ހިތް މިއެދޭ ސޫރައޭ ތީ މަގޭ 12
” އެބަ އާދެ މަގޭ ރައްޓެއްސެއް.. އޭނަ އާއި އެކު ދާނީ… އޭނަ ޔަޝް ގެންގޮސްދޭނެ އިމްރާންގެ ގެއަށް.. ދެން ވާނުވާ އަންގާލާތި.. އަހަރެން ވަރަށް އަވަހަށް ފުރަން ބޭނުން.. ” ނިކް އެހެން ބުނުމަށްފަހު ޔަޝްމީގެ މޫނަށް ބަލާލީ ވަރަށް ފުން ނަޒަރަކުންނެވެ. ޔަޝްމީއަށްވެސް ކުރެވެނީ އާދަޔާ ޚިލާފް އިހުސާސެކެވެ. އޭނާގެ ނިންމުން ރަނގަޅުބާވައޭ އަމިއްލައަށް ހިތާ ސުވާލުކޮއްލެވުނެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި ދެމީހަކު އައިސްފިއެވެ. އަދި ސައިކަލްގެ ތަޅުދަނޑި ނިކް އަތަށް ދިއްކޮއްލުމުން ނިކް އޭނާގެ ބުރަކަށީ ޖަހާލިއެވެ.
” ކޮބާ ޗުއްޓީ ހަމައެއް ނުވޭތަ؟ ” ނިކް އެހެން އެހުމުން އެއީ ނިކްގެ ރިސޯޓްގެ ސްޓާފެއްކަން ޔަޝްމީއަށް އެނގުނެވެ
” ޔެސް ސަރ! އަދި އެބައޮތް ވަން ވީކް! ” ހުޝާމް ޖަވާބު ދެމުން ޔަޝްމީއަށް ބަލާލިއެވެ.
” މެރީ ކުރީތޯ؟ ” އޭނާ ވަރަށް އަދަބުވެރިކަމާއި އެކު އެހިއެވެ. ނިކް ހީލަމުން ނޫނެކޭ ބުނުމަށްފަހު ސައިކަލަށް އެރިއެވެ.
” ބުނީމެއްނު އިމްރާން ރަށުގައި އުޅެޔޭ.. ހިނގާބަލަ އެގެއަށް ވައްޓާލަދޭން..” ނިކް ހުޝާމް ދިމާއަށް ބަލާލަމުން ބުނެލިއެވެ. ހުޝާމްއެރީ އޭނާ އާއި އެކު އައި ކުއްޖާގެ ސައިކަލް ފަހަތަށެވެ.
” އާދޭ..” ނިކް އެހެން ބުނުމުން ޔަޝްމީ މަޑުމަޑުން ހިނގާފައި ގޮސް ސައިކަލަށް އެރިއެވެ. އޭނާ އިނީ ވަރަށް މަޑުންނެވެ. ކުރިއަށް ހުރި ސައިކަލްގެ ފަހަތުން ނިކް ދުއްވަމުންދެއެވެ.
” އެގޭގަތޯ ސަރ އެކަމަޑޭޝަން އޮތީ؟ ” ހުޝާމް އެހިއެވެ،
” ނޫނޭ! އަހަރެން މިރޭ ފުރަން،….”
” މިރޭ؟ ހާދަ އަވަހަކަށް…؟” ހުޝާމް އަވަސް އަވަހަށް ބުނެލިއެވެ.
” އާނ.. ކުޑަކަމަކު މިއައީ… ޔަޝްމީ ހުންނާނީ މިރަށުގަ.. ” ނިކް ހިނިތުންވި ނަމަވެސް އޭނާ ހުރީ ހަޤީޤަތުގައިވެސް ވަރަށް ދެރަވެފައެވެ.
” ކީއްވެ އެހާ އަވަހަށް ފުރަން ތިއުޅެނީ ؟ “ޔަޝްމީ ނިކްގެ ކަންފަތްދަށުގައި ބުނެލިއެވެ ނިކްގެ މޭއަށް އިތުރަށް ހޫނު އެރީ ޔަޝްމީގެ އަޑުންނެވެ.ޔަޝްމީ މިހާރު ނިކް ގާތު ހުންނަ ހިތްވަނީއެވެ. މިރޭ މިވަގުތުން ފެށިގެން ނިކް އޭނާގެ ލޯމަތިން ގެއްލޭނެކަން އޭނާއަށް އެނގެއެވެ.ޔަޝްމީގެ ހިތް ދެކޮޅަށް ކިރިކިރި ހިތްވެސް ވަރުބަލިވެފައިވާ ފަދައެވެ. އެހެނަސް އެހިތަކީ ގޮތްދޫކުރާ ހިތެއްނޫނެވެ.
” ޔަޝް އިންމަ މެންގެއަށް ދިޔައީމަ އިންމަ ހަމަޖައްސައި ދޭނެއެއްނު ހުންނާނެ ތަނެއް!… ” ހަމަޖެހޭގޮތް ދައްކާލަމުން ނިކް ބުނެލިއެވެ. އޭރު އެމީހުން އެގެއާއި އަރާ ހަމަވެއްޖެއެވެ.
” އޯކޭ ބަޑީ ގުޅާނަމޭ އިނގޭ ފުރަންވީމަ…” ހުޝާމްއަށް ބަލާލަމުން ނިކް ބުނެލިއެވެ. ހުޝާމް ހިނިތުންވަމުން ނައްޓާލިއެވެ.
ޔަޝްމީ ހުރީ އެގޭ ދޮރުމަތީގައެވެ. ނިކް ޔަޝްމީގެ މޫނަށް ބަލާލިއެވެ.
” އިމްރާން އާއި ދިމާވުމުގެ ކުރިން އަހަރެންވެސް ބޭނުން އެއްޗެއް ބުނެލަން…… “
ޔަޝްމީ ނިކްއަށް ބަލާލިވަގުތު އޭނާގެ ލޮލުގެތެރޭގައި ކަރުނަ ދުވަން ފެށިއެވެ.
” ޔަޝް ބޭނުންވަނީ އިމްރާން ޔަޝްދެކެ ވަނީ ހަޤީޤީ ލޯބިކަމުގައި އަހަންނަށް ސާބިތު ކޮށްދޭކަށްނު ދޯ… އަހަރެން ޤަބޫލުކުރަން އިމްރާން ޔަޝްދެކެ ހަޤީޤީ ލޯބިވާކަމަށް.. އެކަމު ޕްލީޒް.. އަހަރެން ޔަޝްދެކެ ވާ ލޯތްބާއި އިމްރާން ޔަޝްދެކެ ވާ ލޯބި އަޅާކިޔަން މަސައްކަތް ނުކުރައްޗޭ.. އަހަރެން ލޯބިވާވަރު އިހުސާސް ވާނީ އަހަންނަށް.. އަހަރެން ޔަޝްދެކެ ލޯބިވީފަހުން އެއްވެސް އަންހެން ކުއްޖަކަށް ޖާގައެއް ދީފައެއް ނުވާނެ! ޔަޝްއަށް ޤަބޫލު ނުކުރެވުނަސް މިބުނީ ހަޤީޤަތަށް ހަމަ…އެކަމަކު ޔަޝް އެކި ފަހަރު މަތިން އަހަރެންނާއި ދިމާއަށް އަހަރެންނަށް ވުރެން އިމްރާން ޔަޝްދެކެ ލޯބިވެޔޭ ބުނެ، އަހަރެން މިހާރުވެސް އެހެން އަންހެންކުދިންނާއި އެކު އުޅޭނެޔޭ ބުނާތީ އަހަރެން ވަރަށް ދެރަވޭ….”
ނިކް ހިންދިރުވާލުމަށްފަހު އަނެއްކާވެސް ޔަޝްމީއަށް ބަލާލިއެވެ. ގަދަކަމުން އޭނާ ހިނިތުންވެލިއެވެ،
” އިމްރާން މިރޭ ޔަޝްފެނުމުން ވަރަށް އުފާވާނެ! އަދި ޔަޝް އުރާލައިގެން ގެންދާނެކަންވެސް އެނގޭ.. އެމަންޒަރު ބަލަން…. އެމަންޒަރު ބަލަން އަހަންނަކަށް ކެތެއް ނުވާނެ! .. އަހަރެން ޔަޝް މިގެއަށްވަނީމަ ދާނަން… އަހަރެންނަށް ޔަޤީން މިގެއިން ޔަޝްއަށް ލޯބި ލިބޭނެކަން… އުފާ ލިބޭނެކަން… ދޭ! އަވަހަށްދޭ! ”
ނިކްގެ އަސަރުގަދަ ޖުމުލަތަކުން ޔަޝްމީއަށް ރޮވުނެވެ. އޭނާ ބޭނުންވީ ނިކް ގައިގައި ބައްދާލުމަށެވެ. ނަމަވެސް އޭނާއަށް އެ ހިތްވަރެއް ނުލިބުނެވެ. އޭނާ ލޮލުން ފެން ފޮހެލުމަށްފަހު ނިކް އާޢި ސަލާމްކޮއްލުމަށް އަތް ދިއްކޮއްލުމުން ނިކް ބަލާލީ އެ އަތަށެވެ. އަދި ހިނިތުންވަމުން އެއް އަތުން ލޮލުން ކަރުނަ ފޮހެލުމާއި އެކު އޭނާ ސަލާމްކޮއްލިއެވެ/ ދެމީހުންވެސް އަތުގައި ހިފައިގެން ތިބެ ރޮމުންދެއެވެ. ނިކް ކިތަންމެ ހިތްވަރު ދައްކަން ބޭނުންވި ނަމަވެސް އޭނާގެ ލޮލަކަށް އެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ، ކޯތާފަތްމައްޗަށް ދޫކޮއްލިއެވެ. ޔަޝްމީ ނިކްގެ އަތުން ދޫކޮއްލުމަށްފަހު އަނެއްކާވެސް ލޮލުން ކަރުނަ ފޮހެން ފެށިއެވެ.
