ހިތުގާ ފޮރުވާލަދޭށޭ 15 ވަނަ ބައި
” ތިވަރު ބޮޑުކަމެއް ހަނދާން ނެތުނީ؟ ތިވަރު ބޮޑުކަމެއް ނުބުނެ ހުރެވުނު؟ ” އެއަޑަށް ޔާނާ އިސްނަގާ ސައިމަން ގާތަށް ދިޔައެވެ. ސައިމަންގެ އެއް އަތުގައި ހިފާ އޭނާގެ އަތުތެރެއަށް ލުމަށްފަހު އަތަށް ބޮސްދިނެވެ. ސައިމަން ހުރީ ޔާނާގެ މޫނަށް ބަލާށެވެ.
” އަހަރެން ދޮގެއް ނުހަދަން… އަހަންނަށް އުފަލެއް ލިބުމުން އުފާތައްމަތީ ދެމިހުރުމަށް ބޭނުންވިލެއް ބޮޑުކަމުން އެއްވެސް ހިތާމައަކަށް ޖާގަ ނުދެވުނީ…. ”
ޔާނާގެ އަތުގެ ތެރެއިން ސައިމަން އަތް ދަމައިގަތެވެ. އޭރު އޭނާގެ ލޮލުން ކަރުނައިގެ ރޮނގެއް ފައިބައެވެ.
” އަހަރެން ބާކީ ކޮއްނުލާ! ދެން ސައިމަން އަހަރެން ބާކީ ކޮއްލައިފިނަމަ މި ދުނިޔެއަށް ނޭވާ ލުމުގެ ހިތްވަރެއް ނެތް! ” ޔާނާގެ ޖުމުލަތައް ހުއްޓުވާލީ ސައިމަން އެވެ.
” އަހަރެންނަށް މިވީހާ ދުވަސްތަކުގެ ތެރޭގައިވެސް ހަޤީޤީ ލޯބި ވެވުނީ އެންމެ ކުއްޖެއް ދެކެ ކަން މިޔަދު އެނގިއްޖެ! އޭނަ ދުވަހަކުވެސް އަހަންނަކަށް ދޮގެއް ނަހަދާނެ! އޮޅުވައެއް ނުލާނެ! އަދި އެއްވެސް ކަމެއް ސިއްރެއް ނުކުރާނެ! އަހަރެން މުޅި އުމުރު ހުސްކޮއްލަން ބޭނުމީ އޭނަ އާއި އެކު… ހަޤީޤީ ލޯތްބަކީ އެއީ…. ”
އިސްޖަހައިގެން ހުރެ ސައިމަން އެހެން ބުނުމުން ޔާނާ ހާސްވިއެވެ. ކަންބޮޑުވިއެވެ. ތުރުތުރު އަޅަންފެށިއެވެ. ޔާނާ ދެރަވެފައި ހުރިލެއް ބޮޑުކަމުން ސައިމަން ގާތު ހުންނަން ބޭނުން ނުވެގެން އޭނާ ފަހަތަށް ޖެހެމުން ގޮސް ދުއްވައިގަތީ ކޮޓަރިއަށެވެ. އުއްމީދުތައް ގެއްލިފައި ކަހަލަ ގޮތަކަށެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.
އެނދުގައި އިށީނދެގެން އިނގެ ޔާނާ ރޮމުން ދިޔައެވެ. ޔާނާގެ ތަޤްދީރުގައި މި ނޫންގޮތެއް ނެތީބަވައޭ އޭނާގެ ހިތައް އަރަމުންދެއެވެ. ސައިމަންއަށް ޔާނާދެކެ ލޯބިވެވުމަކީ ކުށެއްގެ ގޮތުގައި ސައިމަން ދެކެނީ ހެއްޔެވެ؟ ކޮންފަދަ ބޮޑު އިމްތިޙާނެއް ހެއްޔެވެ؟ ލޯބީގެ ރޮނގުން ޔާނާއަށް ކުރިއަށް ނުދެވިގެން މިއުޅެނީ ކީއްވެހެއްޔެވެ؟
ޔާނާ ބޭނުންވަނީ ސައިމަންއާއި ކުރިމަތިލުމަށެވެ. ސައިމަންގެ ދުލުން، ޔާނާ ނުކުމެގެން ދާށޭ ބުނަން ދެން ޔާނާ ބޭނުންވަނީ އެގޭގައި ހުރުމަށެވެ. ސައިމަންގެ ހިމާޔަތުގައި ހުރުމަށް އޭނާގެ ހިތް އޮބި ނޯވެއެވެ. އެތައް އިރެއް ވަންދެން އެތާ ރޯން އޮތް އިރުވެސް ޔާނާގެ ހާލަކީ ކޮބާތޯ ބަލާލަންވެސް ސައިމަންއެއް ނައެވެ.
މަޑު ހިނގުމެއްގައި ކޮޓަރިން ނުކުތް އިރު ސައިމަން އެއް ނެތެވެ. ޔަޤީނެވެ. އޭނާގެ ހަޤީޤީ ލޯބިވެރިޔާ ހޯދުމަށް ދިޔައީ އެވެ. މޫނުމައްޗަށް ވެރިފައި ހުރި އިސްތަށިތައް ރީތިކޮއްލަމުން އޭނާ ހިނގައިގަތީ ސައިމަންގެ ކޮޓަރި އާއި ދިމާއަށެވެ. ސައިމަން އާއި ވާހަކަ ދެއްކުމަށެވެ. ޔާނާއަށް މިހާ ހިތްވަރެއް މިލިބުނީ ކިހިނެތް ހެއްޔެވެ؟ ޔާނާ ސައިމަންދެކެ އެހާ ލޯބިވަނީ ކީއްވެހެއްޔެވެ؟
މަޑުމަޑުން ދޮރު ހުޅުވާލި އިރު ޔާނާއަށް ކޮޓަރި ތެރެއިންވެސް ފެންނަނީ ފަޅުކަމެވެ. އުފަލެއް ނެތެވެ. ދިރުމެއް ނެތެވެ. ސައިމަން ނޫޅޭކަން އެނގުމުން އޭނާ ކޮޓަރި ދޮރުމަތީގައި މަޑުކޮއްލިއެވެ. އެއަށްފަހު ކޮޓަރި ތެރެއަށް ވަދެ އެނދުގައި އިށީނދެލިއެވެ. މާނޭވާއެއް ދޫކޮއްލުމަށްފަހު އެނދުގައި އޮށޯވެލިއެވެ. އަދި ހިތާ ހިތާ ވާހަކަދައްކަމުން ދިޔައެވެ.
