ހިތުގާ ފޮރުވާލަދޭށޭ 14 ވަނަބައި
އެގޮތަށް އެތައް އިރަކު ހުރުމަށްފަހު ފެރީއަށް އެރުމަށް އޭނާ ހިނގައިގަތެވެ، ފޯން ރިންގް ވުމުން ބަލާލި އިރު ލިޔުޝާއެވެ. ބިޒީކޮއްލުމަށްފަހު ބޭގަށް ފޯންލިއެވެ. ދެލޮލުން ކަރުނަތައް ފުހެމުން އޭނާ އަނެއްކާވެސް ހިނގައިގަތެވެ. ހިނގައިގަތް ވަގުތު ފަހަތުން ސައިމަން އޭނާގެ އަތުގައި ހިފިއެވެ. ޔާނާ އެނބުރިބަލާނުލާ މަޑުކުރިއެވެ. ދެލޯމަރާ ފިއްތާލިވަގުތު އަނެއްކާވެސް އޭނާއަށް ރޮވުނެވެ.
” އައި ލަވް ޔޫ ” އެ އަޑާއި އެކު ޔާނާ އެނބުރުނެވެ. ކުރިމަތީގައި ހުރީ އޭނާގެ ސައިމަންއެވެ. ބާރަށް ރޮވެން އުޅުމުން މޫނުގައި ދެއަތް އެޅި ވަގުތު ސައިމަން ޔާނާގެ ދެކނޑުގައި ހިފާ އޭނާގެ މޭގައި ބޮނޑިކޮއްލިއެވެ. އަދި އޭނާގެ ދެއަތުން ޔާނާގެ ހަށިގަނޑު ހިމާޔަތްކޮއްލިއެވެ.ޔާނާ މޫނުގައި ދެއަތް އަޅައިގެން ސައިމަންގެ މޭމައްޗަށް ކަރުނަތައް އޮއްސަމުން ދެއެވެ. ސައިމަން އެއް އަތް ޔާނާގެ ފަންފަން އިސްތަށިގަނޑުގެ ތެރެއަށް ކޮއްޕާލިއެވެ. އަދި ބޮލުގައި ލޯތްބާއި އެކު ފިރުމާލިއެވެ. ޔާނާ އަށް ރޮވުނަސް ސައިމަންގެ މޫނުމަތިން ފެންނަނީ އުޖާލާކަމެވެ. އޭނާގެ ލޯބި ލިބުމުންނެވެ.
ވަށައިގެން އުޅޭ މީހުންނަށް ބެލުމެއް ނެތި ޔާނާ ގޮވައިގެން ސައިމަން ހިނގައިގަތީ ފެރީ އާއި ދިމާއަށެވެ.
*****************
ހއ ކެލާގެ ފަސްގަނޑުގައި ފައި ޖެހުމާއި އެކު ޖެހެމުންދާ ވައިން ނަށަމުންދާ ގަސްތައް ފަހުދަށް މަލާމާތްކުރާ ކަހަލައެވެ. ރަށުތެރެއިން ފެންނަނީ ބީރައްޓެހި ކަމެވެ. ފަހުދަށް ބޭ އިހްތިޔާރުގައި ރުއްގަނޑުގެ ތެރެއަށް ދެވެން ފެށިއެވެ،.މާލޭގައި ހުރެފައި ޗުއްޓީއަށް ރަށަށް އަންނަ ދުވަސް ދުވަހު ޔާނާ އައިސް ހުންނަނީ އެ ރުއްގަނޑުގައެވެ. ކޮންމެވެސް ރުކެއް ނޫނީ ގަހެއްގެ ބުޑުގައި ޔާނާ ފިލައިން ހުންނާނެއެވެ. ފަހުދަށް އެހަނދާން ފިލައެއް ނުލެވުނެވެ. އޭނާ މަޑުމަޑުން ރުއްގަނޑުތެރެއަށް ވަނެވެ.
” ލޯބިވާއެވެ. އަހަރެން މިހުރީ އައިހެވެ. މިހިތުގައި ރަސްކަން ކުރަމުންދާ ރަސްގެފާނެވެ. މިހުރީ ކަލާގެ ކުރިމަތީގައި ނޫންހެއްޔެވެ؟ މިހުރީ ކަލާގެ އަތުތެރެއަށް ވަންނަން ބޭނުންވެފައެވެ. ކަލާގެ މެއިން ހޫނުކަން ހޯދަން އެދިއެދިއެވެ. “ ފަހުދުގެ ކަންފަތުގައި ޖެހުނު ރީތި ގޮވެލިފައްޗެއްފަދަ ޖުމުލަތަކަކީ ކުރިން ޔާނާ ބޭނުން ކުރަމުންދާ ޖުމުލަތަކެވެ. ފަހުދަށް ވަށައިގެން ހޯދާލެވުނެވެ.
ބޭއިޚްތިޔާރުގައި އެންމެ ފަހުން ޔާނާ އާއި މިތަނުން ބައްދަލުވި ވަގުތު ފަހުދަށް ބުނެވުނު ޖުމުލަތައް ހިތާހިތުން ކިޔާލެވުނެވެ.
” ކަލާގެ މޫނުގައި ވާރޭގެ ފެންތިކިތައް ބީހިލާއިރު ޝަބްނަމްގެ ފޮނިކަން އިޙްސާސްވެއެވެ. ކަލާ މިހާރު ހާދަ ލޯތްބެވެ. ދެނެއް ކެތެއް ނުކުރެވޭނެއެވެ. ”
އެހެން ހިތައް އެރުމާއި އެކު އަނެއްކާވެސް އިވުނީ އެއަޑެވެ.
” ނޫނެކެވެ. އަހަރެން ލަދުގަންނަވާ ނުލާށެވެ. ކަލާގެ ޖާދުވީ އަޑުން އަހަރެންގެ ހިތަށް އަސަރުކުރުވައިފިއެވެ. ޤުދުރަތުން ކަލާއަށް ލިބިފައިތިވާ ފިރިހެންވަންތަ ކަމުގެ ސަބަބުން އަހަރެންގެ ކެތްތެރިކަން ކޮޅުންލާން ފަށައިފިއެވެ. ނޫނެކެވެ. ދުރަށްދާށެވެ. ލޯބިވާއެވެ. ފަހުންނެވެ. ”
ފަހުދަށް ތެޅިގަނެވުނެވެ. އެއީ ޔާނާގެ އަޑުބާވައެވެ؟ ވަށައިގެން އަނެއްކާވެސް ހޯދާލެވުނެވެ.
ދަބަސް ކޮނޑުގައި އަޅުވައިގެން ފަހުދު ރުއްގަނޑުތެރޭގައި ހިނގަމުންދެއެވެ. އެއީ އޭނާއަށް ހީވި ހީވުމެއްބާވައޭ ހިތައް އެރިއެވެ. ވީވެސް އެހެންނެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ފަހުދު އިސްޖަހާލައިގެން ގެއަށް ދިޔުމަށް ހިނގައިގަތެވެ.
ދޮރާށި ހުޅުވާލުމާއި އެކު އޭނާއަށް ފެނުނީ ޖޯލީގައި އިން މަންމައެވެ. ޖަމީލާއަށް ކޮޅަށް ތެދުވެވުނެވެ. ފަހުދު ހުރީ ވަންނަން ނުކެރިފައެވެ. ފަހުދު ހުރިގޮތް ފެނި ނިޔަނެތި މަންމަގެ ހިތައް ކެތެއް ނުކުރެވުނެވެ. ފަހުދުގެ ރީތި ހަށިގަނޑުވަނީ ހިކެންފަށާފައެވެ. އޭނާ އުޅުނީ އުފަލުގައި ނޫންކަން ޖަމީލާއަށް ޔަޤީންވިއެވެ.
މަންމަގެ ފަރާތުން ލިބިގެންދާނީ ކޮންކަހަލަ އިޝާރާތެއް ކަމެއް ނޭނގިގެން ފަހުދު ދޮރުމަތީގައި ހުރީ ތެޅިތެޅި އޮތް ހިތަކާއިގެންނެވެ. ޖަމީލާ ކުރިއަށް ދެފިޔަވަޅު އެޅިއެވެ. އަދިވެސް އޭނާ ބަލަނީ ފަހުދަށެވެ. ފަހުދަށް ކެތްނުވެގެން އެތެރެއަށް ވަނެވެ.
