ބޭނުންވަނީ އުމުރަށް 03
” ޒޭނާ ކޮންތާކުތަ؟ ” ސާރާ ޒޭނާއަށް ގުޅާފަ ސުވާލުކޮށްލިއެވެ. ” ގޭގަ މިއުޅެނީ. ކިހިނެއްވީ އަނެއްކާ މާ ހެނދުނާ ތިގުޅާލީ ކަމަކުތަ؟ ” ޒޭނާ އަހާލިއެވެ. ” ވާހަކައެއް ބުނަންވެގެން. އެކަމަކު މިހާރަކު ނޫން. ހަވީރުން ބުނާނަން. އަސްލު މިގުޅާލީ ހަވީރުން ފުރީވާނެތޯ ބަލާލަންވެގެން ” ސާރާ ބުންޏެވެ. ” އާނ އަހަރެން ބިޒީއެއްނުވާނެ. ބިޒީވިޔަސް ސާރާގެ ކަމަކަށްވެއްޖެނަމަ ކޮންމެގޮތެއް ހަދާފަނަމަވެސް ވަގުތު ހުސްކުރާނަން ” ޒޭނާ ބުންޏެވެ. ” އެހެންވީމާ އަހަރެން ހަވީރުން ތިގެއަށް ދާނަން ” ސާރާ ބުނެލިއެވެ. ” ނޫނޭ. ސާރާމެންގެއަށް އަހަރެން ދާނަން. ސާރާ މަޑުކުރޭ އަހަރެން ދަންދެން ” ޒޭނާ މިހެންބުނެ ފޯން ކަޑާލިއެވެ.
” ދަރިފުޅަށް މިއަދު ހުސްވަގުތެއް ލިބޭނެތަ؟ ” އަކިޔަލް އޮފީހަށްދާން ގެއިން ނިކުތުމުން ސަކީނާ ސުވާލުކޮށްލިއެވެ. ” އާނ ލިބޭނެ. ކިހިނެއްވީ މަންމާ “އަކިޔަލް ބުނެލިއެވެ. ” އޭއީ މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދާންވެގެން ” ސަކީނާ ބުންޏެވެ. ” މަންމައަށް ކިހިނެއްވީ ” އަކިޔަލް އަހާލިއެވެ. ސަކީނާ ހޮސްޕިޓަލަށް ދާވާހަކަ ބުނުމުން އަކިޔަލްގެ މޫމަތިން އިންތިހާއަށް ހާސްކަން ފާޅުވެގެން ދިޔައެވެ. ” މާބޮޑުކަމެއްނުވޭ. މަންމަގެ ފައިގައި އަނެއްކާވެސް ރިއްސާތީ މިއުޅެނީ ” ސަކީނާ ބުންޏެވެ. ” އެހެންވީމާ މަންމަ އެކެއް ޖަހަންވާއިރަށް ތައްޔާރުވެގެން ހުންނާތި. ގެނޭ މަންމަގެ އައިޑީ ކާޑް. އޭރުން އަހަރެންނަށް މެމޯ ހައްދާލެވޭނީ ” އަކިޔަލް މިހެން ބުނުމުން ސަކީނާ އައިޑީ ކާޑް ގެނެސްދިނެވެ.
” ދަރިފުޅު ސައިކަލުގައެއް ނޫންތަ ދަނީ ” އަކިޔަލް ހިނގައިގަތުމުން ސަކީނާ އަހާލިއެވެ. ” ޕެޓްރޯލް ހުސްވެފަ ހުރީ. އެހެންވެ ހިނގާފަ މިދަނީ ” އަކިޔަލް މިހެން ބުނުމަށްފަހު ހިނގައިގަތެވެ. ” ގުޑް މޯނިންގް ” ސާރާ ފޯން ނެގުމުން އަކިޔަލް ބުނެލިއެވެ. ” އަހަރެންނަށް ގޮޑް މޯނިންގް ކިޔާކަށް އަހަރެން މިއުޅެނީ ހޭލާއިނގޭ ” ސާރާ ބުނެލިއެވެ. ” ބަލަ ގުޑް މޯނިންގް ކިޔަނީ ނިދާފަ ތިބޭ މީހުންނަކަށް ނޫން ” އަކިޔަލް ސަމާސާ ގޮތަކަށް ބުނެލިއެވެ. ” ގުޑް ނައިޓް އަކޫ ” ސާރާ ހީލަމުން ބުނެލިއެވެ. ” ގުޑް ނައިޓް ތިކިޔަނީ އަހަރެން މިއުޅެނީ ހޭލާ ” އަކިޔަލް ބުނެލިއެވެ. ” ހޭލާ އުޅުނަސް އަދިވެސް އަޑުގާ ނިދީގެ އަސަރު އެބަހުރި. މިއަދު އޮފީހަށްވެސް ނުދަންތަ؟ ” ސާރާ ސުވާލުކޮށްލިއެވެ. ” މިދަނީ އޮފީހަށް ދާންވެގެން. އަހަރެން ގަދަވެ ސަލާމަތުން ހުރިއްޔާ އޮފީހަށް ދާނަން ” އަކިޔަލް ބުންޏެވެ. ” ސާރާ ކީއްކުރަނީ. ސައި ބޮއިފިންތަ؟ ” އަކިޔަލް އަހާލިއެވެ. ” އެއްޗެހި ދޮންނަންވެގެން މިއުޅެނީ. ސައިގެ ކަންތައް ކުޑަގޮތަކަށް ނިއްމާލައިގެން މިއުޅެނީ. އަހަރެން ކައިރީ ސައި ބޮއިފިންހޭ އަހާއިރު އަކޫ އޮފީހަށް ތިދަނީ ސައިބޮއިގެންތަ؟ ” ސަމާސާ ރާގަކަށް ސާރާ ސުވާލުކޮށްލިއެވެ. ” ޔަގީނެއްނު. އަހަރެންގެ މަންމަ ވަރަށް ބެސްޓް ވާނެ. ސައިނުބޮއި ދިޔަވެސް ނުދޭނެ ” އަކިޔަލް ހީލަމުން ބުނެލިއެވެ. ” މިއަދު ދެން ކޮންކަމެއް އޮތީ ” ސާރާ އަހާލިއެވެ. ” މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދާންޖެހޭ. ދެން އެހެންކަމެއްނެތް ” އަކިޔަލް ބުންޏެވެ. ” މަންމައަށް ކިހިނެއްވީ. މާބޮޑަށް ބަލިވީތަ؟ ” ސާރާ އަވަސް އަވަހަށް ސުވާލުކޮށްލިއެވެ. ސާރާގެ އަޑުގައިވާ ކަންބޮޑުވުން އަކިޔަލްއަށް ފާހަގަކުރެވުނެވެ. ” މާބޮޑު ކަމެއްނުވޭ. މަންމަ އަބަދުވެސް ކިޔާނެ ފައިގައި ރިއްސާ ވާހަކަ. އެހެންވެ ފައި ދައްކާލަންވެގެން ” އަކިޔަލް ބުންޏެވެ. ” ސާރާ އަހަރެން ފަހުން ގުޅާނަން. އޮފީހަށް ވަންނަން މިއުޅެނީ. ސައިކަލުގެ ޕެޓްރޯލް ހުސްވެފަ ހުރީމާ މިއަދު މިއައީ ހިގާފަ. އެހެންވެ ވަރަށް ހޫނުވެސް ވޭ އެނބަ ” އަކިޔަލް މިހެންބުނެ ފޯން ކަޑާލުމަށްފަހު ގޮސް އޮފީހަށް ވަނެވެ.