” ސައިމަންއެވެ. އަހަންނަށް ކަލާޔާ ނުލާ ދިރިއުޅުމަކީ ހިތައް ލިބިގެންދާ ވޭނެކެވެ. ބުނެދޭން ނޭނގޭ އިހްސާސެކެވެ
ލިބުން ނޭދޭ އަނިޔާއެކެވެ.
އަހަރެންގެ ހިތް އެކަނިކޮށް ނުލާށެވެ. ބާކީ ކޮށް ނުލާށެވެ. އެއްލާނުލާށެވެ. “
ހުޅުވާލައިފައިވާ ކުޑަދޮރުން ވަދެގެން އައި ރީތި ވައިރޯޅިން މޭޒުމަތީގައި ހުރި ގަނޑުތައް ވަޔާ އެނބުރެން ފެށިއެވެ. ޔާނާ ސިހުނީ އެހެންވެއެވެ. އަވަހަށް ތެދުވެގެން ގަނޑުތައް ހޮވުމުގައި އުޅުނެވެ. ހުދުކުލައިގެ އޭފޯ ސައިޒް ގަނޑުތަކުގެ ތެރެއިން ރަތްކުލައިގެ ގަނޑެއް ފެނުމުން ޔާނާއަށް ޝައުޤްވެރިވެވުނެވެ.
*************************************
ވުން ނޭދޭ ކަންތައްތައް ވެ ނިމިއްޖެއެވެ. ދުށުން ނޭދޭ މަންޒަރުތައް ފެންނަން ފަށައިފިއެވެ. އިވުން ނޭދޭ އަޑުތައް އިވެން ފަށައިފިނަމަ ފަހުދަށް ކެތް ނުކުރެވޭނެކަން ޔަޤީނެވެ. ބާލީހުގައި އޮޅުލައިގެން ފުރޮޅި ފުރޮޅި ފަހުދު ވަރުބަލި ވެއްޖެއެވެ. އޭނާ ބޭނުންވަނީ ޔާނާގެނެސް މޭމަތީގައި ބާއްވާލާށެވެ. ފަހުދުގެ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އެހެނަސް މިހާރު ވަގުތު ފާއިތުވީކަމެއް ނޫނީ ނުވާކަމެއްވެސް ނޭނގެއެވެ. ފަހުދު އަދިވެސް ޔާނާ ހޯދަން މަސައްކަތް ކުރަން ބޭނުމެވެ. ފަހުދު ތެދުވީ ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ކަހަލަ ގޮތަކަށެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން އޭނާ ބޭރަށް ހިނގައިގަތެވެ. އާމިރުއަށް ގުޅަމުންނެވެ.
***************************
އަތުގައި ހުރި ގަނޑުތައް ނަގާ މޭޒުމަތީ ބަހައްޓަމުން ޔާނާ ރަތްކުލައިގެ ގަނޑު ނެގިއެވެ. އަދި މަޑުމަޑުން އެނދުގައި އިށީނދެ އޭގައި ލިޔެފައިހުރިއެއްޗެއް ކިޔަންފެށިއެވެ.
” އެކުވެރިން އެމީހުންގެ ލޯބިވެރިންނާއި އެކު މަޖާނަގައެވެ. ރެސްޓޯރަންޓްތަކަށް ގޮސްހަދައެވެ. ދަތުރުގޮސް ހަދައެވެ. އެކަމަކު އަހަރެން އެހެނަކުން ނޫޅެމެވެ. އަހަރެންގެ ހިތް އަބަދުވެސް ބުނެއެވެ. އަހަރެންނަށްޓަކައި ކޮންމެވެސް ދިމާލެއްގައި އޭނާ ހުންނާނެއެވެ. އަހަރެންނަށް އޭނާ ލިބޭނެއެވެ. ކެތްތެރިކަމާއި އެކު އަހަރެން ހުރީ އަހަރެންގެ ހުވަފެނުގެ ރާނީ އަހަންނާއި ބައްދަލްވާނެ ދުވަހަކަށެވެ. އަދި އެ ހުވަފެނުގައި ހަޤީޤީ ކުލަޖައްސައިދޭނެ ދުވަހަކަށެވެ.
ދުވަސްތައް ގުނަމުންގޮސް އަހަރެންނަށް ޒުވާން އަންހެންކުއްޖަކާއި ދިމާވީ އެއްރެއެއްގެ މެމްދަމެވެ. ވަރަށް ބުރަކޮށް އޮފީހުގައި މަސައްކަތްކުރުމަށްފަހު ވަރުބަލި ކަމާއިއެކު ގެއަށް އަންނަނިކޮށެވެ. އެރޭ އަހަރެން އޭނާ ސަލާމަތްކުރީމެވެ. އަދި އަހަރެންގެ ގެއަށްވެސް ގެނައީމެވެ. އެ ގޮތް ނޭނގޭ އަންހެންކުއްޖާ ގޭގައި އުޅެންފެށުމުން އޭނާގެ ހަރަކާތްތަކަށް ސަމާލުކަންދެވުނެވެ. އޭނާ އާއި މެދު ވިސްނެން ފެށުނެވެ. އެކުއްޖާގެ ހަޤީޤަތް އެނގުނުއިރު އެކުއްޖާ އަކީ ހިތާމައިން ފޯވެ، ލަކުނުން ހިތް ކަޅުވެފައިވާ ކުއްޖެކެވެ. އަހަރެން އެކަމާ ހިތާމައެއް ނުކުރަމެވެ. އަހަރެން އެކި ގޮތްގޮތުން އޭނާއަށް އެހީވެދީ ހެދީމެވެ. އޭރު އަހަންނަށްވެސް އޭނާ އާއި މެދު ހާއްސަގޮތަކަށް ދެކެން ފެށުނެވެ. ނަތީޖާއަކަށްވީ އޭނާގެ ހިތް އަހަންނަށްޓަކައި ހުޅުވާލުމެވެ. ދެމީހުންގެ ގުޅުން ރަނގަޅުވެ ލޯތްބަށް ބަދަލުވެއްޖެއެވެ.
