ހިތްމިއެދޭ ސޫރައޭ ތީ މަގޭ 11
ހޯލްތެރެ ގުގުމާލުމާއި އެކު ޔަޝްމީ ހުއްޓުން އެރިއެވެ. ދެފައި ބާރުވިއެވެ. މުށިތަކުމަތީ ތަތްވިއެވެ. ޖިޔާ މަޑުމަޑުން ޔަޝްމީގެ ގައިގައި ކޮށްޓާލިއެވެ.ޔަޝްމީ އަދވެސް ހުރީ ސްޓޭޖަށް ނާރައެވެ.
” އޭތް.. އަވަހަށް ހިނގާ…”
އެންޑީވެސް ބަލާލިއެވެ. ޔަޝްމީ ގަނޑުވެފައި ހުރުމުން ޖިޔާ ޔަޝްމީގެ އަތުގައި ހިފައި ދަމައިގަތެވެ. އޭނާއަށް ރެއަކާލީ ދެނެވެ، ޔަޝްމީ މަޑުހިނގުމެއްގައި ސްޓޭޖަށް އެރި އިރުގައިވެސް ނިކް އާއި ދިމާއަށް ބެލެނީއެވެ. ނިކްވެސް މިހާރު ކުރިއަށްވުރެން މާ ރީޢްޗެވެ. ޔަޝްމީގެ ދެފައި ތުރުތުރު އަޅަނީއެވެ. އޭނާ ސީޑީ ނިކް އާއި ދިމާއަށް ދިއްކޮއްލި އިރުވެސް ހުރީ ފެންކަޅި ވެފައެވެ. ނިކް ޔަޝްމީ އާއި ދިމާއަކަށް ނުބަލައެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލައިފާނެތީއެވެ. ނިކްވެސް ވަނީ ފިނިވެފައެވެ.
” ޝުކުރިއްޔާ! އަޅުގަނޑުމެން އެންމެ ބޮޑަށް ޝުކުރު ދަންނަވަން ބޭނުންވަނީވެސް ނިކްއަށް! ސަބަބަކީ މި ކުޅަދާނަ ޓީމްގެ އިސްކުއްޖެއްގެ ގޮތުން ހަރަކާތްތެރިވާ ޔަޝްމީ އަޅުގަނޑުމެންނާއި ޖޮއިންވީ ނިކްގެ ސަބަބުން. ޔަޝްމީއަކީ މޮޅު ގިޓަރިސްޓެއް،، އެ ހުނަރުވެސް އޭނާގެ ކިބައިގައި އެބަހުރި،، އަދި ލަވަކިޔަންވެސް ހަމަ އެއްވަނަ! ޔަޝްމީ މިހާ ހިސާބަށް ގެނެސްދީ އަޅުގަނޑުމެންގެ ސްޓޫޑިއޯ އާއި އޭނާ ޖޮއިންވީ ނިކް އަޅުގަނޑުމެންނަށް އެ ފުރުސަތު ދެއްވުމުން. ވަރަށް ބޮޑަށް ތޭންކްސް ނިކް” އެންޑީގެ އެ ވާހަކައިން ޔަޝްމީ ކުއްލިގޮތަކަށް ސިހިފައި ނިކްއަށް ބަލާލެވުނެވެ. އެވަގުތަކީ ނިކްއަށްވެސް ޔަޝްމީއާއި ދިމާއަށް ބަލާލެވުނު ވަގުތެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ނިކްއަށް އެމަންޒަރު ފެނުމުން ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯ ހޫރާލިއެވެ. ނިކް އިސްޖެހުމުން ޔަޝްމީއަށްވެސް އިސްޖަހާލެވުނެވެ.
” އަޅުގަނޑުމެން އެދެން ނިކް ގެ އަޑުން ލަވައެއް ކިޔުމަށް ގިޓާވެސް ޖަހަމުން…” މަޑުމަޑުން އެންޑީ ބުނެލިއެވެ. އެވަގުތު މުޅި ހޯލްތެރެއިން ނިކް އަށް ތަރުހީބުދޭ އަޑު އިވުނެވެ. ނިކްއަށް ގިޓާ ދިއްކޮއްލީ މާހިރެވެ. ނިކް ގިޓާގައި ހިފީވެސް ޔަޝްމީއަށް ބަލަމުންނެވެ. ޔަޝްމީމެންގެ ޓީމް މަޑުމަޑުން ހިނގާފައި ގޮސް އެންމެ ކުރީގައި ހުރި ގޮނޑި ބަރީގައި އިށީނެވެ. ޔަޝްމީގެ ދެލޯ އަދިވެސް ވަނީ ފެންކަޅިވެ އޭނާއަށްވަނީ ރޮވޭގޮތްވެފައެވެ،.
ނިކް ގިޓާގައި ހިފުމާއި އެކު މުޅި ސްޓޭޖް ނިވުނެވެ. އަދި ނިކް އާއި ދިމާއަށް ސްޕޮޓްލައިޓް އަޅުވާލިއެވެ. ނިކް އެތައް ދުވަހެއްފަހުން ގިޓާގެ ނަރުތަކުގައި އިނގިލި ޖައްސާލިއެވެ،
އޭނާ ބަލާލީ ޔަޝްމީ އާއި ދިމާއަށެވެ. ޔަޝްމީއަށްވެސް ބެލެނީއެވެ.
ނިކްގެ ދޫ ހަރަކާތްކޮއްލިއެވެ. އޭނާ ގެ ހިތް މަރުވެ މަރުވެ ވެއެވެ.
ތީ ނޭވާ އޭ މަގޭ……….. ވިންދޭ ތީ މަގޭ
ހިތާ ފުރާނައިގެ ދިރުމޭ…. ތީ ނޫންހޭ ރޭދުވާ މަގޭ..
ތީ އުއްމީދޭ މަގޭ…. މާޒީ އޭ މަގޭ
ދެލޯ ފުރޭނޭ ދިޔައިމާ ތީ ނޫންހޭ ލޯބިވާ މަގޭ…….
ނިކްގެ އެ ހިތާމަވެރި އަޑުން ޔަޝްމީގެ ދެލޯ ކަރުނައިން ބަންޑުންވިއެވެ. އޭނާއަށް ކެތްވަނީކީ ނޫނެވެ. ނިކް ދެލޯ މަރާލާފައި ހުޅުވާލާ ކޮންމެ ވަގުތަކު އޭނާގެ ނަޒަރު ހުންނަނީ ޔަޝްމީ އާއި ދިމާއަށެވެ. ނިކް ގޮނޑިން ތެދުވެގެން ޔަޝްމީ އިން ދިމާއަށް ހިނގައިގަތެވެ.
ޔަޝްމީއަށް އަނެއްކާވެސް ގިސްލެވުނެވެ. ޖިޔާ ޔަޝްމީއަށް ބަލާލީ ނުވިސްނޭ ގޮތަކަށެވެ. އަދި ދާދި ގާތުގައި ސްޓޭޖްމަތީ ހުރި ނިކްއަށްވެސް ޖިޔާ ބަލާލިއެވެ.
ނިކް ފުރަގަސްދިނެވެ.
ހެޔޮ ނުވާނޭ ދޫކޮއްފާ ދިޔައިމާ
ރޯލަރޯލާ ހުރެވޭތީ……………
ޔަޝްމީ ތެދުވިއެވެ. އަދި އެ ދިގު ހެދުން ދެ އަތުން ހިއްލާލައިން ހުރެ ބާރު ބާރަށް ސްޓޭޖަށް އެރިއެވެ. އަދި ސްޓޭންޑް މައިކް އަތަށް ނެގިއެވެ. އޭރުވެސް ނިކް އެ ހިތާމަވެރި ރާގު އިއްވަމުންދަނީ ލޮލުން ފެންތައް ބާލަމުންނެވެ. ޔަޝްމީގެ އަޑު ހުރީ ބެދޭގޮތްވެފައެވެ. އޭނާ ފުރަތަމަވެސް ހިތާމައިގެ އާހެއް ދޫކޮއްލިއެވެ. އަދި މައިކް ހިފައިން ނިކް އާއި ދާދި ގާތަށް ހުއްޓުނެވެ. ދެމީހުންގެ ނަޒަރު ސީދާވިއެވެ. ޔަޝްމީ ދެލޯ މަރާލިއެވެ. އެމީހުންނަށް ހީވާ ފަދައެވެ. އެތާ އެތިބީ އެ ދެމީހުން އެކަންޏެވެ.
