ތިޔަ އަސަރު 2
“ފޯނު އަތަށް ނަގައިގެން ކިހިނެތް ވެފައި ތިއިނީ” އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން، އުނގުމަތީ އޮތް ބާލީސް މަތީ އޮތް ފޯނަށް ގެއްލިފައި އިން ހިންދު ފެނިފައި ރީމް އަހާލިއެވެ.
“މިއުޅެނީ އަޝްވިންއާއި ވާހަކަ ދައްކާނެ ގޮތެއް ނޭނގިގެން. އަހަރެން ތެންކުޔޫ މެސެޖެއް ފޮނުވީމަ އޭނަ ރިޕުލައި ކުރީ “އެނީޓައިމް ” އޭ ކިޔާފަ.. ރީމް ބުނެބަލަ އަހަރެން ކީކޭތަ ކިޔަންވީ” ބޯ އަރިކޮށްލައި ރީމްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.
“ދެން ލިޔޭ.. އައި ލަވް ޔޫ.. ލެޓްސް ގެޓް މެރީޑް” ރީމް ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.
“ނޫން…ތިހާ ހިސާބަށް ދާން ބޭނުމެއްނޫން.. އަހަރެން ބޭނުމީ ކުޑަ ކަމަކު އެދެން.. އެކަމަކު ހަމަ ޖެހިލުންވަނީ ބުނަން” ހިންދު ބުނެލިއެވެ.
“ކޮން ވާހަކައެއް” ރީމް އަހާލިއެވެ.
“އެއީ ދެން ކުޑަ ކަމަކު.. އެއްޗެއް އޮޅުންފިލުވާލަންށާއި އެއްކޮށް، ނުނިދާ މަޑުކުރާތި އަހަރެން އެބަ އަންނަން ފާހަނައަށް ވަދެލާފަ” ފޯނު އެދުމަތީ ބޭއްވުމަށްފަހު ހިންދު ދިޔައެވެ.
ހިންދު ދިޔުމާއި އެކު ރީމްގެ ތުންފަތްމަތީ ކުޅެނީ ސަމާސާ ހިނިތުންވުމެކެވެ. ލަސްނުކޮށް މެސެޖުބައި ހުޅުވާލުމަށްފަހު އަޝްވިންއަށް ފުލުފުލުގައި ތިން މެސެޖުކޮށްލިއެވެ.
ހިންދު ފާހަނައިން ނުކުމެގެން އައިއިރު ރީމް އޮތީ ނިދާފައެވެ. އަޝްވިންއަށް މެސެޖުކުރާނަމޭ ހިތައި ހިންދު ފޯނު ނެނގިއެވެ. ނަމަވެސް އެތައް މިނިޓެއް ފާއިތުވެގެން ދިޔައީ ލިޔާނެ އެއްޗެއް ނުވިސްނުމުންނެވެ. ދެތިން ފަހަރު އަޝްވިންގެ ނަން ކިޔުމަށްފަހު ފޮހެލައެވެ.
“ގުޑް ނައިޓު ކިޔާލަންވީތަ..ނޫން.. އޭރުން ހީވާނީ މާގާތްވާން އުޅޭހެން”ކުޑަކޮށް ވިސްނަން އިދެފައި އަމިއްލަ ނަފުސާއި މުހާބަތުކޮށް ހިންދު ބުނެލިއެވެ.
ހެނދުނުގެ ނާސްތާއަށް މާކޯނިގޭގެ ސުފުރާމަތި ވަނީ ފުރާލެވިފައެވެ. ކުޅި ބާވަތުން ފެށިގެން ފޮނިކާތަކެއްޗަށެވެ.
“ބޭބޭ ސައިނުބޮއިތަ އޮފީހަށް ދުރުވަނީ” ޓައީ އަޅުވަމުން ބޭރު ދޮރާއި ދިޔަ އަސްރާރު ފެނިފައި ނަދީމާ އަހާލިއެވެ.
“އާން.. މިއަދު އަހަރެން ސައިނުބޯނަން. ކުއްލި މީޓިންއެއް އޮތް ވާހަކަ ދެއްމެ ގުޅާފަ އެބުނީ. ނަދީމާ ކުދިންނަށް ސައިދީ.. އަޝްވިން އަތުގައި ހުންނާނެ މިމަހުގެ މުސާރަވެސް.. ހަނދާން ކޮށް ނަގައްޗޭ” ޓައީ ހެޔޮވަރުކޮށްލަމުން އަސްރާރު ބުނެލިއެވެ.
ނަދީމާ އަކީ އެގޭގެ ކަންތަށް ކޮށްދިނުމަށް އަސްރާރު ބޭރުން ގެނެސްފައިހުރި މަސައްކަތުމީހެކެވެ. ނަދީމާ އެމީހުންގެ ހިދުމަތުގައި އުޅޭތާ މިހާރު 15 ވަރަކަށް އަހަރު ވެދާނެއެވެ. މިވީ ދުވަސްތަކުގައި ނަދީމާއާއި އެގޭގެ މީހުންގެ މެދުގައިވަނީ ރަގަޅު ގުޅުމެއް އުފެދިފައެވެ. ނަދީމާގެ އާއިލާއެއް އުފަންރަށުގައި ނެތުމުން އޭނާ އަސްރާރުގެ ކުދިންނަށް ހާއްސަ ލޯތްބެއް ދެއެވެ. އަޝްވާގެ ހަގު އުމުރުން ފެށިގެން މިހާތަނަށް އޭނާ އަޝްވާއާއި މުހާތަބު ކުރަނީ ދަރިފުޅުގެ ނަމުންނެވެ. އަސްރާރުއަށް އެއްމެ ފުރަތަމަ އެއީ ބަލައިގަންނަން އުދަގޫކަމަކަށް ވިޔަސް ނަދީމާގެ އަހުލާގާއި ކުލުނު ފެނިފައި ފަހުން އެކަމާއި އަޅައިނުލަނީއެވެ. އޭނާވެސް ނަދީމާ ދެކެނީ އެއާއިލާގެ މީހެއްގެ ފަދައިންނެވެ. ބޮޑުކަމެއް ޖެހިއްޖެނަމަ އެހީވެދޭން ތައްޔާރަށް ހުރެއެވެ.
“ކޮބާ ބައްޕަ ނާދޭތަ… އަހަރެން އެބައަންނަން ގޮވާލާފަ. ހުރެދާނެ ޓައީ ނޭޅިގެން ގަޑިން ވީއިރެއް ނޭގިފައިވެސް” ކިޔަވަން ގެންގުޅުނު ފޮތް އަތަށް ނަގައިގެން އަޝްވާ އަސްރާރުގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
“ދަރިފުޅާ ކޮންތާކަށް ތިދަނީ..ބައްޕަހެން ސައިނުބޮއި ނުދައްޗޭ” އަޝްވާ ބަދިގެއިން ނުކުތް ތަން ފެނިފައި އެތަނަށް އެވަގުތު އައި ނަދީމާ ބުނެލިއެވެ.
“ބައްޕަ މިއަދުވެސް ސައިނުނބޮއިތަ ދިޔައީ!.. ބޭބެމެން ވެއްޖެއެއްނު ބައްޕަ އާއި ވާހަކަ ދައްކަން. މިހާރަކަށް އައިސް ބައްޕަގެ ކެއުމުގެ އުސޫލު ހުންނަ ގޮތް އަހަންނަށް އެހާ ކަމަކު ނުދޭ. އެއްއިރު ކައިފިއްޔާ އަނެއް ތިން އިރު ނުކައި ހުންނާނީ. ޑޮކްޓަރު ހަކުރު މަތި ވާހަކަ ބުންޏަސް އޭގެ މާނާއެއް ނޫންދޯ ނުކައި ހުންނާށޭ” އަޝްވާ ހިތްހަމަނުޖެހުމުގެ ރާގަކަށް ބުނެލިއެވެ.
