ބޭނުންވަނީ އުމުރަށް 05
ފުރަތަމަ ފަހަރަށް ސާރާގެ ހަގީގަތް ޒޭނާއަށް އެނގުމުން ސާރާމަތިން ފާޑަކަށް ފޫހިވާންފެށިއެވެ. ވާހަކަ ދައްކާ ހިތް މަޑުމަޑުން ކެޑެމުން ދިޔައެވެ. އަދި ސާރާ ކައިރިއަށް އަންނަ އައުންވެސް މަދުކުރަން ފެށުނެވެ. ސާރާއަށް އެކަން ފާހަގަ ވިޔަސް ހެޔޮކަމަށް ޒޭނާއަށް ދިޔައީ އެކަންތައް ހިތާ ދެކޮޅަށް ނަމަވެސް ކުރެވެމުންނެވެ. ކަމެއްފާހަގަ ކުރެވިގެން ސާރާ ސުވާލެއް ކޮށްފިނަމަ އެސުވާލަކަށް ޖަވާބު ދިނުމަށް ޒޭނާ ހުރީ ފުރިހަމައަށް ތައްޔާރުވެސް ވެގެންނެވެ. ނަމަވެސް ސާރާއަށް ސުވާލެއް ކުރަން ކެރޭނީ ވެސް ކޮންހައިސިއްޔަތަކުން ހެއްޔެވެ؟ ސާރާއަށް ނޭންގުނަސް ސާރާގެ އަގު ވަނީ ޒޭނާގެ ކުރިމަތީ ވެއްޓިފައެވެ.
ސާރާ އަކިޔަލާ ވަކިވުމުގެ ސަބަބުންނާއި ބަލިވެގެން އޮފީހަށް ނުދެވުމުން ހަފްތާއެއްގެ ޗުއްޓީނަގައިގެން ގޭގައި މަޑުކޮށްލިއެވެ. ” ދަރިފުޅު އަބަދު ކޮންކަމަކާ ތިވިސްނަނީ ” އަކިޔަލް އެނދުގައި އޮށޯވެލައިގެން އޮތްތަން ފެނުމުން ސަކީނާ އައިސް ސުވާލިކޮށްލިއެވެ. ” އެއްވެސް ކަމަކާ އަހަރެން ނުވިސްނަން މަންމާ. މަންމަޔަށް އެނގޭނު އަހަރެންނަށް އޮފިހަށް ނުދެވެންޏާ އަހަރެން ފޫހިވާނެވަރު ” އަކިޔަލް ހަމަޖެހޭ ގޮތް ދައްކާލަމުން ބުނެލިއެވެ. ” ތިކަން މަންމައަށް އެނގޭ. އެކަމަކު ދަރިފުޅު ކޮންމެވެސް ކަމަކާ ވިސްނާކަންވެސް އެނގޭ. މަންމަ ގާތު ބުނަން ބޭނުން ނުވަނީތަ؟ ” ސަކީނާ އަހާލިއެވެ. ” އެއްވެސް ކަމެއްނުވޭ. މަންމަ އެހާވަރަށް ނުވިސްނާ. އަހަރެންނަށް ކަމެއްވެއްޖެނަމަ މަންމަ ގާތުގައި ބުނާނަން ” ސަކީނާ ސުވާލުކުރަން ފެށުމުން އަކިޔަލް ސަކީނާގެ އަތުގައި ހިފާލަމުން އެހެން ބުނެލީ އަކިޔަލްގެ ހާލު ސަކީއަށް ސިއްރުކުރުމުގެ ގޮތުންނެވެ. ނަމަވެސް އަކިޔަލް ވިސްނަނީ ކޮންކަމަކާކަން ސަކީނާއަށް ވަނީ ވަރަށް ރަނގަޅަށް އެނގިފައެވެ. އެކަމެއް އަކިޔަލްއަށް ނޭންގެއެވެ. ” މިހާރު ބޭސް ކައިގެންތަ ތިއޮތީ ” ސަކީނާ ސުވާލުކޮށްލުމުން އަކިޔަލް އާއެކޭ ބުނެލިއެވެ. ” ދެން ދޭ ފެންވަރާލަން. މިހާރު މެންދުރު ނަމާދަށް ގޮވާގަޑި ކައިރިވަނީ ” ފާރުގައި ހުރި ގަޑިއަށް ބަލާލަމުން ސަކީނާ އެހެން ބުނެލުމަށްފަހު ދިޔައެވެ.
” މަންމާ އަހަރެންނަށް މާފްކުރޭ. މިއަދު އަހަރެންގެ ވާހަކަ މަންމަ އަޑުއަހައިފިނަމަ ވާނެ ދެރަ އަހަރެންނަށް އިހުސާސް ކުރެވޭ. އަހަރެން މަންމަ ދެރަކޮށްލާކަށް ބޭނުމެއްނޫން. މިކަންތައް ސިއްރުކުރުން ނޫންގޮތެއް އަހަރެންނަކަށް ނެތް. މިހާރު އަހަރެންގެ ދިރިއުޅުމުގައި އެއްވެސް އުފަލެއް ނެތް. ދިރިހުއްޓަސް އަހަރެންގެ ހިތްވަނީ މަރުވެފަ. ދިރިއުޅުމަށް އެއްވެސް އުންމީދެއް ނެތް ” ސަކީނާ ދިޔުމުން އަކިޔަލް ހިތާހިތުން ބުނެލިއެވެ.
” ހަމްދާން މިއަދު ގުޅާފަ އެހި އަކޫ ކޮބާހޭ ” މެންދުރު ނަމާދު ކޮށްލައިގެން އައިސް ހޫނުގަދަކަމުން އަކިޔަލް ގަސްދަށުގައި ހުރި ޖޯލިފަތީގައި އޮށްވާ ސާހިދު އައިސް ބުނެލިއެވެ. ” އެހެންތަ؟ ހަމްދާން ގުޅާވެސް ނުލާ ” އަކިޔަލް ބުންޏެވެ. ” ހަމްދާން ބުނި އަކޫ ވެސް ގުޅާ ނުލާ ވާހަކަ. ދެން އަހަރެން ބުނިން އަކޫ ވަރަށް ބަލިވެޔޭ އުޅެނީ. އެހެންބުނީމަ ބުނީ ކޮންމެވެސް ގަޑިއެއްގައި ޖައްސާލާނަމޭ ” ސާހިދު ބުންޏެވެ. ” ހިނގާ ދެކުދިން ކާން ” ކާންހަދާފަ އައިސް ސަކީނާ ބުނެލިއެވެ. ” މިހާ ހޫނު ވާއިރު ކައިގެން ކެއްވެސް ނުވާނެ މަންމާ ” އަކިޔަލް ބުންޏެވެ. ” ކައިގެން ވެސް ކެއްނުވާނަމަ އަކޫގެ ކޮޓަރީ އޭސީ ބެހެއްޓުމުގެ ބޭނުމަކީ ކޮބާ ދެން ” ސާހިދު ހީލަމުން ބުނެލިއެވެ.
