” ކިހިނެއްލާފަ ދާނީ ” ހަމްދާން ސައިކަލް ދުއްވާލަމުން ސުވާލުކޮށްލިއެވެ. ” ބޮޑު މަގުން ދާނީ. އެހެންޏާވެސް ދަނީ އެމަގުންނެއްނު ” އަކިޔަލް މިހެން ބުނުމުން އެންމެން އެދިމާއަށް މިސްރާބް ޖެހިއެވެ. ” ހިނގާ މިރޭ ކޮފީއަކަށް ދާން ” ވަކި ހިސާބަކަށް ދެވުމުން އަކިޔަލް ބުނެލިއެވެ. ” އަކޫ ވާނެ ކޮފީ ދޭން. އޭރުން ދެވޭނީ ” ސާހިދު ބުންޏެވެ. ” ކޮފީއަށް ދާން ބުނީ އަހަރެން. އެހެންވީމާ ޕޭކުރާނީވެސް އަހަރެން ” އަކިޔަލް ބުންޏެވެ. އެއަށްފަހު މިސްރާބު ބަދަލުކޮށްލީ ގަމުގައި ހުރި ރެސްޓޯރެންޓަކާ ދިމާއަށެވެ.

ރެސްޓޯރެންޓަށްވަދެ މޭޒެއްގެ ކައިރީގައި ހަމަޖެހިލުމަށްފަހު އެންމެން އެމީހަކު ބޭނުންވާ އެއްޗަކަށް އޯޑަރު ދިނެވެ. އަކިޔަލް އޯޑަރު ދީފަ ސާރާއަށް ވައިބަރ ކުރަން ފެށިއެވެ. ސާރާވެސް އަކިޔަލް މެސެޖް ކުރަމުން ދިޔަ ވަރަށް މެސެޖް ކުރަމުން ދިޔައެވެ. ކޮފީއިން ނިމިގެން އަކިޔަލް ގެއަށް އައީ ސާހިދު ގެއަށްލާފައެވެ. ” ކީއްކުރަނީ ” އަކިޔަލް ގެއަށް ވަންނަމުން ސާރާއަށް ގުޅާ ސުވާލުކޮށްލިއެވެ. ” ކަމެއް ނުކުރަން. އޮށޯވެގެން މިއޮތީ ” ސާރާ ބުންޏެވެ. ” އެހެންވީމަ ނިދަންދޯ ތިއޮތީ ” އަކިޔަލް ބުނެލިއެވެ. ” އާނ ދެން ނިދަންވީ. އެހެންކަމެއް ނެތް ” ސާރާ ބުންޏެވެ. ” އަހަރެން ވެސް މިއައީ ސާހިދު މެންނާއި އެކުގައި ކޮފީއަކަށް ގޮސްފަ. މިހާރު މިއޮތީ އޮށޯވެގެން. މާދަން އޮފީހަށް ވެސް ދާންޖެހޭނެ ” އަކިޔަލް ބުނެލިއެވެ. ” ކޮން އޮފީހަކަށް ދަނީ ” ސާރާ ސުވާލުކޮށްލިއެވެ. ” ކައުންސިލް އިދާރާއަށް ” އަކިޔަލް ބުންޏެވެ. އިރުކޮޅަކު އަކިޔަލް ސާރާ އާއި ވާހަކަ ދައްކަން އޮތުމަށްފަހު ފޯން ބޭންވީ ނިދަން އުޅެނީ ކަމަށް ބުނެއެވެ. ސާރާ ވެސް ފޯން ބޭންވުމަށްފަހު ނިދަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންވީ ބޭކާރު ކަމަކަށެވެ. ސާރާގެ ލޮލުގާ ނިދީގެ ކަންފުޅެއްވެސް ނެތެވެ. ހަނދާނަށް އަންނަނީ ދަތުރު ގޮސްއުޅުން އިރު ދިމާވި ކަންތައްތަކެވެ. ފުރަތަމަ ފަހަރަށް އަކިޔަލް ފެނުން ނަމަވެސް ސާރާ އާއި މެދު ބަހައްޓަމުން އައި ގާތްގޮތެވެ. ވެދިން އެހީތެރިކަމެވެ. ވާހަކަ ދައްކާ މަޑުމައިތިރި ގޮތެވެ. ހިނިތުންވެލާ ގޮތެވެ. އަދިވެސް އެތައް ކަންތައް ތަކެއް އަކިޔަލްގެ ފަރާތުން  ސާރާއަށް ފާހަގަވިއެވެ. މިހިޔާލުގާ ސާރާ އޮށްވާ ހަށިނޑަށް ވަރުބަލިކަމާއި ލޮޑުކަން އަންނަކަން ފާހަގަވުމުން މަޑުމަޑުން ސާރާ ދެލޯ މަރާލިއެވެ.

” ސާހިދު ކޮންތާކުތަ؟ ” އަކިޔަލް ސާހިދުއަށް ގުޅާފަ ސުވާލުކޮށްލިއެވެ. ” ގޭގަ މިހުރީ. ކިހިނެއްވީ ” ސާހިދު އަހާލިއެވެ. ” ބޯއްޓު މާލެއިން އެނބައާދޭ. ފިހާރައިގެ މުދާތައް ރިސީވްކޮށްލަން ދެވިދާނެތޯ ބަލާލަން ވެގެން މިގުޅީ ” އަކިޔަލް ބުންޏެވެ. ” އަކޫއަށް މިއަދު ނުދެވޭތަ؟ ” ސާހިދު ސުވާލުކޮށްލިއެވެ. ” އަހަރެން މިއަދު އޮފީހުގަ ވަރަށް ބިޒީ. އެހެންވެ ސާހިދު ގާތުގައި މިބުނީވެސް ” އަކިޔަލް ބުންޏެވެ. ” ކިހިނެއް ހަދަންވީ ” ސާހިދު ސުވާލުކޮށްލިއެވެ. ” ހަދަންވީ ގޮތަކީ އިނާޔާ ގާތުގައި ބުނޭ މާލެއިން ގެންނަ މުދަލުގެ ލިސްޓް ދޭށޭ. ދެން ލިސްޓް ލިބުނީމާ ކުރަންވީ ކޮށްކަމެއްކަން އެނގޭނު ” އަކިޔަލް ކަންތައް ކުރަންވީ ގޮތް ބުނެދިނެވެ. ” މިހާރު އެގިއްޖެ. އެހެންވީމާ ކިހާއިރެއް ވާނެ ބޯއްޓް ބަނދަރުކުރަން ” ސާހިދު އަހާލިއެވެ. ” އަދި ބައިގަޑި އިރެއްހާއިރު ވާނެޔޯ ބުނީ. އެހެންވީމާ ސާހިދު  ގޮސް ޕިކަޕަކަށް ގުޅާ ރެޑިކޮށްލާފަ އިނާޔާ އަތުން ލިސްޓްނަގާ ” އަކިޔަލް މިހެން ބުނެ ސާހިދު ފޮނުވާލިއެވެ. ” ސާހިދު ހުންނަކަމުން އަހަރެންނަށް ހާދަ ފަސޭހައޭ. މިއަދު ސާހިދު އަހަރެންނަށް އެހީވެނުދޭނަމަ އަހަރެން އެކަނި ވިޔަފާރި ބަލަހައްޓާނެ ގޮތެއްވެސް ނޭންގެ ” އަކިޔަލް ފޯން ކަޑާލުމަށްފަހު ހިތާހިތުން ކިޔާލިއެވެ. އަދި ސާހިދު ވެދޭ އެހިތެރިކަމަށް ސުކުރު އަދާކުރާނީ ވެސް ކިހިނެއްބާއޭ އަކިޔަލް ހިތަށް އެރިއެވެ.

