ނަދީމްގެ ވާހަކަ ހުރިގޮތުން އަރާޝް ކައިރިއަށް ރުޅިއައެެވެ. ރުޅިގަނޑު އިތުރުވެގެން ދިޔައީ އަރާޝްގެ ދިފާއުގައި ތަނާ އެއްޗެއް ނުބުނުމުންނެވެ. އައި ރުޅިމަތީގައި އަރާޝްއަށް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެެވެ. ތަނާ ސިއްސައިގެން ގޮސް އަރާޝްއަށް ވައި އަޑަކުން ގޮވާލުމުން އަރާޝްގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ.
” އަހަރެން ހިއެއް ނުކުރަން އަހަރެން މިގެއަށް ގެނައީ މިގޮތަށް އަހަރެން ލަދުގަންނަވާލަން ކަމެއް… ތީ ހަމަ މުއްސަނދިންގެ ގޮތް… އަހަންނަކަށް ނޫން އެއްޗެއް ނޭނގިގެން މިއުޅެނީ ކަލެއަށް…” އަރާޝްގެ ފަހު ޖުމްލައިން ތަނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. އެހެނީ ކުރިން ދުވަހަކުވެސް އެއްވެސް މީހަކު އެގޮތަށް ނަދީމްއަކާއި މުޙާތަބުކޮށްފައެއް ނުވެއެވެ. ތަނާ އަރާޝް ދެކެ އިންތިހާއަށް ލޯބިވިނަމަވެސް ބައްޕައާއި އެގޮތަށް މުޙާތަބު ކުރުމުން ރުޅިއައެވެ.
” ދަރިފުޅަށް އެބަފެނޭތަ މިހާރު މީނަގެ ފެންވަރު… އަދިވެސް ދަރިފުޅު ބޭނުންވަނީ ހަމަޖެހޭ ދިރިއުޅުމަކަށް މިކަހަލަ މީހަކު އިޙްތިޔާރު ކުރަންތަ.. ” ފަހަތުގައި ހުރި ތަނާއަށް ބަލާލަމުން ނަދީމް އަހާލިއެވެ. ބަދަލުގައި ޖަވާބެއް ނުދީ ތަނާ އަރާޝް އާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.
” އަހަރެން މިތާ ދެން އެންމެ ހިނދުކޮޅަކުވެސް މަޑުކުރާކަށް ނެތިން… ތަނާއަށް އަހަރެން ވެއްޖިއްޔާ އަހަރެން.. އޭނަ ވެއްޖިއްޔާ.. ވަރަށް ސަލާން .. ދެން ދަނީ” ރުޅިއައިސްފައި މިހެން ބުނަމުން އަރާޝް ދޮރާ ދިމާއަށް ހިނގައިގަތެވެ. ދެވިސްނުމެއްގައި ހުރެފައި ތަނާވެސް އަރާޝް އަށް ގޮވަމުން ފަހަތުން ނިކުންނަން ދިޔައެވެ. ނަދީމް ދެފަރާތަަކަށް ބޯހޫރާލީ ވެދިޔަ ކަންތަކާއި މެދު ހިތްހަމަނުޖެހިފައި އިނުމުންނެވެ.