އަކިޔަލް ގުޅުމުން ސާރާ އުފަލުން ވަރެއްނެތެވެ. ފަހުން ގުޅާނެކަމަށް ބުނެ ފޯން ކަޑާލުމުން ހިތާ ދިމާލުން މޭގަ ސާރާ އަތްވެސް އަޅާލިއެވެ. އަދި ދޮންނަމެސިނުގައި ލެނގިލުމަށްފަހު އަތުގައި ހުރި އަންނައުނުތައް މެޔާލާ ބޮޑިކޮށް ހިތާހިތުން އަކޫއަށް އިންތިޒާރު ކުރަމޭ ބުނެލިއެވެ.
” އަހަރެންނަށް ކަމެއްކޮށްދިފާނަންތަ؟ ” އަކިޔަލް ސާހިދުއަށް ގުޅާފަ ބުންޏެވެ. ” އަހަރެންނަށް ވާވަރުގެ ކަމެއްނަމަ ޙިދުމަތުގަ މިހުރީ ” ސާހިދު ހީލަމުން ބުނެލިއެވެ. ” ދެން ސަކަރާތް ޖަހާނެކަމެއްނެތް ” އަކިޔަލް ބުނެލިއެވެ. ” އަދިވެސް ތިކަމެއް ނުބުނަމެއްނު ” ސާހިދު ބުނެލިއެވެ. ” އެކެއް ޖަހާއިރު މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދާންޖެހޭ. ސައިކަލުގެ ޕެޓްރޯލް ހުސްވެފަ ހުރީ. އަހަރެންނަށް ސައިކަލަށް ޕެޓްރޯލް އަޅާލަ ދެވިދާނެތަ؟ ” އަކިޔަލް ބުންޏެވެ. ” އާނ ތިކަންވެދާނެ. ދެން އިތުރުކަމެއް އެބައޮތްތަ؟ ” ސާހިދު ސުވާލުކޮށްލިއެވެ. ” ދެން އަހަރެން ގުޅާލިމަ ހޮސްޕިޓަލަށް މެމޯއެއް ހައްދަންދާން އަންނަންވީ ” އަކިޔަލް ބުންޏެވެ. ” އޯކޭ ބޮސް ” ސާހިދު މިހެންބުނެ ހެމުން ފޯން ކަޑާލިއެވެ.
ހަވީރު ހަތަރެއް ޖެހިއިރު ޒޭނާ ހުރީ ސާރާމެންގޭގައެވެ. ” މަންމާ އަންނާނަން ޒޭނާއާއެކު ބޭރަށް ގޮސްލާފަ ” ނާހިދާގެ ގާތުގައި ބުނެލުމަށްފަހު ދެމީހުން އެކުގައި ގެއިން ބޭރަށް ނިކުތެވެ. ” ދެންބުނެބަލަ ތިބުނަން އުޅޭ ވާހަކައެއް ” ގެއިން ބޭރަށް ނިކުތުމުން ޒޭނާ ސާރާ ގާތުގައި ބުނެލިއެވެ. ” ހާދަ އަވަސް ވެގެން ތިއުޅެނީ. ކެއްތެރިކަމެއްވެސް ނެތްދޯ ” ސާރާ ބުނެލިއެވެ. ” ކެއްތެރިކަން ނެތީ ތިވާހަކަ އަޑުއަހަންވެގެން. އެހެން ކަންތައްތަކުގަ އަހަރެން ވަރަށް ކެއްތެރި ވާނެ ” ޒޭނާ ބުންޏެވެ. މިހެން ދެމީހުން އެކިވާހަކަ ދައްކަމުން އަތިރިއަށް ދިޔައެވެ.
