ލޯބީގެ ރާސްތާއަކީ ކަރުނައޭ 2
އެހިނިތުންވުން ފެނި އަކްޝަމަށްވެސް ހީލެވުނެވެ. އެވަގުތު އަނގައިން ބޭރުވީ ހަމައެންމެ ނަމެކެެވެ. “ތިޝާ” މި ނަން ކިޔާލެވުމާއެކު އަކްޝަމަށް ދެލޯ މަރާލެވުނެވެ. އަދި އެ ފޮޓޯގައި ތިޝާ އަށް އެހާ ބޮޑަށް ހެވިފައިން ސަބަބު ހިޔާލު ކޮށްލެވުނެވެ.
ރާޅުގަނޑު ސަރަހައްދުން ތިޝާ އާއި އަކްޝަމް ހިނގާފައި ދިޔައިރު އެކި އެކި ވާހަކަ ދައްކަމުން ގެންދިޔަ އެވެ. އަކްޝަމް އަތުގައި އޮތް ކެމެރާއިން ތަފާތު އެކި ފޮޓޯތައް ނަގަމުން ގެންދިޔައިރު ތިޝާ ކަނޑުން ނަގަމުންދާ ރާޅުތަކުގެ ރީތި ވާހަކަ ދައްކަނީ އެވެ. އާޓިފިޝަލް ބީޗަށް ވަދެވުނު ތަނުން ތިޝާ ވަރުބަލިވެގެން އެތާ ހުރި ހިލަ ގޮނޑިއެއްގެ މަތީގައި އިށީނެވެ. ތިޝާ ވަރުބަލިވީކަން އެނގުމުން އަކްޝަމް ފެންފުޅިއެއް ގަނެގެން އައިސް ތިޝާ އަށް ދިއްކޮށްލި އެވެ. އަދި ތިޝާ ކައިރީގައި އިށީނދެލި އެވެ. ތިޝާ ފެންބޮމުން ދިޔައިރު އަކްޝަމް އިނިީ އެހެން ދިމާއަކަށް ކަޅި ހުއްޓާލައިގެންނެވެ.
“ކޮންތާކަށް މާވަރަކަށް ތި ބަލަނީ އަކްމަލް” ތިޝާ ފުޅީގެ މަތިޖަހާލަމުން ބުންޏެވެ.
“މި ބަލަނީ އެހެރަ އަންހެން ކުއްޖާއަށް. ރީތިކަމެއް ލިބިފައި އެބަހުރި” ތިޝާމެންނާ ތަންކޮޅެއް ދުރުގައި ވާހަކަ ދައްކަން ތިބި ކުދިންތަކުގެ ތެރެއިން އެންމެ ދޮންކޮށް ހުރި ކުއްޖާ ދައްކާލަމުން އަކްޝަމް ބުންޏެވެ.
“ތިހެން އަދި ރީއްޗޭ ބުންޔަސް ކަމަކު ނުދާނެ. އަކްމަލްއަކީ ގަޓު ހުރި މީހެއް ވިއްޔާ ކައިރިއަށް ގޮއްސަ ބުނެބާ” ތިޝާ ބުނެލި އެެވެ.
“ތިޝާ އަށް ހީވަނީތަ އަހަންނަށް ނުކެރޭނެޔޭ.. ހިނގާ އަހަންނާ އެކު” އަކްޝަމް ތިޝާގެ އަތުގައި ހިފައިގެން އެމީހުންނާ ދިމާއަށް ހިނގައިގަތެވެ.
ދައްކާ ވާހަކަ އަޑުއިވޭފަށުގައި ތިޝާ ބެހެއްޓުމަށްފަހު އަކްޝަމް އެކުދިންނާ ކައިރިވެލި އެވެ. އަދި ދޮންކޮށް ހުރި ކުއްޖާއަށް ފުންކޮށް ބަލާލި އެވެ.
އެ އަންހެން ކުއްޖާ އަކްޝަމަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“މަންޖެ ހާދަ ރީއްޗޭ.. ތިހާ ރީތި ކުއްޖެއް ދުވަހަކުވެސް ނުދެކެން” އަކްޝަމް ބުނެލި އެވެ.
އަކްޝަމްގެ ޖެހިލުން ކުޑަ ކަމުން ތިޝާ ހުރީ ހައިރާންވެގެން އަންތަރީސް ވާވަރު ވެފައެވެ.
އެ އަންހެން ކުއްޖާ އަކްޝަމް އަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. އަކްޝަމް ސިއްސައިގެން ދިޔައީ އަކްޝަމްގެ މޫނަށް އެރި ހޫނު އެތިފަހަރަކުންނެވެ.
“ކަލޭ ލަދެއް ނުގަނޭތަ އަހަރެން ދަރިން ކުރިމަތީ ތިކަހަލަ ވަހަކަ ދައްކަން. ގޮސް ކަލޭ އުމުރުގެ މީހުންނާ ތިގޮތަށް ވާހަކަ ދައްކަބަލަ.” އަންހެން މީހާ އަކްޝަމާ ދިމާއަށް މިހެން ބުނުމަށްފަހު އޭނާގެ ދަރިން ގޮވައިގެން އެހެން ދިމާއަކަށް ހިނގައިގަތެވެ.