“އަހަރެން އިއްޔެވެސް ތިވާހަކަ ދެއްކީމޭ ބައްޕައާއި.. ބުނީ އުޅޭ ބުރަކަމުން ގެޔަށް އަންނަން ވަގުތު ނުވަނީއޭ” ޝައިމް، އަޝްވާގެ ދޮންބެ ބުނެލިއެވެ.
“އަހަރަމެން ދައްކާ ވާހަކަ ބައްޕައެއް އަޑެއްނާހާނެ. އަޅެ ބޭބެ ވެއްޖެއެއްނު ބައްޕައާއި ވާހަކަ ދައްކަން. އަހަރެން ވަރަށް ދެރަވާނެ ބައްޕައަށް ކަމެއް ވެއްޖެއްޔާ” ސައިބޯން މޭޒުދޮށުގައި އިން އަޝްވިންއަށް ބަލާލަމުން އަޝްވާ ބުނެލިއެވެ.
“ބައްޕައާއި ދިމާވެގެން ދޯ ތިކަހަލަ ވާހަކައެއްވެސް ދެއްކޭނީ.. އަދި މިހަފުތާގައި ވާހަކަދައްކާލާނެ ފުރުސަތެއް ނުލިބޭ. އަހަރެން ހޮސްޕިޓަލަށް ދާން ނުޖެހެންޏާ ބައްޕަ އުޅޭނީ ކޮންމެވެސް މަސައްކަތެއްގައި ބޭރު. ފޯނު ކޮށްލިއަސް ބުނާނެ ފަހުން ގުޅާށޭ” އަޝްވިން ބުނެލިއެވެ.
“ތިން ކުދިން ހާދަ ވަރަކަށް ޒުވާބު ތިކުރަނީ.. ބައްޕަ ބުރަކޮށް އުޅުއްވާތީ ގެއިން ކޭން ބައްލަވައިނުގަންނަނީ.. މިގެނޫނަސް އެހެން ގެޔަކަށްވެސް ބައްޕައަށް ދެވިދާނެއެއްނު ކާން” މޭޒުމަތި ތަރުތީބު ކުރަމުން ނަދީމާ ބުނެލިއެވެ. އެޔާއެކު ތިން މީހުން ސުވާލުގެ ނަޒަރުން ނަދީމާއާއި ދިމާލަށް ބަލާލިއެވެ.
“ދެން ކޮން އިތުރު ގެޔެއް ހުރީ” ކުޑައިރުކޮޅަކު ވިސްނަން ހުރުމަށްފަހު އަޝްވާ އަހާލިއެވެ. ނަދީމާގެ ދެލޯ ބޮޑުވެގެން ދިޔައީ ބުނެގެން ނުވާނެ ސިއްރެއް ހާމަކުރެވުމުންނެވެ. ނަދީމާއަކީ މިޒާޖުގައި އަނގަ ގަދަ މީހެކެވެ. ސަކަ ގޮތްގަޑާއިއެކު ސިއްރުތައް ނުހިއްފެހެއްޓޭނެކަން މިހާރު އެންމެނަށް އެގެއެވެ. އަރައިގަންނަ ފޯރިއާއެކު ވާހަކަދައްކާލަނީ އެހެންމީހަކަށް އެއިން ލިބޭނެ ގެއްލުމެއް އަދި ފައިދާއަކަށް ބެލުމެއް ނެތިއެވެ. ބުނެވޭ އެއްޗަކާއި މެދު އޭނާއަށް ވިސްނޭނީ އެއްމެނަށް އެކަން އެގޭހާ ފަހުންނެވެ.
“ދައްތާ!!… ބައްޕަ ކޮން ގެޔަކަށް ކާން ދަނީ” އަޝްވާ ދެވަނަ ފަހަރަށް އަހާލިއެވެ.
“ބައްޕަ ބުނީތަ ނުބުނާށޭ”ޝައިމް ލޯކުޑަކޮށްލަމުން އަހާލިއެވެ.
“ނޫން…” ނަދީމާ އެއަތް ޖޯޑުކޮށްލަމުން ބުނެލިއެވެ. ” ބޭބެ އެހެންމީހަކާއި ކައިވެނިކުރަން އުޅެނީ…”
“ކީކޭ” އަޝްވިން ދިރުވާލި ސައިފޮދު އަރު ތެރޭގައި ތާށިނުވީ ކިރިއާއެވެ.
“ބޭބެ ފޯނުން ވާހަކަދައްކަމުން ބުނީ ދެންވީ ކައިވެނި ކުރާށޭ.. މިހެން އުޅެން ބޭނުމެއް ނޫނޭ” ނަދީމާ އޭނާއަށް އެނގޭ އެއްޗެއް ކިޔާދެމުން ބުނެލިއެވެ.
“ދެން ކޮން ވާހަކައެއް ދެއްކީ” ޝައިމް އަހާލިއެވެ.
“އަޅުގަނޑު ފެނުމުން ފޯނު ކަޑާލީ ފަހުން ގުޅާނަމޭ ކިޔާފަ” މޫނަށް ފާޑެއްގެ ކުލަވަރެއް ގެންނަމުން ނަދީމާ ބުނެލިއެވެ.
“ކޮން އިރަކު ހިނގި ކަމެއްތީ” އަޝްވިން ސުވާލުކޮށްލިއެވެ.
“އިއްޔެ ރޭގަނޑު” ނަދީމާ ބުނެލިއެވެ.
“ދައްތާ.. އިއްޔެ ރޭގަނޑެއް ނޫނޭ ކިޔާނީ.. ރޭގައި ވީ ކަމަކޭ ބުނާނީ” ދެކޮޅަށް ބޯހަލުވާލަމުން އަޝްވާ ބުނެލިއެވެ.
“ބައްޕަ މެރީކުރަނީ؟. ކީއްވެ އަހަރަމެންނަށް ސިއްރުން؟” ޝައިމްއާއި އަޝްވިންއާއި ދިމާލަށް އެބުރިލަމުން ހައިރާންކަމާއި އެކީ އަޝްވާ ބުނެލިއެވެ.
“ބައްޕަ އަހަރަމެންނަށް ވުރެވެސް ކުރީގައިދޯ މިއުޅެނީ..” ޖެހިގެން އިން އަޝްވިންއާއި ދިމާލަށް ބަލާލަމުން ޝައިމް ބުނެލިއެވެ.
“އާން.. ދަރިން ބޮޑެތިވީމަ ދެން އޮންނާނީ އެކަންތާ.. އަހަރެން ދަނީއޭ.. ޑިޔުޓީ ގަޑި ޖެހެނީ..” އަޝްވިން ގޮނޑިން ތެދުވަމުން ބުނެލިއެވެ.
“އަޝްވާ، ހިންދު ކައިރީ ބުނެލައްޗޭ ކްލިނިކަށް އައިސް އަހަރެންގެ ނަންބަރަށް ގުޅާލާށޭ” މޭޒުމަތީ އޮތް ފޯނު ޖީބަށް ލަމުން އަޝްވިން ބުނެލިއެވެ. އަދި ތަށީގައި ހުރި ފެންފޮދު ހުސްކޮށްލުމަށްފަހު ދިޔައެވެ.
“އަޝްވާ! ކިހިނެތްވެފައި ތިއިނީ.. ” އަޝްވާ އެއްޗެކޭ ނުބުނެ މާމަޑުން އިންތަން ފެނި ޝައިމް އަހާލިއެވެ.
“ކަމެއް ނުވޭ” ޖެހިގެން އިން ޝައިމްއަށް ކިރިޔާ އަޑުއިވޭ ވަރަށް އަޝްވާ ބުނެލިއެވެ.
އަޝްވާއަށް ވިސްނަން އިދެވުނީ އޭނާގެ މަންމައާއި ދޭތެރޭއެވެ. ހަޔާތުގައި މަންމަގެ ލޯބި ލިބިފައި ނެތަސް އިންތިހާއަށް އޭނާ މަންމަ ދެކެ ލޯބިވެއެވެ. އަދި މަންމަގެ ހަނދާން އާވާ ހިނދު މަންމައަށްޓަކައި ދުއާކޮށް އާހިރަތުގައި ބައްދަލުވާނެ ކަމަށް އުއްމީދު ކުރެއެވެ.
