އިހުސާސް (ފުރަތަމަ ބައި)
ހޯލު ތެރޭތިބި އެންމެން ތިބީ ވާނުވާ ނޭނގިފައެވެ. މީގެ ކުޑައިރު ކޮޅެއްކުރިން އެކި ކުލަ ކުލައިގެ ބޮކިތަކުން ދިއްލާފައި އޮތް ހޯލުތެރެއަށް މިހާރު ވެރިވެފައި ވަނީ ކަނު އަނދިރިކަމެވެ. އެރޭ ސެންޓްރަލް ހޯލުގައި ޑިއުޓީ އަދާ ކުރަމުން ދިޔަ މުއައްޒަފުންގެ ތެރެއިން ދެތިން މުއައްޒަފުން އަވަސްވެގަތީ ހޯލަށް އަވަހަށް ކަރަންޓު ހޯދާދެވޭތޯއެވެ.
ކުޑައިރުކޮޅެއްގެ އަނދިރި ކަމަށްފަހު މުޅިތަން އަލިވެގެން ދިއުމާއެކު އިވުނީ އަންހެނެއްގެ ހަޅޭކުގެއަޑެވެ. ހަފްލާއަށް އައިސްތިބި އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ ހޯލުގެ ކަނާތްފަރާތަށް ވާގޮތަށް ހުރި ތަނބާ ދިމާ ބިންމައްޗަށެވެ. ތަނބު ކައިރީ ބިންމައްޗަށް ވެއްޓިފައިއޮތް ކާމިލުވަނީ ލެއިން ތަތްތެޅިފައެވެ. އޭނާގެ ބަނޑަށް ވަނީ ދެތިން ފަހަރެއްގެ މަތިން ވަޅިހަރާ ޒަހަމް ކޮށްލާފައެވެ. ކާމިލް ވެއްޓިފައި އޮތް ހިސާބުގައި ވަނީ ހުސްލެއެވެ. އޭނާ ދިޔައީ ފެންނެތްތާ ރޯމަހެއް ތެޅޭހެން ތެޅެމުންނެވެ. ވަމުންދިޔަ ތަދާ އެކީ ހަށިގަނޑަށް ކުރަމުން ދިޔަ ވޭންދިޔައީ އިތުރުވަމުންނެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިއައެވެ. ހޯލަށް ހާޒިރުވެ ތިބި ގިނަ މީހުން އައިސް ކާމިލް ވަށާލިއެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިއައީ ހާސްކަމާއި ނުތަނަވަސްކަމެވެ. ހާސްކަމާއި ނުތަނަވަސް ކަންމަތީ ތިއްބަސް އެންމެންގެ މޫނުމަތިން ބުނަން ނޭނގޭ ފަދަ އިހުސާސް ތަކެއް ފާޅުވާންހުއްޓެވެ. އެ ސުވާލުން ފުރިގެންވާ ލޯތައް އަމާޒުވެފައި ވަނީ ކާމިލް ކައިރީ ބުދެއްހެން ހަރަކާތް ހުއްޓިފައިއިން ރިޝްވާން އާއިދިމާލަށެވެ. ރިޝްވާނަށް ހޭވެރިކަންވީ އޭނާގެ ބައްޕަ ޖަމީލް އައިސް އޭނާގެ ކޮނޑުގައި އަތްއަޅާލުމުންނެވެ. ހަމައެއާއި އެކީ އޭނާ އަތުގައިއޮތް ވަޅި ބިންމައްޗަށް ވެއްޓުނެވެ. ރިޝްވާންގެ އަތުގަޔާއި ބިންމަތީގައި އޮތް ވަޅީގައިވެސް ވަނީ ހުސްލެއެވެ. ރިޝްވާން މޮޔައެއްފަދައިން ގަމީހުގައި ބާރަށް ދެއަތް ހާކަންފެށިއެވެ. އެވަގުތަކީ ދެ ފިރިހެން ނަރުހުންނާ އެކީ ހަތަރު ފުލުހުން އައިސް ހޯލަށްވަން ވަގުތެވެ. ނަރުހުން އަވަސް އަވަހަށް ކާމިލް ނަގާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފެށިއެވެ. އަދި ފުލުހުންގެ ތެރެއިން ދެމީހުން ހޯލުތެރޭތިބި މީހުންގެ ބަޔާން ނަގަންފެށިއެވެ. އަނެއްދެ އޮފިސަރުން ގޮސް ރިޝްވާން