ތިޝާ އަނގަމަތީ އަތް އަޅައިގެން ހުރެ އަކްޝަމް ކައިރިއަށް ޖެހިލި އެވެ. އޭރު އަކްޝަމް ވީތަދުން ކޮލުގައި ހިފަހައްޓާލައިގެން ހުއްޓެވެ. ނުހޭން މަސައްކަތް ކުރަމުން ތިޝާ ތުންފަތުގައި ދަތް އަޅާލި އެވެ.
“އެހާ ހޮޓް މަންމަމެންވެސް ތިބޭތަ” އަކްޝަމްގެ މި ޖުމްލައިން ތިޝާ ހިފަހައްޓައިގެން ހުރި ހިިނިގަނޑު ފަޅައިގެން ދިޔަ އެވެ.
އެވަގުތު އަކްޝަމް ތިޝާ އަށް ބަލާލި އެވެ. ކަޅިޖަހާވެސް ނުލާ ތިޝާ އަށް ބަލަމުން ގެންދިޔައިރު ހިތާހިތުން ތިޝާގެ ރީތިކަމަށް ތައުރީފްކުރި އެވެ. ކެމެރާގައި އެހިނިތުންވުން ރައްކާކޮށްލީ ތިޝާ އަށް ވެސް އެނގުމަކާއި ނުލަ އެވެ.
އަކްޝަމް ދެލޯ ހުޅުވާލުމަށްފަހު އަދިވެސް އެއްފަހަރު އެފޮޓޯގައިވާ ތިޝާގެ ހިނިތުންވުމަށް ބަލާލި އެވެ. އަދި އެފޮޓޯގައި ތުންފަތް ޖައްސާލުމަށްފަހު ކޮޓރިން ނިކުމެވެން ހުންނަ ބަގީޗާއަށް ނިކުމެލީ ލިބިފައިވާ ހާސްކަން ފިލުވާލުމަށްޓަކަ އެވެ
ޑިއުޓީ ނިންމާފައި ތިޝާ ގެއަށް ދާން ނިކުތީ ހެނދުނު 8:30 ވާން ކައިރިވެފައި ވަނިކޮށެވެ. މަގުމަތިން ހިނގާފައި އައިރުވެސް ތިޝާ ވިސްނަމުން ދިޔައީ ރޭގައި ހިނގި ކަންތަކާއި މެދުގަ އެވެ. އަކްމަލް މިރަށުގައި އުޅެންޏާ ގައިމުންވެސް ފެންނާނެއޭ ތިޝާގެ ހިތަށް އަރަމުން ދިޔަ އެވެ. އަދި އެގޮތަށް ވިސްނި ވަރަކަށް ތިޝާގެ ހިތް ނުތަނަވަސްވަމުން ދިޔަ އެވެ. ގެއާ އަރާހަމަވުމުން ތިޝާ ދޮރުދައި ޓަކިޖަހާލީ ބައްރާ ހޭލާ އުޅޭނެކަން ޔަގީންވާތީ އެވެ. ލަހެއްނުވެ ދޮރު ހުޅުވާލި ބައްރާގެ ތުންފަތްމަތީގައި ހުރި ހިނިތުންވުން ފެނިފައި ތިޝާ ކުޑަކޮށް ހައިރާންވި އެވެ.
” ދައްތަ ކޮންކަމަކާ މާހެވިފައި” އެތެރެއަށް ވަންނަމުން ތިޝާ ސުވާލު ކޮށްލި އެވެ.
“ފަހުން ބުނާނަން. ތިޝާ ދޭބާ ފެންވަރައިގެން ސައިބޯން އަންނަން. އެބައޮތް ސަޕްރައިޒެއް” ބައްރާ މިހެން ބުނެ މަޑު ނުކޮށް ބަދިގެއާ ދިމާއަށް ދިޔަ އެވެ.
ތިޝާ ތެމިފައި އޮތް އިސްތަށިގަނޑުގައި އަތް ފުނާ އަޅަމުން ބަދިގެއާ ދިމާއަށް ދިޔަ އެވެ. ތިޝާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކާމޭޒު ކައިރީގައި ފުރަގަސްދީގެން އިން ފިިރިހެނަކު ފެނިފަ އެވެ. ކުރިއަށް ދާން ނުކެރިފަ ހުރީ ކާކުކަން ނޭނގޭތީ އެވެ. އެވަގުތު ރިހަ ބޯތަށި ހިފައިގެން ބަދިގެއިން ނިކުތް ބައްރާއަށް މިމަންޒަރު ފެނުނެވެ.
