ކާރު ގޮސް ގޭ ކުރިމައްޗައް މަޑުކުރުމުން ދެލޯ ފޮހެލާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ގޯތިގެދޮރަށް ދަތިވެފައިވާ އެމާލޭގެ ބޮޑު ގޯތިންކުރެ ގޯއްޗެކެވެ. ނާސިރުގެ ބައްޕައަށް ލިބިފައިވާ އެ ބިންވަނީ އެކަށް ނާސިރުއަށް ހިބަކޮށްފައެވެ. ގޭގެ އެއްފަރާތުން ހަތް ބުރިއަށް ނަގާފައިވާ އިމާރާތުގެ ހުރިހާ ބުރިތަކެއް ކުއްޔައް ދީފައިވެސް ދެން އޮތްތަން ވަކި ކުޑަ އެއް ނޫނެވެ. ދެން އޮތް ތަންކޮޅުގައި ހިތްގައިމު ގޮތަކަށް ތިންބުރިއަށް ނަގާފައިވާ އެގޭގެ އެއް ބުރި ހިބާއަށް ދީފައިވާއިރު އަނެއް ބުރިވަނީ އޭނާގެ ފަނަރަ އަހަރުގެ ކޮއްކޮ ހުމާއަށް ދީފައެވެ. އެންމެ ތިރީގައި މައިންބަފައިން ދިރިއުޅޭ އިރުވެސް އެގެ މިއަދު ފެންނަނީ ފަޅުގެއެއް ފަދައިންނެވެ. ގެންގުޅޭ ނޯކަރެއް ކައިރިން އަހާލުމުން އެނގުނީ މަންމަ ކޮޓަރީގައި އުޅޭ ކަމެވެ. މިއީ އޭނާ އަންނަ ވަގުތުކަން ކުރިން އަންގާފައި ވީނަމަވެސް މަންމަ ނުނިކުންނަނީ އޭނާގެ މޫނުވެސް ދެކެން ބޭނުން ނުވާތީކަން ކަށަވަރެވެ.

އޭނާގެ ބަޔަށް ދާން ހިނގައިގަތުމާއެކު ހުމާ އައިސް ދޮންތާއޭ ކިޔާފައި ބައްދާލިއެވެ. ހިތާމައިން ފޯވެފައިވީ ދެލޯ ފޮހެލަމުން މޫނު ފޮތިކޮޅު ނަގާ ބޮލުގެ ފަހަތައް ލުމަށްފަހު ހިބާވެސް ކޮއްކޮގެ ގައިގާ ލޯބިން ބައްދާލުމަށްފަހު އެކުގައި ދެވަނަ ބުރިއަށް ދާން ހިނގައިގަތެވެ. އާއެކެވެ. އޭނާގެ މައިންބަފައިން އޭނާ ދެކެ އައިސްފައި އެވާ ރުޅީގެ ފަހަތުގައިވަނީ އެ މޫނު ފޮތިކޮޅާއި އެ ނިވާކަންބޮޑު ހެދުމެވެ. އެ މައިންބަފައިން އޭނާއަށް ދީފައިވާ ތަރުބިއްޔަތުގެ އިދިކޮޅަށް އޭނާއަށް އެޅުނު ފިޔަވަޅަކީވެސް އެއީއެވެ. ﷲ އަށް ބިރުވެތިވެ އުޅުން އިސްލާހު ކުރުމެވެ. އޭނާގެ މައިންބަފައިން ޤަބޫލުކުރާގޮތުގައި އެއީ ދީނުގައި ހައްދުފަހަނަ އަޅާ ދިޔުމެވެ.

ހިބާ ކިޔެވުން ހުއްޓާލީ އޭނާ ބޭނުންވެގެނެއް ނޫނެވެ. އެ ބަދަލުތައް އޭނާއަށް އައި ނަމަވެސް ކިޔެވުމަކީ އެކަމަށް އެޅޭނެ ހުރަހެއް ނޫންވިއްޔާއެވެ. ނަމަވެސް އެއައި ބަދަލުގެ ސަބަބުން އޭނާ ކިޔަވަމުންދިޔަ ކޮލެޖާއި، އެ ކޮލެޖްގައި ކިޔަވައިދޭ ތަކެތި އެއީ އިސްލާމްދީނާއި ފުށުއަރާފަދަ ފިލާވަޅުތަކެއް ކަމުން އޭނާ ބައްޕަ ކައިރީގައި އެދުނުހާވެސް ކަމަކީ އިސްލާމީ ކޮލެޖަކަށް އޭނާ ބަދަލުކޮށްދިނުމަށެވެ. އެތާގައި އެ ކިޔަވާ ތަކެތި ކިޔަވައިގެން އެރޮގުން އޭނާ ކުރިއަށްދާން ބޭނުން ނުވާތީއެވެ. ﷲ ޙަރާމް ކުރައްވާފައިވާ މަގުތަކުން ވިޔަފާރީގެ ފައިދާ ހޯދުން އެއީ އޭނާ ނޭދޭނެ ކަމެއްކަމަށް ވާތީއެވެ. ނަމަވެސް އެކަންކަން އޭނާގެ ބައްޕަގެ ސިކުނޑިއަށް ނަގައިގަނެވޭ ކަމަކަށް ނުވިއެވެ. ނާސިރު ޤަބޫލުކުރަނީ ޒަމާނާއި އެއްވަރަށް އަންނަ ތަރައްޤީތަކުން ވިޔަފާރީގެ އުސޫލުތަކަށް އަންނަ ބަދަލުތަކުގައި އެމީހުން ނުހިފައިފިނަމަ ފައިދާއެއް ނުލިބޭނެކަމަށެވެ.

ނާސިރުވެސް އޭނާގެ އެ ވިސްނުން ހިބާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އެތައް ވާހަކައަކަށް ފަހުވެސް ހިބާ އެކަންކަމާއި ނުޤަބޫލުވުމުން ނާސިރުވެސް އައީ ރުޅިއެވެ. އަދި މިހާރުދެން ހިބާގެ ވިސްނުން ބަދަލުވެފައި ތިވަނީ ހައްދު ފަހަނައަޅާފައިވާވަރަށޭ ބުނެ، އަދި ތިޔަ ވިސްނުމުގައިތިބޭ މީހުން އެމީހުންގެ އަންހެން ދަރިން ތަންތަނަކަށް ކިޔަވާކަށް ނުފޮނުވާނެޔޭ ބުނެ ހިބާ ކޮލެޖުން ވަކިކޮށްފައި މާލެ އައުމަށް އަމުރު ކުރީއެވެ. އެކި ގޮތްގޮތުންވެސް ނާސިރު އަށް ވިސްނައިދެވޭތޯ ހިބާ މަސައްކަތް ކުރިނަމަވެސް ނާސިރު ހިބާގެ އިތުރު އެއްވެސް ވާހަކައެއް އަޑެއް ނޭހިއެވެ.

