” މިރޭ އަދި އެހާ ފަސޭހައިން ނިދޭނެއޭ ހީނުކުރައްޗޭ!… އަހަރެން މިރޭ ނަޖޫ ނިދިޔަކަ ނުދޭނަން.. ” ޝިޔާޒް އެހެން ބުނަމުން ނަޖުވާ ގައިގަ ބާރަށް ބައްދައިލިއެވެ. ”މިއުފާވެރި ރޭ އަހަރެން ބޭނުންވަނީ ނަޖޫ އާއި އެކީ ހޭދަކުރަން.. ” މިރޭ ހާދަ ލޮތްބެއް ތިވަނީ..! ” ނަޖުވާ އެހެން ބުނަމުން ހިނިތުން ވެލިއެވެ. ”އަހަރެން މިރޭ ބޭނުންވަނީ ނަޖޫ ހިތް ފުރެންދެން ލޯބި ދޭން… ނަޖޫ ހިތްހަމަ ޖެހޭވަރަށް ، ނަޖޫ ބޭނުންވާ ވަރަށް، ” ޝިޔާޒް ބުންޏެވެ. ”މިރޭގެ ހަނދާންތައް އަހަރެންގެ ހިތުގައި އަބަދައްވެސް ފޮރުވާނަން.. ޝިޔާޒް ދުވަހަކުވެސް އަހަންނަށް ތި ދޭ ލޯބި ހަނދާން ނައްތާ ނުލާތި އިނގޭ! އަހަރެން އަބަދުވެސް ޝިޔާޒް އާއި އެންމެ ގާތުގައި ވާނަން،” ނަޖުވާ ޝިޔާޒްގެ މޭމަތީގައި ބޯ އަޅާލިއެވެ. އަދި ޝިޔާޒްގެ ކަނދުރާގައި ފިރުމަން ފެށިއެވެ. ޝިޔާޒް އަށް ކުރެވެމުންދިޔަ މަސްތީ އިހްސާސްތަކުން ދެލޯ މަރައިލިއެވެ.
ހިޔާލުތަކުން ނަޖުވާ އަށް ދުރުވެވުނެވެ. އަދި ފޮޓޯ އަލްބަމް ނަގާފައި ޝިޔާޒްގެ ފޮޓޯ އަކަށް ބަލަންފެށިއެވެ. ނަޖުވާގެ ހިތައް އަރަމުން ދިޔައެވެ. ” އެރޭ ހާދަ ލޯބިން……
ޝިޔާޒް އަހަންނަށް ލޯބިދިނެވެ. އެރޭ ޝިޔާޒް ހާދަ ލޯބިން އަހަރެންގެ ގައިގައި ފިރުމައިދިނެވެ. ޝިޔާޒްގެ ލޯބިން އެރޭ އަހަރެންގެ ހިތް ފުރުނެވެ. އެރޭގެ އެތަކެއް ހަނދާންތަކެއް އަހަރެންގެ ހިތުގައި ފޮރުވިފައި ވެއެވެ. އެރޭގެ މަތިން ޝިޔާޒް ފަހަރެއްގައި ހަނދަން ނެތުނަސް އަހަރެން ހަނދާން ނުނެތޭނެވެ.” ނަޖުވާ އަލްބަމް ލައްޕައިލިއެވެ. އަދި އަލްބަމް ހިފައިގެން ނަޖުވާ ހިނގައިގަތީ އަލަމާރިއާ ދިމާއަށެވެ. އަލްބަމް އޮންނަތަނުގައި އެ ބޭއްވުމަށްފަހު ، ނަޖުވާ އަލަމާރީގެ މަތީ ވަތްގަނޑު ހުޅުވައިލިއެވެ. އެއީ މީގެ ކުރިން ނަޖުވާ ހުޅުވައި އުޅުނު ވަތްގަނޑެއް ނޫނެވެ. އާންމުކޮށް ޝިޔާޒް ބަހައްޓަނީ އެ ވަތްގަނޑު ތަޅުލައިފައެވެ. ނަމަވެސް މިފަހަރު ހުރީ ވަތްގަނޑު ތަޅު ނުލައިކަމުން ތަޅުގައި ހިފާލިއިރަށް ވަތްގަނޑު ފަސޭހައިން ހުޅުވިއްޖެވެ. ވަތްގަނޑު ތެރޭގައި ވަރަށް ގިނަ ފޮތްތަކުގެ އިތުރުން އަލްބަމަކާއި އެގްޒަމިނޭޝަން ޕޭޑެއް ވެސް އޮތެވެ. ނަޖުވާ އެއަލްބަމާއި އެ އެގްޒަމިނޭޝަން ޕޭޑް ނެގިއެވެ. އެވަގުތު ނަޖުވާގެ ހިތައް އެރީ އެއްދުވަހަކު ޝިޔާޒް ބުނެފައިވާ ޖުމްކައެކެވެ.
