އެންމެ ފަހު ގަޑި ކިޔަވާ ނިމޭއިރަށް އަވްލީން ފޮތްތައް ނަގައިގެން ހިނގައިގަތީ އަވަހަށް ގެއަށްދާށެވެ. ނަމަވެސް ދޮރާ ހަމައިން މަޑުކޮށްލެވުނީ ދޮރުމަތީގައި މަޑުކޮށްގެން ހުރި މޯޑް ފެނިފައެވެ. ” ހައި ސްވީޓީ.. ހާދަ އަވަހަކަށް ދާން ތިއުޅެނީ.. މަ ސްކޫލަށް ނާންނާތީ ވަރަށް ދެރަވެފަ ދޯ ތިހުންނަނީ.. އަސްލު ސްކޫލަށް އަންނަ ހިތެއް ނުވޭ.. އެކަމަކު މަގޭ ހިތުގެ ރާނީ ފެނޭތޯ މިއައީ…”މޯޑް ވާހަކަ ދައްކަމުން ކުރިއަށް ޖެހޭވަރަކަށް އަވްލީން ފަހަތަށް ޖެހެމުންދިޔައެވެ. ” ހޭ މޯޑް.. ކީއްވެ މި ދެތިން ދުވަހު އެއްގޮތަކަށް ސްކޫލަށް ނައިސް ތިއުޅެނީ.. ކުރިން ނަޔަސް މިހާ ގިނަ ދުވަސްވަންދެން ނައިސް ނުހުންނަމެއްނު…” ވިޝާކާއަށް މޯޑް އަވްލީންއާ ދިމާލަށް ދާތަން ފެނިގެން މޯޑް ކައިރިއަށް ޖެހިލާ ވާހަކަ ދައްކަން ފެށިއެވެ. ” އާން.. މިފަހަރު ތަންކޮޅެއް ގިނަ ދުވަސްވީ އަންމަޑޭ މެނާއެކު ރަށަކަށް ޖައްސާލީމަ..މިއަދު މިއައީވެސް.. ކޮބާ އަޒްހީން.. އޭނަ ނާދޭތަ ސްކޫލަކަށް؟” މޯޑް އެކި ދިމަދިމާލަށް ބަލައިލަމުން އެހިއެވެ. އެވަގުތު ވިޝާކާ މޯޑްއަށް ނުފެންނާނެހެން އަވްލީންއަށް އިޝާރާތުން އަންގާލީ ނިކުތުމަށެވެ. މޯޑް އާއި ވިޝާކާ ވާހަކަދައްކަން ތިއްބާ އަވްލީން ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ކުލާހުން ނިކުމެފައި ހިނގުން ބާރުކޮށްލިއެވެ.
ގެއަށްގޮސް ފެންވަރާ ނަމާދުކޮށްގެން ނިކުތް އަވްލީންއަށް ވިޝާކާ ފެނުނީ ކާގެއަށް ވަންނަނިކޮށެވެ. އަވްލީންވެސް މަޑުމަޑުން ހިނގާލާފައިގޮސް ކާގެއަށް ވަންއިރު ވިޝާކާ އިނީ ކާންވެގެން ތައްޓަށް ބަތް އަޅައިގެންނެވެ. “ވިޝާ.. ތޭންކްސް” އަވްލީން ވިޝާކާއަށް ގޮވާލުމަށްފަހު ޝުކުރު އަދާކުރިއެވެ. އަވްލީން އެހެން ބުނުމާއެކު ވިޝާކާއަށް ފަރާތް ފަރާތަށް ބަލާލެވުނީ އަޑުއިވޭ ހިސާބުގައި މީހަކު ހުރިތޯއެވެ. މީހަކު ފެންނަން ނެތުމުން އަވްލީންއަށް ބަލާލާފަ ހީލިއެވެ. “ކައިފިންތަ؟ އާދޭ މަށާއެކު ކާން..” އަވްލީންވެސް ހީލުމަށްފަހު ދާން ހިނގައިގަތުމުން ވިޝާކާ ބުންޏެވެ. ވިޝާކާ އެހެން ބުނުމުން އަވްލީންއަށް އެނބުރި ބަލާލެވުނީ ހައިރާންވީވަރުންނެވެ. މި ނޫނީ ދުވަހަކުވެސް އޭނަ ކައިގެން ހުރިތޯ ވިޝާކާ ނާހައެވެ. އަމުދުން ވިޝާކާއާއެކު ކާންދާން ބުނުމުން ލިބުނު ހައިރާންކަން ބޮޑުވިއެވެ. އަލަށް އެގެއަށް ބަދަލުވީއްސުރެ އަވްލީން ކަނީ އެހެން މީހުން ކައި ނިމުމުން ތަށިތައް ދޮންނަންވަދެފައެވެ. ވިޝާކާއަށްވެސް އެކަން އިނގޭނެއެވެ. އެހެން މީހުންނާއެކު ކެއުމަކީ މިހާރު އަވްލީންއަށް އެހާ ފަސޭހަކަމެއްވެސް ނޫނެވެ. ނަމަވެސް ވިޝާކާ ފުރަތަމަ ފަހަރަށް އޭނައާއެކު ކެއުމަށް ދައުވަތު އެރުވުމުން ނުކައި ދާކަށްވެސް ނުކެރުނެވެ.
