
ސިއްރު – 10
އާހިލްގެ އެ ވާހަކަތަކުން އަހަންނަށް އިތުރު ދިރުމެއް ލިބުނު ފަދައެވެ. ހިތުގެ ކަނެއްގައި ފޮރުވިފައި ހިތްވަރު މިލާ މޯޅިވަމުންދާ ގަހަކަށް ފެންދިނުމުން އާރޯކަން ލިބޭ ފަދައަކުން އާވިއެވެ. މަޑުމަޑުން ދާން ހިނގައިގަތް ވަގުތު ހީލްސަގައި ހިނގީމަ ގޮވާފަދަ ޓޮއް އަޑެއް އިވެން ފެށިއެވެ. އެ އަޑު ހީވަނީ އަހަންނާއި ދިމާލަށް އަންނަހެންނެވެ. އަހަރެން އެ އަޑަށް ސަމާލުކަން ދެމުން މަޑުމަޑުން އިސްއުފުލާލައި ބަލައިލީމެވެ. ދެން ފެނުނު މަންޒަރަކުން ހުރިތަނަށް އަހަރެންގެ ފިޔަވަޅު ގަނޑުވިއެވެ. ހައިރާންވެގެންނެވެ. ލިބިފައި ހުރި ހައިރާންކަމާއިއެކު އަދިވެސް ހުއްޓުން އަރާފައި އަހަންނަށް ހުރެވުނީ އެދިމާލަށް ބަލާށެވެ. އެތަނުން ނަޒަރު ވަކިކޮށްލަންވެސް ނޭނގިފައެވެ.
މިއޮތް ހުރިހާ ދުވަހު އަހަންނާއި ބައްދަލު ނުވެ ހުރެފައި މިއަދު ކުއްލިޔަކަށް އެ އައީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ހިތުގައި ޝަކުވާބޮނޑި ބަނދެލެވުނެވެ. ވާނީވެސް އެހެން ތާއެވެ. ކުރިމަތިން އެ އަންނަނީ އޮފީސް ހެދުމުގައި ހުރި އަހަރެންގެ ލޯބިވާ ކުޑާއްތަ އެވެ. މަޑު ފިޔާތޮށި ކުލައިގެ އަތްދިގު ޓޮޕާއި ކަޅުކުލައިގެ އޮފީސް ފަޓުލޫނު ލައިފައި ވީއިރު އަރައިގެން ހުރީ ކަޅު ކުލައިގެ ހައި ހީލްސްއަކަށެވެ. ދޮންކަމެއް ވާ އެ ވަށް މޫނު ވަށައިގެން އޮޅާލެވިފައިވާ ކަޅުކުލައިގެ ޝޯލް އިން އިތުރަށް އޭނާގެ ރީތިކަން ދައްކުވައިދެއެވެ. ކަޅުކަން ގަދަ ބުމައާއި ކުޑަ ކުޑަ ތުންފަތުގައި ވަނީ މަޑު ފިޔާތޮށި ކުލައެއް ޖައްސާލެވިފައެވެ. އަތުގައި އަޅުވާލެވިފައި ވަނީ އޮފީސް ބޭގެކެވެ. ބަލާލައިފައި ކުޑާ އަކީ ސާޅީސް އަހަރު މީހެއް ކަމަށް އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ.
އާޔާވެސް ކުޑަކޮށް ކުޑާ އާއި ވައްތަރުހެން އެ ވަގުތު އަހަންނަށް ހީވިއެވެ. އެއީ ބައްޕަ ފަރާތު އަހަރެންގެ ބޮޑުދައިތަވިއްޔާއެވެ. ވައްތަރު ވެދާނެ ނޫންހެއްޔެވެ؟ އެއީ އަހަރެން ދެކެ މައިންބަފައިންގެ އިތުރުން އެންމެ ލޯބިވާ ފަރާތެވެ. އަހަރެންގެ ހިތުގައި ވީ ޝަކުވާތައް ފޮޅުވާލީ މި ވަގުތު އޭނާ ފެނުމުން އަހަރެން ވެފައި ހުރި އުފާ އެއަށްވުރެ ބޮޑުވީމައެވެ.
