ހިތުގާ ފޮރުވާލަދޭށޭ 8
އޭނާ ބޭނުންވަނީ އޭނާއަށްޓަކައި އަނިޔާވެރިވި މިދުނިޔެއިން އޭނާގެ ވަސްވެސް ފިލުވާލުމަށެވެ.
ޔާނާ ފުންމާލަން ތައްޔާރުވީ ވަގުތު މޫނަށް އެޅުނު އައްޔަކުން ސިހިފައި ވެއްޓެން ދިޔަވަގުތު އޭނާއަށް ބިރުންނާއި އެކު ހަޅޭއްލަވައިގަނެވުނެވެ.
ބާރުދުވެލީގައި އައި ސައިކަލް މަޑުކުރުމަށްފަހު އޭގައި އިން ޒުވާނާ ދުއްވައިގަތެވެ. ވަގުތު ދިގުކުރަން ނުހުރެ އޭނާ ފުންމާލިއެވެ. އޭރު ޔާނާ އަޑިއަށް ދަނީއެވެ. އޭނާގެ އެއް އަތް ހިއްލާލިތަން މޫދަށް ފުންމާލި ކުއްޖާއަށް ފެނުނެވެ. ޒުވާނާ ޔާނާގެނެސް އޭނާގެ މޭގައި ލައްކޮއްލުމަށްފަހު އޮޅުލަމުން ކަހަލަ ގޮތަކަށް ސަލާމަތްކުރުމަށް މަސައްކަތްކުރިއެވެ. މިހާރު ޔާނާގެ ގައިގައި އެއްވެސް ކަމެއް ނެތެވެ. އޭނާގެ ބުރަމަސައްކަތުން ޔާނާ ނަގައި ރީތިކޮށް ބާއްވާލިއެވެ. ޔާނާ ނޭވާ ނުލާތީ ރެސްޕިރޭޝަން ދިނުމަށް އޭނާ އަވަސްވެގަތެވެ. ޖެހިލުންވެފައި ހުރިނަމަވެސް އޭނާ ޔާނާއަށް ރެސްޕިރޭޝަން ދިނެވެ. ފުރާނަ ސަލާމަތްކުރުމުގެ މާތް މަޤްސަދުގައެވެ. އެކަމުގެ ސަބަބުން ޔާނާ ނޭވާލެއްވުނެވެ. އޭނާގެ ދެއަތްދަނޑި މައްޗަށް ޔާނާ ލުމަށްފަހު ބާރަށް ހިނގަމުން ދުވަމުންދެއެވެ. މިގަޑީގައި ކާރެއްވެސް އަތުނުވާނެކަން އޭނާއަށް އެނގެއެވެ. ހިތްވަރާއި އެކު އޭނާ ވަރަށް ބާރަށް ދެއެވެ. އޭނާ އެދަނީ އެ އަންހެންކުއްޖާގެ ފުރާނަ ހުރިކަން ޔަޤީން ވުމުން އައި ޖީ އެމް އެޗްއަށް އަވަސް ފަރުވާދިނުމަށެވެ. ކިތަންމެ ދުރަށް ދާންޖެހުނު ކަމުގައިވިޔަސް ވަރުބަލިކަމެއްވެސް އިހުސާސް ނުވާފަދައެވެ. ވާނީވެސް އެހެންނެވެ. އަތްމަތީ އޮތީ ކޮންމެވެސް މީހެއްގެ އަތްބަކަށް ވެދާނެއެވެ. ނޫނީ މީހެއްގެ އަންހެން ދަރިއެކެވެ. ޅަދަރިއެއްގެ މަންމައެކެވެ. ކޮންމެވެސް މީހެއްގެ ދައްތައެކެވެ. ކިތައް މީހުންނާއި ގުޅުން އެބަހުރިހެއްޔެވެ؟ އިންސާނިއްޔަތަށް ހުރި ކުލުނެއްގެ ބޮޑުކަމުން އޭނާކުރި ހިތްވަރުން އައި ޖީ އެމް އެޗަށް ފޯރައިފިއެވެ. އަވަސްފަރުވާދޭ ބަޔަށް ޔާނާ ވެއްދުމަށްފަހު ޒުވާނާ ބޭރުގައި މަޑުކޮއްލިއެވެ.
ކަރުގައި އޮތް ޓައި ނެގުމަށްފަހު އަތަށް އޮޅާލިއެވެ. އަދި ކޮންމެވެސް ވަރަކަށް ނެއްޓިފައިވާ ބެގީވެސް އެއްކޮށް ދޫކޮއްލިއެވެ. ތެމިފޯވެފައި ހުރުމުން އޭނާ ހީކަރުވަމުންދެއެވެ.ދިގުވަގުތު ތަކެއް އެތަނުގައި ހޭދަކުރަމުން ދަނިކޮށް ނަރސް ބޭރަށް ނުކުމެ މެމޯ ހެއްދުމަށް އެދުނެވެ.
” އަޅުގަނޑު އޭނާ މޫދުން ނަގައިގެން މިގެނައީ.. އެކުއްޖާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ނޭނގެ! “
ނަރސް އޯކޭ އޭ ބުނެ އެތެރެއަށް ވަނެވެ. ގޮތްނޭނގޭ އެ އަންހެންކުއްޖާ އެކަނި ދޫކޮއްލާފައި ދާކަށްވެސް އޭނާގެ ހިތެއް ހަމައެއް ނުޖެހުނެވެ. ފަތިސް ވެސް ވެއްޖެއެވެ. ކަމެއް މަތިން ހަނދާންވާފަދަ ގޮތަކަށް އޭނާ ޖީބަށް އަތްކޮއްޕާލިއެވެ. ފޯން މިވަނީ ނިވިފައެވެ. މޫދަށް ފުންމާލި އިރު ފޯން ނެގުމަށްވެސް ހަނދާން ނެތުނީއެވެ. އޭނާ ގޮނޑިއެއްގައި އިށީނެވެ. އަނެއްކާވެސް ނަރސް ނުކުމެ ބުނެލިއެވެ.
” ޕޭޝަންޓް ހޭއަރައިފި! ” އެޖުމުލަ އާއި އެކު އޭނާ ތެދުވެ ނަރސް އާއި އެކު އެތެރެއަށް ވަނެވެ.
” އަހަރެން މިތާ؟؟ ” ރޮވިފައި ޔާނާ އެހިއެވެ.
ގަދަ އަލިން ޔާނާގެ މޫނު ރީތިކޮށް އޭނާއަށް ފެނުނެވެ. ރީތި ކުއްޖެކެވެ. ނަމަވެސް އެކުއްޖާގެ މޫނުމަތިން ވަރަށް ހިތްދަތިކަން ފާޅުވެއެވެ.
” ޕޭޝަންޓްގެ މަޢުލޫމާތު ލިބިގެން މެމޯ ހެއްދޭނީ… ” ނަރސް ޔާނާ ގާތު އެހިއެވެ. އޭރު ޔާނާގެ ފުރާނަ ސަލާމަތްކޮއްދިން ޒުވާނާ އެނދުކައިރީގައި ހުއްޓެވެ.
ކަރުނަ ފޮހެލަމުން ޔާނާގެ މަޢުލޫމާތު ޔާނާ ނަރސްއަށް ދިނެވެ. ނަރސް ފައިލް ހިފައިގެން ދިޔައީ ގެއަށް ފޮނުވާލެވޭނީ ކޮއްލެވޭނީ ކުޑައިރުކޮޅަކުން ކަމުގައިބުނެފައެވެ.
” ރަނގަޅުތަ މިހާރު؟ ” ޒުވާން ފިރެހެންވަންތަ އަޑެއް އިވުމުން ޔާނާގެ ލޯ އަމާޒުވީ އެ ޒުވާނާއާއި ދިމާއަށެވެ.
ކަޅުގަމީހަކާއި ކަޅު ފަޓްލޫނެއްގައި އޭނާ ހުރި އިރު ފަން އިސްތަށިތައްވީ އެގޮތްމިގޮތަށް ހޭވިފައެވެ. ގަމީހުގެ ގޮއްތަށް ވަކިވަރަކަށް ނެއްޓިފައިވެއެވެ.އެހާ ދޮން ނޫނަސް އަންހެން ކުދިން ހިތްކިޔާކަހަލަ ދިގުކަމެއް ލިބިފައިވާ ޒުވާނާ ޔާނާއާއި ދިމާއަށް ކުޑަކޮށް ގުދުވެލިއެވެ.
” ރަނގަޅުތަ؟ ” ޔާނާ ޖަވާބެއް ނުދީ އޮތެވެ. އެއީ ކާކުކަމެއް ނޭނގިފައެވެ.
” ކާކު ކަމެއް ނޭނގުނުދޯ! ތިކުއްޖާ މޫދަށް ވެއްޓުނީމަ އަހަރެން ސަލާމަތްކޮއްދިނީ….. ” ލަދުގަނެފައިވާ ފަދަ ގޮތަކަށް އޭނާ ބުނެލިއެވެ.
” ކީއްކުރަން ސަލާމަތް ކޮއްދިނީ؟ އަހަރެން މި ދުނިޔޭގައި އުޅޭތީ ދުނިޔެވެސް ވަނީ ނުރުހުންވެފައި! ” ޔާނާގެ ޖުމުލައިން މިއީ ވަރަށް ބޮޑު ހިތާމައެއް ލިބިފައިވާ އަންހެން ކުއްޖެއް ކަމުގައި އޭނާއަށް ހީވިއެވެ.
” ގޭ މީހުންނަށް ގުޅަންވީނު…. ” އޭނާ ބުނެލިއެވެ.
” އަހަރެންނަށް އަޅާލާނެ އެކަކުވެސް ނެތް! އާއިލާއެއް ވަންނާނެ ގެދޮރެއް ނެތް.. އަހަރެން މިތަނުން ދޫކޮއްލިޔަސް ދާނެ ތަނެއް ނެތް… ކީއްކުރަން އަހަރެން ސަލާމަތްކުރީ… އެހެން ނޫނަސް އެއިން ތިބާއަށް ލިބެދެނީ ކޮން އުފަލެއް! ” ދެލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެމުން ޔާނާ ބުންޏެވެ. އޭރު އޭނާ ހުރީ ސީދާ ޔާނާގެ މޫނަށް ބަލާށެވެ.
” މީހެއްގެ ފުރާނަ ސަލާމަތްކުރުމުން ލިބޭނެ އުފާ މިރޭ ލިބިއްޖެ! ތިކުއްޖާ ކީއްކުރަން އަމިއްލައަށް މަރުވާންދިޔައީ؟ ” ކުޑަކުއްޖަކާއި ސުވާލުކުރާ ފަދައިން އޭނާ ސުވާލުކުރިއެވެ. ޔާނާ އެއްޗެއް ނުބުނެ އުޅެނިކޮށް ނަރސް އަތުވެއްޖެއެވެ.
