނދިރި ގަނޑަކަށްފަހު އަނދިރިގަނޑެއްގެ ދަށުގައި ޣަރަޤުވުމަށް މެދުވެރިވި އެކްސިޑެންޓެވެ. އެ އެކްސިޑެންޓްގެ ކުރިން ވެސް އޭނަ ވީ އަނދިރިގަނޑެއްގެ ދަށުގައި ނޫންތޯ ހިތަށްއެރި ވަގުތު އައިލިން އައިސް ޑަޑާއޭ ކިޔައި އޭނަގެ ކައިރީގައި ހުއްޓިލިއެވެ.
“ވަރަށް އަނދިރި. ހިނގާ ސަޤާފީ ގޮތަށް ބައްތިއެއް ހިފައިގެންދާން.” ޝަރަފް ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއަށްފަހު ގޭގެ ތެރޭގައި އަފާފް ރޯ ކުރި ބައްތިތަކުގެ ތެރެއިން ކުޑަ ބައްތިއެއް ހިފައިގެން އައިލިންއާއެކީ އަތިރި މައްޗަށް ނިކުތެވެ. ގޮނޑުދޮށުގެ ފެން ނުޖެހޭ ހިސާބުގައި އައިލިންއާއެކީ އިށީންނަމުން ޝަރަފް އޭނަ ގެނައި ބައްތި ދޮންވެލިގަނޑު މަތީގައި އެމީހުންގެ ކުރިމަތީގައި ބެހެއްޓިއެވެ.
“އައިލިންއަށް އެނގޭތަ ނޫރު ސޫރަތުގައިވާ ނޫރާއި ބެހޭ އާޔަތް؟” ޝަރަފް އެ ބައްތިއަށް ބަލަހައްޓައިގެން ހުރެ އަހާލިއެވެ.
“ނޯ އަދި ނޭނގޭ.” އައިލިން ބުންޏެވެ.
“އޮހް އިޓްސް ސޯ އޯސަމް! އައިލީއަށް އެނގެންވާނެ އާޔަތެއް އެއީ. ޑެޑީގެ ލައިފް ޗޭންޖްވީ އެ އާޔަތުން.” ޝަރަފް ކިޔައިދިނެވެ.
“ރިއަލީ؟ ހެހެ…..” އައިލިން އެހެން ބުނި ހިނދު އޭނަގެ ހިނިތުންވުން ފަނޑުވިކަން ޝަރަފަށް ފާހަގަވިއެވެ. އިތުރު އެއްޗެކޭ ބުނަން އުޅެފައިވެސް އޭނަ ކިހިނެއްވީތޯ އަހާލީ އެހެންވެއެވެ.
“އައި ޑޯންޓް ނޯ ޑޭޑް. އައިލީ ވަރަށް ބޭނުންވޭ އާޔަތްތައް ޝެއާރކުރަން އައިލީ ފްރެންޑުންނާ. ޝެއާރ ކުރީމަ އެއެއްޗެހި ކިހާ އޯސަމްކަން އެމީހުންނަށް ވެސް ފެންނަން އައިލީ ބޭނުން. އެކަމަކު އައިލީ ކުރާ މަސައްކަތުން އެއްވެސް ފައިދާއެއް ކުރާހެން ހިއެއްނުވޭ. އެމީހުން ލޯބިވަނީ އަދިވެސް އެމީހުން ލޯބިވާ އެއްޗެހި ދެކެ. ނަފްރަތު ކުރަނީ ގިނައިން ރަނގަޅު އެއްޗެއްސަށް. އަހަރެން ދައްކާ ވާހަކަތަކުގެ ސަބަބުން އަހަންނަށް އަހަރެންގެ ކްލޯޒް ފްރެންޑެއްވެސް ގެއްލުނު. ޝައިއާ. އައި މިސް ހާރ އަ ލޮޓް. ބައެއްކުދިން އައިލީ އެކަހަލަ ވާހަކަތައް ދައްކާތީ މަލާމާތްވެސް ކުރޭ. ހުއްޓާލާނަމޭ ވެސް ހިތަށްއަރާ. އިޓް ސީމްސް…….އެމީހުންގެ ތެރޭގަ ނުބައި ކަންތައްވަނީ މާ ގިނަވެފައޭ. އައިލީ އެންމެ ކުއްޖަކު ވެގެން ކިހިނެއް ޗޭންޖެއް ގެންނާނީ؟” އައިލިން ޝަރަފަށް ބަލާލަމުން ސުވާލެއްކުރިއެވެ. ޝަރަފް އޭނަގެ ދަރިފުޅަށް ބަލަން ހުރެ ބޯޖަހަމުން ތުން ފިއްތާލިއެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.