އާނ އެކެވެ. އަހަންނަށް އޭނާ ފެނިއްޖެއެވެ. އަހަރެންގެ ހުވަފެނުގެ ރާނީ ފެނިއްޖެއެވެ. ނަމަކީ ޔާނާއެވެ. ރީތި ކުއްޖެކެވެ. ފަރި ހަށިގަނޑެކެވެ. ލޯބި މޫނެކެވެ..
އެކަމަކު އޭނާއަކީ ވަރަށް ތަފާތު ކުއްޖެކެވެ. އަހަރެންދެކެވެސް ލޯބިވެއެވެ. އޭނާގެ ކުރީގެ ފިރިމީހާ ދެކެވެސް ލޯބިވެއެވެ. އަހަރެން ހަނު ހުރީމެވެ. އެހެން ވެދާނެކަން ޤަބޫލު ކުރީމެވެ. އެކަމަކު ޔާނާގެ ދުލުން އޭނާ ދިރިއުޅެން ބޭނުންވަނީ އަހަންނާއި އެކުގައި ކަން އެނގުމުން އަހަރެން ޔާނާ ދުރެއް ނުކުރަމެވެ. ޙަޤީގަތް އެނގި ހުރެ އަހަރެންގެ ޙަޔާތަށް ޔާނާ ގެނައުމަށް ނިންމީމެވެ.
އެއީ އަހަރެންގެ ހަޤީޤީ ލޯތްބެވެ. މިވީހާ ތަނަށް ލޯބިވީ ކުއްޖާއެވެ. ހަޤީޤީ ލޯބިވެވުނީ ޔާނާ ދެކެއެވެ. “
އެ ހިސާބަށް އެ ލިޔުން ކިޔުނު އިރު ޔާނާގެ ދެލޮލުން ކަރުނަ އައެވެ. އޭނާ މޭގައި ޖައްސާ ގަނޑު ބޮނޑިކޮއްލިއެވެ . އަދި ދެން ލިޔެފައި އޮތް ބައި ފެންނަން އޮތީ ވަރަށް އަވަސް ލިޔުމެއްގެ ގޮތުގައެވެ،
” އަހަރެންގެ ހިތް އޭނާއަށް ދިނީ އަނބުރާ އަތުލާކަށް ނޫނެވެ. އަދި އެހިތް މި މޭގައި އޮތީ ނެގޭނެފަދަ ގޮތަކަށްވެސް ނޫނެވެ. އަހަރެންގެ ލޯބިވެރިޔާއަކީ ކޮންފަދަ މާތް އިންސާނެއް ހެއްޔެވެ؟ މިޔަދާއި ހަމައަށް އަހަރެންގެ ކިބައިން ލިބޭ އުފާތަކާއި ހިތްހަމަޖެހުމުން އޭނާގެ ހިތާމަތައް ފުހެވިގެން ދިޔައޭ އަހަރެންގާތު ބުނެލިއެވެ. އެހެނަސް…. ކައިވެންޏާއި ހަމައަށް ދިޔުމުގެ ކުރިން އޭނާގެ ހުރިހާ ހަޤީޤަތެއް އަހަންނަށް ކިޔައިދިނުމުން އަހަރެންގެ ހިތައް ލިބުނު ދެރައަށްވުރެ އޭނާގެ ތެދުވެރިކަމަށްޓަކައި މި ހިތުގައި ޔާނާއަށްޓަކައިވާ ލޯބި އިތުރުވިއެވެ. “
ޔާނާއަށް އަޑުން އަޑުނަގާ ރޮވުނެވެ. ގަނޑު މުށިތައްމައްޗަށް ދޫކޮއްލުމަށްފަހު ސިޓިންގ ރޫމަށް ނުކުތެވެ. އަވަސް ހިތަކާއި އެކު ސައިމަންއަށް އިންތިޒާރު ކުރެވެންފެށިއެވެ. ސައިމަން ގެއަށް އަންނާނޭ ވަގުތަކަށް އިންތިޒާރު ކުރެވެން ފެށިއެވެ.
*********************
އާމިރު އާއި ބައްދަލް ވުމުން ފަހުދު އަވަސް އަވަހަށް ބުނެލިއެވެ.
” އާމިރު.. އަހަރެން ޔާނާ ހޯދަން ބޭނުން.. ހިނގާބަލަ! ” ވަކި މަންޒިލެއް ނެތި މާލޭ މަގުތަކުގައި އާމިރު ސައިކަލްދުއްވަމުންދެއެވެ.
” ކޮންތާކަށްތަ ދެން މަ ވަކި ދާނީ ؟ ފަހުދު އަހަރެންވެސް ބޭނުން ޔާނާ ފަހުދަށް ލިބުމަށް.. އެކަމަކު އެރޭ އެހުރީ އޭނާގެ ފިރިމީހާއަށް ވިއްޔާޔޯ؟ ” އާމިރު ފަހުދަށް ވިސްނައިދެވޭތޯ ބެލިއެވެ.
” އެރޭ ފަހުދުއާޢި ވާހަކަ ދައްކަންވެސް ބޭނުން ނެތި ޔާނާ އެ ފިރިހެންކުއްޖާ އާއި އެކު ދިޔައްޔޭ ވެސް ބުނީމެއްނު.. ދެން ކިހިނެތް ދިމާވިޔަސް ވާހަކަދައްކާނީ؟ ” އަނެއްކާވެސް ވާހކަދެއްކީ އާމިރުއެވެ.
” ނޭނގެ.. އަހަންނަކަށް އެކައްޗެއްވެސް ނޭންގެ.. ބޭނުންވަނީ ހަމަ މިހާރުވެސް ޔާނާ ދުށުމަށް….. އޭނާ އަހަރެންގެ ކައިރިއަށް ގެނައުމަށް… ” ފަހުދުގެ ޙާލަތު އާމިރު ދެނެގަތެވެ.
” މިރޭވެސް ދާނަން ލެކިޔުޓަށް.. ” ފަހުދު ބުނެލިއެވެ.