” ކޮން ނަމެއް ކިޔަނީ؟ މި ފޯރމްގައި ސޮއިކޮއްލައްވާ! “
” ސައިމަން! ” ޔާނާ އާއި ދިމާއަށް ބަލާލަމުން އޭނާ ބުންޏެވެ. އަދި ނަރސް ދެއްވި ފޯރމްގައި ސޮއި ކޮއްލުމަށްފަހު އަނެއްކާވެސް ޔާނާއަށް ބަލާލިއެވެ.
” ދެން ރިސެޕްޝަނަށް ދުރުވެ ޕޭމަންޓްކަންތައް ހަމަޖައްސާލުމަށްފަހު އެންމެ ރަނގަޅު ދުރުވިޔަސް….. ” ހިނިތުން ވުމާއި އެކު ނަރސް ވާހަކަދެއްކުމަށްފަހު ދިޔައެވެ.
” ކިހިނެތް ޕޭމަންޓް ކަންތައް ހަމަޖައްސާނީ….؟ ” ޔާނާއަށް އަމިއްލައަށް ބުނެލެވުނެވެ.އޭރުވެސް ހަށަންބަނދެލައިގެން ސައިމަން ހުއްޓެވެ. އެނދާއި ދާދި ގާތުގައެވެ.
” އަހަރެން ތިކުއްޖާއަށް އެހީވެދޭނަން… މުދަށް ފުންމާލިތަނުން ފޯނުވެސް ހަލާކުވެއްޖެ! ރައްޓެއްސަކަށް ގުޅާލަން ރިސެޕްޝަނަށް މިދަނީ އިނގޭ،… އެބަ އަންނަން! ” ސައިމަން ހިނގައިގަތެވެ. އަދި ފަސް އެނބުރި ޔާނާއަށް ބަލާލުމުން ޔާނާ ނުދަންނަފަދަ ގޮތެއް ދައްކާލިއެވެ. ސައިމަން އެއްމިޔަކަނުން ލޯބިގޮތަކަށް ހީލިއެވެ.
ޔާނާ ވިސްނިއެވެ. އެއް އަތުން ބޮލުގައި ހިފަހައްޓާލައިގެން އޭނާ އޮތެވެ.
” އަހަރެންގެ ދިރިއުޅުމަށް ކިހިނެތްތަ މިވަނީ؟ އަހަންނަށް އުފަލެއް ނެތީތަ؟ އެކި މީހުންނާ ބައްދަލުވެއްޖެ! އެކި އެކި ތަޖުރިބާ ކުރެވިއްޖެ! ދެން އަހަރެންގެ ޙަޔާތުގައި ލިޔެވެމުން މިދާ ސަފްޙާގައި ވަނީ ކޯއްޗެއްބާ؟ ” ޔާނާގެ ހިޔާލީ ވާފަށް ކަނޑާލީ ސައިމަންއެވެ.
” ހިނގާ ދާން! ” އޭރު ސައިމަންގެ ކައިރީގައި އެހެން ކުއްޖަކުވެސް ހުއްޓެވެ. އެއީ އަންހެންކުއްޖެކެވެ. ހީވާގޮތުން އޭނާގެ އަނބިމީހާއެވެ. ޔާނާ އޮތީއެވެ. އެމީހުންނަށް އިތުބާރުކޮއްފައި އެމީހުންނާއި އެކު ދާނީތޯ ހިތާއި ސުވާލުކުރަނީއެވެ. ނަމަވެސް ޔާނާއަކަށް އެކައްޗެއްވެސް ނުވިސްނުނެވެ.
އެ އަންހެންކުއްޖާ އައިސް ޔާނާގެ ގައިމަތީ އަޅާފައިވާ ފޮތިގަނޑު ނެގިއެވެ. އަދި ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
” އަހަރެމެންގެއަށް ހިނގާ… ” ޔާނާއަށް ތެދުވެވުނެވެ. ބީރައްޓެހި ގޮތަކަށް އެކުއްޖާގެ މޫނަށް ބަލަމުންނެވެ. އޭރު ސައިމަން ވޯރޑުން ނުކުންނަން ދާތަން ފެނުނެވެ.
” ކޮންނަމެއްތަ ކިޔަނީ؟ ” އޭނާ ސުވާލުކުރިއެވެ.
” ޔާނާ! ” ކުރުޖަވާބެއް ދިނުމަށްފަހު ޔާނާ މަޑުމަޑުން ހިނގައިގަތެވެ، އޭނާ ހުރީ ޔާނާގެ އަތުގައި ހިފައިގެންނެވެ.
” އަހަރެންމީ ލިއު… ސައިމަންގެ ކޮއްކޮ… ” ޔާނާއަށް ބޭއިހްތިޔާރުގައި ހުއްޓެވުނެވެ.
” ކިހިނެތްވީ؟ ” ލިއު ހީލަމުން އެއްސެވެ.
” ކަމެއް…. ނުވެ! ” ޔާނާގެ ހިތުގައި ނޭނގޭ އަސަރެއް އެކުލެވިގެންދިޔައެވެ.
ޔާނާއާއި ލިއުޝާ އަށް ބޭރަށް ނުކުމެވުނު އިރު ކާރެއް މަޑުކޮއްގެން ސައިމަން ހުއްޓެވެ.
ޖެހިލުންވެފައި ހުރެ ޔާނާ ކާރަށް އެރިއެވެ. ފަހަތުން ލިޔުޝާވެސް އެރިއެވެ.
” ދޮންބެ މިދަނީ ޓްރެކަށް ސައިކަލް ނަގަން… ޔާނާ ގޮވައިގެން ގެއަށްދޭ… ” ސައިމަން ލޯތްބާއި އެކު ލިޔުޝާގާތު ބުނެލިއެވެ. ލިޔުޝާ ބޯޖަހާލިއެވެ.
**********************
އެތައް ދުވަހަކަށްފަހު ، ފަހުދުގެ ލޯބި ޝާނާއަށް ލިބިއްޖެއެވެ. މީގެ އަހަރުތަކެއް ކުރިން މަޖަލަކަށް ޝާނާއާއި ރައްޓެހިވުމަށްފަހު ފަހުދު ރުޅިވުމުން ޝާނާގެ ހިތައް ކުރި އަސަރަށްވުރެން ބޮޑަށް ލޯބި ލިބިއްޖެއެވެ.
” ޝާނާ އަސްލުވެސް މިހާރު ވަރަށް ރީތި! ” ފަހުދު ޝާނާއަށް ބަލަން ހުރެ ބުނެލިއެވެ. އޭރު ޝާނާ އިނީ ޑްރެސިންގ ޓޭބަލް ކައިރީގައި މޭކަޕް ކުރާށެވެ. ފަހުދު ހުރީ ޝާނާގެ ފަހަތުގައެވެ.
” ހޫމް ދެން ލަދު ނުގަންނަވަބަލަ! ” ޝާނާ އެނބުރި ފަހުދުގެ މޭމަތީ އޮޅިގަތެވެ.
” ދެންބުނެބަލަ! އެއްމަސް ދުވަސް ވަންދެން މި ގެސްޓް ހައުސްގަ އަހަރެން ގެންގުޅޭނަންތަ؟ ” އެސުވާލުން ފަހުދަށް ލިބުނީ ޝޮކެކެވެ،
” އެއްމަހޭ؟ ” ފަހުދު ޝާނާ ދުރުކޮއްލިއެވެ.
” ހޫމް،، އެއްމަސް ކިހިނެތްވީ؟ ދުވާލަކަށް 800ރުފިޔާ ދިޔަޔަސް އަހަރެންގެ އުފަލަށް ވިސްނާލަން ޖެހޭނެއެއްނު.. ” ތުން ދަމާލަމުން ޝާނާ ފަހުދުގެ މޭމަތީގައި ބޯޖައްސާލިއެވެ.
” ޝާނާ! ވަރަށް ބޮޑަށް ސޮރީ… ” ފަހުދު ދެރަވެލާފައި ބުނެލިއެވެ.
” އެއީ… އެކީއްވެ؟ އަދިވެސް އެ ޔާނާމަތިން ހަނދާންކުރަނީތަ؟ އަނެއްކާވެސް އަހަރެން ދޫކޮއްލާފަ ދާނަންތަ؟ ” ޝާނާގެ ލޮލުން ކަރުނަ ފެނުމުން ފަހުދު ޝާނާގެ ދަތްދޮޅީގައި ހިފާލިއެވެ.
” ހަޤީޤަތަށް ކިޔައިދެންތަ؟ އަހަރެން ޔާނާދެކެ ވަރަށް ލޯބިވިން.. އަދިވެސް ހަނދާން ނުނެތޭ.. އެކަމަކު އޭނާ ބޭވަފާވީމަ އަހަރެން އޭނާމަތިން ފޫހިވީ…ބޭނުމެއް ނުވޭ ހަނދާންކުރާކަށް.. ޝާނާ މަސައްކަތް ކޮއްދީ އަހަރެންމީ ޝާނާގެ ހުރިހާވެސް މީހަކަށް ހެދުމަށް… ” ފަހުދުގެ އަޑުން ޝާނާ ފަހުދާއި ގާތްވެލިއެވެ.
” ލޯބި އަހަރެންގެ ހުރިހާވެސް މީހަކީ ތީ…. ފަހުދު ބުނިގޮތަކަށް ހެދިގެން އުޅޭނަން… ” ޝާނާގެ ޖުމުލަ އާއި އެކު ޝާނާ ގެނެސް އެނދުމަތީގައި ބެއިންދިއެވެ. އަދި ފަހުދު މުށިގަނޑުމަތީ އިނށީނުމަށްފަހު ޔާނާގެ އުނގުގައި ބޯ އަޅާލިއެވެ.
” ވަރަށް އުފާވެއްޖެ! އަހަރެން ބުނާ ކޮންމެ ކަމެއްވެސް ކުރާނަންތަ؟ ” ފަހުދުގެ ބޮލުގައި ފިރުމަން އިން ޝާނާއާއި ދިމާއަށް ފަހުދު ބުނެލިއެވެ.
” އާނ…. ކޮންމެ ކަމެއްވެސް……. ” ޔަޤީންކަމާއި އެކު ޝާނާ ޖަވާބުދިނެވެ.
” އަހަރެންގެ މަންމަ ބަލަން އަހަރެންގެ ރަށުގައި އުޅެން ދާންޖެހޭނެ! ” ފަހުދު ކުރަންވީ ކަންތައް ޝާނާގާތު ބުނެލިއެވެ.
” އޭނ… ރާއްޖެ ތެރޭގެ ރަށަކަށް؟ ” ޝާނާ ހިތްހަމަނުޖެހޭފަދަ ގޮތަކަށް ބުނެލިއެވެ.
” އާނ ކިހިނެތްވީ؟ ނުކޮއްދެވޭނެތަ؟ ” ފަހުދު ޝާނާ އާއި ދިމާއަށް މޫނު އަނބުރާލަމުން ބުނެލިއެވެ. އޭރު ޝާނާގެ މޫނުމަތީގެ ކުލަވަރު ވަނީ ފޫހިކަމަށް ބަދަލުވެފައެވެ.
