
“ކަލޭ ތިހުންނަނީ ކަލޭގެ ބަނޑުގައި ތިވާ ދަރިފުޅު ދެކޭ ހިތުން ކެތް މަދުވެފަ ދޯ!” އަހަރެންވެސް މިހުރީ އެދުވަހަކަށް ކެތްމަދުވެފަ ބަނޑުއަޅާ ވިހާ ދަރިފުޅު މަރުވުމުން މައި މީހާގެ ހިތަށް ކުރާއަސަރު މިފަހަރު ކަލެއަށް ދައްކާނަން!” އެޖިންނި ބުނެލިއެވެ. އަދި ގެއްލިއްޖެއެވެ. އޭތި ގެއްލުމާއެކު އީނާޝްއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.
“މަންމާ ކޮންފިކުރެއްގަ…؟” ހަނީފާ ކޮޓަރިން ނިކުތްއިރު ގޭގެ ބޮޑު ކޮޓަރީގަ ފުންހިޔާލެއްގެ ތެރެއަށް ގެއްލިފަ އިން މަންމަ ފެނުމުން ހަނީފާ އަހާލިއެވެ. ހަނީފާގެ އަޑަށް މަންމަ ބަލާލިއެވެ. އެހެން ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަނެއްފަރާތަށް އެނބުރުނެވެ.
“މަންމާ ކަމަކާ ހިތްހަމަ ނުޖެހިފަތަ..؟” ހަނީފާ ގޮސް މަންމަ ކައިރީގަ އިށީނެވެ.
“ދަރިފުޅާ މަންމަ ފިކުރުބޮޑުވީމަ ފިކުރު ބޮޑުވާވާހަކަ ތިބުނަނީ އަހަރެންގެ ހުރި ހަމަ އެކަނި ދަރިފުޅު ރޮއެހިތާމަކުރާއިރު އަހަރެންނަށް ލޯމަރާލައިގެން ހުރެވޭނެތަ؟ މަންމަ މިފިކުރު ބޮޑުވަނީ ދަރިފުޅުގެ ކަންތަކާ! ދަރިފުޅު ތިއުޅޭ ހިތްދަތި ހާލާމެދު” މަންމަ ވާހަކަ ދެއްކިއެވެ. އެއަޑުގައި ހިސާބަކަށް ނުރުހުމުގެ އަސަރު ހިމެނެއެވެ.
ހަނީފާ ހިތުން އޭނާއުލޭ ހިތްދަތިހާލު އޭނާގެ މަންމައަށް ދަނީ ސިއްރުކުރަމުންނެވެ. އޭނާ ހިތާމަކޮށް ރޮއެ ހަދާތަން އެއްވެސް ވަރަކަށް އޭނާގެ މަންމަ އަކަށް ނޭނގޭނެއެވެ. އެހެނަސް ކަންތައް ވަމުންދިއައީ ހަނީފާ ހީކުރި ގޮތަކަށް ނޫނެވެ. އޭނާގެ މަންމަ ދިއައީ އޭނާކުރާ ހިތާމަތައް ބަލަމުންނެވެ. ހަނީފާ ރޯތީ ކިތައްމެރެއަކު ވަނީ މަންމައަށް ފެނިފައެވެ. އާބިދާއަށް ނޭގޭހާވެސް ކަމަކީ ހަނީފާ އަބަދު ރޯން ޖެހޭ ސަބަބެކެވެ. އޭނާހިތާމަކުރަންޖެހޭ ސަބަބެވެ. މިހާރަކަށް އައިސް އާބިދާގެ އެއްމެ ބޮޑު ފިކުރަކަށް ވެފައިވަނީ މިކަންތަކެވެ. އޭނާ އޭނާގެ ދަރިފުޅުކުރެން ހިތާމަކުރަނީ ކޮންސަބަބަކާތޯ އެހުނު އަދަދެއް ނޭނގެއެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް ހަނީފާ އޭނާގެ މަންމައަށް އެސުވާލުގެ ޖަވާބެއް ނުދެއެވެ.