“ތިޝާ ކިހިނެއްވެފަ ތިހުރީ” ބައްރާ މިހެން ބުނެލި އަޑަށް މޭޒު ކައިރީ ފޯނާ ކުޅެންއިން އަކްޝަމް ސިއްސައިގެން ގޮސް ބައްރާއަށް ބަލާލި އެވެ. އަދި އަވަސް އަވަހަށް ބައްރާގެ ނަޒަރު ހުއްޓިފައިވާ ދިމާއަށް ބަލާލި އެވެ. ފެނުނު މަންޒަރުން އަކްޝަމް ދެލޯ ބޮޑުވި އެވެ. އިންތަނުން ތެދުވެވުނީ ބޭއިހްތިޔާރުގަ އެވެ. ތިޝާ އަށްވެސް ވީ ހަމަ އެވަރެވެ.
“ތިޝާ ދައްތަ ބުނީމެއްނު ސަޕްރައިޒެއްގެ ވާހަކަ. މީ ސަޕްރައިޒަކީ. ދައްތަގެ އަކްޝަމް މިހުރީ އައިސް” ބައްރާގެ މި ޖުމްލައިން ތިޝާ އިތުރަށް ހާސް ކުރިވި އެެވެ. އަކްޝަމް ހެއްޔެވެ. ނޫނީ އަކްމަލް ހެއްޔެވެ. އެހެންނޫނީ ބައްރާއަށް ލިބިފައިވަނީ އެއްމާބަނޑު ދެކުދިން ހެއްޔެވެ. އެކަަމަކު އެކަހަލަ އެއްވެސް ވާހަކައެއް ބައްރާ ތިޝާ ކައިރިއަކު ބުނެފައެއް ނުވެއެވެ.
އަކްޝަމް ވެސް ހުރީ ވާނުވާ ނޭނގިފަ އެވެ. އެހެންނަމަވެސް ތިޝާއާ ދިމާއަށް ބަލަމުން ދިޔައީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ.
ނިދާ ހެދުމާ އެއްކޮށް ބަދިގެއާ ދިމާއަށް އައި ލޯރެން އަށް އަކްޝަމް ހުރިގޮތްފެނި އަށް ނުބައި ގޮތެއްވި އެވެ. މަޑުމަޑުން ކުރިއަށްޖެހި ތިޝާއަށް ބަލާލީ ފޫހި ގޮތަކަށެވެ. އަދި އަކްޝަމް ގައިގައި ބައްދާލަމުން ‘ގުޑް މޯނިން’އޭ ބުނެލި އެވެ. މިމަަންޒަރު ފެނި ބައްރާ ލަދުން އިސްޖަހާލި އެވެ.
ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް އަޅަމުން ފަހަތަށް އެނބުރި ދުވަމުންގޮސް ތިޝާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އެވެ. މިކަންވީ ބައްރާ ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. އަކްޝަމަށް ހޭވެރިކަމެއްވީ ދެނެވެ. ލޯރެން ގަޔާ ދުރުކޮށްލެވުނީ ކުއްލިއަކަށެވެ. ލޯރެން ހައިރާންވެފައި އަކްޝަމަށް ބަލާލި އެވެ. ނަމަވެސް އަކްޝަމް އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކުރިން އިން ގޮތަށް ގޮނޑީގައި އިށީނެވެ. ލޯރެންވެސް ތުން އަނބުރާލަމުން އަކްޝަމްގެ ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ.
“ތިޝާ ކީއްވެބާ އެގޮތަށް އެ ދިޔައީ. އަނެއްކާ ދަރިފުޅު ތިޝާ ދަންނަންތަ” ޝައްކުވެގެން އަހާލާ ފަދަ ގޮތަކަށް ބައްރާ އަހާލި އެވެ. ބައްރާގެ ސުވާލުން އަކްޝަމް އިތުރަށް ކަންބޮޑުވި އެވެ.
“ނޫން.. ނުދަންނަން. ވެދާނެ ލަދުގަތީ ކަމަށްވެސް” ހާސްކަން ފޮރުވާލަމުން އަކްޝަމް ވާހަކަދެއްކި އެވެ.
“މަންމާ އެއީތަ ކޮޓަރި ކުއްޔައް ހިފައިގެން އުޅޭ ކުއްޖަކީ” އަކްޝަމް އިތުރަށް އޮޅުން ފިލުވަން ބޭނުންވި އެވެ.
“އާނ! އޭރު ދަރިފުޅު ކައިރީ ބުނީމެއްނު މަންމަ. މަންމައަކަށްވެސް އެކުއްޖާއާ ބެހޭގޮތުން މާބޮޑު މައުލޫމާތެއް ނޭނގޭ. ތިޝާ ކައިރީ އޭނަގެ ދިރިއުޅުމާ ބެހޭގޮތުން ސުވާލެއް ކުރިއަސް އޭނަ ހިޔާރުކުރަނީ ހަމަހިމޭންކަން. ﷲ ދެނެވޮޑިގެންވާނީ އެކުއްޖާގެ ހަޔާތުގައި ދިމާވެފައިވާ ކަމެއް” ބައްރާ ބުނި އެއްޗަކާ މެދު އަކްޝަމް ވިސްނާލަން ޖެހުނެވެ.