ބޯއްޓް އައުމުން ސާހިދު ބަނދަރަށް ގޮސް ޕިކަޕަށް ގުޅައިގެން ގެނައެވެ. އެއަށްފަހު ބޯއްޓުން މުދާ ބާލާ ވަރަކަށް ލިސްޓްބަލައިގެން މުދާތައް ހަމަޔަށް ލިބިފަހުރިތޯ ބަލަމުން ދިޔައެވެ. ލިސްޓްގައިވާ ހުރިހާ މުދަލެއް ހަމަވުމުން ޕިކަޕް ފިހާރައަށް ފުނުވާލުމަށްފަހު ސާހިދު ކައްޕި ގާތަށްގޮސް ހުރިހާ މުދަލެއް ހަމަޔަށް ލިބިފަވާކަމަށް ބުންޏެވެ. ” ތިހެންދޯ ބިޒީ ވަނީ ” ކައްޕި ގާތުގައި އެހެން ބުނެފަ ފިހާރައަށްދާން އެބުރިލި ވަގުތު އަކިޔަލް ފެނުމުން ސާހިދު ބުނެލިއެވެ. ” ވަގުތު ކޮޅެއްހޯދާލައިގެން މިއައީ ނާލު ދައްކާލަންވެގެން ” އަކިޔަލް މިހެންބުނެ ކައްޕި ގާތަށް ގޮސް ނާލުދެއްކުމަށްފަހު ސާހިދު އާއި އެކުގައި ފިހާރަ ކައިރިއަށް ދިޔައެވެ. އޭރު ޕިކަޕުން މުދާ ހުސްކުރަމުން ދިޔައެވެ. ” ކުދި ފޮށިތައް ފިހާރައަށް ވައްދާފަ ބޮޑެތި ފޮށިތައް ގޭތެރެއަށް ވައްދާ ” އަކިޔަލް މިހެން ބުނެ ގޭތެރެއަށް ވަނެވެ. ސާހިދު ބޮޑެތި ފޮށިތައް ގޭތެރެއަށް ވައްދަމުން ދިޔައިރު އިނާޔާ ކުދި ފޮށިތައް ފިހާރައަށް ވައްދަމުން ދިޔައެވެ. ” ހުރިހާ މުދަލެއް ހަމަޔަށް ލިބުންތަ؟ ” އަކިޔަލް ބަނދިގެ ފަރާތަށް ނިކުތުމުން ސަކީނާ ސުވާލުކޮށްލިއެވެ. ޖަވަބުގާ އަކިޔަލް ބޯޖަހާލިއެވެ. ދަރިފުޅު ކާންވީނު” ސަކީނާ ބުނެލިއެވެ. ނޫނޭ މަންމާ. މިހާރަކު ނުކާނަން. މިވާ ހޫނަކުން ކެއްވެސް ނުވޭ. ގެނެސްދީބަލަ ފިނި ފެންތައްޓެއް ” ނިއްކުރިމަތިން ހިއްލާފަ ހުރި ދާތައް ފޮހެލަމުން އަކިޔަލް ބުންޏެވެ. ” ސާހިދު ނިމުމުން ކޮފީއަކަށް ދާނީ. ރޭގަ ދިން ލާރިކޮލު ވެސް ގެނެސްދޭތި. އޮފީހަށް ދާމަގުމަތީ ޖަމާކޮށްލެވޭނީ އޭރުން ” ސަކީނާއަށް މުހާތިބްކޮށް އަކިޔަލް ބުންޏެވެ.

” ނިމުނީތަ؟ ” ސާހިދު ފެނުމުން އަކިޔަލް ސުވާލިކޮށްލިއެވެ. އޭރު ސަކީނާ އަކިޔަލްއަށް ފެންތަށި ދިއްކޮށްލަނީއެވެ. ” އާނ ގޭތެރެއަށް ބޮޑެތި ފޮށިތައް ވައްދައިފިން. އިނާޔާ ކުދި ފޮށިތައް ފިހާރައަށް ވެއްދީ ” މޫނުގެ ދެފަރާތުން ފައިބަމުން ދިޔަ ދާތައް ފޮހެލަމުން ސާހިދު ބުންޏެވެ. ” ދައްތާ ފެންތައްޓެއްދީބަލަ ” ސާހިދު މިހެން ބުނުމުން އަކިޔަލްގެ އަތުގައި އިން ހުސްތަށި ހިފައިގެން ކާގެއަށް ވަދެ ފެންތައްޓެއް ހިފައިގެން އައިސް ސާހިދުއަށް ދިއްކޮށްލިއެވެ. ” ދަރިފުޅާ ދެންދޭ ސާހިދު ގޮވައިގެން ކޮންމެވެސް އެއްޗެއް ދޭން ” ސަކީނާ މިހެންބުނެ ގޭރެތެއަށް ވަނުމުން ފަހަތުން ސާހިދު ވެސް ވަނެވެ. އަދި ބެންކަށް ޖަމާކުރަން ޖެހޭ ފައިސާ ސަކީނާ ދިނުމުން އަކިޔަލް ސާހިދު ގޮވައިގެން ދިޔައެވެ.

” ސާރާ ކީއްތަ ތިކުރަނީ ” ކައްކަން އުދުން ކައިރީ ހުރެފަ ނާހިދާ ގޮވާލިއެވެ. ” މެސިނަށް އެއްޗެހި އަޅަން މިހުރީ. ކިހިނެއްވީ ” ސާރާ ސުވާލުކޮށްލިއެވެ. ” މަންމައަށް ލޮނު ޕެކެޓެއް ގަނެގެން ގެނެސްދިބަލަ. މިއޮތީ ރުފިޔާ ” ނާހިދާ މިހެން ބުނުމުން ސާރާ ފިހާރައަށް ދިޔައެވެ. ” ހަލޯ ކީއްކުރަނީ ” ސާރާ ގެއިން ބޭރަށް ނިކުތްތަނާހެން އަކްޔަލް ގުލާފަ ސުވާލުކޮށްލިއެވެ. ” މަންމަ ބުނެގެން ފިހާރައަށް މިދަނީ ” ސާރާ ބުންޏެވެ. ” އަކޫ ކީއްކުރަނީ ” ސާރާ ސުވާލުކޮށްލިއެވެ. ” ބެންކްގަ މީނީ ލަރިކޮޅެއް ޖަމާކޮށްލަން އައިސް ” އަކިޔަލް ބުނެލިއެވެ. ” ސާރާ ފަހުން އަދި ގުޅާނަން. ނަންބަރ ޖެހެނީ ” އަކިޔަލް މިހެން ބުނެ ފޯން ކަޑާލިއެވެ.