ކައިރީ ހުއްޓުނު ތަނާހެން ފަހަތުން މީހަކު ނުރުހުމާއެކީ “ތި ރިޝްވާން އޭ ކާމިލްގެ ގަޔަށް ވަޅި ހެރީ” ބުނެލި އަޑު އިވުނެވެ. އެމީހާ އެހެން ބުނުމުން ރިޝްވާން ބޯހޫރާލީ ނޫނެކޭ ބުނާ ފަދަގޮތަކަށެވެ. ” ބައްޕާ… ބައްޕަ އެއީ އަހަރެން ކުރި ކަމެއްނޫން….. އަހަރެން އޭނާ ގަޔަކަށް ވަޅިއެއް ނަހަރަން…. ބައްޕައަށް ވެސް އެނގިލައްވާނެ އަހަރެން އެފަދަ ކަމެއް ނުކުރާނެކަން….” ރިޝްވާން ތުރުތުރު އަޅަމުން ދިޔަހާލު ވަރަށް އުނދަގުލުން ވާހަކަ ދެއްކިއެވެ. ” އެހެންވީއިރު ރިޝްވާންގެ ގަމީހުގަޔާއި އަތުގައި ލޭ ހޭކުނީ ކިހިނެއް؟؟ އަދި ރިޝްވާންގެ އަތަށް ތިވަޅި އައީ ކިހިނެއް؟؟” މިފަހަރު ވާހަކަ ދެއްކީ އެތާ ހުރި ފުލުސް އޮފިސަރެވެ. އޭނާކުރި އެއްވެސް ސުވާލަކަށް ރިޝްވާނަކަށް ޖަވާބެއް ނުދެވުނެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ރިޝްވާން ހުރި ގޮތުން ހީވަނީ ޚުދު އޭނާ ވެސް އެސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުން ވެފައިހުރިހެންނެވެ. ރިޝްވާން ގާތުން ކުރި އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބުމުން އެބޭފުޅުން އިތުރު އެއްވެސް ސުވާލެއް ނުކޮށް ރިޝްވާން ހައްޔަރު ކުރިއެވެ. އެމީހުން ކުރަން ދެން އޮންނާނީވެސް ކޮން ސުވާލެއް ހެއްޔެވެ. ރިޝްވާން ދެ އަތުގަޔާ ގަމީހުގައި ހުރި ލޭ ފެނުމުން އެބޭފުޅުން ރިޝްވާން އާ ދެން އިތުރަށް ކުރާނީ ކޮން ސުވާލެއް ހެއްޔެވެ.
ޕޮލިސްޓޭޝަނަށް ރިޝްވާން ގެންގޮސް ވަގުތުން އޭނާ ތަހުޤީގް ކުރާ ކޮޓަރިއަށް ގެންދެވުނެވެ. މީ ހުވަފެނަކުންވެސް އޭނާ ދެކެން ބޭނުންވި ދުވަހެއް ނޫނެވެ. މީކިހިނެއް ވެގެން ވާންވީ ކަމެއްކަން ހުދު ރިޝްވާން އަކަށް ވެސް ނުވިސްނެއެވެ. އެވަގުތު ރިޝްވާންގެ ސިކުނޑީގައި ސުވާލުތަކުގެ ބާނިއެއް އުފެދިގެން ދިޔައެވެ. ހިޔާލާއި ފިކުރުގެ ތެރެއަށް ގެއްލިފައި ހުއްޓާ ވަރަށް ބާރަށް ކޮޓަރީގެ ދޮރު ޖެހުނު އަޑަށް ރިޝްވާން ދިޔައީ ސިއްސައިގެންނެވެ. އޭރު ކުރިމަތީގައި ހުއްޓިހުރީ ކޮނޑު މައްޗަށް ތިން ތަރި އަރާފައި އިން ޕޮލިސް އޮފިސަރެކެވެ. އޭނާއަކީ އިސްކޮޅުން ދިގު އާދަޔާ ހިލާފަށް ކަޅު ބިޔަ ވަރުގަދަ ޝަހްސިއްޔަތެއްގެ ވެރިއެކެވެ. އޭނާ ރިޝްވާނާ ދިމާލަށް ބަލަހައްޓައިގެން އިން ގޮތުންވެސް ރިޝްވާން ބިރުގަތެވެ. ބަލާބެލުމަށް ވެސް އެއީ ހަރުކަށި މިޒާޖެއްގެ މީހެއްކަން އެނގެއެވެ. ” އަހަންނަށް ކިޔަނީ ޝަކީލް…ކަލޭގެ މައްސަލަ ބަލާނީ އަހަރެން… އަހަރެން