” ކަ..ކަމެއް ނުވެ.. ފަހުދު ބުނެފިއްޔާ…. އަހަރެން ދާނަން… ” ޝާނާ އެއްބަސް ވުމުން ފަހުދު ހިނިތުންވެލިއެވެ. އަދި ތެދުވެ ޝާނާގެ އަތުގައި ހިފާލުމަށްފަހު ހިނގައިގަތެވެ.
***************************
ދެކޮޓަރީގެ އެޕާރޓްމަންޓެވެ. ސިޓިންގރޫމް ކުޑަ ނަމަވެސް ވަރަށް ހިތްހަމަޖެހެއެވެ. ބެލްކަނިން ފެންނަނީ ރީތި ގޮތްގޮތަށް ހަދާފައިވާ އުސް އިމާރާތްތަކެވެ. ޔާނާގެ އަތުގައި ހިފައިގެން ހުރި ލިޔުޝާ ޔާނާ ގޮވައިގެން ވަނީ ލިޔުޝާގެ ރޫމަށެވެ.
” މިކޮޓަރީގަ އުޅެނީ އަހަރެން އެކަނި. ދެން އެ ރޫމު އެއީ ދޮންބެ ރޫމް… ” ހިތްހެޔޮ ކަމާއި އެކު ލިޔުޝާ ދެއްކި ވާހަކައިން ޔާނާއަށް ސިފަވަނީ ސީމާދައްތަގެ ގެއަށް ދިޔައިރު ރޫމުތައް ސީމާދައްތަ ދެއްކި ގޮތެވެ. ޔާނާ ފިނިވާންފެށިއެވެ. އެފަދަ ގޮތެއް ހިނގާފާނެބާވައެވެ. މިގެއިން ޔާނާއަށް އަމާންކަން ލިބިދާނެބާވައެވެ. އެފަދަ ޚިޔާލުތަކެއްގައި ހުއްޓާ ލިޔުޝާގެ އަޑު އިވުނެވެ.
” މިގޭގަ އުޅޭނީ އަހަންނާ ދޮންބެ އެކަނި… އަހަރެން ޖޮބަކަށް ވަންނަން ވެގެން ރަށުން މާލެ އައީމަ ދޮންބެ ތަނެއް ކުއްޔަށް ހިފީ…. ކުރިން ދޮންބެ އުޅުނީ ވާރކް ކުރާ ތަނުގެ ކުދިންނާއި އެކު ތަނެއް ހިފައިން.. އެނގޭތަ އަހަރެން އުޅެނީ ވަރަށް ފަހުން ހުޅުވި އެއްނު ގަރލްސް އެންޑް ބިޔުޓީ ކިޔާ ސެލޫން އެއް.. އެތަނުގަ! އެކަމާ ބެހޭ ކޯހެއްވެސް ހެދިން… އެހުރީވެސް ހައްތަހާ އެކަމާ ބެހޭ ސާމާނު. ” ލިޔުޝާ އަލަމާރިން ކަބަޑެއް ހުސްކުރަން ހުރެ، ޑްރެސިންޓޭބަލް އާއި ދިމާއަށް އަތްދިއްކޮލަމުން ބުނެލިއެވެ. އޭރު ޔާނާ އިނީ ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. ލިޔުޝާގެ ހަރަކާތްތަކަށް ބަލާށެވެ.
” މަންމަމެން ކޮބާ؟ ” ޔާނާ ސުވާލުކުރިއެވެ.
” މަންމަ ވެސް ބައްޕަވެސް ވީ ރަށުގަ.. ފުވައްމުލަކުގަ.. ދެން އުޅޭނީ ދޮންތަ… ދޮންތަ ބަލާނީ މަންމަމެން… ” ލިޔުޝާ އެހެން ބުނުމުން ޔާނާ ހީލިއެވެ.
” ކޮން ގެއެއްގަ ކުރިން ހުރީ؟ ހިނގާ ދަބަސް ބަލާ ދާން! ” އާ ރައްޓެއްސެއް ލިބުމުން ލިޔުޝާ ހުރީ އުފަލުންގޮސް ކުރާނެ ނުކުރާނެކަމެއް ނޭނގިފައެވެ.
“ އަހަންނަކަށް ނޭނގެ އެތަނެއް…… ” މަޑުމަޑުން ޔާނާ ޖަވާބު ދިނެވެ. ލިޔުޝާގެ ޓޮޕަކާއި ޖިންސެއް ނެގުމަށްފަހު ޔާނާއަށް ދިއްކޮއްލަމުން ބުނެލިއެވެ.
” ފެންވަރާލައިގެން މީތި ލައި…. ދެން އަހަންނަށް ދެވޭނީ އަހަރެންގެ އެއްޗެއްސެއްނު… ” އެ އޯގާތެރިކަމުން ޔާނާ ހުރީ ހިތްހަމަޖެހިފައެވެ.
ލިޔުޝާ އަވަހަށް ކޮޓަރިން ނުކުތެވެ. ޔާނާ ރީތިވުމަށް ވަގުތު ދީފައި އޭނާ ދިޔައީ ސައިކައްކާށެވެ.
ރަތްކުލައިގެ ޓޮޕާއި ކަޅު ޖީންސްގައި ޔާނާ ހުންނައިރު ވަރަށް ރީއްޗެވެ. އެކަމަކު ޔާނާ ހުރީ ވަރަށް ލަދުންނެވެ. ދުވަހަކުވެސް އެފަދަ ކުރު އެއްޗެއް ނުލާތީ އޭނާ ހުރީ ބޭރަށް ނުކުންނަންވެސް ނުކެރިފައެވެ. ޑްރެސިންގ ޓޭބަލް ކައިރިއަށް ދިއުމަށްފަހު މޭކަޕް ކުރާ ސާމާނަށް ބަލާލިއެވެ. ދުވަހަކުވެސް މޭކަޕް ކޮއްފައި ނުވާތީ އެކަން ކުރާކަށްވެސް ނުކެރުނެވެ. އޭނާ ސިހުނީ ލިޔުޝާ ގޮވާލުމުންނެވެ. އަވަސް ހިނގުމެއްގައި ގޮސް ޔާނާ ދޮރު ހުޅުވިއެވެ.
” އޭ! އަދިވެސް ނުނިމޭ… ހިނގާ ކާން….” ލިޔު އެހެން ބުނެ ހިނގައި ގަތުމުން ޔާނާވެސް ލިޔުގެ ފަހަތުން ހިނގައިގަތެވެ. ކުއްލިއަކަށް ލިޔުޝާ ހުއްޓުނެވެ. އަދި ފަހަތް ބަލާލުމަށްފަހު ހީލަމުން ބުނެލިއެވެ.
” އާޗާ ވާސަރީ ވާ! މަ ތި ޓޮޕް ލީމަ ތިހާ ރިއްޗެއް ނޫން… އޭ… ހިނގާ މޭކަޕްވެސް ކޮއްލަން… ތިހާ ދޮންކުއްޖަކު ވަރަށް ލޯބިވާނެ މޭކަޕް ކޮއްލީމަ… ” ލިޔުޝާ އަވަސް އަވަހަށް ޔާނާގެ އަތުގައި ހިފާ ޑްރެސިންގްޓެބަލާއި ދިމާއަށް ހަލުވިކަމާއި އެކު ހިނގައިގަތެވެ. އަދި ޔާނާގެ ދެކޮނޑުގައި ހިފާ ގޮނޑިއެއްގައި ބޭންދުމަށްފަހު މޭކަޕް ކޮއްދޭންފެށިއެވެ. ޔާނާ ހުރީ ހައިރާންވެފައެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ލޯގަނޑުން ޔާނާގެ ސޫރަ ދައްކާލިއެވެ. ޔާނާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
” ކިހާ ދުވަހެއް ވެއްޖެ އަހަރެން މިކަން ކުރާތާ! އެކަމަކު ތިހާ ރީތި ކުއްޖެއްގެ މޭކަޕެއް އަދި ނުކުރެވޭ! މިހާރު އަދި ޔާނާގެ ރީތިކަން ފެންނަނީ…. ” މޭޒުމަތި ތަރުތީބުކޮއްލަމުން ލިޔުޝާ ބުނެލިއެވެ.
” ދެން އާގަމަ ވެފަ ނުހުރެ އަވަހަށް އާދޭ އިނގޭ! ” ލިޔުޝާ ހެމުން ހެމުން ނުކުތެވެ. ޔާނާ އަދިވެސް ހުރީ ލޯގަނޑުން ބަލާށެވެ. އެއީ ހަމަ ކުރީގެ ޔާނާ ހެއްޔެވެ. ޔާނާ ހަޤީޤަތުގައިވެސް ވަރަށް އުފާވެއްޖެއެވެ. އުފަލުން އޭނާއަށް ނުކުމެވުނީވެސް އެހާމެ ބާރަށެވެ. އެވަގުތު އެ ރޫމް ހުރަސްކުރި ސައިމަންގެ ގައިގައި ޖެހި ޔާނާ ވެއްޓުނީ ސައިމަންގެ އަތު ތެރެއަށެވެ. ސައިމަންގެ ލޮލާއި ޔާނާގެ ލޯ އަމާޒުވިއެވެ. ދެމީހުންގެ ތުންފަތަށްވެސް ހިނިތުންވުން ވެރިވެގަތެވެ. ސައިމަންގެ އަތު ތެރޭގައި އޮވެ ޔާނާ ލަދުން ރަތްވަމުންދެއެވެ. އަދި ލަދުރަކި ހިނިތުންވުމަކުން ސައިމަންގާތު ދޫކޮއްލާށޭ ބުނާފަދަ ގޮތަކަށް އިސްޖަހާލިއެވެ. ސައިމަންގެ ނަޒަރު ހުއްޓިފައިވަނީ ޔާނާގެ މޫނަށެވެ، ފުރަތަމަ ފެނިލުމުންވެސް ސައިމަންގެ ހިތް ޔާނާ ފަތަޙަ ކުރިފަދައެވެ.
ދީވާނާވޭ މޫސުން
ތިޔަހެން ބަލާލުމުން
ހިނިތުންވީމާ ވެސް މާފޮޅޭ
ނޭނގޭ ޖާދޫ އެކޭ
ހިތުގާ އުފަންވަނީ ބައްދަލް ކޮއްލީމާ ހިތްތެޅޭ…..
ވިސްނާލަން ނޭނގޭ ހިޔާލްތަކޭ
އަޖައިބެއްފަދަ އިޙްސާސެކޭ
މިވެވެނީ…………………………………………….