އިރުކޮޅަކު އެ ގޮތަށް ދެމީހުން ތިބުމަށްފަހު ބެދިފައިވާ އަޑަކުން ނިކް ބުނެލިއެވެ.
” ދަނީ….. ” ޔަޝްމީ ތުންފަތުގައި ދަތް އަޅައިގެން ހުރެ ހޫމް އޭ ބުނެ ބޯ ހަލުވާލިއެވެ. ނިކް ހިނގައިގަތެވެ. ދާނެ ވަކި މަންޒިލެއް ނެތިއެވެ.
ޔަޝްމީ މަޑުމަޑުން އެގޭ ދޮރުމައްޗަށް އެރިއެވެ. އޭނާ ކުޑަކޮށް އިސްތަށިގަނޑު ރީތިކޮއްލިއެވެ.
ދޮރުމައްޗަށް އެރުމާއި އެކު ކޮޓަރިއެއްގެ ތެރެއިން ނުކުތް އިމްރާންއަށް ޔަޝްމީ ފެނުނެވެ. އޭނާ ހަތަރެސްފައި ފިނިވިއެވެ. ގަނޑުވިއެވެ. ވަފާ ފާޚާނާގައި ވުމުން އޭނާ އަވަސް އަވަހަށް ކޮޓަރި ދޮރުލެއްޕިއެވެ. ދެން އޭނާ ބަލާލީ ދޮރާއި ދިމާއަށެވެ. އޭނާ އިންތިޒާރުކުރީ ޔަޝްމީގެ ފަހަތުން ނިކް އަންނާނެ އިރަކަށެވެ. ނަމަވެސް އުދާސްވެފައި ހުރި ޔަޝްމީ އެކަނި ހުރުމުން ސުވާލު އުފެދިފައި ހުރެ އިމްރާން ބުނެލިއެވެ.
” ޔަޝްމީ؟ މިތާ؟ “
އިމްރާންގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ. އޭނާގެ މޫނުމަތީގައި ޔަޝްމީ ހީކުރި ކަހަލަ އަސަރެއްވެސް ނެތެވެ. އޭނާ ކަންބޮޑުވުމުގެ ކުލަތައް މޫނުމައްޗަށް އޮއްސާލިއެވެ. އަދި ހުރި ފިޔަވަޅުމަތީ ހުރީއެވެ.
” މިއައީ…… އަހަރެން މިއައީ އިމްރާން ކައިރިއަށް؟ ” ޔަޝްމީ ތުރުތުރު އަޅާ އަޑަކުން ބުނެލިއެވެ. އިމްރާން ސިހުނެވެ.
” އެނ؟ ޔަޝް ނިކް އަކާ މެރީއެއް ނުކުރަންތަ؟ ” ނިކް އެހެން ބުނުމުން ޔަޝްމީގެ މޫނުމަތި ބަދަލުވިއެވެ.
” އަހަރެން އެއްވެސް މީހަކާ މެރީއެއް ނުކުރަން…. އަހަރެން އިމްރާން ހޯދަން ވަރަށް މަސައްކަތް ކުރިން.. އަހަރެން އިމްރާން އަށް އެތައް ފަހަރަކު ގުޅިން.. ގެއަށްވެސް ދިޔައިން.. ބައްދަލްވާގޮތްވެސް ނުވީ.. އަހަރެން ބޭނުންވީ…. އަހަރެން ބޭނުންވީ އަހަރެންދެކެ ހަޤީޤީ ލޯބިވާ މީހެއް.. އަހަރެންނަށް ޔަޤީން އެއީ އިމްރާންކަން.. އަހަރެން ނިކް ގާތު އެހެން ބުނުމުން .. އެހެންވެ އަހަރެން މިރަށަށް ގެނެސްދިނީވެސް ނިކް.. “
ޔަޝްމީ ވާހަކަ ދައްކަމުން ދިޔައީ އަސަރާއި އެކުއެވެ. އިމްރާން އިސްޖަހާލިއެވެ. އޭނާ ހުރީ ވަފާ ފާޚާނާއިން ނުކުމެދާނެތީ ބިރުންނެވެ.ބޮޑުދައިތަވެސް އޮތީ ނިދާފައެވެ. އިމްރާން އަށް ބުނާނެ އެއްޗެއް ނޭނގި ހުރެވުނީއެވެ، ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާފައި ނުކުތީ ވަފާއެވެ. އޭރު އޭނާގެ ދެލޯވަނީ ކަރުނުން ފުރިފައެވެ.
” އިމްރާން އަހަންނަށް ސިއްރުކުރަންވީ ކީއްވެ؟ ” ހުރިހާ ވާހަކައެއް އަޑުއިވިގެން ވަފާ ބުނެލިއެވެ. ޔަޝްމީ ސިހުނެވެ. އޭނާއަށް ފަހަތަށް ޖެހެލެވުނެވެ. އިމްރާން ވަފާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި ނޫނެކޭ ބުނާ ގޮތަކަށް ބޯހޫރާލިއެވެ.
” އިމްރާންގެ އަންހެނުންތަ؟ ” ޔަޝްމީ އެހިއެވެ. މަޑުމަޑުންނެވެ. އަދިވެސް ޔަޝްމީ ހުރީ އެ ހުރި ތާއެވެ. އެގެއަށް ވަނުމަށް އިމްރާން ދައުވަތެއް ނުދެއެވެ. ޔަޝްމީގެ ހުރިހާ ނާރެއް ފިތެމުންދާހެން އޭނާއަށް ހީވެއެވެ.
” ނޫން…. އިންނަން އުޅޭ ކުއްޖާ! ” އިމްރާންއަށް އެހެން ބުނަން ކެރިއްޖެއެވެ. އޭނާ ބޭނުންވީ ޔަޝްމީ ދެރަކޮއްލަން ބާވައެވެ؟ އެކަމަކު އެހެން ހަދަން އިމްރާނަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ؟
” އާނ ޔަޝްމީ.. އަހަރެމެން ވަރަށް އަވަހަށް އިންނަން މިއުޅެނީ…..އަހަރެން ވަފާދެކެ މިހާރު ވަރަށް ލޯބިވޭ ” ޔަޝްމީއަށް ހިންދިރުވާލެވުނެވެ. އަދި ހިނިތުންވެލަމުން ބުނެލިއެވެ.
” މަރުހަބާ! ” ޔަޝްމީ އަސްލުވެސް ވަރަށް ދެރަވެއްޖެއެވެ.
” އެއްވެސް ވަރަކަށް އިމްރާންއާޢި މެދު ޝައްކު ނުކުރައްޗޭ! އިމްރާން އަހަރެން ދޫކޮއްލާފަ އަހަރެންނާ ދުރަށް ދިޔައީ… އަހަރެން މަސައްކަތް ކުރީ އިމްރާން ހޯދަން… އެހެންވެ އަހަރެންނަށް މިރަށަށްވެސް މި އާދެވުނީ.. އިމްރާން އަހަރެން އުޅޭ ނޫޅޭ ގޮތެއް ނުބަލާ! އަހަރެން ހީކުރީ އިމްރާން އަހަރެން ބޭނުންވާނެ ކަމަށް.. ލޯބިވާނެކަމަށް..މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެހެން މީހަކު ދެކެ ލޯބިވާނެ ކަމަށް ހިއެއް ނުކުރަން… އެހެންވެ އަހަރެން މިއައީ… ” ޔަޝްމީ ވަފާއަށް ބުނެދިނެވެ. އޭނާގެ ލޮލުން އަންނަ ކަރުނަތައް ފޮހެލަމުން އޭނާ ވާހަކަދައްކަން ފެށިއެވެ.
” އަހަރެން މިތަނަށް އައުން އެއީ އަހަރެންގެ މޮޔަކަން…. އަހަރެންގެ ހަޤީޤީ ލޯތްބާއި ދެކޮޅަށް ފެށި ހަނގުރާމައިގައި އައްޑަނަ ތިރިކުރަން ޖެހިއްޖެކަމަށް އަހަރެން މިހާރު ޤަބޫލުކޮއްފިން… ގޮތްދޫނުކޮށް އަހަރެން ހިފެހެއްޓި ހިފެހެއްޓުމަށް ހަނާވެގެން ދަނީ އެހެން މީހެއްގެ ހިތެއް… ” ޔަޝްމީ އިސްޖަހާލިއެވެ. އަދި ކޮނޑުގައި އޮތް ދަބަހުގެ ވާފަށަށް ދަމާލަ ދަމާލަ ހުއްޓެވެ.