އަކިޔަލް އޮފީހުން ނިމިގެން އައިސް ފިހާރައަށް ވަނެވެ. ” ކޮބާ ސާހިދު ގެންދިޔަ ލިސްޓް ” އަކިޔަލް އިނާޔާ ކުރެން އަހާލިއެވެ. ” ސާހިދު ނުދޭ އެއްވެސް ލިސްޓެއް ” އިނާޔާ ބުންޏެވެ. ” ކޮބާ ލިސްޓް ” އިނާޔާ އެހެން ބުނުމުން އަކްޔަލް ސާހިދުއަށް ގުޅާފަ ސުވާލުކޮށްލިއެވެ. ” ހަނދާންނެތި ލިސްޓް އިނާޔާ އަތަށް ނުދެވި އާދެވުނީ ” ސާހިދު ބުންޏެވެ. ” އަބަދުވެސް ވަނި ތިވަރެއްނު. އަދި އަމުދުން މިހާރު ” އަކިޔަލް ސާހިދާ ދިމާކޮށްލިއެވެ. ” ކޮންމެހެން ދިމާކުރާނެ ކަމެއްނެތް. އަދި މިދުވަސް އަކޫއަށް ވެސް އަންނާނެ. އެދުވަހަކުން އަހަރެންވެސް ތިހެން ދިމާކޮށްލާނަން ” ސާހިދު ބުންޏެވެ. ” އެންމެ ރަނގަޅޭ. ސާހިދުއަށް ދިމާކުރަން ޖެއްސުން ކުރަން ކެރުން ވަރެއް އޮތީ. ދެން ބިޒީ ނޫނިއްޔާ ލިސްޓް ގެނެސްދިބަލަ ” އަކިޔަލް ހީލަމުން ބުނެލިއެވެ.

” މިވަގުތު ކަމެއްގަ މިއުޅެނީ އެކަނި ” ސާހިދު ބުންޏެވެ. ” ސާހިދު އެކަނި ވެސް ކުރާކަންތައް ހުރޭތަ؟ ތީއަދި އަހަރެން ނުދައްނަކަމެއް ” އަކިޔަލް ހީގަންނަމުން ބުނެލިއެވެ. ” ސާބަސް ތިހެނެއްނޫން މިބުނީ. ކޮންމެ ބަހެއްގެ ނުބައި މާނަ ނަގަން ނޫޅޭ. މިއުޅެނީ ވަޅު ހަޑިވެގެން މަންމަ ބުނެގެން ވަޅުދިޔަ ހިއްކަންވެގެން. އެކަމަކު އެކަނި ވީމާ މިހުރީ އަކޫ ގާތުގަ ވެސް ބުނަން ނުކެރިފަ ” ސާހިދު ބުންޏެވެ. ” ކީއްވެގެން އަހަރެން ގާތުގައި ބުނަން ނުކެރެންވީ. އަހަރެން ވެސް ކަންތައްތަކުގަ ކިޔަންޏާ ސާހިދުއަށް ވެސް ކިޔަންވާނެދޯ. އެހެން ނޫނަސް އަހަރެން ނުދެކެން ސާހިދުއަކީ އަހަރެންނަށް ދުރު މީހެއްގެ ގޮތުގައެއް ” އަކިޔަލް ބުންޏެވެ. ” އެހެންވީމާ އަހަރެން އިރުކޮޅަކުން މިދަނީ. ދެންމުދާ ނަގާނި މިރޭ ފިހާރަ ބައްދުކޮށްފަ. އެގޮތް އެންމެ ރަނގަޅު ވާނެއްނު ” އަކިޔަލް މިހެން ބުނެ ފޯން ކަޑާލުމަށްފަހު އެއްޗެހި ބަދަލުކޮށްލައިގެން  ސާހިދު މެންގެއަށް ދިޔައެވެ. ވަޅަށް އެރި އޮތީ ސާހިދުއެވެ. ފެންނެގުމަށް އަކްޔަލް ހުއްޓެވެ. ވަޅު އުގުޅާފަ ނަގާ ފެންބާލިދިއިން ބައެއް ކޮންމެ ފަހަރަކުވެެސް އަކިޔަލް ސާހިދުގެ ބޮލަށް އަޅާލައެވެ. އަދި ސޮރީއޭ ބުނެ ބާރަށް ހީގަނެއެވެ. އެހެން ހަދަން ފެށުމުން ސާހިދު ވެސް ވަޅުގަ އޮވެފ އަކިޔަލްގެ ގަޔަށް ފެންބުރުވާލައެވެ.

” ސާރާ ކޮންހިޔާލެއްތަ ؟ ” ދުރު ބަލަން އިނުމުން ޒޭނާ ސުވާލުކޮށްލިއެވެ. ” އެއްވެސް ހިޔާލެއްގައެއްނޫން ” ސާރާ ހީލަމުން ބުނެލިއެވެ. ” ހިޔާލެއްގަ ނޫންކަމެއް ނޭންގެ. ބީޗަށް އައިފަހުން ސާރާ އެއްވެސް ވާހަކައެއް ނުދައްކާ. ދައްކާ ވާހަކައެއް މިދައްކަނީ އަހަރެން. ސާރާ ކުރާކަމަކީ ކޮންމެ ފަހަރަކުވެސް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުން. ބައެއްފަހަރު ހީވޭ ކަމަކަށް އިންތިޒާރު ކުރާހެންވެސް ” ޒޭނާ ބުންޏެވެ. ” ޒޭނާ ދައްކާ ވާހަކަ. އަހަރެން އެއްވެސް ކަމަކަށް އިންތިޒާރެއް ނުކުރަން. އަދި އެވަރުގެ ކަމެއްނެތް ” ސާރާ ހަމަޖެހޭ ގޮތް ދައްކާލަމުން ބުންޏެވެ. ” އެހެންތަ؟ ހަމަ އެވަރުގެ ކަމެއްނެތްތަ؟ ނޫނީ އަދި ބުނަން ބޭނުން ނުވަނީތަ؟ ” ޒޭނާ ދިމާކުރާ ކަހަލަ ގޮތަކަށް ބުނެލިއެވެ. ” ދެން އެވަރުގެ ކަމެއް ނެތިއްޔާ ބުނާނީ ނެތޭދޯ ” ސާރާ  ބުނެލިއެވެ. ” އެވަރުގެ ކަމެއް އޮތްކަމެއް ނެތްކަމެއް އަހަރެންނަކަށް ނޭންގެ. އެކަމަކު އެގޭހާވެސް އެއްޗަކީ ކޮންމެވެސް މީހަކަށް ނުވަތަ ކަމަކަށް ސާރާ ވަރަށް އިންތިޒާރުކުރާކަން. އެހެން ނޫންނަމަ އިރު އިރުކޮޅާ ފޯނަކަށް ނުބަލާނެ ” ޒޭނާ ބުންޏެވެ. ” އަހަރެން ފޯނަށް ބަލާތީތަ ތިހެން ތިކިޔަނީ. ސާބަހޭ އަހަރެން ގަޑިން ވީއިރެއް ބަލާލީއޭ ” ސާރާ ހީލަމުން ބުނެލިއެވެ. ” ދެން އެންމެ ރަނގަޅޭ. އަހަރެން ގަބޫލް ކުރަން ސާރާގެ ގާތުން އެއްޗެއް ހޯދުމަކީ ފަސޭހަކަމެއް ނޫންކަން. ހިނގާ ދެންދާން ” ޒޭނާ މިހެންބުނެ ދޮންވެލި ގަނޑުމަތިން ތެދުވިއެވެ. އަދި ސާރާ އާއި އެކުގައި ގެއަށް ދިޔުމަށް ހިނގައިގަތެވެ.