ޔާނާ މަޑުމަޑުން ސައިމަންގެ އަތްދަށުން ދެމިގަތެވެ. ދެމީހުން ދުރުވެފައިވެސް ތިބީ ބަލަހައްޓައިގެންނެވެ. ޔާނާ މަޑުމަޑުން ފަހަތަށް ޖެހެމުންދެއެވެ. ސައިމަން އެއް އަތުން އިސްތަށިގަނޑުހާކާލަމުން އޭނާގެ ކޮޓަރިއަށް ހިނގައިގަތެވެ. ޔާނާގެ ލަދުރަކި ހިނިތުންވުންފެނި ޑައިނިންގ ރޫމުގައި ހުރި ލިޔުޝާ ނުވިސްނޭ ފަދަ ގޮތަކަށް ބަލާލިއެވެ.
” ކިހިނެތްވެފައިތަ ތިހުރީ؟ ” ލިޔުޝާ ތައްޓަކަށް ފެން އަޅަމުން ބުނެލިއެވެ.
” އެއީ…. އެއީ…. ” ޔާނާ ހުރީ ބުނާނެ ގޮތެއް ނުވިސްނިފައެވެ.
” ހޫނ ދެން އަވަހަށް ކާންފަށާ! ދޮންބެ ގެއަށް ނާދެ އެއްނު އަދިވެސް… ” ލިޔުޝާ މޭޒުކައިރީގައި ހުރި ގޮނޑީގައި އިށީނަމުން ބުނެލިއެވެ.
” ނޫން އަތުވެއްޖެ! ” އަވަސް އަވަހަށް ޔާނާ ބުންޏެވެ. އެވަގުތު ލިޔުޝާ ގާތަށް ވަރަށް ހިނިއައެވެ.
” ހޫމް މިއީ ދޯ މި ވީގޮތަކީ… ދޮންބެ ފެނުނީމަ ލަދުގަތީތަ؟ ” ލިޔުޝާ ދިމާކޮއްލަމުން އެތަނުން ތެދުވެގެން ސައިމަންގެ ރޫމާއި ދިމާއަށް ހިނގައިގަތެވެ. އޭރު ޔާނާ އިނީ ލަދުން ބުނާނެ އެއްޗެއް ނޭނގިފައެވެ.
***********************
ބާރުދުވެލީގައި ދުއްވަމުން އައި ކާރު މަޑުކޮއްލީ ފުރުމަށް ތައްޔާރުވަމުންދާ ” މެޒަރިންބޯޓް” ކައިރިއަށެވެ. ކާރުން ފޭބުމަށްފަހު ޝާނާގެ ފޮށި ބޯޓަށް އެރުވިއެވެ. އޭރު ކޮނޑުގައި ދަބަހެއް އަޅުވާލައިގެން ޝާނާ ޖެޓީ މަތީ ހުއްޓެވެ.
“ ބޯޓުމަތީ އެކަންޏެއް ނުވާނެ އިނގޭ،،،، ރަށުމީހަކު ގާތު ބުނިން ބަލާލާށޭ…. އިނގެ އެއްނުދޯ އަހަންނަށް ނުދެވުނީ ކުއްލިއަކަށް އޮފީހަށް ނުކުންނަން ޖެހުމުންކަން. އެހެންވެ ދެން އެކަމާ ނުވިސްނާތި.. ޗުއްޓީއެއް ލިބުނީމަ ދާނަން.. ”
ފަހުދު ޝާނާގެ އަތުގައި ހިފާލިއެވެ. ޝާނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ވާނީވެސް އެހެންނެވެ. ކައިވެނި ކުރުމަށްފަހު ހަފްތާއެއްގެ ތެރޭގައި ދުރުވާންޖެހުމުން ކޮންމެ މީހަކު ނަމަވެސް ދެރަވާނެއެވެ. ޝާނާ އާއި އެކު ފަހުދުވެސް ބޯޓަށް އެރިއެވެ. އަދި ޝާނާ ކައިރީ އިނދެލުމަށްފަހު ބޯޓު ސްޓާރޓް ކުރުމުން ޝާނާގެ ބޮލުގައި ފިރުމާލުމަށްފަހު ބޯޓުން ފޭބިއެވެ. އޭރު އެތަނަށް އާމިރު އައިސް ހުއްޓެވެ.
” ކަލޭ ރަނގަޅު… އެކުއްޖާ ހަމަ ފޮނުވާލީދޯ… ” އާމިރުގެ ސައިކަލް ފަހަތަށް އަރާ ހަމަޖެހިލަމުން ފަހުދު ބުނެލިއެވެ.
” މަންމައަށް އަޅާލަންވެގެން ނެއްނު އަހަރެން ޝާނާ އާއި މެރީ ކުރީ…… ދެން ކީއްކުރަން ލަސްކުރަންވީ…. ” ބޯޓު ޖެޓީއިން ދުރުކުރުމުން އާމިރުވެސް ސައިކަލް ސްޓާޓްކޮއްލިއެވެ.
*******************************
ދުވަސްތައް ފާއިތުވަމުންދެއެވެ. އަސްލަމް ހުރީ ރަނގަޅު ވަގުތަކަށް ބަލަބަލައެވެ. ނޫރީން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތް ކުދިކުދި ވެއެވެ. ބޭނުންވަނީ ގާތްވެލާށެވެ. ފިރުމާލާށެވެ. ނަމަވެސް ނޫރީން ހީވަނީ އޭނާއަށް އެވަގުތު ގަސްދުގައި ނުދޭން އުޅޭހެންނެވެ. އެކަމަކު އަސްލަމް ދައްކާ ހުރިހާ ވާހަކައެއްގައިވެސް ނޫރީން ބައިވެރިވަނީ ވަރަށް އުފަލުން ހުރެއެވެ.
ދުވަހަކީ އޮފީހުގެ އަހަރީ ދުވަސްކަމުން އެންމެންވެސް އައިސްތިބީ އެމީހަކަށް ވެވުނު ރީއްޗެއް ވެގެންނެވެ. އިއްތިފާޤުން ޝާހު އަށާއި ނޫރީން އަށް ލެވިފައިވަނީ އެއްކުލައެކެވެ. ފެހިކުލައިގެ ގަމީހެއްގައި ކަޅު ޓައި އެއް އަޅައިގެން ޝާހު ހުރިއިރު ފެހިކުލައިގެ ނޫރީން ހުރީ ފެހުކުލައިގެ ޓޮޕެއްލައިގެންނެވެ. އޮފީސްކުދިން އެކަމާ ދިމާކުރުމުން އެދެމީހުން އެއްވެސް ރައްދެއް ނުދެއެވެ.
” ޔަޤީން ޝާހު އާއި ނޫރީން އެއްބަސް ކިޔައިގެން ދޯ އެއްކުލައިން ހެދުން އެޅީ.. ” ނިއުޝާދުގެ އަޑު އިވުނީ އެހިސާބަށް އެރި އަސްލަމަށެވެ. އޭނާ ރުޅިވެރިގޮތަކަށް ނިއުޝާދަށް ބަލާލުމަށްފަހު ބުނެލިއެވެ.
” ބަލަ އަހަރެންވެސް މިހުރީ ފެހިކުލައިގެ ގަމީހެއްގައޭ! މަށާ ނޫރީން އާއި ވެސް އަޅުވާ ކިޔާބަލަ!… މި އޮފީސްތެރޭގަ ތިހާ ދަށުދަރަޖައިން ވާހަކައެއް ނުދެއްކޭނެ.” އަސްލަމް ނިއުޝާދުއަށް ރުޅިވެރި ނަޒަރަކުން ބަލާލުމަށްފަހު އޭނާގެ ކެބިންއަށް ވަނެވެ. އޭރު ނިއުޝާދުއިނީ އިސްޖަހާލައިގެންނެވެ.
” އަޅާނުލާ! އެއީ ބޮސްގެ ވައްތަރު… ” ޝާހު ނިއުޝާދުގެ ކޮނޑުގައި ޖަހާލުމުން ނިއުޝާދު ކޮނޑު އަރުވާލުމަށްފަހު ހީލިއެވެ. ނޫރީންވެސް އެމީހުންގެ ކައިރީގައި ހުރުމަށްފަހު އަސްލަމްގެ ކެބިންއަށް ވަނެވެ. އޭރު އަސްލަމް އިނީ ނޫރީން ނުފެނިގެން ކެތްމަދުވެފައެވެ.
” ހާދަ ރީއްޗޭ މިޔަދު.! ” ބޮސް އެހެން ބުނުމުން އާދައިގެ މަތިން ނޫރީން ހިނިތުންވިއެވެ. އަސްލަމްއަކަށް މަޑަކުން ނީނދެވުނެވެ. މޭޒުމަތީ ބާއްވާފައިވާ ނޫރީންގެ އަތުގެ އިނގިލިތަކުގައި އަތްޖައްސާލުމުން ނޫރީން މަޑުމަޑުން އަތްދަމައިގަތެވެ. އަސްލަމްގެ ޢަމަލުތައް އޭނާ ރަނގަޅަށްވެސް ދެނެގަނެފިއެވެ. އެހެންކަމުން އޭނާ އުޅެނީ ކޮންމެވެސް ވަރަކަށް އެކަމަށް ބަލައިގެންނެވެ. އަސްލަމުގެ ޖާދުވީ ނަޒަރުގައި ނޫރީން ރަނގަޅަށްވެސް ޖެހުނުކަމުގައި އަސްލަމްއަށް ހީކުރެވުނެވެ. އަސްލަމް ތެދުގެން ގޮސް ނޫރީންގެ ގޮނޑިކައިރީ ހުއްޓުމަށްފަހު ބުނެލިއެވެ.
” މިޔަދުއަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ދައްކާލަން! ” ނޫރީން އިނީ އިސްޖަހައިގެންނެވެ. ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ. މިހާރަކަށް އައިސް މާގިނައިން އަސްލަމްގެ އަނބިމީހާގެ ނެތިނުބައި ވާހަކަ ދައްކާތީ އަސްލަމްދެކެ ނޫރީން ފޫހިވާންފަށައިފިއެވެ. އަދި ބައެއްފަހަރު އޭނާގެ ގައިގައި އަތްލުންވެސް ނޫރީންއަށް ބޮޑުކަމަކަށްވެއްޖެއެވެ. މިޔަދުވެސް އެ އުޅެނީ އެފަދަ ވާހަކައެއް ދައްކަން ކަމަށް ހީކޮށް ނޫރީން ގޮނޑިން ތެދުވުމަށްފަހު ބުނެލިއެވެ.
” ބޮސް………… އަޅުގަނޑު ވަރަށް މުހިއްމު މަސައްކަތްތަކެއް ނުނިމިވެސް އެބަހުރި….. ” ނޫރީންގެ ޖުމުލައިން އަސްލަމް ބަލާލިއެވެ. އަދި ބުނެލިއެވެ.
” އަހަރެން ވާޙަކައެއް ދައްކަން އުޅެނިކޮށް………… ” ކުއްލިއަކަށް ކެބިންއަށް ވަނީ ޝާހުއެވެ.