” މިރޭ ހަދަންވީގޮތް މަ ބުނަންތަ؟ ” އާމިރުގެ ވާހަކަ އަޑުއަހަން ފަހުދު އިނެވެ.
**************************************************
ގަޑިއެއްހާ އިރުފަހެވެ. އަދިވެސް ޔާނާ ހުރީ ސިޓިން ރޫމުގައެވެ. ސައިމަން ސިޓިންގ ރޫމް ދޮރު ހުޅުވާލުމާއި އެކު ޔާނާ ދުވެފައި ގޮސް ސައިމަންގެ ކުރިމަތީގައި ހުއްޓުނެވެ. އަތްލެވޭ ނުލެވޭހާ ގާތުގައެވެ. ޔާނާގެ ލޮލުން އުއްމީދުގެ އަސަރުތައް ފެނެއެވެ. ސައިމަންއަށް އާދޭސްކުރާހެން ހީވެއެވެ. އިރުކޮޅަކު ބަލަން ހުރެފައި ސައިމަން ހިނގައި ގަތުމުން ފަހަތުން ޔާނާގެ އަޑުއިވުނެވެ.
” ހިތްމަގޭ ދޫކުރީ ހަމަ ކަލާއަށްޓަކާ، ލޯބިލޯބިން ދިނީމޭ ހިތާ މޭ މަގޭ…
ބިންމަތީގާ ނުވާނޭ ތިނޫން ސޫރައެއް ،ލޯދުށުން އަބަދު އެދެވޭ މިޙާލުން މަގޭ……… “
ޔާނާ ސައިމަންގެ ކުރިމައްޗަށް އެރި އިރު ސައިމަންގެ ލޮލުންވެސް ލޯބީގެ އަލި ފެންނަން ހުއްޓެވެ. ސައިމަންގެ އަތުގައި ބީހިލަމުން ޔާނާ ބުނަމުންދެއެވެ.
” ބޭނުމޭ ހާދަ ލޯބިން އުޅެން އެކު އެކީ ،އޭރުގާ ދެކުނު ހުވަފެން ކުރަން ކުލަ އެކީ
ނޭދެމޭ ބީވެދާކަށް ހިތުން ލޯބިވީ، އޭރުގާ ކުރި އުފާތައް ހިތުން ސިފަމިވީ “
ސައިމަން ޔާނާގެ އުނަގަނޑުގައި އަތް ޖައްސާލަމުން ކައިރިއަށް ދަމާލިއެވެ. އަދި ޔާނާގެ ލޯބި ލޯބި މޫނުގައި ފިރުމާލަމުން ކިޔާލިއެވެ.
” އާޝިޤާ ދިން އުފާތައް އަލުން ހޯދަދީ، ހަށިގަނޑާ އަދި ފުރާނައިން މި ޤުބާންވަނީ
އާޝިޤާ ލޯބި ދޭށޭ މަށަށް އަދު މިރޭ، ފެންބޮވައިގަނެފާ ކަލާއަށް ހިތްމަގޭ އަދު މަރުދެނީ
މަސްތަކުން ބީހިލާ އިރު މަ ހައިރާންވަނީ ، އަސްލުގާ ލޯބި ލޯބިން އުޅެން ބޭނުމީ
ލަސްނުކޮށް އައިސްބަލާ ހިތްމި ކުދިކުދިވަނީ، ފަސްޖެހެން ބޭނުމީހޭ ލަދުންއަދު ދަނީ…. “
ލަދުން ރަތްވެގެން ޔާނާ ހިނގައިގަތުމުން އޭނާގެ އަތުގައި ހިފާ ގާތަށް ދަމާލަމުން ސައިމަން ބުނެލިއެވެ. ޔާނާ އިސްޖަހާލިއެވެ. ސައިމަން އޭނާދެކެވާ ލޯބި އެނގުމުން އުފަލުންގޮސް ސައިމަންގެ ގައިގައި ބައްދާލެވުނެވެ.
” ލޯބި… އަހަރެން ޤަބޫލުކުރަނީ ތިއީ ވަރަށް މާތް އިންސާނެއްގެ ގޮތުގައި.. ތިއީ އަހަރެންގެ ނަސީބު،،، ކުދިން ދެއްވުން އެއީ އެހެން ފަރާތަކުން ކުރާކަމެއް. އަހަރެންގެ ބާރެއް އެކަމުގައެއް ނުވޭ! އަހަރެންނަށް ޔާނާދެކެ ލޯބިވެވުނީ … އެއީ އަހަރެންގެ އިހްތިޔާރުގައި އޮތްކަމެއް…އަހަރެން އަބަދުވެސް ލޯބިވާނަން.. ދެން ދުވަހަކުވެސް ހިތަކު ނުޖައްސާނަން……. ” ޔާނާ ގެ މޫނުގައި ބޮސްދެމުން ސައިމަން ބުނެލިއެވެ.
********************
ޖެހިގެން އައިރޭ ފަހުދާއި އާމިރު ލެކިޔުޓާއި މާދުރުނޫން ހިސާބެއްގައި ސައިކަލްގައި މަޑުކޮއްލިއެވެ. އެގާރަގަޑި ފަނަރައިގައި ސައިމަން ލެކިޔުޓްގެ ދޮރުމައްޗަށް މަޑުކޮއްލިއިރު އާމިރު އާއި ފަހުދު ތިބީ ބަލާށެވެ. ޔާނާ ނުކުމެ ސައިކަލަށް އެރުމުން ސައިމަން ދުއްވާލިއެވެ. ފަހުދު އާއި އާމިރު ފާރަލަމުން ސައިމަންގެ ސައިކަލް ފަހަތުން ދެއެވެ. ދުރު ދުރުންނެވެ. ޓްރެފިކްގައި ޖެހުނު ވަގުތު ޔާނާއަށް ފަހަތް ބަލާލިއެވެ. އޭނާ ސިހުނީ ފަހުދު އާއި އާމިރު ފެނުމުންނެވެ. އެމީހުންގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ޔާނާއަށް ކަމުން ޔާނާ ކުޑަކޮށް ހާސްވިއެވެ.