ތީ މަންޒިލޭ މަގޭ
ރާސްތާ އޭ މަގޭ
ނިޔާ އިވޭތޯ ހުރީމޭ
ތީ ނޫންގޭ ސާހިބާ މަގޭ..
ޔަޝްމީގެ އެ ލޯބި ލޯބި އަޑު އިވުމާއި އެކު ތަރުހީބުގެ އަޑު ގަދަވެގަތެވެ. ޖިޔާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެންޑީ އާއި އޭނާގެ މީހުންވެސް ތިބީ ބަސްހުއްޓިފައެވެ. ޔަޝްމީ ސިހުނީ އަތްތިލަ ބަޑި އާއި ތުން ފުންމުމުގެ އަޑުންނެވެ. އޭނާ އަވަސް އަވަހަށް ނިކް އާއި ދުރުވިއެވެ. އަދި ދުއްވައިގަތް ތަނުން ހެދުމަށް އެރި އަރި އަޅާލި ވަގުތު ވެއްޓެން ދިޔަ ޔަޝްމީ ވެއްޓުނަ ނުދީ ހިފެހެއްޓީ ނިކްއެވެ. ނިކްގެ އަތްދަނޑިމަތީގައި އޮތް ޔަޝްމީ ހުރީ ދެއަތުން ނިކް ވަށާލާފައެވެ. އޭރުވެސް މީހުންގެ އަޑު ނުކެނޑި ހުއްޓެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަމުންދެއެވެ. ޔަޝްމީ ނިކް އާއި ދުރުވެލިއެވެ.
އަދި ހެދުން ހިއްލައިގެން ދުވެފައި ނުކުތެވެ، ނިކް ތޭންކްޔޫ އޭ ބުނެލި ވަގުތު އެންޑީ ނުހާދު ސްޓޭޖަށް އެރިއެވެ.
” ހާދަ ރޮމްއޭ…” ނިކްގެ ކަންފަތް ބުޑުގައި އޭނާ ބުނެލިއެވެ. ނިކްއަށްވަނީ އުފާވެރިކަމެއް ލިބިފައެވެ.
“ ގޯ ނިކް… ގޯ! ” ނުހާދު ނިކްގެ ބުރަކަށީގައި ޖަހާލަމުން ޔަޝްމީ ކައިރިއަށް ދިޔުމަށް އެދުނީ އެންމެންނަށްވެސް އިވޭ ވަރަށެވެ. އެ އަޑު މައިކްއަށް އެރުމާއި އެކު އޯޑިއެންސުން އެއް އަޑަކުން ގޮވަންފެށިއެވެ.
” ގޯ… ގޯ،،، ނިކް ގޯ… ” އެއް އަޑުން އެހެން ގޮވުމުން ނިކްއަށް ހެވުނެވެ. ޖިޔާވެސް ހުރީ ލޮލުން ކަރުނަ އައިހެވެ. ކޮނޑުގައި އޮތް ގިޓާ ނަގާ ކައިރީގައި ހުރި މާހިރު އަތަށް ދިއްކޮއްލަމުން ނިކް ދުއްވައިގަތެވެ. އޯޑިއެންސަށް ބާއީ ކިޔާލާފައެވެ.
ނިކް ބޭރަށް ނުކުތް އިރު ޗޭންޖިންގ ރޫމް ދޮރުމަތީގައި ޔަޝްމީ ހުއްޓެވެ. ދޮރުގައި ލައްވެލައިންނެވެ. ގިސްލަ ގިސްލާފައި ރޯށެވެ. ނިކްއަށް ޔަޝްމީ ރޯ މަންޒަރު ފެނި އޭނާގެ ހިތް މައިތިރި ވިއެވެ. އޭނާ ހިތައް އެރިއެވެ.
” މި ކުރެވުނީ ކޮންކަހަލަ ކަމެއްހެއްޔެވެ؟ އިމްރާން ޔަޝްމީދެކެ ކިހާ ރުޅި އަންނާނެ ހެއްޔެވެ؟ ޔަޝްމީއަށް މި ދެވުނީ ކިހާ ބޮޑު ހިތްދަތިކަމެއް ނޫން ހެއްޔެވެ؟ އަހަރެންގެ ހިތް ކިޔަމަން ނުވީއެވެ. މައާފްކުރާށެވެ… ” ނިކް ޔަޝްމީ އާއި ދިމާއަށް ހިނގައިގަތެވެ.
” ކޮބާ އިމްރާން؟ ” ނިކް އަހާލިއެވެ. ޔަޝްމީ ލޮލުން ކަރުނަ ފޮހެލަމުން ބަލާލިއެވެ.
” ނޭނގެ…” ޔަޝްމީ އެހެން ބުނުމުން ނިކް ހައިރާންވިއެވެ. ނޭނގެޔޭ އެ ބުނީ ކީއްވެ ހެއްޔެވެ؟ އެވަގުތު ނިކް ހަނދާންވީ އެރޭ ކަންތައްވެދިޔަ ގޮތެވެ.
” އަހަރެން ޔަޝްމީ ބޭނުމެއްނޫން….. ޕްލީޒް ޔަޝް.. ދެން އެއްޗެއް ނުބުނައްޗޭ! ” އިތުރަށް ބަހުސް ކުރަން ބޭނުން ނުވާތީ އިމްރާން އެންމެ ފަހުގެ ނިންމުން ނިންމިއެވެ. ޔަޝްމީގެ ދެލޯ ބޮޑުވިއެވެ. ނިކްއަށްވެސް ބަލާލެވުނީ އިމްރާން އާޢި ދިމާއަށެވެ. އިމްރާން ހިނގައިގަތެވެ. ބާރުބާރަށެވެ. ޔަޝްމީއަށް ރޮވިފައި ހުރެ ބަލާލެވުނީ ނިކް އާއި ދިމާއަށެވެ.
އެރޭ އިމްރާން ދިޔުމުން ނިކް ޔަޝްމީ ބޭނުންވާކަމަށްބުނެ އާދޭސްކުރިއެވެ. އެހެނަސް ޔަޝްމީގެ ދުލުން ބޭރުވެގެން ދިޔައީ ނިކްގެ ކަންފަތަށް އަހަން ކުޅަދާނަވި ޖުމުލަތަކެއް ނޫނެވެ.
” މިރޭ އިމްރާނަށް އެހެން ދެވިދާނެ! އެކަމަކު އަހަރެން އޭނަ ހުއްޓުވާނަން.. އަދި އޭނައަށް އަހަރެންގެ ލޯބިވެސް ދޭނަން.. އޭނަ އާއި ކައިވެނި ކުރަން އަހަރެން ބޭނުން… ނިކްގެ މަންމަ ޤަބޫލު މީހަކު ނިކު ހޯދައިން އަވަހަށަ ކައިވެނިކުރޭ.. އަހަރެން ނިކްގެ މަތިން ހަނދާން ނައްތާލުމަށް މަސައްކަތްކުރާނަން.. އަހަންނަށް އެކަންވާނެ! ” ޔަޝްމީ އިތުރަށް އެއްޗެއް ނުބުނެ ދުއްވައިގަތެވެ. ރޮމުންނެވެ. ނިކްއަށްވެސް ދެލޯ މަރާލެވުނެވެ. ގައިމެވެ. އިމްރާންގެ ކުރިމައްޗަށް ޔަޝްމީ ދާއިރަށް އިމްރާން ޔަޝްމީގެ ލޯބި ޤަބޫލުކުރާނެއެވެ. އެމީހުން ކައިވެނިވެސް ކުރާނެއެވެ.