” ނޫރީން! ސަޔަށްދާން ހިނގާ! އެންމެން ތިބެ ތިބެ ލަސްވެގެން ނައީމަ މިއައީ… ” ޝާހު އެހެން ބުނުމާއި އެކު އާދެހުގެ ނަޒަރަކުން އަސްލަމްގެ މޫނަށް ނޫރީން ބަލާލިއެވެ. މިދަނޑިވަޅަކީ ވަރަށް އަގުބޮޑު ވަގުތުކޮޅެއްގެ ގޮތުގައި ދެކި އަސްލަމް ހަރުއަޑުން ބުނެލިއެވެ.
” އަހަރެން ވަރަށް ބޮޑު މަސައްކަތެއް ނޫރީންއާއި ޙަވާލުކުރަން މިއުޅެނީ.. އޭނާއަށް ދެވޭނީ އެކަން ނިންމާފަ!.. ޝާހުމެން ދޭ.. “
ނޫރީން އިސްޖަހާލުމަށްފަހު ގޮނދީގައި މަޑުމަޑުން އިށީނެވެ. ޝާހުވެސް ބުމައަރުވާލުމަށްފަހު ނުކުތެވެ. އޭރުވެސް އަސްލަމް ހުރީ ދެޖީބަށް އަތްޖަހައިގެން ކޮޅަށެވެ. ނޫރީން ފައިލެއް ހުޅުވާލުމަށްފަހު ޑޮކިޔުމެންޓެއް ޗެކް ކުރަން ފެށިއެވެ. އަސްލަމް މަޑުމަޑުން ބޭރަށް ނުކުތް އިރު ހުރިހާ މުވައްޒަފުންވީ ސަޔަށް ގޮހެވެ. ނަމަވެސް ރިސެޕްޝަނުގައި އިން އަމްޖަދު ފެނުމުން އޭނާގެ މޫޑު އޮފްވިއެވެ. އެހެނަސް ރިސެޕްޝަން ހުސްކޮށެއްވެސް ނުލެވޭނެއެވެ. އަވަސްއަވަހަށް ކެބިންއަށް ވަދެ ބުނެލިއެވެ.
” ދޭ ސަޔަށް! ” ނޫރީން އާއި ދިމާއަށް އެހެން ބުނުމަސްފަހު މަޑުކުރުމެއްނެތި މޭޒުމަތީގައި އޮތް އަވިއައިނު ނެގުމަށްފަހު އަސްލަމް ހިނގައިގަތެވެ. އޭރު ނޫރީން ވައްކަޅިން އަސްލަމްއާއި ދިމާއަށްބަލާލުމަށްފަހު މަޖާގޮތަކަށް ހީލިއެވެ.
************************
ޝާނާ ހއ ކެލާގެ ޖެޓީއަށް ފޭބިއިރު އިސްތިޤްބާލުގައި ހުރީ ފަހުދުގެ މަންމައެވެ. ޝާނާ ފެނުމާއި އެކު ޖަމީލާ ހިނިތުންވަމުން ބުނެލިއެވެ.
” އަވަހަށް ހިނގާ ގެއަށް! މަންމަ ވަރަށް ބަލިވެ އުޅެފަ މިއައީވެސް…….. ” ޖަމީލާ ޝާނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ލުއި ހިނިތުންވުމެއް ރައްދުކުރަމުން ޝާނާވެސް ހިނގައިގަތެވެ. އޭރު ކޮންމެވެސް މީހަކު ޖަމީލާގެ އެދުމަށް ޝާނާގެ ފޮށި ހިފައިގެން ސައިކަލްގައި ދެއެވެ.
ގެއަށްވަނުމާއި އެކު ޝާނާ އެގެއަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ. އާދައިގެ ގެއެކެވެ. ސިޓިންގ ރޫމުގައި މާ ގިނަ އެއްޗެއްވެސް ނެތެވެ. އެއްކަމެއްގައި ހުރި ކުޑަ މޭޒެއްގައި ޓީވީ އެއް ހުއްޓެވެ. އެކަމަކު ފަންކާގަނޑެއްހާ ހިސާބުވެސް ނެތެވެ.އެންމެ ކުޑަމިނުން މުށިޖަހާފައި ނެތުމުންވެސް ޝާނާގެ ހިތައް ފޫހިކަން ވެރިވިއެވެ. ޝާނާ އެކި ދިމަދިމާއަށް ބަލާތީ ޖަމީލާ ބުނެލިއެވެ.
” ކިހިނެތްވީ؟ ” އެއަޑަށް ޝާނާ ސިހުނެވެ.
” އެނ… ކަ… ކަމެއްނުވެ… ” ޝާނާ ކޮނޑުގައި އަޅުވާފައިވާ ހޭންޑްބޭގް އަނެއް ކޮނޑަށް ބަދަލުކޮއްލަމުން ބުނެލިއެވެ.
” ކޮބާ ކޮޓަރި…. ؟” ޖަމީލާ ހިތްހެޔޮކަމާއި އެކު ކޮޓަރިއާއި ދިމާއަށް އަތްދިއްކޮއްލިއެވެ. އަދި ފެންވަރާލައިން ސައިބޯން އައުމަށް އެދުނެވެ.ޝާނާ ބޯޖަހާލަމުން ކޮޓަރިއަށްވަނެވެ.
ވަރަށް ފުރިހަމައަށް ހަދާފައިވާ ކޮޓަރިއެކެވެ. ސީލިންގ ކޮށް މުށިޖަހާ ރީތި ބެޑްރޫމް ސެޓެއް ހުއްޓެއްކަމަކު ޓީވީ އާއި އޭސީ އެއް ނެތުމުން ޝާނާ މުޅިން ފޫހިކޮއްލިއެވެ.
” އޯހ… އަހަރެން ކިހިނެތް މިހެން އުޅޭނީ…. ” ޝާނާ އެނދުގައި ޖައްސާލިއެވެ. މައިދައިތަ ސައިބޯން އަންނާށޭ ބުނެފައި އޮތް ހަނދާންވެގެން ޝާނާ އަވަސް އަވަހަށް ތެދުވެ ފާހާނާއަށް ވަނެވެ.
******************
ގަޑި ހިނގާލެއް އަވަސްކަމާއި އެކު ޔާނާގެ ހިތުގެ ތެޅުންވެސް އަވަސްވަމުންދެއެވެ. ސިޓިންގ ރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަހުއްޓެވެ. ކޮންމެ ގޮތެއްވިޔަސް މިރޭ ސައިމަން އާއި ކުރިމަތިލާން ޖެހޭނެއެވެ. އޭނާ އަނެއްކާވެސް ދާހިއްލަން ދެށިއެވެ. ކޮޓަރިއަށްވަދެ ލޯގަނޑުން މޫނު ބަލާލުމަށްފަހު އަވަސްއަވަހަށް ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން އައިސް ރީތިވެލިއެވެ. އަދި އޭނާ ލައިފައިވާ ފިޔާތޮށި ކުލައިގެ ޓޮޕް ފަރާތްފަރާތުން ހެޔޮވަރު ކޮއްލިއެވެ. ސެންޓް ޖަހާލުމަށްފަހު ދުވަމުން ކަހަލަގޮތަކަށް ނުކުމެ ސޯފާގައި އިށީނެވެ.
ލިޔުޝާ ޑިއުޓީގައި ވުމުން ސައިމަން އައުމުން ކާންހެދުމަށް ލިޔު ދިޔައީ ބުނެފައެވެ. ސައިމަން އަންނަ ގަޑިގާތްވަމުން ދާވަރަކަށް ޔާނާ ފިނިވަމުންދެއެވެ.އެއީ ކީއްވެ ވާގޮތެއްކަމެއް ޔާނާއަކަށް ނޭނގެއެވެ. ސައިމަންގެ އަތުތެރެއަށް ވެއްޓުން ވަގުތު ސީދާވި ނަޒަރުގެ ސަބަބުން ވާ ގޮތެއް ބާވައެވެ.
” ކޮއްކޯ! ” ގެއަށްވަދެ ދޮރުޖަހަމުން ސައިމަން ގޮވާލިއެވެ.
ޔާނާއަށް އަވަސް އަވަހަށް ބަލާލެވުނެވެ. ސައިމަންއަށް ހުއްޓެވުނެވެ.
” ޔާ…ނާ! ލަސްލަހުން ސައިމަންގެ ތުންފަތް ހަރަކާތްކޮއްލެވުނެވެ. އަދިވެސް ޔާނާ ލަނީ ލިޔުޝާގެ ހެދުމެވެ. ޔާނާއަށް ސޯފާއިން ތެދުވެވުނެވެ. އޭނާގެ ފައިންފެށިގެން ބޮލަށް ސައިމަން ބަލާލިކަން އެނގުމުން ޔާނާ އިސްޖަހާލީ ލަދުންނެވެ. ފިޔާތޮށި ޓޮޕަކާއި ހުދު ޖިންސެއްގައި އޭނާ ހުންނައިރު ރީތިކަން ދެގުނައަށް އިތުރުވެގެންދާފަދައެވެ.
” ކާން……ހަދައިގެން މިއިނީ… ލިޔު ބުނެގެން…. ” ލަސްލަހުން ޔާނާ ބުނެލިއެވެ.
” ކީއްވެ؟ ” ޖުމުލަ އާއި ނުގުޅޭ ސުވާލެއް ސައިމަން ކުރުމުން ޔާނާ ލޯ ކުޑަކޮއްލަމުން ބަލާލިއެވެ. ސައިމަންއަށް ބުނެވުނު އެއްޗެއް އެނގުނީ ދެނެވެ.
” އޯހ ސޮރީ… ހިނގާ ދޯ! ” ސައިމަން ޑައިނިންގ ރޫމަށް ދިޔުމުން ފަހަތުން ޔާނާވެސް ދިޔައެވެ. އޭރުވެސް ދައްކާނީ ކޮންވާހަކައެއް ކަމެއް އެކަކަށްވެސް ނޭނގެއެވެ.
” ޔާނާ ވެސް ކާން ވީނު.” ތަށިތަކުގެ މަތިނަގަމުންދާ ޔާނާ އާއި ދިމާއަށް ސައިމަން ބަލާލަމުން ބުނެލިއެވެ. ޔާނާ ހިނިތުންވަމުން ލިޔު އައީމައޭ ބުނެލިއެވެ.
” ހޫނ… އަހަރެން ދެން އެކަނި ކާލާނަން….. ” ސައިމަން ހޭންފެށިއެވެ. ޔާނާވެސް މޭޒުކައިރީ ހުރި ގޮނޑީގައި އިށީނެވެ. ދެމީހުން މަދު މަދުން ވާހަކަ ދައްކަން ފެށިއެވެ.
” ކިރިޔާ ދޯ ޔާނާ އަތުވީ މަށަށް. ” މަޖަލަކަށް ހަދާފައި ނަމަވެސް ސައިމަން އެބުނި ޖުމުލައިން ޔާނާގެ ހިތައް އަސަރުކޮށް ދެލޮލުން ކަރުނަ އައުމުން ސައިމަން ދެރަވެއްޖެއެވެ.
ޔާނާ ބޭނުންވީ ސައިމަންއަށް ސިއްރުކުރުމަށްޓަކައި އެތަނުން ދިޔުމަށެވެ. ޔާނާ އަވަސް އަވަހަށް ތެދުވި ވަގުތު ޔާނާގެ އަތުގައި ސައިމަން ހިފިއެވެ. ޔާނާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. ސައިމަންގެ ނަޒަރު ސީދާ ހުރީ ޔާނާގެ ލޮލަށެވެ. ޔާނާގެ ކިބައިން ހުރިހާ ކަމެއް މިރޭ ސައިމަން ހޯދާނެއެވެ. ޔާނާވެސް ހުރީ ސައިމަންއަށްބަލާށެވެ.
ޔާނާގެ މޫނުމަތިން ފެންނަމުންދާ ކުލަވަރު ސައިމަން ދެނެގަތެވެ. ޔާނާ އަތް ފޮޅުވާލުމަށްފަހު ފުރަގަސްދިނެވެ. ސައިމަން ތެދުވެ ފެންތަށި ބޯލިއެވެ. އޭރު ތެޅެމުންދާ ހިތް ހިފަހައްޓައިގެން ޔާނާ ހުއްޓެވެ. ޔާނާގެ ފަހަތުގައި ސައިމަން ހުއްޓުނުކަން ޔާނާއަށް އެނގުނީ ލުއިލުއި ސެންޓެއްގެ ވަސް ނޭފަތުގައި ޖެހުމުންނެވެ. ސައިމަން ޖީބަށް އަތްޖަހާލިއެވެ. ޔާނާ އިސްޖަހައިގެން ހުރެ ސައިމަންއާއި ދިމާއަށް އެނބުރުނެވެ. މިޔަދު ޔާނާ އެވަނީ ސައިމަންގެ ހިޔާވަހިކަމުގައެވެ. ސައިމަން ދައްކާ ވާހަކަ އަޑުއެހުމަކީ ޔާނާ ދެކޭ ގޮތުގައި ޔާނާގެ ވާޖިބެކެވެ. ދެރަވެފައި ހުރި ނަމަވެސް ސައިމަންއާއި ޔާނާ ކުރިމަތި ލައިފިއެވެ.
” އަހަރެން އެހެން ބުނީމަ ދެރަވީދޯ! އަސްލު އަދިވެސް އަހަރެން ނާހަމެއްނު ޔާނާއަކީ ކާކުތޯވެސް….. ” ސައިމަން ހުރީ ޔާނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ޔާނާ އަދިވެސް ހުރީ އިސްޖަހައިގެންނެވެ. ޔާނާގެ ހަޤީޤަތް ސައިމަންއަށް ކިޔައިދިނުމަށް އޭނާ އެދޭނެކަން އެނގެއެވެ. އެރޭ އެގޮތަށް ކަންތައްކުރީ ކީއްވެތޯ އަހާނެކަންވެސް އެނގެއެވެ. ޔާނާ ފިނިވާންފެށިއެވެ. އަނެއްކާވެސް ޔާނާގެ ކަންފަތުގައި ޖެހުނީ ސައިމަންގެ އަޑެވެ.
” ހަޤީޤަތުގަ އަހަރެން މިގެއަކަށް ދުވަހަކުވެސް އަންހެން ކުއްޖަކު ނުގެންނަން..! އަހަރެންގެ ރައްޓެހި ފިރެހެން ކުދިންވެސް މިގެއަށް ބައެއް ދުވަސް ދުވަހު އައިސް އުޅޭނެ! އެމީހުންނަށް ޔާނާ ފެނުމުން އެމީހުން ކީކޭ ހިތައް އަރާނީ؟ އަހަރެން ދޭނީ ކޮންޖަވާބެއް؟ ” ސައިމަން ހުރީ ޔާނާއަށް ބަލަހައްޓައިގެންނެވެ. ވީ ދެރައިން ޔާނާ އަނެއްކާވެސް ސައިމަންއަށް ފުރަގަސްދިނުމަށްފަހު މަޑުމަޑުން ހިނގައިގަތެވެ. އަދި ބުނަމުންދިޔައެވެ.
” އަހަރެންގެ ސަބަބުން އުނދަގުލެއް ކުރެވިފައިވާނަމަ މަޢާފަށް އެދެން…. އަހަރެން މިގެއިން ނުކުމެގެން ދެން ވަންނާނެ ތަނެއްވެސް ނެތް! އެކަމަކު ތިޔަ ދެބެއިންނަށް އުނދަގޫކުރާކަށް އަހަރެން ބޭނުމެއް ނޫން… އަހަރެން މިޔަދު މިގެއިން ހިނގައިދާނަން! އަހަންނަށް ތިޔަ ދިން އެހީއަށްޓަކައި ޝުކުރު އަދާކުރާނެ ގޮތްވެސް ނޭނގެ! “
ޔާނާ ހުރީ މޭގައި އަތްޖައްސާލައިގެން ޑައިނިންރ ރޫމް ދޮރުގައި ލެނގިލައިގެންނެވެ. ސައިމަން ޔާނާ އާއި ދާދި ގާތުގައި ހުއްޓި ހުރެ ބުނެލިއެވެ،
” އަހަރެން މިބުނަނީ ޔާނާ މިގެއިން ދާށެކޭ ނޫން… ޔާނާ ބޭނުން ދުވަހަކު މިގޭގަ ހުރެވިދާނެ! އެކަމަކު ޔާނާ އަހަރެންގެ ގޭގައި ހުންނަންޏާ އަހަންނަށް ޔާނާގެ މަޢުލޫމާތު އެނގުން މުޙިއްމުވާނެކަމުގައި ދެކޭތީ މިހެން މިބުނީ.. އެއްގޮތަކަށްވެސް ޔާނާ ހިތުގައި ޖައްސާކަށްނޫން.. ޔާނާ މިގެއިން ގޮސްގެން ނުވާނެ! މީހަކަށް އެހީއެއް ވެގެން ދެރަގޮތެއް ނުވާނެ! “
ސައިމަން އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ. ޔާނާ ލޮލުން ކަރުނަ ފޮހެލަމުން ބުނެލިއެވެ.
” އަހަންނާއި މެދު ބުނާނީ ވެސް ކީކޭ؟ އަހަރެންގެ ހަޔާތަކީ ވަރަށް ބަނަ އަނދިރި ޙަޔާތެއް! އަހަރެންނަށް އެއްވެސް ގޮތަކުން އުފަލެއް ނުލިބުނު…. ” ޔާނާ ދެރަވެފައި ހުރިކަން އެނގުމުން ސައިމަންގެ ހިތައް އަސަރު ކުރިއެވެ.
” އާދޭ މިތާ އިށީންނަން…. ” ސިޓިންގ ރޫމްގައި ހުރި ސޯފާ ދައްކަމުން ސައިމަން އެހެން ބުނެލިއެވެ. ސައިމަންއާއި ދިމާލަށް ބަލާލުމަށްފަހު ޔާނާގޮސް އިށީނެވެ. ސައިމަން އިށީނީ ޔާނާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުގެ މަތީގައެވެ. އޭނާގެ ނަޒަރު ހުރީ ސީދާ ޔާނާގެ ލޮލަށެވެ. ޔާނާ ލަދުވެސް ގަތެވެ. އެހެނަސް ޔާނާ ބޭނުންވީ ސައިމަންއަށް އޭނާގެ ދިރިއުޅުން ކިޔައިދޭށެވެ. އެއްވެސް އިތުބާރެއް އޮވެގެންނެއް ނޫނެވެ. ހަމައެކަނި ސައިމަންގެ އެދުމަށްޓަކައެވެ.
” އަހަރެން ބޭނުމެއްނުވޭ ޔާނާ ރޮއްވާކަށް! އަހަންނަށް އެނގޭ ޔާނާ މިހާރުވެސް ތިއުޅެނީ ވަރަށް ހިތްދަތި ހާލެއްގައިކަން! އެކަމަކުވެސް……. އަހަރެން ބޭނުން ޔާނާއަށް ދިމާވެފައިވަނީ ކޮންކަމެއްތޯ ބަލަން!”
ސައިމަންގެ ވާހަކައިން ޔާނާއަށް ކުޑަ ހިތްވަރެއް ލިބުނެވެ.
” އަހަރެންގެ ފުރަތަމަ ކައިވެނި ރޫޅުނީ މައިދައިތަގެ ނުފޫޒުން… ” ޔާނާގެ ފުރަތަމަ ޖުމުލައިން ސައިމަންއަކަށް މަޑަކުން ނީނދެވުނެވެ.
” ކައިވެންޏޭ؟ ޔާނާ މެރީ ކުރިންތަ؟ ” ސައިމަންހުރީ ޤަބޫލުކުރަން ދަތިވެފައެވެ.
” އާނ… އެކައިވެނި ރޫޅުނު ފަހުން މިހާރު ހަތަރުމަހެއް ވަރު ވެއްޖެ! އެއީ އަހަރެންގެ ހިތުން ފޮހެލަން ދަތި ޙާދިސާއެއް… ”
ޔާނާ ފެންކަޅިވެހުރެ އެވާހަކަތައް ސައިމަންއަށް ކިޔައިދިނެވެ. ސައިމަންއަށްވެސް ހުރެވުނީ ބަސްހުއްޓިފައެވެ. ކުރިމަތީގައި މި އިން ގޮތްނޭނގޭ އަންހެންކުއްޖާއަކީ ހިތާމައިގެ ފަރުދާއެއްގެ ފަހަތުގައި ފޮރުވިފައިވާ ރީތި ފިނިފެންމަލެކެވެ. އެމާ މޯޅިވެ ދިޔުމުގެ ކުރިން ސައިމަން ބޭނުންވަނީ އެމާ އަލުން ތާޒާކުރާށެވެ. ފެންތައްޓަކަށް ލައިގެން ވިޔަސް ހެވެ. ސައިމަން އެމަލަށް ޝައުޤުވެރިވިއެވެ. ޔާނާގެ މޫނަށް ކަޅިޖަހާނުލާ ސައިމަން ބަލަހައްޓައިގެން އިންކަމެއް ޔާނާއަކަށް ފާހަގައެއް ނުކުރެވުނެވެ.
” އަހަރެން މާލެއައިސް ދިޔަ ގެއިންވެސް ދިމާވީ ވަރަށް ހިތްދަތި ކަންތައްތަކެއް! ދައްތަގެ ފިރިމީހާ ބޭނުންވީ އަހަރެންގެ އަބުރު ވެއްޔާ މޮޑެލަން…. އެކި ގޮތްގޮތުން އޭނާ އަހަންނަށް އުނދަގޫކުރި.. އެންމެ ފަހުން…… ” އެހިސާބަށް ބުނެ ޔާނާ ކޮޅަށް ތެދުވިއެވެ. ސައިމަން އަދިވެސް އިނީއެވެ. ޔާނާ މަޑުމަޑުން ހިނގަންފެށިއެވެ.