ބޭނުމެއް ނޫން އެއްވެސް ބޭކާރު ވާހަކައެއް ދައްކާކަށް.. ފެންނަން ހުރި ހެކިތަކުންނާއި ހާދިސާ ހިނގި ތަނުގައި ތިބި އެންމެންގެ ހެކިބަހުން އެބަ އެނގޭ މީ ކަލޭ ކުރި ކަމެއްކަން….. އެހެންވީމަ ކަލޭ އަހަންނަށް ބުނެދެންވީ ކަލޭ ކީއްވެގެންކަން އޭނާއަށް ހަމަލާ ދިނީ…. އަހަރެން މިދެނީ ފަސް މިނެޓު ކަލެއަށް ވިސްނާފަ ޖަވާބެއްދީ….” ރިޝްވާންއާއި ސީދާ ހަތަރު ކަޅި ހަމަ ކޮށްގެން ހުރެ ޝަކީލް ވާހަކަދެއްކިއެވެ. އެވާހަކަ އަޑުއަހަން ހުރެފައި ރިޝްވާން އިސްޖަހާލީ ބުނާނެ އެއްވެސް އެއްޗެއް ނޭނގޭ ހާލުގައެވެ. ކުޑައިރު ކޮޅަކު އެތާ ހުރެފައި ޝަކީލް ބޭރަށް ނިކުތެވެ. ރިޝްވާން ހީކުރީ ޝަކީލް ބޭރަށް އެދިއައީ ރިޝްވާނަށް ވިސްނަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ބޭރަށް ނިކުއްތާ މިނިޓެއް ނުވަނީސް އޭނާ އަނެއްކާ އައިސް އެތެރެއަށްވަނެވެ. މިފަހަރު އޭނާގެ މޫނުމަތިން ފާޅުވާން ހުރި ރުޅިވެރިކަން ފެނުމުން އޭނާ އެބުނަން އުޅޭ އެއްޗެއް ރިޝްވާނަށް ވިސްނުނު ކަހަލައެވެ. ކޮޓަރިއަށް ވަދެވުމާއެކީ އޭނަ ވާހަކަ ދައްކަން ފެއްޓިއެވެ. ގުދުރަތުންވެސް އޭނާއަށް ދެއްވާފައި އެހެރީ ވަރުގަދަ އަޑެކެވެ. އަދި އެވަގުތު އައިސްފައި ހުރި ރުޅީގެ ސަބަބުން އެއަޑު އިތުރަށް ބާރު ވެގެން ދިއައެވެ. ” ކަލެއަށް އެންމެ މިނިޓެއްވެސް ދެނެއް ނުލިބޭނެ…. ކަލޭތީ މިހާރު ދިރި ހުރުމުގެ ހައްޤުވެސް އޮތް މީހެއްނޫން….ކަލޭ ކުރަން އުޅުނުކަން ހާސިލްވީއެއް ނޫން މިހާރު.. އާނ! ކާމިލް މަރުވެއްޖެ… ކަލެއަށް އެކަށީގެންވާ ހައްޤު އަދަބެއް ނުލިބެނީސް އަހަރެން ދެނެއް ހަމަނޭވާއެއްވެސް ނުލާނަން….” މުޅި ކޮޓަރިތެރެއަށް އެއަޑު ގުގުމައިގެން ދިއައެވެ. ޝަކީލް އައިގޮތަށް އައިސް ރިޝްވާންގެ ގަމީހުގެ ގިރުއައުނުގައި ހިފާ އޭނާ ކޮއްޅަށް ތެދުކުރިއެވެ. ޝަކީލް އޭނާ ޝަހާދަތް އިނގިލި ރިޝްވާނާ ދިމާލަށް ދިއްކޮށް އެއްޗެކޭ ބުނަން އުޅެނިކޮށް ފަހަތުން މީހަކު ގޮވާލިއަޑަށް އެނބުރުނެވެ. އޭރު ދޮރުމަތީ ހުއްޓިހުރި އޮފިސަރު އޭނާގާތު އަތުގެ އިޝާރާތުން އައުމަށް އަންގަމުން ދޮރު ލެއްޕިއެވެ. ޝަކީލް އައިސްފައި ހުރި ރުޅީގައި ރިޝްވާން ކޮއްޕާލިއެވެ. ޝަކީލް، ރިޝްވާން ކޮއްޕާލިލެއް ބާރުކަމުން އޭނާގޮސް އެތާހުރި މޭޒުގައި ޖެހި މޭޒާއެކީ ޓައިލްސް މައްޗައް ވެއްޓުނެވެ. ޝަކީލް ބަލާކަށްނެތި ކޮޓަރިން ނިކުމެގެން ދިއައެވެ. ރިޝްވާން މަޑުމަޑުން ތެދުވެ ގައިން ވެލި ފޮޅާލިއެވެ.
