ކުރިން އެނގުނުނަމަ (އެއްވަނަ ބައި)
ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ. ސުކޫލުތަކަށް ދާ ކުދިންނާއި ކޮލެޖު އަދި ޔުނިވާސިޓީއަށް ކިޔަވަންދާ ކުދިންތަކުންނާއި އޮފީހަށް ދާ މީހުންތަކުން މާލޭގެ މަގުތައް ވަނީ ތޮއްޖެހިފައެވެ. ދުއްވާ އެއްޗެހި އާދަޔާ ހިލާފަށް ގިނަ މަގުތައް މަތިން ކޮންމެ މީހަކުވެސް ބަލަމުން ދިޔައީ ގަޑި ނުޖެހި އެމީހެއްގެ މަންޒިލާއި ހަމައަށް ވާސިލް ވެވޭތޯއެވެ. ބިދޭސީ މަސައްކަތު މީހުންވެސް އެމީހުންގެ ވަޒީފާތަކަށް ދިޔުމަށް ނިކުމެ އެމީހުންގެ އެކުވެރިން އަދި ހަމަނުވާތީވެސް ކަންނޭނގެއެވެ. ޕޭމެންޓްމަތީގައި ކޯޅިކޯޅިއަށާއި ބައިގަނޑު ބައިގަނޑަށް ހުއްޓި ލައިގެން ތިބުމުގެ ސަބަބުން މަގު ހިނގާ މީހުންނަން ދަތިތަކާ ކުރިމަތިވަމުންދިޔައެވެ. މިފަދަ ވަގުތުތަކުގައި މީހުން ގިނަކަމުން ކުދިކިޔަމުންދާ މީހުންގެ އަދަދުވެސް މަދެއް ނުވާނެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. މިއީ މިއަދު މާލޭގެ ހާލަތެވެ. މީހުންގެ ގައިންނާއި ކާރުތަކުން އަދި ސައިކަލުތަކުން ނެއްޓެމުންގޮސް ކޮންމެ މީހަކަށްވެސް ހަމަނޭވާ ލެވެނީ އެމީހަކު އެދާންވާ މަންޒިލަކާ ހަމައަށް ވާސިލް ވެވުމުންނެވެ.
ޒީކްވެސް ހިނގަމުންދިޔައީ ޔުނިވަރސިޓީއަށް ދިޔުމަށެވެ. މިއަދު ގޭގެ މަސައްކަތްތައް ގިނަވުމުން ގެއިން ނިކުމެވުންލެއް ލަސްވުމުގެ ސަބަބުން އަވަހަށް ދިޔުމުގެ ގަސްތުގައި ބާރަށް ހިނގަންފެށިއެވެ. މިއަދު މީ ތިންވަނަ ސެމިސްޓަރ ނިމި ހަތަރުވަނަ ސެމިސްޓަރގެ ކިޔެވުން ފެށޭ ދުވަސް ކަމުން ގަޑި ނުޖެހިދާން ޒީކް ވަރަށް ބޭނުންވެއެވެ. ނަމަވެސް މީހުން ގިނަކަމުން ބާރަށް ދެވޭގޮތެއް ނުވެއެވެ. މިއީ މަގުތައް މަތީގައި އެންމެ ބާރުބޮޑު ގަޑި ކަމުން މިއަދު އޭނާއަށް ގަޑިނުޖެހި ކްލާސް ފެށެން ވާއިރަށް ދެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ނަމަވެސް ދެވުނު އެންމެ އަވަހަކަށް ދާން އޭނާ ބޭނުންވެއެވެ.
