
އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 5 ވަނަ ބައި
މާނިޝްގެ އޯގާތެރިކަން ރާޔާއަށް ލިބެން ފެށިއެވެ.ދެކުދިން ގޮވައިގެން އުޅެން އުނދަގޫކަމެއް ކަމަކަށް ރާޔާ ނުދެކެނީ އެހެންވެއެވެ. ހެނދުނު އޮފީހަށް ދާ ގޮތަށް އަންނަނީ ހަވީރެވެ. ދެން އޭނާ ބޭރަށް ނުގޮސް ވަރަށް އިރުވަންދެން ގޭގައި އުޅެއެވެ.
” މާން… މިއަދު ކޮއްކޮ މެރީ ކުރަނީނު… ” އެއްޗެހި ފަތްޖަހަން އިނދެ ރާޔާ ބުނެލިއެވެ.
” ހޫމ…. ” މާނިޝް ހުރީ ރާޔާއަށް ބަލާށެވެ.
” ކީއްވެ ތިބަލަނީ… ” ރާޔާ ލަދުރަކި ގޮތަކަށް އަހާލިއެވެ.
” މިހާރު ހާދަ ފަލަވެއްޖޭދޯ…. ތިހުރީ މަސްޖަހާޖަހާ މީހާގެ ދުވަސް ގޮހެއްނު.. ވަރަށް ހަޑި… ބަލާލާ ހިތްވެސް ނުވެ… ” މާނިޝް ކުރެވެން ހުރި ހުރިހާ މަލާމާތެއް ރާޔާއަށް ކުރިއެވެ.
ރާޔާ ފެންކަޅިވިއެވެ. ” އަހަރެން ހަޑިވިޔަސް… ފަލަވިޔަސް… ބަލާލާ ހިތް ނުވިޔަސް…. އަހަރެންގެ ސަބަބުން މާނިޝްއަށް ލިބުނީ ކިހާބޮޑު ނިޢުމަތެއް.. މިޝްއަލް އާއި މީޝަމް އެއީ ކިހާބޮޑު އުފަލެއް…. ” ރާޔާ ދެރަވެފައި އިނުމުން ހަޤީޤަތުގައި މާނިޝްއަށް އަސަރުކުރެއެވެ. އެހެނަސް އެކަން އޭނާ އަންގާކަށް ބޭނުމެއް ނުވިއެވެ.
” ދޮންތާ.. ” އައިންތު އާއ ރިޔާޒް އައިސް ވަނުމުން ސިއްރު ސިއްރުން ކަރުނަ ފޮހެލަމުން ރާޔާ ތެދުވިއެވެ.
” ދޮންތާ.. އަހަރެންނަށް ރާއްޖެތެރޭ ރަށަކުން ޖޮބް ހަމަޖެހުނީ.. ކައިވެނި ކޮއްގެން އަންނަނިކޮށް ގުޅާފަ ބުނީ… އަންނަ ސަންޑޭގަ ނުކުންނަން ޖެހޭ.. ވަރަށް ދެރަވެފަ މިހުރީ… ” ރިޔާޒް ބުނެލިއެވެ.
” ކޮންކަމަކާ ދެރަވަނީ؟ އައިންތު ގޮވައިގެން ދޭ… ދޮންތައަކަށް އުނދަގުލެއް ނުވާނެ… ” އެހެން ބުނުމުން އައިންތު ހީލިއެވެ. ރިޔާޒް ބަލާލީ މާނިޝްއަށެވެ. މިހާރު މާނިޝް އުޅޭގޮތް ފެނުމުން ރިޔާޒްގެ ހިތުގައި އުފެދުނު ޝައްކު ފިލައިފިއެވެ. ނަމަވެސް މާނިޝް އުޅެނީ އެ އޮފީހުގައި ނޫންކަން ރިޔާޒްއަށްވަނީ އެނގިފައެވެ.
” ދޮންތަބޭ މިހާރު އުޅެނީ ކޮން އޮފީހެއްގަތަ؟ އެދުވަހު ގުޅީމަ ބުނި ކެނޑުނިއްޔޯ… ” ރިޔާޒް ހިޔާލެއް ފިކުރެއް ނެތި އަހާލިއެވެ. މާނިޝްއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ރޯކޮއްލިހެނެވެ.
” އެއީ… މިއުޅެނީ ރައްޓެއްސަކު ހިންގާ ތަނެއްގަ މިހާރު.. މުދާ އުފުލާ ތަނެއްގަ… ” އެހެން ބުނުމުން ރިޔާޒް ހަމަޖެހުނެވެ.
