
އަގެއްނެތްލޯބި 18 ވަނަބައި
އިރުއޮށްސި އަދިރިވެގެން އައިރުވެސް ޒިޔާދު އޮތީ ހިޔާލެއްގައެވެ. ރަނގަޅު ގޮތެއް ހޯދަންބޭނުންވެ އެހެންނަމަވެސް ރަނގަޅު ގޮތެއް ނުފެނިފަވާ ކަމަކާމެދު ވިސްނުމުގައެވެ. ވަރުބަލިވެފަވާ މީހަކު ފުންނޭވާއެއްލާ އުސޫލުން ޒިޔާދު ފުންނޭވާއެއްލިއެވެ. ތެދެކެވެ. ހަގީގަތުގައިވެސް ޒިޔާދު ވަރަށް ވަރުބަލިވެއްޖެއެވެ. އެއްމެގާތް ރަހުމަތްތެރިޔާ އުޅެމުން އަންނަ ގޮތާމެދު ވިސްނާ ވިސްނާ ޒިޔާދު ވަރުބަލިވީ އިންތިހާއަށެވެ.
ޔާޝް ނިންދަވަންވެގެން ހަނާ އޮތީ އޮށޯވެގެންނެވެ. އޭރުގަޑިން ހަތްގަޑިބައި ވެއްޖެއެވެ. ނިސާދު ފެންވަރާލިއިގެން އައިސް ރީތިވާން ލޯގަނޑު ކުރިމަތީ ހުއްޓެވެ. ނިސާދު އެކިގޮތްގޮތަށް ބޮލުގެ އިސްތަށިގަނޑު ރީތިކުރަމުންގެންދިޔައެވެ. އެމަންޒަރު ބަލަން ހަނާ ވަރަށް ޝައުގުވެރި ކަމާއެކު އޮތެވެ. ސަބަބަކީ ނިސާދުއާ ހަނާގެ ކައިވެންޏަށް އަހަރަކަށް ވުރެގިނަދުވަސް ވެފަވާއިރުވެސް ނިސާދު އެހާރީތި ވާތަން ހަނާއަށް ފެނިފަނުނުވާތީއެވެ. ނިސާދު ލޯގަނޑު ކުރިމަތީ ރީތިވާން ހުއްޓާ އޭނާގެ ފޯނު ރިންގުވާންފެށިއެވެ. އެވަގުތު ނިސާދު ޑުރެސިންގް ޓޭބަލް މަތީއޮތް އޭނާގެ ފޯނަށްބަލާލިއެވެ. އެއީ ހަސްމާގެ ފޯނު ކޯލެކެވެ. ނިސާދު ހަދާނެގޮތް ހުސްވި ކަހަކަލައެވެ. ފޯނު ނަގަންވީ ބާއޭ، ނޫނީ ކެޑެންދެން މަޑުކުރަންވީބާއޭ ނިސާދުގެ ހިތަށްއެރިއެވެ. އެކަމަކު ކެޑެންދެންވެސް ހުންނާނީ ކިހިނެއްހެއްޔެވެ؟ ހަނާ އޮތީ ކޮޓަރީގައެވެ. ނިސާދުގެ ކޮންމެ ހަރަކާތަކުން އެތަކެއް ސުވާލުތަކެއް އުފެދެން ފަށާނެކަން ނިސާދުއަށް އެގެއެވެ. ” ނިސާދު” ހަނާ ގޮވާލިއެވެ. ނިސާދު ސިހުނެވެ. ނިސާދުއަށް ހީވީ ހަނާ ނިސާދުއާ ވަރަށް ގާތުން ގޮވާލިހެންނެވެ. ” އާނ…..ކީކޭ!!!” ނިސާދު ބުނެލިއެވެ. ” ފޯނު ރިންގުވަނީނު. އެފޯނުނަގާބަލަ. އެހެންނޫނީ ޔާޝް ހޭލަފާނެ” ހަނާ އެހެން ބުނުމުން ނިސާދު ފޯނުނަގާ ވާހަކަ ދައްކަން ފެށިއެވެ. “ކޮންތާކުތަ؟ ކީއްވެތަ ފޯނު ނުނަގާ ލަސްވީ؟” ސަކުވާގެ ރާގަކަށް ހަސްމާ ބުންޏެވެ.” ގޭގަމިހުރީ.. މިދަނީ.. މީޓިން ފެށުނީތަ؟” ހަސްމާގެ ހިތަށްއަރާނެ އެއްޗަކަށް ވިސްނާވެސްނުލާ ނިސާދު ވާހަކަ ދެއްކުމަށްފަހު ފޯނު ކަޑާލިއެވެ. ” ކޮންތާކަށްދާން ތިއުޅެނީ” ހަނާ އަހާލިއެވެ.” އޮފީހަށްދާން މިދަނީ. އޮފީހުގައޮތް މީޓިންއަކަށް” އެއްމެ ފަހުފަހަރަށް ލޯގަނޑުން މޫނުބަލާލަމުން ބޮލުން ވެއްޓިފައިން އިސްތަށިކޮޅު ރީތިކޮށްލަމުން ނިސާދު ބުނެލިއެވެ.” ނުކައި ދަނީތަ؟ ކިހާއިރެއްގަ އަންނާނީ” ހަނާ ސުވާލުކޮށްލިއެވެ. “ކާކަށް ވަގުތެއްނެތް. ލަސްވެގެން އޮފީހުން އެގުޅީ. މީޓިން ނިމުނުހާ އަވަހަކަށް އަންނާނަން” ނިސާދު ގެއިން ނިކުންނަމުން ބުންޏެވެ. ތެދެކެވެ. ނިސާދު އެދަނީ މީޓިންއަކަށެވެ. އޮފީހުގައޮތް މީޓިންއަކަށް ނޫނެވެ. އަމިއްލަ މީޓިންއަކަށެވެ. އަލަށް ހިތާވެގެން އުޅޭ ލޯބިވެރިޔާގެ މީޓިންއަށެވެ. ނިސާދު ވަރަށް އަވަސް ކޮށްލައިގެން ސައިކަލަށް އަރާ ހަސްމާމެން ގެ އާދިމާ ލަށް ދުއްވަންފެށިއެވެ.
ނިސާދު އެހިސާބަށް ދިޔައިރު ހަސްމާ ހުރީ ދޮރުމަށްޗަށް ނިކުމެއެވެ. ނިސާދު ސައިކަލު މަޑުކޮށްލުމުން ހަސްމާ އައިސް ނިސާދުގެ ފަހަތަށް އަރާ ހަމަޖެހިލުމުން ނިސާދު ސައިކަލު ދުއްވާލިއެވެ. އެކި މަގުތަކުން ދުއްވަމުން އައިސް ނިސާދު ސައިކަލު މަޑުކޮށްލީ ގޯމޭ ރެސްޓޯރެންޓްގެ ކުރިމައްޗަށެވެ. ދެމީހުންއެކުގައި އެތެރެއަށް ވަދެގެންދިޔައެވެ. އަތުގުޅުވާލައި ގެންނެވެ. ވަކިން ހުސްކޮށް ހުރިމޭޒެއްގެ ކައިރީ ދެމީހުން އިށީނެވެ. ހީވަނީ އެތަން ތައްޔާރު ކުރެވިފައިވަނީ ކުރިން އޯޑަރު ދެވިގެން ހެނެވެ. ހަސްމާ ވަށައިގެން ބަލަންފެށިއެވެ. ދެމީހުން އިށީންތަނުން ވޭޓަރެއް އައުމުން ނިސާދު ގެންނަންވި އެއްޗެހީގެ އޯޑަރެއްދިނެވެ.