މީގެ ހަގަޑި އިރުކުރިން…..
އެންމެންވެސް އަވަދިނެތި އުޅެމުން ދިޔައީ މިރޭ ޖަމީލް ބާއްވަން ނިންމާފައި އޮތް ޕާޓީގެ ތައްޔާރީތަކާއިގެންނެވެ. އެޕާޓީ އަކީ ޖަމީލުގެ ކުންފުންޏަށް 19 އަހަރު ފުރުން ފާހަނގަ ކުރުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ. ގދ.ތިނަދުއަށް އުފަން އިބްރާހިމް ޖަމީލަކީ މިހާރު ރާއްޖޭގައި ތިބި އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކެކެވެ. ލާރިން އިންސާނަކަށް ކުރެވޭނެ ހުރިހާ ކަމެއް ކުރެވޭ ވަރަށްތުރެން ވެސް ގިނައިން އޭނާގެ އަތުގައި ލާރި އެބަ ހުއްޓެވެ. މާލޭގައި އޭނާގެ ހަތަރު ފިހާރައިގެ އިތުރުން އަތޮޅު ތަކުގައިވެސް އޭނާގެ އެތަކެއް ފިހާރަ އާއި ރިސޯޓުތައް އެބަ ހުއްޓެވެ. އޭނާ އަކީ ކިޔަވައިގެން ހުރި މޮޅު މީހެކެވެ. ހިތްތިރި ރަނގަޅު މީހުންނާގުޅޭ މިޒާޖެއްގެ ވެރި ފަރާތެކެވެ. ޖަމީލް އާ ހިލާފަށް އޭނާގެ އަންހެނުން ނަހުލާ އަކީ އެހާ ހިތްތިރި މީހެއްނޫނެވެ. އެއީ އޭނާގެ ޕްރޮފެޝަންގެ ސަބަބުންވާ ކަމެއްކަމަށް ވެސް ވެދާނެއެވެ. ނަހުލާ އަކީ މޮޅު ކާމިޔާބު ވަކީލެކެވެ. މިހާތަނަށް އޭނާގެ އެއްވެސް ކްލައިންޓަކު ކޯޓު މަރުހަލާއިން ބަލިވެފައެއްނެތެވެ. އެއީ ކުށްވެރި އަކަށް ވިއަސްމެއެވެ. މީހުންގެ ލޮތްބާއި އިޙުތިރާމް ހޯދާފައި ވިޔަސް ނަހުލާ ދެކެ ރުޅިއަންނަ ނަފްރަތު ކުރާ މީހުންވެސް މަދެއްނޫނެވެ. ނަހުލާ އާއި ޖަމީލްގެ ހަޔާތް ފުރިހަމަ ކުރުވަނީ އެމީހުންގެ ހުރި އަމަ އެކަނި ދަރިފުޅު ރިޝްވާންގެ ސަބަބުންނެވެ. ރިޝްވާނަކީ އެދެމީހުންގެ ދެލޮލުގެ ކޮއިހެން ބަލަމުން އަންނަ ކުއްޖެކެވެ. ރިޝްވާނަކީ މަޑުމައިތިރި ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. އޭނާގެ ބައްޕަގެ ހުރި ރީތި ސިފަތައް އޭނާއަށް ވާރުތަ ވެފައިވީއިރު އޭނާއަށް ލިބިފައި އެހެރީ އޭނާގެ މަންމަގެ ރީތިކަމާ ޗާލުކަމެވެ. އެސިފަތަކާ ގަޔާނުވާނެ ހަމަ އެންމެ ހިތެއްވެސް ނުހުންނާނެކަން ޔަޤީނެވެ. ރިޝްވާނަށް ލިބިފައި އެހެރީ ހިތްތައް ކަތިލާފަދަ ހިތްގައިމު ސޫރައެކެވެ. އިސްކޮޅުން ދިގު، ބާމަތިފުޅާ ބިޔަ އެ ދޮން ރީތި ހަށިގަނޑުގައި ބޮސްދޭން ފެންބޮވައިގެންފައި ތިބި އަންހެންކުދިން މިހާރުވެސް މަދެއްނޫނެވެ.