ނިކް ގެ ކުރިމަތިން އެ މަންޒަރުތައް ސިފަވެގެން ދިޔަފަދައެވެ. ރޮއިރޮއި ހުރި ޔަޝްމީ ވާހަކަދެއްކިއެވެ.
” އަހަރެން ނިކް ކައިރިން ދުރަށް ގޮސް އިމްރާން ހޯދަން ވަރަށް މަސައްކަތް ކުރިން… އެކަމަކު އޭނަ ދިމާވާގޮތެއް ނުވި…އަހަރެންނަށް ގޮތް ހުސްވި.. އެހެން ހުއްޓާ އަހަންނަށް މިޗާންސް ލިބިގެން އަލުން އަހަރެންގެ ދުނިޔެ ހުޅުވުނީ… އެކަމަކު މިރޭ މި އިނގުނީ މިއީވެސް ނިކްގެ ފަރާތުން އަހަންނަށް ހުޅުވުނު ދޮރެއްކަން.. ކީއްވެގެންތަ އަހަރެންގެ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ ؟ ” ޔަޝްމީ ނިކްގެ މޫނަށް ބަލާލިއެވެ. ނިކްއަށް ރޮވެނި އުފަލުންނެވެ. ޔަޝްމީ އަދިވެސް އެއީ ނިކްއަށްޓަކައި ހުރި އަގުބޮޑު ޖަވާހިރެކޭ އޭނާއަށް ހީވިއެވެ.
” ލޯބިވާތީ! ވަރަށް ބޮޑަށް ލޯބިވާތީ…. އަދިވެސް…..” ނިކް ޔަޝްމީއަށް ބަލަން ހުރެ ބުނެލިއެވެ. ޔަޝްމީ ފުރަގަސްދިނެވެ. އޭނާ އަދިވެސް ނިކް އާއި ގުޅޭކަށް ބޭނުމެއްނޫނެވެ. އެދުވަހު އޭނާގެ މަންމަ ކިޔާލި އެއްޗެހި އޭނާގެ ހިތުގައި ކެނޑިގެންވިއެވެ. އެހެންކަމުން އޭނާ ނިކްގެ ޙަޔާތަށް ދާން ބޭނުމެއް ނޫނެވެ. ލޯބި ނުވެވުނަސް އޭނާ އަދިވެސް ބޭނުމީ އިމްރާން ހޯދާށެވެ.
” އަހަރެން ބޭނުމީ އިމްރާން… އޭނަ ހުންނާނެ އަހަންނަށްޓަކައި…… އޭނަ އަދިވެސް އަހަންނަށް އިންތިޒާރު ކުރާނެ.. ނިކްއަށް އަންހެން ކުދިންވެސް ވާނެ.. މިހާރުވެސް ނިކް އެހެން ކުއްޖަކާ ގުޅުމެއް ނޯންނަ ކަމެއް އަހަންނަކަށް ނޭނގެ… އަހަންނަށް އެނގޭ އެއްޗަކީ އިމްރާން އަހަރެންދެކެ ލޯބިވީ ވަރަށް ނިކްއަށް ނުވެވޭނެކަން… އަހަރެން ބޭނުން އެކަން ނިކްއަށް ސާބިތު ކޮއްދޭން…” ޔަޝްމީ ބޭނުންވަނީ ނިކް ޔަޝްމީދެކެ ވާ ލޯބި ޖަޖްކުރަންހެއްޔެވެ؟ ނިކްއަށް މިރޭ ވަރަށް އަސަރުކޮއްފިއެވެ. ދުވަހަކުވެސް ނުވާވަރަށް ހިތަށްމ ތަދުވެއްޖެއެވެ. އޭނާ ހަރުކަށި ގޮތަކަށް ޔަޝްމީއަށް ބަލަމުން ޔަޝްމީ އާއި ދާދި ގާތަށް އައުމުން ޔަޝްމީ ފަހަތަށް ފިޔަވަޅެއް އެޅިއެވެ.
” ހިނގާ! އިމްރާން ކައިރިއަށް ހިނގާ! އަހަރެން ޔަޝްމީގެ ލޯބި ޔަޝްމީއަށް ހޯދަ ދީފާނަން..” ނިކް ޔަޝްމީގެ އަތުގައި ހިފުމުން އަތް ފޮޅުވާލީ ޔަޝްމިއެވެ.
” އަހަރެންގެ ލޯތްބަކީ އެއީ އެއް ނޫން… އެކަމަކު އަހަރެން ނިކް އާއި އެކު އިމްރާން ގާތަށް ދާން ބޭނުން… އެދުވަހުން ނިކް އަހަންނަށް އާދޭސް ނުކުރާތި.. އަހަރެން ނިކް އާއި ގުޅެން ބޭނުން ނުވަނީ…… އަހަރެން ނިކްދެކެ ލޯބި ނުވާތީ ކީ ނޫން.. އަހަރެންނަށް އެނގޭ އިމްރާން އަހަރެންދެކެވަނީ މާ މަތިވެރި ލޯތްބެއް!!!! އަހަރެން އޭނަދެކެ ލޯބިވާނަން…. ” ނިކްގެ ހިތް ފުނޑުފުނޑުކޮއްލަން ޔަޝްމީ ބޭނުންވަނީއެވެ. ނިކް މަތިން ހަނދާން ނައްތާލަން އޭނާ ބޭނުންވަނީއެވެ.
” މާދަމާ މަށާއެކީ ފުރަން ތައްޔާރުވޭ! އަހަރެން ޔަޝްމީ އިމްރާންގެ ރަށަށް ގެންގޮސްދޭނަން….. އިމްރާން މާލޭގަ ނޫޅެންޏާ އޭނަ އުޅޭނީ އޭނާގެ ރަށުގައިހެން ހީވަނީ.. އަހަރެން އޭނަ ހުރިތަނެއް ހޯދާ ޔަޤީންކުރާނަން،،، ” ނިކް އެހެން ބުނުމަށްފަހު ހިނގައިގަތެވެ. އޭނާގެ ހިތް އަނެއްކާވެސް އިތުރަށް މިލާ މޯޅިވެއްޖެއެވެ. ޔަޝްމީ ދެރަވެ މާޔޫސްވެފައި ނިކްއަށް ބަލަން ހުއްޓެވެ.
**********************
ސާއިގާ ތެދުވެލީ އޭނާ އާއި ދާދި ގާތުގައި ވަފާ އިށީނުމުންނެވެ.
” ކިހިނެތްވީ؟ ކޮބާ އެމީހުން؟ ” ރަނާ ކައިރީ ސާއިގާ އެހިއެވެ.
” މުޅިން ސަކަރާތްވެއްޖެ!…. ” ރަނާ އިސްޖަހާލިއެވެ. ވަފާވެސް އިނީ އިސްޖަހއިގެންނެވެ.
” އެމީހުން ދިޔައީތަ؟ ” ސާއިގާ ހާސްވިއެވެ.
” މަށަށް އެނގޭ އެހެންކަން ވާނީ…. ރަނާ ލޯބިވަނީ އިމްރާންދެކެ… ވަފާ ލޯބިވަނީ ފާރިޝްދެކެ.. އެކަމް އެނގިއްޖެ އެއްނުދޯ އިމްރާން ލޯބިވަނީ ރަނާދެކެކަން…. ފާރިޝް ލޯބިވަނީ ވަފާ ދެކެ…. މަށަށް އޭރުވެސް އެނގޭ މިރޭ މި މައްސަލަ ޖެހޭނެކަން… ހިނގާ ގެއަށްދަމާ… މިތާ އަހަރެމެން އެކަނި ތިބޭކަށް ނުވާނެ،، އެމީހުން ރުޅިއައިސްގެން އެ ދިޔައީ އަހަރެމެން އެކަނި ބައިތިއްބާފަ! ނަސީބެއްނު ހަނދުވަރީ ރެއެއްކަންވެސް….” ސާއިގާ ފައިވާން އަތަށް ނެގިއެވެ. އޭރުވެސް ވަފާ އާއި ރަނާ ތިބީއެވެ.
ސާއިގާގެ ލޮލުގައި އަޅައިގަތީ މޫދާއި ދިމާލުން އަންނަ ފާރިޝް އާޢި އިމްރާނެވެ.