އަވްލީން ހަރުގަނޑުން ތައްޓެއް ނަގައިގެން ގޮސް އިށީނީ ވަރަށް ޖެހިލުންވެ ހުރެކަން ވިޝާކާއަށް ފާހަގަވިއެވެ. “އަވީ.. އަވީ ކުރިންދުވަހަކު ބުނީމެއްނު މޯޑް ކުރަންއުޅުނު ކަންތައް ނުވީމައޭ ކުލާސް ތެރޭގަ އަވީއޭ ކިޔައިގެން ދޮގު ވާހަކަ ދެއްކީ..” ވިޝާކާ އެހެންބުނުމުން އަވްލީން ވިޝާކާއަށް ބަލާލިއެވެ. “ވިޝާ ކައިރީގަ ބުނެވިދާނެތަ އެ ކޮންކަމެއްކަން؟” ވިޝާކާ އޭނަ އަހަން ބޭނުންވި ސުވާލުކޮށްލިއެވެ. އިސްޖަހާލުމަށްފަހު ބޯ ޖަހާލިއެވެ. “އެކަމަކު މިހާރަކު ނޫން.. ގުރޫޕް ސްޓަޑީ ހަދަން ގޮއްސަ ކިޔައިދޭނަން..” އަވްލީން ވިސްނާލުމަށްފަހު ބުންޏެވެ.
ވަގުތު ހިނގާލެއް ލަސްވެފައިވާ އަވްލީން ފޮތެއް ނެގީ އަނެއް ދުވަހު ރިވިޝަން ޓެސްޓެއް އޮތުމުން އެ ޓެސްޓަށް ދަސްކުރުމަށެވެ. ކޮޓަރި ތެރޭގައި އިނދެފައި މީހަކު ސަލާމް ގޮވާއަޑަށް ބޭރަށް ނިކުތް އަވްލީން ހީލާފައި ސަލާމް ބަލައިގަތީ ދޮރުމަތީގައި ހުރި ނަވާޒް ފެނުމުންނެވެ. “ސަރ އާދޭ އެތެރެއަށް.. ވިޝާ އެބައިން ރޫމްގަ..” އަވްލީން ހީލާފައި ބުންޏެވެ. “އަވީ ނާންނަންތަ؟” ނަވާޒް އަވްލީންއަށް ބަލައިލުމަށްފަހު އެހިއެވެ. “އަޅުގަނޑު އިރުކޮޅަކުން ދާނަން.” މަހުދީގެ ހަބަރެއްވޭތޯ ތިރީގައި މަޑުކޮށްލުމުގެ ނިޔަތުގައި އަވްލީން ބުންޏެވެ.