ފަތިސް ނަމާދުން ފައިބައިގެން ހިންދު އަވަސްވެގަތީ އޭނާގެ މަންމައަށް ގުޅާލުމަށެވެ.
“މަންމާ ކިހިނެތް، ކޮއްކޮމެން ކިހިނެތް.. ބައްޕަ މަހަށް ދިޔައީތަ” ހަލޯގެ އަޑު ކަންފަތުގައި ޖެހުމާއި އެކު ހިންދު ސުވާލުތައް އަތުރާލިއެވެ.
“އާން.. އެއްމެން ރަގަޅު.. ވަޒީފާއެއް ލިބޭވަރުވޭތަ” ފަރުވާކުޑަ ގޮތަށް ހިންދުގެ މަންމަ ސަކީނާ ވާހަކަ ދެއްކިއެވެ.
“މަންމާ.. އަޅުގަނޑަށް ގެޔަށް އާދެވޭވަރުވީ އިރުއޮއްސުނު ވަގުތާއި ކައިރިކޮށް.. ވަރުބަލިވެފައި ހުރުމުން އެކަމާ ނޫޅެވުނީ” ބޯކަހާލަމުން ހިންދު ބުނެލިއެވެ. އަޑުގައި ހުރި ފޯރި އިސާހިތަކު ކެޑިގެން ހިގައްޖެއެވެ.
“ދެން އެހެންވިއްޔާ މިއަދު ބަލާތި ތިކަމާ އުޅެވޭތޯ.. ނޭނގޭތަ ދަރިން ބޮޑެތިވީމަ ދަރިންކަން މައިންބަފައިންނަށް ހިދުމަތް ކުރަންޖެހޭނީ.. ހެދިކާ ހަދައިގެން މިލިބޭ މަދު ފައިސާކޮޅަށް ނޫޅެވޭނެކަން ހިންދުއަށްވެސް އެގޭނެ. މިހާރު މަސްވެރިކަންވެސް އެހާ ރަގަޅެއް ނޫން. ހިންދު މާލެ ދިޔައިމަ މަންމަމެން ކުރަންޖެހޭ ހަރަދު ދެގުނަ ވެއްޖެ” ސަކީނާ އޭނާ އަބަދުވެސް ދައްކާ ވާހަކަ ތަކުރާރުކޮށްލިއެވެ.
ސަކީނާއަކީ ރަށުގެ ގަދަރުވެރި އާއިލާއެއްގެ މީހެކެވެ. ނަމަވެސް އައްބާސު އާއި ކައިވެނީގެ ގޮތުން ގުޅުމަށްފަހު އެ ހަސަބާއި މުއްސަނދިކަމަށް އޭނާ އަލްވަދާއު ކިޔަން ޖެހުނެވެ. އެދުވަހުން ފެށިގެން ސަކީނާ މަސައްކަތްކުރަމުން ދަނީ އެ ލަގުބުތައް އަބުރާ ހޯދުމަށެވެ. ނަމަވެސް ކައިވެންޏަށް ދަރިން ލިބި އޭނާގެ ހުވަފެންތަކުގައި މިއަދާ ހަމަޔަށްވެސް ކުލަ ޖެހިފައެއް ނެތެވެ.
“އަހަރެން މިއަދު ތިކަމާއި އުޅެވޭތޯ ބަލާލަން. ކޮއްކޮމެންނާއި ބައްޕައަށް އަޅުގަނޑުގެ ސަލާން ރައްދުކޮށްދޭތި.. ފަހުން ގުޅާނަން އިނގޭ”
ފޯނު ބޭއްވުމަށްފަހު ހިންދު އޭނާގެ ލޮލަށް ޖަމާވި ކަރުނަތައް އެތެރެއަށް ހިންދާލިއެވެ. މިފަދަ އެތައް ކަމަކަށް އޭނާ ހޭނިއްޖެއެވެ. އަނިޔާއާއި ހިތި ބަސްތަކަކީ އޭނާގެ އެކުވެރީންކަމުގައި ވެއްޖެއެވެ. މަންމަގެ ދުލުން ލޯބީގެ އެއްމެ ބަހެއް ނަމަވެސް އިވޭނެ ދުވަހަކަށް އޭނާގެ ހިތް އިންތިޒާރު ކުރަމުން ދެއެވެ. އޯގާތެރިކަމުގެ އެއްމެ ފިރުމުމަކަށެވެ.
ހެނދުނުއްސުރެ ކަޅުބޯ ވިލާތަކުން އުޑުމަތި ދިޔައީ ބަނަކުރަމުންނެވެ. ޖެހެމުން ދިޔަ ހިތްގައިމު ވައިރޯޅިތަކުގެ ބާރު ގަދަވަމުން ދިޔައެވެ.
ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު ހިންދު ކާރުން ފޭބީ ޔުނީކް މެޑިކަލް ކުލިނިކުގެ ދޮރުމައްޗަށެވެ. ދެފަރާތް ބަލާލުމަށްފަހު ހިންދު ފުން ނޭވާއެއް ލިއެވެ. ހިތުގެ ވިންދު އަވަސް ވެއްޖެއެވެ. ހިޔާލަށް ގެނެވުނީ ރޭގައި އަޝްވިންއާއި ދެކެވުނު ވާހަކަތަކެވެ. މާބޮޑު މައުޟޫއެއް ނެތަސް އަޝްވިން ފޮނުވި އެއްމެ މެސެޖަކުން ހިންދުއަށް ލިބުނު އުފާވެރިކަން އިތުރުވެގެން ދިޔައެވެ.
“އަޝްވިން.. ސޮރީ.. ޑރ.އަޝްވިން އެބަ އުޅުއްވާތޯ” ކައުންޓަރުގައި އިން ކުއްޖާއާއި ވާހަކަދައްކަމުން ހިންދު ބުނެލިއެވެ.
“ޑރ.އަޝްވިން ނުކިޔަސް އެއްމެ ރަގަޅު ވާނެ. ދަންނަ މީހުން ކިޔަނީ އަޝްވިން” އަޑުއިވުނީ ހިންދު އާއި މާދުރުންނެއް ނޫނެވެ.
“އަޝްވިން.. މިތާ ކީއްކުރަނީ” ލިބުނު ކުއްލި ހައިރާންކަމާއި އެކީ ހިންދުއަށް ބުނެވުނު އެއްޗަކާއި މެދު ވިސްނާވެސް ނުލެވުނެވެ.
“އަހަރެން ހައިރާންވެއްޖެ އަހަރެންމީ ޑޮކްޓަރެއް ކަން ޔަގީން ނުވަނީސް ހިންދު އަތުގައި ބޭސްއަޅަން ދިނީމަ. އެހާ އަވަހަށް މީހުންނަށް އިތުބާރު ކުރަން ފެށީތަ” ހީލަމުން އަޝްވިން ބުނެލިއެވެ. އޭނާ ފެނުމުން ހިންދުއަށް ވީވަރު ފެނިފައި ގާތަށް ހިނި އަންނަ ގޮތްވީއެވެ.
“އެނގޭ ޑޮކްޓަރެއްކަން.. މިހާ ކައިރިން ވާހަކަ ދެއްކީމަ ސިއްސައިގެން ދިޔައީ” ލަދުރަކި ގޮތަކަށް ހިންދު ބުނެލިއެވެ.
“އެހެންވިއްޔާ މާފަށް އެދެން.. ހިނގާ އަވަހަށް ބޭސްގަނޑު ބަދަލުކުރަން.. ކީއްވެ ރީމް ގޮވައިގެން ނައީ” ލޮލުން އަންނަން އިޝާރާތް ކޮށްލަމުން އަޝްވިން ހިނގައިގަތެވެ.
ހިންދުއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަޝްވިންގެ މިޒާޖުގައި ހުރި ތަފާތުކަން އިހްސާސްކުރެވުމުންނެވެ. ވާހަކަ ދެއްކުމާއި އެއްވަރަށް ސަމާސާގެ ގޮތްވެސް އިތުވެއްޖެއެވެ. އަނެއްކާ އަޝްވާ އޭނާގެ ވާހަކަ އަޝްވިން ކައިރީ ދެއްކީ ހެއްޔެވެ؟ އެހެންނުވާނެއެވެ.
“ބޮލުގައި ރިއްސަނީތަ” އަޝްވިން ކޮޓަރިއަށް ވަދެ ފަހަތް ބަލާލި ވަގުތު ހިންދު ދެފަރާތަށް ބޯ ހަލުވާލިތަން ފެނި އަހާލިއެވެ.
“ނޫން…ނޫން” ހިންދު އަވަސް އަވަހަށް ބުނެލިއެވެ.
“މިތާ އިށީދޭ…އަހަރެން އެބަ އަންނަން ޓުރޭ ހިފައިގެން”
“އަޅުގަނޑު ބޭނުން ވާހަކައެއް ބުނެލަން” ހިންދު ބުނެލިއެވެ.
“ކޮން ވާހަކައެއް” ޓުރޭ ހިފައިގެން އައިސް މޭޒުމަތީ ބަހައްޓަމުން އަޝްވިން ބުނެލިއެވެ.
“އަޅުގަނޑުގެ މޫނުން ރޭ ލޭ ފެނުނު ވާހަކަ ސިއްރުކޮށްދެވިދާނެތޯ، އަޝްވާ މެންނަށް އެގިއްޖެއްޔާ ވަރަށް ކަންތައް ބޮޑުކޮށްލާނެ” އަޝްވިންގެ މޫނަށް ބަލާލަމުން ހިންދު ބުނެލިއެވެ.
” އަހަރެން ހީކުރީ ރައްޓެހިން ތިބެނީ އެކަކު އަނެކަށް ދިމާވާ ކަންތަކުގައި އެހީ ވެދޭން ކަމަށް، ކޮންމެވެސް އެހެން ސަބަބެއް އޮތްހެން ހީވޭ” އަޝްވިން އޭނާއަށް ފެންނަ ގޮތަށް ބުނެލިއެވެ.
“ހާސްނުވޭ އަހަރެން ސިއްރުކޮށްދީފާނަން. އެކަމަކު އެއްމެ ޝަރުތަކާއި އެކީ” ހިންދުގެ ޖަވާބެއް ނުލިބުމުން އަޝްވިން ބުނެލިއެވެ. އޭރު އަޝްވިން ދިޔައީ ހިންދުގެ ބޭސްގަނޑު ނައްޓަމުންނެވެ.
“ކޮން ޝަރުތެއް” ސުވާލުގެ ނަޒަރަކުން އަޝްވިންއާއި ދިމާލަށް ބަލާލަމުން ހިންދު ބުނެލިއެވެ.
“ޑޮކްޓަރެއްގެ ހައިސިއްޔަތުން އަހަންނަށް މަޖުބޫރުވާނެ ގެވެށި އަނިޔާ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކުރަން” އެހެން ބުނެލުމަށްފަހު އަޝްވިން ހިންދުއަށް ބަލާލިއެވެ.
“ނޫން… އާދޭސްކުރަން ތިކަހަލަ ކަމެއް ނުކުރާތި” ހިންދުއަށް ގޮނޑިން ތެދުވެވުނެވެ. ކިތައްމެ އަނިޔާއެއް ތަހައްމަލް ކުރަން ޖެހުނަސް އޭނާ މައިބަފައިން ދެކެ ލޯބިވެއެވެ.
“ހިންދު.. މަޑުކޮށްބަލަ” ހިންދު ދާން އުޅުމުން އަޝްވިން އެދުނެވެ.
“ކޮންކަމާތަ ހިންދު ތިހާ ވަރަށް ބިރު ތިގަންނަނީ.. އަނިޔާ ލިބޭ މީހެއް އެމީހެއްގެ ހައްގުގައި ތެދުވުމަކީ ކުށެއް ނޫނޭ.. އިއްޔެ ހިންދު ފެނުމާއި އެކީ އަހަންނަށް އެގިއްޖެ ތީ ކޮންމެވެސް މީހެއްގެ އަނިޔާ ލިބެމުންދާ މީހެއްކަން. މިއަތަށް އެކަނި ބަލާލުމުން ވެސް އެތައް ލަކުނެއް އެބަ ފެނޭ.. ” ހިންދުގެ އަތަށް އިޝާރަތް ކޮށްލަމުން އަޝްވިން ބުނެލިއެވެ.
” އަހަރެން ނޫނަސް އަހަރެންގެ މައިބަފައިންގެ ކުދިން އެބަ ތިބި. އެއިން އެކަކު ގައިގަވެސް މިވީހާތަނަށް އިގިލުކުރި ޖައްސާލިތަން އަހަރެން ނުދެކެން. އެމީހުން އަހަންނަށް ނަފުރަތު ކޮށްފާނެ. އަހަރެން، އެއްމެ މީހަކަށްޓަކައި މައިންބަފައިންނާއި ދަރިން ދުރުވަން ނޫޅޭ. މިވޭނަށް އަހަންނަށް ކެތްކުރެވިދާނެ. އެކަމަކު އެތުއްތު ކުދިންނަށް މައިބަފައިންނާއި ނުލައި ނޫޅެވޭނެ” އާދޭހުގެ ރާގަކަށް ހިންދު ބުނެލިއެވެ.
“އަޝްވިން” އަޝްވިން އެއްޗެކޭ ނުބުނެ ހުރުމުން ހިންދުއަށް އުދަގޫވިއެވެ.
“މައްސަލައެއް ނެތް.. ސިއްރުކޮށްފާނަން.. އަހަރެންގެ ޝަރުތަކީ ހިންދުއަށް މިހާތަނަށް އަނިޔާއެއް ވެފައިވާނަމަ އެކަމަށް މިއަދު ކްލިނިކުން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުން. އަހަރެން ނޫނަސް އެހެން ޑޮކްޓަރުން ޑިޔުޓީގައި އެބަ އުޅޭ.. އަދި އެއް ކަންތައް.. މީގެ ފަހުން އަނިޔާއެއް ނޫނީ ދެރައެއް ލިބުނަސް އެކަން ސިއްރުކުރަން ނޫޅޭތި. އަޝްވާ ނޫނީ އެހެން ރައްޓެއްސަކަށް ކިޔައިދޭންވާނެ. އޭރުން އެހީ ވެދެވޭނީ. އޯކޭތަ” އަޝްވިންގެ ރާގުގައި ސީރިއަސްކަން ވިއެވެ.
“ހިންދު ، ކީއްވެ އެއްޗެކޭ ނުބުނީ. އަހަރެން މިހެން ކަންތައް މިކުރަނީ ހިންދުއަށް އެއްމެ ރަގަޅަށް. އަހަރެން ކޮންމެހެން އެޝަރުތުތައް މިކުރީ ތީ އަޝްވާގެ އެއްމެ ގާތް އެކުވެރިޔާއަށް ވީމަ އެއްނޫން. އަދި ޑޮކްޓަރެއްގެ ހައިސިއްޔަތުން ވެސް ނޫން. އިންސާނަކަށް ވީތީ އެހެން މީހަކަށް ގެއްލުމެއް ލިބޭތަން ދެކެން އަހަރެންނަށް ދުރުގައި ނުހުރެވޭނެ… އަހަރެން ހީކުރަން ހިންދުއަށް…”
“މައްސަލައެއް ނެތް” އަޝްވިން ދައްކަމުން ދިޔަ ވާހަކަ ނުނިމެނީސް ހިންދު އެއްބަސްވިއެވެ.