” އެތިބަ އަންނަނީ…..” ސާއިގަ އެހެން ބުނުމުން ވަފާ ބަލާލިއެވެ.
އެމީހުން އައިސް އިށީނެވެ. އެމީހުންވެސް ތިބީ މާޔޫސްވެފައެވެ. ހަމަ ހިމޭންވުމުން ސާއިގާ ބުނެލިއެވެ.
” ދެން ހަދާނީ ކިހިނެތް؟ ގެއަށް ހިނގާ….” ސާއިގާ ކޮޅަށް ތެދުވުމުން އެންމެން ހޭންފެށިއެވެ. ސާއިގާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
” ސޮރި ސޮރީ ސާއި….. އަހަރެމެން ސާއި ހައްދާލީ….” ކޮށި އެރުމުންވަފާ ބުނެލިއެވެ. ހައިރާންވެފައި ސާއިގާ އިށީނެވެ.
” ކިހިނެތް ތިބުނީ،،،،”
” އެއްދުވަހަކު އިމޫ އާޢި ފާރިޝް ރުއްބުރިމަތީ ތިބެގެން އަހަރެމެންގެ ވާހަކަ ދައްކާ އަޑު އިވުނީ ރަނާގެ ޅިޔަންބެއަށް.. އެބޭބެ އައިސް އަހަރެމެން ގާތު އެވާހަކަ ދެއްކީ.. ދެން ހަމަ އެރޭ ސާއި ގާ އައީމަ އެނގުނު މީ ގޯހެއްކަން.. ސާއި އެމީހުންނާއެކު އުޅޭތީވެ ދޯ… ދެން މަށާ ރަނާ ރޭވީ….” ވަފާ ހެމުން ހެމުން ކިޔައިދިނެވެ. ސާއިގާއަށްވެސް ހެވުނެވެ.
” ވާވް.. ތީގެ މާނައަކީ މިހާރު ތީ ހުސް ލޯބިވެރިންނޭ ދޯ……” ސާއިގާ ގަޔާވެލިއެވެ.
” ފައިނަލީ ނައު ޝީ އިޒް މައިން…. ” ރަނާގެ ކޮނޑަށް އަތްވައްޓާލާ ގާތްކޮއްލަމުން ފާރިޝް ބުނެލިއެވެ. އިމްރާން އިޝްޤީ ގޮތަކަށް ވަފާއަށް ބަލާލިއެވެ.
” ވަފާވެސް ހުރީ އަހަންނާ އަޅައިގަނެފައޭ ދޯ….” އިމްރާން ބޭނުންވީ ވަފާ ރަކި ކޮއްލާށެވެ. އެ ރީތި މޫނު ދަނބުވެގެން ދިޔައެވެ.
އެރޭ މަސްފިހެގެން ކައިގެން ގެއަށް ދެވުނު އިރު ދިހައެއް ޖަހަނީއެވެ.
” ނުކެރޭނެ ދާކަށް… މާ ލަސްވީމަ މަންމަ ވަރަށް ރުޅި އަންނާނެ.. އަދި ފިރެހެން ކުދިންނާއެކީ ދިޔަކަން އެނގުނީމަ މާ ރުޅިއަންނާނެ….” ވަފާ ބިރުން ހުރީމަ އިމްރާން ފުރަތަމަ ފަހަރަށް ވަފާގެ އަތުގައި ހިފާލިއެވެ. އޭރު ސާއިގާ ހުރީ ތަންކޮޅެއް ކުރީގައެވެ. ރަނާ އާއި ފާރިޝްވެސް ހުރީ މެދަކާ ހަމައިގައެވެ.
” އެހާ ބިރުނުގަނެބަލަ.. ބޮޑުދައިތަ އާއި އެކު ގެއަށް ދިޔައީމަ ހީކުރާނެ ބޮޑުދައިތަވެސް ދިޔައޭ މަސްފިހަން…” ވަފާ އަށް ހެވުނެވެ. ބޮޑުދައިތަ މަސްފިހަން ދާނެހެއްޔެވެ؟
ވަފާ ހޭންފެށުމުން ފާރިޝް ފަހަތް ބަލާލިއެވެ.
” އޭ ކިހިނެތްވީ؟ “
” މަންމަ ދެކެ ބިރުންނޯ…” ބާރު ހިނގުމެއްގައި އިމްރާން އާއި ވަފާ ރަނާއާއި އަރާ ހަމަކުރިއެވެ.
” ރަނާ ވެސް ބިރުން.. ހިނގާ ފަހަރަކު މީހަކު ގެއަށްގެންދަން… އޭ ސާއިގާ އާދެބަލަ! ” ފާރިޝް ގޮވާލުމުން ސާއިގާ ހުއްޓުނެވެ.
ރަނާ މެންގެއާއި އަރާ ހަމަވުމުން ފާރުބުރިކައިރީ ފާރިޝް އާއި އިމްރާން ތިރިވިއެވެ. ސާއިގާ އާއި ރަނާ އަދި ވަފާ ވަނީ ރަނާމެންގެއަށެވެ.
” ހާދަ ލަސްވީ؟ ތިންކުދިން އެކަނިތަ އުޅުނީ؟ “ރަނާގެ މަންމަ ބުނެލި އަޑަށް ރަނާ ސިހުނެވެ. ފާރިޝްގެ ދެލޯ މެރިގެން ދިޔައެވެ.
” އާނ… މިތާ ކައިރީގަ ތިބީ… ތުނޑިއަކަށް ނުދަން….” ސާއިގާ ދޮގު ހެދިއެވެ. ރަނާގެ މަންމަ ރުޅިއައިސްފާނެތީއެވެ. ދ
” އާނ ދެން އަވަހަށް ނިދަންދޭ! މިއިނީ ރަނާ ނައިސްގެން ދޮރު ނުލެއްޕިފަ……..” އާދައިގެ ގޮތަކަށް މަންމަ އެހެން ބުނުމުން ވަފާގެ އަތަށް ފިތާލަމުން ރަނާ އަވަސް އަވަހަށް ކޮޓަރިއަށް ވަނެވެ. ސާއިގާ އާއި ވަފާވެސް ކައިރިކައިރީ ފިޔަވަޅު އަޅަމުން ނުކުތެވެ.
” އޯހް…. މަ ސަލާމަތްވީ… ރަހުމަތްތެރިޔާ.. ދެން އޮތީ ކަޔެ…” ފާރިޝް މާނޭވާއެއްލިއެވެ. އިމްރަން ވަފާގެ އަތުގައި ހިފާ ބާރުކޮއްލިއެވެ.
” ގުޑްނައިޓް.. ލަވްޔޫ….” އިމްރާން ވައި އަޑުން އެހެން ބުނުމުން ވަފާ ލޯބިގޮތަކަށް ބަލާލިއެވެ. ވަފާގެ ގެއާއި މާ ދުރުނޫން ހިސާބެއްގައި އެ ގުރޫޕް ހުއްޓުނީ އެގޭ ބޭރު ޖޯލީގައި ވަފާގެ މަންމަ އިންތަން ފެނުމުންނެވެ.
” އޯހ ޝިޓް… ” އިމްރާންއަށް ބުނެވުނެވެ.
” ސާއި ދޭ.. އަހަރެމެން މި ގަސްނިވަލުގަ ތިބޭނަން…” އިމްރާން އެހެން ބުނުމުން ސާއިގާ ވަފާ އާއި އެކު ހިނގައިގަތެވެ.
” ވަފާ! މިރޭ ގެއަކަށް ނުވަދެވޭނެ! ބައްޕަ އަންގައިފި ގެއަށް ނުވަދެވޭނެ ކަމަށް! ދިހައެއް ޖަހަންދެން އެ އުޅެނީ ތުނޑިމަތިން ފިރެހެނުންނާއެކު…. އަހަރެމެންނަށް ނޭނގޭތީ އެއް ނޫނޭ މިތިބީ މަޑުން… އެއްޗެއް ނުބުނެ ނުހުރެވޭނެ ތިޔަ ފާޑަށް ތެޅިއަރުވަންޏާ…. ” ވަފާގެ މަންމަ ޒާހިރާ ހަޅޭއްލަވަން ފެށިއެވެ.
