
“ކަލޭ ހީނުކުރާތި މަށަށްވުރެ ކަލެއަށް ކުރި އަރައިގެން ދެވޭނެ ކަމަށް. ހިތުން އަފާފްގެ ހިތް ކާމިޔާބުކުރަންތަ ވަކި ޤާރީއެއްގެ ރާގަކަށް ކިޔެވީ؟ އޭނަ މިއަދު ކަލެއަކީ ކާކުކަން ނޭނގިގެން އެބައުޅޭ. މަ ޔަޤީން ކުރާނަން އޭނަގެ ޢުމުރު ދުވަހަށްވެސް ކަލޭ ނޭނގޭނެކަމަށް ހަދަން.” ވިޔާމް އެހެން ބުނެ އައި ރުޅީގައި ޝަރަފްގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވިއްލާލިއެވެ. ވީ ތަދާއެކީ ޝަރަފަށް އޭނަގެ ދެލޯ މަރާލަމުން އޭނަގެ ކޯތާފަތުގައި ހިފަހައްޓާލެވުނެވެ. އެއަށް އަޅާލުމެއްނެތި ވިޔާމް ޝަރަފްގެ މޭމަތީގައި އަތް އަޅައި ކޮއްޕާލިއެވެ. ޝަރަފްގެ ނަސީބު ރަނގަޅުކަމުން އޭނަ ބިންމައްޗަށް ނުވެއްޓި ކައިރީގައި ހުރި ގޮނޑީގައި އިށީނދެވުނެވެ. ވިޔާމްމެން އަނެއްކާވެސް ކުލާހުން ނިކުންނަން ދިޔަ އަޑު އަހަން ޝަރަފަށް އިނދެވުނީ އޭނަގެ ކޯތާފަތުގައި ހިފަހައްޓައި ދެލޯ މަރައިގެންނެވެ. އެހެން އިންދާ ވިޔާމް ދެންމެއަކު ދެއްކި ވާހަކަތައް އޭނަގެ ސިކުނޑީގައި ގުގުމައިގެން ދިޔަދިޔަހެން އޭނައަށް ދެލޯ ހުޅުވާލެވުނެވެ. އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އެ ވާހަކަތަކާމެދު ވިސްނާލެވުމުންނެވެ. އަފާފަށް ހަމަ ޙަޤީޤަތުގައި ވެސް އޭނަގެ ކިޔެވުން ރީތިވީ ހެއްޔެވެ؟ އަދި އޭގެ ސަބަބުން އަފާފް އޭނައަކީ ކާކުކަން ނޭނގިގެން އުޅެނީ ހެއްޔެވެ؟ އެ ދެ ސުވާލު ހިތަށް ވެރިވުމުން ޝަރަފްގެ ހިނިތުންވުން ފުންވިއެވެ. އެ ވަގުތުން ވަގުތަށް އޭނަގެ ހިތުގައި ޢަޒުމެއް ކަނޑައެޅިގެން ދިޔައެވެ. މިއަދު އިވިގެން ދިޔައީ އޭނަގެ ކިޔެވުންކަން އަފާފަށް އަންގައިދިނުމުގެ ޢަޒުމެވެ. އަދި އެ ޢަޒުމް ފުރިހަމަވާ ދުވަހަކުން އޭނައަށް އަފާފް ކާމިޔާބުކޮށްގެން ވިޔާމްގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލުމުގެ ފުރުޞަތެއް ލިބޭނެ ކަމުގެ އުއްމީދު ޝަރަފަށް ކުރެވުނެވެ.
ޝަރަފް އެދުވަހު ގެއަށް ގޮސްފައި އެތައް ހަފްތާތަކެއް ފަހުން އަމިއްލަ އެދުމުގައި މުޞްޙަފް ނެގިއެވެ. އެހެން ރޭރޭ ދެ ނަމާދު ދޭތެރޭ އޭނަ އެންމެ ދެ ޞަފްޙާ ކިޔަވާލަނީ ބައްޕަގެ އެދުމުގެ މަތިންނެވެ. އެހެނަސް އެދުވަހު ނުބައި ނިޔަތެއްގައި ވިޔަސް ޝަރަފް އޭނައަށް ވީހާވެސް ރީތިކޮށް ކިޔެވޭތޯ މަސައްކަތް ފެށިއެވެ. އެސަމްބްލީގައި ކިޔެވޭނެ ފަދަ ކުރު ސޫރަތްތައް އަޑުއަހައި އެ ސޫރަތްތައް ޝަރަފް ފަރިތަ ކުރަމުން ދިޔަ ގޮތުން ޤުރުއާން މުބާރާތެއް އޮތީތޯ ޝިނާޒަށް ވެސް އަހާލެވުނެވެ. އެހެނަސް ޝަރަފް އޭނަގެ ނިޔަތްތައް އޭނަގެ އެންމެ ގާތް ބޭބެއަށް ވެސް ފޮރުވީ، އޭނައަށް ކާމިޔާބުކަމާއެކީ އޭނަ ލޯބިވާ ކުއްޖާ އޭނައަށް ލިބުނު ދުވަހަކުން ގަދަވެލާފައި ބޭބެއަށް އެ ވާހަކަ ކިޔައިދިނުމަށެވެ.