” މިހާރު އަކޫގެ ހާލު ކިހިނެއްތަ؟ ” ދީނާ ސާހިދު ކުރެން ސުވާލުކޮށްލިއެވެ. ” މިހާރު ދެން ކޮންމެވެސް ވަރަކަށް ރަނގަޅު. ބަލިވެގެން ހަފްތާއެއްގެ ޗުއްޓީއެއްގައި އެހުރީ ” ސާހިދު ބުންޏެވެ. ” އަސްލު އަކޫ ސާރާދެކެ ވަރަށް ލޯބިވޭދޯ ” ދީނާ ބުނެލިއެވެ. ” އާނ ވަރަށް ލޯބިވޭ. އެކަމަކު ސާރާއަށް އެވަރު ނޭންގުނު. އަހަރެން ހީވެސް ނުކުރަން ސާރާއަކީ އެފާޑަށް އުޅޭ ކުއްޖެއް ކަމަކަށް. ދެން ދީނާ ވެސް އަހަރެނަށް އެހެން ހަދާނީއެއް ނޫން އިނގޭ ” ސާހިދު ދީނާއަށް ބަލާލާފަ ބުނެލިއެވެ. ” ދެން މިސާހިދު ދައްކާ ވާހަކަދޯ. އަހަރެން ނޫޅެން އެހެން އުޅޭކަށް. އަހަރެން ސާހިދާ އެކުގައި މިއުޅެނީ ވަރަށް އުފަލުން. އަދި މިއަށްވުރެއް އުފާވާނެ ސާހިދުގެ އަތްބަކަށް ވާދުވަހަކުން ” ދީނާ ސާހިދުގެ ގައިގައި ލައްވެލަމުން ބުންޏެވެ. ” ތިދުވަސްވެސް އިރާދުކުރެއްވިއްޔާ އަދި އަންނާނެ ” ސާހިދު ދީނާގެ ގައިގައި ދެއަށްވަށާ ބާރުކޮށްލަމުން ބުނެލިއެވެ.
” ކީކޭ ޒޭނާ ” ސާހިދުގެ ފޯން ރިންގް ވާންފެށުމުން ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ. ” ކޮންތާކުތަ؟ ” ޒޭނާ ސުވާލުކޮށްލިއެވެ. ” ބީޗްގަ މިހުރީ. ކިހިނެއްވީ ” ސާހިދު އަހާލިއެވެ. ” އަހަރެން ބުނީމެއްނު އަކޫ ގާތަށް އަންނާނަމޭ. އެހެންވެ އެގެއަށް ދާންވެގެން ” ޒޭނާ ބުންޏެވެ. ” ޒޭނާ އެގެއަށް ދާއިރު އަހަރެންވެސް ދާންޖެހޭތަ؟ ” ސާހިދު ހީގަންނަމުން ބުންޏެވެ. ” އަހަރެން އެކަނިދާންވީމާ. ދެން ޖެއްސުން ނުކޮށް އާދެބަލަ ” ޒޭނާ ބުނެލިއެވެ. ” ޒޭނާ އާދޭ. އަހަރެން މިދަނީ އެދިމާއަށް ” ސާހިދު ބުންޏެވެ. ” އަހަރެން ދަންދެން ބޭރުގައި މަޑުކޮށްލައްޗޭ ” ޒޭނާ މިހެންބުނެ ފޯން ކަޑާލިއެވެ. ” ޒޭނާ އެގުޅީ އަކޫއާ ބައްދަލުކޮށްލަން ދާންވެގެން . ހިނގާ އެގެއަށް ދާން ” ސާހިދު ދީނާ ގޮވައިގެން ހިނގައިގަތެވެ.
” ތީކޮންކަމެއްތަ؟ ” ޒޭނާ ފެނުމުން ސާހިދު ސުވާލުކޮށްލިއެވެ. ” ތިބުނީ ” ހައިރާންކަމާއެކު ޒޭނާ ބުނެލިއެވެ. ” ވަށިގަޑުގައި ހުރި އެއްޗެހީގެ ވާހަކަ މިދައްކަނީ ” ސާހިދު ވަށިގަނޑަށް އަމާޒުކޮށް ބުނެލިއެވެ. ” އެއީ އަހަރެން އަކޫއަށް ގެނައި އެއްޗެއް ” ސައިކަލް މަގުގެ އެއްފަރާތުގައި ޕާކްކޮށްލަމުން ޒޭނާ ބުނެލިއެވެ. ” ވަރަށް ހެއްވާ. ދެން އަހަރެންނަށް ކޮބާ؟ އަކޫއަށް އެކަނިދީގެން ތިހެން ސަލާމަތްވާނެތަ؟ ” ސާހިދު ބުނެލިއެވެ. ” ސާބަހޭ. ކޮންމެ ކަމެއްގައިވެސް ސާހިދު ކުޑަކުއްޖަކަށް ވުރެއް ކަންތައް ނުބައިވާނެ. ދީނާ ވެއްޖެއެއްނު ސާހިދުގެ އެކުޑަކަން ކަޑުވަން ” ޒޭނާ މިހެން ބުނުމުން ދީނާ ހީގަތެވެ.