ރާޔާ ބަލާލީ މާނިޝްއަށެވެ. އެވަރުގެ ކުޑަކުޑަ އެއްޗެއްވެސް މާނިޝްއަށް ރާޔާގާތު ނުބުނެވެންވީ ކީއްވެބާއޭ އޭނާގެ ހިތައް އެރިއެވެ.
ރާޔާއަށް އައި ބަދަލުން ރާޔާ ދެރަވެއްޖެކަން މާނިޝްއަށް އެނގުނެވެ. ރިޔާޒްއާއި އައިންތު ނުކުތުމުން މާނިޝް ވަރަށް ފުން ނަޒަރަކުން ރާޔާއަށް ބަލާލިއެވެ. ރާޔާ ފުރަގަސްދިނެވެ މާނިޝްއައިސް ރާޔާގެ ކޮނޑުގައި އަތްޖައްސާލިއެވެ.
” ރެއިން….ސޮރީ.. ނުބުނެވުނީ…………….” މާނިޝްގެ ޖުމުލަ ހުއްޓުނީ ރާޔާގެ ކަރުނުން ފުރިފައިވާ ދެލޮލުން އޭނައާއި ދިމާއަށް ބަލާލުމުންނެވެ.
” މާން…. އަހަރެން ތިހާވަރަށް ދުރުނުކުރޭ ޕްލީޒް… އަހަރެމެންނަށް މާން ވަރަށް ބޭނުންވޭ………..” ރާޔާ މާނިޝްގެ މޭގައި ލައްވުމުން މާނިޝް ރާޔާގެ ބޮލުގައި ފިރުމާލިއެވެ.
” އަހަރެން ވަރަށް ލޯބިވޭ ދެކުދިންދެކެ.. ރެއިން ދެކެވެސް… ” މާނިޝް އެހެން ބުނުމުން ރާޔާއަށް އިތުރަށް ރޮވުނެވެ..
ދެކުދިންނާއި އެކު ރާޔާ ނިދާފައި އޮތެވެ. ބޭރުގައި އުޅެއުޅެފައި މާނިޝް ގެއަށް އައިސް ވަތްއިރު ގަޑިން އެއްގަޑި ބައިވަނީއެވެ. ކޮޓަރިއަށް ވަތް އިރު ރާޔާ އޮތީ ނިދާފައެވެ، ދެކުދިން ދެފަރާތުގައި އޮތެވެ. ރާޔާ ލައިފައިވާ ހެދުންވަނީ ބަނޑާއި ހަމައަށް ކެހިފައެވެ، މޭމަތިން ބޮޑުބައެއް ހާމަވާން އޮތެވެ. މާނިޝް ރާޔާ އާއި ދާދި ގާތުގައި އިށީނުމަށްފަހު މޫނުގައި ފިރުމާލިއެވެ. ރާޔާއަށް ހޭލެވުނެވެ.
” ދެކުދިން އެނދުގައި ބާއްވަންވީނު.. ” މަޑުމަޑުން މާނިޝް ބުނެލިއެވެ. މާނިޝްގެ މަޤްސަދު އެނގުމުން ރާޔާ އުފާވިއެވެ. އެތައް ދުވަހެއް ފަހުން މާނިޝް ރާޔާގެ ފަރާތުން އުފާހާސިލްކުރަން ބޭނުންވީކަން ރާޔާއަށް ޔަޤީންވިއެވެ. ރާޔާ ތެދުވުމުގެ ކުރިން މާނިޝް ދެކުދިން ނަގާ ކުޑައެނދުގައި ބޭއްވިއެވެ. އަދި އިޝްޤީ ގޮތަކަށް ރާޔާއަށް ބަލާލިއެވެ. ރާޔާ ހިނިތުންވެލިއެވެ. މާނިޝް އައިސް ރާޔާގައިގައި ބައްދާލިއެވެ. އަދި އޭނާގެ ތަނަވަސް މޭމަތީގައި ރާޔާގެ ބޯޖައްސުވާލިއެވެ. ރާޔާގެ މަޑުމަޑު ދެއަތުން މާނިޝްގެ ގައިގައި ފިރުމާލުމާއި އެކު މާނިޝްދެލޯ މަރާލާ ރާޔާގެ މޫނާއި މޫނު ގާތްކޮއްލިއެވެ.
އެ ނާޒުކު ވަގުތު ހަލަބޮލި ކޮއްލީ މީޝަމްގެ ރުއިމުގެ އަޑުންނެވެ. ރާޔާ އަވަސް އަވަހަށް ތެދުވެ ކައިރީގައި ހުރި ކުޑައެނދުގައި އޮތް މީޝަމް ނެގުމަށްފަހު ބުއްދޭންފެށިއެވެ. މާނިޝްއަށް ލިބުނީ ފޫހިކަމެކެވެ. އޭނާ އެގޮތަށް އިރުކޮޅަކު އޮތުމަށްފަހު އަނެއްފަރާތަށް އެނބުރި ނިދައިފިއެވެ.