“އައިލީ ބަލާލަބަލަ އެހެރަ ބައްތިއަށް. އެއީ ވަރަށް ކުޑަކުޑަ އެއްމެ ބައްތިއެއް. އެކަމަކު މި ވަށައިގެން މިފެންނަ އަނދިރީގެ ތެރެއިން ހިނގާފަ އަންނަން އަހަރުމެންނަށް މަގު ދެއްކީ އެ ބައްތީގެ ނޫރު. އައިލީގެ ހިތުގެ މިސާލަކީވެސް އެ ބައްތީގެ މިސާލު. ފަހަރެއްގަ ވަށައިގެންވި ހުރިހާ ތަނެއް ތި ބައްތީގެ އަލިން އަލި ނުކުރެވިދާނެ. އެކަމަކު އެ ބައްތި އަބަދުވެސް އޭގެ ކައިރީގައި ވި ތަންތަން އަލިކޮށްދޭ. އެ އަލި ސްޓްރޯންގްވާނީ އެއަށް އޭގެ ތެޔޮ ލިބިގެން. ﷲ ބާވައިލެއްވި ނޫރު ކަމުގައިވާ އެކަލާނގެ ފޮތާއި ގާތްވެގެން. އަނދިރިގަނޑު އަލިކަމެއްގެ މައްޗަށް ބާރު ހޯދަން ކިތަންމެ މަސައްކަތެއް ކުރިޔަސް މޮޅުވާނީ އެ އަލިކަން. މޮމީ އެކަން ހަނދާންކޮށްގެން ހުރެ މޮމީގެ އެފްބީ ޕޭޖް އެހާ ފޭމަސްކުރީ. ޑެޑީ އެކަން ހަނދާންކޮށްގެން ހުރެ ޑެޑީގެ ރިސޯޓު އެޅީ. ނަތީޖާއަކީ ކޮބާ؟ މިހާރު އެތައް ބަޔަކު މޮމީގެ ޕޯސްޓްތައް ކިޔާފަ މުސްލިމްވެފަވޭ. އަދި ޑެޑީ އެޅި ކަހަލަ ޙަލާލް ރިސޯޓުތައް އަޅަން އެތައް ބަޔަކު ފަށައިފި. ޑެޑީއަށް މަލާމާތްކޮށް އަނިޔާކޮށް ހެދި ކުއްޖަކާ އެކުއްޖާގެ ޑެޑީ ވެސް މިހާރު އެމީހުންގެ ރިސޯޓު އެގޮތަށް ބަދަލުކޮށްފި. ސޯ ޑޯންޓް ގިވް އަޕް. އަބަދުވެސް ބާޠިލުގެ މައްޗަށް މޮޅުވާނީ ޙައްޤު އިން ޝާ ﷲ!” ޝަރަފް އައިލިން އަށް ހިތްވަރު ލިބޭނެ ފަދަ ރާގަކަށް ބުނެލިއެވެ. އެކަން ކާމިޔާބުވެސްވިއެވެ. އެ ވާހަކަ ނިމުނުތަނާހެން އައިލިން ހިނިތުންވުމަކާއެކީ ޝަރަފްގެ ގައިގައި ބައްދާލިއެވެ. އެހިނދު އަފާފް ގޭގެ ދޮރުމަތީގައި ހުރެ އަވަހަށް ނިދަން އަންނާށޭ ބުނެ ތިތާނގަ ކަކުނީގެ ގެތައް އެބަހުއްޓޭ ބުނެލީ ދެމީހުންވެސް ބިރުގަންނަވާލުމުގެ ނިޔަތުގައެވެ. ދެމީހުން ވެސް ސިހިފައި ތެޅިގަތް ގޮތުން އަފާފަށް ހީލެވުނެވެ. ޝަރަފާއި އައިލިންއަށް އެކުއެކީގައި މޮމީއޭ ދަމާފައި ކިޔާލެވުނެވެ. އެއަށްފަހު ދެމީހުން އެކީގައި ތެދުވެލަމުން އަފާފަށް ކުދިކިޔަމުން ގެއަށް ވަންނަން ދިޔައެވެ. އެ ހިނދު ޝަރަފް އެތާނގައި ބެހެއްޓި ބައްތި އެ ހުރިގޮތަށް ހުއްޓެވެ. އޭގެ ނޫރުން މުޅި އެތާނގައިވި އަނދިރިކަން އަލި ނުވިޔަސް އެ އަނދިރީގެ ތެރޭގައި އެންމެ ރީތި އެއްޗަކަށް ހުރީ އެ ބައްތިއެވެ. އެއޮތް ބޮޑު އަނދިރިގަނޑުގެ ތެރޭގައިވެސް އެންމެ ސާފުކޮށް ފެންނަން ހުރީ އޭތި ކަމަށްވާތީވެއެވެ. އެ އަނދިރީގެ ތެރޭގައިވި ނުރައްކާތެރި އެއްޗެއްސާއި ރީތިކަން ވެސް ހާމަ ކޮށްދެނީ އެ ނޫރުން ކަމުގައިވާތީވެއެވެ. އެއަށް އޭގެ ތެޔޮ ލިބޭހާ ހިނދަކު އޭތި އެގޮތުގައި ދެމި ހުންނާނެވެ. (އިން ޝާ ﷲ)