“ޔަގީންތަ” ދެމީހުންގެ މެދަށް އައި ހަމަހިމޭންކަން ނަގާލަމުން އަޝްވިން ބުނެލިއެވެ.
އެޔަށް ޖަވާބު ދިނުމުގެ ގޮތުން ހިންދު މަޑުމަޑުން ބޯ ޖަހާލިއެވެ. އަދި ކައިރީގައި ހުރި ގޮނޑީގައި އިށީދެލަމުން އަޝްވިން އަށް ބަލާލިއެވެ.
“ހިތްހަމަ ނުޖެހުނީތަ” މޭޒުގެ އަނެއް ފަޅީގައި އިން ގޮނޑީގައި އިށީދެލުމަށްފަހު އަޝްވިން އަހާލިއެވެ.
“ނޫން. ކުޑަކޮށް ބިރުގަތީ. މިވީ ދުވަސްތަކުގައި އަހަރެންގެ ދެ އެކުވެރީން ފިޔަވައި އެހެން މީހެއްގެ ހަމްދަރުދީގެ ބަސްތައް އިވިފައި ނެތް. ވަރަށް ބޮޑަށް ޝުކުރިއްޔާ އަހަރެންގެ އިހްސާސްތަކަށް އިހްތިރާމް ކުރީތީ” ގަދަކަމުން ކަހަލަ ގޮތަކަށް ހީލަމުން ހިންދު ބުނެލިއެވެ.
“ހެހެހެ.. ހިންދު އަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ ރޭގައި ކުރި ތައުރީފަށް. ވަރަށް ދުވަސްވެއްޖެ ތައުރީފުގެ ބަހެއް ނުލިބޭތާ” ތަނުގައި ވި ސީރިއަސްކަން ކަނޑުވާލުމުގެ ގޮތުން އަޝްވިން މައުޟޫ ބަދަލުކޮށްލަން އުޅުނެވެ.
“ކޮން ތައުރީފެއް” ހިންދުގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އަނެއްކާ އޭނާ އަޝްވިންއަށް ބަލަން އިން ގޮތުން ނުބައި މާނައެއް ދޭހާވީބާއޭ ހިތަށް އެރިއެވެ.
“ކިހިނެތްވީ ، ހާދަ ހައިރާނެއް ތިވީ.. ކުރިމަތީގައި އިނީމަތަ” ކުޑަކޮށް ހީލަމުން އަޝްވިން ބުނެލިއެވެ. ހިންދު އަވަސް އަވަހަށް ނޫނެކޭ ބުނެ ބޯހަލުވާލިއެވެ.
“ދެން ކޮންމެ ގޮތެއް ވިޔަސް ވަރަށް އުފާވެއްޖެ… ބޭސް އަޅައި ނިމުނީއޭ.. އާދޭ އަހަންނާއި އެކީ ޖެހިގެން އިން ރޫމްގައި އެބައިން އަންހެން ޑޮކްޓަރެއް. ބޮލަށް ލިބިފައި ހުރި ގެއްލުންތަކާއި އެހެން ކަންތައް އޭނާއަށް ކިޔަދީ” އަތުން އަންގި ނައްޓާލަމުން އަޝްވިން އިން ގޮނޑިން ތެދުވެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. ހިންދުވެސް އަޝްވިންގެ ފަހަތުން ދާން ހިނގައިގަތެވެ.
“ބިޒީތަ މިގަޑީ” އަޝްވިން އޭނާ ބަލިމީހުން ބަލާ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގައި ޓަކި ދިނުމަށްފަހު އެތެރެއަށް ކުޑަކޮށް ބޯ ދިއްކޮށްލަމުން އަހާލިއެވެ.
“ހިންދު އާދޭ” އެތެރެއިން ބޭނުންވާ ޖަވާބު ލިބުމުން އަޝްވިން ހިންދުއަށް ބަލާލުމަށްފަހު ބުނެލިއެވެ.
“މީ އަޝްވާގެ ބެސްޓު ފުރެންޑު ހިންދު، ހިންދު މީ….”
“ލިއުޝާ” އަޝްވިންއަށް ލިއުޝާ ތައާރަފު ނުކޮށްދެވެނީސް ހިންދު ބުނެލިއެވެ.
“ހިންދު ހާދަ ބަދަލުވެއްޖެއޭ މިހާރު. އެއްކޮށް ހިކިފައެއްނު ތިހިރީ. އެހެންވެއޭ ވަކިކުރަން މިނޭނގުނީ” ލިއުޝާ ހިންދުއަށް ރަގަޅަށް ބަލާލަމުން ބުނެލިއެވެ. އަދި ހިންދުގެ އަތުގައި ހިފައިގެން އައިސް ބަލިމީހުން ބަލާ ގޮނޑީގައި ބޭންދިއެވެ.
“ކޮބާ އަޝްވާ ނާދޭތަ. ރީމްވެސް ނުފެންނަތާ އެތައް ދުވަހެއް ވެއްޖެ ” ހިނިތުންވެފައި ހުރެ ލިއުޝާ ބުނެލިއެވެ.
“އަޝްވާ ޓެސްޓު އޮތުމުން ކޮލެޖަށް ދިޔައީ. ރީމް މަންމައާއި އެކީ ތާކަށް ދާންޖެހިގެން ދިޔައީ” ހިންދު ބުނެލިއެވެ. ލިއުޝާ އަކީ އަޝްވިންގެ ކުރީގެ އަބިމީހާއަށް ވިޔަސް ހިންދުމެންނާއި އޭނާއާއި ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. ސްކޫލު ދުވަސްވަރު ފިލާވަޅު ދަސްކޮށްދިނުމުން ފެށިގެން އެމީހުން ގޮވައިގެން ބޭރަށް ގޮސް އެކި ސަކާރާތް ޖެހުމުގެ ތެރޭގައެވެ. ހިންދު އޭނާ އަޝްވިންގެ ދެކެ ވާ ލޯބި ސިއްރުކުރަން ޖެހުނު އެއްމެ ބޮޑު ސަބަބަކަށް ލިއުޝާ ވާނެއެވެ. ލިއުޝާއަކީ އޭނާ ދައްތައެއްގެ ގޮތުގައި ދެކޭ މީހަކަށް ވެފައި އެދެމެދަށް ވަންނަން ބޭނުން ނުވީއެވެ.
“އެހެންވީމަ ތިދެމީހުންނަށް ކޮޓަރި ދެމުން އަހަރެން ދެނެ ގޮސްލަނީއޭ. ހިންދުގެ މައްސަލައެއް ނެތް ނަމަ މީގެ ފަހުން އަތުގައި ބޭސްއަޅަން ލިއު ކައިރިއަށް އަޔަސް އެއްމެ ރަގަޅު” އަޝްވިން ބުނެލިއެވެ.
“ހިންދު ބަލިވެތަ ތިއުޅެނީ.. އަތަށް ކިހިނެތް ވީ” ލިއުޝާ ހަމްދަރުދީގެ ރާގެއްގައި ބުނެލިއެވެ.
އަޝްވިން ދިޔުމުން ހިންދު ލިއުޝާއަށް އޭނާއަށް ލިބިފައި ހުރި ޒަހަމްތަކުގެ ތަފުސީލް ދޭން ފެށިއެވެ.