“ކުޑާ…” އަހަންނަށް ވައި އަޑުން އެހެން ބުނެލެވުނު އިރު ކުޑާ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިލަނީއެވެ. އެ މޫނުމަތީގައި ވަނީ ހާސްކަމެވެ. ނުތަނަވަސް ކަމެވެ. ހިތާމައެވެ. އަހަންނަށް މި ވީގޮތް ނަގައިގަނެވުނެވެ. އާޔާގެ ޚަބަރު ލިބުމުން ކުޑާވެސް ދެރަވީއެވެ. “ޔާން.. ދަރިފުޅާ ކިހިނެއްތަ ވީ؟” ކުޑާ އަހަރެން ގާތު އެހެން ބުނި އިރު މުތީ ތަކެއް ފަދަ ކަރުނަތައް އެ ދެލޮލުގައި ވިދަމުން ދިޔައެވެ. އަހަރެން ބުނާނީ ވަކި ކީކޭހެއްޔެވެ؟ އެންމެން އައިސް ވަކި އަހަރެން ގާތު އެ ސުވާލު ކުރަނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް އެ ސުވާލުގެ ޖަވާބު ދޭން އެއްގޮތަކަށްވެސް ފަސޭހައެއް ނޫނެވެ.
” ކުޑާ.. ކިހިނެއް މި ވާހަކަ ބުނާނީވެސް… ޔަ.. ޔާންގެ ކޮއްކޮ އަނބުރާ ލިބުނީ… އެކަމަކު އެކަން އެނގުނީ ވަރަށް ލަހުން.. އޭން.. އޭނާ ބަލި އެނދަށް ދިޔަ ފަހުން.. ކުޑާ.. އެޔޮތީ އާޔާ…” ވަރަށް ހިތަވަރު ކޮށްފައި ކުޑާއަށް ވީގޮތް އަހަރެން ކިޔައިދިނީ ހިތުގައި އަޅާ ވޭނަށް އެއްވެސް ފަރުވާލެއް ނުދީއެވެ. މިއީ އާއިލާ މީހުންނަށް ކޮންމެހެންވެސް އިނގެން ޖެހޭނޭ ވާހަކައެއް ކަމުން ބުނަން މަޖުބޫރުވީއެވެ. އަހަރެން ކިޔައިދީ ނިމުނު އިރު ކުޑާގެ ލޮލުން ރޮނގަކަށް ކަރުނަ ފައިބަމުން ދިޔައެވެ. އަހަރެން ފަސްދީ އާޔާ ގާތަށް ދިޔައީ އެސްފިޔައެއްވެސް ޖަހާނުލައެވެ. އަހެރެން އިސްޖަހާލީމެވެ. އެވަގުތު އަހަރެންގެ ފަން އިސްތަށިގަނޑުން ބައެއް ނިތްކުރިމައްޗަށް އެޅި ބުމައިން ބައެއް ފޮރުވާލަދިނެވެ. މާޔޫސްވެހުރެ އެތަނުން އަހަރެން ނިކުތީ ބައްޕަ މިތަނަށް އަންނަން ފުރުސަތު ދެމުންނެވެ.
ބޭރުގައި އާހިލް އާއިއެކު މަޑުކޮށްލައިގެން ހުއްޓާ ބައްޕަ އަންނަތަން ފެނުނެވެ. ކުރީގައި ވި ހިނިތުންވުމުގެ ބަދަލުގައި މިއަދު އެ މޫނުމަތީގައި ވަނީ ހިތާމައިގެ ކުލަވަރުތަކެވެ. ވަރުބަލިކަމެވެ. ކުރިން އެ އުޖާލާވި މޫނުމަތި މިއަދު ވަނީ މިލާމޯޅިވެފައެވެ. ލޯބިވާ މީހަކު ދުނިޔެ ދޫކުރުމުން ވާނީ މިހެން ނޫންހެއްޔެވެ؟ އަހަރެން ފެނުމުން ބައްޕަ އިތުރަށް ރުޅި ނާރުވަން އަހަރެން އެނބުރިލީ ބައްޕައަށް ނުފެންނާނެހެންނެވެ. ބައްޕަ އެތަނަށް ވަދެގެން ދިޔުމުން އަހަރެން އާހިލް އާއިއެކު ހޮސްޕިޓަލުން ނިކުންނަން ދިޔައީމެވެ. އާޔާ ވަޅުލަނީ އިޝާ ނަމާދަށް ފަހު ކަމުގައިވާތީ އަދި ވަގުތު އޮތުމުން ފެންވަރާލައި ތާޒާވެލުމަށެވެ.
