ބޭނުންވަނީ އުމުރަށް 07
މެންދުރު ވެގެން އައި އިރު ވެސް ސާރާއަށް އޮތްތަނުން ބޯހިއްލާލެވޭ ވަރެއް ނުވިއެވެ. ނާސިދު ވެސް ރަށުގައި ނެތުމުން ސާރާގެ ހާލު ފެނިފައި ނާހިދާ އިންތިހާއަށް ކަންބޮޑުވިއެވެ. ހޮސްޕިޓަލަށް ނުދިޔުމަށް ސާރާ ގަދަ ހެދުމުން ވެސް އެމްބިއުލާސްއަށް ގުޅައިގެން ނާހިދާ ސާރާ ހޮސްޕިޓަލަށް ގެންދިޔައެވެ.
ޑޮކްޓަރ ސާރާ ވަރަށް ރަނގަޅަށް ބެލުމަށްފަހު ސާރާ އޮތް އެދުކައިރީ ހުރި ނާހިދާ ކުރެން ސާރާގެ ފިރިމީހާ ކޮބައިތޯ ސުވާލުކޮށްލިއެވެ. އެވަގުތު ހައިރާންކަމާއެކު ނާހިދާ ޑޮކްޓަރގެ މޫނަށް ބަލާލިއެވެ. ޑޮކްޓަރ ނާހިދާއާ ކުރި ސުވާލުގެ ޖަވާބު ދޭންނޭންގި ބަލަން ހުރެވުނީ ޙުދު ނާހިދާއަށް ވެސް ސާރާގެ ފިރިމީހާއަކީ ކާކުކަން ނޭންގޭތީއެވެ. ” ކޮން ފިރިމީހާއެއްތޯ ” ނާހިދާ ސުވާލުކޮށްލިއެވެ. ” މިބުނީ ސާރާގެ ބަނޑުގައިވާ ދަރިފުޅުގެ ބައްޕަ ކޮބާހޭ. މިކަހަލަ ވަގުތެއްގައި ދަރިފުޅުގެ ބައްޕަ މިތާ ހުރުން ވަރަށް މުހިއްމު ވާނެ ” ޑޮކްޓަރ ބުނެލިއެވެ. އެވަގުތު ސާރާ އެއްފަރާތަށް މޫނު އަނބުރާލާ ދެލޯމަރާ ބާރުކޮށްލިއެވެ. ” ބަނޑުގަވާ ދަރިފުޅުގެ ބައްޕައޭ ” ނާހިދާއަށް ބުނެލެވުނެވެ. ޑޮކްޓަރގެ ކޮންމެ ޖުމްލައަކުން ނާހިދާގެ ހައިރާންކަން އިންތިހާއަށް ބޮޑުވަމުން ދިޔައެވެ. އަދި ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. ” އާނ… ސާރާ ބަނޑުބޮޑު. އެހެންވެގެން ބޯއަނބުރާ ހޮޑު ލެވެނީ. ބައެއް އަންހެނުންނަށް ބަނޑުބޮޑުވުމުން ބޯއަނބުރާ ހޮޑު ލެވޭނެ. އަނެއްބައި އަންހެނުންނަށް އެފަދަ ކަމެއް މެދުވެރި ނުވެވެސް ހުރެދާނެ. އަނެއްހެން ހުރިހާކަމެއް ރަނގަޅު ” ޑޮކްޓަރ މިހެން ބުނެލުމަށްފަހު ދިޔައެވެ.
ޑޮކްޓަރގެ ވާހަކަ އަޑުއެހުމަށްފަހު ނާހިދާގެ ރުޅިގަނޑު އިންތިހާއަށް ދިޔަކަމުގައި ވިޔަސް ހޮސްޕިޓަލްތެރެ ކަމުން އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް ނާހިދާ މަޑުން ހުއްޓެވެ. ނަމަވެސް ސިކުޑީގައި އެނބުރެމުން ދިޔައީ ޑޮކްޓަރ ދެއްކި ވާހަކަތަކެވެ. ލޯކުރިމަތީ ސިފަވަމުން ދިޔައީ ސާރާގެ އުޅުމަށް އައި ބަދަލެވެ. މިހުރިހާ ކަމެއްގެ ތެރެއިން ނާހިދާއަށް ފެންނަމުން ދިޔައީ އަދި މުޅިން ތަފާތު މަންޒަރެކެވެ. އަޑުއަހަން ޖެހޭނީ ތަފާތު އަޑު ތަކެކެވެ. ސާރާ ކުރި ކަމެއްގެ ސަބަބުން ބަދުނާމުވެ މަލާމަތް ރައްދުވާނީ ހަމައެކަނި ސާރާއަށް އެކައްޏެއް ނޫނެވެ. ސާރާއަށް ލިބޭ ކޮންމެ މަލާމާތެއްގެ ފަހަތުގައި ނާހިދާގެ ދެމަފިރިންގެ ނަން ނުހިމެނޭނެ ގޮތެއް އެއީ ނުވާނެ ކަމެކެވެ. ވިސްނާނުލާ ކުރި ކަމެއްގެ ސަބަބުން ސާރާ އަދި ސާރާގެ ކުޑަކުޑަ އާއިލާ އެވަނީ ރަށަށް ބަދުނާމުވެ ފަޞީހަތް ވުމުގެ މަގުމަތީގައެވެ. ނަމަވެސް ދެންކުރާނެ ކަމެއްނެވެ. ވަގުތު ވަނީ ފާއިތުވެފައެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެ ފަދައިން ސާރާގެ އަބުރާ އިއްޒަތް ވަނީ ގެއްލިފައެވެ. ދެން ދުވަހަކުވެސް އެއިއްޒަތާ އަބުރަކީ ލިބޭނެއެއްޗެއް ނޫނެވެ. ހަމައެކަނި އޮތީ ތަޢުބާ ވުމަށް ﷲގެ ކިބަފުޅަށް ދެއްނެވުމެވެ.
ސާރާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލުމުން ނާހިދާ ސާރާ ގޮވައިގެން އައިސް ސާރާގެ އަތުގައި ހިފާ ގޭތެރެއަށް ކޮށްޕާލިއެވެ. އަދި ސާރާގެ ކޯތާފަތްމަތީ ނާހިދާ އަތުހުރި ބާރެއްލާފަ ޖެހިއެވެ. ނާހިދާ ޖެހިލެއް ބާރުކަމުން ސާރާގެ މޫނުމައްޗަށް އަދިރިވާ ގޮތްވިއެވެ. ” މަގޭ ހިތަށް އަރާ ކިހިނެއްވެފަ ހުރި އާދަމުގެ ދަރިއެއްބާއޭމީ. ސާރާގެ ސަބަބުން ލަދުން ބޯހަލާކު ވާވަރުވޭ. ލަދެއްވެސް ނުގަނޭތަ ހިތަށްއެރި ވައްތަރަކަށް އުޅެން. ތިހެން އުޅުނީމާ ލިބުނު ރީތިނަން ބަލާބަލަ. ސާރާ އަމިއްލައަށް ގަތްގަނޑެއްގެ ބަދުނާމުވާން މިޖެހުނީ އަހަރެމެން. އެންމެ ފަހަރަކުވެސް އިހުސާސް ކުރެވުނުތަ ސާރާގެ ބައްޕައަށް ވާނެ ގޮތް. ސާރާގެ ބައްޕަ ލަދުގަންނާނެ ވަރު. ލޯބިން ބޭނުންހާ ކަމެއްކޮށްދިނީމާ ތީދޯ ދޭންއެގުނު ހަދިޔާއަކީ. މިހާރު އަހަރެން ލަދުގަނޭ ތީ އަހަރެންގެ ދަރިއެކޭ ބުނަން ވެސް ” ހޮސްޕިޓަލުގައި ހުރި އިރު ނާހިދާ ކޮންޓްރޯލް ކުރި ރުޅިގަނޑު ގެއަށް ވަނުމާއެކު އެއްވެސް އިހުތިޔާރަކާ ނުލާ ބޭރުވިއެވެ.
ނާހިދާ ރުޅި އައިކަމުގައި ވިޔަސް ހުރި ހަމައެކަނި ދަރިފުޅުގެ ފަސްބައިގައި ޖެހުނު ލައްގަނޑުގެ ސަބަބުން އިންތިހާއަށް ދެރަވެ ހިތާމަކުރިއެވެ. ނާހިދާ ރުޅިއައިސްގެން އެއްޗެހި ކިޔާފަ ދިޔުމުން ސާރާ ކޮޓަރިއަށް ދިޔައެވެ. އަދި ފޯން ނަގާ ސިނާންއަށް ގުޅަންފެށިއެވެ. ސިނާންގެ ފޯން ރިންގް ވަމުން ދިޔަކަމުގައި ވިޔަސް ފޯނަށް ޖަވާބެއް ނުދެއެވެ. ސާރާ ތަކުރާރުކޮށް ސިނާންއަށް ގުޅަމުން ދިޔައީ މިހާރުގެ ހާލަތު ސިނާންއަށް ކިޔައިދޭށެވެ. އަދި އެލަދުން ސާރާ ސަލާމަތްކޮށްދިނުމަށް އެދި އާދޭސް ކުރާށެވެ.