އެދުވަހާއި ހަމައަށް ދިޔުމަށްޓަކައި ޝަރަފް ރޭވި ރޭވުން ވަރަށް ވެސް ފުރިހަމައެވެ. ނަމަވެސް ކަން ދިމާވެގެން ދިޔައީ އޭނަ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އޭނަ އޮތީ ވިޔާމްމެންނަށް ވެސް ސިއްރުން ދެން އަންނަ ހަފްތާގެ ބޭރުގައި އޮންނަ އެސަމްބްލީގައި އޭނަ ޤުރުއާން ކިޔަވަން ބޭނުންވާ ވާހަކަ އޭނަގެ ކުލާސް މުދައްރިސް ކައިރީގައި ބުނެފައެވެ. އޭނަ އެވާހަކަ ވިޔާމްމެންނަށް ފޮރުވަން އުޅޭކަން އެ މުދައްރިސަށް ނޭނގޭތީ އެސަމްބްލީ އޮތް ދުވަހުގެ ކުރީ ދުވަހު މުދައްރިސް ހުރިހާ ކުދިންގެ ކުރިމަތީގައި އޭނަ ކިޔަވަންޖެހޭ ވާހަކަ އޭނައަށް ހަނދާންކޮށްދިނެވެ. ހަމަ އެއާއެކު ޝަރަފްގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެވެ. ވިޔާމްމެން ނުފެނުނަސް އެވަގުތު އެމީހުން އޭނައަށް ދެމުންދާނެ ނަޒަރުތައް ޝަރަފަށް ތަޞައްވުރު ކުރެވުނެވެ. ވިޔާމް އޭނަގެ މޫނުމައްޗަށް ވިއްލާލި އެތި ފަހަރުގެ މަތިން ހަނދާންވެފައި ވިޔާމް އެވަގުތު އަންނާނެ ރުޅީގެ ހޫނުކަން ޝަރަފަށް އިޙްޞާޞް ކުރެވުނެވެ. އެހެނަސް ޝަރަފް ފަހަތަށް ޖެހޭކަށް ބޭނުމެއްނުވިއެވެ. ވިޔާމްގެ އެ ރުޅިއަކީ ވިޔާމަށް ލިބިފައި ނެތް، އަދި އޭނައަށް ލިބިފައިވާ ހުނަރެއްގެ ސަބަބުން އަންނަ ރުޅިއެއްކަން ވިސްނުމުން ޝަރަފަށް ހިތްވަރެއް ލިބުނެވެ. އެހެނަސް ދެންވެސް އޭނަގެ ހިތުތެރޭގައި އެމީހުން ކޮށްފާނެކަމެއްގެ ނުތަނަވަސްކަމެއްވިއެވެ. އޭނަ ކިޔަވަމުން ދިޔަ ފޮތުގައި އޭނައަށްޓަކައިވި ބަސްތަކެއްގެ މާނަ އޭނައަށް އެނގިފައިވީނަމަ އެ ހިތަށް ލިބިފައިވާނީ ކިހާ ވަރެއްގެ ސާބިތުކަމެއްކަން އޭނައަށް ނޭނގެއެވެ.
ނޭނގުމުގެ ސަބަބުން އޭގެ އަނެއްދުވަހު ސްކޫލަށްދާން ތައްޔާރުވީ ވަގުތުވެސް ޝަރަފްގެ ހިތުތެރޭގައި ބިރުވެރިކަމެއްވިއެވެ. އެ ބިރުވެރިކަމުގެ ސަބަބުން އޭނަ އެދުވަހު ސްކޫލަށްދާން ބައިސްކަލަށް އެރި ވަގުތުވެސް އޭނަގެ ދެފައި ތުރުތުރު އަޅައެވެ. ހިތްހަމަޖައްސާލުމަށްޓަކައި އޭނަ ބައިސްކަލު ބާރަށް ދުއްވާލަމުން އަފާފްމަތިން ހަނދާން ކޮށްލިއެވެ. އަދި މިއަދު ވެގެން ދާނީ އޭނައާއި އަފާފް ގުޅިގެންދާނެ ދުވަހަށޭ ހިތަށް އެރި ވަގުތު އޭނައަށް ހިނިތުންވެލެވުނެވެ. އަމިއްލަ ޚިޔާލުތަކެއްގައި ދުއްވާފައި ގޮސް ހަނި މަގަކަށް އެޅުނުތާ މާ ގިނައިރެއްނުވެ ކިޔުނު ބާރު އަޑަކާއެކީ އޭނަގެ ބައިސްކަލުގެ ދުވެލި މަޑުވެ އޮމާންކަން ގެއްލުނެވެ. ޝަރަފް ވަގުތުން ބައިސްކަލު މަޑުކޮށްލަމުން ފޭބީ އޭގެ ހަން ފެޅުނީކަން ޔަޤީންވުމުންނެވެ. ބައިސްކަލުން ފައިބައި އޭނަ އޭތީގެ ކުރީގެ ފުރޮޅި ބަލަމުން ދަނިކޮށް ކުއްލިއަކަށް ބޮޑު ލަކުޑި ގަނޑަކުން އޭނަގެ ބޮލުގައި ޖަހާލެވުނެވެ. ވީ ތަދާއެކީ ބޮލުގައި އަތް އަޅާލެވުނު ވަގުތު އޭނައަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. އޭނައަށް ދެލޯ ހުޅުވާވެސް ނުލެވެނީސް ކޮންމެވެސް ދެ ބަޔަކު އޭނަގެ ދެފަރާތުން ދެއަތުގައި ހިފައި ތެދުކޮށްލަމުން ފާރަށް ލަށްކޮށްލިއެވެ. އޭނަ ދެލޯ ހުޅުވައި ބަލާލިއިރު އެއީ އޭނަ ނުވެސް ދަންނަ 3 ޒުވާނުން އެތާނގައި ތިއްބެވެ. އޭނައަށް އިތުރު ޙަރަކާތެއް ނުކުރެވެނީސް އެ ތިން މީހުންވެގެން އޭނައަށް އެކި އެކި އަނިޔާތަށް ދޭން ފެށިއެވެ. އެކަކު ދަނޑި ބުރިއަކުން އޭނަގެ ގައިގެ އެކި ތަންތާނގައި ޖަހަމުން ދިޔައިރު ދެންތިބި މީހުން އޭނަގެ އަތުންނާއި ފައިންނެވެ. ދުވަހަކުވެސް މިފަދަ ތަޅާފޮޅުމެއްގައި ބައިވެރިވެފައި ނެތް ޝަރަފަށް ހަދާނެ ނަހަދާނެ ގޮތެއްނޭނގުނެވެ. އެމީހުން އޭނަ ފިލަން ދުއްވައިގަންނާނެހާ ފުރުޞަތެއް ވެސް ނުދިނެވެ. އޭނައަށް މި ބީރައްޓެހި ޒުވާނުންގެ ފަރާތުން އަނިޔާތަށް ލިބެނީ ކީއްވެކަން ނޭނގިގެން އުޅެނިކޮށް އެމީހުން އޭނައަށް ކޮޅަށް ނުހުރެވޭ ވަރު ކޮށްލިއެވެ. އަދި އެންމެ ފަހު ކަމެއްގެ ގޮތުން އެއްޒުވާނަކު އޭނަގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލިއެވެ.