” އަހަރެން އެންމެ ފުރަތަމަ ބޭނުންވަނީ ޒޭނާގެ ފަރާތުން މާފަށް އެދެން ” އަތިރިއަށް ދެވުމުން ސާރާ ބުނެލިއެވެ. ” އަހަރެންގެ ފަރާތުން މާފަށް އެދޭވަރުގެ ކޮންކަމެއް ސާރާ ކުރީ ” ޒޭނާ ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ. ” އަހަރެންނަށް ދޮގުހަދާ އޮޅުވާލެވުމުން މާފަށް އެދެން ބޭނުންވަނީ ” ސާރާ ބުންޏެވެ. ” މާ ޑުރާމާނުވެ ބުނެބަލަ ކޮންކަމެއްގަ ދޮގުހަދައިގެން ތިއުޅެނީ ” ބޭކާރު ވާހަކަ ދިގުވެގެންދާތި ޒޭނާ ބުނެލިއެވެ. ” ކުރިންދުވަހު ޒޭނާ އަހަރެންނާ ސުވާލު ކުރުމުން އަހަރެންނަށް ދޮގު ހެދުނު. އެދުވަހު ޒޭނާ ބުނީ ހަމަ ރަނގަޅަށް. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ކަމަކަށް ނޫން. މީހަކަށް. އަދި އެވަރަށް ފޯނަށްވެސް ބަލަމުން ދިޔައީ އެމީހަކު ގުޅާތޯ ” ސާރާ ބުންޏެވެ. ” ދެންކީއްވެގެން އަހަރެން ސުވާލުކުރުމުން ނުބުނީ. އަހަރެން ސާރާގެ ރަހުމަތްތެރި އެއްގެ ގޮތުގާ ބަލައި ނުގަނެވެނީދޯ ” ޒޭނާ ބުންޏެވެ. ” ނޫނޭ ޒޭނާ. ތިހެން ނުބުނޭ. އެދުވަހު އެހެން ކަންތައް ކުރެވުނީ ވިސްނާނުލެވުމުން ” ސާރާ ބުންޏެވެ. ” ކަންތައްކޮންމެ ގޮތަކަށް ވިޔަސް ސާރާއަށް ކޮންމެ ވާހަކައެއްވެސް އަހަރެންނާ ހިއްސާކުރެވޭނެ. ކަމެއްކާމިޔާބު ވަނީ އެކަމެއް ކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރުމުން. ހަމައެކަނި ހުވަފެންތަކެއް ދެކެމުންދިޔަސް އަދި އެހުވަފެންތަކުގައި ހަގިގީ ކުލަނުޖެހިދާނެކަން ވިސްނަންވާނެ ” ޒޭނާ ނަސޭހަތުގެ ރާގެއްގައި ބުނެލިއެވެ. ” އަހަރެން އެއްވެސް އެއްޗެއް ޒޭނާއަށް ސިއްރު ކުރާކަށް ބޭނުމެއްނޫން. އެހެންނަމަވެސް އަހަރެންނަށް މިވަނީ އެކަންވެސް ކުރެވިފަ. އަހަރެންނަށް މާފްކުރޭ ” ސާރާ އާދޭސް ކުރާކަހަލަ ގޮތަކަށް ބުނެލިއެވެ. ” އަހަރެން އަބަދުވެސް ސާރާއަށް މާފު ކުރަން. ދެންވެސް ކަމެއްވީމާ ސިއްރު ކުރާނީއެއްނޫން ” ޒޭނާ މިހެން ބުނުމުން ސާރާ ބޯޖަހާލިއެވެ.
” ދެން ބުނެބަލަ އެދުވަހު އެވަރަށް އިންތިޒާރު ކުރީ ކާކަށްތަ؟ ” ޒޭނާ އަހާލިއެވެ. ” އަކޫއަށް ” ޒޭނާގެ ސުވާލު ނިމުމާއެކު ސާރާ ބުނެލއިއެވެ. ” މިއުޅޭ އަކިޔަލް… ” ހައިރާންކަމާއެކު ޒޭނާ ބުނެލިއެވެ. ” ސާރާއަށް އަކިޔަލް ކަހަލަ ޖޯކަރަކަށް ނޫނީ ނޭންގުނުތަ އިންތިޒާރު ކުރާކަށް ” ޒޭނާ މިހެންބުނެ ބާރަށް ހީގަތެވެ. ” ޖޯކަރަކަށް ވިޔަސް އަހަރެންނަށް އަކޫ ވަރަށް ކަމުދޭ. ޒޭނާ ކޮންމެހެން އަކޫއަށް މަލާމަތް ކުރާނެ ކަމެއްނެތް ” ސާރާ ހިތްހަމަނުޖެހޭ ފާޑަކަށް ބުނެލިއެވެ. ” އަކޫއަށް މަލާމަތް ކުރަނީއެއްނޫން. ސާރާއަށް އެނގޭނު ދަތުރު ދިޔަ ދުވަހުވެސް އޭނަ އުޅުންގޮތް. ޖެހިސަކަރާތް. އެހެންވެގެން ޖޯކަރެކޭ މިބުނީ. މަޖަލަކަށް އެއްޗެއް ބުންޏަސް މިސާރާ ސީރިއަސްވާނެ ” ސާރާގެ ކޮޑުގައި އަތުން ޖަހާލަމުން ޒޭނާ ބުނެލިއެވެ. ” އަކޫއަށް އެގޭތަ ސާރާ އަކޫދެކެ ލޯބިވާކަން ” ޒޭނާ ސުވާލުކޮށްލިއެވެ. ” އަދި ނޭންގޭނެ. އެކަމަކު އަހަރެންނަށް އެގިއްޖެ އަކޫ އަހަރެން ދެކެ ލޯބިވާކަން. އަހަރެން މިހުންނަނީ އަކޫ ރައްޓެހިވާން އަހަންދެން ” ސާރާ ބުނެލިއެވެ. ” ސާރާއަށް ހީވޭތަ އަކޫ ރައްޓެހިވާން އަހާނެހެން ” ޒޭނާ އަހާލިއެވެ. ” މާލަސްތަކެއް ދެން އެކަމަކަށް ނުވާނެ ” ސާރާ ވަރަށް ޔަގީން ކަމާއެކު ބުނެލިއެވެ. ޒޭނާއަށް ހުރިހާ ވާހަކައެއް ހިއްސާކުރެވުމުން ސާރާގެ މޫނުމަތިން ހިތްހަމަޖެހުން ފާޅުވަމުން ދިޔައެވެ. އަދި އަކިޔަލް ކަހަލަ ޒިއްމާދާރު ކުއްޖެއްދެކެ ލޯބިވެވުމުން އަމިއްލަ ނަފްސުގެ މައްޗަށް ފަހުރުވެރި ވެވުނެވެ.