ވަފާ އިމްރާންގެ މޫނަށް ބަލާލިއެވެ. އަދި ހީލިއެވެ.
” އަހަންނަށް އެނގޭ އިމޫ އަހަރެންނަށް ދެރަގޮތެއް ނަހަދާނެކަން…. ” ވަފާ އިމްރާންގެ ބަނޑުގައި ބައްދާލުމުން އިމްރާން ވަފާގެ ބޮލުގައި ފިރުމާލިއެވެ. ޔަޝްމީ ފަސްއެނބުރެމުން ބާރަށް ހިނގައިގަތެވެ. އިމްރާންއަށް ޔަޤީންވި އެއްޗަކީ އޭނާ މިހާރު ލޯބިވަނީ ހަމައެކަނި ވަފާ ދެކެ ކަމެވެ. ޔަޝްމީގެ ކުރިމަތީގައި ވަފާދެކެ ލޯބިވާކަން ދުލުން ބޭރު ކުރެވޭނެ ކަމަކަށް އޭނާ ކުރިން ހިއެއް ނުކުރެއެވެ. ޔަޝްމީ އަނގަމަތީ އަތްއަޅައިގެން ރޮމުން ރޮމުން ދުއްވައިގަތެވެ. އިމްރާން މާނަފުން ގޮތަކަށް ޔަޝްމީދާތަން ބަލާލިއެވެ.
ޔަޝްމީ ބާރުބާރަށް ހިނގަމުންދެއެވެ. އޭނާ ރޮމުން ރޮމުން މަޑުމަޑުން ހިނގަން ފެށިއެވެ. ފަރާތް ފަރާތް ބަލަމުންނެވެ. ގިނައީ ގަސްބޯ ހިސާބުތަކެވެ. އޭނާގެ ހިތަށް ބިރުވެރިކަންވެސް ވެރިވަނީއެވެ، ޔަޝްމީ ދެރަވަނީ އިމްރާން ނުލިބުނީމައެއް ނޫނެވެ. ނިކްއަށް ހެދުނު ގޮތުންނެވެ. އޭނާ ފާރެއް ކައިރީ ހުރެގެން ގިސްލާ ރޮމުންދެއެވެ.
އެތައް އިރެއް ވަންދެން އެތާ ހުރުމަށްފަހު ގަޑި ބަލާލި އިރު އެގާރަ ޖަހައިފިއެވެ. ޔަޝްމީ ތެޅިގަތެވެ. އޭނާ ދާނީވެސް ކޮންތާކަށް ހެއްޔެވެ؟ އިމްރާންގެ ގެއަކީ ބަނދަރާއި ކައިރި ގެއެއް ކަމުން އޭނާ އަވަސް އަވަހަށް މިސްރާބު ޖެހީ އެދިމާއަށެވެ. އޭނާ ދުވެފައި ގޮސް ސަފާރީއަށް އެރިއެވެ. އަދި ދުވަމުން ދުވަމުން ގޮސް ބޯޓުގެ ފަހަތުގައި ހުއްޓި މަޑުމަޑުން ރޮމުންދިޔައެވެ. އޭނާ ހުރީ ވަރަށް ހިތުގައި ޖެހިފައެވެ.
ސަފާރީގެ ރޫމެއްގައި އޮވެފައި ނިކް ނުކުތީ ބޭރަށެވެ، ކެޕްޓަންއަށް ފުރުމަށް އެންގުމަށެވެ. އޭނާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ހަމަ ވައިގެ ތެރެއަށް ނުކުމެ އޭނާ ފުންނޭވާއެއް ދޫކޮއްލިއެވެ. ކައްޕި އާޢި ކުރޫން ތިބި ތަނަށް ގޮސް ނައްޓާލުމަށް ބުނެ އޭނާ ބޭރުގައި މަޑުކޮއްލިއެވެ. އަނެއްފަރާތުގައި ޔަޝްމީ ހުރިކަމެއް ނިކްއަކަށް ނޭނގެއެވެ. ނިކް ވީ ތަނެއް ޔަޝްމީއަކަށްވެސް ނޭނގެއެވެ.
ޔަޝްމީ ބޭރަށް ދެފައި ބާލައިގެން އިށީނެވެ. އަދި ދަގަނޑުގައި ބޯ އަޅާލައިގެން ދެލޯ މަރާލިއެވެ. ނިކް ރަށާޢި ދިމާއަށް ބަލަން ހުއްޓެވެ. އަބަދަށް އެ ލޯބި އޭނާއަށް ގެއްލުނީއޭ ހިތަށް އަރުވާލާ ކޮންމެ ފަހަރަކު އޭނާ އިތުރަށް ދެރަވެއެވެ. ނިކްގެ ހިތް އަބަދުވެސް އެދެމުންދާ ސޫރައަކީ ޔަޝްމީގެ ސޫރައެވެ. އެ ސޫރަ އޭނާގެ ހިތުން ދުވަހަކުވެސް ފޮހެވިގެންނެއް ނުދާނެއެވެ.
ސަފާރީގެ އިންޖީން ސްޓާޓް ކޮއްލުމާއި އެކު ޔަޝްމީ ދެފަރާތްބަލާލިއެވެ. ގައިމުވެސް ނިކް މީގަ މިހާރު ހުންނާނެޔޭ އޭނާގެ ހިތަށް އެރިއެވެ. ހަމަ އެއާއި އެކު އޭނާއަށް އަވަސް އަވަހަށް ތެދުވެވުނެވެ. ސަފާރީ ނައްޓާލުމާއި އެކު ނިއްވާލެވިފައިވާ ބޮކިތައް ދިއްލާ، މުޅި ސަފާރީ ކުލަބޮކިން އަނެއްކާވެސް ފަޅުފިލުވާލިއެވެ. ވަށައިގެންވާ ދަގަނޑުގައި ހިފަހައްޓާލައިގެން ޔަޝްމީ މަޑުމަޑުން ހިނގާފައި ފަހަތުކޮޅާއި ދިމާއަށް ދެއެވެ. ޖީބަށް އަތްޖަހާލައިގެން ހުރި ނިކް އޭރު އެތެރެއަށް ވަންނަނީއެވެ. ޔަޝްމީއަށް ނިކްއެއް ނުފެނެއެވެ. އޭނާ މަޑުމަޑުން އިށީނީ ކުރިންވެސް އޭނާ އިން ގޮނޑީގައެވެ. ކުޑަކޮށް އޮށޯވެލުމުން ވެފައިވާ ވަރުބަލިކަން އިހުސާސްވިއެވެ. އޭނާ ދެލޯ މަރާލިއެވެ.
އެނދުގައި އޮށޯވެލުމުންވެސް ނިކްއަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ހިތަށް އުނދަގޫވަނީއެވެ. އަނބުރާ ޔަޝްމީ އަތުގައި ހިފާފައި ގެންނަން ބޭނުމެވެ. އޭނާ އަނެއްކާވެސް ނުކުތީ ބޭރަށެވެ. ކަނޑުމަޑު ރީތި ވައިޖެހޭ ރެއެކެވެ. މިރޭ މި ސަފާރީގައި ޔަޝްމީ އާއި އެކު ލޯބި ލޯބިން ވަގުތުކޮޅެއް ހޭދަކޮއްލަން ލިބޭނެ ނަމައޭ ނިކްގެ ހިތަށް އަރަމުންދެއެވެ.
އޭނާ މަޑުހިނގުމެއްގައި ފަހަތުކޮޅާއި ދިމާއަށް އާދެއެވެ. ނިކްގެ ހިނގުން ކުއްލިއަކަށް ހުއްޓުނީ ގޮނޑީގައި ދެލޯ މަރާލައިން އޮތް ޔަޝްމީ ފެނުމުންނެވެ. އޭނާއަށް ސިހުން ލިބުނެވެ. މޫނުމައްޗަށް ހައިރާންކަމާއި އެކު ހިނިތުންވުން ވެރިވެވުނެވެ. މަޑުމަޑުން ނިކްއަށް ހިނގައިގަނެވުނެވެ އޭނާ ގޮސް ޔަޝްމީ އާއި ދާދި ގާތުގައި އިށީނެވެ. ކުޑަކަކޫ ޖަހައިގެންނެވެ. އޭރު ޔަޝްމީގެ ފަންފަން އިސްތަށިކޮޅު މޫނުގައި ފިރުމަމުން ދެއެވެ. ނިކް ބޭނުންވީ އެ އިސްތަށިކޮޅު ނަގާށެވެ، ނަމަވެސް އެއަށްވުރެންވެސް ބޮޑަށް އޭނާ ބޭނުންވީ އެ ދަނބުކުލަ އަރަމުންދާ ކޯތާފަތްމަތީ ތުންފަތްޖައްސާލުމަށެވެ. ނިކްގެ މޫނު މަޑުމަޑުން ޔަޝްމީގެ މޫނާއި ގާތްކޮއްލިއެވެ. ހޫނު ނޭވާގެ އަސަރުން ޔަޝްމީއަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. ދާދި ގާތުގައި އިން ނިކް ފެނުމާއި އެކު އޭނާއަށް ތެޅިގަނެވުނެވެ. ޔަޝްމީ ލޯ ހުޅުވާލުމާއި އެކު ނިކް ބާރުބާރަށް ތެދުވެ ޖީބަށް އަތް ޖަހާލުމަށްފަހު ފުރަގަސްދިނެވެ. ހަމަހިމޭން ވަގުތުކޮޅެއް ވެރިވިއެވެ.
