ކޮލެޖްތަކުން އިމްތިހާނުތައް ނިމިގެން އުޅޭދުވަސްކޮޅެވެ. މައިޝާމެންގެ ކޯހުގެ ފަހުއަހަރުކަމުން މައިޝާމެން އިމްތިހާނުގެ ނަތީޖާއަށް އިންތިޒާރު ކުރަމުން ދިޔައެވެ. އިމްތިހާން ނިމެންދެން ކިޔާންވެސް މައިޝާއަށް ނުގުޅާ މަޑުކޮށްގެންހުރުމަށްފަހު މައިޝާއަށް ގުޅަންފެށިއެވެ. ކިޔާންގެ ފޯނު ކޯލުތަކަށް މައިޝާ ޖަވާބުނުދޭތީ ޝިފްނާއަށްވެސް ކިޔާންގުޅައި މައިޝާއަށް ވީ ކިހިނެއްތޯ އޮޅުންފިލުވަން މަސައްކަތްކުރަންފެށިއެވެ. ޝިފްނާ އަކީ މައިޝާގެ އެންމެ ގާތް އެކުވެރިޔާކަމުން މައިޝާގެ ހަޔާތުގައި ވީ ކަންތައްތައް ސިއްރުކުރަން އެއްބަސްވިއެވެ. އެހެންނަމަވެސް ކިޔާން މައިޝާއާއި އުޅޭމިންވަރު ފެނި ޝިފްނާބޭނުންވީ މައިޝާގެ ހަޔާތައް ކިޔާންއަށް އާދެވޭނެ ގޮތެއް މެދުވެރިވާށެވެ. މައިޝާ ހަޤީޤަތުގައި ކިޔާންއަށް އޭނާއާއި ދިމާވި ކަންތައް ސިއްރުކުރަން ބޭނުންވީ ކިޔާން އޭނާއާއި ދޭތެރޭ ދެކޭނެގޮތް ބަދަލުވެ އޭނާއަށް މާފު ނުކުރާނެކަމުގެ ބިރުހީވާތީއެވެ. އެހެނަސް ޝިފްނާގެ ޒަމީރުގަބޫލުކުރަމުން ދިޔައީ ކިޔާންއަށް ހަޤީޤަތްއެނގުމުން ކިޔާން މައިޝާއަށް މާފުކޮށްމައިޝާއޭނާގެ މީހަކަށް ހަދާނެކަމަށެވެ. މައިޝާއަށް ޝިފްނާ ވިސްނައިދީ ދީ އަޑުނޭހުމުން ޝިފްނާ ގޮތެއްނިންމައި މައިޝާއަށް ސިއްރުން އެއްރޭ ކިޔާންއަށް ގުޅާ ބައްދަލުުރުމަށް އެދުނެވެ.

އާރޓިފިޝަލް ބީޗް ކަރިރީގައި މީހުންގަނޑު ގިނަ ވަމުން ދިޔަ ހަވީރެކެވެ. ޝިފްނާ ކިޔާންއަށް ގަޑިކިޔައިގެން އައިސް އެއިނީ ޑައިނަމޯރެސްޓޯރެންޓްތެރޭގައެވެ. އެ ހަލަބޮލި ރެސްޓޯރެންޓް ތެރޭ ޝިފްނާ ކިޔާންގެ އިންތިޒާރުގައި މާގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ކިޔާންއައިސް ޝިފްނާއިން މޭޒުގައި އިށީނުމާއިއެކު ވާހަކަދައްކަންފެށިއެވެ.

“ކިޔާން އާ މިހެން ބައްދަލު ކުރަންޖެހުނު ސަބަބުއެނގޭ ދޯ؟ ” ޗޮކްލެޓް މިލްކް ޝޭކް ތަށި ތެރޭގައި އިން ހޮޅިން ފޮދެއް ދަމާލުމަށްފަހު ކުރިމަތީގައި އިން ކިޔާންއާއި ޝިފްނާ ސުވާލުކުރިއެވެ. “އަހަންނަށް އިނގޭ ކިޔާން މައިދެކެ ވަރަށް ލޯބިވާކަން.. އޭނަ ކިޔާންގެ ލައިފަށް ގެންނަން ބޭނުންވާ ވަރުވެސް އަހަންނަށްވެސް އަދި މައިއަށްވެސް އަސްލުއިނގޭ.. މައި އެއްވެސް ހާލެއްގަ ކިޔާން ގެ ލައިފަށް ނުދާކަށް ނޫޅޭ! ” ޝިފްނާއަށް މިހާވަރަށް ކިޔައިދެވުމާއެކު ކިޔާން ޝިފްނާގެ ވާހަކަ މެދުކަނޑާލިއެވެ. “ދެން ކޮބާތަ މައްސަލައަކީ ޝިފޫ؟ ކިހިނެއްތަ އޭނަ އެއުޅެނީ؟ ފެނުނީމަ ފެންނަކަމަށް ނުހަދާ.. އަނގައިން ނުބުނެ.. މަ އެގެއަށް ދިޔަޔަސް މިހާރު ރުޅި އާދޭ.. އަހަރެން މިކަމާ ވިސްނާ ވިސްނާ ބޯ ހަލާކުވޭ އެބަ… ” ހާސްވެ ކިޔާންއަށް މިހެން ބުނެވުމާއިއެކު ޝިފްނާވެސް ކިޔާންގެ ވާހަކަ މެދުކަނޑާލައި ކިޔާންއާއި ސުވާލެއް ކުރިއެވެ. “ކިޔާން.. ހަމަ ޖެހިބަލަ.. ފުރަތަކަ މަގޭ ކައިރީ ބުނެބަލަ .. ކިޔާން ކިހާވަރަކަށް މައި ދެކެ ލޯބިވޭ؟ ކިހާ މިންވަރަކަށް؟ ”

“ހީވެސް ނުކުރާވަރަށް އަހަރެން މައިދެކެ ލޯބިވޭ… ” ކިޔާން ގެ ޖަވާބު އަވަސްވެފައި ކުރެވެ.