” ނިދަނީތަ؟ ” އަކިޔަލް އެނދުގައި އޮށޯވެ ލޯމަރައިގެން އޮތުމުން ސާހިދު ބުނެލިއެވެ. ” ނުނިދަން. ޒޭނާ ވެސް އެނބައުޅެންދޯ. މިކޮޅުގައި ކޮންކަމެއް ” ސާހިދުގެ އަޑަށް އަކިޔަލް ލޯހުޅުވާ ބަލާލުމަށްފަހު އެނދުގެ ހެޑް ބޯޑްގައި ލެނގިލަމުން ބުނެލިއެވެ. ” އަކޫއަށް ގޮވާލަންވެގެން ކުރި ނުރަސްމީ ދަތުރެއްމީ. ކިހިނެއްތަ މިހާރު ހާލަތު ” ޒޭނާ އަހާލިއެވެ. ” ފެންނަން މިހުރީނު ” އަކިޔަލް ހީލަމުން ބުނެލިއެވެ. ” އެހެންވިއްޔާ މީގެން އެއްޗެއް ކާލައިގެން ވެސް ތިހާލަތު ރަނގަޅު ކޮށްބަލަ ” ޒޭނާ ގެނައި އާފަލާ އޮރެންޖް ކޮތަޅު އަކިޔަލްއަށް ދެމުން ބުނެލިއެވެ. ” ތޭކްސް ޒޭނާ ” ކޮތަޅުގައި ހިފަމުން އަކިޔަލް ބުނެލިއެވެ. ” އޭރު ސަކީނާ ހުރީ އަކިޔަލް ކޮޓަރީ ދޮރުމަތީއެވެ. ” ހިސާބަކަށް ސަކީނާގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ.
” މަންމާ ޒޭނާމެންނަށް ސައިހަދާ ދީބަލަ ” ސަކީނާ އައިސް ޒޭނާ ދިން ކޮތަޅު ހިފައިގެން ހިނގައިގަތުމުން އަކިޔަލް ބުނެލިއެވެ. ” އައްސަލާމް ޢަލައިކުމް ” ސަލާމް ގޮވާލިއަޑަށް ސަކީނާ ފަސްއެނބުރި ބަލާލިއެވެ. ” ވަޢަލައިކުމުއްސަލާމް ” ސަކީނާ ސަލާމް ބަލައިގަތެވެ. ” ދައްތާ އަކޫ އުޅޭތަ؟ ” ހަމްދާން އަހާލިއެވެ. ” ކޮޓަރީގައި އެނބައިން ” ސަކީނާ މިހެން ބުނުމުން ހަމްދާން ގޭތެރެއަށް ވަނެވެ. ” މި މީހުންވެސް އެނބައުޅޭދޯ ” ހަމްދާން ކޮޓަރީ ދޮރުމައްޗަށް އަރާ ކޮޓަރިތެރެއަށް ބަލާލުމަށްފަހު ބުނެލިއެވެ. ” އަހަރެމެންމީ އުޅޭ ބައެއް ނޫންކަމަށްތަ ހަމްދާން ހީކުރީ ” ޒޭނާ ބުނެލިއެވެ. ” ކުރިން ހީކުރީ ތިހެން ” ހަމްދާން އައިސް އަތުގައި އިން ކޮތަޅު އަކިޔަލްއަށް ދިއްކޮށްލަމުން ބުނެލިއެވެ. ” ހާދަ ހަދިޔާ ބަދިޔާ ލިބޭދުވަހެކޭދޯ ” އަކިޔަލް ކޮތަޅުގައި ހިފުމުން ސާހިދު ބުނެލިއެވެ. ” ދީނާ އަޅެ އަހަރެންނަށް ބުނެވުނީ ދޮގެއްތަ؟ ސާހިދުގެ ބޭބީކަން ކޮންމެކަމަކުން ވެސް ނުފެނޭތަ؟ ” ޒޭނާ ބުނެލިއެވެ. ” އަހަރެން ކުޑަނުވިއްޔާ ދެރައެއްނު. އަހަރެންމީ އަހަރެންގެ މަންމަގެ އެންމެ ކުޑަ ދަރިއޭ ” ސާހިދު ހީގަންނަމުން ބުނެލިއެވެ. ” ހިނގާ ސައިބޯން ދާން ” ސަކީނާ ސައިހަދާފަ އައިސް ބުނެލުމުން އެންމެން ސައިބޯން ދާންވެގެން ކޮޓަރިން ނިކުތެވެ.
” ކޮންތާކުތަ ތިއުޅެނީ ” ސިނާން އަހާލިއެވެ. ” ގޭގަ މިއުޅެނީ. ކިހިނެއްވި ” ސާރާ ބުނެލިއެވެ. ” ކޮންއިރަކުން ދިމާވާނީ ” ސިނާން ބުނެލިއެވެ. ” ސިނާން އައީތަ؟ ކޮންއިރަކު އައީ ” ސާރާ އަވަސް އަވަހަށް އަހާލިއެވެ. ” ދެން އައި އިރެއް ބަލާނެ ކަމެއްނެތް. ބައްދާލުވާނެ ވަގުތެއް ބުނެބަލަ ” ސިނާން ބުންޏެވެ. ” އަހަރެން ތައްޔާރުވެލައިގެން ގުޅަންތަ؟ ” ސާރާ ބުނެލިއެވެ. ” އެންމެ ރަނގަޅު. އެކަމަކު އަވަސް ކުރާތި. ދެކިލާ ހިތުން ކެއްމަދުވެފަ މިހުރީ” ސިނާން މިހެންބުނެ ފޯންކަޑާލިއެވެ.
” އަކޫ ދެންދަނީ. އަދި ފަހުން އަންނާނަން. ގަޑިން ގަޑިއަށް ބޭސްކައިގެން ހުންނާތި ” އެކުވެރިންނާއި އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ގެއަށްދާން ހިނގައިގަންނަމުން ޒޭނާ ބުނެލިއެވެ. ” އަހަރެންވެސް އަންނާނަން ދީނާ ގެއަށްލާފަ. މިހާރު އެހެރަ ހައެއް ޖަހަން އުޅެނީ ” ޒޭނާ އާއި އެކުގައި ހަމްދާން ވެސް ދިޔުމުން ސާހިދު ބުނެލިއެވެ.
