ރޮށި ފިހެނިމިގެން ގެއަށް ދިޔަ މަގުމަތީގައި ލަޔާންއާއި ވިޝާކާ މަޖާ ވާހަކަތައް ދައްކަމުންދިޔައެވެ. އަވްލީންއާއި މަހުދީވެސް އެމީހުންގެ ސަކަރާތުގައި ބައިވެރިވެ އެމީހުން ކިޔާ އެއްޗެއްސާ ހެމުންދިޔައެވެ. ދަތުރުގޮސް ކުރާނެ މަޖާ ކަންތައްތައް ރާވަމުން ހަތަރު މީހުން އެކުގައިގޮސް ގެއަށް ވަންއިރު ވިޝިކާ އޮތީ ސޯފާގައި އޮށޯވެގެން ޓީވީ ބަލާށެވެ. “ވިޝީމެން ގުރޫޕަށް އިނީ ކޮންކަމެއްތަ؟ ވިޝީ ނުދަންތަ ދަތުރަށް ރެޑީކުރާކަށެއް؟” ވިޝާކާ ޖެހިގެން އިން ސޯފާގައި އިށީންނަމުން އަހާލިއެވެ. “އަހަރުންނަށް އިނީ މިކޮޅުންވެސް އެކޮޅުންވެސް ދޯންޏަށް އެއްޗެހި އަރުވާ ބޭލުން..” ވިޝާކާ ޖަވާބުދިނެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ތިބެފައި ކޮންމެ މީހެއްވެސް އެމީހެއްގެ ކޮޓަރިއަށް ވަދެ އޮށޯތީ ފަތިހު ފަތިހާ ތެދުވަންޖެހޭނެތީއެވެ.

……………………………………………………………………………………….

ފަތިހު ފަސްގަޑިބައިވިއިރު ދޯންޏަށް ފުރޭވަރުވީ ފަތިސް ނަމާދަށް ތެދުވި ކުދިންތައް ނަމާދުކޮށްގެން ގޮސް ނުހޭލާ ކުދިންނަށް ގޮވާ ނަގައިގެންނެވެ. އަވްލީންވެސް ނަމާދުކޮށްގެން ގޮސް ވިޝާކާއަށް ގޮވުމުން ވިޝާކާ ވިޝިކާއަށް ގޮވީއެވެ. ލަޔާން އަދި މަހުދީ އަކީ ނަމާދަށްދާން ތެދުވާ ދެމީހުންކަމުން އެ ދެމީހުނަށް ގޮވާކަށް ނުޖެހުނެވެ.

މާސިންގާ ކަނޑުގެ ރާޅުގަނޑު ކަފަމުން ކުރިއަށްދިޔަ ދޯނީގެ ހުންގާނު ކައިރީގައި މަހުދީ ހުއްޓިލައިގެން ކޮޅަށްހުރީ އިށީންނާނެ ޖާގައެއް ނެތިގެނެއްނޫނެވެ. މަސްބޭނުމަކީ އަބަދުވެސް މަހުދީ ވަރަށް ކުރާހިތްވާކަމެއްކަމުން ރޯލުފުޅި ދޫކޮށްގެން ކައްޕި ކައިރީ ހުރީ މަހެއް ބޭނޭތޯއެވެ. ދެ ކައިރީ ގޮނޑިބަރީ އިށީނދެލައިގެން ތިބި ކުދިންތަކުގެ ތެރޭގައި އަވްލީންއާއި ވިޝާކާވެސް ތިއްބެވެ. ވިޝިކާ ހުރީ ސަންޑެގް މައްޗަށް އަރާ ތިބި ކުދިންތަކުގެ ތެރޭގައެވެ.