ރޭގަނޑުގެ ނާސްތާގެ ކުރިން އަޝްވާ އީޝްއަށް ކާންދީ ނިންދަވަން އުޅުނެވެ. އަޝްވާ އެއްމެ އިސްކަމެއް ދޭ އެއްކަންތަކުގެ ތެރޭގައި އީޝްއަށް ކޮށްދޭ ކަންތައް ހިމެނެއެވެ. ކޮލެޖަށް ދާ މަދު ގަޑިތައް ފިޔަވައި އޭނާގެ ދުވަހުގެ ބޮޑު ބައި ހޭދަ ކުރަނީ އީޝްގެ ހިދުމަތުގައެވެ. އީޝްއަށް ކާންދީ ފެންވަރުވައި ނިންދެވުމަކީ އޭނާ އެއްމެ ކުރާ ހިތުންކުރާ އެއްކަމެވެ. މިވީ އެއް އަހަރާއި ހަމަސް ދުވަހުގެ ތެރޭގައި އަޝްވާ އީޝް ބަލަމުން އަންނަނީ އޭނާގެ އަމިއްލަ ދަރިއަކަށް ކަންތައް ކޮށްދޭނެހާ އެއްމެ ފުރިހަމަ ކޮށެވެ. އެދެމެދުގައި ވާ ލޭގެ ގުޅުން ނޭނގޭ މީހަކަށް އަޝްވާއާއި އެކު އީޝް އުޅޭ ގޮތުން ހީވާނީ ދަރިއަކާއި މަޔެއް ހެންނެވެ. ދެމީހުންގެ ހުނުމާއި ސަކާރާތް ޖެހުމާއި އެކުގައި ހޭދަ ކުރާ ކޮންމެ ސިކުންތެއް އަގު ނުކުރެވޭހާ މަތިވެރިއެވެ.
“ދައްތަގެ ދޫނި ހާދަ ލޯބިކޮށޭ މިރޭ ނިދާފަ ތިއޮތީ” ކޮނޑު މަތީގައި ނިދާފައި އޮތް އީޝް ތަންމަތީގައި ބާއްވަމުން އަޝްވާ ބުނެލިއެވެ.
“ދައްތަވެސް ބޭނުން ތިކަހަލަ ލޯބި ލޯބި ކުއްޖެއް” އީޝްގެ އިސްތަށިގަނޑު އެއް ފަރާތްކޮށްލަމުން ނިދިފައިވާ އީޝްއާއި މުހާބަތުކޮށް އަޝްވާ ބުނެލިއެވެ. އޭނާ އަށް މަންމަ ކިޔާނެ ދަރިއަކަށް އިންތިޒާރު ކުރެވެން ފެށުނުތާ އެތައް ދުވަހެއް ވަނީއެވެ. އެއީ އޭނާގެ އެއްމެ ބޮޑު އުއްމީދެވެ. އެކަން ހާސިލްވާނެ ދުވަހަކީ އޭނާގެ ހަޔާތަށް އަންނާނެ އެއްމެ މުހިއްމު ދުވަސްކަމުގައި ވާނެ ކަން ޔަގީނެވެ.
އީޝް ނިންދެވުމަށްފަހު އަޝްވާ ދިޔައީ ބަދިގެ ފަރާތަށެވެ.
“ކޮބާ ބޭބެމެންނާއި ބައްޕަ ނުދުރެވޭތަ އަދިވެސް” ނަދީމާއަށް އަތް ގާތްކޮށްލަ ދެމުން އަޝްވާ އަހާލިއެވެ.
“ބޭބެމެން ބައްޕައާއި އެކީ ޓެރަހަށް ދިޔައީ.. މިރޭ ކެއުން އޮތީ އެތާގައޭ.. ދަރިފުޅު ދޭ ޓެރަހަށް. ދައްތަ މިދަނީ ތަށިތައް ހިފައިގެން” ނަދީމާ ބުނެލިއެވެ.
“އެހެންތަ. އަހަރެން ހީކުރީ މިރޭވެސް އެއްމެން ހަމަނުވާނެ ކަމަށް.. ގެނޭ އަހަރެން ދާނަން މިތަށިތައް ހިފައިގެން” ބަރިއަކަށް އަތުރާފައި ހުރި ތަށިތައް ހިފައިގެން އަޝްވާ ޓެރަހަށް ދާން ހިނގައިގަތެވެ.
އަޝްވާއަށް ޓެރަހަށް ދެވުނު އިރު އޭނާގެ ދެ ބޭބެއިންނާއި ބައްޕަ މޭޒު ކައިރީގައި އިށީދެލައިގެން ތިއްބެވެ.
“އަޝްވާ، ބޭބެމެން މިދައްކަނީ ދަރިފުޅު ބައްޕަ ދެކެ ހިތްހަމަނުޖެހިފައި ހުރި ވާހަކަ. އެއީ ތެދެއްތަ” އަޝްވާ ފެނުމުން އަސްރާރު ހިނިތުންވެލައިފައި އަހާލިއެވެ.
“ބައްޕަ ނުކައި މާ ބުރަކޮށް އުޅޭތީ ހިތްހަމަނުޖެހެނީ، މިއަދު ހެނދުނުވެސް ސައިނުބޮއި ދިޔައީ” އަޝްވާ ބުނެލިއެވެ.
“ބައްޕަ އަށް މާފުކުރޭ، ކުއްލި ބައްދަލުވެމެއް އޮތީމަ ދާން ޖެހުނީ، އިން ޝާ ﷲ އަވަސް މުސްތަގުބަލެއްގައި ބައްޕަގެ ބުރަ ދުވަސްތަކަށް ލުއެއް ލިބޭނެ” ތަށިތައް އަތުރަމުން ދިޔަ އަޝްވާއަށް ބަލާލަމުން އަސްރާރު ބުނެލިއެވެ. ފަހު ޖުމްލައާއި އެކު އަޝްވާއަށް އަސްރާރާއި ދިމާލަށް ބަލާލެވުނެވެ. އެބުނި ޖުމްލައިގެ ފޮރުވިފައިވާ މާނަ ދޭހަވާހެން ހީވެގެންނެވެ.
“ބައްޕަ ކޮން ދުވަހަކުން މެރީ ކުރަނީ” އަޝްވާ އޭނާއަށް ހީވާ ގޮތަށް އަހާލިއެވެ. ވަގުތަކީ ނަދީމާ ބާކީ ހުރި ތަށިތައް ތަބަކަށް އަޅައިގެން އެތަނަށް އައި ވަގުތެވެ. އަޝްވާ ބުނި އެއްޗެއް އަޑު އިވިފައި އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އަރައިގެން ދިޔައެވެ.
“ބައްޕަ މެރީ ކުރަނީ އޭ… ކާކު ބުނި ވާހަކައެއްތީ” އަސްރާރުވެސް ދިޔައީ ހައިރާންވެގެންނެވެ. އޭނާ އެހާ ސިއްރުކޮށްގެން އުޅޭ ކަމެއް ދަރިންނާއި ހިސާބަށް ދިޔައީ ކިހިނެތްބާވައޭ ހިތާއި ސުވާލުކޮށްލެވުނެވެ.
“ނަދީމައްތަ ބުނި ބައްޕަ އެހެން ގެޔަކަށް ކާން ދާ ވާހަކަވެސް. ބައްޕަ ކީއްވެތޯ އަޅުގަނޑުމެން ކައިރީ ނުބުނީ” ޝައިމް ނަދީމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.
“ބޭބޭ ބޭބޭ، އަޅުގަނޑަށް މާފުކުރޭ” ތަށިތައް އުފުލައިގެން ހުރި ނަދީމާ ބާރު ހިނގުމެއްގައި އައިސް އަސްރާރު ކައިރިއަށް ހުއްޓިލަމުން ބުނެލިއެވެ. ހާސްވެފައި ހުރި ވަރުން މުޅި މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ.
“ނަދީމާއަށް ކޮންތާކުން އަޑުއިވުނު ވާހަކައެއްތީ” ލޯކުޑަކޮށްލަމުން ނަދީމާއަށް ބަލަމުން އަސްރާރު އަހާލިއެވެ.
ނަދީމާ ވީ ގޮތް ކިޔާދޭން ފެށިއެވެ. އަޝްވާމެން ކައިރީ އެވާހަކަ ދެއްކުނު މޮޔަ ހިތަށް އަރަމުންނެވެ.