އެތަށް އިރެއްވަންދެން ވެސް ސާރާ ގުޅުމުން ސިނާން ފޯނަށް ޖަވާބު ނުދިނުމުން ސާރާއަށް ރޮވުނެވެ. އަދި ޒޭނާ ދެއްކި ވާހަކަތައް މަތިން ހަނދާންވިއެވެ. ނަމަވެސް މިހާރު ކުރެވޭނެ ކަމެއްނެތެވެ. ގެއްލުނު އަބުރެއް އަނބުރާ ނުލިބޭނެކަން ސާރާއަށް ވިސްނުނުއިރު ވަނީ މާބޮޑަށްވެސް ވަގުތު ފާއިތު ވެފައެވެ.
އެއްގޭގައި އުޅުންކަމުގައި ވިޔަސް ނާހިދާ އެއްވެސް ވަރަކަށް ސާރާއާ ވާހަކައެއް ނުދައްކައެވެ. ސާރާފެނުމުން މޫނުއަނެއްފަރާތަށް އަނބުރާލަނީ ސާރާ އެފަދަ ކަމެއް ވިސްނާނުލާ ކުރީތީ ހިތްހަމަ ނުޖެހިގެންނެވެ. ކަންތައް މިހާހިސާބަށް ދިޔުމުން ސާރާއަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފެށުނެވެ. ބޭރަށް ނިކުމެ ނާހިދާގެ މޫނުމަތިގެ ކުލަވަރު ބެލުމަށްވުރެއް ކޮޓަރީގެ ހަތަރު ފާރުން އެތެރޭގައި އޮތުން ވެސް ރަނގަޅު ކަމަށް ސާރާއަށް ވިސްނުނެވެ. އެހެންކަމުން ސާރާ ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ ކޮޓަރިގައެވެ. އެކަނިއެވެ. ކުރެވުނު ކަންތަކާމެދު ވިސްނުމުގައެވެ.
” އަހަރެން ކޮން އިރެއްތަ ގުޅާތާ. ފޯން ނުނަގާ ކީއްކުރަނީތަ؟ ” ވަރަށް ގިނަފަހަރު ސާރާ ސިނާންއަށް ގުޅިފަހުން ސިނާން ފޯން ނެގުމުން ސާރާ ބުނެލިއެވެ. ޝަކުވާގެ ރާގެއްގައެވެ. ” އަހަރެން ވަރަށް ބިޒީކޮށް މިއުޅެނީ. އެހެންވެ ފޯން ނުނެގުނީ. ކިހިނެއްވީ މާވަރަކަށްތި ގުޅަނީ ” ސިނާން ބުނެލިއެވެ. ” ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން ” ސާރާ ބުނެލިއެވެ. ” އަވަހަށް ބުނޭ. މިހާރުވެސް ލަސްވެގެން މިއުޅެނީ ” ސިނާން ބުންޏެވެ. ” އަހަރެން ބަނޑު ބޮޑު ” ސާރާ ބުނެލިއެވެ. ” ބޮނޑު ބޮޑޭ…. ” ހައިރާންކަމާއެކު ސިނާން ބުނެލިއެވެ. ” އާނ އަހަރެން ސިނާންގެ ދަރިއަކަށް ބަނޑު ބޮޑު ” ސާރާ އަނެއްކާވެސް ބުނެލިއެވެ. ” އަހަރެންގެ ދަރިއެކޭ…. ސާރާ މިއަދު ކޮންކަހަލަ ވާހަކައެއް ތިދައްކަނީ. އަހަރެން ދެކެ ލޯބިވެއޭ ބުނެފަވެސް ތިވަރުގެ ބޮޑު ކަމެއްނޫނީ އަހަރެންގެ ބޮލުގަ އަޅުވަން ނޭންގުނީތަ؟ ” ސާރާ އެހެން ބުނުމުން ރުޅިވެރި ގޮތަކަށް ސިނާން ބުނެލިއެވެ. ” ލޯބިވެއޭ ބުނެފަ އިލްޒާމެއް އަޅުވަނީ އެއްނޫން ސިނާން. ހަމަ ރަނގަޅަށް މިބުނީ. އަހަރެން މީނީ ސިނާންގެ ދަރިއަކަށް ބަލިވެ. އަހަރެންނަށް އެހީވެދީ. މަންމަ ވެސް އަހަރެންދެކެ ހިތްހަމަ ނުޖެހިގެން ވާހަކަ ވެސް ނުދައްކާ. އަހަރެން މިވަރަކަށް ސިނާންއަށް މިގުޅަނީ މިކަމަށް ކުޑަނަމަވެސް ލުޔެއް ލިބެން އޮތީ ސިނާންގެ ފަރާތުން ކަމަށްވާތީ ” ސާރާއަށް ރޮވޭ ގޮތްވިއެވެ.
” އަހަރެންނަކަށް ޔަގީނެއްނޫން ސާރާގެ ބަޑުގައި ތިވަނީ އަހަރެންގެ ދަރިއެއް ކަމަކަށް. ތިކުއްޖާގެ ބައްޕައަކީ އަކިޔަލް ކަމަށްވެސް ވެދާނެއްނު. ނޫނީ އެހެން މިހެއްކަމަށްވެސް ވެދާނެއްނު ” ސިނާން ބުންޏެވެ. ” ތިހެން ބުނަން ހެޔޮވެސް ނުވާނެ. ސިނާން ދިޔަފަހުން އެހެންމީހަކާ ވާހަކަ ވެސް ނުދައްކަން. އަދި މިކުއްޖާގެ ބައްޕައަކީ އަކިޔަލެއް ވެސް ނޫން. ސިނާންއަށް ހަމަ ރަނގަޅަށް އެނގޭނެ އޭގެ ފަހުން އަހަރެން އަކިޔަލްއާ ވާހަކަވެސް ނުދައްކާކަން. ވީކަމެއްވެފަ އޮތި ސިނާނާއެކު. އެހެންވެ އަހަރެން އާދޭސް މިކުރަނީ މިހާލުގާ އަހަރެން އެކަނިކޮށްނުލާ. މިއަދު އަހަރެން ސިނާންގެ އެހީ އިންތިހާއަށް ބޭނުން ” ސާރާ ބުނެލިއެވެ.
” ސާރާ ތިހެން ބުންޏަސް އަހަރެންނަށް ތިވާހަކަ ގަބޫލްކުރަން އުދަގޫ. އަކިޔަލް ގާތުގައި ހުރެފަ އަހަރެން ކައިރިއަށް އައީ. އެހެންވީމާ އަހަރެން ކައިރީ ހުރެފަ ކަމުދާ އެހެން މީހަކު ފެނުމުން ނުދާނޭ ބުނާކަށް އަހަރެންނަކަށް ނޭންގެ. އެހެން ނޫނަސް ސާރާ ކޮށްގެން ތިއުޅޭކަންތައް އަހަރެންގެ ބޮލުގަ އަޅުވަން ނަހަދާ. އަހަރެންނަކަށް ނެތް ތިކަމެއް ވާކަށް ” ސިނާން މިހެންބުނެ ފޯން ކަޑާލުމުން ސާރާއަށް ރޯންފެށުނެވެ. އަދި ފުރަތަމަ ފަހަރަށް ސިނާންގެ މަކަރުވެރިކަމާމެދު ވިސްނާލެވުނެވެ. ކޮންމެ ކަމެއް ވަރިހަމަ ކޮށްލުމުން ސިނާން މުޅިރަށަށް ސާރާ ގިނަކޮށް ފަޞީހަތްކޮށް ބަދުނާމުކޮށްލިއެވެ.