”މިވަތްގަނޑުގައި ހުންނަނީ އަހަރެންގެ ވަރަށް މުހިއްމު އެއްޗެހިތަކެއް ނަޖޫ މީގައި ހުންނަ އެއްވެސް އެއްޗެއް ނުބަލާތި….” ނަޖުވާ އަލްބަމް އަދި އެގްޒަމިނޭޝަން ޕޭޑް ވަތްގަނޑަށް ލިއެވެ. ދެން ނަޖުވަާ އިޅުކޮޅެއް ވަންދެން ވިސްނަން ހުއްޓެވެ. ނަޖުވާ ވިސްނަމުން ދިޔައީ ޝިޔާޒް އެހެން ބުނި ސަބަބަކާ ދޭތެރޭގައެވެ. ނަޖުވާ ގަޑިއަށް ބަލައިލިއެވެ. ޝިޔާޒް އޮފީހުން އަންނަވެސް ގަޑި ޖެހެނީއެވެ. ނަޖުވާ އަނެއްކާވެސް އެ ވަތްގަނޑު ތެރެއިން އަލްބަމް އަދި އެގްޒަމިނޭޝަން ޕޭޑް ނެގިއެވެ. އެވަގުތު ޕޭޑް ތެރެއިން ސިޓީ އުރައެއް ވެއްޓުނެވެ. ނަޖުވާ ކުޑަކޮށް ގުދުވެލާފައި ތަޅުންގަނޑު މަށްޗައް ވެއްޓިފައިވާ ސިޓީއުރަ ނެގިއެވެ. އަދި ތެދުވަމުން ސިޓީ އުރައަށް ބަލާލި އިރު އެ ސިޓީ އުރަ އޮތީ ކަނޑާފައެވެ. ނަޖުވާ އަވަހަށް ސިޓީއުރަ ހުޅުވައި ބަލާލިއެވެ. އޭގެ ތެރޭގައި އޮތީ ހިކިފައި އޮތް ފިނިފެންމަލަކާއި ސިޓީ އެކެވެ. ބަލާބެލުމުން ހީވަނީ ވަރަށް ދުވަސް ވެފައިވާ މަލެއްހެންނެވެ. ނަޖުވާ ސިޓީ ނަގާފައި ސިޓީ މަތީގައި އިނގިރޭސިން ލިޔެފައިވާ ތަންކޮޅެއް ކިޔައިލިއެވެ. ” އައި.. ލަވް ޔޫ .. ޝިޔާޒް.. ވިތް ލަވް ޖުމާ” އެތަންކޮޅު ކިޔައިލުމާއި އެކު ނަޖުވާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނަޖުވާ ސިޓީ ބޮޑިކޮށްލާފައި ކުނި ވަށިގަނޑަށް ވައްޓާލިއެވެ.
