Skip to content
އެސްފިޔަ

ޙަޔާތުގައި ދިމާވި އެންމެ ހިތްދަތި ހާދިސާ : ވާހަކަ ގިސް

އޭރު އަހަރެންގެ އުމުރަކީ އެންމެ ހަ އަހަރެވެ. އަހަރެންގެ ތަޢުލީމީ ޙަޔާތް ޔޫކޭޖީ އިން ފެށީވެސް ހަމަ އެހަރުގައެވެ. އަހަރެންނާއި އެކުވެރި ދެތިން ކުއްޖަކު ކުޅެން އުޅުނީމެވެ. ގޭ މަގުމަތީގައެވެ. އަހަރެމެން ދުވެ ދުވެ އުޅެނިކޮށް ގޭދަށަށް މާގިނަ މީހުން އެއްވާތަން ފެނި އަހަރެން ބަލަން ހުރީމެވެ. ވަނީ ކީއްކަމެއް ނޭނގި ހުރެ ދުވެފައި ދިޔައީ ގެއަށެވެ. ކާގެ ދޮރުހުޅުވާފައި ހުރުމުން ކާގެއަށް ބޯދިއްކޮއްލި އިރު މޭޒުމަތީގައި ކުދިބިސްކޯދު ތައްޓަކާއި ޖޫސް ޖަގެއް ހުއްޓެވެ. އަދިވެސް މީހުންތައް ވަދެ ނުކުމެ އުޅެއެވެ. ނުވިސްނިގެން އަހަރެން ގޭތެރެއަށް ވަނީ މީހުންތައް ފަޅާފައެވެ. އެތެރެގޭގައި ހުރި ގޮނޑިއެއްގައި މަންމަ އިނެވެ. ހީލަ ހީލައެވެ. އޭރު އަހަރެންގެ މަންމަ ބަނޑުވެސް ބޮޑެވެ. އަހަރެން ފެނުމުން މަންމަ ވަރަށް ބޮޑަށް ހީލިއެވެ. ދޮރުމަތީގައި ހުއްޓައި އަހަރެންގެ އެކުވެރި ތައްތީކުޑޫ ގޮވައިގެން  ތައްތީގެ  ދޮންތަ ޔަޝްފާ އައެވެ. ޔަޝްފާ ދޮންތަ އައިސް އަހަރެންގެ އަތުގައި ހިފާ ފެންވަރަން ހިނގާށޭ ބުނެ އަހަރެން ގެންދިޔައީ ތައްތީމެންގެ ގެއަށެވެ.

ޔަޝްފާ ދޮންތަ އަހަރެންނާއި ތައްތީ ފެންވަރުވާ ރީތި ކުރިއެވެ. އަދި އަނބުރާ އަހަރެންގެ ގެއަށް ގެނައެވެ. ދޮންތަވެސް ވެގެން އުޅޭ ގޮތެއް ނުބުނެއެވެ. އަހަރެން ނުވެސް އަހަމެވެ.

މަންމަ އާއި ބައްޕަ ތިބެނީ ހަތަރު ކުދިންނެވެ. ނަމަވެސް މިޔަދަކީ އަހަރެމެންގެ އާއިލާއަށް އިތުރު ކުއްޖަކު އުފަންވި ދުވަހެވެ. 10 ޖޫން 1996 މިއީ އަހަރެންގެ ކޮއްކޮ ދުނިޔެއަށް އުފަންވީ ދުވަހެވެ. އަހަރެންނަށް ކޮއްކޮ އެއް ލިބުމުން ވީ އުފަލެއްވެސް ނޭނގެއެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ ފޮނިވެގެން ހަލާކުވަނީއެވެ.

ހަމަ އެދުވަހެވެ. ވިއްސާރަ ވެއްޖެއެވެ. އަހަރެން ވަރަށް ރުޅިއައެވެ. ކޮއްކޮ ލިބުމުން ރައްޓެހިކުދިންގާތު އެވާހަކަ ބުނަން ދާހިތްވިއެވެ. އަހަރެން އިތުރަށް ވިސްނަން ނަހަދާ ކުޑަ ހިފައިގެން ރައްޓެހިންގެ ގޭގެއަށް ދިޔައީމެވެ. ކޮއްކޮ ލިބުމުން އުފަލުން ފޮނިކަނޑަން ބޭނުން ވެގެންނެވެ، އާއިލާގެ މީހަކުވެސް މާބޮޑަކަށް އަހަންނަކަށް އެދުވަހު އަޅައެއް ނުލައެވެ. އެހެން ކަންކަމުގައި ބުރަކޮށް އުޅެނީއެވެ، އަހަރެންނަށް ހުރީ މިނިވަން ކަމެއް ލިބިފައެވެ. ތަނަކަށް ދާއިރަށް ގޮވާފަ ގެއަށް ގެންނަން މަންމަ ނެތުމުންނެވެ.

އޭރު އަހަރެންގެ ދޮންބެ އުޅެނީ ގްރޭޑް 4 ގައެވެ. ތިއްތަ ގްރޭޑް ހަތެއްގައެވެ. އަދި ދޮންތަ ހުރީ ކިޔަވާ ނިންމާފައެވެ. ކޮއްކޮ އެއް ލިބުމުން ކޮއްކޮގާތު ގިނަވަގުތު ހޭދަކުރުން އެންމެންގެވެސް އާދައަކަށް ވެއްޖެއެވެ. އެކަމަކު  އޭރުވެސް ގޭގެ ދޮރުމަތީގައި އޮންނަ މަގަށް  ކުޅެންދަމެވެ. ބަތްކައްކާ ކުޅެ އައޕު ވެސް ކުޅެ ހަދަނީ އެ މަގުގައެވެ. އޭރު ރަށުގައި ދުއްވާއެއްޗެހި އުޅޭނީ މަދު އަދަދަކަށެވެ. ހުއްޓަސް ހުންނާނީ ބައިސްކަލެވެ. އެހެންކަމުން މަގުތަށް ވަރަށް އަމާންވާނެއެވެ،

އަހަރެންނާއި ތައްތީ އަދި އަންވަރާ މިޔަދުވެސް ތިބީ ކުޅޭށޭވެ. ކުޅެ ނިންމާލުމަށްފަހު ގެއަށް އައިސް ވަތް އިރު މަންމަ އާއި ބައްޕަ އަދި އިތުރު އެހެން ބޭބެ އެއް ސިޓިންގ ރޫމުގައި އިނެވެ. ކޮއްކޮ އޮތީ ފަތްޖެހި އެނދެއްގައި ބާއްވާފައެވެ. އެމަންޒަރު ބަލަން އަހަރެން ހުރީ ފާރުގައި ލެނގިލައިގެންނެވެ. އެންމެންވެސް ލޯބިން ކޮއްކޮ އާއި ދިމާއަށް ” ދޮންމަނިކު ” ކިޔަސް މިޔަދު ކޮއްކޮއަށް ނަން ކިޔައިފިއެވެ. ވަރަށް ރީތި ނަމެކެވެ. މުޙައްމަދުއެވެ. އަހަރެން ހުރީ އެ ބޭބެ ދާނެ ވަގުތަކަށް ބަލަބަލައެވެ. އެބޭބެ ދިޔުމުން އަވަސް އަވަހަށް ކޮއްކޮ ކައިރިއަށް އައިސް ދޮނެއް ދިނީމެވެ. މަންމަ އާއި ބައްޕަ ހެވިލާފައި ތިއްބެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. ކޮއްކޮވެސް ބޮޑުވަމުން އާދެއެވެ. މަންމަ ބަދިގޭގައި އުޅޭވަގުތު ތަކުގައި ދޮންބެ އާއި ދެމީހުން ކޮއްކޮ ބަރޯއަށް ލައިގެން ދުއްވަންދިޔުމުން ކޮއްކޮ ވަރަށް އުފާވާނެއެވެ. ކޮއްކޮ ހީލިއަސް ދެކޯ ހުންނާނީ ރަތްވެފައެވެ. އަހަރެން އެންމެ ލޯބިވަނީ ކޮއްކޮ ލޯބިކަމުންނެވެ. ހީވަނީ ހުދު ކަފަކޮޅެއް ހެންނެވެ. ކޮއްކޮގެ މަޑުމަޑު ކުޑަކުޑަ ފުންނާބުގައި ދަތް އަޅާލުމުން ފުންނާބަށް އަރާ ރަތް ކުލަ ބަލަން އަހަރެން ވަރަށް ގިނައިން ފުންނާބުގައި ދަތްވެސް އަޅާ ހަދަމެވެ.