މަގުމަތިން ހިނގަމުން ދިޔައިރުވެސް އަހަންނާއި އާހިލްއާއި ދެމެދު ވަނީ ހިމޭންކަމެވެ. އެކަކަށްވެސް އިސްވެ ވާހަކަ ދައްކާނެހާ ހިތްވަރު ލިބިފައި ނެތީއެވެ. އުދުހިފައި ދެވޭނެނަމަ ކިހާ ރަނގަޅުހޭ އަހަރެންގެ ހިތަށް އެވަގުތު އެރިއެވެ. މިވަގުތު ބާރަށް ހިނގާހިތެއްވެސް ނެތެވެ. އެކަމަކުވެސް އަވަހަށް ގެއަށް ދާން ބޭނުމެވެ. ވެފައި ހުރި ވަރުބަލީގެވެސް ސަބަބުންނެވެ. އަދި ނަމާދުވެސް ކުރަން ކުރިޔަށް އޮތީއެވެ.
ނަސީބަކުން ވިސްނުމެއްގެތެރޭގައި ހިނގަ ހިނގާ ހުއްޓާ ގެއަށް އާދެވިއްޖެއެވެ. އެވަގުތު ހިތާހިތުން ﷲއަށް ޙަމްދު ކޮށްލެވުނެވެ. އަހަރެންގެ ކުޑަ ޢާއިލާ ދިރިއުޅޭ އެޕާރޓްމެންޓްގެ ދޮރު ކުރިމަތީގައި ހުއްޓިލައި ޖީބުން ތަޅުދަނޑި ނަގައި ދޮރު ހުޅުވާލީމެވެ. ބައްޕަމެން އަހަންނަށް ވަކިން ތަޅުދަނޑިއެއް ހައްދައިދީފައޮތްކަން ހަމަ ނަސީބެކެވެ. ނޫންނަމަ މިއަދު އަހަންނަށް ޖެހުނީހީ ބައްޕައާއި ކުރިމަތި ލާށެވެ. އަހަރެންގެ ޙާލަތު ހިތަށް އެރުމުން ފުން ނޭވާއެއް ފަޒާގެތެރެއަށް ދޫކޮށްލުމަށްފަހު އަހަންނަށް ޚާއްސަކުރެވިފައިވީ ތަނަވަސް ކޮޓަރިތެރެއަށް ވަދެގެން ދިޔައީމެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ތުވާލި ހިފައިގެން ފާޚާނާއަށް ވަނީ ފެންވަރާށެވެ.
ފެން ވަރާލެވުމުން ހަށިގަނޑަށް ވަނީ އާދަޔާ ޚިލާފަށް ލުއިވެފައެވެ. ބަރު ވެފައިވި ސިކުނޑިން ހީވަނީ އެތަށް ހާސް ހިލަތަކެއް ނެގިފައިވާހެންނެވެ. އަވަހަށް މަޣްރިބް ނަމާދު ކޮށްލީ ފަހަށް ކަންތައް ކުރަން ބަހައްޓައިގެން ކުކުޅަށް ވީ ގޮތް ވެދާނެތީއެވެ. ނަމާދުކޮށްލުމުން ހިތަށް ވެރިވީ ހިތާމަޔަށްވުރެ އުފާވެރިކަމެވެ. އަހަރެންގެ ހިތުގައިވީ މާޔޫސްކަން އިސާހިތަކު ފިލާގޮސް ހިތްހަމަޖެހުން ވެރިވިއެވެ. ނަމާދުގައިވެސް އާޔާއަށް ހެޔޮ ރަޙުމަތް ލެއްވުން އެދި އެތަކެއް ފަހަރަކު ދުޢާ ކުރީމެވެ. އަދި ބައްޕައަށް ހެޔު ވިސްނުން ދެއްވާ މަންމައަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުޢާކުރެވުނު އަދަދެއް ނޭނގެއެވެ. ދުޢާ ކުރެވުމުންވެސް ހިތަށް ހިތް ހަމަޖެހުން ވެރިވެއްޖެއެވެ. އަދި ގަޑިން އެވީ ހަގަޑި ސާޅީސް ފަހެކެވެ. އެހެން ކަމުން އަދި އަހަރެން އަރާމުކޮށްލިޔަސް އިޝާނަމާދަށް ދާން ވާއިރަށް ހޭލެވިދާނެއެވެ.