“ކީއްވެތަ އޭރުގަ އަހަރެން ގުޅީމަ އެގޮތަށް ވާހަކަދެއްކީ” ހަސްމާ ނިސާދު ކުރެން ސުވާލު ކޮށްލިއެވެ. ” އެހެންވާހަކަ ދެއްކީ ގަސްތުގަ. އެވަގުތު ހަނާ ކޮޓަރީގައި އޮތިމަ. އަހަރެން ހުރީ ރީތިވާން ލޯގަނޑު ކައިރީގަ. ސަލާމަތް ވާންވެގެން އެހެން ވާހަކަދެއްކީ” ނިސާދު ބުންޏެވެ. ” ހަނާ ސުވާލެއްނުކުރޭތަ ގުޅީ ކާކުތޯބަލަކަށް ” ހަސްމާ ނިސާދުގެ މޫނަށް ބަލަންއިދެ އަހާލިއެވެ. ” އާނ… ނުކުރޭ. ސުވާލު ކުރުމުގެ ކުރިން އަހަރެން ބުނިން އޮފީހުންނޭ ގުޅީ” ނިސާދުގެ ބުނެލިއެވެ. ” އެހެންތަ. ހަލާލު އަބިމީހާއަށް ވެސް ދޮގުހަދައިގެން ކަންތައް ކުރާ ވަރަށް އަހަރެންދެކެ ލޯބިވަންތަ؟؟” ޔަގީން ނުވާކަހަލަ ފާޑަކަށް ހަސްމާ ސުވާލުކޮށްލިއެވެ. “އާނ…. ވަރަށް ލޯބިވޭ” ހަސްމާގެ އަތުގާ ހިފާލަމުން ނިސާދު ބުނެލިއެވެ. “ހަސްއަށް ގަބޫލް ނުކުރެވެނީތަ؟ އެހެންވިޔާ އަހަރެންނަކަށް ނޭންގެ ކޮންގޮތަކަށް ކަމެއް ހެކިދައްކާނީ” ނިސާދު މިހެން ބުނުމަށްފަހު ހަސްމާގެ އަތުން ދޫކޮށްލިއެވެ. “ސާބަސް ނިސާދުއަށް. އަހަރެން ނިސާދުއަށް ވާވަރެއްބަލާލީއޭ. އަހަރެންނަށް ވެސް އެނގޭ ނިސާދު އަހަރެންދެކެ ލޯބިވާތީކަން މިހެން އުޅޭނީ. ދެން ތިހެން މޫޑީވެފަ ނުއިދެބަލަ…. ޕުލީޒް…” ހަސްމާ ދެރަވެލާފަ ބުންޏެވެ.
އޯޑަރުދިން ކާއެއްޗެހި ގެނައުމުން ދެމީހުން ކާންފެށިއެވެ. “ކާކުތަ މިގަޑީގައި އެގުޅަނީ” ޖީބުގައޮތް ފޯނު ނަގަމުން ނިސާދު ބުނެލިއެވެ. ނިސާދު ފޯނަށް ބަލާލުމަށްފަހު ފޯނު މޭޒުމަތީ ބޭންވިއެވެ. “ކީއްވެތަ ފޯނު ނުނެގީ. ކާކުތަ ގުޅީ. އަނެއްކާ ހަނާދޯ” ހަސްމާ ނިސާދުއާ ސުވާލުތަކެއް ކުރިއެވެ. “ކަމެއްނުވޭ. ކިހިނެއްކަމުން ފޯނުއިން ވާހަކަދައްކާނީ. އަހަރެންނަކަށް ނުވާނެ. ކާހިތްވެސް ކެޑިދާނެ” ބަތް ސަމުސަލެއް އަނގައަށް ލަމުން ނިސާދު ބުނެލިއެވެ. “އަދިވެސް ނުބުނަމެއްނު ގުޅީ ކާކު ކަމެއް” ހަސްމާ ސުވާލު ތަކުރާރު ކޮށްލިއެވެ. “އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއެއް ގުޅީ. އޭނައަށް ކިޔަނީ ޒިޔާދު. ރަށު ކުއްޖެއް” ހަމަޖެހޭގޮތް ދައްކާލަމުން ނިސާދު ބުންޏެވެ. ހަސްމާ ކުރިމަތީ އިނުމުން ނިސާދު ގަސްތުގާ ފޯނު ނުނެގީއެވެ. ސަބަބަކީ އެވަގުތަކީ ޒިޔާދުއާ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ކަމަށް ނުވާތީއެވެ. ޒިޔާދު ދައްކާ ވާހަކައަށް އެކަށީގެންވާ ޖަވާބުނުދެވޭނެ ތީއެވެ. “ގާތް ރަހުމަތްތެރިއެއް ކަމަށްވަޏާ ކީއްވެތަ ފޯނު ނުނެގީ” ހަސްމާ ސުވާލުކޮށްލިއެވެ. “އަހަރެން ފަހުން އޭނާއަށް ގުޅާނަން. ދެން ހަސް ކައިބަލަ އެކަމާއަޅާނުލާ. ފަހަރެއްގަ ވެދާނެ އޭނަ އަހަރެންނަށް ޖެއްސުންކުރާނީ ކަމަށް” ހަސްމާ ސުވާލު ކުރާތީ ނިސާދު ހީވާއެއްޗެއްބުނެލިއެވެ. “ކީއްވެ އޭނަ ނިސާދުއަށް ޖެއްސުންކުރަންވީ” އަނެއްކާ ވެސް ހަސްމާ ސުވާލު ކޮށްލިއެވެ. “ހަސް އަކަށް އޭނަގެ ގޮތެއްނޭގޭނެ. އޭނާއަކީ ވަރަށް ސަކަރާތް ބޮޑުމީހެއް” ނިސާދު ގެ ރާގު ބަދަލުވުމުން ހަސްމާ މަޑުންއިނެވެ.
ހަނާ ނިސާދުގެ އިންތިޒާރުގައި ކާންހަދައިގެން މޭޒުކައިރީ އިނެވެ. އެހެން އިދެ އިދެ ހަނާ ނިދި ތާއްޔާ ޖެހެންފެށިއެވެ. ލަސްވުމުން ނިސާދުއަށް ގުޅަށްވެސް ނުކެރި އިނީ ނިސާދު ބުނި އެއްޗަކުންނެވެ. ނިސާދުއަށް އުދަގުލެއްވެދާނެތިއެވެ. ހަނާ މޭޒުމަތީ އަތް އަޅާލުމަށްފަހު އަތްމަތީ ބޯއަޅާލިއެވެ. އިރުކޮޅަކުން ހަނާއަށް ނިދުނެވެ.
“ކީއްވެތަ ނިސާދު އަހަރެން ގުޅީމަ ފޯނު ނުނަގަނީ. މިހާރު ކިހާވަރަކަށް ގުޅައިފިން. ޔަގީން ކޮންމެވެސް ކަމެއް…….. އަނެއްކާ އޭނަ ހިތާވެގެން އުޅޭ އަންހެންކުއްޖާއާ އެކު ނޫންބާ!!! އެކަނި އިދެގެން ޒިޔާދު ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ހިތާއެވެ. ޒިޔާދުއަށް ޝައްކުވީ ވަރުން އިރުކޮޅެއްކޮށްލާފަ ހަނާއަށް ގުޅިއެވެ. ނިދިން ހަނާ ހޭލައްވާލީ ޒިޔާދުގެ ފޯނު ކޯލުންނެވެ. “ހަލޯ” ހަނާ ބުނެލިއެވެ.”ނިދަނީތަ؟ ޒިޔާދު އަހާލިއެވެ. “ނޫން. ނުނިދަން. ކިހިނެއްވީ” ހަނާ ވެސް ކޮށްލީ ސުވާލެކެވެ. “ނިސާދު ކޮބާ؟ އޭނަ ގޭގަ އެބައުޅޭތަ؟” ޒިޔާދު އަހާލިއެވެ. “އޮފީހަށް ގޮސްވީ. ކަމަކުތަ ނިސާދު ހޯދަނީ” ހަނާ ސުވާލުކޮށްލިއެވެ. “ނޫން. ނިސާދު ގުޅާވެސް ނުލާ ގިނަދުވަސް ތަކެއްވީމަ ހަމަ ގުޅާލީ” ޒިޔާދު ބުނެލިއެވެ. “ހަނާ ކިއްތިކުރަނީ” ޒިޔާދު ސުވާލުކޮށްލިއެވެ. “ނިސާދުއަށް ކާންހަދައިގެން މިއިންނަނީ. އަދިވެސް އޭނަ ނާދޭ. މިހާރު ގަޑިން އެހެރަ އެގާރަ ޖަހަންއުޅެނީ” ގަޑިއަށް ބަލާލަމުން ފޫހި ގޮތަކަށް ހަނާ ބުނެލިއެވެ. “ވެދާނެއްނު