” މަންމާ!”
ފަހުދަށް އާދޭހުގެ ރާގަކަށް ގޮވާލެވުނެވެ. ޖަމީލާގެ ލޮލުން ކަރުނަ ހިލުނީ ފަހުދުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އެއީ ފަހުދުކަމުގައި ޔަޤީންވުމުންނެވެ.
” ދަރިފުޅާ! ” ރޮވިފައި ޖަމީލާ ގޮވާލިއެވެ. އަދި އޭނާއަށް ޖޯލީގައި އިށީންދެވުނެވެ. ފަހުދު ދުވެފައި އައިސް މަންމަގެ އުނގުގައި ބޯއަޅާލުމުން ޖަމީލާގެ ދެއަތުން ފަހުދުގެ ބޮލުގައި ފިރުމާލިއެވެ.
” މަންމާ! އަހަންނަށް މަޢާފްކުރޭ! އަހަރެންނަށް މަޢާފްކުރޭ! ” ފަހުދަށް ރަނގަޅަށްވެސް ރޮވުނެވެ.
” މަޢާފް ކުރެވިދާނެ.. އެކަމަކު މި މަންމަގެ ހިތުގައި ޖައްސާފަ ، މަންމައަށް އެހާ އިހާނެތި ގޮތް ހެދި އަންހެން މީހާ އާޢި އެކު ދިޔަ ދުވަސް އެއީ މި މަންމަގެ ހިތުން ފިލާދާނެ ކަމެއް ނޫން.. “
” މަންމާ! މަންމަ ދޫކޮއްފަ ދިޔުމުން އަހަންނަށް ލިބުނީ މުޅިންވެސް އަނިޔާ! މަންމާ! އަހަރެންގެ ދިރިއުޅުމަށް މިހެން މިވަނީ ކީއްވެތަ؟ އަހަރެންގެ ކިބައިގައި ކޮން ސިފައެއް ހުރެގެންތަ؟ އަހަރެން ގޯހީތަ؟ އަހަރެންނަށް އެންމެންވެސް އޮޅުވާލަނީ…. ޝާނާވެސް ހެދީ އެހެން… ޔާނާވެސް…. “
ފަހުދުގެ ޖުމުލަ މެދު ކަނޑާލީ ޖަމީލާއެވެ.
” ނޫން ދަރިފުޅާ! ޔާނާ އަކީ ކުއްވެރިއެއް ނޫން… ” ޖަމީލާއަށް ނޭނގި ނަމަވެސް އެހެން ބުނެވުނެވެ. ހިތައްކުރި އަސަރެއްގެ ބޮޑުކަމުންނާއި ފަހުދަށް ލިބިގެންދިޔަ އަނިޔާތައް ހިތައް ވަޒަންކުރެވިގެންނެވެ. ޖަމީލާގެ އުނގުން ބޯ ހިއްލާލަމުން ފަހުދު ހައިރާން ކަމާއި އެކު ބުނެލިއެވެ.
” ކީއްވެ ތިހެން ތިބުނީ؟ “
” ދަރިފުޅާ! ފަހުދު! ދަރިފުޅަށް ތި ލިބުނު އަނިޔާގެ އަސްލަކީ މީ.. މި މަންމަ! ދަރިފުޅުގެ ފުރަތަމަ ދިރިއުޅުން ހަލާކުވީ މި މަންމަގެ ސަބަބުން…. ޔާނާއަށް އެ ނިކަމެތި ގޮތް ހެދީ މި މަންމަ! ”
ޖަމީލާ ކޮޅަށް ތެދުވިއެވެ. ފަހުދު އަދިވެސް އިނީ ބިންމަތީގައެވެ. ޖޯލީގައި ބުރަކަށި ޖައްސާލައިގެންނެވެ.
” މަންމަ ކީކޭތަ ތި ކިޔަނީ.. އަހަންނަށް ސާފުވާހެން ކިޔައިދީބަލަ! ” ފަހުދު އަވަސް އަވަހަށް ބުނެލިއެވެ.
” އާނ ދަރިފުޅާ! މަންމަ ލަދުގަނޭ މިވާހަކަތައް ކިޔައިދޭންވެސް……. މަންމައަކަށް ނޭނގެ ފަށާނެ ގޮތެއް.. އަދި ނިންމާއިރު ދަރިފުޅު މަންމަގެ ކުރިމަތީގައި ހުންނާނެ ކަމެއްވެސް… ” ޖަމީލާ ކަރުނަ ފޮހެލަމުން ފަހުދާއި ދިމާއަށް ބަލާލިއެވެ.
” ޔާނާ މިގެއަށް އައުމުން މަންމައަށް ޔާނާ އާއި މެދު ހިތް ރަނގަޅެއް ނުކުރެވުނު. އެއީ ރަނގަޅު މާތް އަޚްލާޤެއްގެ ކުއްޖެއްކަން އެނގޭ! އަދި މަންމަ ނުރުހުން ވާ އެއްކަމެއްވެސް ކޮއްފައެއް ނުވޭ.. މާމާ ދަރިއަކަށް އެދިއެދި ހުރި މަންމަ ޔާނާދެކެ ބޮޑަށް ރުޅިއަންނަން ފެށީ ކުއްޖަކު ނުލިބޭނޭ ކަމަށް ޑޮކްޓަރ ބުނުމުން… އެކަމަކު މަންމައަށް އޭނާ އާއި މެދު ކަންތައް ކުރެވުނު ގޮތުން ތި ދެކުދިންގެ ދިރިއުޅުންވެސް ހަލާކުވީ… ”
ސީދާ އެ ވާހަކަ ދައްކަން ނުކެރިގެން ޖަމީލާ ހާސަރުތައް ދަމަމުން ދިޔައެވެ.ފަހުދު ތެދުވެ ޖޯލީގައި ދަބަސް ބާއްވަމުން މަންމގެ ދެކޮނޑުގައި ހިފިއެވެ.
” މަންމާ! އަހަންނަށް ދެރައެއްލިބޭ އެއްވެސް ކަމެއް މަންމައެއް ނުކުރާނެ! ”
ޖަމީލާ ފަހުދާއި ދުރަށް ހިނގައިގަންނަމުން ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. އެވާހަކަތައް އަޑުއަހަމުން ދިޔައިރު ފަހުދުގެ ހިތައް ވަރަށް އަސަރުކުރަމުންދެއެވެ. އޭނާއަށް ހީވަނީ ދުނިޔެ ބާރުމިނުގައި އެނބުރޭހެނެވެ. އޭނާގެ ބޯ އަނބުރައިގަންނަ ގޮތްވިއެވެ. އެކަމަކުވެސް މަންމަ އާއި ދިމާލަށް ރުޅިބަހެއް ބުނާކަށް ހިތެއް ނުއެދުނެވެ.
” ވަރަށް ދެރަވެއްޖެ! އަސްލު ހިއެއް ނުކުރަން މަންމަ………………….. ” ފަހުދު މަންމައަށް ފުރަގަސްދިނެވެ. ޖަމީލާ ފަހަތުގެ ކޮނޑުގައި އަތްބާއްވާލިއެވެ.
” ދަރިފުޅު މަންމައަށް މަޢާފްކުރޭ! މަންމައަށް އެކަމުގެ އަދަބުވެސް ލިބުނު…. ދަރިފުޅު މަންމަ އެކަނި ކުރުމާ ޝާނާ މަންމައަށް ހެދި އިހާނެތި ގޮތްގޮތް އެއީ މަންމައަށް ލިބުނު ބަދަލެއް.. ދެން ދަރިފުޅު މަންމަ ދޫކޮއްފައި ދިޔުމުން ކެތްތެރިވުމުގެ އެއްވެސް ހިތްވަރެއް ނެތް… މަންމަގެ ކުށަށް އިޢުތިރާފްވަން… ” ޖަމީލާ އިސްޖެހިއެވެ. ފަހުދު ޖަމީލާގެ އަތުގައިހިފާލިއެވެ.
