ބޭނުންވަނި އުމުރަށް 06
” ކޮބާ ސާރާ ކިހިނެއްވަނީ ” ޒާހިން ސުވާލުކޮށްލިއެވެ. ” ވަރަށް ފައްކާ. ވަރަށް ރީތި. ހީވަނީ ހުރިހާކަމެއްވެސް އޯކޭ ވާނެހެން ” ސިނާން ބުނެލިއެވެ. ” އެވިސްނުމުގައިތަ ތިއުޅެނީ ” ޒާހިން ބުނެލިއެވެ. ” އެއީނު ކަމަކީ ” ސިނާން ހީލަމުން ބުނެލިއެވެ. ” އެވިސްނުމުގައި ހުއްޓަސް ގޯހެއް ނުހަދާތި ” ޒާހިން ބުނެލިއެވެ. ” އަހަރެން ކުރާކަމެއް ކުރާނީ ވަރަށް ވިސްނައިގެން ” ސިނާން ބުންޏެވެ.
އަކިޔަލް އޮފީހަށް ނިކުންނަން ފެށިފަހުން ކޮންމެވެސް ވަރަކަށް މޫނުމަތިން ހިނިތުންވުން ފެންނަމުން ދިޔައެވެ. ނަމަވެސް ހިތުން ސާރާގެ ނަން ފޮހެވިގެން ނުދެއެވެ. އެނަންވަނީ އަކިޔަލްގެ ހިތުގައި ކަޑާ ބިންވަޅުނެގިފައެވެ.
” ސާރާ ކޮބާ؟ ” ނާސިދު އަހާލިއެވެ. ” ބޭރަށްގޮސްވީ ” ނާހިދާ ބުނެލިއެވެ. ” ސާރާ މިހާރު އެއްގޮތަކަށްވެސް ގޭގައި މަޑުނުވަނީތަ؟ ” ނާސިދު އަހާލިއެވެ. ” ގޭގައި މަޑުނުވަނީއެއްނޫން. އެކަމަކު މިހާރަކަށް އައިސް ވަރަށް ގިނައިން ބޭރަށްދޭ. ރޭގަނޑުވެސް…! ކުރިން ރެއަކުވެސް އަހަރެން ފެންބޯންވެގެން ނިކުތްއިރު ސާރާ ބޭރުން އައިސް ގެއަށްވަންނަނީ. އަހަރެން ސުވާލުކުރުމުންވެސް ދިޔަތަނެއް ނުބުނި. ހަމައެކަނި ބުނީ ބޭރުންނޭ އައީ ” ނާހިދާ ބުނެލިއެވެ. ” އެހެން ސާރާ ބޭރަށް ދިޔަނުދީ. އެގޮތަށް ދާންވެއްޖެނަމަ އަހަރުމެންނަށް ސާރާ ގެއްލިދާނެ ” ނާސިދު ބުނެލިއެވެ. ” އަހަރެން ކިހާވަރަކަށް ބުނާނީ ސާރާ ގާތުގައި ތަންތަނަށް ނުދާން. ހާއްސަކޮށް ރޭގަނޑު. އެކަމަކު ސާރާ އަހަރެންގެ އަޑެއް ނޭހި. ސާރާއަކީ ވެސް ކުޑަކުއްޖެއްނޫން ވިއްޔާ ބުނާ އެއްޗެއް އަޑު ނީވިގެން އުޅެން ” ނާހިދާ ހިތްހަމަ ނުޖެހޭ ފާޑަކަށް ބުންޏެވެ. އެވަގުތު ސާރާ އައިސް ގެއަށް ވަނެވެ. ” ދަރިފުޅޭ ސާރާ މިތާ ބައްޕަގާތުގައި އިށީދެބަލަ ” ސާރާ ގޭތެރެއަށް ވަދެގެން ދާންފެށުމުން ސިޓިންރޫމްގައި އިން ނާސިދު ބުނެލިއެވެ. ” ބައްޕައަށް ދަރިފުޅު މިހާރު ތިއުޅޭގޮތް ކަމަކުނުދޭ. ދަރިފުޅު މާގިނައިން މިހާރު ބޭރުގައި އުޅެނީ. ދަރިފުޅަކީ މީގެ ކުރިން ބޭރަށް ގޮސްއުޅޭ ކުއްޖަކަށް ނުވާތީ ބައްޕަ މިހެން މިބުނީ. ބައްޕަ އުންމީދު ކުރަން ދަރިފުޅު ބައްޕަގެ ބަސްގަބޫލު ކުރާނެކަމަށް ” ނާސިދު ވާހަކަދައްކަމުން ދިޔައިރު ސާރާ އިސްޖަހާލައިގެން އިނެވެ. ބަހެއްވެސް ނުބުނެއެވެ.
” މިހާރު އޮފިހަށް ދާންފެށީމާ ކިހިނެއްވަނީ ” ސާހިދު އަހާލިއެވެ. ” ގޭގައި އޮތުމަށްވުރެއް މާބޮޑަށްވެސް ރަނގަޅު ” އަކިޔަލް ބުނެލިއެވެ. ” އަހަރެން ކުރިން ވެސް ބުނީމެއްނު މީހުންގެ ތެރެއަށް ނުކުމެއުޅުނީމާ ބޭކަރު ހިޔާލްތަކާ ދުރުވެސް ވާނެއޭ ” ސާހިދު ބުނެލިއެވެ. ” ތިކަން މިފަހަރު ތިއޮތީ ސާހިދު ބުނިހެންވެފަ ” އަކިޔަލް ބުނެލިއެވެ. ” ގެއަށްތަ ތިދަނީ ” ސާހިދު އަހާލިއެވެ. އާނ. އޮފީސް ނިއްމާލާފަ ގެއަށްދަމުން ހިތަށްއެރީ މިގެއަށް ވަދެލާފައޭ ދާނީ ” އަކިޔަލް ބުނެލިއެވެ. އެއަށްފަހު ގެއަށްދާން އަކިޔަލް ހިނގައިގަތެވެ.
