އެއީ ‘އެލެގެންޓް ހޯމްސް’ ނަމަކަށް ކިޔާ ކުންފުންޏެއްގެ އެގްޒެކިއުޓިވް އެސިސްޓެންޓެއްގެ މަޤާމެވެ. މުސާރަވެސް ފުދޭވަރަކަށް ރަނގަޅުވުމުން ޝަރަފް ޝައުޤުވެރިވިއެވެ. އޭނަ ހަމަ ވަގުތުން ވަގުތަށް އިންޓަވިއުއަށްދާން ބޭނުންވިއެވެ. ދޮންތަ ގެއަށް އައުމުގެ ކުރިން ވެސް ދޮންތަ އުފާވާނެ ފަދަ ކަމެއް ކުރުމަށްޓަކައެވެ. އަދި އޭނަ ދޮންތައަށް ގެއްލުން ދިނުމުގެ ބަދަލުގައި ދޮންތައަށް އެހީވާން ބޭނުންވާކަން ވެސް ދެއްކުމަށްޓަކައެވެ.
ޝަރަފް ވަގުތުން އަވަސްވެގަތީ އޭނަގެ ސެޓްފިކެޓްތައް އެއްކުރުމަށެވެ. ހެދުން ފޮށީގެ ކޮންމެވެސް ބައެއްގެ ތެރޭގައި އޮތް ފައިލެއްގައި އޭނައަށް އޮސްޓްރޭލިޔާގައި ކިޔެވި ކިޔެވުމުން ލިބުނުހާ ސެޓްފިކެޓްތަކެއްވިއެވެ. ބިޒްނަސް މެނޭޖްމެންޓް އިން ޑިގްރީއަކާއި، އޭނަ ކިޔަވަމުން ދިޔަ ދުވަސްވަރު އޮސްޓްރޭލިޔާގެ ކުޑަ ކުންފުންޏެއްގައި އެޑްމިނިޓްރޭޓަރެއްގެ ގޮތުގައި އެއްއަހަރު ވަންދެން މަސައްކަތް ކޮށްފައިވުމުން އޭނައަށް ނުހަނު ފަސޭހައިން މި ވަޒީފާ ލިބިދާނެކަމުގެ ބޮޑު ޔަޤީންކަމެއް ޝަރަފަށް ލިބުނެވެ. ބޭނުންވާނެ ހުރިހާ ލިޔެ ކިޔުމެއް އެއްކުރުމަށްފަހު ޝަރަފް އޭނަގެ ލެޕްޓޮޕުން ނުހަނު އަވަހަށް ސީވީ ވެސް ލިޔެ ޕެން ޑްރައިވަކަށް އެޅިއެވެ. އެއަށްފަހު އޭނަގެ ރާއްޖޭގެ އައި ޑީ ކާޑު ވެސް ނަގާލީ އޭނަގެ ލިޔެކިޔުންތައް ހުރި ފައިލުގެ ތެރެއިންނެވެ. އޭތި ބަލާލިއިރު އޭނަގެ ނަސީބު ރަނގަޅުކަމުން އޭގެ މުއްދަތު ހަމަވާން ބާކީ ތިން މަސް އޮތެވެ. އޮސްޓްރޭލިޔާއަށް ބަދަލުވުމަށްފަހު ވެސް ކަމެއް ދިމާވެދާނެއޭ ހިތައި އޭތި ރައްކާކުރެވުނުކަން ރަނގަޅުތާއޭ ޝަރަފްގެ ހިތަށްއެރިއެވެ.
ލިޔެކިޔުންތައް އެއްކުރުމަށްފަހު ޝަރަފް އެހުރިހާ އެއްޗެހި ސިޓީ އުރައަކަށް އަޅައިގެން ގެއިން ނިކުމެގެން ދިޔައީ، ދާތަނެއް ބައްޕަ ގާތު ބުނެފައި ބައްޕަ ބަލަން އާހިލް ގާތު އެދިފައެވެ. އޭނަގެ އަތުގައި އޮތް މަދު ޑޮލަރު ކޮޅަކާއި އެއްކޮށް ޓެކްސީއެއްގައި ޝަރަފް ގޮސް އޭނަގެ ހުރިހާ ސެޓްފިކެޓެއް އެޓެސްޓްކޮށް، އައި ޑީ ކާޑުގެ ކޮޕީ ހައްދައި ސީވީ ޕްރިންޓަށް ނެގިއެވެ.
“އެލެގެންޓް ހޯމްސް، މާފަންނު.” އޭނަގެ ލިޔެކިޔުންތައް ހިފައިގެން ގޮސް އޭނަ ހިފައިގެން އުޅޭ ޓެކްސީއަށް އަރައި ޝަރަފް އެހެން ބުނެލީ، އެ އަނގަގަދަ ޓެކްސީ ޑްރައިވަރު އިތުރު އެއްޗެކޭ ނުބުނާނެ ކަމަށް އުއްމީދުކުރަމުންނެވެ. އޭނަ ޓެކްސީއަށް އެރީއްސުރެ އެ ޑްރައިވަރު ދަނީ ކޮންމެވެސް އެއްވާހަކައެއް ދައްކަމުން އެކި ސުވާލުތަކެއް ކުރަމުންނެވެ. އެކަމާހެދި އޭނަހުރީ ބޮލަށް އުނދަގޫވެފައެވެ.
“އެތަނުގެ ވަޒީފާއަކަށް ލާންދޯ ތިދަނީ؟ އާނ އެއީވާ ކުންފުންޏެއް. ހާދަ ރީއްޗަށް ގެތަށް އަޅައިދޭ ބައެކޭ އެއީ.” އެ މެދު ޢުމުރުގެ ބޭބެ ހެވިފައިހުރެ އެ ވާހަކަ ދެއްކުމުން ވެސް ޝަރަފަށްވީ އުނދަގުލެވެ. އޭނައަށް ރަނގަޅީ އެފަދަ ވަގުތެއްގައި މީހަކު އޭނައާއި ވާހަކަ ނުދެއްކިއްޔާއެވެ. ހުތުރު ބަހުން އެއްޗެހި ގޮވައިގަންނަން އެތައް ފަހަރަކު ހިތަށް އެރިއެއްކަމަކު އޭނައަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހޯދުނު ގޮތާއިމެދު ޝަރަފް ހިސާބަކަށް ޙައިރާންވީއިރު އޭނަ އުފާވެސްވިއެވެ. އޭނައަށް މިފަދަ ބަދަލެއް އައި ގޮތާއިމެދު ވިސްނެން ފެށިތަނާހެން އެ ބޭބެ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އެއީ މަޝްހޫރު ވިޔަފާރިވެރިޔާ ހުސެއިންގެ އަންހެން ދަރިފުޅު އުފެއްދި ކުންފުންޏެއްނު؟ އެމީހުންގެ ނަސީބުދެރައީ. އެކުއްޖާ ވެސް އެހެރީ ލޯ އަނދިރިވެ ނުކުޅެދޭ ކުއްޖަކަށްވެފަ.” އެ ބޭބެ ދެއްކި ވާހަކައަކުން ޝަރަފަށް ހީވީ އޭނަގެ މޭމައްޗަށް ފިނިފެން އެއްޗެއް އޮއްސާލެވުނު ހެންނެވެ. މިއީ އޭނަ އަޑުއަހަން ބޭނުންވި ވާހަކައެއްކަން އެނގި އޭނަ އިތުރު ސުވާލެއް ކުރަން އުޅުނު ވަގުތު އެ ބޭބެ އިތުރަށް ވާހަކަ ދެއްކިއެވެ.
