“ހިތް” ލޭ ކޮށެވިފައި…..02
ސިންކު ކައިރީގައި ރެއަށް ކައްކަން ހަނޑޫ ދޮންނަންހުރި ޖަޒްލީއަށް ސިހިފައި ތެޅިގަނެވުނީ ފަހަތުން އޭނާގެ ބަނޑުގައި ބާރުގަދަ ދެ އަތުން ވަށާލުމުންނެވެ.
************************
ފަހަތަށް އެނބުރި ބަލައިލިއިރު ކުރިމަތީގައި ނުލަފާ ފާޑަކަށް ހިނިއައިސްފައި ހުރި ހަސަންމަނިކު ފެނުމުން ޖަޒްލީގެ އަތްފައި ފިނިވެގެން ދިޔައެވެ.އޭނާ އެގެއަށް އައިސް މިވީ ދޮޅުމަސްދުވަހުގެ ތެރޭގައި ހަސަންމަނިކު ވަގުވަގަށް ޖަޒްލީއަށް ކިތަންމެ ބެލިޔަސް ގައިގައި އަތްލީ މިއީ ފުރަތަމަ ފަހަރެވެ.
ގަމީހުގެ ޓައީ ދޫކުރަމުން އެތެރެއަށް ވަދެގެން އައި ރުހާންއަަށް ބައްޕަ ފެނުމުން މަންމަ ކޮބައިތޯ ސުވާލު ކޮށްލިއެވެ.އެއަޑަށް ފުރަގަސްދީގެން ހުރި ހަސަންމަނިކު ކުއްލިއަކަށް ނުވާކަމަކަށް ހަދާލާފައި ގޮސް ފުރިޖު ހުޅުވައިލުމަށްފަހު ފެންފުޅިއެއް ނަގައި އަނގައާއި ދިމާކޮށް އޮއްސާލުމަށްފަހު ކޯވަރެއް ބޯލާފައި ބައްޕަ އައި އިރުވެސް މަންމަ ގެއަކު ނެތޭ ބުނެލިއެވެ.އަދި އަވަސްއަވަހަށް ގެއިން ނިކުމެގެން ދިޔައީ ރުހާންއަށް ކުޑަނަމަވެސް ޝައްކެއް ވެދާނެތީއެވެ.އޭރުވެސް ސިންކުކައިރީ ފުރަގަސްދީގެން ހުރި ޖަޒްލީގެ މޭގަނޑު ތެޅެމުން ދިޔައީ ކެތްކުރަން ދަތިވާހާ ބާރަށެވެ.
ރުހާން ގޮސް ކޮޓަރިއަށްވަދެ ދޮރުލައްޕާލިތާ މާގިނައިރެއް ނުވެ ކައިލާންވެސް އަތުވެއްޖެއެވެ.އައިސް ސޯފާގައި އިށީނދެ ހަމަޖެހިލަމުން ފެންފޮދެއް ގެނެސްދޭށޭ ބުނެލިއެވެ.ކުކަރުގެ ސުވިޗު ޖެއްސުމަށްފަހު ޖަޒްލީ ފެންތައްޓެއް ތަބަކަށް ލައިގެން ގެންގޮސް ކައިލާންއަށް ދިއްކޮށްލިއެވެ.ފޯނަށް ބަލަހައްޓައިގެން އިން ކައިލާންއަށް ނޭނގިގެން ހިފުނީ ޖަޒްލީގެ އަތުގައެވެ.ހަމަ އެވަގުތު އޭނާގެ އަތުން ފެންތަށި ދޫވެގެން ވެއްޓި ތެޅުނުއިރު ޖަޒްލީގެ ފައިން ބޮޑުތަނެއް ކަފައިގެން ދިޔައެވެ.ކައިލާން ފުންމައިގެން ތެދުވެގެން ގޮސް އޭނާގެ ރޫމުގައި އިން ފަސްޓް އެއިޑް ބޮކްސް ހިގައިގެން އައިސް ޖަޒްލީގެ ފައިގައި ބޭސް އަޅައިދޭން އުޅުުމުން ޖަޒްލީ ފޮޅުވާލާފައި މުޅިތަނަށް ބުރައިގެން ގޮސްފައިހުރި ބިއްލޫރިތައް ސާފުކުރަން ފެށިއެވެ.އޭރުވެސް އޭނާގެ ފައިން އަންނަމުން ދިޔަ ލޭތަކުން މުށިތަކުގައި ރަތްކުލަ ފެވެމުން ދިޔައެވެ.ކައިލާންއަށް އެ މަންޒަރު ބަލަން ކެތް ނުވުމުން ބޭސްއަޅައިދޭންވެގެން ޖަޒްލީ ގެންގޮސް ސޯފާގައި ބައިންދަން މަސައްކަތް ކުރިއެވެ.މިފަހަރުވެސް ޖަޒްލީ ކައިލާންގެ އަތް ފޮޅުވާލީ ސަކީނާދެކެ ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ.ނަމަވެސް ކައިލާން ހީކުރީ އެހެން އަންހެން ކުދިންނެކޭ އެއްފަދައިން ޖަޒްލީވެސް ކައިލާން އެވަރުން އުޅޭތީ މާ ފޮނިބޮޑުވެގެން ކަންތައް ބޮޑުކުރަން އުޅެނީ ކަމަށެވެ.އެހެންވެ ފަސްޓް އެއިޑް ބޮކްސްގެންގޮސް ކަބަޑަށް ލުމަށްފަހު މަމީ އާދޭސްކުރަމުން ފަހަތުން ދުވާނެ މީހެއް ނޫނޭ ކިޔާފައި ގޮސް އޭނާގެ ރޫމަށްވަދެ ދޮރު ލެއްޕިއިރު ހީވީ މުޅި ގެވެސް ގުޑުން އަރައިގެން ދިޔަ ހެންނެވެ.
ކައިލާން ދިޔުމުން ޖަޒްލީ އޭނާގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށްލުމުގެ ކުރިން ފޮހެލީ އެ ކަރުނަތައް އެއްވެސް މީހަކަށް ދައްކަން ބޭނުން ނުވާތީއެވެ.
**************
ސަކީނާއަށް ޖަޒްލީގެ ބެންޑޭޖްކޮށްފައިވާ ފައި ފެނުމުން ކިހިނެތްވެފައި ހުރި ތަނެއްތޯ ސުވާލު ކުރިއެވެ.އަދި ތަންކޮޅެއް ބަލާލައިގެން އުޅޭށޭ ބުނެލިއެވެ.ކާމޭޒު ދަށުގައި ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން ތިބި ރުހާންއާއި ކައިލާން އިނީ މަންމަ އެހާ އޯގާތެރި ކަމާއިއެކު މީގެކުރިން ދުވަހަކުވެސް ޖަޒްލީއާއި ވާހަކަ ދެއްކި އަޑު އަހާފައި ނުވާތީ ހައިރާންވެފައެވެ.ހަމަ ޔަޤީނުންވެސް މަންމަގެ ސިކުނޑީގައި ބޮޑު ކަންތައްގަނޑެއް އެބަ ހިނގައެވެ.އެހެންޏާ ގަންނަވަ ގަންނަވާފައި ނޫނީ އޭނާއަށް އެންމެ ބަހެއްވެސް ޖަޒްލީގާތު ބުނެވޭ ކަމަކަށް ނުވެއެވެ.ވީއިރު މިހާ ބޮޑު ބަދަލެއް އަންނަންވީ ސަބަބެއް ނޭނގުނެވެ.”ދަރިފުޅުމެން ދެކުދިންނާ މަންމަ އެބޮތް ވަރަށްބޮޑު ވާހަކައެއް ދައްކާލަން”.ރުހާންއާއި ކައިލާން މަންމަ ދައްކަން އުޅޭ ވާހަކައަކަށް ސަމާލުކަންދީގެން ތިއްބެވެ.ހަސަން މަނިކުވެސް ކައިރީގައި ހުރި ފެންތަށި ނަގައި ފެން ފޮދެއް ބޯލުމަށްފަހު ނިތްކުރިއަށް ރޫ ގިނަ ކޮށްލަމުން ބަލައިލިއެވެ.”މިހާރު ދެކުދިންވެސް ތިތިބީ ކިޔަވައިގެން މީހުންގެ ލޯތްބާއި ޤަދަރުލިބޭފަދަ ވަޒީފާއެއްގަ….ދެންު މަންމަ ބޭނުންވަނީ ތިދެކުދިން މީހަކާއި އިނދެގެން ދިރިއުޅުމެއް ފަށާ ދުވަހެއް ދެކެން…މަންމަ ހީކުރަން ދެކުދިން މިކަމާ ވިސްނާނެކަމަށް….”ރުހާން ކީކޭ ބުނަނީ މިކަމާ؟
“މަންމާ…އަޅުގަނޑު އަދި ތިކަހަލަ ކަމަކާ ނުވިސްނަން…”ރުހާން ވަރަށް ސީރިއަސްވެލާފައި މަންމަގެ ސުވާލަށް ޖަވާބު ދިނެވެ.”މަންމައަށް ކަމުދަނީ ކޮންކަހަލަ ކުދިންނެއްކަން ބުނީމައެއްނު ހޯދަންވެސް އެނގޭނީ…ދޯ ދޮންބޭ…”ރުހާންގެ ޖަވާބު އަޑުއަހާފައި ކައިލާންވެސް ސަމާސާ ރާގެއްގައި ބުނެލިއެވެ.ލިބުނު ފުރުސަތު ސަކީނާވެސް ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.އެހެންވެ ރިޝްފާއާއި ކައިލާންގެ ކައިވެނީގެ ވާހަކަ ބުންޏެވެ.