” ދައްތާ! ފިރެހެނުންނެއް ނުދެޔޭ!! ރަނާ އާއި އަހަރެން ދިޔައީ…. ” ސާއިގާ ބުނެލިއެވެ/.
” ތިއީ އޭގެ އަނެކަކު … އަބަދު ފިރެހެނުން ކަފުޖަހައިގެން އުޅޭނީ… ކަނދުފޮތި ކަނބަންވެސް ރަނގަޅު މީހެކޭ ތިހުރީ… މަށަށް ތި ފިރިހެނަކީ ކާކުކަން އެނގޭ ދުވަހަކީ ބައްޕަގެ އަތްދަށަށް އޭނަ ފޮނުވާލާ ދުވަސް…” ސާއިގާއަށް ބަލާލެވުނީ ވަފާގެ މޫނަށެވެ. ވަފާ ހުރީ ރޮވޭގޮތްވެފައެވެ. އެތަނުގަ ކަންތައް ހިނގާ ގޮތް ނޭނގޭތީ ދުރުގައި ހުރި އިމްރާންގެ ހިތް ބާރުބާރަށް ތެޅެއެވެ.
” ވަދޭ އެތެރެއަށް.. މާދަމާ ބޭރުނުވާތި ގެއިން…..” ޖޯލިން ތެދުވަމުން ޒާހިރާ ބުނެލިއެވެ. ފަލަކަމުން ރަނގަޅަށް ހިނގާނުލެވޭ އިރުވެސް އޭނާގެ އަނގައެއް މައިތިރިއެއް ނުކުރެއެވެ. ވަފާ ދުވެފައި ގެއަށްވަނުމާއި އެކު ޒާހިރާ ދޮރުލައްޕާ ތަންޑުއެޅުވިއެވެ. ސާއިގާ ދުވަމުން އައިސް އިމްރާންމެންގެ ކައިރިއަށް ހުއްޓުނެވެ. އޭރު އޭނާ ހުރީ ވަރަށް ހާސްވެފައެވެ. މަގުމަތިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އެހެން ނޫންނަމަ މިރޭ ކަންތައްގަނޑު މާބޮޑުވީހެވެ،
” ހޭ ބަސްޓުވީ އޭ….” ސާއިގާ ހުރިހާ އެއްޗެއް ކިޔައިދިނެވެ.
” މަ ފަކީރު މަރްގަޔާ ކޮއްލާނެ ދޯ އޭނަ ބައްޕަ! ވަރަށް ކަޑަވީ ތި.. ކިހިނެތް ހަދާނީ؟ އެއްބަސް ނުވާނީތަ؟” ފާރިޝް ގާތު އިމްރާން އެހިއެވެ.
” ހާސްކަނޑާލާ! ބޮޑޭ ބޮލަށް އެރޭނީ….”” ފާރިޝް އައިޑިއަރ އެއް ދިނެވެ. ބޮޑުދައިތަ އާއި ވާހަކަ ދެއްކުމަށް ނިންމައިން ތިން މީހުން ހިނގައިގަތެވެ.
***********************
ޖެހިގެން އައި ދުވަހު އިމްރާން ވަރަށް އަވަހަށް ހޭލިއެވެ. އޭރު ބޮޑުދައިތަ އުޅެނީ ކުނިކަހާށެވެ. އިމްރާން ގިފިއްޔަށްވަދެ ފެންވަރަން ފެށިއެވެ. އެވަގުތު އަޑުބަރު ފިރެހެނެއްގެ އަޑު އިވުނެވެ. އޭނާ އަވަސް އަވަސް ކޮއްލައިން ތުވާލި އޮޅާލައިން ނުކުތް އިރު ބޮޑުދައިތަ އާއި ވާހަކަ ދައްކަން ފިރެހެނަކު ހުއްޓެވެ. އިމްރާން ހުއްޓުނީ އެއީ ވަފާގެ ބައްޕަތޯ ބަލާށެވެ.
” އެހެރީ އެސޮރު….” ބޮޑުދައިތަ އެހެން ބުނުމުން އެމީހާ އިމްރާންއާއި ދިމާއަށް އަންނަން ފެށިއެވެ. އިމްރާން ބިރުގަންނަން ފެށިއެވެ.
” ގަބޫލުވެސް ނުކުރެވޭ….. ހާދަ ވައްތަރޭ ހަސަންމަނިކާ…. ހަސަނާ މަށާ އުޅުނީ ހަމަ އެއްކޮށް… މިސޮރު ވަރަށް ދުވަސްވެއްޖެ ދޯ ރަށަށް ނާންނަނީ… ” އެމީހާ ހީލަމުން އިމްރާނާ ސަލާމްކޮއްލިއެވެ. އިމްރާންވެސް ހީލިއެވެ. އަދި އެމީހާ ބޮޑުދައިތަ އާއި ދިމާއަށް އެނބުރުމުން އަވަސް އަވަހަށް އިމްރާން އެތެރެއަށްވަނެވެ.
ވަފާގެ ކަމަކީ ރުޔުމެވެ. އޭނާއަށް އިމްރާންދެކެ ލޯބިވެވިއްޖެއެވެ. ނަމަވެސް އެލޯތްބަށް މައިންބަފައިން ހުރަސް އެޅުމަކީ އޭނާ ހިތާމަކުރާކަމެކެވެ. އޭނާ ކޮޓަރި ތަޅުލައިގެން އޮވެ އެކަމާ ހިތާމަކުރަނީއެވެ.
އެދުވަހު އެއްވެސް މީހަކު އެއްވެސް ވާހަކައެއް ހިފައިގެން އެގެއަކަށް ނާދެއެވެ. އެހެންކަމުން ފާރިޝްވެސް އިމްރާންވެސް ހުރީ ހަމަޖެހިފައެވެ.
****************************
އިމްރާން އޮތީ ބޭރު ޖޯލީގައެވެ. އޭނާ ވިސްނަމުންދަނީ އޭނާގެ ތަޤްދިރާއި މެދުގައެވެ. ޔަޝްމީ މިހާރު ކޮބައިބާވައެވެ؟ ނިކް އާއި އެކު އުފާވެރި ދިރިއުޅުމެއް އުޅޭނެއެވެ. ޔަޤީނެވެ، ޔަޝްމީ މިހާރު އިމްރާންމަތިން ހަނދާންވެސް ނުހުންނާނެއެވެ. އިމްރާންއަށް އެއީ މިހާރު މާބޮޑު މައްސަލައެއް ނޫނެވެ. އޭނާއަށް އޭނާދެކެ ވަރަށް ލޯބިވާ ކުއްޖަކު ލިބިއްޖެއެވެ. ވަފާއެވެ. އޭނާ ވަފާ ޙާޞިލްކުރާނެއެވެ. އިމްރާން ތެދުވިއެވެ. އޭނާގެ މިސްރާބް ހުރީ ވަފާމެންގެ ގެއާއި ދިމާއަށެވެ. ވަފާ ފެނޭތޯއެވެ. ވަފާގެ އަތުގައި ފޯނެއްވެސް އޮންނަނީކީ ނޫނެވެ. އޭނާގެ ޙާލަތެއް ނޭނގެއެވެ.
އިމްރާންއަށް އެގޭ ޖޯލީގައި ދެމީހަކު ތިބިކަން އެނގުމުން ކުޑަކޮށް ފަސްޖެހޭގޮތްވިއެވެ. ނަމަވެސް ހިތްވަރުކޮއްލާފައި އޭނާ ހިނގައިގަތެވެ. ޖީބަށް އަތްޖަހާލައިގެން މާ ނޫންކަމަށް ހަދާފައި އެގެއާއި އަރާ ހަމަވުމާއި އެކު ބަލާލިއެވެ.
” އޭ އޭ! މިއޮއްދަނީ އެސޮރު….” ފިރެހެނަކު އެހެން ބުނުމުން އިމްރާނަށް ހުއްޓެވުނެވެ. އޭނާގެ ހިތް ބާރުބާރަށްތެޅެއެވެ.