“މައި އަތުން ކުށެއްވެފަ އޮވެއްޖެއްޔާ ޔޯ؟ އެކުށަށް މާފުކުރާނަންތަ؟ މާފުކޮށްފަވެސް މައި އެކްސެޕްޓް ކުރާނަންތަ؟ ” ޝިފްނާ މި ސުވާލުކުރުމާއެކު ކިޔާންގެ މޫނުމައްޗަށް ކުލަވަރެއް އަރައިގެންދިޔައެވެ. އަދި ސުވާލުތަކެއްއުފެދޭ ނަޒަރަކުން ޝިފްނާއަށް ބަލާލިއެވެ.

” އިންސާނުން އަތުން ކުއްކުރެވޭނީ.. މައި އަތުން ކުށެއްވެގެން މީގެ ކުރިންވެސް އަހަންނަށް ކިޔައިދިން.. މިފަހަރު ކިހިނެއްވީ؟ އާނ.. މައިއަތުން ކުށެއްވެގެން މައި އެކަމާދެރަ ވެ އެ ކުށަށް އިއުތިރާފްވެ ތައުބާވެއްޖެއްޔާ އަހަރެން މިހިރީ މައި އެކްސެޕްޓްކުރަން.. އެކަމު މައި އެ ވާހަކައެއްވެސް ދައްކާއިގެނެއްނު! މައި އަތުން އަނެއްކާ ކިހާވަރެއްގެ ކުށެއްވެގެން އެ އުޅެނީ؟” ކިޔާން ބޭނުންވީ މައިޝާއަތުން ވީ ކުށެއް އޮޅުންފިލުވާށެވެ. އޭނާ ދުރުވެގެން އުޅޭ ސަބަބަކީ އޭނާގެ އަތުން ވެފައި އޮތް ކުއްތޯ ޔަގީންކުރާށެވެ. އެހާހިސާބުން ކިޔާންއަށް ހުރިހާ ހަގީގަތެއް ޝިފްނާ ކިޔައިދިނީ ކިޔާން މައިޝާއަށް މާފުކުރާނެ ކަމުގެ އުއްމީދުގައެވެ. ކިޔާނަށް އިވެމުން ދިޔަ ވާހަކަތަކުން ހިތަށް އެތައް ތީރުތަކެއް ހެރެމުން ދިޔަކަހަލައެވެ. މައިޝާ އާއި މުސްތަފާގެ ގުޅުން ބަދަހި ކުރަމުން ދިޔައިރުވެސް ކިޔާންއާއި މައިޝާ ވާހަކަދައްކާ ހެދި ދުވަސްތައްވެސް  ހަނދާން ވަމުންދިޔައެވެ. ސްކައިޕުން މައިޝާ އާއި ދިމާވާލެއް މަދުވަމުން ދިޔައީ އެ ސަބަބައްޓަކައި ކަންވެސް މިހާރު ކިޔާންއަށް ސާފުވެއްޖެއެވެ. އެހެނަސް މައިޝާއަށް މުސްތަފާގެ ކިބައިން ސަލާމަތްވާން ހިތްވަރު ލިބުމުން އެކަމާ ކިޔާންއުފާކުރިއެވެ. އަދި ކިޔާންގެ ދިރިއުޅުމަށް ނާންނަންވެގެން އުޅެނީ މައިޝާ އަކީ ކިޔާންކަހަލަ ސާފު މީހަކަށް ނުވާތީ ކަމަށް އޭނާ ގަބޫލުކުރާތީކަންވެސް ކިޔާންއަށް އެނގިގެންދިޔއެވެ.

“މައި އާ ހާދަ ކަމެއް ދިމާވެއްޖެއޭ.. އެންމެ ފަހަރަކުވެސް މައި އަހަރެން ގާތުގަ ނުބުނޭ.. ވެދާނެ އެ ހުރިހާ ވާހަކައެއް ސިއްރުކުރީ، އަހަރެން އޭނަ ލައްވާ އިންނަން އެއްބަސްކުރުވާފަ އޮތީމަ ކަމަށްވެސް …އަަަހަންނަށް ބޭވަފާތެރި ވެވުނީކަމަށްހީކޮށް.. ޝިފޫ،، ވަރަށްބޮޑަށް ޝުރކުރިއްޔާ ހުރިހާ ވާޙަކައެއް ކިޔައިދިނީމަ.. ” ދެރަވެ މުޅިން މާޔޫސްވެފައި އިން ކިޔާން ޝީފްނާއަށް ޝުކުރުއަދާކުރިއެވެ.