“އެ ޖަމީލާއާއި ވަހީދުގެ މަންޖެތަ؟”ރިޝްފާގެ ނަން ބުނުމުން ހަސަން މަނިކު ސުވާލު ކޮށްލިއެވެ.
“ހޫމްމް..ކީއްތަވީ….ކިޔަވައިގެން ހުރި އެހާމެ އަޚްލާޤު ރަނގަޅު ކުއްޖެއް..އަނެއްކޮޅުން މިހާރުވެސް ހަމަ އަހަރެމެންގެ ދަރިއެއްފަދަ ކުއްޖެއް…ކައިލާންގެ އެހާ ގާތް ރައްޓެއްސެއް”.މަންމަގެ ވާހަކަ އަޑުއަހާފައި ކައިލާންގެ މޫނުމަތީގައި ހުރި ސަމާސާ މޫޑު ބަދަލުވެގެން ދިޔައެވެ.ރުހާންއަށް އެކަން ފާހަގަ ވި އިރު ސަކީނާގެ ދެމަފިރިންނަށްވެސް ކައިލާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަކަން ސިއްރެއް ނުވިއެވެ.ނަމަވެސް ސަކީނާ އެކަމަކަށް މާބޮޑު ސަމާލު ކަމެއް ނުދިނެވެ.އަދި މާދަމާ ދެކުދިންގެ ކައިވެނީގެ ވާހަކަ ޖަމީލާމެން ދެމަފިރިންނާއި ދައްކާނެ ކަމަށް ބުންޏެވެ.ކައިލާންއަށް އިސްޖަހާލައިގެން އިނދެވުނީއެވެ.ލޯބިވާ މަންމަގެ އެދުމަށް ފައުޅުގައި އިންކާރު ކުރާނެހާ ހިތްވަރުވެސް ނެތީމައެވެ.
“މަންމާ އެކަމަކު އަދި ކައީ ތި ކައިވެންޏާ ދޭތެރޭ އެއްޗެއް ނުބުނެ އެއްނު…”.އެންމެ ފަހުން ރުހާންއަށް ކެތްނުކުރެވިގެން ވާހަކަ ދެއްކިއެވެ.
“އެސޮރު އެބުނީނު މަންމައަށް ކަމުދާ ކުއްޖެއް އެންމެ ރަނގަޅޭ…ދޯ ދަރިފުޅާ”ސަކީނާ މިފަހަރުވެސް ވާހަކަ ދެއްކީ ކައިލާންއަށް އެނާގެ އެދުމަކާއި ދެކޮޅު ހަދަން ނުކެރޭނެކަން އެނގޭތީއެވެ.
***********************
“އޭ ކޮބާ ކިހާހިސަބެއްގަަ؟…މިހާރު އިރޫމެންވެސް އަތުވެއްޖެ…އެންމެނ މިތިބީ ޓްރެެކުގަ…”އެެކޮޅުން ވާހަކަ ދައްކަމުން ދިޔައީ ސުޖާއުުއެވެ.