“ދެންވެސް ވިޔާމް އަހުމަދަށް ޙައްޤުވާ ކުއްޖަކާ ކައިރިވާން ނުއުޅޭތި!” އޭގެތެރެއިން އެއްޒުވާނަކު ބުނެލި އަޑު އިވުނެވެ. އެއަށްފަހު އެ ތިން މީހުން އެކީގައި ދުރަށް ހިނގައިގަތް ވަގުތު މި ހުރިހާ ކަމެއްގެ ފަހަތުގައިވީ ކާކުކަން ޝަރަފަށް ނަގައިގަނެވުނެވެ. އެއާއެކު އޭނަގެ މޭތެރޭގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. ވިޔާމް މިކަމެއް ކުރުވީ އޭނަ އަފާފާއި ހަމައަށް ދިޔުމުން ހުއްޓުވުމަށްކަން ޝަރަފަށް އެނގުންވިއެވެ. އޭނަ ހަމަ ވަގުތުން ތެދުވެގެން ގޮސް އޭނަގެ އެ އެދުން ފުނޑުފުނޑުކޮށްލަން ބޭނުންވިއެވެ. އެކަމަށްޓަކައި ލިބުނު ހިތްވަރާއެކީ ތެދުވެލަން އުޅުނު ޝަރަފްގެ އަނގައިން ނިކުތީ އާހެއްގެ އަޑެކެވެ. އޭނަގެ އަތާއި ފައިގައި އޭނަ ދުވަހަކުވެސް އިޙްޞާޞް ކޮށްފައި ނުވާފަދަ ތޫނު ރިހުމެއް އުފެދިފައިވިއެވެ. އެ ތަދާއި އެކީގައި ވެސް އޭނަ ތިންފަހަރެއްގެ މަތިން ތެދުވެލަން މަސައްކަތް ކުރިއެވެ. އެހެނަސް ނާކާމިޔާބުވުމުން އޭނައަށް ވަރުބަލިކަމާއެކީ އޮތްތާ އޮވެވުނެވެ. އޭގެ މާގިނައިރެއްނުވެ އެ މަގުން ހިނގާފައި ދިޔަ ބަޔަކު މީހުންނަށް އޭނަގެ ޙާލު ފެނުމުން އޭނަ ހޮސްޕިޓަލަށް ގެންދެވުނެވެ.
ޝަރަފް ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ޢައްބާސްމެންގެ އަވަށްޓެރިއެއްވެސް ހިމެނުނީތީ މިނެޓްތަކެއްގެ ތެރޭގައި ޢައްބާސްމެންނަށް ވެސް އެ ޚަބަރު ލިބުނެވެ. ޚަބަރު ލިބުމާއެކު ޢައްބާސްއާއި ވަރުދާ އެމީހުން ކުރަން ތިބި ހުރިހާ ކަމެއް ދޫކޮށްފައި ހޮސްޕިޓަލަށް ދިޔައެވެ. އެމީހުންނަށް ދެވުނުއިރު ޝަރަފަށް ފަރުވާ ދެވެން ފަށައިފިއެވެ. އޭނަގެ އެކްސްރޭތަކުން ދެއްކި ގޮތުން އޭނަގެ އެއްއަތާއި އެއްފައި ބިނދިފައިވާތީ އޭރު އޭނަވަނީ ދަގަނޑު ބޭސްގަނޑު އަޅަން ވައްދާލެވިފައެވެ. ތުންތުންމަތިން އިވުނު ވާހަކަތަކުން ޢައްބާސްމެންނަށް ލިބުނީ ޙައިރާންކަމެކެވެ. އެމީހުންގެ ދަރިފުޅަށް މީހަކު ޙަމަލާ ދޭންވީ އެއްވެސް ސަބަބެއް އެމީހުންނަކަށް ނުވިސްނުނެވެ. އެހެންކަމުން ޝަރަފް ވޯޑަކަށް ވައްދާލެވުމާއެކު ކޮށްލެވުނީ އެ ސުވާލެވެ.
“ކޮން ބަޔަކު ކީއްވެ ޝަރަފްއަށް އަނިޔާއެއްދޭންވީ؟” ޢައްބާސްއަށް ޝަރަފާއި އެ ސުވާލު ކޮށްލެވުނީ ވެސް ނުރުހުންތެރިކަމާއެކީގައެވެ.
“އެއީ އެ ވިޔާމްއޭ ކިޔާ މީހާ ފޮނުވި މީހުން.” ޝަރަފް ވެސް ރުޅިވެރިކަމާއެކީ ބުނެލިއެވެ.
“ކޮން ވިޔާމެއް؟” އެ ސުވާލުކޮށްލީ ވަރުދާއެވެ.
“އެއީ އަބަދު އަހަންނަށް އުނދަގޫ ކުރާ ކުއްޖެއް. އަބަދު އަހަންނަށް މަލާމާތްކޮށް އަހަންނާ ދިމާލަށް ވަނަމުން ގޮވާ ކުއްޖެއް އެއީ، ބައްޕާ. އަހަރެން ވައްޓާލާފަ ދިޔަ މީހުން ބުނި މިއީ ވިޔާމް ބުނެގެން ކުރި ކަމެކޭ.” ޝަރަފް އައިސްފައި ހުރި ރުޅީގައި ފަހު ޖުމްލައިން ހަދަހަދައިގެން ބުނެލި ވާހަކައިން ޙަޤީޤަތް ފޮރުވިއެވެ. އެހެނަސް އެވަގުތު ޝަރަފްގެ ސިކުނޑީގައި ވެސް އެއީ ދޮގަކަށް ނުވެސްވީ އެއީ ވިޔާމް ފޮނުވި މީހުންކަން އޭނައަށް ޔަޤީންވެފައިވި މިންވަރުންނެވެ. އަދި އެގޮތަށް ކިޔައިދީގެން މީގައި އެއްގޮތަކަށް ވެސް އޭނަ ވިޔާމް ރުޅިއަންނަ ފަދަ ކަމެއް ނުކުރާކަމަށް އެމީހުންނަށް ޔަޤީން ކޮށްދިނުމަށާއި، ބައްޕައަށް ވިޔާމާއި ދެކޮޅަށް ފިޔަވަޅެއް އެޅުމަށް އެލިގެންނުދާނެ ހިތްވަރެއް ދިނުމަށެވެ.