އަކްޝަމް ދެކޭގޮތުންނަމަ މިއަދު ތިޝާ އުޅެން ޖެހޭނީ ވަރަށް އުފަލުގަ އެވެ. ތިޝާގެ ހަޔާތުގައި ދިމާވެފައިވާ ކަމެއް އޮޅުންފިލުވަން އަކްޝަމް ބޭނުންވި އެވެ.މިއަދު ތިޝާ މިރަށުގައި އުޅެން ޖެހުމުގެ އަސްލު ސަބަބު ހޯދަން އަކްޝަމް ޝައުގުވެރިވިއެވެ. އަދި ތިޝާއާ ބައްދަލުކޮށް ވާހަކަ ދައްކަން ނިންމި އެވެ.
ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަ ހިނގާހުރި ތިޝާ ވަނީ ބޯހާސް ވެފަ އެވެ. ތަގުދީރު މިކުޅެނީ ކޮން ކުޅިގަނޑެއް ބާއޭ ތިޝާގެ ހިތަށް އަރަމުން ދިޔަ އެވެ. ލޮލުން އަންނަމުންދާ ކަރުނައަކަށް ނިމުމެއް ނާދެ އެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތައް އެބުރޭހެން ހީވާން ފެށުމުން ތިޝާ އެނދުގައި އުއްޑުން އޮށޯވެލި އެވެ. ނަމަވެސް އެގޮތުންވެސް ތިޝާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އަނެއްކާވެސް ތެދުވެ ދެކޮޅުދެކޮޅަށް ހިންގެން ފެށުނެވެ. ހިނގަމުން ދިޔަ ވަގުތު ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ލޯގަނޑު ކުރިމަތީގައި ހުއްޓެވުނެވެ. އެއަށްފަު އަމިއްލަ މީހާއާއި ސުވާލުކޮށްލެވުވުނެވެ. ހަމަޖެހުމެއް ނުލިބިގެން އުޅެނީ ކީއްވެ ހެއްޔެވެ. ތިޝާއަށް އުޅެވުނީ އެންމެ ރަނގަޅަށް ހެއްޔެވެ. ތިޝާއަށް އުޅެމުން ދިޔައީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ހެއެްޔެވެ. އަދި މިހާރުވެސް އުޅެވެމުން މިއަންނަނީ ރަނގަޅަށް ހެއްޔެވެ. ނަމާދުކުރީމައި ނިމުނީކީ ނޫނެވެ. އަންހެނުންނަކީ ވަރަށް އިއްފަތްތެރިކޮށް އުޅެންޖެހޭ ބައެކެވެ. ތިޝާއަށް އުޅެވެމުން އައީ އެހެނެއް ނޫނެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ހެދުން ނޭޅުނު ތާނގައި ހަޔާތުގެ ބޮޑުބައެއް ހޭދަކުރެވުނީ ހިލޭ ފިރިހެނަކާ އެކީގައެވެ.
ހަޔާތުގައި ދިމާވި އެތަކެއް މުސީބާތަކަށްފަހުވެސް ތިޝާއަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ. މިހާރު ދެން ވަގުތު އައިސް ޖެހުނީއެވެ. ލަސް ކުރާކަށްވެސް ބޭނުމެއް ނޫނެވެ. ހެޔޮކަމެއް ކުރަން ލަސްކުރަންވީ ކީއްވެ ހެއްޔެވެ. ތިޝާއަށް ހަމަޖެހުމެއް ލިބި އުފާވެރި ދިރިއުޅުމެއް ލިބެން އޮތީ މާތްﷲ ހަނދުމަކޮށްގެންނެވެ. އިންޝާﷲ މީގެ ފަހުން ދެން ފެނިގެން ދާނީ މުޅިން އެހެން ތިޝާއެކެވެ. ފޯނު ނަގާ ހެޔޮލަފާ އެކުވެރިޔާ ޖަނާއަށް ގުޅާލުމަށްފަހު ކަންތައްކުރަންވީ ގޮތް ކިޔާދިނެވެ.
މެންދުރު ފަހުގެ ވަގުތެކެވެ. ކައްކާ ނިންމާލުމަށްފަހު ކާންހަދާފައި ނަމާދުކޮށްގެން އައިސް ބައްރާ ސޯފާގަައި ހަތިމު ހިފައިގެން ގުރުއާން ކިޔަވަންއިނެވެ. އިރުކޮޅަކުން ގޭގެ ދޮރު މީހަކު ހުޅުވިހެން ހީވެގެން އާޔަތް ކިޔާ ނިންމާލުމަށްފަހު ބަލާލިއެވެ. ފެނުނު މަންޒަރު ބައްރާގެ ލޮލަކަށް ޔަގީނެއް ނުކުރެވުނެވެ. ކަޅުބޮޑު ހެދުމުގެ ފަހަތުގައި ފޮރިވިގެން އެހެރީ ހަމަ ތިޝާ ހެއްޔެވެ. ކަޅު ރަތް ކުލައިގެ ޝޯލްގެ ތެރެއިން އެފެންނަނީ ހަމަ ތިޝާގެ ހަނދެއް ދަފަ މޫނު ހެއްޔެވެ.
