Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 6 ވަނަ ބައި

Salaa Level 210 Stories100 Comments
February 1, 2014 8 Mins Read
0 Comments

ރާޔާއަށް ހޭލެވުނު އިރު ދަންވަރު އެކެއްޖަހައިފިއެވެ. އަދިވެސް މާނިޝްއެއް ނާދެއެވެ. ރާޔާ ތައްޔާރުވެލީ ދަމުނަމާދުގެ ދެރަކުޢަތެއް ނަމަވެސް ކޮއްލުމަށެވެ. ދަރިންކޮޅު ހޭލާތީ ގިނަވަގުތު ރޭއަޅުކަމުގައިވެސް ހޭދައެއް ނުކުރެވެއެވެ.އެކަމަކު ވީވަރަކުން ކުރެވޭތޯ އޭނާ ބަލައެވެ. ނަމާދަށް އެރިތަނުން މިޝްއަލް ހޭލައިން ކުކުރަންފެށިއެވެ. ދެން ހޭލާނީ މީޝަމްކަން ރާޔާއަށް އެނގެއެވެ. މިޝްއަލްގެ އަޑުގަދަވާ ވަރަކުން މީޝަމް ހޭލުން ކައިރިވާނެއެވެ. ސަލާމްދިންތަނާހެން ދެކުދިން ހޭލިއެވެ. ރޯވަރުން މައިތިރި ނުކުރެވިގެން ރާޔާ އަވަސް އަވަހަށް ފޯންނަގާ މާނިޝްއަށް ގުޅިއެވެ.

” އުއްހޫ… ނުނަގައްޗޭ ފޯން… އެ އަންނަ ބިޓް ބަލާލާފައެއްނު ދާނީ… ” އެޑަމް ބުނެލިއެވެ. މާނިޝް ފޯން ސްވިޗް އޮފްކޮއްލިއެވެ.

ރާޔާ ދެވަނަ ފަހަރަށް ގުޅިއެވެ. ސްވިޗް އޮފްކޮއްފައި އޮތުމުން އޭނާ ދެރަވިއެވެ. އެއްދަރިފުޅު ރޮއިރޮއި ވަރުބަލި ވެއްޖެއެވެ. އަނެއްދަރިފުޅު މާނޭވާލަމުންދެއެވެ. ރާޔާއަށްވެސް ރޮވެނީއެވެ. އޭނާ ސެޓަށް ސީޑީ އެއް ލުމަށްފަހު މަދަހަ ޖަހަން ފެށިއެވެ. މަޑުމަޑުން އެކުދިން ރުއިން މަޑުވަމުންދެއެވެ. އެއަޑަށް ސަމާލުކަންދީގެން އެކުދިން މަޑުމަޑުން ތިއްބެވެ. ރާޔާއަށް މާނިޝްއާއި މެދު ވިސްނަން އޮވެވުނެވެ.

ދޮރުގައި ޓަކިޖަހާލުމުން ސޮޓީގޮސް ތަޅުވަޅުން ބަލާލިއެވެ. އަދި މަޑުމަޑުން ދޮރުހުޅުވާލިއެވެ. ރީތި ކުއްޖެކެވެ. ލައިފައިވާ ޓޮޕްގެ ފަހަތުގެ ބޮޑުބައި އޮތީ ހާމައަށް ފެންނާށެވެ. ފަރިހިނގުމެއްގައި ގޮސް އޭނާގޮސް ހުއްޓުނީ ޒޫބީގެ ގާތުގައެވެ. އަދި އެންމެންގެ މޫނަށް އޭނާ ބަލާލިއެވެ.

” މީ މަގޭ ބެސްޓް ފްރެންޑް ސޮފާ….. ލޯބިންކިޔަނީ ސޯފީ.. ” ޒޫބީ ސޯފީއަށް އެންމެން އިންޓްރޮޑިއުސް ކޮއްދިނެވެ.

ސޯފީގެ ނަޒަރު ހުއްޓިފައިވަނީ މާނިޝްއަށެވެ. އޭނާ މަޑުހިނގުމެއްގައި ގޮސް މާނިޝްގެ ގާތުގައި އިށީންނަމުން ޒޫބީއަށް ބަލާލިއެވެ.

” ހާދަ ލޯބި ލޯބި ބިޓެއް މީ……..” ސޯފީ އެހެން ބުނުމުން ސޮޓީ ކޮއްޓާލީ އެޑަމްގެ އުޅަނބޮށީގައެވެ.

” ކަޔެ ޖޭވީދޯ..” މަޑުމަޑުން އެޑަމް ބުނެލިއެވެ.

” ކޮންނަމެއް ކިޔަނީ؟ ” އަސަރުގަދަ ގޮތަކަށް ސޯފީ މާނިޝް ގާތު ބުނެލިއެވެ.

” އެއީ މާޓިން… މިހުރީ އެޑަމް..މަށަކީ ސޮޓީ……” ވާހަކަ ދައްކާހިތުން ނުހުރެވިގެން ސޮޓީ ބުނެލިއެވެ.