” އަދިވެސް ޝިޔާޒް އެއުޅެނީ ޖުމާ ދީފައިހުރި އެއްޗެހިތައް ފޮރުވައިގެން…. އަދި އަހަރެން ގާތު ބުނެފިއެއްނުން އެ ވަތްގަނޑު ނުހުޅުވާށޭ…އެހެރީ ޝިޔާޒް އަހަންނަށް ކަންތައްތައް ސިއްރު ކުރާވަރު…. މިހާރު ދެން ކީއްކުރަން މިއެއްޗެހި ބޮޑު ވަތްގަނޑަކަށް ލައިގެން ފޮރުވަންވީ… އަހަަންނާއި ކައިވެނި ކުރަން އުޅުނު އިރު ޝިޔާޒް އަހަރެން ކައިރީގައި އެއްދުވަހު ބުނި ޖުމާ މަތިން މިހާރު ހަނދާން ނައްތާލައިފީމޭވެސް…. އަދި ޖުމާގެ އެއްވެސް ހަނދާނެއް މިހާރު ޝިޔާޒްގެ އަތުގައި ނުހުންނާނޭވެސް… ކީއްވެ ޝިޔާޒް ދޮގުހެދީ އަހަންނަށް؟.. ޖުމާ މަތިން ޝިޔާޒް ހަނދާން ނައްތައިލި ނަމަ މިވަތްގަނޑުގައި މި އެއްޗެހި ނުހުންނާނެ އެންނު” ނަޖުވާ ހިތާއި ހިތުން ބުނެވުނެވެ.
ޝިޔާޒ އޮފީހުން ނިމިގެން އައިސް ކޮޓަރީގެ ދޮރު ހުޅުވައިލި އިރު ވައްގަނޑު ތެރޭގައި ހުރި އެއްޗެހިތައް ނަޖުވާ އެނދުމައްޗައް އުކަނީއެވެ. ޝިޔާޒް ހައިރާން ކަމާއި އެކު ނަޖުވާގެ އަތުގައި ހިފައިލުމުން ނަޖުވާ ރުޅިއައިސްފައި ޝިޔާޒްގެ އަތް ފޮޅުވާލިއެވެ. ” ދުރައްދޭ އަހަރެންގެ ކުރިމަތިން ” ނަޖުވާ ޝިޔާޒް އާއި ދިމާއަށް ވަރަށް ބާރަށް ހަޅައިލަވައިގަތެވެ. ” ނަޖޫ މޮޔަވީތަ؟.. ކިހިނެއްވެގެން ތިއުޅެނީ..؟ ޝިޔާޒް ބުންޏެވެ. ޝިޔާޒް ހުރީ ވަރަށް ބޮޑަށް ހައިރާން ވެފައެވެ. ” އަހަރެން އަދި މޮޔަވެސް ވާނެ….” ” ކާކާހެދި؟” ” ތި ޝިޔާޒް އާއި ހެދި .. ތީ ބޮޑު ދޮގުވެރިއެއް .. މަކަރު ވެރިއެއް…” އެހެން ބުނަމުން ނަޖުވާ ފެށީ ރޯށެވެ. ޝިޔާޒް ފުން ނޭވާ އެއްލަމުން ނަޖުވާ ގައިގައި ހިފަހައްޓާލިއެވެ. ހަމައެއާއި އެކު ނަޖުވާ ޝިޔާޒްގެ މޭގައި އަތް އަޅައި ބާރަށް ދުރަށް ކޮށްޕާލިއެވެ. ނަޖުވާ އަކީ ރުޅި އަތުވެއްޖެ ނަމަ ވަރަށް ރުޅިގަދަ ކުއްޖެކެވެ. ގިނަ ފަހަރަށް ރުޅިއައިސްގެން އަނގައިން ބުނެވޭ ނުބުނެވޭ އެއް ނަޖުވާ އަކަށް ނޭނގެއެވެ. ނަޖުވާގެ ރުޅި ކޮންޓްރޯލް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ޝިޔާޒް އަށް ވަރަށް ރަނގަޅަށް އިގެއެވެ.
