
ވައިވީމަ – (4) އެނބުރި އައުން
ދިގު ދަތުރަކަށްފަހު އަހަރެން ހޯދަން ބޭނުންވާ މީހާ ކައިރިއަށް އާދެވިއްޖެއެވެ. ދުވަސްވެފައިވާ ބޮޑު ގެއެއްގައި އަހަރުން ދެމީހުން އުޅެން ނިންމައިފީމެވެ. ބާ ފަރުނީޗަރުތަކަކީ އަހަރުމެންނާ ގުޅޭ، އަހަރުމެންގެ އަސްލު ބަޔާންކޮށްދޭ އެއްޗިއްސައްވަނީ ވެފައެވެ. މި ގެއަކީ އަހަރުމެންގެ ހަޔާތުގެ ފެށުމަށް ވެއްޖެއެވެ. އަހަރެން ކަހުލާގެ އައު ހަޔާތަށް އައިތާ ތިން ދުވަސް ވީއެވެ. ބަނޑުހައިހޫނުކަން ހައްލުކުރުމަށް ގެ ކައިރީގައި އުޅޭ އަވަށްޓެރިން ގެޔަށް ގެނެސް ވެމްޕައަރގެ ބާރު ބޭނުންކޮށްގެން އެމީހުނަށް ނޭނގި އެމީހުންގެ ގައިން ލޭ ބޯން ފެށިއްޖެއެވެ. ލޭ ބޮވޭ ކޮންމެ ފަހަރަކު އެމީހުންގެ ގައިން ލަކުނު ލެވެއެވެ. ނަމަވެސް ކަހުލާ އަހަންނަށް އެމީހުންގެ ހަނދާންތައް ވެމްޕައަރގެ ބާރުން ފޮހެލަން ދަސްކޮށްދިނެވެ.
މިހެންގޮސް ހަފްތާއެއްހާ ދުވަސްވުމުން އަހަންނަށް އަހަރެން މިތަނަށް އައި ބޭނުން ހަނދާނަށް އަންނަން ފަށައިފިއެވެ.
އެއްރެއަކު ކަހުލާއާއި އަހަރެން ގޭ ގޯތިތެރޭގައި ހުރި ބެންޗެއްގައި ތިބެފައި ދެކެވުނު ވާހަކައަކުން އަހަރެންނަށް ކަހުލާއާއި ސުވާލު ކުރެވެން ފެށުނެވެ.
ކަހުލާއަށް ހުޅުމާލެދިޔަ ރޭ ކަންތައްކުރެވުނު ގޮތް އަހަންނަށް ކިޔައިދޭން ފެށިއެވެ.
“ޒާޔަރ ދެކެ ޒެޑް ލޯބިވާކަން އަހަންނަށް އެނގުމުން އަހަރެން ބޭނުންވީ ވީހާވެސް އަވަހަށް އަހަރެން ލޯބިވާވަރު ޒެޑްއަށް ބަޔާންކޮށްދޭން. އޭރު ހުރީ ފުރެމީ އާއި ދިމާވިތާ މަހެއްހާ ދުވަސްވެ ވެމްޕައަރ އެއްގެ ގޮތުގަ. އެކަމަކު އަހަންނަށް ޒެޑްއާ ނުލާ ނޫޅެވޭނެތީ ހުޅުމާލެގޮސް، އެރޭ ހާއްސަ ކޮށްލަން ބޭނުންވި. އަހަންނަށް ވެމްޕައަރގެ އެދުން ކޮންޓްރޯލް ނުވެގެން ޒެޑް ބޭނުން ކުރެވުނީ އެދުން ފުއްދާލަން. އަހަންނަށް ހަމަހޭކަން އައިއިރު ވާނެކަމެއް ވެ ނިމިފަ އޮތީ. ދެން އަހަރެންގެ ގައިން ޒެޑް އަށް ލޭ ބޯންދީފަ ޒެޑްގެ ފަހުނޭވާއަށް ދަންދެން ޒެޑް ކައިރީގައި އިނިން. ޒެޑް ދުނިޔެއިން ވަކިވިކަން ޔަގީންވުމުން އަހަރެން ޒެޑްގެ ހަށިގަނޑު ކައިރީހުރި އިމާރާތަށް ގެންގޮސް ބޭއްވީ. އަދި އަހަރެން ކަހަލަ ވެމްޕައަރ އެއްގެ ގޮތުގައި އެނބުރި އަންނާނެކަންވެސް އެނގިހުރެ އަހަރެންގެ ލޭ ޒެޑް އަށް ދިނީ، އަދިވެސް ޒެޑް ދެކެން ބޭނުންވާތީ.” ކަހުލާ ވާހަކަ ނިންމާލިއެވެ.