“އޭ ޕާޓް…ވަރަށް ބޮޑަށް ސޮރީ…މިރޭ މިއުޅެނީ ގޭގަ ކުޑަކަމެއް އޮތީމަ…ކާންޓް ގޯ…ޔޫ ގައިސް އެންޖޯއި..”އެކޮޅުން ސުޖާއު އެއްޗެއް ބުނަން ފުރުސަތުވެސް ނުދީ އެހެން ބުނެފައި ކައިލާން ފޯނު ކަނޑައިލިއެވެ.ް ރިޝްފާއާއި ކައިވެނިކުރާ ވާހަކަ ދެެއްކީއްސުރެ އޭނާގެ ޠަބީޢަތު ވަނީ ގޯސް ވެފައެވެ.ރިޝްފާއަކީ ކައިލާންގެ ވަރަށް ގާތް އެކުވެރިއެކެވެ.ނަމަވެސް އެކުވެރިކަން ކިތަންމެ ބަދަހި ވިޔަސް ދުވަހަކުވެސް އޭނާއަށް ރިޝްފާއާއި ދޭތެރޭ ލޯބީގެ ނަޒަރަކުން ނުދެކެވޭނެއެވެ.އެހެން އެކަން ވާނެނަމަ އެގުޅުން ލޯތްބަށް ބަދަލުވީސްތާ ކިތަންމެ ދުވަހެކެވެ.އެއީ ގްރޭޑް ހަތަކުން ފެށިގެން އެދެމީހުން އެކަކު އަނެކަކު ދަނެއެވެ.ބާލީސް މޫނުގައި އަޅައިގެން އޮތް ކައިލާން ސިހިފައި ދޮރާއި ދިމާއަށް ބަލައިލިއެވެ.ރުހާން މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު އެތެރެއަށް ވަދެގެން އައިސް އެނދުގައި އިށީނދެ ހަމަޖެހިލިއެވެ.
“ކައީ ކީއްވެތަ ދިރިއުޅުމުގެ އެވަރު ބޮޑު ނިންމުމެއް މަންމަ ނިންމިއިރު އަނގައިންްވެސް ނުބުނެ އިނީ…..ކައީ އެހެން ހަދާތީ މަންމަ ބޭނުން ހުރިހާ ކަމެއް ކައީ ލައްވާ ކުރުވަނީ……”ރުހާން ހިތްހަމަނުޖެހިފައި އިނދެ ވާހަކަ ދެއްކިއެވެ.
“ދޮންބެއަށްވެސް އެނގެއެއްނު މަންމަގެ ގޮތް..ކުރަން ދިމާކޮށްފި ކަމެއް ނުވަނީސް ހުއްޓައެއް ނުލާނެ…..ބަޓް ޑޯންޓް ވޮރީ…..ރީޝްވެސް ބޭނުމެއް ނުވާނެ މިކައިވެންޏެއް…..ބިކޯޒް ވީއާ ބެސްޓްފްރެންޑްސް…..ނޮޓް ލަވާސް…..ރީޝް ކައިވެންޏަށް އިންކާރު ކުރީމަ ދެން މަންމައަށްވެސް ޖެހޭނީ ދޫކޮށްލަން…..”
ކައިލާންގެ ވާހަކަ އަޑުއަހާފައި ރުހާންވެސް ހިނިގަނޑެއް ޖަހާލާފައި ތިހާ ހަމަޖެހި ލައިގެން ތިއޮތީ އެހެންވެދޯއޭ ބުނެލިއެވެ.އަދި ދޮންބެ މިދަނީ ރައްޓެއްސަކާއިއެކު ބޭރަށް ކޮފީއަކަށޭ ކިޔާފައި ޖީބުން ފޯނުނަގައި ގަޑި ބަލައިލުމަށްފަހު ނިކުމެގެން ހިނގައްޖެއެވެ.
“ޖަޒްލީ!….މަގޭ މިދަނީ ނިދަން…ރުހާން ވީ ބޭރުގަ..އޭނާ އައީމަ ރަނގަޅަށް ދޮރުތައް ތަޅުލާފަނޫނީ ނުނިދާތި…..”
