
ޔަޝްމީ 3
ފަސް އެނބުރި ބަލާލި ވަގުތު އޭޒިލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި އެހެރީ އެތަނުން ފެނިދާނެ ކަމަށް އުންމީދުކުރި މީހެއްވެސް ނޫނެވެ.
“އޭޒް..” ހުސެންއަށް ވެސް ލިބުނީ ސިހުމެކެވެ. އޭޒިލް އެތަނުން ފެނިދާނެކަމަކަށް އޭނަވެސް އުންމީދެއް ނުކުރެއެވެ.
” ހުސެން… ކީއްވެ އަންނަ ވާހަކަ ނުބުނީ؟؟” އޭޒިލް ކުރީ ޝަކުވާއެވެ. ހުސެންއަކީ އޭޒިލްގެ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ. ހުސެން އައީ ބޭސް ފަރުވާއަށް ލަންކާއަށް ގޮހެވެ.
” ރިނީއަށް ސަޕްރައިޒެއްދޭން ވެގެން.. ” ރަކި ގޮތަކަށް ހީލަމުން ހުސެން ބުނެދިނެވެ.
” އެހެންތަ؟؟ ރަނގަޅަކަށްނު މިވީ.. މަވެސް މިއުޅެނީ މިރޭ ފުރާ ބޯޓުން ރަށަށް ދާން.. ” އޭޒިލް ބުންޏެވެ. އޭރު ނިޝާންވެސް ދެބައިއުމުރުގެ މީހެއް ގޮވައިގެން އާދެއެވެ.
****************************************
މާލޭގެ ފަސްގަނޑުގައި ފައި ޖެހުމުން ޔަޝްމީއަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. ނަމަވެސް ނޭނގޭ ހާސްކަމަކުން އޭނާގެ ހިތް ނުތަނަވަސްވަނީއެވެ.
” ކޮންއިރަކުން ރަށަށް ދެވޭނީ؟؟ ” ޓެކްސީއަށް އަރާ އިށީންނަމުން ޔަޝްމީ އަހާލިއެވެ.
” ހަޔެއް ޖަހާއިރު ލޯންޗު ފުރަނީ.. އަދި ވަގުތު އެބައޮތެއްނު.. މިދަނީ ކުޑަކޮށް ފްރެޝްވެލަން މަންމަގެ ފްރެންޑެއްގެ ގެއަށް.. ދޮން ގުޅިންތަ ދޮންބެއަށް މާލެ އާދެވުނު ވާހަކަ ބުނަން..” ޔަޝްމީ ފޯންގެ މަތިން ހަނދާންވީވެސް މާދު އެހެން ބުނީމައެވެ. އޭނަ އަވަހަށް އަތްދަބަސް ނަގާ ބަލާލިއެވެ.
” ކޮކީ.. ދޮންގެ ފޯނެއް ނެތް.. މެލޭގަ ކަންނޭނގެ ވީ..” ޔަޝްމީ ހާސްވިވަރު އޭނަގެ އަޑުންވެސް އެނގެއެވެ.
” އެއީ އެވަރުގެ ކަމެއް ނޫން.. އަހަރެންގެ ފޯނުން ގުޅާލާ.. ” މާދު އޭނާގެ ފޯން ދިއްކޮށްލިއެވެ. ނަމަވެސް ހަމަ އެވަގުތު އޭނާގެ ޚިޔާލު ބަދަލުވިއެވެ.
” ހިނގާ އެންމެންނަށް ސަޕްރައިޒެއްދޭން.. އަހަރެން ދޮންބެއަށް ގުޅާފަ ބުނާނަން މިއަދު ލޯންޗަކުން ޖާގައެއް ނުލިބުނޭ މާދަމާއޭ ދެން ފުރޭނީ؟؟ މިރޭ ފެނުނީމަ އެންމެން ކިހާ ސަޕްރައިޒް ވާނެ.. ދޮން ކީކޭ ބުނަނީ؟؟”
މާދު ބަލާލީ ޔަޝްމީގެ މޫނަށެވެ.
” އޯކޭ..” ޔަޝްމީ އެގޮތާ އެއްބަސްވީ މާދު ހީވެސް ނުކުރާހާއަވަށެވެ. އޭރު އެމީހުންގެ މަންޒިލަށް އާދެވިއްޖެއެވެ. ނޫރާގެ ރަޙްމަތްތެރިޔާ އަޒީޒާ އަކީ ވަރަށް ހިތްހެޔޮ މީހެކެވެ. ހުރިހާ ގޮތަކުންވެސް އޭނާ ޔަޝްމީއަށާއި މާދުއަށް އެހީވިއެވެ. ހަޔެއް ޖަހަން ކައިރިވުމުން އެމީހުން ގޮވައިގެން ޓީޖެޓީއާ ހަމައަށް ގެންގޮސް ދިނީވެސް ހަމަ އޭނައެވެ.