ސިނާން ފޯން ކަޑާލުމުން އަނެއްކާވެސް ސާރާ ސިނާނަށް ގުޅުމުން ފޯން ބިޒީ ކޮށްލިއެވެ. ” ކޮންމެ ފަދަ ހާލެއްގަ އުޅެން ޖެހުނަސް އިރާދުކުރެއްވިއްޔާ ދެން ސިނާންގެ އެހީއެއް ބޭނުމެއްނޫން. ސިނާންގެ ބޭނުން ފުދުމުން މުޅި ރަށަށް އަހަރެން ފަޞިހަތް ކޮށްލުމަކީ ސިނާންގެ ބޭނުންކަން އަހަރެންނަށް ކުރިން ވިސްނާނުލެވުނީ އަހަރެންގެ މޮޔަކަމުން. އެހެން ނަމަވެސް އަހަރެންގެ ހަށިގަނޑުގައި ވިންދު ޖަހަމުން މިދާ ކުޑަކުޑަ ފުރާނައަށް އަހަރެން ދުނިޔޭގައި ހުރެ ދެރަގޮތެއް ވިޔަކަނުދޭނަން. އަދި އަހަރެން ސަލާމަތުން ހުރިއްޔާ މިދަރިފުޅު މިދުނިޔެއަށް އުފަންކުރާނަން. އެކަމަކު ސިނާނަށް ބައްޕައެއް ނުކިޔުއްވާނަން. ސަބަބަކީ ސިނާން ހުރިހާކަމެއްކޮށްފަ ނުކުރަމޭ ބުނެ ސަލާމަތް ވާން ބޭނުންވާކަން އެނގޭތީ. ލޯބިވެއޭ ބުނީ ލޯބިވާތީ. އެކަމަކު ލޯބީގެ ބަދަލު އަހަރެންނަށް ތިދިނީ ފަޞިހަތް ކޮށްލާފަ. ސިނާން އަހަރެންދެކެ ލޯބިވެޔެ ކިޔާފަ ދެއްކި ވާހަކަތަކުގެ ސިއްރަޚި މީކަން އެނގުންނަމަ ތިފަދަ މީހަކަ ވައިވެސް ނޭޅޭނަން.ސިނާންގެ އުފާވެރި ދިރިއުޅުމަށް މަރުހަބާ…. ” ސިނާން ފޯން ބިޒީ ކޮށްލުމުން އަނެއްކާ ވެސް ސާރާ ގުޅުމުން ސިނާންގެ ފޯން ނިއްވާލަ އޮތުމުން ވަރަށް ވިސްނާފަ ސާރާ ސިނާނަށް މެސެޖެއް ފޮނުވާލީ ކޮންމެވެސް ދުވަހަކުން ފޯން ހުޅުވުމުން މެސެޖް ފެންނާނެކަން އެގޭތީއެވެ. އަދި މެސެޖްގައި ލިޔުނު ފަދައިން ސިނާންގެ އެހީ ބޭނުން ވެގެން ނުދިޔުމަށް ސާރާ ހިތުގެ އަޑިން އަޒުމް ކަޑައެޅިއެވެ.
” ސާރާ ” ނާސިދު ގޭތެރެއަށް ވަދެ ބާރަށް ސާރާއަށް ގޮވާލިއެވެ. އެވަގުތު ހިޔާލެއްގައި އޮތް ސާރާ ނާސިދުގެ އަޑު އިވުމުން ތެދުވެ އެނދުގައި އިށީނެވެ. ” އަޅެ ބައްޕަ އެއައީ. އަހަރެންނަށް ނުކެރޭނެ ތިރިއަށްދާކަށްވެސް ” ސާރާ ބުނެލިއެވެ. އެހެންއިންދާ ދެވަނަ ފަހަރަށް ނާސިދު ގޮވާލުމުން އެނދުން ތެދުވެ ކޮޓަރީގައި ދެކޮޅަށް ހިނގަންފެށިއެވެ.
” ނާސިދު ބާރަށް ހަޅޭނުލަވާ. ހިސާބުގަޑު މީހުންނަށް އަޑު އިވިދާނެ. އޭރުން ވެސް ވެއްޓޭނީ އަހަރެމެންގެ އަގު ” ނާސިދު ރުޅިއައިސްގެން ސާރާއަށް ގޮވަން ފެށުމުން ނާހިދާ ބުނެލިއެވެ. ” އަޑު އިވޭ މީހަކަށް އަޑު އިވިގެން ދެންއިތުރަށް ވެއްޓޭނެ އަގެއްނެތް. މިހެން ހަޅޭލެވުމުގެ ކުރިން މިވަނީ އަހަރެންމެންގެ އަގުވެއްޓިފަ ” ނާސިދު ބުނެލިއެވެ. ނާސިދު ގޮވުމުން ވެސް ސާރާ ތިރިއަށް ނުފޭބުމުން ސިޑިން މައްޗަށްއަރާ ސާރާ ކޮޓަރީގައި ހުއްޓާ ބޭރަށް ނެރުނެވެ. ” މިވަރު ވީމަވެސް ނާހިދާ މީނަ ކޮޓާރިއަށްލާ ފޮރުވައިގެންދޯ ތިއުޅެނީ. ކޮންކަމެއް ނުވެގެން ކޮންކަމެއް މަދުވެގެން ސާރާއަށް ތިހެންވާންވީ. ތިހާވަރު ވުމުގެ ކުރިން މީހަކާ އިންނަން ބޭނުންވެގެން ބުނި ނަމަ ސާރާ ބޭނުންކޮންމެ މީހަކާ ސާރާގެ ސައިވެނި ކޮށްދޭނަން. އެކަމަކު ރީތިގޮތް އޮށްވާ ހިޔާރުތިކޮށްލީ އެންމެ ނުބައިގޮތް. އުޅޭނެހާ ގޮތަކަށް އުޅެފަ މިގޭގަ ހުންނަން ހަދާނެކަމެއްނެތް. ހަމަ މިހާރު މިގޭން ނިކުމޭ ” ނާސިދު މިހެންބުނެ ސާރާ ގެއިން ނެރެންވެގެން އަތުގައި ހިފިއެވެ. ” ނޫން ބައްޕާ އަހަރެން ގެއިން ބޭރަށްނުލާ. އާދޭސް ކޮށްފަ ބުނަން. އަހަރެންނަށް ތިހެންނުހަދާ. އަހަރެން ކޮންތާކަށް ވަކިދާނީ ” ސާރާ ރޮމުން ބުންޏެވެ. ” އަހަރެންނަށް ވަރިހަމަ ސާރާ ކޮންމެ ތާކަށްދިޔަސް. އަހަރެން މިހާރު ސާރާ ދާނެތަނެއް ބަލާކަށް ބޭނުމެއްނޫން. ދާނެ ތަނެއް ނެތިއްޔާ ތިކަމުގެ ޒިންމާވާންޖެހޭ މީހާގާތަށް ދޭ ” ސާރާ އާދޭސް ކޮށްކޮށް ހުއްޓާ ނާސިދު ސާރާ ގެއިން ނެރެލިއެވެ. މަންޒަރު ބަލަން ނާހިދާ ރޯލަރޯލާ ހުއްޓެވެ. ނާސިދު ކުރިމަތީ ބަހެއް ބުނަން ނުކެރިފައެވެ.
” ސާރާ ގެއިން ނެރެލިކަމުގައި ވިޔަސް ދާނެ އެއްވެސް ތަނެއްނެތެވެ. ހިމާޔަތެއް ލިބޭނެކަމުގެ އުންމީދުއޮތް މީހާގެ ގާތަށް ދާކަށް ސާރާއަށް ނުކެރުނެވެ. އެއީ ސާރާއަށް ބުނެވުނު އެއްޗަކުންނާއި ކަންތައްކުރެވުނު ގޮތުންނެވެ. އެހެންކަމުން ދާނެމަންޒިލެއްނެތް ސާރާ ކުރިއަށް ހިނގައިގަތީ ދުނިޔޭގައި އުޅޭއިރު ދިމާވާ ކޮންމެ ހުރަހެއް ގިރާކުރުމަށް ނިޔަތްގަނެގެންނެވެ.
” މިއައީ މަންމަ ބުނި ވާހަކައެއް ބުނަންވެގެން ” ސާހިދު ބުނެލިއެވެ. ” އަނެއްކާ ކޮންވާހަކައެއްތަ؟ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” މަންމަ ބުނި ދަނޑުކައިރީ ހުރި ގެއެއްގައި އުޅޭނެޔޯ ދިވެހި ބޭސްކުރާ މީހެއް. އަކޫ ގާތުގައި ބުނާށޯ އެމީހާޔާ ވާހަކަ ދައްކައިގެން އަކޫގެ މަންމަގެ ގައިގައި ތެޔޮދަމަން. ފުރަތަމަ ދުވަސްކޮޅު ފަރުވާ ކުރެއްވިއްޖެނަމަ ރަނގަޅު ވާނެވާހަކަ މަންމަ ވެސް ބުނި ” ސާހިދު ބުންޏެވެ. ” ސާހިދުއަށް އެނގޭތަ ތިބުނާ މީހެއް ” އަކިޔަލް އަހާލިއެވެ. ” މަންމަ ބުނި ނަޖީބާއޭ ކިޔަނީ. ދެން އެގޭގެ ނަން ބުނީ” ސާހިދު ބުނެލިއެވެ. ” ކޮންއިރަކުން އެގެއަށް ދާނީ ” އަކިޔަލް އަހާލިއެވެ. ” އަކޫ ބޭނުމިއްޔާ މިހާރު ވެސް ދާންވީ ” ސާހިދު ބުންޏެވެ. ” އެހެންވީމާ ހަވީރުން ދާނީ. ދާންވީމާ އަހަރެން ސާހިދުއަށް ގުޅާނަން ” އަކިޔަލް ބުނެލިއެވެ.
” އަކޫ މިހުރީ އެގެ. މަޑުކޮށްލާ އަހަރެން އަންނާނަން އެދައްތަ އުޅޭތޯ ބަލާލާފަ ” މިހެން ބުނެ ސާހިދު ސާލާމްގޮވާލުމަށްފަހު ގޭތެރެއަށް ވަނެވެ. ” ދައްތަ އެބައުޅޭ ގޭގަ. އާދޭ…! ” އިރުކޮޅެއްކޮށްފަ ސާހިދު އައިސް އެހެން ބުނުމުން އަކިޔަލް އެގެއަށް ވަންނަން ހިނގައިގަތެވެ.