” ދެން ތިކަމާ އެހާބޮޑަށް ނުވިސްނާ އަހަރެން ހިތާމައެއް ނުކުރަމޭ!” ހަނީފާ އޮޅުވާލިއެވެ. ހަނީފާ މިހެން ބުނުމުން އޭނާގެ މަންމަ ދެރަވިއެވެ. އަދި އިންތަނުންތެދުވެގެން ހިގައްޖެއެވެ. ދަރިފުޅު އެހަދަނީ ދޮގުކަން އޭނާއަށް އެނގޭތީ ހިތްހަމަ ނުޖެހުނުލެއްބޮޑުކަމުންނެވެ. އޭނާ އެއްމެ ދެރަވީ އެއީ އޭނާގެ ދަރިފުޅަށް ވީއިރު އޭނާއަށް އިތުބާރު ނުކުރާތީއެވެ.
އާބިދާ އެއްމެ ފަހުން ނިންމީ ކޮންމެގޮތެއް ހަދާފަވެސް އޭނާގެ ދަރިފުޅު އެކުރާ ހިތާމައިގެ ސަބަބު އޮޅުން ފިލުވާށެވެ. އެގޮތުން އޭނާގެ ސިކުނޑި އޭނާއަށް ވިސްނައި ދިނީ ހަނީފާގެ ކޮންމެވެސް ރައްޓެއްސަކާ އެކަމާ ގުޅޭގޮތުން މަސްވަރާ ކުރުމަށެވެ. ހަނީފާ އޭނާކައިރި ނުބުންޏަކަށް ފަހަރުގަ ރައްޓެހި ކުއްޖާއަށް ކިޔައިދީފާނެއެވެ. އާބިދާ ނިންމީ އަނީސާއާއި ބައްދަލުކޮށް އެވާހަކަ ދައްކާށެވެ.
ދުވަސްތައް ފާއިތު ވަމުންދެއެވެ. އީނާޝްގެ ބައްޔަކަށް ލުއެއްނުލިބެއެވެ. އެޖިންނީގެ ފަރާތުން އެކިކަހަލަ އަނިޔާއާއި ގޯނާތައްލިބެމުންދެއެވެ. އޭތީގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކުގެ ސަބަބުން މިހާރު އެފަކީރުގެ ލޮލުގެ އަލިކަންވެސް ވަނީ ގެއްލިފައެވެ. އީނާޝްއަށް އޭނާގެ ލޮލަށް ނުފެންނަކަން އެނގުނީ އެއްދުވަހަކު ހޭލިވަގުތު އެއްވެސް ތަނެއް ނުފެނުނީމައެވެ. އެފަކީރު އެދުވަހު ވަރަށް ރުޔެވެ. އޭނާ ދެކެނީ މިހާރު އެއީ މިދުނިޔެއަށް ގިނަވެފައިވާ މީހެއްގެ ގޮތުގައެވެ. ހިތާމަކޮށް ރުއިން ނޫން އެހެން ކަމެއް ނުކުރެވެއެވެ. ދެން އޮތީ އެޖިންނީގެ ފަރާތުން ލިބޭ އަނިޔާތަށް ތަހައްމަލް ކުރުމެވެ. އެކަމުގެ ސަބަބުން އީނާޝްގެ އެރީތި ހަށިގަނޑު މިލާމޯޅިވެ ހިކި އަނަރޫފަ ވަމުންދިއައީ މީހަކުން ބިރުން ހަލާކުވާހާ ވަރަށެވެ. އާސިމްގެ ކެތްތެރިކަން ކޮޅުންލާފިއެވެ. އަނބިމީހާ ފަރާތުން އެއްވެސް ކަހަލަ އުފަލެއް ލިބޭގޮތް ނުވާތީ އެހެން މަގެއް ހިޔާރުކުރަން މަޖުބޫރުވެއްޖެއެވެ.
“ކަލެއަށް އެނގޭތަ؟ ކަލޭގެ ފިރިމީހާވެސް މިހާރު ކަލޭ ދެކެ ލޯތްބެއް ނުވޭ އޭނާ މިހާރުވެސް ވީ އަނީސާ އާއެކު އަނީސާގެ ކޮޓަރީގަ! ދެން މާގިނަ ދުވަހެއް ނުވެ އާސިމް ކަލޭ ވަރިކޮށްލަފާނެ! އަހަރެން ބޭނުންވާ ގޮތަކީވެސް އެއީ” ޖިންނި ބުނެލިއެވެ.