” ކިޔާން! އަހަރެން ކިޔާންއަށް މި ވާހަކަތައް މި ކިޔައިދިނީ މައިޝާ މަތިން ފޫހިކުރުވާކަށްނޫން. މައިޝާ އެހުންނަނީ އެކަންތަކާ ހެދި ލައިފްމަތިން ފޫހިވެފަ. ފިރިހެނުން މަތިން ފޫހިވެފަ.. މީހުންނާ ވާހަކަދައްކާކަށް ބޭނުމެއްނުވޭ.. އެކަނި ވެއްޖެއްޔާ މުޅި މީހާ ގަބުއަރާފަ.. ޑިޕްރެޝަންއެއްގަ އުޅޭހެން ހީވަނީ.. އޭނަ އެކަންތަކުން ނެރެދީ މުސްތަފާމަތިން ހަނދާންނައްތާނެ ގޮތެއް ހަދައިދީ.. އެހެންއުޅެންވެއްޖެއްޔާ މައި މުޅިން ހަލާކުވެދާނެ.. އެއްވެސް މީހެއްގާތު އެއްވެސް ވާހަކައެއްދައްކާކަށް ބޭނުމެއްނުވޭ.. ހީކުރަން ކިޔާން އޭނަގެ ހިތް ބަދަލު ކުރާނެކަމަށް..” ޝިފްނާ އެދެމުން ދިޔައީ މައިޝާއަށް ޔޮގޮތްތަކެއްވުމަށެވެ. ކިޔާން ޝިފްނާގެ ވާހަކަ އަޑުއެހުމަށްފަހު ވަރަށް ވިސްނަން އިނދެފައި ދެން ދަނީއޭ ބުނެ އެތަނުން ނުކުމެގެން ގޮސްގެޔަށްވަދެ ޝިފްނާ އެ ދެއްކި ވާހަކައާއިމެދު ފުންކޮށް އަނެއްކާވެސް ވިސްނާލިއެވެ. މައިޝާއަށް އައި ބަދަލުގެ އަސްލަކީ އޭނާއާއި ދިމާވި ނުލަފާ އިންސާނެއްގެ ސަބަބުން ވީ ކަމެއްކަން ކިޔާންއަށް ވިސްނުނެވެ. ވަރަށް އިރުވަންދެން ގޭ ސޯފާގައި ވިސްނަންއިނދެފައި ކިޔާން އިންތަނުން ތެދުވީ ހިތާހިތުން ވަރުގަދަ ނިންމުމެއްނިންމައިގެނެވެ. ހަލުއި ހިނގުމެއްގައި ގެއިން ނުކުމެގެން ހިނގައިގަތީ ޖީބުގައިއޮތް ފޯނުނަގައި މައިޝާއަށް ގުޅާލަމުންނެވެ. ދެ ތިންފަހަރު ގުޅިފަހުން މައިޝާ ފޯނަށް ޖަވާބުދިނެވެ. “ހަލޯ.. މައި؟….” ކިޔާންއަށް ވާހަކަ ކުރިއަށް ނުގެންދެވެނީސް މައިޝާ ވާހަކަދައްކަންފެށިއެވެ. “ކިޔާން.. މި ގަޑީގަ ބިޒީ.. މައިއަކަށް ނެތް ކިޔާންއާ ވާހަކަދައްކަން ހުރެވޭކަށް… “މައިޝާގެ ވާހަކަ ނުނިމެނީސް ކިޔާންވެސް މައިޝާގެ ވާހަކަ މެދުކަނޑާލިއެވެ. ” ވެއިޓް މައިޝާ! ލިސިންޓު މީ.. އައި ނީޑް ޓު ނޯ ސަމްތިންގް.. ޔޫ ބްރޯކް އަޕް ވިތްމީ ވެން އައި ވޯސް އަވޭ.. އައި ނީޑް ޓު ނޯ ދަ ރީޒަން.. އެއީ ކިޔާންގެ ރައިޓެއް.. މާ ބޮޑު ކަމަށްކަށް  ނޫން މި އެދެނީ..ކަމެއް ނުވެޔޭ ނުބުނާތި! މައި ވެލިޑް ރީޒަނެއް ނުބުނާހާ ހިނދަކު މައިއަށް ގުޅާނަން. ފަހަތުންވެސް ދާނަން.. އެހެން ބޭނުން ނުވަންޏާ ފަހުފަހަރަށް ކިޔާންއާ މީޓްކޮށްފަ ރީޒަން ބުނެދީ..އަދި ކިޔާން ވެސް ދައްކަން އުޅޭވާހަކަ އަޑުއަހާ..  އޭރުން އައި ޕްރޮމިސް ޔޫ.. އައި ވިލް ނެވާ ޝޯ މައި ފޭސް ޓު ޔޫ… އެވާ!” ކިޔާން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރި މައިޝާ ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު މީހާ ގަނޑުވެގެން ދިޔައެވެ. ހައިރާންވެ ކިޔާން އެދުނު އެދުމަށް ދޭނެ ޖަބާބެއް ނޭނގިފައި އިރުކޮޅަކު ހުރުމަށްފަހު ވާހަކަދައްކަން ފެށިއެވެ. “އެންމެ ރަނގަޅު. ކިހިނެއް ވާންވީ.. ކޮންތާކަށް ދާންވީ.. ގެއަކު އެއްވެސް ވާހަކައެއް ނުދެއްކޭނެ.” މައިޝާ ގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ކިޔާންގާތު ބުނާނެ އެއްޗެކެވެ.

“ހިނގާ ވުޑް އެޕަލް އަށް ދާން.. މިރޭ 8 ޖަހާއިރު.. ޑޯންޓް ސޭ ނޯ.. ޓިލް ދެން. ބާއި. އެނޑް ތެންކިޔު” ކިޔާން އެއްނޭވާއިން މިހެން ބުނެނިއްމާލުމަށްފަހު ފޯނު ކަނޑާލީ މައިޝާއަށް ވާހަކަދައްކަން ފުރުސަތެއްވެސް ނުދެމުންނެވެ.