” މާޝާﷲ… މަގޭ ދަރިފުޅު ހާދަ ރީއްޗޭ.. ” ހަތިމު މޭޒުމަތީގައި ރީތިކޮށް ބާއްވާލުމަށްފަހު ބައްރާއައިސް ތިޝާ ގައިގާ ބައްދާލިއެވެ.
“މީ އަހަރެންގެ ހަޔާތުގައި އެޅުނު އަހަރެން އެންމެ އުފާވި އެއްފިޔަވަޅު… އިރާދަކުރެއްވިއްޔާ މިއަދުގެ ފަހުން އުޅެވޭތީޯ ބަލާނީ ދީނުގައި އަންގަވާފައިވާ ގޮތަށް.. ” ތިޝާ މިހެން ބުނެލިއިރު އެލޮލުން ވަނީ އުފާވެރިކަމެގެ ކަރުނަ އައިސްފައެވެ. އެވަގުތު ކޮޓަރިން ނިކުތް އަކްޝަމަށްވެސް ތިޝާ ފެނުމާއެކު ހުއްޓުން އެރިއެވެ. މިކަހަލަ ހެދުން ލުމުން ތިޝާގެ ރީތިކަން އެތައް ގުނައަކަށްވަނީ އިތުރުވެފައެވެ. ތިޝާ އަކްޝަމަށް ދިމާއަށް ބަލާލުމުން އަކްޝަމް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ބަދަލުގައި ތިޝާ އަނެއްފަރާތަށް މޫނު އަނބުރާލުމުން އަކްޝަމް ހިތުގައި ޖެހުނެވެ. އަދި ބައްރާ ކައިރީގައި ރަހުމަތްތެރިއަކާ ބައްދަލުކޮށްލަން ދަނީ ކަމަށްބުނެ ތިޝާއަށް ބަލާވެސް ނުލާ ގެއިން ނިކުތެވެ.
***********************************
އާމިލްގެ އަތްމަތީގައި އޮތް ތިޝާއަށް ބެލެމުންދަނީ ސީދާ އާމިލްގެ މޫނަށެވެ. އާމިލްގެ މިސްރާބު ހުރީ ސަލްޓަން ޕާކް ތެރޭގައި ހުރި ހިލަގޮނޑި އަށެވެ.
“އާމިލް އަސްލުވެސް އަހަރެންދެކެ ވަރަށް ލޯބިވޭތަ؟” ތިޝާ އާމިލްގެ މޫނުގައި ފިރުމާލަމުން ލޯބި ގޮތަކަށް ސުވާލުކޮށްލި އެވެ.
ނަމަވެސް ތިޝާގެ މިސުވާލުން އާމިލްގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔަ އެވެ. އެހުރި ހިސާބުން ހުއްޓި ތިޝާގެ ގައިން އަތް ދޫކޮށްލީ އެއްވެސް ވަރަކަށް ވިސްްނާލުމެއް ނެތި އެވެ. ތިޝާ ބިންމަތީގައި ޖެހުމާއެކު މަންމާއޭ ކިޔާ ބާރަށް ހަޅޭއްލަވާ ގަނެވުނެވެ. އާމިލް ތިޝާގެ ހަޅޭކަށް ފަރުވާލެއް ނުބަހައްޓާ ތިޝާގެ އަތުކުރީ ހިފާފައި ނެގި އެވެ.
“ދުވަހަކުވެސް އަހަރެންގެ ލޯތްބަށް ޝައްކު ނުކުރައްޗެ” ދަތްކުނޑި ވިކާލާފައި އާމިލް ބުންޏެވެ.
“އާމިލް އަހަރެން އެހެން އަހާލީ ޝައްކު ކުރާތީކީ ނޫނޭ. އެހެންނޫނަސް ކޮން ލޯތްބެއް. ލޯބިވާނަމަ މިވަރުގެ ބޮޑު އަނިޔާއެއް ނުދޭނެ” ތިޝާއަށް ބާރަށް ވާހަކަދެއްކުނީ ވެފައިހުރި ތަދުންނާއި އައިސްފައިހުރި ރުޅިއެއްގެ ބޮޑުކަމުންނެވެ. އެވަގުތު ތިޝާގެ ކޯމައްޗަށް އެރި ހޫނު އެތިފަހަރުން ތިޝާގެ ބޮލަށް އެނބުރުން އަރާ ލޯމައްޗައް އަނދިރިވާ ގޮތްވި އެވެ.
ނިދިފައި ތިޝާއަށް ފުންމައިގެން ތެދުވެވުނެވެ. އޭސީ ފުލްކޮށްލާފައި ހުރިއިރުވެސް ތިޝާވަނީ ދާހިއްލާ ފޯވެފަ އެވެ. އަވަސް އަވަހަށް ސައިޑް ކަބަޑްމަތީގައި ހުރި ފެންފުޅިނަގާ ކޯވަރެއް ބޯލި އެވެ. ގަޑި ބަލާލިއިރު އިރުއޮއްސެން ކައިރިވަނީ އެވެ. ބަނޑުހައިވެފައި ހުރިވަރު އިހްސާސް ވުމާއެކު ބަނޑުގައި އަތްހާކާލެވުނެވެ. މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލާފައި ބޭރުގައި މީހަކު ހުރިތޯ ބަލާލި އެވެ. މީހަކު ނެތްކަން ޔަގީންވުމުން މަޑު މަޑުން ފިޔަވަޅު އަޅަމުންގޮސް ބަދިގެއަށް ވަނެވެ.
