Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 1 (ފެށުން)

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
January 18, 2018 8 Mins Read
12 Comments

އަސުރުން ތިރިވި ފަހުން ފެށިގެން ބޯކޮށް ވާރޭ ވެހުމަށްފަހު މިހާރު ވިލާތައް ކެހި އުޑުމަތި ސާފުވާން ފައްޓައިފިއެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ހަނދަށް މަރުހަބާ ކިޔަމުން އަލްވަދާއު ކިޔަން ތައްޔާރުވަނީއެވެ. އުޑުގެ ކޮންމެ ދިމާލަކުންވެސް ވީ އެއްމެ ރީތި ކުލައެއް ދިއްލޭތޯ މަސައްކަތް ކުރަމުން އެބަދެއެވެ. ގުދުރަތީ ރީތި މަންޒަރަކުން އެއްމެންނަށް އާޝޯހުކަން ގެނެސްދެމުންނެވެ.

ހުޅުމާލެއިން މާލެއަށް ދަތުރު ކުރަމުން ދިޔަ ފެރީގައި އަޝްވިން އިނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަޝްވާއާއި ޖެހިގެންނެވެ. ހުޅުމާލޭގައި އުޅޭ އެމީހުންގެ ބޮޑުދައިތަ ކައިރިއަށް ޒިޔާރަތްކޮށްލުމަށްފަހުގައެވެ. އަޝްވާ ވިހެއެމުގެ ތެރޭގައި މަންމަ މަރުވުމުން އެމީހުންގެ ކަންތައް ކޮށްދިނުމުގައި ބައްޕައަށް އެއްމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ބޮޑުދައިތައެވެ. ބޮޑުދައިތަގެ ދެ ކުދިންނާއި އެއްކޮށް އެމީހުންނަށްވެސް މަންމައެއްގެ ލޯބި ދިނެވެ.

ފެރީގެ ކުޑަ ދޮރުން ބޭރު ބަލަހައްޓައިގެން އިން އަޝްވިން އިނީ ފުން ހިޔާލެއްގެ ތެރެއަށް ގެބިފައެވެ. މަންޒިލާއި ހަމައަށް ދަތުރުކުރަމުން ދިޔައިރު އުފެދެމުން ދިޔަ ރާޅު ބާނިތަކުން އޭނާގެ މާޒީ ސިފަވަމުން ދާ ކަހަލައެވެ. ކޮންމެ ރާޅުބާންޏަކާއި އަޝްވިން ކުރިމަތިލަމުން ދިޔައީ މަންޒިލް ހޯދުމަށް ކެރިގެންނެވެ. ގުރުބާންތައް ވަމުންނެވެ. ހިތްވަރާއި އެކީ ކާމިޔާބު ލިބޭނެކަމަށް އުއްމީދުކޮށްގެންނެވެ. ނަމަވެސް މިހާރު މަންޒަރު ތަފާތު ވެއްޖެއެވެ. ސީދާކޮށް އޮތް މަގު ކަސިޔާރުވެގެން ދިޔައީ އެއްމެ ހީނުކޮށް ހުއްޓައެވެ. ސަރާސަރު މަގު ދެފަރަތާއަށް ކަފިވެގެން ދިޔައެވެ. ދާންވީ ދިމާ އެނގި އެމަގުން ދަތުރުކުރަން ނިންމި ނަމަވެސް ފަހަތް ބެލެވެމުންދަނީއެވެ. މާޒީ އިޔާދަވެ ދެވަނަ ފުރުސަތެއް ލިބުނަސް އަޝްވިން ހިޔާރު ކުރާނީ ހަމަ މިމަގެވެ. އެއްމެ ސަބަބަކަށްޓަކައެވެ. ލޯބިވާ ތުއްތު ދަރިފުޅަށްޓަކައެވެ.

“ބޭބޭ ހިނގާ ދާން” ފެރީ މާލޭގެ ބަދަރާއި ކައިރިވުމާއި އެކު އެއްމެން ތެދުވި އިރުވެސް އަޝްވިންގެ ހަރަކާތް ހުއްޓިފައި އިންތަން ފެނި އަޝްވިންގެ އަތުގައި ކޮއްޓާލަމުން އަޝްވާ ބުނެލިއެވެ.

“އާން ހިނގާ” ކުޑަ ސިހުމަކާއި އެކު އަޝްވިން ބުނެލިއެވެ.

ފެރީއިން ފޭބި ވަގުތާއި ދިމާކޮށް އަޝްވާގެ ފޯނަށް މެސެޖެއް އަޔެވެ.

“ބޭބޭ.. އޯކޭތަ އަޅުގަނޑު ރީމްމެން ގެޔަށް ދިޔައަސް. ހިންދު މާލެ އައިސްގެން އެބަ އުޅޭ” އަޝްވާ އޭނާގެ ފޯނަށް އައި މެސެޖު ކިޔާލުމަށްފަހު ބުނެލިއެވެ.

“މައްސަލައެއް ނެތް.. އެކަމަކު ދިހައެއް ޖަހަންވާ އިރަށް ބޭބެ ދާނަން ބަލާ، އޯކޭތަ” ސައިކަލު ޕާކުކޮށްފައި އޮތް ދިމާލަށް ދަމުން އަޝްވިން ވާހަކަ ދައްކަމުން ދިޔައެވެ.  އަޝްވިންގެ ފަހަތުން ދަމުން އަޝްވާ ދިޔައީ ފޯނަށް ބަލަހައްޓައިގެން ހުރެ އޭނާގެ އެކުވެރީންނަށް މެސެޖުކުރަމުންނެވެ.