“ނުވާނެ އެހެނެއް ކަލޭ ތިހަދަނީ ދޮގު އަހަރެންގެ އާސިމް އަހަރެންނަށް ބޭވަފާތެރިއެއް ނުވާނެ ކަލޭ ތިހެން ބުންޔަސް މަށެއް ގަބޫލެއް ނުކުރާނަން!” އީނާޝް އަކަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ ގަބޫލުކުރާކަށް ބޭނުމެއްވެސް ނޫނެވެ. އާސިމް އޭނާދެކެ ލޯބިވާވަރު އޭނާއަށް އެނގެއެވެ. އޭނާ އޭނާގެ ލޯބިވާ ފިރިމީހާއަށް އިތުބާރުކުރެއެވެ.
“ކަލޭ ގަބޫލުކުރިއަސް ނުކުރިއަސް މީހަމަ ހަގީގަތް!” އަނެއްކާވެސް އެޖިންނި ބުނެލިއެވެ. އީނާޝް ހަމަ ހޭވެރިކަން ކެނޑި ޖިންނީގެ ބާރުގެ ދަށަށް ދިއުމުން އީނާޝްއަށް ހަމަ ބަރާބަރަށް ފެނެއެވެ. ނަމަވެސް ދުނިއެއަށް ހޭވެރިކަން ވާއިރަށް ދެން އެއްވެސް ތަނެއް ނުފެނެއެވެ.
އީނާޝް އޭނާގެ ފިރި މީހާއަށް ޝައްކުކުރާކަށް ބޭނުމެއްނުވެއެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް އާސިމްގެ އުޅުން ހުންނަ ގޮތުން އާސިމްއަށް ބަދަލުތަކެއް އައްނަމުންދާ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިއައެވެ. ގޭގަ އުޅޭ ވަގުތު މަދުވުމާއި އޭނާއާއި ވާހަކަ ދައްކާ އުޅޭލެއް ވެސް މަދުވަމުން ދިއުމާއެކުއެވެ. އީނާޝް މިހާރު އެކަމާ ދެފަހަރަކު އާސިމްއާއި ސުވާލުވެސް ކޮށްފިއެވެ.
“އާސިމް މިހާރު ހާދަ ބަދަލުވެއްޖޭ!” އާސިމް ފެންވަރައިގެން ނިކުމެ ބޯހިއްކަން ފަންކާ ދޮށުގަ ހުއްޓާ އީނާޝް ވާހަކަ ދައްކަންފެށިއެވެ. އީނާޝް އޮތީ އޭނާގެ އެނދުގައެވެ.
“ތީހަމަ ހީވާލެއް އަހަރެންނަކަށް އެއްވެސް ބަދަލެއްނާދޭ! ލޯބީ މިދުވަސްކޮޅު މިއުޅެނީ ހަމަ ބިޒީކަމުން ހިންދަމާނުލެވިގެން!” އާސިމް ބުނެލިއެވެ. އަދި ތުވާލި ގެންގޮސް ތުވާލި އަޅުވާ ހަރުގަނޑުގަ އަޅުވާލިއެވެ. އާސިމްގެ ވާހަކަތަކުން އީނާޝްއަށް ހިސާބެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.
” ލޯބީ އަހަރެން މިހާލުގާ ވަނިކޮށް ދެރައެއް ނުދެއްޗޭ އިތުރު ހިތާމަތަކެއް ބަރުދާސްތު ކުރާނެ ހިތްވަރެއް މިއަދު މަގޭ ހިތަކަށް ލިބިގެނެއް ނުވޭ!” އީނާޝް އެދުނެވެ. އެއަޑުގައި ވަނީ ހިތާމަޔާއި ހިތްދަތި ކަމުގެ އަސަރެވެ.