ރިޝްވާން އޮސްޓްރޭލިޔާއިން ކިޔަވައިގެން އައިތާ އަދި ވީ އެންމެ ދެމަހެވެ. މިދެމަސް ތެރޭވެސް އޭނާގެ ގާތަށް ކައިވެނީގެ ހުށަހެޅުން ތަކާއިގެން ވަރަށް ގިނަ އާއިލާތަކުން އައިސްފައި ވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އޭނާ އެހުށަހެޅުންތަކަށް ދެނީ ހަމަ އެންމެ ޖަވާބެކެވެ. އެހާ އަވަހަށް މީހަކާ އިންނާކަށް ބޭނުން ނުވާތީ ކަމަށާއި މިހާރު އޭނާ ބޭނުންވަނީ ބައްޕަގެ ވިޔަފާރިއާއި ހަވާލުވެ އެވިޔަފާރި އިތުރަށް ކުރިއަރުވާން ކަމަށެވެ. ނަމަވެސް އޭނާ އަދި ކައިވެނި ކުރަން ބޭނުން ނުވާ އެންމެ ބޮޑު އެއްސަބަބަކީ އޭނާގެ ހިތްއެދޭ ފަދަ ކުއްޖަކާ އަދި ބައްދަލު ނުވާތީއެވެ. އޭނާ އިންތިޒާރު ކުރަމުން އެދަނީ އެހިތުގެ ރާނީ އަންނާނެ ދުވަހަކަށެވެ.
ގޭގެ އެތަނަވަސް ސިޓިންރޫމުގައި އިން ބޮޑު ސޯފާގައި ލެޕްޓޮޕް ހިފައިގެން ފޭސްބުކް ހާވަންއިންދާ ރިޝްވާންގެ ފޯނު ރިންގުވާން ފެށިއެވެ. އަވަސް އަވަހަށް ފޯނަށް ޖަވާބުދެމުން ލެޕްޓޮޕް އެއްފަރާތް ކޮށްލާފައި އޭނާ ނިކުތީ މަގުމައްޗަށެވެ. މަގުގެ އަނެއް ފަރާތުގައި އިން ބޮޑު ބިޔަ ނިކަގަހުގެ ހިޔަލުގައި ރިޝްވާން ގޮސް ހުއްޓުނުތަނާ ސައިކަލަކުން އައިސް އޭނާގެ ކައިރިއަށް މަޑު ކުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ހައިކަލްއެވެ. ” ކޮބާ ކޮންއިރަކު ރަށަށް އައީ؟؟” ހައިކަލް ފެނުމާއެކީ ރިޝްވާން އަހާލިއެވެ. ޖަވާބުގައި މިއަދު ހެނދުނޭ ބުނަމުން ރިޝްވާން ކައިރީ ސައިކަލަށް އެރުމަށް އެދުނެވެ.