**ނިމުނީ**
56 Comments!
Comments are closed.







Assalaam’alaikum. nidhi madhu reythakaa ethah bura dhuvasthakahfahu anekkaaves vaahaka eh nimmaalumuge thaufeequ dhevveethy Allah ah hamdhu kuran. Alhamdhulillah!
engey jana ah mivaahaka genesdhevuny emme furihama akah noonkan. aslu aharakah fahu aharah jana midhany busy vamun. Hijra liyunu dhuvasvaraky vaahaka ah husvegen hure liyunu dhuvasvaru. ekamaku eaffahu vaahaka ah hurihaa vagutheh dheveyne dhuvasvareh naadhey. jana ah dhekkidhaane uzuruthah huttas beynumeh noon bahanaathakaai uzuruthah dhakkan mifaharu. hama haqeeqathugai ves jana ah faruvaakuda kurevuny. vaahaka eh liyaanama kithamme gina kanthah kuramun ves jana ah ekamattakai ves vaguthu hoadhen jeheyne. ve nimifa oiy kameh jana ah badhaleh nukureveyne. mifaharu mi elhunu fiyavalhaai kiyuntheringe faraathun libunu negative comments thakaky jana hiy thirivumah libunu furusatheh kamugai dheken. dhen dhimaavaane dhuvaheh neyngeythy hurihaa kiyuntherin jana ah hiy saafu kollumaky v bodu edhumeh. In Sha Allah adhives kommeves ehdhuvahakun aa vaahaka eh fenigendhaane. 🙂
mi vaahakain thiya kiyuntherinnah faidhaa eh kurikamah ummeedhu kuran. adhi mi vaahakaige therein thiya kiyuntheringe hithuga Quran attakai loaibeh noony shauquverikameh viyas ufedhunu kamah ummeedhu kuran. Maai Allah alhamen emmennah faidhaa huri ilmu ithuru kohdhevvai alhamennah hidhaayaiy ithuru kohdhevvaashi. Maai Allah alhamenge faafathah fussavai alhamen kuraa heyo amaluthakuga barakaaiy lavvai e amaluthah qabool kuravvaashi. Ameen!
Aameen.. 🙂
Aameen.
Maa shaa Allah vaahaka v reethi ?????ibrathun furifaava asarugada vaahaka eh. Deena medu goas koh dekeymeehunah v ves aguhuri filaaavalhuthakeh libigen diyan vaahaka???.janaa ge vaahaka thah abaduves kiyan ekam furathama comment mee.????? v inthixaar kurevihje vaahaka ah???umeed kuranee lahun viyas v haa vs avahah ehen vaahaka eh kiyaalan libeyne kamah. Duaa akee Jana ge thi masahkathuga barakaai lahva ithurah thi masaikathuga kuri erun libun aameen ya rahbal aalameen.?????????
Ma sha Allah..?
The best story on esfiya has end..plz Jana bring out a new story soon..I’m curious to read another one from u. Your stories are awesome Nd very helpful to get close to our beautiful Islam religion.. proud to have such a wonderful writer..
May Allah full fill all your needs and bless a bright future..
Masha allah.mi part ves v.reethi.mi vaahaka mee alhugandah ethakeh filaavalheh libunvaahakaeh.mee v.v.iburaitheri vaahaka eh.janage ehen vaahaka eh fennaane kamah ummeedhu kuran
MaShaAllah ❤ . Varah furihama . Ummeedhu kuran aa vaahaka eh awas musthaqbalehga kiyaalan libeyne kamah ❤
Ma Sha Allah
Vahaka v.furihama. v.gina iburaitake libigen higajje. Allah Jana ge masakathugai barakai lavashi.