ހެނދުނުގެ ސަޔަށް ރޮއްޓާއެކު ކާން މަސްހުނި ހެދުމުގައި އެއްބަޔަކު އުޅުނުއިރު ދެންތިބި ކުދިންނާ ބެލެނިވެރިން އަދި ޓީޗަރުންތައް ދެ ބަޔަކަށް ބަހާލުމަށްފަހު ލަވަ ބާޒީ ކުރަންފެށީ ދަތުރުގެ ފޯރި ގަދަ ކޮށްލުމަށެވެ. ފޯރީގައި ކުރިއަށް ދިޔަ ލަވަބާޒީގައި އަވްލީންވެސް ބައިވެރިވެ ލަވަ ކިޔަމުންދިޔައެވެ. އެ މަންޒަރު ބަލަން މަހުދީ ދުރުގައި ހުރިއިރު ލަޔާން އުޅުނީ ވީޑިއޯކުރާށެވެ. ލަވަ ކިޔާއިރު ނަޝާ ޓީމަކަށް ޕޮއިންޓް އިތުރުވާގޮތަށް ގަވާއިދުގަ އިން ނަމަވެސް ނަށަން އަރާނެ ކުއްޖެއް ނެތުމުން ދެ ގުރޫޕަށްވެސް ޕޮއިންޓް ލިބެމުންދިޔައީ އެއްވަރަށެކެވެ.

“ވިޝީ އަރާބަ ނަށާލަން. އެއިރުން އަހަރުން ގުރޫޕް ޕޮއިންޓް އިތުރުވާނެއެއްނު.. ” ވިޝިކާ ކައިރީ އިން އަޒްހީން ބުނެލިއެވެ. އަޒްހީން އެހެން ބުނުމުން ވިޝިކާއަށް ބަލައިލެވުނީ ވަށައިގެން ތިބި މީހުންގަޔަށެވެ. ތަންކޮޅެއް ކުރިން ނަށާއުޅުނު ނަމަވެސް ވިޝިކާ ނުނަށާތާ މިހާރު ތިން އަހަރެއްހާ ދުވަސްވެދާނެއެވެ. އަޒްހީންއަށްވެސް އެކަން އިނގޭނެއެވެ. ނަމަވެސް އެގޮތަށް އެންމެން ކުރިމަތީ ނަށަން ބުނުމުން ވިޝިކާ އިނީ ހާސްވެފައެވެ. އަޒްހީންއަކީ ގޮތުގައި ހިފަހައްޓާލާ މީހެކެވެ. އޭނަ ބުނާ ކަމެއް ވިޝިކާ ނުކޮށްފިނަމަ އެކަމުގެ އަދަބު ވިޝިކާއަށް ލިބޭނެއެވެ.

ވިޝިކާ ހާސްވެފައިހުރެ މަހުދީއަށް ބަލާލިތަނުން މަހުދީ ބޯ ހޫރާލުމުން އަދި އިތުރަށް ހާސްވެ ކަންބޮޑުވިއެވެ. “ވިޝީގެ ބަދަލު އަހަރެން ނަށާލަފާނަމޭ.. އަހަރެން ވަކި ދަށެއް ނުވާނެ ނަށާކަށް.. ހެހެ” ވިޝިކާގެ މޫނަށް ކަޅިޖަހާނުލާ ބަލަން އިން ލަޔާން ކުއްލިއަކަށް ތެދުވެފައި ބުނެލިއެވެ. އަދި ބޮޑުބެރަށް މީހުން ނަށާހެން ނަށަންފެށިއެވެ. ލަޔާންގެ މި ސަކަރާތުން އެތަނުގައި ހީވީ ބޮމެއް ގޮއްވާލިހެންނެވެ. އެންމެން އަތްޖަހާ ހޯއްލާ ހަދަންފެށީ ލަޔާންއަށް ފޯރިދީ އޭނާއާ ބައިވެރިވުމުގެ ގޮތުންނެވެ. އަދި އިތުރު ދެތިން ފިރިހެން ކުދިން އަރާ ނަށަންފެށުމުން ލަވާބާޒީގެ ފޯރިގަދަވެލިއެވެ.