އިޝާނަމާދު ކޮށްގެން މުޞައްލަ މަތީގައި ޛިކުރު ކޮށްލަން އިން ޖަޒްލީ ބޮލުގެ އިޝާރާތުން ސަކީނާއަށް އާނއެކޭ ބުނެލިއެވެ.ނަމާދުން އަވަދިވެގެން މުޞައްލަ އޮޅައިލުމަށްފަހު ޖަޒްލީ ގަޑި ބަލައިލިއިރު އޭރު ގަޑިން އެގާރަގަޑި ބައިވާން ދަނީއެވެ.މަޑު ހިނގުމެއްގައި ގޮސް ކޮޓަރީގެ ކަނަކަށް ވާގޮތަށް ބަހައްޓާފައި ހުރި ކުޑަ ކަބަޑުގެ އެތެރޭގައި ފަތްޖަހާފައި ހުރި އަންނައުނުތަކުގެ ތެރެއަށް ލާފައި އޮތް ކުޑަ ފޮތެއް ހިފައިގެން އައިސް އެނދުގައި އިށީނެވެ.އަދި މަޑުމަޑުން އެފޮތްު ހުވާލާފައި އޭގެތެރޭގައި އޮތް ފޮޓޯގަނޑެއް ނެގިއެވެ.ޖަޒްލީގެ މަންމައާއި ބައްޕައާއި ދެމީހުން އެކުގައި ނަގާފައި އިން ފޮޓޯގަނޑެކެވެ.އެދެމީހުންގެ މޫނުމަތީގައި ޝަހާދަތް އިނގިލި ހިންގަމުން ގެންދިޔައިރު މަންމައާއި ބައްޕައާއި އެކުގައި އުޅުނު އުފާވެރި ދުވަސްތައް ޖަޒްލީއަށް ސިފަވަމުން ދިޔައިރު އެ ރީތި ދެލޮލަށް ކަރުނައިގެ ލަޝްކަރުތައް ޖަމާވަމުން ދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.އެގޮތުގައި ކިތަންމެ އިރެއް ހޭދަވީފަހުން ކޮޓަރި ދޮރުގައި މީހަކު ޓަކިޖެހި އަޑުއިވުނެވެ.ޖަޒްލީ އަވަސް އަވަހަށް ފޮޓޯގަނޑު އެނދުގެ ބާލީސް ދަށަށްލާފައި މޫނު ފޮހެލައިގެން ގޮސް ދޮރުހުޅުވިއެވެ.ކުރިމަތީގައި ހުރި ކައިލާން ފެނުމުން ޖަޒްލީގެ ހިތުގެ ހިނގުން އަވަސްވި ކަހަލައެވެ.މޭ ގުންގުން ޖަހަން ފަށައިފިއެވެ.ވާނީވެސް އެހެންތާއެވެ.އެހާރީތި ޒުވާނަކު ކަޅިވެސް ޖަހާލަން ނޭނގިފައިހުރެ ޖަޒްލީގެ މޫނަށް ބަލަމުން ދިޔަގޮތުން އެބެލުމުގައި އެވާ ގޮތްނޭނގޭ ހިތް ލަންބުވާފަދަ ބާރަކުން އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ޖެހިލުންވެ ހާސްވާގޮތް ވެފައެވެ.ދެއަތް ދެއަތާއި މޮޑެމުން ދިޔަ ޖަޒްލީއަށް އިސްޖަހާލެވުނެވެ.އެވަގުތު ކައިލާންވެސް ކުޑަކޮށް ކަރުކެހިލާފައި ކޮފީ ތައްޓެއް ހަދައިދޭށޭ ބުނެލީ ކުޑަ ސިކުންތު ކޮޅަކަށްނަމަވެސް މި އަންހެން ކުއްޖާއަށްޓަކައި އޭނާގެ ހިތުގައި ތަފާތު ރާގެއް ކުޅެލި ކަމުގެ އިޙްސާސް ކުރެވުމުންނެވެ.ސޯފާގައި އިށީނދެ ހަމަޖެހިލައި ޓީވީ ހުޅުވާލިއެއްކަމަކު ކައިލާންގެ ޝައުގުވެރިކަން މިވަގުތު ވަނީ ޖަޒްލީގެ ހަރަކާތް ތަކާއި އެކުގައެވެ.ޖަޒްލީ ކޮފީތަށި ތައްޔާރު ކޮށްގެން ގެނެސް ކައިލާންއަށް ދިއްކޮށްލިއިރު އޭނާގެ ތުރުތުރު އަޅަމުން ދިޔަ އަތްވެސް ޖަޒްލީ ހާސްވެ ޖެހިލުންވެފައި ވާވަރު ހެކިދެއެވެ.އެމަންޒަރު ފެނި ކައިލާންގެ ތުންފަތުގައި މަޑު ހިނިތުންވުމެއް ކުޅެލިއެވެ.ކޮފީތަށީގައި ހިފައި ތޭންކްސްއޭ ބުނެލުމަށްފަހު އެތަށިން ކޯވަރެއް ބޯލިއެވެ.އަދި ކޮފީ ވަރަށް މީރޭ ބުނެލިއެވެ.ޖަޒްލީވެސް ރައްދުގައި ގަދަކަމުން ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ކޮޓަރިއަށް ދާން ހިނގައިގަތެވެ.