” އެ އަތުލީ އޯހ ގޯޑް…” އިމްރާން އެނބުރުނު އިރު މިޔަދު ހެނދުނު އެގެއަށް އައި މީހާއެވެ.
” މިގެއަށް ވަދެނުލާ ތި ދަނިއްޔޯ.. މީވެސް ދަރިފުޅުގެ ގެއެއްނު…. ހަސަންމަނިކު އަބަދު އުޅޭނީ މިގޭގަ… އެއީ މަގޭ އެންމެ ގާތް ރަހުމަތްތެރިޔާ.. މިޔަދު އޭނަ ދުނިޔޭގަ ނެތަސް މި ބޭބެގެ ހިތުން އޭނާގެ ހެޔޮކަން ދުވަހަކުވެސް ފިލާ ނުދާނެ… އެގޮތް ހަމަ އޭނާގެ ދަރިންނަށްވެސް އޮންނާނެ އެއްނުދޯ…” އެ ބޭބެގެ ޖުމުލަތަކުން އިމްރާންގެ ލޯތްބަށް އަލި މަގެއް ކޮށާލިއެވެ. އޭނާއަށް ހިނިތުން ވެވުނެވެ،
” ކޮބާތަ އެ އަންހެން މަންޖެ! “
” ކޮއްކޮވެސް އެބައުޅޭ….” އިމްރާންއަށް ވަރަށް އުނދަގުލުން ބުނެވުނެވެ. ދީނާ ކޮބައިކަމެއް ޚުދު އޭނާއަކަށް ނޭނގެއެވެ. ނަމަވެސް ކޮއްކޮގެ އަގު ހިފަހައްޓަން އޭނާ މަސައްކަތް ކުރާނެއެވެ.
” ދެން އަންނަން ވާނެ މިގެއަށް…. ދަރިފުޅާ ވަފާ!!! ” ބާރު ބާރަށް ގޭތެރެއަށް ބޯދިއްކޮއްލަމުން ޒާހިރާ ގޮވާލިއެވެ.
” ވަފާ އެއީ މަގޭ ހުރި ހަމައެކަނި ދަރިފުޅު… ވަރަށް މުރާލިވާނެ….” ޒާހިރާ ވަފާގެ ރަނގަޅުވާހަކަ އިމްރާން ގާތު ދެއްކިއެވެ.
މާބާރަށް މަންމަ ގޮވާތީ ވަފާ ކޮޓަރިން ނުކުތެވެ. އޭނާގެ ފިޔަވަޅުގެ އަޑަށްވެސް އިމްރާންގެ ހިތް ދިރެން ފެށިއެވެ. ވަފާ އައިސް ހުއްޓި މަންމައަށް ބަލާލިއެވެ.
” ކީކޭ؟ ” މާޔޫސީ ރާގަކަށް އެހެން ބުނެލަމުން ޖެހިގެން އޮތްޖޯއްޔަށް ބަލާލެވުނީ ނޭނގިއެވެ. އެ ހިނދު އޭނާގެ ދޫ ބަންދުވިއެވެ.
” އިމްރާނަށް ކާންހަދައިދީބަލަ!” ވަފާ ހައިރާންވިއެވެ. އިމްރާން އޮތީ ފާޑަކަށް ހީލަހީލައެވެ. ވަފާ ހީކުރީ މޮޅު ރޮކެޓެއް ޖެހީ ކަމަށެވެ.
އޭގެ ފަހުން ގިނަގިނައިން އިމްރާން އާއި ވަފާ ބައްދަލް ކުރަން ފެށިއެވެ. އެގެއިންނެވެ. ޒާހިރާ އާއި މޫސަ އެކަމާ ވަރަށް ހިތްހަމަޖެހެއެވެ.
” މަންމާ! އިމްރާން އާއި އެކު ހިނގާލަން މިދަނީ….” ގަޑި ބަލާލަމުން ވަފާ ނުކުތެވެ. ޒާހިރާ ބޯ ޖަހާލިއެވެ. އޭރު ފާރިޝް އާޢި ރަނާ ބޭރުގައި ތިއްބެވެ.
އެ މީހުންގެ މިސްރާބް ހުރީ ތުނޑިއާއި ދިމާއަށެވެ. ދެބައި މީހުން ދުރުދުރުގައި ޖައްސާލިއެވެ.
” ވަރަށް އުފާވޭ ވަފާ ކަހަލަ ރަނގަޅު ކުއްޖަކު ލިބުނީމަ….” އިމްރާން ބޯ އަޅާލައިގެން އޮތީ ވަފާގެ އުނގުގައެވެ. ވަފާގެ ހޯލިތަކެއްހާ ހިމަ މަޑުމަޑު އިނގިލިތަކުން އިމްރާންގެ ބޮލަށް އަރާމް ކޮއްދެމުންދެއެވެ. އަންހެންކުއްޖެއްގެ ފަރާތުން މިހާބޮޑު ހިތްހަމަ ޖެހުމެއް އޭނާއަކަށް ނުލިބެއެވެ. ވަފާ އިނީ ހީލަ ހީލައެވެ. އިމްރާންއަށް ވަފާގެ ރީތި މޫނު ފެންނަނީ ސާދަވިލޭރޭގެ ހަނދުގެ ވެސް މަތިންނެވެ. އެ މޫނު އެ ހަނދަށްވުރެން މާ އަލިހެން ހީވެއެވެ. އިމްރާން ވަފާގެ ބޮލުގައި ހިފަހައްޓާލައިގެން އޭނާގެ ބޯ ތިރިކޮއްލުވިއެވެ. އޭނާ ވަފާގެ ކޮލުގައި ތުންފަތް ޖައްސާލިއެވެ. ވަފާ ދެލޯ މަރާލިއެވެ. އަދި އަވަސް އަވަހަށް ބޯ ހިއްލާލިއެވެ. އިމްރާން އެ އުނގުން ތެދުވެ ވަފާގެ ލަދުގަނެފައިވާ މޫނުގައި ފިރުމާލުމާއި އެކު އަނެއްފަރާތަށް ވަފާ އެނބުރުނެވެ.
” ބަލާލަބަލަ! ” އިޝްޤީ ގޮތަކަށް އިމްރާން ބުނެލިއެވެ. ލަދުގަނެފައިވާލެއް ބޮޑުކަމުން ވަފާ އަވަސް އަވަހަށް އިމްރާންގެ މޭމަތީ ބޮނޑިވެގަތެވެ. އިމްރާން ދެއަތުން ވަފާގެ ހަށިގަނޑު ފިއްތާލިއެވެ.
******************************
ޔަޝްމީ ނުކުތް އިރު ނިކް ސައިކަލްގައި އައިސް ހުއްޓެވެ. ޔަޝްމީގެ މާޔޫސް ވެފައިވާ މޫނުފެނި ނިކް ހިތުގައި ޖެހުނެވެ. ނަމަވެސް އޭނާ އެކަމެއް ނުދައްކައެވެ.
” އަވަހަށް އަންނައްޗޭ… ” ޖިޔާ ޔަޝްމީގެ އަތުން ދޫކޮއްލިއެވެ. ޔަޝްމީ ޖިޔާއަށް ބަލާލުމަށްފަހު ނިކްގެ ސައިކަލްފަހަތަށް އެރިއެވެ. ނިކް އަދި ޔަޝްމީ ހަނދާންވީ އަލަށް އެމީހުން ސައިކަލް ދުއްވާލި ރޭ މަތިންނެވެ. ދެމީހުންވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ނިކް އާއި ދާދި ގާތުގައި އިންނަން ޖެހުމުން ޔަޝްމީގެ ހިތަށްވެސް ބުނަން ނޭނގޭ ދިލަ ތަދެއްވެއެވެ.
ސައިކަލް ޖެޓީއަށް މަޑުކޮއްލި އިރު ބޮޑު ސަފާރީއެއް އޮތެވެ. ޔަޝްމީއަށް ބަލާލެވުނީ ނިކްގެ މޫނަށެވެ. ނިކް ބަލާލީ އެހެން ދިމާއަށެވެ.