” ހިނގާ ދެންދާން. މިހާރު ވަރަށް ލަސްވެއްޖެ ” ގެއަށް ދިޔުމަށް ޒޭނާ ބުނެލިއެވެ. ” ދެން އަކޫ ސާރާއަށް ގުޅާތަ؟ ” ހިނގައިގަންނަމުން ޒޭނާ އަހާލިއެވެ. ” ވަރަށް ގުޅާ. އަހަރެން ކައިގެން ހުރިތޯ، ކުރަނީ ކޮންކަމެއްތޯ ވެސް ބަލާ. އަދި އަކޫ ތަނަކަށް ދިޔަސް އަހަރެން ގާތުގައި ބުނޭ ” ސާރާ ބުނެލިއެވެ. ” އެހެންވީމާ ރަސްމީކޮށް ރައްޓެހި ނުވިޔަސް ތިދެމެދުގައި ތިވަނީ ވަރަށް ވަރުގަދަ ގުޅުމެއްދޯ. އަހަރެންގެ އެދުމަކީ އަދި ދުޢާއަކީ ދެކެމުން ތިދާ ހުވަފެންތައް ހަގީގަތަކަށްވުން ” ޒޭނާ މިހެންބުނީ ސާރާގެ ކޮންމެ އުފަލެއްގައި ހިއްސާވަމުންނެވެ.
” ކޮން ހިޔާލެއްތަ؟ ” އަކިޔަލް އެނދުގައި އޮށޯވެލައިގެން ނިއްކުރިމަތީ އަތްބާއްވާލައިގެން އޮތުމުން ސާހިދު ސުވާލުކޮށްލިއެވެ. ” ހިޔާލެއްގައެއްނޫން. ނަމާދުކޮށްލައިގެން އައިސް ހަމައޮތީ ” ސާހިދު ފެނުމުން އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން އަކިޔަލް ބުނެލިއެވެ. ” ކަމަކުތަ ތިއައީ ” ސާހިދު އެނދުގައި އިށީނުމުން އަކިޔަލް އަހާލިއެވެ. ” ކަމަކު އެއްނޫން. ދިނާ މެންގޭގަ ހުރެފަ ގެއަށްދަމުން ހިތަށް އެރީ މިގެއަށް ވަދެލާފައޭ ގެއަށްދާނީ ” ސާހިދު ބުންޏެވެ. ” އަހަރެން އެބައޮތް ސާހިދު ގާތުގައި ވާހަކައެއް ބުންނަވެފަ. އެހެންވީމާ ހިނގާ ކޮފީއަކަށް ދާން ” އަކިޔަލް ބުންޏެވެ. ” އަނެއްކާ ކޮންވާހައެއްތަ؟ ” އެނދުން ތެދުވަމުން ސާހިދު ސުވާލުކޮށްލިއެވެ. ” އަހަރެންގެ އަމިއްލަ ވާހަކައެއް ” އަކިޔަލް ބުންޏެވެ.
ސާހިދު ގޮވައިގެން އަކިޔަލް ދިޔައީ އާންމުކޮށް ކޮފީއަށްދާ ރެސްޓޯރެންޓަށެވެ. ރެސްޓޯރެންޓްގެ އެތެރެއަށް ވަދެގެން ދިޔައިރު ފުދޭވަރަކަށް މީހުންވެސް ތިއްބެވެ. އެހެންކަމުން އަކިޔަލް ގޮސްއިށީނީ ވަކިން އިންމޭޒެއްގެ ކައިރީގައެވެ. ” ދެންބުނަން ތިއުޅޭ ވާހަކައެއް ބުނެބަލަ ” ކޮފީއަށް އޯޑަރު ދިނުމަށްފަހު ސާހިދު އަހާލިއެވެ. ” ނޭންގެ ކިހާހިސާބަކުން ކަމެއްވެސް ފަށާނީ ވެސް ” އަކިޔަލް ބުންޏެވެ. ” ދެން ކޮންމެވެސް ހިސާބަކުން ފަށާބަލަ. އެރުންދޯ އެގޭނީ ނިމޭނެ ހިސާބެއް ހޯދަން ” ސާހިދު ދިމާކުރާ ފާޑަށް ބުނެލިއެވެ. ” ވެގެން އުޅޭ ގޮތަކީ ސާރާ…. ” އަކިޔަލް ބުންނަ އުޅުންވާހަކަ ފުރިހަމަ ނުވަނީ ސާހދު ހީގަތެވެ. ” ސާރާދެކެ ލޯބިވެވުނު ވާހަކަ ބުނަންދޯ ތިއުޅެނީ ” ސާހިދު ބުނެލިއެވެ. ޖަވާބުގާ އަކިޔަލް ބޯޖަހާލިއެވެ. ” އެކަމަކު އަހަރެން ސާރާ ގާތުގަ އަދި ނުބުނަން. އަހަރެން ލޯބިވާ ވާހަކަ ބުނުމުން ސާރާ ބުނާނީ ކީކޭބާއޭ ހިތަށް މިއަރަނީ ” އަކިޔަލް ބުނެލިއެވެ. ” ބުނާނެ މާގިނައެއްޗިއްސެއް ނުހުންނާނެ. ބޮޑުވަރަކަށް ވެސް ބުނެވޭނީ ރައްޓެހިވާކަށް ބޭނުމެއްނޫނޭ. އެއްގޮތް ނެތިއްޔާ އަނެއްގޮތް ވެސް އޮށްނާނެ. ދެން ސާރާ ބުނަނީ ކީކޭތޯ ބަލަން ބުނަންވީނު ” ސާހިދު ބުންޏެވެ. ” ވަރަށް މަސައްކަތް ކޮށްފިން ބުނަން. އެކަމަކު ވެސް ނުކެރުން. ސާރާގެ ކުރިމަތީ ހުރެ އެވާހަކަ ބުނަން އަނގަހުޅުވާލާ ކޮންމެފަހަރަކުވެސް ފަސްޖެހެވެނި ސާރާގެ ޖަވާބަކީ އަހަރެން މާޔޫސްކޮށްލާނެ ފަދަ ޖަވާބަކަށް ވެދާނެތީ ” އަކިޔަލް ބުންޏެވެ. ” ތިހާ ފިޑިވެގެން ކަމަކުނުދާނެ. ތިހެން ބުނަން ބުނަން ހުއްޓާ ތެޔޮނާށި ކާޅު ޖަހައިގަނެފާނެ ” ދިމާކުރާ ފާޑަކަށް ސާހިދު ބުނެލިއެވެ. މިހެން ވާހަކަދެއްކުމުގައި އިޝާނަމާދު ވަގުތު ޖެހެންދެން ތިބެފަ ބަންގި ގޮވުމުން ރެސްޓޯރެންޓުން ނިކުމެގެން ދެމީހުން ދިޔައެވެ.