އެދުވަހުގެ ފަހުން ތިޝާ ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ކޮޓަރި އަކުން ނުނިކުމެ އެވެ. ކާންވެސް ނިކުންނަނީ އެންމެން ކައިގެންދާ ފަހުންނެވެ.
ތިޝާގެ މިއުޅުމާއި މެދު ބައްރާ ހުންނަނީ ވަރަށް ކަންތައް ބޮޑުވެފަ އެވެ. ކިތަންމެ ފަހަރަކު ތިޝާ ކައިރީ ސުވާލުވެސް ކުރި އެވެ. ނަމަވެސް ތިޝާގެ ފަރާތުން އެދެވޭ ޖަވާބެއެ ނުލިބެ އެވެ.
އަކްޝަމް ހުންނަނީ ތިޝާއާ ވާހަކަ ދައްކާލެވޭނެ ފުރުސަތަކަށް ބަލަބަލަ އެވެ. ނަމަވެސް ތިޝާއަށް އެކަން އެނގިގެން އަކްޝަމްއަށް އެފުރުސަތު ނުދޭން އުޅޭ ކަހަލަ އެވެ. އަކްޝަމްއާ ދިމާއަަށް ބަލައި ނުލާތާންގައި އަކްޝަމް ހުރި ހިސާބަކަށްވެސް ނާދެ އެވެ.
ލޯރެން އަބަދު ފަހަތުން ނުނެއްޓި އުޅޭތީ އަކްޝަމް ހުންނަނީ އެކަމާވެސް ފޫހިވެފަ އެވެ. ދެތިން ފަހަރަކު އަކްޝަމް ލޯރެން އަށް ވިސްނައިވެސް ދިނެވެ. މަންމަ ކުރިމަތީ އަބަދު އެގޮތަށް އުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ބުނަމުންނެވެ. ނަމަވެސް ލޯރެން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. ލޯރެންގެ ކަމަކީ އަކްޝަމް ކައިރީ އަބަދު ޝަކުވާކުރުމެވެ. ބައްރާގެ ކޮޓަރީ ނިދަން ޖެހޭތީ އެކަމާ އެވެ. އެހެންނޫނީ އަކްޝަމްގެ ކޮޓަރިއަށް ނުވައްދާތީ އެކަމާ އެވެ. އެހެންނޫނީ ބޭނުންވާ ގޮތަށް ހެދުން ނޭޅޭތީ އެވެ. މިކަންތައްތަކާއި ހެދި އަކްޝަމް ބަލަނީ ލޯރެންއާ ވީހާވެސް ދުރުން އުޅެވޭތޯ އެވެ. މިކަން ލޯރެން އަށް ފާހަގަ ކުރެވުނީ ކަންނޭނގެ އެވެ.
އެދުވަހު އަކްޝަމް އިނީ ބޭރު ޖޯލީގައި ފޯނުން ގޭމް ކުޅޭށެވެ. ލޯރެން އައިސް ކައިރީ އިށީނދެ އަކްޝަމް އަތުން ފޯނު އަތުލިި އެވެ. އަކްޝަމް ލޯރެން އާ ދިމާއަށް ބަލައިލަމުން ނިތަށް ރޫ އަރުވާލި އެވެ.
“އަކޫ މިހާރު ލޯރެންދެކެ ފޫހިވަނީދޯ؟” ވަރަށް ކޮށިކޮށް ދިވެހި ބަހުން ލޯރެން އަހާލި އެވެ. ލޯރެންގެ މިސުވާލަށް އަކްޝަމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ބަަދަލުގައި އަކްޝަމް އިސްޖަހާލައި ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް މޫނު އަނބުރާލި އެވެ.
“ދެން ކީއްވެ ލޯރެންއާ ދުރުވަނީ” އަނެއްކާވެސް ލޯރެން ސުވާލު ކޮށްލި އެވެ. އަކްޝަމް ލޯރެން އަށް ބަލާލި އެވެ. ލޯރެން މާޔޫސްވެފައިވާ ތަން ފެނުމުން އަކްޝަމް ދެރަވި އެވެ. އަކްޝަމްއަށް ލޯރެންއާ ދޭތެރޭ ކަންތައް ކުރެވެނީ ރަނގަޅަށް ނޫން ކަމުގައި އިހްސާސް ކުރެވުނެވެ.