ޝަރަފް އުއްމީދު ކުރި ގޮތަށް ކަންތައްވިއެވެ. އޭނަގެ ބައްޕަ ހަމަ ވަގުތުން އެވާހަކަ ފުލުހުންނާއި ހިސާބަށް ގެންދިޔައެވެ. އަދި އެ ވާހަކަ ސްކޫލްގެ ޕްރިންސިޕަލާއި ހަމައަށް ވެސް ގެންދިޔައެވެ. އެހެނަސް ވިޔާމްމެން ޕްރިންސިޕަލް ކުރިމައްޗަށް ގެނައުމުން އެއީ އެމީހުން ދެނަހުރި ކަމަކަށް ނުވިއެވެ. ވިޔާމަކީ އެހެންނޫނަސް ރަނގަޅު ނަތީޖާ ހޯދާ އަދި އަޚްލާޤީ މައްސަލަތައް މިހާރު މަދުކުރަމުންދާކަން ފާހަގަވާ ކުއްޖެއްކަމަށް ޕްރިންސިޕަލް ދެންނެވިއެވެ. އެ ވާހަކަ އިވިފައި ޢައްބާސް ހިސާބަކަށް އޮޅުން އެރިއެއްކަމަކު އޭނަގެ ދަރިފުޅު ދޮގެއް ނަހަދާނެކަން ޔަޤީން ކުރިއެވެ. އަދި އެވާހަކަ ޕްރިންސިޕަލަށް ވެސް އެންގިއެވެ. ނަމަވެސް ޝަރަފްގެ ވާހަކަތައް ސާބިތުކުރުމަށްޓަކައި އެއްވެސް ހެއްކެއް ނެތުމުން ސްކޫލުން ކުރެވޭނެ ކަމެއްނެތް ކަމަށް ޕްރިންސިޕަލް ދެންނެވިއެވެ.
އެ ވާހަކަ ޝަރަފާއި ހަމައަށް ފޯރުމުން އޭނަ މާޔޫސްވެ އަނެއްކާވެސް ރުޅިގަދަ ވާގޮތްވިއެވެ. އޭނައަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ ބައްޕަ ފުލުހުންނަށް އެނގިކަން އެނގުމުންނެވެ. ފުލުހުންނަށް އޭނައަށް ޙަމަލާ ދިން މީހުން ފެނި އެމީހުން ވިޔާމްގެ ނަން ކިޔުމުން އޭނަގެ ‘ބާރު’ ވިޔާމަށް އެނގިގެންދާނެއޭ ޝަރަފްގެ ހިތަށް އެރިއެވެ. އެހެނަސް އެގޮތަށް ކަންތައްވުން ނުހަނު ނާދިރުހެން އޭނައަށް ހީވީ، ވިޔާމަކީ ފައިސާވެރިއެއްގެ ދަރިއެއްކަން ހަނދާނަށް އައުމުންނެވެ. ފައިސާވެރިން ކޮންމެހެން ވެސް އެމީހުންގެ ދަރިން ބަދުނާމުވުމުން ސަލާމަތް ކުރާނެ ނޫންހެއްޔެވެ؟
އެދުވަހު ޝިނާޒް ސްކޫލުން އައި ގޮތަށް ޝަރަފް ކައިރިއަށް އައީ، ހިތަށް ވެރިވެފައިވި އެ ސުވާލުން އޭނަގެ މޫޑު ޚަރާބުވެފައިވަނިކޮށެވެ. ޝިނާޒް އައިސް ވީ ކިހިނެއްތޯ އަހާލުމާއެކު ޝަރަފަށް އޭނަގެ ހިތް ބަންޑުން ކޮށްލެވުނެވެ. ބައްޕަމެންނަށް ކިޔައި ނުދޭ، އޭނަ ‘ލޯބި’ވެގެން އުޅޭ އަންހެން ކުއްޖާގެ ވާހަކަވެސް ޝިނާޒަށް ކިޔައިދެވުނެވެ. އެއާއެކު އޭނައާއި އެއްވަރަށް ލޭ ހޫނުވެގެން ދިޔަ ޝިނާޒް ދިނީ އިތުރަށް ލޭ ހޫނުކުރުވާ ފަދަ ޚިޔާލުތަކެވެ.
“ޑޯންޓް ގިވް އަޕް! އެ ސޮރު އެ އުޅެނީ ޝަރަފަށް ބިރުން. ޖޭވެސް ވީ މާ ބޮޑަށް. މީގެ ބަދަލު ޝަރަފް ދޭންވާނެ ކޮންމެހެންވެސް. ކޮންމެހެން ވެސް އެ އަފާފަކާ ރައްޓެހިވާތަން ތި ވިޔާމަކަށް ދައްކާތި! ބްރޯ ތިހެން ހުއްޓަކަސް އަސްލު ވަރަށް ހޭންޑްސަމްއޭ. ޝީ ވިލް ލައިކް ޔޫ!” ޝިނާޒް ނަޞޭޙަތްދީ ހިތްވަރު ދިނެވެ. ޝަރަފް އެ ވާހަކަ އަޑު އަހާފައި ވޯޑުގެ ދޮރާއި ދިމާލަށް ބަލާލި ވަގުތު އޭނަ ސިހުންވިއެވެ. އެ ދޮރު ކައިރީގައި އޭނައާއި ޝިނާޒަށް ބަލަހައްޓައިގެން އެހެރީ ދޮންތަ ނޫން އެހެން މީހެއްނޫނެވެ. ދޮންތަ މޫނުމަތީގައި ސީރިއަސްކަމެއް ވިގޮތުން ޝަރަފްގެ ހިތް ނުތަނަވަސްވިއެވެ. ދެންމެ އޭނަ ދެއްކި ބައެއް ވާހަކަތައް ދޮންތައަށް އެނގުނީކަން ޝަރަފަށް ޔަޤީން ކުރެވުނެވެ. އިތުރަށް ނުތަނަވަސްވެގެން ދިޔައީ ދޮންތަ ލަސް ހިނގުމެއްގައި އައިސް ޝިނާޒްގާތު ދޮންތައަށް ޝަރަފާއި ވަކިން ވާހަކަ ދެއްކިދާނެތޯ އެހުމުންނެވެ. ޝިނާޒް އެއްފަހަރު ދޮންތައަށް އަނެއްފަހަރު ޝަރަފަށް ބަލައި ދެލޯ ބޮޑުކޮށްލަމުން ނިކުންނަން ދިޔައެވެ. ޝިނާޒް ލޯ މައްޗަށް ގެއްލުނުތަނާހެން ޝަބާ ޝަރަފްގެ އެނދު ކައިރީގައި އިން ގޮނޑީގައި އިށީނދެ ހިނިތުންވެލިއެވެ.
“ކިހިނެއްތަ؟” އެ ހުރިހާ ވާހަކަތަކަށްފަހު ވެސް ދޮންތަ ކޮށްލި ސީދާ ސާދާ ސުވާލުން ޝަރަފް އޮޅުން އަރާގޮތްވިއެވެ. ދޮންތައަށް އެ ވާހަކަތައް ނުއިވުނީބާއޭ ހިތަށްއެރިއެވެ. އޭނަ އުއްމީދުކޮށްގެން ހުރީ ދޮންތަ އައިސް އޭނައާއި ދިމާލަށް އެއްޗެހި ގޮވައިގަތުމަށެވެ. ވަކިން ޚާއްޞަކޮށް ކުރިއާއި ޚިލާފަށް މިހާރު ދޮންތަގެ ހެދުންތައް ކަޅުވެފައި ކަކުލަށްވުރެ ތިރިއަށް ދިގުވެފައިވި ގޮތުންނެވެ.