ހަމަހިމޭން ވަގުތެކެވެ. ވައިމަޑު އުޑުމަތި ސާފު ހަނދުވަރުދޭ ރެއެކެވެ. ކަހުލާގެ ވާހަކަތަށް އަޑުއިވިއްޖެއެވެ. އަހަރެންގެ ހަޔާތް ނިންމާލީ ކަހުލާއެވެ. މި ބަލި އަހަންނަށް ޖެއްސީވެސް ކަހުލާއެވެ.
“އަހަންނަށް މައާފް ކުރޭ. އަހަރެން ޒެޑް ދެކެ ވަރަށް ލޯބިވޭ.” ކަހުލާ އިނީ ރޮވިފައެވެ.
އަހަރެން ބެންޗުން ތެދުވެ ގެއާ ދިމާލަށް ހިނގައިގަތީމެވެ. އަހަރެންގެ ވެމްޕައަރ ހަޔާތް ފެށުނީއްސުރެން ކަހުލާއަށް އަހަރެންގެ ހިތުގައި ތަފާތު އިހުސާސްތަކެއް ވެއެވެ. އެ އިހުސާސްތައް ދަނީ ހިތުގައި ފެތުރެމުންނެވެ. “އަހަރެން ކަހުލާއަށް މައާފް ކޮއްފިން. އެކަމަކު އަހަންނަކަށް މި ހަޔާތެއް ކަމަކުނުދޭ! މިއީ ދިރިއުޅުމެއްތަ؟” އަހަރެން ކަހުލާއަށް ބަލައިލައިފައި ބުނީމެވެ.
“އަހަންނެއްވެސް މި ދިރިއުޅުމަކަށް ނޭދެން. ފުރެމީގެ ޝިކާރައަކަށް އަހަރެން ވުން އެއީ ތަޤުދީރު!” ކަހުލާއަށް ވަރަށް ބާރަށް ރޮވެންފެށިއެވެ.
އަހަންނަކަށް ކަހުލާ ރޯތަން ބަކާލަށް ނުހުރެވުނެވެ. އަވަހަށް ގޮސް ކަހުލާ ގައިގައި ބައްދާލީމެވެ. ކަހުލާ އެއްށްވުރެން ބާރަށް އަހަރެން ގައިގައި ބައްދައިލައިފައި އަޑުލަމުން ލޮލުން ކަރުނަ ބާލަން ފެށިއެވެ. އަހަރެން ކަހުލާ ގޮވައިގެން ގޭތެރެއަށްގޮސް، ކޮޓަރިއަށްވަދެ އެނދުމަތީގައި ބާއްވައިފީމެވެ. އަދި އެނދުގެ އަނެއްފަރާތުގައި އޮށޯތީމެވެ. ކަހުލާ އަހަރެންގާތަށް ޖެހިލިއެވެ. އަދި އަހަރެންގެ މޭމަތީގައި ބޯއަޅައި، އަހަރެންގެ މޫނާ ދިމާލަށް ބަލާލިއެވެ. އަހަރެން ކަހުލާއަށް ހިތުން ރުހުމުން މައާފް ކުރިކަން މޫނުމަތިން ދެއްކީ ހިނިތުންވެލުމަކުންނެވެ. ކަހުލާގެ މޫނު އަހަރެންގެ މޫނާއި ގާތްކޮށް ދެމީހުންގެ އެދުމަށް ރުހެވެން ފެށުނެވެ. އަދި ލޯބީގެގޮތުން ގުޅެން ފެށުނެވެ.
މާ ގިނައިރަކު ނުނިދުނެވެ. ބޭރު ދޮރުގައި ވަރަށް ބާރަށް ޓަކިޖަހާ އަޑަށް އަހަންނަށް ހޭލެވުނެވެ. އެއިރު ހުރީ އިރުއަރައި އަލިކަން ފެތުރިފައެވެ. އަހަރެން ގަޔަށް ފައިލައިގެން ނިދާފައި ކަހުލާ އޮތެވެ. މަޑުމަޑުން އެ ފައި އެނދުމަތީ ބާއްވައިފައި ތެދުވެ، ފޭރާން ލައިގެން ދިޔައީ ދޮރުހުޅުވާށެވެ.