ހިބާ ދީނުގައި ސާބިތުވެ ހުރުމަށް ނެގި ފުރަތަމަ ފިޔަވަޅުވެސް އޭނާއަށްވީ އިންތިހާ އުނދަގޫކަމަކަށެވެ. އެކަމަކުވެސް އޭނާ ކެތްކުރާނެއެވެ. އެއީ ދުނިޔޭގެ ޤާނޫނު ވިއްޔާއެވެ. އެތައް ބަޔަކަށް އިސްލާމްދީނުގެ ރިވެތިކަން އެނގި އިހްސާސް ކުރެވި، ހިދާޔަތު ލިބުނު ނަމަވެސް އެއާއި އެއްގޮތައް އުޅުން ވަނީ އިންތިހާއި އުނދަގުލަކަށެވެ. ހަޤީޤީ އިމްތިޙާނު ފެށެނީވެސް އެހިސާބުންކަން ޔަޤީނެވެ. ތިމާއަށް ތެދުމަގު ފެންނަ ހިސާބުންނެވެ. ނަރަކައިން ސަލާމަތްވުމަށް ފަށާ މަސައްކަތްތަކުންނެވެ. ތެދުމަގު އެނގޭ ހާލުވެސް އެތެދުމަގުން ހިނގަން ކެރެނީ ކެތްތެރި، އަޒުމްވަރުގަދަ މަދު މީހަކަށެވެ. ސުވަރުގެ އަށް ދަހިވެތިވެފައިވާ ނަރަކައިގެ އަޒާބަށް ބިރުގަންނަ މަދު މީސްކޮޅަކަށެވެ. އޭގެ ތެރެއިން ވެވޭތޯ ހިބާ މަސައްކަތް ކުރާނެއެވެ.

ހިބާގެ ބައްޕަމެންގެ އެ ވިސްނުމަކީ އިސްލާމްދީނުގެ ކަންކަން ރަނގަޅަށް ނޭނގޭތީ ވިސްނޭ ވިސްނުމެކެވެ. އެނގޭ މީހަކަށް އެނގޭނެއެވެ. އިސްލާމްދީނުގައި އަންހެނަކަސް ފިރިހެނަކަސް އިލްމު ހޯދުމަށް ވަރަށް ބޮޑަށް ބާރުއަޅާފައި ވެއެވެ. އަދި ތާރީޚުން އެނގޭގޮތުގައި ކުޅަދާނަ، ކެރޭ އެތައް ކަނބަލުންނެއް އަހަރެމެންގެ ދީނުގައި އެތައް ގޮތަކުން ނަމޫނާ ދައްކައިދީފައި ވެއެވެ. މިސާލަކަށް ބުނަންޏާ ނުސެއިބާ ބިންތު ކައުބު، ރުފޭދާ އަލް އަސްލަމިއްޔާ، އުއްމު ސާދު ޖަމީލާ ބިންތު އަސްއަދު އަންޞަރިއްޔާ، އައިޝާ ބިންތު އަބޫބަކުރު ފަދަ އެތައް ކަނބަލުންނެކެވެ. ނަމަވެސް ބައްޕަމެންފަދަ ގިނަ މީހުންނަށް އެކަންކަމެއް ނޭނގޭނެއެވެ. ދީނާއި، އިސްލާމީ ތާރީޚާއި ބެހޭ މައުލޫމާތު ނޭނގޭތީއެވެ. އެ ވާހަކަތަކަކީ ދިވެހިންގެ ތެރޭގައި އާންމު ވާހަކަތަކެއް ކަމުގައި ނުވާތީއެވެ.

ހުމާޔާއިއެކު ދެވަނަ ބުރިއަށް އަރާފައި އޭނާގެ ކޮޓަރިއަށްވަދެ ލަގެޖްތައް ބަހައްޓާފައި އެނދުމަތީގައި ހަމަޖެހިލިއެވެ. ކޮންމެ ކުއްޖަކަށް ގެއިން ބުރިއެއް ދީފައިވީނަމަވެސް އެތަނުގައި އަމިއްލަ އަށް އުޅުމުގެ ހުއްދަ އޮންނަނީ އަށާރަ އަހަރު ވުމުންނެވެ. ނަމަވެސް ފަނަރަ އަަހަރަށްފަހު ބޭނުމިއްޔާ އެމީހެއްގެ ކޮޓަރީގައި ނިދުމުގެ ހުއްދަ އޮވެއެވެ. ނޫންނަމަ އެންމެ ތިރީބައިގައިވެސް އެމީހުންނަށް ހާއްސަ ކޮށްފައިހުންނަ ކޮޓަރީގައިވެސް ނިދޭނެއެވެ. ހުމާގެ ވާހަކައިން އެނގުނު ގޮތުގައި ހުމާ މިހާރު ނިދަނީ އެންމެ މަތީބައިގައެވެ. އަދި މިހާރު ގްރޭޑް ނުވައެއްގައި ކިޔަވަމުންދާތީ ގްރޫޕް ވައިސްކޮށް ޓިއުޝަން ނެގުމަށްވެސް އެންމެ މަތީބައި ބޭނުންކުރެއެވެ. ނަމަވެސް ހިބާ މީގެ ކުރިން މުޅިންވެސް އުޅެމުން އައީ މަންމަމެނާއިއެކު އެންމެ ތިރީގައެވެ. އޭނާ އޭނާގެ ބަޔަށް އައި މިއީ ފުރަތަމަ ފަހަރެވެ. މެލޭޝިޔާގައިވެސް އުޅުނީ އެހެން ދެތިން ކުއްޖަކާއި އެކު އެއް ކޮޓަރިއެއްގައެވެ. އެހެން ކަމުން އަލަށް އެކަނި ތަނެއްގައި އުޅުންވާނީ އޭނާއަށް ކުޑަކޮން އުނދަގޫ ކަމަކަށެވެ.