ހައިކަލް އަކީ އޭނާގެ މަންމަ އާއި ބައްޕަގެ ދޮށީ ދަރިއެވެ. އޭނާ އަކީވެސް ރިޝްވާން ފަދަ ރީތި ޖިންސުއްލަތީފެކެވެ. ނަމަވެސް ރިޝްވާން އާއި ހިލާފަށް ހައިކަލް އަކީ މަޖާ މިޒާޖެއްގެ މީހެކެވެ. އޭނާ ދިރިއުޅުމުގައި ސީރިއަސް ވާވަގުތަކީ އޭނާގެ ބައްޕަގެ ވިޔަފާރި އާއި ހަވާލުވެގެން އޮފީހުގައި ހޭދަކުރާ މަދު ވަގުތުކޮޅުގައެވެ. އެވަގުތުކޮޅުގައި އޭނާއަކީ ހަރުދަނާ ކަމާއި މަސައްކަތަށް ލޯބިކުރާ މީހެއްކަން އޭނާ އޭނާގެ ބައްޕައަށް ވަނީ ސާބިތުކޮށްދީފައެވެ. ހައިކަލްގެ ބައްޕަ ޒުހެއިރު ހައިކަލް އާއި ވިޔަފާރި ހަވާލުކުރި ދުވަހު ގެއަށް އައިސް އެނިންމުނު ނިންމުމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނިއެވެ. އޭނާގެ މުޅި އުމުރު ދުވަހުގެ މަސައްކަތް ހައިކަލް ފަދަ ލާނެތް ކުއްޖަކާ ހަވާލު ކުރި ނިންމުން އެއީ އެންމެ ރަގަޅު ނިންމުންތޯ އެތައްފަހަރު މަތިން އަމިއްލަ ނަފްސާ އޭނާއަށް ސުވާލުކުރެވުނެވެ. އޭގެ ހަފްތާއެއްގެ ފަހުން އޮފީހުގެ ކަންތައް ހުރި ނެތްގޮތް ބަލާލަން ޒުހައިރު އޮފީހަށް ދިއުމުން އޭނާގެ ލޮލަށް ފެންނަމުން ދިޔަ މަންޒަރާ ދޭތެރޭ ޝައްކުކުރެވުނެވެ. ފެންނަމުންދާ މަންޒަރާ އަވާމެންދުރަކާ މާބޮޑު ތަފާތެއްނެތް ކަހަލައެވެ. ޒުހައިރު އަވަސް ހިނގުމެއްގައި ގޮސް ރިސެޕްޝަނުގައި އިން އަންހެން ކުއްޖާ ގާތުން ކޮންފަރެސް ހޯލުތެރޭ ހިނގަމުންދިޔަ ކަންތަކާމެދު ސުވާލުކުރިއެވެ. ޖަވާބުގައި އެއަންހެން ކުއްޖާ، އެއީ މީގެ ދެމަސް ކުރިން ޒުހައިރު ގަންނަން ނިންމި ރިސޯޓާ ހައިކަލް ހަވާލުވުމުގެ ކުރިން ބާއްވާ މީޓިންއެކޭ ބުނެ ޖަވާބުދިނެވެ. ” ހައިކަލް އެ ރިސޯޓު ގަތީތަ؟ އެކަމަކު ކިހިނެއް؟ އަހަރެން ވެސް އުޅެ އުޅެ އެރިސޯޓު އަތުޖެހޭ ގޮތެއްނުވި…” ހައިރާން ކަމާއެކީ ޒުހެއިރަށް އަހާލެވުނެވެ. އެދުވަހު ހައިކަލް އަކީ އޭނާގެ ދަރިއެކޭ ހިތަށްއަރާ އޭނާ ވަރަށް ފަޚުރުވެރިވިއެވެ.