ފޯނު ނަގައިގެން ހުރި މައިޝާ އަށް ހުރެވުނުތަންވެސް ނޭނގޭ ކަހަލައެވެ.ކިޔާންގެ ވާހަކަދެއްކުމަށް އައިސްފައިވާ ބަދަލާމެދު މައިޝާއަށް ވިސްނެނީއެވެ. ކިޔާންއަށް އޭނާގެ ސިއްރު އެނގުނީބާއޭ އެހާ ހިސާބުން ހިތަށްއެރިއެވެ. އަވަހަށް ފޯނު ބޭއްވުމަށްފަހު ކޮޓަރި ސާފުކުރަންހުރި މައިޝާ އެކަން ހުއްޓާލުމަށްފަހު އެނދަށް އަރާ އިށީނދެ އިނދެ ޝިފްނާއަށް ފޯނުން ގުޅާލިއެވެ. ހަދާނެ ގޮތެއްނޭނގޭ ހާލު ކިޔާން އެދުނު ކަންތައް މައިޝާ ޝިފްނާއަށް ކިޔައިދިނެވެ. ” ޝިފޫ އަހަރެން ކިހިނެއް ހަދާނީ؟ ކިޔާން އަށް އެނގުނީތަ އަހަރެން މުސްތަފާ ކައިރިއަށް ދިޔަކަން؟ ކީއްތަ މަ ކުރަންވީ؟” މައިޝާ ހާސްވަމުން ދާކަން ޝިފްނާއަށް އެނގުމުން ޝިފްނާ އޭނާ މައިތިރި ކުރެވޭތޯ މަސައްކަތްފެށިއެވެ. ” މައި.. ހަމަ ޖެހިބަލަ.. ޕެނިކް ނުވެބަލަ.. ކިޔާން އަށް އެއްޗެއް އެނގުނަސް.. އޭނަ ދައްކާ ވާހަކައެއް އަޑުއަހާބަލަ.. މައި ހަގީގަތް ބުނަން ބޭނުން ނުވަނީ އަޅެ ކީއްވެތަ ؟ ކިޔާންއަށް ކިޔައިދީބަލަ ހުރިހާ ވާހަކައެއް.. ” ޝިފްނާ އަދިވެސް އެއްފަހަރު މައިޝާއަށް ވިސްނައިދިނީ ހަގީގަތް ކިޔާންއަށް ހާމަކުރުމަށެވެ. “ނޫން ޝިފޫ.. އަހަންނަކަށް ތިކަމެއް ނުވާނެ.. އަހަރެންގެ ތި ހިތްވަރެއްނެތް. އޭރުން ކިޔާން އަހަރެންދެކެ މުޅި އުމުރަށް ނަފްރަތުކުރާނެ.. ކިޔާންގެ ނަޒަރުގަ އަހަރެން ވަރަށް ގޯސް މީހަކަށް ވާނެ… ނޫން ޝިފޫ.. ކިޔާން އަކަށް އެއްވެސް އެއްޗެއް ނާންގާނަން.. މައި ކޮންމެވެސް ރީޒަންއެއް ދެން ބުނާނަން.. އެހެން ކަމެއްގަ މައި ދެކެ ރުޅިއަޔަސް ހެޔޮ، އެކަމު މައިއާ ދޭތެރޭ ހަމަ ގައިމުވެސް ނުބައި ގޮތަކަށް ކިޔާންއެއް ނުވިސްނާނެއެއްނު… ދެން ބާއްވަނީ.. އައި ވިލް ޑޫ ސަމްތިންގް.” މައިޝާ ނިންމީ އޭނާގެ ހަޔާތުގައި ވި ކަންތައް ކިޔާންއަށް ސިއްރުކުރާށެވެ.

ރޭނގަނޑުގެ ވަގުތު ޖެހެން ކައިރިވަމުން ދިޔަވަރަކަށް މައިޝާގެ ހިތްނުތަނަވަސްވަމުން ދިޔައެވެ. ރީތިވެލައިގެން 8 ޖަހަން 5 މިނެޓަށް ވެފައި ވަނިކޮށް ގެއިން ނުކުތީ ކިޔާން ބާލާއަންނާނެ ވާހަކަ ބުނެފައި އޮތުމުންނެވެ. މައިޝާ ގެއިން ނުކުމެ ޕޭމަންޓްމަތީ މަޑުކޮށްލުމާއެކު ސައިކަލެއްގައި ކިޔާން އައިސް އޭނާގެ ކުރިމައްޗަށް ހުއްޓުނެވެ.  މައިޝާއަށް ބަލަހައްޓައިގެން ހުރި ކިޔާންގެ ނަޒަރު އެހެން ފަރާތަކަށް ގެންދެވޭ ވަރެއްނޫނެވެ. މައިޝާގެ ރީތިކަން ފެނި ކިޔާން ގެ ހިތް ކުދިކުދި ވަމުން ދާކަހަލައެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަން ކިޔާންއަށް ވިސްނޭހާލު މައިޝާއާއި އެއްވެސް ވާހަކައެއްނުދައްކާ މައިޝާގާތު ސައިކަލަށް އަރާށޭ ބުންޏެވެ. އެހެން ދުވަސް ދުވަހު ނުރުހުން ފާޅުކުރަމުން ދާ މައިޝާ އެރޭ ކިޔާންގެ ބުނާބަސްއަހައިގެން އެއުޅެނީ ކީއްވެގެންކަން ކިޔާންއަށް އެނގެއެވެ.