އުފާވެރި ދުވަސްތަކަށް ނިމުމެއް އައިސްފިއެވެ. ހިތް ނޭދުނަސް ތަޤްދީރާއި ދެކޮޅެއް ނުވެވޭނެއެވެ. އޭރު ކޮއްކޮއަށް އެންމެ ނުވަމަހެވެ. ލޯބިކޮށް ހީލަހީލާ އުޅޭ ދުވަސްވަރެވެ، އެންމެ ސަކަރާތްޖަހާ އުޅޭ ދުވަސްވަރެވެ. ނަމަވެސް ކޫރުމެއްވެސް އެޅުމަށް ބޭނުން ނުވާ ކޮއްކޮއަށް ވަރަށް ވަރަށް ގަދަ ހުމެއް ޖެހުނެވެ. ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އެންމެންވެސް ހާސްވިއެވެ. އެ ކޮއްކޮގެ ނުވަތަ އެ ދަރިފުޅުގެ ބައްޔަކީ ކޮބައިކަން އެނގުމުން އެ މަންމައާއި ބައްޕަ އަދި އަހަރެމެން އެންމެންނަށް ވާނީ ކިހިނެތް ހެއްޔެވެ؟ ހުންއައިލެއް ބާރުކަމުން ސިކުނޑިއަށް އަސަރުކޮށް ފިޓް ޖެހުނީއެވެ.  ރަށުގައި ބޭސްފަރުވާގެ ފެންވަރު ރަނގަޅު ނުވުމުން ކުޅުދުއްފުއްޓަށް ފުރުމަށް މީހުން އިރުޝާދު ދޭންފެށިއެވެ. ކޮއްކޮ ބަލިވީއްސުރެން މަންމަގެ ޙާލުވެސް ދަނީ ދަށަށެވެ. ރޮނީއެވެ.ގާތް ތިމާގެ މީހުންނާއި އަވައްޓެރިންގެ ރަނގަޅުކަމުން މަންމައަށް ހިތްވަރު ލިބުނެވެ. ނަމަވެސް އަދިވެސް އެންމެން ރޮނީއެވެ. އަހަރެންވެސް ރުއީމެވެ. ކޮއްކޮ ރަނގަޅުވާނެކަމުގެ އުއްމީދު އަހަރެން ކުރީމެވެ. ނަމަވެސް މަގުމަތީގައި ތިބެގެން ” އެސޮރު އެއީ ލިބޭނެ ކުއްޖެއް ހެން ހިއެއް ނުވެޔޭ ” މީހުން ކިޔާއަޑު އިވުމުން އަހަރެން އިތުރަށް ދެރަވިއެވެ. މަންމަ މެން ފުރައިގެން ދިޔައީ އައިސާފުޅުދައިތަ ގެއަށް އަހަރެން ޙަވާލުކޮއްފައެވެ.

އަހަރެން ރުއީމެވެ. ގެއަށް އައިސް ކޮއްކޮގެ ކުދި ކުދި އިސްޓާކީންތަކުގައި ވަސްގަތީމެވެ. ހެދުންތަކުގައިވެސް ވަސްގަތީމެވެ. ދެރަވެގެންނެވެ. ކޮއްކޮ ބޭނުންވާލެއް ބޮޑުކަމުންނެވެ. ކޮއްކޮ މަތިން ހަނދާންކުރުމަށްޓަކައެވެ.

ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންވެސް ކޮއްކޮ ސަލާމަތްވާނެކަމުގެ ޔަޤީންކަމެއް ނުދިނެވެ. ޔަޤީންކަމެއް ނެތޭ ބުނުމުން އެ ނިޔަނެތި މަންމަ އާއި ބައްޕަގެ ހިތުގައި އަޅާނެ ވޭން އިޙްސާސް ކުރެވޭ ހެއްޔެވެ؟ ކުރިމަތީގައި އޮތީ ލޮލުގެ ކޮއިފަދައިން ބަލަމުން އަންނަ ލޯބިލޯބި ދަރިފުޅެވެ. އެންމެ ހިނދުކޮޅަކުވެސް ހޮސްޕިޓަލުގައި ކޮއްކޮ ބޭއްވުމަކަށް މަންމަ ބޭނުމެއް ނުވިއެވެ. ބައްޕަ ކައިރީގައި ބުނެގެން މެނޭޖަރާއި ވާހަކަ ދައްކައިގެން އަވަހަށް ކޮއްކޮ މާލެ ގެނެވުނެވެ.

އެ ދަރިފުޅަށްޓަކައި މަންމަ އާއި ބައްޕަ ނުއުފުލަނީ ކޮން ބުރައެއް ހެއްޔެވެ؟އޭރު  މާލޭގައި ގެ ދޮރު ކުއްޔަށް ހފައިގެން ގާތްތިމާގެ މީހަކު ނެތްތާ ރައްޓެއްސަކުވެސް ނޫޅެއެވެ. މުޅީންވެސް އުޅެނީ މާލޭ މީހުންގާތު ތިބެގެން ކިޔަވަން އުޅޭ ރަށު ކުދިންނެވެ

ހޮސްޕިޓަލުގައި އެ ވާރޑްގައި މަންމަ އާއި ބައްޕަ އެއް މަސް ދުވަސް ހޭދަކުރިއެވެ. ހޮސްޕިޓަލް ފާޚާނާއިން ފެންވަރައިގެން ގިނަ ފަހަރަށް ކަޅު ސައިތައްޓަކާއި ދޮންކެޔޮ ވަކަކުން ގައިގައި ވަރު ޖައްސަމުންދިޔައެވެ.  ތަނެއްގައި ބުރަކަށި ޖައްސާނުލައެވެ. ހަމައަށް ނިދި ނުލިބިއެވެ. މާލެއަށް ޒިޔާރަތްކުރާ ރަށުމީހުން މަންމަ މެންގެ ކައިރިއަށް ދެއެވެ.

އެއްފަހަރަކު މާލެއިން އައި ބޯޓަކުން މަންމަ އަހަންނަށް އޮރެންޖް ކޮތަޅަކާއި އެޕޯލޯ ޕަކެޓެއް ފޮނުވިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އެހާ ދަތިކޮށް އުޅެމުންވެސް މަންމަމެންގެ އެންމެ ހަގު އަންހެން ދަރިފުޅު މަތިން ހަނދާންކުރީމައެވެ. ވާނީވެސް އެހެންނެވެ. ކޮއްކޮ އާއި ޖެހިގެން އެންމެ ކުޑަވާނީ އަހަންނެވެ. މަންމަ ފޮނުވި ހަދިޔާ އެގޭ އެންމެންނަށް ބެހީމެވެ. މަންމަ މެންގެ ޚަބަރެއް ވަނީވެސް ރަށަށް ބޯޓެއް އައުމުންނެވެ. އަހަރެމެން އެންމެން ތިބެނީ އެފަދަ ދުވަސްތަކުގެ އިންތިޒާރުގައެވެ.

ދުވަސްކޮޅެއްފަހެވެ. އެގޭ މީހުންނާއި އެކު އަހަރެންދިޔައީ ދޮންތަމެން ބޯޅަ ކުޅޭތަން ބަލާށެވެ. ސްކޫލް ހޯލުގައި އޮތް ބޯޅަ ކުޅުން ބަލަން ރަށުގެ ރައްޔިތުން އެތަނަށް އެއްވެ ތިއްބެވެ. ކުއްލިއަކަށް މީހުންތައް މަދުވާންފެށިއެވެ. އަހަރެން މީހުންތަކާއި ދިމާއަށް ބަލަން ހުރީމެވެ. އައިސާފުޅުދައިތަ އައިސް މަންމަ ކޮއްކޮ ގޮވައިގެން އައިސްފިކަމުގައި ބުންޏެވެ. އަހަރެން ބަލާލީ ދޮންތައަށެވެ. ދޮންތަމެން ތިބީ ކުޅޭށެވެ.. އަހަރެންނަށް ދޮންތައަށް ގޮވާލާކަށްވެސް ނުކެރުނެވެ. ލަސްވާތީ ނުހުރެ ދުއްވައިގަތީ ކޮއްކޮ ކައިރިއަށް ދިޔުމަށެވެ.

މަންމަ ހުރީ ކޮއްކޮ ގޮވައިގެންނެވެ. އަހަރެން ފެނުމުން ހީލިއެވެ. ކޮއްކޮ އިނީ މަންމަގެ އުރުގައެވެ. އެންމެންނަށް ބަލަމުންދިޔައެވެ. ބައްޕަ އަވަހަށް އަހަންނަށް ޗިކަންރިންގް ޕެކެޓެއް ދިއްކޮއްލިއެވެ. އެއީ އަބަދުވެސް އަހަންނަށް މީރު އެއްޗެއްކަން ބައްޕައަށް އެނގޭނެއެވެ. އަހަރެން ފޮނިވެލާފައި ވަގުތުން ކާންފެށީމެވެ. ކޮއްކޮ ބަލިވި ދުވަހު އައިހާ ގިނައިން މިޔަދުވެސް މީހުންއައެވެ. ކޮއްކޮއަށް ގޮވާލާށެވެ. ކޮއްކޮ މިހާރު މުޅިންހެން ރަނގަޅެވެ. ބޮލުގެ ބޮޑު އޮޕަރޭޝަނެއް ކޮއްފައި ހުރިކަން އިނގުމުން އަހަރެމެން ވަރަށް ދެރަވިއެވެ. އެކަމަކު ކޮއްކޮ ސަލާމަތްވީތީ އަހަރެމެން މާތް ﷲގެ ކިބަފުޅަށް ޝުކުރުކުރީމެވެ.

************

ދުވަސްތައް މާޒީވަމުންދެއެވެ. ޖެހިގެން އައި އަހަރު ތިއްތަ މާލެދިޔައީ ކިޔެވުމަށެވެ. ދޮންބެ ދިޔައީ ހއ. ހޯރަފުއްޓަށެވެ. ރަށުގައި ތިބީ ދޮންތަ އާއި އަހަންނެވެ. ކޮއްކޮއަށް އެއް އަހަރު ފުރުމުން އުފަލުގައި ކުޑަ ޕާރޓީއެއް ބޭއްވުނެވެ. އެއީ ވަރަށް މަޖާ ދުވަހެކެވެ. ކޮއްކޮ މަޖާކުރާތީ އެންމެންވެސް ހެއެވެ. ކޮއްކޮ ސަކަރާތްޖަހާތީ އެންމެން ޝައުޤުވެރިވެއެވެ. މަދުމަދުން ބަސްބަސް ބުނެއެވެ. ކުޅެ ހަދައެވެ. މިހާރު އަނެއްކާވެސް ގެއްލި ދިޔަ އުފާވެރިކަން އަނބުރާ ލިބުނެވެ.