އަކިޔަލް ހިނގަމުން ގޮސް ގެ ހުރިމަގަށް ނިކުތް ވަގުތު ކުރިމަތީ ހުރީ އަކިޔަލްގެ މާމަ ދޮންއައިސައެވެ. ދޮންއައިސައަށް އަކިޔަލް ފެނުމުން ފާޑަކަށް ބަލާލުމަށްފަހު ހިނގައިގަތެވެ. ” މާމާ ” އަކިޔަލް ފަސްދީ ދޮންއައިސަ ދިޔުމުން އަކިޔަލް ފަސްއެނބުރި ބަލާލުމަށްފަހު ގޮވާލިއެވެ. އެވަގުތު ދޮންއައިސަ މަޑުކޮށްލިއެވެ. ” މާމަ ކީއްވެގެންތަ އަހަރެންނާ ވާހަކަ ނުދައްކަނީ. އަހަރެންގެ ކުށަކީކޮބާ؟ މާމަމެން ގަބޫލް ކުރާގޮތުން މަންމަ އާއި ބައްޕަ ކުރި ކުށެއްގެ ސަޒާ އަހަރެންނަށް ލިބެންވީ ކީއްވެ. އަހަރެންގެ އުމުރުން ވީހާ ދުވަހެއްމިވަނީ މާމަމެންގެ ލޯބި ނުލިބި ” އަކިޔަލް ބުންޏެވެ.
” މަންމައަށް ކިހިނެއްވީ….. ވެއްޓުނީއޭ ” ދޮންއައިސައާ ވާހަކަ ދައްކަން ހުއްޓާ އަކިޔަލްގެ ފޯން ރިންގް ވާންފެށުމުން ފޯން ނަގާ ކަންފަތުގައި ޖައްސާ ވާހަކަ ދައްކަން ފެށިއެވެ. އަކިޔަލްގެ ވާހަކަ ހުރިގޮތުން ސަކީނާއަށް ކަމެއްވެއްޖެކަން ދޮންއައިސައަށް އެނގުމުން ފަސްއެނބުރި ބާލާލި އިރު އަކިޔަލް ދުވަމުން ގެއާ ދިމާއަށް ދެއެވެ.
އަކިޔަލަށް ގެއަށް ދެވުންއިރު ސަކީނާ އޮތީ ސިޓިންގް ރޫމްގައި ބާއްވާފައެވެ. ހިސާބަކަށް މީހުން ގޭތެރޭގައި ތިބުމުން އަކިޔަލް މީހުންތައް އެއްފަރާތް ކުރަމުން ސަކީނާއާ ހަމައަށް ދިޔައެވެ. އޭރު ސަކީނާގެ ދެލޯމެރި އަނގައިން ފޮނުތަކެއް އައިސް އަނގަވަނީ އެއްފަރާތަކަށް ދަމައިގަނެފައެވެ. ” މަންމާ ކިހިނެއްވީ….. ލޯހުޅުވާބަލަ ” އަކިޔަލް ސަކީނާގެ ގާތުގައި އިށީދެ ގޮވަންފެށިއެވެ. ” އިނާޔާ އަވަހަށް އެމްބިއުލާސްއަށް ގުޅާބަލަ ” ހާސްވެފާއިން އަކިޔަލް ބުނެލިއެވެ. ” އަހަރެން އެމްބިއުލާސްއަށް ގުޅާފަ އަކިޔަލްއަށް ގުޅީ ” އިނާޔާ ބުންޏެވެ.
އެމްބިއުލާސް އައުމުން ސަކީނާ އެމްބިއުލާސްއަށް އެރުވިއެވެ. ” އިނާޔާ ގެ ތަޅުނުލާ އެހުރީ. ބަނދިގޭ ކަބަޑު ތެރޭގައި ތަޅުދަޑިފަތި އޮންނާނެ. ގެ ތަޅުލާފަ ތަޅުދަޑިފަތި ފިހާރައަށްލާތި. ދެން ސާހިދުއަށް ގުޅާފަ ބުނެލާތި އަހަރެން މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދިޔަވާހަކަ ” އަކިޔަލް އަވަސް އަވަހަށް މިހެން ބުނެލުމަށްފަހު އެމްބިއުލާސްއަށް އެރިއެވެ.
ސަކީނާ ގެންދިޔަ ގޮތަށް ގެންގޮސް ވެއްދީ އަވަސް ފަރުވާދޭ ބަޔަށެވެ. ސަކީނާ އެތެރެއަށް ވެއްދުމުން އަކިޔަލް ބޭރުގައި މަޑުކޮށްލިއެވެ. އަކިޔަލްގެ މޫނުމަތިން ކަންބޮޑުވުމާއި ހާސްކަންނޫން އެހެން އެއްޗެއް ނުފެނެއެވެ. ” އަކޫ މަންމައަށް ކިހިނެއްވީ ” ސާހިދު ދުވަމުން ކަހަލަ ގޮތަކަށް އައިސް ހޮސްޕިޓަލް ތެރެއަށް ވަދެގެން އަކިޔަލާ ސުވާލުކޮށްލިއެވެ. ” އިނާޔާ އަހަރެންނަށް ގުޅާފަ މަންމަ ވެއްޓުން ވާހަކަ ބުނުމުން ދުވެފަ ގެއަށް އައި އިރު މަންމަ ބާއްވާފަ އޮތީ ސިޓިންގް ރޫމުގައި. އޭރު މަންމަގެ ދެލޮވަނީ މެރިފަ. އަގައިން ފޮނުއަރާފަ އޮތް އިރު އަނގަވަނީ އެއްފަރާތަށް ދަމައިގަނެފަ ” އަކިޔަލް ބުނެލިއެވެ. ” މިހާރު މަންމަ ކޮބާ؟ ” ސާހިދު ސުވާލުކޮށްލިއެވެ. ” އަވަސް ފަރުވާދޭ ބަޔަށް ވައްދާފަވީ. އަހަރެން ގާތު ބޭރުގައި މަޑުކޮށްލާށޭ ބުނީމަ ބޭރު މިހުރީ ” އަކިޔަލް ބުންޏެވެ.