ވުޑްއެޕަލް އާ އަރާހަމަވުމުން ސައިކަލު ޕާރކްކުރުމަށްފަހު ކިޔާން ކުރީގައިހުރެ މައިޝާ ގޮވައިގެން ވުޑްއެޕަލްއަށް ވަނެވެ. މައިޝާ ކިޔާންއަށްވުރެ ކުރިން މޭޒެއްދައްކައި އެތާނގައި އިށީންނަން ދިއުމުން ކިޔާން އޭނާ ދެއްކި މޭޒު ކަމު ނުދާވާހަކަބުނެ މައްޗަށް އަރަންދާން ހިނގާށޭ ބުންޏެވެ. މައިޝާއަށް އެހިނދު އުނދެގުލެއް ވެގެންދިޔަކަން ކިޔާންއަށް ވަގުތުން އެނގުނެވެ. އެއީ މައިޝާ މުސްތަފާއާއިއެކު ފުރަތަމަފަހަރު އައި ރެސްޓޯރެންޓް ވެފައި މަތީގައި ހުރި މޭޒެއްގައި އެދެމީހުން ތިބިކަން ޝިފްނާގެ ފަރާތުން ކިޔާންއަށް އެނގިފައި އޮތުމުން ކިޔާން މަސައްކަތްކުރަމުން ދިޔައީ މައިޝާގެ މޫނުމަތިން ފެންނަމުންދާ ކުލަވަރު އެނގި އޭނާއަށް ފިލާވަޅެއް އަންގައިދޭށެވެ. މައިޝާގެ ހިތައް ކެތްނުވިއެއްކަމަކު މައިޝާ ދިޔައީ ކިޔާން ބުނަމުން ދިޔަ ހުރިހާ ބަހެއް އަހަަމުންނެވެ. ކިޔާންގެ ހިތުގައި އެއްވެސް ސުވާލެއް އުފެދިދާނެ ކަމުގެ ބިރު މައިޝާއަށް ހީވުމުންނެވެ. ކިޔާން ގޮސް އިށީން މޭޒު ފެނި މައިޝާއަށް ވަރަށް އުނދަގޫވާން ފެށިއެވެ. ” ކިޔާން. އެ މޭޒަށް ދާން ހިނގާ.. ޕްލީޒް.. ” މައިޝާއަށް މިހެން ބުނުމާއިއެކު ކިޔާން ހިނދުކޮޅަކަށް މައިޝާއަށް ބަލަން އިނދެފައި އޯކޭ އޭ ބުނެ އިންތަނުން ތެދުވެގެން ގޮސް އޭނާ ބުނި މޭޒަކަށް ދިޔައެވެ. އެހާހިސާބުން މައިޝާވެސް ހަމަޖެހިލައި ކިޔާންއަށް ބަލާލިއެވެ. “ކީއްވެ މިތަނަށް އައީ.. ؟” ކިޔާންގެ އަމަލާ ހަރާކާތުން ކޮންމެވެސް އެއްޗެއް އެނގިގެން އުޅޭހެން ހީވުމުން މައިޝާ ބޭނުންވީ އޭނާގެ ހިތުގައި އެނބުރެމުން އެދަނީ ރަނގަޅު އެއްޗެއްތޯ ޔަގީންކުރާށެވެ. “ކަމެއް ނުވޭ. މިތާ ޕިއްޒާ މީރުވާނެ ތީ… އަނެއްކާ މައިއަށް ޕިއްޒާ ވަރަށް މީރެއްނު، އެހެންވެ މިތަނަށް އައީ..” ކިޔާން އެދިން ޖަވާބުން މައިޝާ ގެ ހިތުގައި އުފެދުނު ޝައްކު ނެތިގެން ދިޔައެވެ. ދެމީހުން ވެސް ކާއެއްޗިއްސަށް އޯޑަރު ދިނުމަށްފަހު ވެއިޓަރު މޭޒުކައިރިން ދުރަށްދިއުމުން ކިޔާން ކުރަން އައިކަމާއިގެން ކުރިއަށް ދިޔައެވެ، ” މައި.. މިހާރު ދެމީހުންވެސް މިތިބީ އެއްވެސް ރިލޭޝާނެއްގައެއް ނޫނެއްނުދޯ؟ ދެން ބުނެބަލަ.. މައި ކިޔާންއާ ބްރޭކް އަޕް ވީ ކީއްވެ ؟”

އިސްޖަހައިގެން އިން މައިޝާއަށް ސިހުމެއްވެގެން ދިޔައެވެ. ކިޔާން ކުރި ސުވާލުން ދޭނެ ޖަވާބެއް އަވަސް އަވަހަށް ބޮލުގައި އަނބުރާލުމަށްފަހު އިސްއުފުލާ ކިޔާންއަށް ބަލާލިއެވެ. “އާރ.. އާރ.. މައި އަދި ސިންގަލްކޮށް ހުންނަން ބޭނުންވީ… ”  ހުއްޓި ހުއްޓިފައި ވާހަކަ ފެށުމަށްފަހު ޖުމްލަ ނިންމާލީ ވަރަށް ހަމަޖެހިލަމުންނެވެ.

“މައި ތެދަށް ބުނެބަލަ.. ކިޔާން އެކޮޅުގަ ހުއްޓާ މުސްތޮއާ ވާހަކަދެއްކިންތަ؟ އޭނަ މެރީކުރި ފަހުންވެސް އޭނަޔާ ވާހަކދެއްކިންތަ؟” ކިޔާން ސާފު އިބާރާތުން މައިޝާގާތު ކުރަން ބޭނުންވި ސުވާލު އެންމެފަހުން ކުރިއެވެ.

“ނޫން.. މި ބުނީއެއްނު މައި ހަމަ ސިންގަލް ކޮށް ހުންނަންވެގެންނޭ..އެހެންނޫނަސް އޭނައަކީ މީހެއްގެ ހައްގެއް.. ކީއްކުރަން މައި އޭނަ .. އާ.. އާ.. ގުޅުމެއް ބާއްވަންވީ.. ” ކިޔާން އެ ކުރި ސުވާލަށް ޖަވާބުދޭނެގޮތެއް ނޭނގިފައި އިރުކޮޅަކަށް އިނުމަށްފަހު މައިޝާ ކިޔާންގާތު ދޮގުހެދިއެވެ. މައިޝާގެ އަތް ތުރުތުރު އަޅާ ފެންކަޅިވާގޮތްވާންފެށީ އޭނާ އަށް ކިޔާންގާތު ދޮގުވެސް ހަދަން ޖެހުމުންނެވެ.