ލަޔާން ކަންތައް ކުރިގޮތުން ވިޝިކާގެ ހިތަށް ފިނިކަމެއްލިބި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.  އެވަގުތު އަޒްހީން ވިޝިކާއަށް ބަލާލީ ހިތްހަމަނުޖެހިހުރެއެވެ. “ވިޝިކާ އަދި ޖެހޭނެ ނަށަން. މަ ބުނީމަ ބުނާކަމެއް ކުރަންޖެހޭނީ. އެހެން ނޫނީ ވާނެގޮތް އިނގެއެއްނު.” އަޒްހީން ވިޝިކާގެ ކަންފަތް ދޮށަށް ލެފިލާފަ ބުންޏެވެ. “އެކަމަކު ދޮންބެވެސް އެބައިނެއްނު. ދޮންބެ ހިތްހަމައެއްނުޖެހޭނެ. ވިޝީއަކަށް ނުވެސް ކެރޭނެ މިހާރު ނުނަށާތާ ދެތިން އަހަރުވެދާނެ..” ވިޝިކާވެސް އަޒްހީންއަށް އެކަނި އިވޭވަރަށް މަޑުމަޑުން ބުންޏެވެ. “ކޮން ދޮންބެއެއް. މަށަކަށް ނޯންނާނެ އެއްވެސް ދޮންބެއެއް. ”  އަޒްހީން ހީވީ އޭނަގެ ފަހުގެ ނިންމުން އިއްވިހެންނެވެ.

އަނެއް ޓީމުން ލަވަ ކިޔާ ނިމިގެން ވިޝިކާމެން ޓީމް ލަވަ ކިޔަން ފެށީމަވެސް ވިޝިކާ ނުތެދުވުމުން އަޒްހީން އިނީ ރުޅިއައިސްފައެވެ. ވިޝިކާގެ ބަދަލުގަ މިފަހަރުވެސް ލަޔާން ތެދުވެ ނަށަން ފެށުމުން އަޑުގަދަވެލިއެވެ. ލަޔާން ޖައްސާ ވައްތަރުތައް ބަލަން ހީ ހީ އަވްލީން އިނުމުން މަހުދީއަށް އަވްލީންގެ މޫނަށް ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ.

އަވްލީން ހޭން އިނދެފައި އެއްލި ކަޅިއަކުން މަހުދީ ބަލަން ހުރިތަން ފެނުމުން އިސްޖަހާލެވުނީ ލަދުންނެވެ. އޭގެ ފަހުން އަވްލީން އިރުކޮޅުކޮޅާ ސިއްރު ސިއްރުން މަހުދީ ގަޔަށް ބަލާލައެވެ. އަދި މަހުދީ އަވްލީންއަށް ބަލަން ހުންނަތަން ފެނުމުން އަވަހަށް ނުވާކަމަށް ހަދައިގެން އިނދެއެވެ.

ފޯރީގައި ކުރިއަށްދިޔަ ލަވަ ބާޒީ މެދުކަނޑާލީ ރަށުގެ ފަޅުތެރެއަށް ވަދެވުމުންނެވެ. މޫދު ވިނައެއް ނެތް ސާފު މޫދު ފެނުމުން ހުރިހާ ކުދިންވެސް ތިބީ މޫދަށް އެރޭ ހިތުންނެވެ. އަވްލީންވެސް ޝައުގުވެރިކަމާއެކު މޫދަށް ބަލަން އިންގޮތުން އޭނަ އެއިނީ މޫދަށް އެރޭހިތުންކަން އިނގޭހާވެއެވެ. ރަށުގެ އައްސޭރިފަށުގައި މަގޫގަސްތަކެއްހުރެފައި އެއްކޮޅުގައި ބޮޑު ހުސްޖާގައެއް އޮތްއިރު އެ ތާނގައި ވޮލީ ނެޓެއް ދަމާފައި ހުއްޓެވެ.