Masha allah v reethi iburaiytheri vaahakaeh
It’s so beautiful maasha Allah?
Ma sha allah. Story v v furihama. Jana ah bunelan beynun vany vahaka eh fahun genes dhinas Afaaf gothah janaa ves v haa gina myhunah egeyne hen FB page eh hingaadhy balaashey. Bodah dhivehin huriyya gina myhunah v v faidha kurane. Mii v bodu edhumeh hama.
Vaahaka nimunu iru afaaf ge mamma aa bappa ge evves vaahaka eh neiy
Masha Allah vaahaka vrh reethi adi vrh Gina ehcei agigen gosfi …. Quran aa medhu oi loabi ithuru vey mifadha vaahaka tha kiyumun jana ge hurihaa vaahaka eh ves vrh reethi ehaame kiya hithun kiyanee keep it up…. janage thi masaikathuga ithuru Barakaai lahvaashi ??
maasha allaah… janage thiya masakkathuga baraakaaiy lavaashi..
Mashaa Allah. This sòawesome.
alhamdhulillah. v v v reethi mievaahakaves shauguveri vaahakaye mieves
Fred akee muslim eh noon .. Dhen kihineh eyna dhin faisaa halaaalu vaanee… Becoxxz aammu gothegga emeehun kuraanee halaalu noon kanthah
Same, muslim noonas Allah huhdha kurevvi fadha akun viyafaari kuraa meehun ulhey dho? 🙂 muslim noonas raluge viyafaarithakah nafrathu kuraameehun ulheyne kanneynge dho? adhi mihaaru beyru gaumuthakugai ves ribaa aa nulaa bank thah ves hingey. ehenveema Fred eynage business ah invest kuri goiyves ves halaal vun ekasheegenvey. 🙂 Islamic banking aky beyru gaumuthakugaives maquboolu kameh. Sharaf Fred aa baiveri vaany hurihaa kamakah balaafa dho? 😀
Ma Sha Allah.. One of the best stories i had ever read.. Hopeo get a new story of u soon Janaa.. May Allah always show us and guide to the right path.. May Allah fill our daily lives with eemaan zikr and show us the best way to go… Aameen
Masha Allah vvvv furihama
Maashaa Allah v v v reethi v v v furihama story eh ❤❤ ❤❤❤?????… mihaathanah kiyunu enme reethi enme iburaitheri eh vaahaka mee ???❤❤❤… kurin neyngey new informations ves libihje mi story inn ????… thankyou so much jana mihaa iburaitheri reethi story eh genedhinythy ???… veehaaves avahakah janage new story eh kiyaalan libeyne kamah ummeedhukuran ???…
Masha Allah mi story v reethi❤ehaame furihama????thnx dear????mihaa reethi ibraitheri msg thakeh genesdhinyma???? waiting new story……❤
Ameen.. Mash Allah.. vvv reethi mi vaahaka… hamagaimuves alhugandah mi vaahKa in v gina iburaih thakeh libihje… janaa thikuri bura masahkathah fahfashun shukuru adhaakuran…. busy koh ulhemunves mihaa furihama vaahaka eh husha alhaadhinumaky faseyha kamakah nuvaane… may Allah bless u dear.. n Jana ge new story eh v kiyaalan beynun… unmeedhukuran v avahah mi edhun furihama vegen dhaanekamah.. bunelan othy hama gaimuves alhugandu ge hithugai Jana ah takaa ehves hih burakameh nuve ey… jana thikurany vv rangalhu masahkathekey… thigothigai kuri ahdhaasheyy… Allah will guide u always???????????
MA SHA ALLAH AND ITS SUPERB..<3…GOD BLESS U JANA…
Maasha allah. This was an amazing story. Keep up ur good work.
Ey ekm edhemeehun vari vefa alun kaiveni kurytha … Saadhiyaa he bayaa husen ge bai nethyma v hadi
Maasha Allah.. V. Reethi wonderful story eh..Dheeneekanthah relate koh genesdheefai vaa goi v. Furihama.. Keep it up.. Afaafge parents ge baeh ves genesdhinnama adhi bodah furihama vees.. ❤️❤️❤️❤️❤️nimendhen genesdhineethee shukuriyya…
Masha allah…. thank u so much jana. Mihaaru reethi ibraitheri story eh genes dhineema.. waiting for the ur new story….