ނޫކުލައިގެ ބެޑުޝީޓުން ފޮރުވާލެވިފައިވާ ބޮޑު އަރާމު އެނދުގައި އަހަރެން އޮށޯވެލީ އިރުކޮލަކަށް ނަމަވެސް މި ހަށިގަނޑަށް ވެފައި ހުރި ވަރުބަލި ފިލުވާލުމަށެވެ. އަހަރެން ބޯ އަލާލި ނޫކުލައިގެ ބާލީހާއި ނުހަނު ގާތުގައި ފޯނު އެލާމަށް ޖެއްސުމަށްފަހު ބޭއްވީ ހޭލަން ދަތިވެދާނެތީއެވެ. އަހަންނަކީ މިއީ ނިންޖަށް އެހާ ފޯރި ހުންނަ މީހެކެވެ. އޭސީގެ ފިނިކަން އަހަރެންގެ ހަށިގަނޑަށް ވެރިވަމުން ދިޔައިރު އިސާހިތަކު ނިދީގެ ފުން ކަނޑަށް އަހަރެން ޣަރަގު ވެއްޖެއެވެ.
***
އާފުރިލަމުން މޯޅިއަކަށް ދެމިލީމެވެ. ނިދި ބަރުވެފައިވާ ދެލޮލާއިއެކީ އަހަންނާއި ނުހަނު ގާތުގައި އޮތް ފޯނު ނަގައި ގަޑި ބަލައިލީމެވެ. އެވަގުތު އަހަރެންގެ ނިދިވެސް ފިލައިފިއެވެ. ފުންމައިގެން އެނދުން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. ހާސްވެ ހުރެ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. ގަޑިން މިހާރު އެހުރީ ދަންވަރު ދެގަޑި ބައިވެފައެވެ. ޝައިޠާނާ އަހަންނަށް ނާނާކިޔައިދިންލެއް ގަދަކަމުން ބަންގީގެ އަޑަށްވެސް އަހަންނަށް ނުހޭލެވުނެވެ. ނުވިތާކަށް އަހަރެންގެ ކޮއްކޮއަށް ވަދާޢީ ސަލާމް ކުރުމަށްވެސް ނުދެވުނީއެވެ. އެކަމަކު ބައްޕަވެސް އަހަރެން ހޯދަން ނައެވެ. އަހަރެން ދެކެ ބައްޕަ ރުޅި އައިސްފަހުރި ވަރުން އެކަމުގައި އަހަރެން ބައިވެރިކުރަންވެސް ބޭނުން ނުވީ ދޯއެވެ؟ އެކަމަކު އެހެން ހަދަން ހެޔޮ ވާނެ ހެއްޔެވެ؟ ދެން ބައްޕަގެ ވާހަކަ ބާއްވާށެވެ. އާހިލް ވެސް އަހަންނަށް ގުޅަން ރަނގަޅެއް ނޫންހެއްޔެވެ؟ އަހަރެންގެ ކަންފަތަށް އަހުވަވެގެންވެސް ހޭލަފާނެ ނޫންހެއްޔެވެ؟ އެލާމަށް ނުހޭލެވުނު މީހަކަށް ފޯނު ކޯލަކަށްވެސް ނުހޭލެވިދާނެ ދޯއެވެ. މިކަހަލަ އެތަކެއް ވިސްނުމެއް ވިސނުމަށްފަހު ފޯނު ހުޅުވާލީމެވެ.