” މަންމަ ފައިގައި ބޭސް އުނގުޅައިފިންތަ؟ ” އިޝާނަމާދުން އައިސް އަކިޔަލް ސުވާލުކޮށްލިއެވެ. ” އަދި ނޫގުޅަށް. ދަރިފުޅު ކޭމަ، ތަށިތައް ނަގާފަ ބޭސް އުނގުޅަންވެގެން މިހުރީ ” މިހެންބުނެ ސަކީނާ ރިއްސާ ފައި ނޫން އަނެއް ފައިގެ ކަކޫމަތީ އަތްވިއްދާލަމުން ގޮޑިން ތެދުވެގެން ކާގެއާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން އަކިޔަލް ވެސް ހިނގައިގަތެވެ. ” މިއަދު ހަވީރު ދަރިފުޅުގެ ބޮޑުބެ އައި ” ކާންހަދަމުން ސަކީނާ ބުންޏެވެ. ” ކީއްކުރަން ބޮޑުބެ އައީ ” އަކިޔަލް އަހާލިއެވެ. ” ހަމަވަދެލިއްޔޯ. ބޮޑުބެ ފެނުމުން މަންމަ ހައިރާންވި. މިހުރިހާ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް މަންމަ ގާތަށް އަންނަން ބޭނުން ނުވެހުރެ ކުއްލިއަކަށް އައީ ” ސަކީނާ ބުންޏެވެ. ” ތިވާނީ ކޮންމެވެސް ކަމަކު އައީކަމަށް ” އަކިޔަލްއަށް ހީވާއެއްޗެއް ބުނެލިއެވެ. ” އެކަމަކު ބޮޑުބެ އެއްވެސް އެއްޗެއްގެ ވާހަކައެއް ނުބުނޭ ” ސަކީނާ ގޮޑީގައި އިށީންމުން ބުންޏެވެ. ” ބޮޑުބެއަށް ކަންތައް ކުރެވުނު ގޮތުން ބުނަން ނުކެރުނީކަމަށް ވެދާނެ. އެކަމަކު ބޮޑުބެ އެއްޗެއްގެ ވާހަކަ ބުނެފިއްޔާ ދޭތި ” އަކިޔަލް ބުންޏެވެ. ” ދަރިފުޅު ތިހެން ތިބުނީ ކީއްވެގެންތަ؟ ” ސަކީނާ އަހާލިއެވެ. ” މިހެން މިބުނީ ބޮޑުބެމެން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެން އެގޮތަަށް ކަންތައް ކުރަން ބޭނުން ނުވާތީ. ބޮޑުބެ ވެސް މާމަ ވެސް އަދި ކާފަ ވެސް ހީކުރަނީ އަހަރެން ހުންނާނީ އެމީހުންދެކެ ހިތްހަމަ ނުޖެފައޭ. އެކަމަކު އެމީހަކު ކުރިކަމެއް އެމީހަކަށް. އަހަރެންނަށް އަހަރެން އާއިލާ މީހުން ގިނައެއްނޫން. ދުވަހެއް ދުވަހަކަށް ވިއްޔާވާނީ މަދު. މާމަ މެން އަދި ވެސް އެތިބެނީ މަންމަ މާމަ މެންގެ ނުގަބޫލުގަ ބައްޕައާ ކައިވެނިކުރީތީ އެކަމުގެ ރުޅީގަ. އެކަމަކު މިހާރު މާމަ މެން އެންމެ ރުޅި އަންނަން އަހަރެން ބައްޕަ މިދުނިޔޭގަ ވެސް ނެތް. އެ ބައްޕަގެ ލޭހިގާ ހުރީ ހަމައެކަނި އަހަރެން. މާމަ އަހަރެން ފެނުނަސް ވާހަކަ ނުދައްކަނީ ބައްޕަގެ ލޭ އަހަރެންގެ ހަށީގައި ހިގާތީކަންނޭންގެ. ބައްޕަ ދެކެ އަންނަ ރުޅި އަހަރެން ދެކެ އަންނަނީ. އެހެން ނޫންނަމަ މާމަ އަހަރެން ފެނުނީމަ ވާހަކަ ދައްކާނެ. ވެފައޮތްކަމެއް ވެފައޮތީ އަހަރެން މިދުނިޔެއަށް ނޭވާވެސް ނުލަނީސް. އަހަރެންދެކެ މާމަމެން ހިތްހަމަ ނުޖެހެން އަހަރެންގެ ކުށަކީ ކޮބާ؟. އެ މާމަޔާ ކާފަ އަދި ބޮޑުބެގެ އަތުގެ ފިރުމުންތަކަށް އެދި އެދި ހުންނަތާ އެކާވީސް އަހަރުވީ. އެކަމަކު އަހަރެންގެ ނަސީބުގަ އެމީހުންގެ ލޯބި ލިބެންނެތް ” އަކިޔަލް ވާހަކަ ދައްކަމުން ދިޔައިރު ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އަދި ކެއުން ހުއްޓާލުމަށްފަހު އަތްދޮވެގެން ކޮޓަރިއަށް ދިޔައެވެ. އެމަންޒަރު ބަލަން ފެންކަޅިވެފަ ސަކީނާ އިނެވެ.