ހ. ޑެކޯރާ ގޭގެ ޕޯޓިކޯ ތެރެއަށް ކާރު ހުއްޓާލުމާއި އެކު އޭގެއިން އެންމެ ފުރަތަމަ ފޭބީ ނޫރެވެ. ނޫރު ފައިބައިގެން އައިސް އަނެއްފަރާތުގެ ދޮރުހުޅުވާލައި ދިނުމުން މުޙީތު ދަރިފުޅަށް ޝުކުރު އަދާކުރަމުން ފޭބިއެވެ. އެއަށްފަހު މުޙީތު ކައިރީގައި އެތެރެއަށް ވަނުމަށް ބުނުމަށް ފަހު ނޫރު ދިޔައީ ކާރު ލޮކް ކޮށްލުމަށެވެ. ކާރު ލޮކް ކޮށްލުމަށްފަހު ނޫރު މުޙީތުގެ ފަހަތުން ކަހަލަ ގޮތަކަށް ގެއަށް ވަންނަން ދިޔަ ވަގުތު އެގެއިން ނިކުތް ފިރިހެނެއްގައި ގައިގާ ޖެހިފާ އެއްފަރާތަކަށް އަރި އަޅާލިއެވެ. އެމީހާ ފަހަތް ބަލާވެސް ނުލާ ދިއުމުން ނޫރަށް އެމީހާގެ މޫނު ފެންނަގޮތެއް ނުވިއެވެ.އެކަމާ މާބޮޑު އަޅާލުމެއް ނުބަހައްޓާ އަނެއްކާވެސް ގެއަށް ވަންނަން ދިޔަ ވަގުތު ނުކުންނާން އައި އަންހެންކުއްޖަކަށް ނޫރަށް ބަލާލެވުނެެވެ. ދެވަނަ ސިކުންތުގައި ނަޒަރު ތިރިކޮށް ބިންމައްޗަށް ބަލާލި ނަމަވެސް ނޫރުގެ ހިތުގައި އެމޫނު ކުރެހިގެން ދިޔައެވެ. ހިތަށް ވީގޮތުން މޭގައި ހިފަހައްޓާލެވުނެވެ. އެއަށްފަހު ބާރަށް ލޯމަރާލަމުން ﷲމަތިން ހަނދުމަކޮށްލީ އެކަަހަލަ ވިސްނުން ތަކާ ދުރުވުމަށެވެ.
ސިޑިން މައްޗަށް އަރާންދިޔަ ނަދީމްއަށް ހުއްޓެވުނީ މީހަކު ސަލާމް ގޮވާލި އަޑަށެވެ. އެނބުރި ފަހަތް ބަލާލިއިރު ދޮރުމަތީގައި ހުރި ރަހުމަތްތެރިޔާ މުޙީތު ފެނުމުން ނަދީމްއަށް ލިބިފައިވާ ހިތްހަމަނުޖެހުން ފިލައިގެން ދިޔަ ކަހަލައެވެ. އަވަހަށް ވަންނާށޭ ބުނެ މުޙީތާއި ދިމާއަށް ދިޔަ ނަދީމް ގޮސް މުޙީތުގައިގާ ބައްދާލިއެވެ. އެވަގުތު ނަދީމްއަށް ކައިރީގައި ހުރި ފިރިހެން ކުއްޖާ ފެނުމުން ކޮންކުއްްޖެއްތޯ ސުވާލުކޮށްލެވުނެވެ.
” މީ އަހަރެންގެ ހުރި އެންމެ ފިރިހެން ދަރިފުޅު ނޫރު.. ދަރިފުޅާ ނޫރު މީ ބައްޕަގެ ރަހުމަތްތެރިޔާ ނަދީމް” މުޙީތު އެކަކު އަނެކަކަށް ތައާރަފްކޮށްދިނެވެ.
” އައްސަލާމް އަލައިކުމް.. ބޭބެ ކިހިނެއްތޯ” ނަދީމްއަށް ސަލާމަށް އަތް ދިއްކޮށްލަމުން ނޫރު ބުނެލިއެވެ. ނޫރާއި ސަލާމްކޮށްލިވަގުތު ނަދީމްގެ ހިތްފުރިގެން އައެވެ. ނޫރުގެ އަދަބުވެރިކަން ހުރި ގޮތުންނާއި ވާހަކަ ދެއްކިއިރު ހުރި މަޑުމޮޅި ރާގުން ނޫރަކީ އަހްލާޤް ރަނގަޅު މާތް ކުއްޖެއްކަން އެނގިގެން ދިޔައެވެ. އެވަގުތު ހިތުގައި އުފެދެމުން ދިޔަ އެދުން ފާޅު ނުކޮށް ހިތުގައި ފޮރުވާލީ މީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ގަޑިއަށް ނުވެދާނެތީއެވެ.
” އިށީންނަންވީނު.. ކައުޝީ ސައިގެނޭ” މުޙީތުމެން އިށީންނަން ތަންދައްކަމުން ކައުޝީއަށް ގޮވާ ސައިހެދުމަށް ނަދީމް ގޮވާލިއެވެ.