ތިރީސް ވަރަކަށް މިނެޓު ވަންދެން މަޑުކުރުމަށްފަހު އަވްލީން ވިޝާކާގެ ކޮޓަރިއަށް ދިޔައީ މަހުދީގެ ހަބަރެއް ނުވުމުންނެވެ. ވިޝާކާގެ ކޮޓަރިއަށް ދިޔަ ނަމަވެސް އަވްލީންއަށް ނަވާޒް ކިޔައިދޭ އެއްޗަކާ މާބޮޑަކަށް ނުވެވުނެވެ. މަހުދީ އެހެން ބުނީ މަޖަލަކަށްބާއޭވެސް އަވްލީންގެ ހިތަށްއެރިއެވެ. ގުރޫޕް ސްޓަޑީ ހަދާ ނިމެންވެފައި އިންދާ މީހަކު ކޮޓަރީގެ ދޮރު ހުޅުވާލުމުން ތިން މީހުންވެސް އެ ދިމާލަށް ބަލާލިއެވެ. “ވިޝާ ލުކް އެޓް ދިސް.. މިއޮތީ މިރޭ ވިޝާގެ ދޮންބެއާއެކު ފިހާރައަކަށް ދިޔަތަނުން ފެނުނު ފެނުނު އެއްޗެއް.. މި ފެންނަ އިރަށް ހިތަށް އެރީ ވިޝާ އެން ވިޝީއަށް ގަންނަން.” ޒީނަތު ކޮޓަރިއަށް ވަދެގެން ގޮސް އޭނަ އަތުގައި އޮތް “ޓްވިން ސިސް” ޖަހާފަ އޮތް ހިތުގެ ބައްޓަމަށް އިން ފުލެއްލާފަ ވާ ދެ ފަށް ދައްކާލަމުން ބުނެލިއެވެ. ” އޯހް ވާއޮ.. ބިއުޓިފުލް.. އައި ލަވްޑް އިޓް.. ތެންކްޔޫ ޒީތު..” ވިޝާކާ ބުންޏެވެ. “ވެލްކަމް.. ދަނީ އިނގޭ… މަހުދީ އާއެކު ކޮފީއަކަށްދާން މިއުޅެނީ..” ޒީނަތު އެހެން ބުނުމަށްފަހު ނިކުމެގެން ދިއުމުން އަވްލީން އިނީ އިސްޖަހާލިގޮތަށް އިސްއުފުލާލަން ބޭނުންނުވެފައެވެ. ހެނދުނުން ފެށިގެން ކުރަމުންއައި އިންތިޒާރު ފެނަށްވުމުން އަވްލީންއަށް އިނީ ރޮވޭގޮތްވެފައެވެ. މަހުދީ ކަންތައް ކުރިގޮތުން ހިތުގައި ޝަކުވާ އުފެދުނެވެ. ޒީނަތު ގޮވައިގެން ދާން ހަމަޖެހިފައި އޮތްއިރު އޭނަ ކައިރީ ސައިކަލުދުއްވަން ދާން ކެރޭނެތޯ އެހީ ކީއްކުރަން ހެއްޔެވެ؟
“އަވީ އަވީ… ކިހިނެއްވެފަ ތި އިންނަނީ. ސަރ އަވީއަށް ގޮވާ އަޑެއް ނީވޭތަ؟ އަވީ އޯކޭތަ” ނަވާޒް އަވްލީންއަށް ގޮވާ ގޮވާވެސް އަވްލީންއަށް އަޑު ނީވުމުން ވިޝާކާ އަވްލީން ގައިގަ ކޮއްޓާލާފައި އެހިއެވެ. ” މި ކުޑަކޮށް ބޮލަށް ތަދުވާތީ މިއުޅެނީ.. ދެން މިރޭ ވިޝާ ސަރ އާ އެއްކޮށް ކިޔަވާ އިނގޭ.. އަހަރެން ދަނީ…” އަވްލީން އެހެން ބުނުމަށްފަހު ތެދުވެގެން ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.