” އަހަރެން މިޔަދު ވަރަށް ހިތުގައި ޖެހިއްޖެ! ދިރިއުޅުމެއް ހޯދުމަށް އަހަރެން ނުކުރަނީ ކޮންމަސައްކަތެއް! ޔާނާ ނެރެ އެއްލާލުމުން އަހަންނަށް ވަކި ، ކުއްޖަކު ލިބިއްޖެތަ މަންމާ! އަހަންނަށް އެންމެ ފަހުން އިދެވުނީ އެއްގޮތަކަށްވެސް ދަރިއަކު ލިބޭނެ މީހަކާނޫން. އަދި އެތައް ބަޔަކާ ގޯސް ގުޅުން އޮންނަ ނުބައި އަންހެނަކާ! ” ފަހުދު ދެރަވެލާފައި ބުނެލިއެވެ.
” މަންމާ! އެފަކީރު އުޅޭނެ ހާލެއްވެސް ނޭނގެ! ގައިމުވެސް އޭނާގެ މައިންބަފައިން ޔާނާއަކާ އަޅައެއް ނުލާނެ! އަހަރެން ޔާނާ ހޯދަން ވަރަށް މަސައްކަތް ކުރާނަން… މާލެއިން އޭނާ އާއި ދިމާވި ފިހާރައަކުން.. އަހަރެން މާލެގޮސް ބައްދަލުކުރެވޭތޯ ބަލާނަން.. އަހަރެން އެނބުރި ޔާނާ މިގެއަށް ގެންނާނަން.. މަންމައަށް ޚިދުމަތްކުރުމަށް ޔާނާ ނޫން ދެވެނަ މީހަކު ނުހުންނާނެ! އަހަރެން މަންމައަށް ވައުދުވަން. ޔާނާ މިގެއަށް ގެންނާނަން….” ފަހުދު ޖަމީލާއަށް ބަލާލިއެވެ
” މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅު މަންމަ އާއި މެދު އިހާނެތިގޮތަކަށް ނުހިތީމަ…. ” ޖަމީލާގެ ކޮނޑުގައި ހިފާލައިގެން ފަހުދު ވަނީ ގެއަށެވެ.
އެރޭ ފަހުދު ނާސިހާ ގާތަށް ދިޔައީ ޔާނާގެ ނަންބަރެއް ހޯދުމަށެވެ. ނާކާމިޔާބެއްގައި ފަހުދު އެގެއިން ނުކުތް އިރު އޭނާ ހުރީ ފެންކަޅިވެފައެވެ. ނާސިހާގެ ފަރާތުން ޔާނާއާޢި ބެހޭ އެތައް މަޢުލޫމާތެއް ލިބުނެވެ. ރަށުގައި މަންމަގެ ވޭންދެނިވި ޖުމުލަތަކަށް ކެތްކޮށް ހުއްޓަ، ނުކުރާކަމެއް ބޮލު އަޅުވައި އެ ދަންވަރުގައި ގެއިން ނެރެ އެއްލާލުމުން މާލެގޮސް ގަނޑަތެޅުނުކަން އެނގުމުން ފަހުދަށް އަސަރުކޮށް ހިތާއިހިތުން މަޢާފަށް އެދެވުނެވެ. އެރޭ އޭނާ ޔާނާ ނެރެ އެއްލާލިގޮތް ހިތައް ސިފަވަމުންދެއެވެ. ހަފަރާތުން ފެންނަމުންދަނީ އެ މަންޒަރުތަކެވެ. އޭނާގެ ބޮލަށް އުނދަގޫވާންފެށިއެވެ. އެހެނަސް ކެތްކޮށްގެން ހިނގައިގަތީ ޔާނާ ލިބޭނެކަމަށް އުއްމީދުކުރަމުންނެވެ.
މަގުމަތީގައި މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ޖީބަށް އަތްޖަހައިގެން ފަހުދު އާދެއެވެ. އޭނާގެ ހިޔާލުތައްވަނީ ޔާނާއާއި އެކުއެވެ. މަޑު ހިނގުމެއްގައި އައިސް ގެއަށް ވަނުމުން މަންމަ ސުވާލުކުރީ އެއްވެސް ޚަބަރެއް ވީތޯއެވެ.ފަހުދު ބޯހޫރާލަމުން ކޮޓަރިއަށް ވަނުމުން ޖަމީލާ ހުރީ ވަރަށް ވެސް ދެރަވެފައެވެ.
*******************************
ސިޓިންގ ރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ލިޔުޝާ ސިހުނީ އެތެރެއަށް ވަތް ޔާނާ ފެނުމުންނެވެ.
” ކޮބާ؟ ކޮބާ ދޮންބެ؟ ” ލިޔުޝާ ދުވެފައި އައިސް ޔާނާގެ އަތުގައި ހިފުމަށްފަހު ބުނެލިއެވެ. ޔާނާ އެއްޗެއް ނުބުނުމުން ލިޔުޝާ ހީކުރީ ސައިމަން ދިޔައީކަމަށެވެ. އޭނާ ދެރަވެގެން ރޮވުނެވެ. އެވަގުތު ސައިމަން ގެއަށް ވަތްތަން ފެނި ދުވެފައިގޮސް ސައިމަންގެ ގައިގައި ވިކަންފެށިއެވެ.
” ވަރަށް ފޫހި….. ” ލިޔުޝާ ކުޑަކުއްޖެއް ފަދައިން ބުނެލިއެވެ.
“ޔާނާ ހާދަ މޮޅޭ،، ދޮންބެ ހުއްޓުވީ ވިއްޔަ!” ލިޔުޝާ ޔާނާގެ ކޮނޑަށް އަތްވައްޓާލަމުން އެހެން ބުނުމުން ސައިމަން ބުނެލިއެވެ.
” ޔާނާ ނުކިޔާ ދެން..! ފަހަރި އެއީ…. ” މަޖަލަކަށް ހަދާފަ ނަމަވެސް ސައިމަން އެފަދަ އެއްޗެއް ބުނެދާނެކަމަކަށް ޔާނާ ހިތަކަށްވެސް ނާރައެވެ. ސައިމަން އިތުރަށް އެތާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ފޮށި ހިފައިގެން ކޮޓަރިއަށް ދިޔައެވެ. ލިޔުޝާ ޔާނާއަށް އެއްލޯމަރާލަމުން ބައްދާލިއެވެ. އުފަލުންނެވެ.
*************************
ސައިމަން ބޭރަށް ނުކުތީ ޔާނާ ގޮވައިގެން ދުއްވާލަން ދިޔުމަށެވެ. ދެމީހުން އެކިއެކި ވާހަކަ ދައްކާލާށެވެ. ދުއްވަމުން ގޮސް ސައިކަލް މަޑުކޮއްލީ ސުނާމީ ބިނާކައިރީގައި އޮތް ތޮށިގަނޑު ކައިރިއަށެވެ. ދެމީހުން ތޮށިގަނޑުގައި އިށީނދެލުމަށްފަހު ހަމަޖެހިލިއެވެ. ޔާނާ ބަލާލިއިރު ސައިމަން އިނީ ކަޅި ޖަހާނުލާ ބަލާށެވެ.
” ތިހާވަރަށް ނުބަލާ! އަހަރެން ލަދުގަނޭ.. ” ޔާނާ ލޯބިގޮތަކަށް ބުނެލިއެވެ.
” ހިތައް އަރަނީ އަހަންނަށް ޔާނާ ގެއްލިދާނެބާވައޭ…. ” ސައިމަންގެ އަތުގެ ތެރެއަށް ޔާނާގެ އަތްލުމަށްފަހު އޭނާ އެއަތަށް ފިތާލިއެވެ.
” އިރާދަކުރެއްވިއްޔާ ނުގެއްލޭނޭ! ” ޔާނާ ކުރުޖަވާބެއް ދިނީ ދުރު ބަލަހައްޓައިގެން އިނދެއެވެ.