” ވަރަށް އުފާވެއްޖެ މުޙީތު ދަރިފުޅު ގޮވައިގެން އައިމަ.. ވިޔަފާރީގެ ހުރިހާކަމެއް ބަލަހައްޓަނީ މިސޮރު ދޯ” ނޫރަށް ބަލާލަމުން ނަދީމް އަހާލިއެެވެ.
” އާނ.. ނޫރު އަހަރެން ރިޓަޔާ ކޮށްލައިފި ގޭގަ އަރާމުކުރުމަށް ބުނަމުން… ” ނޫރަށް ބަލާލާފައި ހީލަމުން މުޙީތު ބުނުމުން މުޙީތުގެ ހުނުމުގައި ނޫރުގެ އިތުރުން ނަދީމްވެސް ބައިވެރިވިއެވެ.
” ދެންމެ ނިކުމެގެން އެދިޔައީ ނަދީމްގެ މަންޖެތަ.. ކޮންސޮރެއް ފަހަތުން އެދިޔައީ.. ހާދަ ހިތްހަމަނުޖެހިފަ ހުރިހެން ހީވިޔޭ” މުޙީތު އަހާލުމުން މީގެ ކުޑައިރުކޮޅެއް ކުރިން ވެގެން ދިޔަ ހުރިހާ ކަމެއް ނަދީމް މުޙީތަށް ކިޔައިދިނެވެ. މުޙީތަށްވުރެވެސް ބޮޑަށް އެކަމަށް ސަމާލުކަން ދީގެން އިނީ ނޫރެވެ. ނަދީމްގެ ވާހަކަ އަޑުއަހަމުން ދިޔައިރު އިރުއިރުކޮޅާ ތަނާގެ މޫނު ނޫރު ހިތަށް ސިފަވާ ކަހަލައެވެ.
…………………………………………………….
“އަރާޝް ޕްލީޒް މަޑުކޮށްބާ” އަރާޝްގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް އައި ތަނާ އަރާޝްގެ އަތުގައި ހިފާ މަޑުކުރުވާ އަރާޝްގެ ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށް ހުއްޓުނެވެ.
” ތިރުޅިގަނޑު މަޑުކޮށްފަ އަހަންނާ ވާހަކަ ދައްކަބާ.. ކުށްކުރެވޭނެ ކޮންމެ އިންސާނަކަށް ވެސް.. އޭގެ މާނައަކީ އެކުށުން ރެކެން ވެގެން ބަހަނާ ތަކެއް ދައްކާ ރުޅިއިސްކޮށް އަނެކާ ދަށްކޮށްލުމެއްނޫން” މައިނޭވާ އަޅަމުން ކަހަލަ ގޮތަކަށް ތަނާ ބުންޏެވެ. ތަނާގެ ޖުމްލައިން އަރާޝް އައިސްފައިވާ ރުޅިގަނޑު އިތުރުވިއެވެ. އަރާޝް ޤަބޫލުކުރާ ގޮތުގައި ކުށް ކުރެވުނީ އަރާޝްއަކަށް ނޫނެވެ.
” ތަނާ ތިބުނަނީ އަހަންނޭ ދޯކުށް ކުރީ.. ބަލަ ތަނާގެ ބައްޕައެއް ނޫންތަ އަހަރެން ގެއަށް ގެނެސް ރީއްޗަށް ލަދުގަންނަވާއެލީ.. ތަނާއަށް ތަނާގެ ބައްޕަގެ ކުށެއް ނުފެނޭތަ…” އަރާޝް އައިސްފައިވާ ރުޅިން ވާހަކަ ދެއްކީ ފުދޭވަރަކަށް ބާރަށެވެ. މަގުމަތިންދާ މީހުންނަކަށް އަރާޝްގެ ފަރުވާލެއް ނެތެވެ. އަރާޝްގެ މިއަމަލުގެ ސަބަބުން ތަނާ ލަދުގަނެ ދެރަވިނަމަވެސް އަރާޝް ހުއްޓުވާކަށް ބޭނުމެއް ނުވިއެވެ. އަރާޝް ދައްކަމުން ދިޔަ ވާހަކަތަކުން ތަނާ ކައިރިއަށް އައިސްފައިވާ ރުޅި އިތުރުވަމުން ދިޔައެވެ.