އެތައް ދުވަހަކަށްފަހު އޭނާގެ ކޮއްކޮޔާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމުން ސިކުނޑިއަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބުނެވެ. ދަތުރުގެ ވަރުބަލިކަންވެސް ފިލާ ގޮސްފިއެވެ. ދެކުދިން އެތައް އިރެއްވާންދެން ވާހަކާގައި ތިއްބެވެ. ބޮޑަށް ދެކެވުނީ ހުމާގެ ކިޔެވުމުގެ ކަންތައްތަކާއި ރައްޓެހިންގެ ވާހަކައެވެ. އޭގެ އިތުރުން ހުމާ ނަމާދުކުރަންތޯ ހިބާ ސުވާލު ކުރުމުން ނޫނެކޭ ބުނެ އިތުރު އެއްޗެއް ބުނިޔަނުދީ އެކިއެކި ވާހަކައިން ހުމާ ހަމަޖައްސާލިއެވެ. ހިބާގެ ކޮއްކޮ ކަންކަމުގައި ސިކުނޑި ތަނަވަސްވެފައިވީވަރު ހިތައް އަރާ ހިބާ ހިނިއައެވެ. އެއުމުރަކީ އަބަދު ސަކަރާތާއި މަޖަލުގައި މިހާރުގެ ކުދިން އުޅެމުންދާ އުމުރުކަން ހިބާ ހަނދާންވުމާއިއެކު އޭނާގެ މާޒީގެ ބައެއް މަންޒަރުތައްވެސް ސިކުނޑިއަށް ސިފަވެގެން ދިޔައެވެ.

އެގޮތުގައި ތިއްބާ އެދެމީހުންނަށް ސިހުންވީ ރަހްމާ އައިސް ހުޅުވާފައި ހުރި ކޮޓަރީގެ ދޮރުގައި ޓަކި ދިނުމުންނެވެ. ދެކުދިން އެއްފަހަރާ ބަލާލުމުން ކާން އައުމަށް ބައްޕަ އެބަގޮވާކަމަށްބުނެ ހިބާއަށް ބަލާލާފައި އަގައިންވެސް ނުބުނެ ހިނގައްޖެއެވެ. އެ މަންޒަރު ބަލަން އިން ހިބާގެ ދެލޮލަށް ކަރުނަތައް ޖަމާވީ މަންމަގެ އެ އަމަލުން ހިތުގައި އެޅުނު ކޫރުންނެވެ. އެތައް ދުވަހަކަށްފަހު ފެނުމުން ދަރިފުޅާއޭ ކިޔާފައި ގޮވާނުލިތާ ހިނިތުންވުމެއް ރައްދު ކޮށްލިނަމަވެސް ހިބާ އަށް ފުދޭނެއެވެ. އެމަންމަގެ އޯގާތެރި ބަހަކަށް ނުވަތަ ބެލުމަކަށް އެ ދަރިފުޅު އެވަނީ ފެންބޮވައިގަނެފައެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދި އުޅުން އިސްލާހުކުރުމުން މަޔަކު ވާންވީ އުފާ ނޫން ހެއްޔެވެ؟ އަތުގައި ހިފައިގެން އެ ދަރިފުޅާއިއެކު އެމަގުގައި ހިނގަން އިތުރަށް ހިތްވަރު ދޭންވީ ނޫން ހެއްޔެވެ؟ ހިބާއެވަނީ އިންތިހާއަށް އެކަމަށް ބޭނުންވެފައެވެ. ކުރާނީ ކީއްހެއްޔެވެ؟ އިންސާނުންނަކީ ހުރިހާކަމެއް ފުރިހަމަ ބައެއް ނޫންވިއްޔާއެވެ. މަންމަޔަކަށްވިޔަސް ބައެއް ހާލަތްތަކުގައި އަމިއްލަ އެދުން އިސްކުރާ އެތައް މައިންނެއް މި ދުނިޔޭގައި އުޅޭ ވިއްޔާއެވެ. އެހެންނަމަވެސް ﷲގެ އޯގާތެރިކަން އިންތިހާއެވެ. ކިތަމެ ފާފަޔެއް ކުރެވުނަސް އެކަންކަމަށް ތަޢުބާވުމުން އެކަލާނގެ އެފާފަތައް ފުއްސަވައި ޠާހިރު ބަޔެއްގެ ގޮތުގައި އެބަޔަކު ލައްވައެވެ. އެކަލާނގެ އަޅުންދެކެ އެކަލާނގެ އިންތިހާއަށް ލޯބި ވެވޮޑިގެންވެއެވެ. އަދި އެކަލާނގެ ހަނދުމަކުރުންމަތީގައި އިންސާނާ ދެމިހުންނަ ހިނދަކު އެކަލާނގެ، އެކަލާނގެ އަޅާ ދޫކޮށްނުލައްވައެވެ. ހުރިހާކަމެއްގައި މަދަދު ދެއްވައެވެ. މައިން ދަރިންދެކެވާ ލޯތްބަށްވުރެ އެތައްގުނަޔަކަށް ﷲ އެކަލާނގެ އަޅުންދެކެ ލޯބިވާކަން އަންގަވާފައި ވެއެވެ.

ހުމާ ދާން ތެދުވެފައި ދޮންތަވެސް އަންނާށޭ ބުނެ އަތުގައި ހިފުމުން ހިބާ ހިތްވަރު ކޮށްފައި ފުރަތަމަ ފަހަރަށް، އެ ބަދަލުތަކާއިއެކު ބައްޕަގެ ކުރިމައްޗައް އެރުމަށް ހިނގައިގަތެވެ.  ކާން އިން ނާސިރަށް އެތައް ދުވަހަކަށްފަހު އޭނާގެ ހިތުގެ ފިނިކަން ކަމުގައިވި އޭނާގެ ދޮށީދަރި ހިބާ ފެނުމުން ހިތުގެ އެއްކަނަކުން އުފާވެރިކަން އިހްސާސްވި ނަމަވެސް ހިބާ ލައިފައިހުރި ހެދުމުން އޭނާގެ ލޯބިވާ ދަރިފުޅު އެއީ މިހާރު މުޅިން އެހެން ކުއްޖެއްކަން ސިކުނޑި، ހިތައް ވިސްނައިދޭން ފެށި ފަދައެވެ. އެއާއެކު ކާން އިން ތައްޓަށް މޫނު އަނބުރާލާ ފެންނަކަމަށްވެސް ނުހަދާ ކާން ފެށިއެވެ. ހިބާވެސް ގޮސް ކާން އިށީނީ އެތައް ދުވަހަކަށްފަހު ބައްޕަ އާއި މަންމަގެ ސޫރަ ހަމަލޮލަށް ފެނުމުން އެ ލިބުނު އުފާވެރިކަމާއިއެކު، ހިތާމައިގެ ކަރުނުތައް ފޮރުވަމުން ހިނިތުން ވުމަކާއެކުގައެވެ. ނަމަވެސް ފަސްވަރަކަށް މިނަޓް ހޭދަވި އިރުވެސް އެކެއްގެ ދުލުން އެންމެ ބަހެއްވެސް ބޭރު ނުވެއެވެ. އެ މޭޒުމަތިވީ ހަމަހިމޭން ކަމެއްގައެވެ. ރަހްމާވެސް ހިބާއާއި ހަތަރުކަޅި ހަމަކުރަންވެސް ބޭނުންނުވާ ފަދައެވެ.