**************************
ރިޔާޒް އާއި އައިންތު ފުރުމުން ގޭއަށްވަނީ ފަޅުކަން ލިބިފައެވެ. ރާޔާވެސް އުޅެންޖެހެނީ ކުރިއަށްވުރެންވެސް ބުރަކޮށެވެ. ދެކުދިންގެ ކަންތައްތައްވެސް ބެލެހެއްޓުން އުނދަގޫކަމަކަށް ވެއްޖެއެވެ.
މިޝްއަލް ހޭލުމުން ގޮވައިގެން އުޅެނިކޮށް މީޝަމްވެސް ހޭލައިން ރޯންފަށައިފިއެވެ. ގަޑިބަލާލި އިރު އަސްރުނަމާދު ވަގުތު ފަހަނައަޅާދަނީއެވެ. މިޝްއަލް އުނގުގައި ބާއްވައިގެން ރޮއިރޮއި އޮތް މީޝަމްނަގާ ކޮނޑުމަތީ ބޭއްވުމަށްފަހު ނާނާ ކިޔަންފެށިއެވެ. ކުޑަކުޑަ މީޝަމްގެ ރުއިމުގެ އަޑާއި އެކު މިޝްއަލްވެސް ރޯންފެށިއެވެ. ރާޔާއަށް ދެކުދިން މައިތިރި ކުރެވޭގޮތެއް ނުވިއެވެ. ރާޔާއަށްވެސް ރޮވެންފެށިއެވެ. މީޝަމް އެނދުމަތީ ބޭއްވުމަށްފަހު މިޝްއަލް ވެސް ބޭއްވިއެވެ. އެދެކުދިން އޭރު ގިސްލައެވެ. ލޮލުން ކަރުނަ ފޮހެމުން ރާޔާ ގޮސް ވަނީ ފާޚާނާއަށެވެ. އަވަސް އަވަހަށް ވުޟޫކޮއްލުމަށްފަހު ފާޚާނާއިން ނުކުތެވެ. އޭރު ރުއިމުގެ ސަބަބުން ވަރުބަލިވެގެން ގޮސް މީޝަމްއަށް އޮތީ އަމިއްލައަށް ނިދިފައެވެ. މިޝްއަލް ކުކުރަ ކުކުރާ އޮތެވެ. ރާޔާ ނަމާދުކުރަންފެށިއެވެ. ނަމާދުކޮށް ނިމިގެން އަވަހަށް ދެކުދިން ކައިރިއަށް އޭނާ ދިޔައެވެ، އޭނާ ފާރުގައި ލެނގިލުމަށްފަހު ވިސްނާލިއެވެ. އަދި ރޭގަނޑަށް ކާއެއްޗެއް ތައްޔާރު ނުކުރެވި ހުރުމުން ހާސްކަމާއި އެކު ތެދުވި ވަގުތު މިޝްއަލް ރޯންފެށިއެވެ. ބުއްޖައްސައިގެން ރާޔާ އަނެއްކާވެސް އިށީނެވެ.
ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން ރާޔާގެ ލޮލަށް ނިދި ސަވާރުވާން ފެށިއެވެ، ކޮޓަރި ދޮރުހުޅުވާލުމާއި އެކު ތާއްޔާޖެހިޖެހި އިން ރާޔާ ސިހުނެވެ.
” ވަރަށް ބަނޑުހައިވެއްޖެ.. ” ގަމީހުގެ ގޮއްތައް ނައްޓަމުން ވަދެގެން އައި މާނިޝްބުނެލިއެވެ. މާނިޝްއައި ގޮތަށް އައިސް އެނދުގައި ހުރަހަށް ޖައްސާލަމުން ނިދާފައި އޮތް މީޝަމްގެ ކޮލުގައި ބޮސްދިނެވެ.
” މާން… މިޔަދު މެންދުރު ކެއްކި އެއްޗެހި ހުސްވެފަ ހުރީވެސް… އަދި މިއުޅެނީ ރޭގަނޑަށް އެއްޗެއް ނެހެދިގެން… ” ވަރުބަލިކަމާއި އެކު ރާޔާ ބުނެލިއެވެ. އެއްޗެއް ނުބުނެ އެހެން އޮތުމަށްފަހު މާނިޝް ވަރަށް ބާރަށް ބުނެލިއެވެ.
” ރާޔާއަށް ކުރެވެނީ ކޮންކަމެއް؟ ” މާނިޝްގެ ދުލުން ރާޔާއޭ ބުނުމުން ރާޔާ ބަލާލިއެވެ. މާނިޝް އޭރު ހުރީ ރާޔާއަށް ބަލަހައްޓައިގެންނެވެ. ރާޔާ އެ ހިތައް އަރަނީ ކީކޭ ކަން މާނިޝްއަށް އެނގެއެވެ.