ހުރިހާވެސް މައްސަލައަކީ ހަމަ އަހަންނެވެ. ފަނަރަ ފަހަރަށް އާހިލް އަހަންނަށް ގުޅައިފަ އެބައޮތެވެ. ބާރަ މެސެޖުވެސް ކޮށްފަ އެބައިނެވެ. ނުވިތާކަށް ވައިބަރ އިންނާއި މެސެންޖާއިންވެސް މެސެޖު ކޮށްފަ އެބަހުއްޓެވެ. އޭނާއަށްވެސް މަސައްކަތް ކުރެވޭނީ މިވަރަކަށް ނޫންހެއްޔެވެ؟ ދެން އަހަރެން ޖަވާބެއް ނުދިނީމައި އޭނާއަށްވެސް މަސައްކަތް ހުއްޓާލެވޭނީ ނޫންހެއްޔެވެ؟ އާހިލްގެ އިތުރުން ކުޑާވެސް އެތަށް ފަހަރަކު ގުޅައިފައި އަހަންނަށް މެސެޖު ކޮށްފަ އެބަހުއްޓެެވެ. ދެލޯ މަރައި ތަގުޅި ކޮށްލުމަށްފަހު މޫނުމަތީގައި އަތް އަޅާލެވުނެވެ. އަހަރެންގެ ޙަޔާތުގެ އެހާ މުހިއްމު ވަގުތުކޮޅެއް އެ ގެއްލުނީ އަހަރެންގެ ފަރުވާ ކުޑަ ކަމުންނެވެ. ދެން ކުރާނެ ކަމެއް ނެތެވެ.
އެނދުން ތެދުވެ ގޮސް ކިޔަވާ މޭޒުކައިރީ އިށީނދެ ކޮޓަރީގެ ކުޑަދޮރު ހުޅުވާލީމެވެ. ގޮނޑީގައި އިށީނދެ ހަމަޖެހިލީ ނިދިވެސް އަހަރެންގެ އެސްފިޔަތަކާއި މާ ދުރަށް ގޮސްފައިވުމުންނެވެ. ހަލަބޮލި މާލެވެސް މިވަގުތު ވަނީ އެންމެނާއި އެއްކޮށް ނިދާފައެވެ. ދަންވަރު ގަޑިއަށް ‘އެކްޓިވް’ ވާ ޕާޓޭ ކުދިންކޮޅުވެސް މިރޭ އަދި ދައްކާނުލައެވެ. ރަނގަޅީވެސް މަގުމައްޗަށް އެ މީހުން ނުނިކުމެއްޖިއްޔާއެވެ. ބޭރުގެ ހަމަހިމޭން މަންޒަރަށް އަހަރެން ގެއްލިފައި އިންދާ ހިތުގެ ހަމަޖެހުން ނަގާލީ ހިތަށް އެރި އެއްޗަކުންނެވެ. މިއަދު ކުއްލިޔަކަށް ކުޑާ ފެނުމުންނެވެ.
ކުޑާ އަކީ އަހަންނާއި އެހާ ގާތް މީހަކަށްވެފައި މިހާރު ކުޑާ އާއި ދިމާ ނުވާތާ ދެހަފްތާއަށްވުރެ ގިނަވެދާނެއެވެ. ދެން ކުޑާއަށް އެތަނަށް ދެވުނީ ކިހިނެއް ހެއްޔެވެ؟ މިކަހަލަ ޚިޔާލުތަކެއް ކުރެވުމުން ނިތްކުރިމަތީގައި ކަނާތް އަތުން އަހަރެން ޖަހާލީ ހިތަށް އަރާ މޮޔަ އެއްޗެހީގެ ސަބަބުންނެވެ. ވާނީވެސް އެހެންތާއެވެ؟ އަހަރެން ނޫނީ މި ދުނިޔެމަތީ ކުޑާއަށް އާޔާގެ ޚަބަރު ދޭނެ މީހަކު ނެތީއެއް ނޫންވިއްޔާއެވެ. ބައްޕަވެސް އެހެރީއެއްނޫންހެއްޔެވެ؟ އަމިއްލަ މޮޔަކާމާއިމެދު ކުދިކިޔަމުންގޮސް ފާޚާނާއަށް ވަނީ އަދި އިޝާ ނަމާދު ނުކުރެވޭކަން ހަނދާންވުމުން ވުޟޫކުރާށެވެ. ނަމާދުކުރުމަށްފަހު އަނެއްކާވެސް ނިދޭތޯ ބަލަން އިން ތަނުން ތެދުވެގެން ގޮސް އެނދަށް އެރީމެވެ. ދަންވަރުގެ މިވަގުތުވެސް ހޭލައިގެން އުޅުނެއް ކަމަކު ކޮންމެވެސް ވަރަކަށް ނިދި އަހަރެންގެ ލޮލުގައި ވިއެވެ. ނަތީއްޖާއެއްގެ ގޮތުން އިސާހިތަކު އަހަންނަށް ނިދިއްޖެއެވެ.