ޒީކްއަށް ޔުނިވަރސިޓީގެ ގޭޓުން އެތެރެއަށް ވަދެވުމާއެކު އެތަނުން އެއްޗެއް ހޯދާފަދަ ގޮތަކަށް ވަށައިގެން ބަލާލެވުނެވެ. ވަށައިގެން އިމާރާތްތައް ހުންނަ ޔުނިވަރސިޓީގައި ގޯތިތެރެ އޮންނަނީ ހުސްކޮށެވެ. ގަސްހައްދާފައެވެ. ބޮޑެތި ގަސްތަކުން މުޅިތަން އޮންނަނީ ހިޔާވެފައެވެ. އަދި އެގަސްތަކުގެ ހިޔަލުގައި ކުދިންނަން ކިޔަވަން ތިބެވޭނެ ލަކުޑި ގޮނޑި އާއި މޭޒު ބަހައްޓާފައިވެއެވެ. ޒީކްއަށް އޭނާ އެންމެ ގިނައިން ކިޔަވަން އިންނަ ތަން ފެނުމުން ހިނިތުންވެލެވުނެވެ. ބަދަލެއް ގެނެސްފައިނެތީތީވެ ހިތާހިތުން ޝުކުރުކޮށްލެވުނެވެ. އަދި އަވަސް އަވަހަށް ސިޑި ހުންނަ ދިމާއަށް ދުއްވައި ގަތެވެ. ސިޑީގެ ހަރުފަތްތަކުން ފަރިތަކަމާއެކު ޒީކް އަރަމުންދިޔައެވެ. ކުއްލިޔަކަށް ޒީކް ސިއްސައިގެން ދިޔައީ މީހެއްގެ ގައިގައި އޭނާ ޖެހިފައި ވެއްޓެން ދިޔުމުންނެވެ. ކަންފަތަށް އުނދަގޫވާކަހަލަ ތޫލި އަޑަކުން ޒީކަށް ހަޅޭލަވައިގަނެވުނެވެ. އެޒުވާނާގެ ހުށިޔާރުކަމުން ޒީކް ވެއްޓުނަ ނުދީ ސަލާމަތްކޮށްފިއެވެ. ވެއްޓެމުންދިޔަ ޒީކްގެ އަތުގައި ހިފާ އެޒުވާނާގެ ގަޔާ ކައިރިއަށް ދަމާލީ ލުއި ފަތްކޮޅެއް ފަދައިންނެވެ. ދަމާލުމުން އެދިޔަ ބާރުމިނުގައި ޒީކްގެ މޫނުގޮސް އެޒުވާނާގެ މޭމަތީގައި ޖެހުނެވެ. ‘ބަލައިގެންނު ސިޑިން އަރަންވާނީ’ އެ ޒުވާނާގެ ފިރިހެންވަންތަ އަޑުން ހަމަހިމޭންކަން ފޫއަޅުވާލިއެވެ. ޒީކުއަށް ބުނާނެ އެއްޗެއް ނޭގުނެވެ. ޒީކްއަށް އިސްއުފުލާލާފައި އެޒުވާނާގެ މޫނަށް ބަލާލެވުނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ޒީކް އަވަހަށް އިސްޖަހާލިއެވެ. އަދި ކުލާހާ ދިމާއަށް ހިނގައިގަތެވެ. އަމިއްލައަށް އަމިއްލަ ނަފްސަށް އެއްޗެހި ކިޔަމުންނެވެ. އަމިއްލައަށް ނުބަލައި އުޅެވުނީތިއެވެ. ޒީކް ސިޑިން އަރަމުން ދިޔައީ ހަރުފަތްތަކަށް ބަލައިގެން ކަމުން ކުރިމަތިން އައި ޒުވާނާ ނުފެނުނީތީއެވެ.
ކްލާސް ދޮރު މައްޗަށް އެރުމަށްފަހު ފުރަތަމަވެސް ބަލާލެވުނީ ލެކްޗަރަރ ކްލާހުގައި ހުރިތޯއެވެ. ކްލާހުގެ ކުދިންތައް އެމީހުންގެ އަމިއްލަ މަސައްކަތާއިގެން މަސްއޫލުވެގެން ތިއްބެވެ. ވާހަކަ ދައްކާ ކުދިން ވާހަކަ ދައްކަނީއެވެ. ސަކަރާތްޖަހާ މަޖާކުރާ ކުދިން މަޖާކުރަނީއެވެ. ކްލާސްތެރެ ހީވަނީ ކުޑަވަރެއްގެ ޕާޓީއެއް ހެންނެވެ. އަޑުގަދަކަމުން އެކަކު އަނެކަކު ވާހަކަ ދައްކަންވެސް ޖެހެނީ ހަޅޭލަވާށެވެ. ލެކްޗަރަރ ނެތުމުން އެވަގުތުކޮޅުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަނީއެވެ. ޒީކް މަޑުމަޑުން ނީލާ ކައިރީގައި އިށީދެއްޖެއެވެ. ބާރަށް ހިނގާފައި އައުމުގެ ސަބަބުން ވެފައި ހުރި ވަރުބަލިން މޭޒުމަތީގައި ބޯއަޅާލެވުނެވެ.