“ރް….ރަނގަޅު.” ހިސާބެއްގެ ޖެހިލުންވުމަކާއެކީ ޝަރަފް ޖަވާބުދިނެވެ.
“ވީގޮތް ކިޔައިދީފާނަންތަ ދޮންތައަށް؟ ކަންވީ ގޮތުގެ ފުލް ވާރޝަން އަޑުއަހަން ބޭނުމީ.” ދޮންތަގެ އަޑުގައި މަޑުމައިތިރިކަމެއް ވެފައި ވާހަކައިގައި އެކުވެރި ގޮތެއް ހުރުމުން ޝަރަފްގެ ހިތް ދޮންތައަށްޓަކައި ލެނބޭ ގޮތްވިއެވެ. މި ހުރިހާ އަހަރުތަކުގައި ވެސް އޭނައާއި ޝިނާޒް އުޅުނީ ދޮންތައާއި ދުރުދުރުންނެވެ. ދޮންތަ އެމީހުންނަށްވުރެ އެތައް އަހަރެއް ދޮށީވެފައި ވިސްނުން ތަފާތުވުމުންނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެވަގުތު އޭނައަށް ދޮންތައާއި ގާތްކަމެއް އިޙްޞާޞްކުރެވުނެވެ.
ޝަރަފް އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ޝަބާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އެނގޭ ދޮންތައާއި ޝަރަފް އެއްވެސް ސީކްރެޓެއް ޝެއާރ ނުކުރާނެކަން. ޝަރަފްއަށް މަޖުބޫރެއްވެސް ނުކުރާނަން އެއްވެސް ސިއްރެއް ޙިއްޞާ ކުރާކަށް. އެކަމަކު މިފަހަރު ކަންދިމާކުރި ގޮތުން ދޮންތައަށްވަނީ ޝަރަފް ފޮރުވަން އުޅުނު ކަމެއް އެނގިފަ. އެކަމާބެހޭގޮތުން ހަމަ އެންމެ ސުވާލެއް ޝަރަފްއާ ކޮށްލަން ބޭނުމީ.” ދޮންތަ ވާހަކަ ދެއްކި ގޮތުން ޝަރަފްގެ ދެބުމަ ކައިރިވެ ދޮންތަ ދައްކާނެ ވާހަކައަކަށް ކެތްމަދުވިއެވެ.
“ޝަރަފް ހަމަ ޙަޤީޤަތުގަވެސް އެކުއްޖާދެކެ ލޯބިވޭތަ؟” ދޮންތަ ކޮށްލި ސުވާލުން ޝަރަފަށް ކުޑަ ސިހުމަކާއެކީ ދޮންތައަށް ބަލާލެވުނެވެ. އެ ސުވާލަށް ދޭނެ ޖަވާބަކާމެދު ވިސްނަން ފެށި ވަގުތު އެ ސުވާލު ކުރެވެންވީ ކީއްވެކަމާމެދު ވެސް ވިސްނެން ފެށިއެވެ. އޭނައަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ދޮންތަ އިތުރަށް ވާހަކަ ދެއްކިއެވެ.
“ލޯބިވަންޏާ ކީއްވެގެންތަ ވަކި މީހަކަށް ދައްކަންވެގެން އޭނައާއި ރައްޓެހިވާންވީ؟ ކީއްވެގެންތަ އޭނައަށް ޤަދަރު ކުރުމުގެ ބަދަލުގަ ކޮންމެ އެހެން އަންހެން ކުއްޖަކާ ދިމާލަށް ވެސް ބަލާހެން އޭނައަށް ތި ބަލަނީ؟ ކީއްވެގެންތަ އޭނަގެ އިޙްތިރާމް ގެއްލި އޭނަ ފާފަވެރިވާނެފަދަ ގުޅުމަކަށް އޭނަ ގެންނަން ތި މަސައްކަތް ކުރަނީ؟” ދޮންތަގެ ބަސްތަކުން ޝަރަފްގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ވެސް އަސަރު ކުރިއެވެ. އޭނަ އެ ސުވާލުތަކާމެދު ވިސްނަން ފެށި ތަނާހެން ދޮންތަ އިތުރަށް ވާހަކަ ދެއްކިއެވެ.
“އަދި އެއީވެސް ﷲ ގެ ބަސްފުޅުގެ ބޭނުންކޮށްގެން. ﷲ ގެ ބަސްފުޅު ކިޔަވަނީ ކޮން މަޤްޞަދެއްގައިކަން ޝަރަފް ހަނދާން ނެތުނީތަ؟ އެ ބަސްފުޅު ކިޔަވަނީ ވަކި މީހެއްގެ ހިތް އަތުލާކަށް ނޫން. އެ ބަސްފުޅު ކިޔަވަނީ ﷲ ގެ ރަޙްމަތާއި ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި.” ދޮންތަ އަސަރާއެކީ ކިޔައިދިނުމުން ޝަރަފްގެ ލޮލުން ދިލަ ނެގިއެވެ. އޭނަގެ ހަނދާނަށް އަންނަން ފެށީ ދޮންތަ އޭނައާއި އެކީގައި އުޅުނުއިރު ދޮންތަ ކޮންމެ ދުވަހަކު ދައްކާ މިފަދަ ވާހަކަތަކެއްގެ ސަބަބުން އޭނަ ޤުރުއާނާއި ގާތްވެފައިވި މިންވަރެވެ. އަދި މިހާރު އޭނަ އެ ފޮތުގައި ޖެހެން ވެސް ހިތްނުވާ ގޮތެވެ. ނޭނގޭ ސަބަބަކާހުރެ އެ ޙަޤީޤަތް އޭނަގެ ހިތް ދަތި ކުރުވިއެވެ. އޭނަ މިހާ ހިސާބަށް އައީ ކީއްވެބާއޭ ހިތަށްއަރަން ފެށި ވަގުތު ދޮންތަ އިތުރަށް ވާހަކަ ދެއްކިއެވެ.
“ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން ﷲ އަށް ތައުބާވޭ ޝަރަފް. ދޮންތަ އަޑުއެހިން ޝަރަފް މިހާރު ބައެއް ނަމާދުވެސް ނުކުރާ ވާހަކަ. ނަމާދު ދޫކޮށްނުލާ ޝަރަފް. ދިރިއުޅުމުގަ ކާމިޔާބުވާން ބޭނުމިއްޔާ ނަމާދު ދޫކޮށްނުލާތި. ބަންގީގަ އެ ގޮވަނީ ކާމިޔާބީއާއި ދިމާލަށް އަންނަން……ދިރިއުޅުމުގަ ބައިވަރު ކަންތައްތަކާ ދިމާވާނެ ޝަރަފް. އެއްވެސް ފައިދާއެއްނެތް ކަންތައްތަކެއްގެ ފަހަތުން އުޅެން ފަށައިފިއްޔާ އިތުރު މައްސަލަތަކާ ކުރިމަތިވާނީ. ބައްޕަމެން ޝަރަފް މާލެއަށް ގެނައީ ވަރަށް ޚަރަދު ކޮށްގެން ވަރަށް ގިނަ އުއްމީދުތަކާއެކީ. އެ އުއްމީދުތައް ފުރިހަމަކޮށްދެވޭނެތަ ޝަރަފް ތިކަހަލަ ކަންކަމާ އުޅެގެން؟ ނޫން! އެހެންވީމަ މިހާ ހިސާބުން ތި ކަންތައް ދޫކޮށްލާ. ނުބުނަން ކުއްޖެއްދެކެ ލޯބިނުވާށޭ. އެ އިޙްޞާޞްތައް ހިފަހައްޓަން ފަހަރެއްގަ ދަތިވެދާނެ. އެކަމަކު ހަނދާންކުރާތި……ﷲ ޝަރަފްއަށްޓަކައި ލިޔުއްވި ކަމެއް އެހެން މީހަކަށް ލިބުމަކީ ނާދިރު ކަމެއް. ޝަރަފްއަށްޓަކައި ލިޔުއްވާފައި ނެތްކަމެއް ޝަރަފްއަށް ލިބުމަކީ ވެސް ނާދިރު ކަމެއް. ލިޔުއްވާފައި ނެތިއްޔާ އެއީ ޝަރަފްއަށް އެންމެ ރަނގަޅަކަށް އެކަން އެގޮތުގަ އޮތީ. އެހެންވީމަ މި ދުނިޔޭގެ އެއްވެސް އެއްޗެއްގެ ފަހަތުން ދުވާނެ ކަމެއްނެތް. ﷲ އެންގެވި ގޮތަށް އުޅެ ބޭނުންކަމަކަށް އެކަލާނގެ ޙަޟްރަތުން އެދި އެކަލާނގެ ރުހިވޮޑިގެންވާ ފަދަ ގޮތަކަށް ކަންތައް ޙާޞިލުކުރަން މަސައްކަތް ކުރަންވީ. ލައިފްއަކީ އެހާވެސް ސިމްޕްލް އެއްޗެކޭ. ޝަރަފް ﷲ މަތިން ހަނދާންކުރޭ. އޭރުން ﷲ ޝަރަފްގެ މަތިން ހަނދުމަ ކުރައްވާނެ.” ޝަބާ އޭނަގެ އެންމެ ފަހު ވާހަކަ ބުނެ ހިނިތުންވުމެއް ދައްކާލީ އޭނަގެ ވާހަކައިން ޝަރަފްގެ ހިތަށް މާ ބޮޑު އަސަރެއް ނުކުރާނެކަމަށް ހީކުރަމުންނެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އޭނަގެ ވާހަކަތަކުން ﷲ ރުހިވޮޑިގެންވާފަދަ މީހަކަށްވާން ޝަރަފަށް ދުވަހަކުވެސް ނުލިބޭފަދަ ހިތްވަރެއް ލިބުނުކަމެވެ.
އޭނައަށް ހަމަ އެވަގުތު ދޮންތަ ދާން އުޅުމުން އިށީނދެގެން އިނދެ ނަމާދު ކުރާނީ ކިހިނެއްތޯ އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ދޮންތަ ކައިރިން އެކަން ސާފުކޮށްލަމުން އޭނަ ހަމަ އެދުވަހުގެ މެންދުރު ނަމާދުން ފެށިގެން ނަމާދު ކުރަން ފެށިއެވެ. އަދި ދޮންތަ ކައިރީގައި އެދިގެން ހޮސްޕިޓަލަށް މުޞްޙަފެއް ގެނައެވެ. އޭނަ އެރޭގެ މަޣްރިބް ނަމާދަށްފަހު ޤުރުއާން ފަށައިގެން ކިޔަވަން ފެށީ އެ ފޮތާއި ގާތްވުމުގެ ނިޔަތުގައި ނޫން އެހެން ނިޔަތެއްގައެއްނޫނެވެ. އޭނަގެ އެ ނިޔަތުގެ ސަބަބުން އޭނައަށް ކިޔަވާ ކޮންމެ ފަހަރަކު ބަޔާން ކުރަންދަތި ހިތްހަމަޖެހުމެއް ލިބެއެވެ. އޭނައަށް އެ ކިޔެވޭ އެންމެ ބަހެއްގެ މާނަ ނޭނގުނެއްކަމަކު އޭނަ އެ ބަސްތައް ކިޔަވަމުން ދިޔައީ ކިޔަވާ ހިތުންނެވެ. ރެއަށްރެއަކަށް އޭނައަށް ކިޔެވޭ މިންވަރުވެސް އިތުރުވަމުން ދިޔައެވެ. މިއުޅެނީ ރޯދަމަހެއް ޖެހިގެންހޭ ކިޔައި ޝިނާޒް މަލާމާތް ކުރިއެއްކަމަކު ޝަރަފް ހަމަ އެ ފޮތުން ދޫކޮށްލާ ހިތެއްނުވިއެވެ. އޭނައަށް ދުވާލު ގަޑީގައި ވެސް ޤުރުއާން ކިޔެވެން ފެށީ ކިޔަވާ ހިތުންނެވެ.
ހެޔޮ ނިޔަތެއްގައި ހަމައެކަނި ޤުރުއާން ކިޔެވުމުގެ އަސަރުތައް ޝަރަފްގެ އުޅުމުން ވެސް ފެންނަން ފެށިއެވެ. އޭނަގެ ބޭސްގަނޑު ނެގިތާ މާ ގިނަ ދުވަހެއްނުވެ ބައްޕަ ފިހާރައެއް ހުޅުވުމަށްޓަކައި ކުއްޔަށް ތަނެއް ހިފިއެވެ. އެތަން ސާފުކުރުމުގައި ޝަރަފަށް އެހީވެވެމުން ދިޔައީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަންމަ ބަދިގޭގައި އެކަނި މަސައްކަތް ކުރާތަން ފެނިފައި އޭނައަށް އެހީނުވެއެއް ނުހުރެވެއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން އެންމެންގެ ލޯބި އިހުނަށްވުރެ ބޮޑަށް ޝަރަފަށް ލިބެން ފެށިއެވެ.