އޭގެ ތިންދުވަސް ފަހުން އެއްދުވަހަކު އަކިޔަލް އާންމުކޮށް ގޮސް ހުންނަ ދިމާލު އަތިރިމަތީ ހުރި ރުކެއްގައި ލެގިލައިގެން ހުއްޓާ ފަހަތުން އަންހެން އަޑަކުން މީހަކު ގޮވާލުމުން ސިހިފައި އަކިޔަލް ފަހަތް ބަލާލި ވަގުތު ދެލޯ ބޮޑުވެގެން ދިޔައެވެ. ” ސާރާ…. ” ސާރާއަށް ގޮވާލުމަށްފަހު ބޭއިހުތިޔާރުގައި އަކިޔަލްއަށް ހިނގައިގަނެވުނެވެ. ” އަހަރެންނަށް އެނގޭ ސާރާ ކޮންމެވެސް ދުވަހަކުން ވިސްނިގެން އަންނާނެކަން. މިއަދު އަހަރެން ދެކެމުން އައި އުންމީދުތައް ފުރިހަމަ ވެއްޖެ ” އަކިޔަލްއަށް އުފަލުން ބުނެލެވުނެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގައި ފޮރުވިފައި ވަނީ ކޮންކަމެއް ކަމެއް އަކިޔަލް އަކަށް ނޭންގެއެވެ. ” އަހަރެން މިއައީ އަކޫ ގާތުން މާފަށް އެދެންވެގެން. އެކަމަކު އަހަރެންމީ އަކޫގެ މާފު ހައްގުވާވަރުގެ މީހެއް ނޫން. އަހަރެންނަށް ވިސްނިއްޖެ އެދުވަހު އަހަރެންނަށް ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން. މިއަދު އަހަރެންގެ ހާލު ހިތަށް އެރުމުން އިންތިހާއަށް ހިތާމަ ކުރަން. އެކަމަކު މިހާރުވަނީ ވަގުތު ފާއިރުވެފަ. އަހަރެން އުޅުން ވިޔާނުދާ ވުމުން ބައްޕަ އަހަރެން ގެއިންވެސް ނެރެލައިފި. މިއަދު އަހަރެންނަށް އެހީވާނެ އެއްވެސް މީހަކު ނެތް. މުޅިދުނިޔެއަށް ގިނަވެ ބާކީ ވެއްޖެ ” ސާރާ ރޮމުން ބުނެލިއެވެ. ” ތިހެން ނުބުނޭ ސާރާ. ބައްޕަ ސާރާ ގެއިން ނެރެލިޔަސް އަހަރެން ސާރާއަށް އެހީވާނަން. އަދިވެސް އަހަރެން ސާރާ ވަރަށް ބޭނުން ” އަކިޔަލް ބުންޏެވެ. ” ނޫނޭ އަކޫ. އަހަރެންމީ މިހާރު އެއްގޮތަކަށްވެސް އަކޫ އެކަށީގެންވާ މީހެއްނޫން. އެހެންވީމާ އަހަރެން އަކޫގެ މީހަކަށް ހަދަން ނޫޅޭ ” ސާރާ ބުންޏެވެ.
” ކީއްވެގެން އެކަށީގެން ނުވާންވީ. އަހަރެން އަދިވެސް ސާރާ ދެކެ ވަރަށް ލޯބިވޭ ” އަކިޔަލް ބުނެލިއެވެ. ” ލޯބިވިޔަސް އަހަރެންނަށް ތިކަން ދެވަނަ ފަހަރަށް ކުރާނެ ހިތްވަރެއް ނެތް. އަހަރެން ހަމައެކަނި މިއައީ އަކޫގެ ކިބައިން މާފަށް އެދެން. އެދުވަހުގެ ކަންތަކަށް އަހަރެންނަށް މާފުކޮށްދީ ” ސާރާ ބުނެލިއެވެ. ” އަހަރެން ސާރާއަށް މާފުކޮށްފިން ” އަކިޔަލް މިހެން ބުނުމުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ހިނގައިގަތް ވަގުތު އަކިޔަލް ސާރާގެ އަތުގައި ހިފިއެވެ. ” އަކޫ އަހަރެން ދިޔަދީ. އަހަރެންނަށް އަކޫއާ ފޭސް ކުރަން ފަސޭހަ ވެގެނެއްނޫން މިއައީ. އަހަރެންނަށް ކަންތައް ކުރެވުނު ގޮތުންވެސް ފޭސްކުރަން ފަސޭހައެއްނޫން. އަދި އަމުދުން އަހަރެން މިއިން ހާލަތުން އަކޫގެ މީހަކަށް ވާން ޖެހިލުންވޭ. އެހެންވީމާ މިބުނީ އަހަރެން ދިޔަދީ ” ސާރާ ފަސްއެނބުރި ބަލާނުލާ ހުރެ ވާހަކަދެއްކުމުން ވެސް އަކިޔަލް ސާރާގެ އަތުން ދޫކޮށްނުލިއެވެ. އަކިޔަލްގެ އަތްނައްޓަން ސާރާ މަސައްކަތް ކުރާ ވަރަކަށް އަކިޔަލް ސާރާގެ އަތުގައި ބާރާށް ހިފަމުން ދިޔައެވެ. ” އަކޫ އަހަރެން ބަނޑު ބޮޑު. އަހަރެންގެ ބައްޕަ އަހަރެން ގެއިން ނެރެލީ މިހެންވެގެން ” ސާރާގެ އަތުން އަކިޔަލް ދޫކޮށްނުލުމުން ސާރާ ނުބުނަށް އޮތް ވާހަކަ ބުނެލިއެވެ. އެވަގުތު އަކިޔަލްއަށް ސާރާގެ އަތުން ދޫކޮށްލެވުމުން ސާރާ ރޮމުން ދުއްވައިގަތެވެ. އެމަންޒަރު ބަލަން އަކިޔަލްއަށް ހުރެވުނެވެ. އަދި ސާރާ އެންމެ ފަހުން ބުނި ބަސް އަކިޔަލްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
ބޯކޮށްވެހެމުން ދިޔަ ވާރޭގެ ތެރެއިން ދުވަމުން އައިސް ހަމްދާން ޒޭނާމެންގެއަށް ވަނެވެ. ” ތެމިފޯވެގެން ކޮންކަމެއްތަ؟ ” ޒޭނާއަށް ހަމްދާން ފެނުމުން ބުނެލިއެވެ. ” ހިނގާބަލަ އަހަރެންނާއެކު ދާން ” ހަމްދާން ބުނެލިއެވެ. ” ބޯވިއްސާރާއިގަ ކޮންތާކަށްތަ؟ ” ޒޭނާ އަހާލިއެވެ. ” ތަނެއް ދައްކަންވެގެންނޭ. ދެން ލަސްނުކޮށް ހިނގާބަލަ ” ހަމްދާން މިހެން ބުނެ ޒޭނާގެ އަތުގައި ހިފާ ގެއިން ބޭރަށް ނެރި ދުއްވައިގަތެވެ. ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ހެދިފައިވާ ފެންގަނޑު ތަކުގެތެރެއިން ޒޭނާ ގޮވައިގެން ދުވަމުން ގޮސް ހަމްދާން މަޑުވީ ހަމްދާން މެންގެއާ މާދުރުނޫން ހިސާބުގައި ހުރި ފަޅުގެ އެއް ހުރި މަގުމެދުގައެވެ. ” ކީހިނެއްވީތަ ހަމްދާން. ކީއްކުރަން އަހަރެން ގޮވައިގެން މިތަނަށް ތިއައީ ” ވަރުބަލި ވެފާ ހުރި ޒޭނާ މިހެން ބުނުމުން ހަމްދާން އިނގިލި ދިއްކޮށްލި ފަޅު ގެއާދިމާޔަށް ޒޭނާ ބަލާލިއެވެ. އެވަގުތު ޒޭނާއަށް ފެނުނީ އެފަޅުގޭގެ އަސްކަނިދަށުގައި އިށީދެގެން އިން ސާރާއެވެ. ޒޭނާއަށް ސާރާ ފެނުމުން ދުވެފަ ކަހަލަ ގޮތަކަށް އެދިމާއަށް ގޮސް ސާރާގެ ގާތުގައި ކުޑަކަކޫ ޖަހާ އިށީނެވެ. އެހިދު ހީކަރުވާފައިން ސާރާ ބަލި ފާޑަކަށް ޒޭނާއަށް ބަލާލިއެވެ. ޒޭނާ ފެނުމުން ސާރާ ޒޭނާގެ މޫނަށް ބަލަންހުރެ ރޯންފެށުމުން ޒޭނާ ސާރާގެ ގައިގައި އޮޅުލައިގަތެވެ. ” ކިހިނެއްވެފަ މިތާ ތީނީ ” ޒޭނާ ސުވާލުކޮށްލިއެވެ. ” އަހަރެން މިއަދު ވަންނާނެ ގެއެއް އެހީއަށް އެދި ދާނެ ތަނެއް ނެތީމާ މިތާ މީނީ ” ސާރާ ބުނެލިއެވެ. ” ވަންނާނެ ގެއެއް ނެތޭ ތިބުނީ ކިހިނެއްވީ ” ޒޭނާގެ ގަޔާ ސާރާ ދުރުކޮށްލުމަށްފަހު ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ. ” ޒޭނާ މިވަގުތު ސާރާއާ ސުވާލުނުކޮށް ސާރާ ގެއަށް ގެންދަންވީނު. ސާރާ އޭނީ ވަރަށް ބޮޑަށް ހީކަރުވާފަ ” ޒޭނާ ވެގެން އުޅޭ ގޮތް އޮޅުން ފިލުވުމަށް ސާރާ ކުރެން ސުވާލު ކުރަން ފެށުމުން ހަމްދާން ބުނެލިއެވެ.