ބޭރުން އައިސް ގެއަށް ވަން ވިޝިކާ ގޭގެ މައިދޮރުން ވަނުމަށްފަހު ދެ ކޮޅު ބަލާލީ ލަޔާން ފެންނަންހުރިތޯއެވެ. ލަޔާން ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވައެއްލުމަށްފަހު ހިނގައިގަތީ ކާގެއަށް ވަންނާށެވެ. ލަޔާންއަށް ވިޝިކާ ފެނިއްޖެނަމަ ކޮންމެވެސް ޖެއްސުމެއްކޮށްނުލާ ނުދާނެކަން ވިޝިކާއަށް އިނގެއެވެ. ކާގެއަށް ނުވަދެވިގެން އުޅެނިކޮށް މުޅިތަން އަނދިރިވެގެން ދިއުމުން ވިޝިކާއަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. ބިރުން ދުވެފައިދިޔަ ވިޝިކާ މީހެއްގައިގަ ލައިގަތުމުން އަދި ވަކިން ބާރަށް ހަޅޭލަވައިގަތެވެ. “ވިޝިކާ.. ވިޝިކާ ހަމަޖެހިބަލަ. މީ މަށޭ. ލަޔާން..” ލަޔާން ވިޝިކާގެ ދެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ލަޔާންގެ އަޑުއިވުމުން ބިރުންހުރި ވިޝިކާ ލަޔާން ގައިގަ އޮޅުލައިގަތެވެ. އެވަގުތު އޭނާ ލަޔާންދެކެ އަންނަ ރުޅި ދިޔައީ ކޮންތާކަށްކަމެއްވެސް ނޭނގެއެވެ.
ވިޝިކާ ލަޔާން ގައިގަ ހިފަހައްޓާލައިގެން ހުރިއިރު އެ ކުއްޖާ ބިރުގަނެފައި ހުރިވަރު ލަޔާންއަށް އިހުސާސްކުރެވުނެވެ. އެހެންކަމުން ވިޝިކާ ހަމައަކަށް އެޅެންދެން އޭނާގެ ގައިގަ ހިފަހައްޓާލައިގެން ހުއްޓެވެ. “މިރޭ އަނެއްކާ ކަރަންޓު ދިޔައީ ދޯ.. މިއީ މިހާރު މިރަށުގަ އާންމުކަމަކަށްވެއްޖެ.. މިގޭގަ އިތުރުބައެއްވެސް ނޫޅެނީތަ މިހާ އަނދިރިކޮށް އޮތް އިރުވެސް އުއްބައްތިއެއްވެސް ދިއްލާނުލާ މިހުރީ….” ކޮޓަރިން ނިކުމެގެން އައި ސަބީނާ އައީ އެކަނިހުރެވެސް ވާހަކަދައްކަމުންނެވެ. “ދައްތާ އަހަންނާ ވިޝީއާ މިތިބީ މިތާނގަ..ވިޝީ ބިރުން އުޅޭވަރުން މިހުންނަނީ އެއްވެސް ތާކަށްނުދެވިފަ..” ލަޔާން އެ އަނދިރިގަނޑު ތެރޭގައި ހުރެފައި ސަބީނާއަށް އެމީހުން އެތާނގައި ތިބިކަން އަންގާލިއެވެ. “ވިޝިކާ ބިރުންނޭ.. އޭނައަކީ އެހެންނާ ބިރުން އުޅޭ މީހެއްނޫން.. މިރެއަކު ކޮންކަމަކާ ބިރުގަނެގެން؟” ސަބީނާ ލަޔާންގެ އަޑުއައި ދިމާލަށް ބަލާލަމުން ބުންޏެވެ. އޭރު ލަޔާން ހުރީ ވިޝިކާ ގަޔާ ދުރުކޮށްލާފައި އޭނަގެ އަތުގައި ހިފަހައްޓާލައިގެންނެވެ. “ދެން މަންމާ.. މަ މިއައީ ދެންމެ ބިރުވެރި ފިލްމެއް ބަލާފައޭ.. އެ ފިލްމު ވަރަށް ބިރުވެރި.. އޭގެ އުޅޭ ބިރުވެރި އެތި އަންނަން އުޅޭއިރު އެތަނަކުން ކަރަންޓުވެސް ދޭ.. ކަރަންޓު ގޮއްސަ އަންނައިރު ކޮންމެސް އެކަކު މަދުވާނެ. އެމީހަކު ގެންދަނީ އޭގަ އުޅޭ ރޫހް. އެ ރޫހް އެމީހުން ގެންގޮސް ދޫކޮށްލަނީ ލޭބޯ މީހުންތަކެއްގެ ތެރެއަށް. ދެން އެ ލޭބޯ މީހުންތައް އެ މީހުންގައިން ލޭބޮއެގެން މަރާލަނީ..” ކަރަންޓް އައުމުން ވިޝިކާ ހަމަޖެހިލަމުން ގޮސް ސޯފާގަ އީށީންނަމުން އޭނާ ބެލި ފިލްމުން ވީގޮތް ކިޔާދިނެވެ.