” އަހަރެން ޒޭނާ އާއި ހަމްދާންއަށް ގުޅާފަ ބުނެލާނަން އިނގޭ ” ސާހިދު މިހެން ބުނުމުން އަކިޔަލް ބޯޖަހާލިއެވެ. އަކިޔަލް ސަކީނާ ދެކިލާ ހިތުން ހުއްޓާ ނަރުސް ކުއްޖެއް އައިސް ސަކީނާ އިބްރާހިމްއޭ ބުނެލުމުން އަކިޔަލް އެނަރުސް ކުއްޖާގާތަށް ދިޔުމުން އެތެރެއަށް ވަންނަން ބުންޏެވެ. ފަހަތުން ސާހިދު ވެސް ވަނެވެ.
” ވަރަށް ދެރަވޭ މިހެން ބުނަން ޖެހުމުން ވެސް ” އަކިޔަލް ފެނުމުން ޑޮކްޓަރ ބުނެލިއެވެ. ކިހިނެއްތޯވީ މަންމައަށް ” ޑޮކްޓަރ އެހެން ބުނުމުން އަކިޔަލް އަހާލިއެވެ. ” ސަކީނާ އިބްރާހިމްގެ އެއްފަޅި ވަނީ ޕެރަލައިޒް ވެފަ. ބަލިގެ ފުރަތަމަ ދުވަސްކޮޅު ރަނގަޅަށް ފަރުވާ ކުރެވިއްޖެނަމަ ރަނގަޅު ވެދާނެ. އެކަމަކު ނޯރމަލް މީހެއްގެ ގޮތަކަށް ނޫން. ރަނގަޅު ވިޔަސް ކުޑަ ޢައިބު ކަމެއް ހުރެދާނެ. ހިތްވަރުކޮށްލާ ” ޑޮކްޓަރ މިހެން ބުނެ އަކިޔަލްގެ ކޮޑުގައި ޖަހާލުމަށްފަހު ދިޔައެވެ. ޑޮކްޓަރގެ ވާހަކަ އަޑުއިވުމުން އަކިޔަލްއަށް ގޮތް ހުސްވިކަހަލައެވެ. ހަތަރު ފަރާތުން އަކިޔަލް ފިއްތާލިކަމުގެ އިހްސާސް ކުރެވުނެވެ. އަދި އެއްވެސް ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ ފައިބައިގަތެވެ.
” ކެއްކުރޭ އަކޫ. މީކެއްތެރިވާންވީ ވަގުތު. ފިޑިވެގެން އެއްވެސް ކަމެއްނުވާނެ. އަދި އަމުދުން އަކޫ ތިހެން ހިތާމަކުރާތަން މަންމައަށް ފެނިއްޖެނަމަ މަންމަގެ ހިތް ހަލާކުވެދާނެ އެހާލުގައި އޮވެގެން ” ސާހިދު އަކިޔަލްއަށް ވިސްނާއިދީ ހިތްވަރު ދެމުން ދިޔައެވެ. ސާހިދުގެ ވާހަކަ ނިމުމުން އަކިޔަލް ދެލޯ ފުހެލާ ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. އަދި ސަކީނާ އޮތް އެނދާ ދިމާއަށް ހިނގައިގަތެވެ. އަކިޔަލް އެނދާ ކައިރިވެލުމުން ސަކީނާ ބަލާލިއެވެ. އެވަގުތު ސަކީނާގެ ދެލެލުން ކަރުނަފައިބައިގަތެވެ. އެމަންޒަރު ފެނުމުން އަނެއްކާ ވެސް އަކިޔަލްގެ ލޮލުން ކަރުނަ ހިލުނެވެ. އަދި އެނދުކައިރީ ކުޑަކަކޫ މައްޗަށް ތިރިވެ ސަކީނާގެ އަތުގައި ހިފާ ބޮސްދިނެވެ. އެވަގުތު ސަކީނާ އަނެއް އަތް ނަގާ އަކިޔަލްގެ ބޮލުގައި ފިރުމާލިއެވެ. އޭރު ހަމްދާނާ ޒޭނާ އައިސް ސަކީނާ އޮތް އެނދާ އަރާހަމަވަނީއެވެ.
ސަކިނާގެ އަތް އަކިޔަލްގެ ބޮލުގައި ޖެހުމުން އަކިޔަލް އިސްއުފުލާ ބަލާލިއެވެ. އެއަށްފަހު ސަކީނާގެ އަތްނާގާ އަކިޔަލްގެ އަތްތިލަމަތީ ބާއްވާއި ސަކީނާގެ ހަރަކާތެއްނެތް އަތްތިލައިގައި އަކިޔަލް ފިރުމާލިއެވެ. އަދި އަކިޔަލް ގިސްލާ ރޯންފެށުމުން ހަމްދާން އަކިޔަލް އެނދުކައިރިން ދުރަށް ގެންދިޔައެވެ. އަކިޔަލް ރޯތަންފެށުމުން ސަކީނާވެސް ރޯންފެށިއެވެ. އަދި ސަލާމަތުން އޮތް އަތް އަކިޔަލް އާއި ދިމާއަށް ދިއްކޮށްލުމުން ޒޭނާ އައިސް ސަކީނާގެ އަތުގައި ހިފާ ސަކީނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އެމަންޒަރު ފެނުމުން ޒޭނާގެ ލެދޯ ފެންކަޅިވެގެން ދިޔައެވެ. ” ދައްތާ ކެއްތެރިވޭ. ﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ. އަހަރެމެން އެންމެންގެ ދުޢާޔަކީ ދައްތައަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން ” ޒޭނާ ސަކީނާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ސަކީނާގެ އެއްފަޅި ވާގިނެތިފަވީ ކަމުގައިވިޔަސް އިވުމާ ފެނުމުގެ މަތިވެރި ނިޢުމަތުގެ ބޭނުން އެންމެ ފުރިހަމައަށް ކުރެވެމުން ދިޔައެވެ.