” މިއަދު ތިއޮތީ އަހަރެން ބުނި ދުވަސް އައިސްފަ. އެދުވަހު އަހަރެން ބުނި ވާހަކަ ސާރާ ގަބޫލް ކުރިނަމަ މިއަދު ސާރާއަށް ތިހެން ނުވީސް. އެކަމަކު ސާރާ އަހަރެން ބުނި ވާހަކަ ގަބޫލް ނުކުރި. ސާރާ ހީކުރީ އަހަރެން އުޅުނީ ސާރާގެ ދިރިއުޅުމަށް ހުރަސް އަޅަންވެގެންކަމަށް. އެވިސްނުން ވިސްނާފަ ސާރާ ހިތުހުރި އެއްޗެއް އަހަރެންނާ ދިމާޔަށް ގޮވާލީ ” ޒޭނާ ބުނެލިއެވެ. ” އަހަރެންނަށް ވިސްނުން އިރު މިވަނީ ވަގުތު ފާއިތުވެފަ. ޒޭނާ އަހަރެންނަށް މާފުކުރޭ ” ސާރާ ބުނެލިއެވެ. ” މިހާރު އެ ސިނާން ކޮބާ؟ ” ޒޭނާ އަހާލިއެވެ. ” އޭނާގެ ރަށުގަވީ. އަހަރެން އެވާހަކަ ބުނީމަ އެއްބަސްނުވި. އެކަމަކު އަހަރެން މިދަރިފުޅަށް ދެރައެއް ނުދޭނަން. މިކަމުގަ މިދަރިފުޅުގެ އެއްވެސް ކުށެއް ނެތް ” ސާރާ ބަޑުގައި އަތްހާލަމުން ބުނެލިއެވެ. ” އެހެންވީމާ ސާރާ ވިހާ ގަދަވެގެން ވެސް މިގޭގައި ހުރޭ ” ޒޭނާ ބުނެލިއެވެ. ” ނޫނޭ ޒޭނާ. އަހަރެން ބޭނުމެއް ނޫން މިރަށުގަ އުޅެގެން އިތުރަށް އަހަރެންގެ މައިންބަފައިންގެ އަގުވައްޓާލާކަށް. މިހާރުވެސް އަހަރެންނަށް މިވަނީ އިއްޒަތާ ގަދަރު ލިބިފަތިބި ބައެއްގެ އަގުވައްޓާލެވިފަ. އެހެންވީމާ އަދިވެސް އަހަރެންނަށް ކަމެއްކޮށްދެންޔާ އެހެންތަނެއްގައި އަހަރެން ވިހާ ގަދަވަންދެން އަދި ލިބެންވާ އަދަބެއް ލިބި މިނިވަންވަންދެން ހުރެވޭނެ ގޮތެއް ހަދައިދީ ” ސާރާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ” އެދުވަހުން ފެށިގެން އަހަރެން ސާރާއާ ވާހަކަ ނުދައްކާ ހުރީ ވާހަކަ ދައްކަން ބޭނުން ނުވެގެނެއްނޫން. އަދި ކަމެއް ބޭނުން ވުމުން ނުކޮށްދޭކަށް ވެސް ނޫން. ތިކަންތައްވެސް އަހަރެން އިރާދުކުރެއްވިއްޔާ ސާރާއަށް ކޮށްދޭނަން. އެކަމަކު ދެރައީ ސާރާއަށް އަހަރެން ބުނާ ވާހަކަތައް ގަބޫލުކުރަން އުދަގޫވާތީ. އަހަރެންކަށް ނޭންގެ ސާރާޔަށް އެހެންވަނީ ކީއްވެގެންކަމެއް ” ޒޭނާ ބުނެލިއެވެ.
ސާރާގެ އެނދުމުގެ މަތިން މުކުރިމަގުގައި އުޅޭ ޒޭނާގެ ރައްޓިއްސަކާ ވާހަކަ ދައްކައިގެން ސާރާ މުކުރިމަގަށް ބަދަލުކުރިއެވެ. އެގޭގައި ސާރާ ބޭނުން ދުވަހެއްގައި ހުރެވޭނެކަމަށް ޒޭނާ ބުންޏެވެ. އަދި މިކަން އަކިޔަލް އާއި ސާހިދުއަށް ސިއްރު ކުރުމަށް ހަމްދާން ގާތުގައި ޒޭނާ ބުންޏެވެ.
ސާރާގެ ހަގީގަތް އެގުމުން އަކިޔަލްގެ މާޔޫސްކަން އިންތިހާއަށް ދިޔައެވެ. ކުރި އިންތިޒާރާ ވިސްނިގެން ސާރާ އަންނާނެކަމަށް ދެކެމުންއައި ހުވަފެންތައް ވިއްސިވިހާލިވީ ސާރާގެ އަނގައިން ނިކުތް ޖުމްލައަކުންނެވެ. ބައެއްފަހަރު ދިރިއުޅުމުގައި އެއްވެސް އުފަލެއްނެތްކަމަށް އަކިޔަލްއަށް ގަބޫލްކުރެވެން ފެށުނީ ފެނަނަމުން ދިޔަ މަންޒަރުތަކާއި ކަންތައްތައް ވަމުންދިޔަ ގޮތުންނެވެ.
ކަންތައްތައް މިހެން ހުރުމުން އަކިޔަލް ހިތްހަމަ ޖައްސާލަން ދަނީ އަތިރިއަށެވެ. މިފަހަކުން އަކިޔަލް އަތިރިއަށް ގޮސް ހުންނައިރު އަންހެން ކުއްޖެއް އަކިޔަލްއަށް ފެނަމުން ދިޔައެވެ. މިއަންހެން ކުއްޖާ އަކިޔަލްއަށް ބަލާކަށް އަކިޔަލްއަށް ވަރަށް ފާހަގަ ކުރެވެމުން ދިޔައެވެ. ނަމަވެސް ސާރާގެ ފަރާތުން އަކިޔަލްއަށް ހިތާމަޔާ ހިތްދަތިކަން ލިބުމުން ދެވަނަ ސާރާއެއް ބޭނުން ނުވާކަމަށް ހިތުގެ އަޑިން އަޒުމް ކަޑައަޅައިގެން ހުރުމުން އެކުއްޖާ ކިތައްމެ ވަރަކަށް ބެލިޔަސް އަކިޔަލް އެކަމާ އަޅާނުލާ ހިތްހަމަ ޖެހެންދެން އަތިރީގައި ހުރުމަށްފަހު ގެއަށްދަނީއެވެ. އެހެންތަނަކުން އަކިޔަލްއަށް އެކުއްޖާ ނުފެންނާތި އަކިޔަލް ހައިރާންވެސް ވިއެވެ. ނަމަވެސް އެއީ ވިސްނަން މުހިންމު ކަމަކަށް ނުވާތީ އަކިޔަލް އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ.