ފޮނަދުއަށް ދެވުމުން ވަކިހިސާބަކުން ހަމްދާން އެހެން މަގަކުން ދިޔުމުން ޒޭނާ ގެއަށް އަންނަނިކޮށް ފިރިހެން ކުއްޖަކާއެކު ސާރާ ދަނިކޮށް ފެނުނެވެ. ސާރާ ފެނުމުން ޒޭނާ ސައިކަލް ދުއްވުން މަޑުވެސް ކޮށްލިއެވެ. އަދި ސާރާގެ ގާތުގައި ހުރި ފިރިހެން ކުއްޖާގެ މޫނަށް ބަލާލިއެވެ. ޒޭނާ ދަންނަ ކުއްޖަކަށް ނުވުމުން ބަލަން ނުހުރެ ސައިކަލްގެ ސްޕީޑް ބާރުކޮށް ދުއްވާލިއެވެ.
ސާހިދު ދިޔުމުން އަކިޔަލް ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލިއެވެ. ފާޑަކަށް ވަރުބަލި ވާތީއެވެ. އެއަށްފަހު ބަންގި ގޮވުމުން ތެދުވެ ނަމާދުކޮށްލިއެވެ. އަދި ކޮންމެ ކަމެއްގައިވެސް ކެއްތެރިކަން ދެއްވުމަށް އެދި މާތް ﷲއަށް ދުޢާ ކުރަމުން ދިޔައެވެ. ސާރާގެ މަކަރުވެރިކަން ހަނދާންވާ ކޮންމެފަހަރަކު އަކިޔަލްއަށް ގިސްލާ ރޮވެއެވެ. ނަމަވެސް ކެއްކުރުން ނޫން އެހެންގޮތެއް ނެތުމުން އަކިޔަލްއަށް މަޑުން ހުންނަން މަޖުބޫރުވަނީއެވެ.
” އަހަރެން ހީވެސް ނުކުރަން ސިނާން އަންނާނެ ކަމަކަށް ” ސާރާ ބުނެލިއެވެ. ” ހީނުކުރާ ކިތައްމެ ކަމެއް އަދިވާނެ ” ސިނާން ބުނެލިއެވެ. ނަމަވެސް ސިނާން ބުނިއެއްޗެއް މާރަނގަޅަކަށް ސާރާއަށް ނުވިސްނުނެވެ. ” ދެން ކޮންއިރަކުން ފުރަނީ ” ސާރާ އަހާލިއެވެ. ” އަދި މިއުޅެނީ ދަތުރު ވަރުބަލި ނުފިލައިގެން. ސާރާ އަހަރެން ފޮނުވާލަން ބޭނުންނަމަ އަހަރެން ގޮސްފާނަން ” ސިނާން ބުންޏެވެ. ” މިބުނީ ތިހެނެއްނޫން. އެހެންވިއްޔާ މިކޮޅުގައި ކިތައް ދުވަހު މަޑުކުރާންނަން ” ސާރާ އަހާލިއެވެ. ” ދުވަސްކޮޅަކު ހުންނަން ވެގެން އައީ ” ސިނާން މިހެން ބުނެލުމުން ސާރާ ހީލިއެވެ. ” ކޮންގެއެއްގައި ތިހުންނަނީ ” ސާރާ އަހާލިއެވެ. ” އަހަރެންގެ ރައްޓިއްސެއްގެ ގޭގައި. އަހަރެން އަބަދުވެސް މިކޮޅަށް އައިސް ހުންނަނީ އެގޭގައި ” ސިނާން ބުންޏެވެ.
މެންދަމުން އަލިވެ ދޭއްޖެހީއެވެ. އަކިޔަލް ހުރީ ސާރާ ގާތުގައި އަތިރިމަތީގައެވެ. އަކިޔަލް ސާރާ ގާތުގައި އާދޭސް ކުރަމުން ދިޔައީ އަކިޔަލް ދޫކޮށްލާފަ ނުދިޔުމަށެވެ. ނަމަވެސް ސާރާ އެއަޑު އެހުމެއްނެތި ގޮސްފުއްމާލި މޫދަށެވެ. ” ސާރާ ” ސާރާ މުދަށް ފުއްމާލުމުން އަކިޔަލްގެ އަތް ސާރާއާ ދިމާއަށް ދިއްކޮށް ބާރަށް ސާރާއަށް ގޮވާލެވުނެވެ. ” ދަރިފުޅާ ކިހިނެއްވީ ” ހުވަފެނުން ހޭލެވުނު އިރު އަކިޔަލް ހުރީ ދާހިއްލާފައެވެ. ސަކީނާގެ އަޑު އިވުމުން މޫނުމަތީ ހިއްލާފަހުރި ދާތައް ފޮހެލުމަށްފަހު އަކިޔަލް ގޮސް ދޮރު ހުޅުވިއެވެ.
” ކިހިނެއްވީ ދަރިފުޅާ ” ސަކީނާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. ” ހުވަފެނެއް ފެނުނީ ” އަކިޔަލް މިހެން ބުނުމުން ސަކީނާ ދިޔައެވެ. އެއަށްފަހު ދޮރު ލައްޕާލުމަށްފަހު އަކިޔަލް އައިސް އެނދުގައި އިށީނެވެ. އަދި ފެނުން ހުވަފެނާމެދު ވިސްނާލިއެވެ.