“ސޮރީ ލޯރެން” އަކްޝަމްއަށް ބުނެވުނީ އެވަރަށެވެ. އަދި ލޯރެންގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލި އެވެ. ކޮންމެ ގޮތެއް ވިޔަސް ލޯރެން މިރަށައް އައީ އަކްޝަމްގެ އެދުމުގެ މަތިންނެވެ. އަކްޝަމް ކައިރީ އެންމެ ފުރަތަމަ ރައްޓެހިވާން އެހީ ލޯރެން ކަމުގައިވިޔަސް އެކަމަށް އަކްޝަމްވެސް އެއްބަސްވީ ނޫންހެއްޔެވެ. ވީއިރު ލޯރެން އާއި ދޭތެރޭގައި އެގޮތަށް ކަންތައް ކުރުމުގެ އެއްވެސް ހައްގެއް އަކްޝަމަކަށް ލިބިފައެއް ނުވެއެވެ.
ނިދަން ތައްޔާރުވަމުން ދިޔަ ތިޝާއަށް ފުޅީގައި ފެން ނެތްކަން އެނގުނީ ފެން ބޯންވެގެން ފުޅި ބަލާލުމުންނެވެ. ފެންފުޅިއެއް ބަލައި ފްރިޖް ކައިރިއަށް ދިޔައިރު ފްރިޖްގައި ފެނެއް ނެތެވެ. އެހެންކަމުން ތިޝާ ދިޔައީ ގޯތި ތެރޭގައި ހުރި ތާންގީ ކައިރި އަށެވެ. ގޯތި ތެރެއަށް ހުންނަ ހޮޅިބުރި އަނދާފައި ހުރުމުން ބޭރުތެރެ ފެންނަނީ ފުދޭ ވަރަކަށް އަނދިރިކޮށެވެެ. އިސްކުރުން ފެން އަޅާން އިންއިރުވެސް ތިޝާ އިނީ ބިރުގަނެފަ އެވެ. ފެންއަޅާ ނިމިގެން ދާން އެނބުރުނު ވަގުތު މީހެއްގެ ފިޔަވަޅުގެ އަޑުއިވުމުން ތިޝާ އެދިމާއަށް އެނބުރުނެވެ. ރަނގަޅަށް މޫނު ނުފެނުނަސް ކާކުކަން ތިޝާއަށް ރަނގަޅަށް އެނގުނެވެ. މަޑުނުކޮށް ދާން އެނބުރުނުތަނާހެން އެމީހަކު އައިސް ތިޝާގެ އަތުގައި ހިފާ ކައިރިއަށް ގެނަ އެވެ.
“ކިހާ ދުވަހަކުތަ ތިގޮތަށް ފިލައިގެން އުޅޭނީ” އަކްޝަމްގެ ސުވާލުން ތިޝާ ސިހިފައި އަކްޝަމަށް ބަލާލި އެވެ. ތިޝާ އަކްޝަމްގެ އަތްފޮޅުވާލީ ބިރެއްފެނިގެން ފޮޅުވާލާގޮތަށެވެ. ހިނދުކޮޅެއްގެ ތެރޭގައި ތިޝާގެ މޫނު މައްޗަށް ވެރިވެގެން ދިޔައީ ރުޅިވެރިކަމެވެ.
“އަހަރެންގެ ސުވާލުތަކަށް ޖަވާބު ނުލިބެނީސް މިތަނުން ދިޔަކަ ނުދޭނަން” އަކްޝަމް ހީވަނީ ވަރުގަދަ އަޒުމެއްގައި ހުރިހެންނެވެ.
“އަކްމަލްއަށް… އޯވހް… ސޮރީ… އަކްޝަމަށް ކޮން ހައްގެއް އޮތީ އަހަންނާ ސުވާލު ކުރުމުގެ..” މަލާމާތުގެ ރާގަކަށް ތިޝާ އަހާލިއެވެ.
“ސުވާލުކުރުމުގެ ހައްގު އޮތީ އަހަންނަށް.. އޮޅުވާލެވުނީ އަހަންނަށް… ފުރަތަމަ ސުވާލަކީ އަކްމަލްތޯ ނޫނީ އަކްޝަމްތޯ ކިޔަންވީ..” މަލާމާތުގެ ރާގަކަށް އަނެއްކާވެސް ތިޝާ ބުންޏެވެ.
“އަހަރެން ތިޝާއަށް…..” އަކްޝަމް ބުނަން އުޅުނު ބަސް ތިޝާ އަތުގެ އިޝާރާތުން ހުއްޓުމަށް ބުންޏެވެ.
“ދެވަނަ ސުވާލަކީ އަހަންނަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެތޯ…؟ ޖަވާބު ދީބަލަ ކީއްވެގެންހޭ އަހަންނަށް އެހާ ބޮޑަށް އޮޅުވާލީ..؟” ތިޝާއަށް އަހާލެވުނީ ފުދޭވަރަކަށް ބާރަށެވެ.