މާނިޝް ހިންދިރުވާލުމަށްފަހ ތެދުވެގެން ބޭރަށް ދިޔައެވެ. މިޝްއަލް އެނދުގައި ބޭއްވުމަށްފަހު ރާޔާ އަވަސް އަވަހަށް ގޮސްވަނީ ބަދިގެއަށެވެ. ދެޕެކެޓް ނޫޑްލްސް ނަގާ ކެއްކުމުގެ މަސައްކަތް ފެށިއެވެ. މާނިޝްއަންނަން ވާއިރަށް ތައްޔާރުކޮއްލެވޭތޯއެވެ. އަވަސް ހަރަކާތްތަކާއި އެކު މަސައްކަތް ނިންމާލުމަށްފަހު ކަހަނބު ތަކުގައި މަތިޖެހިތަނުން މާނިޝްގެއަށް އައިސް ވަނެވެ.
” އާދޭ ކާން.. ” ކުރަކިވެފައިވާ އަޑަކުން ރާޔާ ބުނެލިއެވެ. ބަލާލުމެއްނެތި ކޮޓަރިއާއި ދިމާއަށް ދަމުން މާނިޝް ބުނެލިއެވެ،
” އަހަރެން މިއައީ ބޭރުން ކައިގެން.. ” އެ ޖުމުލައާއި އެކު ރާޔާ އިސްޖަހާލިއެވެ. ކާމޭޒާއި ދިމާއަށް ބަލާލުމަށްފަހު ރާޔާވެސް ކޮޓަރިއަށްވަނެވެ.
ކޮޓަރިއަށް ވަތްއިރު ކަބަޑުގައި ހުރި ޓީޝާޓްތައް ނެގުމުގައި މާނިޝް އުޅެއެވެ.
” އަހަރެން… އިސްތިރި ކޮއްފަ ހުންނާނެ ބައެއް އެއްޗެހި… ނަގައިދެންތަ؟ ” ލަސްލަހުން ރާޔާ ބުނެލިއެވެ. މާނިޝް އެއްވެސް އެއްޗެއް ނުބުނެ ކަބަޑުން ޓީޝާޓެއް ދަމާނެގިއެވެ. އަދި އަމިއްލައަށް އިސްތިރިކުރަންފެށިއެވެ.
” މާން … ކިހިނެތްތަ މިހާރު ތިއުޅެނީ؟ ” ރާޔާ އެހިއެވެ.
” ކިހިނެތްވީ؟ ” މާނިޝް ބަލާވެސްނުލާ ބުނެލިއެވެ.
” އަމިއްލައަށްވެސް އެނގޭނެ…. އަހަރެން އިސްތިރިކޮއްފަ ހުރި އެއްޗެއް ލައިބަލަ… ތިގޮތަށް އުޅެންޏާ އަހަރެން ވަރަށް ދެރަވާނެ.. ބޭރުން ކައިގެން ………………..” ރާޔާގެ މަޑުމޮޅި ރާގު ފޫއަޅުވާލީ މާނިޝްއެވެ. އިސްތިރިކުރަން ހުރެފައި ޓީޝާޓް މުށިގަނޑުމައްޗަށް ހޫރާލަމުން ޖީބަށް އަތްޖަހާލިއެވެ. އަދި ރާޔާއަށް ފުރަގަސްދީފައި ބުނެލިއެވެ.
” ރާޔާއަށް ކުރެވެނީ ކޮންކަމެއް؟ ބުނެބަލަ! ކާއެއްޗެއް އަހަންނަށްދެވެނީ ކީ ނޫން.. ވަގުތު ކޮޅެއް ދެނީކީ ނޫން… އަދި އަހަރެންނަށް ރާޔާގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އުފަލާ… އެވެސް ލިބެނީކީ ނޫން… ” މާނިޝް އެފަދަ އެއްޗެއް ބުނެފާނެކަމަކަށް ރާޔާ ހީވެސް ނުކުރެއެވެ. ރާޔާއަށް އަނގަމަތީ އަތްއެޅުނެވެ. އަދި ދެލޮލުން ފޭބި ކަރުނަތަކާއި އެކު އަނެއްފަރާތަސް އެނބުރެމުން ބެދިފައިވާ އަޑަކުން ބުނެލިއެވެ.
” އަހަންނަށް މީގެ ކުރިން މުޅިން އަޑުއިވިފައިވަނީ ރެއިންގެ ނަމުން… މާން އަހަންނަށް ރާޔާ ކިޔާތީ އަހަންނަށް ވަރަށް އުނދަގޫވޭ.. ހީވަނީ ވަރަށް ދުރުހެން… ” ރާޔާ ގެ އަޑުން މަލާމާތްކުރާފަދަ ގޮތަކަށް މާނިޝް ބުނެލިއެވެ.