އެކުޑަކުޑަ އާއިލާގެ އެ ހަމަނުޖެހޭ ދިރިއުޅުމަށް ގެއްލި އިން ހުމާ އެ ހަމަހިމޭންކަން އެގޮތައް އިތުރަށް ބާއްވަން ބޭނުންނުވާތީ ވާހަކަ ދައްކަން ފެށިއެވެ. ބައްޕާ! އަޅުގަނޑު ބޭނުން ދޮންތަ ގޮވައިގެން ކާރު ދުއްވާލަންދާން. މާލޭގެ ތަންތަން ދޮންތަ އަށް ދައްކާލަން. ވަރަށް ދުވަސްކޮށްފައެއްނު އެއައީ. އެހެންނޫނަސް މިހާރު ކިހާ ބައިވަރުތަންތަން އޭގެ ފަހުން ހަދައިފަ އެބަހުރި. ދޮންތަވެސް ފޫލިފިލާނެ އެއްނުން. ހުމާ ޖެހިލުންވެ އިނދެ ވާހަކަދެއްކިއެވެ. ރަހްމާ ބުނޭ ޑްރައިވަރު ކައިރީ އެ މީހުންގޮވައިގެން ދާށޭ. މަމިދިޔައީ ފިހާރައިގެ ކަންތައްތައް ބަލާލަން. އެހެންބުނެ ނާސިރު ކައިނިންމާފައި ތެދުވެ ދާން ހިނގައިގަތެވެ. މަންމަވެސް ދާނަންދޯ؟ ހިބާ ގަސްތުގައި އެސުވާލުކުރީ ރަހްމާ ނުދާނެކަން އެނގިހުރެވެސް ލޯބިވާ މަންމައާއި ކޮންމެވެސް ވާހަކަ އެއް ދެއްކުމުގެ ބޭނުމުގައެވެ. ނޫން. މަ ޖެހޭ ކަސްރަތު ކުލާހަށްދާން. ކަލޭމެން ދެމީހުންދޭ. ރަހްމާ ވާހަކަދެއްކީ ދުރުބަޔަކާއި ވާހަކަދައްކާ ރާގުގައެވެ. އެކަން ހުމާއަށްވެސް ފާހަގަ ކުރެވުނެވެ. މީގެ ކުރިން ރަހްމާ މުޅިންވެސް ވާހަކަދައްކާނީ މަންމަޔޭ ކިޔައިގެންނެވެ. އެކަމަކު މިފަހަރު މަށޭ ބުނެ ވާހަކަދެއްކި އިރު އަދި ކަލޭމެނޭވެސް ކިޔައިފިތާއެވެ. މަންމަ އެއިނީ ހާދަ ހިތްހަމަ ނުޖެހިފައޭ ހުމާ ހިތައް އެރިއެވެ.

ކައިނިމުމާއެކު ތަށިދޮންނަން އާދަވެފައިހުރި ހިބާ ސިންކު ކައިރީ ތަށި ދޮންނަން ހުއްޓާ ނީލާ އައިސް އޭނައަތައް ތަށި ދިނުމަށް އެދުނެވެ. އެތައްދުވަހަކަށްފަހު ނީލާ ފެނުމުން ހިބާ ކުއްލިއަކަށް ނީލޫ އޭ ކިޔާފައި އޭނާގައިގާ ބައްދާލިއެވެ. ނީލާ އަވަސް އަވަހަށް ދެކޮޅު ހޯދާލީ ރަހްމާ މެޑަމް ހުރިތޯ އެވެ. ނަސީބަކުން މެޑަމްވީ ކޮޓަރީގައެވެ. ނީލާ ފުންނޭވާއެއް ދޫކޮށްލާފައި ހިބާ ކޮނޑުގައި ހިފާ ދުރުކޮށްލާފައި ހިނިތުންވަމުން ހިބާގެ މޫނަށް ބަލާލިއެވެ. އެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައްފެނި ނީލާ ނުރޯށޭ ބުނެ އަތުގައި ފިރުމާލިއެވެ. މަންމަގެ އެފަދަ ލޯތްބާއި އަޅާލުމަށް ހިތް އެދި ރޮމުންދިޔަ ހިބާއަށް ގެންގުޅޭ ނޯކަރުގެ ފަރާތުން ނަމަވެސް އެ އަޅާލުން ލިބުމުން އިތުރަށް މަންމަގެ މަތިން ހަނދާންވެ ކަރުނަތައް ނުހިފެހެއްޓުނީއެވެ. އެ މަންޒަރު ބަލަން ދުރުގައިހުރި ހުމާގެ ފޯނު ރިންގުވާން ފެށުމުން އަވަސް އަވަހަށް ފޯނު ހިފައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި ދަމުން ހިބާ ދުއްވާލަންދާން ރެޑީވުމަށް އެދުނެވެ.

މާލޭގެ ކާރޫ ބާރޫ ބޮޑު މަގުތަކުގައި ކާރު ދުއްވަމުން ދިޔައިރު އެތެރޭގައި ތިބި ދެކުދިންނަށް ބަލައިލި ކޮންމެ މީހަކަށްވެސް ފެނިގެންދާނީ މުޅިން ތަފާތު ދެ ފިކުރެއްގެ ދެކުދިންނެވެ. ހިބާ މޫނުބުރުގާގެ ހިޔަލުގައި ފުރިހަމައަށް ނިވާވެގެން އިން އިރު، ހުމާ އިނީ އަތްކުރު، ގަޔައްބާރު ޓޮޕްކޮޅަކާއި ސްކިނީ ޖީންސެއް ލައިގެންނެވެ. އަދި ޓޮޕާއި އެއްކުލަޔަކަށްދާ މަޑު ފިޔާތޮށި ކުލައިން ތުންފަތުގައި ކުލަޖައްސާފައި ގަދަޔަށް އައިލައިނާވެސް އަޅައިގެން އިންއިރު އެ ކުރު ފަން އިސްތަށިކޮޅު މެދުން ފަޅާލައިފައި ދެފަރާތައް ދޫ ކޮށްލާފައި ވެއެވެ.