“ކީކޭތަ އެކުއްޖާއަށް ކިޔަނީ؟ ފާ…ފާ.ފާފް….” ބޭބެގެ ޖުމްލަ ފުރިހަމަ ނުވަނީސް ޝަރަފަށް ވާހަކަ ދެކެވުނެވެ.
“އަފާފް!” އޭނައަށް އެހެން ބުނެލެވުނުއިރު ޖޯޝާއެކީ އޭނަގެ ހިތްވެސް މޭތެރޭގައި އޮވެ ފުންމައިގެން ދިޔަ ކަހަލަ އިޙްޞާޞެއް އޭނައަށް ކުރެވުނެވެ. އެހެނަސް އޭނަ އަމިއްލަ ނަފްސު ހަމައަކަށް އެޅޭތޯ ބެލިއެވެ.
“އާނ…..އަފާފް ހުސެއިންއޭ ކިޔާ ކުއްޖެއް އެއީ. އެކުއްޖާ މިހާރު އެ އޮފީހަށް ނުވެސް ދާކަމަށް ބޭބެ އަޑުއެހީ. ކިހާ ދެރަ؟ އެއީ ވަރަށް ދީންވެރިވެސް ކުއްޖެކޭ ބުނާ އަޑު ބޭބެ އަހަން. އެ އޮފީސް ވެސް ހުންނަނީ ސީދާ ފިރިހެނުންނާއި އަންހެނުން ވަކިން މަސައްކަތް ކުރާ ގޮތަށޯ. އެއީވެސް އެކުއްޖާ ބުނެގެން. އެކަމަކު އެއީ ދެން ތަންކޮޅެއް ބޮޑުވަރުދޯ؟” ބޭބެ އިތުރަށް ކިޔައިދިނުމުން ޝަރަފް ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އޭނައަށް ދެންމެ އިވިގެން ދިޔައީ އޭނައަށް ކުރިން އެނގިފައިވާ އަންހެން ކުއްޖެއްގެ ވާހަކައެވެ. އެހެނަސް މިހާރު މުޅިން އާ ކަންތައް އެނގިގެން ދިޔުމުން ޝަރަފް ޙައިރާންވާގޮތްވިއެވެ. އެއީ ބޭބެ ބުނިހެން އެހާ ‘ބޮޑުވަރު’ ވެދާނެ ކުއްޖެއްކަމަށް އޭނަ ހިއެއްނުކުރެއެވެ. އެހެނަސް އެލެގެންޓް ހޯމްސްގެ އޮފީހަށް ވަދެގެން ދިޔައިރު އެންމެ ފުރަތަމަ ވެސް މެދުން ޕާރޓިޝަނެއް ފެނިގެން ދިޔުމުން ޝަރަފަށް އެކަން ޤަބޫލު ކުރެވުނެވެ. އޭނަ އޭނަގެ ލިޔެކިޔުންތައް ޙަވާލުކޮށް ޓެކްސީއަށް އަރައި ގެއާއި ހަމައަށް ދެވެންދެން ވެސް ޝަރަފަށް ވިސްނެމުން ދިޔައީ އަފާފާއި މެދުގައެވެ.
ޝަރަފަށް ގެއަށް އާދެވުނުއިރު ބައްޕަ އިނީ ކޮޓަރީގައި ކޮންމެވެސް ފޮތެއް ކިޔާށެވެ. އޭނަ ފެނުމާއެކު ސިޓީ ލައިފިންތޯ ބައްޕަ އެހިއެވެ. އޭނަ އެ ސުވާލަށް ޖަވާބު ދީފައި އާހިލްވީ ތަނެއް ބެލުމަށެވެ. އާހިލް އިނީ އޭނަގެ ކޮޓަރީގައި ޓެބްލެޓުން ކޮންމެވެސް ގޭމެއް ކުޅޭށެވެ. ޝަރަފް އޭނައަކަށް މާ ބޮޑު ފަރުވާލެއްނުދީ އެތާހުރި ކާމެޒުދޮށުގައި އިށީނެވެ. އޭނައަށް އިށީނދެވުނީ މިއަދު ހެނދުނު އޭނައަށް ހޭލެވުނުއިރު ވެސް އިން ގޮނޑީގައި ކަމަށްވުމުން ހެނދުނު ކަންތައް ވީ ގޮތް ޝަރަފްގެ ހަނދާނަށް އައެވެ. އެ ވަގުތުކޮޅުގައި މި ދުވަސްވާނީ ހާދަ ނުބައި ދުވަހަކަށްހެން ހީވިއެވެ. އެހެނަސް މިހާރު އޭނަ މިވަނީ ކުޑަ މުއްދަތެއްގެ ތެރޭގައި ހުރިހާ ކަމެއް ބަދަލުކޮށްފައެވެ. އެކަން އިޙްޞާޞް ކުރެވުނު ވަގުތު ޝަރަފަށް އަމިއްލަ ނަފްސާއިމެދު ފަޚުރުވެރިވެ ހިނިތުންވެލެވުނެވެ. މީހެއްގެ ޙާލަތްތައް ބަދަލުވެގެން ދަނީ ހަމައެކަނި ﷲ ގެ އިރާދަފުޅުންކަން އޭނައަކަށް ނުވިސްނެއެވެ. އޭނަ ކިތަންމެ ގަދަ ޢަޒުމަކާއެކީ މަސައްކަތް ކުރިނަމަވެސް އެކަލާނގެ އިރާދަފުޅާއި ލައިގެން މެނުވީ ޙާލަތެއް ރަނގަޅު ނުވާނެކަން އޭނައަކަށް ނޭނގެއެވެ.
އިން ގޮތަށް އިންނަންވުމުން ފޫހިވާން ފެށުމުން ޝަރަފް އަނެއްކާވެސް ޓީވީ ޖައްސާލަން އުޅުނެވެ. އެހެނަސް އެވަގުތު އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގައި ބަލާލިއިރު ސްކްރީނުން ދިގު ނަންބަރެއް ފެނިގެން ދިޔުމުން އެއީ ޝިނާޒް ކަމަށް ޝަރަފަށް ނިންމުނެވެ. އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ހެލޯއޭ ބުނެލިއެވެ.
“ކޮބާ ބިންތު ޢައްމާރާއި ބެހޭ އެއްވެސް ޚަބަރެއް ލިބިއްޖެތަ؟” އެކޮޅުން އިވިގެން ދިޔައީ ޝަރަފަށް ކުރިންވެސް އިވިފައިވާ ބަރު އަޑެވެ. އެއާއެކު އޭނައާއި ކަމެއް ޙަވާލުކުރެވިފައިކަން އެނގުންވުމުން ޝަރަފަށް ތެޅިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އެއީ ވަކި އޭނަ އެމީހަކު ފޮނުވި ފުޅިތަކެއްގެ މަތިން ހަނދާން ހުރީތީވެއެއްނޫނެވެ. މީހަކު އޭނައާއި ކަމެއް ޙަވާލުކޮށްފިނަމަ އެކަން ފުރިހަމަ ކޮށްދިނުމަކީ އޭނަގެ އާދައަކަށް ވާތީވެއެވެ.