ސާރާ ގެއަށް އައިސް ކޮޓަރީ އެނދުގައި ޖައްސާލިއެވެ. އޭރު ސާރާގެ މޫނުމަތިން އިންތިހާއަށް މާޔޫސްކަން ފާޅުވަމުން ދިޔައެވެ. ” އަހަރެންނަށް މާފްކުރޭ ޒޭނާ. އަހަރެންނަށް ވަނީ ޒޭނާއަށް ދޮގުހެދިފަ. ޒޭނާއަށް ތިހިވީ ހަމަ ރަނގަޅަށް. އަހަރެންނަށް ކަމަކަށް އިންތިޒާރު އެނބަ ކުރެވޭ. އެކަމަކު އެކަން ވާނެކަމެއް ނުވަތަ ނުވާނެ ކަމެއް ބުނާކަށް ނޭންގެ ” ޒޭނާއަށް ދޮގުހެދުނީތީ ސާރާ އިންތިހާއަށް ދެރަވިއެވެ. ހަގީގަތުގައި ސާރާ ޒޭނާއަށް ކަމެއް ސިއްރު ކުރާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ކަންތައް ތަކުގައި ހަގީގީ ކުލަ ނުޖެހޭތީ ނުވަތަ ޖެހޭނެ ކަމުގެ ޔަގީންކަން ނެތީތި ދޮގުހަދަން މަޖުބޫރުވިއެވެ. އެ އެކަނިވެރިކަމުގައި ކިތައްމެ ފަހަރަކު އަކިޔަލްއަށް ގުޅަށް ސާރާ މަސައްކަތް ކުރިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ފޯން ބާއްވަނީ ގުޅަން ނުކެރިގެންނެވެ.

އެހެންއޮށްވާ ކުއްލިއަކަށް ސާރާގެ ފޯން ރިންގް ވާންފެށުމުން އަވަސް އަވަހަށް ފޯންގެ ސްކުރީނަށް ބަލާލިއެވެ. އަދި ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. ” ހާދައިރެއްކޮށްފަ ތިގުޅީ. އަހަރެން ކޮންއިރެއްތަ އިންތިޒާރުގައި ހުންނަތާ… ” ކަންފަތުގައި ފޯން ޖެއްސުމާއެކު ސާރާއަށް ބުނެވުނެވެ. ” އެހެންތަ؟ އަހަރެން ގުޅަށްދެން އިންތިޒާރުގަތަ؟ ގަބޫލް ވެސް ނުކުރެވޭ ” އަކިޔަލް ސަމާސާ ގޮތަކަށް ބުނެލިއެވެ. ” ގަބޫލު ނުވެސް ކުރާނެ. ބޭނުމަކީ އަނެކާގެ އިހްސާސްތަކާ ކުޅެލުން ” ސާރާއަށް ކޮންޓްރޯލް ނުވެގެން ބުނެވުނެވެ. ސާރާގެ އެޖުމަލްއިން އަކިޔަލްއަށް ލިބުނީ ހައިރާން ކަމެކެވެ. އަދި ހުނުން ހުއްޓާލިއެވެ. ” ކިހިނެއްވެގެން ސާރާ ތިއުޅެނީ. އަހަރެންނަށް ކޮންކަމެއް ކުރެވުނީ. އަހަރެން އެއްވެސް މީހެއްގެ އިހުސާސްތަކަށް ގަދަރު ކުރުމެއްނެތި ސަމާސާއަކަށްވެސް ކަމެއް ނުކުރަން. އަދި އެއްޗެއް ވެސް ނުބުނަން ” އަކިޔަލްގެ އަޑުގާ ސީރިއަސް ގޮތެއް ހުއްޓެވެ. އޭރު ސާރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތް ތެމެމުން ދިޔައެވެ. ހަމަ އެވަގުތު ސާރާއަށް ކޯތާފަތުގައި އަތް ހާކާލެވުނެވެ. އަދި އަތަށް ބަލާލިއެވެ. އެހާ ހިސާބުން ސާރާއަށް ހަމަހޭވެރިކަމެއް ވިއެވެ. ބުނެވުނީ ކީކޭކަމާއި ކުރެވެމުން ދަނީ ކޮންކަމެއްކަން ހަނދާނަން އައެވެ. ” ކިހިނެއްވެގެން ތިއުޅެނީ. މީހަކު އެއްޗެއްކީތަ؟ ” ދެވަނަ ފަހަރަށް އަކިޔަލް ސުވާލު ތަކުރާރު ކޮށްލުމުން ސާރާ ފޯން ކަޑާލިއެވެ. ” ސާރާއަށް ކިހިނެއްފަ އެހުރީ. ކީއްވެގެންތަ އެހެން ސާރާ އަހަރެންނާ ވާހަކަ އެދެއްކީ. އަހަރެން ހަމަޔަގީނުން ވެސް އަދި ސާރާ ދެރަވާނެ ވަރުގެ ކަމެއް ނުކުރަން” ސާރާ ފޯން ކަޑާލުމުން އަކިޔަލް ހިތާހިތުން ކިޔާލިއެވެ.  އެއަށްފަހު އަނެއްކާ ވެސް އަކިޔަލް ސާރާއަށް ގުޅާލިއެވެ. ނަމަވެސް ސާރާ ފޯނަށް ޖަވާބު ނުދިނުމުން އަކިޔަލް ސާރާއަށް މެސެޖެއް ފޮނުވާލިއެވެ.