ދުއްވަމުން ގޮސް ރަސްފަންނާއި ހަމައަށް ދެވުމުން ހުމާ ހިބާ ގޮވައިގެން ކާރުން ނިކުމެލީ އެހިސާބުގެ ހިތްގައިމުކަން ކާރުގައި ތިބެގެން އިހްސާސް ނުވާނެތީއެވެ. ހިބާގެ އަތުގައި ހިފައިގެން ގޮސް އެތާގެ ކުޑައެއްގެ ދަށުގައި އިން ހުސް ގޮނޑިއެއްގައި ދެކުދިން އިށީނދެލިއެވެ. ހިބާ މުޅި ސަރަހައްދަށް ނަޒަރު ހިންގާލިއެވެ. އެ ތޮއްޖެހިފައިވާ މާލޭގައި، ހިތްހަމަޖެހުމެއް ހޯދަން ބޭނުންވާ ހިތްތަކަށް ހަމަޖެހުން ގެނުވާދޭފަދަ މާހައުލެކެވެ. އެންމެ ހިތްގައިމީ ކުރިމަތީގައިވާ މޫދެވެ. އެމޫދު އެ ގޮތައް ފެންނަން ނެތްނަމަ އެތަނުގައި އެއްވެސް ހިތްގައިމުކަމެއް ނުވާނެކަން ޔަޤީނެވެ. ޤުދުރަތީ މަންޒަރުތަކަކީ އަބަދުވެސް ހިތްތަކަށް ހަމަޖެހުން ގެނުވައިދޭ މަންޒަރުތަކެކެވެ. ހިތުގައިވާ ނުތަނަވަސްކަން ކުޑަކޮށްދޭ މަންޒަރުތަކެކެވެ. ހުރިހާ އެއްޗެއްގެ ވެރި އިލާހުގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ އަޖާއިބުން ފުރިފައިވާ އެތައްކަމެއް ވިސްނާ ސިކުނޑިތަކަށް ފެނިގެންދާނެއެވެ.

އެ މަންޒަރުތަކަށް ވިސްނަމުން އެކި ފަރާތްފަރާތައް ކަޅި ހިންގަމުންދިޔަ ހިބާ އަޅައިގަތީ މާދުރުނޫން ހިސާބެއްގައި ހުއްޓިހުރި ޒުވާނަކަށެވެ. އެ ޒުވާނާގެ ނަޒަރު ހުއްޓިހުރީ ހުމާއަށެވެ. ހުމާގެ ސްޓައިލުން މީހުންގެ ލޯތައް އަޅައިގަންނާނެކަން ހިބާއަށްވެސް ވިސްނެއެވެ. އެހެންނަމަވެސް ހިބާއަށް ފެނުނީ ސިއްރު ސިއްރުން ހުމާވެސް އެ ޒުވާނާއަށް ލޯ އަޅާ މަންޒަރެވެ. އަދި ބައެއް ފަހަރު އެކަކު އަނެކަކަށް ހިނިތުންވުމެއްވެސް ރައްދުކުރާހެން ހީވެއެވެ. އެކަމުން ހިބާއަށް އުނދަގޫވަމުންދާތީ ދެން ގެޔަށްދާން ހިނގާށޭ ބުނެ ހުމާގެ އަތުގައި ހިފައިގެން ކާރާއި ދިމާލަށް ހިނގައިގަތެވެ.

ދެކުދިން މާލެތެރެ ބަލާލައިފައި އައިސް ގެއަށްވަން އިރު ދިހަ އެއްޖަހާ ބޮޑުވެއްޖެއެވެ. އެހެންކަމުން ދެ މީހުންވެސް ދިޔައީ ނިދާށެވެ. ހެދުން ބަދަލުކޮށްލައިގެން ނިދަން އޮތް ހިބާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ވިސްނެމުން ދިޔައީ އޭނާގެ މައިންބަފައިންގެ ބީވެގޮސްފައިވީ ލޯބި އަލުން ހޯދާނެ ގޮތަކަށެވެ. އޭނާގެ ބަދަލުވެފައި އުޅުމާއި ފިކުރުން ހިބާޔާއި މައިންބަފައިންނާއި ދޭތެރޭގައިވާ އެއްވެސް ކަމަކަށް ބަދަލު ނާންނާނެކަން އެ ދެމަފިރިންނަށް ވިސްނައިދޭނީ ކިހިނެއްކަމެއް ވިސްނާ ވިސްނާ އެ ސިކުނޑިއަކަށް ނައެވެ. އޭނާގެ އެ ކަޅު ހެދުމާއި މޫނުފޮތިކޮޅަކީ އޭނާ އޭނާގެ އިލާހުދެކެ ވާ ލޯބީގެ ރަމްޒެކެވެ. އެ އިލާހު އަންގަވާފައިވާ އެއްވެސް ހުކުމަކަށް އިންކާރުކުރަން އޭނާ ބޭނުން ނުވާކަމުގެ ނިޝާނެކެވެ. ވީއިރު އެ އިލާހު އަންގަވާފައިވާ ގޮތައް މައިންބަފައިންނަށް ކަމޭހިތުން އެއީ އޭނާ އެތައް ގުނައަކަށް އިސްކަން ދޭނެ ކަމެއްކަން އޭނާގެ މައިންބަފައިންނަށް އޭނާ ވިސްނާދޭނީ ކިހިނެއް ހެއްޔެވެ؟ އެބަދަލުން އޭނާގެ ދިރިއުޅުމަށާއި، އަޚްލާޤަށް އައި ހެޔޮބަދަލުތަކުގެ ވާހަކަ އޭނާ އެދެމީހުންނަށް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ މައިންބަފައިންނަށް ހެޔޮގޮތް ވިސްނާދޭނީ ކިހިނެއް ހެއްޔެވެ؟ އޮތީ އެންމެ ގޮތެކެވެ. ކިތަމެ ވަރަކަށް ބުނެ ކިޔާދިނަސް އެމީހުންނަކަށް ނުވިސްނޭނެއެވެ. ކުރެވެން އޮތްކަމަކީ އެކަން އަމަލުން ދެއްކުމެވެ. ފުންނޭވާއެއް ދޫ ކޮށްލުމަށްފަހު ހިބާ ތެދުވެ ވުޟޫ ކޮށްލައިގެން ސުންނަތް ނަމާދު ތައް ކޮށްލިއެވެ. އަދި އެއަށްފަހު މާތްﷲ ކިބަފުޅަށް އެކަމުގައި އޭނާއަށް އެންމެ ރަނގަޅު ގޮތް ދައްކަވައި، މަދަދު ދެއްވުމަށް އެދި ދުޢާ ކުރިއެވެ.