” ހުއް… އަހަރެން ރެއިން ކީ ކީއްވެކަން އެނގޭދޯ… އަހަންނަށް އެހެން މީހުންނާ ރާޔާ ވަރަށް ތަފާތު… އެކަމަކު މިހާރު އެހެން މީހުންނާ ރާޔާ އާއި ހުރީ ވަކި ކޮންތަފާތެއް ކަމެއް ނޭނގޭ…. ” މާނިޝް ބުނެލިއެވެ.
” މާން އަހަރެންގެ ހުރިހާ އުނިސިފަތަކެއްް ކިޔައިދީފީމު……….. އަހަންނަށް އިހުސާސް ކޮއްދީފީމު… އަހަރެން ބޭނުމެއްނުވޭ އެއްވެސް ޙާލެއްގައި ފިރިމީހާއާއި ހަރުއަޑުން ވާހަކަދައްކާ ޒުވާބު ކުރާކަށްވެސް ބޭނުމެއްނޫން… އެކަމަކު އަހަރެންވެސް ވާހަކަ ދައްކަން ބޭނުން……………” ރާޔާ އެހެން ބުނުމުން މާނިޝް ބަލާލިއެވެ. އަދި ފުރަގަސްދީފައިވާ ރާޔާގެ ކޮނޑުގައި ހިފާ އޭނާ އާއި ދިމާއަށް އަނބުރާލިއެވެ. ރޮވިފައިވާ ރާޔާ އިސްޖަހާލިއެވެ. ރާޔާގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލުވިއެވެ. ނަމަވެސް ރާޔާ ހުރީ ތިރިއަށް ބަލަހައްޓައިގެންނެވެ.
” ދައްކާ ވާހަކައެއް ދައްކާ ސީދާ އަހަރެންގެ ދެލޮލަށް ބަލަމުން… ” މާނިޝް އެހެން ބުނުމުން ރާޔާގެ ދަތްދޮޅީގައި ޖައްސާލައިފައިވާ ރާޔާގެ އިނގިލި ނައްޓުވާލަމުން އަނެއްކާވެސް ރާޔާ ފުރަގަސްދިނެވެ.
” އަހަންނަކަށް ފަސޭހައެއްނޫން ……….” ރާޔާ ބުނެލިއެވެ. މާނިޝްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.
” މާން ކީއްވެތަ އަހަރެންގެ މިސްޓޭކް ތި ދައްކަނީ… މާން އާއި އަހަރެންގެ ދެދަރިންނޭ އެއީ… އެދެކުދިން ރަނގަޅަށް ބެލުމުގަ އަހަރެންގެ ހުރިހާ ވަގުތެއް މި ހުސްކުރަނީ.. އެކަމަކު މާންގެ އެއްވެސް ކަމަކަށް އަހަރެން ފަރުވާކުޑަކޮށްފައެއް ނުވާނެ.. އެކަނިމާއެކަނި ދެކުދިން ގޮވައިގެން ގޭގެ ހުރިހާކަމެއް ކުރުމަކީ ފަސޭހަކަމެއް ނޫނޭ މާން… މިޔަދު އަހަންނާއެކު ވާންވި މީހަކީވެސް ތިއީ އެއްނު. އަހަންނަށް ލިބެންވީ މާންގެ އެހީތެރިކަމެއްނު… ” ރާޔާ މަޑުމަޑުން ބުނެލިއެވެ.
” އަހަރެން ދެއަތްބަށް އިންނަންވީ ދޯ………..” މާނިޝް އެހެން ބުނުމާއި އެކު ރާޔާ ސިހިފައި ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވިއެވެ. ރާޔާއަށް މަޑުމަޑުން މާނިޝްއާއި ދާދި ގާތަށް އާދެވުނެވެ. އަދި ކުއްލިއަކަށް މާނިޝްގެ ގައިގައި ބައްދާލިއެވެ.
” މާންއަށް އަހަރެންގެ ފަރާތުން ލިބެންވާ ހައްޤުތައް ނުލިބޭކަމުގައި ހީވަނީތަ؟ މާންއަށް އަހަރެން ނޫން އެހެން އަންހެނަކު ކަމުދިޔައީތަ؟ ނޫނީ މާން ކުރަން ބޭނުން ވެގެން ބުނި އެއްޗެއްތަތީ؟ ” ތުރުތުރު އަޅާ އަޑަކުން ރާޔާ ބުނެލިއެވެ. މާނިޝްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.