“ދެން ބޭބެވެސް ދޯ. އަހަރެން މީ ކުޑަ ކުއްޖެއް ނޫނޭ. އަހަންނަށް ވުރެ މާ އުމުރުން ހަގު ކުދިންވެސް ރައްޓެހިންނާއި އެކީ ތިއަށް ވުރެ ދަންވަންދެން އުޅޭ” އަޝްވާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

“އަޝްވާ ތި ބުނާހެން އަހަރަމެން އެހެންމީހުން އުޅޭ ގޮތަށް އުޅެން ފެށުމުން ލިބޭނެ ގެއްލުން އެނގޭތަ. މިހާރު ޓީވީ ހުޅުވާލާ އިރަށް އަޑު އިވޭނީ ކޮންމެވެސް މާރާމާރިއެއް ނޫނީ އަނިޔާއެއް މީހަކަށް ލިބެގެން އުޅޭ ހަބަރު. އެއްވެސް މީހަކަށް މީ ރައްކާތެރި ތަނެއް ނޫން. ހާއްސަކޮށް އަންހެން ކުދިންނަށް. އިއްޔެވެސް ބޭބެ އަޑު އެހިން ކޮންމެވެސް ކުއްޖަކު ރޭޕުކޮށްގެން އުޅުނު ހަބަރު..” އަޝްވާއަށް ވިސްނައިދެވޭތޯ އަޝްވިން އުޅުނެވެ.

” އަހަރެން ބޭރަށް ދާން ހުއްދައަށް އެދެފިއްޔާ ބޭބެ އަބަދު ތިނޫން ވާހަކައެއް ނުދައްކާނެ ” އަޝްވާ ކުނި މޫނު ހަދާލަމުން އަޝްވިންގެ ފަހަތަށް ސައިކަލަށް އެރިއެވެ.

“ރުޅި އައީދޯ މިހާރު. ބޭބެމެން މިހެން ކަންތައް ކުރަނީ އަޝްވާ ދެރަކޮށް ރުޅިއަރުވާލަކަށް ނޫން. ހަމައެކަނި ބޭނުންވަނީ އަޝްވާގެ ރައްކާތެރިކަން. ބޭބެމެން އަޝްވާގެ ލޯބިވާތީ މިހެން މިކަންތައް ކުރަނީ. ހީކުރަން އަޝްވާއަށް ވިސްނޭނެ ކަމަށް” ސައިކަލު ސްޓާޓްކޮށްލަމުން އަޝްވިން ބުނެލިއެވެ.

ސައިކަލު ގޮސް މަޑުކޮށްލީ ރީމްގެ ގޭގެ ދޮރު ކުރިމައްޗަށެވެ.

“ބޭބެ ދެއްކި ވާހަކަ އަހަރެން ގަބޫލުކުރަން. އެނގޭ ދުވަހަކުވެސް ބޭބެމެން ދުވަހަކުވެސް އަހަރެންނަށް ދެރަ ގޮތެއް ވާން ނޭދޭނެކަން. އަހަރެންވެސް ވަރަށް ލޯބިވޭ ބޭބެމެން ދެކެ. ” ސައިކަލުން ފައިބައި އަޝްވިންގެ އަތުގައި ހިފާލަމުން އަޝްވާ ބުނެލިއެވެ.

އެ އާއިލާގައި ތިބެނީ އަޝްވާގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެމެން ކަމުގައިވާ އަޝްވިން އާއި ޝައިމް އެވެ. އާއިލާގައި ހުރި ހަމައެކަނި ޒުވާން އަންހެން ކުއްޖާކަމުން އެއްމެންގެ ރައްކާތެރިކަން އޭނާއަށް އިންތިހާއަށް ލިބެމުން ދެއެވެ. އަސްރާރު ވިޔަފާރި ދަތުރުތަކުގައި ގިނައިން އުޅެނީ ރާއްޖެއިން ބޭރުގައި ކަމުން ތިން ކުދިން އެކީގައި އަނެކާއަށް އެހީތެރިކަން ފޯރުކޮށްދެމުން އުޅެއެވެ. އެހެންކަމުން ތިން ކުދިންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައެވެ.

އިމާރާތުގެ ދެވަނަ ބުރިއަށް އަރައި ކުރިމަތީގައި ހުރި ދޮރުގައި އަޝްވާ ޓަކި ޖަހާލިއެވެ. އެތައް ދުވަހަކަށްފަހު ހިންދު އާއި ބައްދަލުވާތީ އުފާވެރިކަން މޫނުމަތިން ފެންނަމުން ދިޔައެވެ. އެކުގައި އޯލެވެލް ކިޔަވައި ނިންމުމަށްފަހު ހިންދު ރަށަށް ބަދަލުވީ އޭނާގެ މައިންބަފައިންނަށް ލިބޭ މަދު އާމްދަނީއިން މާލޭގައި އުޅުމުގެ ތަނަވަސްކަން ލިބިފައި ނެތުމުންނެވެ.

އާއިލާގައި ހުރި އެއްމެ ދޮށީ ދަރިފުޅު ކަމުން ހިންދުއަށް އެތައް ޕުރެޝަރުތަކެއް އޭނާގެ މައިންބަފައިންގެ ފަރާތުން ލިބެއެވެ. އުމުރުން ހަތް އަހަރުން ފެށިގެން އޭނާއަކީ އަމިއްލަ ގޭގައި ނޯކަރީއެއް ފަދަ މީހެކެވެ. ސްކޫލު ނިމިގެން ގެޔަށް އައުމާއި އެކީ އެވެން ފަށަނީ މަންމަގެ އަމުރުތަކުގެ އަޑެވެ. ބޭނުންވާ ގޮތަށް ކަމެއް ނުކޮށްދީފިނަމަ އަޑުއިވެން ފަށަނީ ކޮއްކޮމެންގެ ޝަކުވާއެވެ. މަސްބާނައިގެން ބައްޕަ ރަށަށް އަންނަ މަދު ދުވަސްތަކުގައި ކުށްވެރިއެއް ފަދައިން އިސްޖަހަން ޖެހެއެވެ. މަލާމާތާއި ބަދު ބަސްތައް އިއްވާލަނީ އެއްމެންގެ ކުރިމަތީގައެވެ. ލޮލުން ކަރުނަ އޮހެރުނަސް އެމަންޒަރު ފެންނަ އެކަކުވެސް ނެތް ފަދައެވެ. އޭނާގެ ގާތް ދެ ރަހުމަތެރިންކަމުގައިވާ އަޝްވާއާއި ރީމް ފިޔަވައެވެ. ހިތަށް ލިބޭ ޒަހަމްތައް ފިލުވައިދޭން އަބަދުވެސް އެދެމީހުން ތިބޭތީ ހިންދު އެކަމަށް ﷲ ހަޟުރަތުން ދުއާ ދަންނަވައެވެ.