އާ ދުވަހަކަށް އިރުއަރައިގެން އައީ ހިބާގެ ހިތުގައި އެތައް އުންމީދުތަކެއްގެ އަލިކަން އިހްސާސް ކުރުވަމުންނެވެ. އިއްޔެގައި އެތައް ކަމެއްގައި ހިތްދަތިވެ ވިސްނާ ފިކުރުކުރަން ހަދައިގެން އޭނާ އޭނާގެ އާއިލާގެ މީހުންނަށް ގެނަ ހަދިޔާ ތައް މަތިންވެސް ހަނދާން ނެތުނީއެވެ. އެހެންކަމުން ރީތި ހިނިތުންވުމަކާއެކު ހަދިޔާތައް ކޮތަޅަކަށް އަޅައިން ތިރިއަށް ފޭބިއިރު ގަޑިން ހަގަޑި ބައިވަނީއެވެ. އޭރު ނީލާ ބަދިގެތެރޭގައި ސައި ތައްޔާރުކުރަން އުޅެއެވެ. މަންމަމެން އަދި ނުހޭލާނެކަން އިހްސާސްވީ ގަޑިއަށް ނަޒަރު ހިންގާލުމުންނެވެ. ހިބާގެ މިހާރުގެ އާދައިގެ މަތިން ފަތިސް ނަމާދަށް ހޭލުމަށްފަހު ދެން އޭނާ ނިދާލަނީ މެންދުރު ވަގުތެވެ. އެވެސް އިތުރު ކަމެއް ނެތް ދުވަސް ދުވަހުއެވެ. މެލޭޝިއާގަ ނަމަ އޭނާ އިންނާނީ މިގަޑީގައި ފިލާވަޅު ދަސްކުރާށެވެ.

އެނބުރި ކޮޓަރިއަށްގޮސް ރަނގަޅަށް ވިސްނާލިއެވެ. މިގޮތައް ކަމެއް ނެތި އަބަދު ގޭގަ އިނުންވެސް ރަނގަޅެއް ނުވާނެއެވެ. މެލޭޝިއާއިން ނުކިޔެވުނު ކަމުގައި ވީނަމަވެސް ރާއްޖޭން ކިޔެވެން އޮތްވަރަކަށް ކިޔެވިދާނެތާއެވެ. އެހެންކަމުން އިންޓަރނެޓަށްވަދެ އެކިއެކި ކޮލެޖް ތަކުގެ ކޯސްތަކާއި ބެހޭ މައުލޫމާތު އެއްކުރިއެވެ. އަދި ރާއްޖޭގެ އެކިއެކި އަމިއްލަ ޖަމްޢިއްޔާތަކުގެ މައުލޫމާތުތަކާއި އެމީހުންގެ މަސައްކަތްތަކުގެ މައުލޫމާތުވެސް ނެގިއެވެ. އެއަށްފަހު އެހިސާބާއި ކައިރި މިސްކިތްތަކާއި އެކިއެކި ރެސްޓޯރެންޓްތަކުގެ ލޮކޭޝަންތައް ބަލާލިއެވެ. ހިބާ ބޭނުންވާ މައުލޫމާތުތައް ނޯޓް ކޮށްލުމަށްފަހު ގަޑި ބަލާލިއިރު އަށެއް ޖަހަނީއެވެ. އެގޭގައި ހެދުނުގެ ސައިބޯނީ އާންމުކޮށް އަށްގަޑި ބައިގައެވެ. އެހެންކަމުން ހުމާއަށް ޖެއްސުންކޮށްލަން ދާން ހިތައް އެރިއެވެ.

މަތީބުރިއަށް އަރާފައި ދޮރުގަ ޓަކިދޭން ބަލާލިއިރު ދޮރުހުރީ ކުޑަކޮށް ހުޅުވިފައެވެ. އެހެންކަމުން ހުމާ ހޭލައިފިއޭ ހިތައްއަރާ އެތެރެއަށްވަނީ މަޑުމަޑުންގޮސް އޭނާ ސިއްސުވާލަން ހިތާއެވެ. ފުރަތަމަ ވަދެވެނީ ސިޓިންރޫމަށެވެ. ފުދޭ ވަރަކަށް ބޮޑުކޮށް ހަދާފައިހުރި އެ ސިޓިންރޫމުގެ އެއްފަރާތުގައި ޓީވީ ކުރިމަށްޗައް ވާގޮތައް ބޮޑު ސޯފާއެއް ބަހައްޓާފައި ހުރިއިރު އަނެއްފަރާތުގައި ބަދިގެއެއް ގޮތައް ކުޑަތަންކޮޅެއް ޔޫ ޝޭޕްގެ މޭޒަކާއެކު ހަދާފައި ހުއްޓެވެ. އެމޭޒްގެ އެއްފަރާތުގައި ސިންކު ހަރުކޮށްފައި ހުރިއިރު ކުޑަތަންކޮޅެއް ދުރުގައި އުދުން ހުއްޓެވެ. ދެކޮޓަރި ޖެހިޖެހިގެން ހުރިއިރު ހުމާ ނިދަނީ ބޮޑު ކޮޓަރީގައެވެ. އަނެއް ކޮޓަރިއެއީ ގެއަށް އަންނަ މެހެމާނުންނަށް ހާއްސަ ކޮށްފައި ހުންނަ ކޮޓަރިއެކެވެ. ދެކޮޓަރީގައިވެސް އެތެރޭން ބޭރަށްވާގޮތައް ކުޑަ ބެލްކަނި ކޮޅެއް ހުރެއެވެ. ބެލްކަނިން ފެންނަން އޮންނަނީ މާލޭގެ ބޮޑު މަގުންކުރެ މަގެކެވެ. ހިބާ އުޅޭ ބައިވެސް ޑިސައިން ކޮށްފައިވަނީ ހަމަ އެގޮތަށެވެ. ހުމާގެ ކޮޓަރިއަށްދާން ހިނގާފައިދިޔަ ހިބާއަށް ސިންކާ ދިމާއަށް ބަލާލެވުމާއެކު ހައިރާންވެ ހިނގުން ހުއްޓުނީ ސިންކު ކައިރީގައި ދެ ކޮފީ ޖޯޑް ބަހައްޓާފައިހުރިތަން ފެނުމުންނެވެ. ހުމާ ނޫން އެހެންމީހަކު މިތާ ނޫޅޭއިރު ކޮން ދެ ޖޯޑެއް ހެއްޔެވެ؟ އެހެންކަމުން ކައިރިއަށްގޮސް ރަނގަޅަށް ބަލައިލިއެވެ. ދެޖޯޑްވެސް ހުރީ ކޮފީބޮއިފަ ހުސްކޮށްފާ ނުދޮވެ ބަހައްޓާފައެވެ. ފޮނުތައް ހިކިފައި ހުރިގޮތުން ފުދޭވަރަކަށް ގިނައިރުވެފައިހުރި ހެން ހީވެއެވެ.