ތިޝާގެ ކުޑަ ކުޑަ ދެލޮލުން ލޮލުން ކަރުނަ އަންނަމުން ދިޔައިރު ބަލަހައްޓައިގެން ހުރީ ސީދާ އަކްޝަމްގެ ލޮލަށެވެ. އަކްޝަމްގެ އަތް މަޑުމަޑުން ހަރަކާތް ކުރީ ތިޝާ ލޮލުން އައިސްފައިހުރި ކަރުނަތައް ފޮހެލަ ދިނުމަށެވެ. ނަމަވެސް ތިޝާއަށް އެކަން އެނގިގެން އަކްޝަމްގެ އަތް ފޮޅުވާލި އެވެ.
އަކްޝަމް އިރުކޮޅަކު ބަހެއް ނުކިޔާ ހުރުމަށްފަހު ތިޝާގެ އަތުގައި ހިފައިގެން ޖޯލިތަކާއި ދިމާއަށް ހިނގައިގަތެވެ. ތިޝާ ނުދާން ގަދަހެދި ނަމަވެސް އަކްޝަމް އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އަކްޝަމް ތިޝާ ގަދަކަމުން ޖޯލީގައި ބޭންދި އެވެ. ތިޝާ ތެދުވަން އުޅުމުންވެސް އަނެއްކާވެސް ގަދަކަމުން ބޭންދި އެވެ. އަދި ތިޝާ ދިޔަ ނުދިނުމަށްޓަކައި ތިޝާގެ އެއް އަތުގައި ހިފަހައްޓައިގެން ޖެހިގެން އިން ޖޯލީގައި އިށީނެވެ.
“އަކްޝަމް ޕްލީޒް.. އަހަންނަކީ އަކްޝަމަށް ހިލޭ އަންހެނެއް… އަހަރެން އަތުން ދޫކޮށްލާ.. ”
“އަހަރެން މިކިޔާ އެއްޗެއް އަޑުއަހާފައި ނޫނީ ތިޝާއަކަށް ނުދެވޭނެ” އަކްޝަމް ދަތްކުޑިވިކާލާފައި ބުނުމުން ތިޝާއާ ޖެހުނީ އަކްޝަމްގެ ކުރިމަތީ ހަތިޔާރު ބަހައްޓާށެވެ. އަކްޝަމް ތިޝާ އަތުން ދޫކޮށްލީ އަކްޝަމް ދައްކާ ވާހަކަ އަޑުއަހަން އެއްބަސްވީމައެވެ.
“އަހަންނަށް ތިޝާއަށް ހަގީގަތް އޮޅުވާލަން މަޖުބޫރުވީ. އަހަންނާ ތިޝާއާ ދިމާވިއިރު އަހަންނަކީ ޕޮލިސް ސާވިސްގައި މަސައްކަތް ކުރަމުންދިޔަ އިންޓެލިޖެންސް އޮފިސަރެއް. އެހެންވެ އަހަރެން ތިޝާއަށް ހަގީގަތް އޮޅުވާލީ. އޭރު އަހަންނަށް މުހިއްމުވީ އަހަރެންގެ ވަޒީފާ. ފަހުން އަހަރެން ތިޝާއަށް ހުރިހާ އެއްޗެއް ކިޔައިދޭން ބޭނުންވި. އެކަމަކު އޭރު ވަގުތު ފާއިތުވެއްޖެ” އަކްޝަމް މަޑުމައިތިރި ކަމާއެކު ކިޔައިދެމުން ގެންދިޔަ އެވެ.
“މިހާރުދެން ތިވާހަކަތައް ދެއްކުމުގެ މާނައެއްް ނެތް. ދެން ރަނގަޅު ވާނީ މިއުޅޭހެން ނުދަންނަ ދެ މީހުންގެ ގޮތުގައި އުޅުނިއްޔާ” މިހެން ބުނެ ތިޝާ ތެދުވެގެން ދާން އުޅުނު ވަގުތު އަކްޝަމް ތިޝާގެ ކުރިމައްޗަށް އެރިއެވެ.
“ތިޝާ ހެޔޮނުވާނެ. އަހަރެންގެ ސުވާލުތަކަށް ޖަވާބުދީ އަހަރެންގެ ސިކުނޑިއަށް ލުއި ކޮށްދީފާނަންތަ؟” އަކްޝަމް އާދޭހުގެ ރާގަކަށް ބުންޏެވެ.
“ނުދަންނަ މީހުންނާ އަހަރެންގެ ލައިފްސްޓޯރީ ހިއްސާއެއް ނުކުރަން” ތިޝާގެ މި ޖާވާބުން އަކްޝަމް މުޅިން މާޔޫސްވި އެވެ.
ތިޝާ ދާން މަގުދައްކަމުން އެއްކައިރިއަށް ޖެހިލެވުނީ ހަދާނެ ގޮތް ހުސްވެ ހުރެއެވެ.ފުރުސަތެއް ލިބުމާއި އެކު ތިޝާ ދުވެފައި ގޮސް ގޭތެރެއަށް ވަނެެވެ.
-ނުނިމޭ-
7 Comments
Comments are closed.
Wow nice ingey ???????
When next part
V reethi ???… Waiting for next part ???… Keep up the good work azzo
Varah reethi
vvvvvvvvvvvvv reethi n ehaame interesting
Waiting for next pary
Nice.. wen is the next part… waitin