********************************
” ބޯޓް އޮތީ ޓީޖެޓީގަ..” އޭޒިލް ވާހަކަ ދެއްކީ ހުސެންއާއެވެ. އެމީހުން ތިބީ އޭޒިލްމެން އުޅޭ އެޕަރޓުމެންޓުގައެވެ.
” އަށެއް ޖަހާއިރު ބޯޓު ނައްޓާލަންޏާ ތަންކޮޅެއް އަވަހަށް ދާން ޖެހޭނެ އެހެންނޫނީ ޖާގައެއްނުލިބޭނެ..” ހުސެން އުޅުނީ ދަބަހުން ތުވާލި ނަގާށެވެ.
” ހޫމް.. ތިބުނީ ތެދެއް.. ” އޭޒިލް އެނދުގައި އިށީނެވެ.
” އޭޒް މަ ބުނީ މިއަދު އެއަރޕޯރޓްތެރެއިން.. ” ހުސެން ބުނަން އުޅުނު ޖުމްލަ ފުރިހަމަނުކުރީ ނިޝާން އައުމުންނެވެ.
” އޭޒް، ހުސެން ވަރަށް ސޭޑް އޭ މަ މިރޭ އެބަ ޖެހޭ އޮފީހަށް ދާން.. ލީވް ނަގައިގެން ހުންނައިރުވެސް މީ ވާވަރަކީ..” ޙަޤީޤަތުގައިވެސް ނިޝާންގެ މޫނުމަތިން ފެންނަމުން ދަނީ މާޔޫސްކަމެވެ. ވޭތުވެދިޔަ ތިންއަހަރެއްހާ ދުވަސްތެރޭ އޭޒިލްވަނީ އެތައް ގޮތަކުން ނިޝާންއަށްއެކިވަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރަހުމަތްތެރިއެއްގެ ހައިސިއްޔަތުންނާއި އާއިލީމެންބަރެއްގެ ގޮތުގައެވެ.
” އެހެންވީމަ މިރޭގެ ކެއުން ޝާންގެ ޚަރަދުގަ އަހަރުމެން ދެމީހުންނަށް ދޯ އޭޒް.” އޭޒިލްއާ ދިމާލަށް އެއްލޯމަރާލަމުން ހުސެން ބުނެލިއެވެ.
” އެންމެ ރަނގަޅޭ.. އަވަހަށް ދޭ ބަލަ ރެޑީވާން ނޫނީ ލޯބިވާ ވައިފަށް ދޭން އުޅޭ ސަޕްރައިޒްވެސް ފަނިވެދާނެ..” ނިޝާން ސަމާސާއަކަށް އެހެން ބުނެލުމުން ހުސެންވެސް އަވަހަށް ފާޚާނާއަށްވަނެވެ.
” ހުސެން ނިކުންނަށް ވާއިރަށް ހިނގާ ބޯޓަށް ގެންދަން ޖެހޭ އެއްޗެހި ލާން ދަމާ.. ” އޭޒިލް ބުނެލިއެވެ.
” އާނ ހިނގާ އަވަހަށް… ” އެނދުކައިރީގައި ހުރި ފޮށިގަނޑު ހިފައިގެން ނިޝާން ހިގައިގަތެވެ.
ރައްޓެއްސެއްގެ ސައިކަލުގައި އެހިސާބަށް ދެވުނުއިރު ބޯޓުގެ ފަޅުވެރިން ވަރަށް އަވަދިނެތި ބޯޓަށް މުދާ އެރުވުމުގައި އުޅެއެވެ. ބޯޓަށް ފޮށިގަނޑު ލުމަށްފަހު އެނބުރިލިވަގުތު އޭޒިލްއަށް ދަންނަހެންހީވާ މޫނެއް ފެނުނެވެ. އޭނާ ހުރި ގޮތުން މާ ރީއްޗަށް އެކުއްޖާ އެއްކޮށް ފެންނަ ގޮތެއް ނުވިއެވެ.