“ދެން އެކަމާ އަޅާނުލާ… އެހެންނޫނަސް އަހަރެން މިހިރީ އެކުދިން ކައިރީ އެވާހަކަ ދައްކާނެ ގޮތެއް ނޭނގިފައި” ނަދީމާ ތަކުރާރުކޮށް މާފަށް އެދެން ފެށުމުން އަސްރާރު ބުނެލިއެވެ.
“ނަދީމާ އެބުނި ގޮތަށް ބައްޕަ ބޭނުން މީހަކާއި އިންނަން. މަންމައަކާއި ނުލައި ބައްޕަ ތިން ކުދިން މިހާ ހިސާބަށް ގެނެސްފައި ތިހިރީ ވަރަށް ބުރަ މަސައްކަތުން. ބައްޕައަށް އެނގޭ ބައްޕައަށް ތިކުދިންނަށް ދޭންވާ ވަރަށް ލޯތްބާއި ވަގުތު ނުދެވޭކަން. ބައްޕަ ގިނަ ވަގުތު ބޭރުގައި އުޅޭ އިރު ތިކުދިންގެ ކަންތައް ބެލުމުގައި އުޅެނީ ބޮޑުދައިތައާއި ނަދީމާ. އެކަމަކު އެއިން އެއްވެސް ވަގުތެއް ބައްޕަ ހޭދަނުކުރަން އަމިއްލަ ފައިދާއަށް، އެއް ކަންތައް ނުނިމެނީސް އަނެއް ކަމައިގެން އުޅެން ޖެހިފައި އޮންނަނީ ތިކުދިންގެ މުސްތަގުބަލު ރަގަޅު ކުރުމަށް ވަގުތު ހޭދަ ކުރާތީ. ވިހި އަހަރަށް ފަހު ބައްޕަ ބޭނުން ގޭގައި މަޑުކޮށް ހަމައެކަނި ތިކުދިންނަށް ވަގުތު ހުސްކޮށްލަ ދޭން. އީޝްއާއި އަދި ދެންވެސް ލިބޭ ކާފަ ދަރިންނާއި އެކީ ވަގުތު ހޭދަކުރަން” މޭޒު ދޮށުގައި ތިބި އޭނާގެ ތިން ކުދިންނާއި ވާހަކަ ދައްކަމުން އަސްރާރު ބުނެލިއެވެ.
“ތިކުދިންގެ މަންމަ މިދުނިޔެއާއި އަލްވަދާއު ކިޔުމަށްފަހު ބައްޕަ ހީކުރީ ދެން ބައްޕަގެ ހަޔާތަށް އެހެން މީހެއް ނާންނާނެ ކަމަށް. އެކަހަލަ ކަމަކަށް ނުވިސްނައި ހުއްޓައި ބައްޕައަށް ކަމުދާ މީހަކާއި ބައްދަލުވިތާ މިހާރު ފަސް މަސް ފާއިތުވެގެން މިދަނީ. ބައްޕައަށް އެނގޭ މަންމަ ނެތަސް ދަރިފުޅުމެން މަންމަ ދެކެ އިންތިހާއަށް ލޯބިވާކަން. ބައްޕަވެސް އަދިވެސް ވަރަށް ލޯބިވޭ މަންމަ ދެކެ. އެކަމަކު …….” އަސްރާރުގެ އަޑު ބެދިގެން ދިޔައީ ކުރީގެ އަބިމީހާގެ ހަނދާންތައް އާވުމުން ހިތުގައި ރިއްސާލުމުންނެވެ.
“އަޅުގަނޑުމެންނަށް އެނގޭ ބައްޕަ ދުވަހަކުވެސް މަންމަ މަތިން ހަނދާން ނައްތާނުލާނެކަން” އަޝްވާ ޖެހިގެން އިން އޭނާގެ ބައްޕަގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“ކޮން އިރަކުންތޯ އަޅުގަނޑުމެންނާއި ބައްދަލުކޮށްދޭނީ… ވަރަށް ޒުވާން ކުއްޖެއްތަ” އެތަނުގައިވި ސީރިއަސްކަން ކަނޑުވާލުމުގެ ގޮތުން ޝައިމް ސަމާސާއެއް ކޮށްލިއެވެ. އެޔާއެކު އެއްމެނަށް ހެވެން ފެށުނެވެ.
“ކޮންތާކުންތަ ބައްޕަ ހޯދި މީހެއްތަ. ގާއިމު ބުނާނެ އަބަދު އޮފީހުގައޭ އުޅެނީ” އަޝްވިންވެސް ދިމާކޮށްލާ ރާގަކަށް ބުނެލިއެވެ.
“ދިމާވާނެ ބައިވަރު ގޮތްތައް ހުރެދާނެއެއްނު. ބައްޕަ މިހާރު އަޅަމުން މިދާ ގެސްޓު ހައުސް އަޅަނީ އެގޯތި ކުއްޔަށް ހިފައިގެން. އެއާއިލާއަކީ އެހާ ތަނަވަސް އާއިލާއަކަށް ނުވުމުން ގޯތި ވިހި އަހަރަށް ކުއްޔަށް ދީފަ މިހާރު މާލެ ބަދަލުވެގެން އުޅެނީ. ހަފީޒާގެ ހުންނާނެ ޝައިމް އަށްވުރެ އެއް އަހަރު ބޮޑު ފިރިހެން ކުއްޖެއް. ބައްޕަ އެހާ ވަރަކަށް ނަން ހަނދާން ނެތް. އަދި ހުންނާނެ ހަފީޒާގެ ބެލުމުގެ ދަށުގައި ހުންނަ ބޮޑުދައިތަ ކިޔާ އިތުރު ފިރިހެން ކުއްޖެއް. ޝަނުމް ކިޔަނީ. ޝަނުމް އަކީ ސިފައިންގޭގައި އުޅޭ ކުއްޖަކަށް ވުމުން ހުސް ވަގުތެއް ވަރަށް ނުލިބޭ،އެކަމަކު ތިކުދިންނާއި ބައްދަލުކޮށްލަން އެމީހުން ގޮވައިގެން އާދެވޭތޯ ބަލާނަން އިނގޭ” ހަފީޒާއާއި އޭނާގެ އާއިލާގެ ކުޑަ ތައާރަފެއް ދެމުން އަސްރާރު ބުނެލިއެވެ. އޭނާ ހީކުރި ގޮތާއި ހިލާފަށް ތިން ކުދިންވެސް އޭނާގެ ނިންމުމަށް ކީ މަރުހަބާއެވެ.
އަޝްވާއާއި ޝައިމް އަދި އަޝްވިން ހަފީޒާ އާއި ބެހޭ ގޮތުން ވަރަށް މައުލޫމާތު އޮޅުން ފިލުވިއެވެ. އާއިލާއަށް އިތުރުވާން އުޅޭ މެންބަރުންނާއި މެދު ވަރަށް ބޮޑަށް ޝައުގު އުފެދިއްޖެކަން އެމީހުންގެ ސުވާލުތަކުން ހާމެވެގެން ދިޔައެވެ. ސަބަބަކީ ބައްޕަގެ ދިރިއުޅުމަށް އަންނަ ކޮންމެ އުފަލަކީ އެމީހުންގެ ހަޔާތަށް ވެސް ލިބޭ އުފަލަކަށް ވެގެންދާނެތީއެވެ.
“ބައްޕަ ދަނީ އޭ އަރާމު ކޮށްލަން. އަޝްވާ މާދަން ހެނދުނު ބައްޕައާއި އެކީ އޮފީސް ބަލާލަން ދާން ތައްޔާރުވައްޗޭ އިނގޭ” ރޭގަނޑުގެ ކެއުން ނިއްމާލުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ދަރިންނާއި ވާހަކަ ދައްކަން ހުރެފައި އަސްރާރު ނިދަން ދިޔައެވެ.
“ބޭބެ މެރީ ކުރަނީ ބައްޕަގެ ކުރިންތަ ނޫނީ ފަހުންތަ” އަސްރާރު ދިޔުމާއި އެކު އަޝްވާ އަހާލިއެވެ.