“އަމް……ފަހަރެއްގަ ލިބިފަ މިހާރު ހުންނާނީ. ބަލާލަން ޖެހޭނީ.” ޝަރަފް، އޭނަ ރޭ ކުރި މެސެޖުގެ މަތިން ހަނދާންކޮށްލަމުން ބުނެލިއެވެ. އެ މެސެޖުން އޭނައަށް އެއްވެސް މަޢުލޫމާތެއް ލިބޭނެކަމުގެ އުއްމީދެއް ނެތެއްކަމަކު ޝަރަފް ދެންވެސް އެއަށް ޖަވާބެއް ލިބުނުތޯ ބަލައި މި މީހަކަށް ޖަވާބުދޭން ބޭނުންވިއެވެ.
“އާނ……އެހެންވެއްޖެއްޔާ މިވަގުތު އަހަންނަށް އެހެން ފޯނެއް އެބައާދޭ. ކޯލް ހޯލްޑްކޮށްފަ ބަހައްޓާނަން. އަހަރެން އަނބުރާ އަންނައިރަށް ބަލާލެވޭނެތަ؟” އެމީހަކު ސުވާލުކުރިއެވެ. ޝަރަފް އާނއެކޭ ބުނެލިއެވެ.
“ގްރޭޓް! އެ ބިންތު ޢައްމާރު އެނގުނުހާ އަވަހަކަށް އޭނަގެ އަބުރު ނަގައި އޭނަ ނޮޅައި ކާލަން ތައްޔާރަށްތިބި މީހުން އެބަތިބި………އޯކޭ އެބަ އަންނަން.” އެމީހަކު ކޯލް ހޯލްޑް ކުރުމުގެ ކުރިން ބުނެލި ވާހަކައިން ޝަރަފްގެ ހިތަށް އިންތިހާ ދަރަޖައިގެ ނުތަނަވަސްކަމެއް ވެރިވިއެވެ. މީހަކަށް އަނިޔާއެއް ދެވޭނެ ވާހަކަ އަޑުއެހުމަކީ މިހާރު އޭނައަށް ކެތްކުރެވޭނެ ފަދަ ވާހަކަތަކެއްނޫނެވެ. މި މީހަކާ އެއްކޮށް ގުޅުން ކަނޑާލަން ވެސް ފަޅި ސިކުންތަކަށް ޝަރަފްގެ ހިތް އެދުނެވެ. އެހެނަސް ބިންތު ޢައްމާރު މި މީހުންނަށް ގެއްލުމެއް ދީފައިވާ ވާހަކަ ހަނދާންވެފައި ޝަރަފްގެ ޚިޔާލު ބަދަލުވިއެވެ. މީހަކު އަނިޔާއެއް ދީފިއްޔާ އޭނަގެ ނަޒަރުން ކިތަންމެ ގޯސްކޮށް ވެސް އެމީހެއްގެ ފަރާތުން ބަދަލު ހިފަން ޖެހޭނެއެވެ. އެހެންނޫނީ ޝިނާޒް ބުނާހެން މި ހަލާކުވެފައިވި ދުނިޔޭގައި މީހުން ދާނީ ބަދަލު ނުހިފާ މީހުންގެ ބޯމަތިންނެވެ.
ވިސްނުމެއްގެ ތެރޭގައި އިނދެފައި ޝަރަފް އަވަސްއަވަހަށް އޭނަގެ ފޭސްބުކް ޕްރޮފައިލަށްވަނެވެ. މެސެޖެއް ލިބިފައި ހުރިތަން ފެނިފައި ޝަރަފް ހުއްޓުން އަރާ ގޮތްވިއެވެ. އިންބޮކްސް ހުޅުވާލިއިރު އެންމެ ފުރަތަމަ ވެސް ބިންތު ޢައްމާރުގެ ނަން ފެނިގެން ދިޔުމުން ޝަރަފްގެ ހިތަށް ފޯރި އެރިއެވެ. އޭނަ ވަގުތުން އެ މެސެޖް ހުޅުވައި ބަލާލިއިރު ފެނިގެން ދިޔަ އެންމެ ފުރަތަމަ ޖުމްލައިން ވެސް ޝަރަފްގެ ބުމަގޮށްޖެހިގެން ދިޔަ ވަގުތު އޭނަގެ އަތް ފިނިވިއެވެ. އެ ފުރަތަމަ ޖުމްލައިގައި އޮތް ނަމެއްގެ ސަބަބުން މުޅި މެސެޖް ކިޔާލަން ވެސް ޝަރަފް ނުކުޅެދުނެވެ.
“އަފާފް ހުސެއިން….” އޭނައަށް ވައި އަޑުން ކިޔާލެވުނެވެ. ހަމަ އެއާއެކު އަފާފްގެ ސޫރަ ޝަރަފްގެ ލޯމަތިން ސިފަވެގެން ދިޔައެވެ. މިއީ ހަމަ އޭނަ ދަންނަ އަފާފް ތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނު ވަގުތު، އަފާފް ހުސެއިނަކީ އަނދިރި ކުއްޖެއްކަމަށް ލިޔެވިފައި އޮތް ތަންކޮޅު ޝަރަފަށް ކިޔާލެވުނެވެ. ހަމައެއާއެކު މިއަދު ޓެކްސީ ދުއްވަން އިން ބޭބެ އޭނައަށް ކިޔައިދިން ފުރިހަމަ ނަން ހަނދާންވެފައި މިއީ ހަމަ އެ އަފާފްކަން ޝަރަފަށް ޔަޤީންކުރެވުނެވެ. އަނެއްކާވެސް އަފާފްއާ ބެހޭގޮތުން އާ ކަމެއް އެނގިގެން ދިޔުމުން ޝަރަފަށް ލިބިގެންދިޔައީ ޙައިރާންކަމެކެވެ. އަފާފަކީ މިހާ ދީނުގެ ޢިލްމު ފަތުރަން މަސައްކަތް ކޮށްފާނެ ކުއްޖެއްކަމަށް އޭނަ ހިއެއްނުކުރެއެވެ. އެހެނަސް އަފާފް ހާދަ ތަފާތެވެ. ފުރަތަމަ ޖުމްލަ ތަކުރާރުކޮށް ކިޔަމުން ދަނިކޮށް އަފާފްވަނީ ބޮޑު ނުރައްކަލެއްގެ ތެރޭގައިކަން ޝަރަފަށް އެނގުންވީ ކުއްލިއަކަށެވެ. އެމީހުން އަފާފަށް އަނިޔާއެއް ދޭން އުޅޭނީ ކީއްވެ ހެއްޔެވެ؟ އަފާފް އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއްދޭން މަސައްކަތް ކޮށްފައި ނުވާނެކަން ޔަޤީނެވެ.