” މިޝީ؟؟” އޭޒިލްއަށް މަޑުމަޑުން ކިޔާލެވުނެވެ. އެކަމަކު އޭނަ އެތަނުގައި ހުންނަންވީ ކީއްވެ ހެއްޔެވެ؟
އެއީ ހަމަ އޭނާގެ މިޝީ ހެއްޔެވެ؟؟
***********************************
މާދު ފެންފުޅިއެއް ގަންނަން ދިއުމުން ޔަޝްމީ މަޑުކޮށްލީ މާދު އައުމުން ލޯންޗަށް އަރާށެވެ. ޖެހިލި ވައިރޯޅިއާއިއެކީ އައި ލުއި ލުއި މަޑުމަޑު ވަހުން އޭނަގެ ހިތް ފުރިގެންއައެވެ. މިހާ ދުރުން އޭނާގެ ހިތަށް ބާރުފޯރުވެނީ ކާކަށް ހެއްޔެވެ؟ އުމުރުން މިވީހާ ދުވަސްތެރޭ އެންމެ މީހަކަށްނޫނީ އޭނަގެ ހިތާ ކުޅެލުމުގެ ބާރެއް ލިބިފައެއް ނުވެއެވެ. ޔަޝްމީ ފަރާތް ފަރާތަށް ނަޒަރު ހިންގާލިއެވެ. މާދު އައިސް ކޮއްޓާލުމުން އޭނާ އަވަސްވެގަތީ ލޯންޗަށް އަރާށެވެ. ކުރެވުނު މޮޔަ ޚިޔާލުތަކުގެ ސަބަބުން އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. އެންމެން ލޯންޗަށް އެރުމުން ލޯންޗު ނައްޓާލިއެވެ.
***********************************
އެޕާރޓުމެންޓާ ހަމައަށް ދެވެންދެން އޭޒިލްއަށް ވިސްނެމުން ދިޔައީ ފެނުނު އެ އަންހެން ކުއްޖާއާ ދޭތެރޭގައެވެ. އެމީހުންނަށް ދެވުނުއިރު ހުސެންވެސް ތައްޔާރުވެގެން އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. ތިން މީހުން އެކީ ކާން ދިޔައީ މަޤްރިބު ނަމާދަށްފަހުގައެވެ. ކެއުމުގެ ވަގުތުގައިވެސް އޭޒިލް އިނީ އެ ޚިޔާލަށް ގެއްލިފައެވެ. ހުސެންއަށް ފާހަގަ ކުރެވުނުނަމަވެސް ނިޝާންއަށް އެކަން ފާހަގަ ނުކުރެވުނީ އޭޒިލްމެން ފުރާތީ އޭނާ މޮޅިވެފައި އިންވަރުން ކަންނޭނގެއެވެ. ހުސެންގެ މަސައްކަތުން ދެމީހުންގެ މޫޑް އޭނާ ބަދަލު ކުރުވީ އެތައް ވާހަކަތަކެއް ދައްކައިގެންނެވެ. ކެއުން ނިންމާލުމަށްފަހު ތިން މީހުން އެތައް ވާހަކަތަކެއް ދެއްކިއެވެ. އޭޒިލް ގަޑިއަށް ބަލާލިއިރު ހަތެއް ޖަހަނީއެވެ. ނިޝާން އޮފީހަށް ދާން ޖެހޭތީ ދެމީހުންނާ ސަލާމް ކުރުމަށްފަހު ދިޔައީއެވެ.
” އޭޒް ކޮންކަމަކާ ތި ވިސްނަނީ؟؟؟” ނިޝާން ދިއުމުން ހުސެން އަހާލިއެވެ.
” މިޝީ ފެނުން…” އޭޒިލް އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ.
” ތިހެން ބުނަންށޭ މަވެސް އުޅުނީ.. އެއަރޕޯރޓުތެރެއިން މަށަށްވެސް ހީވީ އޭނަ ފެނުނުހެން.. ” ހުސެންގެ ޖުމްލައިން އޭޒިލް ހުސެންއަށް ބަލާލިއެވެ.
” ވިސްނުމުގެ ބޭނުމެއްނެތް ދެން.. ހިނގާ އަވަހަށް ދާން..” އޭޒިލް ތެދުވިއެވެ. އަށެއް ޖަހާއިރު ބޯޓު ފުރިއަސް އަވަހަށް ބޯޓަށް އަރަން ޖެހޭނެއެވެ. އެޕާރޓުމެންޓަށް ގޮސް އެއްޗެހި ރެޑީ ކޮށްލައިގެން ދެވުނުއިރު މީހުންތައް ބޯޓަށް އަރަނީއެވެ. އަށެއް ޖެހުމާއެކު ބޯޓު މާލޭން ފަޅުން ނައްޓާލިއެވެ.