” ޝިޔާޒް ހުރިހާ ކަމެއްވެސް އަހަންނަށް ސިއްރު ކުރޭ..! އަހަންނަށް އަބަދުވެސް ޝިޔާޒް ހަދަނީ ދޮގު… އަހަރެން ދެން ޝިޔާޒް ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނަން.. އަދި ނުވެސް ނުވެސް ކުރާނަން… ” ނަޖުވާ ރޮމުން ޝިޔާޒް އާ ވާހަކަ ދެއްކިއެވެ. ” އަހަރެން ދެން ޝިޔާޒަށް އިތުބާރެއްވެސް ނުކުރާނަން.. ”
”އަހަރެން ނަޖޫއަށް ހެދީ ކޮން ދޮގެއް؟ އަހަރެން ނަޖޫގެ އިތުބާރު ގެއްލޭ ވަރުގެ ކަމެއް ނުކުރަން…. ޕްލީޒް ނަޖޫ.. ގަބޫލު ކޮށްބަލަ…” ޝިޔާޒް އާދޭހާއި އެކު ނަޖުވާގެ އަތުގައި ހިފަހައްޓާލިއެވެ.
”ދޫކުރޭ އަހަރެންގެ އަތުން… ޝިޔާޒް އަހަރެންގެ އަތުގައި އަތްލާނެ ކަމެއް ނެތް..” ނަޖުވާ އެހެން ބުނުމުން ޝިޔާޒް ގާތަށް އައީ ރުޅިއެވެ.
” ނަޖޫ ހީކުރީ ނަޖޫ އަށް އެކަނި ކަމައްތަ ރުޅިއަންނަން އިނގެނީ… އަހަންނަށްވެސް ރުޅިއަންނަން އިނގޭ.. ހީނުކުރާތި މަޑުމައިތިރި ކަމާއި އެކު އަހަރެން ވާހަކަ މިދައްކަނީ ރުޅިއަންނަން ނޭނގޭތީއޭ… ފުރަތަމަ ރުޅިއަންނަންވީ އަހަންނެއްނު.. އަހަރެން ނަޖޫ ގާތު ބުނެފައި އޮންނާނީ އެ ވަތްގަނޑު ނުހުޅުވާށޭ….އަހަރެން އެހެން ބުނެފައި އޮށްވާ ނަޖޫ ކީއްކުރަންތަ އެއެއްޗެހިތަޢް ބެލީ؟..” ޝިޔާޒް މިހާރު ހުރީ ނަޖުވާ ދެކެ ވަރަށް ރުޅިއައިސްފައެވެ.
” އަހަންނަން ކަންތައްތައް ސިއްރު ކުރަންވެގެންނެއްނުން ވަތްގަނޑު ހުޅުވަން މަނާ ކުރާނީ… ޝިޔާޒް ކީއްވެ ބުނީ މިހާރު ޝިޔާޒް ޖުމާ މަތިން ހަނދާން ނައްތާލައިފީމޭ؟.. ޖުމާގެ އެއްވެސް އެއްޗެއް ނުހުންނާނެއޭ…ހަނދާން ނައްތާލި މީހެއްގެ ސިޓީ ތަކާއި އެހެން އެހެން އެއްޗެހިތައް ފޮރުވައިގެން ގެންގުޅުމުގެ ބޭނުމަކީ ކޮބާ؟” އެހެން ބުނަމުން ދިޔައިރުވެސް ނަޖުވާ ރުއިން ހުއްޓާ ނުލައެވެ.
” ނަޖުވާ ތިހެން ތިބުނަނީ އަހަރެންގެ ހިތް ނަޖުވާ އަށް ފެނޭތަ؟.، އަހަރެންގެ ހިތުގައި އޮތީ ކޯއްޗެއްކަން ނަޖުވާ އަށް އިނގޭތަ؟ ނޭނގޭނެ….. ހަގީގަތުގައިވެސް މިހާރު އަހަރެންގެ ހިތުގައި ޖުމާގެ ހަނދާންތަކެއް ނެތް.. އަހަރެން އެއެއްޗެހި ފޮރުވާފައި ބެހެއްޓީ ޖުމާ އަކީ އަހަރެން އެންމެ ލޯބިވި ކުއްޖާ ކަމަށްވީތީ…އެހެން އެއްވެސް އެއްޗެއް ޖުމާ އާއި ދޭތޭރޭގައި އަހަރެން ހިތަކު ނެތް…”ޝިޔާޒް ހާމަ ކުރީ ހަގީގަތެއް ނޫނެވެ.
