އަހަރެން ހޯދަންއައިސް ގޭގައި އަންހެން ކުއްޖަކު އިނެވެ. އެކަމަނާ އިނީ ކަޅު، ދިގު ހެދުމެއް ލައިގެންނެވެ. އެ އަންހެނާ އަހަރެން ގޮވައިގެން ދިޔައީ އެކަމަނާގެ އެޕާޓްމަންޓަށެވެ. ސިޓިންގ ރޫމްގައި ހުރީ ސޯފާއަކާއި ޓީވީއެކެވެ. ދެން ހުރީ އައިސް ފުރިޖެކެވެ. އެންމެ ކޮޓަރިއެކެވެ. ހީވާގޮތުން މިތާނގައި އުޅެނީ މީނާ އެކަންޏެވެ.
“ކޮބަ އިށީންދެ. އަހަރެން އެބަ އަންނަން ބޯނެ އެއްޗެއް ހިފައިގެން. ޒެޑްގެ ހުރިހާ ސުވާލަކަށް އަހަރެން މިރޭ ޖަވާބު ދޭނަން. ކަހުލާ ވެސް ބޭނުންވަނީ އެގޮތް ކަމަށް ވާތީ. އަހަންނަަށް ކިޔަނީ ފުރެމީ. ފުރެމީ ވެސްޓުހާޓު.” އޭނާ ބުންޏެވެ.
“ކަހުލާ؟ ކޮބާ ކަހުލާ؟ އަހަރެން ކަހުލާއާ ބައްދަލުކުރަން ބޭނުން ހަމަ މިހާރު. އޭނަގެ ސަބަބުން އަހަރެން މިއުޅެނީ ވަރަށް ވޭނުގަ!” އަހަރެން ފުރެމީއާއި ދިމާލަށް ބުނީމެވެ.
ފުރެމީ ފުރިޖުން ރަތްކުލައިގެ ޖޫސްފުޅިއެއް ނަގައި ދެ ތައްޓައް ޖޫސް އަޅައިފިއެވެ. އަދި އެއްތަށި އަހަންނަށް ދިއްކޮށްލަމުން އަހަރެން ކައިރީގައި ސޯފާގައި އިށިންދެއްޖެވެ. “ތި ބޯލަ. އޭރުން ތި ބަލިގަނޑު ގޮސްދާނެ.” ފުރެމީ ބުންޏެވެ.
“އަހަރެން ބަލިވެ އުޅޭކަން ފުރެމީއަށް އެނގެނީ ކިހިނެތް؟” އަހަންނަށް ހައިރާންވެފައި އަހާލެވުނެވެ.
“ކަހުލާ އެރޭ ޒެޑް ގޮވައިގެން ހުޅުމާލެއަށް ގޮސް ކުރިކަންތައް އަހަންނަށް ކިޔައިދީފަ އޮތީ. އެހެންވެ އެނގެނީ.” ފުރެމީގެ ޖޫސްތަށިން އެތިކޮޅެއް ބޮއެލައިފައި އަހަންނަށް ޖަވާބު ދިނެވެ.
އަހަރެންވެސް ކަރުހިއްކައިފައި ހުރިވަރުން ޖޫސްތަށީގައި އަނގަޖަހައި ބޯލެވިއްޖެއެވެ. ވަރަށްމީރެވެ. މިއިން ޒަމާނަކުވެސް މިވަރުގެ ޖޫހެއް އަހަންނެއް ނުބޮމެވެ. ކަރުހިއްކުން އެއްކޮށް ފިލައިގެން ދިޔަހެންނެވެ. ބަނޑުހައި ހޫނުކަމެއްވެސް ނެތެވެ. މުޅިން ރަނގަޅުވީފަދައެވެ. ހަށިގަނޑަށް ބާރުލިބި ބޮލުގެ ރިހުންވެސް މުޅިން ފިލައިގެން ގޮއްސިއެވެ. އަހަރެންގެ ލޮލުގެ ފެނުންވެސް ސާފުވެއްޖެއެވެ. ވީ އަރާމެއްގެ ބޮޑުކަމުން ލޯމެރި އަނގަ ހުޅުވައިލައިފައި ވައެއް ލެވުނެވެ. “މި ކޮންކަހަލަ ޖޫހެއް؟”