ޒޭނާ ވާހަކަ ދައްކަމުން ދިޔަވަގުތު ސަކީނާ އަކިޔަލް ދިޔަ ދިމާއަށް އަތްދިއްކޮށް އަކިޔަލް ގެނެސްދިނުމަށް އަތުގެ އިސާރާތުން ބުނަމުން ދިޔައެވެ. ” އަހަރެންނަށް ހީވަނީ ދައްތަ އަކޫ ގެންނަން ވެގެންހެން އެބުނަނީ ” ޒޭނާ ސާހިދުގެ ގާތުގައި ބުނެލިއެވެ.
” އަހަރެންނަށް މަންމަ ފެންނަ ހިސާބަށް ގޮސްގެން ކެތެއްނުވާނެ ” އަކިޔަލް ބުންޏެވެ. ” ގަބޫލު ކުރަން ކެއްކުރަން އުދަގޫވާނެކަން ވެސް. އެކަމަކު އެއީ އަކޫގެ މަންމަ. އެމަންމަގެ އަކޫ ފިޔަވާ އެހެން އެއްވެސް މީހަކު ނެތެއްނު. އެހެންވީމާ ކެއްކޮށްލާފަވެސް މަންމަ ގާތަށް ގޮސް މަންމައަށް ހިތްވަރުދީ މަންމަ ހިތްހަމަ ޖައްސައިދީ ” ހަމްދާން އަކިޔަލްއަށް ހިތްވަރުދެމުން ނަސޭހަތްދެމުން ދިޔައެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން ސަކީނާއަށް ދެވެންހުރި ފަރުވާއެއް ދިނުމަށްފަހު ގެއަށް ދޫކޮށްލިއެވެ. ސަކީނާ ގެއަށް ދޫކޮށްލިކަމުގައި ވިޔަސް އަކިޔަލަށް އެންމެ ރަނގަޅަށް ސަކީނާ ބެލޭކަށް ނެތެވެ. ސަބަބަކީ އަކިޔަލް އަކީ ފިރިހެން ކުއްޖަކަށް ވެފާ، ސަކީނާ އަކީ އަންހެނަކަށްވުމުގެ އިތުރުން އަކިޔަލްގެ މަންމައަށް ވިތީއެވެ.
” އަހަރެން ވަކި ކާކުގާތަށް ގޮސް އެހީއަށް އެދޭނީ. އަހަރެންގެ އާއިލާއެއް ނެތް. އެއްބަޑު ތިމާގެ މީހަކު ނެތް. ހުރީ ހަމައެކަނި އަހަރެންނާ މަންމަ. އެކަމަކު މިއަދު އަހަރެންގެ މަންމަ ވެސް އެއޮތީ ބަލިއެނދުގަ. އަޅާލާނެ މީހަކު ނެތިފަ. އަހަރެން މަންމަގެ ކަންތައްތައް ކިތައްމެ ކޮށްދޭ ހިތްވިޔަސް އެކަންތައްތައް ކޮށްދެވޭކަށް ވެސް ނެތް. މިއަދު އަހަރެންނަށް އަހަރެންގެ އެކަނިވެރިކަން އިންތިހާއަށް އިހުސާސް ކުރެވޭ. ބައްޕަ ދުނިޔޭގައި ހުރިނަމައޭ ވެސް އަހަރެންގެ ހިތަށްއަރާ. އެކަމަކު އަހަރެންގެ ނަސިބުގަ ބައްޕަގެ ލޯބިވެސް ލިބެން ނެތީ ” އަކިޔަލް ސާހިދު ގާތުގައި ދެރަވެފައި ކިޔަމުން ދިޔައެވެ. ” މަންމަގެ ކަންތައް ކޮށްދެވޭނެތޯ އަހާލަން ދާންވީނު މާމަ ގާތަށް ” ސާހިދު ބުންޏެވެ. ” މާމަ ނުކޮށްދޭނެ. ކަމެއް ނުކޮށްދޭނެތާގަ ފެންނަ ހިސާބަށް ވެސް ނާންނާނެކަން ޔަގީން ” އަކިޔަލް ބުންޏެވެ. ” ނާންނާނެކަން ވެސް އެނގޭނީ ބުނީމައެއްނު ” ސާހިދު ބުނެލިއެވެ. ” އެންމެ ރަނގަޅު. ސާހިދު ބުނީތީ ވެސް އަހަރެން މާމަ ގާތަށް ދާނަން ” އަކިޔަލް ބުންޏެވެ.