 އަހަރުތަކެއްފަސް

ސަފްޙާތައް އުކެމުންދެއެވެ. ހުރިހާ ކަމެއްވެސް ،މަޑުމަޑުން ބަދަލުވަމުންދެއެވެ. ކޮއްކޮ ސްކޫލަށް ދާންފެށިއެވެ. ކުޑައިރުވެސް ހާދަހާ ރުޅިގަދައެވެ. އަހަރެމެން އުޅެނީ އެއްކޮންނެވެ. އެކަމަކު ހުރިހާ ކަމެއްގައިވެސް އެންމެ ކުރީގައި އުޅޭނީ ކޮއްކޮއެވެ. ތަޅައިގަތަސް ގަދަވާނެއެވެ. ފިލިޔަސް ހޯދާނެއެވެ. ދުއްވައިގަތަސް އަތުލާނެއެވެ. އެއީ އަހަރެމެން ދެމީހުންގެ އާދައެވެ. އެކަކު އަނެކަނު ގޯސްކޮށް މަންމަގާތު ޝާކުވާ ކުރުމެވެ. މަންމަ ރުޅި އެރުވުމެވެ. ކޮންމެ ކަމެއް ވިޔަސް ކޮއްކޮ ގޮސް މަންމަ ގާތު ބުނާނީ އަހަރެން ގޯސްކޮށްގެންނެވެ. މަންމަ އަހަރެންދެކެ ރުޅި އައުމުން ކޮއްކޮ އަހަންނަށް ވައްތަރު ޖައްސާ ހަދާނެއެވެ. އަހަރެން ހުންނާނީ ފުއްޕާލާފައެވެ.

މަންމަ ކޮއްކޮ ދެކެ ވަރަށް ލޯބިވެއެވެ. އެހެން ދަރިންނަށްވުރެ މާ ބޮޑަށެވެ. އެކަމާ ޝަކުވާ ކުރަނީވެސް އަހަންނެވެ. ޢާއިލާގެ ހަގަށް ތިބީ އަހަރެމެން ދެމީހުންނެވެ. އެކަމަކު ތަނަކުން މީރު އެއްޗެއް ލިބުނަސް މަންމަ ކޮއްކޮއަށް ދޭނެއެވެ. ތަނަކަށް ދިޔަޔަސް ދާނީ ކޮއްކޮ ގޮވައިގެންނެވެ. އަހަރެން އެޝަކުވާ ކުރަނީ މަންމަގާތުގައެވެ. އެއީ ބަލިކުއްޖެއްކަމާއި ކުޑަކުއްޖެއްކަން މަންމަ އަބަދުވެސް އަހަންނަށް ވިސްނައިދެއެވެ. އަހަންނާއި ކޮއްކޮ އެކަކު އަނެކަކު ގައިގައި ތަޅާފޮޅާ ހެދިޔަސް މަންމަ ހުންނާނީ ކޮއްކޮ ބަޔަށެވެ. މަންމަގެ ހުރިހާވެސް އުއްމީދަކީ ކޮއްކޮއެވެ. ކޮއްކޮ އާއި އަބަދު މައްލަވަ ކުރާތީ މަންމަ އަބަދު އަހަންނަށް އެއްޗެހި ކިޔައެވެ.

ކޮއްކޮ ބޮޑުވާވަރުން ބަލިވެސް ބޮޑުވަމުންދެއެވެ. ކޮންމެ ތާކު ހުއްޓަސް ފިޓްޖެހެން ފެށީއެވެ. އެކަންވީ އަނެއްކާވެސް އަހަރެމެންނަށް ހިތްދަތިކަން ލިއްބައިދިން ކަމަކަށެވެ. ކޮއްކޮ ދެރަނުކުރުމާ ރުޅި ނޭރުވުމަށް މަންމަ އަބަދުވެސް ބުނާނެއެވެ، އެކަމަކު އުޅޭލެއް ލާނެތްކަމުން އެއްޗެހިވެސް ބުނެވެއެވެ. ޖަހަންވެސް ޖެހެއެވެ. ދެމީހުންގެ ކަމަކީ އަބަދު ތަޅާފޮޅުމެވެ.

އެއްދުވަހެއްގެ ހަވީރެވެ. މަންމަ ހިނގައިގަތީ ކޮއްކޮ ބަލާ ސްކޫލަށް ދިޔުމަށެވެ. އެވަގުތު ފަހަތުން މީހަކު ” މުހައްމަދު ފިޓްޖެހިއްޖޭ” ގޮވާލިއަޑަށް ހުރިތަނަށް މަންމަ ވެއްޓުނެވެ. ޚަބަރު ހުސްވެގެންނެވެ. އޭރު މަންމަ ފެންނަ ފަށުގައި ހުރެވުނީ އަހަންނަށާއި އަންވަރާއަށެވެ. އަހަރެމެން ރޮމުން ރޮމުން ހެލްތް ފޯސްޓްގެ މީހަކު ބަލާ ދިޔައީމެވެ. އަހަރެމެން އައި އިރު މަންމަ އޮތީ ގެއަށް ގެނެސްފައެވެ. މަންމައަށް ޝޮކެއް ލިބުމުން އަހަރެން ވަރަށް ދެރަވިއެވެ. އެދުވަހު މަންމަ ކޮއްކޮދެކެ ލޯބިވާވަރު އަހަންނަށް އިހްސާސް ކުރެވުނެވެ. އަހަރެން އެކަމާ ބަހުސް ކުރާކަށް ދެނެއް ބޭނުމެއްވެސް ނޫނެވެ. މަންމައަށް ހަމަޖެހުމެއް ލިބުނީ ކޮއްކޮ ގެއަށް ގެނައުމުންނެވެ. ސްކޫލްގައި އިންދާ ބަލިވެގެން ގެންދިޔައީ ކޮއްކޮއެއްވެސް ނޫނެވެ. އެހެން ކުއްޖެކެވެ. ދޮގު ޚަބަރެއް ދެވުނީތީ އެމީހާ ހުރީ ވަރަށް ދެރަވެފައެވެ. މަންމަ ރަނގަޅުވަންދެން ކަހަލަ ގޮތަކަށް އޭނާ އަހަރެމެންގޭގައި އެދުވަހު އައިސް އުޅުނެވެ.

***************

ބައްޕަ ކުރާ މަސައްކަތުން ލިބޭ ރުފިޔާއިން ޚަރަދުކުރަންޖެހޭ ކަންތައްތައް އިތުރުވިއެވެ. އަހަރަކު ދެފަހަރު ކޮއްކޮ ގޮވައިގެން އިންޑިޔާއަށް ދާންޖެހެއެވެ. ބައްޕަ އުޅެނީ މަސައްކަތުގައެވެ. ކޮއްކޮ ގޮވައިގެން ހުރިހާ ތަނަކަށްވެސް ދަތުރު ކުރަނީ މަންމަ އެކަނިމާ އެކަންޏެވެ. އެއްވެސް ޝަކުވާއެއް ނެތި މަންމަ ކޮއްކޮ ބަލަހައްޓަމުންދެއެވެ. ކުރަންޖެހޭ ދަތުރުތައް ކޮށް ހަދައެވެ. ތިއްތަ އާއި ދޮންބެ އަދިވެސް ކިޔަވަނީއެވެ. ދޮންތަވެސް ކައިވެންޏަށްފަހު ކުއްޖަކު ލިބުނެވެ. މަންމަ އާއި ބައްޕަގެ ހިތްވަރެއް އެލުވައެއް ނުލައެވެ. ކޮއްކޮއަށް ބޭސްކުރުމުގައި ދުވަސްތައް ގުނަމުންދެއެވެ.

އަހަރެންނާއި ކޮއްކޮގެ ވާހަކަ ވަރަށް މަޖާވާނެއެވެ. ދެމީހުން ވަރަށް ގުޅިގެންވެސް އުޅޭނެއެވެ. ވަރަށް ދެކޮޅުވެސް ވާނެއެވެ. ކޮއްކޮއަށް ޓޮމާޓޯބަތް ވަރަށް މީރުވާނެއެވެ، އަހަރެންނާ އެއްބައިވާ ވަގުތަކީ އެއީއެވެ. ޓޮމާޓޯބަތް ހަދާ ނިމެންދެން އަހަރެން ގާތުގައި ހުންނާނެއެވެ. ޓޮމާޓޯބަތްހަދާ ކޮންމެ ދުވަހެއްގައިވެސް ކޮއްކޮމަތިން އަދިވެސް ވަރަށް ހަނދާންވެއެވެ. ކޮއްކޮއަކީ ސާފުތާހިރުކަމުގެ މިސާލެކެވެ. ކާންވެސް ބޯންވެސް ބޭނުންކުރާނީ ވަކި ތައްޓެކެވެ. އެހެން މީހަކު ބޭނުން ކުރާ ތައްޓެއްވެސް ބޭނުމެއް ނުކުރާނެއެވެ. ނިދާ ތަންމަތިވެސް އެހެން މީހަކު ލައްވާ ސާފުކުރުމަށް އިންކާރު ކުރާނެއެވެ. އެނދުގައި ރުލެއް ހުއްޓަސް ކަންބޮޑުވާނެއެވެ، ނިދަން އޮށޯވެ އެތައް ފަހަރު ތެދުވެ އެނދުމަތި ފޮޅާ ބެޑްޝީޓުން ރޫ ފިލުވާނެއެވެ. ރޫ ފިލުވިޔަސް ފުރޮޅިލާ ކޮންމެ ފަހަރަކު ރޫއަރާތީ ކޮއްކޮ ބޭނުންކުރީ އަހަރެން ބުރުގާ ހަދާ ޕިންތަކެވެ. ހުރިހާ ޕިނެއް ނަގާފައި ގޮދަނޑީގެ ބެޑްޝީޓް ވާންކުރުމަށްފަހު ވަށައިގެން ޕިންޖަހާ ބާރުކޮއްފައި ހުންނާނެއެވެ،