ގިނައިރުތަކެއް ނުވެއެވެ. ކްލާސްތެރޭގައި އަޑުމަޑުވުމުން ޒީކް ބޯހިއްލާ ބަލާލިއެވެ. ޒީކް ދެލޯ ބޮޑުވެގެން ދިޔައެވެ. އޭރު ސިޑިމަތިން ދިމާވި ޒުވާނާ އައިސް ކްލާހަށް ވަންނަނީއެވެ. މަޑު އަޅިކުލައިގެ ގަމީހަކާއި ކަޅުފަޓުލޫނެއްގައި ހުރިއިރު އެޒުވާނާ ފެންނަނީ ވަރަށް ސްމާޓްކޮށެވެ. ހަފޫޓް ކިރިޔާ ހަމަނުވާނެ އިސްކޮޅެކެވެ. އިސްކޮޅާ ހަމައަށް ރޫފަހުރި ހަށިގަނޑެކެވެ. ބޮލުގެ އިސްތަށިގަނޑު ދިގުނޫން ކަމުގައި ވިޔަސް ފުނާއަޅާފައި ހުރިގޮތުން އެޒުވާނާގެ ރީތިކަން އިތުރުކޮށްދެއެވެ.
“އެއީ ކާކު” ޒީކް އަށް ކައިރީގައި ނީލާ ކައިރީގައި އަހާލިއެވެ.
“ލަހުން ކްލާހަށް އަންނަ މީހުންނަކަށް ނޭނގޭނެ. މިހާރު އިންޓްރޮޑަކްޝަން ވެސް ނިމިއްޖެ. އެއީ އިޔާން. ސަޅި ދޯ. މިއަހަރު އަލަށް ޖޮއިން ކުރި ލެކްޗަރަރ އެއް” ނީލާ މަޑުމަޑުން ވާހަކަ ދެއްކިއެވެ. އެވަގުތަކީ ޒީކް އާ ދިމާއަށް އިޔާންގެ ނަޒަރު ހުއްޓުނު ވަގުތެވެ.
“މިއީ އަދި ތައާރަފް ނުވާ ކުއްޖެއްދޯ. ކީއްވެ މިއަދު ކްލާހަށް ގަޑި ޖެހިގެން އައީ” އިޔާން ޒީކް އާއި ދިމާއަށް ބަލަހައްޓައިގެން ހުރެ އަހާލިއެވެ.ހުރިހާކުދިންގެ ނަޒަރު ގޮސް ޒީކް އަށް ހުއްޓުނެވެ.
“ތަންކޮޅެއް ލަހުން ގެއިން ނިކުމެވުނީ” ޒީކް އަށް ދައްކާނެ ބަހަނާއެއް ނުވިސްނިގެން ބުނެލިއެވެ.
“އެންމެ ރަނގަޅު. އެއްވެސް ކުއްޖަކު މީގެ ފަހުން މި ކްލާހަށް ގަޑި ޖެހިގެންނުވާނެ” އިޔާން އެހެން ބުނެލިއިރު ހަރުކަށި ގޮތެއް ހުއްޓެވެ.
ކްލާސްތައް ނިމުމުން ޒީކް އާއި ނީލާ ހިނގައިގަތީ ގެއަށް ދިޔުމަށެވެ. “ޒީކް ދެންވެސް އަވަހަށް އަންނައްޗޭ. އަހަރެން ދަންތަ ބަލާ ކާރުގަ. އޭރުން ދެމީހުންނަށް އެކީގަ އާދެވޭނެ އެއްނުދޯ” ނީލާ ބުނެލިއެވެ. ޒީކް އަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ދެމީހުން ޗުއްޓީ ހޭދަކުރި ގޮތުގެ ވާހަކަ ދައްކަމުން މަޑުމަޑުން ހިނގަމުންދިޔައެވެ. ޒީކް ދިރިއުޅޭގެއާއި ހަމައަށް އާދެވުމުން ނީލާއަށް ބައި ބުނެލާފައި ގޭޓުން އެތެރެއަށް ވަދެއްޖެއެވެ. އަދި ނީލާވެސް މާދަން ބަލާ އަންނާނެ ކަމަށް ބުނެފައި ހިނގައިގަތެވެ.