އަކިޔަލް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ފާހާނާއަށް ވަދެ މޫނު ދޮވެލިއެވެ. ” ކީއްކުރަނީ ” ފާހާނައިން ނިކުތްއިރު އެނދުމަތީ އޮތް ފޯން ރިންގް ވާތީ އަކިޔަލް ބަލާލިއިރު، ސާރާގެ ފޯންކޯލެއްކަމުން ތުވާލިން މޫނުފޮހެލަމުން އަކިޔަލް އަހާލިއެވެ. ” ޓީވީ ބަލަން މިއޮތީ ” ސާރާ ބުންޏެވެ. ” ޑުރާމައިގަ ޖެހިފަދޯ ” އަކިޔަލް ބުނެލިއެވެ. ” ކުރާނެ އެހެންކަމެއް ނެތިއްޔާ ޑުރާމާ ބަލާނީއެއްނު ” ސާރާ ބުނެލިއެވެ. ” ހިނގާ ދުއްވާލަންދާން. މިއުޅެނީ ވަރަށް ފޫހިވެގެން. ދެވޭނެތަ އަނެއްކާ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” އާނ ދެވިދާނެ ” ސާރާ ފޯނުން ގަޑި ބަލާލުމަށްފަހު ބުނެލިއެވެ. ” އެހެންވިއްޔާ ތައްޔާރުވޭ އަހަރެން މިދަނީ ” އަކިޔަލް މިހެންބުނެ ފޯން ކަޑާލިއެވެ.
އަކިޔަލް ސާރާ ގޮވައިގެން އައިސް ސައިކަލް މަޑުކޮށްލީ އެންމެ ފުރަތަމަރޭ ސާރާ ގޮވައިގެން އައިސް މަޑުކޮށްލި މަގުބައްތި ކައިރީގައެވެ. އެއަށްފަހު ދެމިހުން އެކުގައި ހިގާފައި ގޮސް އަތިރިއަށް ފޭބިއެވެ. އޭރު ހަނދުވަރުގެ ރިހި އަލިން މުޅި ހިސާބަށް އަލިކަން ފެތުރިފައި ވެއެވެ. ” އަކޫ މިހާރު މަންމަ ކިހިނެއްތަ؟ ” ސާރާ ސުވާލުކޮށްލިއެވެ. ” ރަނގަޅު ” އަކިޔަލް ބުނެލިއެވެ. ” ކިހިނެއްވެފަ ތިހުރީ. އެހެން ރޭރޭ ހުންނަގޮތާ މިރޭ އަކޫ ހުންނަގޮތާ ހާދަތަފާތޭ ” އަކިޔަލް މަޑުމަޑުން ހުރުމުން ސާރާ ބުނެލިއެވެ. ” އަހަރެންނަށް ކޮންބަދަލެއް އައިކަން ސާރާއަށް ފާހަގަ ވެގެން ތިއުޅެނީ ” އަކިޔަލް އަހާލިއެވެ. ” މީގެ ކުރިން އަކޫ ސައިކަލުގައި އަންނައިރު ވަރަށް ވާހަކަ ދައްކާނެ. އެކަމަކު މިރޭ ވާހަކައެއް ވެސް ނުދައްކާ. ދެން ބީޗަށް އައިސްފަ ތިހުންނަނީ ޖެހި ބުދެއްހެން. ކަމަކާ ވިސްނަނީތަ؟ ” ސާރާ ސުވާލުކޮށްލިއެވެ. ” އަހަރެން ސާރާގެ ގާތުގައި ވާހަކައެއް ބުނަން ބޭނުން ” ސާހިދު ދެއްކި ވާހަކަ ހަނދާންވުމުން ވަރަށް ހިތްވަރުކޮށްލާފަ އަކިޔަލް ބުންޏެވެ. ” އަނެއްކާ ކޮންވާހަކައެއް ބުނަން ތިއުޅެނީ ” ސާރާ އަހާލިއެވެ. ” މިވާހަކަ ބުނީމާ ވާނީ ކިހިނެއް ކަމެއްނޭންގޭތީ ބުނަން ނުކެރިފަ މިހުރީ ” އަކިޔަލް ބުންޏެވެ. ބުނިމަދޯ ވާނެ ގޮތެއްވެސް އެނގޭނީ ” ސާރާ ބުނެލިއެވެ.
” އަހަރެންނާ ރައްޓެހި ވާންކެރޭނެތަ؟ ” އަކިޔަލް ދެލޯ މަރާލަމުން ބުނެލިއެވެ. އެވަގުތު ސާރާ ދިޔައީ ސިހިގެންނެވެ. އަދި ހައިރާންކަމާއެކު ހަނދުވަރުގެ ފަޑުއަލިކަމުގެ ތެރެއިން އަކިޔަލްގެ މޫނަށް ސާރާ ބަލާލިއެވެ. އެވަގުތު އަކިޔަލް މަރާލައިގެ ހުރި ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. އަދި ސާރާ ބަލަން ހުރުމުން އިސްދަށަށް ޖަހާލިއެވެ. އެވަގުތު ސާރާ އައިސް އަކިޔަލްގެ އަތުގައި ހިފުމުން އިސްއުފުލާ ސާރާއަށް ބަލާލިއެވެ. ” އާނ ކެރޭނެ ރައްޓެހިވާން. އަހަރެންނަށް އަކޫ ވަރަށް ކަމުދޭ ” ސާރާ އަކިޔަލްގެ ލޮލަން ބަލަންހުރެ ބުނެލިއެވެ. ސާރާގެ ވާހަކަ ނިމުމުންވެސް އަކިޔަލް އެއްޗެއް ނުބުނެ ބަލަން ހުރީ ގަބޫލުރަން އުދަގޫ ފާޑަކަށެވެ. ” އަކޫ ” އަކިޔަލް އެއްޗެއް ނުބުނުމުން ސާރާ ގޮވާލިއެވެ. ” ސާރާ އަހަރެންދެކެ ވަރަށް ލޯބިވޭތަ؟ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” ވަރަށް ބޮޑަށް ” ސާރާ ބުނެލިއެވެ. ” އަހަރެންވެސް ސާރާ ދެކެ ވަރަށް ލޯބިވޭ ” އަކިޔަލް ސާރާ ގަޔާ ކައިރިކޮށްލަމުން ބުނެލިއެވެ. ލޯބީގެ އިގްރާރާއެކު އެނަލަ ރިހި ހަނދުވަރުގެ އަލީގައި އެތައް އަވުދުތަކަކާ އަހުދުތަކެއް ކުރެވިގެން ދިޔައެވެ. އަދި އަބަދަށް އެކީގައި ވުމަށްއެދި އަތާއަތް ޖޯޑްކޮށްލިއެވެ.