ފުރެމީ ހިނިގަނޑެއް ޖަހާލައިފައި ބުންޏެވެ. “ތިއީކީ ޖޫހެއްނޫން. ތިއީ ލޭ. އިންސާނެއްގެ ލޭ.”
އަހަރެންނަށް އެ ޖޯކު މަޖަލެއް ނޫނެވެ. ނަމަވެސް ފުރެމީ އެ ކޮށްދިން ކަންތަކުން ޝުކުރުވެރިވުމުގެ ގޮތުގައި އަހަރެން އެ ޖޯކަށް ހިނިގަނޑެއް ޖަހާލީމެވެ. “ތިބުނީ ރަނގަޅަށް. އެހެންވެދޯ މިޖޫސް އެހާ ބާރުގަދައީ.” އަހަރެން ފުރެމީއާއި އެއްބަސްވީމެވެ.
“މިއީ މަޖަލެއްނޫން. ޒެޑް ތީ މިހާރު އަހަރުންގެ ތެރެއިންވާ މީހެއް. ކަހުލާ އަކީވެސް. ޒެޑް އަށް ތިބަލި ޖެއްސި މީހަކީ ޒެޑްގެ އެންމެ ގާތް ކަހުލާ!” މިހެންބުނެފައި ފުރެމީ ނުލަފާގޮތަކަށް ހޭންފެށިއެވެ.
ކަހުލާއޭ ކިޔައިގެން އެގޮތަށް ވާހަކަ ދެއްކުމުން އަހަރެންގެ ހިތައް ރުޅިވެރިކަން ވެރިވެގަތެވެ. ރުޅިގަދަވެގެންގޮސް އަހަރެންގެ އަތުގައި އިން ބިއްލޫރިތަށިވެސް ނޭނގުމެއްގައި މުގުރާލެވުނެވެ. އަހަރެން ފުރެމީއާއި ދިމާލައް ބަލައިލީމެވެ. އަދި އޭނާގެ ކަރުގައި ހިފާ ބާރުކޮށްލީމެވެ. ފުރެމީގެ ދެލޯ ރަތްވާންފެށިއެވެ. އަދި އަހަރެންނާ ހަތަރުކަޅި ހަމަކޮށްލިއެވެ. ދެންހިފީ އަހަރެންގެ އަތުގައެވެ. ހިފާ އަނބުރާލިއެވެ. އަހަންނަށް ވީ ތަދަކުން ލޮލުން ފެންއައެވެ. އަދި ފުރެމީ އަހަރެންގެ ކަރުގައި ހިފައި އުފުއްލާލައިފައި ސޯފާގެ މައްޗަށް ޖަހާލިއެވެ. ފުރެމީގެ ނިޔަފަތިތަކުން އަހަރެންގެ ކަރުން ލޭ ނެރެފިއެވެ. މަޑުމަޑުން ރުޅިގަނޑު ފޭދިގެން ހިނގައްޖެއެވެ. ސިޓިންގ ރޫމަށް ހަމަހިމޭންކަން އައެވެ. އެކަކަށްވެސް ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅެއް ވަންދެން ތިބީމެވެ.