މަތީ ސާނަވީ ތައުލީމުގައި މަތީ ފާސްތަކެއް ހޯދައިގެން ހިންދު މާލެ އައީ އިތުރަށް ކިޔެވުން ގެންދިޔުމަށެވެ. މާލެ ފޮނުވާތޯ މަންމަ ކައިރީ އެހީ ނުހަނު ބިރުން ހުރެއެވެ. އާބަސް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތިއެވެ. ނަމަވެސް ކަންތައްވީ އެއްމެ ހީނުކުރާ ގޮތަށެވެ. އެސުވާލު އެއްކޮށް ފުރިހަމަ ނުވަނީސް ހުއްދަ ލިބިއްޖެއެވެ. ހުދު ހިންދުއަށްވެސް ލިބުނީ ހައިރާންކަމެވެ. އެހާ ފަސޭހައިން ހުއްދަ ލިބުނީ ކީއްވެތޯ އަހަން ހިންދު ބޭނުންވި ނަމަވެސް ހިޔާލު ބަދަލުކޮށްފާނެތީ އަހަން ނުކެރުނީއެވެ. ލިބުނު ނަސީބުގެ ބޭނުން ހިފައި އަވަހަށް ތައްޔާރީތައް ވެގެން ދެތިން މަސް ތެރޭގައި މާލޭ އާދެވިއްޖެއެވެ.

“އަޝްވާ.. ހިންދު ކައިރިއަށް ދޯ ތިއައީ.. އެކުދިން އެބަ ތިބި ކޮޓަރީގައި..” އަޝްވާ އޭނާ އައި ބޭނުން ނުބުނަނީސް އަމީހާ ބުނެލިއެވެ.

“އާން ހިންދު ކައިރިއަށް މިއައީ.. ހާދަ ވަސް ރަގަޅޭ.. ކޯއްޗެއް ކައްކާލަނީ” އެތެރެއަށް ވަންނަމުން އަމީހާއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން އަޝްވާ ބުނެލިއެވެ.

“ބަތާއި އެއްކޮށް ކާލަން ތަރުކާރީ ކޮޅަކާއި ކުކުޅު ކޮޅެއް ހަދާލަނީ.. އަޝްވާ ދޭ ހިންދުމެން ކައިރިއަށް ކޮޓަރިއަށް. ދައްތަ ކާން ހަދާލާފައި ގޮވާލާނަން” އަޝްވާގެ ކޮނޑުގައި ފިރުމާލަމުން އަމީހާ ބުނެލިއެވެ.

ހުރި ހަމައެކަނި ދަރިފުޅު، ރީމްގެ އެކުވެރިންނަށް އަމީހާ ކަންތައްކޮށްދެނީ ވަރަށް އޯގާތެރިކަމާއި އެކީގައެވެ. އެއާއިލާގެ ކުދިންނަށް ކަންތައްކޮށްދޭހާ ގާތްކޮށެވެ.

ރީމްގެ ކޮޓަރީގެ ދޮރުހުޅުވާލަމުން އަޝްވާ އެތެރެއަށް ބޯދިއްކޮށްލިއެވެ.

“އައްސަލައިމަލައިކުމް… އަޅުގަނޑު މިއައީ އައިޝަތު ހިންދު އައްބާސް ކިޔާ ކުއްޖަކާއި ބައްދަލުކޮށްލަން” ފުޅާ ހިނިތުންވުމަކާއި އެކީ އަޝްވާ ބުނެލިއެވެ.

“އައިޝަތު ހިންދު މިއުޅެނީ ޑޮކްޓަރަށް ދައްކަން ނުދާންވެގެން.. ބަލާބަލަ މިއޮތް އަތެއް” ނުރުހުމުގެ ނަޒަރަކުން ހިންދު އާއި ދިމާލަށް ބަލާލަމުން އެނދުގައި ހިންދުއާއި ޖެހިގެން އިން ރީމް ބުނެލިއެވެ.

“ކިހިނެތްވީ އަތަށް… ދައްކަބަލަ ބަލާލަން” އަޝްވާ ހިންދުއާއި ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ.

“މީ ކިހިނެތް.. ކޮން އިރަކުވީ ކަމެއް” އަޝްވާގެ ދެލޯ ބޮޑުވެގެން ދިޔައީ ހިންދު އަތުގައި ހުރި ބޮޑު ފާރުގަނޑު ފެނުމުންނެވެ. ބަލާބެލުމަށް ހީވަނީ ހޫނު އެއްޗެއްގެ ސަބަބުން ފިހިފައި ހުރިހެންނެވެ.

“މަންމަ ތަ.. އެކަމަކު ކީއްވެ މިހާވަރު ކުރީ.. މާލެ އަންނަން އުޅުމުންތަ” އަޝްވާ އޭނާއަށް ހީވީ ރަގަޅަށްތޯ އޮޅުންފިލުވާލިއެވެ.

ހިންދު އެޔަށް ޖަވާބު ދިނުމުގެ ގޮތުން މަޑުމަޑުން ބޯ ޖަހާލިއެވެ.