ސައިމަން ގާތު ބުނާކަށް ބޭނުމެއް ނުވިއެވެ. ސައިކަލް ދުއްވާލުމުން ޔާނާގެ ހިތައް ފިނިކަން ލިބުނެވެ. އިރުކޮޅަކުން ފަހަތް ބަލާލިއިރުގައިވެސް ފަހުދުމެން އާދެއެވެ.
” ކީއްވެ މިރޭ އެއްޗެއް ނުބުނެ ތިއިނީ؟ ” ސައިމަން ލޯތްބާއި އެކު އަހާލިއެވެ.
” އެނ.. .. ” ޔާނާ ސިހުމުން އޭނާ ކޮންމެވެސް ކަމަކާ ފިކުރު ކުރާހެން ސައިމަންއަށް ހީވިއެވެ.
” ކިހިނެތްވީ؟ ” ސައިމަން އެއްސެވެ.
” މީ… ސައިމަން… ފަހަތުން އެބަ އާދެ ފަހުދު… ސައިކަލްގަ… ” ޔާނާ އެހެން ބުނުމުން ސައިމަން ސައިކަލް ބާރުކޮއްލިއެވެ. އޭނާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ.
ސައިމަން އާއި ޔާނާ ގެއަށް ވަތްތަން ބަލަން އާމިރު އާއި ފަހުދު ތިބީ ތަންކޮޅެއް ދުރުގައެވެ. އެމީހުން ތިބިކަމެއް ސައިމަން މެނަކަށް ނޭނގެއެވެ. ޔާނާ ހުރީ ސައިމަންގެ އަތުގައި ބާރުބާރަށް ހިފަހައްޓައިގެންނެވެ.
” ކޮބާ؟ އެމީހުން އުޅޭ ގެ ފެނުނީނު… ދެން ހާސްނުވޭ! ” އާމިރު ސައިކަލް ސްޓާޓް ކޮއްލަމުން ބުނެލިއެވެ.
” އެކަމަކު… އެއީ ޔާނާގެ ހަޒްއަށް ވިއްޔާޔޯ؟ ” ފަހުދު އަވަސް އަވަހަށް ބުނެލިއެވެ.
” މަޗާ ހާސްނުވޭ! އެވެސް ދެން ޔަޤީން ވެދާނެ އޭނަ ނޫޅޭ ގަޑިއެއްގަ ވަންނާނީ… ދެން ހިތްހަމަޖައްސާލައިގެން ހިނގާ ދަމާ…….. ” އާމިރު ދުވެލި ބާރުކޮއްލިއެވެ.
ގެއަށް ގޮސްވެސް ފަހުދު ވިސްނަނީ ޔާނާ އާޢި މެދުގައެވެ. އޭނާ ބަލާލި ގޮތެވެ. ފަހުދަށް ރީތިވިއެވެ. ޔާނާ މިހާރު މާ ބޮޑަށްވެސް ރީއްޗެވެ. ފަހުދު އިންތިހާއަށް ޔާނާ ބޭނުންވެއެވެ. އޭނާ ޔާނާ ހޯދާނެއެވެ. ޔާނާގެ ލޯބިވެސް ހޯދާނެއެވެ. ކޮންމެ ގޮތަކަށް ކޮންމެ ޙާލަކުންވެސް ހެވެ.
***********************
” މިރޭން ފެށިގެން ދެން ލެކިޔުޓަށް ނުދާތި އިނގޭ! ޖޮބުން ވަކިވާ ކަންތައް ހަމަޖެހިއްޖެ! ” ސައިމަން ހެނދުނުގެ ނާސްތާއަށް އިންސާފުކުރުމަށް އިށީނެވެ.
” އޭނ.. ޖޮބުން ވަކިވީ؟ ” ލިޔުޝާ ރޮށިމޮޑެން އިނދެ ބުނެލިއެވެ.
” އާނ…. ދެން ދާހިތް ނުވާތީ،،، ” ފެންތައްޓެއް ހިފައިގެން އައިސް އިށީންނަމުން ޔާނާ ބުނެލިއެވެ.
” ރޭގަ އެއްކޮށް ނުނިދާ އުޅެންޖެހުނީ… ތުލުސްދޫގައި އޮތް ވެޑިންޕާރޓީ ވ ސަޅި.. ލޯބި ލޯބި ކުޑަކުދިންވެސް މޭކަޕް ކުރަންޖެހުނު… ” ލިޔުޝާ ހެމުން ހެމުން ބުނެލިއެވެ.
” އެހެންތަ؟ ކޮއްކޯ….އަދި ވާހަކައެއް ބުނަންތަ؟ ” ސައިމަން ލިޔުޝާއަށް ބަލާލަމުން ބުނެލިއެވެ.
” ހަފްތާއެއްގެ ތެރޭގައި މެރީ ކުރެވޭނެ.. ފޯރމްލައިފިން…. ” އެޖުމުލައާއި އެކު ލިޔުޝާ އުފަލުން ޔާނާއަށް ބަލާލިއެވެ. ޔާނާވެސް ހީލިއެވެ.
******************
ފަހުދު އެކަނިވެސް އެތައް ފަހަރަކު ޔާނާ އުޅޭ ގޭދަށަށް ގޮސްފިއެވެ. އޭނާ ފެނޭތޯއެވެ. ނަމަވެސް އެއްވެސް އިޝާރާތެއް ނުވިއެވެ. މިޔަދު އެގެއަށް ވަދެގެން ވިޔަސް ޔާނާ އާއި ކުރިމަތިލުމަށް އޭނާ ހިނގައިގަތެވެ. ކިތައްވަނަ ފަންގިފިލާކަމެއް ނޭނގެއެވެ. ފަހުދު އާމިރުއަށް ގުޅީ ސެކަންޑް ފްލޯރގެ ސިޑިމަތީ ހުރެއެވެ.
” މަޗާ ތިވިއްޔޭ! ކިހިނެތް ދެން ހަދާނީ؟ ތިތާ ހުރޭ ދިމާވަންދެން.. ރަނގަޅަށް ސާފުކުރާތި ޔާނާ މެރީ ކޮއްގެންތޯ އުޅެނީ؟ ” އާމިރު ދިން ޚިޔާލަށް ފަހުދު އެއްބަސްވިއެވެ.