ރަށުގެ ގޮނޑުދޮށަށް ދޯނި ބީއްސާލުމުން ބައެއް ކުދިން މޫދަށް ފުންމާލީ އަވަހަށް ރަށުތެރެ ބަލާލަންދާށެވެ. ވިޝިކާމެން ގުރޫޕް ކުދިން އެއްޗެހިތައް އެއްގަމަށް އެރުވުމުގައި އުޅުނުއިރު އިތުރު ދެތިން މީހުންވެސް އެ ކުދިންނަށް އެހީވުމުގައި އުޅުނެވެ. މަހުދީވެސް ފެންހަމެއް އެއްގަމަށް ގެންގޮސްފައި ދޯނި ކައިރިއަށް ދިޔައިރު އަވްލީން އިނީ ދޯނީގެ އެއް އަރިމަތީގައި އިށީނދެގެން މޫދަށް ބަލާށެވެ.

“އެއްގަމަށް ގެންގޮސްދޭންވީތަ؟” މަހުދީ އަވްލީން ކައިރިއަށް ޖެހިލާ އަހާލިއެވެ. “ނު ނޫން.. މި މޫދު ބަލާލަން އިނީ.. މޫދަށް ފައިބައިގެން ދާނީ..” އަވްލީން މަހުދީއަށް ބަލާލައިފައި ބުންޏެވެ. އަދި މަހުދީ ކުޑަކޮށް ދުރަށްޖެހިލާއިރަށް މޫދަށް ފުންމާލިއެވެ. ކަކުލަށްވުރެ މައްޗަށް ފެން ހުރިނަމަވެސް އަވްލީން ފުންމާލީ ކަކުލާ ހަމައަށް ޖިންސް އޮޅާލައިގެންނެވެ. ވިޝާކާވެސް އަވްލީންގެ ފަހަތުން މޫދަށް ފުންމާލައިގެން އެއްގަމަށްދާން ހިނގައިގަތެވެ.

ރަށުގެ އެއްކޮޅުގައި ދަތުރުގޮސް އުޅޭ މީހުންނަށް ތިބެވޭނެހެން ހިޔާކޮށްފައި މޭޒާ، ގޮނޑިއާ ޖޯލިފަދަ އެއްޗެހި ބަހައްޓާފަ އިންނަ ތަނެއް އިނދެއެވެ. އެތަނުގައި އެއްޗެހިތައް ބެހެއްޓުމަށްފަހު ދަބަސްތައް މޭޒުމަތީގައި ބަހައްޓާފަ ގިނަ ބަޔަކު މިސްރާބުޖެހީ ރަށުގެ ތުނޑިއާވީ ދިމާލަށެވެ. ނަމަވެސް މަހުދީ އާއި ލަޔާން މިސްރާބު ޖެހީ ރޯލު ފުޅިތައް ހިފައިގެން ރަށުގެ ދެނކުނުފަރާތަށް މަސްބާނަންދާށެވެ. “އޭތް ކަލޯމެންނޭ… އައިގޮތަށް ސައިވެސް ނުބޮއެ މަހަށްދަނީތަ؟ މަޑުކުރޭ ސައިބޮއެގެން ދާން.. ” ދަތުރުގޮސް ހުރި މެދު އުމުރުފުރާގެ އަންހެނެއްކަމަށްވާ ކަތްދައްތަ ލަޔާންމެނަށް ގޮވާލަމުން ބުނެލިއެވެ. “އަހަރުން އަންނާނަން އިރުކޮޅަކުން. މެންދުރަށް ފިހެލާނެ މަހެއް ލިބޭތޯ މިދަނީ..” ލަޔާން ކަތްދައްތައަށް ބަލާލަމުން ބުނެލިއެވެ.

ހެނދުނު ސައިގެ ކަންތައް ކުރިއަށް ދިޔައިރު ނަވާޒް އުނދުން ދޮށަށް ލެފި ބިސްގަނޑު އަޅަމުންދިޔަލެއް ފަރިތަކަމުން އެއްބަޔަކު އެކަމަށް ތައުރީފުކުރަމުން ދިޔައިރު އަނެއް ބަޔަކު ވީޑިއޯކޮށް ފޮޓޯ ނަގަމުންދިޔައެވެ. ވިޝާކާވެސް ފޯނު ދިއްކޮށްގެން ނަވާޒް ގައިން ފޮޓޯ ނަގަމުން ދިޔައެވެ. އަވްލީން ވިޝާކާ ކައިރީ އިށީންދެގެން އިންއިރު ވަށައިގެން ހޯދެނީ މަހުދީއާއި ލަޔާން ނުފެނިގެން އެ ދެމީހުން ދިޔަތަނެއް ނޭނގިގެންނެވެ.