” އަހަރެން ވާހަކައެއް އަހަންތަ؟ ” ސީރިއަސްކަމާއި އެކު ސައިމަން އެހެން ބުނުމުން ޔާނާ ބޯޖަހާލީއަޑު އަހާ ހިތުންނެވެ.
” ފަހުދު ދެކެ އަދިވެސް ލޯބިވޭތަ؟ ” އެ ސުވާލުން ޔާނާގެ މޫނުމަތީގައިވާ އުފާވެރިކަން ގެއްލިދިޔައެވެ. ނަމަވެސް ޔާނާގެ ހިތުގައިވާ ހުރިހާ އެއްޗެއް ހޯދުމަށް ސައިމަން ބޭނުންވެއެވެ.
” ކީއްވެ ތި މައުޟޫއަށް ވާހަކަ ތިދައްކަނީ؟ ” ޔާނާވެސް ކުރީ ސުވާލެކެވެ.
” އަހަރެން ބޭނުން ޖަވާބު… ” ފަހުދު ވެސް އިނީ ދުރަށް ބަލާށެވެ.
” ފެނޭތަ ކަނޑުން ނަގާ ބިޔަ ރާޅުތައް؟ ” ޔާނާ ސުވާލުކުރިއެވެ.
” ހޫނ.. ” ސައިމަން ހޫމް އަޅުވާލިއެވެ.ދެމީހުންވެސް ތިބީ ޖެހި ފިތިގެންނެވެ.
” އެ ރާޅުތައް އެގޮތްމިގޮތަށް ބިންދަމުން އެ އަންނަނީ ކީއްވެ؟ ” ޔާނާގެ ދެވަނަ ސުވާލު އަމާޒުވިއެވެ.
” އެއީ… އޭގައި އެއްވެސް ހުންގާނެއް ނެތީމަ… ” ސައިމަން ވަރަށް އަވަހަށް ބުނެލިއެވެ.
ޔާނާ ބަލާލީ ސައިމަންގެ މޫނަށެވެ. ސައިމަން އިނީ ކަނޑާއި ދިމާއަށް ބަލާށެވެ.
” އަހަރެންގެ ދިރިއުޅުމުގައިވެސްވަނީ އެފަދަ ރާޅުތަކެއް.. އަހަރެންނަށް ދިރިއުޅުމުގައި މުޅިންވެސް ލިބުނީ ހިތްދަތިކަން… ދިރިއުޅުން ދިޔައީ އެ ރާޅުތައް ފަދައިން އެގޮތް މިގޮތަށް ބިންދަމުން.. އިތުރަށް އަހަރެންގެ ދިރިއުޅުން ހަލާކުވެއްޖެނަމަ ދެން ވާނީ ކިހިނެތްކަމެއްވެސް ނޭނގެ! ” ޔާނާގެ އަޑުގައި ހިތާމަ އެކުލެވުމުން ސައިމަން ޔާނާގެ އުނަގަނޑުގައި އަތް އަޅުވާލުމަށްފަހު ގާތްވެލިއެވެ.
” ދޫނިގެ ލައިފް ސައިމަންއަށް އެނގެޔޭ!… އެކަމަކު ކުރިން އެހާ ލޯބިވި މީހެއް ވީމަ މިހާރުވެސް ވޭތޯ އެހީ… ” ސައިމަންގެ ރަނގަޅުކަމާމެދު ޔާނާގެ ހިތް އަބަދުވެސް އުފަލުން ނަށައެވެ.
” އަހަރެން ބޭނުމެއް ނޫން އެއްވެސް އެއްޗެއް އޮޅުވާލާކަށް!… އަހަރެން މި ވާހަކަތައް ބުނަން ބޭނުން…. ސައިމަން! އަހަރެން ފަހުދު ދެކެ އަދިވެސް ލޯބިވޭ! ” ޔާނާގެ އަޑަށް ސައިމަންއަށް ދެލޯ މަރާލެވުނެވެ.
” އެކަމަކު އޭގެ މާނައަކީ އެއީ އޭނަދެކެ އަބަދުވެސް ލޯބި ވާނެޔެކޭ ނޫން… އެހާބޮޑަށް ލޯބިވެވުނީމަ ހިތުން ފޮހެލަން އުނދަގުވަނީ… އެކަމަކު އަހަންނާއި މެދު ކަންތައް ކޮއްފަވީގޮތް ހިތައް އެރުމުން މިހާރު އެހާ ބޮޑަކަށް ދެރައެއް ނުވޭ! އަދި އެއްވާހަކަ ބުނަން ބޭނުން.. އަހަރެން ސައިމަންދެކެ ވެސް ލޯބިވޭ! ބޭނުންވަނީ ތިލޯބި މިހިތުގައި އާރާސްތުކުރަން.. އަދި އެލޯބި މިހިތުން ފިލުވާލަން ..އަހަރެންގެ މެރިފައިވާ ލޯ ހުޅުވައިދިނީ ތިލޯބީގެ އަލިން.. އަހަރެންގެ އިހްސާސްތައް ހޭލައްވައިދިނީވެސް ތި ލޯބި.. ” ޔާނާގެ ތުންފަތުގައި ސައިމަން އިނގިލި ޖައްސާލިއެވެ..
” ދެން ނޫން… މިހާރު މާބޮޑަށް ތިވިސްނަނީ…. އަހަރެންނަށް އެނގޭ ފަހުދު ދެކެ ލޯބިވާނެކަން……… އެކަމަކު އެއީ ދާއިމީ ލޯތްބެއް ނޫންކަންވެސް އެނގޭ … އަހަރެން އެއަށްވުރެން ލޯބިދޭނަން..އަދި އެލޯބި ތިހިތުންނެރެލޭ އަހަރެންގެ ލޯބިން، ހަމައެކަނި އަހަރެންގެ ލޯބިން ތިހިތް ފުރުވާލަދޭނަން.. އަހަރެންގެ ލޯބި ތިހިތުގައި ފޮރުވާލަދޭނަންތަ؟”
ލޯތްބާއި އެކު ސައިމަން ވާހަކަ ދައްކަމުންދިޔައެވެ. ޔާނާ އަވަސް އަވަހަށް ބޯޖަހަމުން ސައިމަންގެ ކޮނޑުގައި ޔާނާ ބޯޖައްސާލިއެވެ. ދެއަތްވަނީ ދެހިތް ފަދައިން ގުޅިފައެވެ.
**************************
އައު ހިތްވަރަކާއިގެން ފަހުދު މާލެއައެވެ. އޭނާ ބޭނުންވީ ހުރިހާ ކަމެއްވެސް އާމިރު އާއި ޝެއަރ ކުރާށެވެ. އާމިރުގެ ފަރާތުން ހުރިހާކަމެއްގައިވެސް އެހީތެރިކަން ލިބޭތީއެވެ.
” ލެކިޔުޓަށް ދާންވީނު މިރޭ! 11 ގަ ދިޔައީމަ ފަހަރެއްގަ ސަޅިގޮތެއް ވެދާނެ! ” އާމިރުގެ ހިޔާލަށް ތާޢީދުކުރަމުން ގަޑިބަލާލި އިރު އެގާރަ ޖަހަން މާ ގިނައިރެއްނެތެވެ.
” ހިނގާ ދަމާ! ” އާމިރު ތެދުވުމުން ފަހުދު ބުނެލިއެވެ.
” އުނހު ކަލޭ އިނދޭ! މަ ދާނީ…. އެކަނި ދާނީ.. ދީ ސައިކް ތަޅުދަނޑި! ” ފަހުދު އެހެން ބުނުމުން ހިނިގނަޑެއް ޖަހާލަމުން އާމިރު ތަޅުދަނޑި އެއްލިއެވެ. ފަހުދު އުއްމީދަކާއި އެކު ނައްޓާލިއެވެ.
