ހަށިގަނޑުގައި ފުރާނަ ހުރިނަމަވެސް، ހިމޭން ދިގު “ނިންޖެއްގައި” އޮތް ޠައްޔިބުއަށް ޖައިޝް ނިކަން ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އެހިނދު ހަގީގަތަކަށްޓަކައި އޮޅުވާލެވުނު މި ބޮޑު އޮޅުވާލުމުގެ ހަގީގަތް ޖައިޝްގެ ލޯކުރިމަތީގައި ފިޔަ ޖަލާލިއެވެ. ކަޅާ ހުދުގެ މަންޒަރެއް ފަދައިންނެވެ.

*******

” ދަރިފުޅާ….. ދަރި ފުޅުގެ ދިރިއުޅުމުގެ… ހަގީގަތާ.. ގުޅޭ … ވަރަށް….. ބޮޑު…… ސިއްރެއް ވަނީ… ފޮރުވިފަ…. ބަ… ބަ… ސިޓީ………….” ޠާއްޔިބުއާ ދިމާއަށް ގުދުވެލުމާއެކު ހަށިގަނޑަށް ބާރު ލަމުން ޠާއްޔިބު ބުނަން އުޅުނު އެތި ޖައިޝްއަށް ރަނގަށް ސާފުވާ ގޮތެއް ނުވިއެވެ. ނޭވާ ނުލެވިގެން ގަދަޔަށް ހިންދެމިލަން މަސައްކަތްކުރާ މީހަކު ފަދައިން ޠައްޔިބުގެ ހަށިގަނޑު ކުއްލިއަކަށް މެއާ ދިމާލުން މައްޗަށް އުފުލުނީ އެވަގުތުއެވެ. އެހިނދު، ބޭރުވި ފުންނޭވާއާއެކު ޠައްޔިބުގެ ހިތް ހުއްޓުނު ފަދައެވެ. ހަށިގަނޑަށް ގުޅާފައިވާ މެޝިނުގެ “ބީޕް ބީޕްގެ އަޑު ކެނޑިގެން ދިޔައެވެ. ޠާއްޔިބު މި ފަނާކުރަނިވި ދުނިޔެއާ ވަކިވި ކަމުގެ އިހްސާސާއެކު ޖައިޝް ބައްޕާއޭ ކިޔާ ޠާއްޔިބުގެ ގައިގައި އޮޅުލައިގަތެވެ.

ހެޔޮ ނަސީބަކީ ކިހާ ބޮޑު ނިޢުމަތެއްކަން ޖައިޝްއަށް އިހްސާސްވީ ހަމަ އެވަގުތު އެތަނުގައި ބާއްވާފައި އޮތް އެހެން ބަލި މީހަކަށްޓަކައި ހާޒިރުވި ދެ ޑޮކްޓަރުންގެ ސަބަބުންނެވެ. ކަންދިމާކުރި ގޮތުން ދެ ޑޮކްޓަރުންނަކީވެސް ޠައްޔިބުގެ ގާތް ދެ އެކުވެރިންނެވެ. ހުރިހާވެސް ޝުކުރެއް ތަޤުދީރު ރޭއްވި އެ އޯގާތެރި ތަދުބީރަށެވެ. ޖައިޝްވެސް ހިމެނޭގޮތުން އެ ދެ ޑޮކްޓަރުންގެ މަސައްކަތުން ޠާއްޔިބަށް “މަރުން” ސަލާމަތް ވެވުނު ފަދައެވެ. ހިނދުކޮޅަކަށް ހުއްޓުނު އެ ހިތުގެ ހިނގުން އަލުން ލިބިގެން ދިއުންވީ ޖައިޝްގެ ލޮލު ކުރިމަތިން ފެނުނު މުޢުޖިޒާތެއް ފަދަ ކަމަކަށެވެ. މާތްﷲ ގެ ކުޅަދުން ވަންތަ ކަމާއެވެ!.