“އީނާޝް އަހަރެންނާއި ދޭތެރޭގަ ތިކަހަލަ ކުއްހީއެއް ކުރީތީވެސް ހިތަމަކުރަން….އަހަރެން މިހުރީ އަހަރެންގެ މުޅިއުމުރު ކަލާޔާއެކު ހޭދަކުރަން އަހަރެން ދުވަހަކުވެސް ކަލާޔަށް ދެރަގޮތެއް ނަހަދާނަން އަހަރެން ކަލާދެކެ މިވާލޯތްބަކީ އެއަށްވުރެ މާސާފު ތެދުވެރި ލޯތްބެއް” އާސިމް އައިސް އީނާޝްގެ ގައިގަ ބައްދާލިއެވެ. އެއާއެކު އީނާޝްގެ ހިތުގަ އުފެދުނު ނުތަނަ ވަސްކަން ފިލާ ހިތަށް ހަމަޖެހުން ގެނުވިއެވެ. އަދި އޭނާދެކެ އެހާވަރަށް ލޯބިވާ މީހަކާ ދޭތެރޭގަ ޝައްކުކުރެވުނަތީ އޭނާގެ އަމިއްލަ ނަފުސައް މަލާމާތްކުރިއެވެ.
“ސޮރީލޯބީ ޝައްކު ކުރެވުނަތީ މާފައް އެދެން! އަސްލު އެޖިންނި ކީއެއްޗަކުން މިހެންވީ….!” އީނާޝް ފިރިމީހާގެ މޭގަ ބޯޖައްސާލައިގެން އޮވެ ބުނެލިއެވެ.
“އެޖިންނި ކިޔާފާނެ ކޮންމެފަދަ އެއްޗެކޭވެސް އޭތި ދައްކާ ވާހަކަ ގަބޫލު ނުކުރާތި އިނގޭ!” އާސިމް ބުނެލިއެވެ. އަދި އަލަމާރި ހުޅުވާލުމަށް ފަހު ގަމީހެއް ނަގައިގެން ގަމީސްލަމުން ލަމުން ކޮޓަރިން ނިކުތެވެ. އީނާޝް އެނދުގައި އޮށޯވެލީއެވެ.
ހަނީފާގެ މަންމަގެ އެދުމުގެ މަތިން އަނީސާ އޭނާގެ ރަހުމަތްތެރި ހަނީފާއާއި ބައްދަލު ކުރަން ނިންމިއެވެ. މިހެންވެ ގޭތެރޭގަ ކުރަން ހުރި މަސައްކަތްތައް ނިންމާލުމަށްފަހު ފެންވަރާލައިގެން ހަނީފާ އާއި ބައްދަލުކުރުމަށްޓަކައި އެގެއަށް ދިއައެވެ. އެއީ ހަވީރުގެ ވަގުތެކެވެ.
“އައްސަލާމް އަލައިކުމް!” އަނީސާ ހަނީފާމެންގޭ ދޮރާށި ހުޅުވާލުމަށްފަހު އެތެރެއަށް ބޯދިއްކޮށްލަމުން ގޮވާލިއެވެ..
“ވާލައިކުމުއްސަލާމް” އެތެރިން ޖަވާބު ދިނީ ބަދިގެ ފަރާތުގައި މަސްކަނޑަން އިން ހަނީފާގެ މަންމައެވެ. އަނީސާ ދޮރާށި ހުޅުވާފަ އެތެރެއަށް ވަދެއްޖެއެވެ. އަދި ހަނީފާގެ މަންމަ ކައިރިއަށް ދިއައެވެ. އަދި އަތުގެ އިޝާރާތުން ހަނީފާ ކޮބައިހޭ އަހާލިއެވެ.
“އަވަހަށްދޭބަ ވެއްޖެ ކޮޓަރީގަ މިހާރުވެސް އޮތީ ރޯން! އެކަމަކު އަހަރެން ރޮނީއްޔެއްނޫންހޭ އަހާއިރަށް އެކަމާ އިންކާރުކުރަނީ…ނުރޮމޭ ބުނެ އޮޅުވާލަނީ” އާބިދާ ބުނެލިއެވެ.
“އަޔާއެބައުޅޭތަ؟” އަނީސާ އަހާލިއެވެ.