“އެކަމަކު މަންމަގެ ހުއްދަގެ ލިބިގެން ނޫންތަ މާލެ ތިއައީ.. ދެން ކީއްވެ” އަޝްވާ ހިންދު ކައިރީ އިށީންނަމުން އަހާލިއެވެ.

“މަންމަ ބުނީ މާލެ ގޮސް ކިޔަވަން ދަމުން ވަޒީފާއަށް ދާށޭ.. އަދި ލިބޭ ލާރިކޮޅު މަންމައަށް އެއްކޮށް ފޮނުވާށޭ، އަހަރެން ބުނިހާވެސް އެއްޗަކީ ކިޔެވުމަށް ބުރޫ ނާރާނަމަ އަހަރެން ވަޒީފާއަށް ދާނަމޭ.. އަހަރެންނަށް ރަގަޅަށް ވާހަކަ ނުދެއްކެނީސް މިހެން ހެދީ” ގަދަކަމުން ހީލަމުން ހިންދު ބުނެލިއެވެ. މަންމަގެ ނުރުހުމާއި ބަދު ބަސްތަކަށް އޭނާ މިހާރު ހޭނިއްޖެއެވެ.

“އަވަހަށް ހިނގާ ހޮސްޕިޓަލަށް ދާން.. ބޭސްގަނޑު ބަދަލުކުރަން، އެހެންނޫނީ ތިއަށް ވުރެ ބޮޑަށް ފާރުވާން ފައްޓާނެ” އަޝްވާ ހިންދު ގޮވައިގެން ހޮސްޕިޓަލަށް ދާން އުޅުނެވެ.

“ހީވޭތަ ދާނެހެން.. އަނިޔާއެއް ލިބުނަސް ހިންދު އުޅޭނީ އެކަން ފޮރުވަން. އަހަރެން މިހާރު ކިތައް އާދޭހެއް ކޮށްފިން ހިގާށެ ހޮސްޕިޓަލަށް ދާން. އެކަމަކު މިބީރު ކަންފަތަށް އަޑެއް ނީވޭ” މަޑުމަޑުން ހިންދުގެ ކަންފަތުގައި ހިފާލަމުން ރީމް ބުނެލިއެވެ.

“އަހަރެން މާލެ އައީ މީހުންނަށް އުދަގޫކުރާކަށް ނޫން.. ހޮސްޕިޓަލަށް ގޮސް އެތާ ކިޔޫގައި އިންނަން ތިމީހުން ފޫހިވާނެ.. ދެން އަމީހާ ދައްތައަށް އެގިއްޖެއްޔާ އަހަރެން ހޮސްޕިޓަލުގައި އެޑްމިޓު ކުރާ ހިސާބަށް ކަންތައް ދާނެ” ކޮންމެވެސް ބަހަނާއެއް ދައްކައިގެން ހޮސްޕިޓަލަށް ނުދެވޭތޯ ހިންދު އުޅުނެވެ.

އަޝްވާ އާއި ރީމް ހިންދު ކައިރީ ހޮސްޕިޓަލަށް ދާން އެތައް އާދޭހެއް ކުރުމުންވެސް ހިންދު އެކަމަށް އެއްބަސްވާކަށް ނޫޅުނެވެ. އެހެންކަމުން އަޝްވާ އަޝްވިންއަށް ގުޅައި ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. އަދި ވީހާވެސް އަވަހަށް ބޭނުންވާ ސާމާނާއެކު އެގެޔަށް އައުމަށް އެދުނެވެ.

“ބޭބެ ބުނި އެބަ އަންނަމޭ ކުޑަ އިރުކޮޅަކުން” ބެލްކަނީގައި ހުރެ އަޝްވިންއަށް ގުޅާލުމަށްފަހު އެތެރެއަށް ވަންނަމުން އަޝްވާ ބުނެލިއެވެ.

“އަޝްވިންތަ” ހެދުންތައް ދަބަހުން ނަގައި އަލަމާރިއަށް ލަމުން ދިޔަ ހިންދު ހައިރާންވެގެން ދިޔައީ އަޝްވާ ބުނި ޖުމްލައިންނެވެ.

“ސާބަސް އަދިވެސްތަ.. މިހާރު މާރީތިވެފަ ހޭންޑުސަމް” ހިންދުއާއި ދިމާކޮށްލާ ރާގަކަށް ރީމް ބުނެލިއެވެ.

ހިންދު ހުރީ އަޝްވިންގެ ވާހަކަ އަޝްވާ ކައިރިން އަހަން ނުކެރިފައެވެ. ދުވަސްތައް ފާއިތުވެގެން ދިޔަ ނަމަވެސް އޭނާގެ ހިތުން އަޝްވިންގެ ނަން ފުހެވިގެން ނުދާކަން މޫނު މައްޗަށް ވެރިވި ލަދުރަކިކަމުން ހާމަވެގެން ދިޔައެވެ.

“ގުޅާފަ ބުނޭ އަންނާނެ ކަމެއް ނެތޭ. އަހަރެން ގޮސްދާނަން ހޮސްޕިޓަލަށް” ހިތާއި ދެކޮޅަށް ހިންދު ބުނެލިއެވެ.

“އޭ ދޮގެއް ނުގުޅާތި. މިރޭ ޖެހޭނެ މިދެމީހުން ސެޓުކުރަން… އަޝްވާއަށް ނުކެރެއެއްނު އަޝްވިން ކައިރީ ހިންދުގެ ވާހަކަ ބުނެލާކަށްވެސް” ރީމް ފޯރީގައި ބުނެލިއެވެ.