***
ނިދިން ހޭލެވުނީ އަހަރެންގެ ފޯނު ރުޅިން ހަޅޭއް ލަވަނިކޮށެވެ. އަހަރެންވެސް ވަކި އެއަށްވުރެ ރުޅި މަޑެއް ނުވާނެއެވެ. އެހެންކަމުން އަހަރެންގެ ރުޅި އެއަށްވެސް ދައްކާލުމަށްޓަކައި ފޯނު އަތަށް ނެގީ އަތުކޮޅަށް ހޫރާލާނަމޭ ހިތައެވެ. ނަމަވެސް އަހަރެންގެ ސިކުނޑިއަށް އައި ޚިޔާލު ބަދަލު ކޮށްލީ އެ ހަލާކުވެއްޖެނަމަ އަހަންނަށް ފޯނެއް ހޯދަން އުނދަގޫވާނެތީއެވެ. އަދި މިދުވަސްކޮޅު އަމުދުންނެއް ނޫނެވެ. ބައްޕަގެ ރުޅިގަނޑުގެ ތެރެއަށް މި ޚަބަރު ވަދެއްޖެނަމަ ދެން ވާނެގޮތެއް ޚިޔާލަށް ގެންނަންވެސް ދައްޗެވެ. އާނއެކެވެ. ދެން އަށާރަ އަހަރުގެ މީހަކަށް ދުވާލަކު ފޯނެއް ގަނެދޭން ޖެހުމުން ރުޅި ނާންނާނީ ކޮން މަންމައަކާއި ބައްޕައެއް ހެއްޔެވެ؟ ސިކުނޑި ހަމައަކަށް އަޅުވާލައި ފޯނުގެ އެލާމު އޮފް ކޮށްލުމަށްފަހު ފާޚާނާއަށް ވަންނަން ދިޔައީ ފެންވަރާލާއި ތާޒާވެލުމަށެވެ. ފަތިސްނަމާދަށް ދާންޖެހޭތީއެވެ.
މާލޭގެ ހަމަހިމޭން ވަގުތުގައި މަގުތައްވެސް ވަނީ އަރާމު ނިންޖަކުން ނިދާލައިފައެވެ. ހާހަކުން ފަހަރަކު ސައިކަލެއް ދުއްވާލައިފައި އަޔަސް ހިނދުކޮޅަކަށް ނޫނީ އަޑުގަދައެއް ނުވެއެވެ. މިއީ ފަތިސްވަގުތު ވިއްޔާއެވެ. ހޭލާ އޮންނާނީ ކާކުހެއްޔެވެ؟ ދެތިން މީހަކު ނޫނިއްޔާ މިގަޑީގައި ހޭލާ ނޫޅޭނެކަން ގައިމެވެ. އަދި މިއީ ހުކުރު ދުވަސްކަން ހަނދާން ވުމުން ދެފަރާތަށް ބޯ ހޫރުވާލެވުނީ މިޒަމާނުގެ މީހުން ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ މިންވަރު ވަޒަންކޮށްލެވުމުންނެވެ. މިއަދު މިއީ މެންދުރު ބަންގި ގޮވަންދެން ނިދަންޖެހޭ ދުވަސް ވިއްޔާއެވެ. ބައެއް ކުދިންނާއި މީހުންގެ ޙާލަކީ މިއީއެވެ.