“ދެން ވިޝިކާ ހީކުރީ ކަރަންޓު ދިޔައީމަ އެ ރޫހް ވިޝިކާ ބަލާ އައީއޭދޯ.. ހެހެހެ” ލަޔާންވެސް ގޮސް ސޯފާގައި އިށީންނަމުން ވިޝިކާއާއި ދިމާކޮށްލިއެވެ. “ދިމާކުރާނެ ކަމެއްނެތް. ލަޔާންވެސް ބެލިނަމަ އިނގޭނީ އެ ފިލްމު ބިރުވެރިކަން..” ވިޝިކާ ބުންޏެވެ. ލަޔާން ވިޝިކާ އާއި ދިމާކުރަމުން ދިޔައިރު ސަބީނާ އިނީ ޓީވީ އަޅުވައިގެން އެއިން އަންނަމުންދިޔަ ޑުރާމާއެއް ބަލާށެވެ.
އަވްލީން ކޮޓަރީގެ ބިތުގައި ލެގިލައިގެން އިންއިރު ނުރޯން ހިތްވަރުކުރަމުންދިޔައެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިންދާލުމަށް މަސައްކަތްކުރަމުންދިޔައިރު ތުންފަތުގައި މަޑު ތުރުތުރުލުމެއް އެކުލެވިފައިވެއެވެ.
މަހުދީ ޒީނަތު ގޮވައިގެން ސައިކަލު ދުއްވުމަށްފަހު އޭނަ ގެންގޮސް ގެއަށްލާފައި އާދެވުނު ހުރީ އެގާރަޖަހާ ބޮޑުވެފައެވެ. މަހުދީގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހިފައިހުރިކަމުގެ ނިޝާނެވެ. އަވްލީން ގޮވައިގެން ސައިކަލުދުއްވަން ދާހިތުން ހުރި މަހުދީއަށް އޭނަގެ މަންމަ އެންގީ އެރޭގަ ޒީނަތު ގޮވައިގެން ފިހާރައަށްދާން ދާށެވެ. އަދި ޝޮޕިންކޮށް ނިމުމުން އޭނަ ގޮވައިގެން ސައިކަލު ދުއްވާލަން ދާން ބުނީ އަމުރުވެރިކޮށެވެ. މަންމަގެ އެދުމާ ދެކޮޅު ހަދަން ނުކެރުނު ނަމަވެސް އޭނަގެ ހިތުގައި އަވްލީންއަށް ދެވިފައިވާ ހާއްސަ މަގާމަކަށް ބަދަލެއް ނާންނާނެއެވެ.
ފަތިހު ފަތިސް ނަމާދަށްދާން ނިކުތް މަހުދީ ގޯތިތެރޭގައި މަޑުކޮށްލީ އަވްލީން ނަމާދުކޮށްގެން ގޯތި ކުނިކަހަން ނިކުންނާނެކަން އިނގޭތީ އަވްލީން ކައިރިން މައާފަށް އެދުމަށްފަހުދާށެވެ. ނަމަވެސް މަހުދީ ކައިރިން ލާފައިގޮސް ގޯތީގެ އެއްފަރާތަކުން ކުނިކަހަންފެށި އަވްލީން ފެނިފައި އެ އަޅާލުން ކުޑަކަމުން އެ ދިމާލަށް ދާކަށް މަހުދީއަށް ނުކެރުނެވެ. އަވްލީން ހުރީ ވަރަށް ބޮޑަށް ހިތްހަމަނުހިފައިކަން މަހުދީއަށް އިނގުނެވެ. އެހެންކަމުން އެހެން ކޮންމެވެސް ވަގުތެއްގައި އަވްލީންއާ ވާހަކަދައްކަން ނިންމާފައި މަހުދީ އަވަސްވެގަތީ ފަތިސް ނަމާދު ކުރަންދާށެވެ.