ފެންކައްކާ ޖަގެއް އެއްފަރާތުގައި ބަހައްޓާފައި ހުރިނަމަވެސް އެބަޔަކީ އަދި ކައްކާ، ކައިހަދާ ބައެއް ނޫންކަމުން ކޮފީ، އަދި މިލްކު ކަހަލަ އެއްވެސް އެއްޗެއްވެސް، އެއްވެސް ކަބަޑަކު ނެތެވެ. ދެން ޑަސްބިން ހުޅުވާލާ ބަލާލިއެވެ. ބޭނުންކޮށްފައިވާ ކޮފީ ޕެކެޓަތަކަކާއި މިލްކު ޕެކެޓަތަކެއް އޭގެ ތެރޭގައި ހުއްޓެވެ. ދޮންތާ! ކޮންއިރަކު އައީ؟ ހާސްވެފައިވާ ރާގަކަށް ހުމާގެ އަޑުއައިދިމާއަށް ހިބާ ބަލާލިއިރު ކުރު ސޯޓްބުރިއަކާއި ޓީޝާޓެއް ލައިގެން، ބޮލުގެ އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން ހުމާހުރީ ސުވާލުގެ ނަޒަރަކުން ހިބާއަށް ބަލަހައްޓައިގެންނެވެ. ހަމަ ދެންމެ މިއައީ. ރޭގަ މިބަޔަށް މީހަކު އައީތަ؟ ދެ ޖޯޑު ކޮފީ ބޮއިފަ ހުރީމަ. ހިބާ ޖޯޑުތަކަށް ބަލާލަމުން ސުވާލު ކޮށްލިއެވެ. އާ.. އެއީ.. އެއީ މަންމަ އައި ތަންކޮޅެއް ލަސްވެފަ ހުއްޓަ. ދެ ކޮފީތަށި ހިފައިގެން އައީ. ހުމާ ޓީވީ ބަލަން އިންދާ. ދެން އިރުކޮޅަކު ޓީވީ ބަލަން އިނދެފައި މަންމައަށްވެސް ނިދެންފެށީމަ ދިޔައީ. އަސްލު ދޮންތަ މަތިން މިސްވެގެން ކަންނޭގެ އެގަޑީގަ އެގޮތައް އައީ. ހުމާ ކޮށަމުން ކަހަލަ ގޮތަކަށް ބުންޏެވެ. އޯކޭ. ހިނގާ ސައިބޯން. މަންމަމެންވެސް މިހާރު ހޭލާނެ. އެކަމަކު ތަންކޮޅެއް ދިގު އެއްޗެއް ލައިގެން އަންނާތި. އެހެންބުނުމަށްފަހު ހިބާވެސް ތިރިއަށްދާން ހިނގައިގަތެވެ.

ރޫ ޖައްސާފައިހުރި ފުޅާ ހަރުވާޅަކާއި އަތްދިގު ކުރުތާއެއް ލައިގެން ހިބާ ތިރިއަށް ފޭބިއިރު ނާސިރާއި ރަހްމާ މޭޒްދޮށުގައި އިށީންނަނީއެވެ. އެހެންކަމުން ހިބާ އަވަސް އަވަހަށް އެމީހުން ސައިބޯންފެށުމުގެ ކުރިން އޭނާ ގެނައި ހަދިޔާ ކޮތަޅުތަށް ހުޅުވާލާފައި ދެ މީހުންނަށް ގެނަ ހަދިޔާ ފުޅާ ހިނިތުންވުމަކާއެކު ދިތްކޮށްލިއެވެ. އަދި އެއީ އެދެމީހުންނަށް މެލޭޝިއާއިންގެނައި ހަދިޔާ ކަމަށް ބުންޏެވެ. އެއާއެކު ނާސިރު ނީލާއަށް ގޮވާފައި އެ ހަދިޔާ ނާސިރުމެންގެ ކޮޓަރިއަށް ގެންދިޔުމަށް ބުންޏެވެ. އެއާއެކު ރަހްމާވެސް އޭނާއަށް ހިބާ ދިއްކުރި ހަދިޔާވެސް ގެންދިޔުމަށް ނީލާއަށް އިޝާރަތް ކޮށްލިއެވެ. ހިބާ ހީކުރީ އޭނާ ކުރިމަތީ އެކަނޑާފައި ކޯއްޗެއްތޯ ބަލާނެ ކަމަށެވެ. ނަމަވެސް އެވަރުވެސް އޭނާއަށް ފުދެއެވެ. އޭގައި ނުހިފިނަމަވެސް އެ ޤަބޫލު ކޮށްފިތާއެވެ. ހިބާ ހިތުން ﷲ އަށް ޙަމްދު ކޮށްލިއެވެ. ހިބާ ހަމަޖެހިލައިގެން އިށީންތަނާ ކަހަލަ ގޮތަކަށް ހުމާވެސް އައިސް ސައިބޯން އިށީންދެއްޖެއެވެ. އެއާއެކު ހުމާގެ ހަދިޔާވެސް ހިބާ ދިއްކޮށްލިއެވެ. ހުމާ އުފަލުން ތެންކިޔޫއޭބުނެ އަވަސްއަވަހަށް އެކަނޑާ ބެލިއެވެ. އޭގައިވަނީ ފަހުގެ ޑިޒައިނެއްގެ ރީތި ރީތި އަތުކުރީ ގަޑިއެކެވެ. އެޔާއެކު ވަކިން ކާޑެއްހެން ހަދާފައިވާ ކަރުދާސްކޮޅެއްގައި މެސެޖެއް ލިޔެލާފައި އޮތުމުން އެނަގާފައި ހުމާ ކިޔާލިއެވެ.