ސޯފީ ހީލަމުން މާނިޝްގެ އަތްމަތީ އަތްބާއްވާލިއެވެ. މާނިޝް އަތް ދަމައިގަންނަމުން ހަޅޭއްލަވައިގަތެވެ

” ކިހިނެތްވެގެން ތިއުޅެނީ؟ ކަޔެ މިތަނަށް ތިއައީ އެހެން އެދުމެއްގައިތަ؟ ނޫނީ ޔޫޒްކުރަންތަ؟ ” މާނިޝްގެ ރުޅިވެރި މޫނުފެނި ސޯފީގެ މޫނު ރަތްވެގެން ދިޔައެވެ.

” ޗި…. އަހަރެމެން ޔޫޒް ކުރަން ޖައްސާ ފުރަތަމަ ތަނެއް ނޫނޭ މިއީ…އަހަރެމެންނަށް ޑިމާންޑް އޮވޭ އެތައް ތަނަކުން.. އަހަރެމެން މިއީ ކަޔެ މެންނަށްވުރެން ޕްރޮފެޝަނަލްކޮށް ޖައްސާ ބައެއް. ” ސޯފީގެ ޖުމުލަތަކުން އެހެން އެންމެން ތިބީ ހައިރާންވެފައެވެ.

” އަހަރެމެންނާ ގުޅިއްޖެނަމަ މިކަން ކުރަން ވަރަށް ފަސޭހަވާނެ… ވިސްނާލާ… ” ދަބަސް ނަގާ ކޮނޑުގައި އަޅުވަމުން ސޯފީއާއި ޒޫބީ ހިނގައިގަތެވެ.

” ހެ… ހެލޯ… އަހަރެމެންނާ ޖޮއިވާނަން ތިމީހުންނާ……….” މާނިޝް ބުނެލިއެވެ.

” ތޭންކްސް މާޓިން…. ” ސޯފީ އައިސް މާނިޝްގެ ކޮނޑަށް އަތްވައްޓާލިއެވެ.

މާނިޝް ހިނިތުން ވެލަމުން އެޑަމް އާއި ޓަޗެއް ޖަހާލިއެވެ.

އުފާވެރި ދިރިއުޅުމަކަށް ފެންބޮވައިގަނެފައިވާ ރާޔާގެ ދިރިއުޅުން ބަދަލުވެގެންދާނީ ކިހިނެތްބާވައެވެ.؟ އެފަކީރުގެ އިހްސާސްތައް ދަންނާނީ ފަހެ ކާކުބާވައެވެ؟ އެ ހިތުގެ ކެކުޅުންތައް އަޑުއަހާނީ ކޮން ކަންފަތަކުން ހެއްޔެވެ؟ އޭނާ އެ އުޅޭ ޙާލު ދެކިލާނެ ލޮލެއް ވޭހެއްޔެވެ؟

ފޯން ރިންގްވާއަޑަށް ރާޔާ ބަލާލިއެވެ. ރިޔާޒް ގުޅަނިއެވެ. އަވަސް އަވަހަށް ރާޔާ ފޯން ނެގިއެވެ.

” ދޮންތާ… ކޮބާ ކޮއްކޮމެން ރަނގަޅުތަ؟ “

” ހޫމް… ހުރިހާ ކަމެއްވެސް ރަނގަޅު.. ކުރިންދުވަހު ބުނީމެއްނުދޯ ވަޒީފާ މާލެ ބަދަލުވާކަހަލަ ވާހަކައެއް… ކިހިނެތް އެކަންތައް އޮތީ؟ ” ރާޔާ އަހާލިއެވެ.

” ހޫމ.. އެވާހަކަ ބުނާށޭ މިގުޅީ… އެމީހުން ބުނީ ދެތިން އަހަރު ވަންދެން އަދި އައްޑުއަތޮޅުގަ މަޑުކުރާށޯ…”

” ދެތިން އަހަރު؟ ” ރާޔާއަށް ބުނެވުނެވެ.

” ހޫމ.. ދެން އެކަމު ދެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރގަ..އަބަދު ދަތުރެއްވެސް ނުކުރެވޭނެއެއްނުދޯ… ތިކޮޅަށްގޮސް އޮފީހަކަށް ވަންނާނީ.. ސްކޫލަކު ނޫޅެވޭނެ.. ވަރަށް ބުރަ.. “

ވާހަކަދައްކާލުމަށްފަހު ރާޔާ ފޯން ބޭއްވިއެވެ. ރާޔާ ވަރަށް ދެރަވިއެވެ. އޭނާއަށް އަޅާލާނެ ހަމައެކަނި ކޮއްކޮވެސް އެހުރީ ދުރުގައެވެ. ރާޔާއަށް އެކަނިވެރިކަން އިހުސާސްކުރެވެން ފެށިއެވެ. ވިސްނާލަން އިނުމަށްފަހު ގަޑިބަލާލި އިރު ހެނދުނު ނުވައެއް ޖެހީއެވެ. އަދިވެސް އިއްޔެ ގެއިން ދިޔަގޮތަށް މާނިޝް ގެއަށް ނާދެއެވެ. އަލަމާރި ހުޅުވާލުމަށްފަހު ވޮލެޓް ބަލާލި އިރު އޮތީ އެންމެ ވިހި ރުފިޔާއެވެ. އެކުދިން ކާ ދަޅު އެހުރީ ހުސްވެފައެވެ. ކޯސްޓެއް ނެތެވެ ޔޯގަޓެއް ނެތެވެ. ރާޔާ ކާންޖެހޭ މޭވާ ކޮޅެއް ތަރުކާރީކޮޅެއް ނެތެވެ. ރާޔާ އަލަމާރީގައި ލެނގިލިއެވެ. އޮތްތަނުގައި ވޮލެޓް ބޭއްވުމަށްފަހު ކޮށީގައި އިން މީޝަމްގެ ކައިރީގައި އިށީނެވެ. އަދި އެދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ،