އޮފީހުގަ މާބޮޑު މީޓިންއެއް އޮތީމަ ބިޒީވީ ކަމަށް. އިންތިޒާރުކޮށްލާ އިރުކޮޅަކުން އައިސްދާނެ. މިވަގުތު ދެން އަހަރެން ފޯނު ބާއްވަނީ. ނިސާދުއަށް އަހަރެންގެ ސަލާމްބުނާތި” މިހެން ބުނުމަށްފަހު ޒިޔާދު ފޯނު ކަޑާލިއެވެ. ޒިޔާދު ގުޅިފަހުން އިރުކޮޅެއްވީތަނާ ނިސާދު އައިސް ވަނެވެ. ހަނާ މޭޒުކައިރީ އިންތަންފެނުމުން ނިސާދު ހަނާއާ ގާތަށް ހިނގައިގަތެވެ. “އާދޭ ކާން” ތަށިތަކުގެ މަތި ނަގަމުން ހަނާ ނިސާދުއަށް މުޙާތަބުކޮށް ބުނެލިއެވެ. “އަހަރެން ނުކާނަން. އަހަރެން މިއައީ އޮފީސްކުދިންނާއެކު ކައިގެން. ހަނާ ކައިގެން އާދޭ” ނިސާދުބުނެފަ ކޮޓަރިއަށް ދިޔުމަށް ހިގައިގަތެވެ. “ވަރަށް ފުހިވޭ. މިހާރަކަށް އައިސް ގެއިން ކެވޭކަމަކަށް ނުވޭ. އަބަދުވެސް ބޭރުން ކެއުންކަމަކީ” ތަށިތައް ނަގަމުން ހަނާ ކުދިކިޔަމުން ދިޔައެވެ.
ހަނާ ގޮސް ކޮޓަރިއަށް ވަތްއިރު ނިސާދު އެނދުގައި އޮށޯވެގެން އޮތެވެ. ހަނާ ފާހާނާއަށް ވަދެ ހެދުންބަދަލު ކުރުމަށްފަހު އައިސް އޮށޯތެވެ. ނިސާދުއަށް ފުރަގަސްދީގެންނެވެ. ހަނާ އެހެންއޮތުމުން ނިސާދު ހަނާގާތަށްޖެހި ހަނާ ގައިގައި ބައްދާލިއެވެ. އަދި ނިސާދުއާވީ ފަރާތަށް އަނބު ރާލިއެވެ. ނިސާދުގެ އެހަރަކާތުން ހަނާގެ ރުޅިގަނޑު މަޑުވުމަށް ގިނައިރުތަކެއް ނުވިއެވެ. އަލިފާން ގަނޑަކަށް ފެންޖަހާ ނިއްވާލިހެން ހަނާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. ނިސާދު ބޭނުންވި ގޮތަށެވެ. އެއަށްފަހު ނިސާދުގެ އަތުން ހަނާގެ އުނަގަނޑުގާ ބާރަށްހިފާ ގަޔާ ކައިރި ކޮށްލީ ނިސާދުގެ ހަށިގަނޑުގައި ހިނގަމުން ދިޔަލޭގެ ބާރުމިން އިހުސާސް ވާވަރަށެވެ. އެއަށްފަހު ނިސާދުގެ މޫނު ހަނާގެ މޫނާ ކައިރި ކޮށްލިއެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. ހަނާ އޭނާގެ ރައްޓެހި އަންހެން ކުއްޖަކާއެކު ޔާޝް ގޮވައިގެން ހިގާލަންދާންވެގެން ގެއިންނިކުތެވެ. “ހަލޯ. ކޮންތާކުތަ ތިހުރީ” ނިސާދު ފޯނު ނެގުމުން ހަނާ އަހާލިއެވެ. “އަހަރެން މިހުރީ އޮފީސް ކައިރީގައި. ކިހިނެއްވީ” ނިސާދު އަހާލިއެވެ. “ކަމެއްނުވޭ. އަހަރެން ޔާޝް ގޮވައިގެން ހިނގާލަން ނިކުމެ މިއުޅެނީ. ގެއަށް ދާއިރު އަހަރެން ނެތިގެން ހޯދަފާނެތީ ބުނެލީ” ހަނާ ބުނެލިއެވެ.