ދޮރު ހުޅުވާލެވުނީ ލަންކާ ފުލުހެއް ކުރިމައްޗަށެވެ. އޭނާ އަހަންނާއި މުހާތަބުކުރީ އިނގިރޭސި ބަހުންނެވެ. އޭނާ ބުނާގޮތުން އޭނާ އައީ ގެކައިރި އަވަށްޓެރިން ރިޕޯޓް ކޮށްގެން ގެ ބަލާ ފާސްކުރުމަށެވެ. ސަބަބަކީ މިގެއަށް އައި މީހަކު އެނބުރި އޭނަގެ ގެއަށް ނުދާތާ ތިންވަރަކަ ދުވަސް ވުމުންނެވެ.
‘އެހެން ވެގެން ނުވާނެ. އަހަރުން އެއްވެސް މީހެއްގެ ފުރާނެއެއް ނަގައެއް ނުލަން.’ އަހަރެންެ ހިތައްއެރިއެވެ. ކޮންމެއަކަސް އެ ފުލުސްމީހާ ގެއަށް ވަދެފިއެވެ. ފަހަތުން އިތުރު ހަތަރު ފުލުހަކާއި ދެ އަވަށްޓެރިންވެސް ވަނެވެ. އެމީހުން ގެ ބަލާ ފާސްކުރަންފަށައިފިއެވެ. ބޮޑު ގެއެކެވެ. އަހަރެން ކޮޓަރިއަށްގޮސް ކަހުލާއަށް ގޮވައި، ވެގެންއުޅޭގޮތް ކިޔައިދިނީމެވެ. ދެމީހުން ގޭގެ ސިޓިންގ ރޫމަށް އައިސް ފުލުހުންނާއި ކުރިމަތިލީމެވެ.
އަހަރުންދެމީހުން ޕޮލިސް ސްޓޭށަނަށް އެމީހުންނާއި އެކުގައި ދިއުމަށް އެދުނެވެ. އަދި ބިޑި ނަގައި އަހަރުންގެ އަތްތަކުގައި އަޅުވަން އުޅުނެވެ. އަހަރެން މައްސަލައަކީ ކޮބައިހޭ އެހުމުން ބޭސްމަންޓަށް ގެންގޮސް މަރުވެފައިއޮތް މީހަކު ދެއްކިއެވެ. އެއީ ގެއްލިގެން ހޯދާ މީހާކަމަށް ފުލުހުން ޝައްކުކުރެއެވެ. ތިއީ އަހަންނަށް ނޭނގޭ ކަމެކެވެ. ނޭނގި ކަމެއް ހިނގުމަކީ އަހަރެން ހައިރާންވެދާނެވަރު ކަމެއްނޫނެވެ. ގިނަވަގުތު ހުރެވެނީ ވެމްޕައަރ މަސްތުގައެވެ.
“ޒެޑް…” ކަހުލާ އަހަންނަށް ގޮވައިލައިފައި މޫނުމަތިން ކަންބޮޑުވުން ހާމަކުރިއެވެ.
ކަންތައްތައް ވަރަށް ގޯސްވެއްޖެކަން އަހަންނަށް އިހުސާސް ކުރެވެން ފެށުނެވެ. ކަހުލާ ފުލުހުންނަށް ހަމަލާ ދޭންފަށައިފިއެވެ. އަހަންނަށް ބަލާކަށް ނުހުރެވުނެވެ. ކަހުލާއާއި ބައިވެރިވެ ފުލުހުންނާ ހަނގުރާމަކުރަން ފަށައި އެމީހުންގެ ގައިން ލޭ އޮހޮރުވާލައި މަރާލެވިއްޖެއެވެ. އެއް އަވައްޓެރިއަކު އަހަރުންގެ ކިބައިން ސަލާމަތްވެ ގެއިން ނުމުމެގެން ގޮއްސިއެވެ. އިރުގެ އަލިކަން ހުރުމުން އަހަރުންނަކަށް ގެއިން ބޭރަކަށް ނުނިކުމެވުނެވެ. ގޭގައި ތާށިވެފައި ތިބީމެވެ. ވަރަށް ގޯސްވެއްޖެއެވެ. އަހަރުންނާ ދިމާލަށް މުޅި ކޮލޮމްބޯގެ ރައްޔިތުން އަންނާނެކަން ޔަގީންވެއްޖެއެވެ.