” މަންމައަށް މައާފްކުރޭ ދަރިފުޅާ… ދަރިފުޅުމެންނަށް އަދާކޮއްދޭންޖެހޭ ހައްޤު މަންމައަށް އަދައެއް ނުކޮއްދެވޭ… ބަނޑުހައިވިޔަސް ދޭނީ ކޯއްޗެއް… ދަރިފުޅުމެން ދޫކޮއްލާފަ ފައިސާ ހޯދަން ނުކުންނާނީ ކިހިނެތް؟ ” ރާޔާއަށް ރޮވުނެވެ. އަޑު ކުރަކިވިއެވެ. ކުޑަކުޑަ މީޝަމް ހީލަހީލާ އިނެވެ. ދެލޮލުން ފައިބާ ކަރުނަތައް ފޮހެލަމުން ރާޔާ ބުނެލިއެވެ. ” މަންމަ އަބަދުވެސް ބޭނުންވަނީ ތިގޮތަށް ހެވިފަ ހުރުން…….”

އެތަނުން ތެދުވެގެން ފޯން ނެގުމަށްފަހު މާނިޝްއަށް ގުޅިއެވެ. އަދިވެސް ފޯން އޮތީ ނިވިފައެވެ، އެކުދިން ބަނޑުހައިވާން ކައިރިވީ ވަރަކުން ރާޔާއަށް އުނދަގޫވެއެވެ. މާނިޝް އުޅޭ ތަނެއް އެނގެނީކީވެސް ނޫނެވެ. މިޝްއަލް މުށިގަނޑުމަތީގައި ބޭންދުމުން ފިރުކެން އުޅުނު ތަން ރާޔާއަށް ފެނުމުން އޭނާއަށް އިހުސާސްވީ ބުނެދޭންވެސް ނޭނގޭފަދަ ބޮޑު އުފަލެކެވެ. ހެވިފައި ރާޔާ އިންދާ ވަރަށް ބާރަށް ކޮޓަރި ދޮރު ލެއްޕުނު އަޑަށް އޭނާ ސިއްސައިގެން ދިޔައެވެ، އޭރު މާނިޝް އާދެއެވެ. އޭނާ އައި ގޮތަށް އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އެއިން ކުއްޖަކާ ދިމާއަށް ބަލާވެސް ނުލައެވެ ރާޔާއަށްވެސް ސަމާލުކަމެއް ނުދީއެވެ.

“  މާން… މާން… ” ރާޔާ ލޯތްބާއި އެކު ގޮވާލިއެވެ.

” ހޫމް… ކީކޭ؟ ‘” މަޑުމަޑުން މާނިޝް ބުނެލިއެވެ. ރާޔާ ތެދުވެގެން ގޮސް އެނދުމަތީ އިށީނުމަށްފަހު މާނިޝްގެ ބޮލުގައި ފިރުމާލިއެވެ.

” މާން…. ބަލާލަބަލަ ތެދުވެ މިޝްއަލް ފިރުކެނީ…. ބަލާލަބަލަ… ” ރާޔާގެ އަތުގައި ހިފާ ބާރުކޮއްލަމުން މާނިޝް ބުނެލިއެވެ.

” ދެން މާދަމާ ބަލާނީ………..” ރާޔާ އިސްޖެހިއެވެ. މިހާރު ދަރިންނަށް ދޭންވާ ލޯބި ދޭންވެސް މާނިޝް ބޭނުން ނުވަނީ ބާވައޭ ހިތައް އެރިއެވެ. ދުރު ބަލަހައްޓައިގެން އިނދެ ރާޔާ އަނެއްކާވެސް ބުނެލިއެވެ.

” ވޮލެޓްގަ ނެތް ރުފިޔާއެއްވެސް…. އެކުދިންނަށް ބޭނުންވާ އެއްޗެހިވެސް ހުސްވެފަ…………..” ރާޔާ އެހެން ބުނުމުން މާނިޝް ތެދުވިއެވެ، އަދި ފާޑަކަށް ހިނގާފައިގޮސް އަލަމާރި ހުޅުވާލުމަށްފަހު އެކި ތަންތަނަށް އަތްކޮއްޕަން ފެށިއެވެ. ރާޔާ ހުރީ ހައިރާންވެފައެވެ. މާނިޝް އެނބުރުނު އިރު އަތުގައި ރަބަރު އަޅުވާލައިފައިވާ ފަސްސަތޭކައިގެ ނޫޓު ބޮނޑިއެއް އޮތެވެ. އެ ފައިސާތައް ރާޔާގެ އަތަށް ލުމަށްފަހު މާނިޝް އެނދަށް ޖެހިގަތެވެ. މިހާ ގިނަ ފައިސާ މާނިޝް ހޯދީ ކޮންތާކުން ބާވައޭ ރާޔާ ހިތައް އެރިއެވެ.