ޝަރަފް ވިސްނުމެއްގެ ތެރޭގައިވަނިކޮށް އެކޮޅުން ކޯލް ހޯލްޑް ކޮށްގެން ހުރި ފަރާތް އަނެއްކާވެސް ހެލޯއޭ ބުނެލި އަޑުއިވުނެވެ. ޝަރަފަށް އެއްޗެކޭ ނުބުނެވެނީ އެމީހާ އަނެއްކާވެސް ކޮށްލީ އޭނަ ފުރަތަމަ ކުރި ސުވާލެވެ. ބިންތު ޢައްމާރާއި ބެހޭގޮތުން އެއްވެސް ކަމެއް އެނގުނުތޯއެވެ. ޝަރަފްގެ ހިތުތެރޭގައި އެވަގުތު އަރާ ފައިބަމުން ދިޔަ ޖަޒުބާތުތަކެއްގެ ސަބަބުން އޭނައަށް މާ ބޮޑު ވިސްނުމެއްނެތި ވާހަކަ ދެކެވުނެވެ.
“އަހަންނަށް އެނގިއްޖެ އެއީ ކޮން ކުއްޖެއްކަން. އެކަމަކު ވަރަށް ހިއެއްނުވޭ އެކުއްޖާ މީހަކަށް އަނިޔާއެއްދޭން ކަމެއް ކޮށްފާނެހެންނެއް.” ޝަރަފް ޔަޤީންކަމާއެކީ ބުނެލިއެވެ. ހަމަ އެއާއެކު އެކޮޅުން އިވިގެން ދިޔައީ ރުޅިވެރި އަޑެކެވެ.
“ވަޓް؟!! ޝަރަފް މޮޔަވީތަ؟ އެހެންނޫނީ އެ ބިންތު ޢައްމާރަކާ ހިތާވެގެންތަ ތިއުޅެނީ؟ އަހަރެން އެއްފަހަރު ވެސް ނުބުނަން ދޯ އޭނަ އަހަރުމެން ގަޔަށް އަރަން އުޅުނުވާހަކައެއް. އޭނަ އެ ހިންގާ އެފްބީ ޕޭޖެއްގެ ސަބަބުން އަހަރުމެންނަށް ނަބީހްވެސް ގެއްލިގެން ދިޔައީ.” އެމީހާ ބުނެލިއެވެ. ޝަރަފަށް އެ ވާހަކައާއިމެދު ވިސްނުނެވެ. ނަބީހް ގެއްލުމުން މި މީހަކަށް ގެއްލުންވާންވީ ސަބަބެއް އޭނައަށް ނުވިސްނުނެވެ. އޭނައަށް ނަބީހާއި ބެހޭގޮތުން މާ ބޮޑަކަށް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ އެއީ އެއްދުވަސްވަރެއްގައި ވަރަށް ބޮޑަށް ދީނަށް ފުރައްސާރަކޮށްފައި ވަރަށް ފަހަކަށް ދީންވެރިވި މީހެއްކަމެވެ. ޝަރަފް ސުވާލެއް ކޮށްލަން އުޅުނު ވަގުތު އެމީހާ ދެންވެސް ވާހަކަ ދެއްކިއެވެ.
“ކަލޭ ހަމައެކަނި ބުނެލަންވީ އޭނަގެ ނަން. އެއަށްފަހު އަހަރުމެން އޭނައަށް ކުރާނެ ކަންތައްތަކަކީ ކަލެއާއި ބެހޭ ކަންތައްތަކެއްނޫން. ކަލެއާއި ހަމައެކަނި ޙަވާލުކުރެވުނީ އޭނަގެ ނަން ހޯދަން. އޭނަގެ އަބުރު ނަގާލުމަށްޓަކައި އަހަރެން ކުރުވާ އެއްވެސް ކަމެއް ޝަރަފަކާއި ޙަވާލެއްނުވާނެ.” އެމީހާ ދެންވެސް ނުރުހުންވެފައިހުރެ ވާހަކަ ދެއްކިއެވެ. އެ ވާހަކަތައް އަޑުއިވެމުން ދިޔަ ޝަރަފަށް ފުރަތަމަ މާ ބޮޑު ކަމެއް ނުވިއެއްކަމަކު އޭނަ އެ ދައްކަނީ އަފާފްގެ ވާހަކަކަން ނަގައިގަނެވުމުން އޭނަގެ ރުޅިވެރިކަން މަތިވަމުން ދިޔަކަމުގެ އިޙްޞާޞެއް އޭނައަށް ކުރެވުނެވެ. އޭނަގެ ބުމަގޮށްޖެހި، މޫނު ރަތްވެ މުޅި މީހާ ތުރުތުރު އެޅީ އޭނައަށް ނުވެސް އެނގިއެވެ. އެ ހޫނު ރުޅިގަނޑުގެ ތެރޭގައި އިނދެ ޝަރަފަށް ޖަވާބު ދެވުނެވެ.
“އަހަރެން ކަލޭގާތު ނުބުނާނަން އެ ނަމެއް!” ޝަރަފަށް އެކަން އަންގާލެވުނީ ދަތްކުނޑި ވިކަމުންނެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ވަގުތުކޮޅަށްފަހު އެކޮޅުން އިވުނީ މަޑުމައިތިރި އަޑެކެވެ.
“ތިކަހަލަ މޮޔަ ނިންމުމެއް ނުނިންމައްޗޭ ޝަރަފް…..އަހަރެން ފޮނުވި ހަދިޔާގެ މަތިން ހަނދާން ނެތުނީތަ؟ މިހާރު އެ ފުޅިތައް ހުސްވެފަ ކަންނޭނގެ ދޯ ހުންނާނީ؟ އެންމެ ރެއަކުވެސް ނުބޮއިފިއްޔާ ޝަރަފްއަށް ވާގޮތް އަހަރެން އަޑުއެހިން. އަނެއްކާ، ދިރި ހުރެވޭނެތަ ޝަރަފްއަށް؟” އެމީހަކު އެންމެ ފަހަކަށް ކޮށްލި ސުވާލުން ޝަރަފްގެ ނިތުން ރޫފިލައިދިޔައެވެ. އޭނަގެ ހަނދާނަށް އައީ އޮސްޓްރޭލިޔާގައި އުޅެމުން ދިޔައިރު އެންމެ ރެއަކު އޭނަ ނުބުއިމުން ވެސް ކަންތައްވީގޮތެވެ. އޭނަގެ ކަންފަތަށް އެކިއެކި އަޑުތައް އިވި ބޯ ފަޅައިގެންދާހާ ވަރަށް ބޮލުގައި ރިއްސައިގެން ގޮސް ހޭނެތިގެން ހޮސްޕިޓަލަށް ގެންދަން ޖެހުނު ހަނދާނެވެ. އެ ހަނދާން އާވެފައިވެސް ޝަރަފްގެ ހިތަށް ބިރުވެރިކަމެއްވަނެވެ. ހިނދުކޮޅަކަށް ނަމަވެސް ކޮންމެވެސް އެއްގޮތަކަށް އެ ފުޅިތައް ހޯދަން ޝަރަފްގެ ހިތް އެދުނެވެ. އެހެނަސް އެކަމަށްޓަކައި އޭނަ ބުނެލަން ޖެހޭ ނަމާއި، އެ ނަމެއްގެ ވެރިފަރާތަށްވާނެ ގޮތް ވިސްނާލެވުނު ހިނދު އޭނައަށް ދެލޯ މަރާލެވުނެވެ. އެހިނދު އޭނަގެ ލޮލަށް ސިފަވެގެން ދިޔަ ހިނިތުންވުމަށްފަހު އޭނަ އަމިއްލަ އަތަށް ބޮޑު ގަލެއް ނަގާލި ހަނދާނެއް އާވިއެވެ. އަދި އަތުގައި ހުރިހާ ބާރަކާއެކީ އޭނަ އެގާ އުކާލި ތަން ސިފަވެގެން ދިޔުމާއެކު އަންހެން ކުއްޖެއްގެ ވޭނީ ހަޅޭކެއްގެ އަޑު ޝަރަފްގެ ކަންފަތުގައި ގުގުމާލިއެވެ. އެ ހިނދު ޝަރަފް ޖަވާބެއްނުދީ މާ ގިނައިރު ވާން ފެށުމުން އެކޮޅުން ހެލޯއޭ ކިޔާލި އަޑުއިވިފައި އޭނައަށް ދެލޯ ހުޅުވާލެވުނެވެ. އޭރު އެދެލޯ ވަނީ ރަތްވެ ފެންކަޅިވެސްވެފައެވެ. ޖަވާބަކީ ކޮބައިތޯ އެންމެ ފަހު ފަހަރަށް ސުވާލުކުރެވުމުން ޝަރަފަށް ޖަވާބުދެވުނެވެ.