ފޯން ކަޑާލުމަށްފަހު ސާރާ އެނދުގައި ބައްޑުން ރޯން އޮށްވާ އަކިޔަލްގެ މެސެޖް ލިބުނެވެ. ” އެނގިގެން ސާރާ ދެރަވާނެ ވަރުގެ އެއްޗެއް ނުބުނަން. އަދި ކަމެއްވެސް ނުކުރަން. އެކަމަކު ސާރާގެ ބަހުން އަހަރެންނަށް މާނަ ނެގުނީ އަހަރެން ސާރާގެ އިހްސާސްތަކަށް ކުޑަކޮށްވެސް ގަދަރެއް އިހުތިރާމެއް ނުކުރެއޭ… އެކަމަކު އެހެން ސާރާއަށް ހީވެފަ ވާނަމަ އެއީ ކުއްހީއެއް. އަހަރެންގެ ފަރާތުން ސާރާ ހިތްހަމަ ނުޖެހޭ ކަމެއްވެފަ ވާނަމަ މާފަށްއެދެން ” ސާރާ މެސެޖް ކިޔާލިއެވެ. އެއަށްފަހު ސާރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި ވިސްނާލިއެވެ. އެންމެ ދުވަހަކު ފެނުނު މީހަކައްޓަކާ މިވަރު ވާންވީ ކީއްވެގެންބާއޭ ސާރާގެ ހިތަށް އެރިއެވެ.  ކޮންމެ ގޮތެއްވިޔަސް ސާރާ އެވަނީ ކާކުކަން ރަނގަޅަށް ނޭންގޭ އަކިޔަލްއަށް ހިތްދެވިފައެވެ. ” އިޓްސް އޯކޭ ” ސާރާގެ މެސެޖް އަކިޔަލްއަށް ލިބުނުމުން ކިޔާލިއެވެ. އެހެން ފަހަރު ފަހަރާ ހިލާފަށް ސާރާގެ ރާގާ ބަހުރުވަ ބަދަލުވެފަ ވުމުން އެއީ ކިހިނެއްވީ ކަމެއްތޯ ބަލަން އަކިޔަލް ބޭނުންވިއެވެ. އެހެންކަމުން އިރުކޮޅެއްކޮށްލާފަ އަނެއްކާވެސް އަކިޔަލް ސާރާއަށް ގުޅިއެވެ. ” މިރޭ ކޮންކަމެއް އޮތީ ” ސާރާ ފޯން ނެގުމުން އަކިޔަލް ސުވާލުކޮށްލިއެވެ. ” އެއްވެސް ކަމެއްނެތް ” ސާރާގެ އަޑުން ކަންތައްތަކެއް ފާހަގަ ވިއެވެ. ” ކަމެއްނެތިޔާ ހިގާ މިރޭ ދުއްވާލަންދާން ” އަކިޔަލް ބުންޏެވެ. ” ދާންނަންތަ؟ ” ސާރާ އެއްޗެއް ނުބުނުމުން އަކިޔަލް ދެވަނަ ފަހަރަށް ސުވާލުކޮށްލިއެވެ. ” އާނ ދެވިދާނެ. ކިހާއިރަކުން ދާނީ ” ސާރާ ބުނެލިއެވެ. ދުއްވާލަން ދާނެކަމަށް ބުނިއިރު އަޑުން އުފާވެރިކަން ފާހަގަ ކުރެވުނެވެ. ” ދެން ސާރާ ތައްޔާރުވެލައިގެން އަހަރެންނަށް ގުޅާ. އޭރުން އަހަރެން ދާނަން ” އަކިޔަލް މިހެން ބުނުމުން ސާރާ ފޯން ކަޑާލިއެވެ. އަދި ތުވާލި ހިފައިގެން ގޮސް ފާހާނާއަށް ވަނެވެ. އަކިޔަލް އަންނާނެ ވާހަކަ ބުނުމުން ސާރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

ގަމުގެ ބޮޑު މަގު ތާރުއަޅާ ރަނގަޅު ފެނަވަރަކަށް ހަދާފަވުމުން އަކިޔަލް ސައިކަލް ދުއްވަމުން ދިޔައީ މަގުގެ އެއްފަރާތުން ވަރަށް ބާރަށެވެ. އަކިޔަލް ސައިކަލް ދުއްވަމުން ދިޔައިރު ހިޔަލުގާ ވާނި ސާރާއެވެ. ބޮޑު މަގުގެ އެކިހިސާބުގައިވާ އަނދިރިގަނޑު ގަނޑު ފަސްދީ ފޮނަދޫ ބެންކް ކައިރީގައި ސައިކަލް މަޑުކޮށްލިއެވެ. އެއަށްފަހު ސާރާއަށް ގުޅާލުމުން ސާރާ ގެއިން ނިކުމެގެން އަންނަތަން ފެނުނެވެ. ސާރާ ރީތިވެގެން ހުއްޓާ އަކިޔަލްއަށް މިފެނުނީ ފުރަތަމަ ފަހަރަށެވެ. ސާރާ ފެނުމުން އަކިޔަލްގެ މޭ ފިނިވެގެން ދިޔައެވެ. ކަޅި ޖަހާނުލާ ސާރާއަށް ބަލަން އިދެވުނެވެ. ސާރާ މަޑުމަޑުން ހިނގާފައި އައިސް ސައިކަލް ކައިރީމަޑުވުމުން ސައިކަލަށް އެރުމަށް ބުންޏެވެ. ސާރާ ސައިކަލަށް އަރާ ހަމަޖެހިލުމުން އަކިޔަލް ގަމާ ވީކޮޅަށް ސައިކަލް ދުއްވާލިއެވެ. ” ކިހިނެއްވެފަ ތީނީ އެއްޗެއްވެސް ނުބުނެ ” އަކިޔަލް އަހާލިއެވެ. ” ކަމެއްނުވޭ ” ސާރާ ބުނެލިއެވެ. ” އެހެންތަ؟. އެކަމަކު ހީވަނީ ކަމަކާ ދެރަވެފަ އިންހެން ” އަކިޔަލް ބުންޏެވެ. ” ތީހަމަ އަކޫއަށް ހީވާގޮތް. އަހަރެން އެއްވެސް ކަމަކާ ދެރައެއްނުވޭ ” ސާރާ ހަމަޖެހޭ ގޮތް ދައްކާލަމުން ބުނެލިއެވެ. ” އެއްވެސް ކަމަކާ ދެރަ ނުވަންޏާ ކިތައްމެހާވެސް ރަނގަޅު ” އަކިޔަލް ހިލަމުން ބުނެލިއެވެ. ” ކާކުތަ މިގުޅަނީ ” ސައިކަލް ދުއްވަމުން ދަނިކޮށް އަކިޔަލްގެ ފޯން ރިންގް ވާންފެށުމުން ބުނެލިއެވެ. ” ކީކޭ ސާހިދު ” މަގުގެ އެއްފަރާތަށް ސައިކަލް މަޑުކޮށްލުމަށްފަހު ޖީބުން ފޯންނަގާ ކަންފަތުގާ ޖައްސާލުމަށްފަހު ބުނެލިއެވެ. ” ކޮންތާކުތަ؟ ” ސާހިދު ސުވާލުކޮށްލިއެވެ. ” އަހަރެން މިއުޅެނީ ބޭރުގައި. ކިހިނެއްވީ ” އަކިޔަލް ބުންޏެވެ. ” ވައިވެގެން ކޮފީއަކަށް ދާންވެގެން ” ސާހިދު ބުންޏެވެ. ” މިވަގުތު މިއުޅެނި ރައްޓިއްސަކާއެކުގަ. ކޮފީއަށްދާނިީ މިރޭ ފިހާރައިގެ ކަންތައް  ނިއްމާލާފަ ” އަކިޔަލް  މިހެން ބުނުމުން ސާހިދު އޯކޭއޭ ބުނެ ފޯން ކަޑާލިއެވެ. ” މިސާހިދު މި ވަރެއްގެ މީހެއް. ކޮންމެ ފަދަ ގަޑިއެއްގައި ވެސް ގުޅާފާނެ ” ފޯން ޖީބަށް ލަމުން އަކިޔަލް ބުނެލިއެވެ. އެއަށްފަހު ސައިކަލް ދުއްވާލިއެވެ. “ކޮން ފިހާރައެއްގެ ވާހަކައެއް ތިބުނީ ” ސާރާ ސުވާލުކޮށްލިއެވެ. ” އެއީ އަހަރެންގެ ފިހާރައިގެ ވާހަކަ. މިއަދު މާލެއިން މުދާގެނެސްފަ ހުރީ. އަދި މިރޭ އެނބަޖެހޭ ގެސްފަހުރި މުދާތައް ނަގަންވެސް. އެކަމަކު އެކަން ވެސް ވާނީ ދިހައެއް ޖަހާއިރު ފިހާރަ ބައްދު ކޮށްފަ ” އަކިޔަލް ބުންޏެވެ.