“ކަހުލާގެ ލޯބިވެރިޔާ ނޫންނަމަ…” ފުރެމީ އެހިސާބުން ވާހަކަ ހުއްޓާލިއެވެ.
ފުރެމީގެ މޫނުމަތި ސާފުވެއްޖެއެވެ. ޒުވާން އަންހެން ކުއްޖެއްގެ މޫނެވެ. ރީތި ދެލޯ ވަނީ އަނދުނުން ވަށާލެވިފައެވެ. ތުންފަތާއި ކޮނޑާއިހަމައަށް ހުރި އިސްތަށިގަނޑު ހުރީ ކަޅުކުލައިން އެއްކުލަ ކޮއްލައިފައެވެ. މީގެ އިރުކޮޅެއް ކުރިން ފެނުނު ފުރެމީއެއް ނޫނެވެ.
“ސޮރީ. އަހަންނަށް ރުޅި އާދެވުނީ. ކަހުލާ އެވަރުގެ ކަމެއް އަހަންނަށް ކޮއްފާނެއެކޭ އަހަރެން ހިއެއްނުކުރަން.” އަހަރެން ދެރަވެއްޖެއެވެ.
“ރުޅި އައުމަކުން އެއްވެސް މައްސަލައެއް ނެތް. މައްސަލައަކީ ކޮންޓްރޯލް ނުކުރެވުނީމަ. އަދި މިހާރު ވަކިން ބޮޑަށް ފީލިންގްސް އަށް ބަލައިގެން އުޅެންވާނީ. އާދައިގެ އިންސާނުންނާ ޒެޑް އާ ހާސްބައި ތަފާތުވާނެ މިހާރު. އަހަރެން ސަމާސަ ކުރަނީއެއް ނޫން. މިއީ ހަޤީޤަތް. ކުރިމަތިލާ!” ފުރެމީ އެހެންބުނެފައި ކޮޓަރިއަށްގޮސް ދޮރުޖަހާލިއެވެ.
އަހަރެން އެކަނިމައި އެކަނި ސޯފާގައި އިށިއިންދެގެން އިނީމެވެ. ފުރެމީ ކިއި އެއްޗިސްއާމެދު ވިސްނެންފަށައިފިއެވެ. އެއީ ހަމަ ތެދެކެވެ. އަހަރެންގެ ހަށިގަނޑުގައި ވަރުޖެއްސި އެ ބުއިމަކީ ހަމަ ލޭ ބާވައެވެ. އަހަރެންގެ ލޯމައްޗަށް އެ ފެނުން މަންޒަރުތަކުންނާއި މި ހިނގަމުންދާ ކަންތައްތަކުން ފުރެމީގެ ވާހަކަތައް ގަބޫލުކުރެވެން ފަށައިފިއެވެ. ‘އަހަރުންގެ ތެރެއިންވާ މީހެއް؟’ ‘ކަހުލާވެސް؟’ ‘މިއީ ވަކިބައެއްބާ؟’ މިހާރު ކަހުލާ ހޯދަން ކުރިއަށްވުރެން ބޮޑަށް ބޭނުންވެއްޖެއެވެ. “ފުރެމީ ވެސްޓުހާޓު!”
ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފުރެމީ އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. އަދި ބިރުވެރި ފާޑަކަށް އަހަންނާދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
“ފުރެމީ. އަހަރެން ބޭނުން ކަހުލާއާ ބައްދަލުކޮށްލަން. ކަހުލާ ކޮބާތަ؟” އަހަރެން ފުރެމީ ގާތު އެދުނީމެވެ.