“އެހެންވީމަ މައި ކިޔާންއަށް އެއްވެސް ކަމެއް ނުފޮރުވަންތަ؟ ހަމަ އެއްވެސް ކަމެއްވެގެންނެއް ނޫންތަ ކިޔާން ދުރުކޮށްލީ؟”

” އާނ.. ހަމަ އެއްވެސް ކަމެއްވެގެނެއް ނޫން.. ދެން ކިހިނެއް ބުނިއްޔާތަ ކިޔާން ގަބޫލުކުރާނީ.. ” ކިޔާންގެ މޫނަށް ނުބަލާހުރެ ޖަވާބުދިން އިރު މައިޝާގެ ލޮލުން ކަރުނަ އަންނަންފެށިއެވެ.

” މައި ތިހަދަނީ ހަމަ ތެދެއްތަ؟  20 ސްޕްޓެންބަރ ގަ ކިޔާންއާ ރުޅިވިދުވަހު މުސްތަފާއަކާ މީޓްއެއް ނުކުރަންތަ؟ ދެމީހުން އެއްކޮށް ޗަނބޭލީގޭގެ ތިންވަނަ ފްލޯއަކަށް ނާރަންތަ؟ މުސްތަފާގެ ވައިފްއަށް ދެމީހުންނާއި މެދު ޝައްކުވެގެން  މީޓެއްވެސް ނުކުރަންތަ؟ މުސްތަފާ މައި މެންގެއަށް އައުމުން މުސްތަފާގެ ކަންކަށިމަތީގަވެސް ނުޖަހަންތަ؟ ބުނެބަލަ.. މީގެން އެއްވެސް ކަމެއް ހަމަ ނުވޭތަ؟”  ކިޔާން އެ ހުރިހާ ވާހަކައެއް މައިޝާގެ މޫނުމައްޗަށް ކިޔާލުމުން ހައިރާންވެ އަންތަރީސް ވާހާލު  ކަރުނައިން ފުރިގެންވާ ދެލޮލުން މައިޝާ ކިޔާންއަށް ބަލާލިއެވެ. އަނގަ ހުޅުވި ބުނާނެއެއްޗެއްނޭނގުމުން މައިޝާގެ ބަޑިފަޅައިގެން ދިޔައެވެ. ގަތް ލަދުންނާއި ވީދެރައިން މައިޝާ ބޭނުންވީ އެތަނުން ގެއަށް ދާށެވެ. އިތުރުވާހަކައެއް ނުދައްކާ މައިޝާ ވަރަށް ވިސްނަންއިނދެފައި ހަލުވި ސްޕީޑެއްގައި އިންތަނުންތެދުވެ ދުއްވައިގަތީ ކިޔާންއަށް ހަމަ އެއްވެސް ފުރުސަތެއް ނުދެމުންނެވެ.

“މަޑުކޮށްބަލަ މައިޝާ!” ކިޔާންއަށް އިންތަނުން ތެދުވެވުނު އިރު މައިޝާ ސިޑިންފައިބައިގެން ރެސްޓޯރެންޓްގެ ކައުންޓަރާހަމައަށްދެވުނެވެ. މައިޝާގެ ހިތްބުނަމުންދިޔައީ ކިޔާންގެ ކުރިމަތިންގެއްލޭށެވެ. އެފަދަ މާތް އިންސާނަކަށް ބޭވަފާތެރިވުމަށްފަހު މަކަރުވެސް ހެދުމުންނެވެ.  ކިޔާންވެސް އަވަސް ކޮށްލާފައި ކައުންޓަރަށްގޮސް ލާރިދެއްކުމަށްފަހު މައިޝާގެ ފަހަތުން ދިއުމަށް އެތަނުން ނުކުމެވުނު އިރު މައިޝާފެންނަ ހިސާބަކުވެސް ނެތެވެ. މަގުގެ ދެފަރާތް ބެލިއިރުވެސް މައިޝާ ފެންނަން ނެތުމުން ކިޔާން ބޯ ހާސްވިއެވެ. އަވަސް އަވަހަށް ގޮސް ސައިކަލަށް އަރާ ސްޓާރޓް ކޮށްލުމަށްފަހު މިސްރާބުޖެހީ މައިޝާ ދިޔަ ތަނެއްހޯދާށެވެ.

މަގުމަތީގައި ދުވަމުން ދިޔަ މައިޝާއަށް ދެވޭ ނުދެވޭތަނެއް ނޭނގެއެވެ. ކިޔާންއަށް އޭނާގެ ހަޑިމުޑުދާރުކަން އެނގުމުން އެކަމާ ދެރަވެ ގިސްލަ ގިސްލާފައި ރޮވެނީއެވެ. ކިޔާން އެ ދެއްކި ވާހަކަތައް މައިޝާގެ ސިކުނޑީގައި އެނބުރެމުންދިޔައިރު ހީވަނީ ބޮލުގައި މަރުތެޔޮއަކުން އިރު އިރުކޮޅާ ތަޅާހެނެވެ. މުޅި ހަށިގަނޑުގެ އެންމެ ހިމަ ނާރުތަކަށް ބުނަން ނޭނގޭ ވަރުބަލިކަމެއް ވަމުންދިޔައެވެ.