ލެކިޔުޓް ދޮރުމަތީގައި ސައިކަލްގައި އިނދެ އިނދެ ޔާނާ އެއް ނުނިކުތެވެ. އެގާރަ ޖަހާ ބޮޑުވުމުން ފަހުދު ދުއްވާލިއެވެ. އެކަމަކު އަދިވެސް މަޑުކޮއްލާނިއްޔޭ ހިތާ އެނބުރި އައެވެ. ގައިމުވެސް ހުރަހަކާ ނުލާ މިތަނުން ދިމާވާނެޔޭ ފަހުދު ހިތައް އެރިއެވެ. ފަހުދު އެތާ އިންދާ ބައިގަޑި އިރު ވީތަނާހެން ފިރެހެންކުއްޖަކު އައިސް ސައިކަލް މަޑުކޮއްލީ ފަހުދުގެ ފަހަތުގައެވެ. ފަހުދު ފަހަތް ބަލާލާ ހީލިއެވެ. އޭނާވެސް ހީލިއެވެ.
ދަބަހަށް އެއްޗެއްލަމުން ޔާނާ ނުކުތެވެ. ފަހުދަށް ޔާނާ ފެނުމާއި އެކު ތެޅިގަނެވުނެވެ. ކުޑަކޮށް ފިނިވެސްވިއެވެ. ޔާނާ އެތަނުގެ ދޮރުމަތީގައި ހުއްޓި ބަލާލީ ސައިކަލްމަތީ އިން ފަހުދަށެވެ. ޔާނާގެ ހަކަތަ ހުސްވިފަދައެވެ. މޫނުމަތިން ކުލަވެއްޓުނުފަދައެވެ. ދަބަހުން އަތް ދޫކޮއްލެވުމާއި އެކު ދަބަސް ވެއްޓުނެވެ. ފަހުދުގެ ސައިކަލް ފަހަތުން ސައިކަލް ސްޓާޓް ކުރުމަށްފަހު ޔާނާގެ ކުރިމައްޗަށް ސައިމަންގެ ސައިކަލް މަޑުކޮއްލިއެވެ. ފަހުދުގެ މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. ޔާނާގެ ނަޒަރު ފަހުދަށް ހުއްޓި ހުރިތަންފެނި ސައިމަން ކަންބޮޑުވިއެވެ. ސައިމަން ފަހުދަށް ބަލާލިވަގުތު ފަހުދުގެ ނަން ޔާނާގެ ދުލުން ބޭރުވިއަޑު ސައިމަންއަށް އިވުނެވެ.
ފަހުދު ސައިކަލުން ފޭބުމަށްފަހު ޔާނާ ކައިރިއަށް އައެވެ. ސައިމަން އަދިވެސް އިނީ ސައިކަލްގައެވެ. ކަޅިޖަހާނުލާ ޔާނާޢަށް ބަލާށެވެ، ޔާނާ އާއި ފަހުދު އެކަކު އަނެކަކަށް ބަލަމުން ދެއެވެ.
ތިން ހިތުގެ ވިންދު އަވަހެވެ. ކަންތައްވާނެ ގޮތާއި މެދު ކަންބޮޑުވަނީ ސައިމަންއެވެ. ޔާނާގެ ހިތުގައި ފަހުދަށްޓަކައި ވީ ލޯބި އަދިވެސް ފިލާނުދާ ވާހަކަ ތެދުވެރިކަމާއި އެކު ޔާނާ ސައިމަންގާތު ބުނެފައިވުމުންނެވެ. ސައިމަން ސައިކަލުން ފޭބުމަށްފަހު ފަހުދާއި ދިމާއަށް ބަލާލިއެވެ.ޔާނާ އަވަސް އަވަހަށް ވެއްޓިފައި އޮތް ދަބަސް ނެގުމަށްފަހު ކޮނޑުގައި އަޅުވާލިއެވެ. ޔާނާ ހާސްވާންފެށިއެވެ. ސައިމަން އާއި އެކު ދިޔުމަށް ބޭނުންވެއްޖެއެވެ. ސައިމަން މަޑުމަޑުން ޔާނާ އާއި ދާދި ގާތަށް ޖެހިލިއެވެ. ފަހުދު އެއްޗެއް ބުނަން އުޅެނީއޭ ހިތާ ޔާނާއަށް ވަރަށް ރީތިކޮށް ފަހުދަށް ބަލާލެވުނެވެ. އެއް އަތުގެ ތެރެއަށް އަނެއް އަތްލައިގެން ފިތާލަ ފިތާލަ ބުނާނެ އެއްޗެއް ނޭނގި ފަހުދަށް ހުރެވުނެވެ. ސައިމަން ހުރުމުން އޭނާއަށް އެއްޗެއް ބުނަން ދަތިވެއްޖެއެވެ. ސައިމަންއަކީ ޔާނާގެ ކާކުކަން ނޭނގި ހިތުގައި ސުވާލުއުފެދެން ފެށިއެވެ،
” ހިނގާބަލަ ދާން! ” ސައިމަންގާތު ޔާނާ އެދުނެވެ. ސައިމަންއަށް ޔާނާގެ މޫނުމަތިން ފެނުނު އަސަރުތަކުން އެތާ މަޑުކުރާކަށް އޭނާވެސް ބޭނުމެއް ނުވިއެވެ. ފަހުދު ދެރަވިއެވެ. ޔާނާ އެހާ ބޮޑަށް އޭނާ ބާކީ ކޮއްލުމުންނެވެ.
ސައިކަލަށް އެރުމަށްފަހުގައިވެސް ސައިމަންއަށް މަޑުކޮއްލެވުނީ ފަހުދުގެ ޖުމްލައެއްގެ އިންތިޒާރުގައެވެ.
” ދުއްވާލަބަލަ! ” ޔާނާ އަވަސް އަވަހަށް ބުނެލިއެވެ. ސައިމަން ސައިކަލް ދުއްވާލުމުން ލޯމަތިން ގެއްލެންދެން ބަލަހައްޓައިގެން ފަހުދު ހުއްޓެވެ. އޭނާގެ ހިތައް ކުރި އަސަރުން ލޮލަށް ކަރުނަ ޖަމާވިއެވެ. ގޮތް ހުސްވެފައި ކަހަލަ ގޮތަކަށް ފަހުދު ސައިކަލް މަތީ އިށީނެވެ.
އެއީ ޔާނާގެ ފިރިމީހާ ބާވައެވެ؟ ނޫނީ ލޯބިވެރިޔާ ބާވައެވެ؟ ޔާނާ އަހަންނާ ވާހަކަ ނުދެއްކީ ކީއްވެހެއްޔެވެ؟ އަހަންނަށް ފަސްދީ ދިޔައީ ކީއްވެހެއްޔެވެ؟
ފަހުދުގެ ހިތަށް އެކިއެކި ޝަކުވާތައް އަރާ ފައިބަމުންދެއެވެ. ނަމަވެސް އޭނާއަކަށް އެކައްޗެއްވެސް ނުވިސްނުނެވެ. ހިތް ރޮމުންދަނީ ޔާނާ ބީވުމުންނެވެ. ހިތައް އަސަރު ކުރަނީ ޔާނާއަށް ހެދުނު ގޮތުންނެވެ. ހިތް މަލާމާތްކުރަނީ ޔާނާގެ އިތުބާރު ގެއްލުމުންނެވެ. ނިކަމެތީ އެކަނިވެރިވުމުންނެވެ.
އިތުރަށް އެތާ މަޑުކުރުމެއްނެތި ފަހުދު ދިޔައީ ގެއަށެވެ. އާމިރު އައިސް އިންނާނެތީވެއެވެ.
” ކިހިނެތްތަ ހަދާނީ؟ ” ފަހުދު ގޮނޑިގައި ލެނގިލަމުން މައްޗަށް ބަލާލިއެވެ.
” ދެން ކީއްކުރާނީ.. ހިއެއް ނުވޭ ދެން އަތުވެދާނެހެނެއް! ” އާމިރު ތެދުވަމުން ބުނެލިއެވެ. އޭރުވެސް ފަހުދު އިނެވެ. އާމިރުގެ އަންހެނުން ގުޅާތީ ގެއަށް ދިޔުމަށް އާމިރު ހިނގައިގަތެވެ
” އުއްމީދުތައް ގެއްލިއްޖެޔޭ ހިތް ހިތިވެ ބާކީ ވެއްޖެޔޭ
ކުށްވެރި މަގޭ އަދު ވެއްޖެޔޭ ހިތް ވިރި އަނދާ އަޅިއަށްވެޔޭ “
ފަހުދުގެ އަޑުން އާމިރުގެ ކަންފަތުގައި ގުގުމާލީ އަސަރުގަދަ ޅެންބައިތެކެވެ. އާމިރު ހުއްޓި ބަލާލިއެވެ. އޭރުވެސް ފަހުދު އޮތީ ގޮނޑިއަށް ވެޑުވިފައިކަހަލަ ގޮތަކަށެވެ. އާމިރު އަވަސް އަވަހަށް އައިސް ފަހުދުގެ ކައިރީހުރި ގޮނޑީގައި އިށީނެވެ.