އަކިޔަލް ސާރާ ގޮވައިގެން ގޮސް މަޑުކޮށްލީ އަކިޔަލް ކޮންމެދުވަހަކު ހެނދުނު ގޮސް ހުންނަތާ އަތިރިމައްޗާ ދިމާލުން މަގުގެ އެއްފަރާތުގައި ހުރި މަގު ބައްތިއެއްގެ ކައިރީގައެވެ. އެއަށްފަހު ސައިކަލްގެ ހަރު ޖައްސުމަށްފަހު ސައިކަލުން ފޭބިއެވެ. ސާރާ އިންގޮތަށް ސައިކަލްމަތީ އިނެވެ.  ” އެހެންވީމާ އަކޫ އަކީ ވިޔަފާރި ވެރި އެއްދޯ ” ސާރާ ބުނެލިއެވެ. ” އާނ ދެން މިހާރު ތިހެން ވެސް ބުނެވިދާނެ. އެކަމަކު އަސްލު ވިޔަފާރިއަކީ އަހަރެން ކުރާ ހިތްވާކަމެއްނޫން. މި ވިޔަފާރިއަކީ އަހަރެންގެ ބައްޕަ ފެށިކަމެއް. ވިޔަފާރި ކުރާން ބޭނުން ނުވިޔަސް މިއަދު އަހަރެންނަށް މިވަނީ އެކަން ކުރަން ޖެހިފަ. އަހަރެންގެ ޅައުމުރުގަ މިވަނީ ބޮޑެތި ޒިންމާތަކެއް އުފުލަން މަޖުބޫރުވެފަ ” އަކިޔަލް ބުންޏެވެ. އަކިޔަލް ބޭނުން ވަނީ ސާރާ ސުވާލު ނުކުރިޔަސ އަކިޔަލްއަކީ ކާކުކަން ބުނެދޭށެވެ. ހިތުގެ ހާލު ބަޔާން ކޮށްދޭށެވެ. ލޯބި ވާވާހަކަ ބުނާށެވެ.

” ތިބުނީ ކޮންގޮތަކުން ޒިންމާތަކެއް އުފުލަން ޖެހުނު ވާހަކައެއްތަ؟ ” ސާރާ އޮޅުންފިލުވަން ބޭނުން ވެގެން ސުވާލުކޮށްލިއެވެ. ” އަހަރެންގެ މަންމަ އާއި ބައްޕަގެ ދަރިއަކަށް ހުރީ އަހަރެން އެކަނި. ކަންތައް ތަކުގެ ޒިންމާ ރަނގަޅަށް ނަގަން ނޭންގޭ އުމުރުގައި އަހަރެންގެ ބައްޕަ ވަނީ އަހަރެންނާ ވަކިވެފަ. ބައްޕަ ނެތްކަމުގެ އިހުސާސް އަހަރެންނަށް ވިޔަނުދީ މަންމަގެ ބުރަ މަސައްކަތުން އަހަރެންނަށް ކިޔަވާދިން. އަހަރެން ގުރޭޑް އަށަކަށް ދިޔަފަހުން އަހަރެން ދިޔައީ ބައްޕަގެ ވިޔަފާރީގެ ހުރިހާ ކަމެއް ބަލަމުން. އަދި މިއަދު އަހަރެން މިހެން ފެންނަން ހުރުމަށް މެދުވެރިއަކަށްވި އަހަރެންގެ މަންމަގެ ހުރިހާ ކަމެއްވެސް އަހަރެން ބަލަމުން މިދަނީ ” އަކިޔަލް އަސަރާއެކު ސާރާއަށް އޭނާގެ ވާހަކަ ކިޔާދެމުން ދިޔައެވެ. އަކިޔަލްގެ ވާހަކަ ސާރާ ޝައުގުވެރިކަމާއެކު އަޑުއަހަން އިނެވެ. ” އަކޫގެ މަންމަ ފަރާތު މީހުންނާ ބައްޕަ ފަރާތު މީހުން ކޮބާ؟. އެމީހުން އަކޫ މެންނަށް އެއްވެސް އެހީއެއް ނުވޭތަ؟ ” ސާރާ އަކިޔަލްގެ ވާހަކަ އަޑު އެހުމަށްފަހު ވިސްނާލާފަ ސުވާލުކޮށްލިއެވެ. ” އަހަރެންގެ ބައްޕައަކީ އަސްލު ގަމު މިހެއްނޫން. މަންމަ ފަރާތު މާމަމެން ބައްޕަޔާ މަންމަ މެރީ ކުރާކަށް ގަބޫލެއްނޫން. އެކަމަކު ވެސް މަންމަ އާއި ބައްޕަ މެރިކުރަން ބޭނުންވާތީ އެމީހުންގެ ނުގަބޫލުގަ މެރީކުރީ މާމަމެންގެ އެއްވެސް އެހީއެއް ނުލިބޭގޮތަށް. މަންމަ ފަރާތުން ބައެއް މީހުން ރަށުގަ އުޅޭ. އެކަމަކު އެއްވެސް އެހީއެއް ނުވޭ.  ކަމެއް ޖެހުނަސް އަހަރެން އެމީހުންގެ އެހީއެއް ބޭނުންވެގެން ނުދަން. އެހީއަށް އެންމެ ބޭނުންވި ދުވަހު މަންމަ ވެސް ނުދޭ. ބައްޕަ ނެތަސް ބައްޕަގެ ބުރަ މަސައްކަތުގެ ސަބަބުން އިރާދުކުރެއްވިޔާ އަދި އެނބައުޅެވޭ ” އަކިޔަލް ބުންޏެވެ.

” ދެން ސާރާގެ ހިތަށް އަރާފާނެ މިހުރިހާ ވާހަކައެއް ސާރާއަށް ކިޔާމިދިނީ ކީއްވެގެންބާއޭ ” އަކިޔަލް ސާރާއަށް ފުރަގަސް ދީގެން ހުރުމަށްފަހު ކުރިމަތިލަމުން ބުނެލިއެވެ. ” އަސްލު ތިހެން ހިތަށް އަރާފަ މިއިންނަނީ. އެކަމަކު ސުވާލުކޮށްލަން ނުކެރިފަ ” ސާރާ ބުންޏެވެ. ” ކީއްވެގެން ސުވާލުކުރަން ނުކެރެންވީ. ސާރާ ސުވާލެއް ކޮށްގެން އަހަރެން އެއްޗެއް ނުބުނާނަން. ކުރިންވެސް ބުނީމެއްނު. ނުދަންނަ ދެމިހުން އެކަކު އަނެކަކަށް އެގޭނީ އަމިއްލަ ވާހަކަތައް ހިއްސާކުރެވިގެންނޭ. ސާރާ ބުނީމެއްނު ސާރާއަށް އަހަރެން ނޭންގޭ ވާހަކަ. އަހަރެން ބޭނުންވަނީ އަހަރެންމީ ކިހިނެއް ދިރިއުޅޭ ކޮންފެންވަރެއްގެ ކާކުކަން ސާރާއަށް ބުނެދޭން. އެހެންވެ ސާރާއަށް ކުރެވުނު ސުވާލަކުން އަހަރެންނަކީ ކާކުކަން ބުނެދޭން ހިތްވަރު ލިބުނީ. ސާރާއަކީ ކާކުކަން އެގެން އަހަރެން ބޭނުން. އެކަމަކު ގަދަކަމުން އެއްވެސް އެއްޗެއް އޮޅުންފިލުވާކަށް ބޭނުމެއްނޫން ” އަކިޔަލް އެހެން ބުނުމުން ސާރާ ހީލިއެވެ. ” އަހަރެންނަކީ ކާކުކަން އަދި ކިހިނެއް އުޅޭ މީހެއްކަން ވަގުތު ޖެހުމުން އެގޭނެ ” ސާރާ ބުނެލިއެވެ. ” ހިނގާ ގެއަށްދާން. މިހާރު ނުވައެއް ޖަހަން އުޅެނީ ” އަކިޔަލް ފޯނުން ގަޑި ބަލާލުމަށްފަހު ސައިކަލަށް އަރާ ދުއްވާލިއެވެ.