އަދުގެ ޙާލަތާއިމެދު ވިސްނަމުންގޮސް އަހަންނަށް މިސްކިތާއި ހަމައަށްވެސް އާދެވިއްޖެއެވެ. ލަސްތަކެއް ނުކޮށް އަވަހަށް މިސްކިތަށް އެރީ ޖަމާޢަތުގައި ނަމާދުކުރާށެވެ. ނަމާދުގައިވެސް އާޔާއަށާއި އަހަރެންގެ މައިންބަފައިންނަށް ދުޢާކޮށްގެން މިސްކިތުން ފައިބައި ފައިވާނަށް އަރަން އުޅުނު ވަގުތު އަހަރެންގެ ކޮނޑުގައި މީހަކު ކުޑަކޮށް ޖަހާލިއެވެ. އެ ހިނދުކޮޅު އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މުޅިންވެސް އާއިލާގެ ޚިޔާލުތައްކަމުން އެވަގުތު އަހަރެން ސިހުނެވެ. އަހަރެންގެ ބިރުގަނެފައިވީ ހިތް ހަމައަކަށް އަޅުވާލަމުން ފަހަތަށް އެނބުރިލީއިރު ހުރީ ފަނޑު ހިނިތުންވުމެއްގައި ހުރި އާހިލްއެވެ. އަހަރެންވެސް އޭނާއަށް ހިނިތުންވުމެއް ހަދިޔާކޮށްލީމެވެ.
“ރޭގަ ޔާން އަށް ހާދަ ވަރަކަށް ގުޅީމޭ… އާހިލް އަށް ކިޔަން ތި އަޔާނަށް ވެސް ވަނީ ހަމަ އެވަރެއްނު… ވަކި ވަރެއްގެ މީހަކު ނެތެއްނު..” އާހިލް އޭނާގެ މޫނަށް ގޮތެއް ހަދާލަމުން އަހަންނާއި ދިމާލަށް ބުންޏެވެ. އެވަގުތު އާޔާގެ ހަނދާން އާވުމުން އަހަރެންގެ ހިނިތުންވުނެ ފޭދެން އުޅުނު ނަމަވެސް ހަމަޖެހިލާ ކުރިންވެސް ހުރި ހިނިތުންވުމަށް އަނބުރާ ރުޖޫޢަ ވީމެވެ. އަހަރެން ކިތަންމެ ހިތާމަ ކުރިއެއް ކަމަކު ދެން އާޔާއެއް ނާންނާނެއެވެ. ދެން އެކަމާއި އަބަދު ކަރުނަ އެޅުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ މި ހިތާމައާއި ހިތްވަރާއިއެކު ކުރިމަތި ލީމަ އެ ވީ ނޫންހެއްޔެވެ؟ މިހުރިހާ ކަމެއް ކުރަން ހިތުން ކިތަންމެ ގަޓު ހުރި މީހަކަށް ވެގެން އުޅުނަސް އާޔާގެ މަތިން ހަނދާން ނައްތާލުމަކީ ދުވަހެއްގެ ކޮޅުންވެސް އަހަންނަށް ވާނެ ކަމެއް ނޫނެވެ.
“ރޭގަ ދޯ… ރޭގަ މަޢްރިބް ނަމާދު ކޮށްގެން ރެސްޓް ކޮށްލަން އޮށޯވެލީ އަސްލު… އެ އޮށޯތް ގޮތަށް ވަރުގަދައަށް ނިދުނީ.. މި ފޯނުގެ އެލާމުގެ އަޑުވެސް ނީވުނު… ދެން ކިހިނެއް އަދި އާހިލް ގުޅި އަޑު އިވޭނީ؟” އަހަރެންވެސް އަމިއްލަ ދިފާއުގައި ވާހަކަ ދައްކަމުން ހިނި އައީމެވެ. ދެ ނަމާދު ދޭތެރޭ ނިދީމާ ވާނީ އެހެންނޫންހޭ ކިޔާފައި އާހިލް އަހަންނާއި އެވަގުތު ދިމާ ކޮށްލިއެވެ.