 ރާޔާ މާނިޝްއަށް ގޮވާލުމުން އެނބުރިލުމަށްފަހު މާނިޝް ލޯ ހުޅުވާލިއެވެ.

” މާން… ލޯ ހާދަ ރަތޭ… ފެންވެސް އެބަ އާދެ… ލޮލުގަ ރިއްސަނީތަ؟ ” ރާޔާއަށް ފާހަގަ ކުރެވިގެން އޭނާ ބުނެލިއެވެ.

” އޭނ.. ރަ ރަތޭ…އެ އީ ރޭގަ ނުނިދެތީ…. ނިދާލަން އަހަރެން ބާއްވަބަލަ……..” މާނިޝް އެހެން ބުނުމުން ރާޔާ ތެދުވިއެވެ. އަދި ފަސްސަތޭކަ ރުފިޔާ ނެގުމަށްފަހު ފައިސާތައް އަލަމާރިއަށް ލިއެވެ.

” މާން.. އިހަށް ނުނިދާ މަޑުކޮއްލަދިބަލަ… އަހަރެން މިއަންނަނީ މިތާ ކައިރީގަ ހުރި ފިހާރައަށް ގޮސް.. އެކުދިން ބަލާލައްޗޭ…….”

މާނިޝް ބޮހިއްލާ ލުމަށްފަހު އާނއެކޭ ބުނުމުން ރާޔާ ކޮޓަރި ދޮރު ލެއްޕުމަށްފަހު ނުކުތެވެ.

ބޭނުންވާ ސާމާނު ގަނެގެން ރާޔާ އައެވެ. ގެއަށް ވަތްއިރު ވަރަށް ބާރަށް ދެކުދިން ރޯއަޑު އިވެއެވެ. ސޯފާގައި ކޮތަޅުބެހެއްޓުމަށްފަހު ދުވެފައިގޮސް ކޮޓަރި ދޮރުހުޅުވި އިރު މީޝަމް އޮތީ ކޮށިން ވެއްޓިފައެވެ. މިޝްއަލް ހުރީ އެނދުކައިރީ ކޮޅަށް ތެދުވެއެވެ. އޭރުވެސް މާނިޝް އޮތީ އެނދުގައެވެ. އަނެއްފަރާތަށް އެނބުރިއެވެ. ވެއްޓިފައި އޮތް މީޝަމް ނެގުމަށްފަހު ރާޔާ އަވަހަށް މިޝްއަލް ގަޔާ ކައިރިކޮއްލިއެވެ. އެހާ ބާރަށް ދެކުދިން ރޯއިރުގައިވެސް މާނިޝް އަޅާވެސް ނުލާ އޮތީތީވެ ރާޔާ  ވަރަށް ދެރަވެއްޖެއެވެ. މާނިޝްއަށް ބަލަމުން ބަލަމުން ރާޔާ ދެކުދިން މައްސަލާކުރަން އުޅެއެވެ. މީޝަމްގެ ބޮލުގައި ފިރުމަމުން ދެއެވެ. އެންމެ ފަހުން މާނިޝް އަޅާނުލުމުން ރާޔާގެ ހިތްފަޅައިގެން ދިޔައެވެ.

” މާން!……. ” ވަރަށް ބާރަށް ރޮވިފައި ރާޔާ ގޮވާލުމުންވެސް މާނިޝް ބަލާ ނުލިއެވެ. ދެކުދިން ގޮވައިގެން ކޮޓަރިން ނުކުތުމަށްފަހު ސިޓިންގ ރޫމުގައި ބޭތިއްބިއެވެ. އަދި ޔޯގަޓް ނަގާ ދެކުދިންނަށް ކާންދީހެދިއެވެ. ބޮޑުތައްޓަކަށް ފެން އަޅައިގެން ދަމަމުން ދަމަމުން ތަށިގެނެސް ދެކުދިން ތައްޓަށް ލައި މަޖާކުރަން ފެށިއެވެ. ކުދިން ހޭ ވަރަކަށް ރާޔާގެ ލޮލުން ފައިބަނީ ކަރުނައެވެ.

ސޯފާގައި ބައިތިއްބައިގެން ދެކުދިން ރީތިކޮށް ސިޓިންގ ރޫމްގައި އެލުވާފައިވާ ދެ އުނދޯއްޔަށް ދެކުދިން ލައިގެން ހެއްލުމުން ވަރަށް އަވަހަށް ދެކުދިން ނިދާލިއެވެ.

ތަންމަތީ ބޭތިއްބުމަށްފަހު ރާޔާ މާނިޝްއަށް ބަލާލިއެވެ. ބަންޑުން އޮތް މާނިޝްގެ ބުރަކަށީގައި ފިރުމާލުމަށްފަހު ބޯއަޅާލި ވަގުތު މާނިޝް ކުޑަކޮށް ކެއްސާލިއެވެ. ރާޔާ އަވަހަށް ތެދުވެ އަނެއްކާވެސް ބުރަކަށީގައި ފިރުމާލިއެވެ.މާނިޝް މަޑުމަޑުން ފުރޮޅިލިއެވެ. ރާޔާއަށް ކޮޅަށް ތެދުވެވުނެވެ. މާނިޝްގެ އަނގައިން ރޮނގަކަށް ލޭ ފައިބައި ހިކިފައި ހުއްޓެވެ. ރާޔާ ގުދުވެލަމުން ގޮވާލިއެވެ.