“ކަހުލާއާ ބައްދަލު ކުރެވޭނެ. ކަހުލާ އަހަންނަށް ޒެޑްގެ ވާހަކަތައް ކިޔައިދީފަ އޮތީ. އަހަންނާ ޒެޑް ހަވާލުކޮށްފަ ކަހުލާ ދިޔައީ. އެހެންވެ މި ބުނަނީ ޒެޑްގެ ރައްޓެހިންނާ ދުރުގަ މިދުވަސްކޮޅު އުޅުން ވަރަށް މުހިންމު. އާއިލާގެ މަތިންވެސް މިދުވަސްކޮޅު ހަނދާންނައްތާލަ. ޒެޑް ބޭނުން ނުވިޔަސް ވީކަމެއް ވެފަ މިއޮތީ.” ފުރެމީ ކިޔައިދިނެވެ. “އަހަރެންނާއެކު މިދުވަސްކޮޅު މި އެޕާޓްމަންޓްގަ އުޅެން މަޑުކޮއްލާ. އާ ދިރިއުޅުމެއް އެކަނި ފަށައިގަންނަން އުނދަގޫވާނެ. ހާއްސަކޮށް މި ލައިފް.”
“އަހަރުންނަކީ ދެން ކޮންބައެއްތަ؟” އަހަރެން ފުރެމީއާ ސުވާލުކޮށްލީމެވެ.
“އިންސާނުން އަހަރުންނަށް ކިޔައި އުޅޭނީ ވެމްޕައަރ. އާނ! އަހަރުންނަކީ ރޭގަނޑުގެ ބައެއް. އިރުގެ އައްޔަކީ އަހަރުންގެ ރައްޓެއްސެއް ނޫން.” ފުރެމީ ކިޔައިދިނެވެ.
ކޮންމެގޮތެއްވިޔަސް މިހާރު އަހަރެން މިއޮތީ ފުރެމީގެ ބިޑީގައެވެ. އަހަންނަށް ފުރެމީއާއި ނުލައެއް ނޫޅެވޭނެއެވެ. މަޖުބޫރުވީއެވެ. ކަހުލާ އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުކޮއްލައިފިއެވެ. “އަހަރެން ފުރެމީ އާއިއެކު އުޅޭނަން. އެކަމަކު ކަހުލާ ކޮބާ؟” އަހަރެން ކަހުލާ ހޯދަން ވަރަށް ބޭނުންވެއްޖެއެވެ.
“ކަހުލާ ވީ ލަންކާގައި. އޭނައަށް ޒެޑް އާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ޒެޑް އާ ކުރިމަތިލާން ނުކެރިގެން ފުރައިގެންދިޔައީ އަހަންނާ ޒެޑް ހަވާލު ކޮށްފައި. ޒެޑް ތިއީ ކަހުލާގެ އަމާނާތެއް.” ފުރެމީ ކިޔައިދިނެވެ.
އަހަންނަށް މި ދިމާވި ކަންތައްތަކުން އަހަރެންގެ ބޯގޮވަން މަޖުބޫރެވެ. ނަމަވެސް އެ ލޭތަށި ބުއިފަހުން އަހަރެންގެ ވިސްނުންވެސް ބަދަލުވިކަހަލައެވެ. ކުރީގައި އަހަރެން ވިސްނާގޮތަކަށް ނުވިސްނެއެވެ. ބޮލުގައި އިންނަނީ އެ ލޭތައްޓެވެ.