” ދޮގު ތީއީ ހުސް ދޮގު…. އަހަރެން ތިވާހަކަތަކެއް ގަބޫލެއް ނުކުރާނަން… ޝިޔާޒް އަދިވެސް ޖުމާ ދެކެ ލޯބިވޭ….! ޖުމާ މަތިން ހަނދާން ކުރޭ! ” ނަޖުވާ އަނެއްކަވެސް ބުންޏެވެ.
” އާނ… އާނ…. އަހަރެން އަދިވެސް ޖުމާދެކެ ލޯބިވަން ، ޖުމާމަތިން ހަނދާންވެސް ކުރަން، .” ޝިޔާޒް ބާރަށް ބުނެލުމުން ނަޖުވާގެ މޫނަށް ހައިރާންކަމެއް ވެރިވެގެން ދިޔައެވެ. ސަބަބަކީ ޝިޔާޒް އެހެން ބުނެފާނެ ކަމަކަށް ފަހަރެއްގައިވެސް ނަޖުވާ ހިއެއް ނުކުރައެވެ. ނަޖުވާ ރޮމުން ރޮމުން ބިންމައްޗައް ތިރިވިއެވެ. ކަންބޮޑުވެފައި ޝިޔާޒް ނަޖުވާ އަށް ބަލަހައްޓާއިގެން ހުއްޓެވެ. ކަންތައްތައް ވެގެން ދިޔަގޮތުން ޝިޔާޒް ހުރީ ހިންހަމަ ނުޖެހި ފާޑަކަށް ރުޅިވެސް އައިސްފައެވެ. ދިރިއުޅުމުގައި އެއްވެސް މައްސަލައެއް ޖެހޭކަށް ޝިޔާޒް ބޭނުމެއްނުވެއެވެ. އެހެން ނަމަވެސް ކަންތައްތައް ވަމުންދާގޮތުން ހަމަޖެހޭ ދިރި އުޅުމެއް އުޅެވޭނެކަމަކަށް ޝިޔާޒް އަށް ޝައްކެވެ.
” ނަޖޫ އަހަރެން ތެދައް ވާހަކަ ދެއްކީމަ ގަބުލު ނުކުރަންޏާ ދެން ޖެހޭނީ ދޮގުހަދަން…. އިތުބާރު ނުކުރަންޏާ ކިހިނެއް ހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭނީ؟.. ” ޝިޔާޒް އެހެން ބުނެފައި ނަޖުވާ ވަތްގަނޑު ތެރެއިން ނަގާފައި ހުރި އެއްޗެހި އަނެއްކާވެސް ވަތްގަނޑަށް ލާފައި ތަޅުލިއެވެ. އެއަށްފަހު ޝިޔާޒް ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. އެވަގުތު ނަޖުވާ ރޮމުން ކޮޅަށް ތެދުވިއެވެ. އަދި ގޮސް އެނދުގައި އިށީނެވެ. ބާލީހެއް ނަގައި އުނގުމަތީގައި ބާއްވާލިއެވެ. އެވަގުތު ނަޖުވާ އަދި ޝިޔާޒް ގެ ދަރި ފުޅު މަލްޝާ ކޮޓަރިއަށް ވަނެވެ. މަލްޝާ ގޮސް ނަޖުވާގެ އުނގުގައި އިށީނެވެ. ނަޖުވާ ދެލޮލުން ކަރުނަ ފޮހެލުމަށްފަހު މަލްޝާގެ މޫނަށް ބަލައިލަމުން ހިނިތުން ވެލިއެވެ.