” މާން…. ” މާނިޝް ލޯހުޅުވާލިއެވެ. އަދި ކުއްލިއަކަށް ތެދުވެ ކޮޓަރިއަށް ބަލާލިއެވެ. އޭނައަށް ގެއަށް އާދެވުނުކަމެއްވެސް ނޭނގެއެވެ.

” މާން…..” ރާޔާގެ މޫނުމަތިން ކަންބޮޑުވުން ފެންނަން ހުރުމުން ކަމެއް ވެއްޖެކަން މާނިޝްއަށް އެނގުނެވެ.

” ލޭ… ” ތުންފަތާއި ދިމާއަށް އިނގިލި ދިއްކޮއްލަމުން ރާޔާ ބުނެލިއެވެ. މާނިޝް އަވަސް އަވަހަށް ތުންފަތުގައި އަތްޖައްސާލިއެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ ފާޚާނާއަށް ވަނެވެ.

” މާން އަހަންނަށް ކޮންކަމެއް ސިއްރުކުރަނީ؟ މާން ބަލީތަ؟” ރާޔަ ދެރަވެލާފައި އަހާލިއެވެ. މާނިޝް ގައިހިއްކަން ހުރެފައި ބުނެލިއެވެ.

” ބައްޔެއްނޫން…. ” އެހެން ބުނުމަށްފަހު ޓީޝާޓް ލާން ހުރެފައި ދެކުދިންނަށް ބަލާލިއެވެ. އެދެކުދިންނާ ދިމާނުވާތާ ހަފްތާއެއްވަރު ވެދާނެއެވެ. ލޯބި ލޯބިން ނިދާފައި ތިބި ދެކުދިން ފެނުމުން މާނިޝްގެ ހިތަށް އޭނާގެ ދިރިއުޅުން ހަނދާންވިއެވެ. މާނިޝްބަލާލީ ރާޔާއަށެވެ. މި ހައެއްކަމަސް ދުވަހުގެ ތެރޭގައި ރާޔާ ހިކިފައިވާ ވަރު ފެނުމުން މާނިޝްވެސް ދެރަވިއެވެ. އޭނާއަށް ހިމޭން ވެވުނެވެ. މަޑުމަޑުން ދެކުދިންގެ ކޮލަށް ބޮސްދިނެވެ

” އަހަންނާ ހާދަ ވައްތަރޭ ދޯ… ” މާނިޝް އެނދުގައި އިށީނެވެ. ރާޔާ އަދިވެސް ހުރީ އަލަމާރީގައި ލައްވެގެންނެވެ.މާނިޝްގެ ހަރަކާތްތަކަށް ބަލާށެވެ.

” އެއީ މާންގެ ލެޔޭ……….” އެޖުމުލައިން މާނިޝްއަށް ބަލާލެވުނެވެ.

” އާދެބަލަ…. ރެއިން،،،،،،،،،،،،” އެތައް ދުވަހެއް ވަންދެން ބޭނުން ނުކޮށް ހުރި އެބަސް މިޔަދު މާނިޝްގެ ދުކުން ބޭރުވުމުން ރާޔާއަށް ލިބުނީ ބުނެދޭން ނޭގޭ ކަހަލަ އުފަލެކެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް އެނދުގައި އިށީނެވެ.

” އާދެބަލަ އަހަރެންނާ ތަންކޮޅެއް ގާތަށް……” އެ ލޯބި އަޑުން ރާޔާ އާއި އަނގައިން ނުބުނާތާ ކޮންދުވަހެއް ހެއްޔެވެ؟ ރާޔާ އެހާމެ ލަހުން މާނިޝްއާއި ދާދި ގާތަށް ޖެހިލިއެވެ، ރާޔާގެ ދެކޮނޑުގައި ހިފާ މާނިޝްގެ މޭގައި ލައްކޮއްލުމުން ކޮންޓްރޯލްކޮއްފައިވާ ކަރުނަތައް މާނިޝްގެ މޭމައްޗަށް ބަންޑުންކޮއްލިއެވެ. ރާޔާ އެރޮނީ ކީއްވެކަން މާނިޝްއަށް އެނގެއެވެ.

” އަހަންނަށް އެނގޭ ރެއިން ބޭނުންވާ އެއްވެސް ލޯތްބެއް އަހަރެންނަށް ނުދެވޭކަން…..ރެއިން އަހަންނަށް ބޭނުންވާނެވަރުވެސް އެނގޭ……..”

“ނޫން…. މާންއަށް އެއްވެސް ކަމެއް އިހުސާސެއް ނުވެ.. އަހަރެން ޝަކުވާ ނުކުރަނީ ތިއީ އަހަރެންގެ ފިރިމީހާ ވީމަ.. އަހަރެން މާންއަށް ޤަދަރު ކުރާތީ… އަހަރެން ބޭނުން ނުވަނީ ގެއަށް އައިސް ވަންނަތަނުން ޝަކުވާ ކުރަން… އެއްޗެހި ކިޔަން… އަހަރެންވެސް މިއުޅެނީ އެކަނި.. ދެކުދިން ގޮވައިގެން މާންގެ ހުރިހާ ކަމެއްވެސް ބަލަހައްޓަމުން… އެންމެ ކަމެއް ފިޔަވާ… ” ރާޔާ ވާހަކަ ދައްކަމުން ދިޔައިރު މާނިޝް ރާޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ދެފަރާތަށް ބޯހޫރަން ފެށިއެވެ.