“ބޭބެވެސް ސިއްރުން މީހަކު ގެންގުޅެން ފެއްޓީތަ. މިހާރު މިއާއިލާގެ ހުރިހާ ކަމެއް މިކުރަނީ ސިއްރުންތަ” އަޝްވިންއަށް ބަލާލަމުން ޝައިމް ބުނެލިއެވެ.
“އަހަރެން މީހަކު ނުގެންގުޅެން. އަޝްވާ ހިޔާލީ ދުނިޔޭގަ އުޅޭ ދުވަހެއް ކަންނޭނގެ” އަޝްވާއާއި ދިމާލަށް އަތް ދިއްކޮށްލަމުން އަޝްވިން ބުނެލިއެވެ.
“އެހެންވީމަ ތިބުނީ ބޭބެއަށް ހިންދު ކަމުނުދެއޭތަ؟” އަޝްވާ އަޝްވިންއަށް ލޯ އަޅާލަމުން ބުނެލިއެވެ.
ހިންދުގެ ނަން އިވުމާއި އެކު އަޝްވިން ދިޔައީ ހައިރާން ވެގެންނެވެ.
“އަޝްވާގެ ރައްޓެހި ހިންދުގެ ވާހަކަތަ ތިދައްކަނީ” ޝައިމް އަހާލިއެވެ. އަޝްވާ ފުޅާ ހިނިތުންވުމަކާއި އެކީ ބޯޖަހާލިއެވެ.
“ބޭބޭ ކޮން ކަމެއް” ކައިރީގައި ހުރި އަޝްވިންގެ ކޮނޑުގައި ޖަހާލަމުން ޝައިމް ސަމާސާގެ ރާގަކަށް ބުނެލިއެވެ.
“ހިންދުއަކީ އަޝްވާގެ ރައްޓެއްސެއް. އެނޫން ގޮތަކަށް އަހަރެން ނުދެކެން” ކުޑަ ވަގުތު ކޮޅަކަށް ވިސްނަން ހުރެފައި އަޝްވިން ބުނެލިއެވެ.
“ބޭބެ ލިއު ދައްތައާއި މެރީ ކުރުމުގެ ކުރިންވެސް ހިންދުއަށް ބޭބެ ވަރަށް ކަމުގޮސްފި. ހިންދު ނުބުނޭތަ ލައިކް ވާ ވާހަކައެއް ” އަޝްވާ އަހާލިއެވެ. އަޝްވާ އެހެން ބުނުމުން އަޝްވިންއަށް ވިސްނާލެވުނީ ރޭގައި ހިންދު ފޮނުވި މެސެޖުތަކުގެ މަތިންނެވެ. ކަމުދާ ވާހަކަ ސީދާ ބުނެފައި ނެތް ކަމުގައި ވިޔަސް ހިންދު ބުނަން އުޅުނު އެއްޗެއް ދޭހަވާހެން ހީވާން ފެށިއެވެ.
“އާން ނުބުނޭ. ބޭބެއަށް ހީވަނީ އަޝްވާއަށް ތިހީވަނީ އެއްމެ ރަގަޅަށްނޫންހެން” އަޝްވިން އަށް ހިންދުގެ މެސެޖުތަކުން ނަގަންވީ ކޮން މާނައެއްކަން ނޭނގުނެވެ.
“ކީއްވެ އެހެން ނުވާންވީ. ބޭބެ ލިއު ދައްތައާއި މެރީ ކުރި ދުވަހު ޝީ ވޯޒް ހާރޓު ބުރޯކެން. އެދުވަހުން ފެށިގެން ބޭބެ ނުފެންނަ ހިސާބަށް އާދެވޭތޯ ބަލާ. އެކަމަކު ދޭތެރެ ދޭތެރެއިން އަބަދުވެސް އަހާނެ ބޭބެ ކިހިނެތްހޭ. ރޭ ބޭސް އަޅަން ގުޅީ ބޭބެ އަށޭ ބުނީމަ މީހާ އުފަލުން ފޮޅުނު، އެއީ ކަމުދިއުމެއް ނޫންތަ” އަޝްވާ ކިޔައިދިނެވެ.
“ތިހެން ވިޔަސް ހިންދުގެ ފަރާތުން ބޭބެއަށް ތިކަހަހަލަ އިޝާރާތެއް ލިބިފައެއް ނެތް. ހިންދުއަށް އަހަރެން ކަމުދިޔަސް އަހަންނަށް އެކަހަލަ ގުޅުމަކަށް އެއްބަސް ނުވެވޭނެ” ފުންވޭނާއެއް ލުމަށްފަހު އަޝްވިން ބުނެލިއެވެ.
“އެކީއްވެ. ހިންދުއަކީ ވަރަށް ރަގަޅު ކުއްޖެކޭ” ހިންދުގެ ދިފާއުގައި އަޝްވާ ބުނެލިއެވެ.
” ދެމީހުން އުޅޭ ދިރިއުޅުމެއް އެކަކު ދޭ ލޯތްބަކުން ބިނާ ނުކުރެވޭނެ. ހިންދު އަކީ ވަރަށް ރަގަޅު ކުއްޖެއްކަން އަހަރެން ގަބޫލުކުރަން. އެކަމަކު ލޯބި ނުވަންޏާ ކިހިނެތް އެކުގައި އުޅޭނީ. އަޝްވާއަށްވެސް މީހެއް ދެކެ ލޯބިވެވުމުން މިކަން ވިސްނޭނެ” އަޝްވިން ސަބަބު ބަޔާންކޮށްދިނެވެ.
“ކިހާ ދެރަދޯ. އަހަރެން ވަރަށް އުއްމީދުކޮށްގެން ހުރީ ފަހަރިއެއްގެ ގޮތުގައި ހިންދު މިގެޔަށް ގެންނަން” އަޝްވިންއާއި ދެކޮޅު ހަދާކަށް އަޝްވާ ބޭނުން ނުވިއެވެ. އެޔަށްވުރެ ބޮޑަށް އަޝްވިންއަށް އޭނާ އިހްތިރާމްކުރެއެވެ.
“ފަހަރިއެއްގެ ގޮތުގައި ގެންނަން މިހިރީވެސް މީހެއްނު” ބެލްކަނީގެ ރެއިލިންގައި ލެގިލައިގެން ހުރި ޝައިމްއަށް އިގިލި ދިއްކޮށްލަމުން އަޝްވިން ބުނެލިއެވެ.
“ނޫން ނޫން” އަޝްވާ ދެލޯ ބޮޑުކޮށް އޭނާއަށް ބަލާލުމުން ޝައިމް އަވަސް އަވަހަށް ބުނެލިއެވެ. އެޔާއެކު އަޝްވާއާއި އަޝްވިންއަށް ހެވުނެވެ.
12 Comments!
Comments are closed.
mi story aky emme fahun genes dhin story aai gulhuvaigen genes dhey story eh. Characters ge ithuru mauloomathu e story in ves libeyne. adhi next part kiyumuge kurin e story kudakoh kiyaalumah edhen. ei dhn annaany e story aai gulhigen anna bayakah vaathy
Hey maroon hws u? Happy ?that u r back again.. first part ves mi part ves varah reethi.. alhe mi story ga shaim ulheny malakaa aa marry kohgen noontha.. divorce veetha? Waitin for next part.. loves❤
mee eyge kurin vy kanthah, dhn anna part innaany e story aai gulhuvaigen. Thank you adha. Happy to see your comment ?
Alhey… Hiyeh nukuran mihaa avahah next part kiyaalan libidhaane kamakah… I m soooooo happy ??… Thank you soooooo much maroon ???.. Mi part vx hama awesome ??… Waiting for next part…
Thanku dear. ?
V reethi. Next part kon irakun?
Thanku mary. Story is up now ?
Emme fahun genesdheny kn vaahaka eh tha??
Click on my name to read loabin hunithun velaashey
*Genesdhiny
….Alhey varah reethi
….waiting
Thanku zuam ?