********************************
ހަތަރު ގަޑީގެ ދިގު ދަތުރަކަށްފަހު ޔަޝްމީއަށް ރަށަށް އާދެވުނުއިރު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ޓެކްސީއެއް ހޯދައިގެން ގެއަށް އާދެވުނުއިރު އެހިސާބުގައި ރަސްކަން ކުރަމުން ދިޔައީ ކަނު އަނދިރިކަމެވެ. ގޭގެ ގޭޓް ހުޅުވާލުމަށްފަހު މާދު އާއި އެކީ އެތެރެއަށް ވަދެގެން އައިއިރު ޔަޝްމީއަށް ކުރެވެމުން ދިޔައީ ބުނަން ނޭނގޭ ފަދަ އިހުސާސްތަކެކެވެ. މާދުގޮސް ދޮރުގައި ޓަކި ދިނެވެ. ދެތިން ފަހަރަކު ޓަކި ދިންތަނާ ދޮރު ހުޅުވާލިއެވެ. ޒާހިރަށް ލިބުނީ ހައިރާންކަމެވެ. ޔަޝްމީއަށްވެސް އެތައް ދުވަސްތަކެއް ފަހުން އޭނަގެ ލޯބިވާ ބައްޕަ ފެނުމުން ކެތްތެރިކަން ކޮޅުންލިއެވެ. ޒާހިރު ޔަޝްމީގެ ގައިގާ ބައްދާލީ ނުހަނު ލޯބިންނެވެ. އެއީ އޭނާގެ ފުރާނައެވެ.
” ބޭބޭ.. މުޅި ރޭގަނޑު ދެން މިތާތަ ހުންނަންވީ؟؟ ބޭބެގެ ވަން އެން އޮންލީ ޕްރިންސެސް މިހާ ރައްކާތެރިކަމާއެކު ގެނެސްދިނީމަވެސް ތީތަ ޓްރީޓް ކުރާނެ ގޮތަކީ؟؟ ” ޔަޝްމީއަށާއި ޒާހިރަށް ހޭވެރިކަންވީ މާދުގެ އަޑުންނެވެ.
ޒާހިރު މާދުގެ ކޮޑުގައި ޖަހާލަމުން އެތެރެއަށް ވަންނާށޭ ބުނެލިއެވެ. ދަތުރު ކުރުމުގެ ސަބަބުން ވަރުބަލިވެފައިވާތީ ޔަޝްމީ ބޭނުންވީ ފެންވަރާލައިގެން އަވަހަށް ނިދާލާށެވެ. ޒާހިރު އުޅުނީ ޝަރީފާއަށް ގޮވާށެވެ. ނަމަވެސް ޔަޝްމީ އެކަމާ ދެކޮޅު ހެދުމުން ޒާހިރުވެސް ނިދަން ދިޔައީ ޔަޝްމީ ގާތު އަރާމު ކުރުމަށް ބުނެފައެވެ.
ޔަޝްމީ އޭނާގެ ކޮޓަރިއަށް ވަދެ ލައިޓު ޖައްސާލިއެވެ. ހުރިހާ އެއްޗެއްވެސް ހުރީ އެންމެފަހުން އޭނާ ބެހެއްޓިގޮތަށެވެ. އެއްވެސް އެއްޗަކަށް ބަދަލެއް ގެނެސްފައެއްނުވެއެވެ. ކުރީރޭވެސް ނިދިން މަހުރޫމުވެފައިވާތީ ޔަޝްމީގެ ދެލޮލަށް ނިދީގެ އަސަރުވެރިވަމުން ދިޔައެވެ. އަވަހަށް ފެންވަރާލައިގެން އައިސް އޭނާ ނިދަން އޮށޯތެވެ. ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަމުގެ ސަބަބުން ވަރަށް އަވަހަށް އޭނާއަށް ނިދިއްޖެއެވެ.
**********************************
އޭޒިލްމެންނަށް ރަށަށް އާދެވުނީ އަނެއް ދުވަހުގެ ހެނދުނުގައެވެ. ހުސެން ދަނީ އޭނަގެ އަންހެނުންގެ ރަށަށް ކަމުންހުސެންއާއި ސަލާމްކުރުމަށްފަހު އޭޒިލް އަވަސްއަވަހަށް ބޯޓުން ފޭބިއެވެ. އޭރު އޭޒިލްގެ ބޭބެ އޭޒިލް ބަލާ އައިސް ހުއްޓެވެ. އެމީހުންގެ ހުންނަނީ ބަނދަރާ ކައިރީގައި ކަމުން ފަސްމިނެޓެއްހާއިރު ތެރޭ ގެއަށް އާދެވިއްޖެއެވެ. އޭޒިލް އެއްކޮށް ރަށަށް ބަދަލުވި ވާހަކަ ބުނުމުން އޭނާގެ މަންމަ ވަރަށް އުފާވިއެވެ. ރަށަށް ބަދަލުވިނަމަވެސް އޭޒިލް ވަޒީފާ އަދާ ކުރަން ނިންމީ އަތޮޅުގެ ވެރިކަން ކުރާ ރަށުގައެވެ. އެހެންކަމުން ވަރަށް އަވަހަށް އޭނާ އެރަށަށް ދާން ޖެހޭނެއެވެ. އެގޮތަށްވެސް އޭޒިލްގެ މަންމަމެން ރުހި ގަބޫލެވެ. އެދެރަށަކީ ވަރަށް ކައިރީގައިވާ ދެރަށަށްވުމުން ކޮންމެ ދުވަހަކުހެން ދަތުރުތައް އޮވެއެވެ.