” އަރާޝް އަށް ރަނގަޅު ޖަވާބު ނުދެވުނީމަ އެކަމުގަ ބައްޕަތަ ކުށްވެރިކުރަންވީ.. އަރާޝް ލޯތްބަށްވުރެ ފައިސާ މުހިންމޭ ބުނީމަ އަހަރެންގެ ހިތަށް ކުރި އަސަރު އެނގޭތަ… އަހަރެން ހިޔެއްވެސް ނުކުރަން އަރާޝް އެފަދަ ޖަވާބެއް ދީފާނެ ކަމަކަށް.. އަދިވެސް އަހަރުމެން ދޯ ކުށްވެރި މިވަނީ.. ” ރުޅިއައިސްފައި ހުރިވަރުން ތަނާއަށްެވެސް ވާހަކަ ދެއްކުނީ ފުދޭވަރަކަށް ބާރަށެވެ.
” ތިހިރީ ހަމަ ބައްޕަގެ ދަރިފުޅު.. މުއްސަނދި ބައްޕައެއްގެ ހުރި މުއްސަނދި ކިބުރުވެރި ބޮޑާ ދަރިއެއްތީ.. ތިބުނަނީ އަހަރެން ތަނާ ދެކެ ލޯބިނުވާ ވާހަކައެއްނު… ތަނާވެސް އަހަރެންދެކެ ލޯބިވާނަމަ މިއަދު ތިގޮތަށް އެމީހާގެ ދިފާއުގަ ވާހަކައެއް ނުދައްކާނެ.. ” އަރާޝްގެ ޖުމްލައިން ތަނާގެ ރުޅިގަނޑު އިތުރުވީ ނަދީމްއަށް މުޙާތަބުކޮށް އަރާޝް އެމީހާއޭ ބުނުމުންނެވެ.
” ޙަބަރުދާރު… އެއީ އަހަރެންގެ ބައްޕަ.. އަހަރެންދެކެ ލޯބިވަންޏާ އަހަރެންގެ ބައްޕައޭ ކިޔައިގެން ތިފާޑަށް ވާހަކަ ނުދައްކާ.. ” އަރާޝް އާއި ދިމާއަށް އިންޒާރުދޭ ފަދަ ގޮތަކަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ތަނާ ބުންޏެވެ.
” ލޯތްބެއްނުވޭ… އަހަރެން ވާހަކަ ދައްކާނީ އަހަރެން ބޭނުން ގޮތަކަށް .. އަޑުއިވިއްޖެތަ” ތަނާގެ އަތޮ ދުރުކޮށްލަމުން ހަމަ އެކަނި ތަނާއަށް އިވޭ ވަރަށް އަރާޝް ބުންޏެވެ. އަރާޝްގެ ޖުމްލައިން ތަނާގެ ހިތްވަރު އެލުނެވެ. އަރާޝް އެބުނީ ތަނާ އުއްމީދުކުރި ފަދަ ޖުމްލައެއް ނޫނެވެ. ރައްެހިވެގެން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އަރާޝް ދުވަހަކުވެސް ބުނެފައިވާ ޖުމްލައެއް ނޫނެވެ. ކުރިމަތީގައި ވެގެން މިދިޔައީ ތަނާ ހުވަފެނުގައިވެސް ވުމަށް އެދޭކަމެއް ނޫނެވެ.
” ކީކޭ… އަދިއެއްފަހަރު ބުނެބާ… ” ގަބޫލުނުކުރެވިފައި ހުރެ ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން ތަނާ އަހާލިއެވެ.
” މިބުނީ އަހަރެން ތަނާދެކެ ލޯތްބެއް ނުވެޔޭ.. މިއަދުހެ ހިނގައިދިޔަ ކަންތަކަށް ފަހު އަހަރެން ތަނާދެކެ މުޅިން ފޫހިވެއްޖެ… ކަންތައްވީ އަހަރެން އުއްމިދުކޮށްގެން ހުރި ގޮތަކަށްނޫން” ތަނާއަށް ބަލާވެސް ނުލާ ފަރުވާކުޑަގޮތަކަށް އަރާޝް ބުނެލިއިރު އަރާޝްގެ ބަސްތަކުން ތަނާގެ ހިތް ކަތިލެވިގެން ދިޔައެވެ. އިސާހިތަކުން ދެލޯފެންކަޅިވެ ކަރުނަތައް ކޯތާފަތް ހުރަސްކޮށް ފައިބައިގަތެވެ.