” ނޫން… ދެން ނުރޮއި… އަހަރެން ޤަބޫލު ކުރަން ތިއީ ވަރަށް ފުރިހަމަ އަތްބެއްކަން…. ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ކޮއްދޭ… ރެއިން ތިބުނާ އެންމެ ކަމަކީ އަހަރެންގެ ސަބަބުން ނުކޮއްދެވޭ ކަމެއް……. “

” މާން ކީއްވެ؟ އަހަރެން ބޭރަކަށް ނުދަން… އެއްވެސް ފިރެހެނަކާ ވާހަކައެއްވެސް ނުދައްކަން… އެއްވެސް ގުޅުމެއްވެސް ނުބާއްވަން… އަހަންނަށް ފިރިއެއްގެ ފަރާތުން ލިބެންވާ ލޯތްބާ އަރާމާ އުފާ ނުލިބޭތާ ހަމަސް ދުވަސްވީ.. އެކަމަކުވެސް…. އެކަމަކުވެސް އަހަރެން މިހުރީ ވަފާތެރިކަންމަތީ މާންގެ އަތްބެއްގެ ގޮތުގަ ސާފުތާހިރުކަންމަތީ… މާން ތިއީ އަބަދުވެސް ބޭރުގަ އެކި ދިމާ ދިމާލުގަ އުޅޭ މީހެއް… އަންހެނުންވެސް ފެންނާނެ… މާންއަށް އަންހެންކުދިންވެސް ވާނެ… އެކަމަކު އަހަރެން އަބަދުވެސް އުއްމީދުކުރަން އަހަރެންގެ ފިރިމީހާ ގޯސްކަމެއް ނުކުރާނެ ކަމަށް! ނުބައި މަގެއް އިހުތިޔާރު ނުކުރާނެކަމަށް…………”

” ފުދިއްޖެ… ރެއިން… ފުދިއްޖެ! ރެއިންއަށް ހީވަނީތަ އަހަރެން ރެއިން އާއި އެކު އެފަދަ ގުޅުމެއް ނުބާއްވަ އެހެންމީހުންނާއެކު އުޅެނީކަމަށް؟ ” މާނިޝްގެ ލޮލުން ކަރުނަ ވިދަން ފެށިއެވެ.

” ނޫން… ދުވަހަކުވެސް ޝައްކެއް ނުކުރަން……….ދެމީހުންގެ ދެމެދުގަ މިހާ ގިނަދުވަސް ވަންދެން މިހާ ބޮޑު ދުރުކަމެއް އުފެދިފަ އޮތް އިރުގައިވެސް ދުވަހަކުވެސް ނާހަމެއްނު އެކަހަލަ އެއްވެސް އެއްޗެއް… ﷲ އިރާދަފުޅުން އަހަންނަށް އެފަދަ ނުބައި ސިފައެއް ދެއްވާފައެއްނުވޭ.. ފިރިންނަށް ޝައްކު ކުރުމަކީ ވަރަށް ނުބައި ސިފައެއް.. ނަމާދުކުރަ ކޮންމެ ފަހަރަކު މާން ތެދުމަގުން ކައްސާނުލުމަށް އެދި ދުޢާ ކުރަން… އެހެންވެ އަހަންނަށް ވަރަށް އިތުބާރު އޮވޭ ތީ ވަފާތެރި ފިރިއެއްކަމުގަމުގައި… ” ރާޔާ ގެނެސް މާނިޝްގެ މޭގައި ޖައްސާ ބާރުކޮއްލަމުން މާނިޝްބުނެލިއެވެ.

” އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް ދުވަހަކުވެސް ހިލޭ އަންހެނަކާއެކު އެއްވެސް ގުޅުމެއް ނުބާއްވަން……. އެއީ އަހަރެން ކުރާނެ ކަމެއްނޫން…… އަހަރެން ރެއިންދެކެ ވާލޯބި މާ ބޮޑު…..” މާނިޝްގެ ގައިގައި ރާޔާ ބާރަށް ހިފަހައްޓާލިއެވެ.

” މާން…… ކެއްސާތީތަ ކަރުން ލޭ އަންނަނީ؟ ” ރާޔާގެ ސުވާލުން މާނިޝް ހާސްވިއެވެ

” އޭނ.. ހުނ.. ހޫމް.. ބައެއްފަހަރު އެހެން ވާނެ……. މާނިޝް ގަސްތުގައި އޮޅުވާލިއެވެ.

” ދޫނި… މާން އެބަޖެހޭ ބޭރަށް ގޮސްލަން.. މިރޭ ވަރަށް އަވަހަށް އަންނާނަން.. އިންތިޒާރުކުރައްޗޭ…….” މާނިޝް އަލަމާރި ދޮރުހުޅުވާލަމުން ބުނެލިއެވެ. ރާޔާ ހިނިތުންވަމުން ބޯޖަހާލިއެވެ.