“މިތާ އިރުކޮޅަކު މަޑު ކޮށްލެވިދާނެތަ؟އަހަރެން ޖަޒްލީ ކައެއް ނުލާނަމޭ…”ކައިލާންގެ އެދުމަށް ޖަޒްލީ ސޯފާގައި އިށީނެވެ.ނަމަވެސް އޭނާގެ ހިތް ބިރުގަނެ ޖެހިލުން ވެފައި ވަނީވެސް އިންތިހާއަށެވެ.ސަކީނާއަށް އެނގިއްޖިއްޔާ ކޮށްލާނެ ވަރު ހިތަށް އަރާފައެވެ.
“ޖަޒްލީ ކީއްވެ ތިހާ ބީރަށްޓެހިކޮށް ތިއުޅެނީ؟ދެން މިހެން އެއްގެއެއްގަ އުޅޭއިރު ހަމަގައިމުވެސް އަހަންނަށް ވަރަށް އުނދަގޫ ތިހެން އަނގައިންވެސް ނުބުނެ އުޅެންޏާ…”ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލަމުން ކައިލާން ވާހަކަދެއްކިއެވެ.ޓީވީއަށް ބަލަހައްޓައިގެން ދެއަތް ދެއަތާއި މޮޑެމޮޑެ އިން ޖަޒްލީގެ ކަންފަތުގައި އެއަޑު ގޮސް ޖެހުމާއިއެކު އޭނާގެ މުޅި ހަށިގަނޑުހީވީ ގަނޑުވި ހެންނެވެ.އެއްވެސް އިޚްތިޔާރަކާއިނުލާ އެވަގުތު ޖަޒްލީއަށް ކައިލާންގެ މޫނަށް ބަލައިލެވުނެވެ.އޭރު އޭނާގެ ދެލޯވެސް ދިޔައީ ފެންކަޅި ވަމުންނެވެ.
“ޑިޑް އައި ސޭ ސަމްތިން ރޯންގު؟”ޖަޒްލީގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަކާއި މޫނުމައްޗަށް ވެރިވެގެންދިޔަ މާޔޫސްކަން ފެނިފައި ސޯފާގައި އޮށޯވެ ލައިގެން އޮތް ކައިލާން ތެދުވެ ހަށިގަނޑު ތެދުކޮށްލަމުން ވަރަށް ހާސްވެލާފައި ވާހަކަ ދެއްކިއެވެ.ޖަޒްލީ ގޮނޑިން ތެދުވެ ކޮޓަރިއަށް ދިޔުމަށް ހިނގައިގަތީ ކައިލާންގެ ސުވާލުތަކަށް ޖަވާބުދިނުމަށް އޭނާ ނުކުޅެދިފައި ވާތީއެވެ.ޖަޒްލީ އެގޮތަށް އެއްވެސް ޖަވާބެއްނުދީ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕުމުން ކައިލާންހުރީ އަނގައިން ބަސްހުއްޓި ހަދާނެގޮތެއް ނޭނގިފައެވެ.ޖަޒްލީ އެގޮތަށް ދެރަވެގެން ދާންވީ ސަބަބެއް ނޭނގޭތީއެވެ.އޭނާ އެވަރުގެ އެއްޗެއް އަދި ބުނީކީވެސް ނޫންވިއްޔާއެވެ.
ގަޑިން ބާރަގަޑި ބައި ވީއިރުވެސް ކައިލާން ހަމަ އެއިންގޮތަށް ސޯފާގައި އިނީއެވެ.އެ ނުދަންނަ އަންހެންކުއްޖާގެ ހަރަކާތްތަކުން އެއްވެސް މާނައެއް ނަގަން ނޭނގިފައެވެ.އަނެއްކޮޅުން އެކަމުން އޭނާގެ ހިތަށް ބުނެދޭން ނޭނގޭ އުނދަގޫ ގޮތްތަކެއްވެސް ވަނީއެވެ.އިރުއިރުކޮޅާ ޖަޒްލީގެ ކޮޓަރިއާއި ދިމާއަށް ބަލާލެވެއެވެ.ޖަޒްލީ ދެންމެ ދެންމެ ދޮރު ހުޅުވާލަފާނެހެން ހީވާތީއެވެ.