ދެމީހުންނަށްވެސް ތިބެވުނީއެވެ. ދައްކާނީ ކޮންވާހަކައެއް ކަމެއް ނޭނގުނެވެ. ނިކްގެ ހިތުގައި އެކި ސުވާލުތައް ބުރުބުރު ޖަހަމުންދެއެވެ.
” ކީއްވެ ތި އައީ؟ ކޮބާ އިމްރާން؟ ” އަހާނެ ނާހާނެ އެއްޗެއް ނޭނގި ހުރެ ނިކް އެހިއެވެ. ބަލާލަމުންނެވެ. ޔަޝްމީ ބަލާލީ ނިކްގެ މޫނަށެވެ.
” އަހަރެން…… އަހަރެންނަށް މައާފްކުރޭ! ” ޔަޝްމީއަށް ރޮވޭގޮތްވުމުން ނިކް ރުޅިއަންނަ ގޮތް ދައްކާލިއެވެ.
” އަހަރެން ކައިރިން ކޮން މައާފެއް ؟ ” ނިކްއަށް ޖުމުލަ ފުރިހަމައެއް ވެސް ނުކުރެވުނެވެ، އޭނާ ދުލުން ތުންފަތް ތެންމާލަމުން ޔަޝްމީއަށް ބަލާލިއެވެ.
” އަހަރެންދެކެ އިމްރާން…… އަހަރެންދެކެ އިމްރާން ލޯތްބެއް ނުވޭ….އޭނަ އުޅެނީ މީހަކާ އިންނަން….” ޔަޝްމީ ބުނެލިއެވެ. ނިކް ބަލާލީ ބޭރަށެވެ.
” އެހެންވެ ވަރަށް ދެރަވެފަ ދޯ ތިހުރީ؟؟” މަލާމާތުގެ ރާގަކަށް ނިކް ބުނެލިއެވެ. ޔަޝްމީއަށް އަސަރުކުރީ ނިކް ވާހަކަ ދެއްކި ރާގުންނެވެ. އޭނާއަށް ލޯ މަރާލެވުނެވެ. ޔަޝްމީ ތެދުވެގެން ގޮސް ނިކްގެ ކޮނޑުގައި އަތްލުމުން ނިކް ހިނގައިގަތީ ކުރިއަށެވެ. އޭނާގޮސް ދަނގަނޑެއްގައި އަތްލައިގެން ހުއްޓެވެ.
” ނިކް…. އަހަރެން ދެރައެއް ނުވެ! އަހަރެން އެއް އިރެއްގަވެސް އިމްރާންދެކެ ލޯތްބެއް ނުވަމޭ….”
” އެހެންވެ އެއްނު އިމްރާން ފަހަތުން ތި ދުވަނީ…. އަހަރެން ޔަޝްމީދެކެ ލޯބިވެޔޭ ބުނެ ބުނެ ހުއްޓަވެސް އަހަރެން ބޭނުން ނުވެގެން އިމްރާން ހޯދަން ތި މަސައްކަތް ކުރަނީ.. ލޯބިނުވާތީތަ؟ ” އިމްރާންގެ އަޑުބާރުވިއެވެ.
” ނިކްގެ މަންމަ….”
” ޑެމިން އަހަރެންގެ މަންމަ އާއި ތަ އިންނަން ތިއުޅެނީ؟؟؟؟؟؟؟؟؟ ” ބާރު އަޑާއި އެކު ޔަޝްމީގެ ދެކޮނޑުގައި ހިފާ ފަހަތަށް ގެންގޮސް ބިއްލޫރިގަނޑެއްގައި ޔަޝްމީ ޖައްސާ ނިކްގެ ގަޔާލާ ފިއްތާލިއެވެ. ޔަޝްމީ ހުރީ ބިރުންގޮސް ދެލޯ ބޮޑުކޮއްފައެވެ އަނގަވެސް ހުޅުވިފައެވެ. އޭނާގެ އަނގައިން މަޑު މަޑުން ރުއިމުގެ އަޑުވެސް ބާރުވެއެވެ.
ނިކް ޔަޝްމީގެ ދެލޮލަށް ބަލަން ހުރެ ބާރުމިނުގައި ޔަޝްމީގެ ގައިން ދޫކޮއްލުމުން ޔަޝްމީ ރޮމުން ރޮމުން ހުރިތަނަށް ތިރި ވިއެވެ، ދެކަކުލުގައި ބޯޖަހައިގެން ޔަޝްމީ ރޮމުންދިޔައެވެ. ނިކް ހުރީ އޭނާއަށް ފުރަގަސްދީގެންނެވެ. ނިކްއަށް ދަތްކުނޑިވިކައިގަނެވުނެވެ.
” ނިކް…. އަހަރެން ހިއެއް ނުކުރަން… ނިކް މި ހުރިހާ ދުވަހަކު އަހަންނަށްޓަކައި …….. ހުރެދާނެކަމަށް…. އަދި އިމްރާން….. އެހާ އަވަހަށް… އެހެން މީހަކު ދެކެ ލޯބިވެދާނެ ކަމަށްވެސް……”
ޔަޝްމީ ދެލޯ މަރާ ބާރުކޮށްގެން އިނދެ ރޮމުން ރޮމުން ބުނަމުންދިޔައެވެ.
ކުޑަ އިރުކޮޅަކު އެއްޗެއް ނުބުނެ ހުރުމަށްފަހު ނިކް އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. ވަރަށް މަޑުންނެވެ.
” އަހަރެންނަކަށް ނޭނގެ އެހެން މީހެއްގެ ލޯތްބަކީ ކިހާވަރެއްގެ އެއްޗެއް ކަމެއް.. އެކަމު އަހަންނަށް އެނގޭހާވެސް އެއްޗަކީ އަހަރެންނަށް ޔަޝްމީދެކެ ވެވުނީ ހަޤީޤީ ލޯބިކަން… އަދި އެ ލޯބި ބަދަލުވެގެން ނުދާނެކަމުގެ ޔަޤީންކަންވެސް އަހަރެން ދިނިން.. އެކަމަކު ޔަޝްމީގެ ތި ހަރު ހިތަށް އަހަރެންގެ މި ލޯބި އިހުސާސެއް ނުކުރެވުނު… މިހާރު އިނގިއްޖެތަ ޔަޝްމީދެކެ ލޯބިވަނީ ކާކު ކަން؟ ” ނިކް ޔަޝްމީއަށް ބަލާލިއެވެ. އަސަރުގަދަ ގޮތަކަށެވެ. ޔަޝްމީއަށްވެސް އިނދެވުނީ ބަލަހައްޓައިގެންނެވެ. ދެމީހުންގެ ހިތް ގޮވަނީ ދެމީހުން އެކަތިގަނޑަކަށް ވުމަށެވެ .
ޔަޝްމީ މަޑުމަޑުން ތެދުވިއެވެ. އޭނާ ލަސްފިޔަވަޅުތަކެއްގައި އައިސް ނިކްގެ ކުރިމަތީގައި ހުއްޓުނެވެ. އެވަގުތު ނިކްގެ މޮޅިވެރި މޫނު ބަދަލުވެގެން ދިޔައީ ރުޅިވެރި މޫނަކަށެވެ. ނިކްގެ ކޮނޑުގައި އަތްޖައްސާލުމަށް އުފުލާލި ޔަޝްމީގެ އަތް ހިފެހެއްޓީ ނިކްއެވެ.
” އަހަރެންގެ ގައިގަ އަތްނުލާތީ! ” ބާރުބާރަށް ނިކް ޔަޝްމީގެ އަތަށް ފިތާލުމަށްފަހު ދޫކޮއްލިއެވެ. ޔަޝްމީ ކަރުނުން ފުރިގެންވާ ލޮލަކުން ނިކް އާއި ދިމާއަށް ބަލަމުންދިޔައެވެ.
” ސޮރީ… ޕްލީޒް….” ޔަޝްމީ މޫނުމަތިން ދޭހަވާ އެ ޖުމުލައިން ނިކް ބޯހޫރާލިއެވެ.
” އަހަރެންގެ މަންމަ ބުނި ބުނުމަކަށް އަހަރެންދެކެ ޚުދު ތިމާ ލޯބިވާއިރުވެސް ދެކޮޅުހަދާފަ ދިޔައީނު.. އަހަރެން އެރޭ އާދޭސްވެސް ކުރިން.. އަންހެން ކުއްޖެއްގެ ލޯތްބަށް އެދި އަހަރެން ދުވަހަކުވެސް އާދޭހެއް ނުކުރަން… އެކަމު ޔަޝްމީއަށްޓަކައި އަހަރެން ކުރި އާދޭސް ….. ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ…..” ނިކް ޔަޝްމީގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ. ޔަޝްމީ ހުރީ ނިކްއަށް ބޭނުންވެފައިކަން އޭނާގެ ދެލޮލުން ހެކި ދެއެވެ.