Vaaahaka vr rythi. Ekam hijra and asru r balaaafa ehaa ehaaa ehnnu.like sharafge mamma ge vaaahakavx fahun naaadhey and afaaaf ge mom n bappa ge vaaahakavx. Sabaaa and aaahil ahvx v goeh neygun. Egothah javaaab nulibey suvaaal thakeh eba huri . Evedhaaane Jana dhooni maaa busy vma kamehvx. Ekam vx Ma sha Allah vr vr vr ibraitheri vaaahakaeh. ????❤️???? will miss you janaaaaaaaaaaaaaa
Salaam, mi vaahaka ehkoh kiyaa mi nimuny.. Maa shaa allah.. haadha furihamaey… vrh vrh vrh reethi.. adhi ehaame iburaiyytheri.. dheeny vaahaka thah thigothah genesdheythy vrh ufaavey.. adhives mi kahala Ehn vaahakaeh genesdheyne kamah ummeedhu kuran jana ge faraathun.. heegeegathuga ves varah iburaiyytheri.. adhi kiyaadhyfa vaa Ibaaraaiyythah furihama kamun hama hinithun veveye kiyamun dhaa iruves.. nimmun vrh vrh vrh vrh vrh reeeethi… 🙂 this is my fav… good job and keep it up jana.. maaiyy allah jana ge thi hunaru ithuru kuravvaa thi kamugai kaamiyaab lavvaashi.. aameen.. 🙂
Aslu adhi eyah vure ves furihama ethah ethah aayaiyythakeh qur’an ga eba vey.. visnaa fikuru kuraa meehakah ain ethakeh iburaiyy thakeh haasil vegen dhaane.. in sha allah..
Vaahaka hama vrh vrh vrh reethi.. 🙂 maa sha allah.. thihaa iburaiyytheri vaahaka thakeh genesdheythy vrh bodah shukuriyyaa jana
Masha Allah.varah furihama mi vaahaka.❤️❤️❤️
assalam alaikm Jana! mi vaahaka feshigen nimendhen Fathun kiyamun mi dhiya e….bt alah mi comment kollee….Ma Sha Allah v iburaitheri molhu vaahaka eh…..rangalhahves rovijje….emme bodah hithah ery Jana gina bayakah islam dheenuge mathiveri kamaai mai kan, haqqu magu bayaan kohdhinumah koffa vaa masaikai….may allah bless u on every right path of ur life…love u 4 sake of allah….
wow..masha Allah
Maaa sha allah????. Varaah reethi. Varah furihama??. Ummeedhu kuran kuriah oih thaanga ves mikahala story eh kiyaalan libeyne kamah???. Thi kuraa masahkathugai maai allah barakaai lahvaashi. Negative comments libuneh kamaku hiyyvaru dhera nukurahche. ??Thi kurany varah ves rangalhu masahkatheh. ???Thihaa bxy koh ulhemun ves kiyuntherinnah mihaa furihama story eh foaru kohdhinythee shukuru kuran. ????
V furihama vaahaka eh,ummeedhu kuran kuriah oii thanuga vs mikahala ibraitheri vaahaka thah kiyaalan libeyne kamah.shukriyya Jana
Ma Sha Allah. Vvv reethi vaahaka eh. Ibrathun furigen v vaahaka eh. Konme part akah comment nukurevunas mi site ga liyaa vaahaka thakuge therein v shauguverikaaa eku ki eh vaahaka thy. Unmeedh kuran jana ge ithuru vaahaka eh avas musthagbaleh ga libeyne kamah.
Jazakillah Khairan sister. ❤❤❤
What??? Jana is a girl??? I thought Jana is a boy…
Masha Allah varah reethi varah interested thank you ??
Jana wahaka reethi Ehen nama ves afaaf ge mamma Adhi Bappa ah heyo visnun dhehvaa sharaf ge masaihkaih thaureef kuri nama Adhi vakin furihama veees
Ma sha Allah. Ahlugandhu ves mihunnanee afaaf ge mom & dad ah vee goeh naygifa.