“އެކަލާނގެ އެއީ ފަތިހުގެ އަލިކަން ނެރުއްވި ރަސްކަލާނގެއެވެ. އަދި ހަމަހިމޭންކަމުގެ ވަގުތެއް ކަމުގައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ވަގުތު ދެނެގަތުމަށްޓަކައި) ހިސާބެއްކަމުގައި އިރާއި، ހަނދު ލެއްވި ރަސްކަލާނގެއެވެ. އެއީ، މޮޅަށް ދެނެވޮޑިގެންވާ، ގަދަފަދަވަންތަ  ރަސްކަލާނގެ މިންވަރު ކުރެއްވުމެވެ.” (ޤުރުޢާން 6:96)   ގަޑީގެ ރީތިކަމުން އަތް ޖަރީކުރުމަށްވުރެ، އެކަލާނގެ މިންވަރުފުޅުން ތިބާއަށް ދީފައިވާ ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފާ، ތިބާގެ ނަފްސު ފާފަތަކުން ޠާހިރުކުރުމުގައި ވަގުތު ހޭދަކުރަން މަސައްކަތް ކުރާށެވެ.

ހުމާ ހިބާއަށް ބަލާލާފައި ހިނިތުންވެލުމެއް ރައްދުކޮށްލިއެވެ. އެއަށްފަހު ސަޔާއިގެން ކުރިއަށްދިޔައެވެ. ބައްޕާ އަޅުގަނޑު ބޭނުން މިކޮޅުން ކޯހެއް ފުރިހަމަކުރަން. އެންމެ ރަނގަޅުތަ ކޯހަކަށް އެޕްލައި ކުރިޔަސް؟ ހިބާ ނާސިރުގެ މޫނަށް ބަލާލާފައި ޖެހިލުންވެ އިނދެ ހުއްދައަށްއެދި އެހިއެވެ. ތީ އަހަރެމެން ބޭނުންވާ ގޮތައް އުޅެން އެނގޭ ކުއްޖެއްތަ؟ ކީއްކުރަން އަހަރެންގެ ހުއްދަޔަށް އެދެނީ؟ މިހާރުވެސް ބޭނުން ގޮތްގޮތައް ތިއުޅެނީ އަހަރެންގެ ހުއްދަ ލިބިގެންތަ؟ ނާސިރުގެ ބަސްތައް އަމާޒުކުރީ ހިބާ މޫނުބުރުގާޔާމެދުކަން އެންމެނަށްވެސް އެނގެއެވެ. ހިބާ އިސްދަށަށް ޖަހާލައިގެން އިނީ ބައްޕަޔާއި ދެކޮޅަށް ބަހެއް ބުނަން ބޭނުންނުވާތީއެވެ. ކަލޭގެ އެކައުންޓަށް ކޮންމެ މަހަކުވެސް އެއޮތްގޭގެ ފަސްވަނަބުރީގެ ކުލި ޖަމާވާނެ. ކަލޭ ބޭނުންކަމެއް ކުރަން އަހަރެމެންގެ ހުއްދައެއް ބޭނުމެއް ނުވާނެ. ނާސިރު ސައި ނިންމާލާފައި ތެދުވަމުން ބުންޏެވެ.

އެއީ ތެދެކެވެ. ހިބާ މެލޭޝިއާއަށް ބަދަލުވީންސުރެ ކޮންމެ މަހަކުވެސް އެބައިގެ ކުލި ހިބާގެ އެކައުންޓަށް ޖަމާވާގޮތައް ހަދާފައިވަނީ ހިބާ ބޭނުން ޚަރަދެއް ކުރުމުގެ އިޚްތިޔާރު އޭނާއަށް ދިނުމުގެ ގޮތުންނެވެ. އެއީ ނާސިރާއި ރަހްމާގެ ނިންމުމެކެވެ. އެމީހުންގެ ދަރިން ބޭނުންވާ އެއްވެސް ކަމަކުން އުނިކުރުމަކީ އެދެމީހުން ބޭނުންވާ ގޮތެއް ނޫނެވެ. ބުނިހާވެސް އެއްޗެއް ހޯދަދީ ބުނިހާވެސް ކަމެއް ކޮށްދެނީ އެހާ ލޯބިންނެވެ. އަދި ދެކުދިންނަށްވެސް އެއުމުރުފުރައިގެ ކުދިންނަށް ބޭނުންވާނެފަދަ ފުރިހަމަ މިނިވަންކަންވެސް ދީފައިވެއެވެ. ނަމަވެސް ހިބާގެ ހިތުގައިވާ ޝަކުވާއަކީ އެމިނިވަންކަމާއި އެލޯބިން އެހެން ހުރިހާ ކަމަކަށް މަރުހަބާ ކިޔާފައިވާއިރު އޭނާގެ ދިރިއުޅުމަށް މިހާރު އައިސްފައި އެވާ ބަދަލުތަކަށް އެގޮތައް މަރުހަބާ ނުކިިޔެނީ ކީއްވެގެން ހެއްޔެވެ؟ އެކަމުގައި އޮތް މައްސަލައަކީ ކޮބައި ހެއްޔެވެ؟

=ނުނިމޭ=

5

13 Comments

  1. mal-mal

    September 11, 2017 at 1:08 pm

    MashaAllah, varah furihama mi bai ves.???
    ekamu dialogue thah komaa koalhi therey liyelaba. eyrun faseyvaane dheyha vaan. mi story up kurany vaki dhuvas thakehga tha?? ???

    • Faathii

      September 11, 2017 at 7:10 pm

      Jazaak Allah Khair.
      Next part up vaany wednesdayga. In Shah Allah. 🙂

  2. Reet

    September 11, 2017 at 1:56 pm

    V kiyaa hithvaa idrath thari vaahaka eh v reethi mi vaahaka

    • Faathii

      September 11, 2017 at 7:44 pm

      Jazaak Allah Khair.
      🙂

  3. Reet

    September 11, 2017 at 1:58 pm

    V kiyaa hithvaa ibrath thari vaahaka eh v reethi mi vaahaka

  4. Ammaar

    September 11, 2017 at 2:14 pm

    Ma sha Allah.great work.keep it up☺

    • Faathii

      September 11, 2017 at 7:46 pm

      Jazaak Allah Khair.
      🙂

  5. Shahoo

    September 11, 2017 at 2:42 pm

    Maasha allah???. Wen nxt part ?

    • Faathii

      September 11, 2017 at 7:49 pm

      Jazaak Allah Khair Wednesdayga. In Shah Allah. 🙂

  6. Xxxx

    September 11, 2017 at 3:49 pm

    Maasha Allah.. good work dear??????

    • Faathii

      September 11, 2017 at 7:50 pm

      Jazaak Allah Khair Wednesdayga. In Shah Allah. 🙂

  7. O.O

    September 13, 2017 at 3:30 pm

    Masha allah…. mihaathanah nudheken mihaa reethi ibrahtheri vaahakaeh…. keep it up

    • Faathii

      September 14, 2017 at 7:25 pm

      Jazaak Allah Khair
      🙂

Comments are closed.