“މަރުވިޔަސް އަހަރެން އެ ނަމެއްނުބުނާނަން.” ޝަރަފް ސާބިތުކަމާއެކީ އޭނަގެ ފަހު އެންގުން އަންގާލިއެވެ. އެއާއެކު އެކޮޅުން އޭނައާއި ދިމާލަށް ހުތުރު ބަސްތަކެއް އަމާޒުވުމަށްފަހު ފޯނު ކެނޑިގެން ދިޔައެވެ.
**
އެދުވަހުގެ ހަވީރުގެ ވަގުތެއްގައި އަފާފަށް ވިސްނެމުން ދިޔައީ އޭނަ އެދުވަހު ހަވީރު ޝަބާގެ ގެއަށް ދާންވީތޯ ނުވަތަ ނޫންތޯއެވެ. އެދުވަހު ފައިހާ ވެސް ބަލިވެ ކަމަށްބުނެ އޭނަ ކައިރިއަށް ނާންނާތީ އޭނަގެ ޚިޔާލުތައް ޙިއްޞާކުރާނެ މީހެއްނެތެވެ. މަންމަގާތު ޙިއްޞާކޮށްފިނަމަ މަންމަ އެވާހަކަ ގެންދާނީ އޭނަ ބޭނުންނުވާ މިޞްރާބަކަށްކަން އެނގެއެވެ. އޭނަ ފިރިހެން ކުއްޖެކޭ ކިޔާލާއިރަށް އޭނަ އެމީހެއްދެކެ ލޯބިވެގެން އުޅޭހެން މަންމައަށް ހީވާފަދައެވެ. މަންމައާއި ޙިއްޞާ ނުކޮށް އަމިއްލައަށް ނިންމުމެއް ނިންމަން އަފާފް ކަނޑައެޅީ އެހެންވެއެވެ. އެކަމަށްޓަކައި އޭނަ ވިސްނަން ފެށީވެސް އިސްތިޚާރާވެސް ކޮށްފައެވެ. ނުދާންވީކަމަށް ހިތަށްއަރާ ބައިވަރު ސަބަބުތަކެއްވިއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއްސަބަބަކީ އެދުވަހު އެގެއަށް އައި ‘ޝަރަފް ޢައްބާސް’ އެކެވެ. އެ ޝަރަފްއަކު ޝަބާގެ ގެއަށް އަންނަންވީ ސަބަބެއް އަދިވެސް އަފާފަކަށް ނުވިސްނެއެވެ. އަދި އޭނަގެ ސަބަބުން ޝަބާގެ ތަބީޢަތަށް ބަދަލެއް އަންނަންވީ ސަބަބެއްވެސްމެއެވެ. އެއީ އެގޭގައި ހުންނަން އާ މީހެއްކަމަށް އަފާފަށް ޤަބޫލު ނުކުރެވުނީ ޝަބާއާއި އޭނައާއި ދެމެދު ކުރިން އެފަދަ ވާހަކައެއް ދެކެވިފައި ނެތުމުންނެވެ. އެއީ އެގޭގައި މިއަދުވެސް ހުރި މީހެއް ކަމަށްވާނަމަ އަފާފް އެއްގޮތަކަށް ވެސް އެގެއަށް ދާކަށް ބޭނުމެއްނޫނެވެ. ރީތިކަމަށް އެންމެން ބުނާ އެ ޒުވާނާގެ ސަމާލުކަން ހޯދަން އޭނަގެ ހިތުގައި އޮތް އެދުމުގެ ނުރައްކާތެރިކަން އަފާފަށް އިޙްޞާޞް ކުރެވޭތީވެއެވެ.
ވިސްނުމެއްގެ ތެރޭގައި އިނދެފައި އަފާފް އެންމެފަހުން ޝަބާއަށް ގުޅާލަން ނިންމިއެވެ. އޭނަ މަންމައަށް ގޮވާފައި މަންމަގެ އެހީގައި އޭނަގެ ކޮޓަރީގައި އިނދެ ޝަބާއަށް ގުޅާލިއެވެ.
“ސަލާމް ޝަބާ.” އަފާފް ސަލާމް ގޮވާލި ވަގުތު މަންމަ އިތުރު ސުވާލުތަކެއް ނުކޮށް ކޮޓަރިން ނިކުމެގެން ދިޔުމުން އޭނަގެ ހިތްހަމަޖެހުނެވެ.
“ވަޢަލައިކުމުއްސަލާމް އަފާފް.” ޝަބާ ޖަވާބުދިނީ އޭނަގެ އޮފީސް ގަޑި ނިންމާލާފައި އޮފީހުން ނިކުންނަމުންނެވެ. ޝަބާގެ އަޑުގައި ޖޯޝެއް ނެތްކަން އެނގުންވުމުން އަފާފް ޖެހިލުންވިއެއްކަމަކު އޭނަ އިތުރަށް ވާހަކަ ދެއްކިއެވެ.
“ޝަބާ މިއަދު އަންނަންވީތަ އާހިލްއަށް ކިޔަވަދޭން؟” އަފާފް އަހާލިއެވެ. އެއާއެކު ހިނގަހިނގާހުރި ޝަބާގެ ފިޔަވަޅުތައް މަޑުޖެހުނީ ޝަރަފްގެ މަތިން ހަނދާންވުމުންނެވެ. ހަމަ އެ ހިނދު މިއަދު ހެނދުނުވީ ކަންތައް ހަނދާންވެފައި އިސާހިތަކު ޝަބާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ.
“ނޫން އަފޫ……ގޭގެ ތެރޭގެ ޙާލަތު އެހާ ރަނގަޅެއްނޫން.” ޝަބާއަށް އެހެން ބުނެލެވުނީ ކުރެހިފައިވި އަޑަކުންނެވެ. އަފާފަށް އެކަން ފާހަގަވިއެވެ.