Assalaam’alaikum. Alhamdhulillah v ufaavejje kiyuntherinnah vaahakain faidhaa eh kurikan engunyma. 😀
hehe….Afaaf ge mamma aai bappa ge vaahaka aky jana varah raavaafa oiy vaahaka eh. ekamaku mi bai avas aruvaigen liyunu iru hama handhaanun kassaaly. mihaaru mi bai up kurithaa 24 gadi iru vefai vumun jana ah edit evves nukurevey. iyyega gina vaguthu jana geygaves nethin. enoonanama comment fenunuhaaira jana edit kureemus. dhen mihaaru edit koffa admin ah fonuvaifin. admin mi post edit kureema e bai ithuruvaane. ey musthaqbaluga mi vaahaka kiyaane kiyuntherinnattakai. eythi edit vaan faharegga dhuvaskolheh nagaafaane. kiyuntherin jana ah ekan faahaga kolla dhineethy Jazaakumullah Khairan 😀 <3 Love you all!
Masha allah…v reethi vaahakaeh feshuneesureh nimedhen ves hama shauguveri adhi ehaame iburaitheri vaahaka eh…jazakillah khira jana ❤❤
Maa sha Allah ❤️
Wordless to say anythin for the ending ☺️
Me Too
Ma sha allah ..feshuneessure nimendhenves kiyaahithun komme dhuvahakuves next part ah inthizaaru kurevun vaahakaeh me.varah reethi ingey jana.. mihaahaka feshi fahun hijra and asruves kiyaalin..ma sha allah ,thabaarak allah..vv reethi hurihaa vaahaka ehves.komme part akaaekeega thi upkollaa fb post thah mivaahaka ithurah furihamakolla..will miss it☹️.. sunnathah ulhumah libey vv bodu hivvareh me.
Ya Allah.janage mi masakkathugai barakailavvaa ilm ithurukohdhevvaashi..dhuniyegaves heyokan adhi akhirathugaves heyokan dhevvaa narakaige azaabun alhamen dhinnavaandheyve.Aameen.
mivaahaka ves reethi. alhamdh lillah.. ekam hijra vaahaka haa eh noon.. a ee hama dhiriulhun efuh mifushah jahaali vaahaka eh..
Awww vaahaka nimunee dhwww❤ Ma Sha Allah?? I just loovee this story. It is hama totally amazing. Vaahaka feshuneesuren nimendhen evves foohikameh nethi kiyamun adhi inthizaaru kurevemun dhiya vaahaka eh mee. Jana ge hurihaa vaahaka eh ves Lily baraabarah kiyaafa hunnaane they all are amazing hama❤ thikahala liyuntherin mihaaru beynunvanee. ?❤ Lily ah neygey ethah baivaru vaahaka thakeh engun mi vaahaka in.? Emotional rollercoaster ehga ulhevey hen heevanee. Vaahaka thereah hama ekkoh gehllifa. Ehaa furihama Jana ge ibaaraiy kurunthah. Ma Sha Allah.? Jana thikuraa masahkathuga maaiy allah barakaaiy lahvaashi.❤ Jana ge ithuru story eh fennaane kamah varah ummedhu kurevey? love youu❤?
Jumula gothehga vaahaka ragalhey buneveynee, ekm ves ebahuri ragalhu kollan jehey baeh thanthankolhu, baeh thanthanun hindhee filmehge manzaruves sofavey…. Dhen liyaa vaahakaeh miyahvure Ragalhu vaane kamah ummeedukuran. Jana ah baajaveri hayaatheh minvaru kurahvaashi.. Aameen
Ma Shaa Allah mi site inn kiyunn enme reethi, adhi ibrayytheri vaahaka, Allah thiba ah heyo goyy minvaru kurahvaashi
Jana ge vaahaka thakun varah hivaru libey..varah kiyaa hihvey mikahala vaahaka..waiting for your next story ☺
Mi vaahaka ehkoh kiyaalan libeyne gotheh nehthr?
janaa….kon irakun new story eh genesdhe ny….jazaakumullah khairan janaa dear
Dhen janaa new story eh nuliyantha???
I want u to come back again
masha allah.?❤vaahaka varah vx ibraihtheri adhi varah vx asaru gadha??..jana ge vaahaka thah varah vx reethi..
dhen ekam baeh kan kan eba huri kudakoh hama nujehey kan kan vx.. misaalakah afaaf lolah dhen nufennaaney enme doctoreh bunyma ehn ehvx gaumakah noony ehn hospital akah vx dhahkai nulaa afaaf ge main bafain anburaa male annan vee keehve thoa? emihun nakee muhsandhinnah vefa afaaf akee hama ekani huri anhen dhari kamah vumunnaa ehaa loabi vaa dhari akah vumun alhai nulaa hury keehve thoa? ehn gaumakah dheveyne thanavaskan oeh iru vx ..
ekamaku vx vaahaka varah reethi.. ?