” ދަރިފުޅު މިރޭ ނުކަނީތަ؟ ” ސާރާ ގެއަށްލާފަ އައިސް އަކިޔަލް ގެއަށް ވުމުން ސަކީނާ އަހާލިއެވެ. ” ނޫނޭ ކާނަން. މަންމަ ކައިފިންތަ؟ ” އަކިޔަލް އަހާލިއެވެ. ” އަދި ނުކަން. ދަރިފުޅު އަންނަންދެން މިހުރީ ” ސަކީނާ މިހެންބުނެ ކާންހަދަން ދިޔުމުން އަކިޔަލް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން ކާން ދިޔައެވެ. ” ކޮންއިރަކުން މުދާތައް ނަގަނީ ” ސަކީނާ އަހާލިއެވެ. ” ދެން ފިހާރަ ބައްދުކޮށްފަ އެކަންވާނީ ” އަކިޔަލް ބުންޏެވެ. ” އަދި މަންމަ ހަނދާން ނެތިފަ މިހުރީ. ސާހިދު އައި ދަރިފުޅު ހޯދަން ” ސަކީނާ ބުންޏެވެ. ” މީގެ އިރުކޮޅެއް ކުރިން ގުޅި އަހަރެންނަށް ” އަކިޔަލް ބުންޏެވެ. ” ހާދަ ކުޑަކޮށް ތިކެއީ ” ކައިގެން ތެދުވުމުން ސަކީނާ ސުވާލުކޮށްލިއެވެ. ” އަދި ފިހާރައިގެ ކަންތައްކޮށްލާފަ ސާހިދުުގެ ގާތުގައި ކޮފީއަށް ދާނެ ވާހަކަ ބުނެފަ އޮށްނާނީ ” ޒިންކް ކައިރީ އަތްދޮންނަން ހުރެފަ އަކިޔަލް ބުންޏެވެ. ސަކީނާ އަކިޔަލް ނިކުމެގެން ދިޔަތަން ބަލަން އިދެފަ ތެދުވެގެން ތަށި ދޮންނަން ދިޔައެވެ.

ކައިގެން އައިސް އަކިޔަލް އެނދުގައި ޖައްސާލިއެވެ. މޫނުމަތިން އިންތިހާއަށް ވަރުބަލިކަން ހާމަވަމުން ދިޔައެވެ. ނަމަވެސް ވަރުބަލި ފިލުވާލަން ޖައްސާލެވެން އޮތީ ފިހާރައިގެ ކަންތައްތައް ނިމުމުންނެވެ. އެހެންކަމުން އަކިޔަލް ފޯންނަގާ ސާރާއަށް ވައިބަރއިން މެސެޖްކޮށްލުމުން ލަސްތަކެއްވެސް ނުވެ ސާރާ މެސެޖް ކޮށްލިއެވެ. ” ދެން މިރޭ ކޮންކަމެއްތަ އޮތީ ” ދިނާ ސުވާލުކޮށްލިއެވެ. ” ފިހާރާ ބަންދު ކުރުމުން އަކޫ އާއި އެކުގައި ފިހާރައިގެ ކަންތައްތައް ކޮށްލަދޭން ދިޔުން. ކިހިނެއްވީ. އަނެއްކާ ދީނާ ތާކަށް ދާންވެފަ އޮތީތަ؟ ” ސާހިދު ސުވާލުކޮށްލިއެވެ. ” އާނ. ހިނގާބަލަ ހިނގާލަންދާން. އަދި ދިހައެއް ޖަހަން ވަގުތުކޮޅެއްވެސް އެބަހުއްޓެއްނު ” ދީނާ ބުންޏެވެ. ” އޯކޭ. އެކަމަކު އެހާ ދުރަކަށް ނޫން ” ސާހިދު ހީލަމުން ބުންޏެވެ. ދީނާ އާއެކޭ ބުނެ ބޯޖަހާލުމުން ސާހިދު ދީނާ އާއި އެކުގައި ހިނގައިގަތެވެ.

ދިހައެއް ޖަހަން ގާތްވުމުން އަކިޔަލް އާދައިގެމަތިން ފިހާރައަށް އައިސް އިނާޔާ ގެއަށް ފޮނުވާލިއެވެ. އޭރު ސާހިދު އައިސް ފިހާރައަށް ވަންނަނީ އެވެ. ” އާދެވިއްޖެދޯ ” ސާހިދު ފެނުމުން އަކިޔަލް ބުނެލިއެވެ. ” އަހަރެންނާ ދިމާއަށް ތިހެން ބުނަން އަކޫ ވަރަށް ރަނގަޅު ” ސާހިދު ބުނެލިއެވެ. ” އަހަރެން ކީއްކުރީތަ؟ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” އަކޫ އެއްވެސް ކަމެއްނުކުރޭ. ހުރިހާ ކަމެއްގަ ނަން ވަނީ އަހަރެން. އެހެންވީމާ ގޭތެރޭ ހުރި ފޮށިތައް ގެންނަން ވީތަ؟ ” ސާހިދު ބުނެލިއެވެ. ” އާނ. އެތާގަހުރި ބޮޑެތި ފޮށިތައް ގެނޭ. އަހަރެންވެސް ހިސާބު ނިއްމާލާފަ މިދަނީ ” އަކިޔަލް މިހެން ބުނުމުން ސާހިދު ފިހާރައިން ބޭރަށް ނިކުތެވެ.

ދެމީހުންވެގެން ފިހާރައިގަ މުދާއެތުރުމުގައި އަވަދިނެތި އުޅުނެވެ. ” އަދިވެސް ނުނިމޭތަ؟ ” ސަކީނާ އައިސް ސުވާލުކޮށްލިއެވެ. ” ނޫނޭ މަންމާ. މިދެން ނިމެނީ. ކިހިނެއްވީ ” އަކިޔަލް އަހާލިއެވެ. ” މަންމަ މިދަނީ އޮށޯންނަންވެގެން. އެހެންވެ ދަރިފުޅުގެ ތަޅުދަނޑިފަތި ހިފައިގެން މިއައީ ” ސަކީނާ ބުންޏެވެ. ” ކައުންޓަރ މަތީ ބާއްވާފަ މަންމަ ގޮސް އޮށޯވެލާ ” އަކިޔަލް އެހެން ބުނުމުން ސަކީނާ ޓައުންޓަރ މަތީ ތަޅުދަނޑިފަތި ބާއްވާފަ ފިހާރައިން ނިކުތެވެ.