އިރު އޮއްސުނަސް އެތަނުން ނުގޮސް ސިޑިކައިރީ ފަހުދު ހުއްޓެވެ. ލިފްޓުން އަރާ ފައިބާ މީހުންނަށް ހިނިތުންވަމުން ދެގަޑި އިރު އޭނާ ހޭދަކޮއްފިއެވެ. އާމިރު ބަރާބަރަށް ވާނުވާ ބަލަން ގުޅައެވެ. ފަހުދު ސިޑިމަތީ އިށީނެވެ. ޔާނާ ކޮބާހެއްޔެވެ؟ އެތައް ވާހަކައެއް ދައްކަން ބޭނުމެވެ. ނުފެންނަ ފަށުގައި ނުހުރެ އަންނާށޭ ފަހުދުގެ ހިތްބުނާކަހަލައެވެ.
އެހެން އިންތާ ކުޑަ އިރުކޮޅެއް ނުވެ މީހަކު ތިރިއަށް ފައިބަމުން އަންނަހެން ހީވެއެވެ. ފަހުދު ތެދުވެ ބަލަހައްޓައިގެން ހުއްޓެވެ. ފެނުނީ އެރޭ ސައިކަލްގައި ޔާނާ ގޮވައިގެން ދިޔަ ކުއްޖާއެވެ. ފަހަތުން ޔާނާ ފައިބައެވެ. ރީތި ހެދުމެއްގައެވެ. ހީވާގޮތުން ކޮންމެވެސް މުނާސަބާއަކަށް ދާން ތައްޔާރުވެގެން އަންނަނީއެވެ. ޔާނާގެ ފަހަތުން އަދި ކޮންމެވެސް އަންހެން ކުއްޖެއްވެސް އައިސް ހުއްޓުނެވެ. އަނެއްކާވެސް ތިންމީހުން ބައްދަލްވީއެވެ. ޔާނާގެ ރީތިކަން ފެނި ފަހުދު އާޝޯހްވިއެވެ. ޔާނާ ސައިމަން އާއި ދިމާއަށް ބަލާލިއެވ. ފަހުދު ކަޅިޖަހާނުލާ ޔާނާއަށް ބަލަމުންދާކަން އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ.
ފަހުދު ޔާނާގެ ކައިރިއަށް އެޅި ފިޔަވަޅު ހުއްޓުނީ ފަހަތަށް އެޅި ޔާނާގެ ފިޔަވަޅުންނެވެ. އާދޭހުގެ ގޮތަކަށް ފަހުދު ބަލަންފެށިއެވެ.
ފަހުދުގ ހިތް ނުތަނަވަސްވިއެވެ.ޔާނާ ފަހަތަށް ޖެހުނީ ކީއްވެކަން އޭނާއަށް ނޭނގުނީ ހެއްޔެވެ؟ ޔާާނާގެ ހިތައް އޭނާގެ ސަބަބުން ލިބިދިން ވޭންދެނިވި އަނިޔާތައް އޭނާ ހަނދާންނެތުނީހެއްޔެވެ؟ ޔާނާ ސައިމަންގެ އަތުގެ މުލައްދަނޑީގައި ހިފުމަށްފަހު ސައިމަން އާއި ނިވާވިއެވެ. ފަހުދަށް ނުފެންނަ ގޮތަށެވެ. އެހެން ހެދުމުން ސައިމަންއަށް ފަހުދަށް ކުރިމަތިލާން މަޖުބޫރުވެއްޖެއެވެ. ކަން ހިނގާ ގޮތް ބެލުމަށް ލިޔުޝާވެސް ހުއްޓެވެ. ފަހުދުގެ ދެލޯ ރަތްވިއެވެ. އޭނާ ރޯން ބޭނުން ނުވިނަމަވެސް ހިތައް ލިބެމުންދާ ހަމަނުޖެހުމުން ލޮލުން އެކަން ހާމަވެގެން ދެއެވެ.
” ޔާނާ! ”
ކުރަކިވެފައިވާ އަޑަކުން ފަހުދު ގޮވާލިއެވެ. އޭނާއަށް ޔާނާގެ މޫނުވެސް ފޮރުވުނެވެ. ބުނާނީ ކީކޭ ކަމެއް ސައިމަންއަކަށް ނޭނގުނެވެ. އެކަމަކު މިފަދަ އުފާވެރި ވަގުތަކަށް ޔާނާގެ މޫނު މިލާ މޯޅިވާކަށް ސައިމަން ބޭނުމެއް ނޫނެވެ. ސައިމަން މަޑުމަޑުން ޔާނާގެ އަތް ނައްޓުވާލުމަށްފަހު ފަހުދުގެ ކުރިމައްޗަށް ޔާނާ ގެނައެވެ. ނޫނެކޭ ބުނާފަދަ ގޮތަކަށް ޔާނާ ސައިމަންއަށްބަލަމުންދެއެވެ.
” ފަހުދު! ޔާނާ ގާތު އެއްޗެއް ބުނުމުގެ ކުރިން އަހަރެންވެސް ބޭނުން އެއްޗެއް ބުނެލަން.. ”
ޖީބަށް އަތްޖަހާލަމުން މަޑުމަޑުންސައިމަންބުނެލިއެވެ.
ފަހުދު ސައިމަންއަށް ބަލާލިއެވެ. އޭނާ ހުރީ ފާރުގައި ލެނގިލައިގެންނެވެ.
ސައިމަން ލިޔުޝާއަށް ބަލާލަމުން ބޭރަށް ދިޔުމަށް ލޮލުން އިޝާރާާތް ކުރުމުން ލިޔުޝާ ލިފްޓަށް އެރީ އިސްޖަހައިގެން ހުރެގެންނެވެ. ލިޔުޝާ ދިޔުމުން ސައިމަން ބުންޏެވެ.
” ފަހުދު! އަހަރެމެން މިދަނީ ކޯޓަށް… ކައިވެނި ކުރަން…. ”
ސައިމަން ޔާނާއަށް ބަލާލިއެވެ. ފަހުދަށް ބޭއިޚްތިޔާރުގައިި ބުނެވުނެވެ.