” ބަ.. އް… ޕަ އަށް މިހެން ހެދީ…. ބައްޕަ… ދަންނަ މީހެއް……………………………” އަޖާއިބެއްފަދަ ގޮތަކަށް ލިބުނު ” ދެވަނަ ދިރުމާއެކު” މަޑުމަޑުން ލަސްވަމުންދިޔަ ހިތުގެ ހިނގުމުގެ ސަބަބުން ޠާއްޔިބުގެ ދޫ ކުއްލިއަކަށް ތަޅުލެވުނުފަދައެވެ. ޠާއްޔިބުއަށް ވީގޮތް ޖައިޝް އެނގުމުން ހަށިން ރޫޙު އުފުރިގެން ދާފަދަ ބިރުވެރި ހަރަކާތަކާއެކު ޖައިޝްއަށް ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލެވުނެވެ. މިއީ ކޮންފަދަ އިމްތިޙާނެއްބާވައެވެ؟ ހިނދުކޮޅެއްގެ އުފާ ދިނުމަށްފަހު އެ އުފާވެސް ބީވެގެން ދިޔައީ ހެއްޔެވެ؟ ކޯމާގެ ހިމޭން ނިންޖެއްގައި ޠައްޔިބުގެ ހަށިގަނޑު ޤައިދުވެފައި އޮތް މަންޒަރު ފެނުމުން ޖައިޝްގެ ހިތް ކުދިކުދި ވި ފަދައެވެ.ބައްޕަގެ އެންމ،ެ ފަހު ލަފުޒުތަކާއެކު، އެފަދަ ނިކަމެތި ޙާލަތަކަށް އެ އޯގާވެރި އިންސާނާ ވައްޓާލި މުޖުރިމުންނާ މެދު އެކަށޭނެ ބަދަލު ހިފުމަކުން އެ ބައެއްގެ ދިރިއުޅުން ބަރުބާދުކޮށްލުމުގެ ޖޯޝް ޖައިޝްގެ ހިތުގައި އުފެދުނެވެ. “ސިޓީ…. ދަންނަ މީހެއް” އެހިނދު ޖައިޝްގެ ތުންފަތް ތަޅުވާލަމުން ބައްޕަގެ އެ ބުނުމުން އޭނާއަށް ނަގައިގަނެވުނު ބަސްކޮޅު ކިޔާލިއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ރޭއްވުމެއް އޭނާގެ ސިކުނޑީގައި ރާއްވާ ނިންމާލިއެވެ. ދުނިޔެއަށްޓަކައި ބައްޕަ “މަރާލައިގެން” ވިޔަސް ހަގީގަތާ ހަމައަށް ވާސިލްވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްއޭނާ ކުރާނެއެވެ.

“ޠައްޔިބު” ގެ ކަށު ކަމާކެމީގެ ކަންތައް ތައް ވީހާވެސް އަވަސްކޮށް ނިންމޭތޯ ޖައިޝް މަސައްކަތް ކުރަމުންދިޔައެވެ. ބައްޕަގެ ޖަނާޒާއަށް އެއްވެފައިވާ ކޮންމެ މީހެއްގެ މޫނަށް ވެސް ޖައިޝް ބަލަމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. ބައްޕަގެ ފުރާނައިގެ ދުޝްމަން މިތަނުގައިވެސް ވާނެކަމުގައި އޭނާ ޔަގީންކުރިއެވެ. ހުރިހާ ކަމެއް ކުރަންވީގޮތް ޖައިޝްވަނީ ރާއްވާފައެވެ. އެކަމުގައި ޖައިޝްއަށް އެހީތެރިވެ ދިނީ ޠައްޔިބުގެ ގާތް ދެ ޑޮކްޓަރުންނެވެ. މީގެ ދެ ދުވަސްވަރު ކުރިން ނިޔާވެ ހަށިގަނޑާ ހަވާލުވާނެ މީހަކު ނުވެފައިވާ، މައްޔިތެއް ހޮސްޕިޓަލުން ދޫކޮށްލައި  މޯޗަރީއަށް ލީ މިއަދުއެވެ. އެމީހާގެ އިސްކޮޅާއި ރޫފަ އަދި ޢުމުރުވެސް ޠައްޔިބުއާއި ދާދި އެއްވަރެވެ. ޚާލިޤުވަންތަ ﷲ ވެސް ޠާއްޔިބުގެ ހިމާޔަތުގައި އޯގާތެރިކަމުގެ ދާވަންޏޭއް ފަތުރުއްވާފައި ވާފަދައެވެ.