ބާލީހުގައި ބައްދައިގެން އޮވެ ރޮމުންދިޔަ ޖަޒްލީގެ ހިތަށްވެސް ގޮތްނޭނގޭ ތަފާތު އިޙްސާސެއް ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.ފުރަތަމަ ނަޒަރުންވެސް ކައިލާންގެ އެރީތި މޫނާއި،ފިރިހެންވަންތަ ހަށިގަނޑު ޖަޒްލީގެ ހިތުގައި ބިންވަޅު ނެގިފައި ވާކަހަލައެވެ.ނަމަވެސް އެފަދަ ރީތި ޒުވާނަކަށްޓަކައި ހުވަފެން ދެކުމަކީ އޭނާއާއި އެކަށިގެންވާ ވަރުގެ ކަމެއްނޫނެވެ.އޭނާއަކީ އަޅާލާނެ ޔާރަކުނެތް ނިކަމެއްޗެކެވެ.
“ކައީ މިހާ ލަސްވީމަވެސް ނުނިދާ ކީއް ތިކުރަނީ؟”އެތެރެއަށް ވަދެގެން އައި ރުހާންގެ އަޑަށް ކައިލާން ސިހޭގޮތްވިއެވެ.އަދި ޓީވީ ނިއްވާލާފައި ދޮންބެ އަންނަންދެން ހަމަ ނިދަން ނުގޮސް މަޑުކޮށްލައިގެން އިނީއޭ ބުނެލިއެވެ.ދެބެން އެކުގައި މައްޗަށް އަރައިގެންގޮސް ކޮޓަރިއަށް ވަނެވެ.
އެތައް އިރަކު ރޯންއޮވެފައި ކަރުނަތައް ފޮހެލާފައިގޮސް ފާާޚާނައަށް ވަދެ މޫނު ދޮވެލައިގެން ނިކުމެ މަޑުމަޑުން ކޮޓަރި ދޮރުހުޅުވާލިއިރު ހުރީ އެކެއް ޖަހަން ހަތަރުވަރަކަށް މިނެޓަށް ވެފައެވެ.ދޮރާއްޓާއި ގޭގެ މައިދޮރު ތަޅުލުމަށްފަހު އޭނާވެސް ކޮޓަރިއަށްވަދެ އެނދަށް އަރައި އޮށޯތީ ހެނދުނާ ހޭލަން ޖެހޭތީ ނިދުމަށްޓަކައެވެ.
ނިދޭތޯ އެނދުގައި ފުރޮޅި ފުރޮޅިވެސް އެއްގޮތަކަށް ކައިލާންގެ ލޮލަށް ނިދިއަންނަ ގޮތެއް ނުވިއެވެ.މިރޭ ހިނގާދިޔަ ކަންތައް ވަނީ އޭނާގެ ހިތާއި،ސިކުނޑި ހިޞާރު ކޮށްފައެވެ.
*****************
ހެނދުނުގެ ނާޝްތާއަށް އެންމެން އިންސާފު ކުރަމުން ދިޔައިރުވެސް ކައިލާން ނުހޭލައެވެ.ސަކީނާވެސް ކައިލާންއަށް ގޮވަންނޫޅުނީ އޭނާ މިއަދު އިންނާނީ ހަވީރު ޑިއުޓީ ކަމަށްވާތީއެވެ.ރުހާންވެސް ކުޑަގޮތެއް ހަދާލައިގެން އޮފީހަށް ދިޔުމަށް ނިކުތެވެ.ހަސަންމަނިކާއި،ސަކީނާ ވާހަކައިގައި ތިބެގެން ވަރުގަދަޔަށް ދުފާލިއެވެ.ދެމީހުން ދައްކަމުން ދިޔައީ ކައިލާންއާއި،ރިޝްފާގެ ކައިވެނީގެ ވާހަކައެވެ.ސިންކު ކައިރީގައި ތަށިދޮންނަން ހުރި ޖަޒްލީގެ ހިތަށް އެވާހަކަތަކުން ތަދު ވަމުންދިޔައެވެ.ކިތަންމެ ވަރަކަށް ކައިލާންއާއި ދޭތެރޭ ނުވިސްނަން އުޅުނަސް ހަމަ ވިސްނެނީއެވެ.
އެއްޗިހި ދޮންނަން ލޯންޑްރީގައި ހުރި ޖަޒްލީ ދުވެފައި ކަހަލަ ގޮތަކަށް ނިކުތީ ސަކީނާ ގޮވާއަޑަށެވެ.