އެއްރެއެވެ. މަންމަ ގޭގައި ނެތެވެ. އަހަރެން ހުރީ ރީތިވާށެވެ. އަހަރެން ބުރުގާ އަޅަން ހުރެފައި ކޮންމެފަހަރަކުވެސް އެނދުން ޕިނެއް ނައްޓާލަމެވެ. ޕިންތައް މަދުވާންފެށުމުން އެރޭ ކޮއްކޮއަށް އެކަން ފާހަގަ ކުރެވިގެން އަހަރެންގައިގައި ޖެހުމަށް ދުއްވައިގަތެވެ. ކޮއްކޮ ކޮޓަރިއަށް ވަނުމުގެ ކުރިން އަހަރެން ދޮރު ތަޅުލުމުން ކޮއްކޮ ހުރީ ވަރަށް ރުޅިއައިސްފައެވެ. ކުޑަދޮރުގައި ހުރި ލޫވައްތައް ނެއްޓުމަށްފަހު ބައްޕަ މަސްބާނަން ގެންގުޅޭ ދޮށި ނަގައިގެން އައިސް ކޮޓަރިތެރެއަށް ކޮއްޕަން ފެށިއެވެ. އަހަރެން އެނދުމައްޗަށް އަރައި ދެކޮޅަށް ދުވެ ދުވެ ހުރީމެވެ. ދެން ކޮއްކޮ އައީ ބަދިގޭން ވަޅި ހިފައިގެންނެވެ. އެހިސާބުން އަހަރެން ބިރުގަތެވެ، ވަޅި އެއްލަފާނެތީއެވެ. އަހަރެން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތީ މަންމާއޭ ކިޔައެވެ. އެ އަޑަށް ގެއަށްވަނީ ޖެހިގެން އިން ގޭގެ ޖޯލީގައި އިން ފާތުމާފުޅު ދައިތައެވެ. އެރޭވެސް މަންމަ ގެއަށް އައިސް އަހަންނަށް ވަރަށް އެއްޗެހި ކިއެވެ. ކޮއްކޮ ރުޅި އެރުވީމައެވެ،

އެއްޗެހި ރޫޅާ މަރާމާތުކޮށް ހެދުން އެއީ ކޮއްކޮގެ ހޮބީއެވެ. ރަށުގައި ލޮއި ގަންނަ މީހަކު އުޅޭތީ ލޮއި ހޮވަން ކޮއްކޮ ދާނެއެވެ. އެވިއްކައިގެން ލިބޭ ލާރިން ޖޫސްޕެޓީ ގަނެ ހަދާނެއެވެ. ހިތައް އެރިއްޔާ އަހަންނަށްވެސް ދޭނެއެވެ.

ކޮއްކޮ ސިޔާސަކަމުން އަވައްޓެރިންވެސް ބައެއްފަހަރު ރުޅިއަންނާނެއެވެ. މަންމަ ކޮއްކޮދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނާއި ބަލިޙާލުގައި ކޮއްކޮ ގޮވައިގެން މަންމަތެޅޭ ޙާލު މަންމައަށް އެނގޭތީވެ ކޮއްކޮދެކެ ރުޅިއަންނަ މީހުންދެކެ މަންމަވެސް ރުޅިއަންނާނެއެވެ. އެއީ މައިވަންތަކަމުގެ ލޯބީގެ ބޮޑުކަމުންނެވެ. ކޮއްކޮ އާއި ހެދި މީހަކަށް އުނދަގުލެއް ވެގެން އެއްޗެއް ބުނެފިނަމަ މަންމަ ވަރަށް ދެރަވާނެއެވެ، މީހުން ރުޅި އަންނަގޮތަށް ނޫޅޭށޭ ބުނެ ކޮއްކޮއަށް ނަސޭޙަތްދޭނެއެވެ. ބައެއް ފަހަރު އަޑުއަހާނެއެވެ. އަނެއްބައި ފަހަރު މީހަކު އެއްޗެއް ކިޔައޭވެސް ހީނުވާނެއެވެ،  މަންމަ ކޮއްކޮއަށް އަޅާލާވަރު ރަށުގެ އެންމެންނަށްވެސް އެނގޭނެއެވެ. އަލިފާނާއި ގާތްކޮށް މޫދަށް ފޮނުވުން އެއީ މަންމަ ނުކުރާނޭ ކަމެކެވެ. ކޮއްކޮއަށް ގެއްލުމެއް ވެދާނެތީއެވެ. ކޮންމެ ވަގުތެއްގައިވެސް ފިޓް ޖެހިދާނެކަމަށް ބިރުންނެވެ

************

ދޮންބެ އާއި ތިއްތަވެސް ކިޔަވާ ނިންމައިފިއެވެ. ތިއްތަގެ ކައިވެންޏާއި އެކު ދޮންބެ ވެސް ރިސޯޓަކަށް ދިޔައެވެ.  މިހާރު ބައްޕަމެން ޚަރަދު ކުރަނީ އަހަރެންނަށާއި ކޮއްކޮއަށް އެކަންޏެވެ. މަންމަ ކޮއްކޮ ބަލަމުން އައީ ވަރަށް ރަނގަޅަށެވެ. ޤަވާޢިދުން ދޭންޖެހޭ ބޭސްތައް ދިނުމަށްވެސް ސްކޫލްގައި އިންނަ ވަގުތުތަކުގައި ބޭސްދޭން ވެސް ދާނީ މަންމައެވެ. އެކަނި އެއްވެސް ތަނަކަށް ނުފޮނުވާނެއެވެ. އަވަށުކުންޏަށް ދިޔަޔަސް ދާނީ ކޮއްކޮ ގޮވައިގެންނެވެ. ކޮއްކޮ ބޮޑުވުމުންވެސް އެކަނި ތަންތާކަށް ނުފޮނުވައެވެ. ކުޅެން ރައްޓެހިކުދިންނާއި އެކު ގޭކައިރިއަށް ދާންފެށީވެސް ވަރަށް ބޮޑުވީފަހުންނެވެ. އެހެންކަމުން މަންމަ އާއި މެދު ކޮއްކޮގެ ހިތުގައި އުފެދިފައިވާ ލޯބީގެ ވަރުގަދަކަން ދެކިލާށެވެ.

އެއްދުވަހަކު އަހަރެން ގޭގައި އިންދާ ކޮއްކޮ އަތުވެއްޖެއެވެ. މަންމަ އުޅެނީ ގިފިލީގައި ފެންވަރާށެވެ. ކޮންމެތަނަކު ހުއްޓަސް ފިޓްޖެހެން އުޅެންޏާ ކޮއްކޮއަށް އެނގެއެވެ. ހުރިތާކުން އެދުވަހާ ހަމައަށްވެސް ގެއަށް އަންނާނެއެވެ. އަހަރެން ކޮއްކޮ ބޭއްވީ ކޮޓަރީގައެވެ. ކޮއްކޮއަށް ވާގޮތުން އަހަރެން ވަރަށް ދެރަވިއެވެ. މަންމައަށް ގޮވުމުން މަންމަވެސް އަވަހަށް ނުކުންނަނީ ކަމުގައި ބުންޏެވެ. ކޮއްކޮއަށް ޝިފާއެއް ލިބުނުތަނާހެން މަޑުމަޑުން ބުނެލީ   ” ކުޑާއްތާ އަވަހަށް މަންމަ ގެނެސްދީ! އޭރުން ރަނގަޅުވާނީ… “

އެދުވަހު އަހަންނަށް އެނގުނު އެއްޗަކީ ބަލިވާންފެށުމުން ގެއަށް އަންނަނީ މަންމަ ކައިރިއަށް ކަމެވެ. އަހަރެންގެ ލޯބިވާ ކޮއްކޮ މަންމަދެކެ ހާދަ ލޯބިވެއެވެ. އަހަރެން އެދުވަހު ރުއީމެވެ.

**************************

އެންމެ ފަހުން އިންޑިޔާއަށް ގޮސް އައި އިރު ކޮއްކޮ ހުރީ ވަރަށް ބޮޑުވެފައެވެ. އިސްކޮޅުން އަހަންނާއި އެއްވަރެވެ. ވަރަށް ރީއްޗެވެ. އަހަރެމެން ހާދަ ރީއްޗޭ ބުނުމުން ކޮއްކޮ ލަދުގަނެ ރުޅި އާދެއެވެ. މިފަހަރު އިންޑިޔާއަށް ގޮސް އައި ފަހުން ވަރަށް ބޮޑުތަން ރަނގަޅެވެ. ކުރިއަށްވުރެން މަޑުމައިތިރިއެވެ. ބުނާ އަޑު އަހައެވެ. އެހެނަސް ރައްޓެހި ކުދިންނާއި އެކު ބޭރަށް ދާން ބޭނުންވާކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ވާނީވެސް އެހެންނެވެ. ކޮއްކޮއަށް 12 އަހަރު ވެއްޖެއެވެ. އެކަމަކުވެސް މަންމައަކަށް ކޮއްކޮ ބޮޑެއް ނުވެއެވެ. ކޮއްކޮ ބަލިވެދާނެތީ އަބަދުވެސް ހިފަހައްޓައެވެ. ވަރަށް ވަރަށް ރަނގަޅަށް ބަލަހައްޓަމުންދެއެވެ.

*************

އަހަރެންގެ މަދްރަސީ ދައުރު ނިމިގެން ދެ އަހަރު ފާއިތުވެއްޖެއެވެ. މިހާރު ކޮއްކޮ އުޅެނީ ގްރޭޑް 6ގައެވެ.