ކާކުކަން ނޭންގޭ އަންހެން ކުއްޖާ ފެންނަތާ ފަސްދުވަސް ވީފަހުން ހަވަނައަށްވީ ދުވަހު އަކިޔަލް އަތިރިއަށް ދިޔައިރު އެހެން ދުވަސް ދުވަހު އެކުއްޖާ ހުންނަ ހިސާބުގައި ފެންނަން ނެތުމުން އަކިޔަލްއަށް އެކަމާ ވިސްނާލެވުނެވެ. ” މިއަދު އެކުއްޖާއެއް ނެތް. އަނެއްކާ އަހަރެންނަށް ކުރިން އާދެވުނު ދުވަހެއްތަ؟ ” އަކިޔަލް ހިތާހިތުން ކިޔާލުމަށްފަހު ކުޑަކޮށް އަތިރިއަށް ފައިބާ އެދިމާ ބަލާލިއެވެ. ނަމަވެސް އެކުއްޖާ ފެންނަން ނެތުމުން ގެއަށް ދިޔުމަށް އެއްގަމަށް ހިގައިގަތް ވަގުތު އަކިޔަލްއަށް ފެނުނީ އެކުއްޖާ އަކިޔަލް ކުރިން ހުރި ހިސާބުގައި ހުއްޓައެވެ. ނަމަވެސް އަކިޔަލް ވަރަށް ނޫންކަމަށް ހެދިގެން އެއްގަމަށްދާން ހިނގަމުން އައިސް އެކުއްޖާއާ އަރާ ހަމަކުރިއެވެ. ” އަހަރެން ފެންނަން ނެތުމުން ކޮބާތޯ ބަލާލަންވެގެންދޯ ތިދިޔައީ ” މިހެން އެކުއްޖާ ބުނުމުން އަކިޔަލް ބަލާލިއެވެ. ” ކާކުތީ. ކޮންކަމެއް ބޭނުންވެގެން އަހަރެން ދާހާތަނެއް ބަލަމުން ތިދަނީ ” އަކިޔަލް ބުނެލިއެވެ. ” އަހަރެންނަށް ކިޔަނީ ރިޒްނީ. އަހަރެން މީ މިރަށު ކުއްޖެއް. އަހަރެން އަކިޔަލްގެ ފަރާތުން ބޭނުންވަނީ އެއްމެ އެއްޗެއް ” ރިޒްނީ ބުންޏެވެ. ” އެއި ކޮންއެއްޗެއް؟ ” އަކިޔަލް ސުވަލުކޮށްލިއެވެ. ” އެއީ ލޯބި ” ރިޒްނީ ފަސްޖެހުމެއްނެތި ބުނެލިއެވެ. ” މީދުވާލު. ހޭލާ ހުރެގެން ހުވަފެން ބަލަން ނުހަދާ. ތިކަމެއްނުވާނެ. ” އަކިޔަލް ހިތްހަމަ ނުޖެހޭ ފާޑަކަށް އެހެން ބުނެލުމަށްފަހު ހިނގައިގަތެވެ. ” އަކިޔަލްއަށް އަދި އަހަރެން ނޭންގެނީ. އަހަރެންމީ ތިހާ ފަސޭހައި ހަތިޔާރު ބަހައްޓާނެ މީހެއްނޫން. އަހަރެންނަށް އަކިޔަލް ފެނުން ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެން މިދަނީ ހޭލާ ހުރެގެން ހުވަފެން ބަލަމުން. އަހަރެން ހޭލާ ހުރެގެން އަހަރެން ބަލަމުންމިދާ ހުވަފެނުގަ އިރާދުކުރެއްވިއްޔާ ހަޤީޤީ ކުލަޖައްސާނަން. އަދި އެދުވަސް ވެސް އަކިޔަލްއަށް ފެންނާނެ ” އަކިޔަލް ދިޔަ މަންޒަރު ބަލަން ހުރެ ރިޒްނީ ހިތާހިތުން ކިޔާލިއެވެ. ” ތިކަމެއްނުވާނޭ ބުނީތީ ވެސް އަދި އަހަރެން އަކިޔަލްގެ ލޯބި ހާސިލްކޮށްފަ ނޫނީ ހަމަ ޖެހިގެން ނުހުންނާނަން ” ރިޒްނީ ބުނެލިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ސާރާގެ ބަނޑަށް ނުވަމަސްވިއެވެ. މީ އަންހެނަކަށް އަންނާނެ އެންމެ އުފާވެރި ދުވަސްކަމުން ސާރާ ހުރީ އުފަލުންނެވެ. އެހެންނަމަވެސް އެއުފަލާ އެއްވަރަށް ސާރާގެ ދިރިއުޅުން ހަލާކުކޮށްލެވުމުން ހިތާމަވެސް ކުރެއެވެ. އަދި އަމިއްލަ ނަފްސާމެދު ވިސްނެމުން ދިޔައެވެ. ސާރާގެ ބަޑަށް ދުވަސްފުރިގެން އައި ދުވަސްވަރުކަމުން ޒޭނާ ކުރިއަށް ވުރެއް ގިނައިން ސާރާގެ ހާލުބަލާލަން އެގެއަށް ދެއެވެ. އަދި ދިރިއުމުގައި ދިމާވި ކަންތައްތަކުން އިބުރަތް ހާސިލްކޮށް ކުރެވުނު ކުށަށް ތައުބާވެ ދެވަނަފަހަރު އެފަދަކަމެއް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްދިނެވެ.
” ކުއްލިއަކަށް ތިއައީ ކީއްކުރަންތަ؟ ” ޒާހިން އަހާލިއެވެ. ” އަހަރެން މިއައީ ވަރަށް ބޮޑުކަމަކު ” ސިނާން ބުނެލިއެވެ. ” އެއީ އަނެއްކާ ކޮންކަމަކުތަ؟ ” ޒާހިން ބުނެލިއެވެ. ” އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ. އަހަރެން ބޭނުން އެކުށަށް ތައުބާވާން ” ސިނާން ބުނެލިއެވެ. ” ކޮން ކުށެއް ކުރެވިގެން ތިއުޅެނީ. ކީކޭތަ ތިކިޔަނީ. ތިހާ ގަޓްވެފަ އުޅޭ މީހުންނަށް ކުއްވެސް ކުރެވޭތަ؟ ” ސިނާން ދައްކާ ވާހަކަ އެއްވެސް ވަރަކަށް ޒާހިންއަށް ނުވިސްނުމުން ދިމާކުރާ ފާޑަކަށް ބުނެލިއެވެ. ” މީގެ ދެދުވަސް ކުރިން އެއްރެއްގައި އަހަރެން ނިދާފަ އޮށްވާ ހުވަފެނުން ފެންނަނީ ކުޑަކުއްޖަކު. އެކުއްޖާ އަހަރެންނަށް ބައްޕާއޭ ކިޔާ ގޮވާ. ބައްޕަގެ ލޯބިން މަހުރޫމްނުކުރުމަށް ބުނެ އާދޭސް ކުރޭ. އަދި އެ މައުސޫމް ކުޑަކުޑަ ކުއްޖާގެ އެއްވެސް ކުށެއްނެތްކަމަށް ބުނޭ. ބައްޕަޔާ މަންމަ ކުރި ކުށެއްގެ ސަޒާ ނުދިނުމަށްވެސް ބުނި. އެހާހިސާބުން އަހަރެންނަށް ހޭލެވުނު. އޭގެ ފަހުން އަހަރެން އެކަނިވުމުން އެކުއްޖާ ސިފަވަމުންދޭ. އަހަރެން ބޭނުން ސާރާއާ ބައްދަލުކުރަން. އެކަން އަހަރެންނަށް ކޮށްދީފާނަންތަ؟ މިހެން މިބުނީ ކުރިން ސާރާ ބޭނުންކުރި ނަންބަރަށް ނުގުޅޭތީ ” ސިނާން އާދޭހުގެ ރާގަކަށް ބުނެލިއެވެ. ” ދެން ތިހެން ފެންނަ ހުވަފެން ހަގީގަތަކަށްވޭތަ. އެކަމާ އަޅާނުލާބަލަ. ސިނާންއަކީ ނުލާހިކު ގަޓް ހުންނަ ކެރޭ މީހެއްނު. އެކަމަކު ފެނުން ހުވަފެނަކުން މީހާ ތިހުންނަނީ ވާނުވާގަ ” ޒާހިން ބުނެލިއެވެ. ” އެ ހުވަފެން އަހަރެންނަށް ފެނުނީ އެންމެ ރެއަކުއެއް ނޫން. ޖެހިޖެހިގެން ތިންރޭ ހަމަ އެއްގޮތަކަށް ފެންނަނީ. ޕްލީޒް އަހަރެންނަށް ސާރާ ވީތަނެއް ބަލާދީބަލަ ” ސިނާން އާދޭސްކުރަން ފެށިއެވެ.