“އަވީ އަވީ.. ކާކު ތި ހޯދަނީ.. ދޮންބެތަ؟” ވިޝާކާ ފޮޓޯ ނަގައިގެން ގޮސް އަވްލީން ކައިރީ އިށީނދެ އޭނަ ނެގި ފޮޓޯތައް އަވްލީންއަށް ދައްކާލަންވެގެން ބަލައިލިއިރު އަވްލީން އެކި ދިމަދިމާއަށް ބަލާތީ ކަންފަތްދޮށަށް ލެފިލާފަ ސިއްރު ސިއްރުން ބުނެލިއެވެ. ވިޝާކާ އެހެން ބުނެލާއިރަށް އަވްލީން ތެޅިގަނެފައި ނޫން ކަމަށް ހަދާލަމުން މީހުން ގިނަކަމުން ބަލާލީއޭ ބުނެލިއެވެ. އަވްލިން އެހެން ބުނި ކަމުގައިވިޔަސް ވިޝާކާއަށް އަވްލީންއާއި އޭނަގެ ދޮންބެއާ ދެމެދު ގުޅުމެއް އޮންނަކަމާމެދު ޝައްކެވެ. ލަޔާން ކައިރީ އަހާލަންއުޅެފަވެސް ލަޔާން ނުބުނާނެހެން ހީވާތީ ނާހާ މަޑުކުރީއެވެ.

ސައިބޮއެގެން ވިޝާކާ އާއި އެކު އަވްލީން ދިޔައީ މަހުދީއާއި ލަޔާން ސައިބޯން ނުދާތީ އެ ދެމީހުން ފެނޭތޯއެވެ. ގަސްތައްބޯކޮށް ހުރި ދިމާލުން އަތިރިއަށް ފައިބައިގެން މޫދު ކައިރިންލާފައި ދިޔަ ދެމީހުން ފަހަތް ބަލައިލީ ފަހަތުން ބަޔަކު ވާހަކަ ދައްކާ އަޑު އިވިގެންނެވެ. ” ހައި ބޭބް.. ވަޓްސް އަޕް؟” ފަހަތުގައި ތިބި މޯޑް އާއި އޭނާގެ ގުރޫޕް ފެނުމުން ވިޝާކާ ކުއްލިއަކަށް އަވްލީންގެ އަތުގައި ހިފައިގެން ކުރިއަށް ދުއްވައިގަތީ އިތުރު ބަޔަކު ނެތް އެ ފަޅު ހިސާބުގައި މޯޑް އަވްލީންއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެތީއެވެ.

އަވްލީންގެ އަތުގައި ހިފައިގެން ދުވަމުންދިޔަ ވިޝާކާ ވިނަގަނޑުގެ ތެރެއަށް ވަދެގެން ދިޔައީ އަވަހަށް އެހެން މީހުން ތިބި ހިސާބަށް ދެވޭތޯއެވެ. ފަހަތުން މޯޑްމެން އަންނާތީ ކަންތައް ބޮޑުވެގެންހުރެ ފަހަތް ބަލަމުން ދުވެފައި ދިޔަ އަވްލީން މޫ ގަނޑެއްގައި އަޅައިގަނެފައި ވެއްޓި ޖެހުނުގޮތަކުން ފަޔަށް ވަރަށް ބޮޑަށް ތަދުވިއެވެ. ތެދުވަން އުޅުނު ނަމަވެސް އެ ފައި އަޅާލަން ނުކެރުމުން އަވްލީންއަށް ރޮއިގަނެވުނީ މޯޑްމެން އެ ހިސާބާއި އަރާ ހަމަވުމުން ގަތް ބިރެއްގެ ސަބަބުން އަދި ފައިގައި އެޅި ވޭނުގެ ސަބަބުންނެވެ. ވިޝާކާ ގޮސް އަވްލީން ކައިރިއަށް ތިރިވެ ފައިގަ ހިފަހައްޓާލީ އަވްލީންއަށް ފައި ނޭޅިގެން އުޅޭތީއެވެ. މޯޑް އާއި އޭނަގެ ގުރޫޕް ގޮސް ވިޝާކާ އާއި އަވްލީން ވަށައިލައިގެން ހުއްޓިލީ ނުލަފާ ހިންޏެއް އައިސްތިބެއެވެ.