” އެ ދުވަހު ނިކްގެ މަންމަ އައިސް އެގޮތަށް ވާހަކަ ދެއްކުމުން އަހަރެން ހީކުރީ ނިކްގެ މަންމަ އަހަންނާ ނުގަބޫލު ވުމުން ނިކްވެސް ހިޔާލް ބަދަލުވާނެކަމަށް! އެހެންވެ އަހަރެން އެގޮތަށް ކަންތައް ކުރީ… އަހަރެން އެއްވެސް އިރެއްގަ އިމްރަން ދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވެ… އަހަރެން އަމިއްލައަށް މި ދެއަތުން އަހަރެންގެ ލޯބި އޮޔާ ދޫކޮއްލެވުނީ.. އަހަންނަށް މައާފްކުރޭ ޕްލީޒް،..” ޔަޝްމީ ނިކްއަށް ބަލަމުން ބުނަމުން ދިޔައެވެ. ނިކް އިސްޖަހާލިއެވެ. އަދި ފުން ނޭވާއެއް ދޫކޮއްލުމަށްފަހު އެއްމިޔަކުން ހީލިއެވެ.
” އެރޭ އަހަރެންވެސް ލޯތްބަކަށް އެދި ސަލާންޖެހިން… އާދޭސް ކުރިން… އެކަމަކު އަހަންނަށް ލިބުނީ ކޯއްޗެއް… ދެރަވެލާފައި އެކަނިމާއެކަނި އަންނަން ޖެހުނީ… ޔަޝްމީއަށް އެނގޭތަ؟ އެރެއިން ފެށިގެން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ.. އަހަރެންގެ ކެރިއަރ އާއި މުޅިން ދުރުވިން.. ހުރިހާ ކަމެއް ހުއްޓާލިން.. ލޯބި ނުލިބުމުގެ ނާކާމިޔާބުގައި އެ ހިތާމައިގައި ހުއްޓާ ދެން ލިބުނީ އެއަށްވުރެން މާ ހިތްދަތިކަމެއް… އަހަރެންގެ މަންމަ އެއީ ދޮން މަންމަ ކަމާއި ބައްޕަގެ ދުނިޔޭގަ އަހަރެންގެ ރިސޯޓް ފިޔަވައި އަހަރެންގެ ގެއާއި ހުރިހާ އެއްޗެއް ދޮންމަންމައަށް ދީފަވާކަން… ދޮންމަންމަ އަހަރެން ގެއިން ނެރުނީ… މިހާރު އަހަރެން މިއީ ބޮޑު އެކަނިވެރިއެއް.. ރިސޯޓުން ކިތަންމެހާވެސް ގިނައިން ފައިސާ ލިބޭ.. އެކަމު އެއިން އަހަރެން ކުރާނީ ކޮން ބޭނުމެއް؟ ޚަރަދު ކުރާނެ މީހަކު ނެތް.. އަތްބަކު ދަރިއަކު ނެތް.. ދެން އެއީ ކީއްކުރާ އެއްޗެއް؟….. ” ނިކްގެ ވާހަކައިން ތެންމަމުން ދިޔައީ ޔަޝްމީގެ ލޮލެވެ. ރޫޅެމުންދިޔައީ ޔަޝްމީގެ ހިތެވެ. އޭނާ ގިސްލާ ގިސްލާ ވަރުބަލިވެއްޖެއެވެ.
” އަހަރެން…. އަހަރެން…. ” ނުބުނެވިގެން ޔަޝްމީ ހިންދިރުވާލިއެވެ. ނިކް އިސްޖަހައިގެން ހުއްޓެއް ކަމަކު އޭނާ ހުރީ ޔަޝްމީ ބުނަން އުޅޭ އެއްޗެއް އަޑުއަހަން ބޭނުންވެފައެވެ.
” އަހަރެން ނިކް ބޭނުން…. ” ޔަޝްމީ އަވަސް އަވަހަށް ބުނެލިއެވެ.ދެލޯ މަރައިން ހުރުމަސްފަހު އޭނާ ދެލޯ ހުޅުވާލިއިރު ނިކް ހުރީ ދާދި ގާތުގައެވެ. އޭނާއަށް ފަހަތަށް ޖެހިލެވުނެވެ. ނިކް ޔަޝްމީގެ އުނަގަނޑުގައި އަތް އަޅުވާލުމަށްފަހުއޭނާގެ ކައިރިއަށް ދަމާލިއެވެ. ނިކްގެ ކަނދުރާގައި ހުރި ނާރުތައް ފުއްޕާލިއެވެ. އޭނާގެ ދެލޯވަނީ ކުޑަވެފައެވެ. ޔަޝްމީއަށް ހުރެވުނީ ނިކްގެ މޫނަށް ބަލަން ނުކެރިފައެވެ. އޭނާ ނިކްގެ އުނގަނޑުގައި ދެއަތުން ހިފާލުމާއި އެކު ނިކް ބުންޏެވެ،
” ހީވަނީތަ އަހަރެންމީ ކުޅޭ ކުޅޭ ބުދެކޭ… ނޫނީ ހެދިހާ ގޮތެއް ހެދިގެން ހުންނާނެޔޭ… އެހެން ހީ ނުކުރައްޗޭ.. ފަހަރެއްގާވެސް އަހަރެން ޔަޝްމީ ކައިރިއަށްދާނެޔޭ ހީ ނުކުރައްޗޭ… ނެވަރ… ނެވަރ..” ނިކް ޔަޝްމީ އާއި ދުރަށް ޖެހުނެވެ. ޔަޝްމީ ލަދުން އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. ނިކް އެތެރެއަށް ވަނުމަށް ހިނގައިގަތެވެ،
******************************
ފާރިޝްގެ އުނގުގައި ބޯ އަޅައިގެން އޮވެ ރަނާ ރޮމުންދެއެވެ.
” ދެން އަހަރެން އަންނާނަމޭ ލޯބި.. ރިސޯޓަށް ގޮސް ރުފިޔާ ކޮޅެއް ހޯދައިގެން އައިސްފައެއްނު ކައިވެނި ކުރެވޭނީ ދޯ…. ” ފާރިޝް ލޯތްބާއި އެކު ރަނާގެ ބޮލުގައި ފިރުމާލިއެވެ. ރަނާ ފާރިޝްގެ އަތުގައި ހިފާ އަތަށް ބޮސްދިނެވެ.
” އެކަމު އަހަރެން ވަރަށް ބިރުގަނޭ.. ރިސޯޓަށް ދާތަނުން ރީތި ކުއްޖަކު ފެންނަ އިރަށް އަހަރެން މަތިން ހަނދާން ނެތުނިއްޔާ ޔޯ…. ” ރަނާ އަނެއްކާވެސް ކުސްތަޅައިގަތެވެ. ފާރިޝްގާތަށް ހިނިއައި ނަމަވެސް މިވަގުތު އޭނާ ހޭންފަށައިފިއްޔާ ރަނާ އިތުރަށް ދެރަވާނެތީ އޭނާ އަނެއްކާވެސް ބުނެލިއެވެ.
” ނޫނޭ ލޯބީ… އެހެނެއް ނުވާނެ އެއްނު…. ރަނާ އާއި އަހަރެން ރައްޓެހިވީ އަހަންނަށް ތިވަރެއް ނެތީމައެއްނު…. އަހަރެން ގޮސް ފޯނެއްވެސް ފޮނުވާނަން.. އޭރުން އަބަދު ގުޅޭނެ… “
” މަންމަ ބުނި ކައިވެނީގެ ކުރިން ދޭ އެއްވެސް އެއްޗެއް ބޭނުން ނުކުރާށޭ… ” ޅަވެލާފައި ރަނާ ބުނެލިއެވެ. ފާރިޝް މިފަހަރު ހޭންފެށިއެވެ.
” އެހެންވިއްޔާ ގޮސް ނުގުޅޭނެ އެއްނު.. ދެން ހަމަސް ވަރު ކޮއްލާފަ އިންނަން އަންނާނީ…” ރަނާ ފުންމައިގެން ތެދުވެ ފާރިޝްގެ ގައިގައި އޮޅުލައިގަތެވެ.
” ނޫން… ފޮނުވާތި ފޯނެއް… އަހަންނަކަށް ހަމަސް ވަންދެންނެއް ނުހުރެވޭނެ……….. ” ފާރިޝްވެސް ރަނާ އޭނާ އާއި ބޮޑަށް ގާތްކޮއްލިއެވެ.
*****************************
އިމްރާން ތައްޔާރުވަނީ ކައިވެންޏަށެވެ. ނަމަވެސް ޔަޝްމީފެނުނު ފަހުން އޭނާއަށް ބަދަލެއް އައިކަން ވަފާ ފާހަގަ ކޮއްފިއެވެ.
” އަހަރެން ހުރިހާ ވާހަކައެއްވެސް ވަފާއަށް ކިޔައިދީފީމެއްނު….” އިމްރާން ވަފާގެ ކުރިމަތީގައި ހުއްޓުނެވެ،
” ރަނގަޅޭ… އެކަމު ޔަޝްމީ ފެނުނު ފަހުން އިމޫ ވަރަށް ބަދަލުވެއްޖެ.. ސަކަރާތެއްވެސް ނުޖަހަ… ހުންނަނީ ނެގިމަޑުވެފަ…” ވަފާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ. އިމްރާން ހިތްހަމައެއް ނުޖެހުނެވެ.