” ދެން އަވަހަށް ދޭ ފެންވަރާލައިގެން ނިދާލަން..” އޭޒިލްގެ މަންމަ ހުސްނާ ބުނެލިއެވެ. ހިނިތުންވެލަމުން އޭޒިލް ހިގައިގަތީ އެމީހުންގެ ކޮޓަރިއާ ދިމާލަށެވެ.
*********************************
ޔަޝްމީއަށް ހޭލެވުނުއިރު ނުވައެއްވެސް ޖަހައިފިއެވެ. އޭނާ ފެންވަރާ ތައްޔާރުވެލައިގެން ނިކުތްއިރު ޝަރީފާ ބަދިގެތެރޭގައި އުޅެއެވެ.
” މަންމާ..” އެތައް ދުވަހެއްފަހުން ޔަޝްމީގެ އަޑުއިވުމުން ޝަރީފައަށްވެސް ލިބުނީ ބަޔާންކުރަންދަތި އުފާވެރިކަމެކެވެ.
” ދަރިފުޅާ.. ” ޝަރީފާ އައިސް ޔަޝްމީގެ މޫނުގައި ފިރުމާލިއެވެ. އެއީ ހަމަ އެމީހުންގެ ޔަޝްމީ ހެއްޔެވެ؟ ކުރިން ރޫފަހެޔޮކޮށް ހުރި ޔަޝްމީ މިއަދު އެހެރީ ހިކި ދަނޑިގަޑަކަށްވެފައެވެ. އެ މަސްޖަހާފައިވާ ކޮލެއްވެސް މިހާރަކު ނެތެވެ.
” ޝަރީފާ އެމަންޖެއަށް ކާ އެއްޗެއް ދޭން އުޅެބަލަ..” ޒާހިރު އައިސް އެދެމައިން ކައިރީ ހުއްޓުނެވެ.
” ދޮން ކޮބާތަ ދޮންބެ؟؟” ނިދާ ހޭލި ގޮތަށް ދެލޯ އުނގުޅަމުން މާދު އައީ ބަދިގެއަށެވެ.
” އޮފީހުގައެއްނު ވާނީ.. މޮޔަގަނޑު.. ” ޔަޝްމީ މާދުގެ ބޮލުގައި ޖަހާލިއެވެ.
” ދޮން ދޮން…” ތުއްތު ތުއްތު އަޑެއް އިވުމުން ޔަޝްމީ ބަލާލިއެވެ. އެވަގުތު ހަތަރުއަހަރަށްދާ އިޒާކް އައިސް ޔަޝްމީގެ ފައިގައި އޮޅުލައިގަތެވެ. ޔަޝްމީ އިޒާކް ދުރުކޮށްލުމަށްފަހު އެ މައުސޫމް މޫނަށް ބަލާލިއެވެ. އޭނާއަށް ހީވީ ނިހާޝާ ފެނުނުހެންނެވެ.
” ހަމަ ކުޑަ ކުޑަ ދޮނާއެއް.. ދޮނާހެން ހީވަނީ.. ” ޔަޝްމީއަށް ބޭއިޙްތިޔާރުގައި ބުނެލެވުނެވެ. ނިހާޝާގެ އެދޮންކަމާއި އެބުޅި އިސްތަށިކޮޅެވެ. އެ ކަޅުކަންގަދަ ކަޅިއެވެ. ހަމަ އެހިނިތުންވުމެވެ. އެ މައުސޫމް ކުޑަ ކުޑަ ފުރާނަ އާ ދޭތެރޭ އެއްފަހަރުވެސް އޭނާއަށް ވިސްނާނުލެވުނީ ކީއްވެހެއްޔެވެ؟ ނިހާޝާއަކީ އޭނާދެކެ މިދުނިޔެއިން އެންމެ ލޯބިވި އެކަކެވެ. އަބަދުވެސް އޭނާގެ އުފަލާއި ހިތްހަމަޖެހުމަށް ވިސްނި މީހެވެ. އެކަމަކު އޭނާއަށް ނިހާޝާއާއި ދޭތެރޭ ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ހެއްޔެވެ؟ އޭނާގެ ހުރި ހަމައެކަނި ބޭބެއާއި ދޭތެރޭ އޭނާއަށް ކަންތައް ކުރެވުނީ ރަނގަޅަށް ހެއްޔެވެ؟ އަމިއްލަ ހިތާމަތަކުގެ ތެރެއަށް އޭނާއަށް ގެނބުނުލެއް ބޮޑުކަމުން އޭނާގެ ބޭބެގެ ހިތާމަތަކެއްވެސް އޭނާއަކަށް ނުފެނުނެވެ. އޭނާ އަކީ ކިހާ އަމިއްލަ އެދުން ބޮޑު މީހެއް ހެއްޔެވެ؟
” ހުންނާނެ ދޮންގެ ކުޑަ ކުޑަ އިޒްއަށް ވަރަށް ލޯބި ހަދިޔާ ގެނެސްފަ.. ކޮކީ ދޭބަލަ އިޒްއަށް ދައްކާލަން..” ޔަޝްމީ އެދުނެވެ. މާދުއާއެކީ ބަސްއަހައިގެން އިޒާކް ދާ ތަން ބަލަން ޔަޝްމީއަށް ހުރެވުނީ ފެންކަޅިވެފައެވެ.