މެންދުރުވެގެން އައި އިރު އުޑުމަތި ބަނަވެ އަނދިރިވެފައިވާތީ، މުޅި މާހަވްލަށް ވަނީ އަނދިރި ކަންވެރިވެފައެވެ. “ޠައްޔިބުގެ ” މޫނު ދައްކަންވީވަގުތު ހިނަވާގެއިން ކަރަންޓް ކެނޑުމުން ވަޅުލުމުގެ ހުރިހާކަމެއްވެސް ދިޔައީ ރޭއްވިފައިވާ ގޮތަށެވެ. އެންމެ ކުޑަމިނުން އެންމެ ގާތުން އެހީތެރިވި ހިޝަންއަށްވެސް ކުޅެވެމުން މި ދާ ޑްރާމާގެ ޙަގީގަތެއް ނޭނގޭނެއެވެ.

*********

ރޫމުގެ ދޮރު ހުޅުވުނު އަޑަށް  މާޒީގެ ޚިޔާލީ ފަރުދާއިން ޖައިޝްއަށް ބޭރަށް ނުކުމެވުނެވެ. ސާފު ހުދު ކުލައިގެ ޔުނީ ފޯމެއްގައި އެއްޖީބަށް އަތްޖަހާލައިގެން އަނެއް އަތުން ބޭސް އަޅަފައި ހުރި ދަގަނޑު ތައްޓެއް ހިފައިގެން ނަރުސް ކުއްޖަކު ޠާއްޔިބުގެ ގާތަށް އައިސް ހުއްޓިލައިފިއެވެ. އެއާއެކު ވަރަށް ފަރިތަކަމާއެކު ޠައްޔިބުގެ ދެލޮލަށް ބޭސް އެޅުމަށްފަހު، ނަރުސް ކުއްޖާ ނުކުމެގެން ދިޔައީއެވެ.

“ބައްޕާ….!!! ބައްޕައަށް ތިފަދަ ހާލެއް ޖެއްސި މީހާ އާ ހަމައަށް އަދިވެސް އަހަންނަކަށް ނުދެވޭ! ބައްޕައަށް އެނގޭތަ؟ އަހަރެން މިވަނީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ފެއިލް ވެފަ…! ކުޑަ މިނުން ބައްޕައަކަށް ވުމުގެ ނަސީބާމެދުވެސް މިވަނީ ބޮޑު އިމްތިހާނެއް  ކުރަންޖެހިފަ….! ބައްޕަ ބުނެބަލަ….! އަހަރެން ކިހިނެއް ދެ އައިންބަށް މީހަކާ އިންނާނީ…. އެކަމަކު މަންމަ…..”

ހިތުގެ ކެކުޅުންތައް، ހިތާމަވެރި ޝަކުވާއެއްގެ ސިފައިގައި ޠައްޔިބުގެ ކުރިމަތީ ޖައިޝް ބަންޑުން ކުރަމުން ދިޔައެވެ. ކުޑައިރުން ފެށިގެންވެސް ޖައިޝްއަށް ކަންކަމުގައި ހެޔޮގޮތް ބުނެދީ، މަގު ދައްކައިދިން އާރުކާޓީއަކީ ޠައްޔިބުއެވެ. ފުއްޓަތްކެއް ޖަހާލާހާ އަވަހަށް ކަންކަމުގެ ޙައްލު ހޯދުމަކީ ޠައްޔިބުއަށް ގުދުރަތްތެރިކަމުން ދެއްވާފައިވާ ހާއްސަ ހުނަރެކޭވެސް ބުނެވިދާނެއެވެ. އިންސާނާގެ ހިތުގެ އެދުންތަކުގެ ކުރިމަތީ ނަފްސު ކަމަކަށް ނާގާބިލް ވެއްޖެނަމަ، މުޅި މީހާގެ ޖިސްމަށް އޭގެ އަސަރުކުރާނެއެވެ. ޖައިޝްއަށްވެސް ވީއެހެންނެވެ. ހިތުގެ އެދުންތައް ގިނަ ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން، ހިމޭންކަމުގައި ތިރިއަށް ދަމާލެވި، ހަރަކާތް ހުއްޓިފައިވާ ޠައްޔިބުގެ އަތުގައި ބޯއަޅާލެވުނެވެ. ބައްޕަ ތިތަނުން ތެދުވެ މި އަނދިރިކަމުން އަހަރެން ސަލާމަތްކުރާށޭ ބުނާ ބީދައިންނެވެ.