” އަހަރެންގެ ރަހުމަތްތެރިއެއް ވީމާ މިހެން މިބުނަނީ. އެއްގޮތަކަށްވެސް ސާރާގެ މިނިވަންކަމަކާ ބެހެނީއެއް ނޫން. އަހަރެންނަށް މިހާރު ސާރާ ތިއުޅޭ އުޅުން އެއްގޮތަކަށްވެސް ކަމަކުނުދޭ. އަކިޔަލް ސާރާ ދޫކޮށްލުމަކީ ތިހެން ތަނަކުން މީހަކު ފެނުމުން އެމީހެއްގެ ފަހަތުން ދުވުމެއްނޫން. ކަމެއްވާނީ ބުނެފައެއްނޫން. އެކަން ސާރާއަށް ވެސް އެނގޭނެ ” ޒޭނާ ސާރާ ގާތުގައި ބުންޏެވެ. ” އަކިޔަލް އަހަރެން ދޫކޮށްލުމުން ދެން އަހަރެން ހުންނަންވި މީހަކާ ރައްޓެހިނުވެތަ؟ އެހެންނޫނަސް ޒޭނާއަށް ފެނިފަތިއޮތީ ރަނގަޅު މަންޒަރެއްނޫން. ސިނާންއަކީ އަހަރެންގެ ރައްޓިއްސެއް. އެހެން ގުޅުމެއްނެތް ” ސާރާ ބުނެލިއެވެ. ” ރައްޓިއްސެއްކަން ވެސް ނުވަތަ ނޫންކަން ވެސް އެނގޭނީ ހަމަ ސާރާއަށް. އަހަރެން ތިކަމުގެ ހަގީގަތް ބަލާކަށް ބޭނުމެއްނޫން. ބަލަން ބޭނުންވި ކަމެއްގެ ހަގީގަތް ވަރަށް ރަނގަޅަށް އަހަރެންނަށް އެގިއްޖެ. ބުނަން ސާރާ ވާހަކައެއް. މީހަކަށް ދެރައެއްދީފާ ސާރާއަށް ވަކި އުފަލުގާ އުޅެވޭނޭ ހީނުކުރާތި. އެހެން ހީކޮށްފިނަމަ އެއީ ސާރާއަށް ކުރެވޭ މޮޔަކަމެއް. އަދި އެކަމަކުގެ ބަދަލު ސާރާއަށް ކޮންމެވެސް ދުވަހަކުން ލިބޭނެ ” ޒޭނާ ހިތްހަމަ ނުޖެހިގެން ބުންޏެވެ. ” އަހަރެންނަށް ކޮންމެ ކަމެއްވިޔަސް އަޅެ ޒޭނާއަށް ކޮންކަމެއްތަ؟ އަހަރެން އުޅޭނެ ގޮތެއް އެގޭނީ އަހަރެންނަށް. ޒޭނާ އަކަށް ނޫން. މާމޮޅަށް ވާހަކަދެއްކޭ މީހަކަށް ވެގެން ތިދައްކަނީ އެ އަކިޔަލްގެ ވާހަކަކަން އަހަރެންނަށް އެނގޭ. އަހަރެނަށް ހެޔޮ އޭނަ ކޮންމެ ގޮތަކަށް އުޅުނަސް. އަހަރެން އޭނާޔާއެކުގައި ފަސްމަސް ހޭދަކުރީ ވެސް އުޅެންބޭނުން ވެގެނެއްނޫން ” ސާރާ ބުންޏެވެ.
” އެހެންވީމާ ތީގެންވެސް އެނގެނީ އަކޫ ނޫންކަން ސާރާ ދޫކޮށްލީ. ބަލަން ހުންނާތި ތީގެ ބަދަލު ސާރާއަށް ލިބޭނެ ދުވަސް އަދި އަންނާނެ ” ސާރާގެ ބަހުރުވަ ހުރިގޮތުން ޒޭނާ ބުންޏެވެ. ” އަހަރެންނަށް ކަންތައްތަކުގެ ބަދަލުދޭން ތީކާކުތަ؟ ” ސާރާ ރުޅިވެރި ރާގެއްގަ ބުނެލިއެވެ. ” އަހަރެން ސާރާއަށް ކަމެއްގެ ބަދަލު ދޭކަށް ނޫޅެން. އެބަދަލު ސާރާއަށް ލިބޭނީ ސާރާ ވިސްނާނުލާ ކުރާ ކަންތައްތަކުގެ ސަބަބުން. އެދުވަހަކުން ތިއުޅޭ މީސްމީހުން ސާރާއަށް ހިދުމަތްކޮށްދެން ނުތިބޭނެ ” ޒޭނާ ބުންޏެވެ. ” އަހަރެންނަށް ކަމެއްވިޔަސް ޒޭނާގެ އެހީއެއް ބޭނުން ވެގެން ނުދާނަން. މީގެ ފަހުން އަހަރެންގެ އެއްވެސް ކަމަކާ ޒޭނާ ބެހިގެން ނުވާނެ. ބެހެންނުޖެހޭތާގަ ވިސްނާނެ ކަމެއްވެސް ނެތް ” ސާރާ މިހެންބުނެ ޒޭނާއާ ދުރަށް ހިނގައިގަތެވެ.
” އަހަރެން މިބުނާ އެއްޗެއް ފަހުން އަދި ސާރާއަށް ވިސްނޭނެ. އެކަމަކު އޭރު އޮށްނާނީ ވަގުތު ފާއިތުވެފަ ” ސާރާގެ އެއަމަލަށް އިންތިހާއަށް ޒޭނާ ހިތާމަކުރިއެވެ. ރަހުމަތްތެރިޔާގެ ފަރާތުން ދުވަހަކުވެސް ދެކެން ބޭނުންނުވި މަންޒަރުތަކަކާއި އަޑުއަހަން ބޭނުންނުވި ބަސްތަކެއް އަޑުއަހަން ޖެހުމުން ޒޭނާ ބަސްހުއްޓުނެވެ.
” މަންމަގެ ވާހަކައެއް ގަބޫލްކުރަންޏާ ދަރިފުޅު ތިހަނދާންތަކާ ދުރުވާން މަސައްކަތް ކުރޭ. މަންމައަށް ކެތެއްނުވާނެ ދަރިފުޅު ހިތާމަކުރާ މަންޒަރު ބަލަން ހުންނާކަށް ” އަކިޔަލް ޖޯލީގައި އެކަނި ވިސްނުމެއްގައި އޮތުމުން ސަކީނާ އައިސް ބުންޏެވެ. ” މަންމަ ތިދައްކަނީކޮން ހަނދާންތަކަކާ ދުރުވާންޖެހޭ ވާހަކައެއް ” ސަކީނާ އެހެން ބުނުމުން އަކިޔަލް ސުވާލުކޮށްލިއެވެ. ” މަންމަގެ ބަޑުގަ ނުވަމަހާ ދިހަދުވަސް ވަންދެން އޮތުމަށްފަހު ދަރިފުޅު މިދުނިޔެއަށް ނޭވާލީ. އެހެންވީމާ މިމަންމައަށް ދަރިފުޅުގެ އެއްވެސް ކަމެއް ސިއްރު ވާނެތަ؟. ދުރުންނާއި ގާތުން މަންމަ މިދަނީ ދަރިފުޅަށް ވާވަރު ބަލަމުން. މިދުނިޔޭގައި މަންމަގެ އެއްވެސް މީހަކު ހުރިކަމަކަށް ގަބޫލެއް ނުކުރަން ދަރިފުޅު ފިޔަވައި. އެހެންވީމާ މަންމަ ނޭދެން ދުވަހެއްގައި ވެސް ދަރިފުޅަށް ދެރައެއް ހިތާމައެއް ލިބޭކަށް ” ސަކީނާ ބުންޏެވެ.