” އަހަރެންނަށް ވެސް ސާރާ ވީތަނެއްނޭންގޭ. ކައިވެނިން ބޭރުން ބަނޑު ބޮޑުވުމުން ސާރާގެ ބައްޕަ ސާރާ ގެއިންވެސް ނެރެލީ. އޭގެފަހުން އަހަރެން ނުދެކެން ސާރާއެއް. އަހަރެންނަކަށް ހިޔެއްނުވޭ މިރަށު ސާރާ ހުރިހެން ވެސް ” ޒާހިން ބުނެލިއެވެ. ” ކީއްވެ ތިހެން ތިބުނީ. ސާރާ މިރަށުގަ ނުހުރެ ކޮންތާކަށްދާނީ. ތިބުނީނު ސާރާގެ ބައްޕަ ސާރާ ގެއިން ވެސް ނެރެލިޔޭ. އެހެންވީމާ ސާރާ ކޮންތާކަށް ދާނީ ” ސިނާން ހާސްކަމާއެކު ސުވާލުކޮށްލިއެވެ. ” ދާނެ ތަނެއް ބުނާކަށް އަހަރެންނަކަށް ނޭންގެ. އަހަރެން މިބުނީ ހީވަނީއޭ ސާރާ މިރަށުގަ ނެތްހެން. މުޅިން ޔަގީނެއްނޫން. އެދުވަހުވެސް އަހަރެން ސިނާންގެ ގާތުގައި ބުނިން ގޯހެއް ނުހަދަން. އެކަމަކު ސިނާން އަހަރެންގެ ބަސް ގަބޫލުނުކޮށް ކަންތައްކުރީ ހިތުހުރި ގޮތަކަށް. މިއަދު ދެން ތިވާހަކަ ދައްކަން ނުހަދާ. އަހަރެންނަކަށް ހިޔެއްނުވޭ ތިކަމަކުން ދެން ފައިދާއެއް ކޮށްފާނެ ހެނެއް ” ޒާހިން ބުނެލިއެވެ. ” ދެން ކޮންތާކުން އަހަރެން ސާރާ ހޯދާނީ ” މާޔޫސްވެފާހުރި ސިނާން ބުނެލިއެވެ. ” އަހަރެންނަކަށް ނޭންގެ. ސާރާ ލޯބިވެއޭ ބުނީމާ ސިނާން ސާރާ ގެންގުޅުނީ ކުޅޭ އެއްޗެއްހެން. ވަގުތު ފާއިތު ވީމާ ދެންކިއްކުރަން ސާރާ ހޯދަނީ ” ޒާހިން ހިތްހަމަ ނުޖެހޭ ރާގެއްގަ ބުނެލިއެވެ. ” ސާރާ އެވާހަކަ ބުނީމާ އަހަރެންނަށް ހަދާނެގޮތެއް ނޭންގުނު. އެހެންވެ އަހަރެން އެއްބަސް ނުވީ. އެކަމަކު މިއަދު އަހަރެންނަށް ކޮންމެފަދަ އަދަބެއް ލިބުނަސް ފަރުވާލެއްނެތް. ފޮނަދޫގަ އަހަރެންނަށް ކަމެއްކޮށްދޭނެ މީހަކަށް ހުރީ ޒާހިން. އެހެންވެ ޒާހިން ގާތަށް މިއައީ. އާދޭސް ކޮށްފަ މިބުނީ އަހަރެންނަށް ސާރާ ވީތަނެއް ބަލާދީ ” ދެއަތް ދެއަތަށް ޖޯޑުކޮށް ސިނާން ޒާހިންގެ ފައިބުޑަށް ތިރިވިއެވެ. އަހަރެންނަށް ސާރާ ވީތަނެއް ބަލައިދީ… ޕޮލީޒް ޒާހިން” ސިނާނަށް ރޮވޭގޮތްވިއެވެ. ” ތިހެން ހިތްވަރު ދެރަކޮށްލުމަކުން އަދި ރަގަނޅެއްނުވާނެ. އެދުވަހު އެކަމުގަ ސިނާން ހިތްވަރާއެކު މަސައްކަތް ކުރިހެން މިއަދު ސާރާ ވީތަނެއް ހޯދާފަ، ސާރާގެ ކިބައިން މާފަށް އެދެން ވެސް ހަމަ އެވަރަށް މަސައްކަތް ކުރޭ. އެހެންނޫނީ ސިނާންއަށް އެކަމުގަ ކާމިޔާބު ލިބުނަސް މިކަމުގަ ކާމިޔާބު ނުލިބުމަކީ ދުރުގަ ވާކަމެއް ނޫން ” ޒާހިން ސިނާންގެ ދެކޮޑުގަ ހިފާ ކޮޅަށް ނެގުމަށްފަހު ބުނެލިއެވެ. ” ކާމިޔާބު ނުވެދާނެތީ އަހަރެން ޒާހިންގެ ގާތަށް މިއައީ. އަހަރެންނަކީ މިރަށު މީހަކަށް ނުވެފަ، ރަށުތެރޭގެ ކަންތައްތައް އަހަރެންނަށް ނޭންގޭނެތީ ޒާހިންގެ ގާތުގައި މިބުނީ ސާރާ ވީތަނެއް ބަލާދޭށޭ. އޭގެ ފަހުން ކުރަން ޖެހޭ ކުރިހާ ކަމެއް އަހަރެން އަމިއްލައަށް ކުރާނަން. ހަމައެކަނި ބޭނުންވަނީ ސާރާ ވީނެއް އެނގެން ” ސިނާން ބުނެލިއެވެ. ” އަހަރެން ކުރިން ވެސް ބުނީމެއްނު ސާރާ ވީތަނެއް އަހަރެންނަށް ނޭންގޭ ވާހަކަ. އެކަމަކު ފަހަރެއްގަ ސާރާ ވީތަނެއް ސާރާގެ ބެސްޓްފުރެންޑަށް އެގިދާނެ. އޭނާޔާ ސުވާލުކުރަންވީނު ” ޒާހިން ބުނެލިއެވެ. ” ތިބުނާ މީހަކު އަހަރެންނަކަށް ނޭންގޭ. ޒާހިން އަހަރެން ތިބުނާ މީހެއްގެ ގާތަށް ގެންގޮސްދީފާނަންތަ؟ ” ސިނާން މިހެން ބުނެލުމުން ޒާހިން ސިނާން ގޮވައިގެން ޒޭނާގެ ގެއަށް ދިޔައެވެ. ވަގުތަކީ ޒޭނާ ގެއިން ބޭރަށް ނުކުތްވަގުތުކަމުން ޒޭނާއަށް ސިނާން ފެނުމުން ރުޅިވެރިކަމާއެކު ބަލާލިއެވެ.
” އަހަރެން މިއައީ ވަރަށް ބޮޑު ކަމަކު ކިޔަންވެގެން. އަހަރެންނަށް މިކަން ކޮށްދީ ” ޒޭނާގެ ކުރިމައްޗަށް ހުއްޓި ސިނާން ބުންޏެވެ. ” އަހަރެން ކަލޭއަށް ކޮށްދޭންޖެހޭ ކަމެއް އޮތްކަމެއް ކުރިއަކުން ނޭންގޭ. އެހެން ނޫނަސް އަހަރެން ކައިރިން ކަންތައްތަކުގަ ކިޔަން ތީކާކު؟ ” ޒޭނާ ރުޅި އައިސްގެން ބުނެލިއެވެ. ” މިއަދު އަހަރެން ދިފާއުގަ ދައްކާނެ އެއްވެސް ވާހަކައެއް ނެތް. ތިކިޔަނީ އަހަރެންނަށް ހައްގު އެއްޗެހި. ބޭނުން އެއްޗެއް ކިޔާ. އެއަށްފަހު އަހަރެން ކުރާ އެންމެ ސުވާލެއްގެ ޖަވާބު އަހަރެންނަށްދީ. އާދޭސްކޮށްފަ ބުނަން ” ސިނާން އާދޭސް ކުރަންފެށިއެވެ. ” އަހަރެން ނޫޅެން ކޮންމެހެން ކަލޭ ކަހަލަ މީހަކާ ދިމާލަށް އެއްޗެހި ކިޔާކަށް. އެއްޗެކޭ ބުނެވުން ވެސް އެއީ ބޭކާރުކަމެއް. ތިހެން އުޅޭ މީހުން އަދި މީހަކު އެއްޗެއް ބުނެގެން އެއްޗެއް ހިތަކަށް ނާރާނެ. ކަލޭ ހީކުރީތަ ކުރާނެހާ ކަމެއްކޮށްފަ އައީމާ އަހަރެން ކަލޭކުރާ ހުރިހާ ސުވާލަކަށް ޖަވާބުދޭނެކަމަށް. ކަލޭމެން ފިރިހެނުން ހީކުރަނީ އަންހެންކުއްޖަކަށް ބޭނުން ގޮތެއް ހަދާލެވުނީމާ ވަކިމޮޅުތަކެއްވާނެކަމަށްތަ؟. އެހެން ހީކޮށްފިއްޔާ އެއީ ކަލޭމެންގެ ފިޑިކަން. ނުކުޅެދުންތެރިކަން ” ޒޭނާ ބުންޏެވެ. ” ތިކަން މިއަދު އަހަރެންނަށް ގަބޫލު ކުރެވިއްޖެ. އަހަރެން ބޭނުން އަހަރެން ކުރި ކުށަށް ތައުބާވެ ސާރާއަށް އެހީވާން. އަހަރެންނަށް ސާރާ ވީތަނެއް ބުނެދީފާނަންތަ؟ ” ސިނާން އިސްޖަހާލަމުން ބުނެލިއެވެ. އެވަގުތު ޒޭނާ ރުޅިވެރި ގޮތަކަށް ބަލާލުމަށްފަހު އެއްޗެއް ނުބުނެ ހިގައިގަތެވެ.