“ދެން ކިހިނެތް ހަދާނީ؟ މިއީ އަހަރުންގެ ނިމުންބާ؟” އަހަންނަށް ބުނެވުނެވެ.
ކަހުލާ ސޯފާގައި އިށިއިންދެ ބޮލުގައި ދެއަތްއަޅައި ރޮވެންފެށިއެވެ. އަހަރެންވެސް ކަހުލާ ކައިރީ އިށިއިންދެފައި ކަހުލާ ގައިގައި ބައްދާލީމެވެ. ކަހުލާއާއި އެކު އަހަރެންވެސް އެބަހުރިކަން ލޯބިން އަންގައިދިނީމެވެ. “މި ހުރިހާ ކަމަކާ ކުރިމަތިލާނީ އަހަރުން ދެމީހުން އެކީ. މިއީ އަހަރުމެންގެ ތަޤުދީރު.”
ކަހުލާ ބޯ ޖަހާލިއެވެ. އަދި ބުންޏެވެ. “ދެން އަހަރުން މިތާގައި ތިބުން އެހާ ރަނގަޅެއް ނޫން. އިރުއޮއްސޭހާ އަވަހަށް މިތަނުން ފިލަންވާނެ.”
އަހަންނަށް ބުނެވުނެވެ. “ޔަގީންތާ!”
* * * * * *
ބޯނެ ވަރަކަށް ބޮއެގެން ގައިގައި ރަނގަޅަށް ވަރުޖައްސައިލައިފައި ކަހުލާ އާއި އަހަރެން ތައްޔާރުވީ އަހަރުމެން ދުނިޔޭގައި އުޅުމަށް ކުރަންޖެހޭ ހަނގުރާމައަށެވެ. އިރު އޮއްސޭން އިނީ ގަޑިއެއްހައިއިރެވެ. ސޯފާގައި ކަހުލާ އުނގަށް ލައިގެން އެކަމަނާގެ ދިގު އިސްތަށިކޮޅާ ކުޅެލަ ކުޅެލާ އަހަރެން އިނީމެވެ. ކަހުލާ އަހަރެންގެ ބޮލުގައި ފިރުމަން އިނދެފައި ބުނެލިއެވެ. “ޒެޑް އަހަރެންދެކެ އަބަދުވެސް ލޯބިވައްޗޭ!”
އަހަރެން ކަހުލާގެ އަތުގައިހިފާ ދޮނެއްދިނުމަށްފަހު ބުނީމެވެ. “އަހަންނަށް މިހާރު ހީވާކަހަލަ ކަހުލާ އަހަންނާއެކު އަބަދަށް އުޅެން ބޭނުންވެގެން ހެދި ގޮތެއްބާވައޭ މިއީ.”
“ތިބުނި އެއްޗެއް ނުވިސްނުނު.” ކަހުލާ އަހަރެންގެ އުނގުން ތެދުވެ އަތުގައި ހިފިއެވެ. “ކޮންމެ ގޮތެއް ވިޔަސް މިއީ ކުރީގެ އަބަދު ދެރަވެފަ ހުންނަ ކަހުލާ އެއް ނޫން. މިއީ ވެމްޕައަރ އެއް.” މިހެން ކިޔައިފައި ނުބައި ހިނިގަނޑެއް ޖަހައިލިއެވެ.
އަހަރެން ތެދުވެ ކަހުލާގައިގައި ބައްދާލީމެވެ. “މިއީވެސް! ކުރީގަ ވިސްނާ ގޮތަކަށް މިހާރަކު ނުވިސްނޭ. މުޅިން ތަފާތު ވިސްނުމެށް ހުންނަނީ.”
ކުއްލިއަކަށް ބާރު އަޑަކުން މީހަކު ގޮވަންފަށައިފިއެވެ. އެއީ ބޭރުންނެވެ. އޭނާ އެދެނީ އަހަރުން ގެއިން ނުކުމެ ފުލުހުންނާ ހަވާލުވުމަށެވެ. އިރުއޮއްސެން ގާތްވެއްޖެއެވެ.
“ކެތްކޮއްލާ. ކުޑަދޮރަކުން ނަމަވެސް މިގެއިން ނުކުމެވިއްޖެއްޔާ އަހަރުމެން ސަލާމަތްވާނެ.” ކަހުލާ ބުންޏެވެ.