“ނޫޅެ އަޔާވީ ކުޅެންގޮސް ދެން އައްނާނީ އިރުއޮއްސި އަނދިރިވާފަހުން” އާބިދާ ޖަވާބު ދިނުމަށް ފަހު އަނެއްކާވެސް މަސްކަނޑަން ފެށިއެވެ.
އަނީސާ ގޭތެރެއަށް ވަދެގެން ގޮސް ހަނީފާގެ ކޮޓަރި ދޮރުމަތީގަ ހުއްޓުނެވެ. އޭރު ކޮޓަރިތެރެއިން ހަނީފާ ރޯއަޑު އިވެއެވެ. އަނީސާ ކުޑަކޮށް ވިސްނާލުމަށްފަހު ދޮރުގަ ޓަކި ޖަހާލިއެވެ. ހަމަ ދޮރުގަ ޓަކި ޖަހާލުމާއެކު ހަނީފާގެ ރުއިމުގެ އަޑު ކެނޑުނެވެ. ކުޓަރި ދޮރުގައި ކޮންމެވެސް މީހަކު ތަކިދިން އަޑު އިވުމާއެކު ހަނީފާ ސިއްސައިގެން ދިއައެވެ. އޭނާ ހީކުރީ އެއީ މަންމަ ކަމަށެވެ. މިހެންވެ އަވަސް އަވަހަށް ލޮލުން ފައިބަމުން ދިއަ ކަރުނަތައް ފޮހެލާ އެދުން ތެދުވިއެވެ. ހަނީފާގެ ހަބަރެއް ނުވެ ލަސްވާން ފެށުމުން އަނީސާ އަނެއްކާވެސް ދޮރުގައި ޖަހާލިއެވެ. އަދި ހަނީފާއޭ ކިޔާ ގޮވާލިއެވެ. ހަނީފާއަށް އަނީސާގެ އަޑު އިވުމުން އިތުރު ސިހުމެއް ލިބުނެވެ.
“މަޑުކޮށްލާ! މިހުޅުވަނީ” ހަނީފާ ބުނެލިއެވެ. އަދި އަވަސް އަވަހަށް ފާހާނާއަށް ވަދެ މޫނުދޮވެލައިގެން ނިކުމެ ދޮރު ހުޅުވާލިއެވެ.
“އަހަނ އަނީސާ ހާދަ ނުގަޑިއެއްގައި ކޮންވަޑާމެއް؟” ހަނީފާ އަށް އޭނާގެ އެކުވެރިޔާ ފެނުމާއެކު އަހާލިއެވެ. ހަނީފާ މަސައްކަތް ކުރަމުން ދިއައީ އޭނާ ކުރަމުންގެންދާ ހިތާމަތައް އެކުވެރިޔާއަށް ސިއްރުކުރެވޭތޯއެވެ. އަނީސާއަށް އެކުވެރިޔާ ފެނުމާއެކު އޭނާހުރި ހާލު އެނގުނެވެ. އެކުވެރިޔާގެ ދެލޯވަނީ ރަތްވެ ވަޅުވަދެފައެވެ. މުޅިމީހާ މިލާމޯޅިވެފައިވާއިރު ހަނީފާގެ އެއޮށްރީތި ހަށިގަނޑު މިހާރު އެވަނީ ހިކި އަނަރޫފަވެފައެވެ. މިމަންޒަރުތައް ފެނުމާއެކު އަނީސާ ވަރަށްދެރަވިއެވެ. އަނީސާ ކޮޓަރިތެރެއަށް ވަދެ އެނދުގައި އިށީނެވެ.
“ނުގަޑިއެކޭ މީ ނުގަޑިއެއްތަ އެކުވެރިން އެކަކު އަނެކަކާ ބައްދަލުކުރުމުގައި ވަކި ގަޑިއެއް ނުގަޑިއެއް އޮވޭތަ؟” އަނީސާ ހަނީފާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ހަނީފާ އެކުވެރިޔާގެ މޫނަށް ބަލަން ނުކެރިގެން އިސްދަށަށް ޖަހާލިއެވެ. އަދި އެނދުގެ ބޯލާކޮޅުގަ އޮތް ބާލީސް ނަގާ ރީތި ކޮށްލުމަށްފަހު އަނީސާ އާއި ދާދި ކައިރީގައި އިށީނެވެ.