“ކިހިނެއްތަވީ ޝަބާ؟ ބައްޕަ މާ ބޮޑަށް ބަލިވީތަ؟” އަފާފަށް އަހާލެވުނެވެ. އެ ހިނދު އޭނައަށް އެކަމާމެދު ހިތާމަވެސް ކުރެވުނެވެ. މާ ގިނަ ސުވާލު ކުރެވޭތީވެއެވެ.
“ނޫން. ބައްޕަ ރަނގަޅު އަލްޙަމްދުލި ﷲ. އެކަމަކު މިއުޅެނީ އެހެން ވަރަށް ބޮޑު އިމްތިޙާނަކާ ކުރިމަތިވެގެން. އަފާފް އަހަންނަށްޓަކައި ދުޢާކޮއްދެއްޗޭ. އިން ޝާ ﷲ ކަންތައް ރަނގަޅުވީ ދުވަހަކުން އަފާފަށް ގުޅާނަން. އެހެންނޫނީ އެހެން ގޮތެއް ހަދާނީ އާހިލްއަށް ކިޔަވަދޭން.” ޝަބާ ބުނެލިއެވެ. އެހިނދު އަފާފްގެ ހިތަށް މާޔޫސްކަމެއް ވެރިވިއެވެ. ޝަބާއަށް ލިބިފައިވި ހިތާމަވެރިކަން އަންދާޒާ ކުރެވުމުންނެވެ. އޭނައަށް މި ހިތާމަވެރިކަމެއް ލިބުނީ ޝަރަފްގެ ސަބަބުންތޯ އަފާފްގެ ހިތަށްއެރިއެވެ. ދުރުދުރުން ވެސް އެކަމާބެހޭ ގޮތުން ސުވާލުކުރަން އަފާފްގެ ހިތް އެދުނެވެ. އެހެނަސް އޭނަ އިތުރަށް ޝަބާއަށް ދަތި ނުކުރުމަށްޓަކައި އާނއެކޭ ބުނެލަމުން ފޯނު ބޭއްވިއެވެ. ފޯނު ބޭއްވިތަނާހެން މަންމަ އޭނައަށް ގޮވާފައި ސައިބޯން އަންނާށޭ ކިޔާފައި އައިސް ކޮޓަރިއަށްވަނެވެ.
ކާ މޭޒު ދޮށުގައި ދެކެވިގެން ދިޔައީ އައި.ޖީ.އެމް.އެޗްއަށް އައިސްގެން އުޅޭ ވަރަށް މޮޅު ލޮލުގެ ޑޮކްޓަރެއްގެ ވާހަކައެވެ. އަދި މިރޭ އަފާފް އެ ޑޮކްޓަރަށް ދެއްކުމަށްޓަކައި ނަންބަރު ނަގާފައިވި ވާހަކައެވެ. ބައްޕަ އެ ޑޮކްޓަރަށް ތަޢުރީފު ކުރަމުން ދިޔައީ ބައްޕައަށް އިވިފައިވާ ވަރަށްވުރެ ބޮޑަށްކަން އަފާފަށް ޔަޤީންކުރެވުނެވެ. އެއީ އަބަދުވެސް ބައްޕަގެ އާދައެވެ. އެހެން މީހުންގެ ހިތް އުއްމީދުން ފުރާލުމަށްޓަކައި ބައްޕައަށް ގިނަފަހަރު ޙަޤީޤަތާއި ދުރު ވާހަކަތައް ވެސް ދެއްކެއެވެ. އެހެނަސް އަފާފް އެންމެ ބަހެއްވެސް ބުނެލުމެއްނެތި އެވާހަކަތައް އަޑުއަހަން ހިނިތުންވުމެއްގައި އިނީ އޭނަގެ މަންމައާއި ބައްޕަގެ އުއްމީދުގެ ހުޅުކޮޅު ނިވާނުލުމަށެވެ. މި ޑޮކްޓަރަށް މިކަން ނުކުރެވުނަސް އަދި އަފާފަށް ފެންނާނެކަމަށް ބައްޕަ ޔަޤީންކަމާއެކީ ބުނެލި ގޮތުން އަފާފަށް ހިނިތުންވެލެވުނީ އަދިވެސް އެއްފަހަރު ބައްޕަ އޭނަދެކެ ވާ ލޯބި އިޙްޞާޞް ކުރެވުމުންނެވެ.
**
ލޯތްބެއް އިޙްޞާޞް ކުރެވިގެން ދިޔައީ ހަމައެކަނި އަފާފަކަށް ނޫނެވެ. އެދުވަހު ދެރަވެފައިވި ހިތަކާއެކީ ގެއަށްވަން ޝަބާއަށް ވެސް އެ ލޯބި އިޙްޞާޞް ކުރެވެން އުޅޭކަމެއް އޭނައަށް ރޭކާއެއްނުލައެވެ. އެހެނަސް އޭގެ ހިލަމެއް އޭނައަށްވީ ގެއަށްވަދެ ދޮރު ހުޅުވާލި ވަގުތު ގޭގެ ތެރެއިން ދުވި އެއާރފްރެޝްނާރ ވަހުންނާއި، ގޭގެ ތެރޭގެ ތަރުތީބުކަން ފާހަގަވުމުންނެވެ. މިއީ މިއަދު ހެނދުނު އެއްވެސް އަރާރުމެއް ހިނގި ގެއެއްހެން ވެސް ހީނުވިއެވެ. ޙައިރާންކަމެއްގައި ހުރެ ޝަބާ އާހިލްއަށް ގޮވާލަމުން އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އޭނަ ގޮސް އެކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ސިއްސައިގެން ދިޔައީ ފުއްޕާހަމެއް ފަޅައިގެން ދިޔަ އަޑަށެވެ. އޭނަ ލޯ ހުޅުވާލިތަނާހެން އެތެރޭގައި ތިބި އެންމެން ސަޕްރައިޒްއޭ ކިޔާލި އަޑުއިވުނެވެ. އޭނައަށް ރަނގަޅަށް ބަލާލެވުނު ވަގުތު އޭނަގެ ކައިރީގައި އާހިލް ހުއްޓިހުރި އިރު ކޮޓަރީގެ އެނދު ކައިރީގައި ޝަރަފާއި ބައްޕަވެސް ތިއްބެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހިނިތުންވުންތަކެވެ. އެނދުގެ ކުރިމައްޗަށް ވާ ގޮތަށް ބެހެއްޓިފައި ހުރި މޭޒުމަތީގައި ކޭކެއް ހުރިތަން ފެނިފައި ޝަބާއަށް ވާހަކަ ދެކެވުނެވެ.
“އާހިލް! މަންމަ އުފަންދުވަސްތަކާބެހޭ ގޮތުން ދައްކާ ވާހަކަތައް ހަނދާން ނެތުނީތަ؟” ޝަބާ ނުރުހުންތެރިކަމާއެކީ އެހެން އަހާލިއިރު އެދުވަހުގެ ހެނދުނުގެ އެއްވެސް ހަނދާނެއް އޭނަ ނެތެވެ.