މަހުދީ ނިކުމެގެންދިޔަތަން ފެނުމުން އަވްލީން ހިންދެމިލާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި އަލުން ކުރަންހުރި މަސައްކަތައިގެން ކުރިއަށްދިޔައެވެ. މަހުދީ އާއި ވީހާވެސް ދުރުން އުޅުމަށް އަވްލީން އަޒުމްކަނޑައެޅީ އެ ގޮތް ބޭނުންވާތީއެއްނޫނެވެ. ނަމަވެސް އަވްލީންގެ ހިތުގައި އަޅާވޭން ކުޑަކުރުމަށެވެ.
ޓެސްޓު ދުވަސްވަރެއްކަމުން އަވްލީންމެނަށްޖެހުނީ ސްކޫލަށްގޮސް ޓެސްޓު ޕޭޕަރު ހަދާލުމަށްފަހު ގެއަށްދާށެވެ. ކުރިއަށް ގެއަށް ދެވުނު ދުވަހެއްކަމުން އަވްލީން ބޭނުންވީ މަހުދީ އަދި ލަޔާންގެ ކޮޓަރި ސާފުކޮށްލާށެވެ. ލިބޭ ބަންދު ދުވަސްތަކުގައި މަސައްކަތް ބުރަކަމުން އަވްލީންއަށް އޮންނަނީ އޭނަ ބޭނުންވާވަރަށް ސާފުނުކުރެވިފައެވެ. މަހުދީގެ ކޮޓަރި ސާފުކުރުމަށްފަހު ފާހާނާ ސާފުކުރަންހުރި އަވްލީން ފާހާނާގެ ދޮރު ހުޅުވާލާފައި ބަލައިލީ ކޮޓަރީގެ ދޮރު ހުޅުވި އަޑު އިވުމުންނެވެ. ކޮޓަރިއަށް ވަދެގެން އައިސް ގަމީހުގެ ގޮށްތައް ނައްޓަންހުރި މަހުދީ ފެނުމުން އަވްލީން އަވަސްކޮށްފައި ފާހާނާގެ ދޮރު ލެއްޕިއެވެ. މިއަކީ މަހުދީ ގެއަށް އަންނަ ގަޑިއެއްނޫންކަމުން އަވްލީން ހުރީ ވަރަށް ހަމަޖެހިލާފައެއްކަމަކު ކުއްލިއަކަށް އެ ގަޑިގައި މަހުދީ އައުމުން އަވްލީންހުރީ ހަދާނެގޮތް ހުސްވެފައެވެ.
ބޮލަށް ތަދުވާތީ އޮފީހުން ހުއްދަ ނަގައިގެން ގެއަށް އައި މަހުދީ ހުރީ އަވްލީންއާ ވާހަކަދައްކާލަން ނުހަނު ބޭނުންވެފައެވެ. އެއްޗެހި ބަދަލުކޮށްލައިގެން ތިރިއަށް ދާންވެގެން އުޅެނިކޮށް ކޮޓަރީ ފާހާނާގެ ދޮރު ލެއްޕުނު އަޑަށް އެނބުރި ބަލައިލިއެވެ. އަދި މަޑު މަޑުން ހިނގާލާފައިގޮސް ތަޅުގައި ހިފާ އަނބުރާލިއެވެ.