ހަށިގަނޑުގެ ޖަލުގައި ޠައްޔިބުގެ ނަފްސު ޤައިދު ވެފައިވީނަމަވެސް، ޖައިޝްގެ ކެކުޅުންތައް އޭނާއަށް ވަންހަނާވެފައެއް ނުވެއެވެ. އޭނާ އޮތީ ހޭލައެވެ. އޭނާގެ ހިލަންވެރިކަން އަންގަދޭން އޭނާގެ ނަފްސު ނުކެޅެދިފައި ވަނީއެވެ. އެހިނދު ލަސް ލަހުން ބޯ އުފުއްލާލަމުން ޖައިޝް ޠައްޔިބުގެ މޫނަށް ބަލައިލިއެވެ. ޠާއްޔިބު އެސްފިޔަ ޖަހާލީ އެވަގުތުއެވެ. ފެނުނު މަންޒަރު ގަބޫލު ކުރަން ދަތިވެފައި ޖައިޝްއަށް އިނދެވުނެވެ. ދެން ހަމަ އެހިނދު ޑޮކްޓަރަށް ގޮވައިގެން ގެނެސްފިއެވެ. ޖައިޝްއާއި ޑޮކްޓަރުގެ މަސައްކަތުންވެސް ދެވަނަ ފަހަރަށް ޠާއްޔިބުގެ އެއްވެސް އިޝާރާތެއް ނުވުމުން ޖައިޝް މާޔޫސްްވިއެވެ. އެވަގުތު ޠައްޔިބު ބެލެހެއްޓުމާ ހަވާލުވެގެންހުރި ނަރުސް ކުއްޖާ އެތަނަށް އައުމުން، ކޮންމެ ދުވަހެއްގެ އާދައިގެ މަތިން ބައްޕައާއެކު އޭނާ ހޭދަކުރާ ވަގުތުކޮޅަށް ފަހު ބައްޕަގެ ނިތްކުރިޔަށް ބޮސް ދިނުމަށްފަހު އޭނާ އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ބަލްޚާއަށް ހޮސްޕިޓަލުން ގެއަށް ދެވުނުއިރު، ގޭގެ ސިޓިންރޫމުގެ ސޯފާތަކުގައި، އިނާޒާއާއި މެހެރުއްނިސާގެ އިތުރުން އަނުމްއާއި އަނުމްގެ މަންމަ އިނާޝާވެސް ތިއްބެވެ. އެމީހުން ތިބީ ބަލްޚާއާއި ޖައިޝްގެ އިންތިޒާރުގައެވެ. ޖައިޝްއާ ނުލައި ބަލްޚާ އެކަނި ގޭތެރެއަށް ވަދެގެން އަންނަތަން ފެނުމުން އިނާޒާ ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ. ކަނޑިއަކުން ދުޝްމިނަކު ބަލި ކުރުމަށްވުރެ ދުލުން ދުޝްމަނުން ބަލިކުރަން ފަސޭހަވާނެ ޙާލަތްތަކެއްވާ ކަމުގައި އިނާޒާ ގަބޫލުކުރެއެވެ. ނަސީބު އޭނާގެ އަތުގައި ހިފައިފިނަމަ، އޭނާގެ ދުލުގެ ތީރުން މިއަދު ބަލްޚާ ޒަޚަމްކޮށްލާނެއެވެ. ބަލްޚާ ގޭތެރެއަށް ވަދެގެން ދިޔައިރު ސިންގާބައިގަނޑެއް ފުއްލާ މަސް ގަނޑަކަށް ބަލާ އުސޫލުން އެ ހަތަރު އަންހެނުން ބަލްޚާއަށް ބަލަމުންދިޔައެވެ.