” މަންމަ މިއަދު ކޮންކަހަލަ ވާހަކައެއް ދައްކާ ދުވަހެއްތަ؟. އަހަރެންނަށް އެއްވެސް ކަމެއްނުވޭ ” އަކިޔަލް ބުންޏެވެ. ” ދަރިފުޅު ތިހެން ބުންޏަސް މަންމައަށް އެނގޭ ދަރިފުޅުގެ އެކަނިވެރިކަމުގެ ސިއްރު ” ސަކީނާ މިހެން ބުނުމުން އަކިޔަލް ސަކީނާގެ މޫނަށް ބަލާލިއެވެ. އެވަގުތު އަކިޔަލްއަށް ސަކީނާގެ މޫނުމަތިން މަޔަކު ދަރިއަކަށް ހެޔޮގޮތް އެދޭވަރު ސާފްކޮށް ފެނުނެވެ. ” މަންމަ ގާތު ކާކު ކޮންވާހަކައެއް ދައްކައިގެން ތިއުޅެނީ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” މަންމަ ގާތުގައި އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުދައްކާ. ދަރިފުޅު ސާހިދު ގާތު ދައްކަމުންދިޔަ ވާހަކަތައް މަންމައަށް އަޑުއިވުނީ ” ސަކީނާ އެހެން ބުނުމުން އަކިޔަލް އިސްދަށަށް ޖަހާލިއެވެ. ” އަދިވެސް ވަގުތު އެބައޮތް. ސާރާގެ ހަނދާންތަކާ ދުރުވާން މަސައްކަތް ކުރޭ. އެހެންނޫނީ މަންމަގެ ކުރިމަތީ ދަރިފުޅު ހަލާކުވެގެން ހިނގައިދާނެ. އެދުވަސް ދެކޭނެ ހިތްވަރެއް މަންމަގެ ނެތް. ސާރާ އެހެންކަންތައް ކުރީ ދަރިފުޅު އޭނާދެކެވީ ލޯބީގެ އަގު ވަޒަން ކުރަން ނޭންގުމުން. އެހެން ނޫންނަމަ އެހެން ހަދާކަށް ނުކެރޭނެ. ކެއްތެރިންނާއިއެކު ﷲ ވޮޑިގެންވާނީ ” ސަކީނާ އަކިޔަލްއަށް ވިސްނައިދިނުމުގެ ގޮތުން ވާހަކަ ދައްކަމުން ދިޔައިރު އެއްޗެއް ނުބުނެ އަޑުއަހަން އިނެވެ.
” ދައްތާ ކޮބާ އަކޫ ” ސާހިދު އައިސް ސަކީނާ ކުރެން އަހާލިއެވެ. ” ބޭރު ޖޯލީގައި ނެތްތަ؟ ” ސަކީނާ ބުންޏެވެ. ” އާނ ނެތް. އަހަރެން ވަރަށް ގުޅައިފިން. އެކަމަކު ފޯނެއް ނުނަގާ ” ސާހިދު ބުނެލިއެވެ. ” ނޭންގެ އެހެންވިއްޔާ ދިޔަތަނެއް ” ސަކީނާ ބުންޏެވެ. ” ކޮންތާކަށްތަ އަކޫ އެދިޔައީ ” ގެއިން ނިކުމެ މަގުގެ ދެކޮޅު ބަލާލަމުން ސާހިދު ބުނެލިއެވެ. ” ފަހަރެއްގަ އަތިރިއަށް ވެސް ގޮސްފާނެ. ދާންވީ ބަލަން ” މިހެންބުނެ ސާހިދު އަތިރިއަށްދާން ހިނގައިގަތެވެ.
” ހާދަ ބުރަކޮށްލައިގެން ” ހަމްދާން ބުނެލިއެވެ. ” މީ ކޮންމެ ދުވަހެއްގެ ވެސް މަސައްކަތް. އެކަމަކު މިހެން ބުންޏަސް އެކިދުވަހު ގޭގެ އެކިމަސައްކަތް ކުރެވޭނީ. ކަމަކުތަ ތިއައީ ” ޒޭނާ ހަމްދާން ކުރެން އަހާލިއެވެ. ” ކަމަކުއެއްނޫން. މިދެން ހަމަ މިހެންދަމުން ވަދެލީ ” ހަމްދާން ބުނެލިއެވެ. ” އެހެންތަ؟ ކޮންތާކަށް ދަމުން މިގެއަށް ތިވަދެލީ ” ޒޭނާ އަހާލިއެވެ. ” ވަކިތާކަށް ދަމުންނެއްނޫން. ގޭގައި އިދެފޫހިވެގެން ދުއްވާލަން ނިކުމެފަ ހިތަށްއެރީ ޒޭނާއާ ވާހަކަ ދައްކާލަން ދާނީއޭ ” ހަމްދާން ބުނެލިއެވެ. ” ހަމަ އަހަރެންނާ ވާހަކަ ދައްކާލަންތަ ތިއައީ ” ހަމްދާން އެހެން ބުނުމުން ޒޭނާ ކުނިކެހުން ހުއްޓާލުމަށްފަހު ހަމްދާން ޖޯލީގައި އިނުމުން ކައިރީގައި ގޮޑިއެއް ހިފައިގެން އިށީންމުން ބުނެލިއެވެ.