********

ފުރެމީ ބުނާގޮތުގައި ކަހުލާވީ ލަންކާގައެވެ. ކުރީގައިނަމަ އަހަންނަކަށް ފަސޭހައިން ކަހުލާ ހޯދަންދާކަހަލަ ވިސްނުމެއް ނައީހެވެ. ނަމަވެސް މިހާރު މުޅިން ތަފާތެވެ. ލަންކާގެ ކޮންތަނެއްތޯ ފުރެމީގާތު އޮޅުންފިލުވައިގެން ދާން އަހަރެން ނިންމައިފީމެވެ.

ފުރެމީއާއި އެކު އުޅެމުންދާތާ ހަފްތާއެއް ވެއްޖެއެވެ. ހޮސްޕިޓަލުގައި ހުންނަ އައިސްކުރި ލޭޕެކެޓް ބޮއެބޮއެ އަހަރެން ފޫހިވާން ފަށައިފިއެވެ. ފުރެމީ އެއެއްޗިސް އެޕާޓްމަންޓަށް ގެންނަގޮތެއް ބަލާކަށް އަހަންނަކަށް ނޫޅެވެއެވެ. ވެމްޕައަރުންނަށް ހައިރާންވާކަހަލަ ކަންތައްތައް ކުރެވެއެވެ. އަހަރެންގެ އާއިލާއަށް އަހަރެން ފުރެމީއާއި އެކު އުޅޭކަން އެންގީމެވެ. އެމީހުން ހަމަޖެއްސުމަށްޓަކައެވެ. ނަމަވެސް މިކަމާމެދު ވަރަށް ނުރުހުންވެ އެއްދުވަހެއްގެ ރޭ އަހަންނާ ޒާޔަރ ދިމާކޮއްފިއެވެ.
“ޒެޑް ތިހެން ކަންތައް ކޮށްފާނެކަމަކަށް އަހަރެން ހިތައްވެސް ނާރާ!” ޒާޔަރ އިނީ ވަރަށް ދެރަވެފައެވެ.
އަހަންނާއި ޒާޔަރ ތިބީ އަތިރިމަތީގައި ހުރި ކޮފީޝޮޕެއްގައެވެ. ޒާޔަރގެ މޫނުމަތިން މާޔޫސްކަން ފާހަގަކުރެވެއެވެ. ޒާޔަރ އަކީ އަހަރުން ގޭދޮށު ކުއްޖެކެވެ. އަހަންނަށް ވަރަށް ރީތި ކުއްޖެކެވެ. އަބަދުކަހަލަ ގޮތަކަށް ހުންނަނީ އިސްތަށިގަނޑު މައްޗަށް އައްސާފައެވެ. ލައިގެން ހުރީވެސް އަހަންނަށް ވަރަށް ރީތި ޓޮޕްއެކެވެ. ދެން މިކަމާ ވިސްނުމުގެ ބޭނުމެއްވެސް ނެތެވެ. ޒާޔަރގެ ކަރުގެ ލޭނާރުތައް ފެނުމުން އަހަރެންގެ އެދުންތައް އަހަންނަށް ގޮވަންފަށައިފިއެވެ. ނަމަވެސް އަހަރެން ކެއްކޮށްލައިގެން އިނީއެވެ.
“ކޮބާ މައްސަލައަކީ ޒާޔަރ؟ އަހަރެން ދެން ހުސްކޮށް ނުހުންނަންވެގެން ބިޓެއް ނެގީ. ސޯ؟” އަހަރެން ބުނީމެވެ.
“އެކަމުވެސް، އަހަރެން އަސްލު ޒެޑް ބޭނުންވޭ. އަހަރެން ހީކުރީ ޒެޑްވެސް އަހަރެން ބޭނުންވާނެ ކަމަށް.” ޒާޔަރ ވަރަށް ދެރަވެފައި ބުންޏެވެ.
“އަހަރެން ޒާޔަރ ދެކެނީ ހަމައެކަނި ރައްޓެއްސެއްގެ ގޮތުގައި.” އަހަރެން އިސްޖަހައިފައި ބުނީމެވެ.
“ހުސް ދޮގު! ކަހުލާ އަހަންނަށް ކިޔައިދިން ހުރިހާ ވާހަކައެއް!” ޒާޔަރ ރުޅި މޫނަކައިގެން ބުނެލިއެވެ.
އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ހާސްވާން ފަށައިފިއެވެ. ‘ކަހުލާއޭ؟’ އަހަރެން ޒާޔަރގެ މޫނަށް ބަލައިލައިފައި އަހާލީމެވެ. “ކަހުލާއޭ؟ ކީކޭތަ ކަހުލާ ބުނީ؟” އަހަރެންގެ ކެތްތެރިކަން ކޮޅުންލަނީއެވެ. ކުރަންޖެހޭ ކަންތައްތައް ވަރަށް ގިނައެވެ. ‘ޒާޔަރގެ ލޭ ވަރަށް މީރުވާނެބާ؟’ އަހަރެންގެ ހިތައްއެރިއެވެ.