“ދެން ކޮންތާކަށް ދާނީ.. އަދި އަހަރުންނަށް ފިލަން އެބަ ދުވެއޭ.. ވިޝާކާ ކޮންއިރަކު މަގޭ ޕްރިންސަސްއަށް ތިހާ ހެޔޮއެދިގެން ތިއުޅެނީ.. ދެން މިހާރު ތިއޮތީ އަމިއްލައަށް އައިސް ދަލުގަ ޖެހިފަ.. ދެން ސަލާމަތްވުމަކީ އުނދަގޫކަމެއް.. ހަހަހ” މޯޑް ވާހަކަ ދައްކަން ހުރެފައި ހޭން ފެށުމުން އޭނާއާއިއެކު ގޮސް ތިބި މީހުންވެސް ވިޝާކާއަށް ބަލާފައި ހޭން ފެށިއެވެ. “ކަލެއަށް ހެވެއްނު. ކަލެއަށް ހީވަނީތަ އަވީ އެއީ ކަލޭގެ ކުޅޭ އެއްޗެކޭ.. އޭނަގެވެސް އޮންނަނީ ކަލޭމެންގެ އޮންނަ ކަހަލަ ހިތެކޭ. މުޅި އުމުރު ދުވަހު އަވީ އާ ޖައްސާލައިގެން ތިއުޅެނީ އޭނަ ކަލޭމެނަށް ކޮންކަމެއް ކޮށްގެންތަ؟ އަޒްހީން ޕްލީޒް އަވީ އެކޮޅަށް ގެންގޮސްދީފާނަންތަ؟” ވިޝާކާ މޯޑް އާއި ދިމާލަށް އެއްޗެހި ކިޔަންއިނދެފައި އަޒްހީންއާއި ދިމާލަށް ބަލާލަމުން އަވްލީން ގެންގޮސްދިނުމަށް އެދުނީ ވަރަށް އުންމީދާއެކުގައެވެ.

“ހަހަހ މަ ކީއްކުރަން އޭނަ ގެންދަންވީކީ. މަ ކަލޭގެ ދައްތައާ ރައްޓެހިވެގެން އުޅުނަސް މަ ނުޖެހޭނެ ތި އާއިލާ އެންމެންގެ ކަންކަން ބަލާކަށް.. އެހެން ނޫނަސް ތި އަވްލީންއަކީ ކަލޭމެން އެންމެންވެސް ރުޅިއަރާ ފޫހިވާ މީހެއް. ދެން މިހާރަކު ކޮން ހެވެއްވެގަނެގެން ތިއުޅެނީ.. ސަލާމަތްވާން ބޭނުމިއްޔާ އޭނަ އަހަރުންނާ ހަވާލުކޮށްފަ ކަލޭ ދޭ. . އަހަރުން ބޭނުމީ އޭނަ.. އެކަމް އަހަރުން ކުރާކަމަކަށް ހުރަސް އަޅައިފިއްޔާ އެމީހެއްގެ ދުވަސްވެސް އެ ދިޔައީ.. ވިޝާއަށް އެކަން އިނގެއެއްނު ވަރަށް ރަނގަޅަށް” އަޒްހީން ހަމަޖެހިލައިގެން ހުރެ ދެއްކި ވާހަކައިން ވިޝާކާ ބޭނުންވީ އެވަގުތު ގޮސް އަޒްހީންގެ މޫނުމަތީގައި ޖަހާށެވެ. ނަމަވެސް ހަތަރު ފިރިހެނުންގެ ކުރިމަތީގައި އޭނައަށް ގަދަ ނުދެއްކޭނެކަން އިނގޭތީ އަނގައިން ނުބުނެ މަޑުމަޑުން އިނީއެވެ.