” ރެއިން……. އެއްވެސް މީހަކު އަލަމާރި ހުޅުވިތަ؟ ” ހާސްވެފައި މާނިޝްއަހާލިއެވެ.

” އަހަރެންނެއްނު ހުޅުވާނީ…… ” ރާޔާ ބުނެލިއެވެ.

” މީގަ ހުރި… ރުފިޔާ……. އާނ ފެނިއްޖެ.. ކީއްވެ މިތާމިހުރީ؟”

” މާން އެއްނު ދިނީ އަހަރެންއަތަށް އެއްޗެހި ގަންނަން ރުފިޔާ ނެތީމަ…….” ރާޔާ ތެދުވެގެން އައިސް މާނިޝްގާތު ހުއްޓުނެވެ.

” ކޮންއިރަކު……….” މާނިޝް ނުވިސްނިގެން އެހިއެވެ.

” މިޔަދު ހެނދުނު ބޭރުން އައިސް އޮށޯތްތަނާ……. އަހަރެން ތީގެން ނެގީ ފަސްސަތޭކަ ރުފިޔާ… ހިތައްވެސް އެރި ހާދަ ބައިވަރު ރުފިޔާއެކޭ މީ…… އެކަމަކުވެސް އަވަހަށް ދިޔައީ….އަދި އަހަރެން ދިޔައީ ދެކުދިން ހަވާލުކޮއްފަ ބަލާލާށޭ ކިޔާފަ.. އައި އިރު ރޮނީ.. މީޝަމް އޮތީ ވެއްޓިފަ….. މާންއަށް ހީނުވެ ކަމެކޭވެސް.. އަހަރެން ވަރަށް ދެރަވި…….”

” އަހަންނަކަށް ނޭނގެ ތިއިން އެއްވެސް ކަމެއް ވީކަމެއް……… މީޝަމްއަށް އަނިޔާވިތަ؟” މާނިޝް އަދިވެސް ހުރީ ހާސްވެފައެވެ.

” ނޫން.. ރަނގަޅު.. ނޭނގޭނެއެއްނު މާން ހުރީ މާ ނިދިއައިސްފަ……..” ރާޔާ މާނިޝްގެ ބަނޑުގައި އަތްލަމުން ބައްދާލިއެވެ. ރާޔާ އެހުރީ ވަރަށް އުފާވެފައެވެ. މާނިޝްއާއި ވާހަކަ ދައްކާލާ ހަދާލަން ވަގުތު ކޮޅެއް ލިބުމުންނެވެ. އަދި މިރެއަށް އިންތިޒާރުކުރަން ބުނުމުންނެވެ،

” ރެއިން އަހަރެން ދަނީ އިނގޭ.. މީ މީހެއްގެ އެއްޗެކޭ.. މިއަށް ފަސްސަތޭކަ ލާންވެސް ވާނެދޯ…….ބޭރު ކޮޓަރީގެ ކުއްޔެއް ނުލިބޭތަ އަދިވެސް،، މަސްނިމުނީނު..”

” އާނ.. އެހެންވެ އަހަރެން އަތުގަވެސް ރުފިޔާ ނެތިގެން މިއުޅެނީ…….. އެމީހުންނަށް ގުޅީމަ ބުނީ ދޭނަމޭ…..” ރަޔާ އެހެން ބުނުމުން ރާޔާގެ ކޮލުގައި ހިފާލަމުން މާނިޝް ބުނެލިއެވެ.

” ދެން ދަނީ އިނގޭ ދޫނި…….”

” ކާންވީނު އިހަށް.. ކައިގެން ދާނީ…ދޯ……” ރާޔާގެ ޖުމުލައިން މާނިޝް ހުއްޓުނެވެ.

” ލޯބި ކާލަންވީނު… މާން ކާނަމޭ ބޯޓުން… ” ރާޔާގެ އަތުގައި ހިފާލަމުން މާނިޝް ބުނެލިއެވެ.

” ބޯޓެއްގަތަ އުޅެނީ؟ މުދާ އުފުލަން ދޯ.. ހާދަ ބުރަވާނޭ……” ރާޔާ ދެރަވެލާފައި ބުނެލިއެވެ.

” ހޫމ… ރުފިޔާ ލިބޭނެގޮތަކަށް އުޅެންވާނެ އެއްނު… އަހަރެމެންގެ ދެކުދިންނަށް އެކައުންޓެއް ހުޅުވައިގެން ސޭވް ކުރަނީ.. މިހާރު ލައްކައެއް އުޅޭނެ… ދެން ދޭ އަވަހަށް ކާން.. ” ރާޔާ ދެލޯބޮޑުވިއެވެ.

” ހުވާތަ؟ މާން.. ފޮނިކެނޑިޔަސް ހެޔޮ..ބުނަންތަ؟ މާންއަށް ކައްކާފަ ހުންނަ ހުރިހާ އެއްޗެއް ކޮންމެ ދުވަހަކު ޖެހެނީ އުކާލަން… ވަރަށް ދެރަކަމެއް އެއީ…… އަހަރެން ބަރާބަރަށް ކައްކަން…….” ރާޔާ އެހެން ބުނުމުން ހެވިލާފައި މާން ބުނެލިއެވެ.