” ދެން…. މިބުނީނު އަހަރެން ޔަޝްމީ މަތިން ހަނދާނެއް ނުކުރަމޭ… އަހަރެން ލޯބިވަނީ ވަފާދެކެ… އެހެން ނޫންނަމަ ޔަޝްމީ އަހަރެން ކައިރިއަށް އައީމަ އަހަރެން އޭނަ ކުރިމަތީގަ ވަފާދެކެ ލޯބިވާ ވާހަކައެއްވެސް ނުބުނާނެއެއްނު… އޭނަ މިރަށުގަ އުޅޭކަމެއް ނޫޅޭކަމެއްވެސް އަހަންނަކަށް ނޭނގެ…އަހަރެން އޭނަ އުޅޭތަނެއްވެސް ނުބަލަން… ވަފާ ތިގޮތަށް ވާހަކަ ދައްކަންޏާ އަހަރެން ވަރަށް ހިތްހަމަ ނުޖެހޭނެ …” އިމްރާންގެ ޖުމުލަތަކުން ވަފާ ދެރަވިއެވެ. އޭނާ އިމްރާން ގައިގައި ބައްދާލިއެވެ.
” ސޮރީ ދޫނި…. އަހަރެންގެ ހިތް ބިރުގަތީ…. ދެން ދުވަހަކުވެސް އެގޮތަށް ވާހަކައެއް ނުދައްކާނަން….” ވަފާ އިމްރާންދެކެ ވާ ލޯބިން އެކަހަލަ ބިރުވެރިކަމެއް އުފެދުނީ ޔަޝްމީގެ ރީތިކަން ފެނުމުންނެވެ. ޔަޝްމީމަތިން އިމްރާން ހަނދާން ނެތިދާނެކަމަށް ޤަބޫލު ނުކުރެވެނީއެވެ. ” އިޓްސް އޯކޭ… އައި ލަވް ޔޫ…. ” އިމްރާން ވަފާގެ ނިތްކުރިއަށް ބޮސްދިނެވެ.
***************************
މާލެ އާދެވުމާއި އެކު ނިކް ޔަޝްމީ ގެ ދަބަސް ދިއްކޮއްލަމުން ބުނެލިއެވެ.
” އަހަރެން މި ފުރަނީ ރިސޯޓަށް ދާން… ކާރަކަށް އަރައިގެން ގެއަށްދޭ އިނގޭ… ” ޔަޝްމީ އެ ދަބަހުގައި ހިފަމުން ނިކްއަށް ބަލާލިއެވެ. އަދިވެސް ޔަޝްމީގެ ދެލޮލުން ނިކްއަށް ފެންނަނީ އާދޭހުގެ އަސަރެވެ.
” އަހަރެންވެސް ދާނަން..” ޔަޝްމީއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.
” މި ވަގުތަކު ނެތް ހުސް ވަޒީފާއެއް… ” ނިކް ޔަޝްމީގެ ހޭންޑް ބޭގް ދިއްކޮއްލަމުން ބުނެލިއެވެ. ޔަޝްމީއަށް އިސްޖެހުނެވެ. ނިކް އޭނާ ބޭނުންނުވާކަން ޔަޤީންވިއެވެ. ޔަޝްމީ ދެ ދަބަސް ކޮނޑުގައި އަޅުވައިގެން ޓެކްސީއެއް ހޯދުމަށް އެނބުރިގަތެވެ. ނިކް ވެސް ސަފާރީ އާއި ދިމާއަށް ދިޔުމަށް އެނބުރިގަތެވެ. ޔަޝްމީ ހުއްޓި ހުރެގެން ރޯނެކަން ނިކްއަށް އެނގުނެވެ. އޭނާގެ ހިތަށް ވަރަށް އަސަރުކޮއްފިއެވެ.
” ޔަޝް! …” ނިކް ގޮވާލުމާއި އެކު ޔަޝްމީ އަވަސް އަވަހަށް އެނބުރުނެވެ. ނިކް އަންނަން ފެށުމުން ޔަޝްމީއަށްވެސް ހިނގައިގަނެވުނެވެ.
ދެމީހުން އެކަކު އަނެކަކާއި ދާދި ގާތުގައި ހުއްޓުނެވެ.
” މާދަމާ ރޭ އަހަރެންގެ ރިސޯޓްގައި އަހަރެންގެ އެންގޭޖްމެންޓް ޙަފްލާއަށް އައުމަށް ދައުވަތު ދެން، އުއްމީދު ކުރަން އަންނާނެ ކަމަށް! އަންނާނަންތަ؟ ” ނިކް އެހެން ބުނުމުން ޔަޝްމީގެ ލޭ ކެކިގެން ދިޔައެވެ. ނިކް ހީކުރީ އޭނާއަށް ދާން ނުކެރޭނެ ކަމަށް ހެއްޔެވެ؟ ނިކް އެހާ އަވަހަށް އެންގޭޖް ކުރެވޭނީ އޭނާގެ ލޯބިވެރިޔަކު ހުންނާތީއޭ ޔަޝްމީގެ ހިތަށް އެރިއެވެ.
” ވާ! ނިކް ވާ!… ނިކް އަހަރެން ދެކެ ހަޤީޤި ލޯބި ވާކަމާ އަހަރެން ފިޔަވާ އެއްވެސް އަންހެން ކުއްޖަކު ތި ޙަޔާތަށް ނާންނަ ކަމަށް އަހަންނަށް ކިޔައިދިން ފަހުން އަދި މިއުޅެނީ ސައްވީސް ގަޑިއިރު ނުވެ… މިހާރު އެހާ އަވަހަށް އެންގޭޖްމަންޓް؟ ކިހާ ތެދުވެރި ލޯތްބެއް؟ ކިހާ ވަފާތެރި ލޯތްބެއް؟ އިމްރާންވެސް އެހެން މީހެއްދެކެ ލޯބިވެފަ އޭނަ ލޯބިވަނީ އެހެން މީހެއްދެކެ ކަން ސާފުކޮށް އަހަންނަށް ބުނެދިން.. އެކަމަކު ނިކް؟؟؟ އޯކޭ.. އަހަރެން ކޮންމެހެންވެސް ދާން ބޭނުން… އަހަރެން ދާނަން….. “
” މާދަމާ ރޭ އަށެއް ޖަހާއިރު މިތަނުން މި ސަފާރީގަ……………… ” ނިކް އެހެން ބުނުމާއި އެކު ޔަޝްމީ ބުނެލިއެވެ. ދަތްކުނޑި ވިކާލަމުންނެވެ.
” ޔަހ… އައި ވިލް ކަމް…………”
” ގުޑް! ” ޗެލެންޖް ކުރާ ރާގަކަށް ނިކް ބުނެލިއެވެ. ދެމީހުން ދެ ދިމާލަށް ދިޔަނަމަވެސް ހިތުގެ އަޑިން ދެމީހުންވެސް ރޮމުން ދިޔައެވެ.
****************
” ވާޓް؟ ޔަޝް މޮޔަވީތަ؟ ނިކްގެ އެންގޭޖްމަންޓަށް ދާނަމޭ؟؟؟؟؟؟” ޖިޔާ ކޮޓަރީގައި ދެކޮޅަށް ހިނގަންފެށިއެވެ. ޔަޝްމީ ކަރުނަ ފޮހެލިއެވެ.
” އާނ ޖިޔާ.. އަހަރެން ދާނަން… އަހަރެން ބޭނުން އަހަރެންގެ ހިތްވަރުގަދަކަން ދައްކާލަން…………..” ޔަޝްމީ ތެދުވިއެވެ.
” ޕްލީޒް ޖިޔާ.. ބީ ވިތް މީ….. ” ޖިޔާގެ އަތްމަތީގައި އޮތް ޔަޝްމީގެ އަތް ނަގަމުން ޖިޔާ ލޯ މަރާލަމުން އޯކޭ އޭ ބުނެލިއެވެ.
*****************
ލޯގަނޑު ކުރިމައްޗަށް ހުއްޓުނު އިރު ޔަޝްމީގެ ރީތިކަން އޭނާ އަމިއްލައަށް ފެނި ފަހުރުވެރި ވެވުނެވެ. ޖިޔާ ވެސް ހުރީ ޔަޝްމީޢަށް ތައުރީފް ކޮއްލަކޮއްލައެވެ. ޔަޝްމީ ހުރީ ރަތްކުލައިގެ ދިގުދިގު ހެދުމެއްލައިގެންނެވެ. ހެދުމާއި ގުޅޭގޮތަށް މޭކަޕް ކޮއްފައި ވާއިރު އިސްތަށިގަނޑުވަނީ ރީތިގޮތަކަށް ހަދާފައެވެ، އެހެންކަމުން ޖަންބުކުލަ އަރައަރާ ހުރި އޭނާގެ ދޮން ބުރަކަށިން ބޮޑުބައެއްވަނީ ހާމައަށް ފެންނާށެވެ.