” އަހަރެން ވާހަކައެއް އަހާލަންތަ؟ ” ހަމްދާން ބުންޏެވެ. ” އަނެއްކާ ކޮންވާހަކައެއްތަ؟ ” ޒޭނާ ބުނެލިއެވެ. ” ސާރާއާ އަކޫ އުޅެނީ ރުޅިވެގެންތަ؟ ” ހަމްދާން އަހާލިއެވެ. ” އާނ ރުޅިވެގެން އުޅެނީ. ކީއްވެގެން ތިސުވާލު ތިކުރީ ” ޒޭނާ އަހާލިއެވެ. ” އެއީ ރޭގައި އަހަރެންނަށް ފެނުން މަންޒަރަކުން ” ހަމްދާން ބުނެލިއެވެ. ” އަނެއްކާ ކޮންމަންޒަރެއް ފެނުނީ ” ޒޭނާ ފޫހިގޮތަކަށް އަހާލިއެވެ. ” އަހަރެންނަށް ފެނުނީ ފިރިހެން ކުއްޖެއްގެ އަތުގައި ހިފައިގެން ސާރާ ސްކޫލު ކައިރިންލާފަ ދަނިކޮށް. އެކުއްޖާއަކީ މިރަށު ކުއްޖެއްހެނެއް ހިޔެއްނުވޭ ” ހަމްދާން ބުންޏެވެ. ” އެއި މިރަށު ކުއްޖެއް ނޫން. އަހަރެންނަށް އެނގިފައޮތް ގޮތުން އެއީ މާވަށު ކުއްޖެއް. އެކުއްޖަކާހެދި މޮޔަވެގެން ސާރާ އަމިއްލައަށް އަކޫ ދޫކޮށްލީ. އެކަމަކު ސާރާ އަނެއްކޮޅަށް ވާހަކަ އަނބުރާލައިގެން އަހަރެން ގާތުގައި ބުނީ. އެކަން އަހަރެންނަށް ގަބޫލްކުރަން އުދަގޫވެގެން ކަމުގެ ހަގީގަތް ބަލާލިއިރު ސާރާ ވަނީ އަހަރެންނަށް ވަރަށް ބޮޑަށް ދޮގު ހަދާފަ. އެހެންވެ މިހާރު އަހަރެން ސާރާއާ ވާހަކަވެސް ނުދައްކަން ” ސާރާގެ ވާހަކަ ހަމްދާން އެހުމުން ވީފޫއްސަކުން ޒޭނާ ތެދުވެގެން ގޮސް ކުނިކަހަން އިދެގެން ވާހަކަ ދެއްކިއެވެ.
” އެކަމާދޯ އަކޫ ފާޑަކަށް އެހުންނަނީ ” ހަމްދާން ބުނެލިއެވެ. ” އާނ އެހެންވެގެން. އަހަރެންނަށް ދެރައީ އަކޫއަށް ސާރާގެ ގޮތް އެނގުމުން މިހާރުވެސް ސާރާއަށް އިންތިޒާރުކޮށްގެން ސާރާދެކެ ލޯބިވާ ވާހަކަ ބުނާތީ ” ޒޭނާ ބުންޏެވެ. ” ތީ އަހަރެންނަށް ޖެހުނުކަމެއްނަމަ މިހާރު ތިކަންމަތިން ހަނދާންވެސް ނައްތާލީމުސް ” ހަމްދާން ބުނެލިއެވެ. ” ސާހިދު ވެސް ތިވާހަކަ އަކޫ ގާތުގައި ވަރަށް ދައްކާ. އެކަމަކު ތަކުރާރުކޮށް އަކޫ ބުނަމުން އެދަނީ ސާރާދެކެ އަދިވެސް ލޯބިވަމޭ ” ޒޭނާ ބުންޏެވެ. ” އެހެން ބުންޏަސް އަހަރެމެން ޖެހޭނެ އަހަރެމެންގެ ރަހުމަތްތެރިޔާ އެކަމުން ދުރުކުރަން މަސައްކަތް ކުރަން. އެހެންނޫނީ އެކަމުގެ ސަބަބުން އަކޫގެ މުޅި ލައިފް އެއްކޮށް ހަލާކުވެގެން ހިނގައިދާނެ ” ހަމްދާން މިހެން ބުނުމުން ޒޭނާވެސް ހަމްދާންގެ ވާހަކައަށް އެއްބަސްވިއެވެ.
” މިތާގަ ކިހިނެއްވެފަ ތިހުންނަނީ ” އަތިރީގައި އެކަނި އަކިޔަލް ހުރުމުން ސާހިދު އައިސް ބުނެލިއެވެ. ” ކަމެއްނުވޭ. ފިނިކޮށްލަން އައީ ” އަކިޔަލް ބުންޏެވެ. ” އެކަމަކު ހާދަހީވެޔޭ ކަމަކާ ވިސްނާހެން ” ސާހިދު އަކިޔަލްގެ މޫނަށް ބަލާފަ ބުންޏެވެ. ” މަންމައަށް ހުރިހާ ކަމެއް އެގިއްޖެ ” އަކިޔަލް ބުންޏެވެ. ” ކޮން ހުރިހާ ކަމެއްތަ؟ ” ސާހިދު ހައިރާން ކަމާއެކު އަހާލިއެވެ. ” ސާރާ އަހަރެންނާ ވަކިވިކަން ” އަކިޔަލް ބުންޏެވެ. ” ކިހިނެއް މަންމައަށް އެނގުނީ ” ސާހިދު އަހާލިއެވެ. ” ކުރިން ދުވަހު އަހަރެން ސާހިދުއަށް ހުރިހާ ވާހަކައެއް ކިޔައިދިންއިރު މަންމައަށް އަޑު އިވުނީޔޯ ” އަކިޔަލް ބުންޏެވެ. ” ސިރިއަސްކޮށްތަ؟ ” ސާހިދު ބުނެލިއެވެ. ” މިއަދު މަންމަ އަހަރެން ކައިރީ އެވާހަކަ ބުނެފި ” އަކިޔަލް ބުނެލިއެވެ. ” ދެން އަކޫ ކީކޭ ބުނީ ” ސާހިދު އަހާލިއެވެ. ” އަހަރެން އެއްވެސް އެއްޗެއް ނުބުނަން. މަންމަ ހުރީ ވަރަށް ދެރަވެފަ. އަހަރެން މަންމަ ދެރަކުރާކަށް އެއްގޮތަކަށްވެސް ބޭނުމެއްނޫން. އެކަމަކު އަހަރެންނަށް ސާރާގެ ހަނދާންތަކަކާ ދުރަކަށް ނުދެވޭނެ. އަދިވެސް އަހަރެން ސާރާދެކެ ވަރަށް ލޯބިވޭ ” އަކިޔަލް ބުންޏެވެ.