” އެންމެ ފަހުން އަހަރެން ނިދާފައި އޮއްވާ އޭނާ އަހަރެންނަށް އުނދަގޫ ކުރަން ކޮޓަރިއަށްވެސް ވަތް! އެކަމަކު އޭނާއަށް އެއްވެސް ކަމެއް ކުރެވޭގޮތެއް ނުވި..އަހަރެން އެރޭ ސަލާމަތްވި. އެހެނަސް އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަހަރެން ފިލައިގެން އެގެއިން ނުކުތީ! އަހަރެން ބޭނުންވީ މިދުނިޔެމަތިންވެސް ހަނދާން ނައްތާލަން! އެކަމަކު އެރޭވެސް އަހަރެން ބޭނުންވި ގޮތަކަށްނޫން ކަންތައްވީ… “
ޔާނާ ސައިމަންއާއި ދިމާއަށް އެނބުރު ވަގުތު ސައިމަންގެ ގައިގައި އޭނާ ލައިގަތެވެ. ހިތާމައިގެ ތެރެއަށް ގެއްލިފައި ހުރުމުން މިފަހަރު ސައިމަން އައިކަމެއް އޭނާއަކަށް ނޭނގުނެވެ.
” ފުދިއްޖެ! ދެން ހެޔޮ! “
ޔާނާ ދުރަށް ޖެހިލިއެވެ. ސައިމަން ދެރަވެފައިވާކަން ޔާނާ އަށް ފާހަގަ ކުރެވުނެވެ.
” ޔާނާ! ” ރޮވިފައިވާ އަޑަކުން ދޮރުމަތީގައި ހުރި ލިޔުޝާ ގޮވާލިއެވެ. ސައިމަންއަށާއި ޔާނާއަށް ބަލާލެވުނީ އެއްފަހަރާއެވެ. ލިޔުޝާ އައި ގޮތަށްއައިސް ކޮނޑުގައިވާ ދަބަސް ސޯފާއަށް އެއްލާލުމަށްފަހު ޔާނާގެ ގައިގައި އޮޅުލައިގަތެވެ.
” ދޮންބެ ބުނީ ހަމަ ރަނގަޅަށް! ކޮންމެވެސް ވަރެއްގެ ޒަހަމެއް ހިތަށް ލިބުމުން އެވަރުގެ ކަމެއް ކުރާނީ!…އެކަމަކު އަހަންނަށް އަދިވެސް އެއީ ކީއްވެތޯ އަހަން ނުކެރިފަ މިހުރީ… ” ލިޔުޝާ ވީދެރައިން އަނެއްކާވެސް ބައްދާލިއެވެ. ޔާނާއަށް ލިބުނީ އިތުރު ހިތްވަރެކެވެ. ޔާނާގެ ދެއަތުން ލިޔުޝާގެ ލޮލުން އައިސް ހުރި ކަރުންތައް ފޮހެލަދިނެވެ.
” އަހަރެންވެސް ތިހާވަރަކަށް ނުރޮމެއްނު! ލިޔުވެސް ދެން ނުރޮއިބަލަ! ” ޔާނާގެ ހަމަޖެހިފައިވާ އަޑު އިވުމުން ސައިމަންގެ ހިތައް ބުނެދޭންވެސް ނޭނގޭ ކަހަލަ ހަމަޖެހުމެއް ލިބުނެވެ. ސައިމަން ހިނިތުން ވެލަމުން ލިޔުޝާގެ ބޮލުގައި ފިރުމާލިއެވެ.
” ދެކުދިން ރަނގަޅަށް އުޅޭތި! އޭރުން ދޮންބެ އުފާވާނީ.. ދެން…. މިގޭގަ ޔާނާ ރޮއިފިއްޔާ އަހަރެން ވަރަށް ރުޅި އަންނާނެ އިނގޭ! ” ސައިމަންގެ ޖުމުލައިން ޔާނާ ވަރަށް އުފާވިއެވެ.
” ދެން ނުރޯނަން ދޮންބޭ! “ ޔާނާ ޅަ ވެލާފައި ބުނެލިއެވެ.
” އެއި! ޔާނާގެ ދޮންބެ އެއްނޫން އިނގޭ މީ…….. ” ސައިމަން ކޮޓަރިއާއި ދިމާއަށް ހިނގައިގަންނަމުން ފާޑަކަށް ބަލާލަމުން އެހެން ބުނެލިއެވެ. ޔާނާއަށް ހެވުނެވެ. ސައިމަން އެއްލޯ މަރާލިއެވެ.
” ހުނ ހުނ… ކޮންކަމެއް؟ ކޮންމެވެސް ގޯހެއް އެބަވޭ! ” ފޭޑްވެފައިވާ މޭކަޕްތައް މޫނުން ފޮހެމުން ލިޔުޝާ ބުނެލިއެވެ.
” ދެން… އެއްވެސް ކަމެއް ނެތޭ! ” ޔާނާ ލިޔުޝާގެ ދަބަސް ސޯފާއިން ނަގަމުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ލިޔުޝާވެސް ޔާނާގެ ފަހަތުން ހިނގައިގަތެވެ.
**************
ސައިކައްކައިގެން ޝާނާގެ އިންތިޒާރުގައި ޖަމީލާ އިންނަތާ މިހާރު ވަރަށް އިރުވެއްޖެއެވެ. ޝާނާއާއި އެކު ސައިބުޔުމަށް އޭނާ ބޭނުންވަނީ ޝާނާ އާއި ގުޅުން ބަދަހި ކުރުމަށެވެ. ވާހަކަ ދެއްކުމަށެވެ. ޝާނާ ވާހަކަ ނުދައްކާތީ އޭނާ ހީކުރަނީ ފުރަތަމަ ދުވަސްކޮޅުކަމުން ލަދުގަންނަނީ ކަމުގައެވެ. އެހެނަސް މިހާރު މަހެއްހާ ދުވަސް ވެއްޖެއެވެ. އަތުން މަސައްކަތެއް ނުކުރާތާ ވާހަކައެއްވެސް ނުދައްކައެވެ. އެކަމަކުވެސް ޖަމީލާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ފަހުދު ގުޅުމުންވެސް ޝާނާގެ ރަނގަޅުވާހަކަ ދައްކާ ހަދައެވެ.
ގަޑިން 10 ޖެހިފަހުން ޝާނާ ކޮޓަރިން ނުކުތެވެ. އިންތިޒާރުގައި ބޭރު ޖޯލީގައި އޮތް ޖަމީލާއަށް ޝާނާ ނުކުތްކަމެއް ނޭނގެއެވެ. ޝާނާ ކާގެއަށް ގޮސް ސައިބޮއިގެން ކޮޓަރިއަށް ވަންނަނިކޮށް ޖަމީލާއައިސް ގެއަށްވަނެވެ.
” ދަރިފުޅާ ހިނގާ ސައިބޯން! “
” މިއައީ ސައިބޮއިގެން! ” އިތުރު ޖަވާބެއް ނުދީ ޝާނާ ވަނެވެ. ޖަމީލާގެ ހިތައް ލޮޅުމެއް އެރިކަން ޖަމީލާއަށް އިހުސާސްވިއެވެ. ހިނގައި ނުގަނެވި އުޅެނިކޮށް ޝާނާ ކޮޓަރި ހުޅުވާލުމަށްފަހު ދާވަށިގަނޑު ކޮޓަރިން ބޭރުކޮއްލިއެވެ. އަދި ވަރަށް ބާރަށް ދޮރުޖެހިއެވެ. ޖަމީލާ އެއްޗެއް ނުބުނެ ވަށިގަނޑު ހިފައިގެން އެއްޗެހި ދޮންނަން ދިޔައެވެ. ބޯ ޖިންސްތަކުގައި ފެންލާ ދުވަހަކު ޖަމީލާގެ އަތުގައި ރިހެއެވެ. އުނގަނޑު ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ، މިހާރު ޖަމީލާއަށް ޝާނާއާޢި މެދު ފިކުރު ކުރަން ފެށިއްޖެއެވެ. ޝާނާ އެހާ އަރާމުގައި ގެންގުޅޭކަށް އޭނާ ބޭނުމެއްނުވިއެވެ. އެހެންކަމުން ކަމެއް ޖައްސާނަމޭ ހިތާ ޖަމީލާ އެ ކޮޓަރިއަށް ދިޔައެވެ،
” ދަރިފުޅާ ޝާނާ! ދޮރުހުޅުވާލަބަލަ! ” ޖަމީލާ އެތައްފަހަރަކު ގޮވުމުން ޝާނާ ދޮރު ހުޅުވިއެވެ.
” ކިހިނެތްވީތަ؟ ” ޝާނާ ވާހަކަ ދެއްކީ ފޫހިގޮތަކަށެވެ.
” މަންމަ އެއްޗެހި ދޮންނާނަން! ކައްކަން ދާންވީނު… “
” މަށަކަށް ނުވާނެ! މަންމައަށް ނުކެއްކެންޏާ ހޮޓަލުން އޯޑަރަށް ގެނެސްގެން އަހަރެން ކައިފާނަން! ” ޕަސްލާފައި ދޮރުލެއްޕުމުން ޖަމީލާ ކައިރިއަށް ވަރަށް ރުޅި އައެވެ. ވަގުތުން ފަހުދުއަށް ގުޅުމަށް ހިތައް އެރިއެވެ. އަވަސް އަވަހަށް އޭނާ ކޮޓަރިއަށް ވަނީ ފޯނު ހޯދުމަށެވެ. އެވަގުތު އެނދުގެ ތަންމަތި ނޭޅި އޮތުމުގެ ސަބަބުން އޭނާ ފުރަތަމަ އެކަން ކުރުމުގައި އުޅުނެވެ.
” ކަމެއްގެ ވާހަކަ އަދި މިބުނީ އަލަށް! ” ކުނޑި ކިޔަމުން ޖަމީލާ އަލަމާރި ހުޅުވާލިއިރު ފަހުދު ގުޅަނީއެވެ.