މައިޝާއަށް ދެވޭނެ ހުރިހާ މަގެއްގެ މަތީ ކިޔާން ސައިކަލުން ދުއްވަމުން ދިޔައިރު މުޅި މަގުމައްޗަށް އޭނާގެ ނަޒަރު އެނބުރެމުންދެއެވެ. މައިޝާގާތު އެވާހަކަތައް ނޭހުނުނަމައޭ ހިތާ ހިތުން ކިޔާލަ ކިޔާލަ ކިޔާންއަށް ހުރެވުނެވެ. މި ހެންވެދާނެކަން އެނގުނުނަމަ ކިޔާން މައިޝާގާތު މިވާހަކަ އެހެން ހާމައެއްނުކުރީހެވެ. އޭނާގެ މަގްސަދަކަށްވީ މައިޝާގެ ދުލުން އޭނާއަށް ކުރެވުނުކަންތަކަށް އިއުތިރާފް ކުރުމެވެ. އެއްވެސް ހާލެއްގައި މައިޝާގެ ހިތުގައި ޖެއްސުމެއްނޫނެވެ. ވަރަށް އިރުވަންދެން މާލޭގެ މަގުމަތީ ދުއްވުމަށްފަހު ހަނދާނަށްއައީ މައިޝާ އެއްދުވަހު ކިޔާންގާތު އާރޓިފިޝަލް ބީޗަށް ވާހަކައެއް ދައްކަން ދާން ބުނިހަނދާނެވެ. އެހަނދާންވުމާއިއެކު ކިޔާން ސައިކަލުގެ ގިޔަރު ބަދަލުކޮށްލުމަށްފަހު ދެވެންއޮތް އެންމެ ބާރު ސްޕީޑުގައި ގޮސް އާރޓިފިޝަލް ބީޗަށް މަޑުކުރީ އެތާގައި މައިޝާ ހުންނާނެކަމުގެ ވަރަށް ޔަގީންކަން އޮވެގެންނެވެ.

ވައިގަދަވެ ވިއްސާރަވަމުން ދިޔަ ވަގުތެއްކަމުން، އާރޓިފިޝަލް ބީޗްގައި މީހުންވެސް މަދު ވަމުންދިޔައެވެ. ދޮންވެލިގަނޑަށް ބީއްސަމުންދިޔަ ވަރުގަދަ ރާޅުތަކަށް ނަޒަރު ހުއްޓިފައި އިނދެ ލޮލުން ކަރުނަ އޮހޮރަން އެތަނުގެ ބެންޗެއްގައި އިން މައިޝާފެނުމާއެކު ކިޔާންގެ ހިތަށް ފިނިކަމެއްލިބުނެވެ. އެކަނި މައިއެކަނި ބެންޗްގައި އިނދެ ހިތްފުރޭވަރަށް ރޮމުންދިޔަ މައިޝާގެ ހިތަށް ކުރަމުން ދިޔަ އަސަރު ކިޔާންއަށް އިހުސާސްވާކަހަލައެވެ. މައިޝާގެ ފުރަގަހުންއައިސް އޭނާގެ ގާތުގައި ކިޔާން އިށީންނަމުން މައިޝާގެ ލޮލުން ވެއްޓެމުން ދިޔަ ކަރުނަތައް ފޮހެދިނުމާއިއެކު ސިހިގެންގޮސް އިންތަނުން މައިޝާއަށް ތެދުވެވުނެވެ. ހަަމަ ތެދުވުމާއެކު އެތަނުން ދުރަށްދާން މަސައްކަތްކުރުމުން ކިޔާން މައިޝާގެ އަތުގައި ހިފެހެއްޓިއެވެ. “މައި ޕްލީޒް… އާދޭސްކޮށްފަ މިބުނީ.. ދުރަށްނުދޭބަލަ.. ތިހެން ނުހަދަބަލަ.. އަމިއްލަ ނަފްސް ހަލާކު ނުކޮށްބަލަ.. މައިގެ ލޮލުން ކަރުނަ ވެއްޓޭ މަންޒަރު ބަލަން ކިޔާންއަކަށް ކެތެއްނުކުރެވޭ.. ޕްލީޒް ހުއްޓާލަބަލަ.. ކިޔާން އެހުރިހާ ވާހަކައެއް ދެއްކީ އެއްވެސް ހާލެއްގަ މައި ދެރަކޮށް މައި ދަށް ކުރާކަށް ނޫން.. ” ކިޔާންއަށް މިހާހިސާބަށް ބުނެވުނުއިރު އޭނާގެ ލޮލުންވެސް ކަރުނަ ހިލިގެންދިޔައެވެ. އަދި ރޮމުން އަނެއްކާވެސް މައިޝާއާއި ވާހަކަ ދައްކަންފެށިއެވެ. “އަހަރެން ﷲ ގަންދީ ހުވާކޮށްފަ މިބުނީ.. މައިދެކެ އަދިވެސް އިންތިހާއަށް ލޯބިވޭ.. މައިއަށް ކުރެވުނު ކުށެއްގެ ސަބަބުން އަހަރެން މައި ބޭނުން ނުވާނެކަމަށް މައި ހީކުރިއަސް އަހަރެން އަދިވެސް މައިބޭނުން.. މިފަރާތައް އެނބުރިބަލަ.. ޕްލީޒް މައި.. ” ކިޔާންއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މައިޝާ ފުރަގަސްދިންގޮތަށް އަނގައިންވެސް ނުބުނެ ކިޔާން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރެ މިފަހަރު ގިސްލަ ގިސްލާފައި ރޮމުން ދިޔައީ ކިޔާންކަހަލަ މާތް އިންސާނަކު ﷲ އޭނާއަށް މިންވަރުކުރުމުން އެކަމާ އުފާވާހާލުއެވެ.

ކިޔާންގެ ރުއިމުގެ އަޑު މައިޝާއަށް އިވުމުން ދެރަވެ އަވަހަށް އެނބުރި ކިޔާންއަށް ބަލާލިއެވެ. އަދިހިނދުކޮޅަކު ބަލަންހުރުމަށްފަހު ކިޔާންގެ ލޮލުން ފޭބި ކަރުނަތައް ފޮހެދިނެވެ. އަދި އެއަށްފަހު އޭނާއަށް މާފް ކުރިކަން އެނގުމުން ބަލަންނުހުރެ ކިޔާންގެ ގައިގައި އޮޅުލައިގަތެވެ. މައިޝާ ކިޔާންގެ ގައިގައި އޮޅުލައިގަތުމުން ގަބުއަރާފައި ހުރި ކިޔާންއަށް ދެން ކުރަންވީ ކަމެއްވެސް ނޭނގުނުކަހަލައެވެ. ވީ އުފަލުން ކިޔާންވެސް އޭނަގެ ދެ އަތުން ރަނގަޅަށް މައިޝާ ގާތްކޮށްލިއެވެ. ހިތްފުރެންދެން ދެމީހުން ރޮމުން ދިޔައިރު ކިޔާން މައިޝާގެ ކަންފަތް ކައިރި އޭނާ އަދިވެސް އެއްފަހަރު ލޯބިވާ ވާހަކަ ބުންޏެވެ.