ވިޔާމްމެން ހިންގި ތަޅާފޮޅުންގަނޑަށްފަހު އެމީހުން ވެސްވަނީ ހިސާބަކަށް މައިތިރިވެފައެވެ. އޭގެ ސަބަބުން ފުލުހުންނާއި ޕްރިންސިޕަލްގެ ސުވާލުތައްވެސް އެމީހުންނާއި ކުރިމަތިވީމަ ކަންނޭނގެއެވެ. ބޭސްގަނޑު ނެގިފަހުން ޝަރަފް ސްކޫލަށް އައުމުން އެމީހުން ޝަރަފާއި ކައިރިވާކަށް ވެސް މަސައްކަތެއް ނުކުރެއެވެ. ފުރަތަމަ ދުވަހު މިހާރު އޭނަ ހުންނާނީ ވިޔާމް ފެނިފައި ގަޔަށް ލެވޭ ވަރުވެފައޭ ބުނި އަޑު ޝަރަފަށް އިވުނަސް އިތުރު މަލާމާތްތަކެއް އޭނައަށް އަމާޒެއް ނުވެއެވެ. ޝަރަފް ވެސް ވަކި އެމީހުން ރުޅި އަންނަ ފަދަ ބަހެއް ބުނެ އެފަދަ ކަމެއް ކުރާކަށް ވެސް ބޭނުމެއްނުވިއެވެ. ދޮންތަގެ ނަޞޭޙަތުގައި ހިފައިގެން އޭނައަށް ވީ ވަރަކުން އޭނަ އަފާފާއި ދިމާލަށް ނުވެސް ބަލައިވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އޭނައަށް އެއްޗެކޭ ބުނަން މަޖުބޫރު ކުރުވީ އެއްދުވަހަކު މުދައްރިސެއް ކްލާހުގައި ނެތް ގަޑިއެއްގައި ވިޔާމް ދެއްކި ވާހަކައެކެވެ.
“އާނ ބައްޕަ މިހާރު ވޯކްކުރަނީ ބާރޓެންޑާއެއް ގޮތަށް. ހީޒް ސޯ ކޫލް. ރިސޯޓްގެ މެނޭޖާ އެއީ. އެކަމަކު ބައްޕަ ކުރާހިތްވާ ކަމެއްވީމަ އެއްވީކަށް ކުރަނީއޯ ބައްޕަ ބުނީ……ވަރަށް ކުރީ ޒަމާނުގެ ވައްތަރަށް ވިސްނާމީހުން ވެސް އުޅޭދޯ؟ މިދިޔަ އަހަރު އެ ރިސޯޓުގަ އުޅުނު އެއްވެސް ވަރަކަށް ވައިން ނުވިއްކާ ރިސޯޓެއް ހިންގޭނެނަމައޭ ކިޔައިގެން އުޅުނު ސޮރެއް. ބައްޕަ ކުރިކަމަކީ އޭނަ ވައިންގެ ސާރވިސް ދޭ މީހަކަށް ހަދާލީ. އޭނަ ބުނީމަވެސް ބަދަލެއް ނުކުރީމަ އެ ސޮރު ފިލީ. ހެހެހެހެ…..” ވިޔާމް ދެއްކި ވާހަކަތަކާމެދު ޝަރަފަށް ވިސްނާލެވުނު ވަގުތު އޭނަ ‘ސޮރޭ’ ކިޔާފައި މުޚާތަބު ކުރީ ކާކާކަން ޝަރަފަށް އެނގުންވިއެވެ. އެކަން ޔަޤީންވީ ވަގުތު އޭނަގެ މޫނު ރުޅިން ރަތްވެ އޭނަގެ ގޮށްމުއްކެވުނެވެ.
ނުނިމޭ
23 Comments!
Comments are closed.
Vvv furihama…masha Allah
Alhamdhulillah! (All praise and thanks belong to Allah) 😀
Varah reethi.
☺
Alhamdhulillah! 🙂
Maasha allah story v reethi
I just luv it??
Ly?
Wen next part?
Alhamdhulillah! Love you too. next part saturday ga In Sha Allah 🙂 <3
Varah rythi mi part vs.. masha allah …❤ may allah bless you nd ur work .. ly ???
Ameen! May Allah put barakah in every good we do. Ameen! Alhamdhulillah! <3
V reethi??
Masha Allah
??
Alhamdhulillah!
Varah reethi mi vaahaka ?
Alhamdhulillah! <3
V.v . furihama..??
Alhamdhulillah! <3
???
<3 🙂
FB Post:
Up until now, I highlighted the importance of understanding the Quran so much that some of you might think that the benefit of Quran can only manifest itself if you understand it. Though this is true to some extent, it is also true that just reciting Allah’s Word with the right intention can also bring a change in your behavior. I know this for a fact because that’s how my Quran journey began by the Will of Allah. I had absolutely no idea what a single word of that Book was saying. And yet when I started reciting it over and over again, I felt more and more attached to it. I simply did not want to leave it. Though I had no idea about the meanings of those ayat back then, it affected some aspects of my life. It affected how I spent my time. The decisions I made. The words I used when I spoke. It’s really a thing of awe to think that just reciting a book can bring such a change in you.
Now you might think, “I recite the Quran but it doesn’t bring any change in me.” or “I used to recite the Quran in childhood and I recited it so much last Ramadan but nothing changed.” This is the same thing I would have said before I made a critical decision in my life. And all I can say is it’s all about the intention. Are you reciting it just because you have to? Are you reciting it because someone else told you to? Or because you just feel like you have to recite it because everyone else is doing so?
How about changing this intention and taking the book for the mere reason that you want to get close to it. And through it you want to get close to your Master. When you miss someone, you might go through the letters or messages that they sent. The Words of the Quran are like letters from our Master. We read it so that we feel close to Him.
May Allah grant all of us closeness to Him through His Book. Ameen!
أُبَلِّغُكُمْ رِسَالَاتِ رَبِّي
“I convey to you the messages of my Lord…..” Suratul A’raaf, ayah 62
FB Post:
“If you really love her, why are you getting in a relationship with her just to show off? Why do you look at her like you would at any other girl, instead of honouring her? Why do you want her to get into a relationship that will allow her respect to be in question and allow her to commit sins?”
janaaaaaa… salhiey vaahaka.