” ހިނގާ އަހަރުމެން މެރީ ކުރަން. މިހެން އަބަދު ކިހިނެއް އުޅޭނީ ” ސާރާ ބުނެލިއެވެ. ” ތިކަން ނުވެފައެއް ނެތެއްނު. އަދި އަހަރެމެން ދެމީހުން ރަނގަޅަށް ދަސްކުރަންވެސް ޖެހޭނެއްނު ” ސިނާން ބުނެލިއެވެ. ” އަހަރެންނަށް ސިނާން ވަރަށް ރަނގަޅަށް ދަސްވެއްޖެ. ސިނާންއަށް އަހަރެން ދަސްނުވަންޏާ މެރީގެ ފަހުން ސިނާން އަހަރެން ދަސްކުރިޔަސް އަހަރެންނަށް އޯކޭ ” ސާރާ ސިނާން ބޭނުންވެފަ ހުރިވަރުން ބުނެލިއެވެ. ” އާއެކޭ ބުނަންވީ ކަންނޭންގެ. އޭރުން އަހަރެންނަށް އަހަރެންގެ މަގްސަދު ޙާސިލް ވާނީ ” ސިނާން ހިތާހިތުން ކިޔާލިއެވެ. ” ކޮން ހިޔާލެއްތަ؟ ” ސިނާން އެއްޗެއް ނުބުނުމުން ސާރާ ސިނާންގެ މޫނަށް ބަލާލުމަށްފަހު ބުނެލިއެވެ. ” އެއްވެސް ހިޔާލެއްނޫން. ހިތަށް މިއަރަނީ ސާރާގެ ބައްޕަ ގާތު މެރީކުރާ ވާހަކަ ދެއްކުމުން ކިހިނެއްބާއޭ ވާނީ ” ސިނާން އޮޅުވާލިއެވެ. ” ސާބަހޭ. އަހަރެންގެ ބައްޕަ ވަރަށް ރަނގަޅު ވާނެ. އަހަރެން އުފާވާ ކޮންމެ ކަމެއް ކޮށްދޭނެ ” ސާރާ ބުނެލިއެވެ. ” އެހެންވީމާ ތިކަމާ ދެން އުޅެންވީ ” ސާރާއަށް ބަލާލަމުން ސިނާން ބުނެލިއެވެ.
އިޝާނަމާދުން ފައިބައިގެން އަކިޔަލް ގެއަށް އައި އިރު ކޮންމެ ވެސް ވަރަކަށް ވިދައެވެ. ތަރިއެއް ހާހިސާބު ވެސް ފެންނަން ނެތުމުން ވިއްސާރާ ވިލާތަކުން މުޅި އުޑުމަތި ބަނަވެފައި ވާކަން އަކިޔަލްއަށް ދެނެގަނެވުނެވެ.
” އައްސަލާމް ޢަލައިކުމް ” އަކިޔަލް ދޮންއައިސަގޭ ދޮރުމައްޗަށް އަރާ ސަލާމް ގޮވާލިއެވެ. ” ވަޢަލައިކުމުއްސަލާމް ” އެއްފަރާތުގައި ހުރި ކޮޓަރިއަކުން ސަލާމް ބަލައިގަތް އަޑު އިވިގެން ދިޔައެވެ. ހަމަ އެވަގުތު އަޑު އައި ދިމާލުހުރި ކޮޓަރިން ދޮންއައިސަ ނިކުތެވެ. ” ކީއްކުރަން މިގޭދޮށަށް ތިއައީ. މިގެއަކު ކަލޭމެންނަށް ދޭނެ އެއްޗެއް ނެތް. ނިކުމޭ…. ނިކުމޭ ” ދޮންއައިސަ ފެނުމުން އަކިޔަލް ގޭތެރެއަށް ވަނުމުން ދޮންއައިސަ އެއްޗެހި ގޮވަމުން އަކިޔަލްގެ ބުރަކަށީ އަތްއަޅާ ދޮރުން ބޭރަށް ކޮށްޕާލިއެވެ. ” މާމާ އަހަރެންގެ ވާހަކަ އެއްފަހަރު ނަމަވެސް އަޑުއަހާބަލަ. އޭގެފަހުން އަހަރެން ކޮށްޕާ ބޭރުކޮށްލިޔަސް އަހަރެންގެ އެއްވެސް ސަކުވާއެއް ނެތް ” ބޭރަށް ކޮށްޕާލުމުން އެނބުރިފަ އަކިޔަލް ބުންޏެވެ.
” މިހުރިހާ ދުވަސް ވީއިރު އަހަރެން މާމަ ގާތަށް ކަމަކުއެއް ނާންނަމެއްނު. އެކަމަކު އަހަރެން މިއަދު މާމަ ގާތަށް މިއައީ ކޮންމެހެން ވެސް މާމަގެ އެހީތެރިކަން ބޭނުންވާތީ. އަހަރެންގެ ބުރަ މަސައްކަތުން އަހަރެންގެ އަތުގައި ލާރި އެބަހުރި. އެކަމަކު ލާރިން ހުރިހާ ކަމެއް ނުކުރެވޭނެކަން އެނގޭ. އެހެންވެގެން އަހަރެން މާމަ ގާތަށް އާދޭސްކޮށް ސަލާން ޖަހަން އަންނަން ޖެހުނީ. އަހަރެން މަންމަ، ތިމާމަގެ އުފަންދަރި މިއަދު އެއޮތީ އެއްފަޅި ވާގިނެތިފަ. އަހަރެންނަށް މަންމަ ފެންވަރުވާ ރީތި ނުކުރެވޭނެ. އެހެންވީމާ އަހަރެން މާމަ ގާތުން އެދެނީ މަންމަ ފެންވަރުވާ ރީތިކޮށްދޭން ގޮސް ދިނުމަށް ” އަކިޔަލް އަސަރާއިއެކު ބުނެލިއެވެ. ” އަހަރެން މިހާރު ހިދުމަތްކޮށްދެންޖެހޭ ދަރިއެއް ނުހުންނާނެ. ކަލޭގެ ބައްޕަޔާ ސަކީނާ އިންފަހުން އަހަރެންގެ ސަކީނާ ވަނީ އަހަރެންނަށް މަރުވެފަ. މިހާރު އަހަރެންގެ ދަރިއަކު މިދުނިޔޭގައި ނުހުންނާނެ. ދޭ މިގޭ ދޮށުން ” ދޮންއައިސަގެ ބަސްތަކުން އަކިޔަލްގެ ހިތް ކުދިކުދި ވިއެވެ. ލޮލަށް ޖަމާވި ކަރުނަތައް ފައިބައިގަތެވެ. ހަދާނެގޮތް ހުސްވިއެވެ. އެހީއަށް އެދި ދާނީ ކާކުގާތަށްކަން ނޭންގިހުރެ ގެއަށް ދިޔުމަށް އަކިޔަލް ހިނގައިގަތުމަށްފަހު ދޮންއައިސަގެ ގެއަށް ފަސްއެނބުރި ބަލާލުމަށްފަހު އަނެއްކާވެސް ހިނގައިގަތެވެ.