ހުރިހާ ކަމެއްނިއްމާލުމަށްފަހު ފިހާރަ ތަޅުލާފަ ދެމީހުން ކޮފީއަށް ދިޔައެވެ. ކޮފީއިން ނިމިގެން ސާހިދު ގެއަށްލާފަ އަކިޔަލް ގެއަށް އައިސް ފާހާނާއަށް ވަދެ ފެންވަރާލުމަށްފަހު އެނދަށްއަރާ އޮށޯތެވެ. އޭރު ގަޑިން މެންދަމު ބާރަގަޑި ބައިވަނީއެވެ. ” އަހަރެން ސުވާލު ނުކުރަނީސް އަކޫ ކީއްވެގެންތަ އަހަރެންނަށް އަކޫގެ ހުރިހާ ވާހަކައެއް އެކިޔާދިނީ. އަނެއްކާ އަކޫ އަހަރެންނަށް … ” ހިތާހިތުން ސާރާއަށް ބުނެވުނީ މިހާވަރަށެވެ. ކުއްލިއަކަށް ހަނދާންވީ ދަތުރު ގޮސް އުޅުންދުވަހު އަތިރިމަތިން ސާރާގެ އަތުގައި އަކިޔަލް ހިފި ހަނދާނެވެ. އެހެންނަމަވެސް އަކިޔަލް ސާރާ ހައްދަފާނޭވެސް ހިތަށް އެރިއެވެ. ވިސްނާ ވިސްނާ ސާރާގެ ބޯހަލާކުވާވަރު ވިއެވެ. މީގެ ކުރިން ސާރާގެ ހަޔާތުގައި ސާރާ އިންތިހާއަށް ހިތާމަކުރަން ޖެހޭވަރުގެ ކަންތައްތަކާ ކުރިމަތިލާން ޖެހިފަވިއެވެ. މީހަކު އެއްޗެއް ބުނެގެން ސާރާއަށް އެކަން ގަބޫލް ކުރަން އުދަގޫވެއެވެ. ނަމަވެސް ފަސްއިގިލި އެއްވަރު ނުވާހާލު އެންމެން އެއްގޮތް ނުވާނެކަން ސާރާއަށް ގަބޫލްކުރެވުނެވެ. މިހުރިހާ ހިޔާލަކުން ސާރާގެ ހިތް ފުރިފަވީނަމަވެސް ސާރާއަށް ތަފާތު ބަދަލެއް އައިސްފަ ވާކަން ސާރާއަށް ފާހަގަވިއެވެ. އެބަދަލަކީ ސާރާ ގެންނަން ބޭނުންވެގެން ގެނައިބަދަލެއްނޫނެވެ. އަމިއްލަ އިހުތިޔާރުން ބޭރުން ވެގެންދާ ކަންތައްތަކާ ވިސްނަމުން ދަނިކޮށް ފޯން ރިންގް ވާންފެށިއެވެ. ” އަދިވެސް ނުނިދަނީތަ؟ ” ސާރާ ފޯން ނެގުމުން އަކިޔަލް ސުވާލުކޮށްލިއެވެ. ” އަދި ނުނިދިގެން މިއުޅެނީ ” ސާރާ ބުންޏެވެ. ” އަކޫ ނުނިދާ ކިއްކުރަނީ ” ސާރާ ސުވާލުކޮށްލިއެވެ. ” ހަމަ ދެންމެހެން ފިހާރައިގެ މަސައްކަތް ނިމުނީ. ދެން ފެނަވަރާލައިގެން އައިސް އޮށޯވެގެން މިއޮތީ ނިދަންކަމަށް. މާދަމާ އޮފީހަށްވެސް ދާންޖެހޭނެ. އެކަމަކު ވެސް ހިތަށް އެރީ ނިދުމުގެ ކުރިން ސާރާއަށް ގުޅާލާނަމޭ ” އަކިޔަލް ބުންޏެވެ. މިވީ ދެތިން ދުވަސްތެރޭ އަކިޔަލް ސާރާއަށް ކެއާރ ކުރާވަރު ސާރާއަށް އެގުނެވެ. އަކިޔަލް ހަމަ ރަގނގަޅަށްވެސް ސާރާ ބޭނުންވަނީ ބާއޭ ސާރާގެ ހިތަށް އެރިއެވެ. ” އެއްޗެއް ނުބުނެ ކޮންހިޔާލަކަށް ގެއްލިފަތަ؟ ” ސާރާ އެއްޗެއް ނުބުނުމުން އަކިޔަލް ބުނެލިއެވެ. ” ހިޔާލެއްގައެއް ނޫން. ދެން މާދަން އޮފީހަށް ދަންޏާ އަވަހަށް ނިދަން އުޅޭ. އޯކޭ… ގުޑް ނައިޓް…. ބައި.. ” ސާރާ ފުރަތަމަ ފަހަރަށް އަކިޔަލްއަށް ގުޑް ނައިޓް ކިޔުމަށްފަހު ފޯންބޭއްވިއެވެ. ސާރާ ފޯން ބޭއްވިނަމަވެސް ސާރާގެ ލޮލުގާ ނިދީގެ ކަންފުޅެއްވެސް ނެތެވެ. ނިދި ވަނީ ސާރާގެ ލޮލާ ބީރައްޓެހި ވެފައެވެ. މީގެކުރިން ސާރާ ނިދަން އޮށޯންނަތާ މާގިނައިރެއް ނުވަނީސް ސާރާއަށް ނިދެއެވެ. ނަމަވެސް އަކިޔަލް އާއި ދިމާވިފަހުން ސާރާގެ ހުރިހާ ކަމެއް ބަދަލު ވެއްޖެއެވެ. ރޭގަޑުވެސް އަކިޔަލްއަށް އިންތިޒާރު ކުރެވެނީއެވެ. އަބަދުވެސް އަކިޔަލް ސާރާގެ ގާތުގާވުމަށް އެދި ހިތް ގޮވަނީއެވެ. އަކިޔަލްގެ ފަރާތުން ސީދާ އިސާރާތެއް ނުވާތީ ސާރާ ހުންނަނީ އެންމެންނަށް އެކަން ސިއްރުކޮށްގެންނެވެ.

 

 

 

 

10

7 Comments

 1. Xee

  September 28, 2017 at 9:14 pm

  It’s nice? whn nxt part

 2. reader

  September 28, 2017 at 9:26 pm

  V reethi. Avahah up kohdheythi?

 3. Xiroo thihthi

  September 28, 2017 at 9:34 pm

  thanx XEE

 4. Wishy

  September 28, 2017 at 9:37 pm

  Mivaahaka v salhi.. Vaahaka ge dhigumin vx v best.. V salhi dhn
  . keep it up.. ❤❤

 5. shaain

  September 28, 2017 at 10:35 pm

  Mee kurin genes dhyfa oiy vaahaka eh tha? Noony new vaahaka eh tha

 6. Girll

  September 29, 2017 at 1:47 pm

  Vaahaka okey ingey. Ekm faahaga vi hus noonu beynun kohffa huri beynun kuran nujehey than thanuga. And beynun kuran jehey than thanuga beynun kohfakaa nei. Also sukunuge mahsalathah ves fenun. Misaalakah boat liyaa iru ehves sukuneh aslu neennane ingey. Good luck

 7. sana

  September 29, 2017 at 3:48 pm

  Wow!very nice good luck WHEN NEXT PART????

Comments are closed.