“ބުނަންވީ ދޯ.. ބޭބެވެސް މިހާރު ހުސްކޮށް ހުންނަތާ ކޮން ދުވަހެއް.. ތިދެމީހުން މެރީ ކުރީމަ ހިންދު ބަދަލުވާނެ އެއްނު އަހަރަމެން ގެޔަށް… މަގޭ ފަހަރި” ހިންދުއާއި ދިމާލަށް އިގިލި ދިއްކޮށްލަމުން އަޝްވާވެސް ރީމްގެ ސަމާސާގައި ބައިވެރިވިއެވެ.

“ސުބުހާނައް ﷲ.. މިމަންޖެ ހާރޓުއެޓޭކެއް ޖެހޭނެ މިރޭ.. މިހާރުވެސް ތުރުތުރު އަޅަނީ މި… އަޝްވިން އަށް ގުޅާފަ ބުނޭ އެމްބިއުލާންސަކާއި އެކީ އަންނާށޭ.. ” ރީމް އޭނާ ކައިރީގައި ހުރި ހިންދުގެ ހަރާކަތަކަށް ބަލަމުން ބުނެލިއެވެ.

“މަޖަލެއް ނޫން އިނގޭ.. އަހަރެން އަޝްވިން ދެކެ ލޯތްބެއް ނުވޭ ” ހިންދު ދެބުމަ ގޮށްޖަހާލަމުން ބުނެލިއެވެ.

” މިހާރު ކާކު ބުނީ ހިންދު ބޭބެ ދެކެ ލޯބިވެއޭ… އެހެންވީމަ އަމިއްލައަށް އިއުތިރާފު ދޯ ތިވީ ލޯބިވާކަމަށް” އަޝްވާ ދިމާކޮށްލަމުން ބުނެލިއެވެ.

“ދެން އޯކޭ ލޯބިނުވަންޏާ.. އަހަރެން އަޝްވިން ޖަހައިގަންނާނީ.. އޭރުން ހުންނާތި ތިހެން ބުނެވުނު މޮޔަ ހިތަށް އަރާފަ” ހެމުން ރީމް ބުނެލިއެވެ.

ތިން މީހުން އެކި ވާހަކާއިގައި ތިއްބާ އަޝްވިން އެގެޔަށް އައެވެ.

“ބޭބޭ، ވަރަށް ގިނަ ދުވަސް ނަގާނެތަ ރަގަޅުވާން” އަޝްވިން ކައިރީގައި ހުރި އަޝްވާ އަހާލިއެވެ. އޭރު އަޝްވިން ދިޔައީ ހިންދުގެ އަތުގައި ބޭސްއަޅައިދެމުންނެވެ. ރީމް އާއި އަޝްވާ އެތަން ބަލަން ކައިރީގައި ތިއްބެވެ.

“ނޫން، އެހާ ގިނަ ދުވަހެއް ނުނަގާނެ” އަޝްވިން ކުރުގޮތަކަށް ޖަވާބު ދިނެވެ.

އަޝްވިން އާއި ދިމާލަށް އަތް ދިއްކޮށްގެން ހުރި ހިންދު ދިޔައީ ދޭތެރެ ދޭތެރެއިން އަޝްވިންއަށް ބަލަމުންނެވެ. ބޭސްއަޅަމުން ދާއިރު އަޝްވިންގެ ސަމާލުކަން އެހެން ކަމަށް ނެތުމުން ހިންދުގެ ބެލުންތައް އޭނާއަށް ފާހަގަވާހެން ހީނުވެއެވެ.

އެތައް ދުވަހަކަށްފަހު އަޝްވިން ފެނުމުން ހިންދުގެ ހިތުގައި ރާޅުބާންޏެއް އުފެދުނު ކަހަލައެވެ. ކުރިންވީ އެތައް އިހްސާސްތަކެއް ވާން ފެށިއެވެ. ހިތުގައި ފޮރުވައިގެން އުޅުނު ތަސްވީރު ކުރިމަތިން ފާޅުވާން ފެއްޓިއެވެ. ހަތަރެސްކަން މޫނެވެ. ތުނިކޮށް ކޮށާލެވިފައިވާ ތުބުޅިއާއި ރީއްޗަށް ފުނާއަޅާފައިވާ ފަން އިސްތަށިގަނޑެވެ. ބައިމަތި ފުޅާ ހަށިގަނޑާއި މޫނުމަތީގައި އަބަދުވެސް ހުންނަ ސީރިއަސްކަމެވެ. ކަމެއް ކުރަން ފަށައިފިނަމަ ބަހައްޓާ ފަރުވާތެރިކަމެވެ.

“ތަދުވޭތަ” ހިންދުއަށް އޭނާގެ އަޑުނީވުމުން އަޝްވިން ދެވަނަ ފަހަރަށް އަހާލިއެވެ.

“އާން…. ނޫން.. ތަދެއް ނުވޭ” ހިޔާލުގައި ޖެހިފައި ހުރި ހިންދުއަށް އަޝްވިންގެ އަޑުއިވުނީ ދެނެވެ.

“ދަރިފުޅުމުން އާދޭ ކާން” ބަދިގެ ފަރާތުން އަމީހާގެ އަޑު އިވިގެން ދިޔައެވެ. އެޔާއެކު ރީމްއާއި އަޝްވާ އެބަ އަންނަމޭ ބުނެ ދިޔައީ ބަދިގެއަށެވެ.

“މީ ކިހިނެތްވީ ކަމެއް” އެމީހުން ދިޔުމުން އަޝްވިން އަހާލިއެވެ.

ހިންދުއަށް އެސުވާލަށް ޖަވާބުދޭން އުދަގޫވިއެވެ.

“ދެން އުޅޭނީ ބަލައިގެން.. މިކަހަލަ ކަމެއް ވެއްޖެއްޔާ އަވަހަށް ޑޮކުޓަރަށް ދައްކަންވާނެ.. އެހެންނޫނީ ފާރުގަނޑު ގޯސްވެ އިންފެކްޝަންގެ އަސަރު ފެތުރިގެން ހިގައިދާނެ” ހިންދުގެ ޖެހިލުންވުން އަޝްވިންއަށް ފާހަގަވިއެވެ. ކަމެއް ސިއްރު ކުރަން އުޅޭހެން ހީވިއެވެ.