” ވާ އާޝިޤް.. ތިހުރީ ރަނގަޅަށްވެސް މުހައްބަތް ކައިފަ! އަހަރެން ނުދެކެން ލޯބީގަ ދީވާނާވެގެން އާވާރާވެގެން އުޅޭ ޒުވާނެއް މި ނޫނީ… “
އާމިރު ދިމާކޮއްލުމުން ފަހުދު ރުޅިމޫނު ހަދާލިއެވެ.
” އަހަރެން އަސްލުގަވެސް ހަދާނެގޮތް ހުސްވެއްޖެ! ” އަތުގައި އޮތް ރެޑްބުލް ދަޅުން ކޯވަރެއް ބޯލުމަށްފަހު ފަހުދު ތެދުވިއެވެ.
” އަހަރެން މޮޔަ ވެދާނެ އާމިރު! ” ފަހުދު ތެދުވުމަށްފަހު ކުޑަދޮރާއި ދިމާއަށް ހިނގައިގަތެވެ.
” އޭނ.. ހިނގާ އަހަރެމެންގެއަށް ދާން،،، ” އާމިރު އެދުނެވެ.
” ކީއްކުރަން؟ ” ފަހުދު ބަލާލަމުން ސުވާލުކުރިއެވެ.
” ދެން … މަށަކަށް ނުކެރޭނެ ފަހުދު މިތާ އެކަނި ބަހައްޓާފަ ދާކަށްވެސް.. ފުރާނައަށްވެސް އަމިއްލައަށް ގެއްލުން ދީފާނެ! ” އާމިރު އެހެން އެ ބުނީ ޖެއްސުމަށްކަން ފަހުދަށް އެނގުމުން އޭނާ ސީރިއަސްވިއެވެ.
” އާމިރު މިއީ މަޖަލެއް ނޫނޭ! “
” އޯހް ސޮރީ.. އޭތް ދެން ނުވިސްނާތި .. ދުނިޔޭން އަންހެނުން ހުހެއް ނުވެޔޭ އިނގޭ! ” އާމިރު ހިނގައިގަތެވެ. ފަހުދު ވެސް އާމިރު ދިޔުމުން ކޮޓަރިއަށްވަނެވެ.
*******************************************
ސައިމަން އާޢި ޔާނާ ގެއަށް ވަތް އިރުވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. ސައިމަން ބާރުބާރަށް ހިނގާފަ ގޮސް ކޮޓަރިއަށް ވަނެވެ. އެމަންޒަރުބަލަން ޔާނާ ހުރީ ދޮރުމަތީގައެވެ. ޔާނާ މަޑުހިނގުމެއްގައި ގޮސް ސިޓިންގރޫމް މޭޒުމަތީގައި ދަބަސް ބެހެއްޓުމަށްފަހު ބެލްކަންޏަށް ނުކުތެވެ. ބަލްކަނީގެ ދަގަނޑުތަކުގައި އަތްއަޅުވާލައިގެން ޔާނާ ހުރީ ދެންމެ ދިމާވި ކަންތަކާއި މެދު ވިސްނާށެވެ. ދުވަސްތަކަކަށްފަހު ފަހުދު ފެނުމުން ޔާނާ ހުރީ ކޮންމެވެސް ވަރަކަށް އުނދަގޫވެފައެވެ. އޭނާ ބޭނުންވަނީ ހާސްކަން ފިލުވާލުމަށެވެ. އޭނާ އެއަށްވުރެން ބޮޑަށް އޭނާ ސައިމަން ބޭނުންވެއެވެ. ސައިމަން ހިތައް އަރާނީ ކީކޭ ބާވައެވެ؟
އެފަދަ ހިޔާލްތަކެއްގައި ހުއްޓާ ޔާނާ ސިހުނީ އޭނާގެ އޭނާގެ އުނަގަނޑުގައި މީހަކު ހިފަހައްޓާލުމުންނެވެ. ފަހަތް ބަލާލިއިރު ދާދި ގާތުގައި ސައިމަން ހުއްޓެވެ. ދުރުބަލަހައްޓައިގެންނެވެ. އެހެނަސް ފަހަތުން ޔާނާގެ ގައިގައި ބައްދާލައިގެންނެވެ. ޔާނާވެސް ބަލާލީ ދުރަށެވެ.
” ކިހިނެތްވީ؟ ” މަޑުމަޑުން ޔާނާ އަހާލިއެވެ. އެވަގުތު ސައިމަން ޔާނާގެ އިސްތަށިގަނޑުގައި މޫނު ޖައްސާލަމުން ބުނެލިއެވެ.
” އަހަންނަށް ލޯބި ގެއްލިދާނެތަ؟ “
ޔާނާގެ ބަނޑުގައި ޖައްސާލައިފައިވާ ސައިމަންގެ ދެއަތްމަތީގައި ޔާނާ އަތްބާއްވާލިއެވެ.
” ނޫން… އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުގެއްލޭނެ! ހާސްވީތަ؟ ހީވީތަ އަހަރެންނަށް ފަހުދު ފެނުމުން ހިތް ބަދަލްވާނެޔޭ! އޭނާ ކައިރިއަށް ދާނެޔޭ! ” ޔާނާ މަޑުމަޑުން ބުނެލިއެވެ.
ސައިމަން ކުޑަކޮށް ގުދުވެލަމުން ޔާނާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލިއެވެ.
” އަހަރެން އަސްލުގަވެސް ހިތައް އެރި ފަހުދު ފެނުމުން ………….” ސައިމަން ޖުމުލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.
” އެހެން ހިތަށް ނާރުވަބަލަ! އަހަރެންގެ ލޯބީގެ އަގު ވަރަށް ބޮޑުވާނެ! ސައިމަން އަހަރެންދެކެ ލޯބިވަނީ ކިހާވަރަކަށް؟ ”
ޔާނާ ސައިމަންއަށް ކުރިމަތިލިއެވެ. މިހާރު ދެމީހުންވެސް ތިބީ އެކަކު އަނެކަކުގެ އަތުތެރޭގައެވެ.ނަޒަރު ސީދާވެފައެވެ. ސައިމަން ބޭނުންވަނީ އަދިވެސް ސައިމަންގެ ހިތުގެ ޙާލު ޔާނާއަށް ހާމަކޮއްދޭށެވެ. ސައިމަންގެ ހިތުގައި ޔާނާއަށް ޓަކައިވާ ލޯބި ފޮރުވާކަށް ބޭނުމެއް ނޫނެވެ. އަދިވެސް އޭނާގެ ހިތުގެ ގޮވުމެއް ޔާނާ އާއި ޙިއްސާއެއް ނުކުރެއެވެ. ސައިމަން ބޭނުންވާގޮތް ބުނަން ބޭނުންވެއެވެ. ޔާނާގެ ޚިޔާލު ތަފާތުވިޔަސް އޭނާ އަކަށް ދެނެއް ކެތެއް ނުކުރެވޭނެއެވެ.
ސައިމަން މަޑުމަޑުން ޔާނާގެ މޫނާއި ގާތްވަމުން ދެއެވެ. ޔާނާއަށް ދެލޯ މަރާލެވުނެވެ.
ހިތައް ތަދުވެޔޭ ނުބުނެވާނެހޭ
އިންސާނެކޭމި ފޮރުވާނެހޭ
މިވާގޮތް ދުލުން ބުނުން ދެން އޮތީ
ނުރުހުންވިޔަސް ނުހުރެވޭނެޔޭ
ފެށީމާ މި މައުޟޫ ދޫވެސް އޮޅޭ….