“ދެން ބުނެބަލަ މިއަދު ކުއްލިއަކަށް އަހަރެންގެ މަތިން ހަނދާންވީ އަނެއްކާ ކިހިނެއްވީ؟” ހަނީފާ ވާހަކަ ދައްކަންފެށިއެވެ.
“އަހަރެން އަބަދުވެސް ހަނީފާ މަތިން ހަނދާންވޭ އެކަމަކު އުޅޭލެއް ބިޒީވީމަ ނާދެވެނީ…… އެކަމަކު އަހަރެންނަށް ނާދެވޭ އިރު ހަނީފާ އެއްމެ ފަހަރަކު އަހަރެން މިއުލޭ ހިސާބައް ޖައްސާލިއްޔާ ކީއްތަވާނީ” އަނީސާ ބުނެލިއެވެ.
“ބިޒީކަމުން ނުދެވެނީއޭ…!” ހަނީފާ ބުނެލިއެވެ.
“ބިޒީއޭ…! ބިޒީވާން ކޮންކަމެއް ކުރަނީ ތިހެން އަބަދު ކޮޓަރީގަ އޮވެ ރުއިންދޯ…!” އަނީސާ ބުނެލިއެވެ.
“އޭނ! ރުއިމޭ ކާކުބުނީ މަށެއް ނުރޮން……” ހަނީފާ އޮޅުވާލިއެވެ. އަދި އެކުވެރިޔާއަށް ފުރަގަސް ދިނެވެ. “ހަނީފާ ތިއޮޅުވާލަނީ އަހަރެންނައްތަ؟ ހަނީފާ ނުރޮމޭ ހިތާމައެއް ނުކުރަމޭ ކިޔާފަ އަހަރެމެނަށް އޮޅުވާލެވިދާނެ އެކަމަކު އެކަން އެކުވެރިޔާ ފެންނަ އެއްވެސް މީހަކަށް ސިއްރެއްނުކުރެވޭނެ އެކުވެރިޔާގެ ދުލުން އެހެން ބުންޏަކަސް އެކުވެރިޔާގެ މޫނާ ދެލޯ އަދި ހަށިގަނޑުން އެކުވެރިޔާ ތިހަދަނީ ދޮގުކަމަށް ހެކިދޭ!” އަނީސާ އޭނާއަށް ފުރަގަސްދީގެން އިން އެކުވެރިޔާ އޭނާއާއި ދިމާލަށް އަނބުރާލިއެވެ.
“މިއަދު އަހަރެން މިތަނުންދާނީ ހަނީފާ ތިކުރާ ހިތާމައެއްގެ ހަގީގަތް ކިޔާދިނީމަ!” އަނީސާ ބުނެލިއެވެ. އެކުވެރިޔާ މިހެން ބުނުމުން ހަނީފާ އެކުވެރިޔާގެ މޫނަށް ބަލާލިއެވެ.
“ހަނީފާ އެކަނިމާއެކަނި ސިއްރުން ރޮއެ ހިތާމަ ކުރުމަކުން ލިބޭނެ އެއްވެސް ފައިދާއެއް ނޯއްނާނެ ތިދެލޮލުގެ ތެރެއަށް ޖަމާވަމުންއެދާ ކަރުނަތިކިތަކާ ތިހިތުގަ އަޅާވޭނެއްގެ ބޮޑުކަމުގެ އިހުސާސް މިހާރު ފެންނަކަހަލަ ….! އަލެ ހެޔޮނުވާނެ އެކުވެރިޔާ މަށަށް ތިވެގެން އުޅޭ ގޮތެއް ކިޔާދީބަ!” އަނީސާ އެކުވެރިޔާގެ އަތުގައި ހިފާ އަނީސާ އާއި ދިމާއަށް ދަމާލިއެވެ.