“އެމީހުންނާ ހަނގުރާމަކުރަންވީނު؟” އަހަރެން ކަހުލާގެ ހިޔާލަކަށް އެދުނީމެވެ.
“ނޫން. ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލުމަށްފަހު ކަހުލާ ޖަވާބުދިނެވެ. “މީހުން މާ ގިނަ. އަހަރުން އަދި އެހާ ބާރުގަދައެއް ނޫން. ފުރެމީ ނަމަ މިއީ އެއްވެސް ކަމެއްނޫން.”
“ދެން ކިހިނެތް ހަދާނީ؟” އަހަރެން ހަމަ ރަނގަޅަށްވެސް ހަދާނެގޮތް ހުސްވެއްޖެއެވެ.
“މަޑުކުރޭ. އެމީހުން ވަންނާނެ އެންނު.” ކަހުލާ ބުންޏެވެ. “ހިނގާ މަޑުކުރަމާ. މީހުން ތިބީ މުޅި ގެ ވަށާލާފަ. ބައިވަރު މީހުން އެބަތިބި.”
އަހަރެންވެސް ކުޑަދޮރަކުން ބޭރު ބަލައިލީމެވެ. އާނ އެކެވެ. މީހުންތިބީ ހަތިޔާރުވެސް ހިފައިގެންނެވެ. އަހަރެން ހުރީ ކުޑަކޮން ބިރުގަނެފައެވެ. ކުރީގެ އަހަރެންނަމަ ބިރުން ހަލާކުވީހެވެ. ކަހުލާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އެކަމަކު ވަރަށް ހިއްވަރުގަދައެވެ.
ކޮންމެއަކަސް އަހަރުމެންގެ ޚަބަރެއް ނުވުމުން ބައިބަޔަށް މީހުން ގެއަށް ވަންނަން ފަށައިފިއެވެ. އިރު އޮއްސިއްޖެއެވެ. އަހަރެން އިންތިޒާރުކުރާތާ ކޮންއިރެއްހެއްޔެވެ. ކުޑަދޮރުގެ ބޭނުންކުރީ ގެއިން ބޭރުވާންށެވެ. ބޭރުގައިތިބި މަދު މީސްކޮޅަށް އަހަރުމެންނެއް ނުހިފެހެއްޓުނެވެ. އެމީހުންގެ ނަޒަރުހިންގުމަށްވުރެ އަހަރުމެންގެ ދުވެލި މާ ބާރެވެ. ލޮލަށް ފާހަގަވާނީ ކިރިޔާއެވެ. ހައެއްކަ ބުލޮކު ހުރަސްކުރުމަށްފަހު ދެމީހުން ހުއްޓުނީމެވެ.
“އަހަރެން ހިތަށްވެސްނާރަން މިހާ ފަސޭހައިން ސަލާމަތް ވެވޭނެކަމަކަށް.” ކަހުލާ ހޭންފެށިއެވެ.
“އާނ! އަހަރެންވެސް. ދެންހިނގާ އަވަހަށް އަހަރުމެންގެ ޤައުމަށް ދެވޭތޯ އުޅެމާ!” އަހަރެން ބުނީމެވެ.
“ޓެކްސީ!” ކަހުލާ އެހެންއައި ޓެކްސީއެއް މަޑުކުރުވައި އަހަރުން އެއަށް އަރައި މިސްރާބުޖެހީ އެއަރޕޯޓްއަށެވެ. ނަސީބަކުން ރާއްޖެއަށް ފުރާ ފްލައިޓެއްގެ ޗެކްއިން ކުރިއަށްދަނީއެވެ. އަހަރުމެންގެ އަތުގައި ލަގެޖެއްގެ ހިސާބުވެސް ނެތެވެ. މިކަންވީ ވަށައިގެންތިބި މީހުންނަށް ޖޯކަކަށެވެ. އެމީހުންގެ ބެލުންތަކުން އަހަރުމެންނަށް އާދަޔާޚިލާފު ކަމެއް ކުރުމަށް ހުރަސްއަޅައެވެ.
“ކަމެއް ހިންގާލަބަލަ ކަހުލާ. އޭރުން އަހަރެން ގޭޓުން އެތެރެވާން މަސައްކަތް ފަށާނަން.” އަހަރެން ކަހުލާއާއި ދިމާލަށް ބުނީމެވެ.