“ލައްބަ” މަޑުމަޑުން ބޯ ޖަހާލަމުން ހިންދު ބުނެލިއެވެ.

“ފެން ނުޖައްސާވޭތޯ ބަލާތި. އަދި ހޫނާއި ….” އަޝްވިން އެހެން ބުނަމުން ހިންދުއަށް ބަލާލިއެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ހިންދުގެ މޫނުގައި ލޭގެ އަސަރު ފާޅުވާން ހުރި ތަންކޮޅެވެ. ވައަތް ފަރާތުގެ ކޯތާފަތުގައި ބުރުގާގެ ކައިރިފަށުގައި ލޭގެ ރޮނގެއް ކުރެހެމުން ދިޔައެވެ.

“މީ ކިހިނެތްވެފަ” ވައަތް ފަރާތުން ހިންދުގެ ކޯތާފަތުގައި ހިފާލަމުން އަޝްވިން ކަންބޮޑުވުމުގެ ރާގަކަށް ބުނެލިއެވެ.

“ކިހިނެތްވީ” އަތް މެޔާއި ކައިރިކޮށްލަމުން ހިންދު އަހާލިއެވެ.

“އަތުގެ އިތުރުން އެހެން ތަނަކަށްވެސް އަނިޔާވި ދޯ.. މިއޮތް ލޭ ފައިބަނީ.. ތަދުވޭތަ” ހިންދުގެ ލޮލަށް ބަލާލަމުން އަޝްވިން އަހާލިއެވެ.

‘ނޫން.. ތީ ކަމެއް ނޫން” އަވަސް އަވަހަށް ލޭ އަންނަމުންދާ ތަނުގައި އަތް އަޅާލަމުން ހިންދު ބުނެލިއެވެ.

އެވަގުތު އަޝްވާ އެތަނަށް އައީ އަޝްވިންއާއި ހިންދު ކައިރީ ކެއުމަށް މޭޒުދޮށަށް އެދޭށެވެ.

“ހިނގާ ކާންދާން. ދައްތަ ބުނީ ބޭބެވެސް ކައިގެންނޯ ދާންޖެހޭނީ” އަޝްވާ ބުނެލިއެވެ. އަޝްވިންއާއި ހިންދު އާއި ތިބި ގާތްކަން އޭނާއަށް ފެނުނު ކަމުގައި ވިޔަސް އެކަން ނުފެންނަ ކަމަށް ހަދައިލައިގެންނެވެ.

“ހިންދު ޖެހޭނެ ހޮސްޕިޓަލަށް ގޮސް ލޭ އަންނަ…” އަޝްވިން އޭނާގެ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލީ ހިންދު ދެކޮޅަށް ބޯ ހޫރުވާލަމުންނެވެ.

“މިހާރު ލޭވެސް އަންނަން ފެއްޓީތަ.. ” ހިންދުގެ އާއި ދިމާލަށް އެބުރިލަމުން އަޝްވާ ކަންބޮޑުވުމުގެ ރާގަކަށް ބުނެލިއެވެ.

“ނޫން… އެތަނުން ލޭ ނާދޭ” ހިންދު އަވަސް އަވަހަށް ބުނެލިއެވެ.

“ދެން ކޮން ލެއެއްގެ ވާހަކަ ބޭބެ ތި ދައްކަނީ” ސުވާލުގެ ނަޒަރަކުން އަޝްވިން އާއި ދިމާލަށް ބަލާލަމުން އަޝްވާ އަހާލިއެވެ.

“އެއީ..” އަޝްވިން އިތުރު ބަހެއް ބުނުމުގެ ކުރިން ހިންދުއަށް ބަލާލިއެވެ. ހިންދު ސިއްރުކުރަން އުޅޭ ސަބަބެއް ނޭނގޭތީ އެވާހަކަ އިތުރަށް ދައްކަން ކުޑަކޮށް ޖެހިލުންވެފައި ހުރެއެވެ.

އަނެއްކާވެސް އެތަނުން ލޭ އަންނަ ކަމުގެ އިހްސާސް ހިންދުއަށް ވާން ފެށިއެވެ. އެހެންކަމުން އެތާގައި އަތް އަޅައި ކޮޓަރިއަށް ދާން ހިނގައިގަތެވެ.

“ހިންދު.. އޯކޭތަ ހުރިހާ ކަމެއް.. ބޮލުގައި ރިއްސަނީތަ” ހިންދުގެ ފަހަތުން ގޮސް އަރާ ހަމަކުރަމުން އަޝްވާ އަހާލިއެވެ.

“ކުޑަކޮށް.. އަހަރެން އެބަ އަންނަން މޫނު ދޮވެލައި ތާޒާވެލައިގެން” އަޝްވާއަށް ބަލާނުލައި ހިންދު ބުނެލިއެވެ.

“ބޭބެ.. ހިންދު އަށް ކަމެއް ވީތަ” ހިންދު ދިޔުމުން އަޝްވާ އަޝްވިން ކައިރިއަށް އައިސް އަހާލިއެވެ.

“ހިންދު ކައިރީ ބުނޭ މާދަން ހެނދުނު ބޭސްގަނޑު ބަދަލުކުރަން ކުލިނިކަށް އަންނާށޭ.. އަހަރެން ހުންނާނަން ޑިޔުޓީގައި” އަޝްވާ ކުރި ސުވާލަށް ދޭނެ ޖަވާބެއް ނޭނގޭތީ އަޝްވިން މައުޟޫ ބަދަލުކޮށްލަން އުޅުނެވެ.