” މިހާރު އަހަންނަން އެންގިއްޖެ ކީއްވެކަން ކޮންމެހެން އަހަންނާ އިންނަން ބޭނުންވީ.. އަރާޝް ބޭނުންވީ އަހަރެންގެ ބައްޕަގެ ފައިސާގަނޑު.. މިވީހާ ދުވަހު އުޅުނީ ކޮންމެހެން އަހަރެންދެކެ ލޯބިވެގެނެއްނޫން… އެނުލިބޭނެކަން އެނގުނީމަ މިއަދު ހަގީގީ ކުލަ ތިދައްކާލީ.. އައި ހޭޓް ޔޫ އަރާޝް…” ތަނާ ކުރެހިފައިވާ އަޑަކުން ބުންޏެވެ.
” އައި ހޭޓް ޔޫ މޯރ.. މީގެ ފަހުން އަހަންނަށް ނުގުޅާތި…” ކަރުވަޅުގައި އަޅުވާފައި އޮތް އަވި އައިނު ނަގާ ލޮލުގައި އަޅާލަމުން އަރާޝް ކުރިއަށް ހިނގައިގަތީ ތަނާއާއި ދިމާއަށް ބަލާވެސް ނުލައެވެ. ހިތުގައި ޖެހުނު ވަރުން ތަނާއަށް ރޮވެމުން ދިޔައެވެ. އެތާ ނުހުރެ ގެއާ ދިމާއަށް ދުއްވައިގަތީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ. ހިތާމާއެއް ދިމާވާ ހިނދު ހެއްދެވި ފަރާތް މަތިން ހަނދާންކޮށްލިއްޔާ މާ ރަނގަޅުވާނެކަން ތަނާއަށް ނޭނގެނީ އެވެ. ނޫނީ އެނގިހުރެ އެގޮތަކަށް ކަންތައްކުރަން ބޭނުން ނުވީ ކަންނޭނގެއެވެ.
ރޮމުން ދުވެފައި ގެއަށް އައިސް ވަން ތަނާ އަށް ހުއްޓެވުނީ ގޭގައި ތިބި މެހުމާނުން ފެނިފައެވެ. ދެވަަނަ ފަހަރަށް ނޫރު ތަނާއަށް ބަލާލެވުނީ އެވަގުތުއެެވެ. މިފަހަރުވެސް ނޫރު އިސްޖަހާލައި ހަމަޖެހޭތޯ މަސައްކަތްކުރަމުން ދިޔައީ ހިތަށް ވާންފެށި ގޮތްތަކެއްގެ ސަބަބުންނެެވެ.
ވެފައި ހުރި ދެރައާއި އެކު ތަނާ ގޮސް ނަދީމްގެ އަތުތެރެއަށް ވަދެ ރޯންފެށީ ކުޑަކުއްޖަކު ފަދައިންނެވެ. އެރުއިމުގެވާ ވޭން އެތާ ތިބި ކޮންމެ މީހަކަށްވެސް އިހުސާސް ކުރެވެމުން ދިޔައެވެ. ތަނާއަށް ހިދާޔަތް ދައްކަވާތޯ މުޙީތު ހިތާ ހިތުން ދުއާ ކުރަމުން ދިޔައިރު ނޫރުވެސް ކަންބޮޑުވެފައި އެމަންޒަރު ބަލަން ހުއްޓެވެ.
” މިވަގުތު އަހަރުމެން ގޮސްލަނީ އިންޝާﷲ އަދި ފަހުން އަންނާނަން..” މުޙީތުއާއި ނޫރު އެތަނުން ނިކުތީ ނަދީމްއާއި ތަނާއަށް ވަގުތު ދެމުންނެވެ. އެހެނީ މިފަދަ ދަނޑިވަޅެއްގައި އެމީހުން އެތާ ތިބުމަކީ އެހާ ރަނގަޅުކަމެއް ނޫންކަން އެމީހުންނަށް އެނގެއެެވެ.