” ޕުލީޒް ޒޭނާ ” ސިނާން ފަސްދީ ޒޭނާ ދިޔުމުން ސިނާން ބުނެލިއެވެ. ” ސާރާޔަށް އެންމެ ބޮޑަށް އެހީ ބޭނުންވި ދުވަހު ތި ސިނާން ކޮބާ؟. ކޮންތާކު ފިލާ އޮތީ. އެދުވަހު ނުވި އެހީއެއް މިއަދު ސިނާން ވާނީ ކިހިނެއް. ތިބުނާ އެހީއެއްވާން ސާރާ އެއްބަސް ވާނެކަމަށް ހީވަންޏާ އެއީ ވެސް ސިނާންއަށް ކުރެވޭ ކުއްހީއެއް. ސާރާ މިއަދު އުފުލަމުން އެދަނީ އެހެންމީހުންގެ އިހުސާސްތައް ދެނެގަންނަން ނޭންގޭ މީހެއްގެ ފަރާތުން ލިބުނު ބުރަތަކެއް ” ޒޭނާ ބުނެލިއެވެ. ” ތިކަން ވެސް އެނގޭ ޒޭނާ. މިއަދު އަހަރެން އޮޅުން ފިލުވަން ބޭނުންވަނީ ސާރާ ވީތަނެއް. އަހަރެން ބޭނުން ސާރާގެ ކިބައިން މާފަށް އެދެން. ސާރާޔަށް އެހީވާން. ސާރާ ވީތަނެއް ބުނެދީފާނަންތަ؟ ” ސިނާން އަނެއްކާ ވެސް ސާރާ ވީތަނެއް ބުނުމަށް އެދުނެވެ. ” ސިނާން ހީކުރަނީ ސާރާގެ ކިބައިން މާފަށް އެދުމުން ސާރާގެ ފަސްބައިގަ ޖެހިފަވާ ލައްގަނޑު ފިލާނެ ކަމަށްތަ؟. މާފަށް އެދުނަސް، ނޭދުނަސް، އަދި ފިލާއޮތަސް ސާރާގެ ފަސްބައިގަ ޖެހިފަވަނީ ދުވަހަކުވެސް ފިލާނެ ލައްގަނޑެއްނޫން. އަހަރެން މި އަންހެނަކަށް ވިޔަސް، އަދި ސިނާންގެ ނުބައިކަމުން ސާރާޔަށް ދިން އަނިޔާއިން ސާރާގެ މައިން ބަފައިން ސާރާ ގެއިން ނެރެލިޔަސް، ސާރާގެ ހުރިހާ ކަމެއްވެސް އަހަރެން ކޮށްދޭނަން. ސާރާޔަށް ސިނާންގެ އެހީއެއް ބޭނުމެއްނުވާނެ ” ޒޭނާ ބުނެލިއެވެ.
” ސިނާންއަށް އިހުސާސް ވެއްޖެ ސިނާންއަށް ކުރެވުނި ކުށެއްކަން. އެހެންވީމާ ސިނާނަށް ސާރާޔާ ވާހަކަ ދެއްކެނެ ގޮތެއް ޒޭނާ ހަދައިދޭންވީނު ” ޒޭނާގެ ވާހަކަ ހުރިގޮތުން ޒާހިން ބުނެލިއެވެ. ” ޒާހިން ކޮންމެހެން މާ ރަނގަޅު މީހަކަށް ވެގެން އުޅޭނެކަމެއްނެތް. މިހުރިހާ ކަމެއްގަ ޒާހިންގެ ހިއްސާ ވަކި ކުޑައެއްނޫނޭ ” ޒޭނާ ބުނެލިއެވެ. ” އަހަރެން ކީއްކުރީ. ޒޭނާ ކީއްވެ މިކަމުގެ ތެރެއަށް އަހަރެން ތިވައްދަނީ ” ޒާހިން ހައިރާންކަމާއެކު ބުނެލިއެވެ. ” މިކަމުގެ ތެރެއަށް ޒާހިން ނުވައްދާ ދުރުގަ ބަހައްޓަންވެސް މާބޮޑަށް ލަސްވެއްޖެ ” ޒޭނާ ރުޅިވެރި ގޮތަކަށް ޒާހިންއަށް ބަލާލަމުން ބުނެލިއެވެ. ” ބުނަން ޒޭނާ ވާހަކައެއް. ފާޑުފާޑަށް އަހަރެންގެ ބޮލުގަ އިލްޒާމް އަޅުވާނެކަމެއްނެތް. ހީނުކުރާތި އަހަރެން މަޑުންހުންނާތީ އަހަރެންނަށް ކަމެއް ކުރަން ނުކެރޭނޭ. ތިހެން އުޅެންޏާ މަންޒަރު ރީއްޗެއްނުވާނެ ” ޒާހިން ޒޭނާޔާ ދިމާއަށް އިނގިލި ދިއްކޮށް ބުނެލިއެވެ. ” އޭ ޒާހިން… ކޮންމެހެން މަށާ ދިމާލަށް އިނގިލި ދިއްކޮށް އިންޒާރު ދޭނެކަމެއްނެތް. މަށެއް ބިރެއް ނުގަނޭ. މަށާ ދިމާޔަށް ދިއްކޮށްފަހުރި އެއް އިނގިލި. އަމިއްލަ މިހާޔާ ދިމާލަށް އެބަހުރި ހަތަރު އިނގިލި. ތިހެން މަޑުން ހުންނާތީ މިހުން ހީކުރަނީ ޒާހިން އަކީ ތެދު އަލިފު ކަމަށްތަ؟. ތިވެސްތީ މީހުންނަށް ދައްކާ ދަޅައެއް. އެހެންވީމާ އަމިއްލަ މީހާޔަށް ވިސްނާލާ. ތިހެން ފުއްޕާފާ މިހިރަ ސިނާން ވެސް އެއް އިރެއްގަ އުޅުން. އެކަމަކު މިއަދު އަމިއްލަ މީހާ އެހުރީ ކުޑަކަކޫ މައްޗަށް ތިރިވެފަ. ޒާހިން މިކަމުގަ ހިއްސާވާ މިންވަރަކީ ޒާހިންއަށް އެނގިހުރެ ޒާހިންމެން ގޭގަ މިހުރިހާ ކަމެއްވެގެން ދިޔަކަން. ޒާހިން ގެ ކޮޓަރީގަ. އެކަމަކު އެކަން ހުއްޓުވަން އެއްޗެއް ބުނާނެ އަނގައެއް ޒާހިންގެ ނެތް. ދެން މިއަދު ވާންވި ހުރިހާ ކަމެއްވެގެން ސާރާގެ ދިރިއުޅުން ބަރުބާދުވީމާ ސިނާންއަށް ކުށެއް ކުރެވުނުކަން އިހުސާސްވެ ޒާހިން ތިހުރީ ސިނާންގެ ވަކީލަކަށް ވެގެން. ތިހެނެއް ތިކަމެއް ނުވާނެ ” ޒޭނާ މިހެން ބުނުމުން ޒާހިން އިސްދަށަށް ޖަހާލުމުން ޒޭނާ ދެމިހުންނަށް ބަލާލުމަށްފަހު ހިނގާފަގޮސް މަގު އެއްފަރާތުގައި ހުރި ސައިކަލަށް އަރާ ދުއްވާލިއެވެ.
” އަހަރެންނަށް މާފުކުރޭ ޒާހިން. އަހަރެންގެ ސަބަބުން މިއަދު ޒޭނާގެ އެރުޅިވެރި ބަސްތައް ޒާހިންއަށް އަމާޒުވީ ” ޒޭނާ ދިޔުމުން ސިނާން ބުނެލިއެވެ. ” އެކަމާ އަޅާނުލާ. ޒޭނާ ވެސް އެބުނި މުޅިއަކުން ދޮގު ވާހަކައެއް ނޫން. އެދުވަހު އަހަރެން ސިނާން ހުއްޓުވަން މަސައްކަތް ކުރެވުންނަމަ މިއަދު މިހެން ނުވީސް. އަދި ޒޭނާގެ ރުޅިވެރި ބަސްތައް އަޑުއަހާކަށް މިތާ ހުންނާކަށްވެސް ނުޖެހުނީސް. އެކަމަކު ވަގުތު މާބޮޑަށް ވެސް ފާއިތުވެއްޖެ. ދެންކުރެވޭނެ މާބޮޑުކަމެއްނެތް. ޒޭނާ ހިތްހަމަ ނުޖެހިގެން އެދިޔައީ ސާރާ ވީތަނެއް ވެސް ނުބުނެ. އެހެންވީމާ ދެން ހިނގާ ގެއަށްދާން. އަދި ފަހުން ޒޭނާޔާ ބައްދަލު ކުރަން އަންނާނީ ” ޒާހިން މިހެން ބުނެ ސިނާންގެ ގޮވައިގެން ހިނގައިގަތެވެ.
6 Comments
Comments are closed.
Meee mihaaru sinaan ge vaahaka eh tha????
Dhigu vaahakathakugai gina charectors ulheyne. E enmenge vaahakaves kiyaidhevidhaane. So, migoiyves hama rangalhuvaane.
Mee shinaan ge vaahaka eh nun
vrh reethi
Hmm story nice ? bt plx sharaa nd and aku nugulhuvaati mihaaru new girl eh uley eh nun that girl nd aku den shinaan nd sharaa so eerun nice waane
Sharaa and aku nugulhuvaati plx and story is very nice???????????????????????????