“ބުނެބަލަ ކިއްވެތަ ކިޔާދޭން ނުކެރިގެން ތިއުޅެނީ….އަޔާއާއި މައްސަލައެއް ޖެހުނީތަ ނޫނީ ބަލީތަ؟ ތަނެއްގަ ރިއްސަނީތަ ؟” އަނީސާ ވަރު ވަރުން ސުވާލުކުރަމުން ގެންދިއައެވެ. ހަނީފާ ހަދާނެ ގޮތަކާއި ދޭތެރޭގަ ވިސްނަމުން ގެންދިއައެވެ..
“ހަނީފާ! އަހަރެން މީ ހަނީފާއަށް ހެއޮއެދޭ ގާތް ރަހުމަތްތެރިއެއް ކަމަށް ގަބޫލުކުރަންތަ ؟” ހަމަ ހިމޭނުން އިން ހަނީފާއަށް އަނީސާ އަނެއްކާވެސް ސުވާލުކުރިއެވެ. ހަނީފާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
“ތިހެން ވިއްޔާ އެއްވެސް ކަމެއް ސިއްރު ނުކޮށް މަށަށް ކިޔާދީ އަހަރެން ތިކަމުގަ ހަނީފާއަށް އެހީތެރިވެދޭނަން…ޕުލީސް ކިޔާދީބަ…!” އަނީސާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
“އަހަރެން މިވާހަކަ ކިޔާދޭން ބޭނުން އެކަމަކު މިވާހަކަ ކިޔާދިނުމުންދެން އަނީސާއަށް ގެއްލުމެއް ލިބިދާނެހެން ހީވާތީ ޖެހިލުންވަނީ….!” އެއްމެ ފަހުން ހަނީފާ ވާހަކަ ދައްކަން ފެށިއެވެ.
“އޭނ! އަހަރެންނަށް ގެއްލުމެކޭ..! އަނެއްކާ ރޫހާނީ ކަންތައް ގަނޑެއް އުޅެނީތަ؟” އަނީސާ ހިސާބަކަށް ޖެހިލުންވާގޮތް ވިއެވެ.
“ނޫން ރާހާނީ ކަންތައް ގަނޑެއްނޫން..!” ހަނީފާ ބުނެލިއެވެ. އޭރު އަނީސާ އިނީ ވަރަށް ޝައުގުވެރި ކަމާއެކު ހަނީފާގެ މޫނަށް ބަލަހައްޓައިގެނެވެ.
“ތިހެން ވިއްޔާ އަހަރެންނަށް ވެދާނެ ގެއްލުމަކާ ދޭތެރޭ ވިސްނާނެ ކަމެއްނެތް އަވަހަށް ކިޔާދީ!” އަނީސާ ބުނެލިއެވެ. ހަނީފާ އެކުވެރިޔާގެ މޫނަށް ބަލާލިއެވެ. “
އަހަރެން މިވާހަކަތައް މަންމައަށް ސިއްރުކުރަނީވެސް ހަމަ މިސަބަބަށްޓަކާ މަންމަގެ ފުރާނައަށް ލިބިދާނެ ގެއްލުމަކަށް ގައްނަ ބިރެއްގެ ބޮޑުކަމުން!” ހަނީފާ ވާހަކަ ފެށިއެވެ. އެކުވެރިޔާގެ މިވާހަކަ ތަކުން އަނީސާއަށް ވިސްނުނީ ވަރަށް ނުރައްކާތެރި ކަންތައްގަނޑެއް ކުރިމަތިވެގެން އުޅޭ ކަމެވެ.
ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ. އަނީސާ ބޭނުންވަނީ އެކުވެރިޔާއަށް މިދިމާވެގެން އުޅޭ ކަންތައްގަނޑުގެ ހަގީގަތް އޮޅުން ފިލުވާށެވެ. މަރުވާނީއެއްމެ ފަހަރަކުތާއެވެ. އަނީސާ ކިޔާކިޔާ ކުރުނުކޮށްގެން ހަނީފާ އޭނާގެ ވާހަކަ ތައްއެކުވެރިޔާއަށް ކިޔައިދޭން ފެށިއެވެ. ކައިވެނީގެ ފުރަތަމަ ރޭއިންފެށިގެން މިހާތަނަށެވެ. ހަނީފާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަތައް އިވެމުންދިއަ ވަރަކަށް އަނީސާގެ ހިތުގައި ޖެހި އޭނާގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވަމުން ދިއައެވެ. ހަނީފާގެ ވާހަކަތައް ކިޔައިދީ ނިމުނު އިރު އަނީސާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އޭރު ހަނީފާއަށް ވަނީ ރޮވި ގިސްލެވިފައެވެ.