” ދެން ކޮންއިރަކުން އަހަރެން މަންމަ ގާތަށް ގެންދާނި ” ސާރާ އަކިޔަލް ގައިގާ ލެނގިލަމުން އަހާލިއެވެ. ” އަދި މަންމަ ގާތަށް ނުދެވިފައެއް ނެތެއްނު ” އަކިޔަލް ބުނެލިއެވެ. ” ދެންހިނގާ ގެއަށްދާން. އަދި އަހަރެން ދިހައެއް ޖަހަންވާއިރަށް ފިހާރާއަށްވެސް ދާންޖެހޭނެ ހިސާބު ނިއްމަން ” އަކިޔަލް ފޯނުން ގަޑި ބަލާލަމުން ބުނެލިއެވެ. އެއަށްފަހު ދެމީހުންއެކުގައި ގޮސް ސައިކަލަށް އެރިއެވެ.
” ސާހިދު ކޮންތާކުތަ؟ ” ހިސާބު ނިއްމާލުމަށްފަހު އަކިޔަލް ސާހިދުއަށް ގުޅާފަ އަހާލިއެވެ. ” ގޭގަ މިހުރީ. ކިހިނެއްވީ ” ސާހިދު އަހާލިއެވެ. ” އާދެބަލަ ގެއަށް ” އަކިޔަލް ބުންޏެވެ. ” މިގަޑިގައި ކީއްކުރަންތަ؟ ” ސާހިދު ބުނެލިއެވެ. ” ބާކާރު ސުވާލުނުކޮށް ދެން އާދެބަލަ ” އަކިޔަލް މިހެންބުނެ ފޯން ކަޑާލިއެވެ. ” އަނެއްކާ ކިހިނެއްވީބާ ” އަކިޔަލް ފޯން ކަޑާލުމުން ސާހިދުއަށް ބުނެލެވުނެވެ. އަދި އަކިޔަލް ގާތަށް ދިޔުމަށް ސާހިދު ގެއިން ނިކުތެވެ.
ސާރާ ގެއަށް އައިސް އެދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އަދި ސާރާ ގެންގުޅޭ ބެއާރގައި ބާރަށް ބައްދާލިއެވެ. ” މިރޭމީ އަހަރެންގެ ހަޔާތުގައި އެންމެ އުފާވިރޭ ” ސާރާއަށް ބުނެލެވުނެވެ. ” ޒޭނާ އަހަރެން މިރޭ ވަރަށް އުފާވެއްޖެ. އަހަރެން ކުރަންމުންދިޔަ އިންތިޒާރަށް ނިމުން އަތުވެއްޖެ ” ސާރާ ޒޭނާއަށް ގުޅާފަ ބުންޏެވެ. ” ކިހިނެއްވީތަ ޑުރާމާ ކުއީން ” ޒޭނާ ދިމާކޮށްލިއެވެ. ” އަހަރެން ޑުރާމާ ޖައްސަނީއެއްނޫން ޒޭނާ. މީވަރަށް ސީރިއަސްކޮށް ބުނާ ވާހަކައެއް ” ސާރާ ހެމުން ބުނެލިއެވެ. ” އަދިވެސް ތިވެގެން އުޅޭގޮތެއް ނުބުނަމެއްނު ” ޒޭނާ ބުނެލިއެވެ. ” އަކޫ އަހަރެން ގާތުގައި ރައްޓެހިވާން އަހައިފި ” ސާރާ ބުނެލިއެވެ. ” އަސްލުވެސްތަ؟ ދެން ސާރާ ކީކޭ ބުނީ ” ޒޭނާ އަހާލިއެވެ.
” އަހަރެން ސުވާލުކޮށްލާއިރަށް ވަގުތުން އާއެކޭ ބުނެފި. އަހަރެން ހުރީ ބުނާނެއެއްޗެއް ވެސް ނޭންގިފަ ” އަކިޔަލް ސާހިދުގެ ގާތުގައި ބުންޏެވެ. ” މިރޭގެ ކޮފީ މީ އެކަމުގެ އުފަލުގާދޭ ކޮފީއެއް ” އަކިޔަލް ހީލަމުން ބުނެލިއެވެ.
” ސާރާގެ ކޮންމެ އުފަލަކީ އަހަރެންގެ އުފަލެއްކަމަށް އަހަރެން ދެކެނީ. އެހެންވީމާ ވަރަށް ވިސްނައިގެން ރަނގަޅަށް އުޅޭތި. އަކޫއަކީ ވަރަށް ރަނގަޅު ކުއްޖެއް ” ޒޭނާ ނަސޭހަތުގެ ރާގެއްގައި ބުނެލިއެވެ.