ޒީކް ދިރިއުޅެމުންދާ ‘ރޫބީސް’ގެ އަކީ އަހްމަދު އާލިންގެ ގެއެވެ. އާލިންއަކީ މާލޭގެ އެންމެ މުއްސަނދި ވިޔަފާރި ވެރިންގެ ލިސްޓްގައި ހިމެނޭ އެކެކެވެ. ކުރީގެ މުސްކުޅިގޮތައް ހަދާފައިވާ މިގެއަކީ އާލިންގެ ބައްޕަގެ ހަނދާނެއް ކަމުގަައިވެއެވެ. ޒަމާނީ ގޮތަކަށް ގެ އަލުން އިމާރާތް ނުކޮށް ހުންނަ ސަބަބަކީވެސް އެއީ ކަމުގައިވެއެވެ. މުސްކުޅިގޮތަށް ހަދާފައި ހުރި ކަމުގައި ވިޔަސް މިގެއަކީ ވަރަށް ބޮޑު ފުރިހަމަ ގެއެކެވެ. ގޭކުރިމަތީގައި ކުޑަވަރެއްގެ ބަގީޗާއެއްވެއެވެ. ބަގީޗާގެ މެދުން ގޭތެރެއަށް ވަދެގެން ދެވޭގޮތަށް މަގެއްވެއެވެ. އެމަގުގެ ދެފަރާތުގައި އެކިކުލަކުލައިގެ ފިނިފެންމާ ގަސްތައް ހައްދާފައިވެއެވެ. މި ބޮޑުގޭގައި އެތަކެއް ކޮޓަރި ތަކެއްވެއެވެ. ލަކުޑިން ކަނޑާނަގައިގެން ހަދާފައިވާ ތަނބުތަކާއި ދޮރުތަކުން ދިވެހި ކާބަފައިންގެ މޮޅުކަމާއި ކުޅަދާނަކަން އެނގިގެންދެއެވެ. އެހާމެ ފުރިހަމައެވެ. ގެ ކިތަންމެ މުސްކުޅިޔަސް ގޭގައި ބޭނުންކޮށްފައިވަނީ އެންމެ ޒަމާނީ ފަރުނީޗަރުތަކެވެ. ބިއްދަށް ފަރާތުގައި ފަތާފެންގަނޑެއް ހަދާފައިވެއެވެ. އެއީ ހަމައެކަނި އާލިންގެ ބައްޕަ ނިޔާވިފަހުން އެގެއަށް ގެނެވުނު ބަދަލެވެ. އަލްޔަން ބޭނުންވެގެން އެދުނު ކަމެއް ކަމަށް ވުމުން އާލިންއަށް ދެކޮޅު ހަދަން ނުކެރުނީއެވެ. މި ބޮޑު ގޭގައި އުޅެނީ އާލިން އާއި އާލިންގެ އަންހެނުން މިސައިބާއެވެ. ދެން އެދެމީހުންގެ ދަރިފުޅު އަލްޔަންއެވެ. ދެންއެގޭގައި ގެންގުޅޭ ނޯކަރުންނެވެ. ޒީކް އަކީވެސް އެގޭގައި މަސައްކަަތްކުރަން ގެންގުޅޭ ނޯކަރެކެވެ.
ގެއަށް ވަދެވުމާއެކު ޒީކް ބޭނުންވީ ހައްވައްތަ އާއި ރައުނާއްތަ ހޯދާށެވެ. އެއީ އެދެމީހުންގެ ފަރާތުން ޒީކްއަށް ކިޔެވުމުގެ ފުރުސަތު ލިބުނު ދެމީހުންނެވެ. ޒީކްގެ މަސައްކަތް އެދެމީހުން ކޮށްދީފައި ޒީކް ކިޔަވަން ނުފޮނުވާނަމަ މިއަދު ޒީކްއަށް އެފުރުސަތެއް ނުލިބުނީހެވެ. ވެވުނު ވަރަކުން ޒީކްވެސް އެމީހުންނަށް އެހީވެދެއެވެ. ޒީކްދެކެ އެމީހުން ލޯބިވަނީ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދައިންނެވެ. ޒީކްގެ ރަނގަޅު އަހްލާގާއި އެހެން މީހުން ބުނާބަސް ގަބޫލުކުރުން ވެގެން ދިޔައީ އެމީހުންގެ ލޯބި އިތުރުވެގެން ދިޔަ ކަންތައްތަކަކަށެވެ.
11 Comments
Comments are closed.
Kurin vx keen mi part…
އެހެން ލިޔުންތެރިއަކު މިވާހަކަ އަޕްލޯޑް ކުރުމުން އެސްފިޔައިގެ އެޑްމިން އިން ވާހަކަ ނެގީ
Me first dho love it
މިފަހަރު ދެވަނަ މައި އަށް ލިބުނީ، ޝުކުރިއްޔާ
V v v reethi
ޝުކުރިއްޔާ
mi kuriah dhaa vaahaka ehnu 1 part 2 part liyefa medhu kandaalaafa anehkaa vx hama ehpart dhepart
ދެން ކުރިއަށް ހުރީ އާ ބައިތައް އިންތިޒާރުކޮށްލަމާ
Wooooow. .. nice story ?
މި ވާހަކަ އަކީ ކުރިން މުރާސިލް އަދި ނޮޅިވަރަމްފަރު ސައިޓްގައި ޝާއިރު ކުރެވިފައިވާ ވާހަކައެކެވެ. ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެ ވާހަކައަށް ވާނެ ކަމަށް އުއްމީދު ކުރަމެވެ.
?Vrh beautiful