” އަހަރެން މިކުރި ސުވާލުތަކުގެ ޖަވާބަކީ އާނ އެކޭ ނަމަ މާން ބޭނުމިއްޔާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. ” ރާޔާ އެހެން ބުނުމުން ރާޔާގެ ދެކޮނޑުގައި ހިފާ ދުރުކޮށްލަމުން މާނިޝް ބަލާލިއެވެ.
” އާނ މާން.. ތިއީ މާން ބޭނުންވާ ގޮތްކަމުގައި ވާނަމަ އެކަމަށް ހުރަސް އަޅާނެ ބާރެއް އަހަންނަށް ލިބިގެނެއް ނުވޭ… އިސްލާމްދީނުގައި ފިރެހެނަކަށް ހަތަރު އަނބިން ހުއްދަކުރައްވާފައިވާއިރު އެކަމަށް ނޫނެކޭ ބުނަންވީ ކީއްވެ؟ ” މާންއަށް ރާޔާގެ ގައިން ދޫކޮއްލެވުނެވެ. މިއީ ކޮންފަދަ މާތް އަންހެން ކުއްޖެއްހެއްޔެވެ؟ ތެމިފައިވާ ދެލޮލުން ރާޔާ މާންއަށް ބަލަމުންދިޔައެވެ، ނުވިސްނޭފަދަ ގޮތަކަށް މާނިޝްވެސް ރާޔާއަށް ބަލަން ހުއްޓެވެ،
” އަހަރެން ނޫޅެން ދެއަތްބަށް މީހަކާ އިންނާކަށް…. ” ނުރުހޭގޮތް ދައްކާލަމުން މާނިޝް ނުކުތީ ބޭރަށެވެ. ވެއްޓިފައި އޮތް ޓީޝާޓް ނެގުމަށްފަހު ރާޔާ އިސްތިރިކުރަންފެށިއެވެ. އޭނާގެ ސިކުނޑީގައި މާނިޝްދެއްކި ވާހަކަތައް އެނބުރެމުންދެއެވެ. ރާޔާއަށް ބައެއްފަހަރު ގިސްލެވެއެވެ. ދެކުދިންނަށް ބަލާލުމަށްފަހު ހިތްވަރު އާވެއެވެ. އެދެކުދިން ބޮޑުވަމުން އަންނަ އިރު އެކުދިންނަށް ބޭނުންވާ ލޯބި ފުރިހަމައަށް ދިނުމަށް އޭނާ ބޭނުންވެއެވެ.
**************
” އޭ މާޓިން… ކަޔެ ކޮންކަމަކާ ވިސްނާކަށްތަ؟ އަބަދުވެސް އަންހެނުންގެ ފިކުރުގަ………..” ސޮޓީ މާނިޝްގެ ބުރަކަށީގައި ޖަހާލަމުން ބުނެލިއެވެ. މާނިޝް ރުޅިއައިސްގެން ތެދުވެ ސޮޓީގެ ގިރުވާނުގައި ހިފާ ބުނެލިއެވެ.
” ކިހާ ދެރަމެއްތަ ؟ ކަމެއްވާއިރަށް މަގޭ އަންހެނުންނާ ބެހެން ޖެހޭތަ؟ ކަލޭމެންނަށް ނޭނގުނަސް މަގޭ ހާދަ ވިސްނުމެއް ވިސްނަމޭ… ދެދަރިން ގޮވައިގެން އެކަނިމާއެކަނި ގޭގަ އެ އުޅެނީ… ” މާނިޝް ސޮޓީގެ ގަމީހު ގިރުވާނުން ދޫކޮއްލުމުން ސޮޓީ ގަމީސް ރީތި ކޮއްލިއެވެ.
” ދެން ރަނޑެއްހެން ގޭގަ އޮންނަން ދޭ… ނޫނީ އޭނަ ދަރިން ބަލާވަރުން ކަޔެ ހުރޭ ކައްކަން…………” ސޮޓީ ބޭނުންވީ ރަނގަޅަށް މާނިޝް ރުޅިއަރުވާލާށެވެ.
” ބައްޔެއްނު……….. ދެން އޭނައަށް އެއްޗެއް ބުނެފިއްޔާ ކަލޭ އަނގައިގަ އޮތްދޫ ގޮއްޖަހާލާނަން… ” މިފަހަރު މާނިޝްގެ ލޮލުން ފެނުނު ރުޅިވެރިކަމުން އިތުރަށް އެއްޗެއް ބުނާކަށް ސޮޓީއަކަށް ނުކެރުނެވެ.
” ކަޔެމެން ދެމީހުން ދެން މައިތިރިވޭ….. މީހުންނާ އިނދެގެން އުޅެންޏާ އަހަރެމެންގެ ތެރޭގަވެސް މައްސަލަތައް ޖެހޭނީ.. އެހެންވެ އަހަރެމެން މިތިބީ މިހެން… ދޯ ކެމަލް… ” އެޑަމް ކަމާލުގެ ބުރަކަށީގައި ޖަހާލަމުން ބުނެލިއެވެ.