“އެކުވެރިޔާ ބުނެބަ އަހަރެންނަށް މިއަނިޔާ ވެރިޔާގެ ކިބައިން ސަލާމަތް ވެވޭނެ ގޮތެއް އެބައޮތްތަ؟ މިކަމާ ދެކޮޅަށް އަހަރެން އެއްމެ ފިޔަވަޅެއް އެޅިއަސް މަގޭ މަންމަގެ ދުވަސް ދުއްވާލާނެ..!” ހަނީފާ ގެ އަޑު ބެދުނެވެ.
“އެކުވެރިޔާ ނުރޮއެ އިރާދަފުޅު ކުރެއްވިއްޔާ އެނުލަފާ ސައިތާނުގެ ކިބައިން ހަނީފާ ސަލާމަތްކުރާނަން! ހަނީފާ މިވާހަކަ މަށަށް ކިޔާދިންކަން ސިއްރުކޮށްފަ ބާއްވާ އިނގޭ ދެން ކަންތައްކުރާނެ ގޮތް އެނގޭނީ ފުލުހުންނަށް!” އަނީސާ ލޮލުން ކަރުނަތައް ފޮހެލުމަށްފަހު ބުނެލިއެވެ.
“މިހާރު އަޔާ އައްނަން އުޅޭނެ ކަންނޭނގެ ދެން އަވަހަށްދޭ އިނގޭ!” ހަނީފާ ކޮތަރިފާރުގަ އިން ގަޑިއަށް ބަލާލަމުން ބުނެލިއެވެ.
” އަހަރެން ހިއެއް ނުކުރަން އަޔާ އެއީ ތިފަދަ ނުލަފާ މީހެއްކަމަކަށް އަނީސާގެ ހިތުގައި އަޔާއާއި މެދު ނަފުރަތުގެ އަލިފާންގަނޑު ރޯވެ އަނދަން ފެށިއެވެ.
އަނީސާ އެގެއިން ދިއުމުގެ ކުރީގަ ހަނީފާގެ މަންމައަށް އެހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެވާހަކަތައް ކިޔައިދިނުމުން އާބިދާއަށް ވެސް ރޮވުނެވެ. އޭނާގެ ދަރިފުޅު އެކުރަމުންދިއަ ހިތާމަތައް އެނގުމުން އެކަމާހިތާމަ ނުކުރާނެ މީހަކު ނުހުންނާނެއެވެ. ހިތެއް އޮތް މީހަކަށް ވިއްޔާ އަސަރުނުކޮށެއް ނުހުންނާނެއެވެ. އެއީ އާބިދާ ގެ ބަނޑުއަޅާވިހޭ އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ވީމާ މައިލަގޮނޑިއަށް ކެތްވާނީ ކިހިނެތްތޯއެވެ.
“ދައްތާ ކެތްތެރިވޭ ނުރޮއެ ހުއްޓާލާ ހިތްވަރުކުރަންވާނެ މިދަނޑިވަޅުގަ ވަރަށް ވިސްނަން ޖެހޭނެ އެހެންނޫނީ މިކަންތައް މުޅިން ގޯހުން ގޯހަށްދާނީ އަހަރެން ބުނަން ދެން އެއްވެސް ކަމެއް އެނގުނު ކަމަށް ނަހަދާ މަޑުމަޑުން ހުރޭ އިނގޭ!” އަނީސާ ހިތްވަރު ދިނެވެ. އަދި ކަންކުރަންވީ ގޮތްވެސް ކިޔައިދިނެވެ.
ނުނިމޭ
10
One Comment
Comments are closed.
ree thi next part upload kohdhyba