ދެމީހުންވެސް ނަމާދުކޮށްގެން މިސްރާބުޖެހީ ބަނދަރާއި ދިމާލަށެވެ. އަދި އެއްކޮށް ހެނދުނު ނުވާތީވެސް މެއެވެ. މިވަގުތަކީ އަހަރެން އަބަދުވެސް ހިނގާލަން ބޭނުންވާ ވަގުތެކެވެ. ތެތް ފިނިކަން މުޅި ފަޒާގައި ހިފާލާފައި ވާތީ ފިނިވެ ތޯއްޗެކެވެ. ދެއަތް ދެއަތާއި އުނގުޅަމުން މަޑުރާގެއްގައި ހިނގަމުން ދިޔައިރުވެސް އަހަންނާއި އާހިލްއާއި ދެމެދު ވަނީ ހިމޭންކަމެވެ. އާހިލްވެސް އިސްވެ ވާހަކަ ދައްކާކަހަލަ ޚިޔާލެއް ނުކުރިއެވެ. އެހެންވެ އަހަރެންވެސް އަދި ވާހަކަ ދައްކާކަށް ނޫޅެމެވެ. އިތުރު މީހެއްގެ ބޮލަށް އުނދަގޫ ކުރަންވީ ކީއްކުރަން ހެއްޔެވެ؟
އަހަރެންވެސް އަހަރެންގެ ގޮތުގައި ހިފަހައްޓާލީމެވެ. ނަމަވެސް އަހަރެންގެ ސިކުނޑި ވަނީ އެހެން ކަމަކަށް ގޮސް ހުސްވެފައެވެ. މިހެން ދަނިކޮށް އަހަންނާއި އާހިލް އާއި ދެމެދު އޮތް މަރުފަދަ ހިމޭންކަން ފޫއަޅުވާލީ އޭނާ އަހަންނާއި ކޮށްލި ސުވާލަކުންނެވެ. އަހަންނަށްވެސް ހުރި ފިޔަވަޅުމަތީ މަޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ އެކޮށްލީ ހަމަ އަހަރެންގެ ހިތަށްވެސް ދެންމެޔަކު އެރި ސުވާލެވެ.
(ނުނިމޭ)
10 Comments!
Comments are closed.
Wow varah reethi mi part ves.dhen kon irakun baa up kohdheveyne
jazakillah khairan shai… in sha allah thursday ga up kohdheveytho balaanan…
Varah reethi
jazakillah khairan Ibsha.. 🙂
Alhamdhulillaah! mi bai ves kaamiyaabu kamaaieku genesdhevunu kamattakaa allah ah hamdhu kuran…ummeedhu kuran kiyuntherin beynunvi varah mi part genesdhevunu kamah… PLUS mi part ves kiyumah fahu kiyuntheringe khiyaalu faalhukurun varah bodah edhen.. LY all!!! 🙂 <3 <3 <3
Alheyy..vrh reethi… m in gr 7… soo vrh bx.. ehnve gina faharu commnt nukurevey…bt I always read this strii.. .without misiing any prt.. knme prt eh s vrh reethi…
jazakillah khairan mishy… it’s ok… dharivarunnah v ma ahremen jeheynee furathama kamakah kiyevumah samaalukan dheyn.. 🙂 mi vaahaka ah ehaa shauquverikan bahattaathy jazakillah khairan.. 🙂 nxt part ah ves inthizaaru kuraane kamah ummeedhu kuran..
nice story.. waitung 4 next part
Jazakillaah khairan SHIFU…
salaam.. varah bodah maafah edhen hurihaa kiyuntheringe faraathun ves… next week mi vaahakaige ithuru part eh up nukurevidhaane.. varah bxy week eh kuriyah othy, ehenve.. ekamaku ves inan ah v varakun masakkaiyy kuraanan ithuru part eh up kureveytho.. 🙂 kiyuntherinnah mi situation understand vaane kamah ummeedhu kuran.. 🙂 <3<3<3