ހަނާ ޔާޝް ގޮވައިގެން ދިޔައީ އާޓިފިސިއަލް ބީޗަށެވެ. ބީޗުގަ ކުޅެންތިބި ކުދިންތައް ކައިރީ ޔާޝް ކުޅެން ބަހައްޓާފަ އައިސް ސާނިޔާގެ ކައިރީ އިށީދެލިއެވެ. ކޮޅުކޮޅު މައްޗަށް ކުޅެންދުވާ ކުދިންތައްފެނުމުން ޔާޝް އުފަލުން ވަރެއް ނެތެވެ. އިރުކޮޅެއްވީފަހުން އަޖައިބުން ފުރިގެންވާ މަންޒަރެއް ސާނިޔާ ހަނާއަށް ދައްކާލިއެވެ. ހަނާ އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ވާނުވާ ނޭންގޭ ހާލުގާ ސާނިޔާ އެއްފަހަރު ފެންނަމުންދިޔަ މަންޒަރަށް، އަނެއްފަހަރު ހަނާގެ މޫނަށްބަލާލައެވެ. ހަނާގެ މޫނުމަތިން ރުޅިވެރިކަން ފެންނަމުން ދިޔައެވެ. ހަލާލު ފިރިމީހާ އެހެން އަންހެނެއްގެ އަތުގަ ހިފައިގެން ހަވީރު ފިންޏަށް ހިގާތަން ބެލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ނިސާދުއަށް ހަނާ ޔާޝް ގޮވައިގެން ދިޔައީ ކޮންތާކަށްކަން ނޭންގި ހަސްމާއާ އެކު އާދެވުނީ އާޓިފިސިއަލް ބީޗްގައި ހުރި ބުލޫބޭ އަށެވެ. އެތަށް ސާފުކޮށް ބޮޑު މަންޒަރެއްގެ ގޮތުގާ ހަނާއަށް ފެނުނީއެވެ. ހަނާ އެތާހުރިކަން ކުރިން ނިސާދުއަށް އެގުންނަމަ ހަސްމާއާ އެކު އެތަނަކަށް ނައީހެވެ. ނަމަވެސް ނަމަ އަކުން ކުރާނެ ކަމެއްނެތެވެ. “ހަނާ. މީކިހިނެއްވާ ކަމެއްތަ؟ ނިސާދު އެހެން އަންހެނަކާއެކު…..!!! އަހަރެންނަކަށް ނުވިސްނުނު މިވަނީ ކީއްކަމެއް” ސާނިޔާ ހަނާއާ ސުވާލު ކުރަންފެށިއެވެ. ސާނިޔާގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ޔާޝް ގޮވައިގެން ގެއަށް ދިޔުމަށް ހިނގައިގަތެވެ. ސާނިޔާ ވެސް ފަހަތުން ހިނގައިގަތެވެ. “އަހަރެން ވަރަށް ބިރުގަނޭ ނިސާދު އަހަރެން ދޫކޮށްލާފަނެތީ” ހަސްމާ ނިސާދު ކައިރީ ބުންޏެވެ. “ކީއްވެތަ ތިހެން ހިތަށް އަރަންވީ. އަހަރެން ނޫޅެން ހަސް ދޫކޮށްލާކަށް. އެކަހަލަ އެއްޗެހި ހިތަށް ނާރުވާބަލަ” ކުރިމަތީ އިން ކޯކް ތަށިން ކޯވަރެއްބޯލުމަށްފަހު ހަސްމާގެ އަތުގާ ހިފަލާފަ ނިސާދު ބުނެލިއެވެ. “ދެންހިނގާ ގެއަށްދާން” ނިސާދު މިހެން ބުނުމުން ހަސްމާ އަތްދަބަސްނަގާ ކޮޑުގާ އަޅުވާލަމުން ގޮޑިން ތެދުވިއެވެ.