” ކައްކާނެ ކަމެއް ނެތޭ.. އެތާ އުޅޭ އިރު ބަރާބަރަށް ކަން،،،،،،، ދެން އަހަރެން އައީމަ އަހަރެން ބުނީމަ އެއްޗެއް ކައްކާލާނީ… ދެން ކުދިންނަށް ކާންދީފަ ރެއިން ކައިގެން ހުރީމަ އަހަރެން ހިތްހަމަ ޖެހޭނެޔޭ…….” ރާޔާ ހީލުމުން މާނިޝް ނުކުތެވެ. ރާޔާހުރީ ވަރަށް އުފަލުންނެވެ.

***************************

ބާރުބާރަށް ގޮސް ވަތްއިރު އެންމެން ތިބީ ތާސްކުޅޭށެވެ.

” އޭ.. ސޯފީ… ރޭގަ ޔޫޒް ކުރި އެއްޗަށް ކޯއްޗެއް އެޅީ؟ ” މާނިޝް އަވަސް އަވަހަށް ސުވާލުކުރިއެވެ.

” ޕިސް… އެއީ ނިއު ޕައުޑަރ އެއް،،ސަޅިދޯ.. ” ސިނގިރޭޓް ބުރި ދިއްކޮއްލަމުން އޭނާ ބުނެލިއެވެ.

” ވަރަށް ސަޅިއެއްނު… މަށަށް ކުރެވުނު ނުކުރެވުނު ކަމެއްވެސް އެނގުނީކީ ނޫން…އަންހެނުން ފިހާރައަށް ދާން ބުނީމަ މި ރުފިޔާ ބޮނޑި ދެވުނީ…… އޭނަ އެހީމަ މަދެން ވާހަކަ ދައްކާ ހަމަޖައްސާލިން…..”

އެންމެން ހޭންފެށިއެވެ.

” މަ އަނގައިން ލޭވެސް އައި……”

” އެތިކޮޅެއްދޯ އައީ… މަގޮލާ ހޮޑުހެން އަނގައިން ލޭއައި… ” ސޮޓީ ބުނެލިއެވެ.

” އަސްލު ވަރަށް ހާޑު އޭތި.. ” އެޑަމް ގަނޑެއް ޖަހަމުން ބުނެލިއެވެ.

” ވަރަށް ސަޅިދޯ.،،، އަސްލު މާޓިން ދިޔަކަމެއްވެސް ނޭނގުނޭ.. ” އެޑަމް އަނެއްކާވެސް ބުނެލިއެވެ.

” އޭ ކޮބާ ކެމަލް.. ޒުބީއެއްވެސް ނެތެއްނު……” މާނިޝް ހޯދާލަމުން ބުނެލިއެވެ.

” އެތިބީ މަތީ އެނދުގަ ނިދާފަ.. ” ސޯފީ މާނިޝްއާއި ގާތްވެލަމުން ބުނެލިއެވެ. ސޯފީ ބޭނުންވަނީ މާނިޝް އޭނާގެ ދަލުގައި ޖައްސާށެވެ. ނަމަވެސް އަދިވެސް އެކަން ވާގޮތެއް ނުވެއެވެ.

” އޭ މަޗާ! މަ އެބަދާންޖެހޭ މިރޭ ތަންކޮޅެއް އަވަހަށް… އަންހެނުން ތަންކޮޅެއް ބަލިކޮށް އުޅޭތީ……..” މާނިޝް އިށީންނަމުން ބުނެލިއެވެ. ދެވޭތޯ ރޮކެޓެއް ޖަހާލަނީއެވެ.

“މިވީ ހައެއްކަ މަސް ދުވަސްތެރޭގަ އަދިކިރިޔާ ދޯ އަންހެނުން ބަލިވީ؟ ” އެޑަމް ބުނެލިއެވެ. ދިމާކޮއްލުމުގެ ރާގަށެވެ. އެހެން ބުނުމުން ސޯފީގެ މޫނުމައްޗަށް ހައިރާންވުމުގެ ކުލަވަރު އެރުމުން ސޮޓީ ބުނެލިއެވެ.

” ސޯފީއަށް އެނގޭތަ؟ މީނަގެ ދެކުދިން ވިހޭ ފަހުން އަދި އަންހެނުންކައިރީ ނިދާލަން ގެއަށް ނުވަދެ… ހެނދުނު ނޫނީ މެންދުރު ގެއަށްދާނީ…….” ސޮޓީގެ ޖުމުލައިން ސޯފީ ބުނެލިއެވެ.

” ގެއަށް ވަންނަތަނުން ބޯ ފަޅާލާ ހަޅޭއް ފަޅޭއް ޖަހާނެ ދޯ……..”

” ނޫން… ދުވަހަކުވެސް ދުވަހަކުވެސް ނުބުނާނެ އެއްޗެއް…. ރުޅި ބަހެއް ނުބުނާނެ މަށާ ދިމާލަށް ދުވަހަކުވެސް…” ސޯފީއަށް ބަލާލަމުން މާނިޝް ބުނެލިއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 5 ވަނަ ބައި

Next

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 7 ވަނަ ބައި

Next
February 1, 2014

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 7 ވަނަ ބައި

Previews
February 1, 2014

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 5 ވަނަ ބައި


All Right Reserved!