ވިޝާ ދޭ އަހަރެން ބައިންދާފަ. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން ވިޝާއަށް ދެރައެއްލިބޭކަށް” އަވްލީން ރޮވިފައި އިނދެ ވިޝާކާއަށް ބަލައިލަމުން ބުނެލިއެވެ. “އަވީ މޮޔަނުވޭ.. އަހަރެން ނުދާނަން އަވީ ސިންގާ ކޮށްޓަކަށް އެކަނި ދޫކޮށްލާފައެއް.. ހެޔޮ ކޮންމެ ގޮތެއްވިޔަސް” ވިޝިކާ އެހެން ބުނުމުން އަވްލީން އިތުރަށް އެއްޗެކޭ ނުބުނީ ކިތަންމެ ވަރަކަށް ކިޔަސް ވިޝާކާ އެތަނުން ނުދާނެކަން އިނގޭތީއެވެ.

“އަޒްހީން މަށާއެކު މަޑުކޮށްފަ ދެންތިބި ދެމީހުން ދޭ ވިޝާކާ ގޮވައިގެން.” މޯޑް ކުރިއަށް ޖެހިލަމުން ބުންޏެވެ. އަދި ދިޔަގޮތަށްގޮސް އަވްލީންގެ އަތުގައި ހިފާ ނެގިއެވެ. އެވަގުތު އަވްލީންގެ ފަޔަށް ވީ ތަދަކުން އަނެއްކާވެސް ރޮއިގަނެވުނެވެ. ވިޝާކާ މޯޑްގެ އަތުގައި ހިފާ ހުއްޓުވަން އުޅުނުވަގުތު ޔުނާލްއާއި އިބޫއާ ދެމީހުންގޮސް ވިޝާކާގެ ދެއަތުގައި ހިފެހެއްޓިއެވެ. ވިޝާކާ ގަދަ ހަދަމުންދިޔަނަމަވެސް އެ ދެމީހުން ވިޝާކާ ދަމާކޫއްތާފައި ގެންގޮސް އެތަނުން ބޮޑު ގަހެއްގެ ނިވަލަށް ވެއްދިއެވެ.

15

7 Comments

  1. ishaa

    December 24, 2017 at 10:56 am

    dhn kon irakun next part?? next part thankolheh avahah up kohla dhyba pls… mi part ves varah reethi…

  2. Leo3910

    December 24, 2017 at 11:00 am

    Next part kon irakun…avee and vishaa ah dhera gotheh nahadhahchey…pls..mi part hama habeys.. ??

  3. ***?***

    December 24, 2017 at 11:37 am

    Edhekudinnah ehves dhera gotheh nahadhachey.mahydhee and layaan aadhey e kudhin sakaanaikyran. Kon irakun next pert othee. Avaha pls

  4. Maa

    December 24, 2017 at 12:07 pm

    Mee vvv wait kurevey vaahaka eh…..

  5. Nashth

    December 24, 2017 at 12:13 pm

    Handhaan Nethay fahuh thi up kuranii thahkolheh fast Kn up knbala

  6. Sana

    December 24, 2017 at 1:21 pm

    Alhey iff pls edhekudhinnah dheragotheh nuhadhahchyy iff pls
    When next part?

  7. Me

    December 24, 2017 at 1:37 pm

    Vaahaka mathin han’dhaan netheyhaa dhuvas kohffa up kurany… adhi ehaa kirkoh..ekamaku ves v reethi… thankolheh dhigukoh genesdheebala..

Comments are closed.