” އޯކޭ.. މަ ނޫޅެން އެއްޗެއް ކިޔާކަށް… އޭތް ކެމަލް.. ނެތްތަ އެތިކޮޅެއް! ” ސޮޓީ ކަމާލުގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ. އެވަގުތު ބަންކްބެޑް މަތީގައި އޮތް އެޑަމް ތިރިއަށް ބަލާލަމުން ތިރީގައި އޮތް މާނިޝްއާއި ދިމާއަށް ބުނެލިއެވެ،
” މާނިޝް ވެސް ވާނެ ޖައްސަން… އޭރުން ތި ޓެންޝަން ފިލާފާނެ…. “
” އޯކޭ… ހިނގާ” މާނިޝް ތެދުވި ވަގުތު ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ. އެންމެންވެސް ސިހުނެވެ. އެކަކު އަނެކަކަށް ބަލަން ފެށިއެވެ. އެމީހަކު ތިބި ތަނަކު ގުޑިވެސް ނުލާ ތިއްބެވެ. ބެޑްގައި އޮތް އެޑަމް ތިރިއަށް ފޭބުމުން މުށިގަނޑުމަތީގައި އޮތް ސޮޓީ ވެސް މާނިޝް އޮތް އެނދަށް އެރިއެވެ. އޭރުވެސް ކަމާލް އޮތީ މަތީ އެނދުގައެވެ.
” ކާކުބާ…” އެޑަމް ސިއްރު ސިއްރުން ބުނެލިއެވެ.
” ކޮޕުން ކަންނޭނގެ ދޯ… ” ބިރުން ހުރި ފާޑަކަށް ސޮޓީ ބުނެލިއެވެ. މާނިޝްވެސް އިނީ ބިރުންނެވެ،
” ނުވާނެ ކޮޕުންނަކަށް… ހިނގާ ދޮރު ހުޅުވަން.. ” މާނިޝް ހިޔާލެއް ދިނެވެ. ސޮޓީ މަޑުމަޑުން ތެދުވެ ތަޅުވަޅުން ބަލާލިއެވެ.
” އޭ… އަންހެން ގޮލައެއް……..”
” އަންހެން؟ ކާކުބާ؟ ” މާނިޝް ބުނެލިއެވެ. ސޮޓީ މަޑުމަޑުން ދޮރު ހުޅުވާލުމާއި އެކު އަވަސް އަވަހަށް އެކުއްޖާ އެތެރެއަށް ދެމިގަނެ ފުން ނޭވާއެއް ލިއެވެ. އަދި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އެންމެން ތިބީ އެކުއްޖާއަށް ބަލާށެވެ. ސޯޓް ބުރިއަކާއި ޓީޝާޓް ކޮޅެއް ލައިފައިވާ އިރު އިސްތަށިގަނޑުވަނީ ހާމައަށް ދޫކޮއްލާފައެވެ. ބަލާލަން ހުތުރެއް ނޫނެވެ. އެކުއްޖާގެ ކޮނޑުގައި އަޅުވާފައިވާ ދަބަސް މުށިގަނޑުމައްޗަށް ވައްޓާލަމުން ކޮޓަރި ތެރޭގައި އެނބުރިލިއެވެ. އަދިވެސް އެންމެން ތިބީ ވާނުވާ ނޭނގި ބަލާށެވެ.
” ކޮބާ މަގޭ ބޯއީ ފްރެންޑް؟ ” އޭނާ ސުވާލުކުރިއެވެ.
” ބޮއީ ފްރެންޑް؟؟ ” އެޑަމް ، ސޮޓީ އަދި މާނިޝް އެއްފަހަރާ ބުނެލިއެވެ.
” ހޫމް… މަގޭ ބިޓު… ކެމަލް… ” އެކުއްޖާ އެހެން ބުނުމާއި އެކު އެންމެން އެއްފަހަރާ މައްޗަށް ބަލާލުމުން އެކުއްޖާ ގާތަށް ވަރަސް ރުޅިއައެވެ.
” މަތީގަ؟ ސީލިންގ މަތީގަ؟ ” އެކުއްޖާ ބޮލުގައި ހިފަހައްޓާލިއެވެ.
” މަ މަ މަތީ އެނދުގަ……..” ހެވޭ ވަރުން ނުބުނެވިގެން އުޅެފައި އެޑަމް ބުނެލިއެވެ. އެހެން ބުނުމާއި އެކު އެކުއްޖާ ހަލުވި ކަމާއި އެކު މަތީ އެނދަށް އަރާ ކަމާލްގެ ގައިމައްޗަށް ޖެހިގަންނަމުން ބުނެލިއެވެ.