” މަންމަ ޝާނާއަށް ވާވަރަށް ނުކައްކަންޏާ އޭނަ ކާނީ ކިހިނެތްތަ؟ އެއީ ބީރައްޓެއްސެކޭ! މަންމަ މާ ބޮޑަށް ބަލިވާ ދުވަހެއްގަ ޝާނާ އަޅާލައެއްނު.. ކައްކާފަ ކާންދީ ހަދައެއްނު.. ދެން އޭނަ ބަލިވެ ނުތެދުވެވިފަ އޮތަސް މަންމަ ތި ބުނަނީ ކައްކަންދާށޭ.މަންމަ ކައްކާ ދުވަހަކު އޭނައަށް ވާވަރަކަށް ނޫން ކައްކަނީކީވެސް.. އަހަންނަށް ނޭނގޭތީއެއް ނޫނޭ އެއްޗެއް ނުބުނެ މި ހުންނަނީ…މަންމަ ދެކެ ރުޅިން ބުނާ އެއްޗެއްނޫން އިނގޭ މިއީ.. އެކަމަކު މަންމައަށް އެނގެއެއްނު އަހަރެން މި ކައިވެނި ދަމަހައްޓަން ބޭނުންވާ ވަރު… އަބަދު ކިހިނެތްތަ ކައިވެނި ރޫޅާލާނީ؟ ”
ފަހުދު ފޯނު ކަނޑާލުމުން ޝާނާ ކުޓުވީކަން ޖަމީލާއަށް އެނގުނެވެ. ޖަމީލާ ކަސްތޮޅުއެޅިއްޖެއެވެ. ޝާނާ އާއި މެދު ގޯސްކޮށް ހިތައިފިނަމަ ފަހުދުގެ ދިރިއުޅުން ދެވަނަ ފަހަރަށް ހަލާކުވެދާނެކަމުގައި ފަހުދު ޖަމީލާއަށް ވިސްނައިދިނީއެވެ. ޝާނާ ބޭނުންހާ ގޮތަކަށްހެދިގެން ޖަމީލާއަށް ހުރެވިދާނެބާވައެވެ؟
****************************
ރޭގަނޑުގެ ވަގުތެވެ. ނޫރީން އޮފީހަށް އައީ އޭނާގެ ބޮސް، އަސްލަމްގެ އެންގުމަކަށެވެ. މިރޭ މިއީ ނޫރީންގެ މުޅި ދިރިއުޅުން އަނދިރިކޮއްލާނެ ރެއެއް ކަމެއް ނޫރީންއަކަށް ނޭނގެއެވެ. ފަރި ހިނގުމެއްގައި ނޫރީން އައިސް އޮފީހަށް ވަނެވެ. އޮފީސް ހުޅުވާފައިހުރުމުން އަސްލަމް އައީކަން ނޫރީންއަށް އެނގުނެވެ. ކެބިންއަށް ވަތް އިރު އަސްލަމްއިނީ މޭޒުކައިރީ ނޫރީންގެ އިންތިޒާރުގައެވެ. ނޫރީން ފެނުމާއި އެކު އޭނާގެ މޫނުމަތި އުޖާލާވިއެވެ.
” މިޔަދު ހުރިހާ ކަމެއް ނިންމާފަ ދިޔައީ.. ” ނޫރީން މަޑުމަޑުން ބުނެލިއެވެ. ހަމައެވަގުތު ނޫރީންގެ ފޯން ރިންގްވިއެވެ.
” ސޮރީ ބޮސް.. ” ނޫރީން އެހެން ބުނެ ބޭގުން ފޯން ނަގާ ބިޒީ ކޮއްލިއެވެ. ގުޅަނީ ނޫރީންގެ ލޯބިވެރިޔާއެވެ.
” ސްޓޯރ ރޫމުގައު ހުރި 2012 ވަނަ އަހަރުގެ ފައިލްތައް ގެނެސްދީ… ” އަސްލަމުގެ ޖުމުލައިން ނޫރީން ހައިރާންވިއެވެ. އެއީ އެތައް ސާމާނެއް ހުންނާނެ ތަނެކެވެ. ނޫރީންއަށް އެކަނި އެކަން ނުވެސް ވާނެއެވެ.
” ބޮސް … އޮފީސް އެހެން ކުއްޖަކަށް ގުޅާލަންތޯމ އަޅުގަނޑަށް ހެލްޕްވާން… ” ނޫރީން ފޯން ނަގަމުން ބުނެލިއެވެ. އަސްލަމް ހާސްވިއެވެ. ފުރުސަތު ގެއްލިދާނެތީއެވެ.
” އުނހު… ނޫން… އޭރުން މާލަސްވާނެ! އަހަރެން މިހުރީނު… ” ނޫރީންގެ މޫނުގެ ކުލަވަރު ކުޑަކޮށް ބަދަލުވިއެވެ. ނަމަވެސް ހިނިތުންވެލަމުން އޭނާ ހިނގައިގަތީ ސްޓޯރާއި ދިމާއަށެވެ.
އަސްލަމު ހުއްޓުނީ ރޫމުގެ ދޮރުމަތީގައެވެ. ރެކްތައް ބަލާލަމުން 2012 ޖަހާފައިވާ ފައިލްތައް ހޯދަންފެށީ ނޫރީންއެވެ. އަސްލަމް ހުއްޓި ހުރީ ނޫރީންގެ ހަށިގަނޑަށް ބަލާށެވެ. ފޯނަށް މެސެޖެއް އައުމުން ނޫރީން ޖީބުން ފޯންނަގާ ބަލާލަމުން ހިނިތުންވެލިއެވެ.
( އަދިވެސް ނުނިމޭ! ތީނަގެ ޅިޔަނު އަހަންނަށް ޖައްސާ ހާލު މިހުރީ…ސްޓޯރޫމުގަ ތެޅެނީ.. ހެހެހެހ.. އާދެބަލަ މަށަށް ހެލްޕްވާން.. ތީނަ އަޔަސް ރުޅިއެއް ނާންނާނެއްނު! އެހެން މީހަކު ގެންނާކަށް އެއްބަހެއް ނުވި. ވަރަށް ބިޒީކޮށް މިއުޅެނީ. އަވަހަށް ނުނިމުނިއްޔާ ދުއްވާލާކަށްވެސް ނުދެވޭނެ އެއްނު! ޕްލީޒް ލޯބި! )
ނޫރީން މެސެޖް ފޮނުވީ ޝާހުއަށެވެ. ޝާހަކީ އެ އޮފީހަށް ވަނީއްސުރެން ނޫރީންގެ ސިއްރު ލޯބިވެރިޔާއެވެ. އޮފީހުގެ ހުރިހާ މުވައްޒަފުންނަށްވެސް އެކަން ސިއްރު ކޮއްގެން އެމީހުން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ،
ނޫރީން މެސެޖަށް ރިޕްލައި ދޭން ހުއްޓި ހުރިތަން ފެނި އަސްލަމް ބުނެލިއެވެ.
” ކޮބާ އަވަސްކުރޭ! “
އެއަޑަށް ސިހިފައި ނޫރީން ޖީބަށް ފޯނުކޮއްޕާލިއެވެ. އަދި ހިނިތުންވެލަމުން މަސައްކަތާއިގެން މަސްޣޫލްވިއެވެ. އޭނާ ލައިފައިވާ ނޫކުލައިގެ ޓޮޕްގެ ފަހަތުގައިވާ އައްސާލެވިފައިވާ ވާކޮޅު ފެނުމުން އަސްލަމްއަކަށް ދުރުގައި ބަލާކަށް ނުހުރެވުނެވެ. އޮފީސްގަޑީގައި ނޫރީން ލާ ހެދުންތަކަށް ވުރެ، މިރޭ ލައިފައިވާ ހެދުން ކުރުކަން އަސްލަމަށް ފާހަގަ ކުރެވުނެވެ. ވެދާނެއެވެ. ރަސްމީގަޑިއަށް ނުވީމައެވެ. އެހެންވިއްޔާ މިއީ އަސްލަމަށްވެސް ވަރަށް މުހިއްމު ވަގުތަކަށް ވާނެއެވެ.
އަސްލަމް މިރޭ ހުރީ ލަސްލަހުން ކުރިޔަށް ގެންދާ ޚިޔާލެއްގައެއް ނޫނެވެ. އަމާން އޮމާން މި ރޫމަށް ވަންނަން އަންނާނެ މީހަކު ނުހުންނާނޭކަން ގައިމެވެ. ދޮރު ކުޑަކޮށް ލައްޕާލުމަށްފަހު ހިނގައިގަތީ ފުރަގަސް ދީފައިހުރި ނޫރީން އާއި ދިމާއަށެވެ. ދިޔަ ބާރުމިނުގައި ނޫރީންގެ ހެދުމުގެ ވާފަށަށް ދަމާލުމުން ނޫރީންގެ އަތުން ފައިލްތައް ދޫވެގެން ވެރިއްޖެއެވެ. އަދި އަސްލަމްއަށް ކުރިމަތި ލީއިރު އަސްލަމް ހުރީ ވިހަ ގޮތަކަށް ބަލަހައްޓައިގެންނެވެ. ނޫރީން ބިރުން ފަހަތަށް ޖެހިލިވަގުތު ފައިލްރެކްގައި ތަތްވިއެވެ. އަސްލަމް ނޫރީންގެ ކޮނޑުގައި ހިފާ މޫނު ގާތްކުރަންފެށިއެވެ. ނޫރީން އަސްލަމް ފޮޅުވާލުމަށްފަހު ދުއްވައިގަންނަން މަސައްކަތް ކުރި ނަމަވެސް ނޫރީންގެ ބަނޑުގައި އަސްލަމް އަތް އަޅުވާ އޭނާ އާއި ދިމާއަށް ދަމައިގަތެވެ. އަދި އެއް އަތް ގެންގޮސް ނޫރީންގެ ފުރަގަހަށްލާ އޭނާއަށް ތަދުކޮއްލިއެވެ.
އަދި ނޫރީންގެ ފުރަގަހުގައި ހުރެގެން އޭނާގެ ކަނދުރާގައި މޫނު ޖައްސާލިއެވެ. ނޫރީން ގަދަހަދަން ފެށިނަމަވެސް އޭނާއަށް ހީވަނީ ކޮނޑުހުޅު ނެއްޓިދާނެހެންނެވެ. ވާ ތަދުންނާއި ބިރުން އޭނާ ހަޅޭއްލަވައިގަތެވެ. ނޫރީންގެ ކަނދުރާއިން ހިތް ފުރަމުންދާ އަސްލަމު ސިހިފައި ބުނެލިއެވެ.
” ނާންނާނެ އެކަކުވެސް…. މަޑުން ހުރެބަލަ ލޯބީ!.. ” މަސްތުވެފައިވާ އަސްލަމު ނޫރީންގެ ގައިގައި އަތްކާއްތަންފެށިއެވެ. ނޫރީންގެ ދެއަތްވަނީ އަސްލަމްގެ އަތުގައި ބަނދެވިފައެވެ. މަޅިޖެހިފައިވާ ނޫރީން ރޮމުން ދެއެވެ.
” ބޭބޭ!” ސްޓޯރޫމް ދޮރުހުޅުވާލުމާއި އެކު އިވުނު ބާރު އަޑުން އަސްލަމަށް ސިއްސައިގެން ގޮސް ނޫރީން އާއި ދުރަށް ޖެހިލެވުނެވެ. ނޫރީން ހުރިތަނަށް ވެއްޓުނެވެ.
ރުޅިއައިސް ރަތްވެފައިހުރި ޝާހު ދުވެފައި އައިސް އަސްލަމުގެ ކަރުގައި ހިފާ ފާރަށް ތަރަ ކޮއްލިއެވެ.
3 Comments
Comments are closed.
vrh reathi mibai ves
v salhi
Salhi????