ރޭގަނޑުގެ އަނދިރި ކަމުގެ ތެރޭގައި ކަޅު އަނދިރި އުޑުމަތީގައި ވިދަމުން ދިޔަ ތަރިތަކުގެ ހިތްގައިމު މަންޒަރަށް ބަލަން ޓެރަހުގައި ބެހެއްޓިފައިވާ ބޮޑު ސްވިންގް މަތީގައި ނޫރު އޮތް އިރު ނޫރުގެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ ތަނާއެވެ. ނޫރަށް ނޭނގިނަމަވެސް ތަނާގެ ރީތި ސޫރަ ނޫރުގެ ހިތުގެ ކުރެހިއްޖެއެވެ. ވިސްނަން ބޭނުންނުވި ނަމަވެސް ވިސްނެމުންދިޔައީވެސް ތަނާއާއި މެދުގައެވެ. ނަދީމްގެ އަތުތެރެއަށް ވަދެ ރޯންފެށި ގޮތް މިހާރުވެސް ނޫރަށް ފެންނަ ކަހަލައެވެ. މީގެ ކުރިން ދުވަހަކުވެސް ނުވާގޮތްތަކެއް ވަމުންދާތީ ނޫރު ކަންބޮޑުވެސް ވެއެވެ. އަންހެން ކުއްޖަކާމެދު މިވަރަށް ވިސްނޭ މީ ފުރަތަމަ ފަހަރެެވެ.
ސާއިގާ ނޫރު ހޯދަމުން ޓެރަހަށް އެރީ ނޫރު މިފަދަ ހިޔާލުތަކެއެްގައި ވަނިކޮށެވެ. އުޑުމައްޗަށް ނަޒަރު ހުއްޓާލައިގެން އޮތް ނޫރު ފެނުމުން ސާއިގާ ފުންނޭވައެއް ދޫކޮށްލީ ވަރުބަލިވެފައިވާ މީހަކު ފަދައިންނެވެ. އުނުގަނޑުގައި އަތް އަޅުވާލައިގެން ނޫރުއޮތްތަނާ ދިމާއަށް ދިޔައިރު މައިނޭވާ އަޅަމުންދިޔައެވެ. ސާއިގާ ގޮސް ނޫރު ކުރިމަތީގައި ހުއްޓުނު އިރުވެސް ނޫރު އޮތީ ކުރިން އޮތްގޮތަށް އުޑަށް ނަޒަރު ހުއްޓާލައިގެންނެވެ.
” ބަލަގަ ދަރިފުޅާ މާމަ މިވާހަކަ ދައްކަނީ މިހިރަ ގޮނޑިއާއެއް ނޫނޭ” ކައިރި ބަހައްޓާފައި ހުރި ގޮނޑިއަށް އިޝާރާތް ކުރަމުން ތަންކޮޅެއް ބާރަށް ސާއިގާ ބުނީ ނޫރާއި ވާހަކަދައްކަ ދައްކާވެސް ނޫރަށް އަޑު ނީވުނީމައެވެ. އެވަގުތު ސިހިފައި ނޫރަށް ސާއިގާ އަށް ބަލާލެވުނެވެ. ސާއިގާ ކައިރީގައި ކޮޅަށް ހުރިތަން ފެނުމުން ނޫރު އަވަސް އަވަހަށް އޮތްތަނުން ތެދުވިއެވެ.
“ކީކޭ މާމާ.. ކީއްެވެ މިތާ ތިހުރީ” ނޫރު ކޮށްލި ސުވާލުން ދެފަރާތަކަށް ބޯހޫރާލަމުން މަޑުން މަޑުން ނޫރުގެ ބޮލުގައި ޖަހާލިއެވެ.