“އަހަރެން މިދަނީ ޖަމީމެން ގެއަށް…..ތަންކޮޅެއް ލަހުން އާދެވޭނީ….ކައިލާން ތެދުވީމަ ސައި ހަދައިދޭތި…”ޖަޒްލީ ފެނުމުން އެހެން ބުނުމަށްފަހު ސަކީނާ ނިކުމެގެން ދިޔައިރުވެސް ޖަޒްލީހުރީ ހުއްޓުން އަރާފައެވެ.އޭނާ ކައިލާންގެ ކުރިމައްޗަށް ނުދާން ކިތަންމެ މަސައްކަތް ކުރިއަސް އޭނާއަކީ ބައެއްގެ އަޅަކަށް ވާއިރު އަމިއްލަ އިޚްތިޔާރެއް އެއްވެސް ކަމެއްގައި ފޯރުވޭނެ ހެއްޔެވެ؟ކޮންމެ ކަމަކީވެސް ތަޤުދީރުގައި ލިޔެވި ނިމިފައިވާ ކަންކަމެވެ.ކެތްތެރިކަމާއިއެކު ކުރިމަތި ލުން ނޫންގޮތެއް ނޯންނާނެއެވެ.
ޓެރަހުގައި އެއްޗިހި ހިއްކަން އަޅަންހުރި ޖަޒްލީއަށް ސިހިފައި ފަހަތް ބަލައިލެވުނީ ފޯނެއް ރިންގުވާން ފެށިއަޑަށެވެ.ކައިލާން އަވަސް އަވަހަށް ލާފައިހުރި ކަކުލާއި ހިސާބަށް އަންނަ ސޯޓުގެ ޖީބުން ފޯނުނަގާފައި ވާހަކަ ދައްކަމުން އެތެރެއަށްވަނެވެ.ޖަޒްލީވެސް ހިތްވަރު ކޮށްފައި ހިއްކަން ނޭޅިހުރި އެއްޗިހި ވަށިގަނޑުގައި ބަހައްޓާފައި އެތެރެއަށް ވަނީ އަވަހަށް ކައިލާންއަށް ސައި ހަދާދިނުމަށެވެ.މޭޒުމައްޗަށް ކާއެއްޗިހި ނަގައި،ތައްޔާރު ކުރުމަށްފަހު ޖަޒްލީގޮސް ކައިލާންގެ ކޮޓަރި ދޮރުގައި ޓަކިޖެހިއެވެ.ދެފަހަރަކު ޓަކިޖަހާލުމުން ކައިލާން އެތެރެއަށް ވަންނާށޭ ބުނެލިއެވެ.ޖަޒްލީ ދޮރު ހުޅުވާލުމަށްފަހު އަތުގެ އިޝާރާތުން ކާން އައުމަށް ބުންޏެވެ.އެނދުގައި އިށިނދެ ލައިގެންއިން ކައިލާންއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.ކައިލާންއަށް އަނގައިންވެސް ބުނަން ނޭނގިފައި ޖަޒްލީއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.ޖަޒްލީ އަނެއްކާވެސް އަތުގެ އިޝާރާތުން ކާން އައުމަށް ބުންޏެވެ.
*****ނުނިމޭ******
21 Comments!
Comments are closed.
First
Happy to know.. ThanX dear
yeyy me first….n story hama owsm….keep it up
srry…second…comment kuri iru nufeney stm ge comment eh
Awwh.. Thanx dear.. 4 me all my lovely readers r at 1st place.
Vv Reethi.Waiting for the Next part.
Thanx dear
Masha allah v furihama.vv wait kohfin dear ge stry akah.kon dhuvass thaku ga stry up vaany.
waiting 4 nw part.
‘Salaa-????
Thanx dear.. Can’t promise the date.. But will try to publish
Monday
Wednesday and
Saturday.
Jazly ah waahaka nudhehkeytha????? i think mi story vaanr kanneyge one of my favourite ah.. love this.. masha allah.. gud luk dear.. i relly like poor girls ulhefa mikahala rich boys ekujjaa dheke loabi vaa stories..
Awwwh.. Happy to know that.. Thanx dear.
Alhugandu kiyaa hithvaney mikahala hithaama veri vaahaka v reethi adhi
Thanx dear
Vrh vrh vrh vrh rythi mi prt vx. Noor derr. Just luv it.
Thanx dear.. Happy to know that.
Maashaa allah haadha furihama vahakaye.v v boda kiyaahithun mihuree.kondhuvahu up vaani.noor u r tha best wirtter
Awwwh. Thanx dear. Happy to know that.. Will try to publish on
Monday
Wednesday and
Saturday.
Vrh vrh reethi noor dear mi part vess…. curious to know what happen next …waiting
Thanx dear.
Wow nice story keep it up.
Thanx dear