ދޮންތަގެ ކުޑަ ދެ ދަރީންނާއި އެކު މަޖާކޮއްލާ ނިދާލާ ހަދާލާ ހިތުންނޭ ބުނެ ދޮންތަ އާއި އެކު  ކޮއްކޮ އެރޭ ދިޔައީ ދޮންތަގެއަށެވެ. ހެނދުނު ހޭލުމަށްފަހު ދޮންތަކޮޓަރި ފާހާނާ ބަލާލުމަށްފަހު ވަރަށް ރީތި ފާހާނާއެކޭ ބުނެލިއެވެ. އެކަމަކަ ދެން ނާދެވޭނެޔޭ ބުނެ ހިނގައިގަންނަމުން ދޮންތަގެ ދަރިފުޅު “ގާތު ކުޑަބެ ދެން މިގެއަކަށް ނާންނާނަމޭ “ބުނެ ގެއަށް ދިޔައެވެ.

އެރޭ މަންމައަށް ފެނުނު ހުވަފެން އަހަރެމެންނާއި މަންމަ ހިއްސާކުރިއެވެ. ކޮއްކޮ މަންމަ އަތަށް ދިއްކޮއްލީ ހޮވާފައިވާ ދަތެކެވެ. މަންމަ ކޮއްކޮ ގާތުން އެދުނީ އެ ދަތުގައި ކަފަ ކޮޅެއް ލުމަށްފަހު އެއްލާލުމަށެވެ. ހުވަފެނުގެ ތެރެއިން ކޮއްކޮ އެގޮތަށް ހެދިކަމުގައިވެސް މަންމަ ބުނެލިއެވެ.

އަދ އަވައްޓެރި އެއްކަމަށްވާ ސަމިއްތައަށް ހުވަފެނުގަ ފެނުނީ ވަރަށް ހިތާމަވެރި ހުވަފެނެކެވެ. މާލެއިން ރަށަށް އައި ބޯޓް ކައިރިއަށް މޫދަށް ކުއްޖަކު ވެއްޓި މަރުވެގެން މީހުން އެއްވެގެން އުޅޭތަނެވެ.

ހަމަ އެރެއެވެ. އަހަރެންގެ ދޮންތައަށް ފެނުނީ ދޮންތަގެ ކުޑަ ދަރިފުޅު ވަޅަށްވެއްޓި މަރުވެގެން އުޅެނިކޮންނެވެ. އެހެންކަމުން އެދުވަހު ދިޔުމަށް ހަމަޖައްސާފައިވާ މޫދު ދަތުރުވެސް އަހަރެމެން ކެންސަލްކޮއްލީއެވެ.

*************

ޖެހިގެން އައި ދުވަހު އަހަރެން ބަލިވެގެން ކުޅުދުއްފުއްޓަށް ގޮވައިގެން ދިޔައީ ބައްޕައެވެ. އަހަރެން އޮޕަރޭޝަން ކުރަން ޖެހިގެން ބައްޕަ އަހަރެން ގޮވައިން މަޑުކުރީއެވެ. އައިވީ ގުޅާ އޮޕަރޭޝަނަށް ވާންޖެހޭ ތައްޔާރީތައް ވަމުންދަނިކޮށް ދޮންބެ ގުޅިއެވެ. އަދި ވަގުތުން ރަށަށްދިއުމަށް އެދުނެވެ. ބޭރަށް ގޮސް ފަރުވާ ކުރާނީ ކަމުގައި ބުނުމުން އޮޕަރޭޝަން ނުކޮށް ރަށަށް އައީ އެދުވަހުގެ ހެނދުނެވެ.

************

ރަށަށް އައި ދުވަހެވެ.އެއީ 2009 ނޮވެމްބަރ 11 ވަނަ ދުވަހެވެ. މޫސުން ރަނގަޅު ދުވަހެއްކަމުން ގޭކައިރި މީހަކަށް ހަވާދު ދަވައިދިނުމަށް މަންމަ ދިޔައެވެ. ބަނދަރުމަތީގައި އެ މަސައްކަތް ކުރުމަށް އަވައްޓެރި އެންމެންހެން އުޅުނެވެ. އަހަރެން ހުރީ ގޭގައެވެ. ދޮންބެ ގުޅާފައި ބޭސްކުރަން ބޭރަށް ދާވަހަކަ ދެއްކުމުން އެވާހަކަ މަންމަ ގާތު ދެއްކުމަށް އަހަރެން ދިޔައީމެވެ. ދިޔަތަނުން ފެންޓާ ފުޅިއަކާއި ބިސްކޯދެއް ދިނުމަށްފަހު ކޮއްކޮއަށް ބަހައްޓާށޭ ބުންޏެވެ. އަދި ކޮއްކޮ ދެންމެ މިތާ އުޅުނު ކަމަށްވެސް ބުންޏެވެ. ފެންނަން ނެތުމުން ހޯދަން ދާން އުޅެނިކޮށް އަހަރެން އައުމުން އހަރެންގާތު ކޮއްކޮ ހޯދާލަން ދައްޗޭވެސް ބުނެލިއެވެ. އަދި ކޮއްކޮ ގޮވައިން ގޭގައި ހުންނާށޭވެސް ބުނެލިއެވެ. އެއީ މަންމަގެ އާދައެވެ. އަބަދު ކޮއްކޮ ހޯދާނެއެވެ. އަހަރެންވެސް ވަރަށް ގިނައިން ފޮނުވާނެއެވެ. ގަދަކަމުންވެސް އަހަރެން ކޮއްކޮ ގެއަށް ގެންނަމެވެ. އެހެނަސް މިޔަދު އެކަމާ މާބޮޑަކަށް އަޅައެއް ނުލެވުނެވެ ގެއަށް އައި އިރު ބައްޕަ އުނދޯލީގައި އިނުމުން ބައްޕައަށް ފެންޓާ ތައްޓެއް ދިނުމަށްފަހު ބާކީ ހުރި ބަޔާއި ބިސްކޯދު އުރަ ކޮއްކޮއަށް ބެހެއްޓީމެވެ.އަހަރެން އިށީނީ ސިޓިންގ ރޫމުގައެވެ ޓީވީ ބަލާށެވެ. ކުއްލިއަކަށް ގެއަށް އައިސްވަނީ ކޮއްކޮއެވެ. އަހަރެން ބަލަހައްޓައިގެން އިނީމެވެ. މޭޒުދަށުގައި ހުރި ކަންވާރު އޮޅާފައިވާ ފުޅި ހިފައިގެން ދާންފެށުމުން ކޮންތާކަށް ދަނީތޯ ސުވާލުކުރީމެވެ. ދޫންޏެއް ހިފަންކަމަށާ މަންމަ ގާތު ބުނިއްޔާ ކުޑާއްތަ ގަޔަށް ޕިން ހަރާލާނަމޭ ބުނެ ދުއްވައިގަތެވެ. އަހަރެން އެވަގުތު ހިތައް އެރީ ކޮއްކޮ ނުބުނާށޭ ބުނާ ކަންތައްތައް ފަޅާ އަރުވާލައިފިނަމަ ކޮއްކޮ ދެން ކަންތައްތައް ކުރާނީ މުޅިންވެސް ނޭނގިއެވެ. އެހެންކަމުން މަންމަ ގާތު ނުބުނާނަމޭވެސް ހިތައް އެރިއެވެ.

ވަގުތުތައް ހަލުވިކަމާއި އެކު ދިޔައެވެ. ބައްޕަ ދިޔައީ ބަނދަރު ފިނިއައްޓަށެވެ. މަންމަ އިނީ ހަވާދު ދަވާށެވެ. ދޮންތަ ހުރީ ފިރިމީހާ ގޭގައެވެ. ތިއްތަވީ ތިއްތަގެ ދަރިފުޅު ގޮވައިގެން މާލެ ގޮސްލައެވެ. ދޮންބެ ހުރީ ރިސޯޓްގައެވެ. އަހަރެން ގޭގައި އިނދެ އިނދެ ފޫހިވެގެން ތައްތީ މެންގެއަށް ދިޔައީމެވެ. އޭރު ތައްތީވެސް ރަށަކު ނޫޅެއެވެ. އެގޭގައި އެވަގުތު ހުރީ ތައްތީގެ ބޭބެ ގެ އަންހެނުން އަމޫއެވެ. އަމޫ އޭރު އަވަދި ނެތި ބަދިގޭގައި އުޅެއެވެ. އަމޫގެ އެދުމުގެ މަތިން އަހަރެން އެގެއިން ކައިގެން ސިޓިންގ ރޫމުގައި އިށީނީމެވެ.

އަވައްޓެރިންނާއި އެކު މަންމަ ފޯރީގައި ހަވާދު ދަވަން އިނެވެ. ކުއްލިއަކަށް މީހަކު ގޮވާލިއަޑު އިވުނީ މުޙައްމަދު މަރުވެގެން މޫދުން ނަގައިފިޔޭ ބުނާ އަޑެވެ.. ސުބްޙާނަﷲ… އެ ނިޔަނެތި މައިމީހާއަށް ވާނީ ކިހިނެތްހެއްޔެވެ؟ ލަގޮނޑިއަށް ކެތްވާނެހެއްޔެވެ؟ އެއަޑަކީ މަންމަ ދުވަހަކުވެސް އަހަން ބޭނުންވާނެ އަޑެއްނޫނެވެ. އެހާ އަވަހަށް މަންމަގެ އެ ލޯބިވާ ދަރިފުޅު ނެތިގެން ހިނގައިދާނެ ކަމަކަށް މަންމައަށް ހީކުރެވިދާނެ ހެއްޔެވެ؟ މަންމައަށް އެތަނަށް ދެވުނީ އެތައް ބައެއްގެ އެހީއާއި އެކުގައެވެ. އެހާ ގިނަ އިރު ވަންދެން ބަނދަރު ފިނިއަށީގައި ބައްޕަ އިން އިރުގައިވެސް ކޮއްކޮ މޫދުގައި އުޅޭކަމެއް ނޭނގެއެވެ. ކޮއްކޮ މޫދުން ނެގީ ފިނިއަށީގައި ބައްޕަ އިނދެފައި ގެއަކަށް ދިޔަވަގުތެވެ. ށ، ކަނޑިތީމު މަސްއޮޑިއެއް އަހަރެންގެ ރަށަށް އައިސް ފުރަން އުޅެނިކޮށް ކޮއްކޮ ފެނުނީއެވެ.  އަހަރެންނަށް އެވާހަކަ ލިޔުމުން ގެނެސްދެވޭނެ ހިތްވަރެއް ނެތެވެ. މިހާރުވެސް އަހަރެންގެ ލޮލުން ކަރުނަ ހިލެއެވެ. އެދުވަހު މަންމައަށް ކުރާނެ އަސަރު މިހާރު ހިތައް އަރުވަންވެސް އަހަރެން ނުކުޅެދެމެވެ.

ދޮންބެގެ ޙާލަކީތޯއެވެ. ގޭކައިރި މީހަކު ގުޅާ ފުރަތަމަވެސް ނަސޭޙަތްތެރިވެދިނެވެ. ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްކަމެވެ. ހިތްވަރު ކުރަންވާނެކަމެވެ. ދޮންބެގެ ހިތް ނުތަނަވަސްވާންފެށިއެވެ. ބައްޕަ އަށް ކަމެއްވީކަމަށް ހީކޮށެވެ. އެންމެ ފަހުވަގުތު ކޮއްކޮއޭ އެބޭބެ ބުނި ވަގުތު ދޮންބެއަށްވެސް ޝޮކެއް ލިބުނެވެ.

ދޮންތަ ގޭގައި ހުއްޓާ ކުއްޖަކު އައިސް ތިގޭ ކުއްޖަކު ފިޓްޖެހިގެން މަރުކަޒަށް ގެނެސްފިއޭ ބުނުމުން ދޮންތަ ހީކުރީ އެހެން ކުއްޖެއް ކަމަށެވެ. ބައްޕަގެ އާއިލާގެ ތެރޭގައިވެސް އެކަހަލަ އެހެން ކުއްޖަކު ހުރެއެވެ. ދޮންތަވެސް މަރުކަޒަށް ދިޔައީ ކޮއްކޮ ކަމަށް ހީކޮށެއް ނޫނެވެ. މަރުކަޒަށް ދިޔުމާއި އެކު ކޮއްކޮކަން އެގުމުން ދޮންތައަށް ވީގޮތް ބަޔާންކުރަން ވެސް ދައްޗެވެ.

އަވަސް އަވަހަށް ބައްޕަވެސް މަރުކަޒަށް އައީ ކޮއްކޮއަށް ފިޓްޖެހުނުކަމުގައި މީހަކު ބުނުމުންނެވެ. އަހަރެން އެންމެ ލޯބިވާ ބައްޕަ މަރުކަޒަށް ދިޔައިރު އެ އާދެވެނީ އަހަރެންގެ ކޮއްކޮގެ މަރުވެފައިވާ މަސްގަނޑު ދެކެން ކަމެއް އެ ކެތްތެރި ބައްޕައަކަށް ނޭނގެއެވެ. ކޮއްކޮ މި ދުނިޔޭގައި މިހާރު ނެތްކަމެއްވެސް އެ ބައްޕައަކަށް ނޭނގެއެވެ. މަރުކަޒަށް ދެވުމާއި އެކު ބައްޕައަށްވެސް ކޮއްކޮ އަހަރެމެން އެންމެންނާ ވަކިވެއްޖެކަން އެނގުނެވެ. އެކަމަކު… އެވަގުތު ބައްޕަ އައިސްވެސް އަހަރެމެން ހުރިހާ ދަރިންނަށް ދައްކައިދިނީ ކެތްތެރި ކަމުގެ މިސާލެކެވެ. ޚަބަރު ހުސްވެފައި މަންމަ އޮތީ ކޮއްކޮ ބާއްވާފައި އޮތް އެނދާއި ޖެހިގެންނެވެ.

ދެން އަހަރެންނެވެ.

އަމޫ ގާތުގައި އިންދާ ކުއްލިއަކަށް ފޯނެއް އައެވެ. ސޭވް ނުކުރާ ނަންބަރަކުން ގުޅިޔަސް ފޯނެއް ނުނަގަމެވެ. އެކަމަކު އެދުވަހު ފޯން ނެގިތަނާ އެމީހަކު ބުނެލީ ތެދެއްހެއްޔޭ ތިގޭ މުހައްމަދު މަރުވީ ހެއްޔޭ..މަރުކަޒަށް ގެންގޮސްފިޔޯ އޭ.. މިހެންނެވެ.

އަހަރެންނަށް ވީ ގޮތެއް ނޭނގުނެވެ. ހާސްވާންވެސް ނޭނގި ހުރެފައ ސިއްހީމަރުކަޒަށް ދުއްވައިގަތީމެވެ. އޭރު މީހުން ރޮމުން ރޮމުން އެދިމާއަށް ދެއެވެ. އަހަންނަކަށް ޤަބޫލެއް ނުކުރެވުނެވެ. އެގޮތް ބޭނުންވެސް ނުވީއެވެ. ސިއްހީމަރުކަޒް ގޯތިތެރެއަށް ދުވެފައި ވަތްތަނުން މީހުންތައް އަހަރެން ހިފެހެއްޓިއެވެ. އަޑުގެ ކޮޅަށް ކެތްތެރިކަމެއް ނެތި އަހަރެން ރުއީމެވެ .

ވަރަށް ގިނަ ފަހަރަށް އާދޭސްކޮއްގެން އަހަރެން ވޯޑަށް ވެއްދިއެވެ. ކޮއްކޮގެ މޫނު ވީހާވެސް އަވަހަކަށް ބަލާލަން ބޭނުންވެގެން ބުނީމައެވެ. ކޮއްކޮ އޮތީ ވަރަށް ރީތިކޮށް ދެލޯ މަރާލައިގެންނެވެ. މިހާރުވެސް އަހަންނަށް އެ މަންޒަރު އެބަ ސިފަވެއެވެ. މިޔަދު ހެނދުނު ކޮއްކޮ ރޯލު ފުޅި ހިފައިގެން އަހަރެންގެ ލޯމަތިން އެ ދިޔައީ މި ދުނިޔެ ދޫކުރަންކަމެއް އަހަންނަކަށް ނޭނގެއެވެ. އެއީ އެއްވެސް އިންސާނަކަށް އެނގޭނެ އެއްޗެއް ނޫނެވެ. އެހެނަސް އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. ކޮއްކޮ ހުއްޓުވުނު ނަމައެވެ، މަންމަ ބުނި ފަދައިން ކޮއްކޮ ހޯދައިގެން ގެނެސް ގޭގައި ބޭންދުނު ނަމައެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ އަހަރެންނަށް ރޮވިފައި ބަލަން ހުރެވުނެވެ. އަދި ވަރަށް ކެތްކޮއްފައި އެ މައުސޫމު މޫނުގައި ބޮސްދިނީމެވެ.

” ކޮއްކޯއެވެ. ހަމަ އެންމެ ފަހަރަކު ނަމަވެސް ލޯ ހުޅުވާލާށެވެ. މިހުރީ ކުޑާއްތަ އައިހެވެ. ކޮއްކޯއެވެ. ކޮއްކޮ އާއި ނުލާ އަހަރެމެން އުޅޭނީ ކިހިނަކުން ހެއްޔެވެ؟ ތެދުވާށެވެ. ކުޑޫ ގައިގައި ޖަހާށެވެ. ބޭނުން ވަރަކަށް ތަޅާށެވެ ނުވެސް ޖަހާނަމެވެ. މަންމަ ގާތު ނުވެސް ބުނާނަމެވެ. ޝަކުވާއެއްވެސް ނުކުރާނަމެވެ.  އަހަރެމެންނާ ވަކި ނުވާށެވެ. މަންމަ އަށް ބަލާލާށެވެ. ކޮއްކޮ އާއި ނުލާ މަންމަ ނެތި ހިނގައި ދާނެއެވެ. މަންމަވެސް ގޮވައިގެން ދާން ބޭނުންވަނީ ހެއްޔެވެ؟ އޭރުން ކުޑާއްތަ އާއި ބައްޕަމެން ދިރިއުޅޭނީ ކިހިނެތް ހެއްޔެވެ” އަހަރެން އެތާ ގިނައިރުވުމުން މީހުން އަހަރެން ނެރުނެވެ.

މަންމަގެ ޙާލު ބޮޑުވާވަރުން މަންމަ ދުނިޔެ ދޫކޮށް ހިނގައިދާނެކަމުގައި މީހުންތައް ކިޔަންފަށައިފިއެވެ. މަންމަ ހޭ އަރާ ކޮންމެ ފަހަރަކު ކޮއްކޮއަށް ގޮވައެވެ. އެމަންޒަރު ދެކެން އަހަރެމެންނަށް ތިބެވޭނެހެއްޔެވެ؟ ކޮއްކޮ ފަދައިން މަންމަވެސް ދުނިޔެއިން ހިނގައިދާނެޔޭ ހިތާ ލޯބިވާ ބައްޕައަށް ކުރާނެ އަސަރު އިހުސާސްކޮއްލާށެވެ.