“އަޅުގަނޑު މާދަން ހެނދުނު ޓެސްޓު އޮތީމަ ހިޔެއް ނުވޭ ހިންދު ގޮވައިގެން ދެވޭނެހެން. އަޅެ ހިނގާބަލަ ރީމް ކުރެން އަހާލަން” އެހެން ބުނެލުމަށްފަހު އަޝްވާ އަޝްވިން ގޮވައިގެން ބަދިގެއަށް ދާން ހިނގައިގަތެވެ.

 

ކެއުމަށް އިންސާފުކުރެވެން ފެށުނީ ހިންދު އައުމުންނެވެ. ކެއުމުގެ މޭޒު ދޮށުގައި އަމީހާގެ ދެމަފިރިންނާއި ، އަޝްވާއާއި އޭނާގެ ދެ އެކުވެރިންގެ އިތުރުން އަޝްވިން އިނެވެ. އަޝްވިން އިނީ ހިންދު ކުރިމަތީގައިވާ ގޮތަށް ކަމުން ހިންދުގެ މޫނު އަޝްވިންއަށް ރަގަޅަށް ފެންނަމުން ދިޔައެވެ. ދޭތެރެއަކުން އޭނާއާއި ދިމާލަށް ބަލާލާއިރު ލަދުން އަވަސް އަވަހަށް މޫނު އަބުރާލައެވެ.

ހިންދުގެ ހިތް އަވަސްވެފައި ވަނީ އޭނާގެ ހިތުގެ މިލްކުވެރިޔާ ކުރިމަތީ އިންނަން ޖެހުމުން އެކަނިއެއް ނޫނެވެ. އެޔަށް ވުރެ ބޮޑަށް މިހާރު އޭނާ ބިރުގަންނަނީ އޭނާ ސިއްރުކުރަމުން ދާ އަނިޔާތަކުގެ ވާހަކަ އަޝްވިންގެ ފަރާތުން އެހެންމީހަކަށް އަޑުއިވިދާނެތީއެވެ. ދޭތެރެއަކުން އަޝްވިންއަށް ބަލާލިއަސް އަވަހަށް ނަޒަރު އެހެން ދިމާލަކަށް ގެންދަނީ އަޝްވިންގެ ސަމާލުކަން ހޯދަން ބޭނުން ނުވާތީއެވެ. އޭނާއަށް ދިމާވެފައިވާ މަޖުބޫރީ ހާލަތު އެއްމެ ގާތް އެކުވެރިންނަށް ކިޔައިދެވޭހާވެސް ބޮޑުވީ ހެއްޔެވެ؟

އެކި ވާހަކަތަކާއި ރަހަތަކާއި އެކު ރޭގަނޑުގެ އުފާވެރި ކެއުން ނިމިއްޖެއެވެ. އަޝްވާ ގެޔަށް ދިޔުމުގެ ކުރިން ހިންދު ކައިރިއަށް ގޮސް މާދަމާ ހެނދުނު ކުލިނިކަށް ދާން ޖެހޭ ވާހަކަ ބުނެލިއެވެ.

“ކަމެއް ކޮށްދެވިދާނެތަ” ހިންދު އަހާލިއެވެ.

“ކޮން ކަމެއް.. އެއްޗެއް ބޭނުންވީތަ..  ވަޒީފާއާއި ދޭތެރޭ ވިސްނާނެ ކަމެއް ނެތް.. އަހަރެން ހުރިހާ ކަމެއްވެސް ހަމަޖައްސާލާނަން..” ފުޅާ ހިނިތުންވުމަކާއި އެކީ އަޝްވާ ބުނެލިއެވެ.

“ތިއަށް ވުރެ ބޮޑު ކަމެއް ކަންނޭނގެ ބުނަން މިއުޅެނީ…” ހިންދު ވާހަކަ ދައްކަން ފެށިއެވެ.  އަދި ކުޑަކޮށް މެދުކަނޑާލުމަށްފަހު ދުރުގައި ހުރި އަޝްވިންއަށް ބަލާލިއެވެ.

“އަހަންނަށް އަޝްވިންގެ ނަންބަރު ދެވިދާނެތަ” ކުޑަކޮށް ލޯ ކުޑަކޮށްލަމުން ހިންދު އަހާލިއެވެ. އެޔާއިއެކު އަޝްވާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

“އަހަރެން ދުށީމޭ މިރޭވެސް ދެމީހުން ސިއްރުން އުޅުނުތަން. ހީކުރީތަ ނުފެންނާނެ ކަމަށް” ކުރިން ހިނގި ކަންތަކުގެ ވާހަކަ މަޖާވެލާފައި އަޝްވާ ބުނެލިއެވެ.

“އެކަމަކު އަހަރެން ހީކުރީ ބޭބެ ކަމަށް ހިންދުގެ ނަންބަރަށް އެދޭނީ.. މަޑުން ހުއްޓަސް ވަރަށް ކެރޭ ކުއްޖެއް ދޯ މީ” ހީލަމުން އަޝްވާ ބުނެލިއެވެ.

“އަން… ފޯނުގައި ޖަހާ މިކިޔާ ނަންބަރު” އެހެން ބުނެލުމަށްފަހު އަޝްވާ އަޝްވިންގެ ނަންބަރު ހިންދުއަށް ކިޔައިދިނެވެ.

“ގުޑް ނައިޓު.. މާދަމާ ހަވީރު އަންނާން އިނގޭ” ހިންދު ގައިގައި ބައްދާލަމުން އަޝްވާ ބުނެލިއެވެ.

ވަގުތަކީ އަޝްވިން އެދިމާލަށް ބަލާލި ވަގުތެވެ. ހިންދު ހުރީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ކަމުން އަޝްވިން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ހިންދުއަށް ހީވީ އޭނާގެ ހިތް ގަނޑުފެން އެއްޗަކަށް ލީހެންނެވެ. މުޅި ހަށިގަނޑުގައި އެފިނިކަން ފެތުރިގެން ދިޔައެވެ.