******************************
” އަހަންނަށް އުނދަގޫ ޔާނާ އާއި ގާތުގަ އުޅެން………. ގޭތެރެއިން ފެންނާތީވެސް އުނދަގޫވޭ! ” ސައިމަންގެ މޭމަތީ ބޯއަޅާލައިގެން އޮތް ޔާނާގެ ބޮލުގައި ފިރުމަމުން ސައިމަން ބުނެލިއެވެ.
” ދެން އަހަރެން ދާންވީތަ މިގޭން؟ ” ޔާނާ ދުރުވެލަމުން ބުނެލިއެވެ. ސައިމަން ޔާނާ ގެނެސް އަނެއްކާވެސް އޭނާގެ ގަޔާލާ ފިއްތާލިއެވެ.
” ނޫން.. ގެއްލިދާނެތީ ބިރުގަނޭ! ބުނަން ބޭނުންވާ އެއްޗެއް ނުބުނެވިގެން މިއުޅެނީ ކީއްވެ ކަމެއް ނޭނގެ! ” ޔާނާގެ ދަތްދޮޅީގައި ހިފާލަމުން ސައިމަން ބުނެލިއެވެ.
” އަހަރެން ދޭނެ ޖަވާބެއް ނޭނގޭތީނު… ” ޔާނާ ހަމަޖެހިލިއެވެ. ސައިމަން ބުނަން އުޅެނީ ކީކޭ ކަން އެނގޭފަދަ ގޮތަކަށެވެ.
” އަހަރެން ބޭނުން ވަނީ….. ވީހާވެސް އަވަހަކަށް މެރީ ކުރަން……….. ” ސައިމަން އެހެން ބުނުމުން ޔާނާގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ.
” ރަނގަޅު ދިރިއުޅުމެއް ފަށަން ބޭނުން.. ޔާނާ އާއި އެކު އުފާވެރި ދިރިއުޅުމެއް ހޭދަ ކުރަން ބޭނުން.. މިހާ ގާތުގައި… އަދި ދެމީހުންގެ ލޯބީގެ ދުނިޔެއަށް ދަރިންތަކެއް އުފަންކުރަން ބޭނުން… ” ސައިމަން ވާހަކަ ދައްކަމުންދެއެވެ. އޭނާ ދެކެމުންދާ ހުވަފެންތައް ޔާނާއަށް ބަޔާން ކޮއްދެމުން ދެއެވެ. ޔާނާއަށް ތެޅިގަނެވުނެވެ. ހިތް ނުތަނަވަސްވާން ފެށިއެވެ. މޫނުމަތީގައިވާ އުފާވެރިކަން ކަޅާއި ހުދަށް ބަނަވެގެން ދިޔައެވެ. ހުއްޓުމަކަށް އައެވެ. އުއްމީދާއި އެކު ވާހަކަ ދައްކަމުން ދިޔަ ސައިމަންގެ މޭމަތިން ބޯ ނެގުމަށްފަހު އޭނާ ދުރަށް ޖެހުނެވެ. އަދި ދުއްވައިގަތީ ކޮޓަރިއަށް ދިޔުމަށެވެ. ވާނުވާ ނޭނގި ސައިމަން ހުރީ ހާސްވެފައެވެ. ޔާނާގެ މޫނުމަތިން ފެނުނު އުދާސްކަމާއި ހާސްކަމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ސައިމަންއަށް އެނގުނެވެ. ސައިމަން އަވަސް އަވަހަށް ހިނގައިގަތެވެ. އޭރު ޔާނާ ކޮޓަރިއަށް ވަދެ ތަޅުލައިފިއެވެ. ދޮރުގައި ތެޅުމުންވެސް އެއްވެސް ޚަބަރެއް ނުވުމުން ސައިމަން އިށީނީ ސޯފާގައެވެ. ވީގޮތެއް އެއްވެސް ވަރަކަށް އޭނާއަކަށް ނޭނގުނެވެ. ހިތައްވެސް ނުގެނެވުނެވެ.
ޔާނާ އެނދުމައްޗަށް ވެއްޓިގެން އޮވެ ބާލީސް ފޯކުރަމުންދެއެވެ. ރޮމުން ގިސްލަމުންދެއެވެ. ހިތް ފިތެމުންދެއެވެ. ދެލޯ ދުޅަވެ ހަށިގަނޑުން ބާރު ގޮސްފިއެވެ. ހިތުގެ ތެޅުން ހުއްޓުމަކަށް އައި ފަދައެވެ. ޔާނާ އެހެން އޮތުމަށްފަހު ތެދުވެލިއެވެ. އަދި ފާރުގައި ލެނގިލައިގެން ބާލީސް އުނގަށްލައިގެން އިނެވެ.
” އަޅެ!އަހަންނަށް ކީއްތަ މިވަނީ؟ އަހަރެން ހިތާމައިގައި ވަނިކޮށް އެހީތެރިކަމެއްގެ އަތް ދިއްކޮއްލުމުން ސައިމަންދެކެ ލޯބިވެވުނީ.. ދިރިއުޅުމުގެ ހުވަފެން ދެކުނީ.. އަދި ސައިމަންއަށް އަހަންނާ ނުލާ ނޫޅެވޭ ވަރަށް ގާތްވެވިއްޖެ! މިހުރިހާ ކަމެއް ވީ ކީޢްވެ؟ ކީއްވެތަ އަހަރެން އެކަން ހަނދާން ނެތުނީ؟ ކީއްވެތަ އަހަރެންމިއީ ދިރިއުޅުމެއް ފެށުމަށް އެކަށީގެން ނުވާ މީހެއްކަން ހަނދާން ނެތެންވީ؟ ކީއްވެތަ؟ ” ޔާނާ ބޮލުން ފާރުގައި ޖެހިއެވެ.
” ނޭނގޭތަ ކީއްވެކަމެއް؟ މަރުވަމުންދާ ހިތަށް ދިރުން ދިނީ އެ ޒުވާނާ އޭ ކަލޭ ބުނީމެއްނު! ކީއްވެ އެހެން ބުނީ؟ އެއީ އޭ މައްސަލައަކީ. އެއީ ވީގޮތަކީ… ލޯބި ލިބި އުފާވެރިކަން ލިބުނީމަ އެކަންތައްމަތިން ކަލޭ ހަނދާންނައްތާލީ… ތިމާ އަމިއްލައަށް ބާކީވެ ދިޔުމަކަށްވެސް ނޭދެވޭ… ދެން ކީއްކުރާނީ؟ ކިހިނެތް އެވާހަކަ ސައިމަންގާތު ބުނާނީ؟ ބަލާބަލަ އެފަކީރު ދެކޭ ހުވަފެންތައް؟ ނިކަން ދެކިބަލަ އޭނާ ރާވާފައިވާ ކަންކަން… ކަލެޔާއި އާޢި އެކު އުފާވެރި ދިރިއުޅުމެއް ބިނާކުރަން ބިންގާ އެޅުމަށް ތައްޔާރުވެގެން އޭނާ ހުރި އިރު ތިވަރުގެ ބޮޑުކަމެއް ސިއްރުކޮށް ހުންނާކަށް ނުވާނެ! ދޭ! އަވަހަށް ދޭ! ހަޤީޤަތް ހާމަކުރޭ! ”
ޔާނާގެ ޒަމީރު ވަށައިގެން ހަޅޭއްފަޅޭއް ޖަހަމުންދާތީ ދުވެފައި ޔާނާ ބޭރަށް ނުކުތެވެ. ސޯފާގައި އިން ސައިމަން އަވަހަށް ތެދުވިއެވެ.
އޮޅުންފިލުވަން ބޭނުންވެފައި ހުރި ވަރުން ސައިމަން ޔާނާއާއި ދާދި ގާތުގައި ހުއްޓުނެވެ. ހޭވިފައިވާ އިސްތަށިތަކުގެ ތެރެއިން ޔާނާގެ މިލާފައިވާ މޫނު ސައިމަންއަށް ފެނުނެވެ. ސައިމަން ޔާނާގެ މޫނުގައި ދެއަތުން ފިރުމާލާ ފަދަ ގޮތަކަށް އަތްލިއެވެ.