“ކޮބާ ރިޕޯޓް؟!….” ބަލްޚާއަށް އެމީހުންގެ ކުރިމަތިން ހުރަސްކޮށް ސިޑިން މައްޗަށް އަރައިގެން ނުދެވެނީސް އިނާޒާއައިސް  ބަލްޚާގެ އަތުގައި ހުރި ރިޕޯޓުތައް އަތުލިއެވެ. މެހެރުއްނިސާގެ އެހީތެރިކަމާއެކު އޭގައި އޮތް އެއްޗެއް ކިޔާ ނިންމާލިއިރު އިނާޒާގެ ތުންފަތުގައި ކުޅެމުންދިޔައީ ފަޚުރުވެރި ހިނިތުންވުމެކެވެ. ގަދަފަދަ ހަނގުރާމައަކުން ފަތަޙަ ލިބުނު މީހަކު ފަދައިންނެވެ.

” އަދިވެސް ޖައިޝް މިނިވަންކޮށް އޭނާގެ ދިރިއުޅުމުން ދުރަށް ދާކަށް ނުވިސްނާނަންތަ؟! އަންހެނަކަށް، ފިރިހެނަކަށްޓަކައި ދެވޭނެ އެންމެ އަގުބޮޑު އެއްޗަކީ ދަރީން…. ކަލެއަކީ އެކަމަށް ނުކުޅޭދުންތެރިއެއް…. އޭނާގެ ދިރިއުޅުން ބަރުބާދު ނުކޮށް މިތަނުން އަވަސް ގޮތަކަށް ރައްކާ ވާން އުޅޭ….!” ރަޙުމް ކުޑަކަމާއި މަލާމާތް އެކުލެވިފައިވާ ރާގެއްގައި އިނާޒާ ބުނެލިއެވެ. އެއާއެކު ދެންތިބި ތިންމީހުންވެސް ފާޑަކަށް ލުއިގޮތަކަށް މަލާމާތުގެ ހިނިގަޑެއްގެ ތެރެއަށް ހިނދިގެން ހިނގައްޖެއެވެ. ނިކަމެތި ބަލްޚާ ފިޔަވަޅު އަޅާންވީ ކުރިއަށް ކަމެއް ނުވަތަ ފަހަތަށްކަމެއް ނޭނގޭ ޙާލު އިރު ކޮޅަކު ހުރުމަށްފަހު ލޮލުން އޮހޮރިގަތް ކަރުނައާއެކު އޭނާއާއި ޖައިޝްއަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. އެއާއެކު އެނދަށް ބަންޑުން ވާގޮތަށް ވެއްޓި ގަންނަމުން، ކަރުނުގެ ކޯރެއްގައި މަންޒިލެއްނެތި އޮޔާދެމެމުންދިޔަ ނިކަމެއްޗެއްހެން އަޑުން އަޑު ނަގައި ރޯން ފެށިއްޖެއެވެ. ރޮއި ރޮއި އެ ދެލޯ ދުޅަވަންދެން އޭނާ ރުޔެވެ. ނަސީބުގެ ދެރަ ކަމާއި، ނަފްސުގެ ނިކަމެތިކަން ހިތަށް އަރާފައެވެ. މަންމައަކަށް ނުވެވުމަކީ އޭނާގެ ކުށެއްހެއްޔެވެ؟ ދަރިންނަކީ ޖަވާޒީ ހާޔާތެއްގެ ކާނާއެކެވެ. އެ ކާނާ ލިބިގަންނަން އޭނާ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާގެ އެ ފަޅުވެފައިވާ އުނގު ފަޅު ފިލާނެފަދަ ތުއްތު ފުރާނަ އެއް މިދުނިޔެއަށް އުފަންވޭތޯ އޭނާ ހެއްދެވި ފަރާތަށް ދުޢާ ދެންނެވިއެވެ. ހަޔާތަށް ކުރިމަތިވެފައި މިވާ ބަދުނަސީބުގެ ސަބަބުންވެސް ބަލްޚާ މާތްﷲ ގެ ރަޙުމަތްވަންތަކަމާމެދު އުންމީދު ކަނޑައެއްނުލައެވެ. ބައެއް ކަންތައްތައް ތިމާ ބޭނުންވާ ހިނދުން ފުރިހަމަ ވިޔަސް އަނެއްބައި ކަންތައްތައް ފުރިހަމަވާން ވަގުތު ނަގާނެކަން އޭނާ ދަނެއެވެ. ކަމެއް ހާސިލްވުން ލަސްވާނަމަ އެކަމެއްގައިވެސް ކޮންމެވެސް ކަހަލަ ޙިކުމަތެއް ވާނެކަން ކަށަވަރެވެ.