” ސާރާގެ ހަގީގަތް އެނގުމުން އަދިވެސް އަކޫ ސާރާއަށް އިންތިޒާރު ކުރަނީތަ؟. އަކޫ ވިސްނާބަލަ. ސާރާއަށް އަކޫގެ ލޯތްބަކީ އަގެއް ހުރިއެއްޗެއްނަމަ ދެފަހަރަކު ފޯނުން ވާހަކަދައްކާލާ މީހަކަށް ހިތްދީގެން ދާނެތަ؟. އަކޫ ލޯތްބަކީ ވަރުގަދަ ލޯތްބެއްކަން ސާރާއަށް ވިސްނުންނަމަ އާދޭސް ކޮށްކޮށް ހުއްޓާ އަކޫ އެކަނިކޮށްލާނެތަ؟. ރައްޓެހިވީފަހުން ވީވަޢުދުތަކާ އަހުދުތައް ހަނދާންވިނަމަ އެހުރިހާ ވާހަކަތަކެއް ހަނދާންނައްތާލާފަ ސާރާއަށް ދާން ފަސޭހަވާނެތަ؟ ” ސާހިދު އަކިޔަލްއަށް ވިސްނަދޭން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އަކޫގެ ހިތަކަށް ސާހިދުގެ ވާހަކަތަކުން މާބޮޑު އަސަރެއް ނުކުރިއެވެ. އަދި އަކޫގެ ނިއްމުން ބަދަލެއްވެސް ނުކުރިއެވެ.
” އަކޫ ތިހެން ކިތައްމެ ދުވަހެއް ވަންދެން ހުއްޓަސް ސާރާ އަކޫ ގާތަށް ނާންނާނެ. މިހާރު ސާރާ އެއުޅެނީ އެހެންމީހަކާއެކު. ސާރާ ބަލާކަށް ބޭނުމެއްނުވޭ އަކޫ އުޅޭ ހާލެއް. އަދި އުޅޭ ގޮތެއްވެސް ” ސާހިދު ބުންޏެވެ. ” ސާރާ އަހަރެން ގާތަށް އަދި އަންނާނެ. އެދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން ” އަކިޔަލް ބުނެލިއެވެ. ” ތީ މޮޔަ ހިޔާލެއް އަކޫ. ތަގުދިރުގާ ތިކަންވާން ނެތިއްޔާ ކިތައްމެ ވަރަކަށް ތިކަން ކުރަން އުޅުނަސް ނުވާނެ. މުޅި އުމުރު ސާރާއަށް ހުސްވެގެން ދިރިއުޅުން އާބާދުވާނެތަ؟. ކީއްވެގެންތަ އަކޫއަށް ނުވިސްނެނީ ” ސާހިދު އަކިޔަލްއަށް ވިސްނަދޭން މަސައްކަތް ކޮށްކޮށް ގޮތް ހުސްވިކަހަލައެވެ.
އެއްރެއެއްގެ ދަންވަރު ވަގުތެވެ. ނާހިދާ ފެންބޯން ވެގެން ކޮޓަރިން ނިކުތް ވަގުތު ފެނުނީ ސާރާ ވަރަށް ސިއްރުން ގޭގެ ދޮރު ހުޅުވުމަށްފަހު ބޭރުން އައިސް ގޭތެރެއަށް ވަތްތަނެވެ. އެވަގުތު ނާހިދާއަށް ފާރުގައި ހުރި ގަޑިއަށް ބަލާލެވުނެވެ. ސާރާ އެތެރެއަށް ވަނުމަށްފަހު މަޑުމަޑުން ދޮރު ތަޅުލުމަށްފަހު ކޮޓަރިއަށްދާން ހިނގައިގަތް ވަގުތު ނާހިދާ ފެނުމުން ސާރާ މަޑުޖެހިލިއެވެ. ” އެކަމަކު ސާރާ ތީދެން ބޮޑުވަރު. ބަލާބަލަ ގަޑިން ވީއިރެއް. އަންހެން ކުއްޖެއް އުޅެން އެންމެ ރަނގަޅު ގޮތްތަތީ. މިހާއިރު ވިމާ ކޮންތާކަށް ގޮސްފަ ތިއައީ ” ސާރާ މަޑުޖެހިލުމުން ނާހިދާ ބުންޏެވެ. ” އަހަރެން ބޭރަށް ގޮސްފަ މިއައީ ” ސާރާ އިސްދަށަށް ޖަހައިގެން ހުރެ ބުންޏެވެ. ” މެންދަމުން އަލިވެ ދެގަޑި ބައި ވިމާ ސާރާ ދާންޖެހޭ ތަނެއް ނޯންނާނެ. ސާރާ ތިހެން އުޅުނީމާ ސާރާއަށް ތިވައްޓާލެވެނީ އަހަރެމެންގެ އަގު. ސާރާގެ ބައްޕަގެ އަގު. އެވަރު ވިސްނޭތަ؟ ” ނާހިދާ ބުންޏެވެ. ” ދޭހަމަ މިހާރު ކޮޓަރިއަށް. މިހާލަސްވީމާ ދެން ބޭރުގައި އުޅެގެން ނުވާނެ ” ނާހިދާ މިހެން ބުނުމުން ސާރާ ކޮޓަރިއަށް ދިޔުމުން ފެންބޮއިގެން ނާހިދާ ކޮޓަރިއަށް ދިޔައެވެ.
7 Comments!
Comments are closed.
Vaahaka liyaa style thafaathu kollan feney.ehgothakah annan hedhyma foohi. Unmeedhu kuran thafaathu vaane kamah.
N I think Sinaan, Saaraa ge ihfaiy nagaalaane kanne
Hmm that’s right.. Saaraa preg v ma eyna gein beyru kuraani.. Sinaan ves dhaani saaraa ah dhoaka dhyfa.. Dhn saaraa dhaani zeyna kairiah I think…. Varah kurin kyn mi vaahaka blaablaaablaaaaa…. ??
Konkahala saaraa ehtha.ekahala anhenun ulheynee ehn akoi dont think so much.
saaraa myna vx miulhey GINA( NOT ALL) firihn kudhin ulhey goiyy copy kurani dhw mi ..aamukoh boy viyya mihn uheni ..
akoo kahala basahaa kuhjjakah nuvaane dhw ehn hadhan vx
..HUREBALA shinaan ey ekiyaa soru jahaane rangalhu bereh mifaharu …adhi annane romun kaley akoo kairiah …
like the way boy girl ge heart broke kohlaafa visnign fahun romun anna gothah .. i think the same wil happen to you ..
akoo e saaraa adhi annane ekm eyna ignore kuraathi ..
she’s not perfect for u
Bodu hinigadeh 🙂