“މަންމާ! މިއަދު މަންމަގެ ބާތްޑޭއެއްވެސް ނޫން. ގޮއްސަ ކޭކު ބަލާލީމައެއްނު އެނގޭނީ މީ ކޮން ސެލެބްރޭޝަނެއްކަންވެސް.” އާހިލް ބުންޏެވެ. އެވާހަކަ އަޑުއަހާފައި ޝަބާ ސީދަލަށް ހިނގާފައި ގޮސް އެ ކޭކު ބަލާލިއެވެ. އެއާއެކު އޭނަ ހުއްޓުން އެރިއެވެ. އެ ޗޮކްލެޓް ކޭކުގެ މަތީގައި ހުދުކުލައިން ލިޔެވިފައި އޮތީ ‘ސޮރީ ދޮންތާ’އޭ އިނގިރޭސި ބަހުން ލިޔެފައެވެ. އެ އަކުރުތައް ޅަ ކުއްޖަކު އަޅާނެ ފަދައިން އެޅިފައިވި ގޮތުން ޝަބާގެ ހަނދާނަށް އައީ ކުޑައިރުގެ ހަނދާނެކެވެ. ޝަރަފް އަބަދުވެސް ގޭގަ ކޭކެއް އެޅިއްޔާ އޭގެ މަތީގައި އައިސިންގް އިން އަކުރެއް އަޅަން މަސައްކަތް ކުރި ހަނދާނެވެ. އެ ހަނދާން އާވެގެން ދިޔުމުން ޝަބާއަށް ހިނިތުންވެލެވުނު ވަގުތު އޭނަގެ ލޮލަށް ކަރުނަތައް ވެސް ޖަމާވިއެވެ. އޭނަ އިސްއުފުލާލި ވަގުތު ޝަރަފް އޭނައާއި ދިމާ ކުރިމަތީގައި ހުއްޓެވެ. އޭނައަށް އެއްޗެކޭ ނުބުނެވެނީސް ޝަރަފް ވާހަކަ ދެއްކިއެވެ.
“ދޮންތާ……އަހަންނަށް އެނގޭ އަހަންނަކީ ވަރަށް ދަހި މީހެއްކަން. އެހެންވެ ކަންނޭނގެ އެންމެ ފުރަތަމަ ވެސް ދޮންތަ ދޫކޮށްލާފަ ދެވުނީ. ވެ ނިމިފަ އޮތްކަމެއް އަހަންނަށް ބަދަލުނުކުރެވޭނެ ދޮންތާ. އެކަމަކު އަހަރެން ބޭނުން ބަދަލުވާން. ދޮންތައަށްޓަކައި. އެކަމަށްޓަކައި އަހަރެން ވަރަށް ބޭނުން ދޮންތަގެ ސަޕޯޓްވެސް. އަހަންނަށް ޔަޤީން ދޮންތަ ސަޕޯޓް ކުރިއްޔާ އަހަންނަށް ކޮންމެ ކަމެއްވެސްވާނެކަން. އެހެންވީމަ ދޮންތަ އަހަންނަށް ހެލްޕްވާނަންތަ؟” ޝަރަފް މަޑުމައިތިރި އަޑަކުން ދެއްކި ވާހަކަތަކުންނާއި ކޮށްލި ސުވާލުން ޝަބާގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އޭނައަށް އިން ޝާ ﷲ އޭ ބުނެލެވުނީ އަމިއްލަ ނަފްސު ކުށްވެރިކުރާ ޙާލުގައެވެ. އޭނަގެ ހިތުތެރޭގައި އޭނަގެ ކޮއްކޮ ދުވަހަކުވެސް އިޞްލާޙުނުވާނެ ކަމަށް ނިންމެވުނު ނިންމުމަށްޓަކައެވެ. މިއީ އޭނަގެ ޞާލިޙު ކޮއްކޮކަން އޭނަ ހަނދާން ނެތުނީ ކޮން ދުވަހަކުބާއޭ ޝަބާގެ ހިތަށްއެރިއެވެ.
ޝަބާއަށް ރޮވެން އުޅުނު ވަގުތު އާހިލް ދެން އަވަހަށް ކޭކު ފަޅަން ހިނގާށޭ ބުނެލުމުން އެންމެން އެ އުފާވެރި ވަގުތުކޮޅުގައި ބައިވެރިވެ ކޭކު ފަޅައި ކޭކު ކާން ފެށިއެވެ. އެ ހުރިހާ ވަގުތު ހިނިތުންވުމެއްގައި އިނެއްކަމަކު ޝަރަފް އެންމެންނަށް ފޮރުވައިގެން އުޅުނު ސިއްރެއްވިއެވެ. އެއީ އެދުވަހުގެ މެންދުރުއްސުރެ އޭނަގެ ބަނޑުގައި ތޫނު ރިހުމެއް އުފެދިފައިވިކަމެވެ. ކުރީކޮޅު އޭނަ ހީކުރީ އެއީ އާދައިގެ މައްސަލައެއް ކަމަށެވެ. އެހެނަސް އިރަށް އިރަކަށް އެ ރިހުން ގަދަވެ ބަނޑުގައި ފެތުރެމުން ދިޔަގޮތުން އޭނަގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. ކޭކު އެޅުމުގެ މަސައްކަތުގައި ވެސް އޭނަ މަޝްޣޫލުވީ އެއްސަބަބަކީ އެ ތަދުގެ މަތިން ހަނދާން ނައްތާލުމަށެވެ. އެހެނަސް ކަންވެގެން ދިޔައީ އޭގެ މުޅިން އިދިކޮޅަށެވެ.
އެރޭ ޝަރަފް ކެއީވެސް ގަދަކަމުންނެވެ. މުޅި މީހާގެ ގައިން ހޫނު އަރުވައި ބޯ އަނބުރަމުން ދިޔައެއްކަމަކު އޭނަ އެއްވެސް މީހަކާ އެވާހަކަ ޙިއްޞާ ނުކުރީ ހިތަށް އެކަންތައް ރަނގަޅުވާނެކަމުގެ އުއްމީދުގައެވެ. އަދި އޭނަގެ ބަލިކަމުގެ ވާހަކައިން ގޭތެރޭގެ މާޙައުލު އަނެއްކާވެސް ޚަރާބުކުރަން ބޭނުމެއްނުވީތީވެއެވެ.
އިރަށްއިރަކަށް ޝަރަފްގެ ޙާލު ދަށްވަމުން ދިޔައެވެ. އެރޭ 10 ޖަހަން ގާތްވީއިރު ޝަރަފް ނިދަން ތައްޔާރުވީވެސް އަރާމުކޮށްލުމަށެވެ. އެހެނަސް އޭނަ އެނދަށް އަރަން އުޅުނު ވަގުތު އޯކަތް ދަމައިގެން އޭނަ ފާޚާނާއަށް ދިޔަތަނާހެން އޭނައަށް ހޮޑުލެވުނެވެ. އޭނަ އަނގަ ސާފުކުރަމުން ދިޔައިރު ވެސް ބޯ އަނބުރައިގެން ގޮސް އޭނަ ނުވެއްޓި ހުރީ ކިރިޔާއެވެ. އޭރު ބައްޕަވެސް އަދި ކޮޓަރިއަށް ނާންނާތީ އެކަކަށްވެސް އޭނަގެ ޙާލެއް ނުފެނެއެވެ. ދެވަނަ ފަހަރަށް ގޮސް އެނދުގައި އިށީންނަން އުޅުމުން އޭނައަށް އިށީނދެވުނީވެސް ބިންމަތީގައެވެ. އެވަގުތު ބަނޑުގައި އުފެދިފައިވި ރިހުމަށް ކެތްނުކުރެވިގެން ޝަރަފްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. މީގެ އިތުރުން ސިކުނޑިއަށް ވެރިވަމުން ދިޔަ އޭނައަށް ކޮންޓްރޯލް ނުކުރެވޭ ޚިޔާލުތަކެއްގެ ސަބަބުން އޭނަ ހާސްވެ، ބޮލުގައި ގަދައަށް ރިއްސަން ފެށިއެވެ. އެހުރިހާ ކަމަކަށް ކެތްނުވެގެން އެންމެފަހުން ޝަރަފަށް ހަޅޭއްލަވައިގަނެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.