” ބަލަގަ ދަރިފުޅަށް ކިހިނެއްވެފަ ތިހުރީ.. މާމަ ހާދަވާހަކައެއް ދައްކައިފީމޭ.. ދަރިފުޅަށް ހަމަ އަޑެއް ނީވޭތަ.. ކޮންކަމަކާތަ މާވަރަކަށް ތިވިސްނަނީ” ނޫރު ކައިރީ އުނދޯލީގައި އިށީންނަމުން ސާއިގާ ބުނެލިއެވެ. ނޫރުގެ މޫނުމަތި ރަތްވެގެން ދިޔައީ ސާއިގާ ކުރި ސުވާލަށް ޖަވާބުދޭން ނުކެރުމުންެނެވެ. މިމަންޒަރު ސާއިގާ އަށް ވަރަށް ރަނގަޅަށް ފެނުނެެވެ. އެހެން ކަމުން ދިރިއުޅުމުގެ ގިނަ ތަޖުރިބާ ތަކެއް ކޮށްފައިވާ ސާއިގާ އަށް ވެގެން އުޅޭގޮތް ނަގައިގަންނަށް މާގިނައިރެއް ނުވިއެވެ.
“އަލްހަމްދުލިﷲ.. އެންމެ ފަހުން މަގޭ ނޫރަށް ވެސް ކަމުދާ ކަހަލަ ކުއްޖަކު ފެނިއްޖެ ދޯ.. އަނެއްކާ ކޮންކުއްޖެއްތަ” ސަމާސާ ރާގަކަށް ސާއިގާ ބުންޏެވެ.
“ކިހިނެއް މާމައަށް އެނގުނީ” މޫނުމައްޗަށް ހައިރާންކަމެއް ވެރިކުރުވަމުން ނޫރަށް އެހެން ބުނެވުނީ އެހާ އަވަހަށް ސާއިގާއަށް އެނގުމުންނެވެ.
” ދަރިފުޅަށް ވުރެ ގިނަ ދުވަހު މާމަ މިދުނިޔޭގަ އުޅެފިން.. އެހެންކަމުން މާމަ އަށް ހުރީ އެކި ވައްތަރުގެ ބައިވަރު ތަޖުރިބާ ކުރެވިފަ.. ދެންމެ ދަރިފުޅުގެ މޫނުމައްޗަށް އެރި ކުލަވަރަކީ ދަރިފުޅުގެ ކާފަ އެންމެ ފުރަތަމަ މާމަގެ އަތުގައި ހިފާލި ދުވަހު އަރައިގެން ދިޔަ ކުލަވަރު.. ދެން ބުނެބާ އެއީ ކޮންކުއްޖެއްތަ” ސާއިގާ ގެ ސުވާލަށް ނޫރު ޖަވާބު ދޭން ބޭނުންވި ނަމަވެސް ފަސްޖެހެވުނެވެ. އެހެނީ ތަނާއަކީ އެއްގޮތަކަށްވެސް ސާއިގާއަށް ރުހި ޤަބޫލުވެވޭނެ ފަދަ ކުއްޖެއް ނޫނެވެ. އެހެނީ އިސްލާމްދީނުގެ މާތް އަހުލާގު ތެރެއިން ޒައްރެއްގެ މިންވަރުވެސް ތަނާގެ ކިބައިގާ ނެތް ކަން ނަދީމް ދެއްކި ވާހަކަ ތަކުން ނޫރަށް އެނގުނެވެ. އެވާހަކަތައް ސާއިގާ އަށް ކިޔައިދީފިނަމަ ވަގުތުން އެކަމަށް މަނާ ކުރާނެކަން ނޫރަށް ކަށަވަރެވެ.
13 Comments!
Comments are closed.
Alhamdulillah!! here’s the third episode.. hope you all will like it and please do comment.. have a good day :*
Next part konirakuntho
Yeh mi first dhw vvvvv nice
Speechless.
Masha Allah…. Nicely written… Waiting for next part.. Hope you upload next episode pretty soon azzadil
Same ❤
Ey ..vrh reethi .
Hama speechless ..Masha allah
Maasha Allah..story v.loabi dear ?
Subhaanalla varah hiygaimu ☺☺☺☺
Wow varah reethi….
V reethi Maasha Allah ???… Waiting for next part ???
Maasha Allah. Vaahaka v reethi.
Vaahaka nimunyta dhedhuvahu liyefa huhtaalamyhun nuliuninya v ragalhu