” ބައްޕާ އަހަރެންމީ ކިހާ ގޯސް މީހެއް.. ކިހާ ސެލްފިޝް މީހެއް.. ދޮނާ ވަކިވީމަ ދޮންބެ ދެރަވާނެވަރު އަހަންނަށް މިހާރު އިހުސާސް ކުރެވޭ.. އޭރު ކީއްވެތަ ނުވިސްނުނީ.. އަމިއްލަ އެދުން ބޮޑުކަމުން ދޮންބެ ދެރަވާނެ ވަރާ ދޭތެރޭވެސް އޭރު އަހަންނަށް ވިސްނާނުލެވުނު.. ” ޒާހިރު ޔަޝްމީގެ ކޮނޑުމަތީ އަތްބާއްވާލުމުން ޔަޝްމީ އޭނާގެ އިހުސާސްތައް ބޭރު ކޮށްލިއެވެ.
” ދަރިފުޅާ.. ދަރިފުޅާ ދޭތެރޭވެސް ކަންތައްވީ ވަކި ރަނގަޅަކަށް ނޫން.. އެކަމުގަ ދަރިފުޅުގެ އެއްވެސް ކުށެއްނެތް.. އެހާލަތުގެ ގޮތުން އެއްވެސް މީހަކަށް އަނެކަކާ ދޭތެރޭ ވިސްނާ ނުލެވުނީ.. ” ޔަޝްމީގެ ބޮލުގައި ފިރުމާލަމުން ޒާހިރު ބުނެލިއެވެ.
******************************
” މަންމާ އަހަރެން މިދަނީ އިނގޭ…. މިއަދު އަތޮޅު ކައުންސިލުން ގުޅީމަ.. ” އޭޒިލް ވާހަކަ ދެއްކީ ބަދިގޭގައި ކައްކަން ހުރި ހުސްނާއާއެވެ.
” ބަލައިގެން އުޅޭތި ދަރިފުޅާ..” މައިންބަފައިންނަށް ދަރިން ދުވަހަކުވެސް ބޮޑެއް ނުވާނެއެވެ. ހުސްނާގެ ހަތް ކުދިން ތިބިކަމުގައިވިޔަސް އޭނާ އެންމެ ލޯބިވާ ދަރިފުޅަކީ އޭޒިލްއެވެ.
ރަށަށް އާދެވުމާއެކީ އޭޒިލް މިސްރާބު ޖެހީ އަތޮޅު ކައުންސިލް އިދާރާއަށް ދިއުމަށެވެ. އިންޓަވިއު ނިންމާލުމަށްފަހު އޭޒިލްއަށް ނިކުމެވުނުއިރު އޭނައައި ލޯންޗު ފުރައިފިއެވެ. ރޭވަންދެން އެރަށުގައި މަޑުކުރުމަށް އޭނާއަށް މަޖުބޫރުވިއެވެ.
********************************
ހަވީރުގެ ވަގުތެވެ. ކުޑަކުޑަ އިޒާކްގެ އަތުގައި ހިފާލައިގެން ހުރެ ޔަޝްމީ ޕާކުތެރެއަށްވަނެވެ. އިޒާކް ވިނަގަނޑުމަތީ ކުޅެން އިށީނުމުން ޔަޝްމީއަށް ހުރެވުނީ އޭނާގެ ހަރަކާތްތަކަށް ބަލާށެވެ. އިޒާކްގެ ހަރަކާތްތަކަށް ގެއްލިފައިހުރި ޔަޝްމީ އަރިއަޅާލީ މީހަކު އޭނާގެ ގައިގައި ޖެހުމުންނެވެ.