ޖައިޝް ގެއަށް އައިސް ވަންއިރު އިނާޒާމެން، ހިހީފައި ކޮންމެވެސް އޮލަ ވާހަކައެއް ދައްކަމުން ދިޔައެވެ. ޖައިޝް ފެނުމާއެކު އެންމެން ހިމޭންވެ، ދެއްކުންތެރިކަމުގެ ފޭރާމަކުން ފޭރާން އަޅައި ހަގީގަތް ފަރުދާ ކުރިއެވެ. އެވަގުތު އިނާޒާ އެކަނި އެތަނަށް ދޫކޮށްލުމަށްފަހު މެހެރުއްނިސާއާއެކު އަނުމްއާއި އިނާޝާ ގޭގެ ބަގީޗާއާ ވީފަރާތަށް ހިނގައްޖެއެވެ.

“ދަރިފުޅާ… ކިހިނެތްތަ ވީ… ބަލްޚާ މަންމަ ގޮވާލީމަ އަޅައިވެސް ނުލައި ހިނގައްޖެ… ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިހެން ހީވަނީ… އަނެއްކާ މަންމަ، ދަރިފުޅު ގާތުގައި އަނުމް އާ ދެ އައިންބަށް އިންނަން ބުނާތީ، މަންމަ ދެކެ ހިތްހަމަ ނުޖެހިފަތަ އެހުރީ؟! މަންމައަށް އެހެން ބުނެވެނީ މާމަ ދަރިއަކު ބޭނުންވާލެއް ބޮޑުކަމުން… މަންމަ ވެސް މިހާރު މިހުރީ އަދުތޯ މާދަންތޯ ވެފަ… މާމަ ދަރިއެއްވެސް ބޭނުންވާނެއެއްނު….” ބަލިއަޑަކުން ދޭތެރެއަކުން ކެއްސަމުން ކަހަލަ ގޮތަކަށް އިނާޒާ އެހެން ބުނެލީ މޮޅިވެރިކަމާއެކުގައެވެ. ކިތައްމެބޮޑު ހިތާމައެއް ލިބިފައިވީނަމަވެސް، މަންމައަށް ބަލްޚާ އިހާނަތްތެރިވީތީ ޖައިޝް ބަލްޚާދެކެ ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. އިތުރު އެއްޗެއް ނުބުނެ އެބައަންނަން ކަމަށް ބުނެފައި ޖައިޝް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