ހަނާ އައިސްފަ ހުރި ރުޅީގަ ގެއަށް ދިޔަގޮތަށްގޮސް ރަމްލާގެ ގާތުގައި ހުރިހާ ވާހަކައެއް ބުނެފިއެވެ. ހަނާގެ ވާހަކަތައް އަޑުއަހާފަ ރަމްލާގެ ރުޅިގަދަވިއެވެ. “ހުރެބަލަ. ގެއަށް އަންނައިރަށް ގެއިން ބޭރުކޮށްލާނަން. މިހުންނާ އިދެ ދަރިން ލިބުނީމަ ކޮންފާޑަކަށްތަ އުޅެން އެދިމާކުރީ” ރަމްލާގެ ރުޅި އިންތިހާއަށް ދިޔައެވެ. “ދައްތާ. މިކަންތައްތައް އަހަރެންނަށް އެނގޭކަމެއް ނިސާދުއަކަށް ނޭންގޭނެ. އަހަރެން އެކަމަކާ ވާހަކައެއް ނުދައްކަން. ދައްތަ މަޑުކުރޭ އަހަރެން އޭނައަށް ވިސްނަދެވޭތޯ މަސައްކަތް ކުރާނަން” ހަނާ ވާހަކަ ދެއްކި އިރު ވަނީ ފުންއަސަރެއް ކޮށްފައެވެ. ކުއްލިއަކަށް ހަނާގެ ފޯނު ރިންގުވާން ފެށިއެވެ. “ސާނިޔާ… ޔާޝްއަށް ބަލާލާތި” ރަމްލާގެ ކޮޓަރިން ނިކުންނަމުން ހަނާ ސާނިޔާގެ ގާތުގައިބުނެލިއެވެ. “ކީކޭ ޒިޔާ…” ފޯނު ނެގިގޮތަށް ނަގާ ހަނާ ބުނެލިއެވެ. “އަދި އަހަރެން އެއްވެސް އެއްޗެއް ނުބުނަން.” ހިނިގަނޑެއް ޖަހާލާފަ ޒިޔާދު ބުނެލިއެވެ. “އެހެންދޯ. ކިހިނެއްތަ ހާލު” ހަނާ ސުވާލުކޮށްލިއެވެ. “އަހަރެންގެ ހާލު ވަރަށް ރަނގަޅު. ކިހިނެއްތަ ހަނާގެ ދެމަފިރިންނާއި، ދަރިފުޅުގެ ހާލު” ޒިޔާދު ވެސް ސުވާލު ކޮށްލިއެވެ. “އިރާދުކުރެއްވިޔާ އަހަރުމެން ވަރަށް ރަނގަޅު” ހަނާ ބުނެލިއެވެ. “ކޮބާތަ ނިސާދު” ޒިޔާދު ހަނާއާ ސުވާލު ކޮށްލިއެވެ. “ބޭރުގަވީ. ކިހިނެއްވީތަ” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ހަނާ ބުނެލިއެވެ. ހަގީގަތުގަ ނިސާދުގެ ނަން މީހަކު ކިޔަސް ހަނާގެ ލޮލުން ކަރުނަ ހިލުވާލައެވެ. “ކަމެއްނުވޭ. އަހަރެން ގުޅިއަސް އޭނަ ފޯނެއްނުނަގާ. އެހެންވެ އަހާލީ” ޒިޔާދު ބުންޏެވެ. “އަހަރެން ވާހަކައެއް ބުނަންވެފަ އެބައޮތް” ހަނާ ޒިޔާދުގެ ގާތުގައި ބުނެލިއެވެ. “އަނެއްކާ ކޮންވާހަކަ އެއްތަ؟” ޒިޔާދު އަހާލިއެވެ. ހަވީރު ކަންތައްވީ ގޮތް ވަރަށް ތަފުސީލުކޮށް ހަނާ ޒިޔާދުއަށް ކިޔާދިނެވެ. ވާހަކަ ދައްކާ ނިމުނު އިރު ހަނާއަށް ވަނީ ރޮވިފައެވެ. “ހަނާ. ހިތްވަރުކުރޭ. ނިސާދު ރަނގަޅު ވޭތޯ އޭނާއަށް ނަސޭހަތްދީ. ކެއްތެރިންނަށް މާތްﷲ ރަހުމަތްލައްވާނެ” ހަނާގެ ހިތާމަތަކުގާ ހިއްސާވަމުން ޒިޔާދު ފޯނުކަޑާލިއެވެ. ” އެހެންވީމާ ނިސާދު އެކަންތައް ނުހުއްޓަނީތާ. އަހަރެންނަށް ހީވި ހީވުމާ، ފެނުނު މަންޒަރުތަކަކީ ހަމަ ހަގީގަތެއްތާ… ކުރާނެ ކަމެއްނެތް. އަހަރެންގެ ރަހުމަތްތެރިޔާ ރަނގަޅު މަގުން ކަސިޔާރު ވެއްޖެ. ދާންވީ ރަނގަޅު މަގު އޮޅިއްޖެ” ޖޯލީގައި އޮވެގެން ޒިޔާދު ހިތާ ހިތާ ބުނެލިއެވެ.
ރަމްލާ ކޮޓަރިން ނިކުމެގެން އައިސް ހަނާގެ ކޮޓަރީ ދޮރުހުޅުވާލިއެވެ. އޭރު ހަނާއިނީ ޔާޝް ނިންދަވަން އެދުމަތީގައެވެ. ރަމްލާ ދޮރު ގާތްކޮށްލުމަށްފަހު ސިޓިންރޫމް ސޯފާގައި އިށީދެ ޓީވީ ހުޅުވާލިއެވެ. އިރުކޮޅެއްފަހުން ހަނާވެސް އައިސް ސޯފާގައި އިށީނެވެ. “އަދިވެސް ނިސާދު ގެއަށް ނާންނަނީތަ” ހަނާ އައިސް ސޯފާގައި އިށީނުމުން ރަމްލާ ސުވާލުކޮށްލިއެވެ. “އާނ. އަދިވެސްނާދޭ” ހަނާ ބުނެލިއެވެ. “ދައްތާ ބޭބެ އަންނަނީ ކޮންއިރަކުންތަ؟” ހަނާ އަހާލިއެވެ. “ރޭގަ ގުޅި. ބުނީ އަންނަމަހު މާލެ އަންނާނަމޭ” ރަމްލާ ބުންޏެވެ. ދެމީހުން ވާހަކަދައްކަން ތިއްބާ ނިސާދުއައިސް ގެއަށް ވަނެވެ. ރަމްލާ ރުޅިވެރިކަމާއެކު ބަލާލިއެވެ. ހަގީގަތް ސިއްރު ކުރުމުގެ ގޮތުން ހަނާ ހީލިއެވެ. ނިސާދު ގޮސްވަނީ ކޮޓަރިއަށެވެ. “އަހަރެން އެބައޮތް ނިސާދުގެ ގާތުގައި ވާހަކައެއް ދައްކަންވެފަ” ނިސާދު ގައިން ބާލާފަދިން ގަމީސް އަލަމާރިން ކޮޑެއްގަ އަޅުވާމުން ހަނާ ބުނެލިއެވެ.
7 Comments!
Comments are closed.
me first?
by the way vvv beautiful
thanx NADHEEMA
Vvv salhi
thanx KIYAA
V reethi thihen dhigukon fonuvaa dhaathi konme part eh vess vvvvvv Salhi
Thanx REET
V Nice. Avahah Up Kohdheythi.