” ކިހިނެތްވީ؟ ޕްލީޒް ! ” ސައިމަންގެ އަޑުން ޔާނާއަށް ރޮވޭގޮތްވުމުން ސައިމަން ޔާނާ ގައިގައި ބައްދާލިއެވެ.
” ކިހިނެތްވީ؟ ކީއްވެ ތިގޮތަށް ކަންތައްކުރީ؟ އަހަންނަށް ކުށެއް ކުރެވުނީތަ؟ ނޫނީ ދެރަވާ އެއްޗެއް ބުނެވުނީތަ؟ ” ޔާނާ ސައިމަންއާއި ދުރުވަމުން އިސްޖަހާލިއެވެ.
” ކުށް ކުރެވުނީ ސައިމަންއަކަށް ނޫން.. އަހަންނަށް! ދެރަވާގޮތަށް ކަންތައް ކުރީ ވެސް ސައިމަން އެއް ނޫން.. އަހަރެން….” ޔާނާގެ ޖުމުލަތަކުން ސައިމަންއަށް އޮޅުން އަރައިފިއެވެ.
” ކީ.. ކީކޭތަ ބުނަން ތިއުޅެނީ.. ލޯބި ޕްލީޒް.. އަހަރެންނަށް ތެދުތެދަށް ކިޔައިދީ.. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ފުސްވެފައިވާ ތި މޫނުން އެނގޭ… ” ސައިމަންއަށް ފުރަގަސްދެމުން ޔާނާ މޭގައި އަތްޖައްސާލިއެވެ. ބުނާނެ ހިތްވަރެއް ނެތިގެން ބުނެވޭތޯ މަސައްކަތްކުރިއެވެ.
” އަހަރެންނަށް މަޢާފްކުރޭ!… ހުރިހާ ވާހަކައެއް ސައިމަން އާއި ހިއްސާކުރި އިރުގައިވެސް އެވާހަކަ އަހަރެން ނުބުނީ އޭރު މިދުވަސް ދެކެން ބޭނުން ނުވާތީ… މިބުނީ އޭރު ބޭނުމެއް ނުވޭ ދިރިއުޅުމެއް ބިނާ ކުރާކަށް… މީހަކާ ގުޅޭކަށްވެސް.. އެހެންވެ އެވާހަކަ ބުނުން މުހިއްމު ކަމަކަށް ނުދެކުނީ…. އެކަމަކު… ދުވަސްތައް ބަދަލުވަމުންދިޔަ ހަލުވި މިނާއި އެކު ސައިމަންގެ ފަރާތުން ލިބެމުންދިޔަ ލޯބީގެ އިޝާރާތްތަކުން އަހަރެންގެ ހިތް އުނދަގޫ ކުރަންފެށި.. ނޭނގުމެއްގެ ތެރޭގައި ސައިމަންދެކެ ލޯބިވެވުނު.. އަދި…. އަދި އަހަރެން އެކަން ހަނދާން ނެތުނީ… އެއްކޮށްވެސް ހަނދާން ނެތުނީ… އަހަރެންނަށް ސައިމަންގެ އަޅާލުން ލިބެން ފެށުމުން ހީކުރެވުނީ އަހަރެން މިއީ އެއްކޮށްވެސް ފުރިހަމަ މީހެކޭ…. އެކަމަށް ކުރި ހިތާމަވެސް ފިލާ ދިޔައީ ތި ލޯބި ލިބެން ފެށުމުން… އަހަރެން މިހާރު ބިރުގަނޭ….. ލޯބި ގެއްލިދާނެތީ ބިރުގަންނަންވީ ސައިމަން އެއް ނޫން.!. އަހަރެން!. ” ޔާނާ ރޮމުން ރޮމުން އިސްޖަހާލިއެވެ. އޭނާގެ އަސަރުކުރުވަނިވި އަޑުން ސައިމަންވެސް ރޮއްވާލިއެވެ.
” ބުނެބަލަ! ކޮންކަމެއްތަ؟ ކީއްވެތަ ދޫނި ފުރިހަމަ ނުވާންވީ؟ ތީ ހަމަ ފުރިހަމަ ކުއްޖެކޭ! ތީ އަހަރެންގެ ހިތުގެ ރާނީއޭ.. އަހަރެންގެ ލޯބިވާ ޔާނާ އެއް ނޫންތަ ތީ؟ ” ސައިމަން ދެރަވެގެން އަނެއްކާވެސް ޔާނާގައިގައި ބައްދައިގަތެވެ.
” ސައިމަން… އަހަރެންނަކަށް ސައިމަން ބޭނުންވާ ހުވަފެންތަކުގައި ކުލަ ޖައްސައެއް ނުދެވޭނެ! އަހަރެން…. މިއީ…. ދަރިން ލިބުމުން މަހުރޫމް ވެފައިވާ މީހެއް…… ”
ސައިމަންގެ މޭމަތީގައި ބޯ ޖައްސާލައިގެން ހުރެ ޔާނާ ބުނަން ބޭނުންވާ ޖުމުލަ ދޫކޮއްލިއެވެ. ސައިމަންއަށް ޤަބޫލުކުރަން ދަތިވި ނަމަވެސް ޔާނާގެ އަޑުން އެއީ ދޮގު ނޫންކަން ޔަޤީން ކުރެވުނެވެ. އޭނާ އެ ރޯ ރުޔުމުން އެއީ ތެދުކަން ހާމަވެއެވެ. ސައިމަން ޔާނާ ދުރުކޮއްލުމަށްފަހު ފާރުގައި ލައްވިއެވެ. އޭނާ ވަނީ ހުއްޓުމެއްގައެވެ. ޔާނާ ރޮމުން ރޮމުން މުށިތައްމަތީ ކުޑަކަކޫ ޖެހިއެވެ. ސައިމަން މަޑުމަޑުން ބުނެލިއެވެ.
” ތިވަރު ބޮޑުކަމެއް ހަނދާން ނެތުނީ؟ ތިވަރު ބޮޑުކަމެއް ނުބުނެ ހުރެވުނު؟ ” އެއަޑަށް ޔާނާ އިސްނަގާ ސައިމަން ގާތަށް ދިޔައެވެ.
11 Comments!
Comments are closed.
haadha lahey mihaaru upkuraaleh
ooooopppppppssssss……….wowwwww v salhi…..haadha dhere ey thivee goi…plz saiman yana dhookh nulaathi….waiting for next part…..thankew salaaaaaa,,.. 🙂
vvvvvvvvvvvvvvvv salhi mi part vx plx nxt part avahah up kohdhyba
Salhiey Salhiey Mibai! Jameela ah van jehey goiy thiothy vefa dhen lalalalalalala.
Salaa dhen faharakun avahah up kuraathi ingey .
Always
Lovely Manaal
My lovely (your favorite color) princess salaa
You favorite color bunedhhebala? Please please please
hahaha me ge fv colour ingeyne mi story in varah avahah…dhimaa kuraaathi ingey
up kohdhyba shaiman yaanaa dhookoh nulaathi plxxxxxxxxxxxxxxxxxxxxxxxx fahdh ah yaanaa libigen nuvaane ehn vehjeyah vaahaka v hadivaane …………… this part is also full of enthusiastic and very bonny gud luck avs kohdheythi
vvvvvvvvvvvvvvvvvvvvvvvvvvv nice salaaaaaaaaaa…. avahah up kohdhehchey next part plxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx.salaaaaaaaaaaaaaa
so so so so nice……alhe saiman yaaanaa dhoonukhlachey ….. nxt prt avhah up kuracheyy……
Mi vaahaka mikiyenee mihaaru kitha faharu kameh vx neynge eki site thakun..ekm vx fooseh vx nuvi kiyaakah…varah reethi masha Allah
v rythi story ehhh.…thnx salaa
…
HURIHAA KUDHINNAH V BODAH THANKX>>> ADHI VAKI VAKI COMENTS THAKAH VES RPLY DHEYNAN INGEY>>> I LOVE U ALL UMMMMAAAASSSS