” ތީ ޔާނާގެ ފިރިމީހާއެއް ނޫނޭ…..؟ ”
ސައިމަން ބޯޖަހާލިއެވެ. ފަހުދުގެ ލޮލުން އުއްމީދީ އަލި ފާޅުވިއެވެ. އަދިވެސް ވަގުތު އެބައޮތޭ ފަހުދުގެ ހިތް ބުނަމުންދެއެވެ. އުފާވާ ފަދަ ގޮތަކަށް ފަހުދު ޔާނާއަށް ބަލާލިއެވެ. ކައިވެނި ކުރަން ދިޔަޔަސް އަދި ކައިވެންޏެއް ނުކުރެޔޭ ބުނެ ފަހުދުގެ ހިތްމޭގައިވިކަމުންދެއެވެ.
” ޔާނާ! އަހަރެން ތިރީގައި މަޑުކުރަން އެބަ…. ” ސައިމަން ލިފްޓާއި ދިމާއަށް އެނބުރުމުން ޔާނާ އަވަސް އަވަހަށް ސައިމަންގެ އަތުގައި ހިފިއެވެ. އަދި އޭނާއާއި އެކު ދިޔުމަށް ހިނގައިގަންނަން އުޅުމުން ސައިމަން ޔާނާގެ އަތުގައި ހިފާލިއެވެ. އަދި ލޯ މަރާލަމުން މަޑުކުރާށޭ ބުނާ ގޮތަކަށް ބޯ ޖަހާލިއެެވެ. ޔާނާ ސައިމަންގެ އަތުން ދޫކޮއްލަމުން ފަހަތަށް ޖެހުނެވެ. އޭރުވެސް ފަހުދު ޔާނާއަށް ބަލަމުން ހާސްވަމުންދެއެވެ.
” ސައިމަން… އަހަރެން ބޭނުންވަނީ ސަިއމަންގެ ކުރިމަތީގައި ހުރިހާ ވާހަކއެއްވެސް ދައްކަން… ޕްލީޒް މަޑުކޮއްދީ… ” ޔާނާގެ އާދޭހުގެ އަޑަށް ސައިމަން މަޑުކުރިއެވެ.
” ޔާނާ! އަހަރެންނަށް ހަޤީޤަތް ހާމަވެއްޖެ! މަންމަ ހުރިހާ ވާހަކައެއް ކިޔައިދީފި! މަންމަވެސް މިހާރު އެކަންތަކާ ވަރަށް ހިތާމަކުރޭ” ފަހުދު އިސްޖަހާލަމުން ބުނެލިއެވެ.
“މަންމަ ކިހިނެތް؟ ” ފަހުދުގެ ޖުމުލަ މެދުކަނޑާލީ ޔާނާއެެވެ. ޔާނާގެ އެޖުމުލައިން ފަހުދަށް އަސަރުކުރުވިއެވެ. މަންމައަށްޓަކައި ޔާނާގެ ހިތުގައި އަދިވެސް ލޯބި އެބައޮތޭ ހިތަށް އެރިއެވެ.
” މަންމަ ރަނގަޅު.. އަހަރެން ޝާނާ އާއި ކައިވެނި ކުރުމަށްފަހު ގެއަށް ގެނައުމުން މަންމައަށް ދިނީ މުޅިންވެސް އަނިޔާ…އޭނަ….”
” އޭނައަށް ވެސް ހަދާލީ އަހަރެންނަށް ހަދާލި ނިކަމެތިގޮތްދޯ؟ ”
މަލާމާތުގެ ރާގަކަށް ޔާނާ ބުނެލިއެވެ. ފަހުދަށް ސިހުން ލިބުނެވެ. ދުވަހަކުވެސް އެދަފަ ގޮތަކަށް ވާހަކަދައްކާފައި ނުވާ ޔާނާ މިޔަދު އޭނާގެ ކޮޅަށް އަޑު އުފުލާތީއެވެ.
” ނޫން… އޭނަ އަހަރެމެންނަށް އޮޅުވާލީ…. އެހެންވެ އަހަރެންނަށް އޭނައާއި އެކު ނޫޅެވުނު.. އަހަރެން އޭނަ ދޫކޮއްލީ… މިޔަދު އަހަންނަށް ޙަޤީޤަތް ހާމަވެއްޖެ! ޔާނާ! މަންމަ ވެސް ބޭނުންވޭ މަޢާފަށް އެދެން.. ”
ފަހުދު ޔާނާއަށް ބަލާލަމުން ބުނެލިއެވެ.
ޔާނާ ހީލިއެވެ. ” އަދި ވެސް މަޢާފަށް އެދުމުގެ ޙައްޤުވެރިޔާ މަޢާފަށް ނޭދޭތީ އަހަރެން މިހުރީ ހައިރާންވެފަ؟ ” މަލާމާތުގެ ދެވަނަ ރާޅު ފަހުދުގެ ބޮލަށް ބިންދާލިއެވެ.
” ޔާނާ! އަހަރެން…. މައާފަށް އެދެންވެސް ލަދުގަނޭ! އަހަރެންނަށް މި ދެއަތުން އެރޭ ހެދުނު ގޮތެއްވެސް ނޭނގެ! ” ފަހުދުގެ އަޑު ބެދޭ ގޮތްވުމުން ޔާނާ ފަހުދަށް ފުރަގަސްދިނެވެ. އޭރުވެސް ސައިމަން މަޑުމަޑުން ހުއްޓެވެ.