“އޮޅުވާލަން އުޅޭނިކަމެއްނެތް. ކަހުލާބުނި ޒެޑް އަހަރެންދެކެ ލޯބިވެޔޭ! ޒެޑް އަމިއްލައަށް ކަހުލާ ކުރިމަތީގައި އެއްބަސްވެސްވި! އަދި ހަންނާނު ވެސް ބުނި ޒެޑް އަހަރެންދެކެ ލޯބިވެޔޭ.” ޒާޔަރ ކިޔައިދިނެވެ.
ތެދެކެވެ. ޒާޔަރ އަކީ އަހަރެން ހިތުލީ ކަމެކެވެ. އެކަމަކު މިހާރުވަނީ އެކަންތައް ބޭކާރުވެފައެވެ. ‘ކަހުލާގެ ސަބަބުން އަހަންނަށް މިހެން ދިމާވީ!’ އަހަރެންގެ ބޮލުތެރޭގައި ކަހުލާ ނޫން އެއްޗެއް މިހާރަކު ނޭންބުރެއެވެ. ސަބަބަކީ ކަހުލާގެ ފަރާތުން އަހަންނަށް މިބަލި އައުމުންކަމަށް ފުރެމީ ވަނީ ކިޔައިދީފައެވެ.
ދެން އިތުރަކަށް ކެތެއް ނުކުރެވުނެވެ. މީހަކަށް ތަނަކަށް ނުބަލައި އަހަރެން ޒާޔަރ އާ ދިމާއަށް ދާން ތެދުވީމެވެ. ކުއްލިއަކަށް އަހަރެންނާ ދިމާލަށް މީހަކުއައިސް ހިފަހައްޓައިފިއެވެ. ފުރެމީއެވެ.
ޒާޔަރ ދިޔައީ ސިއްސައިގެންނެވެ. “ފުރެމީތަ؟ ކޮންއިރަކު މިތަނަށް އައީ؟ ކީއްކުރަން އައީ؟!” ޒާޔަރ ގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ.
ފުރެމީ ޒާޔަރ އަށް ޖަވާބުދިނެވެ. “ޒެޑް ގޮވައިގެން ތަނަކަށް ދާން ޖެހިއްޖެ. ކޮފީ ފަނިކޮށްލެވުނީމަ ސޮރީ!” ފުރެމީ އަހަރެން ގޮވައިގެން އެތަނުން ނުކުތެވެ.
އޭރު ޒާޔަރ ފުރެމީއާއި ދިމާލައް އެއްޗިސް ގޮވާއަޑު އިވެއެވެ. އަހަރެން ހަމައަކަށް އެޅެން ފަށައިފިއެވެ.
ފުރެމީ ހީވަނީ އަހަރެންގެ ބެލެނިވެރިޔާ ހެންނެވެ. “އަހަރެން ބުނީ ކީކޭ؟ އެއްވެސް ރައްޓެއްސަކާ ބައްދަލުނުކުރާށޭ މިދުވަސްކޮޅު!” ފުރެމީ އަހަންނާ ދިމާލައް ބުންޏެވެ.
“ސޮރީ މަންމާ!” އަހަރެން ސަމާސަ ކޮއްލީމެވެ. އަދިވެސް މުޅިއަކުން މަސްތެއް ނުފިލައެވެ. ވެމްޕަޔަރގެ އެދުމަކީ ފާޑެއްގެ މަސްތެކެވެ.
އަހަރެންގެ ސަމާސަ ފުރެމީއަށް ކަމުދިޔައެވެ. ފުރެމީ ހިނިތުންވެލިއެވެ. ފުރެމީގެ އުމުރުން 150 އަހަރުވީއިރު އެކަހަލަ ގޮތަކަށް ހިނިތުންވެލިކަމެއް އަހަންނަކަށް ހިއެއްނުވެއެވެ. ފުރެމީ މިގޮތަށް އުޅޭތާ 150 އަހަރު ވީއެވެ. އަކަމުވެސް ޒުވާނެވެ. އެއީވެސް ވެމްޕައަރގެ ސިފައެކެވެ.
ކާރެއްގައި އެޕާޓްމަންޓަށް އާދެވިއްޖެއެވެ. ފުރެމީ އަހަރެން ސޯފާގައި ބާއްވާފައި ކޮޓަރިއާ ދިމާއަށް ދަމުން ބުނެލިއެވެ. “ކަހުލާ ވީ ލަންކާގެ ކޮލޮމްބޯގައި. ދެން ގުޑްނައިޓް.” ހިނިތުންވެލާފައި ކޮޓަރިއަށްވަދެ ދޮރުޖަހާލިއެވެ.
އަހަރެންގެ ހިތުގައި އޮންނަ އެއްޗިސް ފުރެމީއަށް އެނގޭތީ ވަރަށް ކަންބޮޑުވެއެވެ. އެކަމަކު މިފަހަރު އެކަމާމެދު ވަރަށް އުފާވެއްޖެއެވެ.
ކަހުލާ އެއިނީ އަހަންނަށް ޖަވާބުދާރީ ވާންޖެހިފައެވެ. މިހުރިހާ ކަމެއްގެ ފަހަތުގައިވެސް ކުރިމަތީގައިވެސް ވަނީ ކަހުލާއެވެ.