“އަހަރެން ހީކުރީ ކިޔާން އަހަރެން ބޭނުމެއްނުވާނެކަމަށް.. މައި އަށް މާފުުކުރީތީ ހަމްދުކޮށްފިން.. ކިޔާން ކީއްވެތަ ތިހާ ރަނގަޅީ..” މައިޝާ މޫނުމަތި އަތުން ފޮހެލުމަށްފަހު ދުރުވެލަމުން  ކިޔާންއާއި ސުވާލުކުރިއެވެ.

“ކިޔާން އަސްލުއުޅުނީ މައި އަމިއްލައަށް އެވާހަކަތައް ކިޔައިދޭތޯ ބަލަން.. އެކަމު މައި އަށް ހީވީ މައި ކުއްވެރިކޮށްފަ މައި އަށް ދެރަ ގޮތެއް ހަދަން އުޅުނީކަމަށް ދޯ؟ ” ކިޔާންވެސް ކުރީ މައިޝާއާއި ސުވާލެކެވެ. “ކީއްވެތަ މައި އެހުރިހާ ވާހަކައެއްނުބުނީ.. އެހެން ނޫންނަމަ ކިޔާން މައިއަށް ވިސްނައިދިނީހެއްނު؟.. މައި!.. ވަރަށް އުފާވި މައިއަށް އަމިއްލައަށް ވިސްނިގެން އެކަމުން ދުރަށްދިޔައީތީ.. ” ކިޔާން ހިތުގައި އުފެދެމުންދިޔަ ހުރިހާއެއްޗެއް މައިޝާއަށް ހާމަކުރަމުންދިޔައެވެ.

“މަޑު ކޮށްބަލަ…. ކިހިނެއް ކިޔާންއަށް އެ ހުރިހާ ވާހަކައެއް އެނގުނީ… ކާކު ކިޔާންއަށް އެ ހުރިހާ އެއްޗެއް ކިޔައިދިނީ.. މައި މިވާހަކަދެއްކީ އެންމެ މީހެއްކައިރީ.. ޝިފޫ!!!؟؟” ކުއްލިއަކަށް ކިޔާންއަށް ހުރިހާކަމެއް އެނގުނު ގޮތެއް މައިޝާއަށް ވިސްނިގެންދިޔއެވެ، އަދި މޫނަށް ވައްތަރެއް ޖައްސާލިއެވެ. “އޯ! ދެޓް ޝިފޫ! އައި ޝުޑް ހޭވް ގެސްޑް! އޭނަ ވަރަށް ބުނި ކިޔާންއަށް ކިޔައިދޭން. އެކަމު މައިއަށް ހަމަ އެ ހިތްވަރުނުލިބުނީ.. ކިޔާން.. މައިއަށް މާފުކޮށްފިން ދޯ.. ” މައިޝާ އަދިވެސް އެއްފަހަރު ކިޔާން އޭނާއަށް މާފުކުރިކަން ޔަގީންކޮށްލިއެވެ.

“އާން މައި… ހިތުން ރުހުމުން.. މިބުނަނީ..މައިއަށް މާފްކޮށްފިން.. އެންޑް އައި އެކްސެޕްޓް ޔޫ… އެ އީ މައިގެ ޕާސްޓް… ދެން އިރާދަކުރެއްވިއްޔާ މައިއަކާ އެފަދަ ބިރުވެރިކަމެއް ދިމައެއް ނުވާނެ..” އަދިވެސް އެއްފަހަރު މައިޝާ ގަޔާ ކައިރިކޮށްލަމުން ކިޔާން މައިޝާއަށް އޭނާ މާފުކުރިކަން ހާމަކޮށްދިނެވެ.

ނުނިމޭ

8

13 Comments

 1. Rsh

  November 21, 2017 at 7:14 pm

  V REETHI…???

  • Rsh

   November 21, 2017 at 7:15 pm

   Me first dho

  • shereen

   November 21, 2017 at 7:20 pm

   Rsh baraabarah kiyaathee varh ufaavey… Thanks

 2. Blackbeauty

  November 21, 2017 at 7:14 pm

  11 naas 12 tha miothee dhoonyaa

  • shereen

   November 21, 2017 at 7:18 pm

   11 aissa 12 a e black beauty .. balaalaba dear kureege pages thakeh.. fenidhaane 🙂

 3. Blackbeauty

  November 21, 2017 at 7:29 pm

  Ohh sorry olhunee

  • shereen

   November 21, 2017 at 7:39 pm

   It’s okay.. ehenves vaane. Hehe.. ma lahun up kureema dho.. thank u kiyaathee 🙂

 4. shanhaa

  November 22, 2017 at 12:18 am

  kiyaan kahala firiyaku libyni varah naseebu ragalhu meehakah dho eykamaku mizamaanuga mikahala firihenaku nulibyne?

  • shereen

   November 22, 2017 at 9:56 am

   Thedhu vaahaka eh ..

 5. shanhaa

  November 22, 2017 at 12:20 am

  vvvvvvvv nice vaahaka?

  • shereen

   November 22, 2017 at 9:56 am

   Thank u 🙂

 6. Shaan

  November 23, 2017 at 12:09 pm

  Varah reethi mi part ves. Waiting for next part

 7. sharu

  November 25, 2017 at 2:55 pm

  Vv reeethi

Comments are closed.