ދޮންއައިސަގެ ވާހަކަ ހުރިގޮތުން އަކިޔަލް ދެކެމުންއައި އުންމީދުގެ ހުޅުކޮޅު ފަޑުވިއެވެ. އަދި ޒުވާން އުމުރުގައި ދިމާވެފައި މިވަނީ ކޮންފަދަ އިމްތިހާނަކާބާއޭ އަކިޔަލްގެ ހިތަށް އަރަމުން ދިޔައެވެ. ގެއާހަމައަށް ދެވުންއިރުވެސް އަކިޔަލްގެ ސިކުޑީގައި އެނބުރެމުން ދިޔައީ ދޮންއައިސަ ދެއްކި ވާހަކަ ތަކެވެ. ހިތްހަމަ ނުޖެހިގެން ބުނެލި ބަސްތަކެވެ. އުފަންދަރިއަކު ދުނިޔޭގައި ހުރެ ދަރިއަކު ނެތްކަމަށް ބުނެ ބުނެލި ބަހެވެ.
މެންދުރަށް ގަދައަށް އަވިދީފަ އޮތުމަށްފަހު މަޑުމަޑުން ދުނިޔޭގެ ހާލަތު ބަދަލުވާން ފެށިއެވެ. ޖެހެމުންދިޔަ މަޑުވައިރޯޅިތައް ބާރުވެ ކަޑުގެ ލޮނުގަނޑު ކެކެންފެށިއެވެ. މުޅިންހެން ނޫކުލައިގައި އޮތް އުޑުމަތި ކަޅުވިލާތަކުން ބައްދާލިއެވެ. އަދި އިރުގެ އަލިކަން މުޅިން ކެޑިގެން ދިޔައެވެ. މިހާލަތަށް ދުނިޔެ ބަދަލުވުމަށްފަހު މާގިނަ އިރުތަކެއްނުވެ ބޯވެގެންދިޔަ ވިއްސާރަ ވިލާތަކުން ވާރޭ ވެހެންފެށިއެވެ. ” އަޅެ ވާރޭ ވެހެން އެފެށީ. ދެން ކިހިނެއް އަހަރެން ގެއަށްދާނީވެސް ” ސާރާ ބުނެލިއެވެ. ” ވާރޭ ހުއްޓަންދެން މިގޭގައި ހުރެބަލަ ” ސިނާން ބުނެލިއެވެ. ” އަވަހަށް ވާރޭ ހުއްޓާނެ ހެންވެސް ހީނުވޭ ” ސާރާ ބޭރު ބަލާލަމުން ބުނެލިއެވެ. ” މިހެން ވާރޭ ވެހޭއިރު ކިހާ ހިތްހަމަ ޖެހޭ. އަހަރެންނަށް ރަނގަޅީ އަބަދުވެސް މިހެން ވާރޭ ވެހުނިއްޔާ ” ސާރާ ބޭރު ބަލަން ހުއްޓާ ސިނާން އައިސް ފުރަގަހުން ސާރާގެ ބަނޑުމަތިން ބައްދާލުމަށްފަހު ސާރާގެ ކޮޑުމަތީ ދަތްދޮޅި ޖައްސާލަމުން ބުނެލިއެވެ. އަދި ސިނާނާ ވީފަރާތަށް ސާރާ އަނބުރާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ތުންފަތާ ތުންފަތް ލާމެހިގެން ދިޔައެވެ. ވެހެމުންދިޔަ ބޯވާރޭގައި ދެމީހުންގެ ވަކިވެފައިވާ ހަށިގަނޑު އެކައްޗަކަށް ވެގެން ދިޔައެވެ. ލޯބީގެ ޖަޒުބާތުކެކި އުތުރިއަރަން ފެށިއެވެ. އަރާމާ ލައްޒަތުގެ ކަޑުގައި ދެމީހުން އޮޔާދާންފެށިއެވެ. ފުރާ ފުރިހަމަ ވުމަށްފަހު އަގުބޮޑު ޖަވާހިރެއް ފަދައިން ގެއްގުޅެން ޖެހުނު އިއްޒަތް، ވެހެމުން ދިޔަ ވާރޭގައި ލޯބީގެ ޖަޒުބާތުގައި ޖެހި ގެއްލިގެން ދިޔަކަން ސާރާއަށް ނޭންގުނު ކަހަލައެވެ. އެހާވެސް ލޯތްބާ، އަރާމާ ހިތަހަމަޖެހުން ސިނާންގެ ފަރާތުން ސާރާއަށް ލިބިގެން ދިޔައެވެ. ފުރުސަތުގެ ބޭނުން ސިނާން ހިފީ އެކަމަށް އެންމެ ރަނގަޅު ވަގުތު ޖެހުމުން ކަމުން ސިނާން ހުރީ ވަރަށް އުފަލުންނެވެ. ހަމައެއުފާ ސާރާގެ ވެސް މުނުމަތިން ފެންނަމުން ދިޔައެވެ.