” އޯހް ޖާނެމަން………… ” ދެން އިވުނީ ކަމާލް ހީގަތްއަޑެވެ. ތިރީ އެނދުގައި ތިބި އެޑަމްމެން ތިބީ ހިންޏާވެގެން ބިނދިފައެވެ. ކަމާލް ބިޓެއް ނެގިކަން ނުވެސް އެނގެއެވެ. ނުވެސް ބުނެއެވެ.
” އޭތް… މަތީ އެނދު ބިނދިދާނެ،… ” ލާނެތް ފާޑަކަށް ސޮޓީ ގޮވާލިއެވެ.
” ޝަޓަޕް.. ” އެ އަންހެން ކުއްޖާގެ ބާރުއަޑުން ސޮޓީއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.
” އޭތް… ކޮންކަހަލަ ކަނބިއްޔެއް؟ އަޑުހަރު ގޮލައެއްދޯ.. ” ސިއްރު ސިއްރުން މާނިޝް ކައިރީ ސޮޓީ ބުނެލިއެވެ. މާނިޝް އިނީ ހިތްހަމަ ނުޖެހިފައެވެ.
” ކެމަލް އެއް ކަމަކު މިތަނަށް އޭނަ ގެނެސްގެން ނުވާނެ… މިތަން ބަސްޓް ވިއްޔާ ވަރަށް ކަޑަވާނެ.. އޭރުން އަހަރެމެން އެންމެން ކޯޓްވާނެ………..” މާނިޝްގެ ބަހަށް އެޑަމްވެސް އެއްބަސްވިއެވެ.
” ކެމަލް…………. ” އެޑަމް ތަންކޮޅެއް ސީރިއަސްކޮށް ގޮވާލުމުން ކަމެއް ވެއްޖެކަން ކަމާލްއަށް އެނގުނެވެ. އަވަސް އަވަހަށް ތިރިއަށް ފޭބުމުން އެކުއްޖާވެސް ފޭބިއެވެ. އެކުއްޖާ ރޫމަށް ގެނައީމަ ހިތްހަމަ ނުޖެހުނީކަން ކަމާލްއަށް އެނގުނެވެ.
” މިއީ މަގޭ ބިޓު.. ޒޫބީ… ” އެކުއްޖާ ގާތްކޮއްލަމުން ކަމާލް ބުނެލިއެވެ.
” ދެން ޓައިމް ވޭސްޓް ނުކޮށް ދީބަލަ އެތިކޮޅެއް…. “ކަމާލް ނޫނީ އެންމެންނަށް ލިބުނީ ހައިރާންކަމެވެ.
” އަހަރެން ޒޫބީ މި ގެނައީ އަހަރެމެންނާ ޖޮއިން ކުރަން.. ” އެއަޑަށް އެންމެންނަށް ލިބުނީ ޝޮކެކެވެ.
” އަދި އެބަހުރި އަހަރެންގެ ބެސްޓް ފްރެންޑް.. އޭނަ ގެންނާނީ ތިމީހުން އޯކޭ ވިއްޔާ…………” ޒޫބީ އެހެން ބުނުމުން އެޑަމްގެ ގައިގައި ސޮޓީ ކޮއްޓާލަމުން މަޑުމަޑުން ބުނެލިއެވެ.
” ބުނޭ ގެންނާށޭ.. އޭރުން އަހަންނަށް ވެސް ބިޓެއް ލިބުނީނު… ” އެޑަމް ފާޑަކަށް ބަލާލުމުން ސޮޓީ ރަކިގޮތަކަށް އިސްޖެހިއެވެ. މާނިޝް އިނީ ވާނުވާ ބަލާށެވެ.
” އެއި… މީނީ ހާދަ ތަފާތުކޮށް ހުރި ގައި އެކޭ… އެންމެން އެހާ ސްޓައިލިޝްކޮށް ހުރި އިރު ކިހިނެތް ތިހުރީ.. ބޯކޮށާފަ ރަނޑެއްހެން……..” އެކުއްޖާ އެހެން ބުނުމުން މާނިޝް އަސްލު ވަރަށް ރުޅިއައެވެ. އެހެނަސް އެއްޗެއް ނުބުނެ އިނީއެވެ.
” އެއީ އޭނަގެ ސްޓައިލް…ތިބުނާ ކުއްޖާވެސް ގެނޭ………” އެޑަމް ބުނެލިއެވެ. ޒޫބީ ފޯން ނަގާ ގުޅާލިއެވެ.
******************************
2 Comments!
Comments are closed.
https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810
This is my Facebook page..
Salaa Xifah Angel
🙂 salhi