ކަހުލާ ބޯޖަހައިލައިފައި ބިންމައްޗަށް ވެއްޓިގަތެވެ. އަދި ގޮވަންފެށިއެވެ. “މީހެކޭ!” ކަހުލާ ބޮލުގައި އަތްއަޅާފައި ބިންމަތީގައި ފުރޮޅިގަތެވެ. އަދި ހެދުންކޮޅު ފަލަމަސްގަނޑާ ހަމައަށް އަރުވައިލައިފިއެވެ.
އެންމެންގެ ސަމާލުކަން އެ ޒުވާން އަންހެނާ އަތުލައިގެންފިއެވެ.
ދޮރުގާޑާއި ހަތަރުކަޅި ހަމަކޮށްފައި އަހަރުންމެން ދެމީހުންނަކީ ވީ.އައި.ޕީ ބައެއްކަން އަންގައިދިނީ އިނގިރޭސި ބަހުންނެވެ. “ކަހުލާ. އާދޭ! ދެން ހެވޭ!” އަހަރެން ކަހުލާއަށް ގޮވައިގެނެސް، ދެމީހުން ގޭޓުން އެތެރެވެފީމެވެ.
ވަގުތު އައިސް ޖެހުމުން ފްލައިޓަށް އަރަން ދެމީހުން ހިނގައިގަތީމެވެ. “ސީންއެއް ހަދަންބުނީމަ ހާދަވަރެއް ތިކޮށްލީ؟” ހިނގައިފައިދަމުން އަހަރެން ކަހުލާއާއި ދިމާލަށް ބުނެލީމެވެ.
ކަހުލާއަށް ހެވުނެވެ. އަދި ބުންޏެވެ. “އާނ. މަވެސް ލޯބިވޭ.”
* * * * * *
ރާއްޖެއަށް އާދެވިއްޖެއެވެ. ފެރީއިން ފައިބާފައި އަހަރެން ބުނީމެވެ. “ދެން ކިހިނެތް ހަދަނީ؟”
ރޭގަނޑު ދަންވެ ބާރަގަޑި ބައިވެއްޖެއެވެ. “ދެން އަހަރެން ދާނީ ގެއަށް. ދައްތަ ނުފެންނަތާ ވަރަށް ދުވަސްވެއްޖެ.” ކަހުލާ ބުންޏެވެ. ކަހުލާގެ މައިންބަފައިން ވަނީ ކަހުލާ ވަރަށް ކުޑައިރު ނިޔާވެފައެވެ. ކަހުލާ ބަލަނީ ކަހުލާގެ މަންމަގެ ކޮއްކޮއާއި އޭނާގެ ފިރިމީހާއެވެ. އެމީހުން ކަހުލާ އުޅޭނޫޅޭގޮތް ބަލައިހަދާހެނެއް އަހަންނަކަށް ހިއެއްނުވެއެވެ.
“އާނ. މާދަމާ އިރުއޮއްސުމުން އަހަރުމެން ބައްދަލުވާންވާނެ.” އަހަރެން ބުނީމެވެ.
މަގުމަތީގައި އިރުކޮޅަކު ދެމީހުން ހުރީމެވެ. “ދެން ދަނީ.” އަހަރެން މިހެން ބުނެފައި ހިނގައިގަންނަން އެނބުރިލީމެވެ.
އެވަގުތު އަހަރެންގެ އަތުގައި ކަހުލާހިފިއެވެ. އަދި އަހަރެން ކުރިމައްޗަށް އަރައި، އިސްއުފުލާލައިފައި ހޫނު ތުންފަތެއް އަހަރެންގެ ކޮލުގައި ޖައްސައި ދޮނެއްދިނެވެ. އަދި ވައިއަޑަކުން ބުނެލިއެވެ. “ވަރަށް ލޯބިވޭ.”
* * * * * * *
11 Comments!
Comments are closed.
V reethi
thank you @sama dhonthi. 🙂 🙂
Salhi
Thank you @kuda kamana 🙂
Mee dn koache …kahulaa ey ???
Kahulaa aky Nahulaa kohko. 🙁
Vaahaka ehhkon nukiyanyaa vaanuvaa eh neygeyne dho.
waiting ??
Will be coming soon. 🙂
Ey dhen avas kohlabala.. V kiya hihvey 🙁
faahana thashi varah avas kohlaanan. 😀 haha