” އަކޫ މިއަދު އޮފީހަށްވެސް ނުދަންތަ؟ ” ޒޭނާ އަހާލިއެވެ. ” އަހަރެން އޮފިހަށް ގޮސްގެން ކިހިނެއްއުޅޭނީ. ވަޒީފާއަށްވުރެއް އަހަރެންނަށް މަންމަ މުހިންމު. އެހެންވިމާ މިއަދު އަހަރެން އޮފީހަށް ނުދަން. އަހަރެން މިވިސްނަނީ އޮފީހުން ކެޑިގެން މަންމަ ގާތުގައި ގޭގައި ހުންނަން ” ފޮތިގަނޑެއް ތެއްމައިގެން ސަކީނާގެ ހަތަރެސްފައިގައި ފެންފޮތިގަނޑު ހާކަމުން އަކިޔަލް ބުންޏެވެ. ” މަންމަ ފެންވެސް ނުވަރުވަންތަ؟ ” ޒޭނާ އަހާލިއެވެ. ” އަހަރެން ކިހިނެއް މަންމަ ފެންވަރުވާނީ ” އަކިޔަލް ބުނެލިއެވެ. ” މަންމަ ދުއްވާ ގޮޑީގައި ބައިންދަދީ. އޭރުން އަހަރެން މަންމަ ފެންވަރުވާ ރީތިކޮށްލާންނަން ” ޒޭނާ ބުނެލިއެވެ. ” ނޫނޭ ޒޭނާ. އަހަރެން ބޭނުމެއްނޫން ޒޭނާއަށްވެސް ބުރައެއް ޖައްސާކަށް. އަހަރެންނާ މަންމަގެ ހާލު ބަލާލަން އަންނާތީ އެވަރުން އަހަރެންނަށް ފުދޭނެ ” އަކިޔަލް ބުނެލިއެވެ.
” އަކޫ ތިހެން ވިސްނަން ހެޔޮނުވާނެ. މީހަކަށް އެހީތެރިކަމެއް ވެދީގެން އަހަރެންނަށް ވާނެ އުދަގުލެއް ބުރައެއް ނެތް. ކޮންމެ މީހަކަށް ވެސް ކަމެއް ކޮށްދެނީ ކޮށްދޭހިތުން. އެހެންވިމާ އަކޫއަށް މިކަމުގަ އެހީގެ އަތެއް ދިއްކޮށްލުމަކީ އަހަރެންނަށް ލިބޭނެ ބުރައެއް ނޫން. އެއީ ލިބޭ އުފަލެއް. ދެންމާގިނަ ވާހަކަ ނުދައްކާ މަންމަ ގޮޑިއަށް ލާދީބަލަ. އަހަރެން މަންމަ ރީތިކޮށްލާނަން. ދައްތަވެސް ބޭނުންވާނެދޯ ފެންވަރާ ރީތިވެލަން ” ޒޭނާ މިހެންބުނީ ސަކީނާގެ ބޮލުގައި ފިރުމާލަމުންނެވެ.
” މާމަ ގާތުގައި ބުނަންވިއެއްނު ކޮންމެދުވަހަކު މަންމަ ފެންވަރުވާލަދީ ރީތިކޮށްލަން އަންނަން ” އަކިޔަލް ޖޯލީގައި އިންދާ ޒޭނާ ސަކީނާ ފެންވަރުވާ ރީތިކޮށްލުމަށްފަހު އައިސް ބުނެލިއެވެ. ” އަހަރެން ސާހިދު ތިހެން ބުނެގެންވެސް މާމަ ގާތަށް ދިޔައިން. ތިވާހަކަ މާމަ ގާތުގައި ބުނުމުން އަހަރެންނަށް ލިބުނީ އިތުރު ހިތްދަތިކަމެއް ” އަކިޔަލް ބުނެލިއެވެ. ” ކީއްވެ އިތުރު ހިތްދަތިކަމެއް ލިބެންވީ. އަނެއްކާ މާމަ ކީކޭ ބުނީ ” ޒޭނާ އަހާލިއެވެ. ” މާމަ ނުދެކޭ މަންމައަކީ މާމަގެ ދަރިއެއް ކަމަކަށްވެސް. އެހެންވީމާ މާމަ ބޭނުންމެއްނުވޭ މަންމަ ފެންނަ ހިސާބަށް ވެސް އަންނާކަށް. މާމަ މިކަމުގައި އަހަރެންނަށް އެހީވެނުދިނަސް އަހަރެންނަށް މިވަނީ މަންމަގެ ކަންތައް ކުރަން މަޖުބޫރުވެފަ. އެހެންވެ އަހަރެން ބުނީ ވަޒީފާއިން ކެޑިގެން ގޭގަ ހުންނާނީނީއޭ. މިއަދު އަހަރެން މަންމައަށްޓަކާ މިހުރީ ފޫގަޅާލައިގެން. މަންމައަށް ހިދުމަތް ކޮށްދިނުމަށް. މިގޮތުގައި އަހަރެން ހުންނާނަން މަންމަގެ ހަށިގަނޑާ ފުރާނަ ވަކިވާންދެން. އެކަން ވާންއޮތީ އަހަރެން ގޭގައި ހުރެގެން ” އަކިޔަލް ބުންޏެވެ.
” އަކޫ ވަޒީފާއިން ކެޑޭކަށް އަހަރެމެން ބޭނުމެއްނުވޭ. އެމީހުން އެހީ ނުވިޔަސް އަހަރެމެން އަކޫއަށް އެހީވާނަން. އަދި އަކޫގެ މަންމަ ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާކަމެއްގަ އަހަރެމެން އަކޫގެ ފަހަތުގައި ތިބޭނަން ” ހަމްދާން ބުނެލިއެވެ. ” ގޮތެއް ނިއްމުމުގެ ކުރިން އަހަރެމެން ވެސް މީ ތިބި ބައެއްކަން ހަނދާންކޮށްބަލަ ” ސާހިދު ބުންޏެވެ.