ޒުހައިރަކީވެސް ރާއްޖޭގެ ގަދަރުވެރި މުއްސަންޖެކެވެ. ހަޔާތުގެ ފުރަތަމަ ކޮޅު އަތް ތެރި މަސައްކަތާއި މަސްވެރިކަން ކޮށްގެން އޭނާ ފައިސާ ރައްކާކޮށްގެން އޭނާ ތިނަދުއަށް ދިރިއުޅުން ބަދަލުކުރީ އަމިއްލަ ވިޔަފާރިއެއް އެރަށުގައި ފަށަން ނިންމައިގެންނެވެ. އެރަށުގައި އޭނާ ފުރަތަމަ ހުޅުވި ފިހާރަވެސް ވީ ވަރަށް ކާމިޔާބު ތަނަކަށެވެ. އެއަށް ފަހު މާލޭގައި އިތުރު ތިން ފިހާރަ ހުޅުވާ ދެން އޭނާ މިސްރާބުޖެހީ ގެސްޓްހައުސް ވިޔަފާރިއާއި ދިމާލަށެވެ. އޭނާގެ ނަސީބު ކިތަންމެހާވެސް ރަގަޅެވެ. ފަށާ ހަމަ ކޮންމެ ވިޔަފާރިއެއްވެސް ކާބިޔާބީގެ ހުރިހާ ހަރުފަތެއް ގިރާ ކުރަމުންދިއައެވެ. ތިނަދޫގައި ދިރިއުޅެމުން ދިޔަކަމުން އޭނާ ހަޔާތުގެ ބައިވެރިއަކަށް ވެސް ހިޔާރުކުރީ އެރަށުމީހެކެވެ. އޭނާ ކައިވެނިކުރީ އެރަށު ރެދަންގޭ ހައްވާ އަނީސާއާއެވެ. މިކައިވެންޏަށް ފަންސާސް އަހަރު ވީއިރު އެމީހުންގެ ދެދަރިން އެބަތިއްބެވެ. އެއީ ހައިކަލް އާއި އާލިޔާއެވެ. ހައިކަލް އަކީ މަޖާ ސިޔާސަ މަޒާޖެއްގެ މީހަކަށް ވީއިރު އާލިޔާ އަކީ ވަރަށް މަޑުމައިތިރި ބަސްމަދު ކުއްޖެކެވެ. އުމުރުން 21 އަހަރު ވީއިރު އާލިޔާ އާއި ހައިކަލް އަށް ވާހަކަ ދެއްކުނު ދުވަސްތައް އިގިލިން ގުނާލެވޭހާވެސް މަދެވެ. އާލިޔާ ވާހަކަ ނުދައްކަނީ ހަމައެކަނި ހައިކަލް އަކާ އެކަންޏެއް ނޫނެވެ. އޭނާ އަނީސާ އަކާވެސް ވާހަކައެއް ނުދައްކައެވެ. ގޭތެރޭ އުޅޭއިރު އޭނާ ކުޑަކޮށް ނަމަވެސް ވާހަކަ ދައްކަނީ ހަމައެކަނި ޒުހައިރާއިއެވެ. ދުވާލާ ރޭގަނޑުގެ ގިނަ ވަގުތު އޭނާ ހޭދަކުރަނީ އޭނާގެ ކޮޓަރީގައި ވާހަކަ ކިއުމާ އިންޓަރ ނެޓްގައެވެ. މިދުނިޔޭގައި ހިނގަމުންދާ އެއްވެސް ކަމަކާ ފިކުރެއްނެތި އޭނާ އުޅެމުން އެދަނީ އޭނާގެ އަމިއްލަ ދުނިޔެއެއްގައޭ ވެސް ބުނެވިދާނެއެވެ.
މިދެއާއިލާ ވެސް އަންނަން އުޅޭ ތޫފާނުގެ ޙަބަރެއް އަދި ހިޔާލެއް ފިކުރެއް ނުކުރެވޭތީ އުޅެމުން އެ ދަނީ އަރާމާއި އުފަލުގައެވެ. މިދުނިޔޭގައި އެއްވެސް ކަމެއް އަބަދަކު އެއޮންނަ ގޮތަކަށް ނޯންނާނެއެވެ. އޮއިވަރު ބަދަލުވާ ފަދައިން ހުރިހާ ކަމެއްވެސް އެކަމެއްގެ ވަގުތާއި ސާއަތް ޖެހުމުން ބަދަލުވާނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.
ވަގުތު ކައިރިވަމުން ދިޔަވަރަކަށް އެންމެންގެ ހަރަކާތްތަށް ވެސް ދިއައީ އަވަސް ވަމުންނެވެ. ޖަމީލު މިރޭ ބާއްވަން އެ އުޅޭ ޕާޓީ ހަފްލާ ބާއްވަން ނިންމާފައި ވަނީ އެރަށު ސްކޫލު ކައިރީގައި ހުންނަ ސެންޓްރަލް ހޯލުގައެވެ. އެޕާޓީއަށް ދައުވަތު ދީފައިވަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންނަށާއި ސަރުކާރުގެ އިސްފަރާތްތަކަށެވެ.