” އަހަރެން ބުނާނެ އެހެން ވާހަކައެއް ނެތް. ސާރާއަށް ރަނގަޅަށް ބަލާތި. އަދި ސާރާއަށް ލިބެންޖެހޭ އެއްވެސް ހައްގަކުން ސާރާ މަހުރޫމް ވިޔަނުދޭތި. ދެމީހުން ލޯބިވަންޔާ މުޅި އުމުރުގައިވެސް އުޅެވިދާނެ ” ސާހިދު ބުންޏެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަކިޔަލް އާއި ސާރާގެ ގުޅުމަށް ފަސްމަސް ހަމަވެގެން ދިޔައިރު އަކިޔަލްއަށް ސާރާގެ ފަރާތުން ތަފާތުތަކެއް ފާހަގަ ކުރެވެމުން ދިޔައެވެ. ނަމަވެސް އަކިޔަލް އެއިން ކަމަކާ ބެހޭގޮތުން ސާރާއާއި ސުވާލެއް ނުކުރެއެވެ. އަކިޔަލް މަސައްކަތް ކުރަމުން ދިޔައީ ސާރާ އާއި ދިމާއަށް އެއްޗެއްނުބުނެ އުޅުމަށެވެ. މިނިވަންކަން ދީގެންނެވެ. ސަބަބަކީ އަކިޔަލް ސާރާދެކެ އިންތިހާއަށް ލޯބިވާތީއެވެ. ސާރާއަށް އަކިޔަލް ސާރާދެކެ ލޯބިވާކަން އެގޭތީ އެކަމުގެ ނާޖާއިޒް ފައިދާ ނަގަމުން ދިޔައީ މީހަކަށް އިހްސާސް ވެސް ކޮށްނުލެވޭވަރަށެވެ. މިހެން ކަންތައް ވަމުންދިޔަ ދުވަސްތަކެއްގަ އެއްދުވަހަކު އަކިޔަލް ސާރާއަށް ގުޅާލިއިރު ސާރާ ފޯން ކޯލެއްގައި ހުރުމުން އަކިޔަލްގެ ފޯނަށް ކޯލްވެއިޓިން އެރުމުން ތަކުރާރުކޮށް ގުޅިފަހުން ސާރާ ފޯންނެގިއެވެ. ” ކާކަށް ގުޅައިގެން ސާރާ ތިއުޅެނީ ” އަކިޔަލް އަހާލިއެވެ. ” އެއީ ރައްޓިއްސެއް ” ސާރާ ބުނެލިއެވެ. މިފަހަކުން ސާރާގެ ޖަވާބަކަށް ވަނީ މިއެވެ. ” އަހަރެން މިގުޅަނީ އެނބަދަމޭ ބުނަންވެގެން ” އަކިޔަލް ބުންޏެވެ. ” އޯކޭ އާދޭ. އަހަރެން މިތައްޔާރު ވަނީ ” ސާރާ މިހެންބުނެ ފޯން ކަޑާލިއެވެ.
އަކިޔަލް ސާރާ ގޮވައިގެން ގެއަށް އައުމަށްފަހު ސާރާ ގެއަށް ގެންދަންވެގެން ބޭރަށް ނިކުތް ވަގުތު ވިދުވަރަކާއެކު ވަރަށް ބާރަށް ގުގުރާލިއެވެ. އެވަގުތު ސާރާ ސިހިފައި އަކިޔަލްގެ ގައިގައި ބެއްދިއެވެ. ” ހާދާބިރެއް ތިގަތީ” އަކިޔަލް ބުނެލިއެވެ. ” އަހަރެން ވަރަށް ބިރުގަނޭ ގުގުރާ ވިދާއިރު ” ސާރާ ބުންޏެވެ. ” ހިނގާ އަވަހަށް ގެއަށްދާން. ހީވަނީ ވިއްސާރަވާން އުޅެނީހެން ” އަކިޔަލް މަތިބަލާލުމަށްފަހު ބުނެލިއެވެ. ސާރާ ގެއަށްލާފައިސް އަކިޔަލްއަށް ގެއަށްވަދެވުނީ ހަމަކިރިޔާއެވެ. ގަދަވަޔާއެކު ބޯކޮށް ވާރޭވެހެންފެށިއެވެ. އިސާހިތަކު މަގުތައްމަތީ ފެންބޮޑުވެ ކޯރުހެދުނެވެ. ވާރޭ ވެހެމުން ދިޔައިރު އަކިޔަލް ދޮރުކަނީގައި ލެނގިލައިގެން ބޭރުބަލަހައްޓައިގެން ހުއްޓެވެ.
” ކީއްކުރަނީ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” އޮށޯވެގެން މިއޮތީ ” ސާރާ ބުންޏެވެ. ” ވާރޭ ވެހެން ފެށުމުގެ ކުރިން އަކޫއަށް ގެއަށް ދެވުނުތަ؟ ” ސާރާ އަހާލިއެވެ. ” ކިރިޔާ އާދެވުނީ. ފަސްމިނެއްޓް ލަސްވިނަމަވެސް ތެމިގެން ގެއަށް އަންނަން ޖެހޭނީ “އަކިޔަލް ބުންޏެވެ. ” ނިދަންތަ ތިއުޅެނީ ” އަކިޔަލް އަހާލިއެވެ. ” އާނ ނިދަންވެގެން މިއޮތީ ” ސާރާ ބުންޏެވެ. ” އޯކޭ ސާރާ ނިދާލާ. އަހަރެން އިރުކޮޅަކުން ފިހާރައިގެ ހިސާބު ނިއްމާލާފާ އައިސް ނިދާނީ ” އަކިޔަލް ބުންޏެވެ. ގުޑް ނައިޓް. ލަވްޔޫ ” އަކިޔަލް މިހެން ބުނުމުން ސާރާ ވެސް ހަމަ އެހެންބުނެފަ ފޯން ކަޑާލިއެވެ.
10 Comments
Comments are closed.
V salhi….❤
thanx KITTIY
Vagu biteh negybaa?
kuri ah huri baithah kiyaalymaa javaabu libigendhaane READER
Mi ee kurin ky story eh
Girl rangalhah thi buny. Ekamak xiroo thithi commentah rply eh nukurey. Mee new story eh tha xiroo.
esfiya ah mee mulhin aa vaahaka eh. ekamaku ba eh kiyunytherin mivaahakai ge baithakeh kiyaafa vedhaane…. ekamaku eh kosheh nun…. vaahaka sitah comment kuran aslu varah udhagoo vey konme faharaku…. ehenve vaane vaahaka thakah haasa pageh hadhaafa facebook ga…. page ah comment dheynama lasthakeh nuvereply dhevigendhaane
Girl… thibunihen mee kurin kee story eh…
Xiroo thee l.gamu kuhjeh thr?
gamu kujjeh nun…. kihineh v AISH