“ސޮރީ..” ޔަޝްމީ ބަލާލިއިރު އެމީހަކު ބިންމަތީގައި އޮތް ފޯން ނަގަނީއެވެ. ޔަޝްމީގެ ގައިގައި ޖެހުމުން އެމީހާގެ އަތުގައި އޮތް ފޯން ވެއްޓުނީ ކަންނޭނގެއެވެ. ޔަޝްމީ އެމީހާއަށް ސަމާލުކަން ނުދީ އިޒާކްއަށް ބަލާލިއެވެ. ނަމަވެސް އެމީހަކު ޔަޝްމީ ދެނެގަތްކަހަލައެވެ.
“ޔަޝް..” އެއަޑު ކަންފަތުގައި ޖެހުމުން ޔަޝްމީގެ މުޅިގައިން ހީބިހިނަގައިގެން ދިޔައެވެ. އެއީ އާއަޑެއްނޫނެވެ.
” އޭޒިލް.. ” ޔަޝްމީގެ ދުލުން އެނަން ބޭރުވީ ވަރަށް އުދަނގުލުންނެވެ. ދެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ. އޭޒިލް ހައިރާންވެފައި ޔަޝްމީއަށް ބަލަމުން ދިޔައީ ޤަބޫލު ނުކުރެވިގެންނެވެ.
މަޑުނޫކުލައިގެ ޖިލްބާބުން ހަށިގަނޑު ނިވާކޮށްލާފައިވާއިރު ޔަޝްމީގެ ލޫޅާފަތިކަން އެހެދުމުން ހާމަވެއެވެ. ނުލާއި ކަޅު ޝޯލްގެ ތެރެއިން އެދޮންމޫނު ވިދާ ބަބުޅަމުން ދިޔަ ނަމަވެސް، އެމޫނުމަތިން ފެންނަމުން ދަނީ ވީރާނާކަމެވެ. އެރީތި ތުންފަތްމަތީގައި ވީ ހިނިތުން އެތައްހާސް ކަރުނައަށްވުރެ ހިތްދަތިއެވެ.
” ކިހިނެއްތަ؟؟ ޤަބޫލުވެސް ނުކުރެވިފަ މިހުންނަނީ ހަމަ އަހަރުމެންގެ ޔަޝްކަމަށްތީ؟؟” އޭޒިލްގެ އަޑުގައިވަނީ ރިހުމެވެ. ތެދެކެވެ. އޭޒިލްއަށް އަދިވެސް ޤަބޫލު ކުރަން ދައްޗެވެ. އެއީ އޭނާ ކުރިން ދަންނަ ޔަޝްމީއެއްނޫނެވެ. ފަސް އަހަރެއްހާ ދުވަސްތެރޭ ޔަޝްމީއަށް އެހާ ބޮޑެތި ބަދަލުތަކެއް އައިސްފައިވާނެކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. އެރީތި ހަށިގަނޑުވަނީ ހިކިއަނަރޫފަވެފައެވެ.
“ރަނގަޅު ހަމަ.. ވަގުތާއެކީ އެންމެންވެސް ބަދަލުވާނެ.. އޭޒިލްވެސް ތިހިރީ ބަދަލުވެފައެއްނު..” ހިތި ގޮތަކަށް ޔަޝްމީ ހީލިއެވެ. އެހިނިތުންވުމުގައި ރިހުމެއްވާހެން އޭޒިލްއަށް ހީވިއެވެ.
މީގެ ކުރިން “އޮފިޝަލް” ކޮށް ނުފެންނަ އޭޒިލް “އޮފިޝަލް” ކޮށް ފެނުމުން ޔަޝްމީއަށްވެސް ހައިރާންކަން ލިބުނެވެ. ވައިލެޓް ކުލައިގެ ގަމީހަކާއި ކަޅު ޖިންސްގައި އޭޒިލް ވަރަށް ހިތްގައިމެވެ. އަބަދުހެން ތުނިތުނިކޮށް ކޮށާލާފައިވާ އިސްތަށިގަނޑުވަނީ ކުޑަކޮށް ދިގުކޮށް ޖެލްލާ ކޮޅަށް ނަގާފައި ކަމުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.
” އިޒް ގެއަށް ދާން..” އޭޒިލްއަށް ބަލަހައްޓައިގެން ހުރުމުން އިޒާކް އައިކަމެއްވެސް ޔަޝްމީއަކަށް ނޭނގުނެވެ.
” ދަނީ އިނގޭ.. މިކޮޅުގަ އުޅެންޏާ ދިމާވާނެއްނުދޯ..” އިޒާކް އުރާލަމުން އޭޒިލްއަށް ހިނިތުންވެލަމުން ޔަޝްމީ ހިގައިގަތެވެ. އޭޒިލް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ.
ގެއަށް ވަދެވުނުތަނާ އިޒާކްއަށް މާދު ފެނުމުން ޔަޝްމީގެ އުރުން ފައިބުމުން މާދު ގާތު އިޒް ރަނގަޅަށް ބަލައްޗޭ ބުނެލުމަށްފަހު ޔަޝްމީ ވަނީ ކޮޓަރިއަށެވެ.