” ތިމީހުން ތިހެންބުންޏަސް އަހަރެން ކިހިނެއް އޮފީހަށްދާނީ މަންމަ އެކަނި ގޭގައި ބާއްވާފަ ” އަކިޔަލް ބުނެލިއެވެ. ” މަންމަ އެކައްޏެއް ނުވާނެ. ހަދަންވީ ގޮތަކީ އަކޫ އިނާޔާއާ ވާހަކަ ދައްކާ. އިނާޔާ ގާތުގައި ބުނޭ މުސާރާއިގެ އުތުރުން ވެސް ލާރިދޭނަމޭ އަކޫ އޮފީހަށް ދިޔުމުން މަންމަގެ ކަންތައްތައް ބަލައި ދޭށޭ. އިނާޔާ އެގޮތަށް އެއްބަސް ވެއްޖެނަމަ އަހަރެން ކޮންމެދުވަހަކު މެންދުރުފަހު އަންނާނަން މަންމަ ފެންވަރުވަދޭން ” ޒޭނާ ބުނެލިއެވެ. ” ޒޭނާ އެބުނީ ރަނގަޅު ވާހަކައެއް. އަކޫ އިނާޔާއާ ވާހަކަ ދައްކާބަލަ. ޔަގީން އިނާޔާ ދެކޮޅު ނަހަދާނެކަން ” ސާހިދު ބުނެލިއެވެ.
ރަހުމަތްތެރިންގެ ބަސްގަބޫލުކޮށް އަކިޔަލް އިނާޔާއާ ވާހަކަ ދެއްކިއެވެ. އަހަރެންނަށް އެންމެ ރަނގަޅު އަކިޔަލް މުސާރާއިގެ އިތުރުން އެއްޗެއް ނުދިނަސް. އަހަރެން ދެކެނީ ދައްތައަކީ ހަމަ އަހަރެންގެ ވެސް މަންމަ ކަމަށް. މިހެން މިބުނީ ދައްތަ އަހަރެންނަށް ރަނގަޅު ކަމުންނާ، އަހަރެންނާ ދޭތެރޭ ބަހައްޓާ ގާތް ގޮތުން. އެހެންވީމާ އަކިޔަލް އޮފީހަށް ދިޔުމުން އެވާ ވަގުތުގައި ދައްތަގެ ހުރިހާ ކަމެއް ބަލާނަން ” އިނާޔާ ބުންޏެވެ. އެންމެން އަކިޔަލްއަށް އެހީވާނެ ކަމަށް ބުނުމުން ފަޑުވަމުން ދިޔަ އުންމީދުގެ ހުޅުކޮޅު ބޮޑުވިއެވެ. އަދި އާދައިގެމަތިން ބަރާބަރަށް އަކިޔަލް އޮފީހަށް ނިކުންނަމުން ދިޔައެވެ.
ދުވަސްކޮޅަކު ސިނާން ފޮނަފޫގައި ހުރުމަށްފަހު މާވަށަށް ދިޔަފަހުން ސާރާއާ ވާހަކަ ދެއްކުން މަދުވިއެވެ. އެކަމާ ސާރާ ސިނާނާ ސުވާލުވެސް ކުރިއެވެ. ސިނާންގެ ޖަވާބަކަށް ވަނީ ބިޒީވެގެން ނުގުޅެނީ ކަމަށެވެ. އެހެން ސިނާން ބުނުމުން ބައެއްފަހަރު ސާރާ ގަބޫލުވެސް ކުރެއެވެ. އަނެއްބައިފަހަރު ގަބޫލް ނުކުރެވެއެވެ. ސަބަބަކީ އެއްދުވަސް ފާއިތުވެގެން ދާއިރުވެސް ސިނާނަށް ގުޅާނުލެވޭތީއެވެ. އަދި މުޅި ދުވަސް ބިޒީވާވަރުގެ މަސައްކަތެއް ކުރާކަންވެސް ސާރާއަށް އެނގިފައިނުވާތީއެވެ.
ދުވަސްތައް މިހެން ފާއިތުވަމުން ގޮސް ދެހަފުތާވިއެވެ. އެއްދުވަހަކު ސާރާ ނިދާހޭލައިގެން ފާހާނާއަށް ވަންނަންވެގެން އެނދުން ތެދުވިއިރު ބޮލަށް އެބުރުން އަރާކަން ފާހަގަ ކުރެވުނެވެ. އަދި ހަމަ އެހިދުން ސާރާ އޯކަށް ދެމެންފެށުމުން އަވަސް އަވަހަށް ފާހާނާއަށް ވަތްތަނާ ހޮޑުލެވުނެވެ. ” ކިހިނެއްވެފަ ތިއޮތީ ” ސާރާ އޮތްގޮތުން ނާހިދާ އައިސް ސުވާލުކޮށްލިއެވެ. ” މިއުޅެނީ ހޮޑުލެވޭތީ. ވަރަށް ބޮޑަށް ބޮލަށް އެނބުރުންވެސް އަރާ ” ވަރުބަލި ގޮތަކަށް ސާރާ ބުނެލިއެވެ. ” ތިވެދާނެ ރޯގާއެއްގެ ކަމަކަށްވެސް. އެހެންވީމާ ދަރިފުޅު އޮށޯވެލައިގެން އޮވެލާ. ރަނގަޅު ނުވަންޏާ ހޮސްޕިޓަލަށް ދާނީ ” ނާހިދާ މިހެންބުނެ ކޮޓަރިން ބޭރަށް ނިކުތެވެ.
5 Comments
Comments are closed.
2 weeks fahun ingeytha preg kan…. anyways story hama best
ba eh faharu 1 week thereyga ves egidhaane
Haada lahun neyy up load kuranee
Mi vaahaka nimuny thrr??? ???
Mivaahaka upload nukuranee ta den kobaa ta seven vana episod pls konmeves javaabeh beynunvey eba