މާހިން އާއި އެކު ޝިޔާޒް އިނީ ރެސްޓޯރެންޓެއްގައިއެވެ. ކެއުމަށްވުރެ ބޮޑަށް ޝިޔާޒް އިނީ އަމިއްލަ ދިރިއުޅުމާއި މެދު ފިކުރު ބޮޑުވެފައެވެ. އަމިއްލަ ދިރިއުޅުން އަތުން ބީވެގެން ދާހެން އުޅޭހެން ޝިޔާޒް އަށް ހީވާތާ ދުވަސް ކޮޅެއް ވެއްޖެއެވެ. މިއަދު އެކަން ޝިޔާޒް އަށް ޔަގީން ވެއްޖެއެވެ. ޝިޔާޒް މާހިން އަށް ކިޔައިދެމުން ދިޔައީ ނަޖުވާގެ ވާހަކަ ތަކެއެވެ. މިއަދު ކަންތައް ދިމާވި ގޮތުގެ ވާހަކަތަކެވެ.
” އަހަރެން ދެން ކިހިނެއް ހަދާނީ؟ މާހިން ބުނެބަލަ އަހަރެން ދެން ހަދަންވީ ގޮތެއް؟” ޝިޔާޒް މާހިން ކުރެން އަހާލިއެވެ. ” ތިކަމުގައި އަހަރެން ވަކި ކީކޭ ބުނާނިވެސް ފުރަތަމަ ޝިޔާޒް ކިޔައިދީބަލަ ޝިޔާޒްގެ މާޒީ…. ޖުމާ އާއި ޝިޔާޒް ދިމާވި ގޮތާއި، އަދި ވަކިވާން ދިމާވި ސަބަބާއި، ދެން ނަޖުވާއި ކައިވެނި ކުރަން ޖެހުނު ސަބަބު.. މިހުރިހާ އެއްޗެއް އެނގިގެންނެއްނު އަހަންނަށް އެއްޗެއް ބުނަން އިނގޭނީވެސް.. މިހާރު އަހަންނަށް އިނގެނީ ޝިޔާޒްގެ ދިރިއުޅުމުގެ އެއްބައި…. މިހާރު ކަންތައްތައް ވަމުންދާގޮތް އެކަނި …” މާހިން އެހެން ބުނުމުން ޝިޔާޒް ފުންނޭވާ އެއްލަމުން ބޯ ޖަހާލިއެވެ.
” މާހިން …. ތެދުވާހަކައެއް ތިބުނީ….. ހުރުހާ ކަމެއް އެނގިގެން ނުނީ ސީދާ އެއްޗެއް ބުނާކަށް ނޭނގޭނެ…. މާހިން އަށް ހުރިހާ ވާހަކަ އެއް ކިޔައިދޭން އަހަރެން ބޭނުން ” ޝިޔާޒް އިނި ވަރަށް ސީރިއަސް ވެފައެވެ.
” ތިހެން ކޮންމެ ފަހަރަކުވެސް ބުނާނީ…. އެއްފަހަރަކުވެސް ކިޔައެއް ނުދެވޭ!.. ކީއްވެތަ؟ އަހަންނަށް ހީވަނީ ޝިޔާޒް އަހަންނަށް އިތުބާރު ނުކުރަނީހެން… ” މާހިން ހިތްހަމަ ނުޖެހިފައެވެ.
” ނޫނޭ! ތިހެން ހީނުކުރޭ! އަހަރެން މާހިން އަށް ވަރަށް އިތުބާރު ކުރަން.. މިފަހަރު އަހަރެން މާހިން އަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން… އަޑުއަހާ!” ޝިޔާޒް އެހެން ބުނެފައި އޭނާގެ މަޒީގެ ސަފްހާތައް މާހިންގެ ކުރިމަތީގައި ހާމަ ކުރަންފެށިއެވެ.
***** ނުނިމޭ*****
6 Comments!
Comments are closed.



Salhi.
thank you reader
reethi
thank you unaal
V reethi ?
މި ވާހަކަ 9 ވަނަ ޕާޓު ކޮބާ ؟