ޖައިޝް ކޮޓަރިއަށް ވައިންއިރު  ރޮއި ރޮއި ގިސްޖެހިފައި ބަލްޚާ އޮތެވެ. އެނދުގައި އިށީންދެލަމުން ބަލްޚާގެ ދެކޮނޑުގައި ހިފައި ތެދުކުރަމުން އޭނާގެ ކުރި މައްޗަށް ވާނެހެން ބަލްޚާ އެނދުގައި ބޭންދިއެވެ. ރޮއި ރޮއި ބަލްޚާގެ ދެ ލޯ ވަނީ ދުޅަވެފައެވެ. އެރީތި ދޮން މޫނަށްވަނީ  މަޑު ރަތްކުލައެއް ވެރިވެފައެވެ. ލޭގެ ފޮދުވަރެއްހެން ރަތްވެފައިވާ ތުނި ދެތުންފަތް ދުރުތުރު ލަމުން ދިޔައެވެ. ހިތްހަމަ ނުޖެހި ހުރެ ކޮޓަރިއަށް ވަންނަމަވެސް، ބަލްޚާގެ މައުސޫމް މޫނު ފެނުމާއެކު އޭނާގެ ހިތް މަޑުމޮޅިކަން އިޚްތިޔާރުކުރިއެވެ. އެހިނދު އެރީތި ތުނި ހަށިގަނޑު އޭނާގެ އަތުގެ ހިމާޔަތުގެ ތެރެއަށް ލައި ބާރުކޮށްލިއެވެ. އެވަގުތު ޖައިޝްގެ ހިތް ބުނަމުންދިޔައެވެ. ” އޭ މިހަރަ މޮޔަ އަންހެން ކުއްޖާއެވެ. އަހަރެންގެ ނަފްސާ ފުރާނަވެސް ތި ލޯތްބަށްޓަކައި ގުރުބާނެވެ. ކޮންމެ ފަދަ މުސީބާތެއް ކުރިމަތިވިޔަސް އަހަރެމެން ވަތްކެއް ނުކުރެވޭނެއެވެ. މިއީ އަހަރެންގެ ނަފްސަށްޓަކައިވާ ވަޢުދެކެވެ. އަހަރެންގެ ނަފްސަކީ ހަމައެކަނި ތިބާގެ ޙައްޤެކެވެ. އެދެނީ ޖައްނަތުގައިވެސް އެކުގައި ވުމެވެ.”

އެހިނދު ހިތާމައިގެ އެވަގުތުކޮޅުގައިވެސް ޖަޒުބާތުގެ މަސްތެއްގައިޖެހި އެ ދެހިތްވެސް އޮޔާލިފަދައެވެ. މަޑުމަޑުން ދެޖިސްމު އަރާމުގެ ތަންމައްޗަކަށް ގެނބިގެން ހިނގައްޖެއެވެ.

*****

“ދެން ކޮން އިރަކުންތަ އަންނަނީ؟!”

ކޮޓަރީގެ ފަނޑު އަލިކަމުގެ ތެރޭގައި ލުއި ހިނިތުންވުމެއްގައި ފޯނަށް ބަލަހައްޓައިގެން ހިޝާން އޮތެވެ. މިރޭގެ ނިދި އޭނާއާ ރުޅިވެފައިވާފަދައެވެ. މީގެ ހަތަރު އަހަރު ކުރިން އިމީ ފުރި ފަހުން އިމީގެ މަތިން އޭނާ ހަނދާން ވާލެއް އިތުރުވާންފެށިއެވެ. އިމީ އަށްޓަކައި އޭނާގެ ހިތުގައި ލޯބީގެ ވިންދު ޖަހަންފެށީ ލޯމަތިން އިމީ ގެއްލުމުންނެވެ. ބައެއްފަހަރު ލޯބީގެ އިހުސާސަކީ އެފަދަ އެއްޗެކެވެ. ނެތުމުގެ ތެރެއިން ލޯބީގެ އިހްސާސްވާލެއް ބާރު ގަދަވެފައި ހިތް އެދޭލެއް ބޮޑުވާނެއެވެ. އިމީއަށް ޓަކައި ހިޝާންގެ ހިތުގައި ލޯބީގެ ވިންދު ޖަހަންފެށީ ލަސް ލަހުންނެވެ. ނަމަވެސް މިއަދު އޭނާވަނީ އެރީތި މޫނު ދެކެލަން އިންތިހާއަށް ބޭނުންވެފައެވެ.

” ކުޑަ ދުވަސްކޮޅެއްތެރޭ… އެކަމް އެއީ ސަޕްރައިޒްއެއް” އިމީ ގެ މެސެޖް ލިބުމުން އިރުކޮޅަކު ނިކަން ހެވިފައި ހިޝާން ފޯނަށް ބަލަން އޮތެވެ.

“ދޮންބެ ބުނި ހިޝާން ހާލަކުން ފަހަރަކުއޯ އިމީމެން ގެއަށް ވަދެލަނީ؟! އެ ކީއްވެތަ؟ ހަހަހަ…..” ހިޝާން އެއްޗެއް ނުބުނުމުން އިމީ އަނެއްކާވެސް މެސެޖް ކުރިއެވެ.