” ޔަޤީން ނިކް އޭނާގެ ބައިވެރިޔާ ދޫކޮއްލާފަ ޔަޝްގެ އަތުގައި ހިފަން އަންނާނެކަން….” ޔަޝްމީގެ ކުރިމަތީގައި ހުއްޓި ޖިޔާ ބުނެލިއެވެ. ޔަޝްމީހިނިތުންވެލިއެވެ.
” ނޫނޭ ޖިޔާ! އެހެނެއް ނަހަދާނެ.. އެހެން ނަމަ އޭނަ މިހާރު އަހަރެން މިހާ ދުރެއް ނުކުރީސް.. ދެން އަދި ބުނަންތަ؟ ހީވޭތަ އަހަރެން އެކަނި އެތަނަށް ދާނެހެން.. އަހަރެން ދާނީ ބައިވެރިއެއްވެސް ގޮވައިގެން… ” ޔަޝްމީގެ އެ ޖުމުލައިން ޖިޔާ ހުރީ ހައިރާންވެފައެވެ.
” ބައިވެރިއެއް؟؟ “
އެވަގުތު ކޮޓަރި ދޮރުގައި ޓަކިޖަހާލުމާއި އެކު ޔަޝްމީ ބުނެލިއެވެ.
” ކަމިން….” އެހެން ބުނުމާއި އެކު ދޮރުހުޅުވާލުމާއި އެކު ޖިޔާއަށް އަނގަމަތީ އަތް އަޅައިގެން ހުރެ ދުވެފައި ގޮސް އޭނާގެ ލޯބިވެރިޔާ ނާއިޒްގެ ގައިގައި އޮޅުލައިގަތެވެ.
” ވެލްކަމް ބެކް ސްވީޓް ހާރޓް މައި ޖާންޒް…………………” ޖިޔާ ހުރީ އުފަލުން ފުރިފައެވެ.
” ސްވީޓީ މައި ލިޓްލްސްޓާރ،،،،،، އައި ލަވް ޔޫ ލަވް ޔޫ ލަވް ޔޫ………………..” ނާއިޒް ޖިޔާ އުފުލާލިއެވެ. ޔަޝްމީ ހުރީ ހިނިތުންވެފައެވެ.
” ތޭންކްސް ޖިޔާގެ ފްރެންޑް……………” ނާއިޒް ކުޑަކޮށް ގުދުވެލާފައި ބުނެލިއެވެ. ޖިޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
” ކިހިނެތް ޔަޝްއަށް ނާއިޒް އެނގުނީ؟ ….. ” ޖިޔާ ހައިރާންވެފައި އެހިއެވެ.
” އަހަރެން މިތާ އޮއްވަ ޖިޔާގެ ފޯނަށް ނާއިޒް ގުޅީ… އަހަރެން ނެގި ތަނާ ބުނަނީ މައި ޕްރިންސަސް އައި އެމް އިން މާލެ ޔޯ… އަހަރެން ބުނިން މީ ޖިޔާއެއް ނޫނޭ.. ދެން އަހަރެން ބުނީ މީ ޔަޝްމީއޭ.. ދެން އަހަރެމެން ދެމީހުން ރާވާލީ މިގޮތަށް ހަދަން.. ސޯ އަހަންނާއި އެކު ތި ދެމީހުންވެސް ދާންވާނެ… ” އެހިސާބަށް ބުނެވުނުތަނާ ޔަޝްމީއަށް ރޮވުނެވެ. އޭނާއަށް އުފާވެރި ވަގުތު ކޮޅަކަށްފަހު އަނެއްކާވެސް ނިކްމަތިން ހަނދާންވީއެވެ.
” އޭ …. ނޫން ނޫން.. މޫނުމަތީގެ އުޖާލާކަން ގެއްލުނީމަ ވަރަށް ސަކަރާތްވާނެ… ” ޖިޔާ ޔަޝްމީގެ ލޮލުން ކަރުނަ ފޮހެލަދިނެވެ.
” ދެން ނުރޯނަމޭ… ” ޔަޝްމީ މޫނު ސާފުކުރަން ފެށިއެވެ. ފޭޑް ވެފައިވާ އަނދުންތައް ފޮހެ އަލުން މޭކަޕްކުރަން ފެށިއެވެ.
***************************
ޝަކީލާގެ ކޮޓަރި ސާފުކުރަމުން ދަނިކޮށް އޭނާއަށް ފެނުނު ކަރުދާސްތަކެއް މޫސަބޭ ބެލިއެވެ. އޭނާގެ ލޯބޯ ކޮށިކަމުން އޭގައި އެވަނީ ކީކޭ ކަން އެނގުނީ ވަރަށް އިރުވީފަހުންނެވެ. އެ ދުވަހު ޝަކީލާ ނިކް ނެރެލުމުން އެކަމާ އެންމެ ހިތާމަކުރި މޫސަބޭއަށް މިޔަދު ބޮޑު އުފަލެއް ލިބުނެވެ. އޭނާ އެ ކަރުދާސްތައް ފޮރުވައިގެން ނެރުނެވެ. އޭނާ އެރޭ މަސައްކަތް ނިންމާފައި ދިޔައީ އެ ކަރުދާސްތައް ހިފައިގެންނެވެ. ނަމަވެސް ނިކް އާއި ބައްދަލް ވެވޭނެ އިތުރު ގޮތެއްވެސް ނެތެވެ. މޫސަބޭއަށް އެނގޭ ގޮތުން ނިކް އުޅެނީ ރިސޯޓެއްގައެވެ. އެ ރިސޯޓްގެ ނަންބަރެއް ހޯދައިގެން މޫސަބޭ އެ ރިސޯޓަށްވެސް ގުޅިއެވެ.
” ސަރ އާއި މިރޭ ބައްދަލެއް ނުވާނެ.. ” މޫސަބޭގެ ވަރަށް ދެރަވިއެވެ. ނިކް އާއި ބައްދަލް ވެވޭނެގޮތް ނުވުމުންނެވެ. ނަމަވެސް މިރޭ އަށެއް ޖަހާއިރު ޓީ ޖެޓީން އެ ރިސޯޓްގެ ސަފާރީއެއް ފުރާނެ ކަމާއި އެ ސަފާރީން ފޮނުވަން ބޭނުންވާ އެއްޗެހި ފޮނުވޭނެ ކަމަށް ފޯނުން ވާހަކަ ދެއްކި ކުއްޖާ ބުންޏެވެ. މޫސަބޭ ބަލާލީ ގަޑިއަށެވެ. އޭރު ހަތްގަޑި ބައިވަނީއެވެ. އޭނާ ކާރެއް ހޯދުމަށް އުޅެންފެށިއެވެ.
********************
ޔަޝްމީ ހެދުން ދެއަތުން ހިއްލައިގެން ކާރަށް އެރިއެވެ. އޭނާގެ ހިތް އޭރު ބާރަށް ތެޅެއެވެ. ޖިޔާ އާއި ނާއިޒް އަތް ޖޯޑުކޮށްގެން ތިއްބެވެ. އެހާ ދުވަސްފަހުން މެލޭޝިޔާއިން ނާއިޒް ކޯސް ފުރިހަމަ ކޮއްފައި އެ އައީ މިރެއެވެ. ޖިޔާ ހުރީ އުފަލުންހުސްވެފައެވެ. ޔަޝްމީ ކާރުގައި އިނދެގެންވެސް ވިސްނަނީ ނިކް ދެއްކި ވާހަކަތަކާއި މެދުގައެވެ. ނިކް އޭނާގެ އެންގޭޖްމަންޓް ހަފްލާއަށް ޔަޝްމީއަށް ދަޢުވަތުދޭން ކެރުނީ އިމްރާންއަށްވުރެންވެސް ގޮތެއް ނެތީމައޭ އޭނާގެ ހިތަށް އެރިއެވެ. ކާރުންފައިބައިގެން ޖެޓީ މަތީގައި ހުއްޓި ސަފާރީއަށް އަރަ އަރާ ހުއްޓައި ޔަޝްމީގެ އަތުގައި މީހަކު ހިފިއެވެ. ސިހިފައި އޭނާ ބަލާލިއެވެ. މުސްކުޅިފުރާގެ ފިރެހެނެކެވެ. އޭނާގެ މޫނުމަތީގައިވަނީ އުދާސްކަމާއި ވަރުބަލިކަމެވެ. ނޭނގިފައި ހުރެ ޔަޝްމީ ބަލަމުންދެއެވެ.
” ކޮއްކޮ ތިދަނީ ނިކާލްގެ ރިސޯޓަށްތަ؟ ” އޭނާ އެހެން އެހުމުން ހާސްވެފައި ޔަޝްމީ ބޯޖަހާލިއެވެ.
” އޭނަ ދަންނަންތަ؟ މި ސިޓީ އުރަ އޭނަ އާއި ޙަވާލްކޮއްދީފާނަންތަ؟ ” މޫސަބޭ އެހެން އެހުމުން ނާއިޒް އެ ސިޓީ އުރައިގައި ހިފިއެވެ.