” ތި ދެ ކަންފަތުން އެހި އޮޅުވާލުމެއް އެކުލެވިގެންވާ އަޑަކުން އަހަރެން ދުރުކޮއްލީ… ތި ދެލޮލުން ބެލި ހަޤީޤަތެއް ނެތް ބެލުމަކުން އަހަރެންނާއި މެދު ކުށްހީ ކުރީ.. ތިހިތުން ނިންމި ކެހިވެރި ނިންމުމަކުން އަހަރެން ވަރިކުރީ.. އަދި ތި ދެއަތުން އެ ތޫފާނީ ރޭގައި އަހަރެން ބޭރުކޮއްލީ… ތި ދުލުން އަހަންނަށް ކީ އެއްޗެއްސާއި ތި ލޮލުން ބެލި ނުރުހުންތެރި ބެލުމުން މިހިތް ފިއްސާލި! އަހަރެންގެ އެއްވެސް ޔާރެއް ނެތް ރަށަކަށް އެ ދަންވަރު ނެރެ އެއްލާލީ.. އަހަރެން ރޮއި ރޮއި އާދޭސް ކޮއްކޮށް ހުއްޓަ ވަރިކޮއްލީ.. އަހަރެންގެ އަޑެއް ނޭހި .. ވީ ލޯބި އެރޭ އެޖެހުނު ގަދަ ވަޔާއި އެކު ބުރަބުރައިގެން ދިޔަ.. ކުރި އިތުބާރު އެރޭ ގުގުރި ގުގުރުމާއި އެކު ފުނޑުފުނޑު ވެގެންދިޔަ! ކިހާ ދުވަހެއް؟ކިހާ ދުވަހެއް ވަންދެން އަހަރެން އެކަނިމާއެކަނި އެތަން މިތަނުން ، އެތައް ވޭނެއް، ބިރުވެރިކަމެއްގަ ދުވަސްތައް ގުނިން؟ ޙާލު ބަލާލީމުތަ؟ އަހަރެން އެޙާލުގަ ފަހުދުގެ ހަނދާނުގަ ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ފަހުދު ފެނުނީ މީހެއްގެ ފިރިއެއްގެ ގޮތުގަ އެއްރޭ ލެކިޔުޓަށް ވަތްތަން.. މިހިތައް ކުރާނެ އަސަރު ނޭނގޭނެކަން އެނގޭ! އެރެއަށްފަހު ފަހުދުގެ މަތިން ހަނދާންކުރިޔަސް މިހިތް މަލާމާތްކުރޭ!
” ޔާނާއަށް ރޮވުމުން ސައިމަން ގޮސް ޔާނާގެ ދެކޮނޑުގައި ހިފާލިއެވެ. އަދި ބޯ ހޫރާލިއެވެ. ފަހުދު ހުރީ ބަލަހައްޓައިގެންނެވެ. ކުރެވުނު މޮޔަ ކަންތަކުން ގޮތް ހުސްވެފައެވެ.
” އަދި ނުނިމެޔޭ … އަހަރެން ބޭނުން އެއްވާހަކަ ބުނެލަން… އަހަރެން ވަރިކޮއްލާ ގެއިން ނެރެލަމުން އަހަންނަށްޓަކައި ކުރި ބަދު ދުޢާ އިރާދަކުރެއްވިއްޔާ އިޖާބައެއް ނުކުރައްވާނެ! އަހަރެންނަށް ކުއްޖަކު ދުވަހަކުވެސް ނުލިބޭނެޔޭ ބުނެ އަހަންނަށް ކުރި މަލާމާތާއި މެދު އެއްވެސް ޝަކުވާއެއް ނެތް. އެދުޢާ އަހަރެން ފަހުދަކަށް ނުކުރަން.. މިޔަދު އަހަންނަށް އަބަދަށް ހެޔޮދުޢާ ކުރާނެ ބައިވެރިއެއް ލިބިއްޖެ! އެހެންވެ، އަހަރެން ފަހުދުކައިރީ އާދޭސްކުރަން.. އަަހަރެންގެ ދިރިއުޅުމުން ދުރަށްދޭ!! އަަހަރެންނަށް އުފަލެއް ލިބުމަށް ބޭނުމިއްޔާ އަހަރެން އުފާވެރި ދިރިއުޅުމެއް އުޅުނަދީ… މިހާރު އަހަރެންގެ ހުރިހާވެސް މީހަކީ ސައިމަން.. މީ އަހަރެންގެ ހުރިހާވެސް މީހަކީ…. ” ޔާނާ ރޮމުން ފަހުދުގެ ކުރިމަތީގައި ގިސްލަމުންދެއެވެ. ފަހުދު ހުރީ ހަދާނެގޮތެއް ނޭނގިފައެވެ. ޔާނާ އެހާވަރަށ ފަހުދާއި ދުރަށްދާން ބޭނުންވާކަން އޭނާއަށް މިޔަދު އެނގިހާމަވިއެވެ.
” އަހަރެންވެސް….. ޔާނާ ބޭނުން……………. ” ފަހުދަށް ބުނެވުނެވެ. އޭނާއަށް އެތާ މަޑުކުރާނެ ހިތްވަރެއް ނުލިބުނެވެ، އަވަސް އަވަހަށް ނުކުމެގެން ދިޔައެވެ. ޔާނާ ރޮމުން ރޮމުން ސައިމަންގެ މޭގައި ލައްވިއެވެ.
” ލޯބި… ދެން ނުރޮއި.. ހިނގާ ކޮޓަރިއަށް.. ފްރެޝްވެގެން ދާން ހިނގާ… ” ސައިމަން ޔާނާގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ލޯމައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅުތައް އެއްފަރާތްކޮއްލަމުން ނިތްކުރީގައި ބޮސްދިނެވެ.
” އޭނަ ކީއްކުރަން އަނެއްކާ އަހަރެންގެ ދިރިއުޅުން ހަލާކުކުރަން އެއައީ؟ ” ޔާނާ ސައިމަންގާތު އެހިއެވެ.
” އޭނައަށް ކުރެވުނު ކުށުގެ އިހްސާސްވެގެން އެ އައީ… ދެން އެކަމާ ނުވިސްނާ… ” ސައިމަން ބެލީ ޔާނާ ހަމައަކަށް އެޅުވޭތޯއެވެ.
8 Comments
Comments are closed.
Vvvv reethi waiting 4 the nxt part salaa
v reethii
THANK YOU SHAF ND SHAX…… <3
v reethi……….. alhugadu buny salaa araamagu ah laafa idhe ehnun story eh ‘aharen nethi dhiya yas thi hayaathun eyge first part in up kohdheyn fashaaba plx plx plx iam your big fan
hi… Shai.. thanx a lot.. evaahaka save nukurebi inyma gellifa vee.. but e site ge IT kujja ah time vaa varakun backup thah post kuramun dhaane…
ok thsnks for the reply
vvvvvvvvvvvvvvvvvvvvv nice salaaaaaaaaaaaaaaaaa
bodu koh thnx….