********

އިރު ހުއްޓައި ނޫޅެވޭނެތީ ރޭގަނޑުގެ ފްލައިޓަކަށް ބުކްކޮށްގެން ލަންކާއަށް ފުރުމަށް އަހަރެން އެއަރޕޯޓްއަށް ގޮސް އުޅެނިކޮށް ޒާޔަރ އާއި ދިމާވެއްޖެއެވެ. ޒާޔަރ ހުރީ އަހަންނާ ދޭތެރޭ ހިތް ހަމަނުޖެހިފަކަން ޒާޔަރގެ މޫނުމަތިމް ފާހަގަވެއެވެ. ޒާޔަރ އަށް އަހަރެން ފެނުމާއެކު އަހާލިއެވެ. “ކޮންތާކަށް؟” އެހެން އެކަންޏެވެ.
“ލަންކާއަށް ދާންޖެހިގެން. އެކޮޅުގައި ހުރި ރައްޓެއްސެއް ކިޔާވަރުން މި ދަނީ.” އަހަރެން ޖަވާބުދިނީމެވެ.
“އަންހެނެއްތަ ފިރިހެނެއްތަ؟” އަނެއްކާވެސް އަހާލިއެވެ.
“ފިރިހެނެއް.” އަހަރެންނަށް ޒާޔަރ ދެރަވެދާނެކަން އެނގޭތީ ދޮގުހެދީމެވެ. އަދިވެސް ޒާޔަރ އާ ދޭތެރޭގައި އަހަރެންގެ ހިތުގައި އިހުސާސްތަކެއް ވެއެވެ. “ޒާޔަރ ކީއްކުރަނީ އެކަނި އެއަރޕޯޓްގައި؟” އަހަރެން އަހާލީމެވެ.
“ދޮންބެ ބަލާ އައިސް. މިފަހަރު އެ އަންނަނީ އެއްކޮށް ކިޔަވައި ނިމިގެން.” ޒާޔަރ ބުންޏެވެ.
ޒާޔަރގެ ބައްޕައާއި ދޮންބެ އަތުވެއްޖެއެވެ. އަދި އަހަރެން ފެނުމުން ޒާޔަރގެ ބައްޕަ ގޮވާލިއެވެ. އެކަމަކު ޒާޔަރގެ ދޮންބެ ފާޑަކަށް ކަޅިއަޅައިގެން ހުރީއެވެ.
“ހަލޯ އިޝަގް. ވަރަށް ޒަމާންކޮށްލާފަ ދޯ މިދިމާވީ.” ޒާޔަރގެ ދޮންބެއަށް އަހަރެން ގޮވައިލީމެވެ.
ޖަވާބެއް ދިނުމުގެ ގޮތުގައި އިޝަގް ބޯޖަހާލިއެވެ. ދެންހަމަ ބަލަހައްޓައިގެން ހުރީއެވެ. ވަގުތު ކުޑަތަންވުމާއެކު ޒާޔަރ އާއި އަލްވިދާ ސަލާމް ކޮއްލީމެވެ. ދެން ހިނގައިގަތީ ފުރަންށެވެ.