Alhamdhulillah! 😀 kuda kamana ge khabareh nuvegen msg eh kuran ulhenikoh thi comment kolly 🙂
FB Post: (Dhivehi)
މިހާތަނަށް އައިއިރު ޤުރުއާނުގެ އާޔަތްތަކުގެ މާނަ އުނގެނުމުގެ މުހިއްމުކަން ތިޔަ ކިޔުންތެރިންނަށް ފަހަރެއްގައި އިޙްޞާޞް ކުރެވިފައިވެދާނެއެވެ. އެހެނަސް ޤުރުއާނުގެ ފައިދާ އަހަރުމެންނަށް ލިބެނީ ހަމައެކަނި އެ މާނަތައް ދަސްކޮށްގެނެއް ނޫނެވެ. ހެޔޮ ނިޔަތެއްގައި ހަމައެކަނި އެ ބަސްތައް ކިޔެވުމުން ވެސް އޭގެ އަސަރުތައް އަހަރުމެންގެ އުޅުމުން ފެނިގެން ދެއެވެ. މިއީ ޙަޤީޤަތެއްކަން އަޅުގަނޑަށް އެނގެނީ ޤުރުއާން އުނގެނުމަށް އަޅުގަނޑު ފެށި ދަތުރުގެ އެންމެ ފުރަތަމަ މަރުޙަލާއަކަށްވީ ޤުރުއާން ކިޔެވުން ކަމަށްވާތީވެއެވެ. އޭރު އެއްވެސް ވަރަކަށް އޭގެއިން އާޔަތެއްގެ މާނަ ނޭނގުނަސް ކިޔަވަމުން ދިޔަ ވަރަށް އަޅުގަނޑު އެ ފޮތާއި ގާތްވަމުން ދިޔައެވެ. ކުރީކޮޅު ގަދަކަމުން ކިޔަވަމުން ދިޔަޔަސް ފަހުން އައިސް އެ ފޮތުން ދޫކޮށްލާ ހިތެއްނުވިއެވެ. އޭގެ ސަބަބުން އަޅުގަނޑުގެ އުޅުމަށްވެސް ބަދަލުތައް އައެވެ. އަޅުގަނޑު ވަގުތު ހޭދަކުރާ ގޮތާއި، ނިންމާ ނިންމުންތަކާއި، ވާހަކަ ދައްކާއިރު ބޭނުންކުރާ ބަސްތަކަށް ބަދަލު އައެވެ. ހަމައެކަނި ފޮތެއް ކިޔެވުމުން އުޅުމަށް މިފަދަ ބަދަލުތަކެއް އައުމަކީ އަޖާއިބުކުރުވަނިވި ކަމެއް ނޫންތޯއެވެ؟
އަޅުގަނޑު މި ވާހަކަ ކިޔައިދޭއިރު ތިބާގެ ހިތަށް އަރާފާނެއެވެ. “އަހަރެން ޤުރުއާން ކިޔެވިޔަސް އަހަރެންގެ އުޅުމަށް ބަދަލެއް ނާދެއެވެ.” އެހެންނޫނީ ކުޑައިރު އެހާވަރަށް ކިޔަވާފައި ރަމަޟާން މަހު އެހާވަރަށް ކިޔެވުމުން ވެސް އުޅުމަށް ބަދަލެއް ނައެވެ. މިއީ ޚުދު އަޅުގަނޑު ވެސް މީގެ ދުވަސްތަކެއް ކުރިން ދައްކާނެ ފަދަ ވާހަކަތަކެވެ. އެހެނަސް ޙަޤީޤަތަކީ ޤުރުއާނުން އަހަރުމެންނަށް ފައިދާއެއް ކުރާނީ ހެޔޮ ނިޔަތަކާއެކީ އެއާއި ގާތްވާން މަސައްކަތް ކުރުމުން ކަމެވެ. ތިބާ ޤުރުއާން ކިޔަވަނީ ކީއްވެ ހެއްޔެވެ؟ އެއީ ހަމަ ކުރަންޖެހޭ ކަމެއްހެން ހީވާތީވެ ހެއްޔެވެ؟ އެހެންނޫނީ ތިބާ ކައިރީގައި އެހެން މީހަކު ބުނީތީވެ ހެއްޔެވެ؟ އެހެންނޫނީ އެހެން މީހުންވެސް ކުރާކަމަކަށްވާތީ ތިބާވެސް ކުރަނީ ހެއްޔެވެ؟
މި ނިޔަތްތަކުގެ ބަދަލުގައި ހަމައެކަނި އެ ފޮތާއި ގާތްވުމުގެ ނިޔަތުގައި އެ ފޮތް ކިޔަވަމާ ހިނގާށެވެ. އަދި އެ ފޮތުގެ ޒަރިއްޔާއިން ތިބާގެ ވެރިރަސްކަލާނގެއާއި ގާތްވުމުގެ ނިޔަތުގައި ކިޔަވަމާ ހިނގާށެވެ. އަހަރުމެން މީހެއްގެ މަތިން ހަނދާންވުމުން އެމީހަކު ފޮނުވި ސިޓީއެއް އެހެން ނޫނީ އެމީހަކު ފޮނުވާފަ ހުރި މެސެޖުތައް ކިޔާލަނީއެވެ. ޤުރުއާނުގައިވާ ބަސްތަކަކީ އަހަރުމެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އަހަރުމެންނަށް ލިބިފައިވި ސިޓީތަކެއްފަދައެވެ.
މާތް ﷲ އަޅަމެންނަކީ އެކަލާނގެ ފޮތުގެ ޒަރިއްޔާއިން އެކަލާނގެއާއި ގާތްވާ ބަޔަކު ކަމުގައި ލައްވާށި! އާމީން!
FB Post: (Dhivehi)
“ލޯބިވަންޏާ ކީއްވެގެންތަ ވަކި މީހަކަށް ދައްކަންވެގެން އޭނައާއި ރައްޓެހިވާންވީ؟ ކީއްވެގެންތަ އޭނައަށް ޤަދަރު ކުރުމުގެ ބަދަލުގަ ކޮންމެ އެހެން އަންހެން ކުއްޖަކާ ދިމާލަށް ވެސް ބަލާހެން އޭނައަށް ތި ބަލަނީ؟ ކީއްވެގެންތަ އޭނަގެ އިޙްތިރާމް ގެއްލި އޭނަ ފާފަވެރިވާނެފަދަ ގުޅުމަކަށް އޭނަ ގެންނަން ތި މަސައްކަތް ކުރަނީ؟”
maasha Allah varah reethi vahaka