ޕާޓީ ފެށެން އޮތް ގަޑިއަކީ 8:30 ނަމަވެސް ރިޝްވާން އަށް ޖުމޭރާގެ ސެންޓްރަލް ހޯލް އަށް ދެވުނު އިރު ނުވައެއް ޖަހާ ބޮޑު ވެއްޖެ އެވެ. ޕާޓީއަށްޓަކާ މުޅިހޯލު ތައްޔާރު ކޮށްފައިން ގޮތް ނިކަން ފުރިހަމައެވެ. އެކި ކުލަ ކުލައިގެ ބޮކި ތަކުން މުޅި ތަން ޒީނަތްތެރި ކޮށްފައިވާއިރު މޭޒުތަކާ ގޮނޑިތަށް ޒީނަތްތެރި ކޮށްފައިވަނީ ވައިލެޓްއާއި ހުދު ކުލައިގެ ފޮތިންނެވެ. ހޯލުގައިވާ ތަނބު ތަކާއި ފާރުތައް ޒީނަތްތެރި ކޮށްފައި ވަނީ މީރުވަސް ދުވާ މާމެލާ މެލިންނާއި ކޭންޑްލް ތަކުންނެވެ. މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެމުން ދިޔައީ ސްކޯސް އޮފްފްލެއާސްގެ ހިތްގައިމު ލަވަކަތުންނެވެ.
ޕާޓީއަށް މީހުން އަންނަން ފެށުމާއެކީ ވެއިޓަރުން އެމީހުންގެ މަސައްކަތާއިގެން ކުރިއަށް ދިއައެވެ. އެހެން ވެއިޓަރުންނެކޭ އެއްފަދައިން ކާމިލުވެސް އުޅެމުން ދިއައީ ވަރަށް އަވަދިނެތިއެވެ. ތަބުގައި ވާ ޖޫސް ތަށިތައް މެހުމާނުންނަށް ސާރވް ކުރުމަށްފަހު ސްޓާފް ބަދިގެއާ ދިމާލަށް ހިނގައިގަތްތަނާ އޭނާގެ ކަނާތްފަރާތުގައި އިން ތަނބާ ކައިރިން ރިޝްވާން ގޮވާލިއަޑަށް އޭނާ އެނބުރުނެވެ. އޭރު އޭނާގެ ކުރިމަތީ ހުއްޓިހުރީ ރަތްކުލައިގެ ހުޑީއެއް އަޅައިގެން ދެޖީބަށް އަތް ޖަހައިގެން ހުރި މީހެކެވެ. އޭނާ ހުރީ އިސްޖަހައިގެން ކަމުން ކާމިލަކަށް އެމީހާގެ މޫނު ސާފުކޮށް ފެންނަވަރެއް ނުވިއެވެ. އެމީހާ ކާމިލާ ދާދި ކައިރިއަށް ޖެހިލި ވަގުތު އޭނާގެ ޖީބުން ކާމިލަށް ވަޅިއެއް ފެނުނުނެވެ. ސިހިގެން ގޮސް ކާމިލް ބިންމައްޗަށް ވެއްޓުނު ތަނާ ކަރަންޓު ކެނޑި މުޅިތަން އަނދިރިވެގެން ދިއައެވެ……….
(ނުނިމޭ)
7 Comments!
Comments are closed.
V salhi story eh
ތޭންކްސް ޖަނާ 🙂
stry v salhi adhi bt faisaage badhaluga laari mihen jahaafa inneema kamaku nudhey umeedhu kuran rangalhu kolaaneh kamah
ތޭންކްސް SWT މިސްޓޭކް ޕޮއިންޓް ކޮށްދިން ކަމައްްޓަކާ….. 🙂 🙂
ވަރަަަަށް ރީތި މިވާހަކައިގެ އަނެއްބައި ފޮނުވާލަދިނުން އެދެން
ތޭންކްސް މަރީ…. 2-3 ދުވަސްތެރޭ އަޕްކުރެވޭތޯ މިބަލަނީ 🙂 🙂
nice v v v nice gud luck and gud nyt