 

 

“ފޯނު އަތަށް ނަގައިގެން ކިހިނެތް ވެފައި ތިއިނީ” އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން، ދެފައި ދިގުކޮށްލައިގެން، އުނގުމަތީ އޮތް ބާލީސް މަތީ އޮތް ފޯނަށް ގެއްލިފައި އިން ހިންދު ފެނިފައި ރީމް އަހާލިއެވެ.

“މިއުޅެނީ އަޝްވިންއާއި ވާހަކަ ދައްކާނެ ގޮތެއް ނޭނގިގެން. އަހަރެން ތެންކުޔޫ މެސެޖެއް ފޮނުވީމަ އޭނަ ރިޕުލައި ކުރީ “އެނީޓައިމް ” އޭ ކިޔާފަ.. ރީމް ބުނެބަލަ އަހަރެން ކީކޭތަ ކިޔަންވީ” ބޯ އަރިކޮށްލައި ރީމްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.

“ދެން ލިޔޭ.. އައި ލަވް ޔޫ.. ލެޓްސް ގެޓް މެރީޑް” ރީމް ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.

“ނޫން…ތިހާ ހިސާބަށް ދާން ބޭނުމެއްނޫން.. އަހަރެން ބޭނުމީ ކުޑަ ކަމަކު އެދެން.. އެކަމަކު ހަމަ ޖެހިލުންވަނީ ބުނަން” ހިންދު ބުނެލިއެވެ.

“ކޮން ވާހަކައެއް” ރީމް އަހާލިއެވެ.

“އެއީ ދެން ކުޑަ ކަމަކު.. އެއްޗެއް އޮޅުންފިލުވާލަންށާއި އެއްކޮށް، ނުނިދާ މަޑުކުރާތި އަހަރެން އެބަ އަންނަން ފާހަނައަށް ވަދެލާފަ” ފޯނު އެދުމަތީ ބޭއްވުމަށްފަހު ހިންދު ދިޔައެވެ.

ހިންދު ދިޔުމާއި އެކު ރީމްގެ ތުންފަތްމަތީ ކުޅެނީ ސަމާސާ ހިނިތުންވުމެކެވެ. ލަސްނުކޮށް މެސެޖުބައި ހުޅުވާލުމަށްފަހު އަޝްވިންއަށް ފުލުފުލުގައި ތިން މެސެޖުކޮށްލިއެވެ.

ހިންދު ފާހަނައިން ނުކުމެގެން އައިއިރު ރީމް އޮތީ ނިދާފައެވެ. އަޝްވިންއަށް މެސެޖުކުރާނަމޭ ހިތައި ހިންދު ފޯނު ނެނގިއެވެ. ނަމަވެސް އެތައް މިނިޓެއް ފާއިތުވެގެން ދިޔައީ ލިޔާނެ އެއްޗެއް ނުވިސްނުމުންނެވެ. ދެތިން ފަހަރު އަޝްވިންގެ ނަން ކިޔުމަށްފަހު ފޮހެލައެވެ.

“ގުޑް ނައިޓު ކިޔާލަންވީތަ..ނޫން.. އޭރުން ހީވާނީ މާގާތްވާން އުޅޭހެން”ކުޑަކޮށް ވިސްނަން އިދެފައި އަމިއްލަ ނަފުސާއި މުހާބަތުކޮށް ހިންދު ބުނެލިއެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ބީނިޝް… 05

Next

ތިޔަ އަސަރު 2

Next
January 18, 2018

ތިޔަ އަސަރު 2

Previews
January 18, 2018

ބީނިޝް… 05

12 Comments!

  1. maroon says:
    January 18, 2018 at 4:56 pm

    salaam, mi story up vaany five days a week except this week. mi week hurihaa dhuvahehgga up kuraanan. Thank you for waiting. nan nubunyas inthizaaru kudhin ufaa vaan kamah heekuran. Tc and good night

  2. sam♥ says:
    January 18, 2018 at 5:07 pm

    hey roon is back

    1. sam♥ says:
      January 18, 2018 at 5:31 pm

      wow roon its beautifull .. v reethii . waiting next part love u .. ♥♥♥

    2. maroon says:
      January 19, 2018 at 12:35 pm

      Thanks love ?

  3. Pinky shifoo says:
    January 18, 2018 at 5:41 pm

    Ohhh ??… Maroon your back ??… I was surprised. Varah varah inthizaaru kuramun anna vaahaka eh mee.. Vaahakaige feshun varah varah reethi n intresting ????.. Maroon ge hurihaa vaahaka ehvx varah varah reethi ???.. I read all ur stories.. It was superb hama ??.. Bt commenteh nukuran eyru.. I’m soooooo happy that ur back.. I’m a big fan of u maroon… Hope kuran varah avahah nextpart kiyaalan libeyne kamah ????.. Good night..

    1. maroon says:
      January 18, 2018 at 5:51 pm

      . comment kollythy v ufaa vejje thank you dear ?? next part mihaaru kiyaalan libeyne.

  4. Choppi says:
    January 19, 2018 at 9:35 am

    Haadha inthizaareeh kurevijje ey mi story ah… Finally …

    1. maroon says:
      January 19, 2018 at 9:39 am

      Dhw ?

  5. Saa Asoom says:
    January 19, 2018 at 11:22 am

    Saja’ath Shareef

  6. Saadhu says:
    January 19, 2018 at 4:16 pm

    Alhey maroon haadha dhuvahege inthuzaare ge fahunay dhw vahakaye kiyaala mi libunee.v v v reethi.

    1. maroon says:
      January 19, 2018 at 8:03 pm

      Dhw saadhu ? inthizaaru kureethy v ufaa vejje. Thanku

  7. jousha says:
    February 6, 2018 at 5:39 am

    very nice

Comments are closed.


All Right Reserved!