ފާޚާނާއަށް ވަދެ މާގަނޑު ދޫކޮށްލުމާއެކީ އޮހިގަތް ފެންތަކާއެކު ޔަޝްމީގެ ލޮލުންވެސް ކަރުނަތައް ސައިލެއްހެން އޮހިގަތެވެ. މިހުރިހާ ދުވަހު އޭނާ ކިހާ ކެތްކުރި ހެއްޔެވެ؟ އޭޒިލްއާ ދުރުގައި ހުރެވޭތޯ ކުރެވެން އޮތްހާ މަސައްކަތެއް ކުރިއެވެ. އޭޒިލްގެ ހަނދާންތަކާ ދުރަށް ދިއުމަށް އެފަސްގަނޑަކުން އޭޒިލްއާ ބައްދަލުވި އޭނާގެ އުފަން ރަށާވެސް ދުރުގައި އޭނާ ފަސް އަހަރު ހޭދަކުރިއެވެ. އެހިތް ބަދަލުވޭތޯއެވެ. އެހަނދާންތަކާ ވަކިވެވޭތޯއެވެ. ނަމަވެސް ބަލި ޤަބޫލު ކުރަން ޖެހުނީ އޭނާއަށެވެ. ރޮމުން ރޮމުން ޔަޝްމީ ޓައިލްސްތައް މަތީ އިށީނެވެ.
*****************************
އެނދުމަތީގައި އޮށޯވެގެން އޮވެ އެނބުރެމުންދިޔަ ފަންކަލަށް ނަޒަރު ހުއްޓާލައިގެން އޮތް އޭޒިލް ޙިޔާލުތަކުން ބޭރު ކޮށްލީ ފޯންގެ ރިންގްގެ އަޑުންނެވެ. އޭނާ ފޯންގެ ޑިސްޕްލޭއަށް އަރާފައިވާ ނަމަށް ބަލާލިއެވެ. އެވަގުތު އެކޯލަށް ޖަވާބުދޭން ބޭނުންނުވިނަމަވެސް އޭޒިލް ފޯންނަގާ ކަންފަތުގައި ޖައްސާލިއެވެ.
” ހަލޯ.. ކޮބާ ތިކޮޅުގެ ކަންތައްތައް ކިހިނެއްތަ ބުރޯ؟؟” ހުސެންގެ އަޑުއައެވެ.
“މިއަދު ޔަޝް އާ ދިމާވި..” އޭޒިލްއަށް ބުނެވުނީ އެހާވަރަށެވެ.
“ސީރިއަސްކޮށް؟؟ ވާހަކަ ދެކެވުނުތަ؟ ކިހިނެއް އޭނާ ހުރީ؟؟ ވަރަށް ޗޭންޖުވެފަދޯ ހުރީ؟؟” އެއްފަހަރާ އެތައް ސުވާލެއް ހުސެން ބަންޑުންކޮށްލިއެވެ.
” ވަރަށް ވަރަށް ހިކި.. ހީވަނީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅެފަ ހުރިހެން..” ލޯމައްޗަށް ޔަޝްމީގެ ސޫރަ ސިފަވުމުން އޭޒިލްގެ ދެލޯ ކަރުނުން ފުރިގެންއައެވެ.
” އަހަރެން މާދަން އެރަށަށް ދާން މިއުޅެނީ.. ބޭނުން ސިސީއާ ބައްދަލުކޮށްލަން.. އެކަމަކު އޭޒް؟؟” ހުސެން ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެއެވެ.
” އެނގޭ ހުސެން ބުނަން ތިއުޅެނީ ކީކޭކަން.. އަހަރެންވެސް ޤަބޫލުކުރަން އަހަރުމެން ދެމީހުންގެ ސަބަބުންކަން ޔަޝްގެ ލައިފަށް އެހާ ބޮޑެތި ބަދަލުތަކެއް އައީ.. މިވީ ފަސްއަހަރުތެރޭ އެންމެ ދުވަހެއްވެސް ނުދާނެ އަހަރެން އެކަމާ ނުވިސްނާ.. ގިލްޓީ ފީލް ނުވާ.. ޔަޝްގެ ކައިރިން މާފަށް އެދެން ބޭނުންނުވާ.. ޔަޝް ހޯދަން މަސައްކަތް ނުކުރާ..” ރޯކަން ހުސެންއަށް އެނގިދާނެތީ އޭޒިލް ވާހަކަދެއްކީ ހުއްޓަމުންނެވެ.
2One Comment
Comments are closed.
friend beynun enme kurin comment Kuran. varah salhi mi story ….