Assalaam’alaikum. Next part thursday ga In Sha Allah. Adhi kuriah dhaane plan kurevifa oiy gothaamedhu kudakoh visnan beynun. Adhi kudakoh vaguthu nagaigen kanthah hamayakah alhuvaigen baithah migenesdhevey vaguthuves avas kuran beynun In Sha Allah. kiyuntherin understand vaane kamah ummeedhukuran. 🙂
Masha Allah janasis story gensdheay gothun varh kihaa hiyve ?miadhu ves mi story upvitho varah ginain belun.. ?
Alhamdhulillah! (All praise and thanks belong to Allah) 🙂 aslu thihen vaathy jana varah dheravey. thiya kiyuntherin lavva ehaa inthizaaru kuruvan jeheythy. dhen faharakun ehen nuvaane In Sha Allah. Maaaa jana ahttakai dua kohdhehchey ingey. Maai Allah alhmenge vaguthugai barakaaiy lavvaashi. Ameen!
Maasha Allah. V.furihama genesdheyleh.. waiting 4 next
part ???
Alhamdhulillah! Next part thursday ga In Sha Allah <3
Masha Allah, warah reethi Vaahaka eh.
Alhamdhulillah! 🙂
MashaAllah…..oh sharaf avahah islaah vey…. vaahaka dhaagoii varah reethi….
hehe….kulliakah kameh dhimaaviyas islaaheh nuveveyne dho? 😛 dhen balamaa vaagotheh In Sha Allah. Alhamdhulillah! 🙂
Masha allah…….mi part vxx varah reethi?… keep it up…may Allah bless u jana.
Alhamdhulillah! May Allah bless you more. Ameen! 🙂
Masha Allah Jana! Im like… urgh neyge kiyaidheykah. Iyye aa miadhu jana ge thin vaahaka me kee, and it really was life changing. Masha Allah Jana may Allah bless you. Im soo unexplainable sorry ? but beynun jana aa talk kohllan. N im not in FB… contact kureveyne ehen gotheh innaane tha?
And thank you so much for these life changing stories. I love you ok ? biiiig huugggg to sister from another mother even if I dont know you Loveyou fillah ❤
(Sorry, seriouskoh bunedheyn neyngifa miiny hama)
life change viyyaa vaany hama ekani Allah ge iraadhafulhun ingey Zuzu. May Allah bless you more. Ameen! Jana aa contact kuran 7997991 ah viber in msg eh kollanvy jana ge number fonuvumah edhi. ey esfiya admin. faharegga vaguthun contact nukurevidhaane. ey admin busy koh ulheythy jana ah numbers thah adhi nufonuveythy ingey. but In Sha Allah we will meet soon 🙂 Love you too for the sake of Allah <3
Maasha allah??
Varah reethi mi part vs.. V kiyaa hithun indhaa nimuny vs?
Ly jana sis???
Alhamdhulillah! Love you too sis. <3 sis adhi jana ah sis ge number nulibigen ulheny esfiya admin busy koh ulheythy ingey. will msg you as soon as a i get it In Sha Allah 🙂
Masha Allah v furihama
Alhamdhulillah!
V reethi. Ekamaku baeh bas thah beynun kurevifaa vanee rangalhakah noon. Misaalakah “e gaa ukaali” e ee rangalhu gotheh noon.. eh gaa vejiyya ehllaanee….
Alhamdhulillah! hehe….jana vv dhahvvaane dhivessah. hama eggothakavves hithah naaraa thankolheh noora thi bunedhineeves. Jazakillah Khairan bunedhin kamattakai 😀
FB Post:
How many times do we look at one of our family members, one of our friends or any brother or sister that we see in our daily lives, and think to ourselves that they can never be a good person. That their hearts have become hard and that they will never ever turn to Allah?
This short story is just one among those stories that prove
us wrong.
عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ , عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ
‘Perhaps they (men) maybe better than them (men), Perhaps they (women) may be better than them (women)’ (parts of ayah 11 of Suratul Hujuraat)
https://www.youtube.com/watch?v=NFn7YqSL8cM
FB Post (Dhivehi)
އަހަރުމެންގެ ޢާއިލާ މީހަކަށް، ނޫނީ އެކުވެރިއަކަށް، ނޫނީ އެހެންނޫނަސް އަހަރުމެންނާ ނުހަނު ގާތުން އުޅެމުންދާ އަޚެއް ނޫނީ އުޚްތަކަށް ބަލާފައި އެއީ ދުވަހަކުވެސް ރަނގަޅު ނުވާނެ މީހެއްކަމަށް ނިންމެނީ ކިތައްފަހަރު ހެއްޔެވެ؟ އޭނައަކީ ހިތްހަރުވެސް ދުވަހަކުވެސް ﷲ އަށް ތައުބާ ނުވާނެ މީހެއްހެން ހީވަނީ ކިތައް ފަހަރު ހެއްޔެވެ؟
ތިރީގައިވި ވީޑިޔޯއިން ކިޔައިދެވޭ ވާހަކައަކީ އަހަރުމެންގެ އެ ކުށްހީތަކުގައި ކޮޅުފައިންޖަހާ އެތައް ވާހަކަތަކެއް ތެރެއިން އެއްވާހަކައެވެ.
عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ، عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ
އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ.
(ސޫރަތުލް ޙުޖުރާތުގެ 11 ވަނަ އާޔަތުގެ ބައެއް ބައިތައް)
https://www.youtube.com/watch?v=NFn7YqSL8cM
jana siss… i need to tok u in private. i cnt say hw bad i was in here or hw much my life was chnged frm my childhood….. i want to choose the right path. but something is always interferin me. if i wanted to pray. after a second i ll chng my mind. idk what is happenin. please help me out
if you are a sister you can chat with me in private In Sha Allah. Just send a msg to this link and i will reply In Sha Allah.
https://www.facebook.com/Asr-1445208739121696/
if you are not in fb please send a message from viber to 7997991. thats esfiya admin. admin is busy nowadays so i may not get your number immediately. but will contact you as soon as i get it In Sha Allah 🙂
when is next part?
next part thursday ga In Sha Allah 🙂
Varah reethi mi part ves..?maadhama dhw nxt part.. and mi faharagu f.b post did help a close frnd of mine.. Thank you soo much for this on behalf of her.. May Allah reward you more and more.. ☺