” ޔަޝްމީގެ ބޭގް ވާނެ އެއަށް އަރުވާފަ.. ” ނިކް ބުނެލިއެވެ. ޔަޝްމީ ނިކްއަށް ބަލަމުންދަނީ ނުދަންނަ ފަދަ ގޮތަކަށެވެ. ޔަޝްމީ ބަލާލާ ކޮންމެ ފަހަރަކު ނިކްއަށް އިސްޖެހެއެވެ. އެމީހުން އެދަނީ އިމްރާންގެ ރަށް ކަމަށްވާ ރ. ދުވާފަރަށެވެ.
ނިކް ލޯންޗަށް އެރުމަށްފަހު ޔަޝްމީގެ އަތުގައި ހިފުމަށް އަތްދިއްކޮއްލިއެވެ. ޔަޝްމީ އެއަތަށް ބަލާލުމަށްފަހު މަޑުމަޑުން އަތުގައި ހިފިއެވެ. އެއްވެސް ވާހަކައެއް ދެއްކުމެއްނެތި ޔަޝްމީ އިށީނީ ބޭރުގައި ހުރި ގޮނޑީގައެވެ. ނިކްވެސް ހުއްޓި ހުރީ ޔަޝްމީއަށް ފުރަގަސްދީގެން ކަނޑަށް ބަލަހައްޓައިންނެވެ.
އެ ސަފާރީއަކީ ނިކްގެ ރިސޯޓެއްގެ ސަފާރީއެކެވެ. ޔަޝްމީ އިމްރާންކައިރިއަށް ގެންދިޔުމަށް އޭނާ އެ ސަފާރީ ގެނައީއެވެ. ޔަޝްމީ އާއި ދެމީހުން އިރުއިރުކޮޅުން ބަލާލައެވެ. ދެމީހުން ބަލަމުންދަނީވެސް ދެރަވެފައި ތިބެއެވެ. ނިކް ބަލާލާ ކޮންމެ ފަހަރަކު ޔަޝްމީއަށް ހީވަނީ އޭނާ ޔަޝްމީ ބޭނުންވާ ވަރު ދެންމެ ދެންމެ ބުނެފާނެހެންނެވެ. ޔަޝްމީގެ ދެލޮލުން ނިކްއަށް ފެންނަނީ ހިތާމައެވެ. ލޯތްބަށް ފުރަގަސްދެވޭތީ ކުރާ ހިތާމައެވެ. ދެމީހުންގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ. ޔަޝްމީ ގޮނޑީގައި ލައްވެ އޭނާގެ ފަން އިސްތަށިގަނޑު ވަޔާ ޙަވާލުކުރިއެވެ. ސަފާރީގެ ދަގަނޑުގައި އަތް އަޅުވާލައިން ނިކް ހުރީ އިންތިހާއަށް ދެރަވެފައެވެ. ޔަޝްމީއަށް ކެތްނުވެގެން ނިކް އާއި ދާދި ގާތުގައި ހުއްޓުނެވެ. އަދި ނިކްގެ ކޮނޑުގައި އަތްޖައްސާލިއެވެ.
ނިކް ފަސްއެނބުރި ބަލާލި އިރު އޭނާއަށް ފެނުނީ ރޮވެގޮތްވެފައި ހުރި ޔަޝްމީއެވެ.
ދެމީހުންގެ ލޯ ސިދާވިއެވެ.
” އަހަންނަށް މައާފްކުރޭ! އަހަރެން ގަސްދުގައި މި ހިތްދަތިކަން ނިކްއަށް މިދެނީ؟ ” ޔަޝްމީގެ ލޮލުން ކަރުނަ އައެވެ. ނިކް އެއް އިނގިލިން އެ ކަރުނަތައް ފޮހެލުމަށްފަހު ބުނެލިއެވެ.
” ނޫނޭ! އަހަރެން ދެރައެއް ނުވެ… ޔަޝްއަށް އުފާވެރި ދިރިއުޅުމެއް ލިބުމަށް އަހަރެން ދުޢާކުރަން… ” ނިކް ޔަޝްމީގެ މޫނަށް ބަލަން ހުރެފައި ބުނެލިއެވެ. އެއަށްފަހު އޭނާ އަނެއްކާވެސް ދުރަށް ބަލަން ފެށިއެވެ. އޭނާ ފެންކަޅިވީއެވެ. ޔަޝްމީ އެނބުރި ގޮނޑިއާއި ދިމާއަށް ދިޔައެވެ. ނިކް ފަސްއެނބުރި ބަލައެއްވެސް ނުލިއެވެ.އޭނާ އެތާ ކުޑަ އިރުކޮޅަކު ހުރުމަށްފަހު އެތެރެއަށްވަނެވެ. އޭރުވެސް ޔަޝްމީ އިނީ އިންތަނުގައެވެ.
ކަނޑުގެ ރާޅުތައް ކަފަމުން ސަފާރީދަތުރުކުރަމުންދަނީ ވީރާނާ ވެފައި އޮތް ދެހިތާއިގެންނެވެ.މަޑުމަޑުން އިން ޔަޝްމީ ބަލާލީ ނިކް ދިއްކޮއްލި ފްރެޝް އޮރެންޖް ޖޫސްތައްޓަށެވެ. އޭނާ އޭގައި ހިފީ ނިކްގެ މޫނަށް ބަލަން ހުރެއެވެ. ނިކް އެ ދިނުމަށްފަހު އެނބުރި އޭނާ ހުރިތަނުގައި ހުއްޓިއްޖެއެވެ. ޔަޝްމީ ޖޫސްތަށި ބޯލި ހެނެއް ނުވެ އޯކާ ދެމެން ފެށިއެވެ. ޔަޝްމީ ގޮސް ކަނޑަށް ބޭރަށް ބޯ ތިރި ކޮއްލުމުން ބާރު މިނުގައި ނިކް އައިސް ފަހަތުން ޔަޝްމީގެ ބަނޑުގައި އަތްއަޅުވާލުމަށްފަހު ނިތްކުރީގައި ހިފަހައްޓާލިއެވެ. ޔަޝްމީ ހޮޑުލަމުން ދެއެވެ. ނިކްގެ މުޅި ހަށިގަނޑުވަނީ ޔަޝްމީގެ ބުރަކަށީގައި ތަތްވެފައެވެ. ނިކްއަށް ޔަޝްމީގެ އިސްތަށިގަނޑުން ދުވާ މީރު ވަހުން އިތުރަށް ގާތްވާހިތްވިއެވެ. ނަމަވެސް އޭނާގެ ނަފްސު ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރިއެވެ. ޔަޝްމީ ހޮޑުލައި ނިމުމުން އޭނާ އަތުލަފިކޮށްގެން ގެނެސް ގޮނޑީގައި ބައިންދާ ފެން ފުޅި ދިއްކޮއްލި އިރުވެސް ޔަޝްމީ ހުންނަނީ ނިކް އާޢި ދިމާއަށް ބަލާށެވެ. ނަމަވެސް ނިކް ބަލަނީ ވީހާވެސް ބޮޑަކަށް ޔަޝްމީޢަށް ނުބަލާ ވޭތޯއެވެ.
” ތޭންކްސް ” ޔަޝްމީ ބުނެލި އަޑު އިވުމުންވެސް ނިކް ވަކި ޖަވާބެއް ނުދެއެވެ.
******************
ރޭގަނޑުގެ ވަގުތެވެ. އާދައިގެ މަތިން ހިނގާލަން ދިޔުމަށް ވަފާ އާއި އިމްރާން ގެއިން ނުކުތެވެ. ދެމީހުންގެ މިސްރާބް ހުރީ ބަނދަރާއި ދިމާއަށެވެ. ފިނިއަށީގައި ދެމީހުން އިށީންއިރު މީހުންތައް ގެއަށް ދާން ހިނގައިގަތެވެ.އިމްރާންގެ މޭގައި ބުރަކަށި ޖައްސާލައިގެން ވަފާ އިނެވެ. އެދެމީހުންގެ ދެއަތް ވަނީ ގުޅި ލާމެހިފައެވެ.