” ލައްބަ ބޭބޭ… އަހަރެމެން އޭނަ ދަންނަން… ތިކަންތައް ކޮއްލަދޭނަން…” ޔަޝްމީ ސަފާރީއަށް އެރުމަށްފަހުގައިވެސް މޫސަބޭގެ މޫނަށް ބަލަމުން ދިޔައެވެ. އެ ސިޓީ އުރައިގައި ފޮރުވިފައި ކޮންމެވެސް ސިއްރެއް ވާނެކަން ގައިމެވެ.
ރިސޯޓަށް ފޭބުމާއި އެކު ޔަޝްމީގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ސަފާރީ ގާތްކުރި ފާލަމާއި ދާދި ގާތުގައި ވަރަށް ޒީނަތްތެރި ކޮއްލާފައިވާ ތަނެއް ހުއްޓެވެ. ބައިވަރު މީހުން ތިއްބެވެ. ރިސޯޓުގެ ސްޓާފުންނާއި ގެސްޓުންނެވެ. ޔަޝްމީމެން ފޭބި އިރު އިސްތިޤްބާލުގައި ރީތި އަންހެން ކުދިންކޮޅެއް ތިއްބެވެ. ވަރަށް އިއްޒަތުގައި އެމީހުންނަށް މެހެމާންދާރީ އަދާކުރުމަށްފަހު ދާންވީ މިސްރާބު ދެއްކުމަށް ކުއްޖަކު ކުރީގައި ހުއްޓެވެ. ހިނިތުންވަމުން ދިޔަނަމަވެސް ޔަޝްމީ ހުރީ އާދެވުނީތީ އަމިއްލަ ނަފްސަށް މަލާމާތްކޮއްލަ ކޮއްލައެވެ. ނާއިޒް އާއި ޖިޔާ ތަންކޮޅެއް ފަހަތުން ހިނގަމުންދެއެވެ. އެމީހުން ބޭނުންވަނީ ނިކްއަށް ޔަޝްމީއަށްވެސް ގޮތެއް ހުހެއް ނުވާނެކަން އަންގާށެވެ.
އެތަނުގައި ގިނައީ ޔަޝްމީއަށް ބަލަމުންދާ މީހުންނެވެ. ވަކި ހިސއާބަކަށް އައި ތަނުން ސްޓޭޖެއް މަތީގައި ނިކް ހުއްޓާ ފެނުނެވެ. އަދި ވަރަށް ރީތި އަންހެން ކުއްޖަކު ވެސް ނިކް އާއި ދާދި ގާތުގައި ހުއްޓާ ފެނުނެވެ. ބަލާބެލުމަށް އެއީ ރާއްޖޭގެ ކުއްޖެއް ނޫންކަން އެނގެއެވެ. ރިސޯޓްގައި ނިކް ކުރާކަމަކީ މިއީ ބާވައޭ އޭނާގެ ހިތަށް އެރިއެވެ.ޔަޝްމީއަށް ހުއްޓެވުނެވެ. ޖިޔާ އޭނާގެ އަތުގައި ކޮއްޓާލުމުން އަނެއްކާވެސް ޔަޝްމީ ހިނގައިގަތެވެ. އޭރު އޭނާގެ ހިނިތުންވުން އެއްކޮށްހެން ގެއްލިއްޖެއެވެ.
ޔަޝްމީ މެން އައިސް އިށީތްވަގުތު ނިކްއަށް އެ މަންޒަރު ފެނުނެވެ. އޭނާ ސްޓޭޖަކުން ނުފައިބައެވެ. ޔަޝްމީގެ ސޫރައަށް ބަލާލިއެވެ. ކަތި ނަޒަރަކުންނެވެ. އޭނާ ކުރިއަށް ޖެހިލިއެވެ. އަދި ކުރިމަތީގައި ހުރި މައިކް ނަގާ ބުނެލިއެވެ.
” މިރޭގެ މި ކުލަގަދަ ހަފްލާ ، އަޅުގަނޑުގެ އެންގޭޖްމަންޓް ޙަފްލާއަށް މަޝްހޫރު ގިޓަރިސްޓް ޔަޝްމީ ބައިވެރިވެލެއްވީތީ ވަރަށް އުފާކުރަން…. ” ޔަޝްމީ ލަދުގަތެވެ. އޭނާ އެހާ ބޮޑަށް ދުރުކޮއްލީތީއެވެ.
” ޕްލީޒް ކަމް އޮން ސްޓޭޖް….” ޔަޝްމީ ސިހިގެން ދިޔައެވެ. ނިކް އޭނާ ސްޓޭޖަށް އަރުވަން އެ އުޅެނީ އެންމެން ކުރިމަތީ ރޮއްވާލަން ހެއްޔެވެ؟ ޖިޔާ ލޮލުގެ އިޝާރާތުން ހަމަޖެހުމަށާ އެތަނަށް ދިޔުމަށް އެދުނެވެ.ޔަޝްމީ ތެދުވިއެވެ. ވަރަށް ހިތްވަރު ކޮއްފައި އޭނާ ހިނގައިގަތެވެ. ނިކްއަށް ބަލަން ފެށުނެވެ. މިރޭ ޔަޝްމީ ހާދަ ރީއްޗެވެ. ފަލަކުން ނެއްޓިގެން އައިސްފައި ހުރި ތަރިއެއް ބާވައޭ ހިތައް އެރިއެވެ. ސްޓޭޖްގެ ވަށައިގެން ތިބި މީހުންނަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ނިކްގެ އެއްވެސް އެންގުމަކާއި ނުލާ އޭނާ އަވަސް އަވަހަށް ސްޓޭޖުން ފައިބައިގެން ކުރިންވެސް ހުރިތަނަށް އައިސް ހުއްޓުނެވެ.އަދި ނިކްއަށް ބަލަންފެށިއެވެ.
ކައިރީގައި ހުރި މޭޒުމަތީގައި އޮތް އަނގޮއްޓި ނިކް ނެގުމާއި އެކު ނިކްގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާ އަތް ދިއްކޮއްލިއެވެ. ހުރިހާ އެންމެން އަތްޖަހަން ފެށިއެވެ. ޔަޝްމީ ހުރީ ބަސްހުއްޓިފައެވެ. ނިކް އެ އަންހެން ކުއްޖާގެ އަތުގައި ހިފާލިއެވެ. އަދި އަނެއް އަތުގައި އޮތް އަނގޮއްޓިއަށް ބަލާލިއެވެ. ޔަޝްމީއަށް ބަލާލެވުނީ ނިކްއަށެވެ. އޭރު ޔަޝްމީގެ ދެލޯވަނީ ރަތްވެފައެވެ.، އެކަންވެސް ނިކްއަށް އެނގުނެވެ. ނިކް މަޑުމަޑުން އަނގޮއްޓި އެ ކުއްޖާގެ އިނގިލީގައި ޖައްސާލިއެވެ. ޔަޝްމީއަށް ލޯ މަރާލެވުނެވެ. އޭނާއަށް އެތާ ހުންނާނެހާ ހިތްވަރެއް ނުލިބުނެވެ.
” އައި ލަވް ޔޫ ޔަޝްމީ……………” ބާރު ބާރަށް ނިކް ގޮވާލުމާއި އެކު ޔަޝްމީ ބަލާލިއެވެ،
އޭރު ނިކް ހުރީޔަޝްމީއާއި ދިމާއަށް ދެއަތް ދިއްކޮއްގެން އަންނާށޭ ބުނާފަދަ ގޮތަކަށެވެ. އަތުގައި އަނގޮއްޓި އޮތެވެ. ކައިރީގައި ހުރި ރީތި އަންހެން ކުއްޖާ ހެވިފައި ހުއްޓެވެ. އޭނާވެސް އަތްޖަހަމުން ދެއެވެ. އަދި އަތުގެ އިޝާރާތުން އަންނާނޭ ބުނެލިއެވެ. ޔަޝްމިއަށް ބަލާލެވުނީ ޖިޔާއަށެވެ. އުފަލުން ރޮވިފައި ހުރި ޖިޔާ ލޮލުން ދާށޭ ބުނެލިއެވެ. ނާއިޒް ޖިޔާގެ ކޮނޑުގައި ހިފާ އޭނާ އާއި ގާތް ކޮއްލިއެވެ. ޖިޔާގެ ފުރަގަހުންނެވެ.
ޔަޝްމީ ދުއްވައިގަތެވެ. އުފަލުން ހެވެމުންނެވެ. ޔަޝްމީ ދިޔަ ބާރުމިނުގައި ނިކްގެ ގައިގައި ޖެހިގަތްތަނުން ނިކް އޭނާ އުރާލިއެވެ. އެންމެން އަތްޖަހަންފެށިއެވެ. އެވަގުތު މުޅިތަން އެއް އަޑު ކޮއްލީ ޔަޝްމީގެ އަޑުން ކިޔާފައިވާ ” އައި ލަވް ޔޫ ފޯރ އެވަރ މައި ޑާލިންގ ” އެލަވައިންނެވެ. ޔަޝްމީއަށް ހީގަނެވުނެވެ. އެ އުފާވެރިކަމާއި އެކު ނިކް ޔަޝްމީގެ އަތުގައި އަނގޮއްޓި އެޅުވިއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



moosabeyge sitee ura ah vee kihineh.. ee koachehtha…