އަހަރެންނަށް ބައްޕަގެ ލޮލުން ކަރުނަ އައިތަން ފެނުނީ މާލޭގައި ހުރި ތިއްތަ ގުޅުމުންނެވެ. އެނގެއެވެ. ބައްޕަގެ ކެތްތެރިކަން ކޮޅުންލީ ތިއްތަ ރޮއިފައި ބައްޕައަށް ގޮވާލުމުންނެވެ އަހަރެންނަށް އެމަންޒަރު ބަލަން ކެތެއް ނުކުރެވުނެވެ.އަހަރެން ވެސް ރުއީމެވެ. ހުއްޓުމެއް ނެތިއެވެ

ކޮއްކޮ ނިޔާވީ މޫދުގައި އޮއްވާ ފިޓްޖެހިގެންނެވެ. ކޮއްކޮގެ އެކުވެރިން އެކަން ޤަބޫލެއް ނުކުރެއެވެ. ކޮއްކޮގެ ބެސްޓްފްރެންޑް މޯޑުއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ އެކަން ދޮގު ކުރިއެވެ. މަރެއް ނުވާނެޔޭ ބުނެ ޤަބޫލު ނުކުރިއެވެ. އޭނާ އާއި އެކު މޫދުގައި އުޅެފައި މޯޑު ގެއަށް އައިސް ފެންވަރާ ރީތި ނުވަނީސް ކޮއްކޮގެ މަރުގެ ހިތާމަވެރި ޚަބަރު ލިބުނީއެވެ. އެހެންވެ އޭނާއަށް އެކަން ޤަބޫލު ކުރެވޭނީ ކިހިނެތް ހެއްޔެވެ؟

ކޮއްކޮ މޫދުގައި އުޅުނު އިރު މިޔަދު ދެން އެއްވެސް މީހަކަށް ތިމަންނަ އަތު ނުލެވޭނެޔޭ ބުނެ ފަތަމުން ދިޔަކަމަށްވެސް ބައެއް ކުދިން ބުންޏެވެ. އެހެން ބުނީ މުޅި އުމުރަށްވެސް ދުރަށް ދާންކަން އެނގޭނަމަ އެ އެކުވެރިން ކޮއްކޮ ފަހަތުން ދިޔައީސްކަން ޔަޤީނެވެ،

ކޮއްކޮ މޫދުގައި ފިޓްޖެހިގެން އުޅޭނެ ޙާލު ހިތަށް ސިފަވަނީވެސް އެހާމެ ހިތްދަތި ކޮށެވެ. އެދުވަހު އަހަރެމެން އެހާ އުފަލުގަ މީރުކޮށް ކައިގެން ހެވިފައި ވާހަކަ ދައްކާ ހެދި އިރު ކޮއްކޮ މަރަށް ތެޅެމުންދާނެކަމެއް ނޭނގެއެވެ.

އެރޭ ދޮންބެ ރަށަށް އައުމުން އަހަންނަށް ދޮންބެގެ ގައިގައި ބައްދައިގަނެވުނެވެ. ދޮންބެ ފެނުމުން އިތުރަށް ދެރަވީއެވެ، ދޮންބެ އާއި އެކު އަހަރެންގެ ލޯބިވެރިޔާ ( މިހާރު ފިރިމީހާ ) ވެސް އައެވެ. އޭނާ އައުންވީ އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ.

އަހަރެންނަށް މިވާހަކަތައް ލިޔަމުންދާއިރުވެސް ހިތައް ކުރާ އަސަރު ބަޔާނެއް ނުކޮއްދެވޭނެއެވެ. އިއްޔެ ވީ ކަމެއްހެން ލޯމަތީ ސިފަވެއެވެ. އާއިލާގައި އެންމެ ގިނައިން ކޮއްކޮއާޢި އެކު ވަގުތު ހޭދަކުރެވުނީ އަހަންނަށެވެ. ފަހުން ހިތައް އެރިއެވެ. މަންމަ ބުނި ބުނުމަށް ކޮއްކޮ ކޮބާތޯ ބަލަން ދެވުނު ނަމައެވެ. ދޫނި ހިފާށޭ ބުނެ ދިޔުމުން މޫދަށް ގޮސްދޭނެޔޭ އަހަރެންގެ ހިތަކަށް އޭރަކު ނޭރިއެވެ. އެކަމަކު ކުރާނީ ކީއް ހެއްޔެވެ؟ އަބަދާއި އަބަދު އެއްތަނުން ގެނެސް އަނެއްތަނުން ގެނެސް އުޅެމެވެ. މަންމަވެސް އުޅޭނީ އެހެންނެވެ.

ކޮއްކޮ ހޮސްޕިޓަލަށް ގެނައި އިރު ހަށިގަނޑުގައި ހޫނު ހުރިކަމުން ފުރާނަ ހުރިކަމަށްބުނެ ބައެއް މީހުން ކޮއްކޮއަށް ރެސްޕިރޭޝަން ދޭން މަސައްކަތްކުރި ނަމަވެސް ޑޮކްޓަރުން އޭނާ އެތަނުން ނެރުނީއެވެ. ނިޔާވީކަމަށް ޑޮކްޓަރުން ނިންމުމުން އަހަރެމެންގެ ސިކުނޑި ހުއްޓުނެވެ. 12 އަހަރުގެ ލޯބިވާ ކޮއްކޮ އަހަރެމެންނާ ވަކިވީއެވެ. ބައްޕަގެ ފުރާނަވިއްކާލައިގެން ފަދަ ގޮތަކަށް ހުރިހާ ދަރިން ބަލަމުން ކޮއްކޮއަށް ކެނޑިނޭޅި ބޭސްކުރުމަށް ބައްޕަ އާއި މަންމަ ކުރި މަސައްކަތް ހަނދާނަށް ގެނަޔަސް ހިތައް ވާގޮތް ބުނެދޭންވެސް ދައްޗެވެ، ކޮއްކޮއަށްޓަކައި ބައްޕަ އާއި މަންމަ ވީ ޤްރުބާނީ އަކީ ދަރިއަކަށްޓަކައިވެސް މައިންބަފައިންނަށް ވަރަށް މަދުން ނޫނީ ވެވިދާނެ ޤްރުބާނީ އެއް ނޫނެވެ.

ކޮއްކޮ ހިނަވާފައި އޮއްވައި ކައިރީގައި ޤްރުޢާންކިޔަވަން އަހަރެން އިނީ ގިނަބަޔަކު އެދުމުންނެވެ. އެކަމަކު…….. އެތާކު އަހަންނަކަށް ކެތެއް ނުވިއެވެ. ކޮއްކޮއަށް ބެލެނީއެވެ. ރޮވެނީއެވެ. ބޭނުންވަނީ ކޮއްކޮ އާއި އެކު ދިއުމަށެވެ.

އެރެއެވެ، ކޮއްކޮގެ ޖަނާޒާގެ މަސައްކަތް ނިންމުމަށްފަހު އެންމެން ގެއަށް އައީމެވެ. މީހުންތައްވެސް ގޭގެއަށް ދިޔައެވެ. އަހަރެމެން އެންމެން މަންމަގާތުގައި ތިބީމެވެ.

މަންމަގެ ޙާލު ބަޔާންކުރާނީ ކިހިނަކުން ހެއްޔެވެ؟ މަންމަގެ ހުރިހާކަމެއްވެސް ހުއްޓުނެވެ. މިހާރު އޭގެފަހުން ހަތަރު އަހަރުވީއެވެ. އަދިވެސް މަންމަ މުޅިން ޙައްލަކަށް ނޭޅެއެވެ. ކުރީގެ މަޖާ ގޮތްގަނޑު މުޅީންހެން ކެނޑުނެވެ..

*************

އަހަރެންނަށް މި ހާދިސާ ވާހަކައެއްގެ ސިފައިގައި ގެނެސްމިދެވުނީ ވަރަށް އުނދަގުލުންނެވެ. އެތައްފަހަރަކު ނުލިޔެވިގެން ހުއްޓާލެވުނެވެ. ހިތައް ކުރާ އަސަރުންނެވެ. ހަނދާންވާލެއް ބޮޑުކަމުންނެވެ. ކޮއްކޮއަށްޓަކައި މަންމަ ފެތި ފެތުން ހަނދާންވާތީއެވެ. ބައްޕަގެ މިންނެތް މަސައްކަތް ހަނދާންވުމުންނެވެ. އަހަރެމެންނަށް ފަހުން ވިސްނުނެވެ. ކޮއްކޮ ބުނެފައިވާ ޖުމުލަތަކެވެ. މީހުންނަށް ފެނިފައިވާ ހުވަފެންތަކެވެ. އެދުވަހު އަހަރެން ނިދާފައި އޮއްވާ ތެދުވެގެން މަންމައާއި އކު ބަދިގޭގައި އެހީތެރިވެދިނުމަށްވެސް ކޮއްކޮ ގިނަވަގުތު ހޭދަކުރިކަމަށް ވެއެވެ. އެދުވަހު މަންމަ ހަވާދު ހަދަން ދާން ވަންދެންވެސް ކޮއްކޮ އުޅުނީ މަންމަ އާއި އެކުއެވެ. ކޮއްކޮ ނިޔާވި ދުވަހުގެ ކުރީ ދުވަހު އަހަރެން އޮޕަރޭޝަނެއްކުރަން ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެޑްމިޓްވީމެވެ. އެހެނަސް ދޮންބެގެ އެދުމަށް ރަށަށް އަންނަން ބައްޕައަށް މަޖުބޫރުވީ ވެސް އަހަރެންނަށާއި ބައްޕައަށް ކޮއްކޮ ފެންނާނަ ވެގެން ކަމުގައި އަހަރެން ދެކެމެވެ. ކުޅަދުންވަންތަކަމާއެވެ.

ކޮއްކޮއަށް ގަޑިއެއް ގަނެދޭނެކަމަށް ބުނެ ނުގަނެދެވި އުޅެނިކޮށް ކޮއްކޮ މިދުނިޔެ ދޫކުރުމުން ދޮންބެއަށް ވެސް އެކަންތައް އަބަދުވެސް ހިތައް އަރާ ދެރަވެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ދުނިޔެ މިއީ އިމްތިހާނެކެވެ. ކޮންމެ މީހަކީވެސް އެދުވަސް ދެކޭނެ މީހެކެވެ.