” ކީއްވެ އެހާ އަވަހަށް އަސްލު ލޯބިވީ؟ ” އިމްރާން އެހިއެވެ. ވަފާ އިސްއުފުލާ އިމްރާންއަށް ބަލާލިއެވެ. އަދި ލަދުރަކި ގޮތަކަށް ހީލަމުން ބުނެލިއެވެ.
” ނޭނގެ.. ލޯބިވެވުނީ ހަމަ… އަސްލު އިމޫ ރީތި ވީމަ! އެހެންވެ ! “
” އެހެންވިއްޔާ ލޯބިއަށް އިމޫއަށްވުރެން ރީތި އެހެން މީހަކު ފެނުނީމަ އެމީހެއް ދެކެވެސް އެހާ އަވަހަށް ލޯބިވާނެތާދޯ…” އިމްރާން އެހެން ބުނުމާއި އެކު ވަފާ ހޭންފެށިއެވެ. އަދި އިމްރާންގެ އަތަށް ފިތާލަމުން ބުނެލިއެވެ.
” އިމޫއަށްވުރެން ކުރިން ރީތި އެހެން މީހަކު ފެނުނު ނަމަ އެމީހެއްދެކެ ވެވުނީސް. އެކަމު އިމޫ ފެނުނީމަ އަހަރެންނަށް އިމޫދެކެ ލޯބިވެވުނީ.. ދެން ނުވެވޭނެ އެހެން މީހެއްދެކެ…” ވަފާގެ ޅަ އަޑުން އެހެން ބުނުމުން އިމްރާންގެ ދެއަތުން ވަފާގެ ހަށިގަނޑު ފިއްތާލިއެވެ.
” ޙޫމް ދެން މީހަކު ބަލަން ހުރެދާނެ…” ވަފާ އިމްރާން ކައިރިން ދުރަށް ޖެހިލިއެވެ.
” ދެން އިނދޭ ދުރުގަ.. އަހަންނެއް ނުދާނަން ކައިރިއަކަށް… “
އިމްރާން ރުޅިއަންނަ ގޮތް ދައްކާލުމުން ވަފާވެސް ގޮތް ދައްކާލިއެވެ. ” އަހަންނެއްވެސް ނުދާނަން…. “
ދެމީހުން ވަށްކަޅިން އެކަކު އަނެކަކަށް ބަލަން ތިއްބާ ދިއްލާއަޅާފައި އޮތް ބޮޑު ސަފާރީއެއް ފަޅަށް ވައްދާތަންފެނުނެވެ.
” ވާއު….” ވަފާ ތަންކޮޅެއް ބާރަށް އެހެން ބުނީ އިމްރާން އޭނާއަށް ބަލާލާ ތޯއެވެ. އެހެނަސް އިމްރާންގެ ލޯ އަމާޒުވެފައިވަނީ އެ ބޯޓަށެވެ. ވަފާ ކުޑަކޮށް ތުންފިއްތާލުމަށްފަހު ބަލަން އިނެވެ.
” ބޯޓް ކައިރި ކުރުމާއި އެކު ފިރެހެނަކު ޖެޓީއަށް ފޭބިއެވެ. އިމްރާން ކުޑަކޮށް ލޯ ކުޑަކޮށްގެން އިނެވެ.
ނިކް ޖެޓީއަށް ފޭބުމާއި އެކު ޔަޝްމީ އެތެރެއިން ނުކުތެވެ.
އިމްރާންގެ ދެލޯ ބޮޑުވިއެވެ. އެމީހުން މިރަށަށް އެއައީ ކީއްކުރަންހެއްޔެވެ؟ އެމީހުން ލޯބިން އުޅޭތަން ދައްކަން ހެއްޔެވެ؟ އިމްރާންއަށް ތެދުވެވުނެވެ. އޭނާ ތެދުވުމުން ވަފާ އަވަސް އަވަހަށް އިމްރާން ގާތަށް ހުއްޓުނެވެ.
” ކިހިނެތްވީ އިމޫ؟ ” ވަފާ އިމްރާންގެ އަތުގައި ހިފުމާއި އެކު އިމްރާން ވަފާގެ އަތުގައި ހިފައިގެން އަވަސް އަވަހަށް ރަށުތެރެއަށް ހިނގައިގަތެވެ.
” ކޮން ބައެއް އެއީ؟ :” ވަފާއަށް ނުވިސްނިގެން އެހިއެވެ. އިމްރާން ހުއްޓުނެވެ. އަދި ރުޅިއައިސްފައި ބުނެލިއެވެ.
” ނިކް އެއް ނޭނގޭތަ؟ ” އެހެން ބުނުމުން ވަފާ ހިނިއައެވެ/.
” އޭ ނިކް ތަ؟ އަޅެ އަހަރެން ބޭނުން އޭނަ ހަމަ ލޮލުން ބަލާލަން… އޭނަގެ ވައިފް ގޮވައިގެން ދޯ އެއައީ… ޝޯއެއް ދޭ ވާހަކައެއްވެސް އަޑެއް ނާހަން… ދެން ؟ “
” ވަފާ! ޕްލީޒް ވާހަކަ ނުދައްކާ މަޑުކޮއްލަބަލަ! އޭނަ ފެނިއްޖެ އެއްނު ދޯ… ދެން ހިނގާ އަހަރެމެން ގެއަށް ދަމާ.. ..” އިމްރާން މޫޑު ބަދަލުވީ ކީއްވެކަމެއް ވަފާއަކަށް ނޭނގުނެވެ. އޭނާ ހައިރާންކަމާއި އެކު އެއްވެސް އެއްޗެއް ނުބުނެ ދެއެވެ.
******************
ޔަޝްމީ ބަލާލީ ބަނދަރުމައްޗަށެވެ. އޭނާ ހުރީ ވަރަށް ވަރުބަލިވެސް ވެފައެވެ.
” މިރޭ 12 ޖަހާއިރަށް ފުރޭގޮތަށް ހަމަޖައްސާތި އިނގޭ! ” ނިކް ކައްޕި ކައިރީ އެހެން ބުނުމާއި އެކު ޔަޝްމީ ސިހުނެވެ.
” ހާދަ އަވަހަކަށް؟ ” ޔަޝްމީއަށް ބުނެވުނެވެ. ނިކް ޔަޝްމީގެ ބޭގް ހިފައިގެން ހިނގައިގަތެވެ/.
” އަހަރެން ބޭނުން ވަރަށް އަވަހަށް ފުރަން! މިރޭ އިމްރާން އާއި ދިމާވިއްޔާ މިރޭވެސް އަހަރެން ފުރާނަން.. ޔަޝްއަށް މަޑުކުރެވޭނެ އެއްނު ދޯ..” ނިކް މަޑުމަޑުން އެހެން ބުނުމަށްފަހު ގަހެއްގެ ދަށުގައި މަޑުކޮށްގެން ހުރެ ފޯން ނަގާ މީހަކަށް ގުޅާލިއެވެ. ޔަޝްމީ އިސްޖަހައިގެން ހުއްޓެވެ. ތެޅިތެޅި އޮތް ހިތަކައިގެންނެވެ.
” އެބަ އާދެ މަގޭ ރައްޓެއްސެއް.. އޭނަ އާއި އެކު ދާނީ… އޭނަ ޔަޝް ގެންގޮސްދޭނެ އިމްރާންގެ ގެއަށް.. ދެން ވާނުވާ އަންގާލާތި.. އަހަރެން ވަރަށް އަވަހަށް ފުރަން ބޭނުން.. ” ނިކް އެހެން ބުނުމަށްފަހު ޔަޝްމީގެ މޫނަށް ބަލާލީ ވަރަށް ފުން ނަޒަރަކުންނެވެ. ޔަޝްމީއަށްވެސް ކުރެވެނީ އާދަޔާ ޚިލާފް އިހުސާސެކެވެ. އޭނާގެ ނިންމުން ރަނގަޅުބާވައޭ އަމިއްލައަށް ހިތާ ސުވާލުކޮއްލެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