********

ފްލައިޓް އެއަރޕޯޓަށް ޖެއްސުމާއިއެކު އަހަރެން އަވަސްވެގަތީ ޓެކްސީއެއް ހޯދައިގެން ފުރެމީ ދީފައިވާ އެޑްރެސްއާ ދިމާލަށެވެ. ޓެކްސީ ހުއްޓީ ވަރަށް ދުވަސްވެފައިވާ ގެއެއްގެ ކުރިމައްޗަށެވެ. އަހަރެން ޑްރައިވަރަށް ލާރި ދީފައި އެ ގޭގެ ގޭޓު ހުޅުވައިފައި ގޯތިތެރެއަށް ވަނީމެވެ. ‘ރޭގަނޑުގެ މީހުން. ހެ! ހެ!’ ގެއަށް ރަނގަޅަށް ނަޒަރުހިންގަމުން ހިތަށް އަރުވާލެވުނެވެ. މުޅި ސަރަހައްދު ފަޅުވެފައެވެ. ގަޑީގެ ގޮތުންކަމަށް ބެލެވެއެވެ. ކަހުލާއާއި އެންމެފަހުން މި ދިމާވީތާއޭ ހިތައްއެރިއެވެ. އެންމެ ފަހުން ކަހުލާއާއި ދިމާވީ ދެމީހުން ހުޅުމާލެއަށް ދިޔަ ދުވަހުއެވެ. އެރޭ ހިނގި ހާދިސާ ހިތަކުން ފިލައިގެނެއް ނުދާނެއެވެ.
އަހަރެން އެ ގޭގެ ދޮރުގައި ޓަކި ދިނީމެވެ. އިރުކޮޅެއް ވަންދެން ހުރެފައި ދެވަނަފަހަރަށް ޓަކި ދިނީމެވެ. ތިންވަނަ ފަހަރަށް ނުދެވެނީސް ދޮރު ހުޅުވައިފިއެވެ. ކުރިމަތީގައި ހުރީ ކަހުލާއެވެ. ކަހުލާ ފެނިފައި އަހަރެންގެ ބަސް ހުސްވެއްޖެއެވެ. ކަހުލާގެ މޫނުމަތިން އެއްވެސް ހައިރާންކަމެއް ފެންނާކަށް ނެތެވެ. ފެންނަނީ މާޔޫސްކަމެވެ. ލޮލުން ހުރީ ކަރުނަ އައިސްފައެވެ. އަހަންނަށް އެއްޗެކޭ ނުބުނެވެނީސް ކަހުލާ އަހަރެންގެ ގައިގައި ބައްދައިލައިފިއެވެ. އަހަންނަކަށް ކަހުލާގައިގައި ބައްދާލުންނޫން އެހެންގޮތެއް ނުފެނުނެވެ. ކަހުލާ ދުރުވެލާފައި އަހަރެންގެ މޫނަށްބަލައި ހަތަރުކަޅި ހަމަކޮށްލިއެވެ. އިހުސާސްކުރެވޭފަދަ ބާރެއް އަހަރެން ގޭތެރެއަށް ކަހުލާ ފަހަތުން ވައްދައި ދޮރު ލައްޕައިލިއެވެ.

********

9

6 Comments

  1. Sama dhonthi

    September 6, 2017 at 9:23 am

    Reethi

    • A.S.Cain

      September 6, 2017 at 5:09 pm

      Thank you @sama dhonthi 🙂

  2. lboo

    September 6, 2017 at 10:03 am

    very interesting. when is next part pls?

    • A.S.Cain

      September 6, 2017 at 5:10 pm

      Thank you @iboo. Next part varah avahah post kuranan in sha Allah.

  3. Kuda Kamana

    September 6, 2017 at 10:51 am

    Vampire dho. Hehehe dhen majaa kiyaalan..

    • A.S.Cain

      September 6, 2017 at 5:11 pm

      Thank you @kuda kamana 🙂

Comments are closed.