“ހާދަ ވަރަކަށް ތި ހެނީ… އެނގެއެއްނު ނުދަނީ ކީޢްވެކަން؟! ހަހަހަ…. ” އިމީ އެހާ ހިނިއައިސްފައި އެ މެސެޖްކުރީ ކީއްވެކަން ހިޝަންއަށް އެނގުނެވެ. މެހެރުއްނިސާގެ އުނދަގޫ އޭނާއަށް ޖެހުނީ ވަކި ވަރެއްބަލާފައެއް ނޫން ވިއްޔާއެވެ. އެ ހާދިސާ ހަނދާން ވުމުންވެސް ހިޝާން ގާތަށް ހިނިއަތުވެއްޖެއެވެ.

******

އެދުވަހު ހިޝާން އައްސޭރި ވިލާއަށް ދިޔައީ އިމީއާއެކުގައެވެ. އެއީ ގޭގައި މެހެރުއްނިސާ ނޫން އެހެން މީހަކު ގޭގައި ނޫޅޭ ދުވަހެކެވެ. އިމީ ގެއަށް އައިސް ހޮސްޕިޓަލްގެ ޔުނީފޯމް ބަދަލުކޮށްގެން އަންނަން ދެން ހިޝާން ޓީވީއިން އެކި ޗެނަލްތަކަށް ލަމުން ރަނގަޅޫ ބަލާހިތްވާ ކަހަލަ ޕްރޮގްރާމެއް ފެނޭ ތޯ ބަލަމުން ދިޔައެވެ. ދެކޮޅު ހޯދާބަލަމުން އައިސް މެހެރުއްނިސާ ހިޝާންއާ ޖެހި ފިތިގެން އިށީނީ އެވަގުތުއެވެ. މެހެރުގެ ޒުވާން ހިތުގައި ރޯވެފައިވާ ލޯބީގެ އަލިފާންނުން އޭނާ ހިތް ފިއްސަމުންދަނީއެވެ. ހިޝާންއާ އެކަނި ބައްދަލުވެވޭނެ ފުރުސަތަކަށް އޭނާ އެދޭތާ ކޮން ދުވަހެއް ހެއްޔެވެ؟ މެހެރުއްނިސާގެ އެގާތްކަމާއި ގައިގޯޅި ކަމާހެދި ހިޝާން އިނީ ބިރުން ދާހިތްލާފައެވެ. މެހެރުގެ ނިޔަތަކީ ކޮބައިކަން ނޭނގިފައި އިން ހިޝާންގެ ބުމައިގެ މަތިން މޫނުގެ އަރިމަތިން ދަތްދޮޅިއާ ހަމައަށް އިނގިލި ހިންގާލަމުން އަދި އިހުނަށްވުރެ މެހެރު ހިޝާންއާ ގާތްވެލިއެވެ.

“ވަރަށް ލޯބިވޭ……”

(ނުނިމޭ)

 

 

 

 

24

8 Comments

  1. ???

    August 30, 2017 at 4:51 pm

    Yey mee first dhw vvv rethi

  2. khajja

    August 30, 2017 at 4:56 pm

    Wow masha allah ??? stry v v v rythi whn nxt prt avahan up kolladhybala plx ????❤❤??????

  3. Hafeez

    August 30, 2017 at 5:20 pm

    Mehruh nissaa thee guraidhoo ah fonuvaalan vefa inn meehennu

  4. Ahoo

    August 30, 2017 at 5:24 pm

    Wooow v salhi mi part ves

  5. Hafeez

    August 30, 2017 at 5:47 pm

    Mi part vess varah reethi. Waiting for next.

  6. Anonymous

    August 30, 2017 at 6:14 pm

    Nice mi stry ga adhi kithah prt eboitha

  7. some

    August 30, 2017 at 11:17 pm

    wooooooowwww nice

  8. ihoo

    August 31, 2017 at 10:00 am

    haadha firihamaey bunaane ehcheh neh ???????

Comments are closed.