***********************

ކޮއްކޮދުނިޔޭގައި ހުރި އިރު އަހަރެން ކޮއްކޮ އާއި ބެހޭގޮތުން ވާހަކައެއް ލިޔަން ފެށީމެވެ. އެވާހަކަ ލިޔެފައި އޮތީ ވަކި ހިސާބަކަށެވެ. ކޮއްކޮ ނިޔާވިފަހުން އެވާހަކަ ލިޔެފައިވާ ފޮތް މަންމައަށް ފެނުނެވެ. އެވާހަކަ ނިންމުމަށް މަންމަ އެދުނެވެ. އެހެނަސް އެވާހަކަ ނިންމާއިރު އަހަރެމެންގެ ކޮއްކޮވެސް ނިމިގެން ދާނެއެވެ. އަހަރެން ލިޔާނީ ކިހިނެތް ހެއްޔެވެ؟ ކޮއްކޮ އާއި އަހަރެންގެ ތަޅާފޮޅުމުގެ ވާހަކަ ލިޔަން ފެށީ މިދުވަސް އެހާ އަވަހަށް އަހަރެމްނަށް ބައްދަލުވާނެ ކަމަކަށްނޫނެވެ.  އަހަރެން ވަރަށް ހިތްވަރުން ވެސް މި ހާދިސާ ވާހަކައެއްގެ ސިފައިގައި ލިޔެވުމުގެ ކުޅަދާނަކަށް ދެއްވީތީ ހެއްދެވި ފަރާތަށް ޝުކުރުކުރަމެވެ.ކިޔުންތެރިންނެވެ. އަހަރެން މިވާހަކަ މަންމައަކަށް ނުދައްކާނަމެވެ. އަހަރެންގެ މަންމަ ހިތާމައިން ފޯވެދާނެއެވެ. ކޮއްކޮގެ އެއްވެސް ކަމެއް އަދިވެސް ހިތަކުން ނުފިލައެވެ.  އަހަރެން އަބަދުވެސް އެދެނީ މަންމަ އަށާއި ބައްޕައަށް ކެތްތެރިކަން ދެއްވުމެވެ. އަދި ލޯބިވާ ކޮއްކޮއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރުމެވެ. އާމީން!

 ( ފަސްޓް ޕަބްލިޝްޑް : އަރާމަގު ވެބްސައިޓް ( 2012 އޮކްޓޯބަރ )  )

Comments (40)

  1. nahu

    varah hurt vejje…. rangalhah vess rovijje salaa…. im ge hayaathah vesss thikahala kalhu andhiri dhuvas thakeh aii…
    umurun enme 15 aharuga im ge firihen kokko midhuniye dhookoh dhiyaeee im ah vess thikahala ethah handhaan thakeh dheeefrr….umuruga enme aharehge thafaathu im aa im ge kokko hunna iru kokko aharen ekani kollaaafa dhiyaee ahannah
    haadha handhaan thakeh dheeefa ey….. salaa ge vaaahaka kiyamun dhiya varakah ahannah sifa vamun dhiyaee aharenge loabivrr kokko… hageegee haadhisaa eh kiyain adhi dhuvahaku vess mihaa varakah hithaku nujehey…. now im beynun vaneee baaarah roan…

  2. salaa

    Nahu ge kokko ah suvarugeyge dhaaimy niumaiy minvaru kurahvaashi aamin… dear hiyvaru gadha kuran vaane.. miee aharemen komme meehakaa ves badhdhalu kuraaane dhuvaheh… dheravany nimigen dhiya gothun… nahu n family ah abadhuves keththerikan dhevvaashi.. TC ..

  3. hasan

    haadhisaa thah badhaluvefaa vanee varah gulhun kuda kodheve.

  4. vittu veeshan

    v dheravejje

  5. na

    v asaru gadha ragalhan ves rovijje…mie real story eh tha….v bodah hithah asaru khfi…..heevane loa kuramathin v kamen hen…v touching….

  6. ibexxx

    Dagdeeru liyevifa vaa kameh badaleh nukureveyne. Maai Allah tiya aaila taka keyterikan devaaahi

  7. asarugadha

    haadha reethi hithaamaveri vaahakaeh.

  8. Thankyou

    You really made me cry my brotehr also died while he went for surfing u rea;lly reminded me of him.n its a story i will always remeber

  9. shaaa

    v nyc …… v hithah assaru kohffi

  10. sham

    v v v v salhi

  11. arusaan

    varah reethi vaahakaeh….

  12. adam

    varha asarugadha ehaame ibraytheri vaahaka eh

  13. ނިއު ދައްތަ

    ސަލާ! ކޮންތާކު ތިއުޅެނީ ؟ ވަރަށް ދެރަވެއްޖެ މިވާހަކަ ކިޔާފަ. ކޮއްކޮއަށް ސުވަރުގޭގެ ނިޢުމަތް ދެއްވުމަށް އެދި ދުޢާކުރަން.

    1. Salaa
      ނިއު ދައްތަ

      ތޭންކްޔޫ ދައްތާ… ތީ … ކުޑޭގެ ނިއު ސިސްތަ؟ ވަރަށް ސަޕްރައިޒްވެއްޖެ ..

  14. lady gaagaa

    vrh dheravejhe vrh
    alhugadu ge ves vrh loabi one year he kuda kuda kokko eh hurey ekuhjhaa ka ehn vehjheyaa vaane dhera ihsaas vey eba

  15. Salaa

    މިވާހަކައަށް ކޮމެންޓްކުރި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ތޭންކްޔޫ….

  16. ނިއު ދައްތަ

    yes.

  17. ryhan

    magey wife mashah mi story foward kuri… maves vahaka kiyaathy… but for the first time my eyes got full of tears… R.I.P mohamed… this really touched my heart. .. salaa I m proud of you for share this n for bravery. ..god bless you

    1. Salaa
      ryhan

      thanxxxxx ryahan.. n thank yhu to ur wife

  18. MOHAMED

    MOHAMED GE FURAANA ah suvarugeyge dhaaimy niumaii minvaru kurAHVAASHIE.AAMEEN.. ADHI ..MUHAMMEDH GE AAILAA AH KEHTHERIKAN DHEHVAASHIE..AAAMEEN. AHARENNAH VRH ASARU KURUVI VAAAHAKA EH..

  19. shahu

    mee hageegee vaahaka eh tha salaaa……….vvvvvvvvvvvvv reethi mi story…

  20. kamana

    aslu vaahaka eh tha mii?? v riithi..

  21. Salaa

    Yes mee hama hageegee vaahaka eh.. 🙁 mi vaahakaige emme jumla eh gai ves true nun ehcheh nuvaane and mee me ge real life.. kokko e ee me ge ebbandu ebbafaa kokko.. its my story.. 🙁 :'(
    .. ..

  22. lovely girl

    me ahingunu furathamaves mivaahaka kiyaafa mee salage life ge vahakaehkan…kuduge name liyefa hureema

  23. maree

    varah salhi

  24. Shiya

    touching stry…god bless ur brother n family..

  25. Sham

    .Varah dheravaa vaahaka eh. Rovihje.Salaage kokko ah suvarugeyge dhaaimy niumaiy dhehvaashi.. Aameen 🙁

  26. mysterious girl

    Inna lillaahi vainna ilaihi raajioon
    Salaa ge kokko ah suvarugeyge dhaaimee niumai dhehvavaandheyve
    mi vaahaka kiyaafa hithuge enme hima naaru thakah ves asaru kohfi
    midhiya december ga maruvi magey loabiva kokko mathin ves varah handhaan vejje :'(

  27. faathun

    mivaahaka kiyamun dhiyairu hama rovijje v asaru kohfi ….god bless ur family

  28. no name

    v v v nice story

  29. athoo

    great story

  30. Shaari

    Salaage kokko ah suvarugeyge dhaaimee niumah minvaru kurahvaashi , adhi salaage aailaa ah abadhuves kehtherikan minvaru kurahvaashi, Hama heevanee same story hen, I miss my brother a lot 🙁 🙁

  31. ainth

    Alhey vara dheravaa vaahaka eh loabi loabi kokko ah suvarugeyge dhaaimee niumah minvaru kuravaashi miss you sooo much vara hadhaa vey thidhuvas mathi.

  32. RIFA

    HAMA ROVI ROVI FA KIYUNEE VAAHAKA

  33. wisam

    varah dheravi mi vaahaka kiyaafa adhi kuda iru wisham ge kokko menaa eku kukhen ulhe thalhaafolhaa hedhi dhuvasthah mathin v handhaanvi…salaage kokko ah allah suvarugeyge dhaaimee niumai dhevvaashi..aameen

  34. shaanyy23

    varah iburaihtheri vaahaka eh… abadhuves dherakameh dhimaavyma hithah araane alhe egothah kanthah kurevunu nama mihen neh nuvys eyy.. salaa ge family ah kehtherikan dhevvaashi.. vvvvvvvvvvvv rythi vaahaka eh.. life time ga adhi kiyunu emme asarugadha hageegee vaahaka mi..

  35. Ainth

    V v dheravehje salaa ah dhimaa vi gothun. Thi family ah kehtherikan minvaru kohdhehvaashi.

  36. Reet

    V Salhi Reet ge Mom niyaa v dhuvass mathin handhaan v aaru Reet age aky enme 12 aaru Reet ge Hagah 4 Kudhin thibe mivaahaka kiyaafaa hadhaan v mom aharumen 5 Kudhin nah vess naane Varu Varah dhara vehje

  37. ޖަންނަ

    Inna lillahi wainna ilai hi raajioon
    it’s a very sad story..

  38. Arusham

    Salaa ge kokko ah suvarugeyge dhaaimee niumaiy minvaru kohdhehvaashi aameen….. Alhugandu ge kokko akah vx vanii Hama thikahala haadhisaa eh dhimaaavefa…. I really missed her Mi vaahaka kiyaifa…. ?????

Comments are closed.