ހާސްވެގެން ހުރެ ދޮރުލައްޕާލި އަވްލީންއަށް ދޮރުތަޅުނުލެވޭކަންވެސް ރޭކާލީ މަހުދީ ދޮރު ހުޅުވާލުމުންނެވެ. އަވްލީން ފެނުމުން މަހުދީއަށް އަވްލީންގެ ނަމުން ގޮވާލެވުނެވެ. “މި މި ކޮޓަރި ސާފުކުރަން އައީ..” އަވްލީން އެހެން ބުނުމަށްފަހު އުޅުނީ އަވަހަށް ފާހާނާއިން ނިކުމެގެންދާށެވެ. ނަމަވެސް މަޑުކޮށްލަންޖެހުނީ މަހުދީ ފާހާނާގެ ދޮރުމަތީގައި ހުރެފައި އަތްދަމާލުމުންނެވެ. “އަވީ ތިހުރީ އަހަރެންދެކެ ހިތްހަމަނުޖެހިފަދޯ.. އަހަރެން ހުރީ އަވީ ގޮވައިގެން ދާން. އެކަމަކު އިރުއޮއްސުނު ގަޑީގަ މަންމަ އަންގައިފި ޒީނަތު ގޮވައިގެން ފިހާރައަށްދާން.. މަންމަ ބުނީމަ ނުކެރުނު ދެކޮޅު ހަދާކަށްވެސް.. އަވީ އައި އޭމް ސޮރީ.. ” މަހުދީ ވާހަކަދެއްކީ ކުއްވެރިއެއްފަދައިން އިސްޖަހާލައިގެންހުރެއެވެ. “އަހަރެން ރުޅިއެއްނާދޭ.. މަހުދީ ނުޖެހޭނެ އަހަރެން ކައިރިން މައާފަށް އެދޭކަށް. އެހެންނޫނަސް އަހަރެން މަހުދީއާއެކު ސައިކަލު ދުއްވަންދާން ބުނި ހަނދާނެއްވެސް ނެތް ރޭގަ..” އަވްލީން ބުންޏެވެ. މަހުދީ ހުރީ އަވްލީން އެހެން ބުނުމުން ގަބޫލުކުރަންދަތިވެފައެވެ. މަހުދީ ހީކުރީ އަވްލީންވެސް ހުންނާނީ އޭނައާއެކު ސައިކަލު ދުއްވަން ދާހިތުންކަމަށެވެ. އޭނަ އަވްލީންއާއެކު ވާންއެދޭހެން އަވްލީންވެސް އޭނައާއެކު ވާންބޭނުންވާނެކަމަށެވެ.
” އާން އަދި ހަނދާންނެތިފަ މިހުރީ.. މަހުދީ އާ ޒީތުއާ ވަރަށް ގުޅޭ… ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައި ތިބިހެން.. އަދި ހީވަނީ ދައްތަމެންވެސް ވަރަށް ބޭނުންވާކަމެއްހެން ތިއަކީ..” މަހުދީ އެއްކައިރިއަކަށް ޖެހިލުމުން ފާހާނާއިން ނިކުމެގެން ހިނގައިގަންނަމުން އަވްލީން ބުނެލިއެވެ. އަދި އިތުރަށް އެތާނގައި މަޑުނުކޮށް ގޮސް ވަނީ ލަޔާންގެ ކޮޓަރިއަށެވެ.
އަވްލީންގެ ވާހަކަ ހުރިގޮތުން މަހުދީ ހުރީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. އަވްލީން ހިތްހަމަނުޖެހިގެން ކީ އެއްޗެއްބާއޭ ނޫނީ ހަމަ އަސްލުވެސް އަވްލީންގެ ހިތުގައި އޮތް އެއްޗެއްބާއޭ އެ ކީ މަހުދީ ހިތަށްއެރިއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލި ލަޔާން ސިއްސައިގެން ދިޔައީ އޭނަގެ ކޮޓަރީގެ އެނދުކައިރީ އިށީނދެލައިގެން ދެފައި މެއާ ކައިރިކޮށްލައިގެން ފައިމަތީގައި ބޯ އަޅާލައިގެން އިން އަވްލީން ފެނުމުންނެވެ.
10 Comments
Comments are closed.
Yayyy me firstt
Haadha dhuhei kohfa thi up Kury…. BT v rythi vaahaka… When next part….
varaj salhi,. keep up the good works.. but mi part thankolheh kuru.. 🙂 nxt part dhigukhlahcheyy.. whn nxt part?? waiting !! 😀
Ohhh masha allah stry v rythi whn nxt prt avaskolladhybala ?❤??
Maalahee upvaale
Haadha lahun thi upkury..ekm vx salhi den_????????????
:'(:'(:'( nuvannaa liyan noolhebala. Plxxxxxx
koba tha next part avahah up kohla dheebaa pls pls
Alhey…mi vaahaka ah ves no v hama ehen vaahaka thakah v vary tha..please Avahah aneh part genes dhybala..kiyaa hithun hureveny kee nun..writer nuliyevenyyaa nuliyeveyne vaahaka bunefa hunnan v ehnnu..nuny busy ihyyaa ves bunelaa nama ehnun..thigothah vaahaka nunimmaa nuhurey..eyrun kiyuntherin ves Fothi vaane..hope u understand..tgc
Kiyuntherin ves foohi vaane*